-

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓު ތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫ ލުތަކާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-25)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 46 ވަނަ މާއްދާއާއި، 49 ވަނަ މާއްދާގެ (ހ) ގެ (5 (ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެ ން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ބަޔާންކޮށް އާންމުކުރުމެވެ.

 

3 ވަނަ މާއްދާ - ބޯހިޔާވެހިކަމުގެ މަށް ރޫއުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުން

ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ، އެ މަށްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ.

(ށ) އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން، މުޅިތަން އެއްކޮށް ކުއްޔަކަށް ނުދެވޭނެއެވެ.

(ނ) ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޭންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތީންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކަނޑައަޅާ އުސޫލުތައް ހަދައި، އާންމުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަނުގެ މިލްކުވެރިކަން، ތަން ދޫކުރެވުނު ފަރާތުގެ ނަމަށް ބަދަލުވެ ރަޖިސްޓަރީކުރެވިފައިވާނަމަ، އެ ތަން އެއްކޮށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދިނުމަށާއި، މި މާއްދާގެ (ނ) ގައިބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އަދި ގާނޫނަށް އަމަލުކުރަން ފެށިފަހުން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށްދޫކޮށްފައިވާ ހުއްދަތައް ބާތި ލުވާނެއެވެ.

 

4 ވަނަ މާއްދާ - ބޯހިޔާވަ ހިކަމުގެ މަށްރޫއުގެ ދަށުން ދޫކޮށްފައިވާ ތަނެއް ނުވަތަ ތަނަކުން ބައެއް ކުއްޔަށްދިނުމަށް ހުއްދައަށް އެދުން

(ހ) ބޯހިޔާވަހިކަމުގެ މަށްރޫއަކުން ލިބިފައިވާ ބޯހިޔާވަހިކަމެއްގެ ބައެއް ކުއްޔަށް ދޫކުރުމުގެ ހުއްދައަށް އެދޭއިރު، ގަވާއިދު ނަންބަރު 23/2022 (ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު) ގެ ދަށުން ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުމާއި، އެ ބޯހިޔާވަހިކަމެއްގެ ކަންކަން ހިންގި އިދާރާއަކުން ކުއްޔަށް ދިނުމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން، ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި، ފުލެޓުތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދިނުމަށް އެދެވޭނީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށެވެ.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ބޯހިޔާވަހިކަމުގެ މަށްރޫއުގެ ދަށުން ދޫކޮށްފައިވާ ތަނެއް ނުވަތަ ތަނަކުން ބައެއް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާއިރު، ގަވާއިދު ނަންބަރު 23/2022 (ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު) ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަންވާނެއެވެ

 

5 ވަނަ މާއްދާ - ބޯހިޔާވަ ހިކަމުގެ މަށްރޫއުގެ ދަށުން ދޫކޮށްފައިވާ ތަނެއް ކުއްޔަށް ދެވޭނެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން، ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި، ފުލެޓުތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެންމެ ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު، އިތުރު މުއްދަތަކަށް އައުކުރެވޭނީ މަށްރޫއު ހިންގި އިދާރާއިން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ކައުންސިލްތަކުން މައްސަލަތައް ބެލުން

(ހ) ބޯހިޔާވަހިކަމުގެ މަށްރޫއަކުން ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ ބޯހިޔާވަހިކަމެއްގެ ބައެއް، މި ގަވާއިދާ ހިލާފަށް ނުވަތަ ގާނޫނާއި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަކަށް ރިޕޯޓުކޮށްފިނަމަ،ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، ބޯހިޔާވަހިކަމުގެ މަށްރޫއު ހިންގި އިދާރާއަށް، ކައުންސިލުން އެކަން އަންގަންވާނެއެވެ.

(ށ) ބޯހިޔާވަހިކަމުގެ މަށްރޫއަކުން ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ ބޯހިޔާވަހިކަމެއްގެ ބައެއް، މި ގަވާއިދާ ހިލާފަށް ނުވަތަ ގާނޫނާއި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް ކުއްޔަށް ދީފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް، ގަވާއިދު ނަންބަރު 24/2022 (ކައުންސިލްތަކުން ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލްތަކުން ބަލައި ފިޔަވަޅު އަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ހިމެނޭގޮތުންނެވެ.

(ށ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނު) ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު  21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ. 

 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު