-

ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާ ބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-26)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 47 ވަނަ މާއްދާއާއި، 49 ވަނަ މާއްދާގެ (ހ) ގެ (6 (ވަނަ ނަންބަރުގެދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބޯޑިންގ ހައުސްގެގޮތުގައި ތަންތަން ކުއްޔަށްދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ މަގުސަދަކީ، ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ބޯޑިންގ ހައުސް ރަޖިސްޓަރީކުރުން

ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ހިންގޭނީ، ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ގަވާއިދާ އެއްގޮތަށް އެފަދަ ތަންތަން ރަޖިސްޓަރީކޮށްގެންނެވެ.

 

4 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ހ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ކުއްޔަށްދޭން ބޭނުންވާ ތަން، ސީޓީއެއްގައި ނަމަ، ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

 

5 ވަނަ މާއްދާ - ބޯޑިންގ ހައުސްއެއްގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް

މި ގަވާއިދުގެ ދަށުން ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ތަންތަނުގައި، ތިރީގައި ބަޔާންކޮށްފައިވާ އަސާސީ މިންގަނޑުތައް ހުންނަންވާނެއެވެ.

(ހ) ވަކި ކޮޓަރިއެއް ނަމަ، އެ ތަނުގައި ފާހާނާކޮށް، ފެންވަރައި، ނިދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) ގެއެއް ނުވަތަ އެޕާޓްމެންޓެއް އެއްކޮށް ނަމަ، އެ ތަނުގައި ހުންނަ ކޮންމެ 2 (ދޭއް) ކޮޓަރިއަކަށް، މަދުވެގެން 1 (އެކެއް) ފާހާނާ ހުންނަންވާނެއެވެ.

(ނ) ކޮޓަރި ހުންނަންވާނީ ، ވައި ދައުރުކުރާ ގޮތަށެވެ.

(ރ) ކޮޓަރިއެއްގައި މީހުން ބޭ ތިއްބުމުގެ ހުއްދަ ދޭނެ އަދަދަކީ، ކޮޓަރީގެ ބޮޑުމިނުން ކޮންމެ 25 (ފަންސަވީސް) އަކަފޫޓަކަށް މީހެއްގެ ނިސްބަތުންނެވެ.

(ބ) ކޮޓަރީގައި ނިދުމަށް ޓަކައި، ކޮންމެ މީހަކަށް ވަކީން އެނދެއް ހުންނަންވާނެއެވެ.

(ޅ) ކޮޓަރީގައި ކޮންމެ މީހަކު ބޭނުންކުރުމަށް ޓަކައި ތަޅުލެވޭ ކަބަޑެއް ހުންނަންވާނެއެވެ.

(ކ) ކޮޓަރީގައި ކޮންމެ މީހަކަށް ބޭނުންކުރެވޭ ގޮތަށް ވަކިން ކަރަންޓު ސޮކެޓް ހަރުކޮށްފައި ހުންނަންވާނެއެވެ.

(އ) ކޮޓަރީގައި އިލެކްޓްރިކް ފަންކާ ނުވަތަ އެއަރކަންޑިށަން (އޭ.ސީ) ހަރުކޮށްފައި ހުންނަންވާނެއެވެ.

(ވ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ތަނަށް ނުވަތަ ކޮޓަރިއަށް، އެ ތަނުގައި ދިރިއުޅޭ މީހުންނަށް ކޮންމެ ވަގުތަކުވެސް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ. ނަމަވެސް 18 (އަށާރަ) އަހަރުން ދަށުގެ 
ކުދިންނަމަ އަމަލުކުރާނީ، އެ ކުއްޖާގެ ބެލެނިވެރި ފަރާތާއި، ބޯޑިންގ ހައުސް ހިންގާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.

(މ) 18 (އަށާރަ) އަހަރުން ދަށުގެ ކުދީން ބައިތިއްބާ ބޯޑިންގ ހައުސްއެއް ނަމަ،ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނެ ފަދައިން ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުވެފައި ހުންނަންވާނެއެވެ.

(ފ) ބޯޑިންގ ހައުސްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ތަނުގައި ، ކައްކާ ކައިބޮއިހެދުމާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ކަންކަމުގެ ތެރޭގައި ހިމެނޭ އެއްޗެހި ދޮވެ އިސްތިރިކުރުން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑިންގ ހައުސްގެ ރަޖިސްޓަރީ

ބޯޑިންގ ހައުސްއެއްގެ ގޮތުގައި ތަނެއް ރަޖިސްޓަރީ ކޮށްދޭންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކައުންސިލުން ބެލުމަށްފަހު، އެ ކަންކަން ފުރިހަމަވާ ނަމައެވެ. މިގޮތުން ދޭ ހުއްދައިގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކޮޓަރިއެއްގައި މީހުން ބޭތިއްބޭނެ އަދަދު.

(ށ) ބޯޑިންގ ހައުސް ހިންގުމުގެ ހުއްދަ ދެވޭ މުއްދަތު.

(ނ) ބޭތިއްބޭނެ މީހުންގެ ޖިންސާއި އުމުރު.

(ރ) ކައްކައި، ކައިބޮއި، އެއްޗެހި ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިކަން.

 

7 ވަނަ މާއްދާ - ބޯޑިންގ ހައުސްގައި މީހުން ބޭތިއްބުން

މި ގަވާއިދުގެ ދަށުން ކުއްޔަށް ދީފައިވާ ބޯޑިންގ ހައުސްއެއް ގައި ކުއްޔަށް މީހުން ބޭތިއްބޭނީ ނުވަތަ ކުދިން ބޭތިއްބޭނީ، ތިރީގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ބޯޑިންގ ހައުސްގައި ބައިތިއްބާ ފަރާތްތަކާއި ހިންގާފަރާތާއެކު ވެވޭ އެއްބަސްވުމެއް އޮންނަންވާނެއެވެ.

(ށ) ބޯޑިންގ ހައުސްއެއްގައި ދެ ޖިންސުގެ ކުދީން ނުވަތަ މީހުން ބައިތިއްބަންވާނީ ، އަންހެން ފިރިހެން ވަކިކޮށް، ވަކި ކޮޓަރިތަކުގައެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުޑަކުދީން ބައިތިއްބާ ބޯޑިންގ ހައުސްއެއްގައި 18 (އަށާރަ) އަހަރު ނުވާ ކުއްޖަކު ބެހެއްޓޭނީ، އެކަމަށް ޓަކައި ބޯޑިންގ ހައުސް ހިންގާ ފަރާތާއި ބޯޑިންގ ހައުސްގައި ހުންނަ ކުއްޖާގެ ބެލެނިވެރިޔާއާ ދެމެދު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމާ އެއްގޮތަށެވެ.

(ރ) ބޯޑިންގ ހައުސްގައި ބައިތިއްބާ ފަރާތްތަކާއި، ބޯޑިންގ ހައުސް ހިންގާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުމުގައި، ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނަންވާނެއެވެ.

(ބ) ބޯޑިންގ ހައުސްގައި ބައިތިއްބާ ފަރާތްތަކާއި ބޯޑިންގ ހައުސް ހިންގާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުމުގައި، ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.

(ޅ) ބޯޑިންގ ހައުސްގައި މީހުން ބޭ ތިއްބުމަށް ހަދާ އެއްބަސްވުމުގެ މުއްދަތު، ބޯޑިންގ ހައުސް ހިންގުމަށް ދީފައިވާ ހުއްދައިގެ މުއްދަތަށްވުރު އިތުރުވެގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ކައުންސިލްތަކުގެ ޒިންމާ

މި ގަވާއިދުގެ ދަށުން، އަންނަނިވި ޒިންމާތައް ކައުންސިލްތަކުން އަދާކުރަންވާނެއެވެ.
(ހ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން އެ ގޮތުގެ މަތީން ތަންފީޒުކުރުން.

(ށ) މި ގަވާއިދުގެ ދަށުން ބޯޑިންގ ހައުސްގައި ބައިތިއްބައިފައިވާ މީހުންގެ މައުލޫމާތު،ބޯޑިންގ ހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތުން ކައުންސިލަށް އަންގާތާ، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ގަވާއިދު ނަންބަރު 23/2022 (ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވުން.

(ނ) ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރާ ފަރާތްތަކުގެ އަދާހަމަ ދަފުތަރެއް ބެލެހެއްޓުން.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުއްޔަށް ދީފައިވާކަން ކައުންސިލަށް އެންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ކައުންސިލުން އެކުލަވައިލައި އާންމުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބޯޑިންގ ހައުސް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާތައް

މި ގަވާއިދުގެ ދަށުން ބޯޑިންގ ހައުސް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތުން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ކައުންސިލަށް އެދި ހުށަހެޅުން.

(ށ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދޭ ތަން އިންސްޕެކްށަން ހެދުމަށް ކައުންސިލަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

(ނ) ބޯޑިންގ ހައުސްގައި މީހަކު ބެހެއްޓުމަށް ދެފަރާތުން ސޮއިކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުން.

(ރ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ކައުންސިލުން ރަޖިސްޓަރީ ކޮށްދިނުމުން، ރަޖިސްޓަރީކޮށްދީފައިވާ މުއްދަތުގެ ތެރޭގައި، ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން.

(ބ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ މިންގަނޑުތައް، ކުއްޔަށް ދީފައިވާ ތަނުގައި ހުރިކަން ކަށަވަރުކުރުން.

(ޅ) ބޯޑިންގ ހައުސްގައި މީހަކު ބެހެއްޓުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން.

(ކ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވިފައިވަނީ އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ނަމަ، ބޯޑިންގ ހައުސްގައި ބައިތިއްބާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، މެނޭޖްމަންޓް ކޯޕަރޭށަނާ ހިއްސާކުރުން.

(އ) ބޯޑިންގ ހައުސްގައި ބައިތިއްބަ އިފައިވާ ފަރާތްތަކުގެ ށަކުވާތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.

 

10 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް ބޯޑިންގ ހައުސް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(.ހ) މި ގަވާއިދުގެ ދަށުން ބޯޑިންގ ހައުސް ރަޖިސްޓަރީނުކޮށް ހިންގުމަކީ މަނާކަމެކެވެ.

(ށ) ރަޖިސްޓަރީ ނުކޮށް ބޯޑިންގ ހައުސް ހިންގާކަމުގެ ށަކުވާއެއް ނުވަތަ މައުލޫމާތެއް ކައުންސިލަށް ލިބިއްޖެނަމަ، އެފަދަ ތަންތަން ބަލައި ފާސްކުރުމަށްފަހު، ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބޯޑިންގ ހައުސް ރަޖިސްޓަރީ ކުރުމަށް އެންގުމާއި، ބޯޑިންގ ހައުސް ހިންގުން ހުއްޓައިލުމަށް އެންގުމާއި، އެ މައްސަލަ ށަރީއަތަށް ހުށަހެ ޅުމުގެ ބާރު، ކަމާބެހޭ ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ބޯޑިންގ ހައުސްގެ ރަޖިސްޓަރީ އައުކުރުމާއި ބާތިލުކުރުން

(ހ) ބޯޑިންގ ހައުސްގެ ރަޖިސްޓަރީ ބާ ތިލުކޮށްދިނުމަށް އެދި، ރަޖިސްޓަ ރީ ކޮށްދީފައިވާ ފަރާތުންކަމާބެހޭ ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓަރީ ބާތިލުކޮށް ކައުންސިލުން ބަލަހައްޓާ ދަފުތަރުން އުނިކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދީފައިވާ ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ ކުރީން، އެ ރަޖިސްޓަރީ އައުކުރުމަށް، ކަމާބެހޭ ކައުންސިލަށް ހުށަހަޅައި، އައުކޮށްފައި ނުވާނަމަ، އެ ފަރާތަކަށް ދީފައިވާ ރަޖިސްޓަރީ ބާތިލުވީއެވެ.

(ނ) ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަނެއް، ރަޖިސްޓަރީ ދޫކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީ އައުނުކޮށް ބޯޑިންގ ހައުސްއެއްގެ ގޮތުގައި ހިންގާކަން ކައުންސިލަށް ސާބިތުވެއްޖެނަމަ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) ބޯޑިންގ ހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ތަނެއްގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކާއި، އެންމެ މަދުމިނުން ލިބެން ހުންނަންޖެހޭ ހިދުމަތްތައް އެ ތަނެއްގައި ފުރިހަމަ ނުވާނަމަ، އެކަން ރަނގަޅުކުރުމަށް ކަމާބެހޭ ކައުންސިލުން އަންގާ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ބާ ތިލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި، އަމަލުކުރެވެމުންދާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ތަނުގައި ހިނގާކަން ނުވަތަ ހިނގިކަން، ކަމާބެހޭ ކައުންސިލަށް ސާބިތުވެއްޖެނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލުން ފޯރުކޮށްދޭ ހިދުމަތަށް ފީއެއް ނެގުން

މި ގަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތަށް، މި ގަވާއިދުގެ ބޭނުމަށް ކައުންސިލުތަކުގައި ރަޖިސްޓަރީކުރާ ތަނުގެ އަކަފޫޓަކަށް 1 (އެކެއް) ލާރީގެ ރޭޓުން ފީއެއް ނެގިދާނެއެވެ.

 

13 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުމާއި، މައުލޫމާތު އާން މުކުރުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް، ކުއްޔަށް ދީފައިވާ ބޯޑިންގ ހައުސްތަކުގެ ދަފުތަރު،އަންނަނިވި ގޮތުގެ މަތީން ކައުންސިލްތަކުން ބަލަހައްޓަންވާނެއެވެ.

(ހ) ސިޓީއެއް ނަމަ، ސިޓީ ކައުންސިލުން، ރަށެއްގައި ނަމަ ރަށު ކައުންސިލުން، އެ ކައުންސިލުން ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ތަންތަނުގެ ލިސްޓުހިމޭނޭ ދަފުތަރެއް ބަލަހައްޓަންވާނެއެވެ.

(ށ) "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ގެ ދަށުން ކައުންސިލްތަކުން ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ތަންތަނުގެ ދަފުތަރު، އިންޓަރނެޓުގެ ޒަރީއާއިން އާންމުކޮށް ފަސޭހައިން ފެންނާނޭ އިންތިޒާމު، 18 މޭ 2022 ގެ ކުރިން މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

14 ވަނަ މާއްދާ - ޖޫރިމަނާ ކުރުމާއި އަދަބު ކަނޑައެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތައް، އަންނަނިވި ގޮތްތަކުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

(ހ) ހިލާފުވާ ފުރަތަމަފަހަރު ނަމަ، 1،000 (އެއްހާސް) ރުފިޔާ.

(ށ) ތަކުރާރުވާ ކޮންމެފަހަރަކު 3،000 (ތިންހާސް) ރުފިޔާ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ބޯޑިންގ ހައުސްއެއްގެ ގޮތުގައި ހިންގާ ތަންތަން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ބޯޑިންގ ހައުސްއެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ހޯދުމަށް 2 (ދޭއް) މަސްދުވަހުގެ ކުރިން، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކާމެދު ކައުންސިލުން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައިފައި އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭގޮތުންނެވެ.

(ށ) "ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށް ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.

(ނ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަދަލުވެރީންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރީ ންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެތިބޭ މީހުން ނަށެވެ. ށަރުއީ ބަދަލުވެރީންނާ އި، ހަޟާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރީ ން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ.

(ބ) "މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބުނެފައިވާ މާނައަށެވެ.

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު