-

ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-22)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(1) މިއީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ޓަކައި ގޯދިގެދޮރު ކުއްޔަށް ދިނުމަށް ހުއްދަ ދެވޭނެ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކުގެ ތަފުސީލުތައް ބަޔާންކުރުމާއި، މިންގަނޑުތަކެއް އެކުލަވައިލައި ހަމަހަމަ އުސޫލުތަކެއް ގެންގުޅުމަށް މަގުފަހިކުރުމެވެ. 

 

3 ވަނަ މާއްދާ - ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް 

3 .ދިރިއުޅުމަށް ޓަކައި ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރެވޭ ތަންތަނުގައި އަންނަނިވި އަސާސީ މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރަނީ ގޭބީސީއަކަށް ނަމަ، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ފެނާއި ނަރުދަމައާއި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް،ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑަށް ގާއިމުވެފައި ހުންނަންވާނެއެވެ.
  2. ކުއްޔަށްދޭ ތަނަކީ އިމާރާތެއް ނުވަތަ އިމާރާތެއްގައި ހިމެނޭ ފުލެޓެއް ނުވަތަ ފުލެޓެއްގެ ބައެއްނަމަ، އެހެން އިމާރާތެއްގެ ބައެއް ބޭނުންކުރުމެއްނެތި އެ ތަނަށް ވަކިން ވަދެނުކުމެވޭ ފަދަ އިންތިޒާމެއް ހަމަޖެހިފައި ވާންޖެހޭނެއެވެ.
  3. ކުއްޔަށްދޭ ތަނަކީ އިމާރާތެއް ނަމަ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) އާއި، މި ގަވާއިދުގައި ކަނޑައަޅަ އިފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއްކަމުގައިވާންޖެހޭނެއެވެ.
  4. ކުއްޔަށްދޭ ތަނަކީ، އެ ތަނެއްގައި ނިދައި، ކައްކައި، ކައިބޮއި ހެދޭގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމުގައި ވާންޖެހޭނެއެވެ.
  5. ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާ ތަނުގައި ހުންނަ ކޮޓަރިތަކަށް، އެހެން ކޮޓަރިއަކާ ހިއްސާނުވާގޮތަށް ވަކިން ވަދެވޭގޮތަށް ހުންނަންވާނެއެވެ.
  6. މި ގަވާއިދުގެ ބޭނުމަށް ކޮޓަރިއެއް ކަމުގައި ބަލާނީ، މަދުވެގެން 80 (އަށްޑިހަ) އަކަފޫޓު ހުންނަ ނަމައެވެ.
  7. ހުއްދަ ދޫކުރާ ތަނާއި، އެ ތަނުގައި ހުންނަ ކޮޓަރިތަކުގައި ވައި ދައުރުކުރާ ގޮތަށް ހުންނަންވާނެއެވެ.
  8. ސްޓޫޑިއޯ އެޕާޓްމަންޓެއް ފަދަ، ކައްކައި ކެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެއް ނަމަ، މަދުވެގެން 150 (އެއްސަތޭކަ ފަންސާސް) އަކަފޫޓުހުންނަންވާނެއެވެ.
  9. ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރާ ތަނުގައި، ކޮންމެ 2 (ދޭއް) ކޮޓަރިއަކަށް، މަދުވެގެން 1 (އެކެއް) ފާހާނާ ހުންނަންވާނެއެވެ.
  10. ފާހާނާ ހުންނަންވާނީ، ރަނގަޅަށް ވައި ދައުރުކުރާ ގޮތަށް، އަދި ފެނާއި ކަރަންޓު ލިބޭނެ ގޮތަށް ނިޒާމު ގާއިމުކޮށްފައި ނުވަތަ ފެނާއި ކަރަންޓު ލިބޭނޭ ގޮތަށް ނިޒާމު ފަރުމާ ކޮށްފައެވެ. 
  11. ފާހާނާއާއި ކޮޓަރިތައް ހުންނަންވާނީ، ދޮރު ހަރުކޮށްފައި ނުވަތަ ދޮރުހަރުކުރެވޭނެ ގޮތަށް ފަރުމާކޮށްފައެވެ.
  12. ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާ ތަނުގައި ކައްކައިކައިބޮއިހެދޭނެ އިންތިޒާމު ގާއިމުކޮށްފައި ނުވަތަ އެ ނިޒާމު ގާއިމު ކުރެވޭނެ ގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.
  13. ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާ ތަން ހުރި ރަށަކީ ޑީސެލިނޭޓަޑް ފެނުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ރަށެއް ނަމަ، ބަދިގޭގައި އެ ފެން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުވަތަ އެ ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާ ތަން ހުރި ރަށަކީ ޑީސެލިނޭޓަޑް ފެން ލިބެން ނެތް ރަށެއް ނަމަ، ބޯން އެކަށީގެންވާ ފެން ލިބޭނެ އިންތިޒާމުހުންނަންވާނެއެވެ. 
  14. ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާ ތަނުގައި ފަޔަރސޭފްޓީ މިންގަނޑަށް ފެތޭ އަލިފާންނިވި ބަހައްޓައި ފައި ނުވަތަ ބެހެއްޓޭނެ އިންތިޒާމުހަމަޖެހިފައި ހުންނަންވާނެއެވެ.
  15. ކުއްޔަށް ދޫކުރުމުގެ ހުއްދަދޭ ތަން ހުންނަންވާނީ، އިންށުއަރ ކޮށްފައެވެ. 

(ށ) ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރަނީ ބޯޑިންގ ހައުސްއަކަށް ނަމަ، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ވަކި ކޮޓަރިއެއް ނަމަ، ފާހާނާކޮށް ފެންވަރައި ނިދޭނެ އިންތިޒާމު އެ ތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
  2. ގެއެއް ނުވަތަ އެޕާޓްމެންޓެއް އެއްކޮށް ނަމަ، އެ ތަނުގައި ހުންނަ ކޮންމެ 2 (ދޭއް) ކޮޓަރިއަކަށް، މަދުވެގެން 1 (އެކެއް) ފާހާނާ ހުންނަންވާނެއެވެ.
  3. ކޮޓަރި ހުންނަންވާނީ، ވައި ދައުރުކުރާ ގޮތަށެވެ.
  4. ކޮޓަރިއެއްގައި މީހުން ބޭތިއްބުމުގެ ހުއްދަ ދޭނެ އަދަދަކީ، ކޮޓަރީގެ ބޮޑުމިނުން ކޮންމެ 25 (ފަންސަވީސް) އަކަފޫޓަކަށް މީހެއްގެ ނިސްބަތުންނެވެ.
  5. ކޮޓަރީގައި ނިދުމަށް ޓަކައި، ކޮންމެ މީހަކަށް ވަކީން އެނދެއް ހުންނަންވާނެއެވެ.
  6. ކޮޓަރީގައި ކޮންމެ މީހަކު ބޭނުންކުރުމަށް ޓަކައި ތަޅުލެވޭ ކަބަޑެއް ހުންނަންވާނެއެވެ.
  7. ކޮޓަރީގައި ކޮންމެ މީހަކަށް ބޭނުންކުރެވޭ ގޮތަށް ވަކިން ކަރަންޓު ސޮކެޓް ހަރުކޮށްފައި ހުންނަންވާނެއެވެ.
  8. ކޮޓަރީގައި އިލެކްޓްރިކް ފަންކާ ނުވަތަ އެއަރކަންޑިށަން (އޭ.ސީ) ހަރުކޮށްފައި ހުންނަންވާނެއެވެ.
  9. ބޯޑިންގ ހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ތަނަށް ނުވަތަ ކޮޓަރިއަށް، އެ ތަނުގައި ދިރިއުޅޭ މީހުންނަށް ކޮންމެ ވަގުތަކު ވެސް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ. ނަމަވެސް 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަމަ އަމަލުކުރާނީ، އެ ކުއްޖާގެ ބެލެނިވެރި ފަރާތާއި، ބޯޑިންގ ހައުސް ހިންގާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.
  10. (18) އަށާރަ) އަހަރުން ދަށުގެ ކުދީން ބައިތިއްބާ ބޯޑިންގ ހައުސްއެއް ނަމަ، ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކައު ތެރިކަން ކަށަވަރުކުރެވޭނެ ފަދައިން ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.
  11. ބޯޑިންގ ހައުސްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ތަނުގައި ކައްކާކައިބޮއި ހެދުމާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ކަންކަމުގެ ތެރޭގައި ހިމެނޭ އެއްޗެހިދޮވެ އިސްތިރިކުރުން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. 

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް، ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.

(ށ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނި އިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރާއި، އިމާރާތްތަކާއި،ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިޔަތުތައް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރާއި، އިމާރާތްތަކާއި،ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ބ) "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.

(ޅ) "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.

(ކ) "ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.

(އ) "ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.

(ވ) "ގޭބިސީ" ކަމަށް ބުނެފައި އެވަނީ، ގެއެއްގައި ނުވަތަ އިމާރާތެއްގައި ވަކިން ދިރިއުޅޭ މީހުންނަށެވެ.

(މ) "ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށްހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.

(ފ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ. 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު