-

ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަން އިންސްޕެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-27)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އެކުލަވަ އިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަން އިންސްޕެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ޓަކައި ކުއްޔަށް ދޭ ތަންތަން އިންސްޕެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - އިންސްޕެކްޓް ކުރުމުގައި ކައުންސިލު ގެ ދައުރު

(ހ) ގާނޫނާއި، ގާނޫނުގެ ދަށުން ހަދަ އިފައިވާ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައިވާ ފަރާތުންނުވަތަ ފަރާތްތަކުން ކުއްޔަށް ދޫކުރާ ތަނަށް ގޮސް އިންސްޕެކްޓް ކުރަންވާނެއެވެ.

(ށ) ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް ކުއްޔަށް ދީފައިވާކަން ނުވަތަ ކުއްޔަށް ދީފައިވާ ފަރާތުން ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުން ގާނޫނާއި އެ ގާނޫނުގެ ދަށުންހަދައިފައިވާ ގަވާއިދުތަކާއި ހިލާފަށް އަމަލުކުރާކަމުގެ ށަކުވާ އެއްވެސް ފަރާތަކުން، ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހަޅައިފިނަމަ، ހުއްދަ ދިނުމުގެ ކުރިން، ކައުންސިލުގެ ފަރާތުން ކަނޑައަޅައިފައިވާ ފަރާތްތަކުން ކުއްޔަށް ދޫކުރާ ތަނަށް ގޮސް އެ ތަން އިންސްޕެކްޓް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅިގެން އިންސްޕެކްޓް ކުރުމަށް ކައުންސިލަށް ކުއްޔަށްދޭ ފަރާތުންނާއި ކުއްޔަށް ހިފައިފައިވާ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ. 

 

4 ވަނަ މާއްދާ - ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ތަނުގެ އިންސްޕެކްށަން

ދިރިއުޅުމުގެ ބޭނުމަށް ތަނެއް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރަންވާނީ، "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ތަން، ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލްއިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން، ކަމާ ގުޅުންހުރި ކައުންސިލުން އިންސްޕެކްޓް ކުރުމަށްފަހު، އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައިވާ ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ. މިގޮތުން، ބަލަންޖެހޭ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުއްޔަށް ދޫކުރުމަށް ހުއްދަ އެދި ހުށަހަޅާ ފަރާތުގެ ފޯމު، ރަށެއްގައި ނަމަ، އެ ރަށެއްގެ ކައުންސިލް އިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން ބަލައިގަންނަ ދުވަހުން ފެށިގެން، ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ތަން އިންސްޕެކްޓް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށްފައިވާ ގޮތުގެ މަތީން އިންސްޕެކްޓް ކުރުމަށް ދިއުމުގެ ކުރިން،ރަށެއްގައި ނަމަ، އެ ރަށެއްގެ ކައުންސިލް އިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން، ކުއްޔަށް ދިނުމުގެ ހުއްދައަށް އެދޭ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންސްޕެކްޓް ކުރުމުގައި ކައުންސިލުތަކުން ބަލަންޖެހޭނީ، ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އަސާސީ މިންގަނޑުތައް ފުރިހަމަ ތަނެއްކަ ން ކަށަވަރުކުރުމަށެވެ.

(ރ) ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރާނީ، ގާނޫނާއި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "އިންސްޕެކްށަން ޗެކްލިސްޓް" ފުރިހަމަކޮށް، ކުއްޔަށްދޭ ތަންތަނުގައި ހުންނަ ންޖެހޭ އަސާސީ މިންގަނޑުތައް ފުރިހަމަވާ ތަނެއްކަން، ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން ކަށަވަރު ކުރުމަށް ފަހުގައެވެ.

(ބ) އިންސްޕެކްޓް ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ އިންސްޕެކްށަން ޗެކްލިސްޓުގެ ރިކޯޑު، ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން ބަލަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - އިންސްޕެކްޓް ކުރުމުގައި އެއްބާރުލުންދިނުން

ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅައިފައިވާ ތަނަށް ، ކައުންސިލުތަކުން ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއިން ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ އިދާރާއިން އިންސްޕެކްޓް ކުރުމަށް ދާއިރު، ކައުންސިލަށް އެ ތަނެއްގެ ހުރިހާ ބައިތަކަށް ވަދެ ބެލޭނެ އިންތިޒާމު، ކުއްޔަށް ދިނުމުގެ ހުއްދައަށް އެދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓު ގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.

(ށ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނިއިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.

(ނ) "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.

(ރ) "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަކަށެވެ.

(ބ) "ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.

(ޅ) "ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަށް ދިނުމަށެވެ.

(ކ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮ ށްފައިވާ ރަށު ކައުންސިލްތަކާއި،އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ.

(އ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
(ވ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ.

 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު