-

ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު 

(ގަވާއިދު ނަންބަރު 2022-23)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ އާންމު ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގެ ބާވަތްތައް

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަން ކަމުގައި ބަލާނީ ،އަންނަނިވި ބާވަތުގެ ތަންތަނެވެ.

(ހ) ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ އަމިއްލަ ގޯތީގައި ނުވަތަ ބަންޑާރަ ގޯތީގައި ކޮށްފައިވާ އިމާރާތް ނުވަތަ އިމާރާތުގެ ބައެއް.

(ށ) ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ އަމިއްލަ ގޯތި ނުވަތަ ބަންޑާރަ ގޯތި.

(ނ) ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަށްރޫއަކުން ލިބިފައިވާ ފުލެޓު ، ނުވަތަ ހައުސިންގ ޔުނިޓް، ނުވަތަ ރޯ ހައުސް.

(ރ) އެއްމެދު އިމާރާތާއި އިމާރާތުގައި ހިމެނޭ ފުލެޓު، ނުވަތަ ހައުސިންގ ޔުނިޓް.

(ބ) ބޯޑިންގ ހައުސް.

 

4 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ ހުއްދައަށް އެދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ދިރިއުޅުމަށް ޓަކައި ތަނެއް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދެވޭނީ، ދިވެހި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުލަބް ޖަމްއިއްޔާތަކާއި، ވިޔަފާރިތަކަށެވެ.

 

5 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާތައް

(ހ) ކުއްޔަށްދިނުމުގެ ހުއްދަ އެދޭ ގޯތި/ ގެ ނުވަތަ ފުލެޓު/ ރޯހައުސް/ ބޯޑިންގ ހައުސް އިންސްޕެކްށަން ހެދުމަށް ކައުންސިލަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުން.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ގާނޫނުގެ 14 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ކައުންސިލުތަކުން އެކުލަވައިލައި އާންމުކުރާންވާނެއެވެ.

(ރ) ކުއްޔަށް ދިނުމުގެ ހުއްދައަށް އެދޭއިރު، އަދި ކުއްޔަށް ދިނުމުގެ ހުއްދަ ކައުންސިލުން ލިބުމަށްފަހުގައި ވެސް، ތަން ކުއްޔަށްދީފައި ހުންނަ މުއްދަތުގައި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން.

(ބ) ކުއްޔަށްދީފައިވާ ތަނަކީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 22/2022 (ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު) ގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ފެތޭ ތަނެއް ކަމުގައި ކަށަވަރުކުރުން.

(ޅ) ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން.

(ކ) ކުއްޔަށް ހިފާ ފަރާތުގެ ށަކުވާތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.

 

6 ވަނަ މާއްދާ - ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދޫކުރުމަށް ހުއްދަ ހޯދުން

ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރެވޭނީ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫ ނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އު ސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން ކުއްޔަށް ދިނުމުގެ ހުއްދަ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން، އަދި ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ހޯދައި، ކުއްޔަށްދޭ ތަނެއްގެ ގޮތުގައި އެ ގޯތި ނުވަތަ ގެ ނުވަތަ އިމާރާތް ދަފުތަރުކުރުމަށް ފަހުގައެވެ.

 

7 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުން ނެތްނަމަ، އެ ލިޔުމެއް ދޫކުރި ފަރާތުން ތަސްދީގުކޮށްފައިވާ، އެ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް ހުށަހެޅިދާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމު.

(ނ) ހުއްދައަށް އެދި ހުށަހަޅާ ގޯތީގެ ރަޖިސްޓަރީ ނުވަތަ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ.

(ރ) ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ބ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ހުއްދައަށް އެދި ހުށަހަޅާ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ކަމުގައި ނުވާނަމަ، އެ ފަރާތާއި ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ނުވަތަ "ޕަވަރ އޮފް އެޓަރނީ" ގެ ކޮޕީ، ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް ވެރިފަރާތުން ހުއްދަ ދީފައިވާކަން ބަޔާންކޮށްފައިވާ ލިޔުމެއް.

(ޅ) ހުއްދައަށް އެދި ހުށަހަޅަނީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، ނުވަތަ ކުލަބް ޖަމްއިއްޔާއަކުންނަމަ، ރަޖިސްޓަރީއާއި ހިއްސާދާރުންގެ ނުވަތަ މުއައްސިސުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ކުއްޔަށް ދިނުމަށް ބޯޑުން ނިންމައިފައިވާކަމުގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރު.

 

8 ވަނަ މާއްދާ - ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގެ ހުއްދަ ދިނުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުއްދައަށް އެދި،ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް، ރަށެއްގައި ރަށު ކައުންސިލަށް ހުށަހެޅުމުން،ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުއްދަ ދިނުމާމެދު ކައުންސިލުން ގޮތެއް ނިންމައި، ހުއްދައަށް އެދުނު ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ކުއްޔަށް ދިނުމުގެ ހުއްދަ ދިނުމުގައި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވޭތޯ ކައުންސިލުން ބަލަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދިރިއުޅުމަށް ކުއްޔަށް ދިނުމުގެ ހުއްދަ ނުހޯދައި ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.

 

9 ވަނަ މާއްދާ - ދިރިއުޅުމަށް ކުއްޔަށް ދިނުމުގެ ހުއްދަ ދެވޭ މުއްދަތު

މި ގަވާއިދުގެ ދަށުން ގޯތިގެދޮރު ކުއްޔަށް ދިނުމަށް ޓަކައި ، ކުއްޔަށްދޭ ފަރާތަށް ކައުންސިލުން ދޫކުރާ ހުއްދައިގެ މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހެވެ. 

 

10 ވަނަ މާއްދާ - ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން

ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ވެރިފަރާތް ނޫންކަމުގައި ވާނަމަ، އެ ފަރާތުން ތިންވަނަ ފަރާތަކަށް ގޯތި ނުވަތަ އިމާރާތް ކުއްޔަށް ދިނުމުގައި ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށްވުރެ އިތުރުނުވާނެކަން، ރަށެއްގައި ނަމަ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކުއްޔަށްދޭ އެއްބަސްވުން

(ހ) މި ގަވާއިދުގެ ދަށުން 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް، ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދޭންވާނީ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފާރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ކުއްޔަށް ދީފައިވާކަން، ސިޓީއެއްގައި ނަމަ ސިޓީކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށުކައުންސިލަށް، ކުއްޔަށްދޭ ފަރާތުން އަންގަންވާނެއެވެ.

(ނ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނުގައި، ކުލީގެ އެއްބަސްވުމުގައި ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ހިމެނިފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލްތަކުގެ ޒިންމާ

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާ ގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 
ހުއްދަދިނުން.

(ށ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން އެ ގޮތުގެ މަތީން ތަންފީޒުކުރުން.

(ނ) ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރާ ފަރާތްތަކުގެ މައުލޫމާތު، ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޫކުރާތާ ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެންގުން.

(ރ) ކުއްޔަށް ދިނުމުގެ ހުއްދަ ދޫކުރާ ފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުން.

(ބ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީ ން ކުއްޔަށް ދީފައިވާކަން ކައުންސިލަށް އެންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު، ކައުންސިލުން މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި އާންމުކުރުން.

(ޅ) ހުއްދަ ހޯދުމަކާ ނުލައި، ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށް ދީފައިވާކަމުގެ ށަކުވާއެއް ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ، އެފަދަ ތަންތަންބަލައި ފާސްކުރުމަށްފަހު، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޔަށްދިނުމުގެ ހުއްދަ ހޯދުމަށް އެންގުމާއި، ކުއްޔަށް ދިނުން ހުއްޓުމަށް އެންގުމާއި، ފިޔަވަޅު އެޅުމާއި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ބާރު ކަމާބެހޭ ކައުންސިލަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ކ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް، އަންނަނިވި ގޮތްތަކުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

  1. ހިލާފުވާ ފުރަތަމަ ފަހަރު ނަމަ، 1،000 (އެއްހާސް) ރުފިޔާ؛
  2. ތަކުރާރުވާ ކޮންމެ ފަހަރަކު 3،000 (ތިންހާސް) ރުފިޔާ؛
  3. ކުއްޔަށް ދޭ ފަރާތުގެ އަމިއްލަ ބޭނުމަކަށް ބަޔާންކޮށް، ކުއްޔަށް ދޭ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރުމަށްފަހު، 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ކުއްޔަށް ދޭ ތަން އެހެން ފަރާތަކަށް ކުއްޔަށް ދީފިކަމަށް ނުވަތަ އެ ނޫން ބޭނުމަކަށް ބޭނުންކޮށްފިކަމުގެ ށަކުވާ ކައުންސިލަށް ހުށަހެޅިއްޖެނަމަ، އެ ކަމެއް ބެލުމަށްފަހު، 50،000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، ކުއްޔަށްދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - ކުއްޔަށް ދިނުމަށް ހުއްދަ ދީފައިވާ ތަނުގެ ހުއްދަ އައުކުރުމާއި ބާތިލުކުރުން

(ހ) ކުއްޔަށް ދިނުމަށް ހުއްދަ ދީފައި ވާ ފަރާތަކުން ކުއްޔަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރަން ބޭނުންވެއްޖެނަމަ، ކަމާބެހޭ ކައުންސިލަކަށް އެކަން ހުށަހަޅައި، ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރެވޭ ތަންތަން، މިނިސްޓްރީގެ ދަފުތަރުންނާއި ކަމާބެހޭ ކައުންސިލްތަކުން ބަލަހައްޓާ ދަފު ތަރުން އުނިކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރީން، އެ ހުއްދަ އައުކުރުމަށް ކަމާބެހޭ ކައުންސިލަށް ހުށަހަޅައި، ހުއްދަ އައުކޮށްފައި ނުވާނަމަ، އެ ހުއްދައިގެ މުއްދަތު ހަމަވުމުން، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ތަނެއްގައި "ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު" ގައި ބަޔަންކޮށްފައިވާ އަސާސީ މިންގަނޑުތަކާއި، އެންމެ މަދުމިނުން ލިބެން ހުންނަންޖެހޭ ހިދުމަތްތައް، އެ ތަނެއްގައި ފުރިހަމަ ނުވާނަމަ، އެކަން ރަނގަޅުކުރުމަށް ކަމާބެހޭ ކައުންސިލުން އަންގާ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ކައުންސިލުން ފޯރުކޮށްދޭ ހިދުމަތަށް ފީއެއް ނެގުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތަށް، ހުއްދަދޫކުރެވޭ ތަނުގެ އަކަފޫޓަކަށް 1 (އެކެއް) ލާރީގެ މަގުން ފީ ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. 

 

15 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުމާއި މައުލޫމާތު އާން މުކުރުން

(ހ) މި ގަވާއިދުގެ ދަށުން އަންނަނިވި ގޮތުގެ މަތީން ކުއްޔަށްދިނުމުގެ ހުއްދަދޭ ފަރާތްތަކުގެ ދަފުތަރު ބަލަހައްޓަންވާނައެވެ.

(ށ) ސިޓީއެއް ނަމަ ސިޓީ ކައުންސިލުން، ރަށެއްގައި ނަމަ ރަށު ކައުންސިލުން، އެ ކައުންސިލުން ކުއްޔަށް ދިނުމުގެ ހުއްދަދޫކުރާ ފަރާތްތަކުގެ ލިސްޓު ހިމޭނޭ ދަފުތަރެއް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ބަލަހައްޓާ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތީން މުޅި ރާއްޖެ ހިމެނޭ ދަފުތަރެއް މިނިސްޓްރީން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ދިރިއުޅުމަށް ޓަކައި ކުއްޔަށް ދިނުމުގެ ހުއްދަ ކައުންސިލްތަކުން ދޫކުރާ ފަރާތްތަކުގެ ލިސްޓު ހިމެނޭ ދަފުތަރު، އިންޓަނެޓުގެ ޒަރީއާއިން ކޮންމެ މީހަކަށް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު 18 މޭ 2022 ގެ ކުރިން މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދީފައިވާ ހުރި ގޯތިގެދޮރު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ހުއްދަ ހޯދުމަށް 2 (ދޭއް) މަސްދުވަހުގެ ކުރިން، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކާމެދު ކައުންސިލްތަކުން ގޮތެއް ނިންމައި، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް،ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގުލިބިދިނުމަށެވެ.

(ށ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނިއިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.

(ނ) "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތުން ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.

(ރ) "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.

(ބ) "ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.

(ޅ) "ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަކަށް ދިނުމަށެވެ.

(ކ) "ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށް ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.

(އ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ.

 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު