-

ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2018-78)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) ގަވާއިދަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި، ބުނެފައިވާ ފަދައިން، އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޖެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން، ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް، ދައުލަތުން، ބާރުއެޅުމަށް ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭގޮތުން، ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، " ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު " އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ:

(ހ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައެޅުމުގައްޔާއި، އެތަންތަން ބެލެހެއްޓުމުގައި އަމަލުކުރާނޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން،

(ށ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައެޅުމުގައި ގެންގުޅޭ އުސޫލުތައް، ދެފުށްފެންނަ، ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނިގެންދާ ފަދައިން ބައްޓަންކުރުން،

(ނ) ދިވެހިރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން މުހިއްމު ތަންތަން ފާހަގަކުރުން،

(ރ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގެ ވިޔުގައެއް، ގައުމީ ފެންވަރުގައި، ގާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި، ބެލެހެއްޓުމުގެ އިންތިޒާމެއް ހަމަޖެއްސުން،

(ބ) ގުދްރަތީ ނުވަތަ އަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑުއެޅުމާއި ބެލެހެއްޓުމުގައި މުޖުތަމައުގެ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުން

(ޅ) ދިވެހިރާއްޖޭގެ ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދްރަތީގޮތުން ފާހަގަކުރެވޭ، އެއްގަމާއި، ކަނޑުގެ ސަރަހައްދުތަކާއި ދިރޭ ތަކެއްޗާއި، އެތަކެތީގެ ވެށްޓާއި، ގުޅިލާމެހިގެން، ހިނގަމުންދާ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ގުދްރަތީ ވަސީލަތްތަކުން ލިބޭ ހިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ރައްކައުތެރިކަމާއެކު ފޯރުކޮށްދިނުން.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ގުދުރަތީ ނުވަތަ ތަބައީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އިއުލާންކޮށްފައިވާ ތަންތަން ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ބަލަހައްޓަމުން ގެންދަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ވަކިވަކި ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ގޮތުން އެކުލަވައިލާފައިވާ ހާއްސަ ގަވާއިދުތައް މި ގަވާއިދު ތަންފީޛުކުރުމުގައި އިސްތިސްނާވާނެއެވެ. އަދި މިގޮތުގެމަތިން، އިސްތިސްނާކުރެވުނު ގަވާއިދުތައް ތިރީގައި މިވަނީއެވެ. (އިސްލާހު ކުރެވިފައި)

  1. ގަވާއިދު ނަންބަރު: 2012-23 (ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) (އިތުރު ކުރެވިފައި)
  2. ގަވާއިދު ނަންބަރު: 2018-105 (އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) (އިތުރު ކުރެވިފައި)
  3. ގަވާއިދު ނަންބަރު: 2018-106 (ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) (އިތުރު ކުރެވިފައި)

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީދުކުރުން

(ހ) މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީންނާއި އޮތޯރިޓީންނެވެ. (އިސްލާހު ކުރެވިފައި)

(ށ) ގަވާއިދު ތަންފީޒުކުރުމަށްޓަކައި، އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ތަންފީޒީ ޒިންމާ މިނިސްޓްރީއާއި އޮތޯރިޓީން އެއްބަސްވާ ގޮތުގެ މަތީން ހަވާލުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައެޅުން

(ހ) ގުދުރަތީ ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން، މިނިސްޓްރީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރާ އިއުލާނުގައި، އަންނަނިވި ބައިތައް މިނިސްޓްރީން ހިމަނަންވާނެއެވެ.

  1. ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ކޮންމެ ތަނަކަށް ނަމެއް.
  2. އެ ސަރަހައްދެއްގެ އިންތަކާއި މިންތައް، ޖީޕިއެސް ކޯޑިނޭޓްސްއާއެކު.
  3. ޒޮނޭށަން ކަނޑައަޅާފައިވާ ތަފްސީލު ސަރަހައްދެއްނަމަ، ގެޒެޓްކޮށްފައިވާ ތަނެއްގެ ޒޮނޭށަންގެ ތަފްސީލު

  4. އެ ސަރަހައްދެއްގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް

  5. ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

  6. ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބާއި، އެތަނެއްގައި ހުރި ހާއްސަ ސިފަތައް.

(ނ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައަޅަންވާނީ ކަމާ ގުޅޭ ވުޒާރާތަކާއެކު މަށްވަރާކުރުމަށް ފަހުގައެވެ.

(ރ) ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، އެ ތަނެއް ނިސްބަތްވާ ގިންތި އެހެން ގިންތިއަކަށް ބަދަލުކުރުން ނުވަތަ އެ ތަނެއްގެ އިންތަކާއި މިނތައް ބަދަލުކުރުން ނުވަތަ އެ ސަރަހައްދުގައި ކުރެވޭނެ ކަންތައްތަކަށާއި ނުކުރެވޭނެ ކަންތައްތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގެ ދަށުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

5-1 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނުގެ އިންތަކާއި މިންތަކަށް ބަދަލުގެނައުން (މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމަށް ކަނޑައަޅާ ތަނެއްގެ އިންތަކާއި މިންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ އަންނަނިވި ކަންކަން މިނިސްޓްރީން ފުރިހަމަކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

  1. އެ ތަނުގެ ހާލަތާ ބެހޭގޮތުން، މިނިސްޓްރީން ނުވަތަ އޮތޯރިޓީން އިކޮލޮޖިކަލް ސަރވޭ ކުރުން
  2. މަސްލަހަތުވެރިންނާއެކު މަށްވަރާކުރުން

(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް، ދަމަހައްޓާ ތަނެއްގެ އިންތަކާއި މިންތައް ބަދަލުކުރާއިރު، އެ ސަރަހައްދެއް ހިމާޔަތްކުރި އިރު ހުރި މިނަށް ވުރެ %50 (ފަންސާސް) އިންސައްތަ އަށް ވުރެ ކުޑަވެގެންނުވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްގެ އިންތަކާއި، މިންތައް ބަދަލުކުރާއިރު، އެ ސަރަހައްދެއް ހިމާޔަތްކުރި އިރު ހުރި މިނަށް ވުރެ ކުޑަވެއްޖެ ނަމަ، އެ ސަރަހައްދާ އެއްވަރުގެ ނުވަތަ އެ ސަރަހައްދުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށް ވުރެ ކުޑަ ނޫން އައު ސަރަހައްދެއް މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގެއްލުނު ބައިގެ ބަދަލުގައި ހިމާޔަތް ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަރަހައްދު ވާންވާނީ، އެ ބަދަލުކުރި ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނުގައި ހިމެނޭ ގުދުރަތީ މާހައުލާ އެއްކަހަލަ މާހައުލަކަށެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ ދަށުން ގެނެވޭ ބަދަލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެހިގެންދާ ގިންތިތައް

(ހ) ދިވެހިރާއްޖޭގެ ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެހިގެންދަނީ އަންނަނިވި ގިންތިތަކަށެވެ.

  1. ގިންތި 1- ބައިނަލްއަގްވާމީގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް.
    ސަރަހައްދުތަކަކީ ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމަކަށް ގުދްރަތީ ނުވަތަ ތަބައީގޮތުން ފާހަގަކޮށްލެވޭ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތަކުން ގަބޫލުކޮށްފައިވާ ސަރަހައްދުތަކެވެ.
  2. ގިންތި 2 - ސްޓްރިކްޓް ނޭޗަރ ރިޒާވް.
    ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލާއި ތިމާވެށި ރައްކައުތެރިކޮށް ހިމާޔަތްކުރުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކެކެވެ. ސަރަހައްދުތަކުން ގުދްރަތީ ވަސީލަތްތައް ނެގުމާއި، އެ ވަސީލަތްތަކަށް ގެއްލުންދިނުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، އޮތޯރިޓީގެ ހުއްދަ ލިބިގެން ދިރާސާކުރުމަށް ސަރަހައްދުތައް ބޭނުންކުރެވޭނެއެވެ. ސަރަހައްދުތަކުގެ ބޭނުމަކީ، ގުދްރަތީ އަދި ޘަގާފީގޮތުން ހާއްސަ ތަންތަނާއި، ދިރުންތަކާއި، އަދި ނެތިދިއުމުގެ ބިރުހީވެފައިވާ މާހައުލުތައް ހިމާޔަތްކުރުމެވެ.
  3. ގިންތި 3 - ވިލްޑަރނަސް އޭރިއާސް.
    ވިލްޑަރނަސް އޭރިއާތަކަކީ، އެ ސަރަހައްދަކަށް އިންސާނުންގެ އަސަރު ފޯރާފައިވިނަމަވެސް އެތަނެއްގެ ގުދްރަތީ ސިފަތަކާއި ހިދުމަތްތަކަށް ބަދަލުތަކެއް އައިސްފައިނުވާ، އެ ސަރަހައްދެއް އޭގެ ގުދްރަތީގޮތުގައި ހުންނަ ސަރަހައްދުތަކެވެ. މިފަދަ ސަރަހައްދުތައް ހިމާޔަތްކުރާނީ އެ ތަނެއްގައި ގުދްރަތީގޮތުން ހުރި ހާލަތެއް ރައްކައުތެރިކުރުމަށެވެ. މިފަދަ ސަރަހައްދުތަކުގައި ތިމާވެށްޓާ ރަހްމަތްތެރި މަސައްކަތްތައް ކުރެވޭނެއެވެ. އަދި މިފަދަ ސަރަހައްދުތަކުގައި، ތިމާވެށްޓަށް، ނޭދެވޭ ބަދަލުތަކެއް އަތުވެދާނެފަދަ، އެއްވެސް، މަސައްކަތެއް، ނުކުރެވޭނެއެވެ.
  4. ގިންތި 4 - ނެށަނަލް ޕާކް:
    ނެށަނަލް ޕާކަކީ، ގުދުރަތީ، މާހައުލާއި، ދިރުންތަކާއި، އެ މާހައުލުން، ފޯރުކޮށްދޭ ހިދުމަތްތައް ހިމާޔަތްކުރުމުގެ ބޭނުމުގައި ކަނޑައެޅޭ، ސަރަހައްދެކެވެ. މާހައުލު ބޭނުންކުރެވޭނީ ސައިންޓިފިކް ދިރާސާކުރުމަށާއި، ތައުލީމީ ބޭނުމަށާއި ޒިޔާރަތްކުރުމަށާއި ތިމާވެށްޓާ ރަހްމަތްތެރި ރެކްރިއޭށަނަލް ޓޫރިޒަމުގެ ހަރަކާތްތަކަށެވެ. ސަރަހައްދުގެ ލަނޑުދަނޑިއަކީ، ގުދްރަތީގޮތުން، ތަނެއް އުފެދިފައިވާގޮތް ދެމެހެއްޓުމާއެކު، އެތަނަކުން، ތައުލީމާއި، ދިރާސާކުރުމަށާއި އިންސާނުންގެ އެހެނިހެން، ބޭނުންތަކަށް މަގުފަހިކުރުމެވެ. މިފަދަ ސަރަހައްދުތަކުގައި ތިމާވެށްޓަށް ނޭދެވޭ އަސަރެއް ނުކުރާ މަސައްކަތްތައް، ކުރެވޭނެއެވެ. މިފަދަ ސަރަހައްދުތަކުގައި ތިމާވެށްޓަށް ނޭދެވޭ، ބަދަލުތަކެއް އަތުވެދާނެފަދަ އެއްވެސް، މަސައްކަތެއް ނުކުރެވޭނެއެވެ.
  5. ގިންތި 5 - ނެޗުރަލް މޮނިއުމެންޓް:
    ސަރަހައްދުތަކަކީ، ސަރަހައްދުތަކުގައި ގުދުރަތީގޮތުން، ހާއްސަ ސިފައެއް ނުވަތަ ސިފަތަކެއް ލިބިފައިވާ އެއްޗެއް، ނުވަތަ ތަނެއް ހުރުމުގެ ސަބަބުން، އެ އެއްޗެއް، ނުވަތަ، ތަނަކާ ގުޅިފައިވާ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ކަނޑައެޅޭ ސަރަހައްދުތަކެކެވެ. ސަރަހައްދުތައް ހިމާޔަތްކުރެވިފައިވަނީ އެތަނެއްގެ ދިރުންތަކާއި، މާހައުލާއި، ގުދްރަތީ ހާލަތު ރައްކައުތެރިކުރުމަށެވެ. ސަރަހައްދުތަކުގައި ގުދުރަތީ ހާއްސަ ސިފައަށް ނުވަތަ ސިފަތަކަށް ބަދަލު ނާންނާނެފަދަ މަސައްކަތްތައް ކުރުމަށް، ހުއްދަ ދެވޭނެއެވެ.
  6. ގިންތި 6 - ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއާ:
    ސަރަހައްދުތަކަކީ ވަކި ހާއްސަ ތަނެއް ނުވަތަ ދިރުމެއް، ހިމާޔަތްކޮށް މެނޭޖްކުރުމުގެ ބޭނުމުގައި ކަނޑައެޅޭ ތަންތަނެވެ. މި ސަރަހައްދުތަކުގައި މާހައުލާއި ދިރުންތައް ބަލަހައްޓައި ރައްކައުތެރިކޮށް މެނޭޖުކުރެވޭނެއެވެ. މިފަދަ ސަރަހައްދުތަކުގައި ތިމާވެށްޓާ ރަހްމަތްތެރިގޮތެއްގައި އިގްތިސާދީ، ތަފާތު ހަރަކާތްތައް ހިންގޭނެއެވެ.
  7. ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނަބްލް ޔޫޒް:
    މިއީ ގުދްރަތީ މާހައުލުތައް އެތަނެއްގެ، ޘަގާފީ މުހިންމުކަމާއި، ގުދްރަތީ ވަސީލަތްތައް މެނޭޖްކުރުމުގެ ޒަމާންވީ ގޮތްތަކާއެކު ރައްކައުތެރިކުރުމަށް، ކަނޑައެޅޭ ސަރަހައްދުތަކެކެވެ. މި ސަރަހައްދުތަކުގެ ބޮޑު ބައެއް އޭގެ ގުދުރަތީ ހާލަތުގައި ހުންނައިރު، އަނެއްބައިން، ދެމެހެއްޓެނިވިގޮތުގައި، ވަސީލަތްތައް ބޭނުންކުރެވޭނެއެވެ. މި ސަރަހައްދުތަކުގެ މަގްސަދަކީ ގުދްރަތީ މާހައުލުތަކާއި އެތަނުން ލިބޭ ވަސީލަތްތައް ދެމެހެއްޖެނިވިގޮތެއްގައި، ބޭނުންކުރުމާއެކު ރައްކައުތެރިކޮށް ދެމެހެއްޓުމެވެ. މި ސަރަހައްދުގައިވާ ގުދްރަތީ ވަސީލަތްތައް ބޭނުންކުރަންވާނީ ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިންނެވެ.

(ށ) މާއްދާގެ (ހ) ގެ ދަށުން ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ސަރަހައްދުތައް ހިމެނިފައިވާ ގިންތިތަކުގެ ތެރެއިން އެއް ގިންތިއަށްވުރެ ގިނަ ގިންތި ހިމެނޭގޮތަށް ސަރަހައްދެއް ޒޯންތަކަކަށް ބަހައިލައިގެން ބެލެހެއްޓުމުގެ އިހްތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ.

(ނ) (އުނި ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

 

7 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް، ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުން ވާންވާނީ އެ ތަންތަނުގައި ހަރަކާތްތެރިވުމަށް، ބޭނުންވާ ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމުގައެވެ. (އިތުރު ކުރެވިފައި)

(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ހަރަކާތްތެރިވާ ރޭންޖަރުންނާއި ގައިޑުންނަކީ، ތައުލީމާއި ތަޖުރިބާ ލިބިފައިވާ ރޭންޖަރުންނާއި ގައިޑުންގެ ށަރުތުތައް ފުރިހަމަކޮށްގެން، އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރޭންޖަރުންނާއި، ގައިޑުންގެ ށަރުތުތަކާއި ގައިޑުން ރަޖިސްޓަރީކުރުމަށް ކަނޑައަޅާ މިންގަނޑުތަކާއި، ރޭންޖަރުންނާއި ގައިޑުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ރޭންޖަރުންނާއި، ގައިޑުންނަށް، ލިބިދޭ ބާރާއި އިހްތިޔާރުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި މި ގަވާއިދުގެ ޖަދުވަލުގެ ގޮތުގައި ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓަން އެކަށީގެންވާ ސަރަހައްދުތައް (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް އެހެން ފަރާތަކާ މިނިސްޓްރީން ހަވާލުކުރެވިދާނެއެވެ. އަދި އެ ތަނެއް ބަލަހައްޓަންވާނީ، ހަމައެކަނި އެ ތަނެއް ރައްކައުތެރިކޮށް، ދެމެހެއްޓުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައެވެ. އަދި އެ މަގުސަދާ ހިލާފުވާ ނުވަތަ ތައާރުޒުވާ، އެއްވެސް އަމަލެއް އެ ތަނުގައި ހިންގައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބަލަހައްޓާނީ އަންނަނިވި ގޮތަކުންކުރެ ގޮތަކަށެވެ:(އިސްލާހު ކުރެވިފައި)

  1. މިނިސްޓްރީން ބެލެހެއްޓުން؛ (އިތުރު ކުރެވިފައި)
  2. ކޯ މެނޭޖްމަންޓުގެ އުސޫލުން، ބެލެހެއްޓުން. (އިތުރު ކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަނެއް މިނިސްޓްރީން ކޯ މެނޭޖްމަންޓް އުސޫލުން، އެހެން ފަރާތަކާ، ހަވާލުކުރަންވާނީ މިނިސްޓްރީއާއި ހަވާލުކުރެވޭ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވައިލާއިރު، ތިރީގައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ. (އިތުރު ކުރެވިފައި)

  1. އެއްބަސްވުމުގެ ދަށުން ހަވާލުކުރާ މަސައްކަތުގެ ތަފުސީލު؛
  2. އެއްބަސްވުމުގެ ބައިވެރީންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  3. އެއްބަސްވުމުގެ މުއްދަތު؛
  4. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވާ ހާލަތުގައި އަމަލުކުރާނެ އިޖުރާތުތައް؛
  5. އެއްބަސްވުމުގައި ނެތް ކަމެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް ނަމަ އަމަލުކުރާނެ އިޖުރާތުތައް؛
  6. އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި، އެ ކަމާ ގުޅޭ އިޖުރާތުތައް؛
  7. ގެއްލުމުގެ ބަދަލު ހޯދުން؛
  8. އެއްބަސްވުމުގެ ދަށުން ހަވާލުކުރާ މަސައްކަތުގެ ތަފުސީލު.

(ބ) މި މާއްދާގެ ދަށުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަން ބެލެހެއްޓުމަށް ޓަކައި ކޯ މެނޭޖްމަންޓް އުސޫލުން އެހެން ފަރާތަކާ ހަވާލުކުރާއިރު، އޮތޯރިޓީން ހުއްދަ ދީފައިވާ އެ ސަރަހައްދު ބަލަހައްޓާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭނާއި ފައިނޭންށިއަލް ޕްލޭނެއް އޮންނަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ ދަށުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތުން، އެ ސަރަހައްދު ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް އެހެން ފަރާތަކާ ހަވާލުކުރުން 

(ހ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަންތަން ބެލެހެއްޓުމަށް ދައުލަތުގެ މުއައްސަސާއަކާ ނުވަތަ އެނޫންވެސް، އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ގުދްރަތީ ނުވަތަ ތަބީއީގޮތުން ރައްކައުތެރިކޮށް ދަމަހައްޓާ ސަރަހައްދެއް އޮތޯރިޓީން އެހެން ފަރާތަކާ ހަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އެ ސަރަހައްދެއްގައި އަމަލުކުރާނެގޮތް ދެފަރާތުން އެއްބަސްވާންޖެހޭނެއެވެ.

(ނ) މި މާއްދާގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރާއިރު އެ ސަރަހައްދު ބަލަހައްޓާނެގޮތުގެ ކޮންސެޕްޓަކާއި ފައިނޭންށިއަލް ޕްލޭނެއް އޮންނަންވާނެއެވެ.
 

10 ވަނަ މާއްދާ - "ލޭންޑް ރަޖިސްޓްރީ" ނުވަތަ ބިމާބެހޭ ދަފްތަރު ބަލަހައްޓާ ފަރާތުގެ އެންޑޯޒްމަންޓް

އެއްވެސް ތަނެއް ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުމާއެކު ނުވަތަ އެފަދަތަނެއްގެ އިމަށް ބަދަލު އައުމުން އެކަން "ބިމާބެހޭ ދަފްތަރު" ބަލަހައްޓާ ފަރާތަށް ލިޔުމަކުން އޮތޯރިޓީން އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ކަނޑައެޅުމުގައި މަށްވަރާގެ ކަންކަން ކުރިއަށް ގެންދާނެގޮތް 

(ހ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި މަށްވަރާތައް ކުރިއަށްގެންދިއުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ،

  1. ގުދުރަތީ ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް، ދަމަހައްޓާ ތަނެއްގެ ގޮތުގައި ތަނެއް ކަނޑައެޅުމުގެ ސަބަބުން އަސަރުކޮށްފާނެ އެތަނަކާ ގުޅުންހުރި ފަރާތްތައް ކަނޑައަޅާ އެފަރާތްތަކާއެކު މަށްވަރާކުރުން.

  2. އާންމުކޮށް، ރައްޔިތުންގެ ބައިވެރިވުން ހިމަނައިގެން، ކަންކަން ކުރާ އުސޫލު ގެންގުޅުން.

 

12 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަން ބެލެހެއްޓުމަށް މެނޭޖްމަންޓް ރެގިއުލޭށަން އަދި/ ނުވަތަ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް ޓަކައި، މެނޭޖްމަންޓް ރެގިއުލޭށަން އަދ/ި ނުވަތަ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، ބެލެހެއްޓުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ، މެނޭޖްމަންޓް ރެގިއުލޭށަނުގައި އެންމެ މަދުވެގެން ވެސް އަންނަނިވި ބައިތައް ހިމަނަންވާނެއެވެ: ( މުޅި ނަންބަރު އިސްލާހު ކުރެވިފައި)

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގަވަރނަންސް؛ (އިތުރު ކުރެވިފައި)
  2. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިންތަކާއި، މިންތައް (ޒޯނޭށަން)؛ (އިތުރު ކުރެވިފައި)

  3. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކުރުން، މަނާ ކަންތައް، ވަކި ތަކެތި؛ (އިތުރު ކުރެވިފައި)

  4. ވަކި ހުއްދައެއްގެ ދަށުން، ކުރެވޭ ކަންކަން، ހިދުމަތް ދިނުމާ ގުޅޭ ތަފުސީލު (ވިޒިޓޭށަން، ލައިސަންސް، ޕާމިޓް، ތަފުސީލު)؛ (އިތުރު ކުރެވިފައި)

  5. ހިމާޔަތްކޮށްފައިވާ ސަރަހައްދުން ނަގާ ފީ؛ (އިތުރު ކުރެވިފައި)

  6. ތަންފީޒުކުރުމާ ގުޅޭ ޖޫރިމަނާ، ތަކެތި؛ (އިތުރު ކުރެވިފައި)

  7. ތަންފީޒުކުރުމާ، ދިވެހި ސަރުކާރު ތަންފީޒު ކޮށްފައިވާ ގޮތް (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ދަށުން، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް، އެކުލަވައިލާ، މެނޭޖްމަންޓް ޕްލޭނުގައި އެންމެ، މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ވިށަން، މިށަން، މެނޭޖްމަންޓް އޮބްޖެކްޓިވްސް؛ (އިތުރު ކުރެވިފައި)
  2. ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް އިފެކްޓިވްނަސްއާއި ގްރީން ލިސްޓް ރެޑިނަސް ބޭސްލައިން ނުރައްކާތަކާއި، ނުރައްކާތައް ކުޑަކުރުމަށް ބޭނުންކުރެވޭ ސްޓްރެޓަޖީތައް؛ (އިތުރު ކުރެވިފައި)
  3. އިކޮލޮޖިކަލް ކޮންސަރވޭށަން ވެލިއުޒް، ސްޓޭކްހޯލްޑަރ އެނަލިސިސް، ކޮމިއުނިޓީ، ތަންތަނުގެ ތަފުސީލު؛ (އިތުރު ކުރެވިފައި)
  4. ކަލްޗަރަލް ވެލިއުޒް؛ (އިތުރު ކުރެވިފައި)
  5. ކަލްޗަރަލް އެންޑް ސޯށިއޯ-އިކޮނޮމިކް ވެލިއުޒް؛ (އިތުރު ކުރެވިފައި)
  6. ސްޓޭކްހޯލްޑަރ އެނަލިސިސް އެންޑް ކޮމިއުނިޓީ، އެންގޭޖްމަންޓް ޕްލޭން؛ (އިތުރު ކުރެވިފައި)
  7. ގްރީވިއެންސް މެކޭނިޒަމް؛ (އިތުރު ކުރެވިފައި)
  8. ގުދުރަތީ ވަސީލަތްތައް، މިހާރު ބޭނުންކުރާ ގޮތް؛ (އިތުރު ކުރެވިފައި)
  9. ހިމާޔަތްކޮށްފައިވާ ސަރަހައްދު، ބޭނުންކުރެވޭ ގޮތަށް، ސަރަހައްދެއް ބޭނުންކުރެވޭ މީހުންގެ އަދަދު (ކެރީންގ ކެޕެސިޓީ އެންޑް ލިމިޓްސް އޮފް އެކްސެޕްޓަބަލް ޗޭންޖް)؛ (އިތުރު ކުރެވިފައި)
  10. މުނިފޫހިފިލުވުމަށް ހިދުމަތްތައް ގާއިމުކުރާ ނަމަ، އެ ކަމުގެ ކޮންސެޕްޓް، ތަކެތި؛ (އިތުރު ކުރެވިފައި)
  11. މާލީ (ފައިނޭންށަލް ޕްލޭން، މާކެޓް އެސެސްމަންޓް، އެންޑް ވިލިންގނަސް ޓު ޕޭ ހިމެނޭހެން)؛ (އިތުރު ކުރެވިފައި)
  12. ގަވަރނަންސް؛ (އިތުރު ކުރެވިފައި)
  13. ބޭނުންވާ ވަސީލަތްތަކުގެ ތަފުސީލު (ނީޑްސް) (އެސެސްމަންޓް) އަދި އެ ވަސީލަތްތައް ހޯދާނެ ގޮތުގެ ޕްލޭން (ނީޑްސް މޮބިލައިޒޭށަން އެންޑް އިމްޕްލިމަންޓޭށަން ޕްލޭން)؛ (އިތުރު ކުރެވިފައި)
  14. އެކްށަން ޕްލޭން؛ (އިތުރު ކުރެވިފައި)
  15. ހޭލުންތެރިކަން އިތުރުކުރާނެ ގޮތުގެ ޕްލޭން؛ (އިތުރު ކުރެވިފައި)
  16. މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރާނެ ގޮތް (ކްލައިމެޓް އިމްޕެކްޓްސް އެންޑް ޕްލޭންސް ފޮރ އެޑަޕްޓިވް މެނޭޖްމަންޓް)؛ (އިތުރު ކުރެވިފައި)
  17. ރިސާރޗް، މޮނިޓަރިންގ އެންޑް އިވެލުއޭށަން. (އިތުރު ކުރެވިފައި)

(ރ) މެނޭޖްމަންޓް ޕްލޭން ހެދުމުގައި އެ ސަރަހައްދެއްގެ އިދާރީ ދާއިރާއަކުން، ތައްޔާރުކޮށްފައިވާ ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރަންވާނެއެވެ. (ނޯޓް: ގަވާއިދަށް ގެނެވުނު 2ވަނަ އިސްލާހުގައި (ރ) ހިމެނިވައިނުވޭ. އެހެންކަމުން އިސްލާހު ގެނައުމުގެ ކުރިން މި ނަންބަރުގައި ހިމެނިފައިވާ (ރ) އޮތްގޮތަށް ހިމެނިފައިވޭ)

(ބ) މި މާއްދާގެ (ހ) ގެ ދަށުން، އެކުލަވައިލާ މެނޭޖްމަންޓް ރެގިއުލޭށަން އަދި/ނުވަތަ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގައި އެ ތަނެއްގެ އިދާރީ ދާއިރާތަކުން ތައްޔާރުކޮށްފައިވާ ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތް ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހިންގޭނެ ހަރަކާތްތައް ހިންގައި، ބަލަހައްޓަންވާނީ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މެނޭޖްމަންޓް ޕްލޭން އަދި/ނުވަތަ ކޮންޒަވޭށަން އެކްށަން ޕްލޭންތަކުގައި ހިމެނޭ ކަންކަން ހާސިލުކުރެވޭ މިންވަރު ބަލައި އެކަމަށް ރިއާޔަތްކޮށް، ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖާކޮށް ގެޒެޓުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(އ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުމަށް ޓަކައި އެ ތަން ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ބޭނުންވެއްޖެ ނަމަ އެ ފީއެއް ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

13 ވަނަ މާއްދާ - ފަންޑު ގާއިމްކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނުން، ހިންގާ ހަރަކާތްތަކުން ލިބޭ އާމްދަނީ ޖަމާކުރުމަށް ޓަކައި ޓްރަސްޓް ފަންޑެއް މިނިސްޓްރީން ގާއިމުކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެކުލަވައިލާ ޓްރަސްޓް ފަންޑު ގާއިމުކުރަންވާނީ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)، އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓްރަސްޓް ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަންވާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި، ކެޕޭސިޓީ ބިލްޑުކުރުމަށާއި، ދިރާސާކުރުމަށާއި، މުޖުތަމައުގެ އާންމު މަންފާއަށް ޓަކައި ސަރަހައްދު ހިމެނޭ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އިޖުތިމާއީ އެކިއެކި ކަންކަމަށާއި، ތިމާވެށްޏާ ގުޅުންހުރި ހިލޭ އެހީގެ އެކިއެކި ޕްރޮގުރާމުތައް ހިންގުމަށާއި މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި ކުރާ އިދާރީ މަސައްކަތްތަކަށެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބަލަހައްޓަމުންދާ ތުގެ ފެންވަރު ބެލުން

(ހ) އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބަލަހައްޓަމުން ގެންދާގޮތް މޮނިޓަރކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބަލަހައްޓަމުން ގެންދާގޮތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބަލާނީ އަންނަނިވި މިންގަނޑުތަކަށެވެ.

  1. ބަލަހައްޓާ ފަރާތާ ހަވާލުކުރުމަށްފަހު އެ ސަރަހައްދެއްގެ ގުދުރަތީ ހާލަތަށް އައި ބަދަލު.
  2. ރައްކައުތެރިކޮށް ދެމެހެއްޓުމުގެ މަގްސަދު ހާސިލުކުރުމަށް ކޮށްފައިވާ މަސައްކަތް.
  3. މެނޭޖްމަންޓް ޕްލޭނުގައިވާ ކަންތައްތައް ތަންފީޒުކޮށްފައިވާ މިންވަރު. 

(ނ) މެނޭޖްމަންޓް ޕްލޭންތައް ބަލަހައްޓާ ފަރާތަކުން ބަލަހައްޓަމުން ގެންދަނީ އެ ޕްލޭންތަކުގެ މައިގަނޑު މަގްސަދު ހާސިލުވާ ގޮތަށްތޯ ބެލުމަށްޓަކައި "އެކްސްޓަރނަލް އޯޑިޓަރ" އަށް އައްޔަންކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތެއްގެ އަތުން އެ ތަން އަތުލުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް، ކޯ މެނޭޖްމަންޓް އުސޫލުން، ބަލަހައްޓާ ފަރާތުން، މެނޭޖްމަންޓް ރެގިއުލޭށަން ނުވަތަ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރާ ނަމަ، ނުވަތަ ބަލަހައްޓާ ފަރާތަށް އެ ފަރާތުގެ ޒިންމާ ރަނގަޅަށް އަދާކުރެވެމުން ނުދާކަން، ނުވަތަ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެމުން ނުދާކަން އޮތޯރިޓީއަށް ފާހަގަކުރެވިއްޖެ ނަމަ، ރަނގަޅުކުރަންވީ ކަންކަން ބަޔާންކޮށް، އެ ކަންކަން ރަނގަޅުކުރަންވީ މުއްދަތާއެކު، އެ ތަނެއް ބަލަހައްޓާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

1. (އުނި ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތުން ކަންކަން ރަނގަޅުކޮށްފައި ނުވާ ނަމަ، އަންނަނިވި ގޮތަށް އޮތޯރިޓީ އަމަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެންގުން. (އިސްލާހު ކުރެވިފައި)
  2. ކޯ މެނޭޖްމަންޓް އުސޫލުން ބަލަހައްޓާ ފަރާތުގެ އިހުމާލުން، ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމެއްގެ ބަދަލު ހޯދުން. (އިސްލާހު ކުރެވިފައި)

3. (އުނި ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބާތިލުކުރުމަށް ނިންމާ އެއްބަސްވުމަކަށް މިނިސްޓްރީން ބަދަލުދޭކަށެއް ނުޖެހޭނެއެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ޮތުގެ މަތީން އެ ތަނެއް ބެލެހެއްޓުމަށް އެހެން ފަރާތަކާ ހަވާލުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

16 ވަނަ މާއްދާ - ގުދްރަތީ ގޮތުގައި ނުވަތަ ތަބައީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ދިރާސާކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ފެށޭ އިބާރާތް އުނި ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، އެއްވެސް ދިރާސާއެއް ކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ފޯމު ދިރާސާކުރުން މެދުވެރިކޮށް، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ 1 ވަނަ ދުވަހު، ލިޔުމުން ހުއްދަ ލިބިގެންނެވެ. (އިތުރު ކުރެވިފައި)

(ށ) ހުއްދަ ހޯދަން ހުށަހަޅާ ފޯމު، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 2 (ދޭއް) ހަފުތާގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) ދިރާސާކުރުމުގައި، އަމަލުތައް ބަހައްޓަންވާނީ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އުޅޭ ދިރުންތަކާއި މާހައުލީ ނިޒާމަށް ގެއްލުން ނުވާ ގޮތަށެވެ. (އިތުރު ކުރެވިފައި)

(ރ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހޯދުންތަކާއި، ދިރާސާއިން ނެގުނު ޑޭޓާއާއި ދިރާސާއާ ގުޅޭ އެންމެހައި ޕަބްލިކޭށަންތައް އޮތޯރިޓީއަށް ހިއްސާކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާއަކީ ވިޔަފާރީގެ އުސޫލުން ވިއްކަން ކުރާ ދިރާސާ، ކޮމާށަލް އުސޫލުން ކުރާ ދިރާސާ އެއް ނަމަ، އަދި އެއީ %100 (ސައްތަ އިންސައްތަ) ދިވެހި ރިސާރޗް ޕްރޮޖެކްޓެއް ނަމަ، 15,000 (ފަނަރަ ހާސް) ރުފިޔާ، އަދި ބޭރު ފަރާތެއް ނަމަ 3,000 (ތިން ހާސް) ޑޮލަރުގެ ފީއެއް ދައްކަންވާނެއެވެ. މި ފައިސާ ޖަމާކުރަންވާނީ މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑަށެވެ. (އިތުރު ކުރެވިފައި)

(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހުއްދައިގެ ދަށުން، ކޮމާށަލް ފޮޓޯގްރަފީ، ވީޑިއޯގްރަފީ ނުވަތަ އެފަދަ މަސައްކަތެއް މި ހުއްދައިގެ ދަށުން ކުރުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)

(ކ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ ދިރާސާގެ ހުއްދަ ލިބޭ ފަރާތަށް ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ކަންކަމަށް އަމަލުކުރަންޖެހޭނެއެވެ. (އިތުރު ކުރެވިފައި)

(އ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރާ އެންމެހައި ދިރާސާތަކުގެ ތެރެއިން ދިވެހީން ނޫން އެހެން ބަޔަކު ހިންގާ ދިރާސާއެއް ނަމަ، އެ ދިރާސާގައި މަދުވެގެން 2 (ދޭއް) ދިވެހީން ބައިވެރިކުރަން ޖެހޭނެއެވެ. (އިތުރު ކުރެވިފައި)

 

17 ވަނަ މާއްދާ - ގުދުރަތީގޮތުގައި ނުވަތަ ނުވަތަ ތަބައީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ ކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ކޮމާށަލް ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީ ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ ހިމެނޭ ފޯމު މެދުވެރިކޮށް، އޮތޯރިޓީ ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. (އިސްލާހު ކުރެވިފައި)

(ށ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ބޭނުމަށް ނުވަތަ އެހެން ބޭނުމެއްގައި ނަމަވެސް، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރެވޭނީ މި ގަވާއިދުގެ ދަށުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހަވާލުކުރާ ފަރާތަކުން ލިޔުމުން ހުއްދަ ލިބިގެންނެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުއްދަ، އެ ތަނަކަށް ޒިޔާރަތްކުރުމަށް ބޭނުންވާ ތާރީހުގެ މަދުވެގެން 2 (ދޭއް) ހަފުތާގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ރ) ތިމާވެށި ކުރުމުގައްޔާއި ފޮޓޯ ނެގުމުގައި އަމަލުތައް ބަހައްޓަންވާނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އުޅޭ ބޮޑެތި ދިރުން ފެހުރިއްސާއި އެންމަޑިއާއި އެފަދަ އެހެން ތަކެތި ތަކަށާއި ފަރުތަކަށާއި އެންމެހައި ދިރުންތަކަށް ގެއްލުންނުވާ ގޮތަށެވެ. އަދި ޑްރޯން ބޭނުންކުރުމުގައި މީހުންނާއި ބޮޑެތި ދިރުން (ފެހުރިއްސާއި އެންމަޑިއާއި އެފަދަ އެހެން ތަކެތި) ތަކުގެ ސީދާ މަތީ ޑްރޯން ދުއްވުމަކީ މަނާ ކަމެކެވެ. (އިތުރު ކުރެވިފައި)

(ބ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކޮށްގެން ފޮޓޯގްރަފީ ކި ވީޑިއޯގްރަފީ ކުރާ އިރު، ޑްރޯން އުދުއްސަންވާނީ 30 (ތިރީސް) މީޓަރަށް ވުރެ ތިރިނުވާވަރަށެވެ. އަދި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކޮށްގެން ފޮޓޯގްރަފީ، ވީޑިއޯގްރަފީ ކުރާ އިރު އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ދުއްވާ ފަރާތަށް، ހުރިހާ ވަގުތެއްގައި ވެސް އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފެންނަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ބޭނުމަށް ނުވަތަ އެހެން ބޭނުމެއްގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރުން ވަކި ވަގުތަކަށް ދެ ނުވަތަ ދުވަސްތަކެއްގައި މަނާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

18 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް ވަދެ ނުކުމެ އުޅުން (އެކްސެސް) 

(ހ) ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް ވަދެ ނުކުމެވޭނީ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. 

(ށ) ތިރީގައިވާ ފަރާތްތައް، ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހުއްދަ ހޯދާކަށެއް ނުޖެހޭނެއެވެ. 

  1. މިނިސްޓްރީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތެއް، މިނިސްޓްރީ ނުވަތަ އޮތޯރިޓީގެ ބޭނުމަކަށް.
  2. ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހަރަކާތްތެރިވާ ދައުލަތުގެ ތަންފީޒީ ބާރުތަކުގެ މުވައްޒަފުން.
  3. އޮތޯރިޓީގެ ފަރާތުން އެތަން ބަލަހައްޓަން ހަވާލުކޮށްފައިވާ ފަރާތްތައް.

 

19 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) އަންނަނިވި ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.

(ހ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް، ގަވާއިދާ ހިލާފަށް ވަނުން، ނުވަތަ އެރުން. (އިތުރު ކުރެވިފައި)

(ށ) ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދުން ނުވަތަ ހުއްދައާ ހިލާފުވުން. (އިތުރު ކުރެވިފައި)

(ނ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، ހަރަކާތްތެރިވުމުގައި މާހައުލުގައިވާ ދިރުމަކަށް ގޯނާކުރުން. (އިތުރު ކުރެވިފައި)

(ރ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ހަރަކާތްތެރިވުމުގައި މާހައުލަށް ގެއްލުން ދިނުން. (އިތުރު ކުރެވިފައި)

(ބ) ދިރުންހުރި އެއްޗެއް ނުވަތަ ދިރުން ނެތް އެއްޗެއް ނެގުން ނުވަތަ ސަރަހައްދު ބޭރަށް ގެންދިޔުން. (އިތުރު ކުރެވިފައި)

(ޅ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނަށް، އެއްވެސް ދިރުމެއް ތައާރުފުކުރުން. (އިތުރު ކުރެވިފައި)

(ކ) ކުނިއެޅުން. (އިތުރު ކުރެވިފައި)

(އ) ބިން ހިއްކުމާއި ފަޅު ފުންކުރުން. (އިތުރު ކުރެވިފައި)

(ވ) ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކަމުގައި ކަނޑައަޅައިފައިވާ ކަންކަމާއި، އެ ސަރަހައްދު ބެލެހެއްޓުމަށް އެކުލަވައިލާ މެނޭޖްމަންޓް ޕްލޭނުގައި، މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަންކަމާއި މެނޭޖްމަންޓް ޕްލޭނާ ހިލާފުވާ ކަމެއް ކުރުން. (އިތުރު ކުރެވިފައި)

(މ) ގުދުރަތީގޮތުގައި ނުވަތަ އަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބަލަހައްޓާ އިދާރާގެ ނުވަތަ އެ އިދާރާގެ މުވައްޒަފެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ނުވަތަ ޒިންމާ އަދާކުރުމަށް، ހުރަސްއެޅުން، (އިތުރު ކުރެވިފައި)

(ފ) ގުދުރަތީގޮތުގައި ނުވަތަ އަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއް ބަލަހައްޓާ އިދާރާގެ މުވައްޒަފަކަށް، ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކަށް، ހެދިގެން އޮޅުވައިލައިގެން، މަސައްކަތްކުރުން، (އިތުރު ކުރެވިފައި)

 

20 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް މި ސަރަހައްދުން ވަގުތުން ނުކުންނަން އެންގުމުގެ އިހުތިޔާރު، މި ގަވާއިދު ތަންފީޒުކުރާ ފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ނުހޯދައި، ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވަދެފި ނަމަ، އަންނަނިވި ގޮތުގެ މަތީން ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

  1. ފުރަތަމަ ފަހަރު 8,000 (އަށް ހާސް) ރުފިޔާ؛ (އިތުރު ކުރެވިފައި)
  2. ދެވަނަ ފަހަރު 10,000 (ދިހަ ހާސް) ރުފިޔާ؛ (އިތުރު ކުރެވިފައި)
  3. ދެ ފަހަރަށް ވުރެ ގިނައިން އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 10,000 (ދިހަ ހާސް) ރުފިޔާ. (އިތުރު ކުރެވިފައި)

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރުމަށްފަހު، 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ސަރަހައްދަށް ޒިޔާރަތްކުރުން މަނާކުރުމާއެކު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

(ރ) ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް، މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުހޯދައި ހަރަކާތްތެރިވާ ފަރާތްތައް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

(ބ) އޮތޯރިޓީން ސެޓްފިކެޓު ދީފައިވާ ގައިޑުން އަމަލުކުރަންވީ ގޮތާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ސެޓްފިކެޓު 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމާއެކު، މި ގަވާއިދާ ހިލާފުވުމުގެ ކުށުގައި 3,000 (ތިން ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ގައިޑެއްގެ ގޮތުގައި އަލުން، ހަރަކާތްތެރިވެވޭނީ، ސަސްޕެންޑްކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، އަދި ޖޫރިމަނާ ދެއްކުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

(ޅ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަށް ކުނިއަޅާ ފަރާތެއް އަންނަނިވި ގޮތުގެ މަތީން އޮތޯރިޓީން ޖޫރިމަނާކުރެވޭނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)

  1. ފުރަތަމަ ފަހަރު، 5,000 (ފަސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 10,000 (ދިހަ ހާސް) ރުފިޔާ.

(ކ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނުގައި، އުޅޭ އެންމެހައި ދިރުންތަކުގައި އަތްލުމާއި، އެއަށް ގޯނާކުރުން ފަދަ އަމަލެއް ހިންގައިފި ނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް އޮތޯރިޓީން ޖޫރިމަނާ ކުރަންވާނެއެވެ: (މުޅި ނަންބަރު އިތުރު ކުރެވިފައި)

  1. ފުރަތަމަ ފަހަރު، 30,000 (ތިރީސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު، 50,000 (ފަންސާސް ހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 50,000 (ފަންސާސް ހާސް) ރުފިޔާ.

(އ) ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް، އެއްވެސް ދިރުމެއް ތައާރަފުކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން އެ ފަރާތެއް އޮތޯރިޓީން ޖޫރިމަނާ ކުރަންވާނެއެވެ:(މުޅި ނަންބަރު އިތުރު ކުރެވިފައި)

  1. ފުރަތަމަ ފަހަރު، 5,000 (ފަސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް، 10,000 (ދިހަ ހާސް) ރުފިޔާ.

(ވ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ގުދުރަތީގޮތުގައި، ނުވަތަ ތަބީއީގޮތުގައި، ރައްކައުތެރިކޮށް ދަމަހައްޓާ ތަނަކަށް ގެއްލުން ލިބިއްޖެ ނަމަ، އެ ގެއްލުމެއްގެ އަދަދުކުރާނީ، ގަވާއިދު ނަންބަރު 2011-09 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް، ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުންނެވެ. (އިތުރު ކުރެވިފައި)

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި، ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި ލަފުޒުތައް މާނަކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) މިނިސްޓްރީކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ތަންފީދުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ. (އިސްލާހު ކުރެވިފައި)

(ނ) ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަންކަމުގައި ބުނެފައި އެވަނީ:

  1. ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ސަރަހައްދެއްގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް.
  2. ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ބާރުލިބިގެން އެ ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ތަންތަން.
  3. މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ނުވަތަ ފަހުންވެސް، ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެގޮތުގައި، ގާނޫނުން ބާރުލިބިގެން ވަކި މަގުސަދެއްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް.

(ރ) "ޒޮނޭށަން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ސަރަހައްދެއް، ރައްކައުތެރިކޮށް ބެލެހެއްޓުމުގެ ބޭނުމަށް އެ ސަރަހައްދު އެކި ސަރަހައްދުތަކަށް ބަހާފައިވާ ގޮތް.

(ބ) "މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގެ ލަނޑުދަނޑިތަކާއި، މަގުސަދުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، މި ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް، މި ކަންކަން ކުރާނެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިގު މުއްދަތުގެ (އާންމުގޮތެއްގައި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ) ސްޓްރެޓަޖީއަކާއެކު އެކުލަވައިލެވޭ ރަސްމީ ޕްލޭނަށެވެ. (އިސްލާހު ކުރެވިފައި)

(ޅ)  "މެނޭޖްމަންޓް ރެޖިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގައި ގާނޫނީގޮތުން ތަންފީޒީ ބާރު ލިބިގަތުމަށް ޓަކައި ވަކި ގަވާއިދެއް އެކުލަވައިލަންޖެހޭ (މި ސަރަހައްދުގެ ފީ ނެގުމާއި، ހުއްދަ ދޫކުރުމާއި، ޖޫރިމަނާ/ފިޔަވަޅުއެޅުން ފަދަ) ކަންކަމުގައި އެކުލަވައިލެވޭ، މި ސަރަހައްދަށް ހާއްސަ މެނޭޖްމަންޓް ގަވާއިދަށެވެ. (އިތުރު ކުރެވިފައި)

(ކ) "ކޯ މެނޭޖްމަންޓް އުސޫލުންބެލެހެއްޓުން ކަމަށް ބުނެފައި އެވަނީ، ޒިންމާތައް ތަފުސީލުވާނެ ގޮތަށް ބަހައިލައިގެން ކަނޑައެޅޭ އެއްފަރާތަކަށް ވުރެ ގިނަފަރާތުން ބެލެހެއްޓުމަށެވެ. (އިތުރު ކުރެވިފައި)

(އ) "ދިރުމެއް ތައާރުފު ކުރުން" ކަމަށް ބުނެފައި އެވަނީ، އެ މާހައުލުގައި އުޅޭ ގުދުރަތީ ދިރުމެއް ފިޔަވައި އެހެން ދިރުމެއް ތައާރުފުކުރުމަށެވެ. (އިތުރު ކުރެވިފައި)

(ވ) "މަސްލަހަތުވެރިން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށްފައިވާ ނުވަތަ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކުރުމަށް ކަނޑައަޅާ ތަނެއް އިޖުތިމާއީގޮތުންނާއި އިގުތިސާދީގޮތުން ބޭނުންކުރާ އަދި ތާރީހީގޮތުން ބޭނުންކޮށްފައިވާ ފަރާތްތަކާއި، އެ ސަރަހައްދު ބޭނުންކުރާނެ ގޮތާ ގުޅިގެން ނިންމާ ނިންމުތަކުގެ ސަބަބުން އެ ބައެއްގެ މަސްލަހަތަށް އެއްވެސް އަސަރެއް ފޯރާފާނެ ފަރާތްތަކާއި، އެކަމާ ގުޅިގެން ނިންމާ ނިންމުތަކުގައި އެ ބައެއްގެ ލަފަޔާއި މަށްވަރާ ހޯދަންޖެހޭ ފަރާތްތައް. (އިތުރު ކުރެވިފައި)

(މ) "އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ ތެރޭގައި އިންސާނަކު ނެތި، އިންޖީނުގެ ބާރުގައި ވައިގެ ތެރޭގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކަށެވެ. މިއީ އަމިއްލަ ޒާތުގައި (އޮޓޮމެޓިކުން) ނުވަތަ ދުރުގައި ހުރެގެން ރިމޯޓު ކޮންޓްރޯލްކޮށްގެން ދުއްވޭ އުޅަނދުތަކެވެ. (އިތުރު ކުރެވިފައި)

 

ޖަދުވަލު 1

ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު

 

 

 

 

ޖަދުވަލު 2

ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ވީޑިއޯ/ފޮޓޯ ނެގުމަށް އެދި ހުށަހަޅާ ފޯމު

 

 

މިގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގަވާއިދު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1003-04)

 

ގުޅުންހުރި އުސޫލު

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12)

ކިޔުންތެރިންގެ ހިޔާލު