-

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން  މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު

(އުސޫލު ނަންބަރު 2022-12)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާނީ، ގުދްރަތީގޮތުގައި ނުވަތަ ޠަބީއީގޮތުގައި ރައްކައުތެރިކޮށް ދެމެހެއްޓުމަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ ޔުނައިޓެޑް ނޭށަންސް ކޮންވެންށަން އޮން ބައޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ދަށުން އެކުލަވައިލައިފައިވާ އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް) ގެ ގޮތުގައި އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން، ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުން ހާސިލުކުރުމުގެ އިތުރުން، ބަލަހައްޓާ ފަރާތުގެ އިސްނެގުމާއެކު، އެ ސަރަހައްދުތަކަކީ މެނޭޖްކޮށް ބަލަހައްޓާ ސަރަހައްދުތައް ކަމުގައި ކަނޑައެޅުމަށާއި، އެގޮތަށް ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި، އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް) ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި އޯ.އީ.ސީ.އެމް ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުން.

(ށ) ރިޒޯޓުތަކުގެ ސަރަހައްދުތަކަކީ ދެމެހެއްޓެނިވި އުސޫލުން މެނޭޖުކޮށް ބަލަހައްޓާ ސަރަހައްދުތަކެއްކަން ކަށަވަރުކުރުން.

 

3 ވަނަ މާއްދާ - އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅާ ރިޒޯޓުތަކުގެ ސަރަހައްދުތައް

މި އުސޫލުގެ ދަށުން އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދަކީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށް ނުވަތަ ސަރަހައްދުގެ އިމުގެ ގޮތުގައި، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓު ރިޒޯޓާއި، ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ ގަވާއިދު) ގެ ދަށުން ކަނޑައަޅައިފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ފަރު ނުވަތަ ފަޅުގެ ސަރަހައްދުން ކަނޑައެޅޭ ޒޯނުތަކެކެވެ.

 

4 ވަނަ މާއްދާ - އޯ.އީ.ސީ.އެމް.ގައި ހުންނަންޖެހޭ ށަރުޠުތައް

އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅޭ ސަރަހައްދުތަކުގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) އޯ.އީ.ސީ.އެމް. އެއް ގޮތަށް ކަނޑައަޅަން ހުށަހަޅާ ސަރަހައްދަކީ ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ނުވުން؛

(ށ) އޯ.އީ.ސީ.އެމް. އެއް ގޮތަށް ކަނޑައަޅަން ހުށަހަޅާ ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުގެ ގޮތުން މުއްސަނދި އަދި މެނޭޖްކޮށް ބަލަހައްޓާ ސަރަހައްދަކަށް ވުން؛

(ނ) އޯ.އީ.ސީ.އެމް. އެއް ގޮތަށް ކަނޑައަޅަން ހުށަހަޅާ ސަރަހައްދަކީ ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓޭ ފަދަ މަސައްކަތްތަކެއް ކުރެވޭ ނުވަތަ އެފަދަ މަސައްކަތްތަކެއް ކުރިޔަށްގެންދާ ސަރަހައްދަކަށްވުން؛

(ރ) އޯ.އީ.ސީ.އެމް. އެއް ގޮތަށް ކަނޑައަޅަން ހުށަހަޅާ ސަރަހައްދަކީ ސަގާފީ ފައިދާތަކާއި، އިގްތިސާދީ ފައިދާތަކާއި، އިޖުތިމާއީ ފައިދާތަކާއި، އެހެނިހެން ފައިދާތައް ލިބިދޭ ސަރަހައްދަކަށް ވާނަމަ، އެ ފައިދާތައް ދެމެހެއްޓުން؛

(ބ) އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާ ސަރަހައްދަކީ އެ ސަރަހައްދުގެ ތިމާވެށްޓަށާއި ދިރޭތަކެތީގެ ނަސްލަށް ގެއްލުންދޭ ފަދަ އަމަލުތައް ނުހިނގާ ސަރަހައްދަކަށް ވުން.

 

5 ވަނަ މާއްދާ - އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅުމާއި އުނިކުރުމުގެ މަރުހަލާތައް

ރިޒޯޓެއްގެ ސަރަހައްދެއް އޯ.އީ.ސީ .އެމް.ގެ ގޮތުގައި ކަނޑައެޅުމާއި އުނިކުރުމުގައި އަންނަނި މަރުހަލާތައް ފުރިހަމަ ކުރަންވާނެވެ. މި މަރުހަލާތަކުގެ ތަފުސީލު، މި އުސޫލުގެ ޖަދުވަލު 1 ގައި އެވަނީއެވެ.

(ހ) އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުން.

(ށ) ސްކްރީންކުރުން.

(ނ) އިކޮލޮޖިކަލް ސާރވޭކުރުން.(ރ) ހުށަހަޅާ ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން.

(ބ) އިކޮލޮޖިކަލް ސާރވޭއާއި، މެނޭޖްމަންޓް ޕްލޭނާއި، ހުށަހަޅާ ސަރަހައްދުގެ ބައުންޑަރީ މިނިސްޓްރީއަށް ހުށަހެޅުން.

(ޅ) ހުށަހަޅާ ސަރަހައްދު އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމާ ގުޅޭ ގޮތުން ނިންމާ ނިންމުމާއި، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާ.

(ކ) އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅެން.

(އ) އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު މޮނިޓަރކުރުން.

(ވ) އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދު އޯ.އީ.ސީ.އެމް. އަކުން އުނިކުރުން.

 

6 ވަނަ މާއްދާ - އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ޓޫރިސްޓު ރިޒޯޓެއްގެ ސަރަހައްދެއް އޯ.އީ .ސީ.އެމް. އެއް ގެ ގޮތުގައި ހިމެނުމަށް ހުށަހެޅޭނީ އެ ރިޒޯޓެއްގެ ވެރި ފަރާތަށެވެ.

(ށ) މި އުސޫލުގެ 5 ވަނަ މާއްދާގައިވާ ށަރުޠުތައް ހަމަވާ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ސަރަހައްދެއް އޯ.އީ.ސީ.އެމް. އެއް ގޮތަށް ކަނޑައެޅުމަށް އެދި ރިޒޯޓުގެ ވެރިފަރާތުން ހުށަހަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށް މިނިސްޓްރީއަށެވެ.

 

7 ވަނަ މާއްދާ - ސްކްރީންކުރުން

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދުތަކުގައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން މިނިސްޓްރީން ސްކްރީން ކުރަންވާނެއެވެ.

  1. އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދަކީ ރިސޯޓުގެ ސަރަހައްދުގެ ބައުންޑްރީ ނުވަތަ އިމުގެ ގޮތުގައި ފަތުރުވެރިކަމާބެހޭ ސިޔާސަތު ކަނޑައަޅާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސަރަހައްދެއް ނުވަތަ ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓު ރިޒޯޓާއި، ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ ގަވާއިދު) ގެ ދަށުން ކަނޑައަޅައިފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ފަރު ނުވަތަ ފަޅުގެ ސަރަހައްދަކަށް ވުމާއި، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2018-78 78 (ގުދްރަތީ ނުވަތަ ޠަބީއީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދަކަށް ނުވުން ނުވަތަ އެފަދަ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފައިވާ ސަރަހައްދެއް ކަމަށް ނުވުން؛
  2. އޯ.އީ.ސީ.އެމް. އެއްގައި ހުންނަންޖެހޭ އަންނަނިވި އަސާސީ ސިފަތައް ހިމެނޭ ސަރަހައްދަކަށް ވުން.
    2.1 ދެމެހެއްޓެނިވި އުސޫލުން ދިގުމުއްދަތަކަށް މެނޭޖުކޮށް ބަލަހައްޓާ ސަރަހައްދެއްކަން ޔަގީންވުން؛
    2.2 މި ސަރަހައްދު މެނޭޖުކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލު ހިމާޔަތްވެ ރައްކައުތެރިވެގެންދިއުމަށް މަގުފަހިވުން؛
    2.3 ތިމާވެށްޓަށް ގެއްލުންދޭ ފަދަ ހަރަކާތްތަކެއް ހިނގާ ސަރަހައްދެއްކަމަށް ނުވުން؛
    2.4 ދިރޭތަކެތީގެ މުއްސަނދިކަމަށް ގެއްލުންލިބޭ ފަދަ އެކިއެކި ނުރައްކާތައް މެނޭޖުކުރެވޭ ސަރަހައްދަކަށް ވުން.
  3. އެ ސަރަހައްދަކަށް ހިނގާ ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން ކުރުން ހުއްދަ ކަންތައްތަކުގެ ސަބަބުން ނުވަތަ މަނާ ކަންތައްތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލު ރައްކައުތެރިކޮށް ބެލެހެއްޓޭކަން އެނގެން އޮތުން؛
  4. އެ ސަރަހައްދުން، ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި އެކުލަވައިލައިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކްރީން ކުރާ ކަންކަން ފުރިހަމަވާ ސަރަހައްދުތަކަކީ "ކެންޑިޑޭޓް އޯ.އީ.ސީ.އެމް" އެވެ.(ނ) މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމަށް 
ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ސަރަހައްދުތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް މިނިސްޓްރީން ސްކްރީންކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކްރީން ކުރާ ކަންކަން ފުރިހަމަވާ ސަރަހައްދުތަކަކީ "ކެންޑިޑޭޓް އޯ.އީ.ސީ.އެމް" ކަމުގައި ކަނޑައަޅައި، މިނިސްޓްރީން އެކަން ރިޒޯޓުގެ ވެރި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓް އޯ.އީ.ސީ.އެމް. އެއް ކަމަށް 
ސަރަހައްދެއް ކަނޑައަޅާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި އުސޫލުގެ 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ރިޒޯޓުގެ ވެރިފަރާތުން ފުރިހަމަކޮށްފައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅައިފައި ނުވާނަމަ، އެ ސަރަހައްދެއް "ކެންޑިޑެޓް އޯ.އީ.ސީ.އެމް" ގެ ލިސްޓުން އުނި ކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - އިކޮލޮޖިކަލް ސަރވޭ ކުރުން

(ހ) ރިޒޯޓުތަކުގެ ސަރަހައްދުން އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ސަރަހައްދުތަކުގައި އިކޮލޮޖިކަލް ސަރވޭއެއް ކުރުމަށްފަހު މިނިސްޓްރީއަށް އިކޮލޮޖިކަލް ސަރވޭ ރިޕޯޓު ހުށަހަޅަންވާނެއެވެ. މި އިކޮލޮޖިކަލް ސަރވޭ ކުރުމުގައި ބޭނުންކުރަންވާނީ، އަންނަނިވި ގައިޑްލައިނާއި، ފްރޭމްވާރކާއި އިޖުރާއަތުތަކުގައި ކަނޑައަޅައިފައިވާ އަންނަނިވި ޕްރޮޓޮކޯލްތަކެވެ.

  1. ޑިސެންބަރު 2021 ގައި ށާއިއުކޮށްފައިވާ "ގައިޑްލައިންސް ފޮރ ކޮރަލްރީފް އެންޑް ސްމޯލް އައިލެންޑް ވެޖިޓޭށަން ސަރވޭސް އިން ދަ މޯލްޑިވްސް"؛
  2. މޯލްޑިވްސް ނޭށަނަލް ކޮރަލްރީފް މޮނިޓަރިންގ ފްރޭމްވާރކް؛ 
  3. އޮކްޓޫބަރު 2020 ގައި ށާއިއުކޮށްފައިވާ މޯލްޑިވްސް ސީގްރާސް މޮނިޓަރިންގ ނެޓްވާރކް މޮނިޓަރިންގ މެތަޑްސް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރވޭ ކުރުމަށް އިތުރު ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އެއްވެސް އިދާރާއެއްގެ ހުއްދަ ނުވަތަ އެޕްރޫވަލް ބޭނުންވާނަމަ، އެކަން ހުށަހެޅި ފަރާތުން ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރވޭއާއި އެ ސަރވޭގެ ނަތީޖާގެ ސައްހަކަން ދެނެގަތުމަށް ޓަކައި އިކޮލޮޖިކަލް ސަރވޭ ރިޕޯޓާއެކު ވީޑިއޯ ޓްރާންސެކްޓް ހިމަނައި، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިކޮލޮޖިކަލް ސަރވޭ ރިޕޯޓް ތައްޔާރުކުރެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ރިޒޯޓުގެ މެރިންބައޮލޮޖިސްޓުން މެދުވެރިކޮށް. ނުވަތަ؛
  2. ރިޒޯޓުގެ ވެރިފަރާތުން އައްޔަނުކުރާ ރެޖިސްޓަރޑް ސާރވޭ ޓީމަކުން.

(ބ) ހުށަހަޅާ ސަރަހައްދުގެ އިކޮލޮޖިކަލް ސާރވޭ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ ކަންކަން ހުންނަންވާނެއެވެ.

 

9 ވަނަ މާއްދާ - މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން

އޯ.އީ.ސީ.އެމް. އެއް ގޮތަށް ހުށަހަޅާ ސަރަހައްދު ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭން، ރިޒޯޓު ހިންގާ ފަރާތުން، މި އުސޫލުގެ ޖަދުވަލު 4 ގައިވާ ގޮތަށް ތައްޔާރުކޮށްފައި، މިނިސްޓްރީއަށް އެ ޕްލޭން ހުށަހަޅަންވާނެއެވެ. މި ޕްލޭން ވާންވާނީ،ދިގުމުއްދަތަށް އަމަލުކުރާ ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި މުރާޖާކޮށް އައުކުރެވޭ ޕްލޭނަކަށެވެ.

 

10 ވަނަ މާއްދާ - ހުށަހަޅާ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުން

(ހ) އޯ.އީ.ސީ.އެމް.ގެ ގޮތުގައި ހުށަހަޅާ ސަރަހައްދުތަކުގެ ބައުންޑަރީ އޯ.އީ.ސީ.އެމް. އެއް ގޮތަށް ހުށަހަޅާ ރިޒޯޓުގެ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި ރިޒޯޓުގެ ފަރާތުން ހުށަހަޅާ ބައުންޑަރީއަކީ ރިސޯޓުގެ ސަރަހައްދުގެ އިމުގެ ގޮތުގައި ފަތުރުވެރިކަމާބެހޭ ސިޔާސަތު ކަނޑައަޅާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސަރަހައްދަކަށް ވާންވާނެއެވެ. އެ ސަރަހައްދަކީ ބްރައިން އަދި ސީ އައުޓްފޯލް، ވޯޓަރ ވިލާ، ވެލި ޕަމްޕް ކުރާ އަދި މިހާރު ރިޒޯޓުގައި ހުރި އިންފްރާސްޓްރަކްޗަރއާއި ކުރިޔަށް އޮތް ތަނުގައި ރިޒޯޓުގައި ގާއިމްކުރުމަށް ގަސްތުކުރާ އިންފްރާސްޓްރަކްޗަރއާ މަދުވެގެން 100 (އެއްސަތޭކަ) މީޓަރު ދުރުގައި އޮންނަ ސަރަހައްދަކަށް ވާންވާނެއެވެ.

(ށ) އޯ.އީ.ސީ.އެމް.ގެ ގޮތުގައި ހުށަހަޅާ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނީ ފަތުރުވެރިކަމާބެހޭ ސިޔާސަތު ކަނޑައަޅާ މިނިސްޓްރީއާއި ށައުގުވެރިކަން ފާޅުކުރާ ރިޒޯޓުގެ ވެރިފަރާތުގެ މަށްވަރާޔާއެކު، މިނިސްޓްރީންނެވެ. 

 

11 ވަނަ މާއްދާ - ހުށަހަޅާ ސަރަހައްދު އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅުމާ ގުޅޭ ގޮތުން ނިންމާ ނިން މުން

އޯ.އީ.ސީ.އެމް. އެއް ގޮތަށް ހުށަހަޅާ ސަރަހައްދުތައް މި އުސޫލުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ހުށަހެޅުމުން، ހުށަހަޅާތާ ގިނަވެގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާމެދު ނިންމާ ގޮތް ރިޒޯޓުގެ ވެރިފަރާތަށް ލިޔުމުން އަންގަންވާނެއެވެ. މިނިސްޓްރީން ގޮތް ނިންމުމުގައި ރިއާޔަތްކުރާނީ ހުށަހަޅާ ފަރާތުން ހުށަހަޅާ ފުރިހަމަކޮށްފައިވާ ހުށަހެޅުމަށެވެ.

 

12 ވަނަ މާއްދާ - އޯ.އީ.ސީ.އެމް. އެއް ކަމުގައި ކަނޑައެޅުން

(ހ) މި އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން އޯ.އީ.ސީ.އެމް. އެއް ގޮތަށް ހުށަހަޅާ ސަރަހައްދުތައް އޯ.އީ.ސީ.އެމް. އެއް ކަމަށް ކަނޑައެޅުމަށް ނިންމައިފިނަމަ، އެ ސަރަހައްދަކީ އޯ.އީ.ސީ.އެމް. އެއް ކަމުގައި ކަނޑައަޅައި، މި އުސޫލުގެ ޖަދުވަލު 5 ގައިވާ މައުލޫމާތު ހިމަނައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޯ.އީ .ސީ.އެމް. އެއް ކަމަށް ކަނޑައަޅާ ސަރަހައްދުތައް "ވޯލްޑް ޑޭޓާބޭސް އޮން ޕްރޮޓެކްޓެޑް އޭރިއާސް" ގައި މިނިސްޓްރީން ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޯ.އީ.ސީ.އެމް. އެއް ކަމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައިފައި، މިނިސްޓްރީގެ ވެބްސައިޓުގައި އެ ދަފުތަރު ށާއިއު ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އޯ.އީ.ސީ.އެމް މޮނިޓަރކުރުން

(ހ) އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުތައް މޮނިޓަރކޮށް، އެ ސަރަހައްދުތަކުގެ ހާލަތު އެނގޭ ރިޕޯޓެއް، އަހަރަކު 1) އެކެއް) ފަހަރު، ރިޒޯޓުގެ ވެރިފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މޮނިޓަރިންގ ރިޕޯޓުގައި، މި އުސޫލުގެ ޖަދުވަލު 6 އާއި ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.

 

14 ވަނަ މާއްދާ - އޯ.އީ.ސީ.އެމް ލިސްޓުން އުނިކުރުން

(ހ) މި އުސޫލުގެ ދަށުން އޯ.އީ.ސީ.އެމް. ގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދެއް އޯ.އީ.ސީ.އެމް.އެއްގެ ގޮތުގައި އުނިކުރަން ރިޒޯޓުގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ، އެކަމަށް އެދި ސިޓީއަކުން މިނިސްޓްރީއަށް އެދުމުން، އެއްވެސް ށަރުޠަކާ ނުލައި، އޯ.އީ.ސީ.އެމް.ގެ ގޮތުގައި އެ ސަރަހައްދެއް ކަނޑައެޅި ކަނޑައެޅުން ބާޠިލު ކުރަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން އޯ.އީ.ސީ.އެމް . ގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދެއްގައި އަންނަނިވި ކަންކަން ފުރިހަމަ ނުވާނަމަ، ރިޒޯޓުގެ ވެރިފަރާތަށް އެކަން އަންގައި، އެކަން އިސްލާހުކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް، ރިޒޯޓުގެ ވެރި ފަރާތަށް މިނިސްޓްރީން ދޭންވާނެއެވެ. އަދި އެ މުއްދަތުގައި އެ ކަންކަން ފުރިހަމަ ކޮށްފައި ނުވާނަމަ، އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން މިނިސްޓްރީން ބާޠިލު ކުރަންވާނެއެވެ.

  1. މި އުސޫލުގެ 9 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރާ މެނޭޖްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލެއް ހިންގުން؛
  2. މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ރިޕޯޓު، ރިޒޯޓުގެ ވެރިފަރާތުން މިނިސްޓްރީއަށް ހުށަނޭޅުން؛ އަދި 
  3. ހުށަހަޅާ މޮނިޓަރިންގ ރިޕޯޓުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް، އެ ސަރަހައްދުގެ ހާލަތު ގޯސްވެ އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ކަނޑައެޅުމުގެ ށަރުޠުތައް ފުރިހަމަ ނުވުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޯ.އީ.ސީ.އެމް.ގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން ބާޠިލުކުރާ ހާލަތުގައި، އެކަން އާންމުކޮށް އަންގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި މިފަދައިން އުނިކުރާ އޯ.އީ.ސީ.އެމް، މި އުސޫލުގެ 12 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ދަފުތަރުން އުނިކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހައި ނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާމާނަކުރުމެވެ.

(ހ) "އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް (ސަގާފީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގްތިސާދީ ބޭނުންތަކާއި، އެހެނިހެން ބޭނުންތަކަށް ) މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެކެވެ.

(ށ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ރިޒޯޓު" ކަމުގައި ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށެވެ.

(ރ) "ރިޒޯޓުގެ ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށް، ނުވަތަ ފަޅުގެ ސަރަހައްދު ނުވަތަ ފަރުގެ ސަރަހައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ހަމަޖައްސާ ފަރާތަށެވެ.

(ބ) "ރެޖިސްޓަރޑް ސަރވޭ ޓީމް" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ސާރވޭޔަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ސާރވޭޔަރ ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ޓީމަކަށެވެ.

(ޅ) "ވޯލްޑް ޑޭޓާބޭސް އޮން ޕްރޮޓެކްޓެޑް އޭރިއާސް" ކަމުގައި ބުނެފައި އެވަނީ، ދުނިޔޭގައި ހިމާޔަތްކޮށްފައިވާ އަދި މެނޭޖުކޮށްފައިވާ އެންމެހާ ސަރަހައްދުތައް އެއްތަނަކުން ފެންނަ ގޮތަށް ޔުނައިޓެޑް ނޭށަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ވާލްޑް ކޮންޒަވޭށަން މޮނިޓަރިންގ ސެންޓަރުން ބަލަހައްޓަމުންދާ ޕޯޓަލަށެވެ.

 

މި އުސޫލުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު/ގަވާއިދު

ނެތް

 

ގުޅުންހުރި ގާނޫނާއި ގަވާއިދު

  1. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)
  2. ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު -2012-07)
  3. ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-78)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު