ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2018-106)

މި ފައިލް އަދި އަޕްލޯޑްކޮށް ނުނިމޭ

1 ވަނަ މާއްދާ - ތަޢާރަފު

މިއީ، ފުވައްމުލަކު ސިޓީގެ ބައެއް ސަރަޙައްދުތަކަކީ، ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަޙައްދުތަކަކީ ރައްކައުތެރިކުރަންޖެހޭ ސަރަޙައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަޙައްދުގެ އިންތައް ވަކިކޮށް އެ ސަރަޙައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި ބެލެހެއްޓުމާއި، އެ ސަރަޙައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިޞާދީ ފައިދާ ޢާންމު ރައްޔިތުންނަށް ލިބިދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ޢާންމުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ.

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔަނީ "ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އެވެ.

3 ވަނަ މާއްދާ - މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދުތައް ތިރީގައި މިވަނީއެވެ.

(ހ) ޙިމާޔަތްކޮށްފައިވާ ސަރަޙައްދާއި އެ ސަރަޙައްދުގެ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި ބެލެހެއްޓުމާއި، ޢާންމު ރައްޔިތުންނަށް ދެމެހެއްޓެނިވިގޮތެއްގައި އެ ސަރަޙައްދުން ފައިދާ ލިބިދިނުން؛

(ށ) ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކައުތެރިކޮށް ބެލެހެއްޓުމަށާއި، މުޖުތަމަޢުގެ ޢާންމު މަންފާއަށްޓަކައި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިޖުތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށާއި، މި ގަވާއިދު ތަންފީޛުކުރުމަށްޓަކައި ކުރާ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޚަރަދުތައް ކުރުމަށް އާމްދަނީ ހޯދުމުގެގޮތުން އިޤްތިޞާދީ ހަރަކާތްތައް ހިންގުން.

4 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ފަހުންނެވެ.

5 ވަނަ މާއްދާ - ގަވާއިދު ތަންފީޛުކުރުން

(ހ) މި ގަވާއިދުގެ ދަށުން ވިޒިޓަރ ސެންޓަރ ހިންގައި މެނޭޖްކޮށް، އެތަނުންދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ތަންފީޛުކުރާނީ، މިނިސްޓްރީގެ މެނޭޖްމަންޓް ޔުނިޓުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަހައްދު މެނޭޖްކުރާނީ މެނޭޖްމަންޓް ޔުނިޓުންނެވެ. މި ގަވާއިދު ތަންފީޛުކުރަމުންދާގޮތް ބަލައި މެނޭޖްމަންޓް ޔުނިޓަށް އިޞްލާޙުކުރުމަށް އަންގަންޖެހޭ ކަންކަން އެންގުމާއި، މި ގަވާއިދުގެ ދަށުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، މި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، އަދި އެޖެންސީއަށް ލިބިފައިވާ ބާރާއި މެންޑޭޓުގެ ތެރެއިން ޙިމާޔަތްކޮށްފައިވާ ސަރަހައްދު ބޭނުންކުރާނެ ގޮތްތައް ކަނޑައަޅާނީ އެޖެންސީންނެވެ.

6 ވަނަ މާއްދާ - ޙިމާޔަތްކޮށްފައިވާ ސަރަހައްދު

(ހ) ޙިމާޔަތްކޮށްފައިވާ ސަރަހައްދު އެކުލެވިގެންވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ބަންޑާރަ ކިޅިއާއި ކޮޑަ ކިޅިއާއި، އެ ކިޅި އިންވެގެންވާ ޗަސްބިމުގެ 26.62 ހެކްޓަރުގެ ސަރަހައްދާއި، ދަޑިމަގި ކިޅިއާއި އެ ކިޅި އިންވެގެންވާ ޗަސްބިމުގެ 37.11 ހެކްޓަރުގެ ސަރަހައްދާއި، ފުވައްމުލަކު އުތުރުކޮޅުގައިވާ ތުނޑީގެ 35.18 ހެކްޓަރުގެ ސަރަހައްދާއި، އެ ސަރަހައްދުތަކުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، ދިރިއުޅޭ ދޫނިސޫފާސޫތްޕާއި، އެހެނިހެން ދިރުންތަކާއި، ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޖިއޮގްރެފިކް ކޯޑިނޭޓްތަކާއި އެ ސަރަހައްދުގެ ޒޯންތައް ބެހިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ޗާޓުގައި އެވަނީއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، މި މާއްދާގެ (ހ) ގައި ބުނާ ޙިމާޔަތްކޮށްފައިވާ ސަރަހައްދަކީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން ދެމެހެއްޓުމަށްޓަކައި ރައްކައުތެރިކުރަންޖެހޭ ސަރަހައްދެއްގެގޮތުގައި ކަނޑައެޅުނީއެވެ.

(ނ) ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅީގެ ސަރަހައްދު ޒޯން ކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ.

  1. ކޯ އޭރިއާ:
    މިއީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ބަންޑާރަ ކިޅިއާއި އެ ކިޅި އިންވެގެންވާ 7.31 ހެކްޓަރުގެ ސަރަހައްދާއި، ދަޑިމަގި ކިޅިއާއި އެ ކިޅި އިންވެގެންވާ 9.19 ހެކްޓަރުގެ ސަރަހައްދެވެ. އަދި މި ގަވާއިދުގެ ބޭނުމަށްޓަކައި ކޯ އޭރިއާކަމަށް ބުނެފައިއެވަނީ، އެ ސަރަހައްދުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، ދިރިއުޅޭ ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި، އެހެނިހެން ދިރުންތަކާއި، ޤުދުރަތީ ވަސީލަތްތައް ހިމެނޭގޮތުގެ މަތިންނެވެ.

  2. ބަފަރ އޭރިއާ:
    މިއީ، މި ގަވާއިދުގެ 1 ވަނަ ޖަދަވަލުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ކޯ އޭރިއާ އިންވެގެންވާ 47.23 ހެކްޓަރުގެ ސަރަޙައްދެވެ. އަދި، މި ގަވާއިދުގެ ބޭނުމަށްޓަކައި، ބަފަރ އޭރިއާ ކަމަށް ބުނެފައި އެވަނީ، އެ ސަރަޙައްދުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، ދިރޭ ތަކެއްޗާއި، ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެހެނިހެން ދިރުންތަކާއި، ޤުދުރަތީ ވަސީލަތްތައް ހިމެނޭގޮތުގެ މަތިންނެވެ.

7 ވަނަ މާއްދާ - ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ހަރަކާތްތެރިވުން

(ހ) ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

  1. ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ވަނުމަށް މެނޭޖްމަންޓް އޮފީހުން ހުއްދަކޮށްފައިވާ މަގުތަކުން ފިޔަވައި، އެހެން ގޮތްގޮތަށް އެ ސަރަޙައްދަށް ވަނުން؛

  2. ކުނި އެޅުން؛

  3. ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް އިންޖީނުލީ އުޅަނދުފަހަރުތަކުގައި ވަނުން؛

  4. މެނޭޖްމަންޓް ޔުނިޓުގެ ސްޓާފުންނާއި، އެޖެންސީގެ ސްޓާފުންނާއި، ޤާނޫނީ ވާޖިބު އަދާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މި ގަވާއިދުގައިވާ ގޮތުގެ މަތިން ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ވަނުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އެ ސަރަޙައްދަށް ވަނުން؛

  5. މެނޭޖްމަންޓް ޔުނިޓުގެ ހުއްދަ ހޯދުމަށްފަހު މެނުވީ، ފެތުމަށާއި އެހެނިހެން ބޭނުންތަކަށް ދަނޑިމަގި ކިޅިއާއި ބަންޑާރަ ކިޅިއާއި ކޮޑަ ކިޅިއަށް ފޭބުން؛

  6. ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި، އެ ސަރަޙައްދުގެ އެހެނިހެން ތަންތަނުގައި އަލިފާން ގެންގުޅުމާއި، ބޭނުންކުރުން؛

  7. ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން؛

  8. ނިވާކަންކުޑަ ހެދުން ލައިގެން އުޅުން؛

  9. ސަރުކާރުން ބިނާކޮށްފައިވާ އެއްވެސް އިމާރާތަކަށް ގެއްލުންދިނުން؛

  10. މާޙައުލާ ނުގުޅޭ އެއްވެސް ދިރޭއެއްޗެއް ސަރަޙައްދަށް ތަޢާރަފުކުރުން؛

  11. ދިރޭތަކެއްޗަށް ގޯނާކުރުން.

  12. ދިރޭތަކެއްޗާއި ދިރުން ނުހުންނަ އެއްވެސް އެއްޗެއް އެ ސަރަހައްދުން ބޭރަށް ގެންދިއުން.

(ށ) މި މާއްދާގެ (ހ) ގެ (iii) ވަނަ ނަންބަރާއި (iv) ވަނަ ނަންބަރުގައި އެހެންއޮތްނަމަވެސް، ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޢާންމުކޮށް ބޭނުންކުރުމަށް ހެދިފައިވާ މަގުތައް ބޭނުންކުރުމަށާއި، ތުނޑީގެ ސަރަހައްދަށް ވަނުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

8 ވަނަ މާއްދާ - ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯން-1 ކޯ އޭރިޔާގައި ހަރަކާތްތެރިވުން

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ކޯ އޭރިޔާގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(ހ) ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެހެނިހެން ދިރޭތަކެއްޗަށް ކާންދިނުން.

(ށ) އެއްވެސް ޢިމާރާތެއްކުރުން.

(ނ) މެނޭޖްމަންޓް ޔުނިޓުގެ ހުއްދަ ލިބިގެން މެނުވީ، ކެނޯ، ޕެޑަލް ބޯޓް ފަދަ އިންޖީނު ނުހަރުކޮށް ހަރަކާތްތެރިވާނެ ތަކެތި ބޭނުންކުރުން.

(ރ) ރުއްގަސް ކެނޑުމާއި، އުފުރުން.

9 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބަފަރ އޭރިޔާގައި ހަރަކާތްތެރިވުން

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބަފަރ އޭރިޔާގައި، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(ހ) ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި، ދިރޭ އެހެނިހެން ތަކެއްޗަށް ކާންދިނުން.

(ށ) އެޖެންސީގެ ހުއްދަ ލިޔުމުން ހޯދައިގެންނޫނީ ވަގުތީގޮތުންނަމަވެސް އެއްވެސް ކަހަލަ ޢިމާރާތެއް ކުރުން.

(ނ) މެނޭޖްމަންޓް ޔުނިޓުގެ ހުއްދަ ލިބިގެންމެނުވީ، ކެނޯ، ޕެޑަލް ބޯޓް ފަދަ އިންޖީނު ނުހަރުކޮށް ހަރަކާތްތެރިވާނެ ތަކެތި ބޭނުންކުރުން.

(ރ) އެޖެންސީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ، މި ސަރަހައްދުން ރުއްގަސް ކެނޑުމާއި އުފުރުން.

(ބ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފިޔަވައި، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލި އުފުރުމާއި ކެނޑުން.

10 ވަނަ މާއްދާ - ތުނޑީ ސަރަހައްދުގައި ހަރަކާތްތެރިވުން

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތުނޑީ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(ހ) ވެއްޔާއި، މުރަކައާއި، އަކިރިއާއި ގައު ނެގުން؛

(ށ) ރުއްގަސް ކެނޑުމާއި އުފުރުން؛

(ނ) ތުނޑީ ސަރަޙައްދުގައި ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުން ބޭރު ސަރަޙައްދުތަކަށް ކުނި އެޅުން؛

(ރ) އެޖެންސީގެ ހުއްދަ ލިޔުމުން ހޯދައިގެންނޫނީ، ވަގުތީގޮތުންނަމަވެސް އެއްވެސް ކަހަލަ އިމާރާތެއް ކުރުން؛

(ބ) ވިޔަފާރީގެ ބޭނުމަށް މަސް ބޭނުން؛

11 ވަނަ މާއްދާ - ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ރެކްރިއޭޝަނަލް ފެސިލިޓީ ޤާއިމްކުރުން

(ހ) ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތްތައް ހިންގުމަށްޓަކައި، ރެކްރިއޭޝަނަލް ފެސިލިޓީއެއް ޤާއިމްކުރެވިފައިވާނެއެވެ.

(ށ) ރެކްރިއޭޝަނަލް ފެސިލިޓީން އަންނަނިވި ޚިދުމަތްތައް ލިބެންހުންނާނެއެވެ.

  1. ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މަޢުލޫމާތު އަންގައިދިނުމާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކުމާއި ދައްކައިލުން؛

  2. ކެފެޓީރިއާ؛

  3. ބައިސިކަލް ކުއްޔަށް ދޫކުރުން؛

  4. ކެނޯއާއި، ޕެޑަލް ބޯޓް ކުއްޔަށް ދޫކުރުން؛

  5. ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މާޙައުލާއި ފުވައްމުލަކު ސިޓީގެ ތާރީޚީ ތަންތަނާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ ގައިޑެޑް ޓުއަރތަކާއި، އެހެނިހެން ޓުއަރތައް؛

  6. ޕިކްނިކާއި، ބާބެކިއު؛

  7. ޝަވަރާއި، ފާޚާނާއާއި ލޮކަރުގެ ޚިދުމަތް؛

  8. އެކިއެކި ޙަފްލާތަކާއި، އިވެންޓްތަކަށް ތަން ކުއްޔަށްދިނުން.

(ނ) މި މާއްދާގެ (ށ) ގައިވާ ވަކިވަކި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެމަތިން ވިޔަފާރީގެ އުސޫލުން، ތިންވަނަ ފަރާތަކަށް ހަވާލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ރެކްރިއޭޝަނަލް ފެސިލިޓީގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުން ޚިދުމަތްތައް ހޯދަންވާނީ މެނޭޖްމަންޓް ޔުނިޓުން ވިއްކާ އެކްސެސް ޕަރމިޓްއެއްގެ ދަށުންނެވެ. މި ޕަރމިޓް ބޭނުންކުރެވޭނީ 1 (އެކެއް) ފަހަރުއެވެ. މި ޕަރމިޓް ދިވެހިންނަށާއި ބިދޭސީންނަށް ވިއްކާ އުސޫލާއި ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކަށް ފީނެގުމުގައި ޢަމަލުކުރާނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު 3 ގައި އެވަނީއެވެ.

(ބ) ރެކްރިއޭޝަނަލް ފެސިލިޓީން އެއްފަހަރާ އެންމެ ގިނަވެގެން ޚިދުމަތް ފޯރުކޮށްދެވޭނީ 50 (ފަންސާސް) މީހުންނަށެވެ.

(ޅ) މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާގޮތުގެމަތިން މެންބަރޝިޕް ފީ ދައްކާ ފަރާތްތަކަށް މެނޭޖްމަންޓް ޔުނިޓުން އަގުހެޔޮ ރޭޓެއްގައި ޚިދުމަތްތައް ލިބެންހުންނާނެއެވެ.

(ކ) ކޮންމެ އެކްސެސް ޕަރމިޓެއްގެ ދަށުން ރެކްރިއޭޝަނަލް ފެސިލިޓީގައި މަޑުކުރުމަށް ހުއްދަދެވޭނީ އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރަށެވެ. 5 (ފަހެއް) ގަޑިއިރަށްފަހު އިތުރުވާ ކޮންމެ 1 (އެކެއް) ގަޑިއިރަކަށް މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެމަތިން އިތުރު ފީއެއް ނެގޭނެއެވެ.

(އ) ރެކްރިއޭޝަނަލް ފެސިލިޓީގައި ކުރިއަށްގެންދާ ޚިދުމަތްތަކުގެ ގަޑިތަކާއި، އެ ޚިދުމަތްތަކުގެ އަގުތަކާއި، ފެސިލިޓީގައި ވިއްކަން ބަހައްޓާފައިހުންނަ ތަކެތީގެ އަގުތައް، ގަވާއިދުގައިވާ ގޮތުގެމަތިން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނަންވާނެއެވެ.

(ވ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރު ޚިދުމަތްތައް މި ސަރަޙައްދުގައި ފޯރުކޮށްދޭންވާނީ، ވެޓްލޭންޑް އެޑްވައިޒަރީ ބޯޑާއި ފަންޑް ބޯޑުގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.

(މ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުތަކަށް ބަދަލެއް ގެންނަންވާނީ ފަންޑު ބޯޑުގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.

(ފ) މި ގަވާއިދުގެ ދަށުން ބިދޭސީންގެ އަތުން ނެގުމަށް ކަނޑައަޅާފައިވާ ފައިސާ ޔޫ.އެސް ޑޮލަރުން ނުވަތަ އެއިރެއްގެ އެކްސްޗޭންޖް ރޭޓަށް ބަލައި ޔޫ.އެސް ޑޮލަރަށްވާ ދިވެހި ރުފިޔާއިން ނެގިދާނެއެވެ.

(ދ) ކެފެޓީރިއާ ހިންގުމުގައި، ނުވަތަ ކުއްޔަށްދިނުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދޭންވާނެއެވެ.

  1. މައިގަނޑުގޮތެއްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް،

  2. ކާބޯތަކެތި ވިއްކުމުގައި ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކުމަށް،

  3. ފުވައްމުލަކު ސިޓީގެ އުފެއްދުންތައް ވިއްކުމަށް،

  4. ތިމާވެށްޓާ ރައްޓެހި ޕެކޭޖިންގައި ތަކެތި ވިއްކުމަށް،

(ތ) އެގްޒިބިޝަން އޭރިޔާގައި ތަކެތި ވިއްކުމުގައި، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

  1. ވިއްކަން ބަހައްޓާފައި ހުންނަ ތަކެއްޗަކީ މުޅިންވެސް ދިވެހި އުފެއްދުންތަކަށްވުން.

  2. ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ ތެރެއިން މަދުވެގެން %50 (ފަންސާސް އިންސައްތަ) ތަކެއްޗަކީ ފުވައްމުލަކު ސިޓީގައި އުފައްދާ ތަކެއްޗަށްވުން.

  3. ވިއްކާ ތަކެތި، ޕްލާސްޓިކް ޕެކޭޖިންގައި ވިއްކުމަކީ މަނާކަމެކެވެ.

(ލ) ރެކްރިއޭޝަނަލް ފެސިލިޓީގައި، ކުނި އެޅުމަށްޓަކައި ލޭބަލް ހަރުކޮށްފައި ބަހައްޓާފައިވާ ޑަސްބިންތައް ފިޔަވައި އެހެން ތަންތަނަށް ކުނިއެޅުމަކީ މަނާކަމެކެވެ.

(ގ) ސަލާމަތާއި ރައްކައުތެރިކަމުގެގޮތުން ރެކްރިއޭޝަނަލް ފެސިލިޓީއާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި، އަންނަނިވި އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ.

  1. ރެކްރިއޭޝަނަލް ފެސިލިޓީގެ ލައިފް ގާޑް ޕޯސްޓުގައި، ފެސިލިޓީ ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައި ލައިފް ގާޑެއް ހުރުން،

  2. ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލައިފްޖެކެޓް ފޯރުކޮށްދިނުން،

  3. ލައިފް ގާޑް ޕޯސްޓުގައި ލައިފް ރިންގްއާއި، ފަސްޓް އެއިޑް ކިޓާއި، އަޑުގަދަކުރާ ހުރުން،

  4. އަލިފާން ނިވާނެ އިންތިޒާމު ހަމަޖައްސާފައިހުރުން.

(ޏ) ރެކްރިއޭޝަނަލް ފެސިލިޓީން ހިންގާ ހަރަކާތްތަކުގައި، ޓުއަރ ގައިޑުންގެގޮތުގައި ޙިމާޔަތްކުރެވިފައިވާ ސަރަހައްދުގައިވާ ފާލަންތައް (ވޯކް ބޯޑު)

12 ވަނަ މާއްދާ - ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައިވާ ފާލަންތައް (ބްރޯޑް ވޯކް)

(ހ) ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅީގައި ތަނުގެ މާޙައުލުގެ ތިމާވެށިކަން ފެންނަ ގޮތަށް ހަދާފައިވާ ފާލަންތަކުގެ މައްޗަށް އެއްވެސް ދުއްވާ އެއްޗެއް އެރުވުމަކީ މަނާކަމެކެވެ.

(ށ) ފާލަންތަކުގައި ކުނި އެޅުމަށްޓަކައި ލޭބަލް ހަރުކޮށްފައި ބަހައްޓާފައިވާ ޑަސްބިންތައް ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާކަމެކެވެ.

(ނ) ކޮންމެ ފާލަމަކަށް އެއްފަހަރާ 30 (ތިރީސް) މީހުންނަށްވުރެ ގިނައިން އެރުމަކީ މަނާކަމެކެވެ.

(ރ) ފާލަންތައް މަތީގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގުމަކީ މަނާކަމެކެވެ.

13 ވަނަ މާއްދާ - ޙިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރުން

(ހ) ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ށ) މި ސަރަހައްދުގައި ހަރަކާތްތެރިވާ ކޮންމެ ދަނޑުވެރިއެއްގެ އަތުގައި، މެނޭޖްމަންޓް ޔުނިޓުން ދޫކުރާ، ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމުގެ ހުއްދަ އޮންނަންވާނެއެވެ.

(ނ) ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ހިންގާ ޢަމަލުތަކުގެ ޒިންމާ، އެ މަސައްކަތް ކުރާ ފަރާތްތަކުންނާއި، އެ ބަޔަކާ ޙަވާލުވެގެން ހުންނަ އިސްފަރާތަކުން ޤާނޫނުގައިވާ ގޮތުގެ މަތިން އުފުލަންވާނެއެވެ.

(ރ) ދަނޑުބިންތަކުގައި އުފެދޭ ކުނި ޒިންމާދާރުކަމާއެކު ނައްތާލުމަކީ ދަނޑުވެރިންގެ ޒިންމާއެކެވެ.

14 ވަނަ މާއްދާ - ޙިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ވިޔަފާރީގެ ބޭނުމަށް ފޮޓޯނެގުމާއި ވީޑިއޯ ކުރުން

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރެއިން ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅީގެ ސަރަހައްދުގައި، ވިޔަފާރީގެ ބޭނުމަށާއި ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނެގުމާއި ވީޑިއޯކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި މާއްދާގެ ބޭނުމަށްޓަކައި ޓީވީ ޗެނަލްތަކުންނާއި އެހެނިހެން ގޮތްގޮތުން އިޝްތިހާރުކުރުމަށް ފޮޓޯނެގުމާއި ވީޑިއޯކުރުން ބެލެވޭނީ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމުގެ ގޮތުގައެވެ.

15 ވަނަ މާއްދާ - ޙިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ދިރާސާކުރުން

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރެއިން ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅީގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ދިރާސާއެއް ކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު