-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ. 

(ނ) މި އުސޫލަށް ކިޔާނީ، "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ނަން ހާމަކުރުން

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ނުވަތަ ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

  1. ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ، 2 (ދޭއް) ނޯޓިސް ދީފައިވުމާއ،ި ނޯޓިހުގެ މުއްދަތު ހަމަވެފައިވުން؛ (އިސްލާހު ކުރެވިފައި)

  2. ފައިސާ ނުދައްކާ ފަރާތެއް ކަމުގައި ވާނަމަ، ނުދައްކާ ހުރި އަދަދު، މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތިވުން؛
  3.  އިންކަމް ޓެކްސް ނޫން އެހެން ޓެކުހެއް ނަމ،ަ މަހަކު 1 (އެކެއް) ފަހަރު ބަޔާން ހުށަހެޅުން ލާޒިމް ފަރާތްތައް، ފާއިތުވި 6 (ހައެއް) މަސްދުވަހުގެ އަދި 3 (ތިނެއް) މަހުން 1 (އެކެއް) މަހު ބަޔާން ހުށަހަޅާ ފަރާތްތައް، ފާއިތުވި 2 (ދޭއް) ކުއާޓަރުގެ ޓެކްސް ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުން؛ (އިސްލާހު ކުރެވިފައި)
  4. އިންކަމް ޓެކްސްނަމަ، ފާއިތުވި އަހަރުގެ ފައިނަލް ޓެކްސް ބަޔާން ނުވަތަ އިންޓެރިމް ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުމާއި، އެ ޓެކްސް އަހަރާ ގުޅޭގޮތުން އެ ފަރާތަކުން މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ ބޮޑު އާމްދަނީއެއް ޑިކްލެއަރ ކޮށްފައިވުން؛ (އިސްލާހު ކުރެވިފައި)
  5. ޓެކްސް ދައްކާ ފަރާތުގެ ކޮމްޕްލަޔަންސް ރިސްކަށް ބަލައި، ރިސްކް ޕްރޮފައިލިންގއިން ނަން ހާމަކުރަން ފެންނަ ފަރާތެއްގެ ގޮތުގައި ކަނޑައެޅުން؛

(ށ) ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، އެ ފަރާތުން ނުދައްކާ ހުރި އަދަދު މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތިވާނަމައެވެ.

(ނ) މި އުސޫލުގެ ދަށުން ހާމަކުރާނީ، ޓެކްސް ދައްކާ ފަރާތުގެ ނަމާއި، އެޑްރެހާއި، ރަޖިސްޓަރ ނަންބަރާއި، ޓިންއާއި، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަމެވެ. (އިސްލާހު ކުރެވިފައި)

(ރ) މި އުސޫލުގެ ދަށުން ނަން ހާމަކުރެވޭނެ މަރުހަލާތައް؛ (އިސްލާހު ކުރެވިފައި)

  1. މީރާގެ ވެބްސައިޓުގައި ށާއިއުކުރުމާއެކު ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުގައި އިއުލާނުކުރުން؛
  2. ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ، އެ މަރުހަލާއެއްގައި މަދުވެގެން 15 (ފަނަރަ) ދުވަހު އިއުލާނު ކުރުމަށް ފަހުގައެވެ.

 

3 ވަނަ މާއްދާ - ނަން ހާމަކުރުމުގެ ކުރިން ޔަގީންކުރަންޖެހޭ ކަންކަން

(ހ) މި އުސޫލުގެ ދަށުން އެއްވެސް ފަރާތެއްގެ ނަން ހާމަކުރުމުގެ ކުރިން، އެ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކޮށްފައިވާ ނުވަތަ އުނިކުރަން އެދިފައިވާ ނުވަތަ މަރުވެފައިވާ ނުވަތަ ލިކުއިޑޭޓް ކުރުމުގެ މަރުހަލާގައިވާ ފަރާތެއް ނޫންކަން؛
  2. (އުނި ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޔަގީންކުރުމުގެ މަރުހަލާގައި،ޓެކްސް ބަޔާން ހުށަނާޅާކަމަށް ނުވަތަ ފައިސާ ނުދައްކާ ކަމަށް މީރާއިން ބުނާ ބުނުމާމެދު އެ ފަރާތުން ޖަވާބުދާރ ވުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މީރާއިން ބުނާ ބުނުމާމެދު ޓެކްސް ދައްކާ ފަރާތުން އިންކާރުކުރާނަމަ، އެ ފަރާތުން ދައްކާ ވާހަކަތަކުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުން ޖަވާބުދާރ ވުމަށް ދީފައިވާ ފުރުސަތުގެ ބޭނުން ކޮށްފައި ނުވާނަމަ، ނުވަތަ އެ ފަރާތުގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ އީމެއިލް އެޑްރެހުން ނުވަތަ އެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރު ކަމަށް މީރާގައި ރަޖިސްޓަރ ކޮށްފައިވާ ފޯނު ނަންބަރުން ނުގުޅުމުގެ ސަބަބުން، ނުވަތަ އެ ފަރާތުގެ އެޑްރެސް ކަމަށް މީރާއަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން އެ ފަރާތުގެ ބަހެއް ހޯދޭ ގޮތް ނުވެއްޖެނަމަ، އެ ފަރާތެއްގެ ނަން މި އުސޫލުގެ ދަށުން ހާމަކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ނަން ހާމަކުރާނެ ގޮތް

(ހ) ޖީ.އެސް.ޓީ. އާއި، ޖީ.އާރް.ޓީ. އާއި، ވިތުހީލްޑިންގ ޓެކުހާ ގުޅިގެން ނަން ހާމަކުރުން؛

ޖީ.އެސް.ޓީ. އާއި، ޖީ.އާރް.ޓީ. އާއި، ވިތުހޯލްޑިންގ ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގައްޔާއި، ސެޕްޓެންބަރު މަހުގައެވެ. މިގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަރުހަލާތަކުގައި، އެ ތަރުތީބުން، އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

(ށ) އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރުން؛ 

އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އޮކްޓޫބަރު މަހެއްގައެވެ. އެގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަންސާތަކުގައި، އެ ތަރުތީބުން، އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

(ނ) ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން؛

  1. ޓޫރިޒަމް ދާއިރާއާއި އެގްރިކަލްޗަރަލް ދާއިރާގެ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ނަން، އަހަރަކު 2 (ދޭއް) ފަހަރު ހާމަކުރުން. މި ގޮތުން ނަން ހާމަކުރާނީ، އެޕްރީލް މަހުގައްޔާއި އޮކްޓޫބަރު މަހުގައެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ ނޫން އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، އަހަރަކު 1 (އެކެއް) ފަހަރުއެވެ. އެގޮތުން ނަން ހާމަކުރާނީ، ކޮންމެ އަހަރެއްގެ ޖުލައި މަހުގައެވެ.

(ރ) މި މާއްދާގެ ދަށުން ނަން ހާމަކުރުމުގައި އެއް މަރުހަލާގައި ނަން ހާމަކުރުމަށްފަހު އަނެއް މަރުހަލާގައި ނަން ހާމަކުރާނީ، ނަން ހާމަކުރުމުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

(ބ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ޓެކްސް ބަޔާން ހުށަނާޅާ އަދި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، މި މައްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތާރީހު ނޫން ތާރީހެއްގައި ހާމަކުރުމުގެ އިހުތިޔާރު،  ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ލިސްޓުގައިވާ ފަރާތަކުން ފައިސާ ދެއްކުން ނުވަތަ ބަޔާން ހުށަހެޅުން

ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފިނަމ،ަ ނުވަތަ ފައިސާ ދައްކައިފިނަމަ ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިނަމަ، އެ ފަރާތުގެ ނަން، މީރާގެ ލިސްޓުން އުނިކުރެވޭނެއެވެ. ނަމަވެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު،  އެ ފަރާތެއްގެ ނަން، އެ ލިސްޓުން އުންޏެއް ނުކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

 

6 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތްތައް

(ހ) ނުދައްކާ ހުރި ފައިސާއާ ގުޅިގެން 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށްފައިވާނަމ،ަ ނުވަތަ ކޯޓު މަރުހަލާގައިވާ މައްސަލައެއްނަމ،ަ އެ މައްސަލަ ނިމެންދެން، މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ނުދައްކާ ހުރި ފައިސާ ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް މީރާއާއެކު އައިސްފައިވާނަމަ، އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާނަމަ،މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

(ނ) ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ދައުލަތުގެ އިދާރާތަކުގެ ނަން، މި އުސޫލުގެ ދަށުން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - ސްޓިއަރިން ކޮމިޓ

މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެ ކަންކަން ކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، މި އުސޫލުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ވިލަރެސްކުރާނީ، އެ ކަމަށް ހާއްސަކޮށް ކޮމިށަނަރ ޖެނެރަލް އެކުލަވައިލާ ސްޓިއަރިންގ ކޮމިޓީންނެވެ. މި ކޮމިޓީ ގައި ހިމެނޭނީ ،މީރާގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޮވައިލެވޭ މުވައްޒަފުންނެވެ.

 

8 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

 

9 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)

ކިޔުންތެރިންގެ ހިޔާލު