-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10) އަށް 3 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-33)

(މި އުސޫލަށް އަމަލުކުރަން ފެށީ 20 އޮކްޓޫބަރު 2024 ގައި)

 

އުސޫލު ނަންބަރު 2022-10 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގަނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ނުވަތަ ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

  1. ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ 2 (ދޭއް) ނޯޓިސް ދީފައިވުމާއި، ނޯޓިހުގެ މުއްދަތު ހަމަވެފައިވުން؛
  2. ފައިސާ ނުދައްކާ ފަރާތެއް ކަމުގައި ވާ ނަމަ، ނުދައްކައި ހުރި އަދަދު މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތިވުން؛
  3. ޓެކުހުގެ ގާނޫނުތަކުގައި ކަނޑައަޅައިފައިވާ ސުންގަޑިތަކާ އެއްގޮތަށް ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއް ކަމަށް ވުން؛
  4. (އުނިކޮށްފައި)
  5.  ޓެކްސް ދައްކާ ފަރާތުގެ ކޮމްޕްލަޔަންސް ރިސްކަށް ބަލައި، ރިސްކް ޕްރޮފައިލިންގއިން ނަން ހާމަކުރަން ފެންނަ ފަރާތެއްގެ ގޮތުގައި ކަނޑައެޅުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި އުސޫލުގެ ދަށުން ހާމަކުރާނީ، ޓެކްސް ދައްކާ ފަރާތުގެ ނަމާއި، އެޑްރެހާއި، ރަޖިސްޓަރީ ނަންބަރާއި، ޓިންއާއި، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަމެވެ. އަދި މިގޮތުން ނަން ހާމަކުރާއިރު އެހައިތަނަށް ނުދައްކައި އޮތް އަދަދާއި މުއްދަތު ހާމަކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ، އެ މަރުހަލާއެއްގައި މަދުވެގެން 5 (ފަހެއް) ދުވަހު އިއުލާނުކުރުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނަން ހާމަކުރުމުގެ ކުރިން ޔަގީންކުރަންޖެހޭ ކަންކަން 3.

(ހ) މި އުސޫލުގެ ދަށުން އެއްވެސް ފަރާތެއްގެ ނަން ހާމަކުރުމުގެ ކުރިން އެ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކޮށްފައިވާ ފަރާތެއް ނޫންކަން؛
  2. ނިޔާވެފައިވާ ފަރާތެއް ނޫންކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޔަގީންކުރުމުގެ މަރުހަލާގައި، ޓެކްސް ބަޔާން ހުށަނާޅާކަމަށް ނުވަތަ ފައިސާ ނުދައްކާކަމަށް މީރާއިން ބުނާ ބުނުމާމެދު އެ ފަރާތުން ޖަވާބުދާރ ވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުން ޖަވާބުދާރީ ވުމަށް ދީފައިވާ ފުރުސަތުގެ ބޭނުންކޮށްފައި ނުވާ ނަމަ ނުވަތަ އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އީމެއިލް އެޑްރެހުން ނުވަތަ އެ ފަރާތަކާ ގުޅޭނެ ފޯނުު ނަންބަރުކަމަށް މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފޯނު ނަންބަރުން ނުގުޅުމުގެ ސަބަބުން ނުވަތަ އެ މައުލޫމާތު ހިއްސާކޮށްފައި ނުވުމުގެ ސަބަބުން ނުވަތަ އެއްބާރުލުން ނުލިބުމުގެ ސަބަބުން، އެ ފަރާތުގެ ބަހެއް ހޭދޭ ގޮތް ނުވެއްޖެ ނަމަ، އެ ފަރާތެއްގެ ނަން މި އުސޫލުގެ ދަށުން ހާމަކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާއާ ގުޅިގެން ނަން ހާމަކުރުން؛ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާއާ ގުޅިގެން މީރާއިން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަރުހަލާތަކުގައި، އެ ތަރުތީބުން، އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުން.

(ށ) (އުނިކޮށްފައި)

(ނ) (އުނިކޮށްފައި)

 

7 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ބ) އުނިކުރުން.

(ބ) (އުނިކޮށްފައި)

 

8 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ނުދައްކާ ހުރި ފައިސާއާ ގުޅިގެން، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒު ކޮށްފައިވާ ނަމަ ނުވަތަ ކޯޓު މަރުހަލާގައިވާ މައްސަލައެއް ނަމަ، އެ މައްސަލަ ނިމެންދެން، މި އުސޫލުގެ ދަށުން އެ ފައިސާއާ ގުޅޭގޮތުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

 

9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

ކިޔުންތެރިންގެ ހިޔާލު