-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު 2022-10) އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-23)

(މި އުސޫލަށް އަމަލުކުރަން ފެށީ 7 އޮގަސްޓް 2023 ގައި)

 

އުސޫލު ނަންބަރު 2022-10 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ، 2 (ދޭއް) ނޯޓިސް ދީފައިވުމާއ،ި ނޯޓިހުގެ މުއްދަތު ހަމަވެފައިވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) އިންކަމް ޓެކްސް ނޫން އެހެން ޓެކުހެއް ނަމ،ަ މަހަކު 1 (އެކެއް) ފަހަރު ބަޔާން ހުށަހެޅުން ލާޒިމް ފަރާތްތަ އ،ް ފާއިތުވި 6 (ހައެއް) މަސްދުވަހުގެ އަދި 3 (ތިނެއް) މަހުން 1 (އެކެއް) މަހު ބަޔާން ހުށަހަޅާ ފަރާތްތައ،ް ފާއިތުވި 2 (ދޭއް) ކުއާޓަރުގެ ޓެކްސް ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) އިންކަމް ޓެކްސްނަމަ، ފާއިތުވި އަހަރުގެ ފައިނަލް ޓެކްސް ބަޔާން ނުވަތަ އިންޓެރިމް ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުމާއި، އެ ޓެކްސް އަހަރާ ގުޅޭގޮތުން އެ ފަރާތަކުން މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ ބޮޑު އާމްދަނީއެއް ޑިކްލެއަރ ކޮށްފައިވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ޓެކްސް ބަޔާން ހުށަނާޅާ އަދި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، މި މައްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތާރީހު ނޫން ތާރީހެއްގައި ހާމަކުރުމުގެ އިހުތިޔާރު،  ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.

ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފިނަމ،ަ ނުވަތަ ފައިސާ ދައްކައިފިނަމަ ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިނަމަ، އެ ފަރާތުގެ ނަން، މީރާގެ ލިސްޓުން އުނިކުރެވޭނެއެވެ. ނަމަވެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު،  އެ ފަރާތެއްގެ ނަން، އެ ލިސްޓުން އުންޏެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ނުދައްކާ ހުރި ފައިސާއާ ގުޅިގެން 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށްފައިވާނަމ،ަ ނުވަތަ ކޯޓު މަރުހަލާގައިވާ މައްސަލައެއްނަމ،ަ އެ މައްސަލަ ނިމެންދެން، މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ދައުލަތުގެ އިދާރާތަކުގެ ނަން، މި އުސޫލުގެ ދަށުން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

 

8 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

ކިޔުންތެރިންގެ ހިޔާލު