އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު
(އުސޫލު ނަންބަރު 2022-08)
1 ވަނަ މާއްދާ - ތައާރުފު
(ހ) މިއީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
(ށ) މި އުސޫލަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 3 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 4-44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ މީރާ އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް އެ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމާއެކު، މި ފުރުސަތު ދިނުމުގައި ހަމަހަމަކަމާއެކު ދެފުށް ފެންނަހެން އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކަން އެދޭ ފަރާތްތައް
(ހ) ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް ނޯޓިސް ފޮނުވައިފައި ވިޔަސް، ނުވަތަ ނުލިބި ހުރި ފައިސާ ހޯދުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް، ނުވަތަ މިފަދަ ފިޔަވަޅެއް ނޭޅި ނަމަވެސް، އެއްފަހަރާ ފައިސާ ދެއްކެން ނެތްކަމަށް ބަޔާންކޮށް، ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވިދާނެއެވެ.
(ށ) ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް މި އުސޫލުގެ ދަށުން ފުރުސަތު ދެވޭ ފަރާތަކުން، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދާހައި ހިނދަކު، އެ ފައިސާ ހޯދުމުގެ ގޮތުން އެ ފަރާތާމެދު ފިޔަވަޅެއް ނާޅާނެއެވެ.
4 ވަނަ މާއްދާ - ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ ށަރުތުތައް
(ހ) ނުދައްކާ ހުރި ފައިސާ ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމަށް މި އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ، އަންނަނިވި އެންމެހައި ށަރުތުތައް ފުރިހަމަވުމުންނެވެ.
- ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމަށް އެދޭ ފައިސާއަކީ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށް ވުން؛
- އެ ފަރާތަކުން އެ ޓެކުހަކާ ގުޅޭގޮތުން އެ ދުވަހާ ހަމަޔަށް މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިފައި ވުން؛
- ނުދައްކާ ހުރި ފައިސާއާ ގުޅޭގޮތުން ދައްކަންޖެހޭކަމަށް މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުން؛
- ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތާވަލާއި، ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭކަމަށް މީރާއިން ކަނޑައަޅާ ކަންކަމަށް އެއްބަސްވެ، އިންސްޓޯލްމަންޓްއެއްބަސްވުމެއްގައި މީރާއާއެކު އެ ފަރާތުން ސޮއިކުރުން؛
- އިންސްޓޯލްމަންޓަށް ބަހައިލުމަށް އެދޭ ފައިސާއަކީ، މީގެ ކުރިން ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު ދީފައިވާ ފައިސާއަކަށް ނުވުން؛
- މީރާ އާއި އެ ފަރާތާއެކު އިންސްޓޯލްމަންޓް އެއްބަސްވުމެއް ހަދައިފައިވާނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ނުދައްކާ ހުރި ފައިސާ ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މާލީހާލަތާއި، ކޮމްޕްލަޔަންސް ހިސްޓްރ އާއި،ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އެ ފުރުސަތު ނުދިނުމުގެ އިހްތިޔާރު،ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދި ހުށަހެޅުން
(ހ) ފައިސާ ނުދައްކާ ހުރި ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާ ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމަށް އެދޭނަމަ، "އިންސްޓޯލްމަންޓަށް އެދުން" (905 MIRA) ފޯމު ފުރިހަމަކުރުމަށްފަހު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި އުސޫލުގެ ދަށުން ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ހަމަޖައްސައިދެވޭ ފަރާތްތަކުން ދައްކަންޖެހޭ ކޮންމެ އިންސްޓޯލްމަންޓެއްގެ މުއްދަތަކީ، މީލާދީ 1 (އެކެއް) މަސްދުވަހެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ، އެ ފަރާތަކުން އެ ވަގުތަކު، އެ ޓެކުހަކާ ގުޅޭގޮތުން ނުދައްކާ ހުރި ނުވަތަ ފައިސާ ދެއްކުމަށް އެއްބަސްވެފައިނުވާ ހުރިހާ ފައިސާއަކަށް (އެއާ ގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓް ހިމެނޭ ގޮތުން) އެއްކޮށެވެ.
6 ވަނަ މާއްދާ - ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުން
(ހ) ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު ދެވޭނީ، މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
(ށ) ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނީ، އެ ފުރުސަތު ދެވިދާނެކަމަށް އެ ފަރާތަކަށް އަންގައި، މި އުސޫލުގެ ޖަދުވަލުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމަށް އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ އެނޫންވެސް މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމުންނެވެ.
(ނ) ފައިސާ ދެއްކުމަށް ހަމަޖައްސައިދެވޭ އިންސްޓޯލްމަންޓުގެ އަދަދު ކަނޑައެޅުމުގައި ބަލާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ދައްކާ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުގެ ކުރިން އެ ފަރާތުން ދައްކަންޖެހިފައިވާ ޖުމުލަ އަދަދަށެވެ.
(ރ) ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން މީރާއިން ހިންގާ ހާއްސަ ހަރަކާތެއްގެ ތެރެއިން އިންސްޓޯލްމަންޓް ދެވޭ ފަރާތަކަށް، މި އުސޫލުގެ ޖަދުވަލުގައިވާ ގޮތަށްވުރެ ލުއިކޮށް ވެސް އިންސްޓޯލްމަންޓް ދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި މި ގޮތުން އިންސްޓޯލްމަންޓް ދޭ ފަރާތްތަކުގެ މައުލޫމާތު، މީރާގެ ބޯޑާ ހިއްސާ ކުރަންވާނެއެވެ.
7 ވަނަ މާއްދާ - އިންސްޓޯލްމަންޓާ ގުޅޭ އެހެނިހެން ކަންކަން
(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް، އިންސްޓޯލްމަންޓުގެ ތެރޭގައި ހިމެނޭ ޓެކްސް ނުވަތަ އެނޫންވެސް ފައިސާ، އެ ފައިސާ ދެއްކުމުގެ ސުންގަޑިއަށް ދައްކައިފައި ނުވާތ އަރަމުންދާ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް، އެ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރުމާ ހަމަޔަށް އަރަމުންދާނެއެވެ.
(ށ) ފައިސާ ނުދައްކާ ހުރި ފަރާތަކުން، މި އުސޫލުގެ ދަށުން ދައްކާ ފައިސާ އަޅައިކެނޑޭނީ، އެ ފަރާތުން ދައްކަންޖެހިފައިވާ ޕްރިންސިޕަލް އަދަދު، އެއަށްފަހު ޖޫރިމަނާ، އަދި އެއަށްފަހު އިންޓްރެސްޓް، މި ތަރުތީބުންނެވެ.
(ނ) ނުދައްކާ ހުރި ފައިސާ ހޯދުމުގެ ގޮތުން އެކައުންޓް ފްރީޒްކޮށްފައިވާނަމަ، ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ދެވޭނީ، އުސޫލު ނަންބަރު 2022-09 (ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން އެ ފަރާތުގެ ބެންކު އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ނެގެންހުރި ހުރިހާ ފައިސާ ނެގުމަށް ފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހިފައިވާ ފައިސާ،އިންސްޓޯލްމަންޓް އެގްރީމަންޓެއްގެ ދަށުން ދެއްކުމަށް އެއްބަސްވާނަމަ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ދެއްކުމުން ނުވަތަ ފްރީޒްކޮށްފައިވާ އެކައުންޓުން ކޮމިޓްމަންޓް ޕޭމަންޓުގެ ފައިސާ ނެގުމުން، އެ އެކައުންޓް ދޫކޮށްލުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ބ) މި އުސޫލުގެ ދަށުން ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތާ 30 (ތިރީސް) ދުވަސް ފާއިތުވެފައިވާނަމަ، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅޭނެއެވެ.
(ޅ) އެއްބާވަތެއްގެ ޓެކުހާ ގުޅޭގޮތުން ދައްކަންޖެހޭ ފައިސާ އެއްކޮށްލައިގެން އިންސްޓޯލްމަންޓް ދެވިދާނެއެވެ. ނަމަވެސް މި ގޮތަށް އިންސްޓޯލްމަންޓް ދޭނީ، އެ ޓެކުހާ ގުޅޭގޮތުން ދައްކަންޖެހޭ ފައިސާ އެއްކޮށްލުމުން، އިންސްޓޯލްމަންޓް ދިނުމުގައި ބަލާ ތްރެށްހޯލްޑަށްވުރެ އިތުރުވާނަމައެވެ.
(ކ) މި އުސޫލުގައިވާ އެންމެހައި ކަންކަން ފުރިހަމަ ނުވިޔަސް، ޓެކްސް ދައްކާ ފަރާތުގެ މާލީހާލަތާއި، ކޮމްޕްލަޔަންސް ހިސްޓްރ އާއި، ވަގުތާ ހާލަތަށް ރިއާޔަތްކޮށް، ބަހައިލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - އިންސްޓޯލްމަ ންޓުގެ އެއްބަސްވުން ބާތިލުވާ ހާލަތުތައް
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓުގެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި ދައްކައިފައި ނުވާނަމަ، އިންސްޓޯލްމަންޓުގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު ،ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މަގުބޫލު އުޒުރެއް ކަމަށް ބަލާނީ، އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެފައިވާ ނަމައެވެ.
(ހ) އެކްސިޑެންޓެއް ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުން؛
(ށ) އެ ކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުން؛
(ނ) ޓެކްސް ދައްކާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އެނޫންވެސް ކަމެއް ކުރިމަތިވުން.
9 ވަނަ މާއްދާ - ކޯޓުގައި ދައުވާ އުފުލޭ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް
ފައިސާ ނުދައްކާ ފަރާތަކުން ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދައުވާ އުފުލާ މައްސަލައެއްގައި، ދައުވާކުރާ ފައިސާ ދެއްކުމަށް ކޯޓުން ހުކުމްކުރުމަށްފަހު، ބަހައިލައިގެން އިންސްޓޯލްމަންޓަށް އެ ފައިސާ ދެއްކުމުގެ ފުރުސަތެއް އެ ފަރާތަކަށް ނުދެވޭނެއެވެ.
10 ވަނަ މާއްދާ - ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޓެކުހުގެ އުސޫލު ހިންގުން
މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާއާ ގުޅިގެން އިންސްޓޯލްމަންޓް ދިނުމުގައި އަމަލުކުރާނީ، އެ ފައިސާއެއްގެ ބެލެނިވެރި އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
11 ވަނަ މާއްދާ - މުއްދަތު ގުނުން
މި އުސޫލުގަ-އި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.
12 ވަނަ މާއްދާ - މާނަކުރުން
އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "ކޮމިޓްމަންޓް ޕޭމަންޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގަތުމަށް ޓަކައި މި އުސޫލުގެ ޖަދުވަލުތަކުގައިވާ ގޮތުގެ މަތީން، އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މީރާއަށް ދައްކަންޖެހޭ ފައިސާއަށެވެ.
(ށ) "ކޮމްޕްލަޔަންސް ލެވެލް" ކަމުގައި ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް އެ ފަރާތްތަކުން ފުރިހަމަކުރާ މިންވަރަށެވެ.
(ނ) "އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.
(ރ) "ދައްކަންޖެހިފައިވާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓް ވެސް ހިމަނައިގެންނެވެ.
(ބ) "ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށެވެ.
(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.
13 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.
މި އުސޫލަށް ގެނެވުނު އިސްލާހު
މައި ގާނޫނާއި ގަވާއިދު
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 02010-03)
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)
ކިޔުންތެރިންގެ ހިޔާލު