ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ކޯޓުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2010-22)

ކޯޓުތަކުގެ ގާނޫނު

(ގާނޫނު ނަންބަރު 22/2010)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

އާންމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިހްތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު

ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، މި ގާނޫނުން ކަނޑައަޅާ ދަށު ކޯޓުތަކަށާއި، އެހެން ގާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށެވެ.

 

3ށަރީއަތްކުރުމުގައި ތަބާވާންޖެހޭ މަސްދަރުތައް

ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއްވެސް ނިންމަންވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާއި، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، އިސްލާމީ ށަރީއަތާއެއްގޮތްވާ ގޮތުގެމަތިންނެވެ.

 

ދެވަނަ ބާބު

ސުޕްރީމްކޯޓު

4 ވަނަ މާއްދާ - ސުޕްރީމްކޯޓާއި އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތު

(ހ) ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓެވެ.

(ށ) ގާނޫނުއަސާސީއާއި ގާނޫނުތައް މާނަކުރުމުގައާއި، ށަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

(ނ) ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަފަނޑިޔާރެވެ.

(ރ) ސުޕްރީމްކޯޓު ހިންގާންވާނީ، އެކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މަށްވަރާގެ މަތިން އެކުލަވާލެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އުއްތަމަފަނޑިޔާރެވެ.

 

5 ވަނަ މާއްދާ - ސުޕްރީމްކޯޓު އެކުލެވިގެންވާ ގޮތް (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް އައްޔަންކުރެވޭ އިތުރު 6 (ހައެއް) ފަނޑިޔާރުންނާއެކު، ޖުމްލަ 7 (ހަތެއް) ފަނޑިޔާރުންގެ މައްޗަށެވެ.

 

6 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގާނޫނީ އަދަދު

(ހ) ސުޕްރީމްކޯޓުން މައްސަލަތައް ބަލައި ނިންމާނީ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އަދި އެ މަޖިލީހުން ބަލާ ކޮންމެ މައްސަލައެއްގައިމެ އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ހުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެއެވެ. އަދި އެ މައްސަލައެއް ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިން އިއްވި ހުކުމްތަކުގެ އަގުލަބިއްޔަތު ނިސްބަތްވާގޮތެވެ.

(ށ) ގާނޫނުއަސާސީ ގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތައް ސުޕްރީމްކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމްކޯޓުގައި ހިމެނޭ

ހުރިހާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތުމަކުން، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބިގެން ކަނޑައަޅާ މައްސަލަތަކެއް، އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ބަލައި ނިންމުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ދައުރާއި ރިސެސް

(ހ) ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމްކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމްކޯޓު އޮންނާނީ ރިސެސްގައެވެ.

(ށ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި، ސުޕްރީމްކޯޓުގެ ށަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.

(ނ) އެކަށީގެންވާ ހަލުވިމިނެއްގައި ސުޕްރީމްކޯޓުން ބަލަމުންދާ މައްސަލަތައް ނިންމުމުގެ ބޭނުމުގައި، ސުޕްރީމްކޯޓުގެ އަގުލަބިއްޔަތު ލިބިގެން ކަނޑައަޅާ ކަނޑައެޅުމެއްގެ މައްޗަށް، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި، ސުޕްރީމްކޯޓުގެ ށަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) ސުޕްރީމްކޯޓު ރިސެސްގައި ވަނިކޮށް ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިއްޖެނަމަ، އެ ހިނދުން

ފެށިގެން ސުޕްރީމްކޯޓުގެ ރިސެސް ނިމުމަކަށް އައިސް، އެ ރިސެސްގެ ކުރިން ހިނގަމުންއައި ދައުރު އަލުން ހިނގަން ފަށާނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކުރާ ތިން ހާލަތުގައި ފިޔަވައި، ސުޕްރީމްކޯޓުގެ އަހަރީ ދައުރު ނިމޭއިރު ކޯޓުގައި ނުނިމި ހުރި މައްސަލަތައް ދެން ކުރިއަށް ގެންދާނީ ވިދިގެން އަންނަ ދައުރު ފެށުމުންނެވެ.

(ޅ) ސުޕްރީމްކޯޓުގެ ރިސެސްގެ މުއްދަތުގައި ށަރީއަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ކޯޓުގެ އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުވާނެއެވެ.

 

8 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ސިއްކަ

(ހ) ސުޕްރީމްކޯޓުގައި ބޭނުންކުރުމަށް، ސުޕްރީމްކޯޓުގެ ވަކި ސިއްކައެއް ތައްޔާރުކުރެވިފައި އޮންނަންވާނެއެވެ. ސުޕްރީމްކޯޓުގެ ނިންމުންތައް ލިޔެ ގަރާރުކުރެވޭ، އެ ކޯޓުގެ ލިޔުންތަކުގައްޔާއި ފަނޑިޔާރުން ނުވަތަ ފަނޑިޔާރަކު ސޮއިކޮށްފައިވާ، ސުޕްރީމްކޯޓުގެ ކޮންމެ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވިދިޔަ އެއްވެސް ލިޔުމެއް އެ ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.

(ށ) އުއްތަމަފަނޑިޔާރު ނުވަތަ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، އެއްވެސް ލިޔުމެއްގައި ސުޕްރީމްކޯޓުގެ ސިއްކަ ޖަހައިގެންނުވާނެއެވެ.

 

9 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ އިހްތިސާސް

އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ސުޕްރީމްކޯޓަށެވެ.

(ހ) ހަމައެކަނި ސުޕްރީމްކޯޓުން ބެލޭނެ ކަމަށް މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަތައް.

(ށ) އަސްލީ އިހްތިސާސް ލިބިފައިވަނީ ސުޕްރީމްކޯޓަށް ކަމަށް މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަތައް.

(ނ) ހައިކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް.

(ރ) ސުޕްރީމްކޯޓުގެ އިސްތިށާރީ ލަފާއަށް އެދި މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ބ) ގާނޫނުއަސާސީގެ 143 ވަނަ މާއްދާ (ހ) ގެ ދަށުން ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތައް.

(ޅ) ސުޕްރީމްކޯޓަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތްކަމަށް ވާތީ އޭގެ ޒާތުގައި އެ ކޯޓަށް ލިބިދޭ ބާރުގެ ދަށުން ބަލާ މައްސަލަތައް.

 

10 ވަނަ މާއްދާ - ހަމައެކަނި ސުޕްރީމްކޯޓުން ބެލޭނެ މައްސަލަތައް

ގާނޫނުއަސާސީ ނުވަތަ ގާނޫނުގައި އެ މައްސަލައެއް ބެލޭނީ ހަމައެކަނި ސުޕްރީމްކޯޓަށް ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމްކޯޓަށެވެ. އޭގެތެރޭގައި އަންނަނިވި މައްސަލަތައް ހިމެނެއެވެ.

(ހ) ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ށަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިގެން، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ށ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިއުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް ފުރިހަމަވާކަމާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމުގައި ދިމާވާކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ހިލާފެއް އުފެދިގެން، އެކަމެއް ވަކިގޮތަކަށް ނިންމުމަށްޓަކައި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ނ) ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި، އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

 

11 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް

(ހ) އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ސުޕްރީމްކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައިގެ ގޮތުގައި ބެލުމުގެ އިހްތިސާސް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.

 1. އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ
 2. އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ
 3. އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ސުޕްރީމްކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން، އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެންނެވެ.

 

12 ވަނަ މާއްދާ - ހައިކޯޓުން ނިންމާ މައްސަލަތައް

ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ އިސްތިށާރީ ލަފާއަށް އެދި ހުށަހަޅާ މައްސަލަތައް

(ހ) ގާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން، ހުށަހަޅާ މައްސަލަތަކާމެދު އިސްތިށާރީ ލަފާދިނުމުގެ އިހްތިސާސް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.

 

(ށ) މި މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގެ އިސްތިށާރީ ލަފާއަކަށް އެދޭ ހާލަތްތަކުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ލަފާ ދޭންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ މައްސަލަތައް ސުޕްރީމްކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން، އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެންނެވެ.

 

14 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ އަޑުއެހުންތައް

(ހ) ސުޕްރީމްކޯޓުގައި ބާއްވާ އެންމެހައި އަޑުއެހުންތައް ބާއްވަންވާނީ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި މި ގާނޫނުގެ 71 ވަނަ މާއްދާއިން ހުއްދަކުރާ ހާލަތްތަކުގައި ށަރީއަތެއް އެކުގައި ނުވަތަ ށަރީއަތުން ބައެއް އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ސުޕްރީމްކޯޓުގައި އެ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް ހުށަހެޅުން

(ހ) ހައިކޯޓުން ނިންމާ މައްސަލައެއް، މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ، ހައިކޯޓުން އެ މައްސަލައިގެ ހުކުމްކުރި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ. އެ 90 (ނުވަދިހަ) ދުވަސް ގުނާނީ، ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުންނެވެ.

(ށ) ހައިކޯޓުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު ކަމުގެ މަސްލަހަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސަންވާނެއެވެ.

(ނ) އަމިއްލަ ބާރު ނުފޯރާފަދަކަމެއް މެދުވެރިވެގެން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ސުޕްރީމްކޯޓަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، އެ މައްސަލަ ބަލައިގަތުމުގެ އިހްތިޔާރު ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ހުށަނޭޅުނީ މި މާއްދާގެ (ނ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެންކަމަށް ވާނަމަ، ސުޕްރީމްކޯޓަށް ގަބޫލުކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ އެފަދައިން ބުނާ ފަރާތެއްގެ ޒިންމާއެކެވެ.

 

16 ވަނަ މާއްދާ - ހައިކޯޓުގެ ހުކުމްތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް

މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހައިކޯޓުގެ ހުކުމްތަކާއި ނިންމުންތައް ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ހިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.

(ށ) ހައިކޯޓުގެ ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން.

 1. އަޑުއެހުން ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފުވެފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.
 2. ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ށަރުއީ ނުވަތަ ގާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން.
 3. ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން.
 4. ހުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

 

17 ވަނަ މާއްދާ - އިޖުރާއަތެއް ބާތިލުކަމަށް ހުށަހެޅުން

(ހ) ހުކުމްކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާތިލުކަމަށް ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ހުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ކޯޓުގައި އެ ނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދައުލަތުގެ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތަކުގައި އިޖުރާއަތުގެ ނުކުތާ، މައްސަލަ ބެލި ކޯޓުގައި ނަގާފައި ނުވިނަމަވެސް، އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު، އެ ނުކުތާ ފުރަތަމަ ފަހަރަށް ސުޕްރީމްކޯޓުގައި ނެގިދާނެއެވެ.

 

18 ވަނަ މާއްދާ - މައުޒޫއީގޮތުން މައްސަލަ ބެލުމުގައި އަމަލުކުރާނެގޮތް

ކޯޓެއްގެ އިހްތިސާސްއަކާ ހިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޒޫއީގޮތުން ބެލުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) އެ މައްސަލައަކީ މައުޒޫއީގޮތުން ބެލެން އޮތް މައްސަލައަކަށް ވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ސައްހަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި އަމަލުކުރަންޖެހޭ ގާނޫނީ އުސޫލު ކަނޑައަޅައި މައްސަލަ ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް ތަހުވީލުކުރުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހައިކޯޓުން މައްސަލައެއް އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ އުސޫލާއެއްގޮތަށް ހައިކޯޓުން އަމަލުކޮށްފައިނުވާނަމަ، ނުވަތަ ހައިކޯޓުން ދެވަނަ ފަހަރަށް ކުރި ހުކުމުގައި އިސްތިއުނާފުކުރުމަށް މި ގާނޫނު ހުއްދަކުރާ ސަބަބެއްއޮތްނަމަ، އެ މައްސަލަ ސުޕްރީމްކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނުނުކަމުގައި ވީނަމަވެސް، އެ ކަންތައް ބަލަން ހައިކޯޓަށް ތަހުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ސުޕްރީމްކޯޓުންނެވެ. އަދި މައްސަލަ ބެލުމުގައި، ކުރިން ހައިކޯޓަށް އަނބުރާ އެ މައްސަލަ ތަހުވީލުކުރިއިރު ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ އުސޫލުގެ ތަރަހައިގެ ތެރޭގައި ހުކުމްކުރުން ސުޕްރީމްކޯޓަށް ލާޒިމުވާނެއެވެ.

 

19 ވަނަ މާއްދާ - ހައިކޯޓުން މައްސަލަ އަލުން ބެލުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކުރާ މައްސަލަތަކުގައި، ހައިކޯޓުން މައްސަލަ މައުޒޫއީގޮތުން ބަލަންވާނީ އެ މައްސަލައެއްގައި ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ ނުކުތާގެ ތަރަހައިގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތަހުވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި މައްސަލައިގެ ބައެއްކަމުގައިވާނަމަ، ހައިކޯޓުން ބަލާނީ ހަމައެކަނި އެބައެކެވެ. އަދި، ހައިކޯޓަށް ތަހުވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާ ހުކުމް ދެމިއޮންނާނެއެވެ.

(ނ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލައެއްގައި ސުޕްރީމްކޯޓުން ބަލާފައިވަނީ ހަމައެކަނި އިސްތިއުނާފުކުރި ގާނޫނީ ނުކުތާކަމަށް ވީނަމަވެސް، ހައިކޯޓަށް ތަހުވީލުވުމަށްފަހު، މައްސަލައިގައި ކަންހިނގި ގޮތް އަލުން ބަލައި ވަޒަންކުރުމުގެ ފުރިހަމަ ބާރު އެ ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ ނުކުތާގައި ސުޕްރީމްކޯޓުން ނިންމާފައިވާ ގޮތާ ހިލާފުވާ ގޮތަކަށް ހައިކޯޓުން ހުކުމެއް ކޮށްގެންނުވާނެއެވެ.

(ރ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލަތައް ހައިކޯޓުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ހުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންނެވެ.

(ބ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ފޮނުވާ މައްސަލަތައް ހައިކޯޓުން ބެލުމުގައި، ހައިކޯޓަށް އަނބުރާ އެމައްސަލަ ފޮނުވާލިއިރު ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ އުސޫލު އެ މައްސަލައެއްގައި ހިމެނޭ ހަސްމުންނަށް އަންގައި އެކަމާމެދު އެ ހަސްމަކު ހުށަހަޅަންބޭނުންވާ ގާނޫނީ ނުކުތާތައް ހައިކޯޓުގެ އަޑުއެހުމެއްގައި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

 

20 ވަނަ މާއްދާ - ހުކުމަށް ތަބާވުމާއި ތައުނު ނުކުރެވުން

(ހ) މައްސަލައެއްގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓަކުން ތަބާވުން ލާޒިމު ނިންމުމެކެވެ.

(ށ) މައްސަލައެއްގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނީ އުސޫލަކާބެހޭގޮތުން ނުވަތަ ގާނޫނީ ނުކުތާ އަކާބެހޭގޮތުން ސުޕްރީމްކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، ނުވަތަ ބާތިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތުކުރުމަށް ސުޕްރީމްކޯޓަށް ލިބިދޭ އިހްތިޔާރަކަށް މި ގާނޫނުގައި ހުރަހެއްނެތެވެ.

 

21 ވަނަ މާއްދާ - މައްސަލައިގެ ލިޔުންތައް ފޮނުވުން

ސުޕްރީމްކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލައެއް އެ ކޯޓުން ބަލައިގަތުމަށްފަހު އެ މައްސަލަ ބަލައިގަތްކަން ސުޕްރީމްކޯޓުން ހައިކޯޓަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން އެންގުމުން އެ މައްސަލައާބެހޭ ހުރިހާ ލިޔެކިޔުމެއް 7 (ހަތެއް) ދުވަހުގެ ތެރޭގައި ހައިކޯޓުން ސުޕްރީމްކޯޓަށް ފޮނުވަންވާނެއެވެ.

 

22 ވަނަ މާއްދާ - ކޯޓުގެ ޒާތުގައި ލިބިގެންވާ އިހްތިސާސް

ގާނޫނުއަސާސީއިން ސުޕްރީމްކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުންނާއި މި ގާނޫނުގެ އެހެން މާއްދާތަކުން އެ ކޯޓަށްދީފައިވާ އިހްތިސާސްގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ އިހްތިސާސްވެސް އެ ކޯޓަށް ލިބިގެންވެއެވެ.

(ހ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން މި ގާނޫނާއި ސުޕްރީމްކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން އަދުލު އިންސާފު ގާއިމުކޮށް ދެމެހެއްޓުމަށާއި، އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު.

(ށ) މި ގާނޫނާއި ސުޕްރީމްކޯޓުގެ ގަވާއިދުގައި ހިމެނޭ އުސޫލުތަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ނުވަތަ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ އެކިއެކި އަމުރު ނެރުމުގެ ބާރު.

(ނ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ސުޕްރީމްކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމުގެ ބާރު.

(ރ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ހަގީގަތް ހޯދުމަށްޓަކައި، ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ހަސްމުން ކުރެ ހަސްމަކާ ކުރުމުގެ ބާރު.

(ބ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ސުޕްރީމްކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު.

 

23 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ

(ހ) ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ކޯޓުގައި ހިންގުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސުޕްރީމްކޯޓަށް އެހީތެރިވެދޭނެ ރަޖިސްޓްރާރަކު ހުންނަންވާނެއެވެ.

(ށ) (އުނި ކުރެވިފައި)

(ނ) ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ކަމަށް އައްޔަންކުރެވޭ މީހަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ށަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ.

(ރ) ރަޖިސްޓްރާރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ރަޖިސްޓްރާރެއް އައްޔަންކުރެވެންދެން ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އުއްތަމަފަނޑިޔާރު، އެކަމަށް ކަނޑައަޅާ މީހެކެވެ.

 

24 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަސްއޫލިއްޔަތު

ސުޕްރީމްކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ކުރުން ހިމެނެއެވެ.

(ހ) ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

(ށ) ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ސުޕްރީމްކޯޓުގެ ގަވާއިދާއެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާއެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ނ) ސުޕްރީމްކޯޓުގެ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

(ރ) ސުޕްރީމްކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ށާއިއުކުރުން.

(ބ) ސުޕްރީމްކޯޓުގެ ގަވާއިދުގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

 

25 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުމުގެ ހައްގު

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރު ލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ސުޕްރީމްކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، ކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. މިފަދަ ހުށަހެޅުންތައް ބަލާނެ އުސޫލެއް ސުޕްރީމްކޯޓުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލުން

ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލައި، އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން އައްޔަންކުރާނީ ހުރިހާ ފަނޑިޔާރުންނަށް ހަމަހަމަވާނެ އުސޫލަކުން އުއްތަމަފަނޑިޔާރެވެ.

 

ތިންވަނަ ބާބު

ހައިކޯޓު 

27 ވަނަ މާއްދާ - ހައިކޯޓު އެކުލެވިގެންވާ ގޮތް (އިސްލާހު ކުރެވިފައި)

(ހ) ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި، އެކޯޓަށް އައްޔަންކުރެވޭ އިތުރު 10 (ދިހައެއް) ފަނޑިޔާރުންނާއެކު ޖުމްލަ 11 (އެގާރަ) ފަނޑިޔާރުންގެ މައްޗަށެވެ.

(ށ) ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހައިކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަގާމުގައި ދެމިތިބޭނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ހަމަކުރުމަށްޓަކައި ހައކޯޓަށް އިތުރަށް އައްޔަންކުރަންޖެހޭ ފަނޑިޔާރުން، ގާނުނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އައްޔަންކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ހައިކޯޓުގެ ސިއްކަ

(ހ) ހައިކޯޓުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ އެ ކޯޓުގެ ވަކި ސިއްކައެއް އޮންނަންވާނެއެވެ. ހައިކޯޓުގެ ނިންމުންތައް ލިޔެ ގަރާރު ކުރެވޭ ހައިކޯޓުގެ ރަސްމީ ލިޔުންތަކުގައާއި އެ ކޯޓުގެ އެހެން ރަސްމީ ލިޔުންތަކުގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވިދިޔަ އެއްވެސް ލިޔުމެއް ހައިކޯޓުގެ ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.

 

(ށ) ހައިކޯޓުގެ އިސް ފަނޑިޔާރު ނުވަތަ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، އެއްވެސް ލިޔުމެއްގައި ހައިކޯޓުގެ ސިއްކަ ޖަހައިގެންނުވާނެއެވެ.

 

29 ވަނަ މާއްދާ - ހައިކޯޓުގެ އިސް ފަނޑިޔާރު

(ހ) ހައިކޯޓުގެ އެންމެ އިސް ފަނޑިޔާރަކީ ހައިކޯޓުގެ އިސް ފަނޑިޔާރެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމުން ހައިކޯޓަށް އިސް ފަނޑިޔާރެއް ޖުޑިށަލް ސާރވިސް ކޮމިށަނުން އައްޔަންކުރަންވާނެއެވެ.

(ށ) ހައިކޯޓު ހިންގާންވާނީ، އެކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މަށްވަރާގެ މަތިން އެކުލަވާލެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހައިކޯޓުގެ އިސް ފަނޑިޔާރެވެ.

 

30 ވަނަ މާއްދާ - ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މަސްއޫލިއްޔަތުގެ އިތުރުން އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މައްސަލަތައް ބަލާނެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލުމާއި އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން ކަނޑައެޅުން.

(ށ) އިޖުރާއީ ކަންކަމުގައި އެހެނިހެން ފަނޑިޔާރުންނަށް ލަފާދީ، އެހީތެރިވެދިނުން.

(ނ) އިޖުރާއީ ކަންކަމުގައި ރަޖިސްޓްރާރަށް އިރުށާދުދިނުން.

(ރ) ކޯޓުތަކުގެ ނިންމުންތަކާއި ހުކުމްތައް ފަނޑިޔާރުންނަށާއި، ގާނޫނީ ވަކީލުންނަށާއި، އާންމުންނަށް ފަސޭހައިން ބެލޭނެ އުސޫލަކާއި އިންތިޒާމެއް ހަމަޖެއްސުން.

(ބ) މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންވެސް ށަކުވާތައް ބަލައި، ފިޔަވަޅު އެޅުން.

(ޅ) ކޯޓުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މިނޫންވެސް ކަންކަން ކުރުން.

 

31 ވަނަ މާއްދާ - ހައިކޯޓުގެ ހައިސިއްޔަތު

(ހ) ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ.

(ށ) ގާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައެވެ.

 

32 ވަނަ މާއްދާ - ހައިކޯޓުގެ މައްސަލަ ބެލުމުގެ އުސޫލު

(ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުހަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.

(ނ) ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ.

 

33 ވަނަ މާއްދާ - ހައިކޯޓުގައި މައްސަލަ ހިންގުން

(ހ) ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދެންވާނެއެވެ. އަދި މިގޮތަށް ހައިކޯޓުން އެދުމުން މާލޭގެ ކޯޓުތަކުންނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަށު ކޯޓަކުންނަމަ، ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެއެވެ. މައްސަލައަކީ އަވަސް ނިޔާ މައްސަލައެއްނަމަ، މި މުއްދަތު މިއަށްވުރެ އަވަސްކުރުމަށް ހައިކޯޓަށް އެންގިދާނެއެވެ.

(ށ) އިސްތިއުނާފުކުރި މައްސަލައިގައި ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިހިނދެއްގައި، މައްސަލަ ނިންމުމަށްފަހު މައްސަލައާ ގުޅިގެން އެދިފައި ހުންނަ އެހެނިހެން ކަންތައްތަކުގައި ގޮތެއް ނިންމުމަށް ފޮނުވާނީ ކުރިން މައްސަލަ ނިންމި ދަށު ކޯޓަށެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކުރިން މައްސަލަ ބެލި ދަށު ކޯޓަށް ހައިކޯޓުން ފޮނުވާ މައްސަލަތައް ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ހުކުމްކުރި ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެކެވެ.

(ރ) އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެއެވެ.

(ބ) ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ ގަސްދުގައި ނުވަތަ އޮޅުވާލުމުގެ ގަސްދުގައި ނުވަތަ މީހަކަށް ލިބެންވާ ހައްގަކުން އެ ފަރާތް މަހްރޫމުކުރުމުގެ ގަސްދުގައި ނުވަތަ އެ ހައްގެއް ލިބިދިނުމަށް ހުރަސްއެޅުމުގެ ގަސްދުގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކަށްވާނަމަ، އެ މައްސަލަ އެގޮތަށް ހުށަހެޅުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަށް ބަދަލުދިނުމަށް ހުކުމްކުރުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގާނޫނީ އަދަދު

ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އަދި އެ މަޖިލީހުން ބަލާ ކޮންމެ މައްސަލައެއްގައިމެ އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ހުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެއެވެ. އަދި އެ މައްސަލައެއް ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިން އިއްވި ހުކުމްތަކުގެ އަގުލަބިއްޔަތު ނިސްބަތްވާގޮތެވެ.

 

35 ވަނަ މާއްދާ - ހައިކޯޓު ހިނގަމުންދާ ތަން (އިސްލާހު1 / އިސްލާހު2 (ސުރުހީއާއި މާޢްދާ) ކުރެވިފައި)

(ހ) ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ށަރީއަތްތަކުގެ އަޑުއެހުން އާންމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް އައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ގާއިމުވެ ތިބޭނީ، މާލޭގައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫ ލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ށަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ހައިކޯޓުގެ އިހްތިސާސް

އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވެއެވެ.

(ހ) ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް.

(ށ) ހައިކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް ކަމުގައި މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަތައް.

(ނ) ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް.

(ރ) ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް.

 

37 ވަނަ މާއްދާ - ހައިކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް

.ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ގާނޫނުއަސާސީއާއި މި ގާނޫނުގެ ދަށުން ސުޕްރީމްކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، އަންނަނިވި ބާވަތުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވެއެވެ.

(ހ) ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.

(ށ) ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.

 

38 ވަނަ މާއްދާ - ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް

ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ޓްރައިބިއުނަލަކުން ނިންމާ ނިންމުންތައް

ގނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވާ އަމުރެއް ނެރެފައިވަނީ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފަށްކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު ލިބިގެންވާ ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ - ށަކުވާ

ހައިކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ށަކުވާއެއް ކޮށްފިނަމަ، ހައިކޯޓުގެ އިސް ފަނޑިޔާރު އެ ށަކުވާއެއް ބަލައި، ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ފިޔަވަޅު އަޅަންވާނެއެވެ.

 

41 ވަނަ މާއްދާ - ހައިކޯޓުގެ އަޑުއެހުންތައް

(ހ) ހައިކޯޓުގައި ބާއްވާ އެންމެހައި އަޑުއެހުންތައް ބާއްވަންވާނީ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި މި ގާނޫނުގެ 71 ވަނަ މާއްދާއިން ހުއްދަ ކުރާ ހާލަތްތަކުގައި، ށަރީއަތެއް އެކުގައި ނުވަތަ ށަރީއަތުން ބައެއް އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ހައިކޯޓުގައި އެ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް ހުށަހެޅުން

(ހ) މި ގާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައެވެ.

 1. އެ މައްސަލައެއް ނިންމީ މާލޭގައި ގާއިމުވެފައިވާ ދަށު ކޯޓަކުންނަމަ، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި.
 2. އެ މައްސަލައެއް ނިންމީ މާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމުވެފައިވާ ދަށު ކޯޓަކުންނަމަ، އެ މައްސަލައެއް ނިންމިދުވަހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި.
 3. އެ މައްސަލައެއް ނިންމީ ޓްރައިބިއުނަލަކުންނަމަ، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި.

(ށ) މި މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުންނެވެ.

(ނ) ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު ކަމުގެ މަސްލަހަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް އެ ކޯޓަކުން ހަމަޖައްސަންވާނެއެވެ.

(ރ) އަމިއްލަ ބާރު ނުފޯރާފަދަކަމެއް މެދުވެރިވެގެން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، ބަލައިގަތުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ހުށަނޭޅުނީ މި މާއްދާގެ (ރ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެންކަމަށްވާނަމަ، ހައިކޯޓަށް ގަބޫލު ކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ، އެފަދައިން ބުނާ ފަރާތެއްގެ ޒިންމާއެކެވެ.

 

43 ވަނަ މާއްދާ - ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް

މި ގާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ހިލާފަށްކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުން.

(ށ) ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން.

 1. އަޑުއެހުން ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފުވުން.
 2. ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ށަރުއީ ނުވަތަ ގާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.
 3. ހުކުމުގައި ނުވަތަ ނިންމުމުގައި ހުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
 4. ހުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

 

44 ވަނަ މާއްދާ - ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ނިންމާ ނިންމުން ސުޕްރީމްކޯޓަށް އިސްތިއުނާފުކުރުން

(ހ) މި ގާނޫނާއި ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލައަކީ މި ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތަކަށް ނުފެތޭ މައްސަލައެއް ކަމަށާއި އެހެންކަމުން ހައިކޯޓުގައި އިސްތިއުނާފުނުކުރެވޭނެ މައްސަލައެއްކަމަށް ހައިކޯޓުން ނިންމައިފިނަމަ، އެ ނިންމުން ސުޕްރީމްކޯޓުގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިސްތިއުނާފުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހައިކޯޓުން ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން ދޭންވާނެއެވެ.

 

45 ވަނަ މާއްދާ - އިޖުރާއަތެއް ބާތިލުކަމަށް ހުށަހެޅުން

(ހ) ހުކުމްކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާތިލުކަމަށް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ހުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އެ ނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދައުލަތުގެ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތަކުގައި އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނަގާފައިނުވިނަމަވެސް، އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު، އެ ނުކުތާ ފުރަތަމަ ފަހަރަށް ހައިކޯޓުގައި ނެގިދާނެއެވެ.

 

46 ވަނަ މާއްދާ - މައުޒޫއީގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން އަމަލުކުރާނެ އުސޫލު

ކޯޓެއްގެ އިހްތިސާސްއަކާ ހިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޒޫއީގޮތުން ބެލުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) އެ މައްސަލައަކީ މައުޒޫއީގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ސައްހަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި އަމަލުކުރަންޖެހޭ ށަރުއީ ނުވަތަ ގާނޫނީ އުސޫލު ކަނޑައަޅައި، މައްސަލަ ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުކުރުން.

(ނ) ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ހައިކޯޓުން ކަނޑައެޅި ގާނޫނީ އުސޫލާ އެއްގޮތަށް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އަމަލުކޮށްފައިނުވާނަމަ، ނުވަތަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ދެވަނަ ފަހަރަށް ކުރި ހުކުމުގައި ނުވަތަ ނިންމި ނިންމުމުގައި އިސްތިއުނާފުކުރުމަށް މި ގާނޫނު ހުއްދަ ކުރާ ސަބަބެއް އޮތްނަމަ، އެ މައްސަލަ ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނޭ ނަމަވެސް، އެ ކަންތައް ބަލަން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ހައިކޯޓުންނެވެ. އަދި މައްސަލަ ބެލުމުގައި ކުރިން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަނބުރާ ތަހުވީލުކުރިއިރު ކަނޑައެޅި ގާނޫނީ އުސޫލުގެ ތަރަހައިގެ ތެރެއިން ހުކުމްކުރުން ހައިކޯޓަށް ލާޒިމުވާނެއެވެ.

 

47 ވަނަ މާއްދާ - ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުން

(ހ) މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން ބެލުމަށް ހައިކޯޓުން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުކުރާ މައްސަލަތަކުގައި، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ މައުޒޫއީގޮތުން ބަލަންވާނީ އެ ގަޒިއްޔާއެއްގައި ހައިކޯޓުން ހުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތަހުވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި، މައްސަލައިގެ ބައެއްކަމުގައިވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ ހަމައެކަނި އެބައެވެ. އަދި، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާ ހުކުމް ދެމިއޮންނާނެއެވެ.

(ނ) މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން ބެލުމަށް ހައިކޯޓުން ތަހުވީލުކުރާ މައްސަލަތައް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާ ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިއެކެވެ.

 

48 ވަނަ މާއްދާ - ކޯޓުގެ ޒާތުގައި ލިބިގެންވާ އިހްތިސާސް

ގާނޫނުން ހައިކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުންނާއި މި ގާނޫނުގެ އެހެން މާއްދާތަކުން އެ ކޯޓަށް ދީފައިވާ އިހްތިސާސްގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ އިހްތިސާސްވެސް އެ ކޯޓަށް ލިބިގެންވެއެވެ.

(ހ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން މި ގާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން އަދުލު އިންސާފު ގާއިމުކޮށް ދެމެހެއްޓުމަށާއި، އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު.

(ށ) މި ގާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ހިމެނޭ އުސޫލުތަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ނުވަތަ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ އެކިއެކި އަމުރު ނެރުމުގެ ބާރު.

(ނ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ނުވަތަ ކަމަކާ ގުޅިގެން ހައިކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމުގެ ބާރު.

(ރ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ހަގީގަތް ހޯދުމަށްޓަކައި ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ހަސްމުން ކުރެ ހަސްމަކާ ކުރުމުގެ ބާރު.

(ބ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު.

 

49 ވަނަ މާއްދާ - ހައިކޯޓުގެ ރަޖިސްޓްރާރ

(ހ) ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ކޯޓުގައި ހިންގުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހައިކޯޓަށް އެހީތެރިވެދޭނެ ރަޖިސްޓްރާރަކު ހައިކޯޓުގައި ހުންނަންވާނެއެވެ.

(ށ) (އުނި ކުރެވިފައި)

(ނ) ހައިކޯޓުގެ ރަޖިސްޓްރާރގެ މަގާމަށް އައްޔަންކުރެވޭ މީހަކީ ދަށު ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމަށް ށަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ.

(ރ) ރަޖިސްޓްރާރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ރަޖިސްޓްރާރއެއް އައްޔަންކުރެވެންދެން ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، ހައިކޯޓުގެ އިސް ފަނޑިޔާރު އެކަމަށް ކަނޑައަޅާ މީހެކެވެ.

 

50 ވަނަ މާއްދާ - ހައިކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތު

ހައިކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

(ށ) ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ނ) ހައިކޯޓުގެ ރަޖިސްޓަރީ ބެލެހެއްޓުން.

(ރ) ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ށާއިއުކުރުން.

(ބ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ހަސްމުންކުރެ ހަސްމެއްގެ އެދުމުގެ މަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

(ޅ) މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

(ކ) ހައިކޯޓުގެ ގަވާއިދުގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

 

51 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުމުގެ ހައްގު

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ހައިކޯޓުގެ ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، އެކަމަކާ ނުވަތަ އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. މިފަދަ ހުށަހެޅުންތައް ބަލާނެ އުސޫލެއް ހައިކޯޓުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، ނިންމުމެއް ނިންމި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ދަށު ކޯޓުތައް

52 ވަނަ މާއްދާ - ދަށު ކޯޓުތައް

(ހ) ދަށު ކޯޓުތަކަކީ، ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް ގާނޫނުއަސާސީން ނުވަތަ ގާނޫނުން އެހެން ކޯޓަކާ ހަވާލުކޮށްފައިނުވާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމަށް މި ގާނޫނުން އުފައްދާ ކޯޓުތަކެވެ.

(ށ) ދަށު ކޯޓުތައް ބެހިގެންވަނީ މައިގަނޑު ދެ ގިންތިއަށެވެ. އެއީ މަތީ ގިންތިއަށާއި ތިރީ ގިންތިއަށެވެ.

(ނ) ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓަކީ މި ގާނޫނުގެ ދަށުން އުފައްދާ ސުޕީރިއަރ ކޯޓުތަކެވެ. ނުވަތަ އެހެން ގާނޫނަކުން ވަކިކަމަކަށް ހާއްސަކޮށް އުފައްދާ ސުޕީރިއަރ ކޯޓާ އެއް ދަރަޖައެއްގެ ކޯޓެވެ.

(ރ) ދަށު ކޯޓުތަކުގެ ތެރެއިން ތިރީ ގިންތީގެ ކޯޓަކީ މި ގާނޫނުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތަކެވެ.

 

1 ވަނަ ބައި: ސުޕީރިއަރ ކޯޓު

 

53 ވަނަ މާއްދާ - ސުޕީރިއަރ ކޯޓުތައް

(ހ) ސުޕީރިއަރ ކޯޓަކީ ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް މި ގާނޫނުން އުފައްދާ ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓެވެ.

(ށ) އަންނަނިވި ހަތަރު ކޯޓަކީ މި ގާނޫނުގެ ދަށުން މާލޭގައި އުފައްދާ ހަތަރު ސުޕީރިއަރ ކޯޓެވެ.

 1. ސިވިލް ކޯޓު
 2. ކްރިމިނަލް ކޯޓު
 3. ފެމިލީ ކޯޓު
 4. ޖުވެނައިލް ކޯޓު

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ޑިވިޒަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެއްދިދާނެއެވެ. އެގޮތުން އެއިން ޑިވިޒަނެއް އުފައްދަންވާނީ، އާބާދީއަށާއި އެ ސަރަހައްދަކަށް މައްސަލަތައް ހުށަހެޅޭ ނިސްބަތަށް ބެލުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޑިވިޒަނެއް އުފެއްދޭނީ ޖުޑީށަލް ކައުންސިލާއި ޖުޑީށަލް ސަރވިސް ކޮމިށަންގެ ލަފާގެ މަތިން، އުއްތަމަފަނޑިޔާރުގެ ގަރާރަކުންނެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޒަން، ރަށެއްގައި ހަމަޔަށް ގާއިމުވެއްޖެހިނދެއްގައި އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެއެވެ. އަދި ރަށެއްގައި ގާއިމުކުރެވުނީ އެ ހަތަރު ޑިވިޒަނުގެ ތެރެއިން ޑިވިޒަނެއްކަމުގައިވާނަމަ، އެ ގާއިމުކުރެވުނު ޑިވިޒަނުގެ އިހްތިސާސާގުޅޭ މައްސަލަތައް ދެން ބަލާނީ، މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި އެ ޑިވިޒަނަކުންނެވެ.

 

54 ވަނަ މާއްދާ - ސުޕީރިއަރ ކޯޓު އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި މަދަނީ ކޯޓު މި ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށް ބަދަލުވެ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ސިވިލް ކޯޓު އުފެދުނީއެވެ. އަދި މަދަނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސިވިލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުވީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި ޖިނާއީ ކޯޓު މި ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކްރިމިނަލް ކޯޓަށް ބަދަލުވެ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ކްރިމިނަލް ކޯޓު އުފެދުނީއެވެ. އަދި ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ކްރިމިނަލް ކޯޓަށް ބަދަލުވީއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި އާއިލާއާ ބެހޭ ކޯޓު މި ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެމިލީ ކޯޓަށް ބަދަލުވެ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ފެމިލީ ކޯޓު އުފެދުނީއެވެ. އަދި އާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފެމިލީ ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ފެމިލީ ކޯޓަށް ބަދަލުވީއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި ކުޑަކުދިންނާބެހޭ ކޯޓު މި ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖުވެނައިލް ކޯޓަށް ބަދަލުވެ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ޖުވެނައިލް ކޯޓު އުފެދުނީއެވެ. އަދި ކުޑަކުދިންނާބެހޭ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޖުވެނައިލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ޖުވެނައިލް ކޯޓަށް ބަދަލުވީއެވެ.

(ބ) މި މާއްދާގެ ދަށުން އުވިގެން ދިޔަ ކޯޓެއްގެ މަސައްކަތް މި މާއްދާގެ ދަށުން އުފެއްދި ކޯޓަކަށް ބަދަލުވެގެންދާ މަރުހަލާގައި، އެގޮތުން އުފެދުނު ކޯޓުގެ އިހްތިސާސްގެ ތެރޭގައި އުވިދިޔަ ކޯޓުގެ މަސައްކަތެއް ނުހިމެނޭނަމަ، އެ މަސައްކަތެއް މި ގާނޫނުގެ ދަށުން ހަވާލުވެގެންވަނީ އެ މަސައްކަތާގުޅޭ އިހްތިސާސް ލިބިގެންވާކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ ކޯޓަށެވެ.

(ޅ) ސުޕީރިއަރ ކޯޓުގައި ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ޖުޑީށަލް ކައުންސިލުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ކ) ސުޕީރިއަރ ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ގާނޫނުގައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(އ) ސުޕީރިއަރ ކޯޓުގެ ފަނޑިޔާރުންނަށް މުހާތަބުކުރާނީ "ގާޒީ" މި ނަމުންނެވެ.

(ވ) މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ތެރެއިން ކޮންމެ ކޯޓެއްގައިވެސް އިސް ގާޒީއަކު ހުންނަންވާނެއެވެ. އަދި އެއިން ކޮންމެ ކޯޓެއްގެވެސް އެންމެ އިސް ފަރާތަކީ އެ ކޯޓެއްގެ އިސް ގާޒީއެވެ. ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުގެ އިސް ފަނޑިޔާރުގެ މަގާމު ފުރާނެ ފަނޑިޔާރަކު އައްޔަންކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

55 ވަނަ މާއްދާ - އިސް ގާޒީންގެ މަސްއޫލިއްޔަތު

ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މަސްއޫލިއްޔަތުގެ އިތުރުން އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) އެ ކޯޓެއްގެ މައްސަލަތައް ބަލާނެ ގާޒީން ކަނޑައެޅުން.

(ށ) އިޖުރާއީ ކަންކަމުގައި އެ ކޯޓުގެ އެހެން ގާޒީންނަށް ލަފާދީ އެހީތެރިވެދިނުން.

(ނ) އިޖުރާއީ އަދި އިދާރީ ކަންކަމުގައި އެ ކޯޓުގެ ރަޖިސްޓްރާރަށް އިރުށާދުދިނުން.

(ރ) އެ ކޯޓެއްގެ ނިންމުންތަކާއި ހުކުމްތައް ފަނޑިޔާރުންނަށާއި، ގާނޫނީ ވަކީލުންނަށާއި، އާންމުންނަށް ފަސޭހައިން ބެލޭނެ އުސޫލަކާއި އިންތިޒާމެއް ހަމަޖެއްސުން.

(ބ) އެ ކޯޓުގެ މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންވެސް ށަކުވާތައް ބަލައި، ފިޔަވަޅު އެޅުން.

(ޅ) ކޯޓުގެ ގަވާއިދުގައި އިސް ގާޒީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ މިނޫންވެސް ކަންކަން ކުރުން.

 

56 ވަނަ މާއްދާ - ސުޕީރިއަރ ކޯޓުތަކުގެ ސިއްކަ

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ސުޕީރިއަރ ކޯޓެއްގައިމެ އެ ކޯޓެއްގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ އެ ކޯޓެއްގެ ވަކި ސިއްކައެއް އޮންނަންވާނެއެވެ. އެއިން ސުޕީރިއަރ ކޯޓެއްގެ ނިންމުމެއް ލިޔެ ގަރާރު ކުރެވޭ ކޮންމެ ރަސްމީ ލިޔުމެއްގައާއި އެއިން ކޯޓެއްގެ އެހެން ކޮންމެ ރަސްމީ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވިދިޔަ އެއްވެސް ލިޔުމެއް، އެ ލިޔުމެއް ނިސްބަތްވާ ސުޕީރިއަރ ކޯޓެއްގެ ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.

(ށ) ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީން ނުވަތަ ރަޖިސްޓްރާރުން ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، އެއްވެސް ލިޔުމެއްގައި ސުޕީރިއަރ ކޯޓުތަކުގެ ސިއްކަ ޖަހައިގެންނުވާނެއެވެ.

 

57 ވަނަ މާއްދާ - ސުޕީރިއަރ ކޯޓުގެ އިހްތިސާސް

(ހ) މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިހްތިސާސް މި ގާނޫނުގެ ޖަދުވަލު 1 ގައި، ކްރިމިނަލް ކޯޓުގެ އިހްތިސާސް މި ގާނޫނުގެ ޖަދުވަލު 2 ގައި، ފެމިލީ ކޯޓުގެ އިހްތިސާސް މި ގާނޫނުގެ ޖަދުވަލު 3 ގައި އަދި ޖުވެނައިލް ކޯޓުގެ އިހްތިސާސް މި ގާނޫނުގެ ޖަދުވަލު 4 ގައި، ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ގާނޫނުގެ ޖަދުވަލު 1 ގައި ނުވަތަ ޖަދުވަލު 2 ގައި ނުވަތަ ޖަދުވަލު 3 ގައި ނުވަތަ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އިހްތިސާސްތަކަށް އެއްވެސް އުނިއިތުރެއް ގެންނަން ބޭނުންވެއްޖެނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނާއި ޖުޑީށަލް ކައުންސިލްގެ އެއްބަސްވުމާއެކު، އުއްތަމަފަނޑިޔާރުގެ ގަރާރަކުން އެ އުނިއިތުރެއް ގެނެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ގެންނަ އެއްވެސް އުނި އިތުރަކަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުނިއިތުރެއް ށާއިއު ކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ގާނޫނުގެ ޖަދުވަލު 1 ގައި ނުވަތަ ޖަދުވަލު 2 ގައި ނުވަތަ ޖަދުވަލު 3 ގައި ނުވަތަ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އިހްތިސާސްތަކަށް އެއްވެސް އުނި އިތުރެއް، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން، ގެނެސްފިނަމަ، މި ގާނޫނުގެ އެ ޖަދުވަލުތަކަށް އެ ބަދަލު ގެނެވުނީ ކަމުގައި ބެލެވޭނެއެވެ.

 

58 ވަނަ މާއްދާ - ށަރީއަތްކުރާ ގާޒީ

ސުޕީރިއަރ ކޯޓަށް ހުށަހެޅޭ މައްސަލަތައް އާންމުގޮތެއްގައި ބަލައި ހުކުމްކުރާނީ އެއް ގާޒީއަކު ހުރެގެން ހިންގާ ށަރީއަތުގެ މަޖިލީހަކުންނެވެ. ނަމަވެސް ސުޕީރިއަރ ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލައި އެ މައްސަލައެއް، އެއް ގާޒީއަށްވުރެ ގިނަ އަދަދެއްގެ ގާޒީންގެ މައްޗަށް އެކުލެވިގެންވާ އޮނަހިރި އަދަދެއްގެ ގާޒީންގެ މަޖިލީހަކުން ބެލުމަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ ސުޕީރިއަރ ކޯޓެއްގެ އިސް ގާޒީއަށް ލިބިގެންވެއެވެ.

 

59 ވަނަ މާއްދާ - ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރ

(ހ) ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ހިންގުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީންނަށް އެހީތެރިވެދޭނެ ރަޖިސްޓްރާރަކު، ކޮންމެ ސުޕީރިއަރ ކޯޓެއްގައި ހުންނަންވާނެއެވެ.

(ށ) (އުނި ކުރެވިފައި)

(ނ) ސުޕީރިއަރ ކޯޓެއްގެ ރަޖިސްޓްރާރގެ މަގާމަށް އައްޔަންކުރެވޭ މީހަކީ އެ ކޯޓުގެ ގާޒީކަމުގެ ށަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ.

(ރ) ރަޖިސްޓްރާރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ރަޖިސްޓްރާރއެއް އައްޔަންކުރެވެންދެން ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އެ ސުޕީރިއަރ ކޯޓެއްގެ އިސް ގާޒީ އެކަމަށް ކަނޑައަޅާ މީހެކެވެ.

 

60 ވަނަ މާއްދާ - ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރުންގެ މަސްއޫލިއްޔަތު

ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

(ށ) ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ނ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

(ރ) ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ށާއިއުކުރުން.

(ބ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ހަސްމުންކުރެ ހަސްމެއްގެ އެދުމުގެމަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

(ޅ) މަދަނީ މައްސަލަތަކުގައި މައްސަލައިގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

(ކ) ކޯޓުގެ ގަވާއިދުގައި ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

 

61 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބެލުމަށް ހުށަހެޅުމުގެ ހައްގު

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި އެ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު، އެ ކަމަކާ ނުވަތަ އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

2 ވަނަ ބައި: މެޖިސްޓްރޭޓް ކޯޓުތައް

62 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓު އުފެއްދުން

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަށު ކޯޓުތަކުގެ ގޮތުގައި ހިނގަމުން އައި ކޮންމެ ކޯޓެއް، މި ގާނޫނުގެ 52 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވެ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ރަށު ކޯޓެއް ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުފެދުނީއެވެ. އަދި އެ ރަށު ކޯޓެއްގައި ތިބި މުވައްޒަފުންނާއި އެ ރަށު ކޯޓެއްގެ މަސައްކަތް މި ގާނޫނުގެ ދަށުން އުފެދުނު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެހިނދުން ފެށިގެން އެ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވީއެވެ.

 

63 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓެއް ހުރުން

މި ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓު ގާއިމުވެފައިވާ މާލެއާއި އެ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޒަން މި ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގެ ދަށުން ގާއިމުވެ ހަމަވެފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެއެވެ.

 

64 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން

(ހ) މެޖިސްޓްރޭޓް ކޯޓު ހުންނަ ރަށްރަށުގެ ތެރެއިން 500 މީހުން ހަމަވާ ކޮންމެ ރަށެއްގައިމެ ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެއެވެ.

(ށ) މެޖިސްޓްރޭޓް ކޯޓު ހުންނަ ރަށްރަށުގެ ތެރެއިން އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތް ފަނޑިޔާރުންނާ ހަވާލުކުރާނީ މި ގާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް މުހާތަބުކުރާނީ "މެޖިސްޓްރޭޓް" މި ނަމުންނެވެ.

 

65 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުގެ ސިއްކަ

(ހ) މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ އެ ކޯޓުތަކުގެ ވަކި ސިއްކައެއް އޮންނަންވާނެއެވެ. އެއިން މެޖިސްޓްރޭޓް ކޯޓެއްގެ ނިންމުމެއް ލިޔެ ގަރާރު ކުރެވޭ ކޮންމެ ރަސްމީ ލިޔުމެއްގައާއި އެއިން ކޯޓެއްގެ އެހެން ކޮންމެ ރަސްމީ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވިދިޔަ އެއްވެސް ލިޔުމެއް، އެ ލިޔުމެއް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓެއްގެ ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.

(ށ) މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ނުވަތަ ރަޖިސްޓްރާރުން ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، އެއްވެސް ލިޔުމެއްގައި މެޖިސްޓްރޭޓް ކޯޓުގެ ސިއްކަ ޖަހައިގެންނުވާނެއެވެ.

 

66 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް

(ހ) މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން މި ގާނޫނުގެ ޖަދުވަލު 5 ގައި ބަޔާންވެގެން އެވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ގާނޫނުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އިހްތިސާސްތަކަށް އެއްވެސް އުނިއިތުރެއް ގެންނަން ބޭނުންވެއްޖެނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނާއި ޖުޑީށަލް ކައުންސިލްގެ އެއްބަސްވުމާއެކު، އުއްތަމަފަނޑިޔާރުގެ ގަރާރަކުން އެ އުނިއިތުރެއް ގެނެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ގެންނަ އެއްވެސް އުނި އިތުރަކަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށްފަހުގައެވެ.

(ރ) މި ގާނޫނުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އިހްތިސާސްތަކަށް އެއްވެސް އުނި އިތުރެއް، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން، ގެނެސްފިނަމަ، މި ގާނޫނުގެ އެ ޖަދުވަލަށް އެ ބަދަލު ގެނެވުނީ ކަމުގައި ބެލެވޭނެއެވެ.

 

ފަސްވަނަ ބާބު

ޖުޑީށަލް ދާއިރާތައް ކަނޑައެޅުން

 

67 ވަނަ މާއްދާ - ޖުޑީށަލް ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތަކަށް މެޖިސްޓްރޭޓުން ކަނޑައެޅުން

(ހ) މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް ތަރުތީބުކުރުމަށާއި އެ ކޯޓުތަކުގެ އިދާރީ ހިންގުން ފަސޭހަކުރުމަށްޓަކައި، ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކުރާ ކޮންމެ އިދާރީ ދާއިރާއަކަށް ވަކި ޖުޑީށަލް ދާއިރާއެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުފެދުނީއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްކަމުގައިވީނަމަވެސް، ޖުޑީށަލް ދާއިރާތަކުގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރާނެ މެޖިސްޓްރޭޓުން ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާނީ އަންނަނިވި އުސޫލުތަކަށް ރިއާޔަތްކޮށެވެ.

 1. އާބާދީގައި 500 މީހުން ހަމަވާ ރަށެއްނަމަ އެ ރަށުގެ އަބާދީއަށާއި، އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތަށްބަލައި، އެ ރަށުގައި ގާއިމުވެ ތިބެންޖެހޭ މެޖިސްޓްރޭޓުންގެ އަދަދު ކަނޑައަޅައި އެ އަދަދަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން އައްޔަންކުރުމަށް.
 2. އާބާދީގައި 500 މީހުން ހަމަނުވާ ރަށެއްގައި އާބާދީއަށާއި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތަށްބަލައި، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށް ހިމެނޭ ޖުޑީށަލް ދާއިރާގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންގެ ތެރެއިން މެޖިސްޓްރޭޓަކަށް އެ ކޯޓުގެ މަސައްކަތް ހަވާލުކުރުމަށް.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަށްރަށުގެ ރަށު ކޯޓުތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މެޖިސްޓްރޭޓުންގެ ހައިސިއްޔަތު ކަނޑައެޅިގެންދާނީ އަންނަނިވި އުސޫލުންނެވެ.

 1. އާބާދީގައި 500 މީހުން ހަމަވާ ރަށެއްނަމަ އެ ރަށުގައި ގާއިމުވެ ހުންނަންޖެހޭ މެޖިސްޓްރޭޓާއި އޭނާގެ އިތުރަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެވޭ މެޖިސްޓްރޭޓުން އެ އައްޔަންކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނަށްވުމުގެ އިތުރަށް އެ މެޖިސްޓްރޭޓް ކޯޓު ނިސްބަތްވާ ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންކަމުގައިވެސްވުން.
 2. އާބާދީގައި 500 މީހުން ހަމަނުވާ ރަށެއްނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހަވާލުކުރެވިގެންވާ މެޖިސްޓްރޭޓް އެމެޖިސްޓްރޭޓް ކޯޓު ނިސްބަތްވާ ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓެއްކަމުގައިވެސް ވުން.

 

68 ވަނަ މާއްދާ - އިސް މެޖިސްޓްރޭޓް

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ކޮންމެ ޖުޑީށަލް ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓުންގެ ތެރެއިން އެ ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރާނެ މެޖިސްޓްރޭޓަކު ޖުޑީށަލް ސަރވިސް ކޮމިށަނުން އައްޔަންކުރަންވާނެއެވެ.

(ށ) ޖުޑީށަލް ދާއިރާތައް އިދާރީގޮތުން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އެންމެ އިސް ފަރާތަކީ އެ ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.

(ނ) ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 1. އެ ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓަކު ގާއިމުވެނެތް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި އެ ދާއިރާއަކަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން މެޖިސްޓްރޭޓުން އެ ރަށްތަކަށް ފޮނުވުން.
 2. އިޖުރާއީ އަދި އިދާރީ ކަންކަމުގައި އެ ދާއިރާގެ އެހެން މެޖިސްޓްރޭޓުންނަށް ލަފާދީ އެހީތެރިވެދިނުން.
 3. މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންވެސް ށަކުވާތައް ބަލައި، ފިޔަވަޅު އެޅުން.
 4. އިސް މެޖިސްޓްރޭޓުން ކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ މިނޫންވެސް ކަންކަން ކުރުން.

 

ހަވަނަ ބާބު

ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސް

69 ވަނަ މާއްދާ - ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސް

ގާނޫނުއަސާސީއާއި މި ގާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިހްތިސާސްތަކުގެ އިތުރުން، އަންނަނިވި ހާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތަށް ސަރަހައްދީ އިހްތިސާސްވެސް އެ ކޯޓުތަކަށް ލިބިގެންވެއެވެ.

(ހ) އެ ކޯޓަކީ ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން. ދައުވާ ލިބެނީ އެކަކަށްވުރެ ގިނަ މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެ ކޯޓުވުން.

(ށ) މުދަލުގެ މައްސަލަތަކުގައި މުދާ ނުވަތަ މުދަލުގެ ބައެއް ހުރި ދާއިރާގެ ކޯޓަށްވުން.

(ނ) ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދައުވާއެއްނަމަ، އެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުން.

(ރ) ކުންފުންޏެއް ނުވަތަ ކުލަބް ޖަމްއިއްޔާއެއްފަދަ ޖަމާއަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ، އެ ޖަމާއަތެއްގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަށްވުން. އަދި މިފަދަ ޖަމާއަތެއްގެ ގޮތްޕެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ އެގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގެ ކޯޓަށްވުން.

(ބ) ތަރިކައިގެ މައްސަލައެއްނަމަ، މުވައްރިސު ނިޔާވިއިރު ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ތަރިކަ މުދާ ހުރި ދާއިރާގެ ކޯޓަށްވުން.

(ޅ) އިފްލާސްކުރުމުގެ މައްސަލައެއްނަމަ ހުކުމް ކުރި ކޯޓަށްވުން.

(ކ) ވިޔަފާރީގެ މައްސަލައެއްނަމަ ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ދައުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން. ނުވަތަ ދެފަރާތުން އެއްބަސްވާ ކޯޓެއް ނުވަތަ މުޅި މުއާމަލާތް ނުވަތަ މުއާމަލާތުން ބައެއް ތަންފީޒުކުރެވުނު ދާއިރާއެއްގެ ކޯޓު، ނުވަތަ އެއްބަސްވުން ތަންފީޒުކުރަންޖެހޭ ދާއިރާގެ ކޯޓަށްވުން.

(އ) ހަރަދު ހޯދުމާބެހޭ ދައުވާއެއްނަމަ، ދައުވާކުރާ ފަރާތް ދިރިއުޅޭ ނުވަތަ ދައުވާލިބޭ ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން.

(ވ) ދައުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް ނެތްނަމަ އަދި މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅެން ނެތްނަމަ ދައުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށްވުން.

(މ) ޖިނާއީ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން.

(ފ) މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަށްވުން.

 

70 ވަނަ މާއްދާ - ދެކޯޓެއްގެ އިހްތިސާސް ފުށުއެރުން

މި ގާނޫނުގެ ދަށުން ވަކި ކޯޓަކަށް ދީފައިވާ ވަކި އިހްތިސާސަކާއި މި ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަހައްދީ ގޮތުން ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސް ފުށުއަރާނަމަ އެ ހާލަތުގައި އެ މައްސަލައެއް ބަލާނީ އެ ވަކި އިހްތިސާސް ލިބިގެންވާ ކޯޓުންނެވެ.

  

ހަތްވަނަ ބާބު

އާންމު އިޖުރާއަތުތައް

71 ވަނަ މާއްދާ - ށަރީއަތް އާންމުކޮށް ހުޅުވާލުން

(ހ) ކޯޓުތަކުގައި ށަރީއަތްތައް ހިންގަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި ދީމިގްރާތީ އުސޫލުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، ށަރީއަތެއް އެކުގައި ނުވަތަ ށަރީއަތަކުން ބައެއް އާންމުކޮށް ހުޅުވާ ނުލައި ކުރިއަށްގެންދިޔުމުގެ އިހްތިޔާރު އެ ށަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

 1. މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށް ނުވަތަ މުޖުތަމައުގައި އަމަން އަމާންކަން ގާއިމުކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
 2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން.
 3. އާންމުކޮށް ހުޅުވާލައިގެން ށަރީއަތް ހިންގައިފިނަމަ، އަދުލު އިންސާފު ގާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި އެހެން ގޮތަކަށް ކޯޓުން ކަނޑައަޅާފައިނުވާނަމަ، ކޯޓުން ނެރޭ ހުރިހާ އަމުރުތަކާއި ހުކުމްތައް އިއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވާލައިގެން ބޭއްވޭ ށަރީއަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ހުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ.

(ރ) ށަރީއަތުގެ މަޖިލިސް ކޮންޓްރޯލުކޮށް، އެ މަޖިލީހުގެ ގަވާއިދުތަކާއި ނިޒާމް ބަލަހައްޓާނީ ށަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނަ ފަނޑިޔާރެވެ.

 

71-1 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ނުހިންގުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމުމެއް ނިންމައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމާ ނިންމުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން  ކަނޑައެޅިގެން ބާރު ލިބިދޭ ހާލަތެއް ނޫން ހާލަތެއްގައި، އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި، ގޮތެއް ނިންމާ ނިންމުމަށާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާ ނިންމުންވެސް ހިމެނޭގޮތުންނެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކުރުމުގެ ގޮތުން، އެ ކޯޓަކާ ގުޅޭ ކަންކަމުގައި، އިދާރީ ހިންގުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޯޓުތަކަށް ލިބިގެންވާ އިހްތިޔާރަށް، ނުވަތަ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް މި ގާނޫނުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ކޯޓުތަކަށް ލިބިދޭ އިހްތިޔާރަށް އެއްވެސް 
ހަނިކަމެއް ނާންނާނެއެވެ.

 

72 ވަނަ މާއްދާ - ކޯޓަށް ހާޒިރުކުރުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ މީހުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމާއި، ކޯޓަށް ހާޒިރުކުރާ މީހުންނާ ކޯޓުން ބޭނުންވާ ސުވާލެއް ކުރުމާއި، ކޯޓަށް ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅުމަށް އެންގުމަކީ ކޯޓަށް ލިބިގެންވާ ބާރެކެވެ. ކޯޓު އަމުރެއްގެ ދަށުން ކޯޓަށް ހާޒިރުވުމަށް އެންގޭ މީހަކު، މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވެއްޖެނަމަ، ކޯޓުން އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - މައްސަލަ ބޭއްވުމުގެ ކުރިން ށަރީއަތުން ބޭރުގައި ހައްލު ހޯދައި ދިނުން

(ހ) ދަށު ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ށަރީއަތް ބޭއްވުމުގެ ކުރީގައި ހަސްމަކު އެދޭނަމަ، މި ގާނޫނުގެ ދަށުން ޖުޑީށަލް ކައުންސިލުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހަސްމުން ހާޒިރުކޮށް، ސުލްހައިގެ މަޖިލީހެއް ބާއްވައި، ށަރީއަތުން ބޭރުގައި ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް ކޯޓުން މަސައްކަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އަވަސް ނިޔާގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރަން ހުށަހަޅާ މައްސަލަތަކާއި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެދި ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ސުލްހަވުން ހުއްދަނުވާ މައްސަލަތަކުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ހުށައެއްނޭޅޭނެއެވެ.

 

74 ވަނަ މާއްދާ - ކޯޓުތަކުން ފީ ނެގުން

ކޯޓުތަކުން ދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީ ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބިގެންވެއެވެ. ކޯޓަށް ދެއްކުމަށް ކޯޓުން ކަނޑައަޅާފައިވާ ފީއެއް ނުދައްކާހާ ހިނދަކު، މައްސަލައާ ގުޅުންހުރި އެއްވެސް ލިޔުމެއް ބަލައިގަނެ، ދޫކޮށްގެން ނުވާނެއެވެ.

 

75 ވަނަ މާއްދާ - އިސްތިއުނާފުކުރި ފަރާތުން މައްސަލަ ދޫކޮށްލުން

(ހ) އިސްތިއުނާފުގެ މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ދޫކޮށްލަން އެދިއްޖެނަމަ ނުވަތަ އެ ފަރާތުގެ ހައްގުން ތަނާޒުލުވެއްޖެނަމަ އެ ވަގުތަކުން ފެށިގެން އެ އިސްތިއުނާފު ބާތިލުވާނެއެވެ.

(ށ) އިސްތިއުނާފުގެ މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ދޫކޮށްލައިފިނަމަ އެ މައްސަލަ ބާތިލުކޮށް، އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.

 

76 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވުން

ށަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ށަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ށަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ގޮތުގެމަތިން، ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ހ) 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.

(ށ) 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން. (އިސްލާހު ކުރެވިފައި)

 

77 ވަނަ މާއްދާ - ކޯޓުތަކުގެ ހުކުމަށް ތަބާވުން

ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ނިންމުމެކެވެ. (އިސްލާހު ކުރެވިފައި)

 

78 ވަނަ މާއްދާ - ކޯޓުތަކުގެ އާންމު މަޖިލިސް

ސުޕްރީމްކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގައި އެ ކޯޓެއްގެ ފަނޑިޔާރުންގެ އާންމު މަޖިލީހެއް އޮންނަންވާނެއެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެ ކޯޓަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން.

(ށ) އެ ކޯޓެއްގައި ވަކި ދާއިރާތަކެއް ކަނޑައެޅިފައިވާނަމަ، އެ ދާއިރާތަކަށް މައްސަލަތައް ބަހައި، ހަމަޖެއްސުން.

(ނ) ކޯޓުގެ ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ގޮތެއް ނިންމުން.

(ރ) ކޯޓުގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުން ދާއިރާތައް ކަނޑައެޅުން.

(ބ) ކޯޓުގެ ރިސެސްގެ ތެރޭގައި ހިނގަމުންދާނެ މަސައްކަތްތައް އިންތިޒާމްކުރުން.

(ޅ) ގާނޫނަކުން ކަނޑައެޅޭ ކަމެއް ނުވަތަ ސުޕްރީމްކޯޓުގެ ނިންމުމަކުން ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކުރަންޖެހޭ ކޯޓުގެ ދާހިލީ ކަންކަން ކުރުން.

(އ) ބަލަމުންދާ މައްސަލަތަކުގެ މަރުކަޒީ ދަފްތަރެއް ކޮންމެ ކޯޓެއްގައިމެ ގާއިމުކޮށް އެ ކޯޓެއްގެ މައްސަލަތައް އެކަށީގެންވާ ހަލުވިމިނުގައި ހިންގުމަށް ބޭނުންވާ އިދާރީ ފަސޭހަތައް މަރުކަޒީ ގޮތެއްގައި ލިބެމުންދާނެގޮތް ހެދުން.

 

79 ވަނަ މާއްދާ - އާންމު މަޖިލިސް ބޭއްވުން

ކޮންމެ ކޯޓެއްގެވެސް އާންމު މަޖިލީހުގައި ތިބޭނީ އެ ކޯޓުގެ އެންމެހައި ފަނޑިޔާރުންނެވެ. އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ، ސުޕްރީމްކޯޓުގައިނަމަ، އުއްތަމަފަނޑިޔާރެވެ. ހައިކޯޓުގައިނަމަ، ހައިކޯޓުގެ އިސް ފަނޑިޔާރެވެ. ސުޕީރިއަރ ކޯޓެއްގައިނަމަ، އެ ކޯޓެއްގެ އިސް ގާޒީއެވެ. އެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނީ ފަނޑިޔާރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ފަނޑިޔާރުން އެ ބައްދަލުވުމަކަށް ހާޒިރުވެ ތިބެގެންނެވެ.

 

80 ވަނަ މާއްދާ - އާންމު މަޖިލީހުގެ ނިންމުން

(ހ) އާންމު މަޖިލީހުގެ ނިންމުންތައް ފާސްވާނީ ހާޒިރުވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) އާންމު މަޖިލީހުގެ އެންމެހައި ނިންމުންތައް އެކަމަށް ހާއްސަކުރެވިފައިވާ ރަޖިސްޓަރީއެއްގައި މަހްޒަރުކުރެވެންވާނެއެވެ. އަދި އޭގައި އެ ކޯޓެއްގެ އާންމު މަޖިލީހުގައި ބައިވެރިވި ފަނޑިޔާރުން ސޮއިކުރަންވާނެއެވެ.

  

އަށްވަނަ ބާބު

ޖުޑީށަލް ކައުންސިލް 

81 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލް

ގާނޫނުއަސާސީގެ ދަށުންނާއި މި ގާނޫނުގެ ދަށުން ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް، އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، ށަރީއަތްކުރުމާބެހޭ އިޖުރާއީ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމާއި، ށަރީއަތްކުރުމާއި، ކޯޓުތައް ހިންގުމާގުޅޭ ގޮތުން މަށްވަރާ ދިނުމާއި، ށަރީއަތް ކުރުމުގައި ހުރިހާ ކޯޓުތަކުން ގެންގުޅެންޖެހޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް އެއްގޮތްކުރުމުގެ މަސައްކަތްކުރާނެ ކައުންސިލެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުފެދުނީއެވެ. އެ ކައުންސިލަށް ކިޔާނީ "ޖުޑީށަލް ކައުންސިލް" އެވެ.

 

82 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ މަސްއޫލިއްޔަތު

ޖުޑީށަލް ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

(ހ) ކޯޓުތަކުގެ ށަރީއަތްކުރުމާބެހޭ އިޖުރާއަތުތައް އެއްގޮތްކުރުމަށާއި، ކޯޓުގެ ހިންގުން ހަލުވިކުރުމަށްޓަކައި ހިޔާލުތައް ހުށަހެޅުމާއި، ދޭންޖެހޭ މަށްވަރާތައް ދިނުން.

(ށ) ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޯޓުތަކުގެ އިޖުރާއަތުތަކާއި ކޯޓުތަކުގެ ހިންގުމާބެހޭ އާންމު އުސޫލުތަކުގެ ގަވާއިދުތައް ހެދުން.

(ނ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ސްޓްރެޓަޖިކް ޕްލޭން އެކަށައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ސްޓްރެޓަޖިކް ޕްލޭން އެކުލަވާލުމުގައި އުއްތަމަފަނޑިޔާރަށް ދޭންޖެހޭ މަށްވަރާތައް ދިނުން.

(ރ) މައްސަލަ ހުށަހަޅާ ފޯމުތަކާއި ށަރީއަތާ ގުޅުންހުރި އެހެނިހެން ފޯމުތަކާއި ލިޔެކިޔުންތައް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކޯޓުތަކަށް މަށްވަރާ ދިނުން.

(ބ) ކޯޓަށް މައްސަލަތައް ބަލައިގަތުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައެޅުން.

(ޅ) މައްސަލަތައް ތާވަލުކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގުމުގެ އުސޫލުތަކެއް ކަނޑައެޅުން.

(ކ) މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރާ ފޯމެޓްތައް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން އިންތިޒާމުކޮށް، ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާގުޅޭ ގޮތުން ކޯޓުތަކަށް މަށްވަރާ ދިނުން.

(އ) ށަރީއަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، ކޯޓުތަކަށް މަށްވަރާ ދިނުން.

(ވ) މައްސަލަތައް ލަސްވެގެން ހުށަހެޅޭ ށަކުވާތައް ބެލުމުގައި ކޯޓުތަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން.

(މ) އެކިއެކި ސަބަބުތަކާހުރެ ފަނޑިޔާރުން ތަނާޒުލުވުމާބެހޭ ގަވާއިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުސޫލެއް ކަނޑައެޅުން.

(ފ) މި ގާނޫނާއި އެހެން ގާނޫނަކުން ޖުޑީށަލް ކައުންސިލަށް ހަވާލުކުރެވިފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

(ދ) ސުޕީރިއަރ ކޯޓުތަކުގައި އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުންގެ މަޖިލީހަކުން މައްސަލައެއް ބެލުމަށް އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

 

83 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލް އެކުލެވިގެންވާ ގޮތް

(ހ) ޖުޑީށަލް ކައުންސިލް އެކުލެވިގެންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

އުއްތަމަފަނޑިޔާރު.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރުންގެ ތެރެއިން އެމީހުން އައްޔަންކުރާ ފަނޑިޔާރެއް.

ހައިކޯޓުގެ އިސް ފަނޑިޔާރު.

ސިވިލް ކޯޓުގެ އިސް ގާޒީ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ.

ފެމިލީ ކޯޓުގެ އިސް ގާޒީ.

ޖުވެނައިލް ކޯޓުގެ އިސް ގާޒީ.

ދިވެހިރާއްޖޭގެ އުތުރުގެ ޖުޑީށަލް ދާއިރާއަކުން މެޖިސްޓްރޭޓަކާއި، ދެކުނުގެ ޖުޑީށަލް ދާއިރާއަކުން މެޖިސްޓްރޭޓެއް.

(ށ) މި މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި ޖުޑީށަލް ކައުންސިލްގެ މެންބަރުންގެ ގޮތުގައި ކަނޑައެޅިފައިވާ 2 މެޖިސްޓްރޭޓުން އެ ކައުންސިލްގެ މެންބަރުކަމަށް އައްޔަންކުރާނީ އުއްތަމަފަނޑިޔާރާއި ހައިކޯޓުގެ އިސް ފަނޑިޔާރު އެއްބަސްވާ ގޮތެއްގެ މަތިންނެވެ. އަދި ކޮންމެ ދެއަހަރުން އެއްފަހަރު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިބޭ މެޖިސްޓްރޭޓުން ބަދަލުކުރަންވާނެއެވެ.

 

84 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ ރިޔާސަތު

ޖުޑީށަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަފަނޑިޔާރެވެ. އުއްތަމަފަނޑިޔާރަށް ކައުންސިލްގެ ޖަލްސާއަށް ހާޒިރުނުވެވޭނަމަ، ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގައި ހިމެނޭ ސުޕްރީމްކޯޓުގެ ފަނޑިޔާރެވެ.

 

85 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ ސެކްރެޓޭރިއަޓް

ޖުޑީށަލް ކައުންސިލްގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ސުޕްރީމްކޯޓުގެ ރަޖިސްޓްރާރެވެ.

 

86 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ ޖަލްސާތައް

ޖުޑީށަލް ކައުންސިލްގެ ޖަލްސާއެއް މަދުވެގެން ތިންމަހުން އެއްމަހު ބާއްވަންވާނެއެވެ.

 

87 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ ގާނޫނީ އަދަދު

ޖުޑީށަލް ކައުންސިލްގެ ޖަލްސާއެއް ބޭއްވޭނީ، ކައުންސިލްގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

88 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލުން ކަމެއް ފާސްކުރުން

ޖުޑީށަލް ކައުންސިލުން ކަމެއް ފާސްވާނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

89 ވަނަ މާއްދާ - ޖުޑީށަލް ކައުންސިލްގެ ގަވާއިދު

މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ޖުޑީށަލް ކައުންސިލްގެ ހިންގާ ގަވާއިދު ކައުންސިލުން ފާސްކޮށް، އާންމުކުރަންވާނެއެވެ.

  

ނުވަވަނަ ބާބު

ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން

 

90 ވަނަ މާއްދާ - ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ނަމުގައި އިދާރާއެއް އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އުވި، އެ ޑިޕާރޓްމަންޓުގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާރޓްމަންޓުގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފެދުނު ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

 

91 ވަނަ މާއްދާ - ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަސްއޫލިއްޔަތު

ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

(ހ) ކޯޓުތަކުން ތަންފީޒުކުރަން ބޭނުންވާ ޕްރޮގްރާމްތަކާއި އިޖުރާއަތުތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން އެހީތެރިވެދިނުން.

(ށ) މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އިދާރީ، މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ސުޕްރީމްކޯޓު، ހައިކޯޓު އަދި ސުޕީރިއަރ ކޯޓުތަކުން އެދިއްޖެ އިދާރީ އެހީތެރިކަމެއް ފޯރުކޮށްދިނުން.

(ރ) ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރުގެ އިދާރާތަކުން ހޯދައިދިނުން.

(ބ) އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް، ކޯޓުތަކުގެ މަށްވަރާއާއެކު އެކުލަވާލުން.

(ޅ) ކޯޓުތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން، ހިނގާތޯ ބެލުމަށްޓަކައި އިންޓާރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުން.

(ކ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރު ށަރުއީ ދާއިރާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު އުއްތަމަފަނޑިޔާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނަށް، ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ފޮނުވުން.

(އ) ޖުޑީށަލް ކައުންސިލުން ކަނޑައަޅާ އުސޫލަކުން ށަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(ވ) ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރއާއި ކޮންފަރެންސްތައް ޖުޑީށަލް ކައުންސިލްގެ ލަފާގެ މަތިން ބޭއްވުން.

(މ) އެކިއެކި ޖުޑީށަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީށަލް ކައުންސިލުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ށަރުއީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން.

(ފ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީށަލް ކައުންސިލުން ކަނޑައަޅާ އުސޫލާއެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން.

(ދ) ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް އާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ގާއިމުކުރުން.

(ތ) އަންނަނިވި ކަންކަމުން ކުރެ ކަމަކަށް ކޯޓަކުން އެދިއްޖެނަމަ، ޖުޑީށަލް ކައުންސިލުން ކަމާބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަކާއެއްގޮތްވާ ގޮތުގެމަތިން، އެކަމެއް އެ ކޯޓަކަށް ކޮށްދިނުން.

 1. ކޯޓުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުން.
 2. ކޯޓުގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުން.
 3. ކޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން.

(ލ) މެޖިސްޓްރޭޓް ކޯޓުތަކުގެ ހަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ، ހަމަޖެހިފައިވާ ގަވާއިދުތަކާއެއްގޮތްވާ ގޮތުގެމަތިން ފޮނުވައި، އެކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އޮޑިޓްކުރުން.

(ގ) ދުވަސްވީ ށަރުއީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން އެ ލިޔުންތައް ދޫކުރުން.

(ޏ) ށަރުއީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

(ސ) އަމަލުކުރެވެމުންދާ ގާނޫނާއި، ގަވާއިދުތަކާއި، އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، އާންމު ސިޓީއާއި، ސާރކިއުލަރފަދަ ތަކެތި ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

(ޑ) ކޯޓުތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ރައްކާކުރުމާއި އާންމުކޮށް ށާއިއުކުރުން.

(ޒ) ކޯޓުތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ކޯޓުތަކުން އެދޭ ގޮތުގެމަތިން، ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

(ޕ) ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ކަންކަން އެ ފަރާތަށް ފޯރުކޮށްދިނުން.

 

92 ވަނަ މާއްދާ - ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ

(ހ) ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން ހިންގާނީ، އުއްތަމަފަނޑިޔާރުގެ ބެލުމުގެ ދަށުން، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއެވެ.

(ށ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރާނީ ޖުޑީށަލް ކައުންސިލްގެ މަށްވަރާއާއެކު އުއްތަމަފަނޑިޔާރެވެ.

(ނ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އައްޔަންކުރާނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު ދައުރަކަށް އޭނާ އަލުން އެ މަގާމަށް އައްޔަންކުރެވިދާނެއެވެ. ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަންކުރެވޭ މީހަކީ ށަރުއީ ދާއިރާގެ ތަޖުރިބާހުރި އަދި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހަކަށްވާންޖެހޭނެއެވެ.

(ރ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އޭނާގެ މަސްއޫލިއްޔަތުތަކާގުޅޭ ގޮތުން ޖުޑީށަލް ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލަށް ޖަވާބުދާރީވާންވާނެއެވެ.

(ބ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ މަގާމުން ވަކިކުރަން އުއްތަމަފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި، ޖުޑީށަލް ކައުންސިލުން ލަފާދޭ ގޮތެއްގެމަތިން އޭނާ މަގާމުން ވަކިކުރެވިދާނެއެވެ.

 

93 ވަނަ މާއްދާ - ކޯޓުތަކުގެ އިދާރީ މުވައްޒަފުން (އުނި ކުރެވިފައި)

 

94 ވަނަ މާއްދާ - އިދާރީ މުވައްޒަފުންނާބެހޭ ގަވާއިދު

މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ށަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންނާބެހޭ އާންމު ގަވާއިދެއް، ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަދައި، އާންމުކުރަންވާނެއެވެ.

 

ދިހަވަނަ ބާބު

އެހެނިހެން ކަންތައްތައް

95 ވަނަ މާއްދާ - ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް

ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަން ވާނެއެވެ.

 

96 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) ކޮންމެ ކޯޓަކަށްވެސް އެ ކޯޓުގެ އިހްތިސާސްގެ ދާއިރާގައި، އާންމު ގަވާއިދުތައް ހަދައި އަމުރުތައް ނެރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ކޯޓުތަކުގެ ގަވާއިދުތަކުގެ ތެރެއިން އިޖުރާއީ ގަވާއިދުތައް ހެދުމަކީ ޖުޑީށަލް ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ، ޖުޑީށަލް ކައުންސިލުންނެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތައް ފޮތެއްގެ ސިފައިގައި އަހަރަކު އެއްފަހަރު ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ށާއިއުކޮށް އާންމުކޮށް ލިބޭނޭ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

97 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

98 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވުނީއެވެ.

 

99 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އެ ލަފްޒެއް ނުވަތަ އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

 (ހ) "ކަމުގެ މަސްލަހަތު އޮތް ފަރާތް" ކަމަށް ބުނެފައި އެވަނީ، ކޯޓަކުން ނިމިފައިވާ ގަޒިއްޔާއެއް ނުވަތަ އެ ކޯޓުން ނެރެފައިވާ ނުވަތަ އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން، އެ ނިންމުމުގެ ސީދާ އަސަރު ފޯރާ ކޮންމެ ފަރާތަކަށާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިފައިވާ ފަރާތްތަކަށެވެ.

(ށ) "އޭނާ" "އެމީހަކު" "ދައުވާކުރާ" "ދައުވާލިބޭ" މި ލަފުޒުތައް މުފުރަދުކޮށް ލިޔެވިފައި އޮތްކަމުގައިވިޔަސް އެ ލަފުޒުތަކުގެ މާނައިގެ ތެރޭގައި ޖަމްއު މާނައާއި ގާނޫނީ ށަހްސްވެސް ހިމެނޭނެއެވެ.

(ނ) "މައްސަލަ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކޯޓުގެ ނިޔާއަކަށް އެދި ކޯޓަށް ހުށަހަޅާ ކަންކަމަށެވެ.

(ރ) "ދުސްތޫރީ މައްސަލަތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަންޖެހިއްޖެނަމަ، އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްފަޒަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.

(ބ) "ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށެވެ.

(ޅ) "ޓްރައިބިއުނަލް" މި ލަފުޒަށް ދީފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި އެ ލަފުޒަށް ދީފައިވާ މާނަކުރުމެވެ.

(ކ) "އިހްތިސާސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ.

 

 

 

 

 ----------------------

 

 

 

 

ޖަދުވަލު 1

ސިވިލް ކޯޓުގެ އިހްތިސާސް

 

މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ސިވިލް ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

 1. މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭބައި.
 2. ވާރުތަ މުދަލާބެހޭ މައްސަލަތަކާއި، ތަރިކައިގެ މައްސަލަތަކުގެ ތެރެއިން ބައިތުލްމާލަށް ލިބޭ މައްސަލަތައް.
 3. ހިބަ.
 4. ދިނުން.
 5. އެއްމެދު މުދާ ހަމަޖެއްސުން.
 6. ބަދަލު ދިނުން.
 7.  ގޯތިގެދޮރާބެހޭ މައްސަލަތަކާއި، އެކަކަށްވުރެ ގިނަ މީހުންނަށް ލިބިގެންވާ ގޯތިގެދޮރާއި މުދާ ވަކިކޮށްދިނުން.
 8. ގޯތިގެދޮރުން މީހުން ނެރުން.
 9. ވަގުފު.
 10. ލާޖެއްސުން.
 11. ހޮވައިގެން ގެނެވޭ ތަކެއްޗާބެހޭ މައްސަލަތައް.
 12. އިފްލާސްކުރުން.
 13. ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ހިލާފު އުފެދިގެން ނުވަތަ އެ އެއްބަސްވުންތަކާ ހިލާފުވެގެން ހުށަހެޅޭ މައްސަލަތައް.
 14. ވިޔަފާރިއާބެހޭ މައްސަލަތައް.
 15. ރަހުނާބެހޭ މައްސަލަތައް.
 16. ހަޖުރުކުރުމާބެހޭ މައްސަލަތައް.
 17. ދަރަނީގެ މައްސަލަތައް.
 18. ށަރީއަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް.
 19. ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުވާލުމަށް ހުށަހެޅޭ ކުންފުނިތަކާބެހޭ މައްސަލަތައް.
 20. މަސައްކަތަށް ނުވަތަ ތަކެއްޗަށް އަގުހަމަޖެއްސުމަށް ނުވަތަ ހަމަޖައްސާފައިވާ އަގު ނުދީގެން ހުށަހަޅާ މައްސަލަތައް.
 21. އެކިއެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅޭ މައްސަލަތައް.
 22. ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ގާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.
 23. އަވަސްނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެތެރެއިން އަވަހަށް ނިންމިދާނެކަމަށް ފެންނަ، މި ޖަދުވަލުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތައް.
 24. ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާއި ރަހުނު ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް.
 25. ޕަވަރ އޮފް އެޓާރނީއާއި އެހެނިހެން ލިޔުންތައް ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް.
 26. ސަރުކާރުގެ އެހެން އޮފީހަކުން ތަސްދީގުކުރުމަށް ހަމަޖެހިފައިވާ ލިޔުންތައް ފިޔަވައި، އެންމެހައި ލިޔުންތައް ތަސްދީގުކުރުން.
 27. ސިވިލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން މަދަނީ މައްސަލަތައް.

 

 ----------------------


ޖަދުވަލު 2

ކްރިމިނަލް ކޯޓުގެ އިހްތިސާސް

 

ގާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުން ކުރާ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގެ ތެރެއިން އެހެން ގާނޫނަކުން އިސްތިސްނާކޮށްފައިނުވާ މައްސަލަތައް ބެލުމުގެ އިހްތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ކްރިމިނަލް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 1. މަރުގެ މައްސަލަތައް.
 2. ޒިނޭގެ މައްސަލަތައް.
 3. ވަކިމީހަކަށް ނުލައްވާގޮތަށް ބަލިވެ އިނުމާއި، ވިހެއުމުގެ މައްސަލަތައް.
 4. ގަޒުފުގެ މައްސަލަތައް.
 5. އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތައް.
 6. ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް.
 7. ބަނގުރާ ބުއިމުގެ މައްސަލަތައް.
 8. އިސްލާމްދީނުގެ އަސްލަކާ ހިލާފްވުމާއި، ދީނުން ބޭރުވާފަދަ ބަސްބުނުމުގެ ނުވަތަ އެފަދަ އަމަލުކުރުމުގެ މައްސަލަތައް.
 9. ވައްކަމުގެ މައްސަލަތައް.
 10. މާރާމާރީގެ މައްސަލަތައް.
 11. އާންމު އުނދަގޫކުރުމާބެހޭ މައްސަލަތައް.
 12. މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް.
 13. ހިޔާނާތްތެރިވުމުގެ މައްސަލަތައް.
 14. ޓެކުމުގެ މައްސަލަތައް.
 15. ފޭރުމުގެ މައްސަލަތައް.
 16. ފައިސާއާ މުދަލަށް އިހުމާލުވުމުގެ މައްސަލަތައް.
 17. މަސްތުވާތަކެއްޗާބެހޭ މައްސަލަތައް.
 18. ށަރީއަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް.
 19. ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް.
 20. ބާލިގުވެފައިވާ އެއް ޖިންސުގެ ދެމީހަކު ރުހުމުގައި ނަހަމަ ގޮތުން އުޅުމުގެ މައްސަލަތައް.
 21. ބަނގުރާ ނުވަތަ ބަނގުރަލުގެ އާވި ހިމެނޭ އެހެން ދިޔާ ތަކެތި ބުއިމުގެ މައްސަލަތައް.
 22. ރަމަޒާން މަހު ދުވާލު ކައިބޮއެ ހެދުމުގެ މައްސަލަތައް.
 23. ގާނޫނާއި ގަވާއިދާ ހިލާފަށް ގޯތިގެދޮރަށް ވަނުމާއި، ފުރާދުއްވާ ތަކެއްޗަށް އެރުމުގެ މައްސަލަތައް.
 24. ގާނޫނާއި ގަވާއިދާ ހިލާފަށް ފަޅުފަޅުން މަސްހިފުމާއި، މަސް ބޭނުމުގެ މައްސަލަތައް.
 25. މަނާ ސަރަހައްދުތަކުން ވެލި، ގާ، އަކިރި ފަދަތަކެތި ނެގުމުގެ މައްސަލަތައް.
 26. ގޭގައި ބަންދުކޮށްފައި ތިބޭ މީހުން ގަވާއިދާ ހިލާފަށް ގެއިން ނުކުތުމުގެ މައްސަލަތައް.
 27. ޖަލުގައި ތިބޭ މީހުން ނުވަތަ އަރުވާލާފައި ތިބޭ މީހުން އެމީހުން ކޮށްފައިވާ ބަންދުގެ ގަވާއިދުތަކާ ހިލާފްވުމުގެ މައްސަލަތައް.
 28. އޮރިޔާން ކާޑު ރާއްޖެއަށް ގެނައުމާއި، ގެންގުޅުމާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާ ފިލްމު ބެލުމުގެ މައްސަލަތައް.
 29. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ލައިސަންސް ނެތި ދުއްވުމާއި، އެކްސިޑެންޓްވުމުން ނޭންގުމުގެ މައްސަލަތައް.
 30. އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް.
 31. ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާގުޅިގެން ބަދަލު ހޯދުމަށް އެދި، އެކުށުގެ ދައުވާއާއެކު ހުށަހެޅޭ މައްސަލަތައް.
 32. ކްރިމިނަލް ކޯޓުގައި ބަލާ ޖިނާއީ މައްސަލަތަކާއެކު ހުށަހެޅޭ ނަސަބު ސާބިތުކުރުމުގެ މައްސަލަތައް.
 33. ކްރިމިނަލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން ޖިނާއީ މައްސަލަތައް.

 

 

 

 

 ----------------------

 


ޖަދުވަލު 3

ފެމިލީ ކޯޓުގެ އިހްތިސާސް

 

އާއިލާއާބެހޭ ބައިން ބަލާ މައްސަލަތައް ބެލުމުގެ އިހްތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ފެމިލީ ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

 1. މަރު ސާބިތުކުރުމުގެ މައްސަލަތައް.
 2. އަނބިމީހާ ކައިވެނި ހެޔޮ ނުވާ މީހަކާ އެއްފަދަ ކުރުމުގެ މައްސަލަތައް.
 3. ކައިވެނި ފަސްހުކުރުމާއި، ތަފްރީގްކުރުމާއި، އެ ކަންކަމާބެހޭ މައްސަލަތައް.
 4. ދެމަފިރިންގެ ދެމެދުގައި ހިނގާ އަރާރުންތަކާއި، އެކަކު އަނެކަކަށް ހިޔާނާތްތެރިވެގެން ހުށަހަޅާ މައްސަލަތައް.
 5. ދަރިލެއްވުމުގެ މައްސަލަތައް.
 6. ބަލަދުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް.
 7. ނަސަބު ސާބިތުކުރުމުގެ މައްސަލަތައް.
 8. ލިއާނުގެ މައްސަލަތައް.
 9. ދަރިއަކު ބަލާ ބޮޑުކުރުން އެހެން ފަރާތަކާ ހަވާލުކުރުމުގެ މައްސަލަތައް.
 10. އީލާގެ މައްސަލަތައް.
 11. ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިފައިވާ ތިން ބައިން ކުރެ ބައެއްގައި ނުހިމެނޭ ޖިނާއީ މައްސަލަތައް.
 12. ކައިވެނިކޮށްދިނުމާއި، ރަޖިސްޓަރީކުރުމާއި، އެ ކަންކަމާބެހޭ އެންމެހައި ކަންތައްތައް.
 13. ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީކޮށްދިނުން.
 14. ވަރި ރަޖިސްޓަރީކުރުން.
 15. ވަރިއާބެހޭ ގޮތުން މައްސަލަ ޖެހިގެން ހުށަހަޅާ މައްސަލަތައް.
 16. ދަރިފުޅު އަތުލުމުގެ މައްސަލަތައް (ހަޒާނާ) .
 17. ނަފަގާ ދިނުމުގެ މައްސަލަތަކާއި، ފިރިމީހާ އަނބިމީހާއަށް ނަފަގާ ނުދޭތީ ނުވަތަ އެހީ ނުވާތީ ހުށަހަޅާ މައްސަލަތައް.
 18. އަވަސްނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމިދާނެކަމަށް ފެންނަ، މި ޖަދުވަލުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތައް.

 

 

 ----------------------

 

 


ޖަދުވަލު 4

ޖުވެނައިލް ކޯޓުގެ އިހްތިސާސް

 

އެހެން ގާނޫނަކުން ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ގާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ.

 

 

--------------------

 

 

ޖަދުވަލު 5

މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް

 

1. މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުމެވެ.

(ހ)  އެ ކޯޓެއް ހިމެނޭ ޖުޑީށަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި އާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް.

(ށ)  އެ ކޯޓު ނިސްބަތްވާ ޖުޑީށަލް ދާއިރާގެ ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް.
(ނ)  ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ރ)  ގާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ބ)  ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް.

(ޅ)  ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ގާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.

(ކ)  ކަފާލާތުގައި ދޫކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް.

(އ)  އަވަސް ނިޔާގެ ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުން އަވަހަށް ނިންމަންޖެހޭ މައްސަލަތައް.

(ވ)  އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީއާއި ރަހުނުގެ އެއްބަސްވުމާއި ވަސިއްޔަތުގެ ލިޔުންތައް ރަޖިސްޓަރީކުރުން.

 
2.
މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަދަނީ، ޖިނާއީ، އަދި އާއިލީ މައްސަލަތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކުން ނުބެލެވޭނެއެވެ.

(ހ)  ގަސްދުގައި މީހުން މެރުމުގެ ކުށުގެ މައްސަލަތައް.

(ށ)  މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް.

(ނ)  ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.

(ރ)  ވަގު ނޫޓާއި، ވަގު ކޮއިންޖެހުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް.

(ބ)  ޓެރަރިޒަމްގެ މައްސަލަތައް.

(ޅ)  ގާނޫނުލްއުގޫބާތުގެ ޗެޕްޓަރ 1 ގެ "ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތާއި ފިތުނަ" މިސުރުހީގެ ދަށުގައިވާ މާއްދާއަކުން ކުރެ މާއްދާއެއްގެ ދަށުން ދައުވާކުރެވޭ މައްސަލަތައް.

(ކ)  މީހެއްގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމުގެ މައްސަލަތައް.

(އ)  5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.

 
3.
މި ގާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަކި ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް، ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

(ހ)  އެ ރަށެއްގެ ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް.

(ށ)  އެ ރަށެއްގެ ރަށްވެއްސެއްގެ ތަރިކައިގެ މައްސަލަ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 22/2010)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

 1. ކްރިމިނަލް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 100/2021)
 2. ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 84/2020)
 3. ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 10/2018)
 4. ފެމިލީ ކޯޓުގައި ކާވެންޏާއި ވަރި ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 124/2015)
 5. ޖުވެނައިލް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 25/2014)
 6. ފެމިލީކޯޓުން ދޫކުރާ މެރިޖް ކާޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 38/2013)
 7. ފެމިލީ ކޯޓުގެ ގަވާއިދު - 2012
 8. ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2011)
 9. ސިވިލް ކޯޓުގެ ށަރީއަތުގެ ނިޒާމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2011)

ކިޔުންތެރިންގެ ހިޔާލު