-

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-40)

 

ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 ވަނަ މާއްދާ - ސުޕްރީމްކޯޓު އެކުލަވާލެވިފައިވާ ގޮތް

(ހ) ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ.

(ށ) ގާނޫނުއަސާސީ ގެ 147 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ އެއްވެސް ފަނޑިޔާރަކު، އޭނާގެ މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫންކަމަށް، ޖުޑީށަލް ސަރވިސް ކޮމިށަނަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

(ރ) ފުރަތަމަ ފަހަރަށް، މި މާއްދާގެ (ނ) ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް މި ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ވަކިކުރުމުގެ ސަބަބުން ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އިންތިޒާމުކޮށް ހަމަޖައްސަންޖެހޭ ކަމެއް ވާނަމަ އެ ކަމެއް، މި މާއްދާގެ (ނ) ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާތާ ގިނަވެގެން ޖުމްލަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ކޮށް ނިންމަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި، ސުޕްރީމްކޯޓުގައި ދެންތިބި ފަނޑިޔާރުން އެ ފަނޑިޔާރުންގެ މަގާމުގައި ދެމިތިބޭނެއެވެ.

(ކ) މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އަދި މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރަންޖެހޭ ކަންކަން އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުމަށްޓަކައި، އެ ކަންކަން ކުރުމަށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުމަށްޓަކައި، އެ ކަންކަން ކުރުމަށް ކަމާބެހޭ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ނ) ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ މީހުންނަށް ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

35 ވަނަ މާއްދާ - ހައިކޯޓު ހިންގުމާއި ހައިކޯޓުގެ ގޮފިތައް ކަނޑައެޅުން

(ހ) އާންމު އުސޫލެއްގެ ގޮތުން ހައިކޯޓު ހިނގަމުންދާނީ މާލޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ހައިކޯޓުގެ ދެ ގޮފި ގާއިމުކުރާނެ ރަށަކާއި، އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.

(ރ) ހައިކޯޓަށް ވަކި ހާއްސަ އިހްތިސާސްތަކެއް ކަނޑައެޅިފައިވީނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން ގާއިމުކުރެވޭ ހައިކޯޓުގެ ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުން އެކަންޏެވެ.

(ބ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 9 (ނުވައެއް) ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް 3 (ތިނެއް) ފަނޑިޔާރުންގެ ނިސްބަތުންނެވެ.

(ޅ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ ހައިކޯޓުގެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ހަމަޖެއްސުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ސުޕްރީމްކޯޓުގެ މަސްއޫލިއްޔަތެކެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި ފަނޑިޔާރުކަމުގެ ތަޖުރިބާގެ އިތުރުން ހިންގުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ސުޕްރީމްކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޯޓުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު