-

މާލިއްޔަތުގެ ގާނޫނު

(ގާނޫނު ނަންބަރު 2006-03)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދައުލަތުގެ ފައިސާއާއި މުދާ ކޮންޓްރޯލު ކުރުމަށާއި ބެލެހެއްޓުމަށް އުސޫލުތަކެއް ކަނޑައެޅުމާއި، ދައުލަތުގެ ފައިސާއާއި މުދަލާ ގުޅޭގޮތުން މާލީ އުސޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދައުލަތުގެ މާލިއްޔަތުގެ ގާނޫނު" އެވެ.

 

ޗެޕްޓަރ 1 

ދައުލަތުގެ ފައިސާއާއި މުދާ

2 ވަނަ މާއްދާ - ދައުލަތުގެ ފައިސާ ދޫކުރުމާއި ހަރަދުކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ހަރަދުކުރަން ޖެހޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެންނުވާނެއެވެ.

  1. ދަރަންޏަށް ޒިންމާވާންޖެހޭގޮތަށް ހަރަދުކުރަންޖެހިފައިވާ ފައިސާ، ގާނޫނީ ހަމަތަކުގެ މަތިން ހަރަދުކުރެވޭގޮތަށް ހުރުން.
  2. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރެވިގެން ދަރަންޏަށް ޒިންމާވާގޮތަށް ހަރަދު ކުރަންޖެހިފައިވާ ފައިސާއެއް ކަމުގައިވުން.

(ށ) އަންނަނިވި ހާލަތުތަކުގައި މެނުވީ އެއްވެސް ފަރާތަކުން ދައުލަތުގެ ފައިސާ ދޫކޮށްގެންނުވާނެއެވެ.

  1. ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް، ގާނޫނީ ހަމަތަކުގެ މަތިން ދައުލަތުގެ ފައިސާ ލިބެންހުރުން.
  2. ހަރަދުކުރުމަށްް ބޭނުންވާ ފައިސާއަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ހަރަދުކުރުމަށްް ހުއްދަކޮށްފައިވާ ފައިސާއަކަށްވުން.

 

3 ވަނަ މާއްދާ - ހުއްދަ އޮތް ލޯނަކަށްމެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުން

ރައީސުލްޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ލޯނު ދޫކުރުމަށް ހުއްދަކޮށްފައިވާ ވަކި ގިންތީއެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނުގެގޮތުގައި ދޫކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ލޯނުގެ ގޮތުގައި ފައިސާ ދޫކުރުން

(ހ) މި ގާނޫނުގައި، ނުވަތަ އެހެންވެސް ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދައުލަތުގެ ފައިސާ، ލޯނުގެ ގޮތުގައި ދޫކުރެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި މިންގަނޑުތަކުގެ ތެރޭގައި، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ދައުލަތުގެ ބޭނުންތަކަށް އެކަންޏެވެ.

(ށ) މިގާނޫނުގެ ބޭނުމަށްޓަކައި "ދައުލަތުގެ ބޭނުންތައް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަސްލަހަތުތައް ހިމެނިގެންވާ ބޭނުންތަކަށެވެ.

  1. މުޅި މުޖްތަމައަށް ނުވަތަ މުޖްތަމައުގެ ބޮޑު ބަޔަކަށް އެކަމުން ލިބޭނެ މަންފާއެއް އޮތުން؛
  2.  އެކަމަކީ، ސަރުކާރަކަށްވީތީ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުން؛
  3. އެކަމެއް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމުގައި ބެލެވޭ ކަމެއް ކަމުގައި ނުވުން؛
  4. އެކަމަކީ، އާންމު ސިއްހަތާއި، އާންމު ރައްކާތެރިކަމާއި، އާންމު މަސްލަހަތާއި، އަމަންއަމާންކަމާއި، ގައުމުގެ ކުރިއެރުމާއި، ގައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށްވުން.

(ނ) ދައުލަތުން ލޯނު ދޫކުރަންވާނީ އާންމު ކުރެވިފައިވާ ހަމަހަމަ އުސޫލެއްގެ މަތިން ކަނޑައެޅޭ ސިޔާސަތެއްގެ ދަށުންނެވެ. ދައުލަތުން ދޫކޮށްފައިވާ ލޯނެއް މައާފުކޮށްދެވޭނެ ހާލަތްތައް މިސިޔާސަތުގައި ކަނޑައަޅަންވާނެއެވެ

(ރ) ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ އެފަދަ ލޯނެއް ދޫކުރުމަށް ހުއްދަ ދެއްވުމުންނެވެ. ލޯނު ދޫކުރުމުގެ ހުއްދައަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ލިޔުމުގައި ލޯނު ދޭން ބޭނުންވާ ސަބަބާއި، ލޯނުގެ ޕްރިންސިޕަލް އަދަދާއި، އިންޓަރެސްްޓް ރޭޓާއި، އެހެނިހެން ޗާޖެއްވާނަމަ އެޗާޖަކާއި، ލޯނު އަނބުރާ ހޯދުމަށް ކަނޑައެޅިފައިވާ ގޮތުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ބ) ދައުލަތުން ދޫކުރާ ލޯނެއްގެ ފައިސާ ގަވާއިދުން އަނބުރާ ދައްކަމުން ނުގެންދާނަމަ މިނިސްޓަރު އެކަމާމެދު އެޅެންހުރި ފިޔަވަޅުތައް އަޅަންވާނެއެވެ.

(ޅ) ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނެއްގެ ގޮތުގައި ދޫކޮށްފިނަމަ، ނުވަތަ ދޫކޮށްފައިވާނަމަ، އެލޯނެއްގެ މައުލޫމާތާއި ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ބަލަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުން

(ހ) ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާނެގުމަށް، ނުވަތަ ގެރެންޓީއެއް ދިނުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެދަރަނި ނެގުމާގުޅޭގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންކަން ކުރުމަކީ، މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

(ނ) ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ  ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ރ) ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓަރެސްޓާއި، އެފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިޔު ފަންޑުންނެވެ.އެހެންވެސް މަގާމެއްގައި ހުރި، ނުވަތަ އެފަދަ އިދާރާއެއްގައި އެތަނެއްގެ ޖުމްލަ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ އެމީހެއްގެ އަމިއްްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަން ކޮށްފައިވާ ފަރާތެއްގެ ނުވަތަ ގުޅިފައިވާ ފަރާތެއްގެ ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހެއްކަމުގައި ނުވުން.

(ބ) މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ދައުލަތުން ދަރަނި ނަގާ ކޮންމެ ފަހަރަކު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެދަރަންޏަކާގުޅޭ މައުލޫމާތު، އެދަރަނި ނަގާތާ 30 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ޅ) މިމާއްދާގެ (ބ) ގައިވާ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު އެދަރަންޏެއް ނެގި ބޭނުމާއި، މުޖްތަމައަށް ކުރާނެ ފައިދާއާއި، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓަރެސްޓާއި، އެފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް އެނގެން އޮންނަންވާނެއެވެ. އަދި އެދަރަންޏެއް ނެގުމާ ގުޅޭގޮތުން ކުރެވުނު ދިރާސާގެ ރިޕޯޓުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

6 ވަނަ މާއްދާ - ލޯނާއި ގެރެންޓީގެ މައްލޫމާތު ލިޔެ ބެލެހެއްޓުން

ދައުލަތުގެ ފަރާތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގސްގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓަރު ލިޔެ ބަލަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ - ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުން

ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. މިކަންކަން ކުރަންވާނީ، ކޮންމެ އޮފީހެއްގައި ހުންނަ މިގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާއެވެ.

 

8 ވަނަ މާއްދާ - މާލީ އަހަރު ނިމުމަށްފަހު ފައިސާ ހޯދުން

މާލީ އަހަރެއްގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް، ނުވަތަ ހިދްމަތަކަށް ދައްކަންޖެހޭ ފައިސާގެ ބިލެއް، އެމާލީ އަހަރެއް ނިމޭ ފަހުން އަންނަ ސަރުކާރު ބަންދުނޫން 30 ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފިނަމަ، އެ ބިލުގައިވާ ފައިސާ، ނިމުނު މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާއިން ނުވަތަ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން ދިނުމަށް މިނިސްޓަރަށް ހުއްދަ ކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ނުލިބޭނެކަމަށް ދޫކޮށްލުން

ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ، ނުވަތަ ނައްތާލެވިފައިވާ، ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓަރު ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.

 

10 ވަނަ މާއްދާ - ހާއްސަ އެހީ

(ހ) ގާނޫނުން އުފެދޭ ޒިންމާއެއްގެ ދަށުން ހޭދަކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް، ހާއްސަ އެހީގެގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ވެދެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ފައިސާއިން ހާއްސަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، އެމީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ އަދްލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނަ ހާލަތްތަކުގައެވެ. އެހެންނޫންނަމަ، އެފަދަ އެހީއެއް ވެދޭންވާނީ މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދައްޗަކުން އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ މުޖުތަމައުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމަކަށްވުމުގެ އިތުރަށް، އެހާލަތުގައި އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ އެންމެ އަދްލުވެރި، އިންސާފުވެރިގޮތްކަމަށް ސަރުކާރަށް ފެންނަ ހާލަތްތަކުގައެވެ.

(ނ) މިމާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު މިނިސްޓަރަށެވެ.

 

ޗެޕްޓަރ 2

 

ޕަބްލިކް ބޭންކް އެކައުންޓް

 

11 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓް ހުޅުވުން

ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި، މިނިސްޓަރު ހުޅުވައި ބަލަހައްޓާ ޕަބްލިކް ބޭންކް އެކައުންޓުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައެވެ. އެފަދަ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައިނަމަ، ދައުލަތުގެ ފައިސާ ބަހައްޓަންވާނީ، މިގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އަދި ހިންގާ އެކައުންޓެއްގައެވެ. އެފަދަ އެކައުންޓެއްވެސް ނެތް ރަށެއްގައި ފައިސާ ބަހައްޓަންވާނީ ސަލާމަތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުންނެވެ.

 

12 ވަނަ މާއްދާ - މޯލްޑިވްސް މަނިޓަރީ އޮތޯޓިރީގައި ނުވަތަ އެހެން ބޭންކެއްގައި އެކައުންޓު ހުޅުވުން

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެއޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައި، ސަރުކާރުގެ އޮފީހަކަށް މިގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެކައުންޓެއް ހުޅުވޭނީ، އެކަމަށް މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އެ ހުއްދަ މިނިސްޓަރު ދޭނީ އަންނަނިވި ހާލަތްތަކުގައެވެ.

 

  1. އެކައުންޓް ހުޅުވަން އެދޭ އޮފީހަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައި ހިނގާ އޮފީހަކަށްވުމާއެކު، އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ސަރުކާރުގެ އޮފީހަކަށްވުން؛ ނުވަތަ
  2. އެކައުންޓެއް ބޭނުންވަނީ، ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ، ހިލޭ ނުވަތަ ލޯނު އެހީގެ އެއްބަސްވުމެއްގެ ދަށުން ބެހެއްޓުމަށްކަމަށްވުމާއި، ދައުލަތުގެ ފައިސާގެ ގޮތުގައި ނުބެލެވޭ ފައިސާ ބެހެއްޓުމަށް ކަމަށް މިނިސްޓަރަށް ފެނުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަ ލިބިގެން ހުޅުވާ އެކައުންޓަކުން ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންްވާނީ، އެ އެކައުންޓުގައި ފައިސާ ހުރި ވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިންނެވެ.

 

13 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުން

ޕަބްލިކް ފަންޑަކުން އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ ފިޔަވައި، އެ އޮފީހަކުން ހޯދާ ހުރިހާ ފައިސާއަކާއި، ބަލައިގަންނަ ހުރިހާ ފައިސާއެއް، ޕަބްލިކް ބޭންކް އެކައުންޓުގައި ޖަމާކުރަންވާނެއެވެ. އެ ފައިސާ ހޯދީ، ނުވަތަ ލިބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، އެފައިސާ ޖަމާކުރާނީ، އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައެވެ. އެފަދަ ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ސަރުކާރުގެ އޮފީހަކުން، އެފަދަ ފައިސާއާމެދު އަމަލުކުރާނީ މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

14 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ފައިސާ ހިސާބުކޮށް ތަފްސީލު ހިމެނުން

މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އިންވެސްޓުކުރާ ދައުލަތުގެ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ.

 

15 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުން ފައިސާ ދޫކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ޕަބްލިކް ބޭންކް އެކައުންޓުން ފައިސާ ނަގައިގެން ނުވާނެއެވެ.

    

  1. މި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން، ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރަން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން؛ ނުވަތަ
  2. މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން؛ ނުވަތަ
  3. މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން؛ ނުވަތަ
  4. މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން؛ ނުވަތަ
  5. ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން ޓްރަސްޓް ފަންޑުން.

(ށ) މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ނަގާ ފައިސާ ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓުން ނަގާ ހުރިހާ ފައިސާ އެއްވެސް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައިހުރި ފައިސާގެ ތެރެއިން، ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ، އެ އެކައުންޓުން ނަގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަދި މާލީ ރައްކާތެރިކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓަރަށް އިންވެސްޓް ކުރެވިދާނެއެވެ.

  1. ބޭރު ގައުމެއްގެ ސަރުކާރަކުން ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާއަކުން ދޫކޮށްފައި، ނުވަތަ ގެރެންޓީ ކޮށްފައިވާ   ސެކިއުރިޓީޒްއަށް.
  2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ގަބޫލުކުރާ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުގެ ގޮތުގައި   ބެހެއްޓުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓަރު ބަލަހައްޓަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ކޮންމެ އިންވެސްޓްމަންޓަކުން ލިބޭ އިންޓަރެސްޓެއްވެސް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއާމެދު އަމަލުކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - ހަރަދުކުރުމަށް ހުއްދަދޭ ލިޔުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުގައިވާ ފައިސާ ހަރަދުކުރެވޭނީ މިނިސްޓަރު ސޮއިކޮށް ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރަންވާނީ ފާސްކޮށްފައިވާ ބަޖެޓެއްގައި ހިމެނޭ ހަރަދެއް ކުރުމަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރާނީ ކޮންމެ މާލީ އަހަރެއް ފެށޭއިރުއެވެ. އަދި މިގޮތުން ދޫކުރާނީ އަހަރަކު އެއް ހުއްދައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ދަށުން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން މާލީ އަހަރެއްގައި ކުރެވޭ ޖުމްލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ހަރަަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ބ) ސިއްރު

ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް އެ ބަޖެޓުގެ މުއްދަތު ހަމަވުމުން، މިގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ހަރަދެއްކުރުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

 ޗެޕްޓަރ 3

 

ޕަބްލިކް ފަންޑުތައް

 

18 ވަނަ މާއްދާ - ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް

(ހ) އަންނަނިވި ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާގޮތަކަށް މިނިސްޓަރު ލިޔެ، ބަލަހައްޓަންވާނެއެވެ.

  1. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް؛
  2. ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑް؛
  3. އެޑްވާންސް ފަންޑް؛
  4. ޓްރަސްޓް ފަންޑް؛

(ށ) ޕަބްލިކް ފަންޑުތަކުގައިހުރި ފައިސާގެ ޖުމްލަ، ޕަބްލިކް ބޭންކް އެކައުންޓުގައިހުރި ފައިސާއާއި، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިންވެސްޓް ކޮށްފައިވާ ފައިސާގެ ޖުމްލައާ އެއްވަރުވާން ވާނެއެވެ.

 

19 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ޖަމާކުރުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާއެއްވެސް ޖަމާކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖޭން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީހަކުން ހޯދާ، ނުވަތަ އެފަދަ އޮފީހަކަށް ލިބޭ ނުވަތަ، އެފަދަ އޮފީހެއްގައި ހުރި ދައުލަތުގެ ފައިސާ؛

(ށ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ނ) އެޑްވާންސް ފަންޑަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ  24 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ރ) ޓްރަސްޓް ފަންޑުގައި ހިމެނޭ އެކައުންޓުތަކަށް ޖަމާކުރަންވާނެކަމަށް މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުލަތުގެ ފައިސާ؛

(ބ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ޖަމާކުރަން ވާނެކަމަށް މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ފައިސާ.

 

20 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ދޫކުރުން

(ހ) އަންނަނިވި ހާލަތުތަކުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

  1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން؛ ނުވަތަ
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ދޫކުރުމަށް ހުއްދަކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން؛ ނުވަތަ
  3. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ ފައިސާއިން، ރިފަންޑް ދިނުމަށްް.

(ށ) ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއް ހޯދުމަށްފަހުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ފައިސާ ޖަމާކުރުން

ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ޖަމާކުރަންވާނީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށެވެ.

(ހ) މިގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ދައުލަތުގެ ބޭނުންތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުގެމަތިން، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ދޫކުރެވޭ ފައިސާ.

(ށ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދޫކުރި ލޯނުގެ ޕްރިންސިޕަލަށް ދައްކާ ފައިސާ.

(ނ) ދައުލަތުގެ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ.

(ރ) ބައިނަލްއަގްވާމީ ޖަމާއަތަކުންވިޔަސް، އަދި އެހެން ފަރާތަކުންވިޔަސް، ކެޕިޓަލް ހަރަދު ކުރުމަށް އެއްވެސް ށަރުތަކާ ނުލައި، އެހީގެ ގޮތުގައިދޭ ފައިސާ.

(ބ) ކެޕިޓަލް ހަރަދު ކުރުމަށް، ނުވަތަ އެހެންވެސް ކަމަކަށް، އެކި ފަރާތްތަކުން ދައުލަތަށް ދޫކުރާ ލޯނުގެ ފައިސާއާއި، ދައުލަތުން ދަރަންޏަށް ހޯދާ ފައިސާ.

 

22 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ފައިސާ ދޫކުރުން

(ހ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ދޫކުރެވޭނީ، ފާސްކުރާ ބަޖެޓުގައިވާ ގޮތުގެމަތިންނެވެ.

 (ށ) ހަރަދު ކުރުމަށް ހުއްދަދޭ ލިޔުމެއްގައިވާ ގޮތުގެމަތިން މެނުވީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 (ނ) ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ދައުލަތުގެ ފައިސާއެއް ޖަމާކުރީ ވަކި ބޭނުމެއްގައިކަމުގައި ވާނަމަ، އެ ބޭނުމެއް ހާސިލުކުރުމަށް މެނުވީ، އެ ފަންޑުން އެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

23 ވަނަ މާއްދާ - އެޑްވާންސް ފަންޑުން ފައިސާ ދޫކުރުން

(ހ) އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވޭނީ، އަންނަނިވި ކަންކަމަށެވެ.

 

  1. ސަރުކާރުގެ އާންމު ހިދްމަތްތަކަށާއި، ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖޭން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތަކަށް އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ ދޫކުރުމަށް؛
  2. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭ އަދި ކުއްލިއަކަށް ދިމާވާ ބޭނުމަކަށް ދައުލަތުގެ ފައިސާ ދޫކުރަންޖެހޭ ފަދަ ހާލަތެއްގައި ފައިސާ ދޫކުރުމަށް؛ އަދި
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެއްވެސް ފައިސާއެއް އެޑްވާންސް ފަންޑުން ދޫކޮށްފައިވާނަމަ އެ ފަންޑަށް އެ ފައިސާ އަނބުރާ ޖަމާކުރުމަށްޓަކައި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން، ނުވަތަ އެ ދެ ފަންޑުން ފައިސާ ނެގުމަށް ބޭނުންވާކަން މިނިސްޓަރު، ވިދިގެން އަންނަ މާލީ އަހަރުގެ ބަޖެޓުގައި، ނުވަތަ ހިނގަމުންދާ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ކަނޑައަޅަންްވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް މިނިސްޓަރުގެ ހުއްދައެއް ލިޔުމަކުން ލިބިގެން އެ ލިޔުމުގައިވާ ގޮތުގެމަތިން މެނުވީ، އެޑްވާންސް ފަންޑުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ - އެޑްވާންސް ފަންޑަށް ފައިސާ ޖަމާކުރުން

ދައުލަތުގެ ފައިސާގެ ތެރެއިން އަންނަނިވި ފައިސާ ޖަމާ ކުރަންވާނީ، އެޑްވާންސް ފަންޑަށެވެ.

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެޑްވާންސް ފަންޑުން އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އެ ފަންޑަށް އަނބުރާ ދައްކާ ފައިސާ؛

(ށ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެޑްވާންސް ފަންޑުން ދޫކޮށްފައިވާ ފައިސާއާ ގުޅިގެން އެ ފަންޑަށް އަނބުރާ ދެއްކުމަށް މިގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ފައިސާ.

 

25 ވަނަ މާއްދާ - ޓްރަސްޓް ފަންޑް އެކުލެވިގެންވާގޮތް

(ހ) ޓްރަސްޓް ފަންޑް އެކުލެވިގެންވަނީ މި ގާނޫނުގެ  30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓަރެސްޓް ސަސްޕެންސް އެކައުންޓާއި، އަދި އެހެން ގާނޫނަކުން ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި އެއްވެސް ޓްރަސްޓް އެކައުންޓެއް އުފައްދާނަމަ، އެ ޓްރަސްޓް އެކައުންޓަކާއި،  މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓްރަސްޓް އެކައުންޓުތަކުގެ މައްޗަށެވެ.

(ށ)  އަންނަނިވި ބޭނުންތަކަށްޓަކައި އެކި ދުވަސްވަރު އުފައްދާ ޓްރަސްޓް އެކައުންޓުތައްވެސް ޓްރަސްޓް ފަންޑުގައި ހިމެނޭނެއެވެ.

  1. ސަރުކާރުގެ ވަކި ބޭނުންތަކަކަށް ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް؛
  2. ސަރުކާރުގެ އޮފީހެއް ކަމުގައިނުވާ އެހެން ފަރާތަކަށްޓަކައި، ދައުލަތުން ފައިސާ ބަހައްޓައި ދިނުމަށް؛
  3. ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ވަކި ށަރުތުތަކެއްގެ މަތިން ދައުލަތަށް ލިބޭ ފައިސާ، ދައުލަތުގެ ފައިސާގެ ގޮތުގައި ވަގުތީގޮތުން ބެހެއްޓުމަށް؛
  4. ދައުލަތަށް ލިބޭ ފައިސާއެއްގެ ވަކި ބޭނުމެއް އެނގެންދެން، ވަގުތީގޮތުން ބެހެއްޓުމަށް؛
  5. ޓްރަސްޓް އެކައުންޓުގެ ވަކި ހާއްސަ ބޭނުމަކަށް ބަޖެޓުގައި ކަނޑައަޅާ ފާސް ކޮށްފައިވާ ދައުލަތުގެ އެންމެހައި ފައިސާ؛
  6. ޓްރަސްޓް އެކައުންޓުގެ ހާއްސަ ބޭނުމަކަށްޓަކައި ލިބިފައިވާ ދައުލަތުގެ އެންމެހައި ފައިސާ.

(ނ) މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި 
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި މެނުވީ، ޓްރަސްޓް އެކައުންޓެއް އުފައްދައިގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތަކުގެ ޓްރަސްޓް ސްޓޭޓްމަންޓް

(ހ) މި ގާނޫނުގެ، ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޓްރަސްޓް އެކައުންޓެއް ގާއިމުކޮށްފިނަމަ، އެ އެކައުންޓަކާ ގުޅޭ ޓްރަސްޓް ސްޓޭޓްމަންޓެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގައި "ޓްރަސްޓް ސްޓޭޓްމަންޓް" ކަމަށް ބުނެފައިއެވަނީ، އުފައްދާ ޓްރަސްޓް އެކައުންޓުގެ ނަމާއި، ބޭނުމާއި، އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ ބާވަތާއި އަދަދާއި، އެ އެކައުންޓުން ކުރުން ހުއްދަ ހަރަދާއި، އެ އެކައުންޓު ހިންގުމުގެ ޒިންމާ އުފުލާ ފަރާތާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އެކައުންޓާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ އެހެން ހުރިހާ ތަފްސީލުތައް ހިމެނޭ ގޮތަށް މިނިސްޓަރު ތައްޔާރުކޮށް، މިނިސްޓަރު ސޮއިކޮށްފައިވާ، އެ އެކައުންޓާގުޅޭ ރަސްމީ ތަފްސީލުތައް ހިމެނޭ އެ އެކައުންޓާގުޅޭ އެންމެ އިސް ލިޔުމަށެވެ.

(ނ) މި ގާނޫނުގެ 30 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ތައްޔާރުކުރެވިފައިވާ ޓްރަސްޓް ސްޓޭޓްމަންޓެއް އޮންނަންވާނެއެވެ.

(ރ) ހުރިހާ ޓްރަސްޓް  ސްޓޭޓްމަންޓެއްވެސް ތައްޔާރުކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ޓްރަސްޓް ސްޓޭޓްމަންޓް އިސްލާހުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތަކަށް ފައިސާ ޖަމާކުރުން

ޓްރަސްޓް އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން މެނުވީ، ދައުލަތުގެ ފައިސާ، ޓްރަސްޓް އެކައުންޓަކަށް ޖަމާކޮށްގެން ނުވާނެއެވެ.

 

28 ޓްރަސްޓް އެކައުންޓުން ފައިސާ ދޫކުރުން

(ހ) ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން މެނުވީ، އެ ޓްރަސްޓް އެކައުންޓަކުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ. އަދި ޓްރަސްޓް އެކައުންޓެއްގައި ހުރި ފައިސާއަށްވުރެ އިތުރަށް އެ އެކައުންޓުން ފައިސާ ނަގައިގެން ނުވާނެއެވެ.

(ށ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް މެނުވީ، ޓްރަސްޓް އެކައުންޓަކުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  1. އެހެން ގާނޫނެއްގެ ދަށުން ހުޅުވުނު އެކައުންޓެއްނަމަ، އެ ގާނޫނުގައިވާ އަދި އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން؛
  2. އިންޓަރެސްޓް ސަސްޕެންސް އެކައުންޓުނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ އަދި އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން؛
  3. އެހެން ޓްރަސްޓް އެކައުންޓެއްނަމަ، އެ އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން.

 

29 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓުތައް ބަންދުކުރުން

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދަށްޓަކައި ގާއިމުކޮށްފައިވާ ޓްރަސްޓް އެކައުންޓެއްގެ މަގްސަދު ފުރިހަމަވުމުން، ނުވަތަ އެ އެކައުންޓު އުފެއްދި މަގްސަދު ފުރިހަމަ ނުކުރެވޭކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، އެ އެކައުންޓު ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓް

ޓްރަސްޓް އެކައުންޓެއް ބަންދުކުރުމަށް މިނިސްޓަރު އަންގައިފިނަމަ، އެ އެކައުންޓުން ދޭންޖެހިފައިވާ ފައިސާ ދިނުމަށްފަހު، އެ އެކައުންޓުގައި ބާކީހުރި ދައުލަތުގެ ފައިސާއާމެދު އަމަލުކުރާނީ، އެ އެކައުންޓު ބަންދުކުރުމުގައި އަމަލުކުރަންވީގޮތް އެ އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ކަނޑައަޅާފައިވާނަމަ، އެ ގޮތުގެމަތިންނެވެ. ޓްރަސްޓް ސްޓޭޓްމަންޓްގައި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެ ފައިސާ ޖަމާކުރާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

 

30 ވަނަ މާއްދާ - އިންޓަރެސްޓް ސަސްޕެންސް އެކައުންޓް

(ހ)  ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި، "އިންޓަރެސްޓް ސަސްޕެންސް އެކައުންޓް" ގެ ނަމުގައި އެކައުންޓެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރާ އިންވެސްޓްމަންޓުތަކަށް ލިބޭ އެންމެހައި އިންޓަރެސްޓް ފައިސާ ޖަމާކުރަންވާނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށެވެ.

(ނ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި   ނުވާހާ ހިނދަކު، އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުރި ދައުލަތުގެ ފައިސާ އެ އެކައުންޓުން ނަގައި ޖަމާ ކުރަންވާނީ، ޕަބްލިކް ފަންޑަކަށް، ނުވަތަ އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން އެހެން ޓްރަސްޓް އެކައުންޓަކަށް، ނުވަތަ އެކައުންޓުތަކަށެވެ.

 

ޗެޕްޓަރ 4

ބަޖެޓު އެކުލަވާލައި، ހުށަހެޅުން

 

31 ވަނަ މާއްދާ - ބަޖެޓު އެކުލަވާލައި މިނިސްޓަރަށް ފޮނުވުން

ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން، އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި،  ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓަރަށް އެ ބަޖެޓު ފޮނުވަންވާނެއެވެ. މިމާއްދާގައި ބަޔާންކޮށްފައިވާ ކަންކަންކުރާނީ، އެއިން ކޮންމެ އޮފީހެއްގައި މިގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާއެވެ.

 

32 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓު

(ހ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަޖެޓު ހުށަހަޅާއިރު، އެބަޖެޓުގައި، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު، އެ ބަޖެޓުގައި ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ބަޖެޓު ހުށަހަޅާއިރު، ކެޕިޓަލް ހަރަދުކުރުމަށް ހުށަހަޅަންވާނީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުންނެވެ. އަދި ރިކަރަންޓް ހަރަދުކުރުމަށް ހުށަހަޅަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ރ) ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާ، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ސަރުކާރުގެ މަސްއޫލު އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުތަކުގެ ތަފްސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ބ) ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، މިމާއްދާގައި ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް، އެހުށަހެޅުމެއް ތައްޔާރުކޮށް، އެފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ޅ) ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، ދައުލަތުން ޑެފިސިޓް ފައިނޭންސްކުރާނެގޮތް ބަޔާންކުރަންވާނެއެވެ.

 

33 ވަނަ މާއްދާމަސައްކަތް ބަދަލުވުމުން ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާވެސް ބަދަލުކުރުން

ސަރުކާރުގެ މަސްއޫލު އޮފީހަކާ ގުޅޭގޮތުން ހާއްސަ ކެޕިޓަލް ހަރަދުގެ ގޮތުގައި، ނުވަތަ ފާސްވެފައިވާ ބަޖެޓެއްގައި ވަކި ހިދްމަތަކަށް ދައުލަތުގެ ފައިސާ ކަނޑައަޅާފައިވަނިކޮށް، އެ މަސައްކަތުގެ، ނުވަތަ އެ ހިދްމަތުގެ ޒިންމާ ސަރުކާރުގެ މަސްއޫލު އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ، ހަރަދުނުވެ ބަޖެޓުގައިހުރި ފައިސާ، މިނިސްޓަރުގެ ހުއްދައާއެކު އަލަށް އެ މަސައްކަތް ހަވާލުވި، ނުވަތަ އެ ޒިންމާ އަލަށް ހަވާލުވި އޮފީހަކަށް ބަދަލުކޮށް، އެ އޮފީހަކުން އެ ހަރަދުކުރެވިދާނެއެވެ.

 

34 ވަނަ މާއްދާ - ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައެޅުނު ފައިސާ

ވަކި މާލީ އަހަރަކާ ގުޅޭގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ދައުލަތުގެ ފައިސާއެއް އެ މާލީ އަހަރުގެ ތެރޭގައި ހަރަދު ކޮށްފައިނުވާނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެ މާލީ އަހަރު ނިމުމަށްފަހު، އެ ފައިސާ ހަރަދު ކޮށްގެން  ނުވާނެއެވެ.

 

ޗެޕްޓަރ 5

 

މާލީ ހިސާބުތައް

 

35 ވަނަ މާއްދާ - އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން

(ހ) ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި މިގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި، ތިރީގައިވާ މައްލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ އަހަރު ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.

  1. ނިމުނު މާލީއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހުން ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛
  2. އެ މާލީ އަހަރުގެ ތެރޭގައި އެ އޮފީހަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛ އަދި
  3. އެ މާލީ އަހަރުގެ ތެރޭގައި އެ އޮފީހުން ހިނގި ކަންތައްތަކުގެ ރިޕޯޓު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރަންވާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތުގެމަތިންނެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރުމަށްޓަކައި، އެ އޮފީސްތަކަށް ބޭނުންވާ މައްލޫމާތުގެ ތެރެއިން މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތު އެމާލީ އަހަރެއް ނިމޭތާ 1 މަސް ދުވަހުގެ ތެރޭގައި މިނިސްޓަރު ފޮނުވަންވާނެއެވެ.

(ރ) ސަރުކާރުގެ މަސްއޫލު އޮފީހެއް އުވާލެވިއްޖެނަމަަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް، އެ އަހަރަކުން ހިނގާފައިވާ މުއްދަތަށް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް، އެ އޮފީހެއް އުވާލެވުނުއިރު އެއޮފީހުގައި ހުރި، މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާ ތައްޔާރުކޮށް، އެއޮފީހެއް އުވާލެވޭތާ 6 މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް  ހުށަހަޅަންވާނެއެވެ.

(ބ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން، މިމާއްދާގެ (ހ) ގައިވާ ހިސާބު ތައްޔާރުކޮށް ހުށަހަޅާނީ، ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

36 ވަނަ މާއްދާ - އަހަރީ ރިޕޯޓު އޮޑިޓްކުރުމާއި ރިޕޯޓު ހުށަހެޅުން

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު، އެމާއްދާގައި ބުނެފައިވާ އޮފީހަކުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެ ރިޕޯޓު އޮޑިޓް ކުރަންވާނެއެވެ. އަދި އެ ރިޕޯޓު އޮޑިޓް ކުރުމަށްފަހު، އޮޑިޓަރ ޖެނެރަލް ލިޔެފައިވާ ރިޕޯޓު، އެ އޮފީހުގައި، މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލަށް ލިބެންޖެހޭ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ނުލިބުނުނަމަ، 14 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެކަން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

37 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް  އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހެޅުން

މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު ލިބޭތާ 1 މަސް  ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލުގެ ރިޕޯޓާއި، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، އޭނާ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.

 

38 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ހިސާބުތައް

(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 މަސްދުވަހުގެ ތެރޭގައި، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތުގެމަތިން، ފައިނޭންށަލް ކޮންޓްރޯލަރ ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އަހަރީ ހިސާބުތަކުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ރައްޔިތުންގެ މަޖިލީހުން މާލީ އަހަރަކަށް ފާސްކުރި ބަޖެޓުގައި ކޮންމެ ޕަބްލިކް ފަންޑަކަށް ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛ އަދި
  2. އެ މާލީ އަހަރުގެ ތެރޭގައި ކޮންމެ ޕަބްލިކް ފަންޑަކަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛ އަދި
  3. އެ މާލީ އަހަރު ނިމުނުއިރު، ދައުލަތުގެ އެސެޓްތަކާއި ލަޔަބިލިޓީތައް، އަދި ހިނގާފާނެކަމަށް ބެލެވޭ (ކޮންޓިންޖެންޓް) ލަޔަބިލިޓީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހިސާބު.

(ނ) ދައުލަތުގެ އަހަރީ ހިސާބުތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި، މިނިސްޓަރު އެ ހިސާބުތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ހިސާބުތައް، މާލީ އަހަރެއް ނިމޭތާ 3 މަހާއި 14 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް މިނިސްޓަރުގެ ފަރާތުން ނުލިބިއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލިޔުމަކުން އޮޑިޓަރ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށްް އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - އަހަރީ ހިސާބުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު ހުށަހެޅުން

މި ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އަހަރީ ހިސާބުތައް މިނިސްޓަރުގެ ފަރާތުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - އަހަރީ ހިސާބުތަކާއި އޮޑިޓް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުން

މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮޑިޓަރ ޖެނެރަލުގެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި އެ ރިޕޯޓާއި، މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ދައުލަތުގެ އަހަރީ ހިސާބުތައް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެރިޕޯޓާއި ހިސާބުތައް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެރިޕޯޓާއި ހިސާބުތައް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވަންވާނެއެވެ.

 

41 ވަނަ މާއްދާ - ހިސާބުތައް ބެލުން

ސަރުކާރުގެ އޮފީހެއްގެ މާލީ ލިޔެކިޔުމާއި ފައިސާގެ ހިސާބުތައް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް މިނިސްޓަރަށް ނުވަތަ މިނިސްޓަރު އެކަމަށް ކަނޑައަޅާ މީހަކަށް ބެލިދާނެއެވެ.

 

ޗެޕްޓަރ 6

 

އިދާރީ ކަންކަން

42 ވަނަ މާއްދާ - މިނިސްޓަރު މަސްއޫލިއްޔަތު އުފުލުން

އަންނަނިވި ކަންކަމަކީ، މިނިސްޓަރު މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަންކަމުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

(ހ) މި ގާނޫނު ހިންގުން؛

(ށ) ޕަބްލިކް ބޭންކް އެކައުންޓާއި ޕަބްލިކް ފަންޑުތަކާއި ދައުލަތުގެ މާލީ ކަންކަން ކޮންޓްރޯލު ކުރުމާއި ބެލެހެއްޓުން؛ އަދި

(ނ) ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑުތަކާއި، ދައުލަތުގެ މާލީ ކަންކަމާބެހޭ ފުރިހަމަ އަދި ތެދު ހިސާބު އޮޑިޓަރ ޖެނެރަލަށާއި، ރައްޔިތުންގެ މަޖިލީހަށް ގަވާއިދުން ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުން.

 

43 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު ހަވާލުކުރުން

(ހ) މި ގާނޫނުގައި، މިނިސްޓަރުގެ ބާރާއި ވާޖިބުތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިންްް އެފަހަރަކު މިނިސްޓަރު ހަވާލުކުރަން ބޭނުންވާ ކަންކަން، ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިނިސްޓަރު ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރާބާރާއި ވާޖިބުތައް ފައިނޭންށަލް ކޮންޓްރޯލަރަށް އެހެންމީހަކާ ހަވާލެއް ނުކުރެވޭނެއެވެ.

 (ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރުގެ ބާރާއި ވާޖިބުތައް ފައިނޭންށަލް ކޮންޓްރޯލަރާ ހަވާލުކުރި ކަމުގައިވީ ނަމަވެސް، މިނިސްޓަރު އުފުލަންޖެހޭ ޒިންމާއިން މިނިސްޓަރަށް ބަރީއަައެއް ނުވެވޭނެއެވެެ.

 (ނ) މިމާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް ކޮންޓްރޯލަރާ މިނިސްޓަރު ހަވާލުކުރާ ބާރާއި ވާޖިބުތައް ހަވާލުކުރަންވާނީ، މިނިސްޓަރު ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.

 

44 ވަނަ މާއްދާ - ފައިނޭންށަލް ކޮންޓްރޯލަރ އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތުތައް

(ހ) ފައިނޭންށަލް ކޮންޓްރޯލަރުގެ ނަމުގައި މަގާމެއް އުފައްދައި، އެމަގާމަށް އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހަކު މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެއެވެ.

  1. މަގާމާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ ފައިސާއާބެހޭ ދާއިރާގައި އެކަށީގެންވާ މުއްދަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  2. އެއްވެސް އިރެއްގައި ހިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

 (ށ) ފައިނޭންށަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ. އަދި އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ދައުލަތުގެ ފައިސާއާއި، ހިސާބާއި، ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާއި ހިންގުން.
  2. ދައުލަތުގެ ފައިސާ ބަލައިގަނެވެނީި، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީި، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބެލުން.
  3. ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީި، ނުވަތަ ވިއްކެނީި، ނުވަތަ ނައްތާލެވެނީ، ނުވަތަ ދޫކޮށްލެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބެލުން.

 

45 ވަނަ މާއްދާ - ސަރުކާރުގެ މަސްއޫލު އޮފީސްތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ އަންނަނިވި  ތަންތަނެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް.
  2. ހިންގުމާއި އަދި މާލީ ޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް.

 (ށ) ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ސަރުކާރުގެ ކޮންމެ އޮފީހެއްގެ މާލީ ކަންކަމާއި، މާލީ މުއާމަލާތުތައް ހުންނަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެއޮފީހަކާގުޅޭ ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ބެލުމުގެ ދަށުގައެވެ.

 (ނ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ސަރުކާރުގެ އޮފީހެއްގެ މާލީ ކަންތައްތަކާއި، މާލީ މުއާމަލާތުތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޒިންމާވާންޖެހޭ ސަރުކާރުގެ މަސްއޫލު އޮފީހުން މި ގާނޫނުގެ މަގްސަދަށްޓަކައި އެކަންކަމަށް ޒިންމާވާންޖެހޭނެއެވެ.

 

46 ވަނަ މާއްދާ - ޒިންމާދާރު ވެރިޔާ އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތުތައް

 (ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، މިގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ޒިންމާދާރު ވެރިޔަކު ހުންނަންވާނެއެވެ.

 (ށ) މިގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނަންވާނެއެވެ.

 

                 

ޗެޕްޓަރ 7

 

އެހެނިހެން ކަންތައްތައް

 

47. ވަނަ މާއްދާ – ހުއްދަނޫން އަމަލުކުރުން

އަންނަނިވި ހާލަތުތަކުގައި، އެ ހާލަތެއްގައި ޒިންމާވާންޖެހޭ މީހަކު، ހުއްދަނޫން އަމަލެއްކޮށްފި ކަމުގައި މި ގާނޫނުގެ ދަށުން  ބެލެވޭނެއެވެ.

(ހ) ދައުލަތުގެ ފައިސާ، ނުވަތަ މުދާނެގުމާއި، ނުވަތަ އަނބުރާ ހޯދުމާއި، ނުވަތަ ޖަމާކުރުމުގެ، ނުވަތަ ހިސާބުތަކަށް ވެއްދުމުގެ ޒިންމާ އުފުލަންޖެހޭ މީހަކަށްވެ ހުރެ، ފައިސާ ނުވަތަ މުދާ   ނެގުމަށް، ނުވަތަ އަނބުރާ ހޯދުމަށް، ނުވަތަ ޖަމާކުރުމަށް، ނުވަތަ ހިސާބުތަކަށް ވެއްދުމަށް އިހުމާލުވުން؛ ނުވަތަ

(ށ) މި ގާނޫނުގައި، ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުން؛ ނުވަތަ

(ނ) ޒިންމާވާންޖެހޭ ދައުލަތުގެ ފައިސާ މަދުވުން؛ ނުވަތަ

(ރ) ޒިންމާވާންޖެހޭ ދައުލަތުގެ މުދަލަކަށް ގެއްލުމެއްވުން.

 

48 ވަނަ މާއްދާ - ހުއްދަނޫން އަމަލުކުރުމުން ޖޫރިމަނާކުރުން

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ހުއްދަނޫން އަމަލެއް މީހަކު ކޮށްފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، އެމީހަކު ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. ނަމަވެސް، ޖޫރިމަނާކުރެވޭ އަދަދު ވާންވާނީ، އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ އަދަދަކަށެވެ.

  1. ހުއްދަނޫން އަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދު، ނުވަތަ ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް؛ ނުވަތަ
  2.  މުވައްޒަފު ޒިންމާވާންޖެހޭގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް؛ ނުވަތަ
  3. މުވައްޒަފު ވިއްކާލި، ނުވަތަ ދޫކޮށްލި، ނުވަތަ ހަލާކު ކުރި، ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.

(ށ) ހުއްދަނޫން އަމަލެއް މީހަކު ގަސްތުގައި ކޮށްފިނަމަ މަތީގައިވާ ޖޫރިމަނާކުރުމާއެކު އެމީހެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނާއިބަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަގްސަދަކަށްވާނީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެއެވެ.

 

49 ވަނަ މާއްދާ - ގަވާއިދު ހެދުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުން، ނުވަތަ ފަރާތްތަކަކުންނެވެ.

 

50 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުން

މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ ލަސްވެގެން 1 އަހަރު ދުވަހުގެތެރޭގައި މިގާނޫނަށް  އަމަލުކުރަން ފަށަންވާނެއެވެ. އެހެންނަމަވެސް، އުސޫލީ ބަދަލުތައް ގެނެސްގެން ހިންގެން ހުރި މިގާނޫނުގެ މާއްދާތައް، މިގާނޫނު ހިންގަން ފަށާ ދުވަހުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް ފަސްކުރުމުގެ ބާރާއި، އެމުއްދަތުގެ ތެރޭގައި އެކިއެކި މާއްދާތައް ހިންގަން ފެށުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ – މާނަ

(ހ) މި ގާނޫނުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު: 

"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ. 

"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައިއެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.

"ކެޕިޓަލް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ހަރަދުތައް ހިމެނޭ މަސައްކަތްތަކަށާއި، މަށްރޫއުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެެ. 

"އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއްފަރާތަކުން އަނެއްފަރާތަކަށް ފައިސާގެ ޒިންމާ ނަގާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ. 

"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެ ފަރާތެއްެގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއްފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ. 

"އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދަރަނި އަދާ ކުރުމަށްޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގު ކުރެވޭ ގޮތަށް ފަރާތެއްގެ މިލްކުގައިވާ އެއްޗެއްސަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ. 

"އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ" ކަމަށް ބުނެފައިއެވަނީ، ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.

"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، އޭނާގެ މަސްއޫލިއްޔަތު އެހެން މިނިސްޓަރަކާ، ނުވަތަ ސްޓޭޓް މިނިސްޓަރަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފިނަމަ، އެ މިނިސްޓަރަކަށެވެ.

"ފަރާތް" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ކުންފުންޏެއް، ނުވަތަ ގާނޫނީގޮތުން، ނުވަތަ އެނޫން ގޮތަކުންވެސް އުފައްދާފައިވާ ޖަމާއަތެއް، ނުވަތަ ޖަމްއިއްޔާއެއް ހިމެނޭގޮތަށެވެ. 

"ފާސްކުރާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލީ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގަމުންދާ ބަޖެޓަކަށް އިތުރުކުރުމަށް ކަނޑައެޅޭ ފައިސާ އަށެވެ. 

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައިއެވަނީ، މިގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހަދައި ހިންގޭ ގަވާއިދުތަކަށާއި އުސޫލުތަކަށެވެ. 

"ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ، ނުވަތަ ނުއުފުލޭ މުދަލަށެވެ. 

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖު، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިޔުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

"ލަޔަބިލިޓީޒް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އެވިޔަފާރިއަކުން ދަރާފައިވާ ދަރަންޏަށެވެ. ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ. 

"ގެރަންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ އެ މުއާމަލާތުގެ ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތް ށަރުތުކުރާ ކަންކަމުގެ ތެރެއިންް ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ. 

"ސަރުކާރުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން، ނުވަތަ އިދާރީގޮތުން ސަރުކާރުގެ ބޭނުންތަކަށްޓަކައި   އުފައްދައި، ނުވަތަ ހިންގަމުންގެންދާ އޮފީސްތަކަށާއި، މަގާމުތަކަށާއި، ޖަމާއަތްތަކަށެވެ. މި މާނައިގައި ދައުލަތުގެެ ވިޔަފާރި ތަންތަނެއް ނުހިމެނެއެވެ. 

"ސަޕްލިމެންޓަރީ ބަޖެޓް" ކަމަށް ބުނެފައިއެވަނީ، މާލީ އަހަރަކަށް ބަޖެޓެއް ފާސްކުރުމަށްފަހު، އެބަޖެޓްގެ ބަޔެއްގެ ގޮތުގައި ފާސްކުރާ އިތުރު ބަޖެޓަކަށެވެ. 

"ޒިންމާދާރު ވެރިއެއް" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި، މިގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާ ވެރިޔާއަށެވެ.

(ށ) މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު:

  1. މުފުރަދު ގޮތުގައި ބޭނުންކޮށްފައިވާ ލަފުޒެއްގައި އޭގެ ޖަމްއު މާނަ ހިމެނިގެންވެއެވެ. އަދި ޖަމްއު ގޮތުގައި ބޭނުންކޮށްފައިވާ ލަފުޒެއްގައި އޭގެ މުފްރަދު މާނަ ހިމެނިގެންވެއެވެ؛ އަދި
  2. މި ގާނޫނުގައި މާނަކޮށްދީފައިވާ ލަފުޒެއް، ބަހުގެ ހަމަތަކަށާއި، ވާހަކަ ދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތުތަކުގައި، ލަފުޒު ބަދަލުވަމުންދާ ގޮތުގައިވެސް އެ މާނަ ދޭހަވެގެންވެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)
  2. ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-13)
  3. ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-05)
  4. ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2022-43)
  5. ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ގާނޫނު ނަންބަރު 2021-27)
  6. ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)
  7. ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު (އުސޫލު – 9 ސެޕްޓެމްބަރު 2020)
  8. ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލު (29 ސެޕްޓެމްބަރު 2019)
  9. ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނެއްތައިލުމުގައި އަމަލު ކުރަނެގޮތުގެ އުސޫލު (އުސޫލު – 26 އޯގަސްޓު 2019)
  10. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު (9 މެއި 2019)
  11. ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު (13 އޯގަސްޓް 2017)
  12. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރ 2017-20)
  13. ދައުލަތުގެ މަލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2011)
  14. މަސްތުވާ ތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-18)
  15. ޕްރައިވެޓައިޒޭށަނާބެހޭ ގަވާއިދު – ބާބު 13 (2009)

 

ގުޅުން ހުރި ގާނޫނު/ގަވާއިދު

ޑީލިންގ ކުންފުނި (ޑީލާޒް) އަދި ޑީލާޒް ތަމްސީލުކުރާ ފަރާތްތަކަށް (ބްރޯކާޒް) ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-50)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު