ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2022-09)
(މި އުސޫލަށް އަމަލުކުރަން ފަށާނީ/ފެށީ 1 އެޕްރީލް 2022 ގައި)
1 ވަނަ މާއްދާ - ތައާރުފު
(ހ) މިއީ ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން މީރާއަށް ޓެކްސްގެ ގޮތުގައި ދެއްކުމަށް ލާޒިމުކުރާ ފައިސާއެއް ދައްކަންޖެހި ނުދައްކައި ހުރި ފަރާތްތަކުގެ ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަހުގީގެއްގެ ބޭނުމަށް ޓެކްސް ދައްކާ ފަރާތެއްގެ ބެންކު އެކައުންޓާބެހޭ މައުލޫމާތާއި ބެންކު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ތަފުސީލު ހޯދުމުގައި މީރާއިން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
(ށ) މި އުސޫލަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ނ) މި އުސޫލަށް ކިޔާނީ، "ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކުއެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - ތަންފޒީ އިދާރާތައް
މި އުސޫލު ތަންފީޒުކުރާނީ، އެމް.އެމް.އޭ އާއި ބެންކުތަކުގެ އެހީތެރިކަމާއެކު މީރާއިންނެވެ.
3 ވަނަ މާއްދާ - ބެންކު އެކައުންޓުގައި ހުރިފައިސާ ހިފެހެއްޓުމަށް އެންގޭނެ ހާލަތުތައް
(ހ) މީރާއަށް ޓެކްސް ދައްކަންޖެހި، އެ ޓެކްސް ނުދައްކައި ހުރި ފަރާތެއްގެ ބެންކުއެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭނީ، އެ ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ފާއިތުވެގެން އެ ފަރާތަކަށް ދޭންޖެހޭ ނޯޓިސްތައް ފޮނުވައިފައިވުމާއެކު، އަންނަނިވި ކަންތައްތައް ފުރިހަމަވާނަމައެވެ.
- އެ ފައިސާއަކީ ޖޫރިމަނާއާއި އިންޓްރެސްޓް ނުހިމެނޭ ގޮތުން މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ ބޮޑު އަދަދެއް ކަމުގައި ވުން؛
- އެ ފައިސާ، މީރާގެ އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) ގެ ދަށުން ބަހައިލައިގެން ދެއްކުމަށް އެދިފައި ނުވުން؛
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ %100 (ސައްތަ އިންސައްތަ) ހިއްސާ ނުވަތަ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނުލިބުމާ ގުޅިގެން ނުދެއްކި އޮތް ފައިސާއެއް ކަމުގައި ނުވުން؛
- ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑޭނެ އެއްވެސް އިތުރު ފައިސާއެއް މީރާގެ ރެކޯޑުގައި ނެތުން. މީގެ ތެރޭގައި، އެ ފަރާތެއްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފަރކުރުން، ނުވަތަ ތިންވަނަ ފަރާތަކުން އިތުރަށް ދައްކައިފައިވާ ފައިސާއަކުން ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހިފައިވާ ޓެކުހާ އަޅައިކެނޑުމަށް އެދިފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތުތަކުގައި ޓެކްސް ދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އެންގުމުގެ އިހްތިޔާރު، މީރާއަށް ލިބިގެންވެއެވެ.
- ދައްކަންޖެހިފައިވާ ފައިސާ ގަސްތުގައި ނުދެއްކުމުގެ ގޮތުން ނުވަތަ ދެއްކުން ފަސްކުރުމުގެ ގޮތުން ފައިސާ ދައްކަންޖެހޭ ފަރާތުން އެއްވެސް ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް އެކަށީގެންވާ ސަބަބުތަކާއެކު މީރާއަށް ގަބޫލުކުރެވުން، ނުވަތަ ފައިސާ ދައްކަންޖެހޭ ފަރާތުގެ އަމަލުތައް ހުރިގޮތުން ލިބެންޖެހޭ ފައިސާ ހޯދުމުގައި ދަތިތަކެއް ނުވަތަ ލަސްތަކެއް މެދުވެރިވެދާނެ ކަމަށް މީރާއަށް ގަބޫލުކުރެވުން؛
- ފައިސާ ދައްކަންޖެހި ނުދައްކައި ހުރި ފަރާތަކުން ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްތުކުރާކަން، ނުވަތަ ކުންފުންޏެއްނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓައިލަން ގަސްތުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްތުކުރާކަމާއި، މިކަމުގެ ސަބަބުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް ހުރަހެއް މެދުވެރިވެދާނެކަމަށް މީރާއަށް ގަބޫލުކުރެވުން.
4 ވަނަ މާއްދާ - ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އެންގުން
(ހ) މީރާއަށް ފައިސާ ދައްކަންޖެހި ނުދައްކައި ހުރި ފަރާތެއްގެ ބެންކު އެކައުންޓުގައި ހުރި ފައިސާ، މި އުސޫލުގައިވާ ގޮތުގެ މަތީން ހިފެހެއްޓުމަށް ބެންކުތަކަށް އަންގާނީ، އެމް.އެމް.އޭ މެދުވެރިކޮށެވެ. މިގޮތުން ބެންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ބެންކުތަކަށް އެންގުމަށް މީރާއިން އެމް.އެމް.އޭއަށް ހުށަހަޅާނީ، އެ ކަމަށް ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ފައިސާ ނުދައްކައި ހުރި ފަރާތުގެ ނަމާއި، އެޑްރެހާއި، ޓިން؛
- ފައިސާ ނުދައްކައި ހުރި ފަރާތުގެ ރަޖިސްޓަރ ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އެ ފަރާތުގެ ބެންކުއެކައުންޓު ނަންބަރުތައް ދެނެގަތުމަށް ޓަކައި ބޭނުންކުރެވިދާނެ އެހެނިހެން މައުލޫމާތު؛
- އެ ފަރާތުން ނުދައްކައި ހުރި ފައިސާގެ އަދަދު؛
- ފައިސާ ހިފަހައްޓަން ބޭނުންވާ ސަބަބު.
(ށ) ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް މީރާއިން އެމް.އެމް.އޭ އަށް އަންގާތާ، ލަސްވެގެން، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ބެންކުތަކަށް އެމް.އެމް.އޭ އިން ލިޔުމުން އަންގަންވާނެއެވެ.
5 ވަނަ މާއްދާ - ބެންކު އެކައުންޓުގައި ހުރިފައިސާ ހިފެހެއްޓުމަށްފަހު މީރާއަށް އެންގުން
ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް އެމް.އެމް.އޭ އިން ބޭންކަށް އަންގާ ލިޔުން ލިބޭ ވަގުތުން ފެށިގެން، އެ އެންގުމާ އެއްގޮތަށް، ބެންކު އެކައުންޓުގައި ހުރި އެންމެހައި ފައިސާ އެ އެންގުން ލިބޭ ބެންކުން ހިފަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ބެންކަށް ލިބޭތާ، ލަސްވެގެން،ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތަފްސީލު ނުވަތަ ފައިސާ ހިފެހެއްޓުމަށް އެންގުނު ފަރާތުގެ އެކައުންޓެއް ބެންކުގައި ނެތްނަމަ އެކަން ބަޔާންކޮށް، ނުވަތަ ފައިސާ ހިފެހެއްޓުމަށް އެންގުނު ފަރާތުގެ އެކައުންޓެއް ށަރުއީކޯޓެއްގެ އަމުރަށް ނުވަތަ އެނޫންވެސް ގޮތަކުން ހިފަހައްޓައިފައިވާނަމަ، އެ ބެންކަކުން މީރާއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމާ ގުޅިގެން ފައިސާ ހިފަހައްޓައިފައިވާ އެކައުންޓުތަކާ ގުޅޭ އަންނަނިވި މައުލޫމާތު ބެންކުން މީރާއަށް ލިޔުމުން އަންގަންވާނެއެވެ.
- ފައިސާ ހިފެހެއްޓި އެކައުންޓުތަކުގެ ވެރިފަރާތުގެ ނަމާއި ދާއިމ އެޑްރެސް؛
- ހިފެހެއްޓި އެކައުންޓުތަކުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ރެޖިސްޓްރޭށަން ނަންބަރު؛
- ފައިސާ ހިފެހެއްޓި ތާރީހާއި، ވަގުތާއި، ފައިސާ ހިފެހެއްޓި ވަގުތު އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދު؛
- ފައިސާ ހިފެހެއްޓި އެކައުންޓުތަކާ ގުޅޭގޮތުން އެއްވެސް ކްރެޑިޓް އެރޭންޖްމަންޓެއް ނުވަތަ އެނޫންވެސް އެރޭންޖްމަންޓެއް ހަމަޖައްސައިދީފައިވާނަމަ، ނުވަތަ އެ އެކައުންޓުގައި ހުރި ފައިސާގެ މައްޗަށް ބެންކުން އެއްވެސް ރަހުނެއް ނުވަތަ އެނޫންވެސް ޗާޖެއް ކޮށްފައިވާނަމަ، އެ ކަމުގެ ތަފްސީލު.
6 ވަނަ މާއްދާ - ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓައިފައިވާކަން އެންގުން
މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުން މީރާއަށް ލިބުމުން، ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިފައިވާކަން އެ އެކައުންޓުގެ ވެރިފަރާތަށް މީރާއިން އަންގަންވާނެއެވެ.
7 ވަނަ މާއްދާ - ހިފަހައްޓައިފައިވާ ފައިސާއާމެދު އަމަލުކުރާނެ އުސޫލެއް ކަނޑައެޅުން
އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިއްޖެ ހާލަތެއްގައި، މީރާއަށް ލިބެންޖެހޭ ފައިސާ ނަގާނީ ކޮން ބެންކެއްގެ ކޮން އެކައުންޓަކުންކަން ކަނޑައަޅާނީ އަންނަނިވި ގޮތުގެ މަތީން މީރާއިންނެވެ.
(ހ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރެވޭނެ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން 1 (އެކެއް) އެކައުންޓަށްވުރެ ގިނަ އެކައުންޓުގައި ފައިސާ ހުރިނަމަ، ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ، އެ ފަރާތުގެ މަށްވަރާއާ އެކުގައެވެ.
(ށ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރެވޭނެ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން ވަކިވަކި އެކައުންޓުތަކުގައި ފައިސާ ނެތި، އެއް ބެންކެއްގައި ހުރި އެ ފަރާތުގެ އެކައުންޓުތަކުގައި އެ މިންވަރަށް ފައިސާ ހުރިނަމަ ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ، އެ ފަރާތުގެ މަށްވަރާއާ އެކުގައެވެ.
(ނ) އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރެވޭނެ މިންވަރަށް، ފައިސާ ހިފެހެއްޓުނު އެކައުންޓުތަކުގެ ތެރެއިން ވަކިވަކި އެކައުންޓުތަކުގައި ފައިސާ ނެތި، ވަކިވަކި ބެންކުތަކުގައި ހުރި އެ ފަރާތުގެ އެކައުންޓުތަކުގައި އެ މިންވަރަށް ފައިސާ ހުރިނަމަ، ފައިސާ ނަގާނެ ބެންކު ތަކާއި އެކައުންޓުތައް ކަނޑައަޅާނީ، އެ ފަރާތުގެ މަށްވަރާއާ އެކުގައެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ރައްދުނުވާ ހާލަތުތަކުގައި ފައިސާ ނަގާނީ ކޮން ބެންކުތަކެއްގެ ކޮން އެކައުންޓުތަކަކުންކަން ކަނޑައަޅާނީ، އެ ފަރާތުގެ މަށްވަރާއާ އެކުގައެވެ.
(ބ) މި މާއްދާގެ ދަށުން ފައިސާ ނަގާނެ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ކަނޑައެޅުމުގައި އެ ފަރާތުގެ އެއްބާރުލުން ނުލިބިއްޖެނަމަ، ފައިސާ ނަގާނެ އެކައުންޓެއް ކަނޑައަޅާނީ، ކޮމިށަނަރ ޖެނެރަލެވެ.
8 ވަނަ މާއްދާ - ފައިސާ ނެގުން
(ހ) ފައިސާ ނަގާނެ އެކައުންޓެއް މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަނޑައެޅުމަށްފަހު، ފައިސާ ހިފަހައްޓައިފައިވާ ބެންކުތަކަށް މީރާއިން އެކަން އަންގަންވާނެއެވެ. މި އެންގުމުގައި، މި އުސޫލުގެ ބޭނުމަށް ފައިސާ ނަގަން ނިންމުނު އެކައުންޓުތައް ފިޔަވައި އެހެން އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް އަންގަންވާނެއެވެ. އަދި މި އެންގުމުގެ ކޮޕ އެއް، އެކައުންޓުގެ ވެރިފަރާތަށާއި އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބެންކަށް އަންގާ ލިޔުން ލިބޭ ވަގުތުން ފެށިގެން އެ އެންގުމަށް ބެންކުން އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، ވަކި އެކައުންޓެއްގައި ހުރި ފައިސާ މީރާއަށް ދެއްކުމަށް ބޭންކަށް އެންގުމުން، އެ އެންގުމުގައިވާ ފައިސާގެ އަދަދު މީރާއިން އަންގާ ގޮތެއްގެ މަތީން 2 (ދޭއް) ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފައިސާ ނަގާއިރު އެ ފަރާތަކުން ލިބެންޖެހޭ ފައިސާ ކަމުގައި ބަލާނީ، އެ ހިސާބަށް އެ ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާއަށެވެ.
9 ވަނަ މާއްދާ - ފައިސާ ދެއްކުމަށް ފުރުސަތު ދިނުން
ބެންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓިފައިވާކަން، މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ފަރާތަށް އަންގާތާ، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ނުދައްކައި ހުރި ފައިސާ ދައްކާނެ އިތުރު ގޮތްތަކާމެދު މީރާއާއެކު މަށްވަރާކޮށްގެން ގޮތެއް ނިންމިދާނެއެވެ.
10 ވަނަ މާއްދާ - ފައިސާ ލިބުނުކަން އެންގުން
ނުދައްކައި ހުރި ފައިސާ، މި އުސޫލުގެ ދަށުން ބެންކު މެދުވެރިކޮށް މީރާއަށް ލިބުމުން، ބެންކު އެކައުންޓުތައް ހިފެހެއްޓިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް، އެކައުންޓު ހިފެހެއްޓިފައިވާ ބެންކުތަކަށް މީރާއިން އަންގަންވާނެއެވެ. އަދި މި އެންގުމުގެ ކޮޕ އެއް، އެ އެކައުންޓުގެ ވެރިފަރާތަށާއި އެމް.އެމް.އޭ އަށް ފޮނުވަންވާނެއެވެ.
11 ވަނަ މާއްދާ - ބެންކު އެކައުންޓު ހިފަހައްޓައިފައިވާ ހިފެހެއްޓުންދޫކޮށްލާނެ ހާލަތުތައް
(ހ) އެއްވެސް ފަރާތެއްގެ ބެންކް އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލެވޭނ އަންނަނިވި ހާލަތުތަކުގައެވެ. އަދި އެ ހާލަތުތަކުގައި އެ ފަރާތުގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބެންކު ތަކަށް އަންގަންވާނެއެވެ.
- އެ ފަރާތުން ނުދައްކައި ހުރި ފައިސާގެ އަދަދު މީރާއަށް ހަމައަށް ލިބުން، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުން؛ ނުވަތަ
- އެ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން، ނުވަތަ އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރެވޭ މިންވަރަށް އެ ފަރާތުގެ ބެންކް އެކައުންޓުގައި ފައިސާ ނެތް ނަމަވެސް، މީރާއިން އެ ފަރާތުގެ ބެންކް އެކައުންޓު ހިފެހެއްޓުމަށް ބޭންކަށް އަންގާތާ 45 (ސާޅީސް ފަހެއް) ދުވަސް ފާއިތުވުން؛
- އެ ފަރާތުގެ އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ކޯޓަކުން އަމުރުކުރުން.
(ށ) އެއްވެސް ފަރާތެއްގެ ބެންކް އެކައުންޓުތަކުގައިވާ ފައިސާ ހިފަހައްޓައިފައި ހުރި ހިފެހެއްޓުން، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކޮށްލާ ހާލަތުތަކުގައި، އެ ފަރާތުން ނުދައްކައި ހުރި ފައިސާއާ މެދު އަމަލުކުރާނީ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ނުދައްކައި ހުރި ފައިސާ އެއްކޮށް ރިކަވަރީ ނުވަނީސް ވިޔަފާރިއެއް ވިއްކައިލުމަށް ބޭނުންވާ ހާލަތުގައި، ތިރ ގައިވާ ކަންކަން ފުރިހަމަވާނަމަ، އެކައުންޓުތައް ދޫކޮށްލުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.
- އެ މައުލޫމާތު މީރާއަށް ހުށަހަޅައިފައިވުމާއެކު، އެއ ވިޔަފާރި ވިއްކައި ލުމުގެ ސައްހަ މުއާމަލާތެއް ކަމުގައި މީރާއަށް ގަބޫލުކުރެވުން؛
- ވިޔަފާރި ގަންނަ ފަރާތަކީ ކޮބައިކަމާއި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނުވަތަ އެނޫންވެސް އެފަދަ އިންތިޒާމެއް ހަމަޖެހިފައިވާނަމަ، އެ މައުލޫމާތު މީރާއަށް ފޮނުވުން؛
- ނުދައްކައި ހުރި ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުން؛
- އެ ހާލަތަށް ބަލާއިރު ލިބެންޖެހޭ ފައިސާ ލިބުމުގެ ފުރުސަތު ބޮޑީ އެ މުއާމަލާތް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދިނުމުން ކަމުގައި ކޮމިށަނަރ ޖެނެރަލަށް ބެލެވުން.
12 ވަނަ މާއްދާ - އަސާސ ބޭނުންތަކަށް ފައިސާ ބެހެއްޓުން
ފައިސާ ނުދައްކައި ހުރި ފަރާތުން ނުދައްކައި ހުރި ފައިސާ އެ ފަރާތެއްގެ ބެންކުއެކައުންޓުން މީރާއަށް ނަގާއިރު، އެ ފައިސާ ނެގުމުގެ ސަބަބުން އެ ފަރާތުގެ އަސާސީ ބޭނުންތަކަށް ފުދޭވަރަށް ފައިސާ ނުހުންނާނެކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، ފައިސާ ނެގުމަށް ކަނޑައެޅުނު އެކައުންޓުތަކުގައިވާ ޖުމުލަ އަދަދު ނުނަގައި ދޫކޮށްލުމުގެ އިހުތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. ނަމަވެސް މި ގޮތަށް ހަމަޖައްސައިދެވޭނީ، އެ ފައިސާ ދައްކާނެ ގޮތަކާމެދު އެ ފަރާތުން މީރާއާއެކު އެއްބަސްވުމަކަށް އައުމުންނެވެ.
13 ވަނަ މާއްދާ - ފައިސާ ދެއްކި ދުވަސް ކަނޑައެޅުން
ބެންކު އެކައުންޓު ހިފަހައްޓައިގެން ފައިސާ ނަގާ ހާލަތުތަކުގައި، ޖޫރިމަނާ ކަނޑައެޅުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް، މީރާއަށް ފައިސާ ލިބުނު ތާރީހު ކަމުގައި ބަލާނީ، ބެންކުތަކުން ފައިސާ ނެގުމަށް މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ބެންކުތަކަށް ފޮނުވާ އެންގުމުގައިވާ ތާރީހެވެ.
14 ވަނަ މާއްދާ - ބެންކު އެކައުންޓާބެހޭ މައުލޫމާތު ހޯދުން
ޓެކްސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެކަމާ ގުޅިގެން މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަހުގީގެއްގެ ބޭނުމަށް، އެ ފަރާތާއި އެ ފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބެންކު އެކައުންޓުތަކާއި، ބެންކު މެދުވެރިވެގެން ފޮނުވާ ފައިސާއާއި، ލިބޭ ފައިސާއާއި، ބެންކު މެދުވެރިވެގެން ކުރާ އެހެނިހެން މުއާމަލާތްތަކުގެ ތަފުސީލު ހޯދުމުގެ އިހްތިޔާރު، ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ބެންކު އެކައުންޓުގެ ތަފު ސީލުހޯދުމަށް އެދުން
(ހ) މި އުސޫލުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބެންކު އެކައުންޓުގެ ތަފްސީލު ހޯދުމަށް އެދި މީރާއިން އެމް.އެމް.އޭ އަށް ހުށަހަޅަންވާނީ، އެ ކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. މި ފޯމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް؛
- މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރ ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- ބެންކު އެކައުންޓުގެ ތަފްސީލު ބެލުމަށް ބޭނުންވާ މުއްދަތު؛
- ބެންކު އެކައުންޓުގެ ތަފްސީލު ބެލުމަށް ބޭނުންވަނީ ކޮން ކަމަކާ ގުޅޭގޮތުންކަން.
(ށ) މި އުސޫލުގެ ދަށުން ބެންކު އެކައުންޓުގެ ތަފްސީލު ބެލުމަށް މީރާއިން އެމް.އެމް.އޭ. އަށް އަންގާތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކައުންޓުތަކުގެ ތަފްސީލު މީރާއަށް ހުށަހެޅުމަށް ބެންކަށް އަންގަންވާނެއެވެ.
16 ވަނަ މާއްދާ - ބެންކު އެކައުންޓުގެ ތަފުސީލުހުށަހެޅުން
(ހ) މި އުސޫލުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުން އެމް.އެމް.އޭ އިން ބެންކަށް އަންގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކައުންޓުތަކުގެ ތަފްސީލު، ބެންކުން ލިޔުމުން މީރާއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ލިޔުމުގައި، މީރާއިން ތަފްސީލު ހޯދުމަށް އެދިފައިވާ މުއްދަތުގައި އެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާއާއި، އެ އެކައުންޓުތަކުން ނަގައިފައިވާ ފައިސާއާއި، އެ އެކައުންޓުން ނުވަތަ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާއާއި، އެކައުންޓުގެ ވެރިފަރާތުން އެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވާ ނުވަތަ ކުރަމުން ގެންދާ އެނޫންވެސް މުއާމަލާތްތަކުގެ ތަފްސީލު ހިމަނަންވާނެއެވެ.
17 ވަނަ މާއްދާ - ގެއްލުންތަކަށް ޒިންމާ ނުވުން
މި އުސޫލުގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ ސަބަބުން ބެންކު އެކައުންޓުގެ ވެރިފަރާތަށް މާލީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ އެއްވެސް ގެއްލުމަކަށް މީރާ، އެމް.އެމް.އޭ އަދި ބެންކުތަކުން ޒިންމާއެއް ނުވާނެއެވެ.
18 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
މި އުސޫލުގެ ދަށުން ހޯދާ ނުވަތަ ލިބޭ އެއްވެސް މައުލޫމާތެއް މީރާއިން އަދި ބެންކުތަކުން ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މެނުވީ އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
19 ވަނަ މާއްދާ - ދުވަސް ގުނުން
މި އުސޫލުގެ ބޭނުމަށް، ދުވަސް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
20 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގެ ބޭނުމަށް، ތިރީގައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރާނީ، އެ ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ ތިރީގައި ކޮށްފައިވާ ގޮތަށެވެ.
"އެމް.އެމް.އޭ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯ ރިޓީ ގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.
"ބެންކުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އެ މައްޗަށް ހިނގާ އެންމެހައި ބެންކުތަކާއި އެހެނިހެން މާލީ އިދާރާތަކަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.
"ދައްކަންޖެހިފައިވާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓް ވެސް ހިމަނައިގެންނެވެ.
21 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.
މި އުސޫލަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު