-

ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު

(ގާނޫނު ނަންބަރު 2026-01)

(މި ގާނޫނަށް އަމަލުކުރަން ފެށީ 8 ޖަނަވަރީ 2026 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ޕެންށަން ހައްގުވާ ޢުމުރަށްފަހުގައިވެސް، ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުންނަށް ދައުލަތުގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ޢުމުރުން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް، މަގުފަހިކޮށްދިނުމަށްޓަކައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި، ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) މި ގާނޫނު ހިނގާނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ.

(ށ) އަންނަނިވި ފަރާތްތަކުގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ:

  1. ސިފައިން؛
  2. ފުލުހުން.
  3. ފަނޑިޔާރުން.
  4. ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ޢައްޔަންކުރެވޭ މަގާމުތައް.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ދައުލަތުގެ ވަޒީފާ" އެއް އަދާކުރާ ފަރާތެއް ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ އިދާރާއެއްގައި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށެވެ. މި މާނަކުރުމުގެ ތެރޭގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކެއް ނުހިމެނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަޒީފާގައި ދެމިހުރެވޭނެ އެންމެ ދޮށީ ޢުމުރު ގާނޫނެއްގައި ކަނޑައަޅާފައިނުވާ ދައުލަތުގެ އިދާރާތަކުގައި ޢަމަލުކުރެވޭ ވަޒީފާއާބެހޭ ގަވާއިދުތަކުގެ ދަށުން، ޕެންށަން ހައްގުވާ ޢުމުރަށްފަހުގައި އެ ތަނެއްގެ ވަޒީފާގައި ދެމިހުރެވޭނެ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ހަމަޖެއްސުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމާ ގުޅޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލަކާއި އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލަކާ ފުށުއަރާނަމަ އިސްކަންދޭނީ މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލަށެވެ.

(ށ) މި ގާނޫނު އެ މައްޗަށް ހިނގާ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ ގާނޫނެއްގައި ވަޒީފާގައި ދެމިހުރެވޭނެ އެންމެ ދޮށީ ޢުމުރު ކަނޑައަޅާފައިވީނަމަވެސް، މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އެ ޢުމުރު ހަމަވުމަށްފަހުގައިވެސް، އެ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު، މި ގާނޫނުގައިވާ ގޮތުގެމަތިން ވަޒީފާ ދޭ ފަރާތްތަކުން ހަމަޖައްސައިދޭންވާނެއެވެ.

 

 

ދެވަނަ ބާބު

ރިއެމްޕްލޯއިމަންޓްގެ ހަމަތައް

 

5 ވަނަ މާއްދާ - ރިއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެ ފަރާތްތައް

އަންނަނިވި ފަރާތްތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

(ހ) ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ރީ-އެމްޕްލޯއިމަންޓް އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް؛

(ށ) ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް.

 

6 ވަނަ މާއްދާ - ރިއެމްޕްލޯއިމަންޓް ޢުމުރު

(ހ) މި ގާނޫނުގެ ދަށުން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ޢުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމައަށެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ފަރާތްތަކަށް ޢުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމަށްފަހުގައިވެސް ރީއެމްޕްލޯއިމަންޓްގެ ފުރުސަތު ދެވޭނެއެވެ.

 

7 ވަނަ މާއްދާ - ރިއެމްޕްލޯއިމަންޓް މުއްދަތު

މި ގާނޫނުގެ ދަށުން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ، މި ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލައި، އަހަރުން، އަހަރަށް އާކުރާ (ބާރަ) 12 މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

 

8 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދިނުމުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

  1. ޕެންށަން ހައްގުވާ ޢުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން.
  2. ޕެންށަން ހައްގުވާ ޢުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން.
  3. ޕެންށަން ހައްގުވާ ޢުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި ޢިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް، ވަޒީފާ ހަމަޖެއްސުން.

(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއްނަމަ، އެ ފަރާތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

 

9 ވަނަ މާއްދާ - މުވައްޒަފު ހުރި މަގާމު ދެމެހެއްޓުން ނުވަތަ އަލުން ހަމަޖެއްސުން

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއްނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މީހަކު އެހާތަނަށް އަދާކުރަމުންދިޔަ މަގާމު، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި އިލްތިޒާމުތަކާއި 

ޢިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، ވަޒީފާ ދޭ ފަރާތަށް ހަމަޖައްސައިދެވިދާނެއެވެ.

(ށ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއްނަމަ، އަދި އެ ފަރާތަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެކަމަށްޓަކައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްނަމަ، އެ ފަރާތެއް ޕެންށަން ހައްގުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވިއިރު ހުރި މަގާމު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާ ދޭ ފަރާތަށް އަލުން ހަމަޖައްސައިދެވިދާނެއެވެ.

 

10 ވަނަ މާއްދާމުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ފަރާތަކަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެންށަން ހައްގުވާ ޢުމުރު ހަމަވިއިރު އެ މީހަކު ހުރި މަގާމު ފިޔަވައި އެހެން މަގާމެއް ހަމަޖައްސައިދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދޭނީ، މުވައްޒަފާއި ވަޒީފާ ދޭ ފަރާތާ ދެމެދު އެއްބަސްވެވޭ އެ ފަރާތް ށަރުތު ހަމަވާ އެ އިދާރާއެއްގެ އެހެން ވަޒީފާއެކެވެ.

 

11 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތުތަކާއި، މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމަށްފަހު ވަޒީފާ ހަމަޖެއްސުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ފަރާތަކަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މީހެއްގެ ޕެންށަން ހައްގުވާ ޢުމުރު ހަމަވިއިރު އެ މީހަކު ހުރި މަގާމުގައި ކުރަމުންދިޔަ މަސައްކަތްތަކަށާއި، މަސައްކަތު ގަޑިއަށާއި، މަސައްކަތްކުރާ ގޮތަށާއި، އެނޫންވެސް އިލްތިޒާމުތަކަށް ބަދަލުގެނައުމާއެކު އެ މަގާމުގެ މުސާރައާއި ޢިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް އެ ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމަށްފަހު އެ މުވައްޒަފެއްގެ މުސާރައާއި ޢިނާޔަތްތައް އަލުން ކަނޑައަޅަންވާނީ މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

12 ވަނަ މާއްދާ - ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުތައް

(ހ) މި ގާނޫނުގެ ދަށުން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުތައް ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

(ށ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖެއްސުމުގައި، މި މާއްދާގެ (ހ) ގެ ދަށުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުތައް ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅަންވާނީ އަންނަނިވި އަސާސީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގައި ރިޢާޔަތްކުރުމަށް ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ކަމާބެހޭ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކުރުމާއެކުގައެވެ.

  1. ރީއެމްޕްލޯއިމަންޓް އުސޫލުން ހަމަޖައްސައިދޭ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ބައްދަލު އަދި އެކަށީގެންވާ ޢަދަދެއް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ކަނޑައެޅުން.
  2. މުވައްޒަފަށް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިކުރާނަމަ، މުވައްޒަފު އަދާކުރަމުންދިޔަ މަގާމުގެ މަސްއޫލިއްޔަތުތަކަށް ގެނެވޭ ބަދަލާ އަޅައިކިޔޭ އުނިކުރުމެއް މުސާރައާއި ޢިނާޔަތްތަކަށް ގެނައުން.
  3. މުވައްޒަފަށް ލިބެމުންދާ ޕެންށަން ނުވަތަ އެނޫންވެސް ރިޓަޔަރމަންޓް އިނާޔަތެއްވާނަމަ އެއަށް ރިޢާޔަތްކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅަންޖެހޭ މިންގަނޑުތައް މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަނޑައަޅައި، ޢާންމުކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ވަޒީފާގެ ހައްގުތަކާއި ވަޒީފާ އަދާކުރުމުގައި ހިނގާނެ އުސޫލުތައް

 

13 ވަނަ މާޢްދާ - ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްޗަށް ހިނގާނެ ވަޒީފާއާބެހޭ އުސޫލުތައް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކުރާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.

(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ އިތުރުން، އެ މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން ޢަމަލުކުރެވޭ އުސޫލުތަކެއް ކަމާބެހޭ ގާނޫނެއްގައި ކަނޑައަޅާފައިވާ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ، މި ގާނޫނާ ތަޢާރުޒުނުވާ ނިސްބަތަށް އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އެ މުވައްޒަފެއްގެ މައްޗަށް ހިނގާނެއެވެ.

(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ އިތުރުން، އެ މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން ޢަމަލުކުރެވޭ އުސޫލުތަކެއް ކަމާބެހޭ ގާނޫނެއްގައި ކަނޑައަޅާފައިވާ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވީނަމަވެސް، މި ގާނޫނުގެ 14 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އުސޫލުތައް އެ މުވައްޒަފެއްގެ މައްޗަށް ހިނގާނެއެވެ.

 

14 ވަނަ މާޢްދާ - ޕްރޮބޭށަންގެ އުސޫލު ނުހިނގުން

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޕްރޮބޭށަން އުސޫލެއް ނުހިނގާނެއެވެ.

 

15 ވަނަ މާޢްދާ - ނޯޓިސް ދިނުން

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައި 21 (އެކާވީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިވެވިދާނެއެވެ.

ވަޒީފާ އަދާކުރާ ތަނާއި ވަގުތު .16 (ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުން މަސައްކަތްކުރާ ތަނާއި، ވަގުތާއި ގޮތް، މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލުއިފަސޭހަ މިންގަނޑަކުން ކަނޑައަޅައިދެވިދާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ ދަށުން މަސައްކަތްކުރުމުގައި ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ އަންނަނިވި މާއްދާތަކެއް ނުހިނގާނެއެވެ.

  1. 32 ވަނަ މާއްދާ (ހަފުތާއެއްގެ ތެރޭގައި ޢާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް)؛
  2. 33 ވަނަ މާއްދާ (ދުވާލަކު ޢާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ކަނޑައެޅުން)؛
  3. 35 ވަނަ މާއްދާ (ކެއުމުގެ ގަޑި)؛
  4. 37 ވަނަ މާއްދާ (އިތުރުގަޑި)؛
  5. 38 ވަނަ މާއްދާ (ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުން).

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ރ) ގެ ދަށުން ހަދާ ގަވާއިދުގައި، މި މާއްދާގެ ދަށުން، ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިދެވޭ މުވައްޒަފުންނަށްވެސް އެ މުވައްޒަފުން، އޮފީހަށް، ހާޒިރުވެ މަސައްކަތްކުރާނަމަ އެ ވަގުތުތަކުގައި، ކެއުމާއި ހުސްވަގުތު ލިބިދެވޭނެ ހަމަތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގައި، ބަޔާންކުރާ ރީ-އެމްޕްލޯއިމަންޓް އުސޫލުން، މަސައްކަތްކުރުމުގައި ލުއިފަސޭހަ، މިންގަނޑު ކަނޑައަޅައިދިނުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން، ހަދާ ގަވާއިދުގައި، މިނިސްޓްރީން ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ލުއިފަސޭހަ މިންގަނޑުން މަސައްކަތްކުރުމުގެ އުސޫލުތައް މިނިސްޓްރީން ކަނޑައަޅަންވާނީ، ވަޒީފާ ދޭ ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އެ އިދާރާއެއްގެ، މަސްއޫލިއްޔަތުތަކަށް ބިނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ފުރުސަތު ލިބިދެވޭނެ ގޮތެއްގެމަތިންނެވެ.

 

17 ވަނަ މާއްދާ - ޗުއްޓީ

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ ދެވޭ، މުވައްޒަފުންނަށް، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި، ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް، ދިނުމުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 39 ވަނަ މާއްދާއާއި އެ ގާނޫނުގެ 41 ވަނަ މާއްދާގައި، ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީގެ އިތުރުން، ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ ދެވޭ މުވައްޒަފުންނަށް ގާނޫނު 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ފެށިގެން އެ ގާނޫނުގެ 49 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ޗުއްޓީ ހައްގުވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ޗުއްޓީ ހަމަޖައްސައިދިނުމުގައި ޢަމަލުކުރާނީ، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ޕެންށަނާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެ އުސޫލު

(ހ) މި ގާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މި ގާނޫނުގެ ދަށުން ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ފިޔަވައި، އެ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޕެންށަންގެ ފައިސާ ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަންގެ ފައިސާ ލިބިދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ވަޒީފާގެ ހިދުމަތުގެ މުއްދަތަށް ބިނާކޮށް ދެވޭ އެއްވެސް ޢިނާޔަތެއް ދިނުމުގެ ބޭނުމުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.

 

19 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅުމާއި ވަޒީފާ ހަމަޖައްސައިދިނުމުގެ އުސޫލު

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން އެދޭނަމަ، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކަމާބެހޭ އިދާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަމަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު މި ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުން ގޮތެއް ނިންމައި ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ކަމާގުޅޭ އިޖުރާއަތުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުމަށް ލާޒިމުވާ މުއްދަތުތައް މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކަމާބެހޭ އިދާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

20 ވަނަ މާޢްދާ - ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވަޒީފާ އަލުން ހަމަޖައްސައިދިނުނ

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތެއްނަމަ އެ ފަރާތަކަށް މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނީ މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅާފައިވާނަމައެވެ.

 

21 ވަނަ މާޢްދާ - ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅުމާއި ގޮތެއް ނިންމުމުގެ މުއްދަތު

މި ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތުތައް ވާންވާނީ އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ މުއްދަތުތަކެއް ކަމުގައެވެ.

(ހ) ރީއެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތަކީ މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއްނަމަ އެ ފަރާތުގެ ޢުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުން؛

(ށ) ރީއެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތަކީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއްނަމަ، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެ އިދާރާއަކުން އެކުލަވާލާ ރީއެމްޕްލޯއިމަންޓާގުޅޭ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުން؛

(ނ) ރީއެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާމެދު ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުން ގޮތެއް ނިންމައި އެ ފަރާތަށް އެންގުން.

 

22 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން

(ހ) މި ގާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރުން އަހަރަށް އާކުރާ، ވަޒީފާ ދޭ ފަރާތާއި މުވައްޒަފާ ދެމެދު ވެވޭ 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ރީއެމްޕްލޯއިމަންޓް އެއްބަސްވުމުގައި، މަދުވެގެން އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ވަޒީފާގެ އެއްބަސްވުމުގެ ބާވަތް؛
  2. ވަޒީފާ ދޭ ފަރާތާއި މުވައްޒަފުގެ ތަފްސީލުތައް؛
  3. ވަޒީފާގެ މުއްދަތު ފެށޭ ތާރީހާއި ނިމޭ ތާރީހާއި ވަޒީފާގައި ދެމިހުރެވޭނެ އެންމެ ދޮށީ ޢުމުރު؛
  4. މަގާމުގެ ނަމާއި، މަސްއޫލިއްޔަތުތަކާއި، މަސައްކަތްތައް؛
  5. މަގާމުގެ މުސާރައާއި ޢިނާޔަތްތައް؛
  6. މަސައްކަތްކުރަންޖެހޭ ވަގުތާއި ތަނާއި ގޮތް؛
  7. މުވައްޒަފަކީ، މަސައްކަތްކުރުމުގައި ލުއިފަސޭހަ މިންގަނޑު ހަމަޖައްސައިދެވޭ ފަރާތެއްނަމަ، އެ މުވައްޒަފަށް ހިނގާނެ އުސޫލުތައް؛

  8. މުވައްޒަފަށް ހައްގުވާނެ ޗުއްޓީއާއި ޗުއްޓީ ދެވޭނެ ހާލަތްތަކާއި މުއްދަތުތައް؛

  9. މުވައްޒަފުގެ ޕެންށަން ހަމަޖެހިފައިވާ އުސޫލު؛

  10. އެއްބަސްވުން އާކުރެވޭނެ ގޮތް؛

  11. އެއްބަސްވުމަށް އިސްލާހުގެނެވޭނެ ގޮތް؛

  12. އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ހާލަތްތަކާއި ނޯޓިސް ދެވޭނެ ގޮތްތައް؛

  13. ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ވަޒީފާގެ އެއްބަސްވުމެއްގައި ހިމަނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެނޫންވެސް އަސާސީ ކަންކަން.

(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭ ފަރާތަކީ މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއްނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ ފަރާތާއި ވަޒީފާ ދޭ ފަރާތާ ދެމެދު ވެވޭ ފުރަތަމަ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ފެށޭ ތާރީހު ކަމުގައި ވާންވާނީ މުވައްޒަފުގެ ޢުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރޭ ތާރީހަށެވެ.

(ރ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭ ފަރާތަކީ މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއްނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ ފަރާތާއި ވަޒީފާ ދޭ ފަރާތާ ދެމެދު ވެވޭ ފުރަތަމަ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ފެށޭ ތާރީހު ކަމުގައި ވާންވާނީ މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރާ ތާރީހަކަށެވެ.

 

13 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމުގައި ވަޒީފާ ދޭ ފަރާތްތަކަށް އަންނަނިވި މަސްއޫލިއްޔަތުތައް މަތިކުރެވިގެންވެއެވެ.

(ހ) ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ނުވަތަ އަދާކުރަމުންދިޔަ މުވައްޒަފަކު ޕެންށަން ހައްގުވާ ޢުމުރު ހަމަވުމަށްފަހު، ވަޒީފާގައި ދެމިހުންނަން އެދޭނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރީއެމްޕްލޯއިމަންޓްގެ ފުރުސަތު ފަހިކޮށްދިނުމަށް ވީވަރަކުން މަސައްކަތްކުރުން.

(ށ) މި ގާނޫނުގެ ދަށުން ވަޒީފާގައި ދެމިހުންނަ މުވައްޒަފުންނާއި ވަޒީފާ އަލުން ހަމަޖައްސައިދެވޭ ފަރާތްތަކަށް ވަޒީފާ ދިނުމަށްފަހު، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި އެނޫންވެސް ފުރިހަމަކުރުން މުހިންމު އެހެނިހެން އެސެސްމަންޓްތައް ފުރިހަމަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރީއެމްޕްލޯއިމަންޓްގެ މުއްދަތުގެ ތެރޭގައި ފޯރުކޮށްދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ނ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭ މުވައްޒަފުންނަށް ތަފާތުކުރުމަކާ ނުލައި ފުރުސަތު ފޯރުކޮށްދޭފަދަ ވަޒީފާގެ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.

(ރ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ލާޒިމުކުރާ ވަސީލަތްތައް ހަމަޖައްސައިދިނުން.

 

14 ވަނަ މާއްދާ - ވަޒީފާއާބެހޭ ގަވާއިދުތައް ކަނޑައެޅުން

(ހ) މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ތަންފީޒުކުރުމަށްޓަކައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން މި ގާނޫނު ހިނގާ ދައުލަތުގެ އިދާރާތަކުން އެކުލަވާލަންޖެހޭ ރީއެމްޕްލޯއިމަންޓާބެހޭ ގަވާއިދުތައް، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ އިދާރާކުން ހަދައި ޢާންމުކުރަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައިވާ ގޮތުގެމަތިން ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާބެހޭ އުސޫލުތައް ދިވެހި ސިވިލް ސަރވިސްގެ ކަމާބެހޭ ގަވާއިދުގައި ހިމެނުމަށްޓަކައި އެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުން ގެނެސް، ޢާންމުކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އެހެނިހެން

 

25 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ގާނޫނަށް ޢަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި، ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ އެ ލަފުޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމާގުޅޭ ކަންކަން ތަންޒީމުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާ ދޭ ދައުލަތުގެ އިދާރާއަށެވެ.

(ނ) "މުވައްޒަފު" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތަށެވެ.

(ރ) "ވަޒީފާގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެވޭ ވަޒީފާގެ އެއްބަސްވުމަށެވެ.

(ބ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ސަރުކާރުގެ ކޮންމެ އިދާރާއަކާއި، ގާނޫނަކުން އުފައްދާފައިވާ ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.

(ޅ) "ގާނޫނަކުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ހާއްސަ ގާނޫނެއް ތަންފީޒުކުރުމަށްޓަކައި ނުވަތަ އެ ގާނޫނަކުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި އެ ގާނޫނަކުން އުފައްދާ ސަރުކާރުގެ އަދި ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.

(ކ) "ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގައި ބަޔާންކުރާ ނޭށަނަލް ޕޭ ކޮމިށަނަށެވެ.

(އ) "މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކުރާ އޮފީހަށެވެ.

(ވ) "ޕެންށަން ހައްގުވާ ޢުމުރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަން ލިބޭނެކަމަށް ކަނޑައަޅާފައިވާ ޢުމުރަށެވެ.

(މ) "ސިވިލް ސަރވިސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ބަޔާންކުރާ ސިވިލް ސަރވިސް ކޮމިށަނަށެވެ.

(ފ) "ރީ-އެމްޕްލޯއިމަންޓް އުސޫލު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ޕެންށަން ހައްގުވާ ޢުމުރު ހަމަވެފައިވާ ފަރާތްތަކަށް މި ގާނޫނުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގެ އުސޫލަށެވެ.

(ދ) "ރީ-އެމްޕްލޯއިމަންޓް ޢުމުރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢުމުރަށެވެ.

(ތ) "ސިފައިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.

(ލ) "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.

(ގ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގައި ފަނޑިޔާރުން ކަމަށް މާނަކޮށްފައިވާ ފަރާތްތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު