ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ދިނުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-48)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ޖޫން 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، ގަވާއިދު ނަންބަރު 2026-16 (ރީ-އެމްޕްލޯއިމަންޓްގެ އާންމު ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް
އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ދިނުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ކޮމިށަނުން ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުމުރު
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރެވޭނީ، ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގައިވާ ގޮތުގެ މަތީން، އުމުރުން 65 (ފަސްދޮޅަސް ފަހެއް)
އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށެވެ.
4 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ، އަހަރުން އަހަރަށް އައުކުރާ 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.
5 ވަނަ މާއްދާ - ވަޒީފާ ދެވޭނެ ފަރާތްތައް
މި ގަވާއިދުގެ ދަށުން ވަޒީފާ ދެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.
(ހ) ކޮމިށަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ރީ-އެމްޕްލޯއިމަންޓް އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް.
(ށ) ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން، ރީ-އެމްޕްލޯއިމަންޓުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިޔަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް.
(ނ) މި މާއްދާގެ (ށ) ގައި، އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދޭ ފަރާތަކ،ީ ވަޒީފާއަށް އެދޭ ތާރީހާއި އެ ފަރާތަށް 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި، މަދުވެގެން 13 (ރޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވާންވާނެއެވެ.
6 ވަނަ މާއްދާ - ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތަކުން އަމަލުކުރާނެ ގޮތް
(ހ) ކޮމިށަނުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް، އެ ފަރާތުގެ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެކަމަށް އެދި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް، ވަޒީފާއަށް އެދޭ ތާރީހުން ފެށިގެން އެ ފަރާތެއްގެ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށް މަދުވެގެން 13 (ރޭރަ) މަސްދުވަސް އޮއްވައި، ޖަދުވަލު 2 ގައި ބަޔާންކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެކަމަށް އެދި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތަށް ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާމެދު ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމައި އެ ފަރާތަށް އަންގަންވާނެއެވެ.
7 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
- ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ހަމަ އެ ގޮތުގައި ހަމަޖެއްސުން؛
- ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން؛
- ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނައުމާއެކ،ު މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް ވަޒީފާ ހަމަޖެއްސުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ، ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނީ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގެ 5 ވަނަ ބާބުގައި ބަޔާންކުރާ އުސޫލުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ކޮމިށަނުންނެވެ.
8 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދިނުމުގައި ބަލާނެ ކަންކަން
(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސައިދޭނީ، އަންނަނިވި ކަންކަމަށް ބަލައިގެންނެވެ.
- ވަޒީފާއަށް އެދޭ ފަރާތްތަކަށް ދެވޭނެ ވަޒީފާއެއް ކޮމިށަނުގެ ވަޒީފާގެ އޮނިގަނޑުގައި އޮތުން؛
- ވަޒީފާއަށް އެދޭ ފަރާތަކީ އިލްމީގޮތުންނާއި ފަންނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބިލު ފަރާތަކަށްވުން؛
- މުވައްޒަފު ރިޓަޔަރވާއިރު ހުރި މަގާމު ނޫން މަގާމަކަށް ކުރިމަތިލާ ނަމަ، އެ މަގާމަކީ އޮނިގަނޑުގައި ހުސްކޮށް އޮތް މަގާމަކަށްވުން؛
- ހަމަޖައްސަން ބޭނުންވާ މަގާމަށް ކަނޑައަޅައިފައިވާ އަސާސީ ށަރުތު ފުރިހަމަވުން؛
- ވަޒީފާ އަދާކުރެވޭނެ ސިއްހަތެއްގައި ހުރި މީހެއްތޯ ކަށަވަރުކުރުން؛
- ވަޒީފާގައި ހޭދަކުރި އެންމެ ފަހު އަހަރުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއަށާއި ހާޒިރީ ރިޕޯޓަށް ރިއާޔަތްކުރުން؛
- ވަޒީފާގައި ހޭދަކުރި އެންމެ ފަހު 3 (ތިނެއް) އަހަރު ތެރޭގައި އަޅައިފައިވާ އިސްލާހީ ފިޔަވަޅުތަކަށާއި އެ ފިޔަވަޅުތަކުގެ ކުޑަ ބޮޑުމިނަށް ރިއާ ޔަތްކުރުން؛
- ވަޒީފާގެ އެއްބަސްވުން އައުކުރާ ހާލަތުގައި ސިއްހީ އެސެސްމަންޓް ނުހެދި ނަމަވެސް، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރާއި، ހާޒިރީ އާއި އިސްލާހީ ފިޔަވަޅަށް ރިއާޔަތްކުރުން؛
- އެއްބަސްވުމެއްގެ ދަށުން ދެވޭ ވަޒީފާގައި ވިދިވިދިގެން 3 (ތިނެއް) އަހަރަށް ވުރެ އިތުރުވާ ނަމަ، ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) އަހަރު ސިއްހީ އެސެސްމަންޓް ހެދުން.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ފަރާތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމުގައި ކޮމިށަނުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް އިސްކަންދޭންވާނެއެވެ.
9 ވަނަ މާއްދާ - އެސެސްމަންޓް ހެދުން
މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާ ސިއްހީ އެސެސްމަންޓް ހެދުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) މަސައްކަތްކުރެވޭނެކަން ނުވަތަ ނޫންކަން ބަޔާންކޮށް ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މާހިރެއްގެ ނުވަތަ ޑޮކްޓަރެއްގެ ލިޔުން ހުށަހެޅުން.
(ށ) މި ލިޔުމުގައި މުވައްޒަފަށް ވަކި ކަހަލަ މަސައްކަތްތަކެއްނުކުރެވޭނެ ނަމަ، އެކަން ހިމެނުން.
(ނ) މި ލިޔުމުގައި މުވައްޒަފުގެ ބަލިހާލަތު ބަޔާންކުރުން.
10 ވަނަ މާއްދާ - ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިދިނުން
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރުމުގައި، ލުއިފަސޭހަ މިންގަނޑު ކަނޑައަޅަންވާނެއެވެ. އެގޮތުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮމިށަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެންމެހައި ލުއިތައް ލިބިދެވެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފަށް ލިބިދެވޭނެ ލުއިތައް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
11 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައި ފައިވާ ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުގައިވާ ގޮތުގެ މަތީންނެވެ.
12 ވަނަ މާއްދާ - ނޯޓިސް ދިނުން
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައި، 21 (އެކާވީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިވެވިދާނެއެވެ.
13 ވަނަ މާއްދާ - އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް ހައްގުވާ ޗުއްޓީތައް ދެވޭނެ ހާލަތްތައް
ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ޗުއްޓީތައް، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކުރާ މިންވަރަށް ލިބިދެވޭނެއެވެ. އެހެން ނަމަވެސް އަހަރީ ޗުއްޓީ ދިނުމުގައި ރިއާޔަތްކުރާނީ އަންނަނިވި ކަންކަމަށެވެ.
(ހ) އަހަރުގެ 1/4 ގައި މަސައްކަތް ކުރުމުން، އެ ނިސްބަތަށް ބަލައި ޗުއްޓީ ދިނުން.
(ށ) އަހަރުގެ 1/2 ގައި މަސައްކަތްކުރުމުން، އެ ނިސްބަތަށް ބަލައި ޗުއްޓީ ދިނުން.
(ނ) މި ގޮތުން މުޅި އަހަރަށް އެއްކޮށް ދެވޭނީ 30 ދުވަހުގެ އަހަރީ ޗުއްޓީ އެވެ. އަދި މި ޗުއްޓީ މުވައްޒަފު ބޭނުންވާ ގޮތަކަށް (އެކީ އެއްފަހަރާ ނުވަތަ މުޅި އަހަރަށް ބަހައިލައިގެން) ނެގިދާނެއެވެ.
14 ވަނަ މާއްދާ - އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމަށް ވަޒީފާގެ އެއްބަސްވުމަށް 6 (ހައެއް) މަސްދުވަސް ވުމުން މިޑ-ްޓަރމް ރިވިއު ހަދަންވާނެއެވެ. އަދި 12 (ބާރަ) މަސްދުވަސް ވުމުން، މުޅި އަހަރުގެ އިވެލުއޭށަން ހަދައި މާކްސް ދޭންވާނެއެވެ.
15 ވަނަ މާއްދާ - ޕެންށަނާއި އެހެނިހެން އިނާޔަތް ލިބިދެވޭނެ އުސޫލު
(ހ) މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، މި ގަވާއިދުގެ ދަށުން ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ފިޔަވައި، އެ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޕެންށަނުގެ ފައިސާ ލިބިދެވޭނެއެވެ. އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެންށަން ފައިސާ ދިނުމުގައި އަމަލުކުރާނީ، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ވަޒީފާގެ ހިދުމަތުގެ މުއްދަތަށް ބިނާކޮށް ދެވޭ އެއްވެސް އިނާޔަތެއް ދިނުމުގެ ބޭނުމުގައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.
16 ވަނަ މާއްދާ - ގަވާ އިދުގައި ނެތްކަމެއް މެދުވެރިވުން
މި ގަވާއިދުގެ ދަށުން ގޮތެއް ނިންމުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައި ނުވާކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
އުމުރުން 65 އަހަރު ވުމަށްފަހު ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާގައި ދެމިހުރުމަށް އެދި ހުށަހަޅާ ފޯމު
ޖަދުވަލު 2
އުމުރުން 65 އަހަރު ވެގެން ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
ކިޔުންތެރިންގެ ހިޔާލު