-

ރީ-އެމްޕްލޯއިމަންޓްގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2026-16)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 މާރިޗު 2026 ގައި)


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރ 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ރީ-އެމްޕްލޯއިމަންޓްގެ އާންމު ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގައި، ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

 

4 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުމުރު

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރެވޭނީ، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށެވެ.

 

5 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ، އަހަރުން އަހަރަށް އައުކުރާ 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.

 

6 ވަނަ މާއްދާ - ވަޒީފާ ދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ވަޒީފާ ދެވޭނީ، ރީ-އެމްޕްލޯއިމަންޓްގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ފަރާތްތަކަށެވެ.

(ހ) ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ރީއެމްޕްލޯއިމަންޓް އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް.

(ށ) ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން، ރީއެމްޕްލޯއިމަންޓްގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިޔަށް ހިނގައިފައިވާ އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) ގައި، އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދޭ ފަރާތަކީ، ވަޒީފާއަށް އެދޭ ތާރީހާއި އެ ފަރާތަށް 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި، މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރީއެމްޕްލޯއިމަންޓް އުމުރު ހަމަވުމުން އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް، އެ ފަރާތުގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހަށް ކުރިން އެކަމަށް އެދި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާމެދު ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ އިދާރާއަކުން ގޮތެއް ނިންމައި އެ ފަރާތަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރީއެމްޕްލޯއިމަންޓް އުމުރު ހަމަވުމުން އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް، އެ ފަރާތެއް މަސައްކަތް ކުރަމުންދާ އިދާރާއަކުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެކުލަވައިލައި އާންމުކުރާ ތާރީހުންފެށިގެން އެ ފަރާތުގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމާ ހަމަޔަށް 6 (ހައެއް) މަސްދުވަސް ނެތް ނަމަ، އެ ފަރާތުގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ކުރިން އެކަމަށް އެދި، މަސައްކަތްކުރާ އިދާރާއަށް ހުށަހެޅިދާނެއެވެ.

 

8 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

  1. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ހަމަ އެ ގޮތުގައި ހަމަޖެއްސުން؛
  2. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން؛
  3. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސްގެން ވަޒީފާ ހަމަޖެއްސުން.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން، ރީ-އެމްޕްލޯއިމަންޓްގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިޔަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނީ، ވަޒީފާތަކަށް މީހުން ހޮވުމަށް އެ އިދާރާއެއްގައި އެކުލަވައިލައިފައިވާ އުސޫލުތަކަށެވެ.
  2. މި މާއްދާގެ (1) ގެ ދަށުން ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް، އެ މުވައްޒަފަކު ހަމަޖެހޭ ވަޒީފާގައި ދެމިހުރެވޭނީ، އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށެވެ.

 

9 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދިނުމުގައި ބަލާނެ ކަންކަން 

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭނީ، އަންނަނިވި ކަންކަމަށް ބަލައިގެންނެވެ.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތަށް ވަޒީފާއަށް އެދޭ ފަރާތްތަކަށް ދެވޭނެ ވަޒީފާއެއް އެ އިދާރާގެ ވަޒީފާގެ އޮނިގަނޑުގައި އޮތުން.

(ށ) ވަޒީފާއަށް އެދޭ ފަރާތަކީ އިލްމީގޮތުންނާއި ފަންނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބިލު ފަރާތަކަށްވުން.

 

10 ވަނަ މާއްދާ - ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިދިނުން

ލުއިފަސޭހަ މިންގަނޑު ކަނޑައެޅުމުގައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރުމުގައި، ލުއިފަސޭހަ މިންގަނޑު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް އިދާރާތަކުން ރިއާޔަތް ކުރަންވާނެއެވެ.

(ހ) މަސައްކަތްކުރަންޖެހޭ ވަގުތުގެ މިންވަރު.

(ށ) މަސައްކަތްކުރަންޖެހޭ ތަން.

(ނ) ވަޒީފާ އަދާކުރާ ފަރާތުގެ ސިއްހީ ހާލަތު.

(ރ) މަސައްކަތުގެ ބާވަތް.

 

11 ވަނަ މާއްދާ - ނޯޓިސް ދިނުން

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރ 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައި، 21 (އެކާވީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިވެވިދާނެއެވެ.

 

12 ވަނަ މާއްދާ - ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިދިނުން

(ހ) ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން އެކުލަވައިލައި، އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ ގަވާއިދުގައި އަންނަނިވި ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނަންވާނެއެވެ.

  1. މުވައްޒަފުންނަށް ލުއިފަސޭހަކޮށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ނަމަ، އެ ކަމުގައި އަމަލުކުރާނެ އުސޫލު، 
  2. ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް ހައްގުވާ ޗުއްޓީތަކާއި ޗުއްޓީ ދެވޭނެ ހާލަތްތަކާ ގުޅިގެން އެ ޗުއްޓީ ދިނުމުގައި އެ އިދާރާއަކުން އަމަލުކުރާނެ ގޮތުގެ އުސޫލު.
  3. ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި، އަމަލުކުރާނެ ގޮތުގެ އުސޫލު.
  4. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން އެ އިދާރާއެއްގައި، ރީއެމްޕްލޯއިމަންޓް އުސޫލުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް.
  5. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް، ވަޒީފާ އަލުން އަނބުރާ ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ އުސޫލު.

 

13 ވަނަ މާއްދާ - ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް އެންގުން

(ހ) ގާނޫނަށް އަމަލުކުރަން ފެށިއިރު ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި، އެ އިދާރާއަކުން އަމަލުކުރާނެ އުސޫލުތައް އެކުލަވައިލެވޭ ގަވާއިދު އާންމުކުރާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދި ހުށަހެޅުމަށް އިދާރާއަކަށް އެންގުމަށް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ދައުލަތުގެ އެހެން އިދާރާއަކުން ވެސް ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ހުށަހެޅުމުގެ ފުރުސަތު އޮތްނަމަވެސް، ވަޒީފާ ހަމަޖައްސައިދިނުމުގައި އެ އިދާރާއަކުން އަލުން އެނބުރި ވަޒީފާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ބައެއް އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާ އަށް ނުވަތަ ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ތަންޒީމުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ގާނޫނ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2026-01 "ރީ-އެމްޕްލޯއިމަންޓްގެ ގާނޫނ"ށެވެ.

(ނ) "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތެއް ކުރުމަށް ވަޒީފާ ދޭ ދައުލަތުގެ އިދާރާއަށެވެ.

(ރ) "މުވައްޒަފު" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތަށެވެ.

(ބ) "ވަޒީފާގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެވޭ ވަޒީފާގެ އެއްބަސްވުމަށެވެ.

(ޅ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ސަރުކާރުގެ ކޮންމެ އިދާރާއަކަށާއި ގާނޫނަކުން އުފައްދައިފައިވާ ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.

(ކ) "ގާނޫނަކުން އުފައްދައިފައިވާ ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ހާއްސަ ގާނޫނެއް ތަންފީޒުކުރުމަށް ޓަކައި، ނުވަތަ އެ ގާނޫނަކުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތެއް އަދާކުރުމަށް ޓަކައި، އެ ގާނޫނަކުން އުފައްދާ ސަރުކާރުގެ ކޮންމެ އިދާރާއަކަށާއި، ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.

(އ) "ޕެންށަން ހައްގުވާ އުމުރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު  2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަން ލިބޭނެކަމަށް ކަނޑައަޅައިފައިވާ އުމުރަށެވެ.

(ވ) "ރީ-އެމްޕްލޯއިމަންޓް އުސޫލު" ކަމަށް ބުނެފައި މި އެވަނީ، ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ޕެންށަން ހައްގުވާ އުމުރު ހަމަވެފައިވާ ފަރާތްތަކަށް، ގާނޫނުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގެ އުސޫލަށެވެ.

(މ) "އިމްޕްލޯއިމަންޓް" ގަވާއިދު ކަމަށް ބުނެފައިވަނީ، ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުމުރަށެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު (ގާނޫނު ނަންބަރު 2026-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު