-

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-11)

 

 

އެެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ބަޔާންވެގެންވާ ދިވެހި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، ދިވެހި ދައުލަތުން މުސާރައާއި އިނާޔަތް ދޭ ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ލަފާދިނުމާއި، ސިޔާސަތުތަކާއި އުސޫލުތައް މުރާޖަޢާކުރުމާއި އިޞްލާހުކުރުމާއި، އަލުން މުސާރައާއި އިނާޔަތްތައް ކަނޑައެޅުމާއި، މަގާމުން ވަކިވާއިރު ނުވަތަ ވަކިކުރާއިރު ދެވޭ އިނާޔަތްތައް ކަނޑައެޅުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު" އެވެ.

 

 

ދެވަނަ ބާބު

ގާނޫނުގެ މަގާމު

 

2 ވަނަ މާއްދާ – ގާނޫނުގެ މަގާމް

(ހ) ދައުލަތުގެ މުވައްޒަފުންކަމަށް މި ގާނޫނުގައި ބަޔާންވެގެންވާ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މުސާރައާއި އިނާޔަތް ދިނުމުގެގޮތުން، ނުވަތަ މުސާރައާއި އިނާޔަތް ދިނުމުގެ އިޚްތިޔާރު ވަކި ފަރާތަކަށް ހަވާލުކުރުމުގެގޮތުން، ގާނޫނުއަސާސީ ފިޔަވައި، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުސާރައާއި އިނާޔަތާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުއްދަކުރާ ނުވަތަ ރުހުންދޭ ނުވަތަ ކަނޑައަޅާ މުސާރައާއި އިނާޔަތާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުސާރައާއި އިނާޔަތާއި، މިނިވަން މުއައްސަސާތަކުން ކަނޑައަޅާ މުސާރައާއި އިނާޔަތް ކަނޑައެޅުމުގައި، މި ގާނޫނު ހިންގަން ފެށުމާއެކު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.

(ށ) ދައުލަތުގެ މުވައްޒަފުންކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މުސާރައާއި އިނާޔަތް ދިނުމުގެގޮތުން، ނުވަތަ މުސާރައާއި އިނާޔަތްދިނުމުގެ އިޚްތިޔާރު ދިނުމުގެގޮތުން، އެހެން ގޮތަކަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ ގާނޫނެއްގެ އެ ބައެއް، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އުސޫލު އެގޮތަށް ދެމެހެއްޓުމުގެގޮތުން، ކިޔަންވާނީ، މި މާއްދާގެ (ހ) އާއި މި ގާނޫނުގެ އެހެން މާއްދާތަކާ އެކުގައި، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލަށް އިސްކަންދެވޭނެ ގޮތުގެމަތިންނެވެ.

  

3 ވަނަ މާއްދާ – ގާނޫނީ ހައިސިއްޔަތު

(ހ) މި ގާނޫނަކީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެ ގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމަށް ގާނޫނުއަސާސީން ވަކި ފަރާތްތަކަކަށް ހަވާލުކޮށްފައިވާ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރުގެ ދަށުން އެފަރާތްތަކުން ރިޢާޔަތްކުރުން ލާޒިމު މިންގަނޑުތަކެއް، ހަރުދަނާ ގޮތެއްގައި ކަނޑައަޅަމުން މުރާޖަޢާކުރަމުން އިޞްލާހުކުރަމުން ގެންދިއުމުގެ މަސައްކަތާއި، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ޛަރީޢާއިން އެކި ފަރާތްތަކަށް ލިބިދީފައިވާ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރުމަށް ''ނޭށަނަލް ޕޭ ކޮމިށަން'' ގެ ނަމުގައި ކޮމިށަނެއް އެކުލަވާލައި، އެ ކޮމިށަން މަސައްކަތްކުރަންވީ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ޛަރީޢާއިން އެކި

ފަރާތްތަކަށް ހަވާލުކޮށްފައިވާ ބާރު، ނޭށަނަލް ޕޭ ކޮމިށަންގެ މައްޗަށް ލިބިދެއެވެ. އަދި، މި ގާނޫނަކީ، އެކި ފަރާތްތަކަށް ވަކިވަކިންނާއި ޖުމްލަކޮށް، ގާނޫނުއަސާސީން ލިބިދޭ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން

ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ބޭނުންކުރުމުގައި ޢަމަލުކުރަންވީ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

 

 

ތިންވަނަ ބާބު

މަގްސަދު

 

4 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ޙާޞިލުކުރުމެވެ.

(ހ) ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފަރާތްތަކުން އަޅާކިޔާނެ ނުވަތަ ބުރަވާނެ ޕްރޮފެށަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުރުމަށް މަގުފަހިކުރުން.

(ށ) ދައުލަތުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތަކީ، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަންނުތަކުގެ މެދުގައާއި، ގިންތިތަކުގެ މެދުގައާއި، ފަންތިތަކުގެ މެދުގައިވާ ތަފާތުތައް ހަނިކުރުމަށާއި، ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރާ ދިރިހުރި މުސާރައަކަށާއި އިނާޔަތަކަށް ހެދުމަށް މަގުފަހިކުރުން.

(ނ) ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކުގެ ގޮތުގައި، ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ދައުލަތުގެ ކުޅެދުންތެރިކަން ހުރި މިންވަރަކުން އެހީތެރިވެދިނުން.

(ރ) ދިވެހިރާއްޖޭގެ ދަރަނި ބޮޑުވެގެންދިއުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މާލީ ހޭދަތައް ކުރުމަށް ދަތިވަމުންދިއުމާއި، އުފެއްދުންތެރި ގޮތުގައި ހޭދަކުރެވެންހުރި ފައިސާ، މުސާރައާއި އިނާޔަތް ދިނުމަށް ހޭދަކުރަންޖެހުމުން، ދައުލަތުގެ ހަރަދުތައް

ދެކޮޅުޖެއްސުމަށް ދަތިވަމުންދިއުމުން ދިމާވާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދައުލަތަށް މަގުފަހިކޮށްދިނުން.

(ބ) ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތަކީ، ރާއްޖޭގެ އާބާދީ ބޮޑުވަމުންދާ ނިސްބަތަށާއި ރާއްޖޭގެ ދަރަނި ބޮޑުވަމުންދާ ނިސްބަތަށް ބަލާއިރު، ދަރަނި އަދާކުރުމުގެ ގާބިލުކަން ދިވެހި ދައުލަތުގައި އެގޮތުގައި ދެމެހެއްޓުމަށާއި، ބޮޑުވަމުންދާ އާބާދީގައި ހިމެނޭ ރައްޔިތުންގެ ދުޅަހެޔޮކަން އެގޮތުގައި ދެމެހެއްޓުމަށާއި، "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" ގެ ގޮތުގައި އދ. އިން ފާހަގަކޮށްފައިވާ އަމާޒުތަކަށް ރާއްޖެ ވާޞިލުވުމަށް މަގުފަހިކުރާ މާލީ ސިޔާސަތުތަކެއް ދިވެހި ދައުލަތުން ގެންގުޅުމުގައި އެހީތެރިވެދޭނެ މުސާރައާއި އިނާޔަތެއް ކަމުގައި ހެދުމަށް މަގުފަހިކޮށްދިނުން.

(ޅ) މުސާރަ ކަނޑައެޅުމާއި، މުސާރައިގެ ކުރިއެރުން ދިނުމާއި، އިނާޔަތް ދިނުމާއި، އިނާޔަތް އިތުރުކުރުމާއި، އިނާޔަތް މަދުކުރުމާއި، އިނާޔަތްތައް އެއްގޮތްކުރުމުގައި، މަރުކަޒީ ނިޒާމެއްގެ ތެރެއިން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ހަޤީޤަތާއި އިޖްތިމާޢީ ޢަދާލަތު ނިޔާކުރާ ގޮތެއްގެމަތިން ކަންކަން ކުރުމަށް ވާގިވެރިވުން.

 

 

ހަތަރުވަނަ ބާބު

ޕޭ ކޮމިށަން

 

5 ވަނަ މާއްދާ – ނޭށަނަލް ޕޭ ކޮމިށަން

މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ނޭށަނަލް ޕޭ ކޮމިށަން" ގެ ނަމުގައި ކޮމިށަނެއް އުފެދުނީއެވެ.

 

6 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުން

(ހ) ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ށ) ކޮމިށަން އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ މީހުންގެ މައްޗަށެވެ.

  1. ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމަށް އެއިރަކު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ހުންނަ ވުޒާރާއެއްގެ ވަޒީރު؛ އަދި
  2. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އިތުރު4  (ހަތަރެއް) މެންބަރުން.

(ނ) ކޮމިށަނުގެ މެންބަރުން ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ކޮމިށަންގެ ރައީސަކީ، ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމަށް އެއިރަކު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ހުންނަ ވުޒާރާއެއްގެ ވަޒީރެވެ.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮމިށަނަށް ޢައްޔަންކުރާ މެންބަރުންގެ ތެރެއިން މެންބަރަކު، ކޮމިށަންގެ ނައިބު ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮމިށަނަށް ޢައްޔަންކުރާ 4 (ހަތަރެއް) މެންބަރުންނަކީ ޕާޓް-ޓައިމް އުސޫލުން މަސައްކަތްކުރުމަށް ޢައްޔަންކުރާ 4 (ހަތަރެއް) މެންބަރުންނެވެ.

 

7 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުކަމުގެ މުއްދަތު

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮމިށަނަށް ޢައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ އެ މެންބަރަކު ޢައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮމިށަންގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހުސްވާ މަގާމެއްގައި ހުރި މެންބަރަކު ފިޔަވައ ި، އެހެން ކޮންމެ މެންބަރަކީ އަލުން އިތުރު ދައުރަކަށް ކޮމިށަންގެ މެންބަރުކަމަށް ޢައްޔަންކުރެވިދާނެ މެންބަރެކެވެ.

 

8 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުންގެ މުސާރަ

ކޮމިށަންގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

9 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުންގެ ސިފަތައް

މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޢައްޔަންކުރެވޭ ކޮމިށަންގެ ކޮންމެ މެންބަރެއްގެ ކިބައިގައި ތިރީގައިމިވާ ސިފަތަކާއި ށަރުޠުތައް ހުންނަންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ނ) ބުއްދި ސަލާމަތުން ހުރުން؛

(ރ) ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީޢަތައް ސާބިތުވެފައިވާ މީހަކު ކަމުގައ ި ނުވުން؛

(ޅ) އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛

(ކ) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި

(އ) ގާނޫނީ، މާލީ ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ ސަރުކާރުގެ ކަމާގުޅޭ ދާއިރާއަކުން ޤަބޫލުކުރާ އެއާ އެއް ފެންވަރެއްގެ ސަނަދެއް ޙާޞިލުކުރުމަށްފަހު، ކަމާގުޅޭ ދާއިރާއިން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވުން، ނުވަތަ ކަމާގުޅޭ ދާއިރާއިން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

10 ވަނަ މާއްދާމަގާމު ހުސްވުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، މެންބަރުކަމުގެ މަގާމު ހުސްވާނެއެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން މެންބަރުކަމުން އިސްތިޢުފާދިނުން؛

(ށ) މަރުވުން؛

(ނ) މި ގާނޫނުގައި ކަނޑައަޅާފައިވާ ކޮމިށަންގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ށަރުޠެއް އުނިވުން؛

(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން، އެ މެންބަރަކު މަގާމުން ވަކިކުރުން.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް މެދުވެރިވެގެން ކޮމިށަންގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު، އެ ދައުރުގެ ބާކީ އޮތް މުއްދަތަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.

 

11 ވަނަ މާއްދާ – ކޮމިށަންގެ ބައްދަލުވުންތައް ބޭއްވުމާއި ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

(ހ) މަދުވެގެން މީލާދީ ކޮންމެ މަހަކު 2 (ދޭއް) ފަހަރު ކޮމިށަންގެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ށ) ކޮމިށަންގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިށަންގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

12 ވަނަ މާއްދާ – ކޮމިށަންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުން

(ހ) ކޮމިށަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަންގެ ރައީސެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ކޮމިށަންގެ ބައްދަލުވުމަކަށް ހާޒިރުވުމަށް ކޮމިށަންގެ ރައީސް ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި ކޮމިށަންގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަންގެ ނައިބު ރައީސެވެ.

(ނ) ކޮމިށަންގެ ރައީސްއާއި ނައިބު ރައީސް ނެތް ޙާލަތެއްގައި، ކޮމިށަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަންގެ މެންބަރުންގެ ތެރެއިން ނެގޭ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެން ހޮވޭ މެންބަރެކެވެ.

 

13 ވަަނަ މާއްދާ – ކޮމިށަންގެ ސެކްރެޓޭރިއަޓް

(ހ) ކޮމިށަންގެ އިދާރީ، ގާނޫނީ، އަދި ފަންނީ މަސައްކަތްތަކަށް އެހީތެރިވެދިނުމަށްޓަކައި، ކޮމިށަންގެ ސެކްރެޓޭރިއެޓެއް ގާއިމު ކުރަންވާނެއެވެ. 

(ށ) ކޮމިށަންގެ ސެކްރެޓޭރިއެޓް ގާއިމުކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައެވެ.

 

14 ވަނަ މާއްދާ – ސެކްރެޓޭރިއެޓްގެ މުވައްޒަފުން

(ހ) ކޮމިށަންގެ ސެކްރެޓޭރިއެޓަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ކޮމިށަންގެ ލަފާގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނެވެ. މިގޮތުނ ކޮމިށަންގެ ސެކްރެޓޭރިއެޓަށް ހަމަޖައްސަންވާނީ ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހަމަޖައްސާ މުވައްޒަފުންގެ ތެރެއިން ފަންނީ މަސައްކަތްކުރުމަށް ތިރީގައި އެވާ 8 (އަށެއް) ދާއިރާއިން 8 (އަށެއް) މުވައްޒަފުން ޢައްޔަންކުރަންވާނެއެވެ. އަދި ޢައްޔަންކުރާ ކޮންމެ މުވައްޒަފަކީވެސް އެ މުވައްޒަފަކު ޢައްޔަންކުރެވުނު ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ ސަރުކާރުގެ ކަމާގުޅޭ ދާއިރާއަކުން ޤަބޫލުކުރާ އެއާ އެއް ފެންވަރެއްގެ ސަނަދެއް ޙާޞިލުކޮށް އަދި އެ ދާއިރާއިން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

  1. އިޤްތިޞާދީ ދާއިރާ؛
  2. ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާ؛
  3. އެކައުންޓިންގ އަދި ފައިނޭންށަލް މެނޭޖްމަންޓްގެ ދާއިރާ؛
  4. ސްޓެޓިސްޓިކްސްގެ ދާއިރާ؛
  5. ގާނޫނީ ދާއިރާ؛
  6. ހެލްތް މެނޭޖްމަންޓްގެ ދާއިރާ؛
  7. އެޑިއުކޭށަނަލް މެނޭޖްމަންޓްގެ ދާއިރާ؛
  8. އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ދާއިރާ.

 

15 ވަނަ މާއްދާ – ކޮމިށަންގެ މަސްއޫލިއްޔަތުގެ ދާއިރާ އެންގުން

(ހ) ކޮމިށަނުން އެފަހަރަކު ކޮށް ނިންމައިދޭންވީ ކަމަކާއި، އެ ކޮމިށަނުން އެފަހަރަކު ޚާއްޞަ ސަމާލުކަމެއްދީގެން ބަލައި ނިންމުމެއް ނިންމައިދޭންވީ ކަމެއް، އެ ކޮމިށަނަށް، ރައީސުލްޖުމްހޫރިއްޔާ ލިޔުމަކުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ކޮށްދޭންވީ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަންގާ ކަންކަން، ކޮމިށަނުން ކުރާނީ، މި ގާނޫނުން ކޮމިށަނާ ގުޅޭގޮތުން ކަނޑައަޅާދީފައިވާ މަސްއޫލިއްޔަތާއި އުސޫލުތަކުގެ ދާއިރާގެ ތެރޭގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަންގާ އެއްވެސް އެންގުމަކީ، ކޮމިށަނަށް މި ގާނޫނުން ލިބިދޭ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ހަނިކުރެވޭނެ އެންގުމެއް ނޫނެވެ.

 

16 ވަނަ މާއްދާ – ކޮމިށަންގެ އާންމު މަސްއޫލިއްޔަތުތައް

ކޮމިށަންގެ ޢާންމު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) މި މާއްދާގެ (އ) އަދި (ވ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާއިން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދެވޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދިނުން؛

(ށ) ކޮންމެ ފަންނެއްގެ މީހެއްނަމަވެސް، އެ ފަންނެއްގައ ި އޭނާއަށް ލިބެންޖެހޭނެ މުސާރައާއި އިނާޔަތަކީ ކޮބައިކަން ކަނޑައަޅާނެ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅައިދިނުން؛

(ނ) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅުމުގެ ހަރަދު ހުރި ނިސްބަތަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިނާޔަތްތަކުގެ ތަފާތުކުރުން ގެނެވިދާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުން؛

(ރ) ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ބުރަކަމާއި، ފަންނުވެރިކަމާއި ފާޑުވެރިކަމާއި، މަސައްކަތުގެ ބާވަތުން އެ މުވައްޒަފަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި ނިސްބަތުން މުސާރައިގެ ތަފާތުކުރުން ގެނެވިދާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުން؛

(ބ) ދައުލަތުގެ މުވައްޒަފުންނަށް ދެވެމުންދާ މުސާރައާއި އިނާޔަތް މުރާޖަޢާކޮށް، އިޞްލާހުކުރަންޖެހޭ މުސާރައާއ ި އިނާޔަތް އިޞްލާހުކުރަންޖެހޭގޮތް ބަޔާންކޮށްދިނުން؛

(ޅ) ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ދާއިރާގެ ތެރޭގައި، ދިގު މުއްދަތަށް ދެމެހެއްޓެނިވި މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއިން ވަކިވެގެންދާއިރު ދެމެހެއްޓެނިވި އިނާޔަތެއް ދެވޭނެ އުސޫލުން ސިޔާސަތުތަކާއި މިންގަނޑުތައް އެކަށައެޅުން؛

(ކ) ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުގެ ނިސްބަތް ހުރި މިންވަރާއި ރާއްޖޭގައި މުވައްޒަފުން ހޯދުމަށް ހިނގާ ހަރަދާއި، މުވައްޒަފުންނަށް ކުރަންޖެހޭ އިންވެސްޓްމަންޓްގެ ނިސްބަތާއ ި، މުވައްޒަފުންގެ ފަރާތުން އެ އިންވެސްޓްމަންޓްގެ ފައިދާ ލިބޭ މިންވަރާއި، މުވައްޒަފުންގެ އުފެއްދުންތެރިކަން ހުރިގޮތާއި، މުވައްޒަފުން އިތުރުކުރެވިދާނެ ގޮތްތަކާއި ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް މަގުދައްކައިދޭނެ އުސޫލުތައް ކަނޑައެޅުން؛

(އ) ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ މުސާރައާއި އިނާޔަތްތައް ދިރާސާކޮށް، އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނަންޖެހޭކަމަށް ވާނަމަ، އެކަން ފާހަގަކޮށް، އެކަމުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުން؛

(ވ) ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ މުސާރައާއި އިނާޔަތްތައް ދިރާސާކޮށް، އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނަންޖެހޭކަމަށް ވާނަމަ، އެކަން ފާހަގަކޮށް، އެކަމުގެ ލަފާ ރައްޔިތުންގެ މަޖިލީހަށް ދިނުން؛

(މ) ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ށަރުޢީ ދާއިރާއިން ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ މުސާރައާއި އިނާޔަތްތައް ދިރާސާކޮށް، އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނަންޖެހޭކަމަށް ވާނަމަ، އެކަން ފާހަގަކޮށް، އެކަމުގެ ލަފާ އެ ދާއިރާއަށް ދިނުން؛

(ފ) މި މާއްދާގެ (އ) އަދި (ވ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދައުލަތުގެ އެހެނިހެން އެންމެހައި މުއައްސަސާތަކާއި އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިރާސާކޮށް، އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނަންޖެހޭކަމަށް ވާނަމަ، އެކަން ފާހަގަކޮށް، މި ގާނޫނުން ކޮމިށަނަށް ލިބިދީފައިވާ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން އިޞްލާހުކޮށް، އެ އިޞްލާޙާ އެއްގޮތަށް ޢަމަލުކުރުމަށް އެ މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް އެންގުން؛

(ދ) ކޮމިށަންގެ މަސްއޫލިއްޔަތާއ ި ބާރުތަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ފަންނީ، އިދާރީ އަދި ގާނޫނީ އެންމެހައި ވާޖިބުތައް އަދާކުރުން؛

(ތ) ކޮމިށަންގެ މަސްއޫލިއްޔަތާއި މަޤްޞަދުތަކާއި ބާރުތަކާ ގުޅޭގޮތުން ދިރާސާތަކާއި ސަރވޭތަކާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތްތައް ކުރުން؛

(ލ) ކޮމިށަންގެ މަސްއޫލިއްޔަތާއި މަޤްޞަދާއި ބާރުތަކުގެ ދާއިރާގެ ތެރޭގައި މަޢުލޫމާތުތައް އެއްކުރުމާއި ހޯދުމާއި އެ މަޢުލޫމާތުތައް ށާއިޢުކުރުން؛

(ގ) ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ށަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކާއި، މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭގޮތުން އެކިއެކ ި ބައްދަލުވުންތައް ބާއްވައި، ކަމާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމާއ ި އާލާކުރުން؛

(ޏ) ކޮމިށަނަށް ހަވާލުކުރެވިފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ސ) ކޮންމެ އަހަރަކު، ކޮމިށަނުން ކުރެވުނު މަސައްކަތްތަކާއި އެ މަސައްކަތްތަކުން ކަނޑައެޅުނު ނަތީޖާތަކާއި، ކުރިއަށް އޮތް އަހަރުދުވަހަށް މުސާރައާއި އިނާޔަތާ ގުޅޭގޮތުން ހުށަހެޅޭ ހުށަހެޅުންތަކާއި، ފާހަގަކުރާ ކަންކަމާއި، ކަނޑައަޅާ ކަނޑައެޅުންތައް ހިމެނޭ ރިޕޯޓު އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އެ ރިޕޯޓު ޢާންމުކޮށް ށާއިޢުކުރުން؛

(ޑ) ކޮންމެ 5 (ފަހެއް) އަހަރަކުން، ކޮމިށަނުން ކުރެވުނު މަސައްކަތްތަކާއ ި އެ މަސައްކަތްތަކުން ކަނޑައެޅުނު ނަތީޖާތަކާއި، ކުރިއަށް އޮތް 5 (ފަހެއް) އަހަރުދުވަހަށް މުސާރައާއި އިނާޔަތާ ގުޅޭގޮތުން ހުށަހެޅޭ ހުށަހެޅުންތަކާއި، ފާހަގަކުރާ ކަންކަމާއި، ކަނޑައަޅާ ކަނޑައެޅުންތައް ހިމެނޭ ރިޕޯޓު އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އެ ރިޕޯޓު ޢާންމުކޮށް ށާއިޢުކުރުން.

 

 

ފަސްވަނަ ބާބު

މުސާރައިގެ ސިިޔާސަތުތައް

 

17 ވަނަ މާއްދާ – މުސާރާއިގެ ސިޔާސަތު އެކަށައެޅުން

ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް، ކޮމިށަނުން އެކަށައެޅުމުގައި، އަންނަނިވި ކަންކަމަށް އެ ކޮމިށަނުން ސަމާލުކަން ދޭންވާނެއެވެ.

(ހ) ވަކި ފަންނެއްގެ މުސާރަ ކަނޑައަޅާއިރު، އެ ފަންނަކީ ދިރިހުރި ފަންނަކަށް ހެދުމަށާއި، އެ ފަންނަށް މީހުން އިތުރުކުރުމަށާއި، އެ ފަންނުގެ ފަންނުވެރިން ދިވެހިރާއްޖޭގައި އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ގޮތަކަށް އެމީހުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުން؛

(ށ) ވަކި ފަންނެއްގެ މުސާރައާއ ި އިނާޔަތް އެކަށައަޅާއިރު، އެ ފަންނަކަށް އެކަށީގެންވާ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، އެ ގިންތިތަކަށާއި ފަންތިތަކަށް އެކަށޭނަ މުސާރައާއި އިނާޔަތް ކަނޑައެޅުން؛

(ނ) ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ދިރިއުޅުމަށް ކުރެވޭ ހަރަދުގެ ކުޑަބޮޑު މިނާއި، މަސައްކަތުގެ ބުރަކަމާއި، ފަންނުވެރިކަމާއި، ފާޑުވެރިކަމާއި، މަސައްކަތުގެ ބާވަތުން އެ މުވައްޒަފަކަށް ކުރިމަތިވެދާނެ ނުރައްކަލަށާއި، ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައ ި ދިރިއުޅުމަށް ކުރެވޭ ހަރަދުގެ ކުޑަބޮޑު މިނަށް ބަލައި އިނާޔަތުގެ ތަފާތުތައް ގެނައުން؛

(ރ) ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށާއި، ޞިއްޙީގޮތުން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް އެކަށޭނަ އާމްދަނީއެއް ލިބިދޭ އަދި މުވައްޒަފުންގެ ދުޅަހެޔޮކަމަށް ވާގިވެރިވާ ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރާ މުސާރައަކަށާއި އިނާޔަތަކަށްވުން؛

(ބ) ޤައުމެއްގެ ގޮތުގައި ކުރިއެރުމަށް ކަނޑައަޅައި އިޢުލާންކޮށްފައިވާ ނުވަތަ ށާއިޢުކޮށްފައިވާ ތަސައްވުރުތަކާއި އަމާޒުތައް ޙާޞިލުކުރުމަށް ވާގިވެރިވާ މުސާރައަކަށާއި އިނާޔަތަކަށް ހެދުން؛

(ޅ) ކޮންމެ ފަންނެއްގެ މީހެއް ކަމުގައި ވީނަމަވެސް، އެ ފަންނުގައި ހިމެނޭ ހަމަ ކޮންމެ މީހަކަށް، އެ ފަންނެއްގައި އަދާކުރާ ވަޒީފާއަށް އެންމެ މަދުން ލިބެންޖެހޭ މުސާރައަކާއި އިނާޔަތަކީ ކޮބައިކަން ކަނޑައެޅިފައި އޮތުން؛

(ކ) އެއްގޮތް ޙާލަތުގައި، އެއްގޮތް އުސޫލުން މަސައްކަތްކުރާ މީހުންނަށް އެއްގޮތް މުސާރައަކާއި އެއްގޮތް އިނާޔަތެއް ލިބޭނެގޮތްވުން.

 

18 ވަނަ މާއްދާ – މުސާރައިގެ ސިޔާސަތު އެކަށައެޅުމުގައި ބަލަންޖެހޭނެ ކަންކަން

(ހ) މުސާރައާއި އިނާޔަތްތައް މުރާޖަޢާކުރުމުގެ މަސައްކަތް ކޮމިށަނުން ކުރުމުގައ ި ޢާންމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުންތައް ބާއްވައިގެން މަޢުލޫމާތުތައް ހޯދުމާއި، މަޝްވަރާގެ ބައްދަލުވުންތައް ހިންގުމާއި، އެކިއެކި ފަރާތްތައް ގެނެސްގެން ކުރެވޭ އިންޓަރވިއުތައް ޢާންމުކޮށް ހުޅުވާލައިގެން ކުރުމާއި، ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ވީހާވެސް ގިނަ ބާވަތަކާއި ގިންތިއެއްގެ ބަޔަކާ ވާހަކަދެއްކުމާއި، އަދި މަޞްލަހަތު ހުރި އެހެން ފަރާތްތަކުގެ ތެރެއިން އެކަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުޞަތު ދެވެން އޮތް މިންވަރަކުން ހިޔާލު ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ، ކޮމިށަނުން ކުރަންވާނެ ކަމެކެވެ.

(ށ) ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ސ ިޔާސަތު އެކަށައެޅުމުގައި، އަންނަނިވި ކަންކަމަށް ވަކިވަކިން ކޮމިށަނުން ރިޢާޔަތް ކުރަންވާނެއެވެ.

  1. މުސާރައަކީ ދިރިހުރި މުސާރައަކަށްވުން؛
  2. "ކޮންސިއުމަރ ޕްރައިސް އިންޑެކްސް" އާ ވަޒަން ހަމަކުރާ މުސާރައަކަށްވުން؛
  3. އިންފްލޭށަނަށް އިންޑެކްސްކުރެވޭ މުސާރައަކަށްވުން؛
  4. ދިރިއުޅުން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތްތަކަކީ އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ހިތްވަރު ލިބިދޭ އިނާޔަތަކަށްވުން؛
  5. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަކޮށް އާބާދީ މަދު ރަށްރަށުގައި މަސައްކަތްކުރަން އެދޭ މީހުންނަށް ހިތްވަރު ލިބިދޭ އިނާޔަތަކަށްވުން؛
  6. ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށްވުން؛
  7. ޞިއްޙީގޮތުން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް އެކަށޭނަ މުސާރައަކަށްވުން؛
  8. މުސާރަ ދޭ ފަރާތްތަކަށް، އެ މުސާރަ ދޭނެ ގާބިލުކަން ލިބިދޭ މުސާރައަކަށްވުން؛
  9. ޤައުމުގެ ޢާންމު ފުއްދުންތެރިކަމަށާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތުގެ މިންގަނޑުން ބަލާއިރު، ޤައުމުގެ މުއްސަނދިކަން ވީހާވެސް ގިނަ ފަރާތްތަކަކަށް ބެހިގެންދާނެފަދަ މުސާރައަކަށްވުން؛
  10. ޤައުމުގެ މަސައްކަތްތެރިންގެ ވަކިވަކި މަގާމުތަކުގެ މުސާރައިގެ އެވަރެޖަށް ބަލައިގެން އެ މަގާމުތަކަށް ކަނޑައެޅޭ މުސާރައަކަށްވުން.

 

19 ވަނަ މާއްދާ – މުސާރައިގެ ތަފާތު ގެނައުން

(ހ) މުސާރައާއި އިނާޔަތް ކަނޑައެޅުމުގައި އެކިއެކި މަސައްކަތްތަކާއި، އެކިއެކި ފަންނުތަކަށް ބިނާކޮށް ތަފާތުތައް ގެނައުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މީހުންގެ މުސާރައާއި އިނާޔަތްތަކަށް ތަފާތުތައް ގެނައުމާއި އެމީހަކު ދިރިއުޅެމުންދާ ރަށެއްގެ އިޤްތިޞާދީ ޙާލަތަށާއި ދިރިއުޅުމުގެ އަގަށް ބަލައިގެން މުސާރަތައް ތަފާތުކުރުމަކީ މި ގާނޫނުގެ ދަށުން ކުރެވިދާނެ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުސާރައަށް ގެނެވޭ ތަފާތަކީ، ހަމަހަމަ އުސޫލުން މަސައްކަތްކުރާ ބައެއްގެ މެދުގައި، ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް، ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާއާ ހިލާފަށް ގެނެވޭ ތަފާތެއް ކަމުގައެއް ނުބެލެވޭނެއެވެ. އަދި، މި މާއްދާގެ (ހ) ގެ ދަށުން މުސާރައަށް ނުވަތަ އިނާޔަތަށް ގެނެވޭ ތަފާތު އެ ގެނެވެނީ، ތަފާތު ޙާލަތުގައި ތިބޭ މީހުންނާމެދު އެއްގޮތް އުސޫލަކުން ޢަމަލުނުކުރުމުގެ ގޮތުންނާއި، އެއްގޮތް ޙާލަތުގައި ތިބޭ މީހުންނާމެދު ތަފާތު އުސޫލަކުން ޢަމަލުނުކުރުމުގެ ގޮތުން ކަމުގައި ބެލެވޭނެއެވެ.

 

 

ހަވަނަ ބާބު

އާންމު އުސޫލުތައް 

 

20 ވަނަ މާއްދާ – ކޮމިށަންގެ ބަޖެޓް އަދި ބަޖެޓް ހިނގުން

(ހ) މި ގާނޫނުގައިވާ ކަންކަން ހިންގުމަށް ބޭނުންވާ ފައިސާ ހޯދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބަޖެޓުގައި ހިމަނައިގެން އެ މިނިސްޓްރީންނެވެ.

(ށ) ކޮމިށަންގެ މަސައްކަތްތަކާ ގުޅޭގޮތުން، ކޮމިށަނަށް ކަނޑައެޅިފައިވާ ބަޖެޓުން ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ހިސާބުކިތާބު ބަލަހައްޓަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނެވެ.

 

21 ވަނަ މާއްދާ – ކޮމިށަން އެކުލަވާލުމުގެ މުއްދަތު

މި ގާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ނޭށަނަލް ޕޭ ކޮމިށަނަށް މެންބަރުން ޢައްޔަންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިށަނަށް މެންބަރުން ފުރަތަމަ ފަހަރަށް ޢައްޔަންކުރާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ – އެހެން ގާނޫނުތަކުން ލިބިދީފައިވާ މުސާރަ ކަނޑައެޅުމުގެ ބާރު ނޭށަނަލް ޕޭ ކޮމިށަންގެ މައްޗަށް ބަދަލުވުުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިއޮތް ކަމުގައި ވީނަމަވެސް، މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ޛަރީޢާއިން އެކި ފަރާތްތަކަށް ލިބިދީފައިވާ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމުގެ ބާރު މި ގާނޫނުގެ ދަށުން އުފެދޭ ނޭށަނަލް ޕޭ ކޮމިށަނަށް މި ގާނޫނުގައިވާ ގޮތުގެމަތިން ބަދަލުވީއެވެ.

 

24 ވަަނަ މާއްދާ – ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް ޢަމަލު ކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަޞްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮންސިއުމަރ ޕްރައިސް އިންޑެކްސް" ކަމަށް ބުނެފައ ި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށްޓަކައި މުހިންމު ކާނާގެ ބާވަތްތަކާއި ހިދުމަތުގެ ބާވަތްތަކުގެ އަގަށެވެ. އަދި އެ ބާވަތްތަކުގެ އަގަށް އަންނަ ބަދަލު ހިމެނޭ ގޮތަށެވެ.

(ށ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާއިން އުފައްދާފައިވާ ނޭށަނަލް ޕޭ ކޮމިށަނަށެވެ.

(ނ) "އިންފްލޭށަން" ކަމަށް ބުނެފައި އެވަނީ، ދިވެހި އިޤްތިޞާދުގައި ތަކެތީގެ އަގަށާއި ހިދުމަތުގެ އަގަށް އަހަރުން އަހަރަށް އަންނަ މަތިވުމަށެވެ.

(ރ) "އިންޑެކްސްކުރުން" ކަމަށް ބުނެފައި އެވަނީ، ތަކެތީގެ އަގާއި ހިދުމަތުގެ އަގަށް އަންނަ ބަދަލު މުސާރައަށްވެސް ގެންނަމުންދިއުމަށެވެ.

(ބ) "އިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް، ދެވޭ މަންފާއެއްގެ ގޮތުގައި، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، ދެވޭ ފައިސާއަށާއި ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ އިނާޔަތަށެވެ. ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.

(ޅ) "މިނިވަން މުއައްސަސާތައް" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ހިއުމަން ރައިޓްސް ކޮމިށަނާއި، ސިވިލް ސަރވިސް ކޮމިށަނާއި، ޖުޑީށަލް ސަރވިސް ކޮމިށަނާއި، އިލެކްށަންސް ކޮމިށަނާއި، އެންޓި-ކޮރަޕްށަން ކޮމިށަނަށެވެ. އަދި، އޭގެ އިތުރުންވެސް، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ގާނޫނަކުން އުފައްދާ އެހެން ކޮންމެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ހިމެނޭގޮތުންނެވެ.

(ކ) "މުސާރަ" ކަމަށް ބުނެފައި އެވަނީ، އިނާޔަތް ނުހިމެނޭގޮތުން، ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ.

(އ) "ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އިންތިޚާބުކޮށްފައިވާ މަގާމެއްގައި ހުރިނަމަވެސް، ޢައްޔަންކޮށްފައިވާ މަގާމެއްގައި ހުރިނަމަވެސް، ދާއިމީ މަގާމެއްގައި ހުރިނަމަވެސް، ވަގުތީ މަގާމެއްގައި ހުރިނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަގާމެއްގައި ހުރިނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަގާމެއްގައި ހުރިނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ހަވާލުވެގެންވާ އަދި ދައުލަތުން މުސާރައާއި އިނާޔަތް ލިބިދެވޭ މުވައްޒަފުންނަށެވެ. މި މާނަކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންނާއި، އުއްތަމަފަނޑިޔާރާއި، ފަނޑިޔާރުންނާއި، ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނައިބު ރައީސާއި، އެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ގާނޫނުއަސާސީން ނުވަތަ ގާނޫނުން އުފައްދާފައިވާ އިދާރާތަކާއި މުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ދިވެހި ސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ހަވާލުވެގެންވާ ފަރާތްތަކާއި އަދި މުވައްޒަފުން ހިމެނޭގޮތުންނެވެ.

(ވ) "ސެކްރެޓޭރިއެޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފެދޭ ނޭށަނަލް ޕޭ ކޮމިށަންގެ އިދާރާއަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ނޭށްނަލް ޕޭ ކޮމިށަންގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2017-82)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު