-

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ށަރުއީ ދާއިރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2026-56)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖޫން 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުގެ ދަށުން ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރުމުގެ ފުރަސަތު ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ށަރުއީ ދާއިރާއިން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ އިޖުރާތުތަކާއި، ބަލާނެ ހަމަތަކާއި، ވަޒީފާގައި ދެމިހުންނަ އިރު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދު ހިނގާނީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރުމަށް އެދޭ ފަރާތްތަކާއި، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ރީ-އެމްޕްލޯއިމަންޓް އުސޫލުން ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - ވަޒީފާ ދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ވަޒީފާ ދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

(ހ) އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވާއިރު ށަރުއީ ދާއިރާގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް.

(ށ) ށަރުއީ ދާއިރާގެ ކޯޓެއްގައި ނުވަތަ އިދާރާއެއްގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތައ.ް

 

5 ވަނަ މާއްދާ - ރީ-އެމްލޯއިމަންޓް އުމުރު

މި ގަވާއިދުގެ ދަށުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކުގެ އުމުރަށް ރިއާޔަތްކޮށް އެ ފަރާތްތަކަށް ވަޒީފާގައި ދެމިތިބެވޭނީ އަންނަނިވި މުއްދަތަށެވެ.

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ފަރާތްތަކުން، އުމުރުން 65 (ފަސްދޮޅަސް ފަހެއް)
އަހަރު ފުރުމަށް ފަހުގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅޭނެއެވެ.

(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ވަޒީފާއަށް އެދޭ ތާރީހާއި އެ ފަރާތަށް 75 )ހަތްދިހަ ފަހެއް( އަހަރު ފުރުމާ ދެމެދުގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށްވާ ނަމައެވެ.

 

6 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅުން

(ހ) ށަރުއީ ކޯޓެއްގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ރީ-އެމްޕްލޯއިމަންޓް އުމުރުގައި ވަޒީފާގައި ދެމިހުންނަން އެދޭ ނަމަ، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ރީ-އެމްޕްލޯއިމަންޓަށް އެދޭ ފޯމު" އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިޔަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ނުވަތަ ދައުލަތުގެ ވަޒީފާއަކުން ވަކިވެފައިވާ ފަރާތެއް ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރުމަށް އެދޭ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ"ރީ-އެމްޕްލޯއިމަންޓަށް އެދޭ ފޯމު" އެ މުވައްޒަފަކު މަސައްކަތްކުރި އޮފީހަކަށް
ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ނެތް ފަރާތްތައް، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ކުރިން ރީ-އެމްޕްލޯއިމަންޓަށް ހުށަހެޅިދާނެއެވެ.

 

7 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅުމުން އަމަލުކުރާނެ ގޮތް

ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާމެދު ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، އެކަން އެ ފަރާތަކަށް އެންގުމަށް ޓަކައި، ފޯމުތަކާ ގުޅިގެން އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންއެވެ.

(ހ) ރީ-އެމްޕްލޯއިމަންޓަށް އެދި ކޯޓަށް ހުށަހަޅާ ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވުމުގެ ކުރިން، ފޯމާއެކު ހުށަހަޅާންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި މައުލޫމާތުތައް ފުރިހަމަތޯ ބަލަންވާނެއެވެ. އަދި ފުރިހަމަވެފައިވާ ފޯމު ލިބޭތާ ގިނަވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ފޯމާއި ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.

(ށ) ރީ-އެމްޕްލޯއިމަންޓަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާ ފޯމު ލިބޭތާ ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ފޯމާއި ކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަތޯ ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ތަކާމެދު ގޮތެއް ނިންމުމަށް ޓަކައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - އިވެލުއޭށަން މަރުހަލާ ކުރިޔަށްގެންދާނެ ގޮތް

(ހ) ރީ-އެމްޕްލޯއިމަންޓަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް ދިރާސާކޮށް ގޮތެއް ނިންމާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ހިޔުމަން ރިސޯސަސް ކޮމިޓީންނެވެ.

(ށ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރުމަށް އެދި ހުށަހެޅޭ ކޮންމެ ފޯމެއް ވެސް ކޮމިޓީއަށް ހުށަހެޅޭ ތާރީހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ.

(ނ) ކޮމިޓީން ނިންމުން ނިންމާތާ ގިނަވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ފޯމު ހުށަހެޅި ފަރާތަށް، ކޮމިޓީގެ ނިންމުން ލިޔުމުން އަންގަންވާނެއެވެ.

(ރ) ކޮމިޓީން ނިންމި ނިންމުމަކީ ކޯޓަކުން ފޮނުވައިފައިވާ ފޯމަކާ ގުޅިގެން ނިންމައިފައިވާ ނިންމުމެއް ކަމަށް ވާ ނަމަ، ފޯމު ހުށަހެޅި ފަރާތަށް އެ ލިޔުން ހަވާލުކުރުމަށް ޓަކައި ފޮނުވަންވާނީ އެ ކޯޓަކަށެވެ. 

 

9 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދިނުމުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ފަރާތަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

  1. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން؛
  2. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން؛
  3. ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު، މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސްގެން ވަޒީފާ ހަމަޖެއްސުން.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުއީ ދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް، ތިރީގައި ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

  1. ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށްވުން؛
  2. ވަޒީފާ ދޭ ތާރީހުން ފެށިގެން އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭ މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތްކަން؛
  3. ޕެންށަން ހައްގުވާ އުމުރު ހަމަވުމާ ހަމަޔަށް ވަޒީފާ އަދާކުރި ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑުގައި ށަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން؛
  4. ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅި ފަރާތަކީ އެ ފަރާތުން ކުރިމަތިލި މަގާމުގެ ށަރުތު ހަމަވާ ފަރާތެއް ކަމުގައި ވުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅާންވާނީ މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގަ އިހަމަޖެއްސުން

އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވާއިރު ށަރުއީ ދާއިރާގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ މުވައްޒަފުންނަށް
ހަމަޖައްސައިދޭންވާނީ އެ މުވައްޒަފަކު އެހައިތަނަށް އަދާކުރަމުންދިޔަ މަގާމުގެ މަސްއޫލިއްޔަތުތަކާއި އިލްތިޒާމްތަކާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.

 

11 ވަނަ މާއްދާ - މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން

އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވާއިރު ށަރުއީ ދާއިރާގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ މުވައްޒަފުންނާއި، ށަރުއީ ދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާ އަދާކުރި ކޯޓުގެ ނުވަތަ އިދާރާގެ އެހެން ވަޒީފާއެއް ހަމަޖެއްސިދާނެއެވެ.

(ހ) ވަޒީފާ އަދާކުރި ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑުގައި ހުސް މަގާމެއް އޮތުން.

(ށ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމަށް މީހަކު ހަމަޖެއްސުމުގެ ބަޖެޓަށް ހުއްދަ ލިބިފައިވުން.

(ނ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމުގެ ށަރުތު ހަމަވުން.

 

12 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު، މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނެސްގެން ވަޒީފާ ހަމަޖެއްސުން

އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވާއިރު ށަރުއީ ދާއިރާގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ މުވައްޒަފުންނާއި، ށަރުއީ ދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ
ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަގާމުގެ މަސްއޫލިއްތުތަކާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމަށްފަހު، ވަޒީފާ އަދާކުރި ކޯޓުގެ ނުވަތަ އިދާރާގެ އެހެން ވަޒީފާއެއް ހަމަޖެއްސިދާނެއެވެ.

(ހ) ވަޒީފާ އަދާކުރި ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑުގައި ހުސް މަގާމެއް އޮތުން.

(ށ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމަށް މީހަކު ހަމަޖެއްސުމަށް ޓަކައި ބޭނުންވާ ބަޖެޓަށް ހުއްދަ ލިބިފައިވުން.

(ނ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމުގެ ށަރުތު ހަމަވުން. 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މަގާމުގެ ށަރުތު ހަމަނުވާ ނަމަ، މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސްގެން އެ މަގާމު ހަމަޖެއްސުން.

 

13 ވަނަ މާއްދާ - އިދާރީ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން ވަޒީފާ ހަމަޖެއްސުން

ށަރުއީ ދާއިރާގެ އިދާރީ އޮނިގަނޑަށް ނުވަތަ ކޯޓެއްގެ އިހްތިސާސަށް އަންނަ ބަދަލެއްގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް އުވައިލައިފި ނަމަ ނުވަތަ ކުރަމުންދިޔަ މަސައްކަތް ށަރުއީ ދާއިރާގެ އެހެން އިދާރާއަކަށް ނުވަތަ ކޯޓަކަށް ބަދަލުވެއްޖެ ނަމަ، ބަދަލުވި އިދާރާއަކަށް ނުވަތަ ކޯޓަކަށް ހުށަހަޅައިގެން މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

 

14 ވަނަ މާއްދާ - ރީ-އެމްޕްލޯއިމްންޓުގެ އެއްބަސްވުން

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ، އަހަރުން އަހަރަށް އައުކުރާ 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމުގެ ދަށުންނެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ކޮންމެ މުވައްޒަފަކު ވެސް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސިއްރު ހިފެހެއްޓުމުގެ އިގުރާރުގައި ސޮއިކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ހިނގާނެ އުސޫލުތައް

(ހ) ރީ-އެމްޕްލޯއިމަންޓުގެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން، ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އެންމެހައި ގަވާއިދުތަކާ އުސޫލުތައް ރީ-އެމްޕްލޯއިމަންޓުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ރީ-އެމްޕްލޯއިމަންޓުގެ އާންމު ގަވާއިދާ ތައާ ރުޒުނުވާ ގޮތުގެ މަތީން ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ށަރުއީ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ހިނގާނެއެވެ.

(ނ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ޕްރޮބޭށަން އުސޫލެއް ނުހިނގާނެއެވެ.

(ރ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާ އަދާކުރާ މުއްދަތުގައި އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ބޭނުންވާ އެންމެހައި އިންތިޒާމުތައް، ވަޒީފާ އަދާކުރާ އޮފީހުން ހަމަޖައްސައިދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ތަނާއި ވަގުތަށް ގެނެވޭ ލުއިތައް

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުގެ އުމުރަށާއި، ސިއްހީ ހާލަތަށާއި، އެ މުވައްޒަފަކު އަދާކުރާ މަގާމުގެ މަސްއޫލިއްޔަތަށް ރިއާޔަތްކޮށް، އަންނަނިވި ލުއިތައް
ދެވިދާނެއެވެ.

  1. ޕާޓ-ްޓައިމްކޮށް މަސައްކަތްކުރުން، މުވައްޒަފު ކުރަންޖެހޭ މަސައްކަތުގެ ބާވަތަށް ބަލައި، ރަސްމީ މަސައްކަތު ގަޑީގެ ބަދަލުގައި، ދުވާލަކު 4 (ހަތަރެއް) ގަޑިއިރު ނުވަތަ 5 (ފަހެއް) ގަޑިއިރަށް ވުރެ އިތުރުނުވާނޭހެން މަސައްކަތު ގަޑި ކަނޑައެޅިދާނެއެވެ.
  2. ފްލެކްސިބަލްކޮށް މަސައްކަތްކުރުން، އޮފީހަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ބަދަލުގެނައުމަށް ނުވަތަ ވަކި ގަޑިތަކެއްގައި މަސައްކަތް ނިންމާ ގޮތަށް އެ އޮފީހަކަށް ހަމަޖެއްސިދާނެއެވެ. މީގެ ތެރޭގައި މެދުކެނޑުންތައް ހިމެނޭހެން މަސައްކަތު ގަޑިތައް ތަރުތީބުކުރުމުގެ ފުރުސަތު ދެވިދާނެއެވެ.
  3. ރިމޯޓް ވޯކިންގ (ގޭގައި ހުރެގެން މަސައްކަތްކުރުން):
    ކޯޓުގެ ސިއްރުތައް ހިފެހެއްޓޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރެވިދާނެ ފަރާތެއް ނަމަ، އަންނަނިވި ގޮތްތަކަށް ފުރުސަތު ދެވިދާނެއެވެ.

3.1 ހަފުުތާގެ ބައެއް ދުވަސްތަކުގައި ގޭގައި ހުރެގެން މަސައްކަތްކުރުން.

3.2 ރިސާޗުކުރުމާއި، ކޯޓަށް ހާޒިރުނުވެ ކުރެވިދާނެ އެހެނިހެން މަސައްކަތްތައް ހަވާލުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލުއި މިންގަނޑެއް މުވައްޒަފަށް ހަމަޖައްސައިދެވޭނީ ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން މުވައްޒަފު އަދާކުރާ ވަޒީފާގެ ބާވަތާއި މަސްއޫލިއްޔަތަށް ރިއާޔަތްކޮށްގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލުއި މިންގަނޑު ކަނޑައަޅައި ފައިވާ މުވައްޒަފު އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރާ ނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކެއުމުގެ ގަޑިއާއި، ނަމާދުކުރުމުގެ ވަގުތާއި، ހުސްވަގުތު ލިބިދެވޭނެއެވެ.

(ރ) މި މާއްދާގެ ދަށުން މުވައްޒަފު ވަޒީފާ އަދާކުރާ ތަނާއި ވަގުތަށް ދެވޭ ލުއި މިންގަނޑު، މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓުގެ މުއްދަތުގައި ޗުއްޓީ ދޭނެ ގޮތް

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ލިބިދެވޭނެއެވެ. މި ޗުއްޓީ ދިނުމުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 39 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް
ނުހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީގެ އިތުރުން ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ފެށިގެން އެ ގާނޫނުގެ 49 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ވެސް ހައްގުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ހަމަޖައްސައިދެވޭނީ މިފަދަ ޗުއްޓީތައް ހަމަޖެއްސުމަށް ގަވާއިދު ނަންބަރު 2011-18 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށެވެ.

 

18 ވަނަ މާއްދާ - މަސައްކަތު ފެންވަރު ބެލުން

(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ބޭނުންކުރާނީ މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމެވެ.

(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލައި މާކްސް ދޭނީ އެ މުވައްޒަފުގެ ޑައިރެކްޓް ސުޕަވައިޒަ ރު ނުވަތަ އާންމުކޮށް އެ މުވައްޒަފަކާ މަސައްކަތް ހަވާލުކޮށް މަސައްކަތް ވިލަރެސްކުރާ ވެރިއެކެވެ.

(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މުވައްޒަފުގެ އެއްބަސްވުމުގެ މުއްދަތުގައި ހާސިލުކުރަންޖެހޭނެ މައިގަނޑު ލަނޑުދަނޑިތައް ސުޕަވައިޒަރު ކަނޑައަޅައި، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ލިޔުން މުވައްޒަފަށް ދޭންވާނެއެވެ.

(ރ) މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުން ހަމަވުމުގެ ރަސްމީ 30 (ތިރީސް) ދުވަހުގެ ކުރިން މަސައްކަތު ފެންވަރުބަލާ ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ހިއުމަން ރިސޯސަސް ޑިވިށަނަށް ފޮނުވަންވާނެއެވެ. އަދި ފޯމުގެ ކޮޕީއެއް މުވައްޒަފަށް ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުގައިވާ ގޮތުގެ މަތީންނެވެ.

 

20 ވަނަ މާއްދާ - ޕެންށަނާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެ އުސޫލު

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާ އަދާކުރާ މުއްދަތުގައި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ފިޔަވައި، އެ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޕެންށަނުގެ ފައިސާ ލިބިދެވޭނެއެވެ. އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެންށަން ފައިސާ ދިނުމުގައި އަމަލުކުރާނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ދެވޭ ފަރާތަކާމެދު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، އެއްބަސްވުމުގެ މުއްދަތު އެނގޭ ގޮތަށް އެ އޮފީހަކުން އެކަން މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) އެއްވެސް ސަބަބަކާ ހެދި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ ފަރާތުގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް އަތުވެއްޖެ ނަމަ، ތާރީހު ބަޔާންކޮށް، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް އެ ކަން ވެސް ފޮނުވަންވާނެއެވެ.

(ރ) ވަޒީފާގެ ހިދުމަތުގެ މުއްދަތަށް ބިނާކޮށް ދެވޭ އެއްވެސް އިނާޔަތެއް ދިނުމަށް، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.

 

21 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމާއި އެއްބަސްވުން ބާތިލުކުރުން

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފު އަމިއްލައަށް ވަކިވާން ބޭނުން ނަމަ، 21 (އެކާވީސް) ދުވަހުގެ ނޯޓިސް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.

(ނ) ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން، ތިރީގައިވާ ހާލަތްތަކުގައި ބާތިލުކުރެވިދާނެއެވެ.

  1. އެއްބަސްވުން ބާތިލުކުރުމަށް ދެ ފަރާތުން އެއްބަސްވުން؛
  2. ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފުގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ ސަބަބެއް މެދުވެރިވުން؛
  3. މި ނޫންވެސް ގާނޫނީގޮތުން ހުއްދަ އެހެން ސަބަބަކާ ގުޅިގެން.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން 21 (އެކާވިސް) ދުވަހުގެ ނޯޓިހެއް ނުވަތަ ނޯޓިހުގެ މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް މުވައްޒަފަށް ދޭންވާނެއެވެ. 

 

22 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ހާލަތު ބަދަލުވުން

ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަ ޅައިފައިވާ ފަރާތަކަށް ވަޒީފާ ހަމަޖެއްސުމަށް ނިންމައިފައިވަނިކޮށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ފެށުމުގެ ކުރިން ދިމާވާ ސަބަބަކުން އެ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ، އެ ފަރާތެއް ރީ-އެމްޕްލޯއިކުރުމާ ގުޅޭގޮތުން ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.

 

23 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން އައުކުރުން

(ހ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އައުކުރުމުގައި އެ މުވައްޒަފުގެ މަސައްކަތު ފެންވަރަށް ރިއާޔަތްކުރެވޭނެއެވެ.

(ށ) އެއްބަސްވުން އައުކުރުމާމެދު ނިންމާ ގޮތެއް، އެއްބަސްވުން ހަމަވުމުގެ ރަސްމީ 15 (ފަނަރަ) ދުވަހުގެ ކުރިން މުވައްޒަފަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފަށް އެ މުވައްޒަފުގެ މަސައްކަތު ފެންވަރު ބަލާ ފޯމު ލިބުމާއެކު، ވަޒީފާގެ އެއްބަސްވުން އައުކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަށް ނުވަތަ އިދާރާއަކަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަންވާނެއެވެ. އަދި ކޮމިޓީއަށް ހުށަހެޅުން ލިބުމުން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، މުވައްޒަފަށް އެކަން އަންގަވަންވާނެއެވެ.

 

24 ވަނަ މާއްދާ - ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް އެންގުން

އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވާއިރު ށަރުއީ ދާއިރާގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީ-އެމްޕްލޯއިމަންޓުގެ އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ މުވައްޒަފުންނާއި، ށަރުއީ ދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ށަރުއީ ދާއިރާގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތްކަން އެންގުމުގެ ގޮތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުންް

(ހ) މި ގަވާއިދުގެ ދަށުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތައް ހުށަހަޅާ އެންމެހައި ހުށަހެޅުންތަކާއި އެ ހުށަހެޅުންތަކާ ގުޅޭގޮތުން ނިންމާ ނިންމުންތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭ ކޮންމެ މުވައްޒަފަކަށް ވެސް، ވަކި ފައިލެއް ތައްޔާރުކޮށް އެ މުވައްޒަފަކާ ގުޅޭ ރިކޯޑުތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

26 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، ރީ-އެމްޕްލޯއިމަންޓްގެ ގާނޫނާއި، ގަވާއިދު ނަންބަރު 2026-16 (ރީ-އެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) އާ ތައާރުޒުނުވާ ގޮތުގެ މަތީން ގޮތް ނިންމާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

27 ވަނަ މާއްދާ - މުއްދަތު ގުނުން

ރީ-އެމްޕްލޯއިމަންޓްގެ ގާނޫނާއި، ގަވާއިދު ނަންބަރު 2026-16 (ރީ-އެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން އެއްވެސް ކަމެއް ކުރުމުގައި މުއްދަތު ގުނަންޖެހިއްޖެ ނަމަ އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާ ނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެއެވެ. 

(ށ) ވަކި ކަމެއް ކުރަން އޮތް ތާރީހަކީ ނުވަތަ ވަކި ކަމެއް ކުރަން އޮތް އެންމެފަހު ތާރީހަކީ، ރަސްމީ ބަންދު ދުވަހެއް ނަމަ، ދެން އެ ބަންދު ދުވަހާ ވިދިގެން އަންނަ ރަސްމީ ބަންދުނޫން ދުވަހު އެ ކަމެއް ކުރެވިދާނެއެވެ.

(ނ) 7 (ހަތެއް) ދުވަހަށް ވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭ ނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައެއް ނުހިމެނޭނެއެވެ.

 

28 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒުތަކައި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) އަށެވެ.

(ށ) "މުވައްޒަފު" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތަށެވެ.

(ނ) "މުވައްޒަފު" ނުވަތަ "ވަޒީފާ ދެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތަށެވެ.

(ރ) "ވަޒީފާގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެވޭ ވަޒީފާގެ އެއްބަސްވުމަށެވެ.

(ބ) "އޮފީސް" ކަމަށް ބުނެފައި އެވަނީ، ށަރުއީ ކޯޓަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ރައްދުކޮށެވެ.

(ޅ) "ޕެންށަން ހައްގުވާ އުމުރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަން ލިބޭނެކަމަށް ކަނޑައަޅައިފައިވާ އުމުރަށެވެ.

(ކ) "ރީ-އެމްޕްލޯއިމަންޓް އުސޫލު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ޕެންށަން ހައްގުވާ އުމުރު ހަމަވެފައިވާ ފަރާތްތަކަށް
ރީ-އެމްޕްލޯއިމަންޓްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ށަރުތު ތަކާ އެއްގޮތްވާ ގޮތުގެ މަތީން 2 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގެ އުސޫލަށެވެ.

(އ) "ރީ-އެމްޕްލޯއިމަންޓް އުމުރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުމުރަށެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 1

ރީ-އެމްޕްލޯއިމަންޓަށް އެދޭ ފޯމު (ކޯޓު/އިދާރާގެ ލެޓަރހެޑް ގައި)

 

ޖަދުވަލު 2

ރީ-އެމްޕްލޯއިމަންޓް ވަޒީފާގެ އެއްބަސްވުން 

 

ޖަދުވަލު 3

ސިއްރު ހިފެހެއްޓުމުގެ އިގުރާރު 

 

ޖަދުވަލު 4

ރީ-އެމްޕްލޯއިމަންޓު ގެ އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމު 

 

ޖަދުވަލު 5

ރީ-އެމްޕްލޯއިމަންޓް މުވައްޒަފުންގެ މަސައްކަތުގެ ލަނޑުދަނޑި (ޓާގެޓް) ތައް ކަނޑައަޅާ ލިޔުން 

 

މައި ގާނޫނު

ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު (ގާނޫނު ނަންބަރު 2026-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު