ރ-ީއެމްޕްލޯއިމަންޓް ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިން ވަޒީފާ ދިނުމުގައި އަމަލުކުރާނެގޮތް ބަޔާންކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-50)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖޫން 2026 ގައި)
ފުރަތަމަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2026-16 (ރީ-އެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގެ 12 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަކީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތަކާއި، ވަޒީފާ ހަމަޖައްސައިދިނުމުގައާއި، މުވައްޒަފުންނަށް ލުއިފަސޭހަކޮށް މަސައްކަތްކުރެވޭނެ ގޮތްތަކާއި، ޗުއްޓ ދިނުމާއި، މަސައްކަތުގެ ފެންވަރު ބެލުމުގައި އަމަލުކުރާނެ ގޮތްތަކާއި އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާގުޅޭ އެހެނިހެން ކަންކަން ބަޔާންކުރާ ގަވާއިދެވ.ެ
(ނ) މި ގަވާއިދަށް ކިޔާނ "ރީ-އެމްޕްލޯއިމަންޓް ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިން ވަޒީފާ ދިނުމުގައި އަމަލުކުރާނެގޮތް ބަޔާންކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމާގުޅޭ އިޖުރާތުތަކާއި، އުސޫލުތަކާއި، އިދާރީ މިންގަނޑުތައް ކަނޑައެޅުން.
(ށ) ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ޕެންށަން ހައްގުވާ އުމުރަށްފަހުގައި ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން
(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން
(ރ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ އިޖުރާތުތައް ތަންފީޒުކުރުމުގައި ދެފުށް ފެންނަ، އިންސާފުވެރި އަދި ހަރުދަނާ ނިޒާމެއް އެކަށައެޅުން
3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
މި ގަވާއިދު ތަންފީޒުކުރެވޭނީ ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގައި ދާއިރާ ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރި ފަރާތްތައް ފިޔަވައި ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރަމުންދާ، ނުވަތަ ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންގެ މައްޗަށެވެ.
ދެވަނަ ބާބު
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ ށަރުތުތަކާއި ހަމަތައް
4 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ ހަމަތައް
(ހ) މި ގަވާއިދުގެ ދަށުން ކޮމިށަނުގެ މުވައްޒަފުންނަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރާ ހަމައަށެވެ
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ 12 (ބާރަ) މަހަކުން އައުކުރެވޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
5 ވަނަ މާއްދާ - ވަޒީފާ އަދާކުރަމުންދާ އެދެވޭނެ ފަރާތްތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންނަނިވި ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރުމަށް ކޮމިށަނުގައި އެދެވިދާނެއެވެ.
(ހ) ކޮމިށަނުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރީ-އެމްޕްލޯއިމަންޓް އުމުރުގައި އެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް،
(ށ) ރީ-އެމްޕްލޯއިމަންޓް ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިޔަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ކޮމިށަނުގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން ރީ-އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރުމަށް ވަޒީފާއަށް އެދޭ ތާރީހާއި އެ ފަރާތަށް 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތްތައ
6 ވަނަ މާއްދާ - ވަޒީފާ އަދާކުރުމަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ށަރުތުތައް
ރީ-އެމްޕްލޯއިމަންޓް އުސޫލުން ކޮމިށަނުގެ ވަޒީފާއެއް އަދާކުރުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި އަންނަނިވި އަސާސީ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) އެ މަގާމަށް ކަނޑައަޅައިފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
(ށ) އެންމެފަހުން ވަޒީފާ އަދާކުރިއިރު އަހުލާގީ މިންގަނޑުތައް ހިފަހައްޓައިފައިވުން.
(ނ) ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގެ ދަށުން ކޮމިށަނުގެ ވަޒީފާއިން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން.
(ރ) އެ މަގާމަށް ކޮމިށަނުން ކަނޑައަޅައިފައިވާ މިނޫންވެސް އިތުރު ށަރުތުތައް ފުރިހަމަވުން.
7 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް ގެ ދަށުން އަދާކުރާނެ ވަޒީފާގެ މަގާމު ކަނޑައެޅުން
(ހ) އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާނެ މަގާމު ކޮމިށަނަށް ކަނޑައެޅިދާނެއެވެ.
- ކޮމިށަނުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން އަދާކުރެވޭނެ ވަޒީފާއެއް އޮތުން؛
- ކޮމިށަނުގައި މަސައްކަތްކޮށް ހެދުމުން ލިބިފައިވާ ފަންނީ އިލްމާއި ތަޖުރިބާ ނުވަތަ ކޮމިށަނުގެ ވަޒީފާގައި ދެމިހުރުން ކޮންމެހެން ބޭނުންތެރިކަމަށް ކޮމިށަނަށް ފެނުން؛
- އެ މަގާމަކީ ހާއްސަ އިލްމެއް ނުވަތަ ފަންނީ ހުނަރެއް ނުވަތަ ތަޖުރިބާއެއް ބޭނުންވާ މަގާމަކަށްވުން؛
- ވަޒީފާއަށް އެދި ހުށަހަޅާ މަގާމަށް މީހަކު ހަމަޖެއްސުމަށް ބަޖެޓުގެ ހުއްދަ ލިބިފައިވުން.
(ށ) މި މާއްދާގެ ދަށުން، ރީއެމްޕްލޯއިމަންޓް އުސޫލުން މަގާމެއް ދިން ނަމަވެސް ރީއެމްޕްލޯއިމަންޓް ވަޒީފާގެ އެއްބަސްވުން، އައުކުރުމުގައި މި ކަންކަމަށް، އަލުން ރިއާޔަތްކުރަންވާނެއެވެ.
8 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް
މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހޯދުމަށް، އެދި ހުށަހަޅާ، ފަރާތްތަކަށް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޮމިށަނުން އެ ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
(ހ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރަން އެދެނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ނަމަ މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް، ރިއާޔަތްކުރުމަށްފަހު، އެ މުވައްޒަފަކު- އެހާތަނަށް، އަދާކުރަމުންދިޔަ މަގާމު، އެ މަގާމުގެ މަސްއޫލިއްޔަތާއި އިލްތިޒާމުތަކާއި އިނާޔަތްތަކަށް އެއްވެސް، ބަދަލެއް ގެނައުމަކާ ނުލައި ހަމަޖެއްސުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރަން އެދެނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއް ނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު އެ މުވައްޒަފެއްގެ ޕެންށަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވިއިރު ހުރި މަގާމު ހަމަޖެއްސުމުގެ އިހުތިޔާރު ކޮމިށަނަށް، ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަރާތްތަކަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު އެ މީހަކު ހުރި މަގާމު ފިޔަވައި އެހެން މަގާމެއް ހަމަޖެއްސުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަރާތްތަކަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މުވައްޒަފަކު ޕެންށަން ހައްގުވާ އުމުރު ހަމަވިއިރު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތް ގަޑިއާއި، މަސައްކަތްކުރާ ގޮތަށް ބަދަލު ގެނައުމާއެކު މަގާމުގެ މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނައުމަށްފަހު ވަޒީފާ ހަމަޖެއްސުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
ތިންވަނަ ބާބު
ވަޒީފާއަށް އެދި ހުށަހެޅުމާއި އެ ހުށަހެޅުންތަކާމެދު ގޮތް ނިންމުން
9 ވަނަ މާއްދާ - ވަޒީފާއަށް އެދި ހުށަހެޅުން
(ހ) ރީއެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ ހޯދުމަށް އެދޭ ފަރާތެއް، އެކަމަށް ހާއްސަކޮށްފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހިއުމަން ރައިޓްސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޯމު، ހުށަހަޅާނީ ކޮމިށަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއް ނަމަ، ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަންވާނީ، އެ ފަރާތެއްގެ އުމުރުން 65 (ފަސްދޮޅަސް) ފަހެއް، 6 (ހައެއް) އަހަރު ފުރުމުގެ މަސްދުވަހުގެ ކުރިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ފަރާތެއް ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިން އެ ފޯމު ހުށަހަޅަންވާނެއެވެ.
(ރ) ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ވަނަވަރު؛
- ދިވެހިރާއްޖެއިން ބޭރުގެ ތައުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި، ހުރިހާ ތައުލީމީ ސެޓްފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
- ސިއްހީ ހާލަތާ ގުޅިގެން މި ގަވާއިދުގެ ފަސްވަނަ ބާބުގައި އެކަށައަޅައިފައިވާ ލުއި ފަސޭހަ މިންގަނޑުގެ ތެރެއިން ލުޔަކަށް އެދޭ ނަމަ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިއްހީ ހާލަތު ބަޔާންކުރާ ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ ލިޔުމެއް ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ ލިޔުމެއް؛
- ރިފަރެންސް ލިޔުން، ނުވަތަ ރެކޮމެންޑޭށަން ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
- އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކޮމިށަނުން ކަނޑައަޅާ އެނޫންވެސް މައުލޫމާތުތައް
10 ވަނަ މާއްދާ - ހުށަހެޅުން ވަޒަންކުރުން
(ހ) ފޯމުތައް ވަޒަންކުރަންވާނީ ކޮމިށަނުގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓުންނެވެ. އަދި ފޯމުތައް ވަޒަންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- މުއައްސަސާގެ އަމާޒުތައް؛
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި އަހުލާގީ ރެކޯޑު؛
- ލިބިފައިވާ ސަނަދުތަކާއި (ކޮލިފިކޭށަން)، ގާބިލުކަމާއި ތަޖުރިބާ؛
- މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން؛
- މާލީ އަދި އިދާރީ ގޮތުން ކުރާނެ އަސަރުތައް.
(ށ) ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އިންޓަވިއުކުރުން ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް އެދުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ފުރަތަމަ ވަޒީފާގެ އެއްބަސްވުން ފެށޭނެ މުއްދަތު
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފާއެކު އެކުލަވައިލެވޭ ރީ-އެމްޕްލޯއިމަންޓް އެއްބަސްވުމުގެ މުއްދަތު ފުރަތަމަ ފެށޭ ތާރީހަކީ އެ މުވައްޒަފުގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރޭ ތާރީހެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުވައްޒަފާއެކު އެކުލަވައިލެވޭ ރީ-އެމްޕްލޯއިމަންޓް އެއްބަސްވުމުގެ މުއްދަތު ފުރަތަމަ ފެށޭ ތާރީހަކީ ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ކޮމިށަނާއި އެ ފަރާތާ ދެމެދު ސޮއިކުރާ ތާރީހެވެ.
12 ވަނަ މާއްދާ - ވަޒީފާއަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތް ނިންމުން
(ހ) ކޮމިށަނަށް އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމިދާނެއެވެ.
- މުވައްޒަފު ހުރި މަގާމު އެ ގޮތުގައި ހަމަޖެއްސުމާއެކު ވަޒީފާ ދިނުމަށް ނިންމުން؛
- މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުމާއެކު ވަޒީފާ ދިނުމަށް ނިންމުން؛
- މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތާއި މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމާއެކު ވަޒީފާ ދިނުމަށް ނިންމުން؛ ނުވަތަ
- ވަޒީފާ ނުދިނުމަށް ނިންމުން.
(ށ) ވަޒީފާ ނުދިނުމަށް ކޮމިށަނުން ނިންމާ ނިންމުމުގައި، އެގޮތަށް ނިންމި ސަބަބު ބަޔާންކުރަންވާނެއެވެ.
13 ވަނަ މާއްދާ - ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ހުށަހަޅާ ފޯމުތަކާމެދު އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ. އަދި، ފުރުސަތު އޮތް މިންވަރަކުން ފޯމު ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމައި އެ ނިންމި ގޮތް އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާމެދު އެންމެ ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމައި އެ ނިންމި ގޮތް ލިޔުމުން، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް، އަންގަންވާނެއެވެ.
ހަތަރުވަނަ ބާބު
ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން
14 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އެއްބަސްވުން
(ހ) މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމަށް ކޮމިށަނުން ފާސްކުރާ ފަރާތަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އެ ފަރާތާއި ކޮމިށަނާ ދެމެދު ލިޔުމުން އެކުލަވައިލެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުން ހަދަންވާނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ އެއްބަސްވުން ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އައުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) ރީ-އެމްޕްލޯއިމަންޓްގެ ގާނޫނުގެ 22 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ގާނޫނުގައި އެއްބަސްވުމުގައި ހިމެނުމަށް ބަޔާންކޮށްފައިވާ ކަންކަން މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
(ރ) ރީ-އެމްޕްލޯއިމަންޓް އެއްބަސްވުމުގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ވަޒީފާއާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޕްރޮބޭށަންގެ އުސޫލެއް ނުހިނގާނެއެވެ.
15 ވަނަ މާއްދާ - އެއްބަސްވުން އައުކުރުން
(ހ) އެއްބަސްވުން އައުކުރުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- މަސައްކަތުގެ ފެންވަރު؛
- މުވައްޒަފު ހުރި މަގާމަކީ ކޮމިށަން ހިންގުމަށް ޓަކައި ބޭނުންތެރި މަގާމެއް ކަމުގައިވުން؛
- މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަމަލުކޮށްފައިވުން،
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، އެއްބަސްވުން އައުކުރުމާ މެދު، މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން ކޮމިށަނުން ގޮތެއް ކަނޑައަޅައި އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އައުކުރުން، ނުވަތަ
- އެއްބަސްވުން އައު ނުކުރާނެކަން މުވައްޒަފަށް އެންގުން.
16 ވަނަ މާއްދާ - އެއްބަސްވުމަށް އިސްލާހު ގެނައުން
ރީއެމްޕްލޯއިމަންޓް އެއްބަސްވުމަކަށް އެއްވެސް އިސްލާހެއް ގެނެވޭނީ، އެ އިސްލާހެއް ގެނައުމަށް ކޮމިށަނުން ނިންމުމާއެކު، އެކަމަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އަދި އެފަދައިން ގެނެވޭ އިސްލާހު ލިޔުމުން ބަޔާންކޮށް ދެ ފަރާތުން ސޮއިކުރަންވާނެއެވެ.
17 ވަނަ މާއްދާ - އެއްބަސްވުން ބާތިލުކުރުން
(ހ) ރީއެމްޕްލޯއިމަންޓް އެއްބަސްވުން، ތިރީގައިވާ ހާލަތްތަކުގައި ބާތިލުކުރެވިދާނެއެވެ.
- އެއްބަސްވުން ބާތިލުކުރުމަށް ދެ ފަރާތުން އެއްބަސްވުން؛
- އެއްބަސްވުން ބާތިލުކުރެވޭ ދެ ފަރާތުން ރުހިގެން، ލިޔުމުން ބާތިލުކުރުން؛
- ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ސަބަބަކާ ގުޅިގެން؛
- މިނޫންވެސް ގާނޫނީގޮތުން ހުއްދަ އެހެން ކޮންމެ ސަބަބަކާ ގުޅިގެން.
(ށ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިފައިވާ މުވައްޒަފަށް، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައި 21 (އެކާވީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިވެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަޒީފާގެ އެއްބަސްވުން ކޮމިށަނުން ބާތިލުކުރުމުގެ ކުރިން 21 (އެކާވީސް) ދުވަހުގެ ނޯޓިސް އެ މުވައްޒަފަށް ދޭންވާނެއެވެ.
18 ވަނަ މާއްދާ - ވަޒީފާގެ ބަޔާން
ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފަށް، ވަޒީފާއާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތުތައް ހިމެނޭ ވަޒީފާގެ ބަޔާނެއް ކޮމިށަނުން ދޭންވާނެއެވެ.
ފަސްވަނަ ބާބު
މަސައްކަތްކުރުމުގެ ލުއިފަސޭހަ މިންގަނޑުތައް ކަނޑައެޅުން
19 ވަނަ މާއްދާ - މަސައްކަތްކުރުމުގައި ލުއިފަސޭހަ މިންގަނޑުތައް ކަނޑައެޅުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން މުވައްޒަފަށް، ވަޒީފާ ހަމަޖައްސައިދޭއިރު، މުވައްޒަފުގެ ސިއްހީ ހާލަތާއި (ދުޅަހެޔޮކަމާއި)، މަސައްކަތުގެ ބާވަތާއި މަސައްކަތް އަދާކުރަންޖެހޭ ގޮތާއި، މުވައްޒަފުގެ އުމުރާއި، ކޮމިށަނުގެ އިދާރާގެ، މަސްއޫލިއްޔަތުތަކާއި ހިންގުމުގެ، ބޭނުންތަކަށް ރިއާޔަތްކުރުމަށްފަހު، ލުއި ދިނުމަށް، އެކަށީގެންވާ ސަބަބެއް އޮތް ނަމަ އެފަދަ މުވައްޒަފަކާ މެދު މި ބާބުގައި، ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސައްކަތްކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ކަނޑައަޅައި ވަޒީފާގެ އެއްބަސްވުން، އެކުލަވައިލުމުގެ، ނުވަތަ ވަޒީފާގެ އެއްބަސްވުމަށް ބަދަލު ގެނައުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ، މުވައްޒަފުގެ ސިއްހީ ހާލަތުގެ ސަބަބުން ނުވަތަ މަސައްކަތްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ނަމަ، ކަމާ ގުޅުންހުރި ލިއެކިޔުންތަކާއެކު އެ ފަރާތަށް މި ބާބުގައި ބަޔާންކުރާ ލުއިފަސޭހަ މިންގަނޑު ކޮމިށަނުން ކަނޑައަޅައިދިނުމަށް ލިޔުމުން، އެދެންވާނެއެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާއިރު މި ބާބުގެ ދަށުން އެޅުމަށް އިހުތިޔާރުކުރާ ފިޔަވަޅާއި، އެފަދަ ފިޔަވަޅެއް، ތަންފީޒުކުރަން ފަށަން ބޭނުންވާ ތާރީހު ބަޔާންކުރަންވާނެއެވެ.
(ނ) މި ބާބުގެ ދަށުން މުވައްޒަފު މަސައްކަތްކުރުމުގައި ދޭނެ ލުއިފަސޭހަ މިންގަނޑުތައް ކޮމިށަނުގެ އެޗް.އާރް.އެމް.ޑީ. ކޮމިޓީން، ދިރާސާކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މުވައްޒަފުގެ ހާލަތާއި، އަދި ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި އިދާރީ ހިންގުމުގެ ބޭނުންތަކަށް ރިއާޔަތްކޮށް މި ބާބުގެ ދަށުން ކޮމިށަނަށް ފެންނަ އެކަށީގެންވާ ލުއި އިންތިޒާމުތަކެއް ހަމަޖެއްސުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
20 ވަނަ މާއްދާ - މަސައްކަތުގެ ގަޑި
ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހަމަޖެހިފައިވާ މުވައްޒަފުން، މަސައްކަތްކުރަންޖެހޭ، ރަސްމީ މަސައްކަތް ދުވަސްތަކާއި، މަސައްކަތުގެ ގަޑި ކަނޑައެޅުމުގެ އިހްތިއާރު ކޮމިށަނަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - އިތުރު ގަޑި
(ހ) ރީއެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ އަދާކުރާ، މުވައްޒަފުން، އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ކޮމިށަނުގައި ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ އެ މުވައްޒަފަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، ލުއިފަސޭހަ މިންގަނޑު ކަނޑައަޅައިފައިވާ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 37 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ ނުހިނގާނެއެވެ.
22 ވަނަ މާއްދާ - ހައިބްރިޑްކޮށް މަސައްކަތްކުރުން
ހަފުތާއެއްގެ ތެރޭގައި ވަކި ދުވަސްތަކެއްގައި ކޮމިށަނުގެ އޮފީހުގައި މަސައްކަތްކޮށް، ބާކީ ހުރި ދުވަސްތައް އޮފީހުން ބޭރުގައި މަސައްކަތްކުރެވޭނެ ގޮތް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ގޭގައި މަސައްކަތްކުރުމާއި ދިވެހި ސަރުކާރުގެ ގެޒެޓް
(ހ) އަންނަނިވި ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު ވަކި މުއްދަތަކަށް ނުވަތަ ވަގުތީކޮށް ރިމޯޓްކޮށް، އެއްބަސްވުމުގެ މުއްދަތުގެ ނިޔަލަށް މުވައްޒަފު ގެއިން މަސައްކަތްކުރުމުގެ ހުއްދަ، ނުވަތަ މުވައްޒަފު އޮފީހަށް ހާޒިރުވުމަކ ނުލައި ރިމޯޓްކޮށް އެހެން ތަނެއްގައި ހުރެގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- މުވައްޒަފުގެ ސިއްހީ ހާލަތު؛
- މުވައްޒަފަށް ޖިސްމާނީގޮތުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވާ ހާލަތުތައް؛
- ކޮމިށަނުގެ އޮފީހުގައި މަސައްކަތްކުރުމަށް އައުމަށް ކުރަންޖެހޭ ދަތުރުގެ ދުރުމިނާއި، ފެރީ ނުވަތަ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، ދަތުރުފަތުރުގެ ސަބަބުން ޖިސްމާނީގޮތުން ލިބޭ ވަރުބަލިކަމާއި ދަތުރުފަތުރުކުރުމަށް އާއިލާގެ އެހީތެރިކަމަށް ބަރޯސާވުމާއި މިނޫންވެސް ވަޒީފާއަށް ދިއުމަށާއި ވަޒީފާއިން އެނބުރި އައުމަށް މުވައްޒަފު ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތައް؛
- މަސައްކަތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގޭގައި ހުރެގެން ކުރެވޭ ބާވަތުގެ މަސައްކަތް މައިގަނޑުގޮތެއްގައި ހުރުން؛
- ބަލިން ފަސޭހަވަމުންދާ ދުވަސްވަރު؛
- ބޭސްފަރުވާއަށް ރަށުން ބޭރުގައި އުޅޭ ދުވަސްވަރު.
(ށ) މި މާއްދާގެ ދަށުން މަސައްކަތްކުރުމުގެ ލުއި ދިނުމަށް ކަނޑައަޅައިފައިވާ މުވައްޒަފު ހާސިލުކުރަންޖެހޭ ނަތީޖާތަކާ އެއްގޮތަށް، މަސައްކަތްތައް ނިންމައި މަސައްކަތު ގަޅީގައި އިންތިޒާމުކުރާ ބައްދަލުވުންތަކުގައި ބައިވެރިވާންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް ނޯ ގެއިން މަސައްކަތްކުރުންކަމަށް ބުނެފައި އެވަނީ، ކޮމިށަނުގެ އޮފީހާއި، ގޮފިތައް ގާއިމުވެފައިވާ ތަންތަނުގައި އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށެވެ. އަދި ރިމޯޓްކޮށް މަސައްކަތްކުރުން ކަމުގައި ބުނެފައި އެވަނީ ކޮމިށަނުގެ އޮފީހާއި ގޮފިތައް ގާއިމުވެފައިވާ ތަންތަން ފިޔަވައި އެނޫން ކޮންމެ ތަނެއްގައި އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށެވެ.
.24 ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފަށް، މަސައްކަތުގެ މާހައުލުގެ ތެރެއިން ލުއި އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން، މަސައްކަތްކުރާ ތަން ނުވަތަ ސްޓޭށަން ހުންނަ ތަނަށް އަންނަނިވި ބަދަލުތައް ގެނައުމަށް މުވައްޒަފު އެދެފި ނަމަ، ބަދަލުތައް ގެނައުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މަސައްކަތްކުރާ ސްޓޭށަން ބަދަލުކުރުން
(ހ) ވަންނަ ދޮރު ނުވަތަ ލިފްޓް ކައިރިން ސްޓޭށަން ހަމަޖައްސައިދިނުން؛
(ށ) ސިޑި ބޭނުންކުރަންޖެހޭ ހާލަތްތައް މަދުކުރުން؛
(ނ) ފާހާނާ ނުވަތަ ނަމާދުކުރާ ތަނުގެ ކައިރީގައި މުވައްޒަފުގެ ސްޓޭށަން ހަމަޖައްސައިދިނުން؛
(ރ) އޮފީހުގެ ތެރޭގައި ހިނގާ ރާސްތާ ކުޑަކުރުން.
25 ވަނަ މާއްދާ - ތަކެތި ފޯރުކޮށްދިނުން
(ހ) މުވައްޒަފުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮނޑި، މޭޒު އަދި އެނޫންވެސް މަސައްކަތުގެ މާހައުލުގައި، ފަސޭހަކަމާއި ރައްކައްތެރިކަމަށް ފަރުމާކޮށްފައިވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެފަދަ އިންތިޒާމެއް ހަމަޖައްސައިދެވޭނީ ކޮމިށަނުގެ ބަޖެޓް އެކަމަށް ހަމަޖެހިފައިވާނަމައެވެ.
26 ވަނަ މާއްދާ - މަސައްކަތުގެ މަސްއޫލިއްޔަތު ކަނޑައެޅުން
ކޮމިށަނުން ކަނޑައަޅާ ހާލަތްތަކުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދެވޭ މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ހަވާލުކުރެވިދާނެއެވެ. އަދި މުވައްޒަފުންގެ ސިއްހީ ހާލަތަށާއި، އިދާރީ ބޭނުންތަކާއި މަސައްކަތުގެ ބާވަތަށް ރިއާޔަތްކޮށް، އަމަލީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތަކާއި، ގިނަގިނައިން ދަތުރުކުރުމާއި، ކުއްލި ހާލަތްތަކުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި ޖިސްމާނީ ގޮތުން ބުރަ މަސައްކަތްތައް ނުވަތަ އެނޫންވެް އޮޕަރޭށަނަލް ޒިންމާތަކުނ އެ މުވައްޒަފެއް އިސްތިސްނާކުރުން ނުވަތަ އެފަދަ މަސައްކަތްތައް މަދުކޮށްދިނުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - މުރާޖާކުރުން
މި ބާބުގައި ބަޔާންކުރާ ލުއި އިންތިޒާމުތައް މުރާޖާކޮށް އެ މުވައްޒަފުގެ ހާލަތު ބަދަލުވެފައި ވާ ނަމަ، އެ ލުއި އިންތިޒާމުތައް އުވާލުމުގެ، އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
28 ވަނަ މާއްދާ - ހުސްވަގުތު ލިބުން
މި ބާބުގެ ދަށުން، މަސައްކަތްކުރުމުގެ ލުއި މިންގަނޑުތަކެއް ކަނޑައަޅައިފައިވާ މުވައްޒަފުން ހުސްވަގުތު ލިބުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރާ ނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ކަނޑައަޅައިފައިވާ ފަދައިން ހުސްވަގުތު ދޭންވާނެއެވެ.
ހަވަނަ ބާބު
މުސާރައާއި އިނާޔަތްތައް
29 ވަނަ މާއްދާ - މުސާރައާއި، އިނާޔަތްތައް
ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭނެ މުސާރައާއި އިނާޔަތްތައް ކޮމިށަނުން ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުން ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާދޭ ފަރާތްތަކަށް، މުސާރައާއި، އިނާޔަތްތައް ދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
30 ވަނަ މާއްދާ - ޕެންށަން އަދި އެހެނިހެން އިނާޔަތް
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ކޮމިށަނުގައި ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ފިޔަވައި، އެ ގާނޫނުގެ ދަށުން ލިބިދެވޭ އެހެނިހެން ޕެންށަނުގެ ފައިސާ ލިބިދެވޭނެއެވެ. އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެންށަން ފައިސާ ދިނުމުގައި ކޮމިށަނުން އަމަލުކުރާނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ވަޒީފާގެ ހިދުމަތުގެ މުއްދަތަށް ބިނާކޮށް ދެވޭ އެއްވެސް އިނާޔަތެއް ދިނުމުގެ ބޭނުމުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.
ހަތްވަނަ ބާބު
ހައްގުވާ ޗުއްޓީ
31 ވަނަ މާއްދާ - އައްފުވާ ޗުއްޓީ
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ މުވައްޒަފުންނަށް ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓީއެއް ދޭންވާނެއެވެ. އަދި އެ ޗުއްޓީ ދިނުމުގައި، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 39 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލެއް މުވައްޒަފެއްގެ މައްޗަކަށް ނުހިނގާނެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ކަނޑައަޅައިފައިވާ ޗުއްޓީތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެއްފަހަރާ ނުވަތަ ބަހައިލައިގެން ވެސް މުވައްޒަފަށް ނެގިދާނެއެވެ. އަދި މި ޗުއްޓީ ނަގަންވާނީ ޕްލޭންކުރެވިގެން ސުޕަވައިޒަރުގެ ހުއްދައާއެކުގައެވެ.
އަށްވަނަ ބާބު
ތަމްރީނު ދިނުމާއި މަސައްކަތުގެ ފެންވަރު ބެލުން
32 ވަނަ މާއްދާ - ތަމްރީނު ފޯރުކޮށްދިނުން
ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ކޯސް، ޓްރެއިނިންގ، ސެމިނަރ، ވާރކްށޮޕް، ސްޓަޑީ ޓުއަރ ފަދަ ތަމްރީނު ޕްރޮގްރާމުތައް ކޮމިށަނުން ފަހިކޮށްދޭންވާނެއެވެ.
33 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ ގޮތް
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު، މުވައްޒަފުންގެ ފެންވަރު ބެލުމަށް ކޮމިށަނުން އެކުލަވައިލައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ބަލަންވާނެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު، އެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަސް ކުރިން ބަލަންވާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން
34 ވަނަ މާއްދާ - ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަންތައްތައް
މި ގަވާއިދުގައި ސަރީހަ ބަހުން ބަޔާންކޮށްފައިނުވާ ކަންތައްތައް ނިންމުމުގައި ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަދި ރަނގަޅު އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހު އެކަމާމެދު ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.
35 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކަށް އެންގުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގާނޫނު ނަންބަރު 2026-01 (ރީއެމްޕްލޯއިމަންޓް ގާނޫނު) އަށް އަމަލުކުރަން ފެށިއިރު އުމުރުން 65 (ފަސްދޮޅަސް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށްފައިވާ ފަރާތްތަކަށް، މި ގަވާއިދުގެ ދަށުން އެކަށައަޅައިފައިވާ ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ އުސޫލުގެ ދަށުން، ވަޒީފާއަށް އެދި ހުށަހެޅުމަށް 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެފަދަ ފަރާތްތަކަށް ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތްކަން އަންގައި، ކޮމިށަނުން ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާންކުރަންވާނެއެވެ.
36 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަނުގެ ގަވާއިދު
ހިއުމަން ރައިޓްސް ކޮމިށަނުގެ ގަވާއިދުތަކާއި، އެ ގަވާއިދުތަކުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތައް މި ގަވާއިދާ ތައާރުޒުނުވާ ނިސްބަތަށް އެ މުވައްޒަފެއްގެ މައްޗަށް ހިނގާނެއެވެ.
37 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ގާނޫނު ނަންބަރު 2026-01 (ރީއެމްޕްލޯއިމަންޓް ގާނޫނު) އާއި، ގަވާއިދު ނަންބަރު 2026-16 (ރީ އެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނައެވެ. އަދި މި ގަވާއިދުގައި "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، "ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް" އަށެވެ.
38 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު