މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރީއެމްޕްލޯއިމަންޓުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-75)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ސެޕްޓެމްބަރު 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ޤާނޫނު ނަންބަރު 2026-01 (ރީއެމްޕްލޯއިމަންޓްގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ގަވާއިދު ނަންބަރު 2026-16 (ރީއެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރީއެމްޕްލޯއިމަންޓުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަޤުސަދު
މި ގަވާއިދުގެ މަޤުސަދަކީ، ގާނޫނު ނަންބަރ 2026-01 (ރީއެމްޕްލޯއިމަންޓްގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕެންށަން ހައްޤުވާ އުމުރުން ފެށިގެން އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމައަށް އޮތޯރިޓީގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް ރީއެމްޕްލޯއިމަންޓްގެ ފުރުސަތު ހޯދައިދިނުމާއި، އެ ފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ދެވަނަ ބާބު
ރީއެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް
3 ވަނަ މާއްދާ - މަގްސަދު
(ހ) މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭނީ، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމަޔަށެވެ.
(ށ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭނީ، 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އަހަރުން އަހަރަށް އެ އެއްބަސްވުން އައުކުރެވޭ އުސޫލުންނެވެ.
4 ވަނަ މާއްދާ - ރީއެމްޕްލޯއިމަންޓްގެ ފުރުސަތު ލިބިދެވޭނެ ފަރާތްތައް
(ހ) މި ގަވާއިދުގެ ދަށުން ރީއެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން އޮތޯރިޓީން ވަޒީފާ ހަމަޖައްސައިދިނުމަށް ނިންމާ ފަރާތްތަކަށެވެ.
- އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން ރީއެމްޕްލޯއިމަންޓްގެ އުމުރުގައި މި އޮތޯރިޓީގެ ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް؛
- ޤާނޫނަށް އަމަލުކުރަން ފެށި ތާރީހުގެ ކުރިޔަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންށަން ހައްޤުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިޔަށް ރީއެމްޕްލޯއިމަންޓްގެ އުސޫލުން އޮތޯރިޓީގައި ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނީ ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާއަށް އެދި ހުށަހެޅި ތާރީހުން ފެށިގެން ވަޒީފާއަށް އެދުނު ފަރާތުގެ އުމުރުން 75 (ހަތްދިހަފަހެއް) އަހަރު ހަމަވުމާ ދެމެދު މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތްތަކަށެވެ.
5 ވަނަ މާއްދާ - އޮތޯރިޓީގެ ދާއިމީ މުވައްޒަފުން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅު
(ހ) އޮތޯރިޓީގެ ދާއިމީ ވަޒީފާއެއްގައި މަސައްކަތްކުރާ މުވައްޒަފަކު، ރީއެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާގައި ދެމިހުންނަން އެދޭ ނަމަ، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެކަމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އޮތޯރިޓީގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކުން، ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހެޅުމެއް ހުށަހަޅާތާ، ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެ ހުށަހެޅުމާމެދު ގޮތެއް ނިންމައި، އެ ފަރާތަށް އަންގަންވާނެއެވެ.
6 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖެއްސުން
އޮތޯރިޓީން ރީ-އެމްޕްލޯއިމަންޓްގެ ފުރުސަތު ހަމަޖައްސައިދިނުމުގައި، އަމަލުކުރާނީ އަންނަނިވި ކަންކަމަށް ބަލައިގެންނެވެ.
(ހ) ވަޒީފާއަށް އެދޭ ފަރާތަށް ހަމަޖައްސައިދެވިދާނެ ފަދަ ވަޒީފާއެއް އޮތޯރިޓީގެ ވަޒީފާގެ އޮނިގަނޑުގައި ހުރުން.
(ށ) ވަޒީފާއަށް އެދޭ ފަރާތަކީ އިލްމީގޮތުންނާއި ފަންނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލު ފަރާތަކަށް ވުން.
(ނ) ވަޒީފާ އަދާކުރެވޭނެ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށް ވުން.
(ރ) ވަޒީފާ އަދާކުރުމަށް އެދޭ ފަރާތުގެ ކުރީގެ ޕަރފޮމަންސަށް ރިއާޔަތްކުރުން.
(ބ) އޮތޯރިޓީން އާންމުކޮށް ކުރާ އިއުލާނަކާ ގުޅިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސައިދޭން އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި، އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، އޮތޯރިޓީގެ ވަޒީފާތަކަށް މީހުން ނެގުމުގައި ބަލާ އެންމެހައި ކަންކަމަށް ބެލޭނެއެވެ.
7 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވޭނެ ގޮތްތައް
މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން އޮތޯރިޓީގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އޮތޯރިޓީން ކަނޑައަޅާ ފަރާތްތަކަށް އަންނަނިވި ގޮތްތަކުންކުރެ ގޮތެއްގެ މަތިން ވަޒީފާ ހަމަޖެއްސިދާނެއެވެ.
(ހ) ޕެންށަން ހައްޤުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން.
(ށ) ޕެންށަން ހައްޤުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން.
(ނ) ޕެންށަން ހައްޤުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި، އިނާޔަތްތަކަށް، އެކަށީގެންވާ ބަދަލެއް ގެނެސްފައި ވަޒީފާ ހަމަޖެއްސުން.
ތިންވަނަ ބާބު
ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމާ ގުޅޭ އިންތިޒާމުތަކާއި އެހެނިހެން ކަންތައްތައް
8 ވަނަ މާއްދާ - ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން
ރީއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރުމުގައި، ލުއިފަސޭހަ މިންގަނޑު ކަނޑައެޅުމުގައި އޮތޯރިޓީން ރިއާޔަތްކުރާނީ އަންނަނިވި ކަންކަމަށެވެ.
(ހ) މަސައްކަތްކުރަންޖެހޭ ވަގުތުގެ މިންވަރު.
(ށ) މަސައްކަތްކުރަންޖެހޭ ތަން.
(ނ) މުވައްޒަފުގެ ސިއްހީ ހާލަތު.
(ރ) މަސައްކަތުގެ ބާވަތް.
(ބ) އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންތައްތައް.
9 ވަނަ މާއްދާ - ނޯޓިސް ދިނުން
(ހ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.
(ށ) ރީއެމްޕްލޯއިމަންޓް އެއްބަސްވުމުގެ މުއްދަތުގައި މުވައްޒަފު ވަޒީފާއިން ވަކިވާ ނަމަ، މަދުވެގެން 21 (އެކާވީސް) ދުވަހުގެ ނޯޓިސް އޮތޯރިޓީއަށް ދިނުމަށްފަހު ވަކިވެވިދާނެއެވެ.
10 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނާއި، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނާއި، ގަވަރުނަރު ކަނޑައަޅާ ގޮތުގެ މަތީންނެވެ.
11 ވަނަ މާއްދާ - ޗުއްޓީ
(ހ) ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ އަހަރަކު މަދުވެގެން 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓީ، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ލިބޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ފިޔަވައި، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް، ޤާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކާއި، އޮތޯރިޓީން ކަނޑައަޅާ އެހެން ޗުއްޓީތައް ލިބޭނެއެވެ.
12 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ބެލުން
ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށް އޮތޯރިޓީން ވަކި ކޭ.ޕީ.އައި ތަކެއް ކަނޑައަޅައިފައިވާ ނަމަ، އަމަލުކުރާނީ، އެ ކޭ.ޕީ.އައި ހާސިލުކުރެވޭ މިންވަރަށް ނުވަތަ މުވައްޒަފު ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި މިންވަރާއި، އަހުލާޤާއި، ސުޕަވައިޒަރު ތައްޔާރުކުރާ އެސެސްމަންޓަށެވެ.
13 ވަނަ މާއްދާ - ޕެންށަނާއި ހިދުމަތުގެ މުއްދަތު
(ހ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޕެންށަން ދިނުމާއި، ޕެންށަނާ ގުޅޭ އިނާޔަތްތައް ދިނުމުގައި، އަމަލުކުރާނީ ޤާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނު) އާއި މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
(ށ) ވަޒީފާގެ ހިދުމަތުގެ މުއްދަތުގެ މައްޗަށް ބިނާކޮށް ދެވޭ އެއްވެސް އިނާޔަތެއް ދިނުމުގައި، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.
14 ވަނަ މާއްދާ - ވަޒީފާ ދިނުމުގައި އިސްކަންދޭނެ ފަރާތްތައް
މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ބ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް މީހުން ނެގުމުގައި، ޕެންށަން ހައްޤުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ އޮތޯރިޓީގެ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
15 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
ރީއެމްޕްލޯއިމަންޓް އުސޫލުން އޮތޯރިޓީގެ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކާއެކު ހަދާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލުމުގައި އަމަލުކުރާނީ، ޤާނޫނު ނަންބަރު 2026-01 (ރީއެމްޕްލޯއިމަންޓް ޤާނޫނު) ގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
16 ވަނަ މާއްދާ - އެހެނިހެން ކަންކަން
މި ގަވާއިދުގައި ރީއެމްޕްލޯއިމަންޓާ ގުޅޭގޮތުން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަންކަމުގައި އަމަލުކުރާނީ، ޤާނޫނު ނަންބަރު 1/2024 (ރީއެމްޕްލޯއިމަންޓް ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ނެރެފައިވާ ގަވާއިދުތަކުގައި އެ ކަމަކާ ގުޅޭގޮތުން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި ރީއެމްޕްލޯއިމަންޓް ޤާނޫނުގައި ނުވަތަ އެ ޤާނޫނުގެ ދަށުން ނެރެފައިވާ ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަންކަމުގައި އަމަލުކުރާނީ، ޤާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ނެރެ އަމަލުކުރަމުންދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި، ތައާރަފުކުރެވިފައިވާ ބައެއް އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، ޤާނޫނު ނަންބަރު 2026-01 (ރީއެމްޕްލޯއިމަންޓް ޤާނޫނު) ގައި ނުވަތަ ގަވާއިދު ނަންބަރު 2026-16 (ރީއެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގައި އެ ލަފުޒަށް ނުވަތަ އިބާރާތަށް ދީފައިވާ މާނަކުރުމެވެ. މި ގަވާއިދުގައިވާ ލަފުޒެއް ނުވަތަ އިބާރާތެއް، އިސްވެ ބަޔާންވެދިޔަ ޤާނޫނުގައި ނުވަތަ ގަވާއިދުގައިވާ މާނަކުރުމާ ތައާރުޟުވާނަމަ، ބަލާނީ އެ ޤާނޫނާއި ގަވާއިދަށެވެ.
(ހ) "ރީއެމްޕްލޯއިމަންޓް އުމުރު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2026-16 (ރީއެމްޕްލޯއިމަންޓުގެ އާންމު ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުމުރަށެވެ.
(ށ) "ކޭ.ޕީ.އައި." ކަމަށް ބުނެފައި އެވަނީ، ކީ ޕަރފޯމަންސް އިންޑިކޭޓަރސް ނުވަތަ މުވައްޒަފަށް ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރެވޭ މިންވަރާއި ފެންވަރު ބެލުމަށްޓަކައި އޮތޯރިޓީން ކަނޑައަޅާ "އޮބްޖެކްޓިވް-ބޭސްޑް ޓާސްކް ކޮމްޕްލީށަން ފްރޭމްވަރކް" އަށެވެ.
(ނ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" އަށެވެ.
(ރ) "ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު) އަށެވެ.
(ބ) "ޕެންށަން ހައްޤުވާ އުމުރު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންށަން ލިބޭނެކަމަށް ކަނޑައަޅައިފައިވާ އުމުރަށެވެ.
18 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު