-

ޓެކްސްގެ އަދަދު އަލުން ކަނޑައެޅުމުގައި މީރާއިން ޢަމަލުކުރާނެ ގޮތް

(ޓެކްސް ރޫލިންގ ނަންބަރު 2025-19)

(މި ރޫލިންގ އަށް އަމަލުކުރަން ފެށީ 27 ފެބުރުއަރީ 2025 ގައި)

 

މިއީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ. އަދި ގަވާއިދަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ގާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ. 

 

ތައާރުފު

1 ވަނަ މާއްދާ -

މި ރޫލިންގގެ މަގުސަދަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ނުވަތަ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅައިފައިވާ އަދަދެއް އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ހުކުމްކޮށްފިނަމަ، އެފަދައިން އެ އަދަދެއް އަލުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

ރޫލިންގ

2 ވަނަ މާއްދާ - 

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ އަދަދެއް އަލުން ކަނޑައެޅުމުގައި މީރާއިން އަމަލުކުރާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 3 ވަނަ ބާބާއި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

 

3 ވަނަ މާއްދާ 

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ އަދަދެއް އަލުން ކަނޑައެޅުމުގައި މީރާއިން އަމަލުކުރާނީ ޓެކްސްގެ އަދަދު މީރާއިން ކަނޑައެޅުމާ ގުޅޭގޮތުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 3 ވަނަ ބާބާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 3 ވަނަ ބާބާއި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

 

4 ވަނަ މާއްދާ 

މި ރޫލިންގގެ 2 ވަނަ ޕެރެގްރާފު ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ އަދަދެއް މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ށަރުއީ ކޯޓަކުން ހުކުމްކޮށްފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ނިންމުން ނިންމި ތާރީހުގައި ނުވަތަ ހުކުމްކުރި ތާރީހުގައި ޓެކްސް ދައްކާ ފަރާތަށް އެންގުނ ކަމަށް ބެލެވޭނެއެވެ. 

 

5 ވަނަ މާއްދާ 

މި ރޫލިންގގެ 3 ވަނަ ޕެރެގްރާ ފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ އަދަދެއް މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ށަރުއީ ކޯޓަކުން  ހުކުމްކޮށްފިނަމަ، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ނިންމުން ނިންމި ތާރީހުގައި ނުވަތަ ހުކުމްކުރި ތާރީހުގައި އެންގުނ ކަމަށް ބެލެވޭނެއެވެ.

 

6 ވަނަ މާއްދާ 

މި ރޫލިންގ ގެ 4 ވަނަ ޕެރެގްރާފާއި 5 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސްގެ އަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން މަތީމަރުހަލާއެއްގެ ކޯޓަކުން ދަމަހައްޓައިފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެންގި ތާރީހުކަމުގައި ބަލާނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން ނިންމައިފައިވާ ތާރީހެވެ.

 

7 ވަނަ މާއްދާ 

މި ރޫލިންގގެ 4 ވަނަ ޕެރެގްރާފާއި 5 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސްގެ އަދަދު އަލުން މީރާއިން ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެންގި ތާރީހުކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކުރި ތާރީހެވެ.

 

8 ވަނަ މާއްދާ 

މި ރޫލިންގގެ 7 ވަނަ ޕެރެގްރާފަށް އަމަލުކުރާނީ މި ރޫލިންގގެ 6 ވަނަ ޕެރެގްރާފާ ހިލާފުނުވާ ގޮތުގެމަތީންނެވެ.

 

9 ވަނަ މާއްދާ 

ޓެކްސްގެ އަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުމަކަށް ނުވަތަ ށަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކަށް އަމަލުކުރުން، މަތީ މަރުހަލާއެއްގެ ކޯޓެއްގެ ހުކުމެއްގެ ސަބަބުން މެދުކެނޑިއްޖެނަމަ، އެގޮތުން މެދުކެނޑުނު މުއްދަތު، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައްޔާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކާ ގުޅިގެން ނުވަތަ ށަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ޓެކްސްގެ އަދަދު އަލުން ކަނޑައެޅުމަށް މީރާއިން ކުރިޔަށްގެންދާ ކޭސް އަންނަނިވި ހާލަތުތަކުގައި ބަންދުކުރެވޭނެއެވެ.

(ހ) ޓެކްސްގެ އަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން ބާތިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމް ނިހާއީ ވުން؛

(ށ) ޓެކްސްގެ އަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލުކުރުން.

 

11 ވަނަ މާއްދާ 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ނުވަތަ ށަރުއީ ކޯޓުގެ ހުކުމް ރައްދުވާ މައްސަލައިގައި ހިމެނޭ އޮޑިޓުގެ ބޭނުމަށް ނުވަތަ އިއުތިރާޒާ ގުޅިގެން މީރާއިން ނިންމި ނިންމުމުގެ ބޭނުމަށް މީރާއިން ހޯދައި ފައިވާ ނުވަތަ ރިއާޔަތްކޮށްފައިވާ މައުލޫމާތާއި ހިސާބުތަކާއި ލިޔެކިޔުންތަކަށް، މި ރޫލިންގގައި ބަޔާންކޮށްފައިވާ ގޮތަށް މީރާއިން އަލުން އަދަދު ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެއެވެ.

 

އަމަލުކުރަން ފެށުން

12 ވަނަ މާއްދާ -

މި ރޫލިންގއަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ރޫލިންގެެށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު