-

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-75) 

 

މި ގަވާއިދުންވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-25) އުވާލެފިފައި

އެއްވަނަ ބާބު

އާންމު ކަންތައްތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 54 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދެވެ.

(ށ) މިއީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ. 

(ނ) މި ގަވާއިދަށް ކިޔާނީ "ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އަދި މިނޫންވެސް ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ބަހެއް، މި މާއްދާގެ (ށ) ގެ ދަށުން މާނަކުރެވިފައި ނުވާނަމަ، އެ ބަހެއް މާނަކުރާނީ، ޓެކުހާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި ގަވާއިދުގެ ބަސްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ:

  1. "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، "ޓެކްސް އެޕީލް ޓްރައިބިއުނަލް" އަށެވެ.
  2. "މީރާ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" އަށެވެ.
  3. "މައްސަލަ ހުށަހަޅާ ފަރާތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފަރާތަށެވެ.
  4. "މައްސަލަ ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" (މީރާ) އަށެވެ.
  5. "އިސްތިއުނާފު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކުހާބެހޭ ގާނޫނުތަކުގެ ދަށުން ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަށެވެ.
  6. "އިސްތިއުނާފީ މައްސަލަ ރަޖިސްޓަރީކުރި ތާރީހު" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ ޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރަޖިސްޓަރީކުރާ ތާރީހަށެވެ.
  7. "އިސްތިއުނާފުކުރި ތާރީހު" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް އެދި ފޯމު ހުށަހަޅާ ތާރީހަށެވެ. 
  8. "ބަޔާން" ކަމަށް ބުނެފައި އެވަނީ، މައްސަލައަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސޮއިކޮށްފައި ޓްރައިބިއުނަލަށް ހުށަހަޅާ ރަސްމީ ލިޔުމަށެވެ.
  9. "އެސެސްމަންޓްސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތަށް ޓެކްސް ދައްކަންވީ އަދަދު ބަޔާންކޮށް މީރާއިން ފޮނުވާ ލިޔުމަށެވެ.
  10. "މެންބަރުން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ މެންބަރުންނަށެވެ.
  11. "ރައީސް" ކަމަށް ބުނެފައި އެވަނީ، ޓްރައިބިއުނަލްގެ "ރައީސް" އަށެވެ.
  12. "ރަޖިސްޓްރަރ" ކަމަށް ބުނެފައި އެވަނީ، ޓްރައިބިއުނަލްގެ "ރަޖިސްޓްރަރ" އަށެވެ.
  13. "ބެންޗު" ކަމަށް ބުނެފައި އެވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބަލާ މެންބަރުންގެ ބެންޗަށެވެ.
  14. "ރިޔާސަތު" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގެ އަޑުއެހުމެއްގައި އިސްކޮށް ހުންނަ މެންބަރަށެވެ.
  15. "ޓްރައިބިއުނަލަށް ހާޒިރުވުމުގެ އެންގުން" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާއި، މައްސަލައާ ގުޅުން ހުރި އެނޫން ފަރާތްތަކާ، އަދި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ޓްރައިބިއުނަލަށް ގެނައުމަށް އަންގައި ޓްރައިބިއުނަލުން ނެރޭ ލިޔުމަށެވެ.
  16. "ބަލާފާސްކުރުމުގެ އަމުރު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމަށް މި ޓްރައިބިއުނަލުން ނެރޭ ލިޔުމަށެވެ.
  17. "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން،    މި ޓްރައިބިއުނަލުން ނެރޭ ލިޔުމަށެވެ.
  18. "ޓެކުހާބެހޭ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އެންމެހައި ގާނޫނުތަކަށެވެ.
  19. "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.
  20. "ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ ފަރާތަށެވެ.

 

ދެވަނަ ބާބު

ޓްރައިބިއުނަލް

4 ވަނަ މާއްދާ - ޓްރައިބިއުނަލް އެކުލެވިގެންވާ ގޮތް

ޓްރައިބިއުނަލް އެކުލެވިގެންވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - ޓްރައިބިއުނަލްގެ އިހްތިސާސް

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުން ހޯދުމަށް މީރާއިން އެފަރާތަށް އަންގާ އެންގުމަށް އިއުތިރާޒުކޮށް، ހުށަހަޅާ މައްސަލަތައް ބެލުން.

(ނ) ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ތިންވަނަ ފަރާތަކުން ހޯދުމަށް މީރާއިން އަންގާ އެންގުން އިސްތިއުނާފުކުރުމަށް އެފަރާތުން (ތިންވަނަ ފަރާތުން) ހުށަހަޅާ މައްސަލަތައް ބެލުން.

(ރ) ރާއްޖޭގައި ނެތުމުގެ ސަބަބުން ނުވަތަ ނުކުޅެދޭފަދަ ބައްޔަކާހުރެ ނުވަތަ ގަބޫލުކުރެވޭ އުޒުރަކާހުރެ ރާއްޖޭގައި ނެތުމުގެ ސަބަބުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުން ދެވިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރެވިއްޖެނަމަ މުއްދަތު އިތުރުކޮށްދިނުމަށް ނުވަތަ ލަސްވި މުއްދަތު މައާފުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުން.

(ބ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ކަނޑައަޅާ މަދަނީ އަދަބުތައް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ބެލުން.

(ޅ) ޓެކުހާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ށައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ށައްކުކުރެވޭ ނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކުހާ ގުޅޭ މައުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ގަބޫލުކުރެވޭ ނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރަކަށް މީރާއިން އެދެފިނަމަ، އެ އަމުރާމެދު ގޮތެއް ނިންމުން.

(ކ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގެ ދަށުން މުއްދަތު އިތުރުކުރުމަށް މީރާއިން ހުށަހެޅުމުން، އަދަދު ކަނޑައެޅުމަށްޓަކައި މުއްދަތު އިތުރުކުރަންޖެހޭފަދަ މަގްބޫލު އުޒުރެއް އޮތްކަމަށް ގަބޫލުކުރެވޭނަމަ މުއްދަތު އިތުރުކޮށްދިނުން.

(އ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) ގެ ދަށުން އަމުރު ނެރެދިނުން.

(ވ) ޓެކުހާބެހޭ ގާނޫނެއް ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބެލިދާނެ މައްސަލައެއްކަމަށް ކަނޑައަޅާ މައްސަލަތައް ބެލުން.

 

6 ވަނަ މާއްދާ - ޓްރައިބިއުނަލްގެ ބާރުތައް

(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ގަރީނާ ހޯދުމާއި، އަދި މިނޫން ގޮތަކުންވެސް މައްސަލައިގެ ހަގީގަތް ހޯދައި ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލްގެ މަސައްކަތާ ގުޅޭގޮތުން އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ތައާރުޒުނުވާ ގޮތުގެމަތީން ގަވާއިދުތައް ހަދައި އެ ގަވާއިދުތަކަށް ބަދަލު ގެނައުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ހަސްމުންގެ ހައްގުތައް

ޓްރައިބިއުނަލްގެ ބާރުތައް ތަންފީޒު ކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކާއި މީރާގެ ހައްގުތަކަށް ޓްރައިބިއުނަލުން ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

 

8 ވަނަ މާއްދާ - ޓްރައިބިއުނަލްގެ މަޖިލިސް

(ހ) ޓްރައިބިއުނަލްގެ މަސައްކަތް ހިންގާ ގޮތާއި، މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އަދި މިނޫންވެސް ހިންގުމާގުޅޭ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން މެންބަރުންނާ މައުލޫމާތު ހިއްސާކޮށް، މަށްވަރާކޮށް، ނިންމަންޖެހޭ ނިންމުންތައް  ނިންމުމަށްޓަކައި ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހެއް އޮންނަންވާނެއެވެ.   

(ށ) ޓްރައިބިއުނަލްގެ މަޖިލިސް އެކުލެވިގެންވަނީ ޓްރައިބިއުނަލްގެ މެންބަރުންގެ މައްޗަށެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ، ޓްރައިބިއުނަލްގެ ރައީސެވެ.

(ނ) ޓްރައިބިއުނަލްގެ ރައީސް ނެތް ހާލަތެއްގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ، ޓްރައިބިއުނަލްގެ ނާއިބު ރައީސެވެ. ނާއިބު ރައީސް ނެތްނަމަ، އެވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރާ މެންބަރެކެވެ.

(ރ) މެންބަރުންގެ މަޖިލީހުގެ ބައްދަލުވުން މަދުވެގެން ކޮންމެ މަހަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

(ބ) މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަންވާނީ އެޖެންޑާ ކުރެވިގެންނެވެ. ބައްދަލުވުން ފެށުމުގެ ލަސްވެގެން 1 (އެކެއް) ދުވަސް ކުރިން ބައްދަލުވުމުގެ އެޖެންޑާ ހުރިހާ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ޅ) ކުއްލި ކަމަކާ ގުޅިގެން މަޖިލީހުން ގޮތެއް ނިންމަން ޖެހިއްޖެނަމަ، ކުރިން އެޖެންޑާ ފޮނުވުމަކާ ނުލައި ހުރިހާ މެންބަރުންނަށް އެންގުމަށްފަހު ބައްދަލުވުން ބޭއްވިދާނެއެވެ.

(ކ) ޓްރައިބިއުނަލްގެ މެންބަރަކު ބޭނުންވެއްޖެނަމަ، ބައްދަލުވުން ބާއްވަން އެދެވިދާނެއެވެ.

(އ) ޓްރައިބިއުނަލްގެ މަޖިލީހުގެ ނިންމުންތައް ފާސްވާނީ، މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ވ) މެންބަރުންގެ މަޖިލީހުގެ އެންމެހައި ބައްދަލުވުންތައް ރެކޯޑުކޮށް ޔައުމިއްޔާކޮށް ބަލަހައްޓަންވާނެއެވެ. ޔައުމިއްޔާކޮށް ބެލެހެއްޓުމުގެ ކަންތައްތައް ކުރާނީ ޓްރައިބިއުނަލް އޮފިސަރެވެ. މިގޮތުން މެންބަރުންގެ މަޖިލީހުގެ ނިންމުންތައް ހިމަނައި، އެންމެ ފަހުން ބޭއްވުނު މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކޮށް، ހުރިހާ މެންބަރުން ޔައުމިއްޔާގައި ސޮއިކުރަންވާނެއެވެ.

(މ) މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތައް ހުންނަންވާނީ، މެންބަރުންނަށް ފެންނަގޮތަށް ފައިލްކުރެވިފައެވެ.

 

9 ވަނަ މާއްދާ - މެންބަރުންނަށް ލިބޭ ގާނޫނީ ހިމާޔަތް

ޓެކުހާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން މެންބަރަކު، އޭނާގެ ވާޖިބު އަދާކުރުމުގައި ކުރާ އަދި ނުކޮށްދޫކޮށްލާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ފަރުދީގޮތުން އެ މެންބަރަކު ޒިންމާވާކަށް ނުޖެހޭނެއެވެ.

 

ތިންވަނަ ބާބު

ޓްރައިބިއުނަލްގެ ރަޖިސްޓްރަރ އާއި ޗީފް އެޑްމިނިސްޓްރޭޓަރ

10 ވަނަ މާއްދާ - ޓްރައިބިއުނަލްގެ ރަޖިސްޓްރަރ

ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ހިންގުމުގައި، ޓްރައިބިއުނަލަށް އެހީތެރިވެދޭނެ ރަޖިސްޓްރަރއަކު މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޓްރައިބިއުނަލުގައި ހުންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓްރަރގެ މަސްއޫލިއްޔަތު

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން؛

(ށ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން؛

(ނ) ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔެކިޔުމެއް ނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، ގާނޫނާއި ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުން ނުވަތަ  އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުން؛

(ރ) ޓްރައިބިއުނަލަށް ހުށަހެޅޭ ހުރިހާ މައްސަލަތަކުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކާއި ތަފާސްހިސާބުތައް ތަފުސީލުކޮށް ބެލެހެއްޓުން؛

(ބ) އިބްތިދާއީ ބައްދަލުވުން ބާއްވައި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުން؛

(ޅ) ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ހަސްމުންކުރެ ހަސްމެއްގެ އެދުމުގެ މަތިން، އެފަރާތުގެ ވަކީލުން ނުވަތަ ބަދަލުގައި ހާޒިރުވުމަށް އައްޔަނުކޮށްފައިވާ ފަރާތްތަކުގެ ކަންތައް ހަމަޖެއްސުން؛

(ކ) ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޓްރައިބިއުނަލްގެ ރައީސާއި މެންބަރުންގެ ލަފާ ހޯދުން؛

(އ) ޓްރައިބިއުނަލްގެ މަޖިލީހުގެ ނިންމުންތަކުގެ ރިކޯޑު ބެލެހެއްޓުން؛

(ވ) ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ޓްރައިބިއުނަލްގެ ހިދުމަތްތައް ޒަމާނީކޮށް،  ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޓްރައިބިއުނަލްގެ މަސައްކަތްތައް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ޓްރައިބިއުނަލުންދޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ހެދުމަށްޓަކައި އަމަލީގޮތުން މަސައްކަތް ކުރުން؛

(މ) މައްސަލަތަކާ ގުޅިގެން ޓްރައިބިއުނަލަށް ލިބޭ ލިޔެކިޔުންތަކާ ގުޅިގެން އެ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ގަވާއިދާ އެއްގޮތަށް ޓްރައިބިއުނަލުން އެ މައްސަލަ ބަލާ ބެންޗުގެ އިރުށާދުގެދަށުން ޖަވާބު ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން؛

(ފ) ޓްރައިބިއުނަލްގެ ނިންމުންތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން؛ އަދި

(ދ) މިނޫންވެސް ޓްރައިބިއުނަލްގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ އެހެނިހެން ކަންކަން ކުރުން.

 

12 ވަނަ މާއްދާ - ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރުން

ރަޖިސްޓްރަރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެން ދެން، ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އެސިސްޓެންޓް ރަޖިސްޓްރަރ ނުވަތަ ޓްރައިބިއުނަލްގެ މެންބަރުން އެކަމަށް ކަނޑައަޅާ ފަރާތެކެވެ.

 

13 ވަނަ މާއްދާ - ޗީފް އެޑްމިނިސްޓްރޭޓަރ

ޓްރައިބިއުނަލްގެ އެންމެހައި އިދާރީ ކަންތައްތައް ޓްރައިބިއުނަލްގެ ރައީސްގެ ލަފާގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމަށްޓަކައި ޗީފް އެޑްމިނިސްޓްރޭޓަރަކު ހުންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު

(ހ) ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އޮފީސް ހިންގުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ށ) ޓްރައިބިއުނަލްގެ އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، އިދާރީ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން؛

(ނ) ޓްރައިބިއުނަލްގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގަމަތިން ކަން ކަށަވަރުކުރުން؛

(ރ) ޓްރައިބިއުނަލުން އެކި ފަރާތްތަކަށް ފޮނުވުމަށް ގާނޫނުން ލާޒިމުކުރާ ރިޕޯޓުތައް ގާނޫނުގައިވާ ގޮތުގެމަތިން ފޮނުވޭކަން ކަށަވަރުކުރުން؛

(ބ) ޓްރައިބިއުނަލުން ފޮނުވާ ލިޔުންތަކުގައި ހިމަނާފައިވަނީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން؛

(ޅ) ޓްރައިބިއުނަލަށް ބޭނުންވާ އެކިއެކި މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ހޯދުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުމާއި، ފައިސާ ބަލައިގަތުމާއި ހަރަދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން؛

(ކ) ޓްރައިބިއުނަލްގެ ބޭނުމަށް ހޯދައިފައިވާ އެންމެހައި މުދަލާއި، މުދަލުގެ ދަފްތަރު ބަލަހައްޓާނެ އިންތިޒާމު ހަމަޖެއްސުން؛

(އ) މުވައްޒަފުން އައްޔަނުކުރުމާއި، ވަކިކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުން؛

(ވ) ޓްރައިބިއުނަލުންދޭ ހިދުމަތްތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން؛

(މ) ޓްރައިބިއުނަލުން އާންމުކުރަންޖެހޭ އެންމެހައި މައުލޫމާތުތައް އާންމުކުރުމާއި، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން؛

(ފ) ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުން؛

(ދ) އޮފީހުގައި އިދާރީގޮތުން ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތް ވިލަރެސްކުރުމާއި މަސައްކަތް ބެލެހެއްޓުން؛ އަދި

(ތ) މިނޫންވެސް ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ އެހެނިހެން ކަންކަން ކުރުން.

 

ހަތަރުވަނަ ބާބު

ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ އަމުރު

15 ވަނަ މާއްދާ - އަމުރަށް އެދުން

(ހ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ށައްކުކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ށައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކުރަމުންދާ ކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާ ގުޅޭ މައުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓްރައިބިއުނަލްގެ ރައީސަށް ނުވަތަ އެވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރާ މެންބަރެއްގެ ކިބައިން މީރާއިން އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އަމުރަށް އެދި ހުށަހަޅަންވާނީ، ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން، އެ އަމުރެއް ނެރެން ބޭނުންވާ ތާރީހާއި ވަގުތުގެ 24 (ސައުވީސް) ގަޑިއިރު ކުރިން، ތިރީގައިވާ މައުލޫމާތާ އެކުގައެވެ:

  1. ކުށް ކުރިކަމަށް ށައްކުކުރެވޭ ފަރާތް؛
  2. ށައްކުކުރެވޭ ކުށުގެ މައުލޫމާތު؛
  3. ށައްކުކުރެވޭ ސަބަބުގެ ތަފުސީލު؛
  4. ބަލައި ފާސްކުރަން ބޭނުންވާ ތަން؛ އަދި
  5. ބަލައި ފާސްކުރާ ތަނުން ހޯދަން ބޭނުންވާ ތަކެއްޗާއި ބޭނުންވާ އިތުރު މައުލޫމާތު.

 

16 ވަނަ މާއްދާ - އަމުރު ނެރުން

(ހ) ޓްރައިބިއުނަލުން ނެރޭ އަމުރުތަކުގައި ސޮއި ކުރާނީ، ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ މެންބަރެކެވެ.

(ށ) ރައީސް ނުވަތަ ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ މެންބަރަކު އަމުރެއް ނެރޭނީ:

  1. ޓެކުހާބެހޭ ގާނޫނެއްގެ ދަށުން ކުށެއްކުރިކަމަށް ށައްކުކުރެވޭ ފަރާތެއް ނުވަތަ ކުށެއް ކޮށްފާނެކަމަށް ށައްކުކުރެވޭ ފަރާތެއް ހުރިކަމަށް ގަބޫލުކުރެވި؛ އަދި
  2. ބަލައި ފާސްކުރާ ތަންތަނުން ހޯދާ ތަކެއްޗަކީ، ށައްކުކުރެވޭ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެއްކެއް ނުވަތަ ގަރީނާއެއް ކަމުގައިވާނަމައެވެ.

(ނ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އާއި، މި މާއްދާގެ (ބ) ގެ ދަށުން ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު، ފޯމުގައި ހިމަނައިފައިވާ މައުލޫމާތާއި ލިޔެކިޔުންތައް ފިޔަވައި އިތުރު މައުލޫމާތު ހޯދުމުގެ އިހްތިޔާރު ޓްރައިބިއުނަލްގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ޓްރައިބިއުނަލުން ނެރޭ އަމުރެއް ދެމި އޮންނާނީ އެ އަމުރެއްގައި ކަނޑައަޅައިފައިވާ ގަޑިން ފެށިގެން 36 (ތިރީސް ހަޔެއް) ގަޑި އިރުވަންދެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން މީރާއިން އެދޭނަމަ، އެ މުއްދަތު އިތުރުކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން، އެ އަމުރުގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) ގަޑިއިރު ކުރިން ހުށަހަޅަންވާނެއެވެ. އަމުރުގެ މުއްދަތު އިތުރުކުރެވޭނީ:

  1. އެންމެ ގިނަވެގެން 14 (ސާދަ) ދުވަހަށް؛ އަދި
  2. މެންބަރުންގެ މަޖިލީހުގެ އަގުލަބިއްޔަތުން މުއްދަތު އިތުރުކުރުމަށް ނިންމުމުންނެވެ.

 

17 ވަނަ މާއްދާ - އަމުރު ހަވާލުކުރުން

ބަލައި ފަސްކުރުމުގެ އަމުރު ހަވާލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ:

(ހ) ބަލައި ފާސްކުރާ ތަނުގެ އިސް ފަރާތް ހުރިނަމަ އެ ފަރާތަކަށް؛ ނުވަތަ

(ށ) ބަލައި ފާސްކުރާ ތަނުގެ އިސް ފަރާތް ނެތްނަމަ، އެ ތަނަކު ހުރި އެންމެ އިސް ފަރާތަކަށް؛ ނުވަތަ

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ހިމެނިފައިވާ ފަރާތްތައް ނެތް ހާލަތެއްގައި، ބަލައި ފާސްކުރާ ތަނުގެ ފަސޭހައިން ފެންނަން ހުރި ތަނެއްގައި ބޭއްވުން.

 

18 ވަނަ މާއްދާ - އަމުރުގައި ހުންނަންވާ މައުލޫމާތު

މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމުރުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ:

(ހ) ހުރިހާ ކަމެއްގައި އިސްވެހުރި މީރާގެ އޮފިސަރުގެ ނަން (ކަމާ ހަވާލުވެހުރި އޮފިސަރ)؛

(ށ) އަމުރުގެ ބޭނުން ކުރެވޭނީ ދުވަހެއްގެ ކޮން ވަގުތެއްގައިކަން؛

(ނ) ޓްރައިބިއުނަލުން ބޭނުންތެރި ކަމެއް ކަމުގައި ދެކޭނަމަ، އަމުރުގެ ބޭނުން ކުރެވޭނީ ޔުނިފޯމުގައިހުރި ފުލުހެއްގެ ހާޒިރުގައިކަން؛

(ރ) ށައްކުކުރެވޭ ކުށުގެ މައުލޫމާތު؛

(ބ) ކުށްކުރިކަމަށް ށައްކުކުރެވޭ ފަރާތްތައް؛

(ޅ) ބަލައި ފާސްކުރަން ބޭނުންވާ ތަންތަން؛ އަދި

(ކ) ބަލައި ފާސްކުރާ ތަންތަނުން ހޯދަން ބޭނުންވާ ތަކެއްޗާއި ބޭނުންވާ އިތުރު މައުލޫމާތު.

 

19 ވަނަ މާއްދާ - އަމުރު ތަންފީޒުކުރުން

(ހ) އަމުރު ތަންފީޒުކުރަންވާނީ އަދި އެ އަމުރުގެ ދަށުން ބަލައި ފާސްކުރަންވާނީ މި ގަވާއިދުގައިވާ ގޮތުގެމަތީންނެވެ. އަދި އެ އަމުރުގެ ދަށުން ބަލައި ފާސްކުރަންވާނީ ދިވެހިރާއްޖޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅޭ އުސޫލުތަކާ ތައާރުޒުނުވާ ގޮތުގެ މަތިންނެވެ.

(ށ) ޓްރައިބިއުނަލުން ނެރެފައިވާ އަމުރެއް ތަންފީޒުކުރާ އޮފިސަރ:

  1. އަމުރު ތަންފީޒުކުރަން އޭނާއާއެކު ގެންދިއުން ބޭނުންތެރިކަމަށް ފެންނަ އެހެން މީހުން ގެންދެވިދާނެއެވެ.
  2. އެ ތަނުން ފެންނަ އެއްޗެއް އެއީ މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ކުށަކާ ގުޅިގެން ހިންގާ ތަހުގީގަކަށް ނުވަތަ ށަރީއަތެއްގެ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ގެންދެވިދާނެއެވެ؛ އަދި
  3. އެ ތަނުން ފެންނަ އެހެން މީހެއްގެ އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ މީހަކު ބަލައި ފާސްކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ 3 ގެ ބޭނުމަށް މީހަކު ބަލައި ފާސްކުރާއިރު ބަލައި ފާސްކުރަންވާނީ އަންހެނަކު ނަމަ އަންހެނެކެވެ. އަދި ފިރިހެނަކު ނަމަ ބަލައި ފާސްކުރަންވާނީ ފިރިހެނެކެވެ.

(ރ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 36 ވަނަ މާއްދާގެ (މ) ގައި ބުނެފައިވާ، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި އަތުލުމުގެ ބާރު، މި މާއްދާގެ (ށ) ގެ ދަށުން ލިބިގެންނުވެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން އަތުލެވޭ ތަކެއްޗަކީ ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ ތަކެތި ކަމުގައިވާނަމަ، ށަރީއަތުން ގޮތެއް ކަނޑައަޅަންދެން، އެ ތަކެތި މީރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ޅ) އަމުރު ތަންފީޒުކުރާ މީރާގެ އޮފިސަރުގެ ވާޖިބަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެއެވެ.

(ކ) އަމުރުގެ މުއްދަތު ހަމަވާ ވަގުތުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އަމުރު ތަންފީޒުކުރި ގޮތުގެ ރިޕޯޓެއް މީރާއިން، ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ރިޕޯޓުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބަލައި ފާސްކުރި ތަން؛
  2. ބަލައި ފާސްކުރުމުގައި އަމަލުކުރި ގޮތް؛
  3. ބަލައި ފާސްކުރެވުނު އަދި އަތުލެވުނު ތަކެތި؛ އަދި
  4. ބަލައި ފާސްކުރެވުނު މީހުން.

 

20 ވަނަ މާއްދާ - ލިޔެކިޔުން ނުވަތަ ތަކެތި އަތުލެވިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލު

(ހ) ޓްރައިބިއުނަލުން ނެރެފައިވާ އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރާނަމަ، އެ ތަނަކުން ނެގި ތަކެތީގެ ލިސްޓެއް ހަދައި އެ ލިސްޓުގެ ކޮޕީއެއް:

  1.  ބަލައި ފާސްކުރާ ތަނުގެ އިސް ފަރާތް ހުރިނަމަ އެ ފަރާތަކަށް؛ ނުވަތަ
  2. ބަލައި ފާސްކުރާ ތަނުގެ އިސް ފަރާތް ނެތްނަމަ، އެތަނަކު ހުރި އެންމެ އިސް ފަރާތަކަށް ހަވާލުކުރަންވާނެއެވެ. ނުވަތަ
  3. މި މާއްދާގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތެއް ނެތް ހާލަތެއްގައި، ބަލައި ފާސްކުރާ ތަނުގެ ފަސޭހައިން ފެންނަން ހުރި ތަނެއްގައި ބާއްވަންވާނެއެވެ.

(ށ) ހޯދިފައިވާ މައުލޫމާތާއި ތަކެތީގެ ފޮޓޯއެއް ނުވަތަ ކޮޕީއެއް:

  1. ކުށަކާބެހޭ އަޑުއެހުމެއްގައި ހެއްކަކަށް؛ ނުވަތަ
  2. ކުށަކާބެހޭ ތަހުގީގަކަށް، ބޭނުންވާ ވަރަށްވުރެ އިތުރު ކޮޕީ، އަމުރު ތަންފީޒުކުރާ އޮފިސަރަކު އަތުގައި ބަހައްޓައިގެން ނުވާނެއެވެ.

(ނ) އަމުރު ތަންފީޒުކުރުމުގައި ލިބޭ މައުލޫމާތާއި ހޯދާ ތަކެތީގެ ވެރިފަރާތުން ނުވަތަ އެ ފަރާތެއް ތަމްސީލުކުރާ ފަރާތަކުން އެދިއްޖެ ހާލަތެއްގައި މީރާގެ ބެލުމުގެ ދަށުން އެ ފަރާތަކަށް އެ ތަކެތި ދައްކަންވާނެއެވެ. ނަމަވެސް މިކަމުން މީރާގެ ތަހުގީގަށް ހުރަސްއެޅޭނަމަ މިފަދަ މައުލޫމާތާއި ތަކެތި ނުދެއްކުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުން

21 ވަނަ މާއްދާ - އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުން

(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަދެއް ކަނޑައެޅެން ނެތްކަމަށް ގަބޫލުކުރެވޭ މަގްބޫލު އުޒުރެއް އޮތްނަމަ، 3 (ތިނެއް) އަހަރުދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން އެ މުއްދަތު އިތުރުކޮށްދިނުމަށް ޓްރައިބިއުނަލްގައި މީރާގެ ފަރާތުން އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ލިޔުމަށް އެދި ހުށަހަޅަންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ތިރީގައިވާ މައުލޫމާތާ އެކުގައެވެ:

  1. އޮޑިޓްކުރެވޭ މުއްދަތު؛
  2. އޮޑިޓް ނޯޓިސް ފޮނުވުނު ތާރީހު؛
  3. އޮޑިޓް ނިންމަންޖެހޭ ތާރީހު؛
  4. މުއްދަތު އިތުރުކުރުމަށް އެދޭ ތާރީހު؛
  5. އޮޑިޓްގެ މުއްދަތު އިތުރުކުރަން އެދޭ ސަބަބު؛ އަދި
  6. އޮޑިޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ ޓައިމްލައިން.

(ނ) މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގެ ދަށުން މައުލޫމާތު ހުށަހަޅާއިރު، އޮޑިޓް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަށް ނުނިންމުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނީ، އެ އޮޑިޓެއް ނިންމުމަށް ގާނޫނުން ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުގެ ކުރިންނެވެ.

 

22 ވަނަ މާއްދާ - އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދިނުން

(ހ) ޓްރައިބިއުނަލުން ނެރޭ ލިޔުމުގައި ސޮއިކުރާނީ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ މެންބަރެކެވެ.

(ށ) ރައީސް ނުވަތަ ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ މެންބަރަކު، އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދޭނީ، އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ސަބަބަކީ މަގްބޫލު އުޒުރެއް ކަމުގައިވާނަމައެވެ.

 

ހަވަނަ ބާބު

އިސްތިއުނާފުކުރުމަށް ހުށަހެޅުމާއި ރަޖިސްޓަރީކުރުން

23 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް ހުށަހެޅުން

(ހ) ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ށ) ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅާނީ،

  1. ޓްރައިބިއުނަލްގެ ކައުންޓަރަށް؛ ނުވަތަ
  2. ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އީމެއިލަށް؛ ނުވަތަ
  3. ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ޕޯޓަލަށެވެ.

(ނ) ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު،

  1. މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއެކު އިތުރު 1 (އެކެއް) ކޮޕީ؛ އަދި
  2. މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 1 (އެކެއް) ކޮޕީ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅައިފައިވާ މައްސަލަ ބަލައިގަތުމަށްފަހު ޓްރައިބިއުނަލުން ކަނޑައަޅާ އަދަދަކަށް އިތުރު ކޮޕީސެޓް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން އީމެއިލް ނުވަތަ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ މުއްދަތުގެ ތެރޭގައި ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅާފައިނުވާނަމަ، އެ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ފޯމަކީ، މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ ފޯމެއް ނަމަ، ފޯމު ހުށަހެޅިކަން އަންގައިދޭ ލިޔުމެއް، ފޯމު ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(އ) ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ފޯމުސެޓުގައި ހިމެނޭ މައުލޫމާތު ފުރިހަމަ ނުވާނަމަ، އެ މައުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) އާ އެއްގޮތަށް، އެ މައުލޫމާތު ފުރިހަމަކުރުމަށް ދެވޭ މުއްދަތުގައި، އެ މައުލޫމާތު އިސްލާހުކޮށް ހުށަހަޅައިފައިނުވާނަމަ، އެ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(މ) ކޮންމެހެން ބޭރުބަހަކުން ހުންނަންޖެހޭ ލިޔުމެއް ފިޔަވައި މައްސަލައަކާ ގުޅިގެން ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ދިވެހިބަހުންނެވެ. ދިވެހިބަސް ނޫން ބަހަކުން ހުރި ލިޔުމެއް ހުށަހަޅާނަމަ، ޓްރައިބިއުނަލުން އެދިއްޖެ ހާލަތެއްގައި އެ ލިޔުމެއް ހުށަހެޅި ފަރާތަކުން އެ ލިޔުމުގެ ދިވެހި ތަރުޖަމާ ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތަކާއެކު ކޮންމެހެން ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) އިސްތިއުނާފުކުރާ މައްސަލައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއް ނަމަ، އެ ނިންމުމާމެދު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ؛

(ށ) ލިޔެކިޔުންތައް ރައްދުކުރުމަށް، އިސްތިއުނާފަށް ހުށަހަޅާ ފަރާތް ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތުގެ އެޑްރެސް؛

(ނ) މީރާއިން އޮޑިޓްކޮށް އަދަދެއް ކަނޑައަޅައިފައިވާނަމަ، އެ އަދަދަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތަކުގައި، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެކުރިން މަދުވެގެން ދައްކަންވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދު ދެއްކިކަން އެނގޭނެ ލިޔުން؛

(ރ) އިސްތިއުނާފުކުރާ މައްސަލައަކީ މީރާއިން އޮޑިޓްކޮށް ކަނޑައަޅައިފައިވާ އަދަދަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލައެއްނަމަ، މީރާގެ އޮޑިޓް ރިޕޯޓު އަދި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް (ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން) ގެ ކޮޕީ؛

(ބ) މީރާގެ ނިންމުން އެނގޭ ލިޔުން؛ އަދި

(ޅ) އިސްތިއުނާފުކުރާ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނީ، މައްސަލަ ހުށަހަޅާ ފޯމުގައި ފުރިހަމަކުރުމަށް ބަޔާންކޮށްފައިވާ މިނޫންވެސް މައުލޫމާތު ފުރިހަމަކުރުމަށް ފަހުގައެވެ.

 

25 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު

(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ނުވަތަ އެހެން ގާނޫނަކުން ޓްރައިބިއުނަލްގައި އިސްތިއުނާފުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ކަނޑައަޅާފައި ވީނަމަވެސް، ގާނޫނަކުން ނުވަތަ ގަވާއިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް މި ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައިފައިވާނަމަ އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތުކަމުގައި ބަލަންވާނީ އެ ގާނޫނެއްގައި ނުވަތަ އެ ގަވާއިދެއްގައި ކަނޑައަޅައިފައިވާ މުއްދަތެވެ.

(ނ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހެޅުމުން، އެ ސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ޓްރައިބިއުނަލަށް ފެންނަނަމަ އެކަމަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން

ހުށަހަޅައިފައިވާ މައްސަލައެއް ޓްރައިބިއުނަލަށް ބަލައިގަތުމާމެދު، ރަޖިސްޓްރަރ ނިންމަވާ ގޮތެއް، ސަރުކާރު ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ލިޔުމުން އެ ފަރާތަށް އަންގަންވާނެއެވެ.

 

27 ވަނަ މާއްދާާ - ރަޖިސްޓްރަރގެ ނިންމުން މުރާޖައާކުރުން

(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުންނާއި މި ގަވާއިދުން ބާރު ލިބިގެން ރަޖިސްޓްރަރ ކުރާ އެއްވެސް ކަމަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެކަމެއް ނުވަތަ އެ ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު، އެކަމަކާއި ނުވަތަ އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމައި، އެކަން އެ ފަރާތަކަށް އެންގި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގައި ހުށަނާޅައިފިނަމަ އެކަމެއް ނުބެލޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ، ޓްރައިބިއުނަލްގެ ރައީސް ހިމެނޭ ގޮތުން، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހަކުންނެވެ.

 

28 ވަނަ މާއްދާާ - ރަޖިސްޓްރޭށަން ފީ

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމަށް ނިންމައިފިނަމަ، މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ 100 (އެއްސަތޭކަ ރުފިޔާ) ގެ އިދާރީ ފީއެއް ދެއްކުމުންނެވެ. މި ފީ ދައްކަންޖެހޭނީ ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަގްބޫލު އުޒުރަކާނުލައި އިދާރީ ފީ ނުދައްކައިފިނަމަ، އިސްތިއުނާފު ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) އިސްތިއުނާފުކުރާ ފަރާތުން މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް ނުވަތަ އެއްވެސް ސަބަބަކާހުރެ މައްސަލަ ބާތިލުވީނަމަވެސް، މި މާއްދާގެ (ހ) ގައިވާ ބުނާ އިދާރީ ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއްނޫނެވެ.

 

29 ވަނަ މާއްދާާ - މައްސަލައަށް ނަންބަރު ދިނުން

މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ އިދާރީ ފީ ޓްރައިބިއުނަލުން ބަލައިގަތުމާއެކު، މައްސަލަ ހުށަހެޅުނު އަހަރާއި، ޓްރައިބިއުނަލަށް މައްސަލަ ލިބުނު ތަރުތީބަށް ބިނާކޮށް، ކޮންމެ މައްސަލައަކަށްވެސް ވަކި ހާއްސަ ނަންބަރެއް ދޭންވާނެއެވެ.

 

30 ވަނަ މާއްދާާ - މައްސަލައިގެ ދަފްތަރު

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ދަފްތަރެއްގައި ލިޔެ ބަލަހައްޓަންވާނެއެވެ. މި ދަފްތަރުގައި، މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތު، މައްސަލައިގެ ބާވަތް، ނަންބަރު، ހުށަހެޅުނު ތާރީހު، ރަޖިސްޓަރީކުރެވުނު ތާރީހު، ނިމުނު ތާރީހު އަދި މައްސަލައާމެދު އަމަލުކުރެވުނުގޮތް ހިމަނަންވާނެއެވެ.

 

31 ވަނަ މާއްދާާ - މައްސަލަ އަނބުރާ ގެންދިޔުން

(ހ) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ލިޔުމުން އެކަން ޓްރައިބިއުނަލަށް އެންގުމަށްފަހު މައްސަލަ އަނބުރާ ގެންދެވިދާނެއެވެ.

(ށ) ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް ހުށަހެޅޭނީ، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަލުން މައްސަލަ ހުށަހެޅޭނީ، އިދާރީ ފީގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް ރުފިޔާ) ދައްކައިގެންނެވެ.

 

ހަތްވަނަ ބާބު

މައްސަލައަށް ޖަވާބު ދިނުމާއި އިބްތިދާއީ ބައްދަލުވުން ބޭއްވުން

32 ވަނަ މާއްދާ -  މައްސަލަ ހުށަހެޅުނުކަން އެންގުން

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަ ރަޖިސްޓަރީކުރުމަށްފަހު، މައްސަލަ ހުށަހެޅުނުކަން އެންގުމަށް މައްސަލަ ހުށަހެޅި ފޯމާއި، އެ ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ކޮޕީ ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތަށް ފޮނުވަންވާނެއެވެ.

 

33 ވަނަ މާއްދާ -  މައްސަލައަށް ޖަވާބުދިނުން

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަށް ޖަވާބު ދޭންވާނީ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

 

34 ވަނަ މާއްދާ -  މައުލޫމާތު ސާފުކުރުން

މައްސަލައަށް ދޭ ޖަވާބާ ބެހޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތު، އަނގަބަހުން ނުވަތަ ލިޔުމުން ދިނުމަށް، މި ޓްރައިބިއުނަލުން އެންގިދާނެއެވެ.

 

35 ވަނަ މާއްދާ -  މައްސަލައަށް ތަދައްހުލުވުން

(ހ) ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ އިތުރުން އެ މައްސަލައެއްގެ މަސްލަހަތު އޮތް އެހެން ފަރާތަކުން އޭނާގެ މަސްލަހަތު ބަޔާންކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯމުން މައްސަލައަށް ތަދައްހުލުވުމަށް ޓްރައިބިއުނަލަށް ހުށަހެޅުމަށްފަހު، އެ މައްސަލަ ބަލާ ބެންޗުގެ ހުއްދަ ލިބިގެން މައްސަލައިގައި ބައިވެރިވެވިދާނެއެވެ.

(ށ) އަދި މައްސަލައާ ގުޅިގެން ދައްކަން ބޭނުން ވާހަކަ ދެއްކުމާއި، މައްސަލައާ ގުޅިގެން ހުށަހަޅަން ބޭނުންވާ ލިޔުމެއް ހުށަހެޅިދާނެއެވެ.

(ނ) ޓްރައިބިއުނަލުން އެހެން ގޮތަކަށް ކަނޑަނާޅާހައިހިނދަކު މައްސަލައަށް ތަދައްހުލުވާން އެދި  ހުށަހަޅަންވާނީ އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގެ ކުރިންނެވެ.

 

36 ވަނަ މާއްދާ -  ވަކީލަކު އައްޔަންކުރުން ނުވަތަ ބަދަލުގައި ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން، ވަކީލަކު އައްޔަނުކުރަން އެދޭނަމަ، ގާނޫނީ ވަކީލެއް އައްޔަނުކޮށް އެ ފަރާތުގެ ވަކީލާއެކު މައްސަލަ ކުރިއަށް ގެންދިއުމަށް އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން އެ ފަރާތެއްގެ ބަދަލުގައި މީހަކު  އައްޔަނުކުރަން އެދޭނަމަ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ މުއައްސަސާތަކާއި ގާނޫނީ ށަހްސަކުން ހާޒިރުވާނެ ފަރާތެއް ނުވަތަ ވަކީލެއް އައްޔަނުކުރާނަމަ އެ ފަރާތެއް އައްޔަނުކޮށް ހަމަޖެއްސިކަން އެނގޭނޭފަދަ   އެ ށަހުސެއްގެ ނުވަތަ ކުންފުންޏެއްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ރިޒޮލިއުށަނެއް، ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެހުރި އެންމެ އިސްފަރާތް ސޮއިކޮށްފައިވާ ކުންފުނީގެ ލިޔުމެއް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްފަހު ނުވަތަ ބަދަލުގައި މީހަކު ހަމަޖެއްސުމަށްފަހު އެއިން ފަރާތެއް ހަމަޖައްސައިފައި އޮތް އޮތުން ބާތިލުކުރަން އެދޭނަމަ، އެކަން ލިޔުމަކުން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

(ބ) މައްސަލައެއް އިސްތިއުނާފުކުރަން ހުށަހަޅާއިރު، ބަދަލު ފޯމު ނުވަތަ ވަކީލު ފޯމު ހުށަހެޅިދާނެއެވެ.

(ޅ) ވަކީލަކު އައްޔަނުކޮށް ބަދަލުގައި ހާޒިރުވާނެ ފަރާތެއް ހަމަޖައްސާނަމަ އަމަލުކުރާނީ އަންނަނިވި ފަދައިންނެވެ.

  1. މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން، ވަކީލަކު އައްޔަނުކުރުމަށް ނުވަތަ ބަދަލު ހަމަޖެއްސުމަށް އެދޭނަމަ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ކުރިން ކޮންމެ ފަރާތަކަށްވެސް ހުށަހެޅިދާނެއެވެ.
  2. މައްސަލައެއް ހިނގަމުން ދަނިކޮށް، އެ މައްސަލައެއް ތަމްސީލުކުރާ ވަކީލު ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތް ބަދަލުކުރަން އެދޭނަމަ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ފުރުސަތެއް ލިބޭނެއެވެ.
  3. ކަނޑައެޅިފައިވާ މުއްދަތުގައި، ވަކީލު ހަމަނުޖެއްސިނަމަވެސް އަޑުއެހުންތައް ކުރިއަށްގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
  4. މައްސަލަ ހުށަހެޅުމަށްފަހު ކޮންމެ ވަގުތަކުވެސް ވަކީލަކު އައްޔަނުކުރުމުގެ ނުވަތަ ބަދަލުގައި މީހަކު ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންވެއެވެ.
  5. ކޮންމެ ފަރާތަކުންވެސް ބޭނުން އަދަދަކަށް ވަކީލުން ނުވަތަ އެ މައްސަލަ ތަމްސީލުކުރާނެ ފަރާތްތަކެއް އައްޔަނުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ. ނަމަވެސް އަޑުއެހުމެއްގައި އެއްފަހަރާ ބައިވެރިވެވޭނީ 5 (ފަހެއް) މީހުންނަށެވެ.

 

37 ވަނަ މާއްދާ -  މައްސަލައާގުޅޭ ލިޔެކިޔުން ބަދަލުކުރުން

(ހ)

  1. މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ ލިޔެކިޔުން ބަދަލުކުރެވޭނެއެވެ. ލިޔެކިޔުން ފޮނުވާނީ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށް، ނުވަތަ  އެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލަށް ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތަކަށެވެ.
  2. މިގޮތަށް ބަދަލުކުރެވޭ ލިޔެކިޔުން، މައްސަލައިގެ ހަސްމުން، ލިޔެކިޔުން ފޮނުވުމަށް ދީފައިވާ އެޑުރެހަށް ނުވަތަ އީމެއިލަށް ފޮނުވުމުން ލިޔެކިޔުން ފޮނުވުނީކަމުގައި ބެލެވޭނެއެވެ.

(ށ) ހިނގަމުންދާ މައްސަލައެއްގެ ލިޔެކިޔުން ދޫކުރުމަށްފަހު އެއްވެސް ސަބަބަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތަކަށް ކުރިން ދޫކޮށްފައިވާ ލިޔުމެއްގެ ކޮޕީއެއް ބޭނުންވެގެން އެދިއްޖެނަމަ، ސަފުހާއަކަށް 2 (ދޭއް) ރުފިޔާގެ އިދާރީ ފީއެއް ދެއްކުމުން އެ ލިޔުމެއް ދޫކުރެވޭނެއެވެ.

 

38 ވަނަ މާއްދާ -  އިބްތިދާއީ ބައްދަލުވުން

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް އަޑުއެހުން ބޭއްވުމުގެކުރިން މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި، ގާނޫނީ އަދި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް ޓްރައިބިއުނަލްގެ ރަޖިސްޓްރަރއަށް ނުވަތަ ރަޖިސްޓްރަރގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތަކަށް އިބްތިދާއީ ބައްދަލުވުމެއް ބޭއްވުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) އިބްތިދާއީ ބައްދަލުވުމުގައި އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުން ދެފަރާތާ ބަދަލުކުރުން.
  2. މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހަމަކޮށް، މައްސަލައާ ގުޅުމެއްނެތް ލިޔުންތައް އުނިކުރުން.
  3. މައްސަލައިގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތައް އިސްކަންދޭ ތަރުތީބުން ލިސްޓުކުރުން.
  4. ހެކިބަސް ދޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ ހެކިބަހުން ސާބިތުކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ނެގުން.
  5. މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކަނޑައަޅައި ތާވަލުކުރުން.
  6. މި މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އިބްތިދާއީ ބައްދަލުވުމުގައި ހުށަނާޅާ ލިޔެކިޔުންތަކާއި ހެކިތައް މައްސަލަ ބަލާ މަރުހަލާގައި ބަލައިނުގަނެވޭނެކަން އެންގުން.
  7. މިނޫންވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން.
  8. ބަދަލު ނުވަތަ ވަކީލުން ހަމަޖެސުމާމެދު ގޮތެއް ނިންމުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިބްތިދާއީ ބައްދަލުވުމެއް ބާއްވައިފިނަމަ، އެ ބައްދަލުވުމަށްފަހު ހުށަހަޅާ ހެއްކެއް ނުވަތަ މައުލޫމާތެއް ބަލައިގަނެވޭނީ، އެ ހެކީގެ ބާވަތަށާއި، މައްސަލައާ ގުޅުންހުރި މިންވަރަށާއި، އެ ހެއްކެއް ނުވަތަ މައުލޫމާތެއް އިބްތިދާއީ ބައްދަލުވުމުގެ މަރުހަލާގައި ހުށަހަޅައިފައިނުވާ ސަބަބަށް، މައްސަލަ ބަލާ ބެންޗުން ރިއާޔަތްކުރުމަށްފަހުގައެވެ.

 

އަށްވަނަ ބާބު

ބަޔާން ބަދަލުކުރުމާއި އަޑުއެހުންތައް ބޭއްވުން

39 ވަނަ މާއްދާ -  ބަޔާން ބަދަލުކުރުން

(ހ) މައްސަލައެއް ހުށަހެޅިފައިވާކަން ޓްރައިބިއުނަލުން އަންގާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ފޯމު ހުށަހަޅަންޖެހޭނެއެވެ.

(ށ) އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމު ޓްރައިބިއުނަލުން އިސްތިއުނާފުކުރި ފަރާތަށް ފޮނުވާ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބަޔާން ހުށަހަޅަންވާނެއެވެ.

(ނ) އިސްތިއުނާފުކުރާ ފަރާތުގެ ބަޔާން ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބު ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހަޅާ ބަޔާންތަކުގެ އިތުރުން، އިތުރު ބަޔާނެއް ހުށަހެޅުމަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ، ބަޔާން ހުށަހެޅުމަށް އެދޭ ސަބަބުތަކަށް ރިއާޔަތްކޮށް މައްސަލަ ބަލާ ބެންޗުން ގޮތެއް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާން ހުށަހެޅުމަށް ކަނޑައަޅައިފައިވާ މުއްދަތުތަކުގައި، ބަޔާނާއި އެއާގުޅޭ ލިޔެކިޔުންތައް ހުށަނާޅައިފިނަމަ، ބަޔާން ހުށަހެޅުމުގެ ފުރުސަތު ދޫކޮށްލީކަމަށް ބަލައި، މައްސަލަ ކުރިއަށްގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ޅ) ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތުގައި ބަޔާން ހުށަނޭޅިކަމަށްވިޔަސް، އަޑުއެހުންތައް ފަށާނެއެވެ. އަޑުއެހުމުގައި ވާހަކަ ދައްކަން ދެވޭ ވަގުތުގައި ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ލިޔުމުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

40 ވަނަ މާއްދާ -  ބަޔާން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން ނުވަތަ އިތުރު ފުރުސަތުދިނުން

(ހ) މި ގަވާއިދުގެ 39 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުތަކުގައި މަގްބޫލު އުޒުރެއްގެ ސަބަބުން ބަޔާން ހުށަނޭޅިއްޖެނަމަ، އިތުރު ފުރުސަތަކަށް ނުވަތަ މުއްދަތު އިތުރުކުރުމަށް ހުށަހެޅިދާނެއެވެ. ނަމަވެސް ހުރިހާ ބަޔާނަށް އިތުރުކޮށްދެވޭނީ އެންމެ ފުރުސަތެކެވެ.

(ށ) މިގޮތުން އިތުރު ފުރުސަތުގެ ގޮތުގައި ދެވޭނީ ބަންދުދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހެވެ.

 

41 ވަނަ މާއްދާ -  އަޑުއެހުން ތާވަލުކުރުން

(ހ) މި ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ބަޔާން ބަދަލުކޮށް ނިމުމުން، އަޑުއެހުމެއް ތާވަލުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ލިޔުމުން ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތުގައި ހުށަހަޅައިފައިނުވިނަމަވެސް، އަޑުއެހުންތައް ތާވަލުކޮށް ކުރިއަށްގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ -  އަޑުއެހުމެއްގައި ބައިވެރިވުން

(ހ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކަށް އަޑުއެހުމުގައި ބައިވެރިވެވިދާނެއެވެ.

(ށ) ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އާންމުކޮށް ހުޅުވައިނުލައެވެ. ނަމަވެސް، ދެ ފަރާތުގެ މަސްލަހަތަށް ރިއާޔަތްކޮށް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށްގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އަޑުއެހުމުގައި ވަކި ފަރާތަކަށް  ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު ރިޔާސަތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަރާތަކަށް ބައިވެރިވެވޭނީ ހަމައެކަނި އަޑުއެހުމަށެވެ.

 

43 ވަނަ މާއްދާ -  ޓެކްސް ދައްކާ ފަރާތްތަކާއި މީރާގެ ޒިންމާ

ޓެކްސް ދައްކާ ފަރާތުންނާއި މީރާއިން ތިރީގައިވާ ކަންކަމުގައި ޓްރައިބިއުނަލަށް އެއްބާރުލުން ދޭންވާނެއެވެ.

(ހ) ޓެކްސް ދައްކާ ފަރާތުންނާއި މީރާއިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭ އަޑުއެހުމެއްގައި އެ ފަރާތްތަކުން ދޭ މައުލޫމާތާއި ހުށަހަޅާ ލިޔެކިޔުންތަކުގެ ހަގީގަތް ހޯދައި ބެލުމުގައި؛ އަދި

(ށ) އަޑުއެހުމެއްގައި ދޭ ހެކިބަސް ދޭންޖެހޭނީ، އެ ދޭ ހެކިބަހަކީ ތެދު މައުލޫމާތުކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ އިގުރާރެއްގައި ސޮއިކޮށް ނުވަތަ ހުވާކޮށްފައެވެ. މި އިގުރާރުގައި ނުވަތަ ހުވާގައި ތެދު ނޫން މައުލޫމާތެއް ދީގެންނުވާނެއެވެ.

 

44 ވަނަ މާއްދާ -  އަޑުއެހުން ފެށުން

ރިޔާސަތު ބަލަހައްޓާ ފަރާތުން އަޑުއެހުމެއް ފަށާއިރު އެ އަޑުއެހުމާ ގުޅުންހުރި ނުކުތާތައް ފާހަގަކުރަންވާނެއެވެ.

 

45 ވަނަ މާއްދާ -  އަޑުއެހުން ކުރިޔަށް ގެންދިއުމުގައި ރިޔާސަތަށް ލިބިގެންވާ ބާރު

ޓްރައިބިއުނަލްގެ އަޑުއެހުމެއް ކުރިއަށް ގެންދިއުމުގައި ތިރީގައިވާ ކަންތައްތައް ކުރުމުގެ ބާރު ރިޔާސަތަށް ލިބިގެންވެއެވެ.

  1. އަޑުއެހުން އަވަހަށް ކުރިއަށް ގެންދާނެ ގޮތެއް ރޭވުން؛
  2. އަޑުއެހުމުގެ ޓްރާންސްކްރިޕްޓް ނެގުން ނުވަތަ ރިކޯޑުކުރުން؛
  3. މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުން؛
  4. މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތު ހޯދަން އެދުން؛
  5. ޓެލެފޯން ނުވަތަ ވެބްކޮންފަރެންސިންގ ނުވަތަ ޓެލެކޮންފަރެންސިންގ ނުވަތަ އެނޫންވެސް ގުޅުންހުރި ޓެކްނޮލޮޖީ އަޑުއެހުމަކަށް ބޭނުންވާނަމަ އެކަން ކަނޑައެޅުން؛
  6. އަނގަބަހުން ދޭ ބަޔާން ލިޔުމުން ދޭން ބުނުން؛
  7. ހެކި ވަޒަންކުރުމާބެހޭ މިންގަނޑުތައް ކަނޑައެޅުން؛ އަދި
  8. މައްސަލައިގެ އަޑުއެހުންތައް ނިމުމުން، މައްސަލަ ނިންމުމުގެ ކުރިން ހުލާސާ ބަޔާން ހުށަހެޅުމަށް އެންގުން.

 

46 ވަނަ މާއްދާ -  ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް

ޓްރައިބިއުނަލްގައި މައްސަލަ ބަލައި ވާހަކަ ދައްކާނީ ދިވެހިބަހުންނެވެ. ދިވެހިބަސް ފިޔަވައި އެހެން ބަހަކުން އަޑުއެހުމުގައި ވާހަކަ ދައްކަން ބޭނުންވާނަމަ، ތަރުޖަމާކުރުމުގެ ކަންތައްތައް ހަމަޖައްސާނީ އެ ފަރާތަކުންނެވެ.

 

47 ވަނަ މާއްދާ -  އެއްގޮތް މައްސަލަތަކެއްގެ އަޑުއެހުންތައް އެކުގައި ބޭއްވުން

(ހ) މައްސަލަ ހުށަހެޅީ އެއް ފަރާތަކުން ނުވަތަ ހުށަހެޅި ފަރާތް ތަމްސީލުކުރަނީ އެއް ފަރާތެއްނަމަ، ހުށަހަޅައިފައިވާ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ޓްރައިބިއުނަލުން ބަލަމުންގެންދާއިރު މައްސަލައިގެ ހަސްމުން އިއުތިރާޒު ނުކުރާނަމަ ތިރީގައިވާ ހާލަތްތަކުގައި އެ މައްސަލަތަކުގެ އަޑުއެހުން އެކުގައި ގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

  1. ގާނޫނީ ގޮތުން އެއްގޮތް ނުކުތާތަކެއް ހިމެނޭ މައްސަލަތަކަކަށްވުން؛
  2. އެއްބާވަތެއްގެ މުއާމަލާތްތަކެއް ހިމެނޭ މައްސަލަތަކަކަށްވުން.

(ށ) ޓްރައިބިއުނަލުން ކަނޑައަޅާ އުސޫލެއްގެ މަތިން، އެއް މައްސަލައަށްވުރެ ގިނަ މައްސަލަ އެއްކޮށް ނުވަތަ އެއް މައްސަލަ ނިންމައި އަނެއް މައްސަލަ ބެލުން ނުވަތަ ވަކި މައްސަލައެއް ނިމެންދެން މައްސަލައެއް ފަސްކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ -  އަޑުއެހުން ފަސްކުރުން

(ހ) މަގްބޫލު ސަބަބަކާއެކު، އަޑުއެހުންތައް ނުވަތަ އަޑުއެހުމެއް ފަސްކުރަން ހަސްމަކު އެދެފިނަމަ، ކޮންމެ ފަރާތަކަށްވެސް 1 (އެކެއް) ފުރުސަތު ލިބޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފުރުސަތުގެ އިތުރުން، އަޑުއެހުމެއް ފަސްކުރަން އެދެފިނަމަ، އެ ހުށަހެޅުމަކަށް ރިއާޔަތްކޮށް އިތުރު ފުރުސަތު ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ -  ގައިރު ހާޒިރުގައި އަޑުއެހުން ބޭއްވުން

ތިރީގައިވާ ހާލަތްތަކުގައި ޓްރައިބިއުނަލުން މައްސަލައަކާ ގުޅުންހުރި ފަރާތެއްގެ ގައިރު ހާޒިރުގައި އަޑުއެހުމެއް ބޭއްވިދާނެއެވެ.

  1. ހާޒިރުވުމުގެ އެންގުން ރައްދުވެ، މަގްބޫލު އުޒުރެއްނެތި މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވުން؛
  2. އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ގައިރު ހާޒިރުގައި އަޑުއެހުން ކުރިއަށް ގެންދިއުމަށް ޓްރައިބިއުނަލަށް ފެނުން؛ އަދި
  3. މައްސަލައާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން.

 

50 ވަނަ މާއްދާ -  ހެކިބަސް ނެގުމާއި ހެކި ހުށަހެޅުން

(ހ) މައްސަލައިގެ އަޑުއެހުމެއްގައި އަނގަބަހުން ހެކިބަސް ނެގުމުގެ އިހުތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން އަނގަބަހުން ނެގޭ ހެކިބަސް މަހްޒަރު ކުރަންވާނެއެވެ.

(ށ) މައްސަލައިގެ ހަސްމަކު ސޮއިކޮށްފައި ހުށަހަޅާ ލިޔުމަކުން ހެކި ހުށަހެޅިދާނެއެވެ. ލިޔުމުގައި ސޮއިކޮށްފައިވާ ފަރާތް ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގުމުން ހާޒިރުނުވެއްޖެނަމަ އެ ލިޔުން ޓްރައިބިއުނަލުން ގަބޫލުކުރުމާއި ނުކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) އަޑުއެހުމެއްގައި ލިޔެކިޔުމެއް ހުށަހަޅާނަމަ، ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. އިސްތިއުނާފުކުރާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން އެ ލިޔެކިޔުމެއް ޓްރައިބިއުނަލުން ކަނޑައަޅާ މުއްދަތުގައި ހުށަހެޅުން؛
  2. އެ ލިޔެކިޔުމެއްގައި ސޮއިކޮށް ތާރީހުޖަހާފައި އޮތުން؛ އަދި
  3. އަމިއްލަ ފަރުދެއްނަމަ އިނގިލީގެ ނިށާން ނުވަތަ ގާނޫނީ ށަހްސެއްނަމަ އެތަނެއްގެ ސިއްކަޖަހާފައި އޮތުން.

(ރ) މީރާއަށް އިއުތިރާޒުކުރި މަރުހަލާގައި ހުށަހަޅައިފައިނުވާ އައު ހެއްކާއި އައު ދިފާއުތައް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލައިގެ ދެ ހަސްމުންނަށްވެސް ލިބިގެންވެއެވެ.

(ބ) މައްސަލައެއްގެ އަޑުއެހުމެއްގައި ހެކި ދިނުމުގެ އުސޫލުތައް، މި މާއްދާގެ އެއްވެސް އަކުރަކާ ތައާރުޒުނުވާ ގޮތުގެމަތިން، ކަނޑައެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - އިޖުރާއީ ނުކުތާ ނެގުން

(ހ) މައްސަލައެއްގައި މައުޒޫއީގޮތުން އަޑުއެހުންތައް ފެށުމުގެކުރިން އިޖުރާއީ ނުކުތާއެއް އޮތްނަމަ އެކަން ހުށަހަޅަންވާނެއެވެ.

(ށ) މައުޒޫއީގޮތުން އަޑުއެހުންތައް ފަށަންވާނީ އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

(ނ) މައުޒޫއީގޮތުން އަޑުއެހުންތައް ކުރިއަށް ދަނިކޮށް އިޖުރާއީ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، މައުޒޫއީގޮތުން ކުރިއަށްގެންދަންވާނީ އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމަށްފަހުގައެވެ.

(ރ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހުށަހަޅާ ދަފްއެއް ސާބިތުކުރުމަކީ އެ ދަފްއެއް ކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

 

52 ވަނަ މާއްދާ ާ - ލިޔެކިޔުމާއި ތަކެތި ހުށަހެޅުމަށް ފޮނުވާ އަމުރު

(ހ) މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ލިޔެކިޔުމާއި ތަކެތި ޓްރައިބިއުނަލަށް ހުށަހެޅުމަށް އަމުރެއް ފޮނުވުމުގެ އިހުތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރެފައިވާ އަމުރު ރައްދުވާ ފަރާތުން އެ އަމުރަށް ތަބާވުމަށް އިންކާރު ކުރާނަމަ، ޓްރައިބިއުނަލުން އެ އަމުރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތި ހޯދުމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އިދާރާއަކަށް އަމުރެއް ފޮނުވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވޭ އަމުރެއްގައި އެ އަމުރު ފޮނުވުނު ސަބަބު ހުލާސާކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

53 ވަނަ މާއްދާ - ވަގުތީގޮތުން އަޑުއެހުން މެދުކަނޑައިލުން

ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައެއް ވަގުތީގޮތުން މެދުކަނޑައިލަން ށަރުއީ ކޯޓަކުން ކަނޑައަޅައިފިނަމަ، އެ މައްސަލައިގެ އަޑުއެހުންތައް ވަގުތީގޮތުން މެދުކަނޑައިލެވޭނެއެވެ.

 

54 ވަނަ މާއްދާާ - މަސްލަހަތު ފުށުއެރުން

(ހ) ޓްރައިބިއުނަލްގެ މައްސަލަ ބަލާ ބެންޗުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްނަމަ، އެކަން މެންބަރުންނަށް އެންގުމަށްފަހު އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލުވާންވާނެއެވެ.

(ށ) ތިމާގެ ކަމުގެ ސަބަބުން ޓްރައިބިއުނަލްގެ މެންބަރުންނަށް ތިރީގައިވާ ފަރާތްތަކުގެ މައްސަލަތަކުން ތަނާޒުލުވާންޖެހޭނެއެވެ.

  1. ބައްޕައާއި، ދޮންބައްޕަ
  2. މަންމައާއި، ދޮންމަންމަ
  3. ދަރިންނާއި، ދޮންދަރިން
  4. ކާފައިންނާއި، މާމައިން
  5. އަނބިން، ފިރިން
  6. އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި އުހުތުންނާއި، އެމީހުންގެ ދަރިން
  7. ދެބެންގެ ދެދަރި މީހުން
  8. ޅީދަރިންނާއި، ދަނބިދަރިން
  9. ބަފާކަލޭގެއާއި، މައިދައިތ
  10. ޅިޔަން، ފަހަރިން

(ނ) މި މާއްދާގެ (ށ) ގައިވާ ފަރާތްތައް ފިޔަވައި، ތިރީގައިވާ ފަރާތްތައް ހިމެނޭ މައްސަލަތަކުން ޓްރައިބިއުނަލްގެ މެންބަރުން ތަނާޒުލުވާންޖެހޭނެއެވެ.

  1. ވިޔަފާރީގެ ނުވަތަ އެނޫންވެސް އަމިއްލަ މަސްލަހަތެއް އޮންނަ މީހުން.
  2. ޓްރައިބިއުނަލްގެ މެންބަރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅޭއިރު، އެ މައްސަލައަކީ، ރައްޓެހިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން މެންބަރާ ގާތްގުޅުމެއް ހުރި މީހެއް ނުވަތަ ފަރާތެއްގެ މައްސަލައެއް ކަމަށްވުން.

(ރ)

  1. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ޓްރައިބިއުނަލްގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން އަންގާނީ ޓްރައިބިއުނަލްގެ ރައީސަށެވެ.
  2. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ޓްރައިބިއުނަލްގެ ރައީސަށް މެދުވެރިވެއްޖެނަމަ، އެކަން އަންގާނީ ޓްރައިބިއުނަލްގެ ނައިބު ރައީސަށެވެ.
  3. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ޓްރައިބިއުނަލްގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން ޓްރައިބިއުނަލްގެ ރައީސަށް އެންގުމުން، މައްސަލައިގެ ބެންޗަށް މެންބަރުން އައްޔަނުކުރުމުގެ މަޖިލީހުގައި ރައީސް އެކަން އެހެން މެންބަރުންނާ ހިއްސާ ކުރަންވާނެއެވެ.

(ބ) ޓްރައިބިއުނަލްގެ އަޑުއެހުމެއްގައި މި މާއްދާގެ (ށ) އާއި (ނ) ގައި ހިމެނޭ ކަމެއް މައްސަލައިގެ ހަސްމަކު ފާހަގަކޮށްފިނަމަ، އެކަމުގައި ގޮތެއް ނިންމާނީ، މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިންނެވެ.

 

55 ވަނަ މާއްދާާ - އަޑުއެހުމެއް ނިންމުން

އަޑުއެހުން ނިންމުމުގައި ހުލާސާކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދެފަރާތަށްވެސް ދެވޭނެއެވެ.

 

ނުވަވަނަ ބާބު

ޓްރައިބިއުނަލަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތް

56 ވަނަ މާއްދާާ - ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގުން

(ހ) އެއްވެސް ފަރާތެއް ޓްރައިބިއުނަލަށް ހާޒިރުކުރަން ބޭނުންވެއްޖެނަމަ، "ޓްރައިބިއުނަލަށް ހާޒިރުވުމުގެ އެންގުން" އެ ފަރާތަށް ފޮނުވަންވާނެއެވެ.(ށ) ޓްރައިބިއުނަލުން އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ޓްރައިބިއުނަލުން އަންގާ އެންގުމެއް ފޮނުވާނީ ލިޔުމުންނެވެ.

(ނ) ޓްރައިބިއުނަލުން އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޓްރައިބިއުނަލުން ސުވާލުކުރުމަށް ނުވަތަ ބަޔާނެއް ހޯދުމަށް ނުވަތަ ލިޔެކިޔުން ހުށަހެޅުމަށް ހާޒިރުވުމުގެ އެންގުން އެއްވެސް ފަރާތަކަށް ފޮނުވަންވާނީ، އެ އެންގުމުގައި ޓްރައިބިއުނަލަށް ހާޒިރުވުމަށް ކަނޑައަޅައިފައިވާ ދުވަހުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިންނެވެ.

(ރ) މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށް ބެލުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރުމުއްދަތެއް ދިނުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ:-

  1. ހާޒިރުވާންވީ މީހާގެ ނަން؛
  2. ހާޒިރުވާންވީ މީހާގެ ދާއިމީ އަދި އެންގުން ފޮނުވަންވީ އެޑްރެސް؛
  3. ހާޒިރުވާންވީ ތަން؛
  4. ހާޒިރުވާންވީ ދުވަހާއި ގަޑި؛
  5. ހާޒިރުވާންޖެހޭ ސަބަބު؛ އަދި
  6. ހާޒިރުވާއިރު ގެންނަންޖެހޭ ތަކެތި.

(ޅ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގުމެއް ފޮނުވާއިރު އެ އެންގުމަށް ހާޒިރުނުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި، ހާޒިރުވެވެން ނެތްނަމަ އަމަލުކުރަންޖެހޭގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ކ) އުސޫލެއްގެ ގޮތުން ޓްރައިބިއުނަލަށް ހާޒިރުކުރެވޭނީ ރަސްމީ ގަޑިތަކުގައެވެ. ނަމަވެސް، އަވަސް މައްސަލައެއް ނުވަތަ ވަގުތުން ވަގުތަށް މައްސަލައެއް ނިންމަންޖެހިއްޖެ ހާލަތެއްގައި ނުރަސްމީ ގަޑިތަކުގައި އަޑުއެހުން ބޭއްވުމުގެ އިހުތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(އ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގުން ފޮނުވޭ ފަރާތުން އެންގުމާ ހަވާލުވެ، އެ އެންގުމުގައިވާ ގޮތުގެމަތިން އަމަލުކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ.

(ވ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުމުގެ ނުފުށުގައި، ހާއްސަ އެންގުމެއްގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޓްރައިބިއުނަލަށް ހާޒިރުވުމަށް ކަނޑައަޅައިފައިވާ ތާރީހާއި ގަޑިއަށް، އެންގުމުގައި ކަނޑައަޅައިފައިވާ ތަނަށް ހާޒިރުވެ ލަސްނުކޮށް އެ އެންގުން ކަމާބެހޭ މުވައްޒަފާ ހަވާލުކުރަންވާނެއެވެ.
  2. ޓްރައިބިއުނަލަށް ހާޒިރުވުމަށްފަހު ހުއްދަނެތި ބޭރަށް ދިއުމަކީ މަނާކަމެކެވެ.
  3. ހާޒިރުވުމަށް އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ ތާރީހަށާއި ގަޑިއަށް ހާޒިރުވެވެން ނެތްނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  4. ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުމުގައި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކާމެދު މި ގަވާއިދުގައިވާ ގޮތުގެމަތީން އަމަލުކުރެވޭނެއެވެ.
  5. ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުމުގައި ހާޒިރުވާންޖެހޭ މީހާ ނުހިފައިފިނަމަ ނުވަތަ އެންގުމާ އެ ފަރާތުން ހަވާލުނުވެއްޖެނަމަ ނުވަތަ އެންގުން ރައްދުވެ، އެންގުމުގައިވާ ތާރީހަށާއި ގަޑިއަށް މަގްބޫލު އުޒުރެއްނެތި ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާ ނުވަތަ 57 ވަނަ މާއްދާގެ ދަށުން އަމަލުކުރެވޭނެއެވެ.

(މ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުމުގެ ނުފުށުގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރަށް ހާޒިރުވާންޖެހޭ ފަރާތަށް ކޮންމެހެން އެނގެންޖެހޭނެކަމަށް ޓްރައިބިއުނަލަށް ފެންނަ މައުލޫމާތު ހިމަނަންވާނެއެވެ.

 

57 ވަނަ މާއްދާާ - ޓްރައިބިއުނަލަށް ހާޒިރުވުން

(ހ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުން ލިބޭ ކޮންމެ ފަރާތަކުން އެ އެންގުމުގައި ކަނޑައެޅިފައިވާ ތާރީހަށާއި ގަޑިއަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާޒިރުވުމުގެ އެންގުން ލިބި، މަގްބޫލު އުޒުރެއްނެތި އެ އެންގުމުގައިވާ ވަގުތަށް މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

(ނ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން  ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުމުގައި ނުހިފައިފިނަމަ ނުވަތަ އެންގުން ލިބި މަގްބޫލު އުޒުރެއްނެތި އެ އެންގުމުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 95 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

 

58 ވަނަ މާއްދާާ - ހާޒިރުވުމަށް އަންގާ އެންގުމުގައި ނުހިފުން ނުވަތަ އެންގުން ލިބި މަގްބޫލު އުޒުރެއްނެތި ހާޒިރުނުވުން ނުވަތަ ދީފައިވާ އެޑްރެހުގައި ނޫޅުން

(ހ) ޓްރައިބިއުނަލަށް ހާޒިރުވުމަށް އިސްތިއުނާފުކުރާ ފަރާތަށް އެންގުމެއް ފޮނުވުމުން،   އެ އެންގުމާ ހަވާލުނުވެއްޖެނަމަ، ނުވަތަ ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ، ނުވަތަ ހާޒިރުވުމުގެ އެންގުން ލިބި މަގްބޫލު އުޒުރެއް ނެތި، ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލައެއް ބާތިލު ކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ޓްރައިބިއުނަލަށް ހާޒިރުވުމަށް މައްސަލަ ރައްދުވާ ފަރާތަށް އެންގުމެއް ފޮނުވުމުން، އެ އެންގުމާ ހަވާލުނުވެއްޖެނަމަ، ނުވަތަ އެ އެންގުން ލިބި މަގްބޫލު އުޒުރެއްނެތި ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، ގައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ މި މާއްދާގެ (ހ) ގެ ދަށުން ބާތިލު ކުރެވޭ މައްސަލައެއް، ހުށަހެޅުމަށް ގާނޫނުން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އިދާރީ ފީ އެއްގެ ގޮތުގައި 500 (ފަސްސަތޭކަ ރުފިޔާ) ދައްކައި އަލުން ހުށަހެޅިދާނެއެވެ.

 

59 ވަނަ މާއްދާ -  ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން

(ހ)

  1. ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުން ލިބިފައިވަނިކޮށް، މަގްބޫލު އުޒުރެއް ދިމާވުމުގެ ސަބަބުން އެންގުމުގައި ހާޒިރުވުމަށް އަންގައިފައިވާ ތަނަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އެންގުމުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.
  2. ހާޒިރުވެވެން ނެތްކަން އަނގަބަހުން އަންގާނަމަ، ހާޒިރުނުވެވުނު ސަބަބު ބަޔާންކޮށް ގިނަވެގެން ސަރުކާރު ބަންދު ނޫން 1 (އެކެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަޑުއެހުމަށް ހާޒިރުނުވެވޭ ސަބަބު އަންގައިފައިނުވާނަމަ، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއް ކަމުގައި ކަނޑައަޅައި، މައްސަލަ ކުރިއަށްގެންގޮސް ގޮތެއް ނިންމުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން މަގްބޫލު އުޒުރެއްކަމަށް ބަލާނީ، ތިރީގައިވާ ކަންކަމުންކުރެ ކަމެއް މެދުވެރިވުމުންނެވެ.

  1. ތިމާ ހާޒިރުނުވެވޭފަދަ ބައްޔެއްވުން.
  2. ތިމާ ނުހުރެ ނުވާފަދަ މީހަކު ބައްޔެއްވުން.
  3. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު، ވައި އަދި އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން.
  4. މި ޓްރައިބިއުނަލަށް މަގްބޫލުކަމަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.

 

60 ވަނަ މާއްދާ -  މެޑިކަލް ސެޓުފިކެޓު ހުށަހެޅުން

(ހ) ޓްރައިބިއުނަލްގެ އަމުރަށް ހާޒިރުވެވެން ނެތް ސަބަބަކީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގެ 1 ނުވަތަ 2 ވަނަ ނަންބަރުގައިވާ ސަބަބުކަމަށްވާނަމަ، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބާއި މުއްދަތު ބަޔާންކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ)

  1. މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެޑިކަލް ސެޓުފިކެޓު މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެވުނު ދުވަހުން ފެށިގެން ގިނަވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
  2. މި މުއްދަތުގައި މެޑިކަލް ސެޓުފިކެޓު ހުށަނާޅައިފިނަމަ އަޑުއެހުމަށް ހާޒިރުވެފައިނުވަނީ މަގްބޫލު ސަބަބެއް ނެތިކަމަށް ބަލައި، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއް ކަމުގައި ކަނޑައެޅޭނެއެވެ.

 

61 ވަނަ މާއްދާ -  ކުންފުނި ނުވަތަ ގާނޫނީ ށަހްސަކަށް ހާޒިރުވުމުގެ އެންގުން ރައްދުކުރުން

(ހ) ހާޒިރުވުމުގެ އެންގުން ރައްދުވާ ފަރާތަކީ، ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެންވެސް މުއައްސަސާއެއް ކަމަށްވާނަމަ، އެ ތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އެންގުން ރައްދުކުރުމުން އެ ފަރާތަކަށް އެންގުން ރައްދުވީކަމަށް ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ހާޒިރުވުމުގެ އެންގުން، ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެންވެސް މުއައްސަސާއަކަށް ރައްދުކުރެވެން ނެތްނަމަ، އެ ތަނެއް ރަޖިސްޓަރީކުރެވިފައިވާ އެޑްރެހަށް ހާޒިރުވުމުގެ އެންގުން ރައްދުކުރުމުން، އެ ފަރާތަކަށް އެންގުން ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

 

62 ވަނަ މާއްދާ -  ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އެންގުން ރައްދުކުރުން

(ހ) ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތަށް ހާޒިރުވުމުގެ އެންގުން ހަވާލުކުރުމުން އެންގުން ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ށ) ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަހުގައިވެސް އެ މީހަކު ނުފެނިއްޖެ ހާލަތެއްގައި، ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކާ އެންގުން ހަވާލުކުރުމުން، ހާޒިރުވުމުގެ އެންގުން ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

  1. އެ މީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ހާޒިރުވުމުގެ އެންގުން ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ ހަވާލުކުރުން؛ ނުވަތަ
  2. ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ މީހާގެ ގާނޫނީ ވަކީލާ ހަވާލުކުރުން؛ ނުވަތަ
  3. ބަދަލުގައި އައްޔަނުކޮށްފައިވާ މީހާއާ އެންގުން ހަވާލުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހާޒިރުވުމުގެ އެންގުން ފޮނުވާނީ މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތަށް، ނުވަތަ އެ ފަރާތުން ކަނޑައަޅައިފައިވާ ފަރާތަކަށެވެ.

(ނ) ހާޒިރުވުމުގެ އެންގުން ހަވާލުކުރި ފަރާތާއި، ހަވާލުވި ފަރާތް އެންގުމުގެ އަސްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ.

 

63 ވަނަ މާއްދާ -  ބަންދުގައި ނުވަތަ ޖަލުގައި ތިބޭ މީހުންނަށް އެންގުން ރައްދުކުރުން

(ހ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އެންގުން ފޮނުވާނީ، އެ މީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކަށެވެ.

(ށ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އެންގުމެއް ފޮނުވުމުން، އެ މީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކުން އެ މީހަކަށް އެކަން އަންގައި، އެންގުމުގައިވާ ތާރީހަށާއި ގަޑިއަށް އެ މީހަކު ޓްރައިބިއުނަލަށް ހާޒިރުކޮށްދޭންވާނެއެވެ.

(ނ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ނުވަތަ ހާޒިރުވުމުގެ އެންގުމުގައިވާ ގަޑިއަށް އެންގުމުގައިވާ ތަނަށް ހާޒިރުކޮށްދިނުމަށް އެ މީހަކުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އުޒުރުވެރިވާނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އަމަލުކޮށް، އެންގުމުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން އެކަން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

 

64 ވަނަ މާއްދާ -  އެންގުން ރައްދުކުރާ ފަރާތް

ހާޒިރުވުމުގެ އެންގުން އާންމު ގޮތެއްގައި ޓްރައިބިއުނަލްގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައިވީނަމަވެސް، ޓްރައިބިއުނަލުން ކަނޑައަޅާ ހާލަތެއްގައި، އެއިރެއްގައި ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށްގެން ހާޒިރުވުމުގެ އެންގުން ރައްދުކުރެވިދާނެއެވެ.

 

65 ވަނަ މާއްދާ -  އެޑްރެސް ބަދަލުވުން

(ހ) ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ނުވަތަ އެއިން ފަރާތަކުން އައްޔަނުކޮށްފައިވާ ފަރާތެއްގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ބަދަލުވި އެޑްރެސް އެނގޭގޮތަށް، ލިޔުމުން އެކަން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެޑްރެސް ބަދަލުވިކަން ޓްރައިބިއުނަލަށް އަންގާފައިނުވާނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

66 ވަނަ މާއްދާ -  މައްސަލަ ހުށަހެޅިފައިވަނިކޮށް ހަސްމަކު ފުރައިގެން ދިއުން ނުވަތަ ހާޒިރުނުވެވޭފަދަ ހާލަތެއް މެދުވެރިވުން

(ހ) ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ އެއިން ފަރާތެއްގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވުމަށް އައްޔަނުކޮށްފައިވާ ފަރާތެއް ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދާންވާނީ މި ޓްރައިބިއުނަލްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ޓްރައިބިއުނަލަށް ހުށަހަޅާ ލިޔުމުގައި ރަށުން ބޭރަށް ދާންޖެހޭ ސަބަބާއި، ފުރަން ބޭނުންވާ ދުވަހާއި، އަނބުރާ އާދެވޭނެކަމަށް ލަފާކުރެވޭ ދުވަސް ބަޔާންކުރުމާއެކު، ފުރަން ބޭނުންވާ ދުވަހުގެ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަސް ކުރިން ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގެ ސަބަބުން މައްސަލަ ހިންގުމަށް ދަތިވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަމަށް އެދި ހުށަހަޅާ ފަރާތުގެ ބަދަލުގައި ހާޒިރުވާނެ އެހެން މީހަކު ހަމަޖެއްސުމަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ -  ވަކީލުންނާއި ބަދަލުގައި ހާޒިރުވާ ފަރާތްތަކުގެ ޗުއްޓީ

(ހ) ޓްރައިބިއުނަލްގައި ހިންގަމުންދާ މައްސަލަތަކުގައި ހާޒިރުވާ ވަކީލުންނާއި ބަދަލުގައި ހާޒިރުވާ ފަރާތްތަކުން ޓްރައިބިއުނަލްގެ މައްސަލަތަކަށް ހާޒިރު ނުވެވޭގޮތަށް ޗުއްޓީއަށް ދާނަމަ، ޗުއްޓީއަށް ދިއުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

(ށ) އެއްވަކީލަށްވުރެ ގިނަވަކީލުން އައްޔަނުކޮށްފައިވާ މައްސަލަތަކުގައި، ކޮންމެވެސް އެއްވަކީލަކު ހުންނަންވާނީ އަބަދުވެސް ޓްރައިބިއުނަލަށް ހާޒިރުވެވޭ ހާލަތުގައެވެ.

(ނ) ޓްރައިބިއުނަލްގެ ހުއްދަ ނުހޯދާ، މަގްބޫލު އުޒުރެއް ނެތި މައްސަލަތަކަށް ހާޒިރު ނުވެވޭ ގޮތަށް ޗުއްޓީއަށް ދިއުމަކީ، މި ގަވާއިދުގެ 95 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރެވޭނެކަމެކެވެ.

 

ދިހަވަނަ ބާބު

މައްސަލަ ބަލާ ބެންޗް

68 ވަނަ މާއްދާ -  މައްސަލަ ބަލާ ބެންޗް އެކުލެވިގެންވާގޮތް

ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށް އެކުލަވައިލެވިފައިވާ ބެންޗަކުންނެވެ.

 

69 ވަނަ މާއްދާ -  މައްސަލަ ބަލާ ބެންޗް އެކުލަވައިލުން

(ހ) ކޮންމެ ބެންޗެއްގައި މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ.

(ށ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ބެންޗް ކަނޑައަޅާނީ، މެންބަރުންގެ މަޖިލީހުންނެވެ. މައްސަލަ ބަލާ ބެންޗަށް މެންބަރުން ހަމަޖެއްސުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައިގެ ކުޑަބޮޑުމިން
  2. މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު
  3. ހޭދަވާނެ ވަގުތު
  4. ހަވާލުކުރެވޭ މައްސަލައިގެ ނިސްބަތަށް ބެލުން

 

70 ވަނަ މާއްދާ -  ބެންޗް ބަދަލުވުން

މައްސަލަ ބަލާ ބެންޗް ބަދަލުވެއްޖެނަމަ، މި ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަލުން ބެންޗް އެކުލަވައިލުމަށްފަހު، އިޖުރާއަތު ފުރިހަމަކުރުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ.

 

71 ވަނަ މާއްދާ -  މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު

(ހ) ޓްރައިބިއުނަލްގެ ރައީސް ހިމެނޭ ބެންޗެއްނަމަ، ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ.

(ށ) ޓްރައިބިއުނަލްގެ ރައީސް ނުހިމެނޭ، ޓްރައިބިއުނަލްގެ ނައިބު ރައީސް ހިމެނޭ ބެންޗެއްނަމަ، ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.

(ނ) ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ނުހިމެނޭ ބެންޗެއްނަމަ، ރިޔާސަތު ކަނޑައަޅާނީ ބެންޗުގައި ހިމެނޭ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

72 ވަނަ މާއްދާ -  މައްސަލައިގެ އަޑުއެހުން ބާއްވާނެ ތާރީހާއި ގަޑި

މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާގޮތަށް މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައިނުވާނަމަ، މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ތާރީހާއި ގަޑި ކަނޑައަޅާނީ، މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.

 

73 ވަނަ މާއްދާ -  މައްސަލައިގައި ހިމެނޭ ހަސްމެއްގެ ފަރާތަކުން ބެންޗާމެދު އިއުތިރާޒުކުރުން

(ހ) މައްސަލަ ބަލާ ބެންޗާމެދު ނުވަތަ މެންބަރަކު ބެންޗުގައި އިނުމަށް މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އިއުތިރާޒުކޮށް، އިއުތިރާޒުކުރާ އެކަށީގެންވާ ސަބަބު ބަޔާންކޮށް ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އިއުތިރާޒަކާމެދު ގޮތެއް ނިންމުމަށް ބާއްވާ މެންބަރުންގެ މަޖިލީހުގެ މަށްވަރާތަކުގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، އެ އިއުތިރާޒަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ މެންބަރަށް އެ އިއުތިރާޒާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

 

74 ވަނަ މާއްދާ -  ބެންޗުގެ ރައުޔު

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ ބެންޗުގެ ކޮންމެ މެންބަރަކަށް ފެނުނުގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މައްސަލައާ ގުޅޭގޮތުން، ފާހަގަކުރެވުނު ނުކުތާތަކާއި، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި، މައްސަލަ ބަލާ ބެންޗުގައި ދެފަރާތުންނާއި ހެކިން ދައްކާފައިވާ ވާހަކަތަކާމެދު ދެކޭގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނައިފައިވާ ކަންތައްތަކާއި، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ، ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލައިފައިވާ ކަންތައްތަކާއި، އެނޫންވެސް އެ މެންބަރަކަށް ފެންނަ މުހިންމު ނުކުތާތައް ބަޔާންކުރަންވާނެއެވެ.

(ށ) އަދި މިފަދަ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ ބެންޗުގެ ކޮންމެ މެންބަރަކަށް ފެނުނު ގޮތް ތަފާތުވާނަމަ، އެ ތަފާތުވި ރައުޔު ވަކީން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

އެގާރަވަނަ ބާބު

މައްސަލަ ބެލުމާއި ނިންމުން

75 ވަނަ މާއްދާ -  މައްސަލަ ނުވަތަ މައްސަލައިގެ ޖަވާބު އިސްލާހުކުރުމާއި ބަދަލު ގެނައުން

(ހ) ޓްރައިބިއުނަލަށް ބަލައިގެންފައިވާ މައްސަލައެއް އިސްލާހުކުރުމަށް ނުވަތަ ބަދަލު ގެނައުމަށް ހުށަހަޅައިފިނަމަ، ތިރީގައިވާ ކަންކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމުގެ އިހްތިޔާރު މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

  1. ކޮންމެހެން އޮންނަންޖެހޭ ބައެއް ކަމަށްވުން.
  2. އެ އިސްލާހަކީ މައްސަލަ ރަނގަޅަށް ނިންމުމުގައި ކޮންމެހެން ބޭނުން އިސްލާހަކަށްވުން.
  3. މައްސަލައިގެ އަސްލަށް ނުވަތަ ސީގާއަށް ނުވަތަ އެދޭ ގޮތަށް ބަދަލު އަންނަފަދަ ކަމަކަށްވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމެއްގެ ތަފުސީލު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

76 ވަނަ މާއްދާ -  މީހުން ހާޒިރުކުރުމާއި،   ހެކި ހޯދުމާއި، ހެކިންނާ ސުވާލުކުރުން

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ހުށަހެޅިފައިވާ މައްސަލައިގައި  ކަން ހިނގާފައިވާގޮތް ބަލައި، ކަމުގެ ހަގީގަތް ހޯދުމަށްޓަކައި، ޓްރައިބިއުނަލުން ބޭނުންވެއްޖެ ހިނދެއްގައި، ހެކިން ހާޒިރުކުރުމާއި، ލިޔެކިޔުން ހުށަހެޅުމަށް ދެ ފަރާތަށް އެންގުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ހެކިން ހާޒިރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތުން އެދެވިދާނެއެވެ.

  1. މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ހެއްކެއް ނުވަތަ މައުލޫމާތު ސާފުކުރަން ނުވަތަ ކަމެއް ސާބިތުކުރަން މީހަކު ހާޒިރުކުރަން ބޭނުންވެއްޖެނަމަ، މައްސަލައިގެ އަޑުއެހުމުގައި، އެ ފަރާތެއް ހާޒިރުކޮށްދިނުމަށް ބެންޗުގެ ރިޔާސަތަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެއެވެ؛ ނުވަތަ
  2. ހާޒިރުކުރަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއެކު ލިޔުމަކުން އެކަން ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހާޒިރުކުރެވޭ ހެކިން ހާޒިރުކުރުމަށް ހަރަދެއް ކުރަންޖެހިއްޖެނަމަ، އެ ހަރަދެއް ކުރަންޖެހޭނީ ހެކިން ހާޒިރުކުރަން އެދޭ ފަރާތުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހާޒިރުކުރެވޭ ކޮންމެ މީހަކާ، ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށާއި، މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

(ބ) މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތައް ނުވަތަ ހެކިންގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތްތައް މައްސަލައިގެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ކުރިން އަންނަނިވި ހުވާ ކުރުވުމުގެ އިހްތިޔާރު މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

"އަހުރެން، (ހެކިބަސްދޭ މީހާގެ ނަން) އާ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިނގަމުންދާ މި މައްސަލައިގައި، ކުރެވޭ އެންމެހައި ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދު ބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."

(ޅ) ހެކިބަސް ނެގުމުގައި ހެކިދޭމީހާއަކީ މާލެ ސިޓީން ބޭރުގައި ހުރި މީހެއްނަމަ، އޭނާގެ ހެކިބަސް އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

 

77 ވަނަ މާއްދާ - އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން

ޓްރައިބިއުނަލުން ބަލާ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ހުށަހެޅުމަށާއި، މައްސަލަ ރައްދުވާ ފަރާތުން އެ ފަރާތުގެ ދިފާއުގައި ވާހަކަ ދެއްކުމަށާއި، އެއިން ކޮންމެ ފަރާތަކުން ވަކީލަކު ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން މީހަކު ނުވަތަ އެ ފަރާތެއް ނިސްބަތްވާ ޖަމްއިއްޔާއެއް ނުވަތަ ޔޫނިއަންއެއްގެ މަންދޫބުން ބޭނުންކޮށްގެން މައްސަލައިގައި ކަންހިނގި ގޮތްކަމަށް އެ ފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެ ފަރާތުން އަމަލުކުރި ގޮތްކަމަށް   އެ ފަރާތުން ބުނާ ގޮތެއް ބަޔާން ކޮށްދިނުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

78 ވަނަ މާއްދާ -  އަޑުއެހުމަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން

(ހ) މައްސަލައެއްގެ އަޑުއެހުމެއްގައި އަނގަބަހުން ދެކެވޭ ވާހަކަތައް ރެކޯޑުކުރަންވާނެއެވެ. މައްސަލައެއްގެ އަޑުއެހުމެއްގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުންނާއި ހެކިބަސްދޭ ފަރާތްތަކުން ދައްކާ ވާހަކަތައް ލިޔުމުން ބަޔާނުގެ ގޮތުގައި ރެކޯޑުކުރަންވާނެއެވެ.  މިގޮތުން ރެކޯޑުކުރެވޭ ބަޔާނުގައި، ބަޔާންދޭ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، ސޮއި އަދި އިނގިލީގެ ނިށާން ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ ބަޔާން ބޭނުންވެގެން، ބަޔާންދޭ ފަރާތުން ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ ބަޔާނެއް ބެލޭނެ އިންތިޒާމު ޓްރައިބިއުނަލުން ހަމަޖައްސައިދެވޭނެއެވެ.

 

79 ވަނަ މާއްދާ -  ވަގުތީ އަމުރު

(ހ) ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ހާލަތަށް ރިއާޔަތް ކުރާއިރު، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް، މައްސަލަ ބަލާ ބެންޗަށް ފެނިއްޖެނަމަ، ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރު އޮންނަންވާނީ ލިޔުމުންނެވެ. މި ލިޔުމުގައި ވަގުތީ އަމުރު ނެރުނު ސަބަބާއި، އަމުރުގެ ތަފުސީލާއި، އަމުރު ދެމިއޮންނާނެ މުއްދަތާއި، އަމުރު ނެރުނު ބެންޗުގެ މެންބަރުންގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

(ނ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އަޑުއެހުމެއް ބޭއްވުމުގެ ކުރިން ވަގުތީ އަމުރެއް ނެރެން ޖެހިއްޖެނަމަ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

 

80 ވަނަ މާއްދާ -  މައްސަލައިގެ ނިންމުން

(ހ) ޓްރައިބިއުނަލުން ބަލާ ކޮންމެ މައްސަލައެއްގައިވެސް ނިންމުން ކަނޑައަޅަންވާނީ އެ މައްސަލައެއް ބެލި ބެންޗުގެ އަގުލަބިއްޔަތު ލިބޭގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާގޮތުގެ މަތީން ކަނޑައަޅަންޖެހޭ ނިންމުމާމެދު މައްސަލަ ބެލި ބެންޗުގެ ރައުޔު ތަފާތުވެއްޖެނަމަ، އެ ތަފާތުވި ރައުޔާއި ސަބަބު، މައްސަލައިގެ ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.

 

81 ވަނަ މާއްދާމައްސަލަ ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައް

(ހ) މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ދެ ފަރާތުގެ މަސްލަހަތާއި، ދެ ފަރާތުގެ ހައްގުތައް ރައްކާތެރިކޮށްދެވޭނޭ ގޮތްތަކަށް، އެ މައްސަލަ ބަލާ ބެންޗުން ރިއާޔަތް ކުރަންވާނެއެވެ.

(ށ) މައްސަލައިގެ އަޑުއެހުންތައް ނިންމުމަށްފަހު، ގާނޫނާއި ގަވާއިދުގެ އަލީގައި ރަނގަޅުކަމަށް ފެންނަ ގޮތަކަށް ބެންޗުން މައްސަލަ ނިންމަންވާނެއެވެ.

 

82 ވަނަ މާއްދާ -  މައްސަލައިގެ ނިންމުން އިއްވުން

ޓްރައިބިއުނަލުން މައްސަލައެއްގެ ނިންމުން އިއްވުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންޖެހޭނެއެވެ.

(ހ) މައްސަލައިގެ ނިންމުން ހުށަހަޅަންވާނީ އަޑުއެހުމެއްގައި ރިޔާސަތު ބަލަހައްޓާ މެންބަރެވެ؛

(ށ) އިއްތިފާގުވި ރައުޔު އިއްވަންވާނެއެވެ؛

(ނ) އަގުލަބިއްޔަތުގެ ރައުޔު އިއްވަންވާނެއެވެ؛

(ރ) ތަފާތުވި ރައުޔު އިއްވަންވާނެއެވެ؛

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައިވާ ރައުޔު އިއްވާއިރު ރައުޔު ބިނާވެފައިވާ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

 

83 ވަނަ މާއްދާ - މައްސަލައިގެ ނިންމުން ދޫކުރުން

ޓްރައިބިއުނަލުން މައްސަލައެއް ނިންމާ ތާރީހުގައި އެ މައްސަލައެއްގެ ނިންމުން މައްސަލައިގެ ހަސްމުންނަށް ދޫކުރަންޖެހޭނެއެވެ.

 

84  ވަނަ މާއްދާ - މައްސަލައިގެ ރިޕޯޓު ދޫކުރުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި، ޓްރައިބިއުނަލުން މައްސަލައެއް ނިންމާ ތާރީހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަންޖެހޭނެއެވެ.

(ށ) މި ގަވާއިދުގެ 51 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިޖުރާއީ ނުކުތާއާމެދު ނިންމުނު ގޮތުގެ ރިޕޯޓު ދޫކުރެވޭނީ، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ރިޕޯޓާއެކީގައެވެ.

(ނ) މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރެވޭނީ، އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ސަފުހާއަކަށް 2 (ދޭއް) ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.

(ރ) މައްސަލައެއް ނިންމާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުލާސާ ރިޕޯޓު ޓްރައިބިއުނަލްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ހައިކޯޓުގައި އިސްތިއުނާފުކުރުން

(ހ) ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުމެއް ނިންމައިފައިވަނީ، ށަރުއީ ނުވަތަ ގާނޫނީ އުސޫލަކާ ހިލާފަށް ނުވަތަ، ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކަށް ގަބޫލުކުރެވޭނަމަ، އެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރި ނަމަވެސް، މަތީ މަރުހަލާގެ ކޯޓަކުން ޓްރައިބިއުނަލްގެ އެ ނިންމުން ބަދަލުނުކުރާހައި ހިނދަކު ނުވަތަ ބާތިލުނުކުރާހައި ހިނދަކު ނުވަތަ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހައި ހިނދަކު، ޓްރައިބިއުނަލްގެ ނިންމުމަކީ އެ މައްޗަށް އަމަލުކުރުން ލާޒިމު، އެންމެ ފަހުގެ ނިންމުމެވެ.

 

86 ވަނަ މާއްދާ - މަތީ މަރުހަލައިގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ޓްރައިބިއުނަލުން    މައްސަލަ ބެލުން

(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވި، އެ މައްސަލައަކީ ޓްރައިބިއުނަލަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް މަތީ މަރުހަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، މައްސަލަ ނިންމިއިރު އެ މައްސަލައެއް އަލުން ޓްރައިބިއުނަލަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި ނުވާނަމަ،    އެ ކޯޓުން އެގޮތަށް ކަނޑައެޅި ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވުމަށްފަހު،  މައްސަލަ އެ މުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި،  އެ ސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ޓްރައިބިއުނަލަށް ފެންނަނަމަ، އެކަމަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ހުށަހަޅަންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.

 

87 ވަނަ މާއްދާ - ޓްރައިބިއުނަލަށް ތަހްވީލުކުރާ މައްސަލަތައް ބެލުން

(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރެވި، މައްސަލައިގައި ކަން ހިނގާފައިވާގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައަޅައި ޓްރައިބިއުނަލަށް ތަހްވީލުކުރާ މައްސަލަ، ތަހްވީލުކުރެވުނުކަން  ޓްރައިބިއުނަލަށް އެންގުމުން، އެފަދަ މައްސަލައަށް އައު މައްސަލަ ނަންބަރެއް ދީ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރެވޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް ކަމުގައި ބަލާނީ، އެ މައްސަލައެއް ޓްރައިބިއުނަލަށް އިސްތިއުނާފުކުރި ފަރާތެވެ.

 

ބާރަވަނަ ބާބު

ދުރުން ހިދުމަތް ދިނުން

88 ވަނަ މާއްދާ - މައްސަލަތައް ދުރުން ކުރިޔަށް ގެންދިޔުން

(ހ) ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ދުރުން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުންތައް، އީމެއިލް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން، އެއީ     ޓްރައިބިއުނަލަށް ރަސްމީކޮށް ލިބިފައިވާ ލިޔެކިޔުމެއް ކަމުގައި ބެލޭނެއެވެ. އަދި ޓްރައިބިއުނަލްގެ ފަރާތުން ފޮނުވާ ސިޓީއާއި، އަމުރުތަކާއި އެހެނިހެން ލިޔެކިޔުން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުމުން، އެއީ ޓްރައިބިއުނަލުން ރަސްމީކޮށް ފޮނުވައިފައިވާ ލިޔުމެއް ކަމުގައި ބެލޭނެއެވެ.

 

89 ވަނަ މާއްދާ - ލިޔެކިޔުން ލިބިފައިވާކަން ކަށަވަރުކުރުން

މި ގަވާއިދުގެ 88 ވަނަ މާއްދާގެ ދަށުން، ޓްރައިބިއުނަލަށް ހުށަހަޅާ ލިޔެކިޔުންތައް ޓްރައިބިއުނަލަށް ލިބިފައިވާކަން ފޯނުން ގުޅައި ކަށަވަރުކުރަންވާނެއެވެ. އަދި ޓްރައިބިއުނަލުން ފޮނުވާ ލިޔެކިޔުންތައްވެސް އެ ފަރާތަށް ލިބިފައިވާކަން ފޯނުން ގުޅައި ކަށަވަރުކުރަންވާނެއެވެ.

 

90 ވަނަ މާއްދާ - ދުރުން ހިދުމަތް ދިނުން

(ހ) ޓްރައިބިއުނަލުން ފޯރުކޮށްދޭ ހިދުމަތަކީ، ޓްރައިބިއުނަލަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ނޫންކަމުގައިވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް، އީމެއިލް، ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)، ޓެކްސްޓް މެސެޖް، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ޓްރައިބިއުނަލުން ބާއްވާ މައްސަލައިގެ އަޑުއެހުންތައް އާންމުގޮތެއްގައި ދުރުން ކުރިއަށްގެންދާނީ Microsoft Teams، ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޓެލެކޮންފަރެންސިންގ ޕްލެޓްފޯމް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމަށް މައްސަލައިގެ ހަސްމުން ކުރެ ހަސްމެއް އުޒުރުވެރިވާނަމަ މަގްބޫލު ސަބަބެއް ބަޔާންކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - ދުރުން ބޭއްވޭ އަޑުއެހުން

މި ގަވާއިދުގެ 90 ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން އަޑުއެހުމެއް ކުރިއަށް ގެންދަން ރިޔާސަތުން ކަނޑައަޅައިފި ހިނދު؛

  1. އެ އަޑުއެހުމެއް ކުރިއަށް ގެންދާނީ ދުރުން ބޭއްވޭ އަޑުއެހުމެއްގެ ގޮތުގައެވެ.
  2. އެ އަޑުއެހުމެއް ހިނގަމުންދާ ވަގުތު އަޑުއެހުމުގައި ބައިވެރިވެފައިވާ ފަރާތްތައް އެތިބީ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެ އެއް މަޖިލީހެއްގައި ކަމުގައި ބެލެވޭނެއެވެ.
  3. ދުރުން ބޭއްވޭ އަޑުއެހުމަކަށް ހާޒިރުވުމަށް އެއްވެސް ފަރާތަކަށް ހާޒިރުވުމުގެ އެންގުމެއް ފޮނުވާނަމަ، އެ އެންގުމުގައި، މައްސަލައިގެ އެ އަޑުއެހުމަކީ ދުރުން ބޭއްވޭ އަޑުއެހުމެއްކަން ބަޔާންކޮށްފައި އޮންނާނެއެވެ. އަދި ދުރުން ބޭއްވޭ އަޑުއެހުމަށް ލޮގިން ވުމާގުޅޭ އިރުށާދު އަމުރާއެކު ފޮނުވަންވާނެއެވެ.
  4. ދުރުން ބޭއްވޭ އަޑުއެހުން ކުރިއަށް ގެންދާނީ، ޓްރައިބިއުނަލުން އެކުލަވައިލައިފައިވާ 'ދުރުން ހިދުމަތް ދިނުމުގެ އުސޫލު' ގައި ބުނާ ގޮތުގެ މަތިންނެވެ.
  5. ދުރުން ބޭއްވޭ އަޑުއެހުން އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މައްސަލައިގެ ހަސްމުން އުޒުރުވެރިވާނަމަ، މަގްބޫލު ސަބަބެއް އެ އަޑުއެހުމަކަށް ހާޒިރުވުމުގެ އެންގުން ލިބޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.

 

ތޭރަވަނަ ބާބު

އެހެނިހެން ކަންތައްތައް

92 ވަނަ މާއްދާ- މައްސަލަ ހުށަހެޅި ފަރާތް މަރުވުން

(ހ) ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއް ނުނިމެނީސް، މައްސަލަ ހުށަހެޅި މީހާ ނުވަތަ އެ މައްސަލައެއް ހުށަހެޅި އެންމެން މަރުވެއްޖެނަމަ، އެ މައްސަލައެއް ބާތިލުކުރެވޭނެއެވެ.

(ށ) މިގޮތުން ބާތިލު ކުރެވޭ މައްސަލައަކީ ވާރިސުންނަށް ހުށަހެޅިދާނެ މައްސަލައެއްނަމަ ވާރިސުން އެ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް އަލުން ބަލައިގަތުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

93 ވަނަ މާއްދާ - މައްސަލަ ހުށަހެޅި ފަރާތް އުވާލުން

ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއް ނުނިމެނީސް، މައްސަލަ ހުށަހެޅި ގާނޫނީ ށަހްސެއް، ށަރުއީ ކޯޓަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން އުވާލުމަށް ކަނޑައަޅައިފިނަމަ، އެ މައްސަލައެއް ބާތިލުކުރެވޭނެއެވެ.

 

94 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން

ޓްރައިބިއުނަލަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ، ޓްރައިބިއުނަލުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ޓްރައިބިއުނަލަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންމެހައި އެންގުންތަކާއި އަމުރުތަކަށް، އެ އެންގުމެއް ނުވަތަ އަމުރެއް ރައްދުވާ ފަރާތަކުން ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

 

95 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ހުރުމަތް ކަނޑައިލުން

(ހ) ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، ޓްރައިބިއުނަލްގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

  1. އަޑުއެހުމެއްގައި ބައިވެރިވާ ފަރާތަކުން މެންބަރަކަށް ހަޑިހުތުރުބަހުން މުއާމަލާތް ކުރުން.
  2. އަޑުއެހުމެއްގައި ބައިވެރިވާ ފަރާތަކުން އަޑުއެހުމުގައި ބައިވެރިވާ އެހެން ފަރާތަކަށް ހަޑިހުތުރުބަހުން މުއާމަލާތް ކުރުން.
  3. ގަސްދުގައި އަޑުއެހުން މެދުކަނޑައިލުމަށް މަސައްކަތްކުރުން.
  4. ޓްރައިބިއުނަލުން އަންގާ އެންގުންތަކަށް ތަބާނުވުން.
  5. ޓްރައިބިއުނަލްގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކަށް އިހްތިރާމް ނުކުރުން.
  6. މީގެއިތުރުންވެސް ޓްރައިބިއުނަލްގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކަމެއް މެދުވެރިވެއްޖެނަމަ، 2000 (ދެހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތް ޖޫރިމަނާކުރުމުގެ އިހުތިޔާރު ޓްރައިބިއުނަލަށް ނުވަތަ ރިޔާސަތަށް ލިބިގެންވެއެވެ.

 

96 ވަނަ މާއްދާ - ލިޔެކިޔުންތައް ބެލެހެއްޓުން

ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ އެންމެހައި ލިޔުންތަކާއި، މައުލޫމާތު އެއްކޮށް، ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

97 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައިވާ ކަމުގެ ލިޔުން ދޫކުރުން

ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލަ ހުށަހެޅިފައިވާ ކަމުގެ ލިޔުމެއް ބޭނުންވެގެން އެދިއްޖެނަމަ، އެ ފަރާތަކަށް އެފަދަ ލިޔުމެއް ދެވިދާނެއެވެ.

 

98 ވަނަ މާއްދާ - ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުން

ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން، މައްސަލައާ ބެހޭގޮތުން ރަސްމީގޮތުން ޓްރައިބިއުނަލާއި އެ ފަރާތާއެކު ކުރާ މުއާމަލާތެއްގައި ނޫން އެހެން ގޮތަކަށް، މައްސަލަ ބަލާ ބެންޗުގެ މެންބަރަކާ ނުވަތަ އެހެން މެންބަރަކާ ނުވަތަ މުވައްޒަފަކާ ސީދާ ނުވަތަ ނުސީދާ ގޮތުންވިޔަސް ވާހަކަދައްކައި، މުއާމަލާތުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ފަރާތަކަށް އެއްވެސް ސިފައެއްގައި ނުފޫޒުފޯރުވަންވެސް މަސައްކަތްކޮށްގެން ނުވާނެއެވެ.

 

99 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނެގޮތް

ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް ގެނެވުނު 3 ވަނަ އިސްލާހާ ގުޅިގެން އެ ގާނޫނުގެ 44 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ މުއްދަތު ގުނުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

 

100 ވަނަ މާއްދާ -  ގަވާއިދުގައި ނުހިމެނޭ ކަންތައްތައް

(ހ) މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމާނީ، ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނިންމާ ނިންމުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

101 ވަނަ މާއްދާ - އުސޫލުތައް އެކުލަވައިލުން

(ހ) މި ގަވާއިދުގެ ދަށުން އަމަލުކުރާނެ އެންމެހައި އުސޫލުތައް ހެދުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އުސޫލުތައް ޓްރައިބިއުނަލްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އުސޫލުތައް އެކުލަވައިލާނީ، ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހުންނެވެ.

 

102 ވަނަ މާއްދާ - ހިދުމަތް ހޯދުމަށް އެދޭ ފޯމު

ޓްރައިބިއުނަލުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި ގަވާއިދުގެ ދަށުން ހިދުމަތް ހޯދުމަށް ޓުރައިބިއުނަލަށް ހުށަހަޅާނީ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމުތަކެވެ.

 

103 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 25/2012 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) އުވުނީއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-75)

 

އުވާލެވުނު ގަވާއިދު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 25/2012)

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 3/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު