-

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު  

(2009)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) ގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމާއި އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަންޖެހޭނެ ފަސޭހަތަކުގެ ނިންގަނޑާއި އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެ ހިދުމަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއަިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު" އެވެ. 

 

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން

 

2 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސް ހިންގުން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި ިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ށ) މި ގަވާއިދުގެ ދަށުން ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށާއި، ބިދޭސިއަކު ނުހިމެނޭގޮތަށް ގާނޫނު ނަންބަރު 9/1996 (ދިވެހިރާއްޖޭގެ ޕާޓްނަރށިޕާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާރޓްނަރށިޕްތަކަށާއި ގާނޫނު ނަންބަރު 10/1996 (ދިވެހާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ. 

(ނ) މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ބިން ބޭނުންކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ކަނޑައެޅޭ ތަންތަނާއި ސަރަހައްދުތަކުގައެވެ. 

 

3 ވަނަ މާއްދާ - ހުއްދަ ދޫކުރުން ހުއްދައަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދައަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއަށް ހުށަހަޅާއިރު ތިރީގައިމިވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަސްލު ނެތް ހާލަތެއްގައި އެލިޔުމެއް ދޫކުރި ފަރާތުން ތަސްދީގުކޮށްފައިވާ ކޮޕީއެއް ހުށަހެޅިދާނެއެވެ.

(ހ) މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމު.

(ށ) ހުއްދައަށް އެދި ހުށަހަޅާ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ.

(ނ) ހުއްދައަށް އެދި ހުށަހަޅާ އިމާރާތުގައި ގެސްޓްހައުސްއެއް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދަ.

(ރ) ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތާއި ގޯތީގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އިމާރާތާއި ގޯތީގެ ވެރިފރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮންނަންވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތުގެ ނަމުގައި، އެ ގޯއްޗާއި އިމާރާތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނަގައި ހިންގުމުގެ އިހްތިޔާރު ލިބިދޭ މާއްދާއެއް އޮންނަންވާނެއެވެ. 

(ބ) ޓޫރިސްޓް ގެސްޓްހައުސް ހިންގަން ބޭނުންވާ އިމާރާތަކީ ޓޫރިސްޓް ގެސްޓްހައުސް ހިންގާ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދަ

(ޅ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ފަރުދެއްނަމަ، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

(ކ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ޕާޓްނަރށިޕެއްނަމަ، އެޕާޓްނަރށިޕުގެ ރަޖިސްޓަރީއާއި ޕާޓްނަރށިޕް އެއްބަސްވުން. އަދި ހުރިހައި ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު. އަދި ޕާޓްނަށިޕުގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން ހިމެނިފައި އޮންނަންވާނެއެވެ. 

(އ) ހުއްދައަށް އެދި ހުށަހޅާ ފަރާތަކީ ކުންފުންޏެއްނަމަ އެކުންފުނީގެ ރަޖިސްޓްރީއާއި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުން އެނގޭނޭހެން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ދޫކޮށްފައިވާ ލިޔުމަކާއި ހުރިހައި ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު. އަދި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން ހިމެނިފައި އޮންނަންވާނެއެވެ. 

(ވ) ޓޫރިޒަމާބެހޭ ގާނޫނުގެ 21 ވަނަ މާއްާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކުރުމަށްޓަކައި ދައްކަންޖެހޭ ރަޖިސްޓްރީ ފީއަށްވާ 5،000 (ފަސްހާސް) ރުފިޔާ. 

 

4 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ ނުވަތަ ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯމާއި ލިޔެކިޔުންތައް ފުރިހަމައަށް މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީއިން ނުވަތަ އެމިނިސްޓްރީން އައްޔަން ކުރާ ފަރާތަކުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ އިމާރާތް ބެލުމަށްފަހު، އެއިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށްޓަކައި ޓުރިޒަމާބެހޭ ގާނޫނާއި މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އިމާރާތަކަށްވެފައި ޓޫރިސްޓް ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މި ގަވާއިދުގައި ކަނަޑައެޅިފައިވާ ފަސޭހަތަކާއި ހިދުމަތްތައް އެ ގެސްޓްހައުސްއަކުން ލިބެންހުރި ތަނެއްކަމުގައި ވާނަމައެވެ. 

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނފައިވާ އިންސްޕެށަނަށް ހެދުމަށްޓަކައި ހަމައްސަންޖެހޭ ދަތުރުފަތުރާއި، އެކަމަށް ހިނގާ އެހެނިހެން ހަރަދަކީ ހުއްދައަށް އެދޭ ފަރާތުން ދައްކަވަންޖެހޭނެ ހަރަދެކެވެ. މީގެ އިތުރުން، ގެސްޓްހައުސް ހިންގަވާ ފަރާތުން އެދިވަޑައިގަންނަވާ ކަމެއްގެ ސަބަބުން ގެސްޓްހައުސް އިންސްޕެކްޓް ކުރަންޖެހޭނަމަ، އެކަމުގެ ހަރަދުވެސް ދައްކަވާނީ ގެސްޓްހައުސް ހިންގާ ފަރާތުންނެވެ. 

(ނ) ސަރުކާރުން މީހުން ދިރިއުޅުމަށް ދޫކޮށްފައިހުންނަ ގޯތި ނޫން އެހެނިހެން ބިންބިމުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން މިނިސްޓްރީ ކުއްޔަށް ދޫކުރާ ތަންތަނުގައެވެ. 

 

5 ވަނަ މާއްދާ - ހުއްދަދެވޭ މުއްދަތު 

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. 

(ށ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އަދި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ އެގްރީމަންޓްގެ މުއްދަތަކީ 5 އަހަރު ދުވަހަށްވުރެން ކުރު މުއްދަތެއްނަމަ، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ އެ އެގްރީމަންޓްގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާގޮތަށެވެ. 

 

6 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސްތައް ބަލާ ޗެކްކުރުން

މި ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަދީފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް ކޮންމެ ގަޑިއެއްގައިވެސް ބަލާޗެކް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓީއިން އައްޔަން ކުރާފަރާތަކަށް ލިބިގެންވެއެވެ. 

 

7 ވަނަ މާއްދާ - ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ގެސްޓްހައުސްއެއް ހިންގުން ހުއްޓާލަން ބޭނުންވެއްޖެނަމަ، އެކަން މިނިސްޓްރިއަށް އަންގައި، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދާ ބާތިލް ކުރަންވާނެއެވެ. 

(ށ) ގެސްޓްހުއސް ހިންގުމުގެ ހުއްދަ ލލިބިފައސިވާ ފަރާތަކުން އެފަރާތަކަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްދަ ބާޔިލު ނުކުރާނަމަ މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް އެފަރާތަކުން ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެފަދަ ކަންތައްތައް ފުރިހަމަ ނުކުރާނަމަ، ގަވާއިދުން ކަނޑައެޅިފައިވާ ގޮތެއްގެ މަތިން އެފަދަ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ. 

(ނ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރީން، އެ ހުއްދަ އައުކުރުމަށް މިނިސްޓއަށް ހުށަހަޅައި، ހުއްދަ އައުކޮށައިނުވާނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީއެވެ. 

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގައި ހުއްދައަށް އެދި އެ މާއްދާގައި ބުނެފައިވާގޮތަށް ހުށަހަޅާފައިވާނަމަ ހުއްދައިގެ މުއްދަތު ހަމަވުމުގެ ސަބަބުން ހުއްދަ ބާތިލެއް ނުވާނެއެވެ. 

 

8 ވަނަ މާއްދާ - ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަސުން ހުއްދަ ދެވިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަކަށް ދެވިފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ޓޫރިސްޓް ގެސްޓްހައުސްއެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ މި ގަވާއިދުގެ ދަށުން ދީފައިވާ މުއްދަތު ހަމަވުމުގެ 30 (ތީރީސް) ދުވަސް ކުރިން މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަންއާއެކު މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެގެން ނުވަތަ ހިންގާ ފަރާތުން ބަދަލުވެގެން ނުވަތަ ވެރިފަރާތް ބަދަލުވެގެން ނުވަތަ ހުއްދަ ގެއްލިގެން ނުވަތަ އެނޫން ސަބަބެއް މެދުވެރިގެގެން ނަމަވެސ،ް މިނިސްޓީއިން އަލުން ހުއްދަ ދޫކުރުމަށް އެދޭނަމަ، އެކަމަށްޓަކައި 500 (ފައްސަތޭކަ) ރުފިޔާގެ ފީއެއް ނެގޭނެއެވެ. 

 

9 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ހުއްދަ ބާތިލުވުމަށް އަލުން ހުއްދައަށް އެދޭނަމަ އެ ގެސްޓްހައުސްއަކަށް އަލުން އެހުއްދަ ދޫކުރެވޭނީ 5،000 (ފަސްހާސް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. 

 

10 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ އިމާރާތުގެ ބައިތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެ ބަދަލެއް ގެންނަންވާނީ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއެކު އެ ބަދަލެއް ގެނައުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

 

11 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންވެއްޖެނަމަވެސް އަމަލުކުރާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންވެގެންާ ގޮތުގެ މަތިންނެވެ. 

(ށ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައެއް އެހެން ފަރާތެއް ނަމަށް ބަދަލުުކުރެވޭނީ ނުވަތަ އެހެން ފަރާތެއްގެ ނަމުގައި އަލުން ހުއްދަ ދޫކުރެވޭނީ، އެ ގެސްޓްހައުސްއާ ގުލިގެން ދއްކަންޖެހިފައިވާ އެއްވެސް ޓޫރިޒަމް ޓެކްސްއެއް ވާނަމަ އެ ޓެކްސްއަކާއި ޓެކްސް ނުދެއްކުމުގެ ސަބަބުން ނުވަތަ ޓެކްސް ލަހުން ދެއްކުމުގެ ސަބަބުން ޓެކްސް ށީޓު ހުށަނޫޅުމުގެ ސަބަބުން ނުވަތަ ޓެކްސް ށީޓު ލަހުން ހުށަހެޅުމުގެ ސަބަބުން ޖޫރިަނާއެއް ދައްކަންޖެހިފައިވާނަމަ، އެ ޖޫރިމަނާގެ ފައިސާ ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކާ ހަލާސްކޮށް، ސަރުކާރަށް ދައްކަންޖެހޭ އެނޫން އެހެން ޓެކްސްއެއް ނުވަތަ ޖޫރިމަނާއެއް ވާނަމަ އެފައިސާއެއްވެސް ދައްކާ ހަލާސްކޮށް، އަދި މިގަވާއިދުގެ ދަށުން ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ޖޫރިމަނާގެ ފައިސާ މިނިސްޓްރީއަށް ދައްކާ ހަލާސް ކުރުމަށްފަހުގައެވެ. 

 

12 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ގެސްޓްހައުސްއެއްގެ އިމާރާތުގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، ވެރިފަރާތް ބަދަލުވީ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރިއަށް އަންގައި، އިމާރާތާއި ގޯތީގެ އައު ރަޖިސްޓަރީގެ ކޮޕީ ހުށަހެޅަންވާނެއެވެ 

(ށ) ވެރިފަރާތް ބަދަލުވި ގެސްޓްހައުސް ހިންގަނީ ވެރިފަރާތް ނޫން އެހެން ފަރާތަކުންނަމަ، ވެރިފަރާތް ބަދަލުވާ ދުވަހުްނ ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އއު ވެރިފަރާތާއި ގެސްޓްހައުސް ހިންގާ ފަރާތާ ދެމެދު ގެސްޓްހައުސް ހިންގުމާ ބެހޭގޮތުން ކުރެވޭ އެއްބަސްވުމެއް މިނިސްޓްރީއަށް ހުށަހަޅަނވާއެވެ، 

 

13 ވަނަ މާއްދާ - ގެސްޓްހައުސް ހިންގުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ޓޫރިސްޓުން ބޭތިއްބުމަށް ރިޒަވޭށަނެއް ހަދާނަމަ، ތިރީގައިވާ ކަންތައްތަކާމެދު ރިޒަރވޭށަން ހަދައިދެވޭ ފަރާތާއެކު އެއްބަސްވުމެއްވާންވާނެއެވެ.

  1. ރިޒަރވޭށަން ކޮންފާރމް ކުރާނެގޮތް.
  2. ފައިސާ ދައްކަންޖެހޭ އަދަދާއި ދައްކާނެގޮތާއި މުއްދތު (ޓެކްސް އަދި ސަރވިސް ޗާރޖް ހިމެނޭނަމަ އެކަން އެނގޭނެގޮތަށް).
  3. ރިޒަރވޭށަން ކެންސަލް ކުރެވޭނެގޮތާއި މުއްދަތު.
  4. ރިޒަރވޭށަން ބަދަުކޮށް ނުވަތަ ބާތިލުކޮށްފިނަމަ ހަދާނެގޮތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަރވޭށަނެއް ކޮންފާމް ކުރުމަށްފަހު، އެއްބަސްވެފައިވާގޮތަށް ނޫން ގޮތަކަށް ގެސްޓްހައުސް ހިންގާ ފަރާތަކުްނ ރިޒަރވޭށަނެއް ކެންސަލްކޮށްގެން ޓޫރިސްޓަކަށް ދިމާވާ ހުރިހާ ދަތިތަކެއްގެ ޒިންމާ ގެސްޓްހައުސް ހިންގާ ފަރާތަކުން ނަގަންވާނެއެވެ. 

(ނ) ޓޫރިސްޓް ގެސްޓްހައުސްއަކުން ވަޒީފާ ދިނުމާއި، ވަޒީފާއާބެހޭ ހުރިހާކަންތައްތަކާއި، އެފަދަ ތަނެއްގައި މަސައްކަތްކުރަމުން ގެންދާ މުވައްސަފަކު ވަޒީފާއިން ވަކިވާނަމަ ނުވަތަ ވަކިކުރާނަމަ އެމުވައްޒަފަކާ ދޭތެރޭ އަމަލުކުރަން ވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

(ރ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ކުންފުޏެއްގެ ހިއްސާ ބަދަލުކުރާނަމަ ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރެއް ބަދަލުވާނަމަ، ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރަނެއް ބަދަލުވާނަމަ އެކަމަށްޓަކައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ހުއްދދޭ ތާރީހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

(ބ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާއެއް ދިވެހި ރައްޔިތެއް ނޫން މީހަކަށް ބަދަލުކޮށްފިނަމަ މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި މިކަމާ ގުޅިގެން ޓޫރިސްޓުންނަށް ދިމާވާ ހުރިހާ ކަމަކަށް ޒިންމާވާނީ ގެެސްޓްހައުސް ހިންގާ ފަރާތުންނެވެ. 

(ޅ) މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ކޮންމެ ގެސްޓްހައުސްއެއްގައިވެސް ވަކިން ކަރަންޓާއި ފެން އަދި ފޯނާއި ފެކްސް ހުންނަންވާނެއެވެ. 

(ކ) ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ޓޫރިސްޓް ގެސްޓްހައުސް ހިްނގުމުގައި، ނުވަތަ އެ ޓޫރިސްޓް ގެސްޓްހައުސްއެއްގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ. އަދި އެހެން އެއްވެސް ފަރާތަކަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ހިންގުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއްގެ ތުހުމަތުގައި ދައުލަތުގެ ކަމާބެހޭ ފަރާތަކުން މައްސަލައެއް ބަލަން ފެށުމުން ނުވަތަ އެފަދަ މައްސަލައަކާ ނުވަތަ ތުހުމަތަކާބެހޭ މައުލޫމާތެއް މިނިސްޓްރީއަށް ލިބިއްޖެނަމަ، މިގަވާއިދާ ހިލާފުވުމުން އަމަލުކުރަން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެފަރާތަކާމެދު އަމަލުކުރުމުގެ އިތުރުން އެފަރާތަކަށް ދީފައިވާ ހުއްދަ، އެމައްސަލައެއް ނިމެންދެން، ނުވަތަ އެއަށްވުރެ ދިގު ނޫން މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(އ) ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގައި މީހުން ދިރިއުޅޭނަމަ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް ހުއްދަދެވޭ ބަޔަށް ވަކިން ވަދެވޭގޮތަށް ދޮރުކަނޑާފައި ހުންނަންވާނެއެވެ. އެއްބުރިއަށްވުރެ އިރުރަށް ހަދާފައިވާ އިމާރާތެއްނަމަ އެއް ލިފްޓުން ނުވަތަ ސިޑިން އެރިކަމުގައި ވިޔަސް އެއް ފްލޯއެއްގައި ގެސްޓްހައުސްއާއި މީހުން ދިރިއުޅޭބައި ހުރިނަމަ ދެބަޔަކަށް ވަކިން ވަދެވޭ ގޮތަށް ދޮރުކަނޑާފައި ހުންނަންވާނެއެވެ. 

 

 

ޓޫރިސްޓް ގެސްޓްހައުސްގައި ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރާއި މިންގަނޑު

ޓޫރިސްޓުންނަށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރި

 

14 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނީ މަދުވެގެން 3 ކޮޓަރީގައި 6 އެނދު ހުންނަގޮތަށެވެ. އެ ކޮޓަރިތައް ތައްޔާރުވެފައި ހުންނަންވާނީ ތިރީގައި ކަނޑައަޅާ ހިދުމަތްތަކާ ފަަސޭހަތައް ލިބޭގޮތަށެވެ. 

 

15 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގާ ކޮންމެ ގެސްޓްހައުސްއަކާއި އެ ގެސްޓްހައުސްއަކުން ލިބެންހުންނަ ހިދުމަތްތައް މަދުވެގެން މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބެން ހުންނަން ވާނެއެވެ. 

 

16 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތައް ހުންނަން ޖެހޭނީ ކޮންމެ ކޮޓަރިއަކަށް ބޭނުން ވަދެވޭގޮތަށް ވަކިވަކީން ހެދިފައެވެ. ކޮޓަރީގައި ހުންނަ ކޮންމެ ދޮރެއްގައި ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. ކޮންމެ ކޮޓަރިއެއްގެ ބޮޑު މިނުމުގައި މަދުވެގެން 120 އަކަފޫޓް ހުނަންވާނެއެވެ. މީގެ އިތުރުން ކޮޓަރީގެ ފުޅާ މިނުގައި މަދުވެގެން 8 ފޫޓު ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެިފައިވާ ގެސްޓްހައުސްއެއްގައި މި ށަރުތު ފުރިހަމަ ނުވާނަމަ މި މާއްދާ (16 ވަނަ މާއްދާ) ގެ (ހ) އިން އެ ގެސްޓްހައުސްއެއް އިސްތިސްނާވާނެއެވެ. ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އަލަށް ކޮޓަރިއެއް ހަދާނަމަ އެކޮޓަރިއެއް މިމާއްދާގައި ބުނެފައިވާ މިންގަނޑަށް ފެެތެންވާނެއެވެ. 

(ށ) ދެކޮޓަރި ދޭތެރޭގައި ކަނެކްޓިންގ ދޮރު ބަހައްޓާނަމަ، އެ ދޮރު ހުންނަންވާނީ ބޭނުންވެއްޖެ ހިނދެއްގައި ތަޅުލާ ދެކޮޓަރި ވަކިކޮށްލެވޭގޮތަށެވެ. އެއްވެސް ކޮޓަރިއަކަށް އެހެން ކޮޓަރިއެއްގެ ތެރެއިންލާފައި ވަދެވޭގޮތަށް ހުންނަންވާނީ ދެވަނަ ދޮރަކުންނެވެ. 

(ނ) ކޮންމެ ކޮޓަރިއެއްވެސް ހުންނަންވާީ އެކަށީގެންވާގޮތަށް ފެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ބޭނުންވެއްޖެ ލާތަލެއްގައި ހުޅުވޭގޮތަށް ލާފައި ހުންނަ މަދުވެގެން 1 ފެންލައިޓް ނުވަތަ ކުޑަދޮރު ހުންނަންވާނެއެވެ. 

(ރ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮންމެ ކޮޓަރިއެއް ހުންނަންވާނީ ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑުތަކަށް ހެދިފައެވެ. 

  1. ކޮޓަރިއެއްގައި ހުންނަންވާނީ ގިނަވެގެން 2 އެނދެވެ. މިގޮތުން 2 ސިންގަލް އެނދު ނުވަތަ 1 ޑަބަލް އެނދު ބޭނުންކުރެވިދާނެއެވެ. ޑަބަލް އެނދު ބަލާނީ 2 އެނދު ކަމުގައެވެ. ސިންގަލް އެނދު ކަމުގައި ބަލާނީ ބޮޑުމިނުގައި ކުޑަވެގެން 6x3 ފޫޓު ހުންނަ އެނދެވެ. ޑަބަލް އެނދު ކަމުގައި ބަލާނީ ބޮޑުމިނުގައި ކުޑަވެގެން 6x4 ފޫޓު ހުންނަ އެނދަށެވެ. 
  2. ކޮންމެ އެނދެއްގައި ފެންވަރު ރަނގަޅު "4" އިންޗިއަށްވުރެ ތުނި ނޫން، އިސްޕަންޖު ނުވަތަ ސްޕރިންގ ނުވަތަ އެނޫންވެސް އފަދަ އެއްޗަކުން ހަދާފައިވާ ގޮދަޑިއެއް އޮންނަންވާނެއެވެ. އަދި ކޮންމެ ގޮދަޑިއެއްގައި އޮންނަންވާނީ ބެޑްށީޓްއަޅާފައެވެ. އެނދުމަތީގައި އަޅާފައި އޮންނަ ބެޑްށީޓުގެ އިތުރުން ކޮންމެ އެނދަކަށް ގައިމަތީގައި އަޅާނެ ފޮތިގަނޑެއް އޮންނަންވާނެއެވެ. 
  3. ސްޕޮންޖް، ދޫނިފިޔަ، ކަފަ ނުވަތަ މިފަދަ އެހެން އެއްޗެއް އަޅައިގެން ހަދާފައިވާ ކުޑެވެގެން 18x24 އިންޗީގެ ބާލީސް، ބާލިސް އުރައާއެކު ކޮންމެ ގެސްޓަކަށް 2 ބާލީހުގެ ނިސްބަތުން ކޮޓަރީގައި ހުންނަންވާނެއެވެ. 
  4. ކުޑަވެގެން 3x2 ފޫޓުގެ މޫނު ބަލާ ލޯގަނޑެއް ލާފައިހުރި ރީތިވާ މޭޒެއް ކޮޓަރި ތެރޭގައި ނުވަތަ ފާހާނާތެރޭގައި ހުންނނަންވާނެއެވެ. މޫނު ބަލާ ލޯގަނޑުގައި ކުރިމަތީގައި ހުންނަ މީހަކަށް އަލީގެ ބޭނުމަށް ފުދޭވަރުގެ ބޮތްކެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އެކޮޓަރިއެއްގެ ގެސްޓުންގެ ލަގޭޖް ބަހައްޓާނެ ތަނެއް ހެދިފައި ހުންނަންވާނެއެވެ. 
  6. ކޮނޑު އެޅުވޭގޮތަށް ހުންނަ ހެދުން ބަހައްޓާ އަލަމާރި (ވޯރޑްރޯބް) ކޮންމެ ޓޫރިސްޓަކަށް ހެދުންއަޅުވާ 2 ކޮނޑާއެކު، ހުންނަންވާނެއެވެ. 
  7. ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަމާއެކު، އެނދުގައި އޮވެގެން ދިއްލައި ނިއްވޭގޮތަށް ސުވިޗްލާފައި ހުންނަ ލޭމްޕް، ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. 
  8. ކޮޓަރިތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ކޮންމެ ކޮޓަރިއެއްގައި ކަރަންޓު ނެގޭގޮތަށް ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  10. ގެސްޓުން ތިބޭ ކޮޓަރިތައް ހުންނަވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރުވާގޮތަށެވެ. ކޮޓަރި އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  11. ކޮންމެ ކޮޓަރިއެއްގެ ދޮރު ހުންނަން ވާނީ ތަޅުލެވޭގޮތަށެވެ.
  12. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ، މިަކން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކކުޑަމިނުން އިނގިރޭސިބަހުން ލިޔެ ކޮޓަރީގެ ބޭރުގައި ފަސޭހައިން ފެންނަގޮތަށް ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ކޮޓަރި ތެރޭގައި އަޅިކެނޑި ބަހައްޓަންވާނެއެވެ. 
  13. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމެރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯރޗެއް ނުވަތަ އުތްބައްތި ރޯކުރާ ނިޒާމެއާއެކު ހުންނަންވާނެއެވެ. 
  14. އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީގޮތާއި އިމަރޖެންސީ ހާލަތެއްގައި އިމާރަތުން ނުކުންނަން ޖެހިއްޖެނަމަ ކަންތައްތައް ކުރާނެ ގޮތް ކުރެހުމާއެކު އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ކޮޓަރިއަށް ވަންނަ ދޮރުގެ އެތެރެ ފަރާތުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. 
  15. ގެސްޓްހައުސްގެ ކޮންމެ 03 ކޮޓަރިއަކަށް ރޫމް ބޯއީއެއް ހުންނަންވާނެއެވެ. 

(ބ) ގެސްޓްހައުސްގެ ކޮޓަރިއެއްގައި ތިންމީހުންނަށް ވުރެ ގިނަމީހުން ނިންދަވައިގެން ނުވާނެއެވެ. ނަމަވެސް އާއިލާއަކަށް ކޮޓަރި ބޭނުންވެއްޖެނަމަ އާއިލާއަށް ކޮޓަރި ދޫކުރެވިދާނެއެވެ. 

 

ފާހާނަ

 

17 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިވަހުންނަ ކޮންމެ ކޮޓަރިއެއްގައި ކޮޓަރީގެ އެތެރއިން ވަދެވޭގޮތަށް ފާހާނައެއް ހެދިފައި ހުންނަންވާނެއެވެ. މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިންގުމުގެ ހުއްދަ ދީފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް މިމާއްދާގައި ބުނެފައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ. ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އަލަށް ފާހާނާއެއް ހަދާނަމަ އެފާހާނާއެއް މިމާއްދާގައި ބުނެފައިވާ މިންގަނޑަށް ފެތެންވާނެއެވެ. 

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަ ކޮޓަރީގައި ހުންނަ ފާހާނާއެއް ހުންނަންވާނީ ތިރީގައިމިވާ ސާމާނާއި ފިޓިންގސްއާއެކު ތިރީގައިމިވާ މިންގަނޑަށްހަދާފައެވެ. 

  1. ކޮންމެ ފާހާނާއެއް ހުންނަންވާނީ ފަސޭހައިން ފާހާނާކޮށް ފެންވެރޭގޮތަށެވެ. 
  2. ފާހާނާގެ ބިތްތައް ހުންނަން ވާނީ ވަށައިގެން ޓައިލްސް ޖަހާފައެވެ.
  3. ފާހާނާގެ ތަޅުން ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިން އަށް ފެންފައިވާގޮތަށް ތަޅުން މައްޗަށް އެޅޭ ފެން ފަސާއެއިން ދެމިގެންދާ ގޮތަށެވެ. 
  4. ކޮންމެ ފާހާއެއްގައި މަތިޖެހޭގޮތަށް ހުންނަ އިށީންނަ ފާހާނާތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. ކޮންމެ ފާހާނާއެއްގައި މުސްލިމް ށަވަރު ހުންނަންވާނެއެވެ. 
  6. ކޮންމެ ފާހާނާއެއްގައި ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ. 
  7. ކޮންމެ ފާހާނާއެއްގައި މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
  8. ކޮންމެ ފާހާނާއެއްގައި މޫނު ބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. 
  9. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ. 
  10. ކޮންމެ ޓޫރިސްޓަކަށް ތުވާއްޔެއްގެ މަގުން ފާހާނާތެރޭގައި ތުވާލި ހުންނަންވާނެއެވެ. 
  11. ފާހާނާތެރޭގައި އެކަށީގެންވާ އަދަދަކަށް ޓޮއިލެޓް ޕޭޕަރ ހުންނަންވާނެއެވެ. 
  12. ފާހާނާތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ. 
  13. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ. 
  14. ކޮންމެ ފާހާނާއެއްގައި އިލެކްޓްރިކް ށޭވަރ ބޭނުންކުރުމަށްޓަކައި 220 އާއި 110 ވޯލްޓްގެ ކަރަންޓް ނެގޭގޮތަށް ސޮކެޓް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  15. ކޮންމެ ފާހާނާއެއް ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. އެގޮތުން އެގްޒޯސްޓު ފަންކާއެއް ނުވަތަ އެހެންވެސް ނިޒާމެއް ހަރުކުރެވިދާނެއެވެ. 
  16. ކޮންމެ ފާހާނާއެއްގައި ދޮރފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  17. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ފާހާނާގެ ތެރޭގައި ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  18. ފާހާނާގެ ތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނާގައި ނުބެހެއްޓިއަސް ފުދޭނެއެވެ. 
  19. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ. 
  20. ފާހާނާގައި ބޭނުންކުރަން ހުންނަންވާނީ ސާފުފެން ނުވަތަ ވާރޭފެނެވެ. ސާފުފެންކަމުގައި ބެލޭނީ ޑީސެލިނޭޓަޑް ފެން ނޫންނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތަުން ގަބޫލުކުރާ ވަޅުފެނެވެ. 

 

 

ކާކޮޓަރި/ރެސްޓޯރެންޓް

 

18 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ކާގެ ނުވަތަ ކާތަން (ޑައިނިންގް އޭރިއާ) ހެދިފައި ހުންނަންވާނީ މަދުމިނުން ތިރީގައިމިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައިމިވާ މިންގަނޑަށެވެ. 

  1. ކޮންމެ ގެސްޓްހައުސް އެއްގައި އެ ގެސްޓްހައުސްއެއްގެ ބެޑްކެޕޭސިޓީގެ %50 ގެސްޓުންނަށް އެއްފަހަރާ ކެވޭނެގޮތަށް އެކަށީގެންވާވަރުގެ ކާކޮޓަރިއެއް ނުވަތަ ރެސްޓޯރެންޓެއް ހުންނަންވާނެއެވެ. މިތަން ހުންނަންވާނީ ތިރީގައިމިވާ ގޮތަށް ތިރީގައިމިވާ ފަރުނީޗަރާއި ފިޓިންގްސްއާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ. 
  2. ކާކޮޓަރި ނުވަތަ ރެސްޓޯރެންޓް ހުންނަންވާނީ އެކަށީގެންވާގޮތަށް ވެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ފެންލައިޓް ނުވަތަ ކުޑަދޮރު ހުންނަނަމަ ހުންނަންވާނީ، ބޭނުންޖެހިއްޖެ ހާލަތެއްގައި ހުޅުވޭގޮތަށެވެ. 
  3. މޭޒުމަތީގައި ތަށިބަހައްޓައިގެން ފަސޭހައިން އިށީނދެގެން ކެވޭގޮތަށް ގޮނޑި ނުވަތަ ބެންޗް އަދި މޭޒު ބެހެއްޓިފައި ހުންނަންވާނެއެވެ.
  4. މޭޒުދޮށުގައި ތިބެގެން ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަން ލިބޭ ގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ. 
  5. ކާގެ ނުވަތަ ކާތަނުގައި ގެސްޓުން ބޭނުންވާ އިލެކްޓްރޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓު ނެގޭގޮތަށް ކޮންމެ 6 ގެސްޓަކަށް 1 ސޮކެޓް ސްވިޗްގެ މަގުން ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  6. ކާގެ ނުވަތަ ކާތަން އެއަރކޮންޑިށަން ނުކުރާނަމަ ހެދިފައި ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. 
  7. ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ އެންމެނަށް ފެންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. ކާގެ ނުވަތަ ކާތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ނުވަތަ ކޮންމެ 4 ގެސްޓަކަށް 1 އަޅިކެނޑީގެ ނިސްބަތުން އަޅިކެނޑި ބެހެއްޓިފައި ހުންނަންވާނެއެވެ. 
  8. ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އުށްބައްތި ދިއްލޭނެ ނިޒާމެއް ބެހެއްޓިފައި ހުންނަންވާނެއެވެ. 
  9. ގެސްޓްހައުސްގައި ރެސްޓޯރެންޓް ހިންގާނަމަ ހިންގަން ވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މިންގަނޑެއްގެ މަތީން އެފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. 

 

ބަދިގެ

 

19 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓް ގެސްޓްހަުއުސްގައި ރެސްޓޯރެންޓެއް ނެތްނަމަ ކޮންމެ ޓޫރިސްޓް ގެސްޓްހަުއުސްއެއްގައިވެސް ކުޑަވެގެން 32 އަކަފޫޓުގެ ބަދިގެއެއް ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހަުއުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހަުއުސްއެއްގައި މި ށަރުތު ހަމަނުވާނަމަ އެ ގެސްޓްހަުއުސްއެއް މި މާއްދާ (19 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ. 

(ށ) ބަދިގެ ހުންނަން ވާނީ މަދުގެން ތިރީގައި މިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައިމިވާ މިންގަނޑަށް ހަދާފައެވެ. 

  1. ބަދިގެ ހެދިފައި ހުންނަންވާނީ ގެސްޓްހަުއުސްގެ ފުލް އޮކިއުޕަންސީގައި ގެސްޓްހަުއުސްގައި ތިބޭ އެންމެނަށް ހުރިހާ އިރެއްގައި ކައިބޮއި ހެދުމަށްޓަކައި ބޭނުންވާ ކާއެއްޗެހި ފަސޭހަކަމާއެކު ތައްޔާރުކޮށް ކެއްކުމުގެ ހިދުމަތް ފޯރުވައިދެވޭ ފެންވަރަށް ސާމާނާ އެކުގައެވެ. އަދި ތިރީގައިިވާ ހިދުމަތްތަކާއި ފަސޭހަތައް ބަދިގެއިން ލިބެން ހުންނަންވާނެއެވެ. 
  2. ބަދިގޭގައި ގެސްޓްހަުއުސްގެ އެންމެނަށް ދަތިކަމެއް ނެތި ކާއެއްޗެތި ތައްޔާރު ކުރެވޭފަދަ އުނދުނާއި އަވަނާއި ޓޯސްޓަރ އަދި ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ ގްރައިންޑް މެށިނާއި، ކާބޯތަކެތި ރައްކާ ކުރުމަށް ބޭނުންވާ ފްރިޖް ރެފްރިޖްރޭޓަރ ސާމާނު ހުންނަންވާނެއެވެ.
  3. ބަދިގެ ހެދިފައި ހުންނަންވާނީ ބަދިގޭގެ އެތެރޭގެ ވަސް ޓޫރިސްޓުން ތިބޭ ހިސާބަށް ނާންނާނޭ ފަދަ ތަނެއްގައި އެފަދަ ގޮތަކަށް ފަރުމާ ކުރެވިގެންނެވެ. އަދި ވަހާއި ހޫނު ބޭނުކުރުމަށްޓަކައި ވައިބޭރުކރުމުގެ މަސްނޫއީ ނިޒާމެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. މިގޮތުން އެކަށީގެންވާ މިންވަރަށް ވައި ވައްދައި ބޭރު ކުރެވޭގޮތަށް އެގްޒޯސްޓު ފަންކާއެއް ނުވަތަ އެހެންވެސް ނިޒާމެއް ހަރުކުރެވިދާނެއެވެ. 
  4. ގެސްޓްހަުއުސްގެ ފުލް އޮކިއުޕަންސީގައި ތިބޭ އެންމެނަށް ހުރިހާއިރެއްގައި ކައިބޮއި ހެދުމަށްޓަކައި ރަނގަޅު ފެންވަރުގެ ކެއިންބުއިމަށް ބޭނުންކުރާ ތަށި، ވަޅި، އޫ، ސަމުސާ، ފަދަ ތަކެތި ހުންނަންވާނެއެވެ. އަދި ވަޅި، ސަމުސާ، އޫ ފަދަ ތަކެތި ވާންވާނީ ދަބުނުޖަހާ ތަކެއްޗަށެވެ.
  5. ބަދިޭގެ ހުރިހާ ސާމެއް، ސާފު ތާހިރުކަމާއެކު ބެހެއްޓޭގޮތަށް ހަދާފައިވާ އަލަމާރިއެއް ނުވަތަ ހަރުގަނޑެއް ހުންނަންވާނެއެވެ. އަދި މިތަކެތި ބަހައްޓަން ވާނީ އެ އަލަމާރީގައި ނުވަތަ ހަރުގަނޑުގައެވެ. 
  6. ބަދިގޭގައި ތެލި ތަށި ދޮވެވޭނެ ނިޒާމެއް ހެދިފައި ހުންނަންވާނެއެވެ. މިގޮތުން ސިންކެއް ބަހައްޓާނަމަ ރަނގަޅު ފެންވަރުގެ ފެން އިސްކުރު ހަރުކުރެވިފައި ހުންނަންވާނެއެވެ. ސިންކް ހަރުކުރެވިފައިވާ ފާރުގައި ސިންކާ ދިމާއިން ފެންބުރާ ހިސާބުގައި 2 ފޫޓު އުސްމިނަށް ތަށިމުށި ނުވަތަ ޓައިލްސް ޖަހަންޖެހޭނެއެވެ. 
  7. ބަދިގޭގައި ސާފުތާހިރުކަމާއެކު ކުނި އެއްކުރުމަށްޓަކައި މަތިޖެހޭގޮތަށް ހަދާފައިހުންނަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ. މިވަށިގަނޑު ހުންނަން ވާނީ ވަކިން ކުނި ނަގައިގެން ގެންދެވޭގޮތަށް ކޮތަޅެއް ލާފައެވެ. ކުނި އަޅާ ވަށިގަނޑު އަބަދުވެސް ހުންނަންވާނީ މަތި ޖަހާފައެވެ. 
  8. ބަދިގެ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ ފޮއްޗާއި ތުވާލި އަދި ސައިބޯނި ހުންނަންވާނެއެވެ. އަދި އަތް ސާފުކޮށް ދޮވެ ފުހޭނެ ސައިބޯންޏާއި ތުވާލި ނުވަތަ ޓިށޫ ފަދަ ތަކެތި ހުންނަންވާނެއެވެ. 
  9. ބަދި ތެރޭގައި އަލިފާން ނިވާ ފުޅި އާއި ފަޔަރ ބްލެންކެޓް ނުވަތަ އަލިފާން ނިއްވުމަށްޓަކައި ސަރުކާރުން ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ނިޒާމެއް ގާއިމްކުރެވިފައި ހުންނަންވާނެއެވެ. 
  10. ބަދިގޭގެ ބިތްތައް ހަދާފައި ހުންނަންވާނީ ވޯޓަރ އަދި ފަޔަރ ޕްރޫޕް މެޓީރިއަލެއް ބޭނުންކޮށްގެންނެވެ. 
  11. ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުން ބަދިގޭގައި މަސައްކަތްކުރާއިރު ތިބެންވާނީ ސާފުތާހިރު ހެދުމެއްގައި ބޮލުކޮއްޕި އަޅައިގެންނެވެ. ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާފުތާހިރުކަން ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށެވެ. 
  12. ބަދިގޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ނުވަތަ އުށްބައްތި ބޭނުންކުރެވޭނެ ނިޒާމެއް ހުންނަންވާނެއެވެ. 
  13. ބަދިގޭގައި ހުރިހާ ދިމާލެއްގައިވެސް އެކަށީގެންވާ އަލި ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  14. ބަދިގޭގައި ކައްކަން ބޭނުންކުރާ ތަކެއްޗާއި ކާބޯތަކެތި ރައްކާކުރެވޭނެވަދަ އަލަމާރި ނުވަތަ ހަރުގަނޑެއް ހުންނަންވާނެއެވެ. 

 

 

ރިސެޕްށަން އޭރިއާ/ލޮބީ

 

20 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ) 

(ހ) ކޮންމެ ގެސްޓްހަުއުސްއެއްގައި އެ ގެސްޓްހަުއުސްއެއްގެ ބެޑްކެޕޭސިޓީގެ %20 ގެސްޓުންނަށް އެއްފަހަރާ އިށީނދެ ތިބެވޭގޮތަށް އެކަށީގެންވާވަރުގެ ރިސެޕްށަން އޭރިއާއެއް ނުވަތަ ލޮބީއެއް ހުންނަންވާނެއެވެ. މިތަން ހުންނަންވާނީ ތިރީގައިމިވާ ގޮތަށް ތިރީގައިމިވާ ފަރުނީޗަރާއި ފިޓިންގސްއާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ.

(ށ) ރިސެޕްށަން އޭރިއާ ނުވަތަ ލޮބީގެ ބޮޑުމިނުގައި އެންމެ ކުޑަވެގެން 120 އަކަފޫޓު ހުންނަންވާނެއެވެ. މީގެ އިތުރުން ކޮޓަރީގެ ފުޅާމިނުގައި މަދުވެގެން 8 ފޫޓު ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި މި ށަރުތު ފުރިހަމަ ނުވާނަމަ މި މާއްދާ (20 ވަނަ މާއްދާގެ (ށ) އިން އެ ގެސްޓްހައުސްއެއް އިސްތިސްނާވާނެއެވެ. 

(ނ) މިއޭރިއާ ހުންނަންވާނީ އެކަށީގެންވާވަރަށް ވައި ދައުރުވާގޮތަށް ހެދިފައެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ހުޅުވޭގޮތަށް ލާފައި ހުންނަ ކުޑަ ދޮރު ނުވަތަ ފެންލައިޓް ހުންނަންވާނެއެވެ. 

(ރ) މިއޭރިއާގައި ގެސްޓުން ބޭނުންވާ އެލެކްޓްރޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓް ނެގޭގޮތަށް ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) މިއޭރިއާ ހުންނަންވާނީ އެކަށިގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. މިއޭރިއާ އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ޅ) މިގަތުނުގައި ފުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔމެއް އެންމެންނަށް ފެންާނޭހެން ހަރުކުރެވިފައި ހުންނަން ވާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ބެހެއްޓިފައި ހުންނަންވާނެއެވެ. 

(ކ) ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރގެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ނުވަތަ އުށްބައްތި ރޯކުރާ ނިޒާމެއް ހުންނަންވާނެއެވެ. 

(އ) މިތަނުގައި ޓޫރިސްޓުން ބޭނުންކުރުމަށް ފާހާނާއެއް ހުންނަންވާނެއެވެ. މިފާހާނާ ހުންނަން ވާނީ ގެސްޓުންގެ ފާހާނާ ހުންނަން ޖެހޭކަމަށް މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ފެންވެރޭނެ ނިޒާމު ފިޔަވައި އެހެނިހެން ހިދުމަތްތަކާއި ފަސޭހަތައް ލިބޭގޮތަށެވެ. 

(ދ) ގެސްޓްހައުސްގައި ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް 24 ގަޑިއިރު ރިސެޕްށަނިސްޓަކު ހުންނަންވާނެއެވެ. ގެސްޓްހައުސްގެ މެނޭޖަރާއި ރިސެޕްށަނިސްޓުގެ ވަޒީފާ އެކަކަށްވެސް އަދާކުރެވިދާނެއެވެ. 

 

 

ޓޫރިސްޓް ގެސްޓްހައުސްގެ މުވައްޒަފުން

 

21 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ) 

(ހ) ޓޫރިސްޓް ގެސްޓްހައުސްއެއްގެ ވަޒީފާ އެއްވެސް މީހަކަށް ދޭންވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާއި އަދި މިގަވާއިދުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތަށެވެ. 

(ށ) މުވައްޒަފުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރި، އޮފީސް، ބަދިގެ، ފާހާނަ ފަދަ ތަންތަނުގައި "ހަމައެކަނި މުވައްޒަފުން" "STAFF ONLY" މިހެން ލިޔެ، ފެންނާނެހެން ބަހައްޓަންވާނެއެވެ. 

(ނ) ޓޫރިސްޓް ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީ ގަޑީގައި ތިބެންވާނީ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ޔުނީފޯމެއްގައެވެ. 

(ރ) ޓޫރިސްޓް ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފުން އެނގޭނެގޮތަށް ޔުނީފޯމްގައި، އެންމެ ކުޑަމިނުން އެމީހެއްގެ ނަންލިޔެފައިވާ ނޭމް ޓެގެއް ހަރުކުރވިފައި ހުންނަންވާނެއެވެ. 

 

22 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބެން ހުންނަންޖެހޭ ފަސޭހަތައް

(ހ) އެއްވެސް މުވައްޒަފެއްގެ ނިދުމުގެ ކަންތައް ގެސްޓްހައުސްގައި ހަމަޖައްސާނަމަ، މުވައްޒަފުން ނިދާ ހެދުމަށް ވަކި ތަނެއް ގެސްޓްހައުސްގައި ތައްޔާރުކޮށްފައި ހުންނަންވާނެއެވެ. 

(ށ) މުގައްޒަފުން ނިދުމަށް ހަމަޖައްސާ ތަނެއް ހުންނަންވާނީ ގެސްޓް ކޮޓަރިތަކާ ވަކިން ވަދެވޭގޮތަށެވެ. އަދި ކޮންމެ މުވައްޒަފަކު ނިދާނެ ވަކި އެނދަކާއި، ކޮންމެ މުވައްޒަފަކަށް ތަޅުލެވޭ ކަބަޑެއް އަދި ގެސްޓްހައުސްގައި ނިދުމުގެ ކަންތައް ހަމަޖައްސާ ކޮންމެ 6 މީހަކަށް ފާހާނާއެއްގެ ނިސްބަތުން ހުންނަންވާނެއެވެ. 

(ނ) މުވައްޒަފުން ތިބޭ ކޮޓަރީގައި ނިންދަވާ ކޮންމެ މުވައްޒަފަކަށް ކުޑަވެގެން 30 އަކަފޫޓް ހުންނަންވާނެއެވެ. އަދި ކޮޓަރިއެއްގައި 4 މީހުންނަށްވުރެ ގިނައިން ބައިތިއްބައިގެން ނުވާނެއެވެ. 

(ރ) މުވައްޒަފުންގެ ފާހާނަ ހުންނަންވާނީ ތިރީގައިމިވާ މިންގަނޑަށް ހިދުމަތްތަކާއި ފަސޭހަތައް ލިބޭ ގޮތަށެވެ.

  1. ކޮންމެ ފާހާނާއެއް ހުންނަންވާނީ ފަސޭހައިން ފާހާނާކޮށް ފެންވެރޭ ގޮތަށެވެ. 
  2. ފާހާނާގެ ބިތްތައް ހުންނަން ވާނީ 6 ފޫޓް އުސްމިނުގައި ވަށައިގެން ޓައިލްސް ޖަހާފައެވެ.
  3. ފާހާނާގެ ތަޅުން ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިންއަށް ފެންފައިވާގޮތަށް ތަޅުން މައްޗަށް އެޅޭ ފެން ފަސާއެއިން ދެމިގެންދާ ގޮތަށެވެ. 
  4. ކޮންމެ ފާހާއެއްގައި މަތިޖެހޭގޮތަށް ހުންނަ އިށީންނަ ފާހާނާތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. މުސްލިމް ށަވަރު ހުންނަންވާނެއެވެ. 
  6. ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ. 
  7. މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ. 
  8. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ. 
  9. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  10. ކޮންމެ ފާހާނާއެއް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރެވޭގޮތަށެވެ. 
  11. ފާހާނާގެ ތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނައިގައި ނުބެހެއްޓިއަސް ފުދޭނެއެވެ. 
  12. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ. 
  13. ފާހާނގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ފާހާނާގެ ތެރޭގައި ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  14. ކޮންމެ ފާހާނާއެއްގައި އެތެރެއިން ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) މުވައްޒަފުން ތިބުމަށް ހަދާފައި ހުންނަ ކޮޓަރިތައް ހުންނަން ވާނީ ތިރީގައިމިވާ ސާމާނާއި ފިޓިންގސްއާއެކު ތިރީގައިމިވާ މިންގަނޑަށް ހަދާފައެވެ. 

  1. ކޮންމެ މީހަކަށް ވަކި އެނދަކާއި، ކޮންމެ އެނދެއްގައި ތުނިވެގެން "4" އިންޗީގެ ގޮދަޑިއަކާއި ބެޑްށީޓެއް އަދި ކޮންމެ އެނދަކަށް އުރައާއެކު ބާލީހެއް.
  2. މޫނު ބަލާ ލޯގަނޑެއް ކޮޓަރި ތެރޭގައި ހުންނަންވާނެއެވެ. 
  3. ފޮށި، ދަބަސް ބަހައްޓާނެ ތަނެއް، ކޮޓަރިތެރޭގައި ނުވަތަ ކެބިން ބޭރުގައި ކޮންމެ މުވައްޒަފަކަށް ވަކިން ތަޅުލެވޭގޮތަށް ހާސްކުރެވިފައިވާ ތަނެއް
  4. ކޮންމެ ކޮޓަރިއއްގައި ހެދުން ބަހައްޓާނެ އަލަމާރިއއް މަދުވެގެން ކޮންމެ މުވައްޒަފަކަށް އެކަށީގެންވާ 2 ކޮނޑާއެކު.
  5. ކެބިންގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  6. ކޮންމެ ކޮޓަރިއެއްގައި ކަރަންޓް ނެގޭގޮތަށް ކޮންމެ 3 މުވައްޒަފަކަށް 1 ސޮކެޓްސްވިޗްގެ ނިސްބަތުން ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  7. ކޮޓަރިތައް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. އެއަކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  8. ކޮންމެ ކޮޓަރިއެއްގެ ދޮރުގައި އެތެރެއިން ތަޅުލެވޭގޮތަށް ތަޅެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ކޮޓަރީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް، އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. ކެބިންގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން 1 އަޅިގެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  10. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ.

 

 

ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމާއި ރައްކާތެރިކަން އަދި އިންށުއަރެންސް

 

23 ވަނަ މާއްދާ - އަލިފާންނިވި ބެހެއްޓުން

(ހ) ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ގަވާއިދަކަށް އަމަލުކުރަން ފެށެންދެން އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ތިރީގައި ބުނެފައިވާ ގޮތަށް ޓޫރިސްޓް ގެސްޓްހައުސްތަކުގައި އަންނަނިވި ތަންތަނުގައި އަލިފާންނިވި ބެހެއްޓިފައި ހުންނަންވާނެއެވެ. އިސްވެ ދެންނެވިފައިވާފަދަ މިންގަނޑެއް ނުވަތަ ގަވާއިދެއް ތައާރުފު ކުރުމުން އެގަވާއިދަކާ އެއްގޮތަކަށް ކަންތައް ފުރިހަމަ ކުރަންވާނެއެވެ.

  1. ގެސްޓުންނާއި މުވައްޒަފުންގެ ކޮޓަރިތައް ހުން ކޮންމެ ފަންގިފިލާއެއްގައި.
  2. ބަދިގެ (އެތެރެއާއި ބޭރުގައި)
  3. ރިސެޕްށާން/ލޮބީ އޭރިއާ.
  4. ރެސްޓޯރެންޓް.
  5. ކޮރިޑޯތަކާއި އާންމު ސަރަހައްދުތައް.

ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން

(ށ) ކޮންމެ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާފަރާތަުންވެސް ދިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށްފައި އޮންނަންވާނެއެވެ. މި ޕްލޭނުގައި އަލިފާނުގެ ނުވަތަ އެހެންވެސް ހާދިސާއެއް ދިމާވެއްޖެނަމަ ޓޫރިސްޓުންނާއި މުވައްޒަފުން އަމަލުކުރާނެ ގޮތާއި އިމަރޖެންސީ ހާލަތެއްގައި ގެސްޓްހައުސްއިން ބޭރަށް ނުކުންނާނެ ގޮތް ކުރެހުމާއެކު އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔެ، ފެންނާނެހެން ތިރީގައިމިވާ ތަންތަނުގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި މި ޕްލޭނާބެހޭ މައުލޫމާތު ހުރިހާ މުވައްޒަފުންނަށް ދޭންވާނެއެވެ. 

  1. ގެސްޓުންނާއި މުވައްޒަފުންގެ ކޮޓަރިތަކުގެ ވަންނަ ދޮރުގެ އެތެރެ ފަރާތުގައި. 
  2. ބަދިގެއާއި ކާކޮޓަރީގެ އެތެރޭގައި ފަސޭހައިން ފެންނާނޭގޮތަށް.
  3. ރިސެޕްށަން/ލޮބީ އޭރިއާ.
  4. ރެސްޓޯރަންޓް.
  5. ކޮރިޑޯތަކާއި އާންމު ސަރަހައްދުތަކުގައި.
  6. ގެސްޓުންގެ ކޮޓަރީގައި ހުންނަ އިންފޮމޭށަން ކިޓާއެކު.

 

24 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްއެއްގައި އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫން ހާދިސާއެއް ހިނގައިފިނަމަ އެކަން ވަގުތުން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް އަންގަންވާނެއެވެ. އަދި ދިމާވާ ހާދިސާގައި އެހެން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުވައިދިންނަމަވެސް އެކަމެއްގެ މައުލޫމާތު މޯލްޑިވްސް ނޭށްނަލް ޑިފެންސް ފޯސްއަށް އަންގަންވާނެއެވެ. އަދި މި މައުލޫމާތު މިނިސްޓްރީއަށްެސް އަންގަންވާނެއެވެ. 

 

25 ވަނަ މާއްދާ - ރައްކާތެރިކަން

(ހ) ގެސްޓްހައުސްގައި އެކަށީގެންވާ ސަލާމަތީ ނިޒާމެއް ގާއިމްކުރެވިފައި ހުންނަންވާނެއެވެ. 

(ށ) ގެސްޓްހައުސްގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހުންނަންވާނެއެވެ. 

(ނ) ގެސްޓްހައުސްގައި ތިބޭ ޓޫރިސްޓުންގެ ޕާސްޕޯޓާއި، ފައިސާ ރައްކާކުރެވޭނެފަދަ ސޭފް ޑިޕޮޒިޓް ބޮކްސްއެއް ނުވަތަ ތިޖޫރީއެއް ހުންނަންވާނެއެވެ. 

 

26 ވަނަ މާއްދާ - އިންށުއަރެންސް

(ހ) ގެސްޓްހައުސް ހުންނަންވާނީ ހޯލް ކަވަރ އިންށުއަރ ކުރެވިފައެވެ. އަލިފާނުގެ ހާދިސާއެއް، ވައްކަން ނުވަތަ އެނޫންވެސް ކާރިސާއެއް ދިމާވެގެން ގެސްޓްހައުސްގައި ޓޫރިސްޓުން ނުބޭތިއްބޭގޮތް މެދުވެރިވެއްޖެނަމަ، ޓޫރިސްޓުން އެހެން ތަނެއްގައި ބޭތިއްބުމުގެ ހަރަދު އިންށުރަރެންސުން ކަވަރކުރަންވާނެއެވެ. 

(ށ) އިންށުަރ ނުކޮށް ވަނިކޮށް ދިމާވާ ހާދިސާތަކުގައި، އިންށުއަރެންސުން ކަވަރކުރަން ޖެހޭނެކަމަސް ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަމަށް، ގެސްޓްހައުސް ހިންގާ ފަރާތުން ޒިންމާވާންޖެހޭނެއެވެ. 

(ނ) ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭފަރާތުން މިފަދަ އިންށުއަރެންސް ޕޮލިސީއެއްގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އަދި ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތުގައި، މި އިންށުއަރެންސް ޕޮލިސީ ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށްފަހު މިނިސްޓްރީއަށް އޭގެ ކޮޕީ ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ނަގާފައިވާ އިންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް ކޮތްކަން ސާފުކުރުމަށް މިނިސްޓްރީއިން އެދެފިނަމަ އެކަމުގެ ކިތާބީ ހެއްކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން މިނިސްޓްރީން އެދޭ އެދުމަށް އިޖާބަ ނުދީފިނަމަ ނުވަތަ އެފަދަ އެންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް އޮތްކަން ދައްކައިދޭ ލިޔެކިޔުން ހުށަނާޅައިފިނަމަ އެ ގެސްޓްހައުސްއެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ބ) މި ގަވާއިދަށް އަމަލުކުރަންފެށުމުގެ ކުރިން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން، މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 03 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން މި މާއްދާގައި ބުނެފައިވާފަދަ އިންށުއަރެންސް ނެގުމަށްފަހު އޭގެ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އިންށުއަރެންސް ނަގާފައިނުވާނަމަ އެފަަރާތަށް ދޫކޮށްފައިވާ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. 

 

އެހެނިހެން ކަންތައްތައް

 

27 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓް ގެސްޓްހައުސްގައި ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ފެން ހުންނަންވާނީ ސަރުކާޜުގެ ކަމާބެހޭ އިދާރައަކުން އެފަދަ ބޭނުމަށް ބޭނުންކުރާ ފެން ހުންނަންޖެހޭނެކަމަށް ކަނޑައަޅާ މިންގަނޑަށެވެ. 

(ށ) ކާބޯތަކެތި ރައްކާކުރެވިފައި ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކާބޯތަކެތި ރައްކާކުރުމަށްޓަކައި އެއިރެއްގައި ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ނ) ޓޫރިސްޓް ގެސްޓްހައުސްގައި ފެސްޓް ކޮންޓްރޯލްކުރުމަށް އެކަށޭނަ ނިޒާމެއް ރޭވިފައި އޮންނަންވާނެއެވެ. 

(ރ) ޓޫރިސްޓް ގެސްޓްހައުސްގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތައް އަލިވާކުރުމަށްޓަކައި އެކަށީގެންވާ ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) ޓޫރިސްޓް ގެސްޓްހައުސްގައި ހުންނަ ހުރިހާ އާންމުސަރަހައްދުތަކުގައި އިމަރޖެންސީ ލައިޓް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗް ހުންނަންވާނެއެވެ. 

 

28 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީން ހުއްދަ ލިބިގެން ހިންގަމުން ގެންދާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ. 

(ށ) މިގަވާއިދުގެ ދަށުން ކަމަކުން އިސްތިސްނާވެފައިވާ ގެސްޓްހައުސްއެއްގެ ލައިސަންސް ބާތިލުކުރުމަށްފަހު އަލުން އޮޕަރޭޓްކުރަން ފަށްޓާނަމަ، ދެން އެ ގެސްޓްހައުސްއަކަށް ހުއްދަ ދެވޭނީ މި ގަވާއިދުގައި ބުނެފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައެވެ. 

 

29 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ ބޭރާއި އެތެރެ ހުންނަންވާނީ އެކަށީގެންވާ ފެންވަރަކަށް ސާފުތާހިރުކޮށް ރަނގަޅަށް ބެލެހެއްޓިފައެވެވެ. 

 

30 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްއަށް ކިާނަމަކީ މިނިސްޓްރީން ފާސްކޮށް، ވިޔަފާރި ނަމެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ ނަމަކަށް ވާންވާނެއެވެ. އަދި އެނަން ފިޔަވައި އެހެންނަމެއް ޓޫރިސްޓް ގެސްޓްހައުސް މާކެޓްކުރުމަށް ނުވަތަ ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ. 

 

ޓޫރިސްޓް ޓެކްސް ދެއްކުން

 

31 ވަނަ މާއްދާ - ޓޫރިސްޓުން ރަޖިސްޓްރީކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސްގައި ބައިތިއްބާ ހުރިހާ މީހުންގެ މައުލޫމާތު ގެސްޓް ރަޖިސްޓްރީގައި ލިޔަންވާނެއެވެ. ގެސްޓް ރަޖިސްޓްރީގެ ނަމޫނާ ޖަދުވަލު 2 ގައި ވާނެއެވެ. 

(ށ) ޓޫރިސްޓުން ރަޖިސްޓްރީ ކުރުމަށް ގެސްޓް ރަޖިސްޓްރޭށަން ކާޑު ފުރަންވާނެއެވެ. ގެސްޓް ރަޖިސްޓްރީ ކާޑުގައި ހިމަނަންޖެހޭ މައުލޫމާތު ދައްކައިދޭ ކާޑުގެ ނަމޫނާ ޖަދުވަލު 3 ގައި ވާނެއެވެ. 

(ނ) ކޮންމެ ދުވަހަކުވެސް އެދުވަހަކު ގެސްޓްހައުސްއަށް ޗެކްއިން އަދި ޗެކްއައުޓް ކުރި މީހުންގެ މައުލޫމާތު ގެސްޓް ރަޖިސްޓްރީގައި ހިމަނަންޖެހޭނެއެވެ. 

 

32 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި ޓޫރިޒަމް ޓެކްސް ދެއްކުން

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތުން ގާނޫނު ނަންބަރު 2/1999 ގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ވޭތުވެދިޔަ މަހުގެ ޓެކްސް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަަވާއިދުން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކަންވާނެއެވެ. 

(ށ) ޓޫރިސްޓް ގެސްޓްހައުސްއެއްގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބ ޓޫރިސްޓުންނާބެހޭ މައުލޫމާތު (ޓެކްސް ށީޓު)، ހިނގާ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތު ހުށަހަޅާނީ ޖަދުވަލު 4 ގައި އެވާ ނަމޫނާއާ އެއްގޮތަށެވެ. މި މައުލޫމާތު ފޯމުގެ ކޮޕީއެއް ހަމަ އެތާރީހުގެ ކުރިން އޯޑިޓް އޮފީހަށްވެސް ހުށަހަޅަންޖެހޭނެއެވެ. 

 

33 ވަނަ މާއްދާ - މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކޮންމެ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ވޭތުވެދިޔަ މަހު ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު ޖެހިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން އެންމެ ފުރަތަމަ އޮފީސް ހުޅުވޭ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބެުނެފައިވާ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ނުވޮނުވާނަމަ، ފުރަތަމަ ފަހަރު ގެސްޓްހައުސްއެއްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ އެނދެކަށް 1،000 (އެއްހާސް ރުފިޔާ) އިން، އަދި ދެވަނަ ފަހަރަު އެގެސްޓްހައުސްއެއްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ އެނދަކަށް 2،000 (ދެހާސް ރުފިޔާ) އިން އެގެސްޓްހައުސްއެއް ހިންގާފަރާތް ޖޫރިމަނާ ކުރެވޭނއެވެ. އަދި މިކަން 3 ފަހަރު ތަކުރާރުވެއްޖެނަމަ އެގެސްޓްހައުސްއަކަށް ދޫކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. 

 

34 ވަނަ މާއްދާ - ގެސްޓުހައުސް ހިންގާ ރަށުގައި ލިބެން ހުންނަންޖެހޭ ފަސޭހަތައް

(ހ) ގެސްޓުހައުސް ހިންގާ ރަށުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދިފައިވާ ސިއްހީ ހިދުމަތް ލިބެން ހުންނަންވާނެއެވެ. މިފަދަ ތަނެއްނެތް ރަށެއްނަމަ އިމަރޖެންސީ ހާލަތެއްގައި ހޮސްޕިޓަލަކަށް ބަލިމީހާ ގެންދެވޭނެފަދަ ދަތުރުފަތުރުގެ ހިދުމަތް ގެސްޓްހައުސްއިން ފޯރުވައިދޭންވާނެއެވެ. 

(ށ) ގެސްޓުހައުސް ހިންގާ ރަށަކީ ފުލުހުންގެ މަރުކަޒެއް ނުވަތަ ފުލުހުންގެ ހިދުމަތް ލިބެން ހުންނަ ރަށަކަށް ވާންވާނެއެވެ. 

(ނ) ޓޫރިސްޓަކު ގެސްޓުހައުސްއަށް ދިއުމަށްޓަކައި ނުވަތަ ގެސްޓުހައުސްއިން އަނބުރާ ދިއުމަށްޓަކައި ދަތުރުފަތުރުގެ ކަންތައް ހަމަޖައްސަން އެދިއްޖެނަމަ، ކަނޑައެޅިފައިވާ އަގަކަށް އެ ހިދުމަތް ހަމަޖައްސައިދެވޭނެ އިންތިޒާމެއް ގެސްޓްހައުސް ހިންގާ ފަރާތުން ހަމަޖައްސަންވާނެއެވެ. 

(ރ) ގެސްޓުހައުސްގައި 24 ގަޑިއރު ކަރަންޓްގެ ހިދުމަތް ލިބެން ހުންނަންވާނެއެވެ. 

 

35 ވަނަ މާއްދާ - ގެސްޓްހައުސްތަކުގައި ކުރުން މަނާ ކަންތައްތައް

(ހ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ހުއްދަ ނުކުރާ އެއްވެސް ކަމެއް ގެސްޓުހައުސްއެއްގައި ކޮށްގެންނުވާނެއެވެ. 

(ށ) ގެސްޓުހައުސްގެ އެއްވެސް ކޮޓަރިއަކަށް އެކޮޓަރިއެއް ކުއްޔަށްހިފާ މީހުން ނޫން އެހެން އެއްވެސް މީހަކު ވައްދައިގެން ނުވާނެއެވެ. 

 

36 ވަނަ މާއްދާ - ގެސްޓްހައުސް ހިންގާ ފަރާޓުގެ ޒިންމާތައް

(ހ) މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓުހައުސް ހިންގުމުގެ ހުއްދަދެވޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އަދި މިފަދަ އެހެން ފައިސާ އެފައިސާއެއް ދައްކަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދައްކަމުން ގެންދަންވާނެއެވެ. 

(ށ) މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭ ފަރާތްތަކުން، އެފަރާތްތަކުން ހިންގާ ގެސްޓްހައުސް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓްކޮށް، މިނިސްޓްރީން ނުވަތަ ދައުލަތުގެ އޮޑިޓަރުން ބަލަން ބޭނުންވެގެން އެދިއްޖެ ކޮންމެ ހާލަތެއްގައި ބެލޭނެ ގޮތަށް އެގެސްޓްހައުސްގެ އެކައުންޓިން ސިސްޓަމް ގާއިމްކުރަންވާނެއެވެ. 

 

37 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

(ހ) ޓޫރިސްޓް ގެސްޓްހައުސްތަކުން ދޭންޖެހޭ ހިދުމަތުގެ ފެންވަރު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތެއް 1،000،000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމުގެ އިތުރުން، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި، އެތަނަކަށް ދޫކޮށްފައިވާ ހުއްދަ، އެކަމެއް އިސްލާހުކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ށ) މި ގަވާއިދުގައި އަދަބު ކަނޑައެޅިފައި ނުވާ މާއްދާއަކާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތަކުން ހިލާފްވެއްޖެނަމަ، އެހިލާފްވުމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 (އެއްލައްކަ) ރުފިޔާއަށްުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެތަނަކަށް ދޫކުރެވިފައިވާ ހުއްދަ ތިރީގައިމިވާ މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަހަރު، 1 މަސްދުވަހާއި 3 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  2. ދެވަނަ ފަހަހަރު، 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  3. ތިންވަނަ ފަހަހަރު، 6 މަސްދުވަހާއި 1 އަހަރުދުވަހުގެ މުއްދަތަކަށް.

 

މާނަ

 

38 ވަނަ މާއްދާ(ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގައި، އެ އިބާރަތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާ ނަމަ:

(ހ) "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ. 

(ށ) "ޓޫރިސްޓް ގެސްޓްހައުސް" ނުވަތަ "ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ. 

(ނ) "ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2007) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވިޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ. 

(ރ) "ގެސްޓް ރެޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ ޓޫރިސްޓުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެ ރެކޯޑް ކުރެވޭގޮތަށް ކަރުދާހުން ހަދާފައިވާ އޮންނަ ފޮތް ނުވަތަ ފައިލަށެވެ. 

(ބ) "ރެޖިްސްޓްރޭށަން ކާޑު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުން މައުލޫމާތު ހޯދުމަށް ޓޫރިސްޓުން ފުރުމަށް ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ކާޑަށެވެ. 

(ޅ) "ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ. 

(ކ) "ޓޫރިސްޓް ބެޑްކެޕެސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ. 

(އ) "އެނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައިވާހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ. ޑަބަލް އެނދަކީ ދެ އެނދެވެ. އަދި ސންގަލް އެނދަކީ އެއް އެނދެއެވެ. ޑަބަލް އެނދުގެ ސައިޒާއި ސިންގަލް އނދުގެ ސައިޒު މިގަވާއިދުގެ ޖަދުވަލުގެ 16 ވަނަ މާއްދާގެ (ރ) ގެ (1) ގައި ބަޔާންކުރެވިފައި އެވަނީއެވެ. 

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ޗކަލްޗަރ ނުވަތަ ޓޫރިޒަމް ގާނޫނުގެ ދާސުން ދިވެހިރާއްޖޭގއި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު ހަދައި ހިންގުމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީއަކަށެވެ. 

 

39 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފެށޭނީ ޖެނުއަރީ 2010 ދުވަހުން ފެށިގެންނެވެ. 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު