-

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2009)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) ގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމާއި އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަންޖެހޭނެ ފަސޭހަތަކުގެ ނިންގަނޑާއި އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެ ހިދުމަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއަިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު" އެވެ. 

 

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން

 

2 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސް ހިންގުން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި ިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީ، އާޓްސް އެންޑް ކަލްޗަރއިން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ށ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ގާނޫނު ނަންބަރު 2011-13 (ޕާރޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާޓްނަރށިޕްތަކަށާއި، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ. މިގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރށިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ކަމަށް އެ ޕޮލިސީގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާ ގޮތުގެ މަތިންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭނީ އަންނަނިވި ބިންބިމާއި ސަރަހައްދުތަކުގައި ކޮށްފައިވާ އިމާރާތްތަކުގައި ހިންގުމަށް ހުށަހަޅާ ޓޫރިސްޓް ގެސްޓްހައުސްތަކަށެވެ. (އިސްލާހު ކުރެވިފައި)

  1. ސަރުކާރުން، މީހުން ދިރިއުޅުމަށް ދޫކޮށްފައިހުންނަ ގޮތި. ޖެހިޖެހިގެން ހުންނަ ދޭއް ނުވަތަ އެއަށްވުރެ ގިނަ ގޯތި އެއްކޮށް އެއްގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް ޖެހިޖެހިގެން ނޫންގޮތަކަށް ހުންނަ އެއްގޯއްޗަށްވުރެ ގިނަގޯތި ހިމެނޭގޮތަށް އެއް ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެއްގޯއްޗަށްވުރެ ގިނަގޯތި ހިމެނޭގޮތަށް އެއް ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދީފައިވަނިކޮށް، ގެސްޓްހައުސްއެއްގައި ހުރުން ލާޒިމުކުރާ ކަމެއް ހިމެނިފައިވާ ގޯއްޗެއް ކުއްޔަށްހިފުމަށް ކޮށްފައިވާ އެގްރީމަންޓް ބާތިލުވެއްޖެނަމަ ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ. މީގެ ސަބަބުން ދިމާވާ ހުރިހާ ކަމަކަށް ޒިންމާވާންޖެހޭނީ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނަގާފައިވާ ފަރާތުންނެވެ. 
  2. ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބިން ބޭނުންކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތަށް މިނިސްޓްރީން އިއުލާންކޮށްގެން ކުއްޔަށްދޭ ބިންބިމާއި ސަރަހައްދުތައް. 
  3. ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުއްޔަށްދޭ ބިންބިމާއި ސަރަހައްދުތަކުގެ ތެރެއިން ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބިންބިމާއި ސަރަހައްދުތައް. 

 

3 ވަނަ މާއްދާ - ހުއްދަ ދޫކުރުން ހުއްދައަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީ، އާޓްސް އެންޑް ކަލްޗަރއަށް ހުށަހަޅާއިރު ތިރީގައިމިވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަސްލު ނެތް ހާލަތެއްގައި އެލިޔުމެއް ދޫކުރި ފަރާތުން ތަސްދީގުކޮށްފައިވާ ކޮޕީއެއް ހުށަހެޅިދާނެއެވެ.

(ހ) މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމު.

(ށ) ހުއްދައަށް އެދި ހުށަހަޅާ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ.

(ނ) ޓޫރިސްޓް ގެސްޓްހައުސް ހިންގަން ބޭނުންވާ އިމާރާތަކީ، ޓޫރިސްޓް ގެސްޓްހައުސް ހިންގާ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަ ދޫކޮށްފައިވާ ތަނެއްކަން އެނގޭކަމުގެ ލިޔުން. (އިސްލާހު ކުރެވިފައި)

(ރ) ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތާއި ގޯތީގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އިމާރާތާއި ގޯތީގެ ވެރިފރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮންނަންވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތުގެ ނަމުގައި، އެ ގޯއްޗާއި އިމާރާތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނަގައި ހިންގުމުގެ އިހްތިޔާރު ލިބިދޭ މާއްދާއެއް އޮންނަންވާނެއެވެ. 

(ބ) (އުނި ކުރެވިފައި)

(ބ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ފަރުދެއްނަމަ، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

(ޅ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ޕާޓްނަރށިޕެއްނަމަ، އެޕާޓްނަރށިޕުގެ ރަޖިސްޓަރީއާއި ޕާޓްނަރށިޕް އެއްބަސްވުން. އަދި ހުރިހައި ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު. އަދި ޕާޓްނަށިޕުގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން ހިމެނިފައި އޮންނަންވާނެއެވެ. 

(ކ) ހުއްދައަށް އެދި ހުށަހޅާ ފަރާތަކީ ކުންފުންޏެއްނަމަ އެކުންފުނީގެ ރަޖިސްޓްރީއާއި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުން އެނގޭނޭހެން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ދޫކޮށްފައިވާ ލިޔުމަކާއި ހުރިހައި ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު. އަދި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން ހިމެނިފައި އޮންނަންވާނެއެވެ. 

(އ) ޓޫރިޒަމާބެހޭ ގާނޫނުގެ 21 ވަނަ މާއްާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކުރުމަށްޓަކައި ދައްކަންޖެހޭ ރަޖިސްޓްރީ ފީއަށްވާ 5،000 (ފަސްހާސް) ރުފިޔާ. 

(ވ) ޓޫސްޓް ގެސްޓްހައުސްއަށް ކިޔަން ހުށަހަޅާ ނަމަކީ އެޕްލިކޭށަން ހުށަހަޅާ ފަރާތުން ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް. (އިތުރު ކުރެވިފައި)

(މ) ހުއްދައަށް އެދި ހުށަހަޅާ އިމާރާތަކީ ގައުމީ ބޮޑު މަށްރޫއެއް ހިންގުމަށް ސަރުކާރުން ކުއްޔަށްދީފައިވާ ބިމެއް ނުވަތަ ސަރަހައްދެއްގައި ހުރި އިމާރާތެއްނަމަ، އެ ބިމެއް ނުވަތަ އެ ސަރަހައްދަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިމެއް ނުވަތަ ސަރަހައްދެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް. (އިތުރު ކުރެވިފައި)

 

4 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ ނުވަތަ ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯމާއި ލިޔެކިޔުންތައް ފުރިހަމައަށް މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީއިން ނުވަތަ އެމިނިސްޓްރީން އައްޔަން ކުރާ ފަރާތަކުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ އިމާރާތް ބެލުމަށްފަހު، އެއިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށްޓަކައި ޓުރިޒަމާބެހޭ ގާނޫނާއި މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އިމާރާތަކަށްވެފައި ޓޫރިސްޓް ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މި ގަވާއިދުގައި ކަނަޑައެޅިފައިވާ ފަސޭހަތަކާއި ހިދުމަތްތައް އެ ގެސްޓްހައުސްއަކުން ލިބެންހުރި ތަނެއްކަމުގައި ވާނަމައެވެ. 

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނފައިވާ އިންސްޕެށަނަށް ހެދުމަށްޓަކައި ހަމައްސަންޖެހޭ ދަތުރުފަތުރާއި، އެކަމަށް ހިނގާ އެހެނިހެން ހަރަދަކީ ހުއްދައަށް އެދޭ ފަރާތުން ދައްކަވަންޖެހޭނެ ހަރަދެކެވެ. މީގެ އިތުރުން، ގެސްޓްހައުސް ހިންގަވާ ފަރާތުން އެދިވަޑައިގަންނަވާ ކަމެއްގެ ސަބަބުން ގެސްޓްހައުސް އިންސްޕެކްޓް ކުރަންޖެހޭނަމަ، އެކަމުގެ ހަރަދުވެސް ދައްކަވާނީ ގެސްޓްހައުސް ހިންގާ ފަރާތުންނެވެ. 

(ނ) ސަރުކާުން، މީހުން ދިރިއުޅުމަށް ދޫކޮށްފައިވާހުން ގޯތި ނޫން އެހެނިހެން ބިންބިމުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކުއްޔަށް ދޫކުރާ ތަންތަން ނުވަތަ މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ - ހުއްދަދެވޭ މުއްދަތު 

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. 

(ށ) ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އަދި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ އެގްރީމަންޓްގެ މުއްދަތަކީ 5 އަހަރު ދުވަހަށްވުރެން ކުރު މުއްދަތެއްނަމަ، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ އެ އެގްރީމަންޓްގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާގޮތަށެވެ. 

 

6 ވަނަ މާއްދާ - ޓޫރިސްޓް ގެސްޓްހައުސްތައް ބަލާ ޗެކްކުރުން

މި ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަދީފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް ކޮންމެ ގަޑިއެއްގައިވެސް ބަލާޗެކް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓީއިން އައްޔަން ކުރާފަރާތަކަށް ލިބިގެންވެއެވެ. 

 

7 ވަނަ މާއްދާ - ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ގެސްޓްހައުސް ހިންގުން ހުއް ޓައިލަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުއްދަ ބާޠިލުކޮށް، ހުއްދަ ބާޠިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) ގެސްޓްހުއސް ހިންގުމުގެ ހުއްދަ ލލިބިފައސިވާ ފަރާތަކުން އެފަރާތަކަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްދަ ބާޔިލު ނުކުރާނަމަ މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް އެފަރާތަކުން ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެފަދަ ކަންތައްތައް ފުރިހަމަ ނުކުރާނަމަ، ގަވާއިދުން ކަނޑައެޅިފައިވާ ގޮތެއްގެ މަތިން އެފަދަ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ. 

(ރ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރީން، އެ ހުއްދަ އައުކުރުމަށް މިނިސްޓއަށް ހުށަހަޅައި، ހުއްދަ އައުކޮށައިނުވާނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީއެވެ. 

(ބ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލެއް ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

 

8 ވަނަ މާއްދާ - ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުން

(ހ) މިގަވާއިދުގެ ދަށުން ހުއްދަދެވިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަކަށް ދެވިފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ޓޫރިސްޓް ގެސްޓްހައުސްއެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅޮސް) ދުވަސް ކުރިން މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަންއާއެކު މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެގެން ނުވަތަ ހިންގާ ފަރާތުން ބަދަލުވެގެން ނުވަތަ ވެރިފަރާތް ބަދަލުވެގެން ނުވަތަ ހުއްދަ ގެއްލިގެން ނުވަތަ އެނޫން ސަބަބެއް މެދުވެރިގެގެން ނަމަވެސ،ް މިނިސްޓީއިން އަލުން ހުއްދަ ދޫކުރުމަށް އެދޭނަމަ، އެކަމަށްޓަކައި 500 (ފައްސަތޭކަ) ރުފިޔާގެ ފީއެއް ނެގޭނެއެވެ. 

 

9 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ހުއްދަ ބާތިލުވުމަށް އަލުން ހުއްދައަށް އެދޭނަމަ އެ ގެސްޓްހައުސްއަކަށް އަލުން އެހުއްދަ ދޫކުރެވޭނީ 5،000 (ފަސްހާސް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. 

 

10 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ އިމާރާތުގެ ބައިތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެ ބަދަލެއް ގެންނަންވާނީ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއެކު އެ ބަދަލެއް ގެނައުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

 

11 ވަނަ މާއްދާ - ހައްގުތައް ބަދަލުކުރުން (ސުރުހީ އިތުރުކުރެވި މާއްދާ އިސްލާހު ކުރެވިފައި) 

މި ގަވާއިދުގެ ދަށުން ދީފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ 
މަތިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވުމާއެކު، އެ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ގެސްޓްހައުސްއާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތްނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.

 

12 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ގެސްޓްހައުސްއެއްގެ އިމާރާތުގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، ވެރިފަރާތް ބަދަލުވީ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރިއަށް އަންގައި، އިމާރާތާއި ގޯތީގެ އައު ރަޖިސްޓަރީގެ ކޮޕީ ހުށަހެޅަންވާނެއެވެ 

(ށ) ވެރިފަރާތް ބަދަލުވި ގެސްޓްހައުސް ހިންގަނީ ވެރިފަރާތް ނޫން އެހެން ފަރާތަކުންނަމަ، ވެރިފަރާތް ބަދަލުވާ ދުވަހުްނ ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އއު ވެރިފަރާތާއި ގެސްޓްހައުސް ހިންގާ ފަރާތާ ދެމެދު ގެސްޓްހައުސް ހިންގުމާ ބެހޭގޮތުން ކުރެވޭ އެއްބަސްވުމެއް މިނިސްޓްރީއަށް ހުށަހަޅަނވާއެވެ، 

 

13 ވަނަ މާއްދާ - ގެސްޓްހައުސް ހިންގުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ޓޫރިސްޓުން ބޭތިއްބުމަށް ރިޒަވޭށަނެއް ހަދާނަމަ، ތިރީގައިވާ ކަންތައްތަކާމެދު ރިޒަރވޭށަން ހަދައިދެވޭ ފަރާތާއެކު އެއްބަސްވުމެއްވާންވާނެއެވެ.

  1. ރިޒަރވޭށަން ކޮންފާރމް ކުރާނެގޮތް.
  2. ފައިސާ ދައްކަންޖެހޭ އަދަދާއި ދައްކާނެގޮތާއި މުއްދތު (ޓެކްސް އަދި ސަރވިސް ޗާރޖް ހިމެނޭނަމަ އެކަން އެނގޭނެގޮތަށް).
  3. ރިޒަރވޭށަން ކެންސަލް ކުރެވޭނެގޮތާއި މުއްދަތު.
  4. ރިޒަރވޭށަން ބަދަުކޮށް ނުވަތަ ބާތިލުކޮށްފިނަމަ ހަދާނެގޮތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަރވޭށަނެއް ކޮންފާމް ކުރުމަށްފަހު، އެއްބަސްވެފައިވާގޮތަށް ނޫން ގޮތަކަށް ގެސްޓްހައުސް ހިންގާ ފަރާތަކުްނ ރިޒަރވޭށަނެއް ކެންސަލްކޮށްގެން ޓޫރިސްޓަކަށް ދިމާވާ ހުރިހާ ދަތިތަކެއްގެ ޒިންމާ ގެސްޓްހައުސް ހިންގާ ފަރާތަކުން ނަގަންވާނެއެވެ. 

 

14 ވަނަ މާއްދާ -

ޓޫރިސްޓް ގެސްޓްހައުސްއަކުން ވަޒީފާ ދިނުމާއި، ވަޒީފާއާބެހޭ ހުރިހާކަންތައްތަކާއި، އެފަދަ ތަނެއްގައި މަސައްކަތްކުރަމުން ގެންދާ މުވައްސަފަކު ވަޒީފާއިން ވަކިވާނަމަ ނުވަތަ ވަކިކުރާނަމަ އެމުވައްޒަފަކާ ދޭތެރޭ އަމަލުކުރަން ވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

 

15 ވަނަ މާއްދާ - 

މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ކުންފުޏެއްގެ ހިއްސާ ބަދަލުކުރާނަމަ ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރެއް ބަދަލުވާނަމަ، ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރަނެއް ބަދަލުވާނަމަ އެކަމަށްޓަކައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ހުއްދދޭ ތާރީހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

 

16 ވަނަ މާއްދާ - 

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާއެއް ދިވެހި ރައްޔިތެއް ނޫން މީހަކަށް ބަދަލުކޮށްފިނަމަ މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި މިކަމާ ގުޅިގެން ޓޫރިސްޓުންނަށް ދިމާވާ ހުރިހާ ކަމަކަށް ޒިންމާވާނީ ގެެސްޓްހައުސް ހިންގާ ފަރާތުންނެވެ. 

 

17 ވަނަ މާއްދާ - 

މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ކޮންމެ ގެސްޓްހައުސްއެއްގައިވެސް ވަކިން ކަރަންޓާއި ފެން އަދި ފޯނާއި ފެކްސް ހުންނަންވާނެއެވެ. 

 

18 ވަނަ މާއްދާ - 

ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ޓޫރިސްޓް ގެސްޓްހައުސް ހިްނގުމުގައި، ނުވަތަ އެ ޓޫރިސްޓް ގެސްޓްހައުސްއެއްގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ. އަދި އެހެން އެއްވެސް ފަރާތަކަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ހިންގުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއްގެ ތުހުމަތުގައި ދައުލަތުގެ ކަމާބެހޭ ފަރާތަކުން މައްސަލައެއް ބަލަން ފެށުމުން ނުވަތަ އެފަދަ މައްސަލައަކާ ނުވަތަ ތުހުމަތަކާބެހޭ މައުލޫމާތެއް މިނިސްޓްރީއަށް ލިބިއްޖެނަމަ، މިގަވާއިދާ ހިލާފުވުމުން އަމަލުކުރަން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެފަރާތަކާމެދު އަމަލުކުރުމުގެ އިތުރުން އެފަރާތަކަށް ދީފައިވާ ހުއްދަ، އެމައްސަލައެއް ނިމެންދެން، ނުވަތަ އެއަށްވުރެ ދިގު ނޫން މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

19 ވަނަ މާއްދާ - 

ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގައި މީހުން ދިރިއުޅޭނަމަ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް ހުއްދަދެވޭ ބަޔަށް ވަކިން ވަދެވޭގޮތަށް ދޮރުކަނޑާފައި ހުންނަންވާނެއެވެ. އެއްބުރިއަށްވުރެ އިރުރަށް ހަދާފައިވާ އިމާރާތެއްނަމަ އެއް ލިފްޓުން ނުވަތަ ސިޑިން އެރިކަމުގައި ވިޔަސް އެއް ފްލޯއެއްގައި ގެސްޓްހައުސްއާއި މީހުން ދިރިއުޅޭބައި ހުރިނަމަ ދެބަޔަކަށް ވަކިން ވަދެވޭ ގޮތަށް ދޮރުކަނޑާފައި ހުންނަންވާނެއެވެ. 

 

 

ޓޫރިސްޓް ގެސްޓްހައުސްގައި ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރާއި މިންގަނޑު

ޓޫރިސްޓުންނަށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރި

 

20 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނި މަދުވެގެން 2 ކޮޓަރީގައި 6 އެނދު ހުންނަގޮތަށެވެ. އެ ކޮޓަރިތައް ތައްޔާރުވެފައިވާ ހުންނަންވާނީ މި ގަވާއިދުގައި ކަނޑައަޅާފައިވާ ހިދުމަތްތަކާއި ފަސޭހަތައް ލިބޭގޮތަށެވެ. (އިސްލާހު ކުރެވިފައި)

 

21 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގާ ކޮންމެ ގެސްޓްހައުސްއަކާއި އެ ގެސްޓްހައުސްއަކުން ލިބެންހުންނަ ހިދުމަތްތައް މަދުމިނުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބެން ހުންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

22 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތައް ހުންނަން ޖެހޭނީ ކޮންމެ ކޮޓަރިއަކަށް ބޭނުން ވަދެވޭގޮތަށް ވަކިވަކީން ހެދިފައެވެ. ކޮޓަރީގައި ހުންނަ ކޮންމެ ދޮރެއްގައި ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. ކޮންމެ ކޮޓަރިއެއްގެ ބޮޑު މިނުމުގައި މަދުވެގެން 120 އަކަފޫޓް ހުނަންވާނެއެވެ. މީގެ އިތުރުން ކޮޓަރީގެ ފުޅާ މިނުގައި މަދުވެގެން 8 ފޫޓު ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެިފައިވާ ގެސްޓްހައުސްއެއްގައި މި ށަރުތު ފުރިހަމަ ނުވާނަމަ މި މާއްދާ (16 ވަނަ މާއްދާ) ގެ (ހ) އިން އެ ގެސްޓްހައުސްއެއް އިސްތިސްނާވާނެއެވެ. ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އަލަށް ކޮޓަރިއެއް ހަދާނަމަ އެކޮޓަރިއެއް މިމާއްދާގައި ބުނެފައިވާ މިންގަނޑަށް ފެެތެންވާނެއެވެ. 

(ށ) ދެކޮޓަރި ދޭތެރޭގައި ކަނެކްޓިންގ ދޮރު ބަހައްޓާނަމަ، އެ ދޮރު ހުންނަންވާނީ ބޭނުންވެއްޖެ ހިނދެއްގައި ތަޅުލާ ދެކޮޓަރި ވަކިކޮށްލެވޭގޮތަށެވެ. އެއްވެސް ކޮޓަރިއަކަށް އެހެން ކޮޓަރިއެއްގެ ތެރެއިންލާފައި ވަދެވޭގޮތަށް ހުންނަންވާނީ ދެވަނަ ދޮރަކުންނެވެ. 

(ނ) ކޮންމެ ކޮޓަރިއެއްވެސް ހުންނަންވާީ އެކަށީގެންވާގޮތަށް ފެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ބޭނުންވެއްޖެ ލާތަލެއްގައި ހުޅުވޭގޮތަށް ލާފައި ހުންނަ މަދުވެގެން 1 ފެންލައިޓް ނުވަތަ ކުޑަދޮރު ހުންނަންވާނެއެވެ. 

(ރ) ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮންމެ ކޮޓަރިއެއް ހުންނަންވާނީ ތިރީގައި މިވާ ފަރުނީޗަރާއި ފިޓިންގްސްއާއެކު ތިރީގައި މިވާ މިންގަނޑުތަކަށް ހެދިފައެވެ. 

  1. ކޮޓަރިއެއްގައި ހުންނަންވާނީ ގިނަވެގެން 2 އެނދެވެ. މިގޮތުން 2 ސިންގަލް އެނދު ނުވަތަ 1 ޑަބަލް އެނދު ބޭނުންކުރެވިދާނެއެވެ. ޑަބަލް އެނދު ބަލާނީ 2 އެނދު ކަމުގައެވެ. ސިންގަލް އެނދު ކަމުގައި ބަލާނީ ބޮޑުމިނުގައި ކުޑަވެގެން 6x3 ފޫޓު ހުންނަ އެނދެވެ. ޑަބަލް އެނދު ކަމުގައި ބަލާނީ ބޮޑުމިނުގައި ކުޑަވެގެން 6x4 ފޫޓު ހުންނަ އެނދަށެވެ. 
  2. ކޮންމެ އެނދެއްގައި ފެންވަރު ރަނގަޅު "4" އިންޗިއަށްވުރެ ތުނި ނޫން، އިސްޕަންޖު ނުވަތަ ސްޕރިންގ ނުވަތަ އެނޫންވެސް އފަދަ އެއްޗަކުން ހަދާފައިވާ ގޮދަޑިއެއް އޮންނަންވާނެއެވެ. އަދި ކޮންމެ ގޮދަޑިއެއްގައި އޮންނަންވާނީ ބެޑްށީޓްއަޅާފައެވެ. އެނދުމަތީގައި އަޅާފައި އޮންނަ ބެޑްށީޓުގެ އިތުރުން ކޮންމެ އެނދަކަށް ގައިމަތީގައި އަޅާނެ ފޮތިގަނޑެއް އޮންނަންވާނެއެވެ. 
  3. ސްޕޮންޖް، ދޫނިފިޔަ، ކަފަ ނުވަތަ މިފަދަ އެހެން އެއްޗެއް އަޅައިގެން ހަދާފައިވާ ކުޑެވެގެން 18x24 އިންޗީގެ ބާލީސް، ބާލިސް އުރައާއެކު ކޮންމެ ގެސްޓަކަށް 2 ބާލީހުގެ ނިސްބަތުން ކޮޓަރީގައި ހުންނަންވާނެއެވެ. 
  4. ކުޑަވެގެން 3x2 ފޫޓުގެ މޫނު ބަލާ ލޯގަނޑެއް ލާފައިހުރި ރީތިވާ މޭޒެއް ކޮޓަރި ތެރޭގައި ނުވަތަ ފާހާނާތެރޭގައި ހުންނނަންވާނެއެވެ. މޫނު ބަލާ ލޯގަނޑުގައި ކުރިމަތީގައި ހުންނަ މީހަކަށް އަލީގެ ބޭނުމަށް ފުދޭވަރުގެ ބޮތްކެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އެކޮޓަރިއެއްގެ ގެސްޓުންގެ ލަގޭޖް ބަހައްޓާނެ ތަނެއް ހެދިފައި ހުންނަންވާނެއެވެ. 
  6. ކޮނޑު އެޅުވޭގޮތަށް ހުންނަ ހެދުން ބަހައްޓާ އަލަމާރި (ވޯރޑްރޯބް) ކޮންމެ ޓޫރިސްޓަކަށް ހެދުންއަޅުވާ 2 ކޮނޑާއެކު، ހުންނަންވާނެއެވެ. 
  7. ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަމާއެކު، އެނދުގައި އޮވެގެން ދިއްލައި ނިއްވޭގޮތަށް ސުވިޗްލާފައި ހުންނަ ލޭމްޕް، ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. 
  8. ކޮޓަރިތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ކޮންމެ ކޮޓަރިއެއްގައި ކަރަންޓު ނެގޭގޮތަށް ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  10. ގެސްޓުން ތިބޭ ކޮޓަރިތައް ހުންނަވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރުވާގޮތަށެވެ. ކޮޓަރި އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  11. ކޮންމެ ކޮޓަރިއެއްގެ ދޮރު ހުންނަން ވާނީ ތަޅުލެވޭގޮތަށެވެ.
  12. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ، މިަކން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކކުޑަމިނުން އިނގިރޭސިބަހުން ލިޔެ ކޮޓަރީގެ ބޭރުގައި ފަސޭހައިން ފެންނަގޮތަށް ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ކޮޓަރީގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ކޮޓަރި ތެރޭގައި އަޅިކެނޑި ބަހައްޓަންވާނެއެވެ. 
  13. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމެރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯރޗެއް ނުވަތަ އުތްބައްތި ރޯކުރާ ނިޒާމެއާއެކު ހުންނަންވާނެއެވެ. 
  14. އަލިފާނުގެ ހާދިސާއެއްގައި ކަންކުރަންވީގޮތާއި އިމަރޖެންސީ ހާލަތެއްގައި އިމާރަތުން ނުކުންނަން ޖެހިއްޖެނަމަ ކަންތައްތައް ކުރާނެ ގޮތް ކުރެހުމާއެކު އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ކޮޓަރިއަށް ވަންނަ ދޮރުގެ އެތެރެ ފަރާތުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. 
  15. ގެސްޓްހައުސްގެ ކޮންމެ 03 ކޮޓަރިއަކަށް ރޫމް ބޯއީއެއް ހުންނަންވާނެއެވެ. 
  16. ކޮޓަރި ނުވަތަ ފާހާނާ ތެރޭގައި، މަތިޖަހައި ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނިއަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. (އިތުރު ކުރެވިފައި)
  17. ކޮންމެ ކޮޓަރިއެއްގައިސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. މި ފެން ހުންނަންވާނީ ފެންބޯ 2 ތައްޓާއެކު ޓްރޭއަކަށް ލާފައެވެ. (އިތުރު ކުރެވިފައި)

(ބ) ގެސްޓްހައުސްގެ ކޮޓަރިއެއްގައި ތިންމީހުންނަށް ވުރެ ގިނަމީހުން ނިންދަވައިގެން ނުވާނެއެވެ. ނަމަވެސް އާއިލާއަކަށް ކޮޓަރި ބޭނުންވެއްޖެނަމަ އާއިލާއަށް ކޮޓަރި ދޫކުރެވިދާނެއެވެ. 

 

 

ފާހާނަ

 

23 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިވަހުންނަ ކޮންމެ ކޮޓަރިއެއްގައި ކޮޓަރީގެ އެތެރއިން ވަދެވޭގޮތަށް ފާހާނައެއް ހެދިފައި ހުންނަންވާނެއެވެ. މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިންގުމުގެ ހުއްދަ ދީފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް މިމާއްދާގައި ބުނެފައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ. ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުން އަލަށް ފާހާނާއެއް ހަދާނަމަ އެފާހާނާއެއް މިމާއްދާގައި ބުނެފައިވާ މިންގަނޑަށް ފެތެންވާނެއެވެ. 

(ހ) ޓޫރިސްޓުން ބޭނުންކުރުމަށް ހަދާފައިހުންނަ ކޮޓަރީގައި ހުންނަ ފާހާނާއެއް ހުންނަންވާނީ ތިރީގައިމިވާ ސާމާނާއި ފިޓިންގސްއާއެކު ތިރީގައިމިވާ މިންގަނޑަށްހަދާފައެވެ. 

  1. ކޮންމެ ފާހާނާއެއް ހުންނަންވާނީ ފަސޭހައިން ފާހާނާކޮށް ފެންވެރޭގޮތަށެވެ. 
  2. ފާހާނާގެ ބިތްތައް ހުންނަން ވާނީ ވަށައިގެން ޓައިލްސް ޖަހާފައެވެ.
  3. ފާހާނާގެ ތަޅުން ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިން އަށް ފެންފައިވާގޮތަށް ތަޅުން މައްޗަށް އެޅޭ ފެން ފަސާއެއިން ދެމިގެންދާ ގޮތަށެވެ. 
  4. ކޮންމެ ފާހާއެއްގައި މަތިޖެހޭގޮތަށް ހުންނަ އިށީންނަ ފާހާނާތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. ކޮންމެ ފާހާނާއެއްގައި މުސްލިމް ށަވަރު ހުންނަންވާނެއެވެ. 
  6. ކޮންމެ ފާހާނާއެއްގައި ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ. 
  7. ކޮންމެ ފާހާނާއެއްގައި މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ.
  8. ކޮންމެ ފާހާނާއެއްގައި މޫނު ބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. 
  9. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ. 
  10. ކޮންމެ ޓޫރިސްޓަކަށް ތުވާއްޔެއްގެ މަގުން ފާހާނާތެރޭގައި ތުވާލި ހުންނަންވާނެއެވެ. 
  11. ފާހާނާތެރޭގައި އެކަށީގެންވާ އަދަދަކަށް ޓޮއިލެޓް ޕޭޕަރ ހުންނަންވާނެއެވެ. 
  12. ފާހާނާތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ. 
  13. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ސެނިޓެރީ ބޭގް ހުންނަންވާނެއެވެ. 
  14. ކޮންމެ ފާހާނާއެއްގައި އިލެކްޓްރިކް ށޭވަރ ބޭނުންކުރުމަށްޓަކައި 220 އާއި 110 ވޯލްޓްގެ ކަރަންޓް ނެގޭގޮތަށް ސޮކެޓް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  15. ކޮންމެ ފާހާނާއެއް ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. އެގޮތުން އެގްޒޯސްޓު ފަންކާއެއް ނުވަތަ އެހެންވެސް ނިޒާމެއް ހަރުކުރެވިދާނެއެވެ. 
  16. ކޮންމެ ފާހާނާއެއްގައި ދޮރފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  17. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ފާހާނާގެ ތެރޭގައި ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  18. ފާހާނާގެ ތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނާގައި ނުބެހެއްޓިއަސް ފުދޭނެއެވެ. 
  19. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ. 
  20. ފާހާނާގައި ބޭނުންކުރަން ހުންނަންވާނީ ސާފުފެން ނުވަތަ ވާރޭފެނެވެ. ސާފުފެންކަމުގައި ބެލޭނީ ޑީސެލިނޭޓަޑް ފެން ނޫންނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތަުން ގަބޫލުކުރާ ވަޅުފެނެވެ. 

 

 

ކާކޮޓަރި/ރެސްޓޯރެންޓް

 

24 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ކާގެ ނުވަތަ ކާތަން (ޑައިނިންގް އޭރިއާ) ހެދިފައި ހުންނަންވާނީ މަދުމިނުން ތިރީގައިމިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައިމިވާ މިންގަނޑަށެވެ. 

  1. ކޮންމެ ގެސްޓްހައުސް އެއްގައި އެ ގެސްޓްހައުސްއެއްގެ ބެޑްކެޕޭސިޓީގެ %50 ގެސްޓުންނަށް އެއްފަހަރާ ކެވޭނެގޮތަށް އެކަށީގެންވާވަރުގެ ކާކޮޓަރިއެއް ނުވަތަ ރެސްޓޯރެންޓެއް ހުންނަންވާނެއެވެ. މިތަން ހުންނަންވާނީ ތިރީގައިމިވާ ގޮތަށް ތިރީގައިމިވާ ފަރުނީޗަރާއި ފިޓިންގްސްއާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ. 
  2. ކާކޮޓަރި ނުވަތަ ރެސްޓޯރެންޓް ހުންނަންވާނީ އެކަށީގެންވާގޮތަށް ވެންޓިލޭޓް ކުރެވޭގޮތަށް ހެދިފައެވެ. ފެންލައިޓް ނުވަތަ ކުޑަދޮރު ހުންނަނަމަ ހުންނަންވާނީ، ބޭނުންޖެހިއްޖެ ހާލަތެއްގައި ހުޅުވޭގޮތަށެވެ. 
  3. މޭޒުމަތީގައި ތަށިބަހައްޓައިގެން ފަސޭހައިން އިށީނދެގެން ކެވޭގޮތަށް ގޮނޑި ނުވަތަ ބެންޗް އަދި މޭޒު ބެހެއްޓިފައި ހުންނަންވާނެއެވެ.
  4. މޭޒުދޮށުގައި ތިބެގެން ފޮތްކިޔުމާއި މިފަދަ އެހެން ކަންކަމަށް ބޭނުންކުރެވޭ ފެންވަރުގެ އަލިކަން ލިބޭ ގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކޮށްފައި ހުންނަންވާނެއެވެ. 
  5. ކާގެ ނުވަތަ ކާތަނުގައި ގެސްޓުން ބޭނުންވާ އިލެކްޓްރޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓު ނެގޭގޮތަށް ކޮންމެ 6 ގެސްޓަކަށް 1 ސޮކެޓް ސްވިޗްގެ މަގުން ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  6. ކާގެ ނުވަތަ ކާތަން އެއަރކޮންޑިށަން ނުކުރާނަމަ ހެދިފައި ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. 
  7. ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ އެންމެނަށް ފެންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. ކާގެ ނުވަތަ ކާތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ނުވަތަ ކޮންމެ 4 ގެސްޓަކަށް 1 އަޅިކެނޑީގެ ނިސްބަތުން އަޅިކެނޑި ބެހެއްޓިފައި ހުންނަންވާނެއެވެ. 
  8. ކާގެ ނުވަތަ ކާތަނުގެ އެތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އުށްބައްތި ދިއްލޭނެ ނިޒާމެއް ބެހެއްޓިފައި ހުންނަންވާނެއެވެ. 
  9. ގެސްޓްހައުސްގައި ރެސްޓޯރެންޓް ހިންގާނަމަ ހިންގަން ވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މިންގަނޑެއްގެ މަތީން އެފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. 

 

ބަދިގެ

 

25 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓް ގެސްޓްހަުއުސްގައި ރެސްޓޯރެންޓެއް ނެތްނަމަ ކޮންމެ ޓޫރިސްޓް ގެސްޓްހަުއުސްއެއްގައިވެސް ކުޑަވެގެން 32 އަކަފޫޓުގެ ބަދިގެއެއް ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހަުއުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހަުއުސްއެއްގައި މި ށަރުތު ހަމަނުވާނަމަ އެ ގެސްޓްހަުއުސްއެއް މި މާއްދާ (19 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ. 

(ށ) ބަދިގެ ހުންނަން ވާނީ މަދުގެން ތިރީގައި މިވާ ސާމާނާއި ފިޓިންގްސްއާއެކު ތިރީގައިމިވާ މިންގަނޑަށް ހަދާފައެވެ. 

  1. ބަދިގެ ހެދިފައި ހުންނަންވާނީ ގެސްޓްހަުއުސްގެ ފުލް އޮކިއުޕަންސީގައި ގެސްޓްހަުއުސްގައި ތިބޭ އެންމެނަށް ހުރިހާ އިރެއްގައި ކައިބޮއި ހެދުމަށްޓަކައި ބޭނުންވާ ކާއެއްޗެހި ފަސޭހަކަމާއެކު ތައްޔާރުކޮށް ކެއްކުމުގެ ހިދުމަތް ފޯރުވައިދެވޭ ފެންވަރަށް ސާމާނާ އެކުގައެވެ. އަދި ތިރީގައިިވާ ހިދުމަތްތަކާއި ފަސޭހަތައް ބަދިގެއިން ލިބެން ހުންނަންވާނެއެވެ. 
  2. ބަދިގޭގައި ގެސްޓްހަުއުސްގެ އެންމެނަށް ދަތިކަމެއް ނެތި ކާއެއްޗެތި ތައްޔާރު ކުރެވޭފަދަ އުނދުނާއި އަވަނާއި ޓޯސްޓަރ އަދި ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ ގްރައިންޑް މެށިނާއި، ކާބޯތަކެތި ރައްކާ ކުރުމަށް ބޭނުންވާ ފްރިޖް ރެފްރިޖްރޭޓަރ ސާމާނު ހުންނަންވާނެއެވެ.
  3. ބަދިގެ ހެދިފައި ހުންނަންވާނީ ބަދިގޭގެ އެތެރޭގެ ވަސް ޓޫރިސްޓުން ތިބޭ ހިސާބަށް ނާންނާނޭ ފަދަ ތަނެއްގައި އެފަދަ ގޮތަކަށް ފަރުމާ ކުރެވިގެންނެވެ. އަދި ވަހާއި ހޫނު ބޭނުކުރުމަށްޓަކައި ވައިބޭރުކރުމުގެ މަސްނޫއީ ނިޒާމެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. މިގޮތުން އެކަށީގެންވާ މިންވަރަށް ވައި ވައްދައި ބޭރު ކުރެވޭގޮތަށް އެގްޒޯސްޓު ފަންކާއެއް ނުވަތަ އެހެންވެސް ނިޒާމެއް ހަރުކުރެވިދާނެއެވެ. 
  4. ގެސްޓްހަުއުސްގެ ފުލް އޮކިއުޕަންސީގައި ތިބޭ އެންމެނަށް ހުރިހާއިރެއްގައި ކައިބޮއި ހެދުމަށްޓަކައި ރަނގަޅު ފެންވަރުގެ ކެއިންބުއިމަށް ބޭނުންކުރާ ތަށި، ވަޅި، އޫ، ސަމުސާ، ފަދަ ތަކެތި ހުންނަންވާނެއެވެ. އަދި ވަޅި، ސަމުސާ، އޫ ފަދަ ތަކެތި ވާންވާނީ ދަބުނުޖަހާ ތަކެއްޗަށެވެ.
  5. ބަދިޭގެ ހުރިހާ ސާމެއް، ސާފު ތާހިރުކަމާއެކު ބެހެއްޓޭގޮތަށް ހަދާފައިވާ އަލަމާރިއެއް ނުވަތަ ހަރުގަނޑެއް ހުންނަންވާނެއެވެ. އަދި މިތަކެތި ބަހައްޓަން ވާނީ އެ އަލަމާރީގައި ނުވަތަ ހަރުގަނޑުގައެވެ. 
  6. ބަދިގޭގައި ތެލި ތަށި ދޮވެވޭނެ ނިޒާމެއް ހެދިފައި ހުންނަންވާނެއެވެ. މިގޮތުން ސިންކެއް ބަހައްޓާނަމަ ރަނގަޅު ފެންވަރުގެ ފެން އިސްކުރު ހަރުކުރެވިފައި ހުންނަންވާނެއެވެ. ސިންކް ހަރުކުރެވިފައިވާ ފާރުގައި ސިންކާ ދިމާއިން ފެންބުރާ ހިސާބުގައި 2 ފޫޓު އުސްމިނަށް ތަށިމުށި ނުވަތަ ޓައިލްސް ޖަހަންޖެހޭނެއެވެ. 
  7. ބަދިގޭގައި ސާފުތާހިރުކަމާއެކު ކުނި އެއްކުރުމަށްޓަކައި މަތިޖެހޭގޮތަށް ހަދާފައިހުންނަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ. މިވަށިގަނޑު ހުންނަން ވާނީ ވަކިން ކުނި ނަގައިގެން ގެންދެވޭގޮތަށް ކޮތަޅެއް ލާފައެވެ. ކުނި އަޅާ ވަށިގަނޑު އަބަދުވެސް ހުންނަންވާނީ މަތި ޖަހާފައެވެ. 
  8. ބަދިގެ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ ފޮއްޗާއި ތުވާލި އަދި ސައިބޯނި ހުންނަންވާނެއެވެ. އަދި އަތް ސާފުކޮށް ދޮވެ ފުހޭނެ ސައިބޯންޏާއި ތުވާލި ނުވަތަ ޓިށޫ ފަދަ ތަކެތި ހުންނަންވާނެއެވެ. 
  9. ބަދި ތެރޭގައި އަލިފާން ނިވާ ފުޅި އާއި ފަޔަރ ބްލެންކެޓް ނުވަތަ އަލިފާން ނިއްވުމަށްޓަކައި ސަރުކާރުން ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ނިޒާމެއް ގާއިމްކުރެވިފައި ހުންނަންވާނެއެވެ. 
  10. ބަދިގޭގެ ބިތްތައް ހަދާފައި ހުންނަންވާނީ ވޯޓަރ އަދި ފަޔަރ ޕްރޫޕް މެޓީރިއަލެއް ބޭނުންކޮށްގެންނެވެ. 
  11. ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުން ބަދިގޭގައި މަސައްކަތްކުރާއިރު ތިބެންވާނީ ސާފުތާހިރު ހެދުމެއްގައި ބޮލުކޮއްޕި އަޅައިގެންނެވެ. ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާފުތާހިރުކަން ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށެވެ. 
  12. ބަދިގޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ނުވަތަ އުށްބައްތި ބޭނުންކުރެވޭނެ ނިޒާމެއް ހުންނަންވާނެއެވެ. 
  13. ބަދިގޭގައި ހުރިހާ ދިމާލެއްގައިވެސް އެކަށީގެންވާ އަލި ލިބޭވަރަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  14. ބަދިގޭގައި ކައްކަން ބޭނުންކުރާ ތަކެއްޗާއި ކާބޯތަކެތި ރައްކާކުރެވޭނެވަދަ އަލަމާރި ނުވަތަ ހަރުގަނޑެއް ހުންނަންވާނެއެވެ. 

 

 

ރިސެޕްށަން އޭރިއާ/ލޮބީ

 

26 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ) 

(ހ) ކޮންމެ ގެސްޓްހަުއުސްއެއްގައި އެ ގެސްޓްހަުއުސްއެއްގެ ބެޑްކެޕޭސިޓީގެ %20 ގެސްޓުންނަށް އެއްފަހަރާ އިށީނދެ ތިބެވޭގޮތަށް އެކަށީގެންވާވަރުގެ ރިސެޕްށަން އޭރިއާއެއް ނުވަތަ ލޮބީއެއް ހުންނަންވާނެއެވެ. މިތަން ހުންނަންވާނީ ތިރީގައިމިވާ ގޮތަށް ތިރީގައިމިވާ ފަރުނީޗަރާއި ފިޓިންގސްއާއި ފަސޭހަތަކާއެކު ތައްޔާރު ކުރެވިފައެވެ.

(ށ) ރިސެޕްށަން އޭރިއާ ނުވަތަ ލޮބީގެ ބޮޑުމިނުގައި އެންމެ ކުޑަވެގެން 120 އަކަފޫޓު ހުންނަންވާނެއެވެ. މީގެ އިތުރުން ކޮޓަރީގެ ފުޅާމިނުގައި މަދުވެގެން 8 ފޫޓު ހުންނަންވާނެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްއެއްގައި މި ށަރުތު ފުރިހަމަ ނުވާނަމަ މި މާއްދާ (20 ވަނަ މާއްދާގެ (ށ) އިން އެ ގެސްޓްހައުސްއެއް އިސްތިސްނާވާނެއެވެ. 

(ނ) މިއޭރިއާ ހުންނަންވާނީ އެކަށީގެންވާވަރަށް ވައި ދައުރުވާގޮތަށް ހެދިފައެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ހުޅުވޭގޮތަށް ލާފައި ހުންނަ ކުޑަ ދޮރު ނުވަތަ ފެންލައިޓް ހުންނަންވާނެއެވެ. 

(ރ) މިއޭރިއާގައި ގެސްޓުން ބޭނުންވާ އެލެކްޓްރޯނިކްސް ބޭނުންކުރުމަށްޓަކައި ކަރަންޓް ނެގޭގޮތަށް ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) މިއޭރިއާ ހުންނަންވާނީ އެކަށިގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. މިއޭރިއާ އެއަރކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ޅ) މިގަތުނުގައި ފުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔމެއް އެންމެންނަށް ފެންާނޭހެން ހަރުކުރެވިފައި ހުންނަން ވާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން ކޮންމެ މޭޒަކަށް 1 އަޅިކެނޑި ބެހެއްޓިފައި ހުންނަންވާނެއެވެ. 

(ކ) ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރގެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް ނުވަތަ އުށްބައްތި ރޯކުރާ ނިޒާމެއް ހުންނަންވާނެއެވެ. 

(އ) މިތަނުގައި ޓޫރިސްޓުން ބޭނުންކުރުމަށް ފާހާނާއެއް ހުންނަންވާނެއެވެ. މިފާހާނާ ހުންނަން ވާނީ ގެސްޓުންގެ ފާހާނާ ހުންނަން ޖެހޭކަމަށް މިގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ފެންވެރޭނެ ނިޒާމު ފިޔަވައި އެހެނިހެން ހިދުމަތްތަކާއި ފަސޭހަތައް ލިބޭގޮތަށެވެ. 

(ދ) ގެސްޓްހައުސްގައި ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް 24 ގަޑިއިރު ރިސެޕްށަނިސްޓަކު ހުންނަންވާނެއެވެ. ގެސްޓްހައުސްގެ މެނޭޖަރާއި ރިސެޕްށަނިސްޓުގެ ވަޒީފާ އެކަކަށްވެސް އަދާކުރެވިދާނެއެވެ. 

 

 

ޓޫރިސްޓް ގެސްޓްހައުސްގެ މުވައްޒަފުން

 

27 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ) 

(ހ) ޓޫރިސްޓް ގެސްޓްހައުސްއެއްގެ ވަޒީފާ އެއްވެސް މީހަކަށް ދޭންވާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާއި އަދި މިގަވާއިދުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތަށެވެ. 

(ށ) މުވައްޒަފުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރި، އޮފީސް، ބަދިގެ، ފާހާނަ ފަދަ ތަންތަނުގައި "ހަމައެކަނި މުވައްޒަފުން" "STAFF ONLY" މިހެން ލިޔެ، ފެންނާނެހެން ބަހައްޓަންވާނެއެވެ. 

(ނ) ޓޫރިސްޓް ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީ ގަޑީގައި ތިބެންވާނީ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ޔުނީފޯމެއްގައެވެ. 

(ރ) ޓޫރިސްޓް ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފުން އެނގޭނެގޮތަށް ޔުނީފޯމްގައި، އެންމެ ކުޑަމިނުން އެމީހެއްގެ ނަންލިޔެފައިވާ ނޭމް ޓެގެއް ހަރުކުރވިފައި ހުންނަންވާނެއެވެ. 

 

28 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބެން ހުންނަންޖެހޭ ފަސޭހަތައް

(ހ) އެއްވެސް މުވައްޒަފެއްގެ ނިދުމުގެ ކަންތައް ގެސްޓްހައުސްގައި ހަމަޖައްސާނަމަ، މުވައްޒަފުން ނިދާ ހެދުމަށް ވަކި ތަނެއް ގެސްޓްހައުސްގައި ތައްޔާރުކޮށްފައި ހުންނަންވާނެއެވެ. 

(ށ) މުގައްޒަފުން ނިދުމަށް ހަމަޖައްސާ ތަނެއް ހުންނަންވާނީ ގެސްޓް ކޮޓަރިތަކާ ވަކިން ވަދެވޭގޮތަށެވެ. އަދި ކޮންމެ މުވައްޒަފަކު ނިދާނެ ވަކި އެނދަކާއި، ކޮންމެ މުވައްޒަފަކަށް ތަޅުލެވޭ ކަބަޑެއް އަދި ގެސްޓްހައުސްގައި ނިދުމުގެ ކަންތައް ހަމަޖައްސާ ކޮންމެ 6 މީހަކަށް ފާހާނާއެއްގެ ނިސްބަތުން ހުންނަންވާނެއެވެ. 

(ނ) މުވައްޒަފުން ތިބޭ ކޮޓަރީގައި ނިންދަވާ ކޮންމެ މުވައްޒަފަކަށް ކުޑަވެގެން 30 އަކަފޫޓް ހުންނަންވާނެއެވެ. އަދި ކޮޓަރިއެއްގައި 4 މީހުންނަށްވުރެ ގިނައިން ބައިތިއްބައިގެން ނުވާނެއެވެ. 

(ރ) މުވައްޒަފުންގެ ފާހާނަ ހުންނަންވާނީ ތިރީގައިމިވާ މިންގަނޑަށް ހިދުމަތްތަކާއި ފަސޭހަތައް ލިބޭ ގޮތަށެވެ.

  1. ކޮންމެ ފާހާނާއެއް ހުންނަންވާނީ ފަސޭހައިން ފާހާނާކޮށް ފެންވެރޭ ގޮތަށެވެ. 
  2. ފާހާނާގެ ބިތްތައް ހުންނަން ވާނީ 6 ފޫޓް އުސްމިނުގައި ވަށައިގެން ޓައިލްސް ޖަހާފައެވެ.
  3. ފާހާނާގެ ތަޅުން ހުންނަންވާނީ ކައްސާނުލާ ބާވަތުގެ ޓައިލްސް ޖަހާފައެވެ. އަދި ތަޅުން އެޅިފައި ހުންނަންވާނީ ޑްރެއިންއަށް ފެންފައިވާގޮތަށް ތަޅުން މައްޗަށް އެޅޭ ފެން ފަސާއެއިން ދެމިގެންދާ ގޮތަށެވެ. 
  4. ކޮންމެ ފާހާއެއްގައި މަތިޖެހޭގޮތަށް ހުންނަ އިށީންނަ ފާހާނާތަށި ފްލަށިންގ ސިސްޓަމާއެކު ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  5. މުސްލިމް ށަވަރު ހުންނަންވާނެއެވެ. 
  6. ފެންވަރާ މާގަނޑެއް ހުންނަންވާނެއެވެ. 
  7. މޫނު ދޮންނަ ތަށްޓެއް އިސްކުރާއެކު ހުންނަންވާނެއެވެ. 
  8. ފާހާނާ ތެރޭގައި ތުވާލި އެޅުވޭނެގޮތެއް ހުންނަންވާނެއެވެ. 
  9. ފާހާނާގެ އެތެރެ އެކަށީގެންވާވަރަށް އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ފާހާނާތެރޭގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  10. ކޮންމެ ފާހާނާއެއް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރެވޭގޮތަށެވެ. 
  11. ފާހާނާގެ ތެރޭގައި މަތިޖަހާ ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނި އަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންާނެއެވެ. މިފަދަ ވަށިގަނޑެއް ކޮޓަރިތެރޭގައި ބަހައްޓާފައިވާނަމަ، ފާހާނައިގައި ނުބެހެއްޓިއަސް ފުދޭނެއެވެ. 
  12. އެކަށީގެންވާ ސައިޒެއްގެ މޫނު ބަލާ ލޯގަނޑެއް ފާހާނާގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުންނަ މީހަކަށް އެކަށީގެންވާވަރަށް އަލިކަން ލިބޭގޮތަށް ހުންނަންވާނެއެވެ. 
  13. ފާހާނގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ފާހާނާގެ ތެރޭގައި ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. ފާހާނާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ ފާހާނަ އެތެރޭގައި މަދުވެގެން 1 އަޅިކެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  14. ކޮންމެ ފާހާނާއެއްގައި އެތެރެއިން ތަޅުލެވޭގޮތަށް ދޮރުފަތް ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) މުވައްޒަފުން ތިބުމަށް ހަދާފައި ހުންނަ ކޮޓަރިތައް ހުންނަން ވާނީ ތިރީގައިމިވާ ސާމާނާއި ފިޓިންގސްއާއެކު ތިރީގައިމިވާ މިންގަނޑަށް ހަދާފައެވެ. 

  1. ކޮންމެ މީހަކަށް ވަކި އެނދަކާއި، ކޮންމެ އެނދެއްގައި ތުނިވެގެން "4" އިންޗީގެ ގޮދަޑިއަކާއި ބެޑްށީޓެއް އަދި ކޮންމެ އެނދަކަށް އުރައާއެކު ބާލީހެއް.
  2. މޫނު ބަލާ ލޯގަނޑެއް ކޮޓަރި ތެރޭގައި ހުންނަންވާނެއެވެ. 
  3. ފޮށި، ދަބަސް ބަހައްޓާނެ ތަނެއް، ކޮޓަރިތެރޭގައި ނުވަތަ ކެބިން ބޭރުގައި ކޮންމެ މުވައްޒަފަކަށް ވަކިން ތަޅުލެވޭގޮތަށް ހާސްކުރެވިފައިވާ ތަނެއް. 
  4. ކޮންމެ ކޮޓަރިއއްގައި ހެދުން ބަހައްޓާނެ އަލަމާރިއއް މަދުވެގެން ކޮންމެ މުވައްޒަފަކަށް އެކަށީގެންވާ 2 ކޮނޑާއެކު.
  5. ކެބިންގެ އެތެރެ އަލި ކުރެވޭގޮތަށް ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  6. ކޮންމެ ކޮޓަރިއެއްގައި ކަރަންޓް ނެގޭގޮތަށް ކޮންމެ 3 މުވައްޒަފަކަށް 1 ސޮކެޓްސްވިޗްގެ ނިސްބަތުން ސޮކެޓްސްވިޗް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  7. ކޮޓަރިތައް ހުންނަން ވާނީ އެކަށީގެންވާ މިންވަރަށް ވައި ދައުރުވާ ގޮތަށެވެ. އެއަކޮންޑިށަން ނުކުރާނަމަ، ސްޕީޑް ކޮންޓްރޯލް ސްވިޗާއެކު ފަންކާ ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  8. ކޮންމެ ކޮޓަރިއެއްގެ ދޮރުގައި އެތެރެއިން ތަޅުލެވޭގޮތަށް ތަޅެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. 
  9. ކޮޓަރީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާނަމަ މިކަން އަންގައިދޭ ނިށާނެއް ނުވަތަ ލިޔުމެއް، އެންމެ ކުޑަމިނުން އިނގިރޭސިބަހުން ލިޔެ ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. ކެބިންގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނަމަ މަދުވެގެން 1 އަޅިގެނޑި ބަހައްޓާފައި ހުންނަންވާނެއެވެ. 
  10. ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އިމަރޖެންސީ ލައިޓެއް ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗެއް އޮންނަންވާނެއެވެ.

 

 

ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމާއި ރައްކާތެރިކަން އަދި އިންށުއަރެންސް

 

29 ވަނަ މާއްދާ - އަލިފާންނިވި ބެހެއްޓުން

(ހ) ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ގަވާއިދަކަށް އަމަލުކުރަން ފެށެންދެން އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ތިރީގައި ބުނެފައިވާ ގޮތަށް ޓޫރިސްޓް ގެސްޓްހައުސްތަކުގައި އަންނަނިވި ތަންތަނުގައި އަލިފާންނިވި ބެހެއްޓިފައި ހުންނަންވާނެއެވެ. އިސްވެ ދެންނެވިފައިވާފަދަ މިންގަނޑެއް ނުވަތަ ގަވާއިދެއް ތައާރުފު ކުރުމުން އެގަވާއިދަކާ އެއްގޮތަކަށް ކަންތައް ފުރިހަމަ ކުރަންވާނެއެވެ.

  1. ގެސްޓުންނާއި މުވައްޒަފުންގެ ކޮޓަރިތައް ހުން ކޮންމެ ފަންގިފިލާއެއްގައި.
  2. ބަދިގެ (އެތެރެއާއި ބޭރުގައި)
  3. ރިސެޕްށާން/ލޮބީ އޭރިއާ.
  4. ރެސްޓޯރެންޓް.
  5. ކޮރިޑޯތަކާއި އާންމު ސަރަހައްދުތައް.

ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން

(ށ) ކޮންމެ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާފަރާތަުންވެސް ދިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށްފައި އޮންނަންވާނެއެވެ. މި ޕްލޭނުގައި އަލިފާނުގެ ނުވަތަ އެހެންވެސް ހާދިސާއެއް ދިމާވެއްޖެނަމަ ޓޫރިސްޓުންނާއި މުވައްޒަފުން އަމަލުކުރާނެ ގޮތާއި އިމަރޖެންސީ ހާލަތެއްގައި ގެސްޓްހައުސްއިން ބޭރަށް ނުކުންނާނެ ގޮތް ކުރެހުމާއެކު އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔެ، ފެންނާނެހެން ތިރީގައިމިވާ ތަންތަނުގައި ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި މި ޕްލޭނާބެހޭ މައުލޫމާތު ހުރިހާ މުވައްޒަފުންނަށް ދޭންވާނެއެވެ. 

  1. ގެސްޓުންނާއި މުވައްޒަފުންގެ ކޮޓަރިތަކުގެ ވަންނަ ދޮރުގެ އެތެރެ ފަރާތުގައި. 
  2. ބަދިގެއާއި ކާކޮޓަރީގެ އެތެރޭގައި ފަސޭހައިން ފެންނާނޭގޮތަށް.
  3. ރިސެޕްށަން/ލޮބީ އޭރިއާ.
  4. ރެސްޓޯރަންޓް.
  5. ކޮރިޑޯތަކާއި އާންމު ސަރަހައްދުތަކުގައި.
  6. ގެސްޓުންގެ ކޮޓަރީގައި ހުންނަ އިންފޮމޭށަން ކިޓާއެކު.

 

30 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްއެއްގައި އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫން ހާދިސާއެއް ހިނގައިފިނަމަ އެކަން ވަގުތުން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް އަންގަންވާނެއެވެ. އަދި ދިމާވާ ހާދިސާގައި އެހެން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުވައިދިންނަމަވެސް އެކަމެއްގެ މައުލޫމާތު މޯލްޑިވްސް ނޭށްނަލް ޑިފެންސް ފޯސްއަށް އަންގަންވާނެއެވެ. އަދި މި މައުލޫމާތު މިނިސްޓްރީއަށްެސް އަންގަންވާނެއެވެ. 

 

31 ވަނަ މާއްދާ - ރައްކާތެރިކަން

(ހ) ގެސްޓްހައުސްގައި އެކަށީގެންވާ ސަލާމަތީ ނިޒާމެއް ގާއިމްކުރެވިފައި ހުންނަންވާނެއެވެ. 

(ށ) ގެސްޓްހައުސްގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހުންނަންވާނެއެވެ. 

(ނ) ގެސްޓްހައުސްގައި ތިބޭ ޓޫރިސްޓުންގެ ޕާސްޕޯޓާއި، ފައިސާ ރައްކާކުރެވޭނެފަދަ ސޭފް ޑިޕޮޒިޓް ބޮކްސްއެއް ނުވަތަ ތިޖޫރީއެއް ހުންނަންވާނެއެވެ. 

 

32 ވަނަ މާއްދާ - އިންށުއަރެންސް

(ހ) ގެސްޓްހައުސް ހުންނަންވާނީ ހޯލް ކަވަރ އިންށުއަރ ކުރެވިފައެވެ. އަލިފާނުގެ ހާދިސާއެއް، ވައްކަން ނުވަތަ އެނޫންވެސް ކާރިސާއެއް ދިމާވެގެން ގެސްޓްހައުސްގައި ޓޫރިސްޓުން ނުބޭތިއްބޭގޮތް މެދުވެރިވެއްޖެނަމަ، ޓޫރިސްޓުން އެހެން ތަނެއްގައި ބޭތިއްބުމުގެ ހަރަދު އިންށުރަރެންސުން ކަވަރކުރަންވާނެއެވެ. 

(ށ) އިންށުަރ ނުކޮށް ވަނިކޮށް ދިމާވާ ހާދިސާތަކުގައި، އިންށުއަރެންސުން ކަވަރކުރަން ޖެހޭނެކަމަސް ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަމަށް، ގެސްޓްހައުސް ހިންގާ ފަރާތުން ޒިންމާވާންޖެހޭނެއެވެ. 

(ނ) ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭފަރާތުން މިފަދަ އިންށުއަރެންސް ޕޮލިސީއެއްގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އަދި ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތުގައި، މި އިންށުއަރެންސް ޕޮލިސީ ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށްފަހު މިނިސްޓްރީއަށް އޭގެ ކޮޕީ ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ނަގާފައިވާ އިންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް ކޮތްކަން ސާފުކުރުމަށް މިނިސްޓްރީއިން އެދެފިނަމަ އެކަމުގެ ކިތާބީ ހެއްކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން މިނިސްޓްރީން އެދޭ އެދުމަށް އިޖާބަ ނުދީފިނަމަ ނުވަތަ އެފަދަ އެންށުއަރެންސް ދެމެހެއްޓުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ސައްހަ އިންށުއަރެންސް ޕޮލިސީއެއް އޮތްކަން ދައްކައިދޭ ލިޔެކިޔުން ހުށަނާޅައިފިނަމަ އެ ގެސްޓްހައުސްއެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ބ) މި ގަވާއިދަށް އަމަލުކުރަންފެށުމުގެ ކުރިން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން، މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 03 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން މި މާއްދާގައި ބުނެފައިވާފަދަ އިންށުއަރެންސް ނެގުމަށްފަހު އޭގެ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އިންށުއަރެންސް ނަގާފައިނުވާނަމަ އެފަަރާތަށް ދޫކޮށްފައިވާ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. 

 

 

ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން (އިތުރު ކުރެވިފައި)

 

32-1 ވަނަ މާއްދާ - ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދިވެހިރާއްޖޭގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކޮށް ހިންގިދާނެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރާ ޓޫރިސްޓް ގެސްޓްހައުސްތަކަށް ހިންގުމުގެ ހުއްދަ ދީ، އެ ފަދަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، އެ ފަދަ ތަންތަނުން ލިބިދޭންޖެހޭ ހިދުމަތްތަކާއި ފަސޭހަތައް ކަނޑައަޅައި، އެ ފަދަ ތަންތަން ހިންގާނީ މި ބާބުގައިވާ ގޮތަށެވެ.

(ނ) މި ބާބުގެ ބޭނުމަށް ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ޓޫރިސްޓް ގެސްޓްހައުސް ކަމަށް ބުނެފައި އެވަނީ މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށެވެ.

 

32-2 ވަނަ މާއްދާ - ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ހޯދުން (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެ ވިޔަފާރިއެއްގައި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރުގެ ބްރޭންޑްތައް ފްރެންޗައިޒް އުސޫލުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތަކުން ހޯމްސްޓޭ ހިންގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

32-3 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދުމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމު؛
  2. ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ހުއްދައަށް އެދި ހުށަހަޅާ ތަން އިމާރާތްކޮށްފައިވާ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ އެއްމެދު އިމާރާތެއްގައިވާ ވަކި ޔުނިޓެއްނަމަ އެ ޔުނިޓުގެ މިލްކުވެރި ފަރާތް އަންގައިދޭ ލިޔުމެއްގެ ކޮޕީ ނުވަތަ ރަޖިސްޓަރީގެ ކޮޕީ؛
  3. ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތާއި ގޯތީގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އިމާރާތާއި ގޯތީގެ ވެރިފަރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އިމާރާތް ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން؛ މިފަދަ އެއްބަސްވުމެއްގައި، އެ އިމާރާތެއްގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުން މަނާކުރާ މާއްދާއެއް ހިމަނައިފައި ނެތުން؛
  4. ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ ރަޖިސްޓަރީ؛
  5. ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީކުރާ ޓޫރިސްޓް ގެސްޓްހައުސްއަށް ކިޔަން ހުށަހަޅާ ނަމަކީ، އެޕްލިކޭށަން ހުށަހަޅާ ފަރާތުންވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް؛
  6. ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ވިޔަފާރީގެ އެންމެހައި ބައިވެރީންނާއި ޑިރެކްޓަރުންގެ 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑު؛
  7. ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ފަދަ ކުލީގެ އެއްބަސްވުމެއްގެ ދަށުން އެ ތަން ކުއްޔަށް ހިފައިފައިވާ ފުރަތަމަ ފަރާތުން އެ ފަދަ އެއްބަސްވުމެއްގެ ދަށުން ލިބިދީފައިވާ ހައްގުތައް އިތުރު ފަރާތަކަށް ބަދަލުކޮށްފައިވާނަމަ ، ނުވަތަ ކުއްޔަށް ދީފައިވާނަމަ، އެ ފަދައިން ހައްގުތައް ބަދަލުކުރުމަށް ނުވަތަ ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރެވޭނީ، ނުވަތަ ކުއްޔަށް ދެވޭނީ، އިމާރާތުގެ ނުވަތަ ޔުނިޓުގެ ވެރިފަރާތާއި އެ ތަން ފުރަތަމަ ކުއްޔަށްހިފި ފަރާތާ ދެމެދު ހަދައިފައިވާ ކުލީގެ އެއްބަސްވުމުގައި އެ ފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރުން ނުވަތަ ކުއްޔަށް ދިނުން މަނާކޮށްފައި ނުވާނަމައެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ނަކަލު، މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަންވާނެއެވެ.

(ރ) ހުއްދަ ދޫކުރުމުގެ ކުރިން، މި މާއްދާގައިވާ ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީން ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދިފައިވާނަމަ، ހުއްދަ ދޫކުރެވޭނީ، އެ ލިޔެކިޔުންތަކުގެ އަސްލު، މިނިސްޓްރީއަށްހުށަހެޅުމުންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތުގައި ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރު،މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

32-4 ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް (އިތުރު ކުރެވިފައި)

މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާނަމައެވެ.

(ހ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގައި ބުނެފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައިފައިވުން.

(ށ) މިނިސްޓްރީއން ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކުން ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ އިމާރާތް ބެލުމަށްފަހު، އެ އިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށް ޓަކައި ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގެ ޖަދުވަލު 6 ގައި ކަނޑައަޅައިފައިވާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އިމާރާތެއް ކަމުގައި ވުމާއި، ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއަކުން ލިބެން ހުންނަންޖެހޭނެ ކަމަށް މި ބާބުގައި ކަނޑައަޅައިފައިވާ ހިދުމަތްތަކާއި ފަސޭހަތައް މި ބާބުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ލިބެންހުރި ތަނެއް ކަމުގައި ވުން.

(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގުމަށް އެދޭ ޓޫރިސްޓް ގެސްޓްހައުސްއަކީ ، މި ގަވާއިދުގެ 13-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި ހަދައިފައިވާ ތަނަކަށް ވުން.

(ރ) ހުއްދައަށް އެދޭ ފަރާތުން ދައުލަތަށް އެއްވެސް ޓެކުހެއް ނުވަތަ ފައިސާއެއް ދައްކަންޖެހި، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދެއްކުމަށް ދީފައިވާ މުއްދަތުގައި އެ ޓެކްސް ނުވަތަ އެ ފައިސާ ދައްކައި ހަލާސްކޮށްފައި ވުން؛ އެގޮތުން، ހުއްދަ ދިނުމުގެ ކުރިން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހެއް ނުވަތަ ފައިސާއެއް ވޭތޯ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް،މިނިސްޓްރީން ބަލަންވާނެއެވެ.

(ބ) ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކުރުމަށް ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ބުނެފައިވާ ރަޖިސްޓަރީ ފީ ދައްކައި ހަލާސްކުރުން.

 

32-5 ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގައިވާ ގޮތަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، މި ގަވާއިދުގެ 4-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، މިނިސްޓްރީން އެ ތަނަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައިގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެ ރިފަރާތް ނޫން ފަރާތެއް ނަމަ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓް ނުވަތަ މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އެގްރީމަންޓުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، އެ އެގްރީމަންޓުގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާ ގޮތަށެވެ.

(ރ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (6 (ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން، ކުށުގެ ރިކޯޑު ސާފުކުރާއިރު ހުއްދައަށް އެދޭ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ ކުށުގެ ރެކޯޑެއް އޮތްނަމަ، އެ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާނެ ފަދަ އަމަލެއްކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭހާލަތުގައި ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

32-6 - ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ބަލައި ފާސްކުރުން (އިތުރު ކުރެވިފައި)

މި ބާބުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތައް، މަދުވެގެން 24) ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހު، ބަލައި ފާސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކަށް ލިބިގެންވެއެވެ.

 

32-7 - ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުން (އިތުރު ކުރެވިފައި)

(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ތަނެއް ހިންގުން ހުއްޓައިލާން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުއްދަ ބާތިލުކޮށް، ހުއްދަ ބާތިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

(ނ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (3 )ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓާ ނުވަތަ މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އެގްރީމަންޓާ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތުން ހިލާފުވެގެން އެގްރީމަންޓް ބާތިލުކުރެވޭ ހާލަތުގައި، އެ އެގްރީމަންޓުގެ ދަށުން އިމާރާތް ކުއްޔަށް ދޫކުރި ފަރާތުން މި މާއްދާގެ (ހ) ގައިވާ ގޮތަށް، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން އެ ފަރާތަކަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މި މާއްދާގައިވާ ގޮތަށް ހުއްދަ ބާތިލު ނުކުރާނަމަ، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ފުރިހަމަވާން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ކަންތައްތައް ފުރިހަމަ ނުކުރާނަމަ، މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ބ) މި ގަވާއިދުގެ 8-32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލެއް ނުވާނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ހިންގުމުގެ ހުއްދަދީފައިވާ ހޯމްސްޓޭއެއް ހިންގާ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އަދި އެ ޖިނާއީ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާނެ ފަދަ އަމަލެއްކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ހާލަތުގައި އެ ހޯމްސްޓޭ ހިންގުމުގެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

32-8 - ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުން (އިތުރު ކުރެވިފައި)

ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއަށް ދީފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަން ބޭނުންނަމަ ، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން (ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން) މި ގަވާއިދުގެ  3-32 ވަނަ މާއްދާއާ އެއްގޮތަށް ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، މި ގަވާއިދުގެ 4-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، މި ގަވާއިދުގެ 5-32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެ ތަން ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

 

32-9 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތް ބަދަލުކުރުން (އިތުރު ކުރެވިފައި)

މި ބާބުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވުމާއެކު،ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ތަނަކާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތް ނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

 

32-10 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގެ ވެރިފަރާތް ބަދަލުވުން (އިތުރު ކުރެވިފައި)

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގެ އިމާރާތުގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، އެ ތަނެއްގެ ރަޖިސްޓަރީއަށާއި އޮޕަރޭޓިންގ ލައިސަންސަށް އެ ބަދަލު ގެނައުމަށް ޓަކައި، އެ ބަދަލެއް އަންނަތާ، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދު 3-32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކޮށްފައި މިނިސްޓްރީއަށް ހުށަހަޅައިގެން އެ ތަނަކަށް ދީފައިވާ އޮޕަރޭޓިންގ ލައިސަންސަށް އެ ބަދަލުތައް ގެންނަންވާނެއެވެ.

 

32-11 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ވަސީލަތްތަކާއި، ލިބިދޭންޖެހޭ ފަސޭހަތަކާއި ހިދުމަތްތައް (އިތުރު ކުރެވިފައި)

(ހ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި 1 (އެކެއް) ކޮޓަރިން ފެށިގެން 5 (ފަހެއް) ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަންވާނެއެވެ.

(ށ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގެ ވަކި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުންނަންވާނެއެވެ.

(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގައި ފަތުރުވެރީންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދުމަށް 2 (ދޭއް) އެނދު ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރު އެނދެއް ބެހެއްޓުމަށް ނުވަތަ އެއް އާއިލާއަކުން އެ ކޮޓަރި ބޭނުންކުރާނަމަ، އެ އިންތިޒާމު ހަމަޖެއްސުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ބ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގައި ހުންނަ ފަތުރުވެރިއަކަށް އެ ތަނެއް ހިންގާ ފަރާތަކަށާއި އެ ތަނެއްގެ ކަންކަމުގައި ޒިންމާވާނެ ފަރާތަކާ 24 (ސައުވީސް) ގަޑިއިރު ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައި ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށެވެ.

 

32-12 - ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްހިންގުމުގެ ހުއްދަ ދޫކުރެވޭ ރަށްތައް (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދެވޭނީ، އެ ތަނެއް ހަދައިފައި ހުންނަ ރަށުގައި ނުވަތަ ސިޓީގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީގެ އިދާރާއެއް ހުރުން. ނުވަތަ؛

(ށ) އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުގެ ފަރާތުން އަންނަނިވި ކަންތައްތައް ފުރިހަމަކުރުން.

  1. އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި، ޓޫރިޒަމް ޑެސްކެއް ޤާއިމުކުރުން. އަދި 
    މި ޑެސްކުން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށް  ހިދުމަތް ފޯރުކޮށްދިނުން؛
  2. ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައިވުން؛
  3. ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައިވުން؛
  4. އެންމެ މަދުމިންވަރަކަށް، ރޯދަމަސްވެސް ހިމެނޭ ގޮތަށް، އާންމުކޮށް ކައިބޮއި އުޅޭ ހުރިހާ ވަގުތެއްގައި ކެއިންބުއިމުގެ ހިދުމަތާއި ދޮވެއިސްތިރިކުރުމުގެ ހިދުމަތް، އެ ކަންކަމަށް ކަނޑައެޅިފައިވާ ހުއްދަތައް އޮތް ފަރާތެއް މެދުވެރިކޮށް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން. އަދި މި ކަން، ކައުންސިލުން ނުވަތަ ރަށުގެ ޓޫރިޒަމް ޑެސްކުން ކަށަވަރުކުރުން؛
  5. އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، ރަށުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ކައުންސިލުން އެކުލަވައިލައިފައި އޮތުން. އަދި ވަކިވަކި ހޯމްސްޓޭތަކުން އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރުމަށް ފަތުރުވެރީންނަށް އިރުށާދު ދޭނީ 
    މި ޕްލޭނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައިވުން.

 

32-13 - ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްހިންގުން (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ހިންގުމުގެ ހުއްދަ ދެވޭ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ،  ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގެ މި ބާބާއި، ޓޫރިޒަމް ވިޔަފާރި ހިންގުމުގައި އަމަލުކުރަންޖެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއިން ފަތުރުވެރީން އަތުން ނަގައި ދައުލަތަށް ދެއްކުމަށް ގާނޫނުތަކުން ލާޒިމުކޮށްފައިވާ ޓެކްސްތައް ދެއްކުމުގެ އިލްތިޒާމު އަދާކުރުމުގެ ޒިންމާ އުފުލާނީ އެ ތަނެއް ހިންގުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ފަރާތެވެ.

(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް މުވައްޒަފުން ގެންގުޅޭނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.

(ރ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތްތަކުން އެ ތަނެއް ހިންގުމުގައި، ނުވަތަ އެ ތަނެއްގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ބ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ތިބޭ ފަތުރުވެރީންގެ އަންނަނިވި މައުލޫމާތުގެ ރިކޯޑު، 5 (ފަހެއް) އަހަރުދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް، އެ ތަނެއް ހިންގާ ފަރާތުން ބަލަހައްޓަންވާނެއެވެ.

  1. ފަތުރުވެރިޔާގެ ފުރިހަމަ ނަން؛
  2. ފަތުރުވެރިޔާ ނިސްބަތްވާ ގައުމު؛
  3. ފަތުރުވެރިޔާގެ ޕާސްޕޯޓު ނަންބަރު ނުވަތަ ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  4. އެ ތަނަށް ޗެކްއިން ކުރި ތާރީހު؛
  5. އެ ތަނުން ޗެކްއައުޓް ކުރި ތާރީހު .

 

32-14 - ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ދަފުތަރު ބެލެހެއްޓުން (އިތުރު ކުރެވިފައި)

(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާ ކޮންމެ ތަނެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ދަފުތަރުގައި ރިކޯޑު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ ތަނެއްގެ ނަން؛
  2. އެ ތަނެއް ތަރައްގީކޮށްފައިވާ ގޯތީގެ އެޑްރެސް؛
  3. ގޯތީގެ ވެރިފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  4. އެ ތަން ހިންގުމުގެ ހުއްދަ ދެވިފައިވާ ފަރާތް؛
  5. އެ ތަން ހިންގުމުގެ ހުއްދަ ދެވިފައިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެނަންބަރު؛
  6. ހިންގުމުގެ ހުއްދަ ދޫކުރި ތާރީހު؛
  7. ހިންގުމުގެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހު؛
  8. ހުއްދަ ދެވިފައިވާ ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދު؛
  9. އެ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރާއި، އެ ފަރާތުގެ އީމެއިލް އެޑްރެސް؛
  10. މިނިސްޓްރީން އެ ތަނެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.

(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޫކުރާތާ، ނުވަތަ ހިންގުމަށް ދޫކޮށްފައިވާ ހުއްދައަކަށް ބަދަލުގެންނަތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ވެބްސައިޓުގައި، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައިވާ މައުލޫމާތު ށާއިއު ކުރަންވާނެއެވެ. 

 

އެހެނިހެން ކަންތައްތައް

 

33 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) ޓޫރިސްޓް ގެސްޓްހައުސްގައި ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ފެން ހުންނަންވާނީ ސަރުކާޜުގެ ކަމާބެހޭ އިދާރައަކުން އެފަދަ ބޭނުމަށް ބޭނުންކުރާ ފެން ހުންނަންޖެހޭނެކަމަށް ކަނޑައަޅާ މިންގަނޑަށެވެ. 

(ށ) ކާބޯތަކެތި ރައްކާކުރެވިފައި ހުންނަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކާބޯތަކެތި ރައްކާކުރުމަށްޓަކައި އެއިރެއްގައި ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ނ) ޓޫރިސްޓް ގެސްޓްހައުސްގައި ފެސްޓް ކޮންޓްރޯލްކުރުމަށް އެކަށޭނަ ނިޒާމެއް ރޭވިފައި އޮންނަންވާނެއެވެ. 

(ރ) ޓޫރިސްޓް ގެސްޓްހައުސްގައި ހުންނަ ހުރިހާ އާންމު ސަރަހައްދުތައް އަލިވާކުރުމަށްޓަކައި އެކަށީގެންވާ ބޮކި ނުވަތަ ހޮޅިބުރި ހަރުކުރެވިފައި ހުންނަންވާނެއެވެ. 

(ބ) ޓޫރިސްޓް ގެސްޓްހައުސްގައި ހުންނަ ހުރިހާ އާންމުސަރަހައްދުތަކުގައި އިމަރޖެންސީ ލައިޓް ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި އިމަރޖެންސީ ލައިޓް މަސައްކަތް ނުކޮށްފި ހިނދެއްގައި ބޭނުން ކުރެވޭގޮތަށް ޓޯޗް ހުންނަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން ގެސްޓްހައުސްގެ އޮފީސް ނުވަތަ ރިސެޕްށަން އޭރިއާފަދަ އާންމުކޮށް މުވައްޒަފުންއުޅޭ ހިސާބަށް އަންނައިރު، އަދި ގެސްޓްހައުސް ހުރި ރަށުގެ ތެރެއަށް ނުކުމެއުޅޭއިރު ނުވަތަ މީހުން އުޅޭ ރަށްރަށަށް ދާއިރު ހެދުން އަޅަންވާނީ، އެކަމާބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. (އިތުރު ކުރެވިފައި)

  1. ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓަކާއި ސޯޓު ބުރި. 
  2. އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯތް ބުރި. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރު އެއީ އެކަށީގެންވާ ހެދުންކަމުގައި ނުބެލެވޭނެއެެވެ. 

(ކ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާއަށް، އަދި ގެސްޓްހައުސް ހުރި ރަށެއްގައި ފުލުހުންގެ ހިދުމަތްދޭ މަރުކަޒެއް ގާއިމުވެފައި ހުރިނަމަ އެ މަރުކަޒަކަށް ނުވަތަ ގެސްޓްހައުސް ހުރި ރަށާއި އެންމެ ކައިރީގައިވާ ފުލުހުންގެ ހިދުމަތްދޭ މަރުކަޒަކަށް، އަދި ގެސްޓްހައުސްއާ އެންމެ ކައިރީގައި ސިއްހީ ހިދުމަތް ފޯރުވައިދޭ ވަސީލަތްތަކާ، ގުލޭނެ ފޯނު ނަންބަރުތައް ގެސްޓްހައުސްގެ އާންމު ސަރަހައްދެއްގައި އާންމުކޮޮށް ފެންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. (އިތުރު ކުރެވިފައި)

 

34 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީން ހުއްދަ ލިބިގެން ހިންގަމުން ގެންދާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ. 

(ށ) މިގަވާއިދުގެ ދަށުން ކަމަކުން އިސްތިސްނާވެފައިވާ ގެސްޓްހައުސްއެއްގެ ލައިސަންސް ބާތިލުކުރުމަށްފަހު އަލުން އޮޕަރޭޓްކުރަން ފަށްޓާނަމަ، ދެން އެ ގެސްޓްހައުސްއަކަށް ހުއްދަ ދެވޭނީ މި ގަވާއިދުގައި ބުނެފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައެވެ. 

 

35 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްގެ ބޭރާއި އެތެރެ ހުންނަންވާނީ އެކަށީގެންވާ ފެންވަރަކަށް ސާފުތާހިރުކޮށް ރަނގަޅަށް ބެލެހެއްޓިފައެވެވެ. 

 

36 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

ޓޫރިސްޓް ގެސްޓްހައުސްއަށް ކިާނަމަކީ މިނިސްޓްރީން ފާސްކޮށް، ވިޔަފާރި ނަމެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ ނަމަކަށް ވާންވާނެއެވެ. އަދި އެނަން ފިޔަވައި އެހެންނަމެއް ޓޫރިސްޓް ގެސްޓްހައުސް މާކެޓްކުރުމަށް ނުވަތަ ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ. 

 

ޓޫރިސްޓް ޓެކްސް ދެއްކުން

 

37 ވަނަ މާއްދާ - ޓޫރިސްޓުން ރަޖިސްޓްރީކުރުން

(ހ) ޓޫރިސްޓް ގެސްޓްހައުސްގައި ބައިތިއްބާ ހުރިހާ މީހުންގެ މައުލޫމާތު ގެސްޓް ރަޖިސްޓްރީގައި ލިޔަންވާނެއެވެ. ގެސްޓް ރަޖިސްޓްރީގެ ނަމޫނާ ޖަދުވަލު 2 ގައި ވާނެއެވެ. 

(ށ) ޓޫރިސްޓުން ރަޖިސްޓްރީ ކުރުމަށް ގެސްޓް ރަޖިސްޓްރޭށަން ކާޑު ފުރަންވާނެއެވެ. ގެސްޓް ރަޖިސްޓްރީ ކާޑުގައި ހިމަނަންޖެހޭ މައުލޫމާތު ދައްކައިދޭ ކާޑުގެ ނަމޫނާ ޖަދުވަލު 3 ގައި ވާނެއެވެ. 

(ނ) ކޮންމެ ދުވަހަކުވެސް އެދުވަހަކު ގެސްޓްހައުސްއަށް ޗެކްއިން އަދި ޗެކްއައުޓް ކުރި މީހުންގެ މައުލޫމާތު ގެސްޓް ރަޖިސްޓްރީގައި ހިމަނަންޖެހޭނެއެވެ. 

 

38 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި ޓޫރިޒަމް ޓެކްސް ދެއްކުން

(ހ) ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތުން ގާނޫނު ނަންބަރު 1999-02 ގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ވޭތުވެދިޔަ މަހުގެ ޓެކްސް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގަަވާއިދުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ. 

(ށ) ޓޫރިސްޓް ގެސްޓްހައުސްއެއްގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބ ޓޫރިސްޓުންނާބެހޭ މައުލޫމާތު (ޓެކްސް ށީޓު)، ހިނގާ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތު ހުށަހަޅާނީ ޖަދުވަލު 4 ގައި އެވާ ނަމޫނާއާ އެއްގޮތަށެވެ. މި މައުލޫމާތު ފޯމުގެ ކޮޕީއެއް ހަމަ އެތާރީހުގެ ކުރިން އޯޑިޓް އޮފީހަށްވެސް ހުށަހަޅަންޖެހޭނެއެވެ. 

 

39 ވަނަ މާއްދާ - މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކޮންމެ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ވޭތުވެދިޔަ މަހު ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު ޖެހިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން އެންމެ ފުރަތަމަ އޮފީސް ހުޅުވޭ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބެުނެފައިވާ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ނުވޮނުވާނަމަ، ފުރަތަމަ ފަހަރު ގެސްޓްހައުސްއެއްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ އެނދެކަށް 1،000 (އެއްހާސް ރުފިޔާ) އިން، އަދި ދެވަނަ ފަހަރަު އެގެސްޓްހައުސްއެއްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ އެނދަކަށް 2،000 (ދެހާސް ރުފިޔާ) އިން އެގެސްޓްހައުސްއެއް ހިންގާފަރާތް ޖޫރިމަނާ ކުރެވޭނއެވެ. އަދި މިކަން 3 ފަހަރު ތަކުރާރުވެއްޖެނަމަ އެގެސްޓްހައުސްއަކަށް ދޫކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. 

 

40 ވަނަ މާއްދާ - ގެސްޓުހައުސް ހިންގާ ރަށުގައި ލިބެން ހުންނަންޖެހޭ ފަސޭހަތައް

(ހ) ގެސްޓުހައުސް ހިންގާ ރަށުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދިފައިވާ ސިއްހީ ހިދުމަތް ލިބެން ހުންނަންވާނެއެވެ. މިފަދަ ތަނެއްނެތް ރަށެއްނަމަ އިމަރޖެންސީ ހާލަތެއްގައި ހޮސްޕިޓަލަކަށް ބަލިމީހާ ގެންދެވޭނެފަދަ ދަތުރުފަތުރުގެ ހިދުމަތް ގެސްޓްހައުސްއިން ފޯރުވައިދޭންވާނެއެވެ. 

(ށ) ގެސްޓުހައުސް ހިންގާ ރަށަކީ ފުލުހުންގެ މަރުކަޒެއް ނުވަތަ ފުލުހުންގެ ހިދުމަތް ލިބެން ހުންނަ ރަށަކަށް ވާންވާނެއެވެ. 

(ނ) ޓޫރިސްޓަކު ގެސްޓުހައުސްއަށް ދިއުމަށްޓަކައި ނުވަތަ ގެސްޓުހައުސްއިން އަނބުރާ ދިއުމަށްޓަކައި ދަތުރުފަތުރުގެ ކަންތައް ހަމަޖައްސަން އެދިއްޖެނަމަ، ކަނޑައެޅިފައިވާ އަގަކަށް އެ ހިދުމަތް ހަމަޖައްސައިދެވޭނެ އިންތިޒާމެއް ގެސްޓްހައުސް ހިންގާ ފަރާތުން ހަމަޖައްސަންވާނެއެވެ. 

(ރ) ގެސްޓުހައުސްގައި 24 ގަޑިއރު ކަރަންޓްގެ ހިދުމަތް ލިބެން ހުންނަންވާނެއެވެ. 

 

41 ވަނަ މާއްދާ - ގެސްޓްހައުސްތަކުގައި ކުރުން މަނާ ކަންތައްތައް

(ހ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ހުއްދަ ނުކުރާ އެއްވެސް ކަމެއް ގެސްޓުހައުސްއެއްގައި ކޮށްގެންނުވާނެއެވެ. 

(ށ) ގެސްޓުހައުސްގެ އެއްވެސް ކޮޓަރިއަކަށް އެކޮޓަރިއެއް ކުއްޔަށްހިފާ މީހުން ނޫން އެހެން އެއްވެސް މީހަކު ވައްދައިގެން ނުވާނެއެވެ. 

 

42 ވަނަ މާއްދާ - ގެސްޓްހައުސް ހިންގާ ފަރާޓުގެ ޒިންމާތައް

(ހ) މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓުހައުސް ހިންގުމުގެ ހުއްދަދެވޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އަދި މިފަދަ އެހެން ފައިސާ އެފައިސާއެއް ދައްކަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދައްކަމުން ގެންދަންވާނެއެވެ. 

(ށ) މިގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭ ފަރާތްތަކުން، އެފަރާތްތަކުން ހިންގާ ގެސްޓްހައުސް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓްކޮށް، މިނިސްޓްރީން ނުވަތަ ދައުލަތުގެ އޮޑިޓަރުން ބަލަން ބޭނުންވެގެން އެދިއްޖެ ކޮންމެ ހާލަތެއްގައި ބެލޭނެ ގޮތަށް އެގެސްޓްހައުސްގެ އެކައުންޓިން ސިސްޓަމް ގާއިމްކުރަންވާނެއެވެ. 

 

43 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

(ހ) ޓޫރިސްޓް ގެސްޓްހައުސްތަކުން ދޭންޖެހޭ ހިދުމަތުގެ ފެންވަރު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތެއް 1،000،000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމުގެ އިތުރުން، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި، އެތަނަކަށް ދޫކޮށްފައިވާ ހުއްދަ، އެކަމެއް އިސްލާހުކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ށ) މި ގަވާއިދުގައި އަދަބު ކަނޑައެޅިފައި ނުވާ މާއްދާއަކާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތަކުން ހިލާފްވެއްޖެނަމަ، އެހިލާފްވުމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 (އެއްލައްކަ) ރުފިޔާއަށްުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެތަނަކަށް ދޫކުރެވިފައިވާ ހުއްދަ ތިރީގައިމިވާ މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަހަރު، 1 މަސްދުވަހާއި 3 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  2. ދެވަނަ ފަހަހަރު، 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް.
  3. ތިންވަނަ ފަހަހަރު، 6 މަސްދުވަހާއި 1 އަހަރުދުވަހުގެ މުއްދަތަކަށް.

 

މާނަ

 

44 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގައި، އެ އިބާރަތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާ ނަމަ:

(ހ) "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ. 

(ށ) "ޓޫރިސްޓް ގެސްޓްހައުސް" ނުވަތަ "ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީ، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ. 

(ށ-1) "ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށެވެ. (އިތުރު ކުރެވިފައި)

(ނ) "ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2007-01) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވިޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ. 

(ނ-1) "މީހުން ދިރިއުޅެމުންދާ ޔުނިޓް" ކަމަށް ބުނެފައި އެވަނީ، އާންމު ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ގެއެއް ނުވަތަ ގެއެއްގެ ވަކި އެޕާޓްމަންޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ވަކި އެޕާޓްމަންޓަކަށެވެ.

(ރ) "ގެސްޓް ރެޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ ޓޫރިސްޓުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީ، އާޓްސް އެންޑް ކަލްޗަރއިން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެ ރެކޯޑް ކުރެވޭގޮތަށް ކަރުދާހުން ހަދާފައިވާ އޮންނަ ފޮތް ނުވަތަ ފައިލަށެވެ. 

(ބ) "ރެޖިްސްޓްރޭށަން ކާޑު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުން މައުލޫމާތު ހޯދުމަށް ޓޫރިސްޓުން ފުރުމަށް ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ކާޑަށެވެ. 

(ޅ) "ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ. 

(ކ) "ޓޫރިސްޓް ބެޑްކެޕެސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ. 

(އ) "އެނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައިވާހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ. ޑަބަލް އެނދަކީ ދެ އެނދެވެ. އަދި ސންގަލް އެނދަކީ އެއް އެނދެއެވެ. ޑަބަލް އެނދުގެ ސައިޒާއި ސިންގަލް އނދުގެ ސައިޒު މިގަވާއިދުގެ ޖަދުވަލުގެ 16 ވަނަ މާއްދާގެ (ރ) ގެ (1) ގައި ބަޔާންކުރެވިފައި އެވަނީއެވެ. 

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީ، އާޓްސް އެންޑް ޗކަލްޗަރ ނުވަތަ ޓޫރިޒަމް ގާނޫނުގެ ދާސުން ދިވެހިރާއްޖޭގއި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު ހަދައި ހިންގުމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީއަކަށެވެ. 

 

45 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފެށޭނީ ޖެނުއަރީ 2010 ދުވަހުން ފެށިގެންނެވެ. 

 

މި ގަވާއިދުގެ 1،2،3،4، އަދި 5 ވަނަ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

 

ޖަދުވަލު 6 (އިތުރު ކުރެވިފައި)

1. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގެ އާން މު މިންގަނޑުތަކާއި ހިދުމަތްތައް  

1.1 ހޯމްސްޓޭގެ ގޮތުގައި ހުއްދަދެވޭނީ، 1 (އެކެއް) ކޮޓަރިއާއި 5 (ފަހެއް) ކޮޓަރިއާ ދެމެދުގެ ކޮޓަރިއަށެވެ.
1.2 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ގޯއްޗަށް ނުވަތަ އިމާރާތަށް ވަންނަން، ތަޅުލެވޭ ދޮރެއް ހުންނަނަމަ، އެ ދޮރެއްގެ ތަޅުދަނޑި ނުވަތަ އިލެކްޓްރޯނިކް ކީ، ކޮންމެ ފަތުރުވެރިއަކަށް ދޭންވާނެއެވެ.

1.3 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގައި މީހުން ދިރިއުޅޭ ކޮޓަރިތަކާއި ގެސްޓް ކޮޓަރިތައް ވަކިކުރަން އެ ކަން ލިޔުމުން އެނގޭނެ ފަދަ ނިށާނެއް، ކޮޓަރީގެ ދޮރުގެ ބޭރުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އެ ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު، ޗެކިން ކުރާއިރު ފަތުރުވެރިޔާއަށް ދޭންވާނެއެވެ.

1.4 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތާއި ނުވަތަ ހިންގާ ފަރާތުން ކަނޑައަޅާ މަސްއޫލުވެރި ފަރާތަކާ، ކޮންމެ ވަގުތެއްގައި ވެސް ފަތުރުވެރިޔާއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި އޮންނަންވާނެއެވެ.

1.5 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަ ފަތުރުވެރިއަކަށް ދިމާވާ ހާދިސާއަކުން ނުވަތަ މަރުވުމުން ނުވަތަ ލިބޭ ޖިސްމާނީ ގެއްލުމަކަށް ނުވަތަ މުދަލެއް ގެއްލުމުން ނުވަތަ މުދަލަށް ލިބޭ ގެއްލުމެއްގެ މާލީ ބަދަލުން އެތަނެއް ހިންގާ ފަރާތް ރައްކައުތެރިކޮށްދޭނެ ފަދަ ތާޑް-ޕާޓީ ލައިބިލިޓީ އިންށުއަރެންސެއް ހޯދައިފައި އޮންނަންވާނެއެވެ.

1.6 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތުގެ އިހުމާލުން އެ ތަނެއްގައި ފަތުރުވެރީން ނުބޭތިއްބޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހޯމްސްޓޭއެއްގައި ހުރުމަށް ފަތުރުވެރިޔާ ބުކިންގ ހައްދައިފައިވާ މުއްދަތަށް ނުވަތަ ބުކިންގެ ބާކީ އޮތް މުއްދަތަށް އެ ފަތުރުވެރިޔާ އެހެން ތަނެއްގައި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެ ތަނެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

1.7 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ރައްކައުތެރިވުމަށް،ކަމާ ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަލިފާން ނިއްވާ އާލާތްތައް ހަރުކޮށްފައި ހުންނަންވާނެއެވެ.

1.8 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަ ފަތުރުވެރިއަކަށް ދިމާވެދާނެ އެކިއެކި ކުދި ޒަހަމްތަކާއި ސިއްހީ މައްސަލަތަކަށް ފަރުވާކުރުމަށް، ކަމާ ގުޅޭ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކަށް ފެތޭ ފަސްޓް-އެއިޑް ކިޓެއް، ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަ ށް ހުންނަންވާނެއެވެ.

1.9 ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ވިޔަފާރި ނަން ދައްކުވައިދޭ ނަން ބޯޑެއް، އެ އިމާރާތެއްގެ ބޭރުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

1.10 ހޯމްސްޓޭއެއްގެ ގޮތުގައި ހިންގާ ގެސްޓްހައުސްއެއްގައި އެންމެން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކާއި ވަސީލަތްތައް ހުންނަންވާނީ، އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި އެފަދަ ތަންތަނުގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ.

1.11 ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައިވާ އިމާރާތަށް ވަދެ ނުކުތުމަށް ކަނޑައަޅައިފައިވާ ދޮރުތައް ފާހަގަކުރެވޭ ގޮތަށް ނިށާންތަކެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

2 .ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑު 

2.1 ކޮންމެ ކޮޓަރިއެއް ވެސް ހުންނަންވާނީ، އެ ގެއެއްގެ ނުވަތަ އި މާރާތުގެ ގޯތިތެރެއިން ނުވަތަ ކޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައެވެ. މީގެ އިތުރުން، އިންޓަ -ކަނެކްޓިންގ ކޮޓަރީގެ ބޭނުމަށް އެއްކޮޓަރިން އަނެއް ކޮޓަރިއަށް ދެވޭގޮތަށް އިތުރު ދޮރެއް ހަރުކުރެވިދާނެއެވެ.

2.2 ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 (އެއްސަތޭކަ ވިހި) އަކަފޫޓު ހުންނަންވާނެއެވެ.

2.3 ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ކޮންމެ ދޮރެއްގައި، އެތެރެއިން ބޭ ރު ފެންނާނޭހެން އަދި ބޭނުންވެއްޖެނަމަ އެތެރެއިން ބަންދުކުރެވޭ ފަދަ ޑޯ ވިއުވަރއެއް ނުވަތަ ޕީޕްހޯލެއް ހުންނަންވާނެ އެވެ. މީގެ އިތުރުން، އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އިންޓަރ-ކަނެކްޓިންގ ދޮރުތަކުގެ ދެފަރާތުގައި ވެސް އެއްފަރާތުން ތަންޑު އެޅުމުން އަނެއް ފަރާތުން ދޮރު ނުހުޅުވޭނެފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
24 ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުވޭގޮތަށް ކުޑަދޮރެއް ނުވަތަ ފެން ލައިޓެއް ހުންނަންވާނެއެވެ.

2.5 ކޮޓަރީގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެ ގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ނިދާ ބޮކީގެ ގޮތުގައި އަލި ގަދަކޮށް މަޑުކުރެވޭގޮތަށް މަދުވެގެން އެއް ބޮކި ހުންނަންވާނެއެވެ. މީގެ އިތުރުން، ފަސޭހައިން ކަރަންޓު ނެގޭނެގޮތަށް ކަރަންޓް ސޮކެޓް ހުންނަންވާނެއެވެ. އެއަރ ކޮންޑިށަން ކުރާނަމަ، ފިނިހޫނުމިން ކޮންޓްރޯލު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ. ނުވަތަ އެނބުރޭ ބާރުމިން ކޮންޓްރޯލްކުރެވޭ ގޮތަށް ފަންކާއެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

2.6 ކޮންމެ ކޮޓަރިއެއް ވެސް ކަނޑައެޅޭނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އިތުރު އެނދެއް ވެއްދުމާއެކު 3 (ތިނެއް) މީހުން ބޭތިއްބިދާނެއެވެ. ނުވަތަ، ކޮޓަރީގައި އާއިލާއެއް ބައިތިއްބާ ހާލަތުގައި 2 (ދޭއް) މީހުންގެ އިތުރުން، ކުޑަ 2 (ދޭއް) ކުދިން ބޭތިއްބިދާނެއެވެ.

2.7 ކޮންމެ އެނދެއްގައި ވެސް، އެނދުގެ ބޮޑުމިނާ އެކަށީގެންވާ ގޮދަޑިއަކާއި، ބެޑްށީޓަކާއި، ގައިމަތީގައި އަޅާނެ ފޮތިގަނޑަކާއި، މަދުވެގެން 2 (ދޭއް) ބާލީސް އޮންނަންވާނެއެވެ.

2.8 ކޮންމެ ކޮޓަރިއެއްގައި ރަނގަޅަށް އަލި ލިބޭގޮތަށް އެންމެ ކުޑަވެގެން 3 (ތިނެއް) ފޫޓު 2 (ދޭއް) ފޫޓުގެ މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. އަދި ކޮނޑުގައި ހެދުން އެޅުވޭގޮތަށް އަލަމާރިއަކާއި ލަގެޖް ބަހައްޓާނެ އެއްޗެއް ހުންނަންވާނެއެވެ.

2.9 އިމަޖެންސީ ހާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ކޮޓަރީގައި ޓޯޗު ބައްތިއެއް އޮންނަންވާނެއެވެ. އަދި އިމަޖެންސީ ހާލަތުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ކުރެހުމާއި، މުހިންމު ނަންބަރުތައް ކޮޓަރީގެ ދޮރުގެ އެތެރެފަރާތުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

10.2 ޕާސްޕޯޓާއި، ފައިސާއާއި، މިފަދަ އެހެން ތަކެތި ކޮޓަރީގައި ރައްކައުކުރެވޭ ގޮތަށް ރޫމް ސޭފްއެއް ނުވަތަ 
ތަޅުލެވޭ ސެކިއުރިޓީ ބޮކްސެއް ހުންނަންވާނެއެވެ.

2.11 ކޮޓަރި ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ، އެކަން އަންގައިދޭ ލިޔުމެއް، ކުރެހުމަކާއެކު ހުންނަންވާނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަނަމަ، އަޅިކެނޑިއެއް ބަހައްޓަންވާނެއެވެ.

2.12 ކޮންމެ ކޮޓަރިއެއްގައި، ސާފު ބޯފެން، ދުވާލަކަށް މަދުވެގެން 2 (ދޭއް) ލީޓަރުގެ މަގުން ލިބެން ހުންނަންވާނެއެވެ.

2.13 މަދުވެގެން ކޮންމެ މީހަކަށް ތުވާޔެއްގެ މަގުން ތުވާލި ފޯރުކޮށްދޭންވާނެއެވެ.

2.14 ކޮޓަރީގައި ނުވަތަ ފާހާނާގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.


3 .ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ފާހާނާ ތައް ހުންނަންޖެހޭނެ މިންގަނޑުތައް

3.1 ކޮންމެ ކޮޓަރިއެއްގައި، ކޮޓަރީގެ އެތެރެއިން ވަދެވޭގޮތަށް ވަކި ފާހާނާއެއް ހުންނަންވާނެއެވެ.

3.2 ފާހާނާގައި ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ހުޅުވައި ލެއްޕޭގޮތަށް ފެން ލައިޓެއް ނުވަތަ ވައި ދައުރުކުރާ ނިޒާމެއް ހުންނަންވާނެއެވެ.

3.3 ފާހާނާގެ ތަޅުމާއި ބިތްތަކުގައި ހުންނަންވާނީ، ކައްސައިނުލާނެ ފަދަ ރަނގަޅު ފިނިށިންއެކެވެ. އަދި ތަޅުން ހުންނަންވާނީ، ފަސޭހައިން ފެން ހިނދޭނޭ ގޮތަކަށެވެ. މީގެ އިތު ރުން، ފާހާނާތަށްޓާއި މޫނުދޮންނަ ތަށި ހިމެނޭބައި ހުންނަންވާނީ ، ފެންވަރާ ބަޔާ ވަކިންނެވެ. މި ފަދައިން ވަކިކުރުމަށް ށަވަރ ކަރޓެއިންއެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.

3.4 ފާހާނާގައި ފްލަށިންގ ސިސްޓަމަކާއެކު މަތިޖެހޭގޮތަށް ފާހާނާ ތަށްޓެއް ހުންނަންވާނެއެވެ. އަދި ހޭންޑް ބިޑޭ ށަވަރެއް ނުވަތަ ބިޑޭއަކާއި، ފެންވަރާނެ މާގަނޑަކާއި، ތުވާލި އަޅުވާނެ ހަރަކާއި، މޫނުދޮންނަ ތަށްޓެއް ހުންނަންވާނެއެވެ. މޫނުދޮންނަ ތަށްޓާއެކު، ފެން އިސްކުރަކާއި މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ.

3.5 ފާހާނާގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ.

3.6 ފާހާނާގައި ނުވަތަ ކޮޓަރީގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.

 

ޖަދުވަލު 7 (އިތުރު ކުރެވިފައި)

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށު ޓޫރިޒަމް ޑެސްކުގެ ދައުރު

(ހ) ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި،
ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ހިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ފަރާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ 
މަސްއޫލުވެރި ފަރާތެވެ.

(ށ) ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭށަން ޑެސްކް ގާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭށަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ހިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ހިދުމަތްދޭނެ ވަގުތުތަކާއި، ވާޗުއަލްކޮށް ހިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 (ސައުވީސް) ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.

(ނ) ރަށު ޓޫރިޒަމް ޑެސްކުން ގާއިމުކުރާ ޓޫރިސްޓް އިންފޮމޭށަން ޑެސްކުން، ރަށުގައި ހުރި ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްއާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޓޫރިސްޓް ހޮޓާތަކުގެ މައުލޫމާތާއި، ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭ ރެސްޓޯރެންޓާއި، ހޮޓަލާއި، ކެފޭއާއި، ގާޑިޔާ ފަދަ ތަންތަނުގެ މައުލޫމާތާއި، ގުޅުންހުރި ހިދުމަތްތައް ކަމުގައިވާ ލޯންޑްރީއާއި، ސެލޫނާއި، ޑޭކެއަރ ސެންޓަރާއި، ފެރީއާއި، ވޯޓަރ ސްޕޯޓްސްއާއި، ޑައިވިންގއާއި، ސައިޓްސީންގ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް ކަމުގައިވާ ކައުންސިލާއި، ހެލްތް ސެންޓަރާއި، ހޮސްޕިޓަލާއި، ޕޮލިހާއި، ބޭންކް ފަދަ އިދާރާތަކާ ގުޅޭ މައުލޫމާތު ދީ، އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ރ) ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (2009)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) 

ކިޔުންތެރިންގެ ހިޔާލު