-

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-65)

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12-32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

32-12. މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދެވޭނީ، އެ ތަނެއް ހަދައިފައި ހުންނަ ރަށުގައި ނުވަތަ ސިޓީގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީގެ އިދާރާއެއް ހުރުން. ނުވަތަ؛

(ށ) އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުގެ ފަރާތުން އަންނަނިވި ކަންތައްތައް ފުރިހަމަކުރުން.

  1. އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި، ޓޫރިޒަމް ޑެސްކެއް ޤާއިމުކުރުން. އަދި 
    މި ޑެސްކުން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށް  ހިދުމަތް ފޯރުކޮށްދިނުން؛
  2. ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައިވުން؛
  3. ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައިވުން؛
  4. އެންމެ މަދުމިންވަރަކަށް، ރޯދަމަސްވެސް ހިމެނޭ ގޮތަށް، އާންމުކޮށް ކައިބޮއި އުޅޭ ހުރިހާ ވަގުތެއްގައި ކެއިންބުއިމުގެ ހިދުމަތާއި ދޮވެއިސްތިރިކުރުމުގެ ހިދުމަތް، އެ ކަންކަމަށް ކަނޑައެޅިފައިވާ ހުއްދަތައް އޮތް ފަރާތެއް މެދުވެރިކޮށް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން. އަދި މި ކަން، ކައުންސިލުން ނުވަތަ ރަށުގެ ޓޫރިޒަމް ޑެސްކުން ކަށަވަރުކުރުން؛
  5. އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، ރަށުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ކައުންސިލުން އެކުލަވައިލައިފައި އޮތުން. އަދި ވަކިވަކި ހޯމްސްޓޭތަކުން އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރުމަށް ފަތުރުވެރީންނަށް އިރުށާދު ދޭނީ 
    މި ޕްލޭނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައިވުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު