-

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 111/2020)

 

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ހިންގުމަށް ދީފައިވާ ހުއްދަ ބާޠިލުކުރުން 7.

(ހ)  ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ގެސްޓްހައުސް ހިންގުން ހުއް ޓައިލަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

7(ށ). ) މި މާއްދާގެ (ހ) ގެ ދަށުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުއްދަ ބާޠިލުކޮށް، ހުއްދަ ބާޠިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

7(ރ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލެއް ނުވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ހައްގުތައް ބަދަލުކުރުން 11.

މި ގަވާއިދުގެ ދަށުން ދީފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ 
މަތިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވުމާއެކު، އެ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ގެސްޓްހައުސްއާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތްނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު - 2009

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު