-

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 12/2010) 

 

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަަ ގަވާއިދުގައި "މިނިސްޓްރީ އޮފް ޓޫރިޒަމް" އޮތް ހުރިހާ ތަނެއް "ޓޫރިޒަމާބެހޭ މިނިސްޓްރީ" އަށް ބަދަލު ކުރުން. 

 

2 ވަނަ މާއްދާ - ބުނެވިދިޔަަ ގަވާއިދުގައި "ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު" އޮތް ހުރިހާ ތަނެއް "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" އަށް ބަދަލު ކުރުން. 

 

3 ވަނަ މާއްދާ - ބުނެވިދިޔަަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ށ) މި ގަވާއިދުގެ ދަށުން ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހިރައްޔިތުންނަށާއި ބިދޭސިއަކު ނުހިމެނޭގޮތަށް ގާނޫނު ނަންބަރު 9/1996 (ދިވެހިރާއްޖޭގެ ޕާޓްނަރށިޕާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާޓްނަރށިޕްތަކާއި ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ. މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ބިންބިމާއި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ޓޫރިސްޓް ގެސްޓްހައުސްތައް ހިންގުމަށް ހުށަހަޅާ ފަރާތްތައް މި މާއްދާއިން އިސްތިސްނާކުރެވޭނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭނީ އަންނަނިވި ބިންބިމާއި ސަރަހައްދުތަކުގައި ކޮށްފައިވާ އިމާރާތްތަކުގައި ހިންގުމަށް ހުށަހަޅާ ޓޫރިސްޓް ގެސްޓްހައުސްތަކަށެވެ. 

  1. ސަރުކާރުން، މީހުން ދިރިއުޅުމަށް ދޫކޮށްފައިހުންނަ ގޮތި. ޖެހިޖެހިގެން ހުންނަ ދޭއް ނުވަތަ އެއަށްވުރެ ގިނަ ގޯތި އެއްކޮށް އެއްގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް ޖެހިޖެހިގެން ނޫންގޮތަކަށް ހުންނަ އެއްގޯއްޗަށްވުރެ ގިނަގޯތި ހިމެނޭގޮތަށް އެއް ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެއްގޯއްޗަށްވުރެ ގިނަގޯތި ހިމެނޭގޮތަށް އެއް ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދީފައިވަނިކޮށް، ގެސްޓްހައުސްއެއްގައި ހުރުން ލާޒިމުކުރާ ކަމެއް ހިމެނިފައިވާ ގޯއްޗެއް ކުއްޔަށްހިފުމަށް ކޮށްފައިވާ އެގްރީމަންޓް ބާތިލުވެއްޖެނަމަ ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ. މީގެ ސަބަބުން ދިމާވާ ހުރިހާ ކަމަކަށް ޒިންމާވާންޖެހޭނީ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނަގާފައިވާ ފަރާތުންނެވެ. 
  2. ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބިން ބޭނުންކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތަށް މިނިސްޓްރީން އިއުލާންކޮށްގެން ކުއްޔަށްދޭ ބިންބިމާއި ސަރަހައްދުތައް. 
  3. ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުއްޔަށްދޭ ބިންބިމާއި ސަރަހައްދުތަކުގެ ތެރެއިން ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބިންބިމާއި ސަރަހައްދުތައް. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

(ނ) ޓޫރިސްޓް ގެސްޓްހައުސް ހިންގަން ބޭނުންވާ އިމާރާތަކީ، ޓޫރިސްޓް ގެސްޓްހައުސް ހިންގާ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަ ދޫކޮށްފައިވާ ތަނެއްކަން އެނގޭކަމުގެ ލިޔުން

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) އުނިކޮށް ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) އެއީ އެ މާއްދާގެ (ބ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަ އަކުރުތައް ތަރުތީބުކުރުން. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރު ކުރުން. 

(ވ) ޓޫސްޓް ގެސްޓްހައުސްއަށް ކިޔަން ހުށަހަޅާ ނަމަކީ އެޕްލިކޭށަން ހުށަހަޅާ ފަރާތުން ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް

(މ) ހުއްދައަށް އެދި ހުށަހަޅާ އިމާރާތަކީ ގައުމީ ބޮޑު މަށްރޫއެއް ހިންގުމަށް ސަރުކާރުން ކުއްޔަށްދީފައިވާ ބިމެއް ނުވަތަ ސަރަހައްދެއްގައި ހުރި އިމާރާތެއްނަމަ، އެ ބިމެއް ނުވަތަ އެ ސަރަހައްދަކީ ގާނޫނު ނަންބަރ 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިމެއް ނުވަތަ ސަރަހައްދެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

(ނ) ސަރުކާުން، މީހުން ދިރިއުޅުމަށް ދޫކޮށްފައިވާހުން ގޯތި ނޫން އެހެނިހެން ބިންބިމުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކުއްޔަށް ދޫކުރާ ތަންތަން ނުވަތަ މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

(ހ) މިގަވާއިދުގެ ދަށުން ހުއްދަދެވިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަކަށް ދެވިފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ޓޫރިސްޓް ގެސްޓްހައުސްއެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅޮސް) ދުވަސް ކުރިން މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަންއާއެކު މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އެއީ އެ ގަވާއިދުގެ 14 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (ރ) އެއީ އެ ގަވާއިދުގެ 15 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (ބ) އެއީ އެ ގަވާއިދުގެ 16 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (ޅ) އެއީ އެ ގަވާއިދުގެ 17 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (ކ) އެއީ އެ ގަވާއިދުގެ 18 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (އ) އެއީ އެ ގަވާއިދުގެ 19 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން. 

މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނި މަދުވެގެން 2 ކޮޓަރީގައި 6 އެނދު ހުންނަގޮތަށެވެ. އެ ކޮޓަރިތައް ތައްޔާރުވެފައިވާ ހުންނަންވާނީ މި ގަވާއިދުގައި ކަނޑައަޅާފައިވާ ހިދުމަތްތަކާއި ފަސޭހަތައް ލިބޭގޮތަށެވެ. 

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން. 

15. ޓޫރިސްޓް ގެސްޓްހައުސްގެ ގޮތުގައި ހިންގާ ކޮންމެ ގެސްޓްހައުސްއަކާއި އެ ގެސްޓްހައުސްއަކުން ލިބެންހުންނަ ހިދުމަތްތައް މަދުމިނުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބެން ހުންނަންވާނެއެވެ. 

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ރ) ގެ 15 ވަނަ ނަންބަރުގެ ފަހަތަށް 16 އަދި 17 އަންނަނިވިގޮތަށް އިތުރުކުރުން. 

16.ކޮޓަރި ނުވަތަ ފާހާނާ ތެރޭގައި، މަތިޖަހައި ލެއްޕޭގޮތަށް ހަދާފައި ހުންނަ ކުނިއަޅާ ވަށިގަނޑެއް ބަހައްޓާފައި ހުންނަންވާނެއެވެ. 

17.ކޮންމެ ކޮޓަރިއެއްގައިސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. މި ފެން ހުންނަންވާނީ ފެންބޯ 2 ތައްޓާއެކު ޓްރޭއަކަށް ލާފައެވެ. 

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އަދި (ކ) ގެ ގޮތުގައި އަންނަނިވިގޮތަށް ދެ އަކުރު އިތުރުކުރުން. 

(ޅ) ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން ގެސްޓްހައުސްގެ އޮފީސް ނުވަތަ ރިސެޕްށަން އޭރިއާފަދަ އާންމުކޮށް މުވައްޒަފުންއުޅޭ ހިސާބަށް އަންނައިރު، އަދި ގެސްޓްހައުސް ހުރި ރަށުގެ ތެރެއަށް ނުކުމެއުޅޭއިރު ނުވަތަ މީހުން އުޅޭ ރަށްރަށަށް ދާއިރު ހެދުން އަޅަންވާނީ، އެކަމާބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. 

  1. ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓަކާއި ސޯޓު ބުރި. 
  2. އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީށަރޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯތް ބުރި. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރު އެއީ އެކަށީގެންވާ ހެދުންކަމުގައި ނުބެލެވޭނެއެެވެ. 

(ކ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާއަށް، އަދި ގެސްޓްހައުސް ހުރި ރަށެއްގައި ފުލުހުންގެ ހިދުމަތްދޭ މަރުކަޒެއް ގާއިމުވެފައި ހުރިނަމަ އެ މަރުކަޒަކަށް ނުވަތަ ގެސްޓްހައުސް ހުރި ރަށާއި އެންމެ ކައިރީގައިވާ ފުލުހުންގެ ހިދުމަތްދޭ މަރުކަޒަކަށް، އަދި ގެސްޓްހައުސްއާ އެންމެ ކައިރީގައި ސިއްހީ ހިދުމަތް ފޯރުވައިދޭ ވަސީލަތްތަކާ، ގުލޭނެ ފޯނު ނަންބަރުތައް ގެސްޓްހައުސްގެ އާންމު ސަރަހައްދެއްގައި އާންމުކޮޮށް ފެންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. 

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން. 

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، ގެނެވުނު އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން. 

 

22 ވަނަ މާއްދާ - ދިވެހިރާއްދޭގެ ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް މި ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އިސްލާހުތައް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު - 2009

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު