ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2012-27)
1 ވަނަ ބައި - ތައާރުފު
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކޮށް، އެ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެމަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދުގެ ނަމަކީ "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012" އެވެ.
3 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ ކޮންސަލްޓަންޓުންނަށާއި، ސަރުކާރުގެ މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް، ތަރައްގީގެ ހުށަހެޅުންތަކަށް ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އަމަލުކުރަންޖެހޭ މަރުހަލާތައް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އޮޅުންފިލުވައި ދިނުމެވެ.
4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މިހާރު އަމަލުކުރަމުންގެންދާ "އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރެގިއުލޭށަންސް 2007" އުވުނީއެވެ.
5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
މިގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.
ވަނަ ބައި - މަށްރޫއު ރޭވުން 2
6 ވަނަ މާއްދާ - މަށްރޫއު ރޭވުން
(ހ) އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށްޓަކައި ތަންތަނާއި ރަށްރަށް ކަމާބެހޭ އިދާރާތަކުން ވަކިކަމަކަށް ކަނޑައަޅާއިރު، އެފަރާތްތަކުން އެތަންތަން ހޮވުމުގައި މި ގަވާއިދުގެ ޖަދުވަލު (ހ) ގައި ބަޔާންކޮށްފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތް ހިނގާ ތަންތަނާބެހޭ ބައިގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރަން ވާނެއެވެ.
(ށ) ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި، ތަރައްގީގެ ރޭވުންތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ހިމެނޭ ކަމާބެހޭ ބައިތައް މަށްރޫއު ރޭވުމުގައި އެކުލެވިފައި ހުންނަންވާނެއެވެ.
(ނ) ތަރައްގީގެ ހުށަހެޅުމަކާ ގުޅޭގޮތުން ހަދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގައި ތިރީގައި މިވާ ބައިތައް ހިމަނަންވާނެއެވެ.
- އެމަށްރޫއު ރޭވިފައިވާ ވެށީގައި އެކުލެވޭ ދިރުންތަކާ (ގަސްގަހާގެއްސާއި ސޫފާސޫފި) ބެހޭ މައުލޫމާތު.
- ބިންގަނޑާއި، ފެނާއި، ވަޔާއި، މޫސުމާއި، ތަބީއީ ސިފަތަކާއި، ވެށީގެ ދިރުންނެތް ބައިތައް.
- މި މާއްދާގެ (1) އާއި (2) ގައިވާ ކަންކަމުގެ ތެރެއިން އެއްބައި އަނެއްބަޔާއި ހުރި ގުޅުން.
- ހަރުމުދަލާއި ސަގާފީ ތަރިކަ.
- ތިމާވެށިން މަށްރޫއަށް ކުރާ އަސަރު.
- އެތަނެއްގެ އިޖުތިމާއީ މައުލޫމާތާއި ދިރިއުޅޭ އިންސާނުންނާއި މަށްރޫއާ ހުރި ގުޅުމާއި މި މާއްދާގެ (1) އިން (5) ގައިވާ ކަންތައްތަކާއި އެތަނުގައި ދިރިއުޅޭ އިންސާނުންނާ ދެމެދުގައިވާ ގުޅުން.
3 ވަނަ ބައި - ތަރައްގީގެ ހުށަހެޅުން ކުރިއަށްގެންދިއުމަށް އެދި ހުށަހެޅުން
7 ވަނަ މާއްދާ- ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހަޅާ ތަރައްގީގެ މަސައްކަތެއް ފެށުމުގެ ކުރިން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަށް ހުށަހަޅަންވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި ހަރަދުގެ ޒިންމާ އުފުލަންޖެހޭނީ އެދިޔާރެވެ.
(ނ) އެދިޔާރުގެ ފަރާތުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާއިރު އެއާ އެކީގައި އަނބުރާ ނުލިބޭ އިދާރީ ފީއެއް ދައްކަންޖެހޭނެއެވެ. މި ފީގެ އަދަދު މިނިސްޓްރީން ކުރިން ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ރ) މިނިސްޓްރީން އާންމުންނަށް ފެންނަގޮތަށް އަދި އާންމުންނަށް ހިޔާލު ހުށަހެޅޭނެގޮތަށް ތިރީގައިވާ ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ.
- އެވަގުތަކު ބަލަމުންދާ ހުށަހެޅުންތަކުގެ ލިސްޓާއި ހުށަހެޅުނު ތާރީހު
- އެދިޔާރަށް އަދި މިނިސްޓްރީއަށް ޒާތީ އަދި ވިޔަފާރިއާ ބެހޭ ސިއްރު މައުލޫމާތު ކަމަށް ފާހަގަކުރެވޭ މައުލޫމާތު ނުހިމެނޭގޮތަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތައް
- އެދިޔާރަށާއި މިނިސްޓްރީއަށް ޒާތީ އަދި ވިޔަފާރިއާ ބެހޭ ސިއްރު މައުލޫމާތު ކަމަށް ކަނޑައަޅާ މައުލޫމާތު ނުހިމެނޭގޮތަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތައް
- އާންމު ރައްޔިތުން ދޭ ހިޔާލު ބަލައިގަތުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ސުންގަޑި
- ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުން އެ ލިޔުން
8 ވަނަ މާއްދާ- ސްކްރީންކުރުމުގެ މަރުހަލާ
(ހ) ތަރައްގީގެ ހުށަހެޅުން މި ގަވާއިދުގެ ޖަދުވަލު 3 ގެ ދަށުން ލިސްޓުކޮށްފައި ނުވާނަމަ އެފަދަ ފަރާތަކުން ސްކްރީން ކުރުމަށް އެދޭ ފޯމު (ޖަދުވަލު 1 (ހ)) އެދިޔާރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) ފުރިހަމަކޮށްފައިވާ ސްކްރީން ކުރުމަށް އެދޭ ފޯމު މިނިސްޓްރީއަށް ލިބޭތާ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޖަދުވަލު 3 ގައިވާ ސްކްރީން ކުރުމަށްފަހު ނިންމިގޮތާ ބެހޭގޮތުން ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއް އެދިޔާރަށް އަންގަންވާނެއެވެ.
- ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހަދަން އެންގުން، ނުވަތަ
- ތިމާވެށީގެ ފުރަތަމަ ދިރާސާ ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާކަން
(ނ) ޖަދުވަލު 1 ގައިވާ ލިސްޓުގައި ހިމެނިފައިވާ ބާވަތްތަކުގެ ތަރައްގީގެ ހުށަހެޅުމެއް ކުރިއަށް ގެންދިއުމަށް އެދިޔާރު ބޭނުންވާނަމަ، ޖަދުވަލު 2 ގައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 3 (ތިނެއް) ސަފުހާއަށް ވުރެ ދިގުނުވާ މަށްރޫއުގެ ހުލާސާއަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަރައްގީގެ ހުށަހެޅުން ކުރިއަށް ގެންދިއުމަށް ދީފައިވާ ހުއްދައާ އެކު ހުށަހަޅަންވާނެއެވެ.
(ރ) މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު ހުށަހެޅުމުން، އެފޯމު ބަލައި ވަޒަން ކުރުމަށްފަހު އެމަށްރޫއުގެ ސަބަބުން ގަބޫލު ނުކުރެވޭފަދަ އަދި އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ކޮށްފާނެ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ އެމަށްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ނުވަތަ އެ މަށްރޫއުގެ ބައިތަކަށް ބަދަލުގެނެސް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެންގިދާނެއެވެ
9 ވަނަ މާއްދާ - ތިމާވެށީގެ ފުރަތަމަ ދިރާސާ
(ހ) ތިމާވެށީގެ ފުރަތަމަ ދިރާސާ އޮންނަގޮތާއި އޭގައިވާ މައުލޫމާތު ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 (ށ) ގައިވާ ގޮތަށެވެ.
(ށ) ތިމާވެށީގެ ފުރަތަމަ ދިރާސާއަށްފަހު ނިންމިގޮތް އޮންނަންވާނީ މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތަށެވެ.
(ނ) މިގޮތުން ތިމާވެށީގެ ފުރަތަމަ ދިރާސާއާ މެދު ތިރީގައިވާ ގޮތުން ކުރެ ގޮތެއް ނިންމިދާނެއެވެ:
- މަށްރޫއަކީ ތިމާވެށްޓަށް ބޮޑު ބަދަލެއް އަތުވެދާނެކަމަށް ލަފާކުރެވޭ މަށްރޫއެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހެދުމަށް އެންގުން.
- މަށްރޫއުގެ ސަބަބުން ތިމާވެށްޓަށް ބޮޑު ބަދަލެއް އަތުވެދާނެކަމަށް މިނިސްޓްރީއަށް ނުފެންނަނަމަ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހެދުމަށް އެންގުން.
10 ވަނަ މާއްދާ - ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން
(ހ) މިގަވާއިދުގެ ދަށުން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހިއްޖެނަމަ އެ ޕްލޭން އޮންނަންވާނީ އަދި އޭގައިވާ މައުލޫމާތު ހުންނަންވާނީ މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތަށެވެ. މީގެ އިތުރަށްވެސް އެމަށްރޫއަކާ ގުޅުން ހުރި މުހިންމު މައުލޫމާތު ހިމެނިދާނެއެވެ.
(ށ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހެޅުމުން މިނިސްޓްރީން އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުންކުރެ ގޮތަކަށެވެ.
- މިގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައިވާ ގޮތާއި އެއްވެސް ތައާރުޒެއްނުވާކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ މަށްރޫއު ކުރިއަށް ގެންދިއުމަށް ފެންނަކަން، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަސްތެރޭގައި ލިޔުމުން އެންގުން.
- މިގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައިވާ ގޮތާއި އެއްވެސް ތައާރުޒެއްވާކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު އަލުން ހުށަހެޅުމަށް ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަސްތެރޭގައި ލިޔުމުން، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި އިތުރަށް ހިމެނުމަށް ބޭނުންވާ މައުލޫމާތު ބަޔާންކޮށް އެންގުން.
(ނ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ ގޮތުގެމަތިން އެދިޔާރު ކުރިޔަށް ގެންދަންވާނެއެވެ. އަދި އެކަންތައްތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަންވާނީ އެދިޔާރެވެ.
11 ވަނަ މާއްދާ - މީޒާންކުރުމުގެ މަރުހަލާ
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ މަށްރޫއުތަކާއި މިގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ތިމާވެށީގެ ފުރަތަމަ ދިރާސާ ހެދުމަށްފަހު ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް އަންގައިފިނަމަ، އެދިޔާރުގެ ފަރާތުން ޖަދުވަލު 2 (ދޭއް) ގައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު، މަށްރޫއުގެ ހުލާސާއަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަރައްގީގެ ހުށަހެޅުން ކުރިއަށް ގެންދިއުމަށް ދީފައިވާ ހުއްދައާއެކު ހުށަހަޅަންވާނެއެވެ.
(ށ) މަށްރޫއުގެ ހުލާސާ ލިބޭތާ ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ތެރޭގައި މީޒާންކުރުމަށް ބާއްވާ ބައްދަލުވުން ބާއްވާނެ ތާރީހެއް ކަނޑައަޅަންވާނެއެވެ. މީޒާންކުރަން ބާއްވާ ބައްދަލުވުމުގައި، މިނިސްޓަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެދިޔާރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކާ ދެމެދު އެތަރައްގީގެ ހުށަހެޅުމަކާ ގުޅޭ ތިމާވެށީގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަށްވަރާކޮށް ދެފަރާތުން ޓާރމްސް އޮފް ރިފަރެންސަކަށް އެއްބަސްވާންވާނެއެވެ. މީޒާންކުރަން ބާއްވާ ބައްދަލުވުމަށް ކަމާބެހޭ އެހެން ފަރާތްތަކަށް މިނިސްޓްރީން ދައުވަތު ދެވިދާނެއެވެ.
(ނ) މީޒާންކުރާ ބައްދަލުވުމުގައި، މަށްރޫއު ހިންގާ ތަނަށް ޒިޔާރަތްކުރަން ބޭނުންވާކަމަށް ކަމާއިގުޅޭ ދާއިރާތަކުން ފާހަގަކުރެވިއްޖެނަމަ އެގޮތަށް ނިންމިދާނެއެވެ. އަދި މިގޮތަށް ޒިޔާރަތްކުރަން ޖެހިއްޖެނަމަ، އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަންވާނީ އެދިޔާރުގެ ފަރާތުންނެވެ.
(ރ) މީޒާންކުރާ ބައްދަލުވުމަށްފަހުގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއަށް އެދިޔާރު ހުށަހަޅައި އަދި ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެޓާރމްސް އޮފް ރިފަރެންސް މުރާޖައާކޮށް ދެފަރާތުން އެއްބަސްވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ފާސްކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް އެދިޔާރަށް ފޯރުވައިދޭންވާނެއެވެ.
(ބ) ޓާރމްސް އޮފް ރިފަރެންސުގައި އެދިޔާރުގެ ފަރާތުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާނެ މުއްދަތު ކަނޑައަޅާފައި އޮންނަންވާނެއެވެ
12 ވަނަ މާއްދާ - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު
(ހ) މިގަވާއިދުގެ ދަށުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ޖެހިއްޖެނަމަ، އެރިޕޯޓު ތައްޔާރުކުރަންވާނީ މިނިސްޓްރީއާއި އެދިޔާރާ ދެމެދު އެއްބަސްވެވުނު ޓާރމްސް އޮފް ރިފަރެންސާ އެއްގޮތަށެވެ.
(ށ) ތަރައްގީގެ ހުށަހެޅުން އެކުލަވާލުމުގައި ތިމާވެށްޓާބެހޭ ހުރިހާ ކަންކަމަކަށް ބަލައި، އެކަންކަމާ ގުޅިގެން ދިމާވެދާނޭ ކަންތައްތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނޭ ގޮތްތައް ކަނޑައެޅިފައިވާކަން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުން ޔަގީންކޮށްދޭންވާނެއެވެ. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކީ އާންމު ހިޔާލުތަކެއްގެ މައްޗަށް ލިޔެފައިވާ ބަޔާނަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ކުރަން ހުށަހަޅާ ކަމަކުން ނިކުމެދާނެ ކަމަށް ލަފާކުރާ ކަންތައްތަކުގެ މައުލޫމާތާއި، އަމަލީގޮތެއްގައި ބަދަލުގައި ކުރެވިދާނޭ އެހެންކަންކަމާއި، ނުކުމެދާނެ ނޭދެވޭ އަސަރުތަކާއި އަސަރުތައް ކުޑަކުރާނެގޮތާއި، އަދި ތިމާވެށީގެ ގޮތުންނާއި އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުވިދާނެކަމަށް ފެންނަ ފުރުސަތުތައް ބަޔާންކުރެވިފައި ވާންވާނީ އެކަންކަން ސާބިތުކުރެވޭ ފަދަ ގޮތަކަށެވެ.
(ނ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އޮންނަންވާނީ އަދި އޭގައިވާ މައުލޫމާތު ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށެވެ. މީގެ އިތުރަށްވެސް އެމަށްރޫއަކާ ގުޅުން ހުރި މުހިންމު މައުލޫމާތު ހިމެނިދާނެއެވެ.
(ރ) އެދިޔާރު މިދިރާސާގެ އިލެކްޓްރޯނިކް ކޮޕީ ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ތަރުތީބާ އެއްގޮތަށެވެ.
(ބ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ ގަވާއިދުން އެދިޔާރު ކުރިޔަށް ގެންދަންވާނެއެވެ. އަދި އެކަންތައްތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަންވާނީ އެދިޔާރެވެ.
13 ވަނަ މާއްދާ - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކޮށް ގޮތެއް ނިންމުން
(ހ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ލިބުމުން، މިނިސްޓްރީން އެ ރިޕޯޓެއް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމުގެ ގޮތުން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިދާރީ އަޅައިބެލުމުގައިވާ ކަންތައްތައް ހަމަތޯ ބަލައި، ފުރިހަމަ ނޫންނަމަ، އެދިޔާރަށް ފޮނުވި ރިޕޯޓު ގަބޫލު ކުރެވިއްޖެކަން ނުވަތަ ނޫންކަން ރިޕޯޓު ހުށަހެޅި ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.
(ށ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރުމަށް ނިންމުމަށްފަހު، މިނިސްޓްރީން ރިޕޯޓް ބަލާ ގޮތެއް ނިންމުމަށް، 2 (ދޭއް) މުރާޖިއުން އައްޔަންކުރަންވާނެއެވެ. މުރާޖިއުން އައްޔަން ކުރާނީ މިގަވާއިދުގެ ޖަދުވަލު 4 ގައިވާ މިންގަނޑުތައް ބޭނުންކޮށްގެންނެވެ. މިނިސްޓްރީން މުރާޖިއުންގެ ލިސްޓެއް ލިޔެ ބަލަހައްޓަންވާނެއެވެ. އެއްވެސް ރިޕޯޓެއް ވަޒަންކުރި މުރާޖިއުގެ ނަން ހާމަކޮށްގެން ނުވާނެއެވެ. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖިއު ބަލައި ވަޒަންކުރާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު ބޭނުންކޮށްގެންނެވެ.
(ނ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާކަން މިނިސްޓްރީން ކަމާބެހޭ އެހެން އިދާރާތަކަށް ލިޔުމަކުން އަންގަންވާނެއެވެ. ކަމާބެހޭ އެހެން އިދާރާތަކުން ހުށަހަޅާ ހިޔާލުތައް މިނިސްޓްރީން ބަލައިގަންނާނީ ރިޕޯޓަށް ހިޔާލު ހުށަހެޅުމަށް ފޮނުވުނުތާ ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަސް ވަންދެންނެވެ. ބަލަމުންގެންދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާ ބެހޭ ނިންމިގޮތުގެ ލިޔުން މިނިސްޓްރީން ދޫކުރާނީ ކަމާބެހޭ އިދާރާތަކުން ދީފައިވާ މަށްވަރާއަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
(ރ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ މައްޗަށް ކަމާބެހޭ މިނިސްޓްރީތަކުންނާއި އިދާރާތަކުންނާއި އާންމުންގެ ފަރާތުން ހުށަހަޅާ ހިޔާލުތައް މިނިސްޓްރީން ބަލައިގަންނާނީ ރިޕޯޓް އާންމުންނަށް ފެންނަގޮތަށް ބެހެއްޓި ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަސް ވަންދެންނެވެ.
(ބ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުގައި، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް އާންމުން ހުށަހަޅާފައިވާ ހިޔާލުތަކަށް މިނިސްޓްރީން ރިއާޔަތްކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ރިޕޯޓު ފުރިހަމަކަމަށް ނިންމިތާ ބަންދު ދުވަސްތައް ނުހިމަނައި 28 (އަށާވީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން ނުވަތަ ރިޕޯޓަށް އިތުރު ބަދަލު ގެނައުމަށް އަންގަންވާނެއެވެ.
(ކ) "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" އޮންނަންވީ ގޮތްކަމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ކަނޑައެޅިފައިވާގޮތުން "އާންމުންނާ މަށްވަރާކުރުން" ހިމެނިފައި ވިޔަސް ތަރައްގީގެ ބައެއް މަށްރޫއުތަކަކީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވާ ކަންކަމަށް ވާތީވެ، އާންމުންގެ ހިޔާލު އިތުރަށް ހޯދަން ޖެހިއްޖެ ހާލަތެއްގައި އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައްދަލުވުން އިންތިޒާމުކުރުމަށާއި އެކަމަށް ހަރަދުކުރުމަށް އެދިޔާރަށް އެންގިދާނެއެވެ.
4 ވަނަ ބައި - ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން
14 ވަނަ މާއްދާ - ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ދޫކުރުން
(ހ) "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" ބަލައި ނިމުމަށްފަހު، އަދި މިގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ހުށަހެޅޭ އާންމުންގެ ހިޔާލުތަކަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓްރީން "ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން" ދޫކުރަންވާނެއެވެ.
(ށ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން އޮންނަންވާނީ ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށެވެ.
- މި ގަވާއިދުގެ ޖަދުވަލު (ށ) ގައިވާ ނަމޫނާއާއި އެއްގޮތަށް، އެދިޔާރު ކުރަންޖެހޭނެ ކަމަށް މިނިސްޓްރީއަށް ފެންނަ ކަންތައްތަކެއް ކުރުމަށް ށަރުތުކޮށް، ހުށަހެޅި ފޯމުގައިވާ މަށްރޫއު ކުރިއަށްގެންދަން މިނިސްޓްރީން ހުއްދަދިނުން؛ ނުވަތަ
- މި ގަވާއިދުގެ ޖަދުވަލު (ނ) ގައި ބަޔާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ރިޕޯޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރިޕޯޓު ގަބޫލުނުކުރާކަން އެންގުން؛
- މިނިސްޓްރީގެ ނަޒަރުގައި މަށްރޫއުގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ލިބިދާނެކަމަށް ފެނިއްޖެ ހާލަތެއްގައި، މިގަވާއިދުގެ ޖަދުވަލު (ރ) ގައިވާ ގޮތަށް އެ ހުށަހެޅުމެއް ގަބޫލުނުކުރާކަން އެންގުން.
(ނ) މިނިސްޓްރީގެ ނިންމުން އެދިޔާރަށް އަންގައި، އަދި މިނިސްޓްރީގެ ވެބްސައިޓްގައި އެނިންމުން ށާއިއު ކުރަންވާނެއެވެ.
(ރ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރި ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މަށްރޫއުގެ އަމަލީ މަސައްކަތް ނުފެށިއްޖެ ނަމަ، ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ބާތިލުވާނެއެވެ.
(ބ) މިމާއްދާގެ (ރ) ގައިވާ ގޮތަށް، މަށްރޫއުގެ އަމަލީ މަސައްކަތް ނުފެށި (އެކެއް) އަހަރަށްވުރެ ލަސްވީ ކުރިއަށް ލަފާކުރަން ނޭނގޭ ކަހަލަ ކަމެއް ދިމާވެގެން ކަމަށްވާނަމަ މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ނުވަތަ ހުއްޓުވާލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސްކުރިން ސަބަބު ސާފުކޮށް ބަޔާންކޮށް އެދިޔާރުގެ ފަރާތުން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.
15 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހެޅުން
(ހ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާ މެދު އެދިޔާރު ހިތްހަމަ ނުޖެހޭނަމަ، އެކަމާމެދު އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅަންވާނީ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ލިބޭތާ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.
(ށ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމާ މެދު އެދިޔާރު ހިތްހަމަ ނުޖެހެނީ ކީއްވެގެންކަން ސާފުކޮށް ބަޔާންކޮށް، އިސްތިއުނާފަށް ހުށަހަޅަންވާނީ ލިޔުމަކުން މިނިސްޓަރަށެވެ.
(ނ) އިސްތިއުނާފު ކުރެވުނު ސަބަބުތަކާމެދު ތަހުގީގު ކުރާނޭ މިނިސްޓްރީގެ އޮފިސަރަކު މިނިސްޓަރ އައްޔަން ކުރަންވާނެއެވެ.
(ރ) އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު ނިންމި ގޮތެއް މިނިސްޓަރ ލިޔުމަކުން އަންގާނެއެވެ. އިސްތިއުނާފުގެ ހުށަހެޅުން ބެލުމަށްފަހު، ތައްޔާރުކުރާ ރިޕޯޓު ލިބުމުން މިނިސްޓަރ ތިރީގައިވާ ގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.
- އިސްތިއުނާފު ކުރާނޭ ޖާގައެއް ނެތްކަން ލިޔުމަކުން އެންގުން، ނުވަތަ
- އިސްތިއުނާފުގެ ހުށަހެޅުމުގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުންބަލައި، ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތޯ ކަނޑައެޅުން.
(ބ) އިސްތިއުނާފާމެދު މިނިސްޓަރ ގޮތެއް ނިންމުމުގެ ކުރިން، ލިޔުމަކުން އެދި އިސްތިއުނާފަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމުގެ އިހުތިޔާރު އެދިޔާރަށް ލިބިގެންވެއެވެ.
(ޅ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބެލުމަށް މިނިސްޓަރ ނިންމައިފިނަމަ، އެދިޔާރުގެ ފަރާތުން 500.00 (ފަސް ސަތޭކަ) ރުފިޔާގެ އަނބުރާ ނުލިބޭނޭ ފީއެއް ދައްކަންވާނެއެވެ. 2 (ދޭއް) ވަނަ ފަހަރު ބެލުމަށްފަހު މިނިސްޓަރ ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
5 ވަނަ ބައި - ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުން
16 ވަނަ މާއްދާ - ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުން
(ހ) ކޮންސަލްޓަންޓުންގެ ނަމާއި، އެ ކޮންސަލްޓަންޓުންގެ ގާބިލު ދާއިރާތައް ބަޔާންކޮށްފައި އޮންނަ ދަފުތަރެއް މިނިސްޓްރީން ލިޔެ ބަލަހައްޓަން ވާނެއެވެ. އަދި މިނިސްޓްރީން މިދަފުތަރު އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ނަން ނެތި، އެއްވެސް މީހަކު ކޮންސަލްޓަންޓެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކޮށްގެން ނުވާނެއެވެ.
(ނ) ށަރުތު ފުރިހަމަވާ ބިދޭސީންނަށް ވެސް ކޮންސަލްޓަންޓުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދެވިދާނެއެވެ.
(ރ) ދަފުތަރުގައި ނަން ހިމެނިފައިނުވާ ފަރާތްތަކުން ކުރާ މަސައްކަތްތައް މިގަވާއިދުގެ ދަށުން މިނިސްޓްރީން ގަބޫލެއް ނުކުރާނެއެވެ.
17 ވަނަ މާއްދާ - ދަފުތަރު ބޯޑު
(ހ) ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، ކޮންސަލްޓަންޓުންގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައި، ށަރުތު ފުރިހަމަވާ މީހުން ދަފުތަރުގައި ހިމެނުމާ މެދު ގޮތެއް ނިންމުމަށް، މިނިސްޓަރ ދަފުތަރު ބޯޑެއް އެކުލަވާލަންވާނެއެވެ.
(ށ) ދަފުތަރު ބޯޑުގައި މަދުވެގެން ސަރުކާރުގެ 3 (ތިނެއް) މުވައްޒަފުންނާއި، އަމިއްލަ ފަރާތްތަކުން 2 (ދޭއް) މީހުން ތިބެން ވާނެއެވެ. މީގެތެރެއިން އެކަކަކީ ބޯޑުގެ މުގައްރިރު ކަމުގައި މިނިސްޓަރ ހަމަޖައްސަންވާނެއެވެ. ރަޖިސްޓްރަރގެ ގޮތުގައި މަސައްކަތް ކުރާނީވެސް ހަމަ އޭނާ އެވެ.
(ނ) ދަފުތަރު ބޯޑުން ރަޖިސްޓަރީ ކުރުމަށް އެދިފޮނުވައިފައިވާ ހުށަހެޅުންތައް އެކަށީގެންވޭތޯ މިގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ބަލައި އަދި ބޯޑުގެ ނަޒަރުގައި ރަޖިސްޓަރީކުރުމުގެ ށަރުތުތަކަށް ފެތޭ މީހުންނަށް ރަޖިސްޓަރީ ސަނަދު ދޫކުރަން ކަނޑައަޅަންވާނެއެވެ.
(ރ) ދަފުތަރު ބޯޑަށް ފޮނުވި ހުށަހެޅުމެއް ރަޖިސްޓަރީ ކުރަން ނުފެންނަކަމަށް ނިންމައިފިނަމަ، ނުފެނުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން އެފަރާތަކަށް އަންގަންވާނެއެވެ.
18 ވަނަ މާއްދާ - ރަޖިސްޓަރީ ސަނަދު
(ހ) މި ގަވާއިދުގެ ޖަދުވަލު (1) އާއި އެކުގައިވާ ފޯމު ބޭނުންކޮށްގެން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ދަފުތަރުގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދެވިދާނެއެވެ.
އެފަދަ މީސްމީހުން މިނިސްޓަރ ކަނޑައަޅައި، އާންމުކޮށްފައިވާ، އަނބުރާ ނުލިބޭ ފީއެއް، މިނިސްޓްރީއަށް އެ ދައްކަންވާނެއެވެ. މިގޮތުން ފީ ކަނޑައެޅުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ދަފުތަރު ބޯޑުގެ ނަޒަރުގައި، ރަޖިސްޓަރީ ވާން އެދޭ މީހަކީ މިގަވާއިދުގެ (ޖަދުވަލު 1) ގައިވާ ށަރުތު ފުރިހަމަވެފައިވާ މީހެއް ނަމަ އެމީހަކު ރަޖިސްޓަރީކޮށް ސަނަދު ދޫކުރަންވާނެއެވެ.
(ނ) ރަޖިސްޓަރީ ވުމުގެ ހައްގު ލިބޭ ފަރާތްތަކަށް، މިގަވާއިދުގެ ޖަދުވަލު (2) ގައިވާ ގޮތަށް ދޫކުރާ ރަޖިސްޓަރީ ސަނަދުގެ މުއްދަތަކީ 5 (ފަހެއް) އަހަރެވެ. އޭގެ ފަހުން، އެމީހަކު، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގެ އިތުރު ތަމްރީނާއި ތަޖުރިބާ ހޯދާފައިވާކަން ސާބިތުކޮށް، މިގަވާއިދުގެ ޖަދުވަލު (3) ގައިވާ ގޮތަށް ހުށަހަޅައި، އަދި މިމާއްދާގެ (ހ) ގައިވާ ގޮތަށް ފީ ދެއްކުމުން، މުއްދަތު އިތުރުކޮށްދެވިދާނެއެވެ. ދަފުތަރު ބޯޑުގެ ނަޒަރުގައި މި ގަވާއިދުގެ އެއްވެސް ބަޔަކާ އެމީހަކު ހިލާފުވެފައިވާނަމަ މުއްދަތު އިތުރުނުކޮށް ހިފެހެއްޓިދާނެއެވެ.
(ރ)
- ދަފުތަރު ބޯޑުގެ ނަޒަރުގައި މި ގަވާއިދުގެ ޖަދުވަލު (1) (2) ގައިވާ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ، ތައުލީމު ލިބިފައިވާ، އެހެނަސް، ކަމާބެހޭ ދާއިރާގައި ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ބޭނުންވާ ހުނަރުތަކުގެ ތަޖުރިބާ ލިބިފައި ނެތް ދިވެހިންނަށް 1 (އެކެއް) އަހަރު ދުވަހުގެ ވަގުތީ ރަޖިސްޓަރީ ސަނަދު (ޖަދުވަލު 4) ގައިވާގޮތަށް، ދޫކުރެވިދާނެއެވެ. ވަގުތީ ރަޖިސްޓަރީ ސަނަދު ދޫކުރެވޭނީ މިނިސްޓްރީން ކުރިން ކަނޑައެޅިފައިވާ ފީ ދެއްކުމުން ދިގުވެގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަގުތީ ސަނަދު ދޫކުރެވޭ ފަރާތްތަކަށް މަސައްކަތްކުރެވޭނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓް ސަނަދު ލިބިފައިވާ ފަރާތެއްގެ ދަށުންނެވެ. އަދި ހުށަހަޅާ ރިޕޯޓުތަކުގައި ދެފަރާތުގެ ސޮއި ހިމަނަންވާނެއެވެ.
- ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ ތައުލީމާއި، ތަޖުރިބާ ލިބިފައިވާ، ބިދޭސީންނަށް ދިވެހިރާއްޖޭގައި ހިންގޭ ވަކި މަށްރޫއުއަކަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ވަގުތީ ރަޖިސްޓަރީ ސަނަދު (ޖަދުވަލު 4) ގައިވާގޮތަށް ދޫކުރެވިދާނެއެވެ. އަދި އެމަށްރޫއުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާ މެދު މިނިސްޓްރީން ނިންމިގޮތުގެ ލިޔުން ދޫކުރުމުން ސަނަދު ބާތިލުވީއެވެ.
19 ވަނަ މާއްދާ - ރަޖިސްޓަރީ ސަނަދު ބާތިލު ކުރުން
(ހ) ރަޖިސްޓަރީ ސަނަދު ލިބިފައިވާ މީހަކު ތިރީގައިވާ ފަދަ ކަމެއް ކޮށްފިނަމަ މި ގަވާއިދުގެ
ދަށުން ދޫކޮށްފައިވާ ކޮންމެ ސަނަދެއް ދަފުތަރު ބޯޑުން ބާތިލުކުރެވިދާނެއެވެ
- ތަފާސްހިސާބު އޮޅުވައިލައިގެން ނުވަތަ ސައްހަ ނޫން މައުލޫމާތު ނިކުމެދާނެގޮތަށް ހަދައިގެން ނުވަތަ ދޮގު މައުލޫމާތު ނުވަތަ އެފަދަ ލިޔުންތައް ގަރީނާގެ ގޮތުގައި ހުށަހެޅުން ނުވަތަ
- މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގާނޫނާއި އޭގެ ދަށުން ހެދިފައިވާ އެއްވެސް ގަވާއިދެއްގައިވާ ކުށެއް ކުރިކަން ސާބިތުވުން ނުވަތަ
- މިނިސްޓްރީ ނުވަތަ ކަމާބެހޭ އެހެން މިނިސްޓްރީތަކާއި ދަފުތަރު ބޯޑުގެ ނަޒަރުގައި ތަކުރާރުކޮށް ދަށް ފެންވަރުގެ ރިޕޯޓު ހުށަހެޅުން ނުވަތަ އޮޅުވާލުމުގެ ގޮތުން އެހެން ލިޔުންތަކުން މައުލޫމާތު ނަކަލުކުރުމާއި ނުވަތަ ގަސްދުގައި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާފައިވުން ނުވަތަ
- މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ސަނަދު ހޯދާފައިވަނީ ދޮގު މައުލޫމާތު ދީގެން ނުވަތަ އޮޅުވާލައިގެން ކަމަށްވުން
6 ވަނަ ބައި - ފިޔަވަޅުއެޅުން
20 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) އެދިޔާރަކު ތިރީގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ 200،000 (ދެލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިމާއްދާގެ ދަށުން ފިޔަވަޅުއެޅޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ.
- ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ހާލަތްތަކުގައި އެފަދަ ރިޕޯޓު ނުހެދުން
- ގަސްދުގައި ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ މިކަމާގުޅުންހުރި އެހެން އެއްވެސް ލިޔުމެއްގައި އޮޅުވާލުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތެއް ހިމެނުން
- ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބުނެފައިވާ ގޮތަށް ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނަމުން ނުގެންދިއުން
- ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ހުށަނޭޅުން ނުވަތަ ގަސްދުގައި އޮޅުވާލުން؛
- ނިންމިގޮތުގެ ލިޔުން ނުހޯދައި، ތަރައްގީގެ ހުށަހެޅުމުގައިވާ މަށްރޫއު ހިންގުން؛
- މިނިސްޓްރީން ނުވަތަ ތަންފީޒީ އޮފިސަރު މަސައްކަތް ހުއްޓާލުމަށް ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން؛
- ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމަށް މިނިސްޓަރ ނުވަތަ އޭނާ އައްޔަން ކުރި މީހަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން؛
- ގަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުމާއި ދޮގު މައުލޫމާތު ހުށަހެޅުން؛
- މިގަވާއިދުގެ އެއްވެސް މާއްދާއަކާއި ހިލާފުވުން؛
(ށ) މިމާއްދާގެ (ހ) ގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތަސް، މީހަކު ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ތިމާވެށްޓަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 4/93) އާއި އެގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-09) ގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ނުވަތަ ރަޖިސްޓަރީ ސަނަދު ހޯދުމަށް އެއްވެސް މީހަކު ސައްހަނޫން މައުލޫމާތު ހުށަހަޅައިފިނަމަ، އެއީ ކުށެކެވެ. އަދި އެ ކުށަށް އޭނާ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ކޮންސަލްޓަންޓް ހިލާފުވެއްޖެނަމަ އެއީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮންސަލްޓަންޓް ކުރިކަން ބޯޑަށް ފެނިއްޖެނަމަ، އެކުށަށް އޭނާ 200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) ސެޓްފިކެޓެއް ނެތި އެއްވެސް މީހަކު އޭނާއަކީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓެއްގެ ގޮތުން ނުވަތަ މިނޫންވެސް ގޮތަކުން، އޭނާއަކީ ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަށް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފިނަމަ، އެއީ ކުށެކެވެ. އެކުށް ސާބިތު ވެއްޖެނަމަ، ފުރަތަމަ ފަހަރު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން އަދި ދެވަނަ ފަހަރު ނުވަތަ އިތުރަށް ތަކުރާރުވާ ކޮންމެފަހަރަކު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) ގަވާއިދުގައިވާ ކުށްތަކާއި އަދަބުތައް ބަޔާންކުރުމަކުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/93) ގައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށަކުން ބަރީއައެއް ނުވެވޭނެއެވެ.
7 ވަނަ ބައި - އިމްތިޔާޒުތައް
21 ވަނަ މާއްދާ - އިމްތިޔާޒުތައް
(ހ) މިނިސްޓްރީގެ ފަރާތުން ރަސްމީ ހައިސިއްޔަތަކުން މަސައްކަތްކުރާ އެއްވެސް މީހަކު މަށްރޫއަކަށް ހުއްދަ ދިނުމަކުން ނުވަތަ މަށްރޫއަކަށް ހުއްދަދިނުމުގެ ސަބަބުން ދިމާވި ކަމަކުން ނުވަތަ ހުއްދަނުދިނުމަކުން ނުވަތަ ށަރުތެއް ކަނޑައެޅުމަކުން އޭނާގެ މައްޗަކަށް ޖިނާއީ ނުވަތަ މަދަނީ އެއްވެސް ދައުވާއެއް ނުއުފުލޭނެއެވެ.
(ށ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމަކުން އެކަމަކާ ގުޅިގެން މަދަނީގޮތުން ނުވަތަ ޖިނާއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރެވޭ ދައުވާއަކަށް ހުރަހެއް ނޭޅޭނެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ކަންތައް އެހެން އޮތަސް، އެއްވެސް ކަހަލަ މަކަރެއް ހީލަތެއް ނުވަތަ އޮޅުވާލުމެއް ހިމެނޭނަމަ އެފަރާތަކަށް އުފުލޭ ދައުވާއަކުން މި މާއްދާގައި ބަޔާންވެފައިވާ އިމްތިޔާޒެއް ނުލިބޭނެއެވެ.
22 ވަނަ މާއްދާ - ސަރުކާރުގެ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތް
(ހ) ސަރުކާރުގެ މުވައްޒަފަކު ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތުން ރަނގަޅު ނިޔަތުގައި ގަވާއިދު ހިންގުމުގެ ގޮތުން ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ނުވަތަ އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ދޫކޮށްލަން ޖެހުނު ކަމަކާ މެދު އަމިއްލަ ހައިސިއްޔަތުން އޭނާ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ސަރުކާރުގެ މުވައްޒަފަކަށް ހިމާޔަތް ލިބިފައި ވިޔަސް ސަރުކާރުން އުފުލަންޖެހޭ ޒިންމާއަކަށް ބަދަލެއް ނާންނާނެއެވެ.
8 ވަނަ ބައި - ތަންފީޒުކުރުން
23 ވަނަ މާއްދާ - ތަންފީޒީ އޮފިސަރު
(ހ) މިގަވާއިދުގެ ދަށުން މިނިސްޓަރަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން، ތަރައްގީގެ މަށްރޫއުތަކުގެ ސަބަބުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ލިޔުމަކުން ދޭ ހުއްދައަކުން ތަންފީޒީ އޮފިސަރަކާ ހަވާލު ކުރެވިދާނެއެވެ.
(ށ) ތަންފީޒީ އޮފިސަރަކަށް މި ގަވާއިދުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުން ކުރާއިރު:
- މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި މިކަމާ ގުޅުންހުރި މީހުންނާއި އަދި، ނުވަތަ މުއައްސަސާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.
- މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދީފައިވާ ލިޔުމާއި ތަންފީޒީ އޮފިސަރުގެ ކާކުކަން އަންގައިދޭ ކާޑު ދައްކަންވާނެއެވެ.
24 ވަނަ މާއްދާ - ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު
(ހ) ތަންފީޒީ އޮފިސަރު އޭނާއަށް ލިބިފައިވާ ބާރުދިންކަމުގެ ލިޔުން ދެއްކުމަށްފަހު، ތަންތަނަށް ވަދެ ތިރީގައިވާ ކަންކަމުންކުރެ ކަމެއް ހިނގާކަމަށް ގަބޫލުކުރެވޭނަމަ، ބަލައި ފާސްކުރެވިދާނެއެވެ.
- މިގަވާއިދުގައި ބަޔާންކުރެވިފައިވާ ކުށެއް އެތަނެއްގައި ހިނގާފައިވުން ނުވަތަ ހިނގަމުން ދިއުން.
- އެތަނެއްގައި މިގަވާއިދުގައި ބަޔާން ކުރެވިފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ ކުރަމުންދާ ކަމުގެ ހެއްކެއް ނުވަތަ ގަރީނާއެއް އޮތުން.
- މިގަވާއިދުގައިވާ ކުށެއް ކުރިކަން ސާބިތު ކުރުމަށް ބޭނުންވާ ގަރީނާއެއް ވާކަމަށް ރަނގަޅަށް ލަފާ ކުރެވިއްޖެނަމަ އެކަންތައްތައް ބަލައި ފާސްކޮށް، މިނެ ކިރައި، ވިޔަކޮށް، ޓެސްޓުކުރުމަށް ސާމްޕަލް ނެގުން.
- މިގަވާއިދުގެ ދަށުން ދޭންޖެހޭ ނޯޓިހެއް ދިނުން.
(ށ) ބާރު ދިންކަމުގެ ލިޔުން، އެލިޔުމެއް ދޫކުރި މަގުސަދު ހާސިލުވަންދެން ދެމިއޮންނާނެއެވެ.
25 ވަނަ މާއްދާ - ހުއްޓުވުމުގެ އަމުރު
(ހ) ތިރީގައި މިވާ ހާލަތްތަކުގައި މިނިސްޓަރަށް، ނުވަތަ އޭނާ އައްޔަން ކުރާމީހަކަށް، ތަރައްގީގެ ހުށަހެޅުމެއް ހިންގަމުންގެންދާ ބަޔަކަށް އިތުރު އެންގުމެއް އަންގަންދެން، މަސައްކަތް ހުއްޓާލުމުގެ އަމުރު ނެރެވިދާނެއެވެ.
- ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކޮށްފައި ނެތުން.
- ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ބާތިލުކުރުން.
- ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައިވާ ށަރުތުތަކާ ހިލާފުވެފައިވުން.
(ށ) ތަރައްގީގެ ހުށަހެޅުމަކާ ގުޅިގެން ތިމާވެށްޓަށް ލިބިފައިވާ ގެއްލުމެއްކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަންތައްތައް އެދިޔާރު ރަނގަޅުކުރުމަށް މިނިސްޓަރަށް ނުވަތަ އޭނާ
އައްޔަންކުރާ މީހަކަށް އަމުރެއް ނެރެވިދާނެއެވެ.
(ނ) މަސައްކަތް ހުއްޓުމުގެ އަމުރު ނެރުމަށްފަހު، ތިމާވެށްޓަށް ލިބިފައިވާ ގެއްލުން، ސަރުކާރުގެފަރާތުން ރަނގަޅު ކުރުމަށްފަހު، އެކަމަށް ދިޔަ ހަރަދު އެމަށްރޫއެއްގެ އެދިޔާރުގެ ފަރާތުން ހޯދުމުގެ އިހްތިޔާރު މިނިސްޓަރަށް ނުވަތަ އޭނާ އައްޔަންކުރާ މީހަކަށް ލިބިގެން ވެއެވެ.
9 ވަނަ ބައި - މާނަކުރުން
26 ވަނަ މާއްދާ - މާނަކުރުން
ގަވާއިދުގައި އިބާރާތް އޮތްގޮތުން، އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހާ ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ބަޔާންކުރެވިފައިވާ މާނައެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށެވެ.
"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ކުރިޔަށް ރާވައިގެން ހިންގާ ތަރައްގީގެ އެންމެހައި މަސައްކަތްތަކަށެވެ.
"ކޮންސަލްޓަންޓް" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގެ ދަށުން ހަދަންޖެހޭ އެންމެހައި ރިޕޯޓުތައް ހެދުމަށް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އެ މީހުންނަށެވެ.
"އިޖުމާލީ އަސަރު" ކަމަށް ބުނެފައި އެވަނީ، އެކި މަށްރޫއުތަކުން ތިމާވެށްޓަށް ކޮށްފާނެ ޖުމުލަ އަސަރަށެވެ.
"ތަރައްގީގެ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއަށް ފެންނަގޮތުގައި ތިމާވެށްޓަށް ފާހަގަކުރެވޭ ވަރުގެ އަސަރެއް ކޮށްފާނެ ކޮންމެ ވިޔަފާރިއެއް، ހަރަކާތެއް، އިމާރާތެއް، މަސައްކަތެއް، މަށްރޫއެއް، ސިޔާސަތެއް، ހުށަހެޅުމެއް، ރޭވުމެއް ނުވަތަ ޕްރޮގްރާމަކަށެވެ. މީގެތެރޭގައި ކުރިން ހިނގަމުން އައި ކަމެއް ބަދަލުކުރުމާއި، ބޮޑުކުރުމާއި، ދޫކޮށްލުމާއި، އުވާލުމާއި އަދި އާލާކުރުން ހިމެނެއެވެ.
"އިކޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ދިރޭ އެއްޗެހި އެކަތި އަނެކައްޗާއި، ނުވަތަ އެހެން ނަސްލުތަކާއި އަދި އެތަކެތީގެ ވެށްޓާއެކު ލާމެހިގެންދާ ގޮތުގެ އިލްމަށެވެ.
"އިކޯ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އެންމެހައި ދިރުންތަކާއި އެއްޗެތީގެ ވަށައިގެންވާ މާހައުލާއި، އެތަކެއްޗާއި، މާހައުލާއި، ލާމެހިގެން އޭގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ނިޒާމަކަށެވެ.
"އަސަރު" ކަމަށް ބުނެފައި އެވަނީ:
- އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ
- އަމަލަކުން، ނުވަތަ އަމަލުތަކަކުން، ނުކުންނަ ނުސީދާ ނަތީޖާ. އެއަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި، ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި، އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނެ ބަދަލުތަކާއި، އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.
"ތިމާވެށީގެގޮތުން އެ ނިންމިގޮތުގެ ލިޔުން" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއެއް ކުރިއަށް ގެންދެވިދާނެ ކަން ނުވަތަ ނޫންކަން ނުވަތަ ވަކި ށަރުތުތަކަކާއެކު ކުރިއަށް ގެންދެވިދާނެކަމަށް ނިންމާފައި މިނިސްޓަރ ނުވަތަ އޭނާ އައްޔަންކުރާ މީހަކު ދޫކުރާ ލިޔުމަކަށެވެ.
"މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރަށެވެ.
"ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއުއެއްގެ ސަބަބުން ނިކުމެދާނެ ބަޔޯފިޒިކަލް ނުވަތަ އިޖުތިމާއީ ނުވަތަ އިޖުމާލީ ނުވަތަ އިގްތިސާދީ ނުވަތަ އެހެންވެސް އަސަރުތައް ފާހަގަކޮށް ދިމާވެދާނޭ ކަންތައްތައް ލަފާކޮށް އެކަމުގެ ކުޑަބޮޑުމިން އަންދާޒާކޮށް އެ އަސަރުތައް ކުޑަކުރުމަށް (މިޓިގޭށަން) ހެދޭ ދިރާސާއަށެވެ.
"ސޫފާސޫފި" ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށެވެ.
"ގަސްގަހާގެހި" ކަމަށް ބުނެފައި އެވަނީ ހުރިހާ ވައްތަރެއްގެ ގަސްގަހާގެއްސަށެވެ.
"ގުދުރަތީ މާހައުލު" ކަމަށް ބުނެފައި އެވަނީ، އެއް ނަސްލަކަށް ބޭނުންވާ ވަސީލަތްތައް ލިއްބައިދޭ، އެ އެއްޗެތި އޭގެ ތިމާވެށްޓާއެކު، އުޅުމަށް ބޭނުންވާ ބޭނުންތައް ފުދެން ހުންނަ ތަންތަނަށެވެ.
"އިންސާނުންގެ ވެށި" ކަމަށް ބުނެފައި އެވަނީ، އިންސާނުންނާއި، އިންސާނުންގެ ވަށައިގެންވާ މާހައުލާއި، އިންސާނުންނާއި މާހައުލާއި ލާމެހިފައިވާ ގުޅުމެވެ.
"އަސަރު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެ ލަފްޒު ބޭނުން ކުރުމުން ނިކުންނަ މާނަ ހިމެނެއެވެ.
"ތިމާވެށީގެ ފުރަތަމަ ދިރާސާ" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއަކުން ކޮށްފާނެ ބަޔޯފިޒިކަލް، އިޖުތިމާއީ، އިގްތިސާދީ އަދި އެހެން އަސަރުތައް ދެނެގަނެ، އެ އަސަރުތައް ކުޑަކުރުމަށް ކުރެވިދާނޭ ކަންތައްތައް އަންދާޒާކޮށް ހަދާ ފުރަތަމަ ދިރާސާއަށެވެ.
"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ވުޒާރާއެވެ.
އަސަރުތައް ކުޑަކުރުން ނުވަތަ އަސަރުނުކުރާނެގޮތް ހެދުން ކަމަށް ބުނެފައި އެވަނީ:
- ކަމެއް ނުވަތަ ކަމެއްގެ ބައެއް ނުކޮށް ދޫކޮށްލައިގެން، އެކަމުންކުރަން އޮތް އަސަރު އެއްގޮތަކަށްވެސް ނުކުރާނޭ ގޮތް ހެދުމަށް؛
- މަށްރޫއެއްގައި އެކުލެވޭ ވަކި ހަރަކާތެއް ހިންގުމުގައި އެކަމެއް ކޮންޓްރޯލް ކޮށްގެން ނުވަތަ ވަކި މިންގަނޑެއްގައި ހިފަހައްޓައިގެން އެކަމަކުން ނުކުމެދާނޭ ނޭދެވޭ އަސަރު ވީހާ ކުޑަކުރުމަށް؛
- ތަރައްގީކުރުމުން ނިކުންނާނޭ ރަނގަޅު އަސަރުތަކުން އެންމެ އެކަށީގެންވާ ފައިދާ ލިބޭނޭގޮތް ހެދުމަށް؛
- ގެއްލުން ލިބިފައިވާ ވެށި ރަނގަޅުކުރުމަށްޓަކައި މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި، އާލާކުރުމާއި ކުރިން ހުރި ގޮތަށް އިއާދަކުރުމަށް؛
- އަމަލީ މަސައްކަތްތައް ހިނގަމުންދާ މުއްދަތުގައި، ތިމާވެށި ދެމެހެއްޓޭގޮތަށް މަސައްކަތްކޮށްގެން ތިމާވެށްޓަށް ދިގުމުއްދަތުގައި ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ އެއްގޮތަކަށްވެސް އަސަރު ނުކުރާނޭ ގޮތް ހެދުމަށް؛
- ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ލިބުނު ގެއްލުމަށް އަޅައިކިޔޭނެ ހިދުމަތެއް/ކަމެއް ތިމާވެއްޓަށް ކޮށްދިނުން.
"ގުދުރަތީ ވެށި" ކަމަށް ބުނެފައި އެވަނީ:
- ދިރުންހުރި އަދި ދިރުން ނެތް ގުދުރަތީ މާހައުލު،
- ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބާވަތްތައް ދިރިއުޅެމުންދާ މާހައުލުތަކާއި، އެ މާހައުލުގެ ޖިއޮލޮޖިކަލް، ފިޒިއޮގްރަފިކަލް، ޖިއޮމޯފޮލޮޖިކަލް، ލިތޯސްޓްރެޓިގްރެފިކަލް، ޕެލިއޮންޓޯލޮޖިކަލް އަދި ހައިޑްރޯލޮޖިކަލް ނިޒާމުތަކާއި ހަރަކާތްތައް،
- ސައިންސްގެ ގޮތުން ނުވަތަ މާހައުލުގެ ރީތިކަމުގެ ސަބަބުން ނުވަތަ ހިމާޔަތް ކުރުމުގެ ގޮތުން ބަލާއިރު މުހިންމުކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތައް
"ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން" ކަމަށް ބުނެފައި އެވަނީ، މަށްރޫއާއި ގުޅިގެން ގުދުރަތީ ވެށްޓަށް އަންނަމުންދާ ބަދަލުތައް ސައިންޓިފިކް އުސޫލުތަކުގެ މަތިން ބަލާ، ވަޒަންކޮށް، ދެނެގަނެ ރެކޯޑްތައް ބެލެހެއްޓުމަށެވެ.
"ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އިންސާނުންގެ ފަރާތުން ތިމާވެށްޓަށް ތައާރުފު ކުރެވޭ އެއްޗަކުން ނުވަތަ ހަކަތައަކުން އިންސާނުންގެ ސިއްހަތަށް ނުވަތަ ދިރޭ ވަސީލަތްތަކަށް ނުވަތަ ވެށީގެ ނިޒާމުތަކަށް ނުވަތަ ހަރުމުދަލަކަށް ގެއްލުން ލިބުން ނުވަތަ ލިބެން ހުންނަ ވަސީލަތްތައް ބޭނުންކުރުމަށް ހުރަސްއެޅުމާއި، ނުވަތަ ތިމާވެށީގެ ބޭނުންހިފުމަށް ހުރަސް އެޅުމަށެވެ.
"މަށްރޫއުގެ ހުލާސާ" ކަމަށް ބުނެފައި އެވަނީ، އެދިޔާރަކު ނުވަތަ އެފަރާތުގެ ކޮންސަލްޓަންޓަކު، މަށްރޫއުގައި ހިމެނޭ މުހިންމު ސިފަތައް ހިމަނައިގެން، އެމަށްރޫއު މީޒާންކުރުމަށް ބާއްވާ ބައްދަލުވުމަށް ތައްޔާރުކުރާ ލިޔުމަށެވެ. މިލިޔުމުގައި، ތަރައްގީގެ ހުށަހެޅުން އޮންނާނެ ގޮތުގެ ތައާރުފަކާއި ޓާރމްސް އޮފް ރިފަރެންސުގައި ހިމަނަންޖެހޭ މަށްރޫއާބެހޭ މުހިންމު ހަރަކާތްތަކާއި، އެހަރަކާތްތަކުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެކަމަށް ލަފާކުރެވޭ އަސަރުތަކާއި އެ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ކަމަށް ފެންނަ ފިޔަވަޅުތައް ހިމެނޭނެއެވެ.
"އެދިޔާރު" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މީހަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށެވެ.
- ތަރައްގީގެ މަށްރޫއެއް ކުރިއަށް ގެންދަން މަސައްކަތްކުރާ ނުވަތަ ހުށަހަޅާ ފަރާތް؛
- މަށްރޫއުގެ ވެރިފަރާތް ނުވަތަ ހިންގުމުގެ ބާރުވެރި ފަރާތް
"ދަފުތަރު" ކަމަށް ބުނެފައި އެވަނީ މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓަންޓުގެ ދަފުތަރަށެވެ.
"ރަޖިސްޓްރަރ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ކޮންސަލްޓަންޓުން ދަފުތަރުގައި ރަޖިސްޓަރީކުރާ މީހާއަށެވެ.
"ދަފުތަރު ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑަށެވެ.
"މީޒާންކުރުން" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ އެ މުހިންމު މައްސަލަތަކާއި، ފާހަގަކުރެވޭވަރުގެ އަސަރުތަކާއި ބަދަލުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ކަންތައްކުރާނޭ ގޮތަށެވެ.
"ސްކްރީންކުރުން" ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ ހުށަހެޅުމަކީ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭ ނުވަތަ ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާ ހުށަހެޅުމެއްކަން ކަނޑައެޅުމަށެވެ.
"ފާހަގަކުރެވޭވަރު" މިބަސް ބޭނުންކުރާއިރު ހާލަތަށާއި، ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރެވޭނެއެވެ.
"މިބަސް" މާނަ ކުރުމުގައި، އެ ބޭނުން ކުރެވޭ ތަނަށާއި، ކަމުގެ ކުޑަބޮޑުމިނަށް ބެލެވޭނެއެވެ.
(ހ) ހާލަތު ތިމާވެށްޓަށް ކުރާ އަސަރަކީ ފާހަގަކުރެވޭވަރުގެ އަސަރެއްކަމަށް ދެނެގަތުމުގައި އަސަރެއްގެ ސަބަބުން މުޖުތަމައަށާއި، މަށްރޫއު ވަށައިގެންވާ ސަރަހައްދަށާއި، އަދި ގެއްލުން ލިބުނު ފަރާތްތަކަށާއި، ގުދުރަތީ މާހައުލުގައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވޭނެއެވެ.
(ށ) ކުޑަބޮޑުމިން ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތަކަކީ:
- ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން؛
- އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރާފާނެ މިންވަރު؛
- މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް؛
- މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރު ކޮށްފާނެ މިންވަރު؛
- އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތްނޭނގޭ ގެއްލުންތަކެއް އެކުލެވުން؛
- މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމައެގޮތަށް އަދި އެކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެމަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު
- ކުރެވޭ ކަމަކީ ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖްމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން
- އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި ނުވަތަ އުސޫލަކާއި ނުވަތަ މިންގަނޑަކާއި ނުވަތަ ސިޔާސަތަކާ ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން
- އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ
"މުރާޖިއު" ނުވަތަ "މުރާޖިއު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ކަނޑައަޅާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް މުރާޖައާކުރަން ހަވާލުކުރެވޭ މީހުންނެވެ.
"ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ ހުށަހެޅުންތަކާ ގުޅޭ ކަންތައްތައް މިގަވާއިދުގެ ދަށުން ހިނގާނުހިނގާގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާތައް އަދާކުރުމަށް މިނިސްޓަރު ހަވާލުކުރާ މުވައްޒަފަށެވެ.
"ޓާރމްސް އޮފް ރިފަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ކޮންމެހެން ހުންނަންޖެހޭ ބައިތަކަށެވެ.
"ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މަށްރޫއުގެ ހަރަކާތެއްގެ ސަބަބުން ވަށައިގެންވާ ވެށްޓަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމުގެ ނުވަތަ އެފަދަ އަސަރެއް ކުރިމަތިވިޔަނުދިނުމުގެ ގޮތުން އަޅަން ހުށަހަޅާ ފިޔަވަޅުތައް ދެނެގަތުމުގެ ގޮތުން ހަދާ ރިޕޯޓަށެވެ.
"ޗާޓު" ކަމަށް ބުނެފައި އެވަނީ، ޖިއޯރިފަރެންސްޑް ސްކޭލް ޗާޓަށެވެ.
މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފަައިލުގައި ހިމެނިފައި ވާނެ
ޖަދުވަލު ހ -
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުގެ މަރުހަލާތައް
ޖަދުވަލު ށ -
އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތް ހިނގާ ތަންތަނާބެހޭ އަޅައިބެލުން
ޖަދުވަލު ނ1 -
ތަރައްގީގެ ހުށަހެޅުން ސްކްރީންކުރުމަށް އެދޭ ފޯމު
ޖަދުވަލު ނ2 -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު
ޖަދުވަލު ނ3 -
ސްކްރީންކުރުމަށްފަހު ނިންމިގޮތް
ޖަދުވަލު ރ -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން ޖެހޭ ތަރައްގީގެ މަށްރޫއުތަކުގެ ލިސްޓު
ޖަދުވަލު ބ1 -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް
ޖަދުވަލު ބ2 -
ތިމާވެށީގެ ފުރަތަމަ ދިރާސާގައި ހިމަނަންޖެހޭ ބައިތައް
ޖަދުވަލު ބ3 -
ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ހިމަނަންޖެހެ ބައިތައް
ޖަދުވަލު ޅ -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އިލެކްޓްރޯނިކް ފޯމެޓުގައި ހުށަހަޅާނޭގޮތް
ޖަދުވަލު ކ -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ފުރިހަމަވޭތޯ އިދާރީގޮތުން ބަލަންޖެހޭ ކަންތަކުގެ ލިސްޓު
ޖަދުވަލު އ -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ބަލާ މުރާޖިރުގެ ކިބައިގައި ހުންނަންވީ ށަރުތުތައް
ޖަދުވަލު ވ -
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރާ ފޯމު
ޖަދުވަލު މ -
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން - ހުއްދަ ދިނުން
ޖަދުވަލު ފ -
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން (ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލު ނުކުރުން)
ޖަދުވަލު ދ -
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން - ތަރައްގީގެ ހުށަހެޅުން ގަބޫލު ނުކުރުން
ޖަދުވަލު ތ -
ތިމާވެީގެ ފުރަތަމަ ދިރާސާ ހެދުމަށްފަހު ނިންމިގޮތް
ޖަދުވަލު ލ -
ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު އޮންނަންވީ ގޮތް
ޖަދުވަލު ގ1 -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓުންގައި ހުންނަންޖެހޭ ށަރުތުތައް
ޖަދުވަލު ގ2 -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ވަގުތީ ކޮންސަލްޓަންޓުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް
ޖަދުވަލު ޏ -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު
ޖަދުވަލު ސ -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓުންގެ ރަޖިސްޓަރީ ސަނަދު
ޖަދުވަލު ޑ -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓުންގެ ރަޖިސްޓަރީ ސަނަދު އައުކުރުމަށް އެދޭ ފޯމު
ޖަދުވަލު ޒ -
ތިމާވެީގެ ފުރަތަމަ ދިރާސާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓުންގެ ވަގުތީ ރަޖިސްޓަރީ ސަނަދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)
ކިޔުންތެރިންގެ ހިޔާލު