-

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-27) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-30)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އެޕްރީލް 2026 ގައި)

 

ގަވާއިދު ނަންބަރު 2012-27  (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުން 7.

(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތަރައްގީގެ މަށްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަށްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަށްރޫއުތަކުގެ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމަޔަށް ނިންމަންޖެހޭ މަރުހަލާތައް، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އަދި އެއްވެސް ލަސްކަމެއް ނާންނަގޮތަށް ނިންމަންވާނެއެވެ.

(3) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތަރައްގީގެ މަށްރޫއުތަކުގެ ތެރެއިން، ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަށްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަންވާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަށްރޫއަކީ ހާއްސަ އިސްކަމެއް ދޭންޖެހޭ ގައުމީ ތަރައްގީގެ މަށްރޫއެއް ކަމަށް ކަނޑައަޅައިފައިވާ މަށްރޫއުތަކެވެ.

(4) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރަށް އަމަލުކުރެވޭނީ، ގަވާއިދު ނަންބަރު 2012-27  (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އަށް ގެނެވުނު 6 އިސްލާހު ގެނައުމުގެ ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު