ބަންޑާރަނައިބު ގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-114)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ނޮވެމްބަރު 2025 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތަކާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކަނޑައެޅުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، އޮފީހުން ފޯރުކޮށްދޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅިގެން މުވައްޒަފުން ބޮންޑުކުރުމާއި، މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމާއި، މުވައްޒަފުންނާއި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެނޫންވެސް އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާތުތައް ކަނޑައެޅުމަށް ޓަކައި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު 22 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ހަމަޖެއްސުމާއި ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާތުތައް ކަނޑައެޅުން.
(ށ) މުވައްޒަފުންނަށް ތަމްރީނުދިނުމާއި، އޮފީހުން ފޯރުކޮށްދޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅިގެން މުވައްޒަފުން ބޮންޑުކުރުމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުން.
(ނ) އޮފީހުގެ މަސައްކަތު ގަޑިއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުންގެ ހާޒިރީއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުންނަށް ލިބިދެވޭނެ އެކިއެކި ޗުއްޓީތައް ކަނޑައެޅުމާއި، ޗުއްޓީ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ރ) މުވައްޒަފުންގެ ސުލޫކީ މައްސަލަތަކާއި ވަޒީފާއާ ގުޅިގެން ދިމާވާ އެނޫންވެސް މައްސަލަތައް ބެލުމުގައްޔާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަހުލާގީ މިންގަނޑުތަކަށް ތަބާނުވާ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމުގައްޔާއި، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ކަނޑައެޅުން.
(ބ) މުވައްޒަފުން ވަޒީފާއިން ވަކިވުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
(ޅ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނާއި، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅައި ތަންފީޒުކުރުން.
3 ވަނަ މާއްދާ - ހިންގޭނެ ދާއިރާ
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގައި ވަކި މަގާމަކާ ގުޅޭގޮތުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަމުގައި އަމަލުކުރާނީ މި ގަވާއިދަށެވެ.
ދެވަނަ ބާބު
ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް
4 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑު
ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑު އެކަށައަޅައި، ބަންޑާރަނައިބުގެ އޮފީހުގެ އެކިއެކި ޑިވިޒަންތަކާއި، ސެކްށަންތަކާއި، ޔުނިޓުތައް ކަނޑައަޅައި، އެ ތަންތަނުގެ މަސައްކަތްތައް އިންތިޒާމުކޮށް ކަނޑައަޅާނީ ބަންޑާރަނައިބެވެ. މި އޮނިގަނޑަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑު" އެވެ.
5 ވަނަ މާއްދާ - އިދާރީ އޮނިގަނޑަށް ބަދަލު ގެނައުން
(ހ) ބަންޑާރަނައިބުގެ އޮފީސް ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެ ނަމަ، އިދާރީ އޮނިގަނޑު މުރާޖާކޮށް ގެންނަންޖެހޭ ބަދަލު ގެންނާނީ ބަންޑާރަނައިބު ކަނޑައަޅާ ގޮތެއްގެ މަތީން ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން، ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މަގާމަށް ނުވަތަ މުސާރައަށް ނުވަތަ އިނާޔަތަކަށް ބަދަލެއް އަންނަ ނަމަ، އެކަމުގެ މައުލޫމާތު އެ މުވައްޒަފަކަށް އަންގަންވާނެއެވެ.
6 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ހިމެނޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވައިލާނީ ބަންޑާރަނައިބެވެ. މި އޮނިގަނޑަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު" އެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މަގާމުތަކާއި، މަގާމުތަކުގެ އަދަދާއި، އެ މަގާމުތަކުގެ ގިންތިއާއި، ށަރުތުތައް ބަޔާންކުރަންވާނެއެވެ. އަދި އެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން، ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރާނީ، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
7 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް އުފެއްދުމާއި އުވައިލުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ފާސްކޮށްފައިވާ އިދާރީ އޮނިގަނޑާއި މަގާމުގެ އޮނިގަނޑުގައިވާ މަގާމުތަކުގެ އިތުރުން، ދާއިމީ މަގާމެއް ނުވަތަ ވަގުތީ މަގާމެއް އުފައްދަން ބޭނުންވެއްޖެ ނަމަ، ކަމާބެހޭ ޑިވިޒަނުން/ސެކްށަނުން އެކަމަށް އެދި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅާނީއެވެ. މަގާމެއް އުފައްދަން ހުށަހަޅަންވާނީ، ޑިވިޒަނަކަށ/ްސެކްށަނަކަށް އިތުރު މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ހަވާލުވެގެން ނުވަތަ ޑިވިޒަނުން/ސެކްށަނުން ކުރަމުންގެންދާ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން މަގާމެއް ނޫފައްދައި، ޑިވިޒަން/ސެކްށަނުގެ މަސައްކަތްތައް ހަމަޖެއްސެން ނެތިއްޖެނަމައެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ މަގާމެއް އުވައިލަން ބޭނުންވެއްޖެ ނަމަ، އެކަމަށް ބޭނުންވި ޑިވިޒަން/ސެކްށަނަކުން، އެކަމަށް އެދި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ހުށަހަޅަންވާނެއެވެ. ޑިވިޒަނަކުން ނުވަތަ ސެކްށަނަކުން މަގާމެއް އުވައިލަން ހުށަހެޅޭނީ، އެ ޑިވިޒަނަކުން ނުވަތަ ސެކްށަނަކުން ކުރާ މަސައްކަތެއް ހުއްޓައިލުމާ ގުޅިގެން ނުވަތަ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަގާމެއް އުވައިލާ ނަމަ އަދި އެގޮތުން އުވައިލެވޭ މަގާމުގައި މުވައްޒަފަކު ހުރި ނަމަ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، ވަޒީފާއާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2021-63 (ވަޒީފާއާބެހޭ އާންމު ގަވާއިދު) ގައި މުވައްޒަފަކު ހުރި މަގާމެއް އުވައިލެވޭ ހާލަތުގައި އަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާގެ ދަށުން މަގާމުތަކަށް އަންނަ ބަދަލާ ގުޅިގެން އިދާރީ އޮނިގަނޑަށް ނުވަތަ މަގާމުތަކުގެ އޮނިގަނޑަށް ބަދަލެއް، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ގެނެސްފި ނަމަ، އެގޮތުން ގެނެވޭ ބަދަލުތައް، އޮފީހުގެ އެތެރޭގައި އާންމުކުރަންވާނެއެވެ.
8 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވާ ގިންތިތައް
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ގިންތީގެ މުވައްޒަފުންގެ މައްޗަށެވެ.
(ހ) ލީގަލް ސަރވިސް؛
(ށ) ލީގަލް ސަޕޯޓް ސަރވިސް.
9 ވަނަ މާއްދާ - ލީގަލް ސަރވިސްގެ މުވައްޒަފުން
ލީގަލް ސަރވިސްގެ މުވައްޒަފުންނަކީ ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޓަކައި އައްޔަނުކުރާ ގާނޫނީ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ.
10 ވަނަ މާއްދާ - ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުން
ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންނަކީ، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ޑިވިޒަންތަކުގެ އިދާރީ މުވައްޒަފުންނާއި، އޮފީހުގެ އިދާރީ އާންމު މުވައްޒަފުންނެވެ.
11 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތައް
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އޮފީސް ހިންގުމަށް ޓަކައި ބަންޑާރަނައިބަށް އެހީތެރިވެދިނުމުގެ ގޮތުން ކަނޑައެޅޭ މަގާމުތަކުގެ ތެރެއިން އަންނަނިވި މަގާމުތަކަކީ އޮފީހުގެ އިސް މަގާމުތަކެވެ.
(ހ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް.
(ށ) ސެކްރެޓަރީ ޖެނެރަލް.
(ނ) ސޮލިސިޓަރ ޖެނެރަލް.
(ރ) އެސޯސިއޭޓް އެޓަރނީ ޖެނެރަލް.
(ބ) އެސިސްޓެންޓް އެޓަރނީ ޖެނެރަލް.
12 ވަނަ މާއްދާ - ޑެޕިއުޓީ އެޓަރނީ ޖެނެރަލް
(ހ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށް ޓަކައި ޑެޕިއުޓީ އެޓަރނީ ޖެނެރަލެއް އައްޔަނުކުރެވިދާނެއެވެ.
(ށ) ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކޮށް ވަކިކުރާނީ، ބަންޑާރަނައިބުގެ މަށްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާއަށް އެ ސިޓީ ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.
13 ވަނަ މާއްދާ - ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި ވަޒީފާ އަދާކުރުމުގެ ހަމަތައް
(ހ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް މަސައްކަތްކުރާނީ ބަންޑާރަނައިބުގެ ލަފަޔާއި އިރުށާދުގެ ދަށުންނެވެ. އަދި ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި، ލިބިދޭ ބާރުތައް ކަނޑައަޅައި، އެ ކަންކަން އެ ފަރާތަށް އަންގާނީ ބަންޑާރަނައިބެވެ.
(ށ) ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ ޖަވާބުދާރީވާނީ ބަންޑާރަނައިބަށެވެ.
14 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންޑާރަނައިބުގެ އޮފީހަށް ސެކްރެޓަރީ ޖެނެރަލެއް އައްޔަނުކުރަންވާނެއެވެ. ސެކްރެޓަރީ ޖެނެރަލަކީ ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އެންމެ އިސް މުވައްޒަފެވެ.
(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ. އެހެންނަމަވެސް، ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކިކުރާ މީހަކު ފިޔަވައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރާ މީހަކު، 5 (ފަހެއް) އަހަރުދުވަހުގެ އިތުރު 2 (ދޭއް) ދައުރަށް އައްޔަނުކުރެވިދާނެއެވެ.
(ނ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކުރާނީ ބަންޑާރަނައިބެވެ. އަދި ސެކްރެޓަރީ ޖެނެރަލް މަސައްކަތްކުރާނީ ބަންޑާރަނައިބުގެ ލަފަޔާއި އިރުށާދުގެ ދަށުންނެވެ.
15 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ށަރުތުތައް
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ، ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގައި އެ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިޔަކު ނުވަތަ އެއްބަނޑުއެއްބަފާ މީހަކު ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ނެތުން.
(ނ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބީ މަގާމެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ މަގާމެއްގައި ނުވަތަ އެނޫންވެސް އެހެން މަގާމެއް އަދާކުރަމުންއަންނަ މީހަކު، ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް ހޮވިއްޖެ ނަމަ، އެ މަގާމުން އިސްތިއުފާ ދޭނެކަމުގެ ޔަގީންކަން ލިޔުމުން ދީފައި އޮތުން.
16 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި އިދާރީ ކަންކަން ދުވަހުން ދުވަހަށް ރާވައި، ބަންޑާރަނައިބުގެ ލަފަޔާއި އިރުށާދުގެ ދަށުން އިދާރީގޮތުން އޮފީސް ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
17 ވަނަ މާއްދާ - ޑިވިޒަނުގެ ވެރިންނާއި ސުޕަވައިޒަރުން ހަމަޖެއްސުން
އޮފީހުގެ ގާނޫނީ ޑިވިޒަންތަކުގެ ވެރިންނާއި، ސުޕަވައިޒަރުން ހަމަޖައްސައި އެކަން މުވައްޒަފުންނަށް އަންގާނީ ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ގޮތެއްގެ މަތީން، ޑެޕިއުޓީ އެޓަރނީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލެވެ. އަދި އޮފީހުގެ އިދާރީ ޑިވިޒަން/ސެކްށަނުގެ ވެރިންނާއި ސުޕަވައިޒަރުން ހަމަޖައްސާނީ ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
18 ވަނަ މާއްދާ - ޑިވިޒަން ބަދަލުކުރުން
(ހ) ލީގަލް ސަރވިސްގެ މުވައްޒަފުން އެއް ޑިވިޒަނުން އަނެއް ޑިވިޒަނަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ، ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބުގެ އިރުށާދުގެ ދަށުން، ޑެޕިއުޓީ އެޓަރނީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލެވެ. އަދި ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުން އެއް ސެކްށަނުން އަނެއް ސެކްށަނަށް ނުވަތަ އެއް ޑިވިޒަނުން އަނެއް ޑިވިޒަނަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މުވައްޒަފު ބަދަލުކުރެވޭ ޑިވިޒަނުން ކުރާ މަސައްކަތަކީ ނުވަތަ އަލަށް ބަދަލުކުރާ ޑިވިޒަނުގައި މުވައްޒަފާ ހަވާލުކުރާ މަސައްކަތްތަކަކީ، އެ މުވައްޒަފު އައްޔަނުކުރި ވަޒީފާގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަކަށް ވާންވާނެއެވެ.
(ނ) ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްގެ މަސައްކަތްކުރާ ޑިވިޒަން/ސެކްށަން ބަދަލުކުރަންޖެހޭ ފަދަ ހާލަ ތެއް މެދުވެރިވެއްޖެ ނަމަ، މުވައްޒަފުން ބަދަލުކުރުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ޑިވިޒަން/ސެކްށަން ބަދަލުކުރުމުގައި މުވައްޒަފުގެ ތައުލީމާއި ތަޖުރިބާއަށް ބެލުން؛
- ބަދަކުރެވޭ މަގާމަކީ، އެ މުވައްޒަފުގެ ފަންނީ ގާބިލުކަމާއި، ތަޖުރިބާއާ އެކަށީގެންވާ މަގާމެއްކަން ކަށަވަރުކުރުން.
(ރ) ޑިވިޒަން/ސެކްށަން ބަދަލުކުރެވެނީ ދާއިމީކޮށްކަން ނުވަތަ ވަކި މުއްދަތަކަށްކަން ކަނޑައެޅުމުގެ އިހުތިޔާރު، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާގޮތަށް ހަމަޖައްސާ ސަރުކާރުގެ އިދާރާއެއްގެ މުވައްޒަފުން
ގާނޫނެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތީން ވަކި އޮފީހެއް ނުވަތަ އިދާރާއެއް ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާގޮތަށް ކަނޑައަޅައިފައިވާ ނަމަ، އެ އޮފީހެއްގެ ނުވަތަ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، މި ގަވާއިދު ހިނގާނެއެވެ.
ތިންވަނަ ބާބު
ވަޒީފާއަށް އައްޔަނު ކުރުން
20 ވަނަ މާއްދާ - ވަޒީފާއަށް އިއުލާނުކުރުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މަގާމެއް ހުސްވުމުން ނުވަތަ އައު މަގާމެއް އުފެއްދުމުން، އެ މަގާމުގެ ގިންތިއަށް ރިއާޔަތްކޮށް، އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށް އިއުލާނުކުރުމުގެ އިހުތިޔާރު، ބަންޑާރަނައިބުގެ އޮފީހަށް ލިބިގެންވެއެވެ.
- އޮފީހުން ބޭރަށް ހުޅުވައިލައިގެން ކުރެވޭ އާންމު އިއުލާނުތައް؛
- އޮފީހުގެ އެތެރެއަށް އާންމުކޮށް ހުޅު ވައިލައިގެން ކުރާ އިއުލާނުތައް.
(ށ) އޮފީހުގެ ވަޒީފާތަކަށް އާންމުކޮށް ހުޅުވައިލައިގެން ކުރާ އިއުލާނުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ނ) އޮފީހުގެ ވަޒީފާތަކަށް އިއުލާނުކުރާއިރު، އެ ވަޒީފާތަކަށް ކުރިމަތިލުމަށް ރަސްމީ 5 (ފަހެއް) ދުވަހަށް ވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ. އަދި އިއުލާނު ށާއިއުކުރުމަށްފަހު، އިއުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން، އިއުލާނުގެ މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުވާނެއެވެ.
(ރ) އޮފީހުގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިއުލާނުތަކާ ގުޅިގެން، އެ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންވާނީ، އިއުލާނުގައި ދީފައިވާ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވައިލައިފައިވާ މުއްދަތުގައި އެ މަގާމަކަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު 3 (ތިނެއް) ކެންޑިޑޭޓުންނަށް ވުރެ މަދު ނަމަ، އެ އިއުލާނުގެ މުއްދަތު، އިތުރު 5 (ފަހެއް) ދުވަހަށް އިތުރުކުރުމުގެ އިހުތިޔާރު، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.
(ޅ) އޮފީހުގެ މަގާމަކަށް އާންމުކޮށް އިއުލާނުކުރުމަށްފަހު، އެ އިއުލާނަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އޮފީހުގެ މަގާމަށް އާންމުކޮށް އިއުލާނުކުރުމަށްފަހު، އެ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ އިއުލާނެއް ބާތިލުކުރުމުގެ އިހުތިޔާރު، އަންނަނިވި ހާލަތްތަކުގައި، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.
- އޮފީހުގެ އޮނިގަނޑަށް ކޮންމެހެން ބަދަލެއް ގެންނަންޖެހުމާ ގުޅިގެން، އެ މަގާމުގެ ބޭނުން ނެތިގެން ދިޔުން؛
- މި ގަވާއިދާ ފުށުއަރާ ނުވަތަ އެ އިއުލާނުގެ ދަށުން މުވައްޒަފު ނެގުމުގެ ޕްރޮސެސް ކުރިޔަށްގެންދިއުމަށް ނޭދެވޭ އަސަރުކުރާނެ މުހިންމު ކަމެއް އިއުލާނުގައި ހިމެނިފައި ނެތުމާއި، އެފަދަ ކަމެއްގައި ކުށެއް އޮތުން.
21 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަން ބަލައިގަތުން
(ހ) އޮފީހުގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިއުލާނުތަކާ ގުޅިގެން، އެ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅާނީ، އިއުލާނުގައި ދީފައިވާ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) އޮފީހުގެ ވަޒީފާތަކަށް އެދޭ ފޯމު ބަލައިގަންނާނީ، އިއުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިންނެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުރިހާ އެޕްލިކޭށަންތައް ބާތިލުކުރެވޭނެއެވެ.
(ނ) އެޕްލިކޭށަން ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަޔަށް އޮފީހަށް ހުށަހެޅުމަކީ އެޕްލިކޭށަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އެއްވެސް ސަބަބަކާހުރެ އެޕްލިކޭށަނާއެކު ބޭނުންވާ ހުރިހާ ލިޔެކިޔުން ހުށަހަޅައިފައި ނުވާ ނަމަ، އެފަދަ އެޕްލިކޭށަން ފޯމުތައް ބާތިލުކުރެވޭނެއެވެ.
22 ވަނަ މާއްދާ - މަގާމުގެ ށަރުތު ފުރިހަމަވުމަށް ބޭނުންވާ ސަނަދާއި ތަޖުރިބާގެ މިންވަރު ކަނޑައެޅުން
ވަޒީފާއަށް ކުރިމަތިލުމަށް ކުރާ އިއުލާނުގައި، އެ މަގާމެއްގެ އަސާސީ ށަރުތު ފުރިހަމަވުމަށް ބޭނުންވާނެ ސަނަދުތަކާއި، އެ ސަނަދުތަކުގެ އިތުރުން ހާސިލުކޮށްފައިވާ ސަނަދުތަކަށާއި ތަޖުރިބާގެ މިންވަރަށް ޕޮއިންޓުދެވޭނެ ގޮތް، މި ގަވާއިދުގެ ދަށުން އެކުލަވައިލ،ާ ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމާ ގުޅޭ އުސޫލުގައި ބަޔާންކުރަންވާނެއެވެ.
23 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލި ފަރާތްތައް ސްކްރީން ކުރުމާއި ށަރުތު ހަމަވާ ފަރާތްތައް އާންމުކުރުން
އޮފީހުގެ މަގާމުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތައުލީމީ ސަނަދުތަކާއި ތަޖުރިބާގެ މިންވަރު އަންގައިދޭ ލިޔެކިޔުންތައް ބެލުމަށްފަހު، އެ މަގާމަށް ށަރުތު ހަމަވާ ފަރާތްތަކާއި ށަރުތު ހަމަނުވާ ފަރާތްތައް ކަނޑައަޅައި، ށަރުތު ހަމަވާ ފަރާތްތަކާއި ށަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު، އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ.
24 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލަވައިލުން
(ހ) އޮފީހުގެ މަގާމުތަކަށް މީހުން ހޮވުމުގެ އިންޓަވިއުކުރާނެ ޕެނަލެއް ކަނޑައަޅާނީ، ސެކްރެޓަރީ ޖެނެރަލެވެ. މި ޕެނަލް ކަނޑައަޅާއިރު، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އޮނަހިރި އަދަދަކަށް ޕެނަލް މެންބަރުން ހިމެނުން؛
- އިއުލާނު ކުރެވުނު މަގާމު ހިމެނޭ ޑިވިޒަނުގެ ވެރިއެއް ނުވަތަ ސުޕަވައިޒަރެއް ހިމެނުން؛
- އިއުލާނު ކުރެވުނު މަގާމާ ގުޅޭ ދާއިރާއިން މުވައްޒަފަކު ހިމެނުން.
(ށ) އިންޓަވިއު ޕެނަލުގައި މަސްލަހަތު ފުށުއަރާ މުވައްޒަފަކު ބައިވެރިވެގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށް މަސްލަހަތު ފުށުއަރާކަމަށް ބަލާނީ، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކީ އެ އިންޓަވިއު ޕެނަލުގައި ހިމެނޭ މުވައްޒަފަކާ އާއިލީގޮތުން ނުވަތަ ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް ކަމުގައި ވާނަމައެވެ.
25 ވަނަ މާއްދާ - އިންޓަވިއުއާ ގުޅޭ އެހެނިހެން ކަންތައްތައް
(ހ) އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ކެންޑިޑޭޓުންނަށް، އިންޓަވިއު ބާއްވާނެ ތާރީހާއި ގަޑި އަންގަންވާނެއެވެ. އަދި އިންޓަވިއު ޕެނަލުން ކެންޑިޑޭޓުންނަށް އެސެސްމަންޓެއް ދޭން ކަނޑައަޅައިފި ނަމަ، އެ އެސެސްމަންޓް އޮންނާނެ ތާރީހާއި ގަޑި ދުރާލާ އޮފީހުން އަންގަންވާނެއެވެ. އެގޮތުން، އެސެސްމަންޓަށް ތައްޔާރުވުމަށް މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ދޭންވާނެއެވެ. އެއްވެސް ސަބަބަކާހުރެ އިންޓަވިއުއަށް ނުވަތަ އެސެސްމަންޓަށް ހާޒިރުނުވެވޭ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތެއް ނުދެވޭނެއެވެ.
(ށ) އިންޓަވިއުއަށް ހާޒިރުވުމަށް އަން ގައިފައިވާ ގަޑިއަށް ވުރެ ލަހުން ހާޒިރުވާ ކެނޑިޑޭޓުންގެ އިންޓަވިއު ކުރިޔަށް ނުގެންދިއުމުގެ އިހުތިޔާރު، އިންޓަވިއު ޕެނަލަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - އެސެސްމަންޓް ދިނުން
(ހ) އިއުލާނުކުރި މަގާމުގައި ހިމެނޭ ކެންޑިޑޭޓުންނަށް އެސެސްމަންޓެއް ދިނުމަށް އިންޓަވިއު ޕެނަލުން ކަނޑައަޅައިފައިވާ ނަމަ، އެ އެސެސްމަންޓް ދިނުމުގެ އިންތިޒާމުތައް، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ހަމަޖައްސައި، އެ އެސެސްމަންޓް އޮންނާނެ ދުވަހާއި ގަޑި، ށޯޓްލިސްޓްކުރެވޭ ކެންޑިޑޭޓުންނަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެސެސްމަންޓެއް ދިނުމަށް އިންޓަވިއު ޕެނަލުން ކަނޑައަޅައިފި ނަމަ، އެސެސްމަންޓް ދިނުމަށް ކަނޑައެޅޭ ތާރީހުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އެސެސްމަންޓް އޮންނާނެ ތާރީހު، ށޯޓްލިސްޓްކުރެވުނު ކެންޑިޑޭޓުންނަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެސެސްމަންޓަށް ހާޒިރުނުވާ ކެނޑިޑޭޓުންގެ އެޕްލިކޭށަން ބާތި ލުކުރެވޭނެއެވެ.
27 ވަނަ މާއްދާ - ޕޮއިންޓް ށީޓް ފުރިހަމަކުރުން
މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތައުލީމާއި ތަޖުރިބާއާއި އިންޓަވިއުއާއި އެސެސްމަންޓުން ލިބުނު މާކްސްތައް ފުރިހަމަކޮށް، ޕޮއިންޓް ށީޓް ތައްޔާރުކުރުމަކީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުގެ ޒިންމާއެކެވެ. އެގޮތުން، އިންޓަވިއުއާއި އެސެސްމަންޓް ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ޕޮއިންޓް ށީޓް ތައްޔާރުކޮށް، އޮފީހުގެ ވެބްސައިޓުގައި ޕޮއިންޓް ށީޓް އާންމުކުރަންވާނެއެވެ.
28 ވަނަ މާއްދާ - ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައެޅުން
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) ލީގަލް ސަރވިސްގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ލީގަލް ޕްރޮފެށަނަލް މަގާމުތަކާއި ލީގަލް އެސޯސިއޭޓްސް މަގާމުތަކުގައި، ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައަޅާނީ، މެރިޓަށް ބަލައި، ޕޮއިންޓް ށީޓުން އެންމެ މަތިން މާކްސް ލިބުނު ފަރާތެކެވެ.
(ށ) ލީގަލް ސަރވިސްގައި ހިމެނޭ މެނޭޖީރިއަލް މަގާމުތަކާއި އެގްޒެކެޓިވް މަގާމުތަކުގެ ތެރެއިން ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވާނީ، ޕޮއިންޓް ށީޓުން އެންމެ މަތިން މާކްސް ހޯ ދައިފައިވާ 3 (ތިނެއް) ފަރާތުގެ ތެރެއިން، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
(ނ) ލީގަލް ސަޕޯޓް ސަރވިސްގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ލީގަލް ސަޕޯޓް އެންޑް އެޑްމިނިސްޓްރޭޓިވް ސަރވިސްއާއި ސަޕޯޓް ސަރވިސްގެ މަގާމުތަކުގައި، ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ކަނޑައަޅާނީ، މެރިޓަށް ބަލައި، ޕޮއިންޓް ށީޓުން އެންމެ މަތިން މާކްސް ލިބުނު ފަރާތެކެވެ.
(ރ) ލީގަލް ސަޕޯޓް ސަރވިސް ކެޓަގަރީގައި ހިމެނޭ މެނޭޖީރިއަލް މަގާމުތަކުގެ ތެރެއިން ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވާނީ، ޕޮއިންޓް ށީޓުން އެންމެ މަތިން މާކްސް ހޯދައިފައިވާ 3 (ތިނެއް) ފަރާތުގެ ތެރެއިން، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
29 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
ކެންޑިޑޭޓުންގެ އެއްވެސް ށަކުވާއެއް އޮތް ނަމަ، އެ ށަކުވާއެއް ހުށަހެޅުމުގެ ފުރުސަތު، ޕޮއިންޓް ށީޓް އާންމުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ މުއްދަތެއް، ކެންޑިޑޭޓުންނަށް ދެވޭނެއެވެ.
30 ވަނަ މާއްދާ - ވަޒީފާއަށް ހޮވުނުކަން އެންގުން
(ހ) ވަޒީފާއަށް ހޮވުނު ފަރާތަށް، ވަޒީ ފާއަށް ހޮވިފައިވާކަމުގެ ލިޔުން ދޭންވާނީ، ށަކުވާ ހުށަހެޅުމަށް ހުޅުވައިލި މުއްދަތު ހަމަވުމަށްފަހު، އެ މުއްދަތުގައި އެއްވެސް ށަކުވާއެއް ހުށަހަޅައިފައި ނުވާނަމައެވެ. އަދި ށަކުވާއެއް ހުށަހަޅައިފައިވާ ނަމަ، ވަޒީފާއަށް ހޮވިފައިވާކަމުގެ ލިޔުން ދޭންވާނީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށްފަހުގައެވެ.
(ށ) ވަޒީފާއަށް ހޮވުނު ފަރާތަށް ވަޒީފާއަށް ހޮވިފައިވާކަމުގެ ލިޔުން ހަވާލުކުރާތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ވަޒީފާ ގަބޫލުކުރިކަން ނުވަތަ ނޫންކަން، ލިޔުމުން އަންގަންވާނެއެވެ. ވަޒީފާއަށް ހޮވުނީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއް ނަމަ، ބަންޑާރަނައިބުގެ އޮފީހުގެ ވަޒީފާ ހަމަޖެއްސެމުގެ އިޖުރާތުތައް ފުރިހަމަކުރާނީ، އެ ކެންޑިޑޭޓަކު އެ ވަގުތަކު އަދާކުރަމުންދާ ވަޒީފާއިން ވަކިވިކަމުގެ ލިޔުމެއް ނުވަތަ އެ ފަރާތުގެ ވަޒީފާ ނިމުމަކަށް ގެނެވޭނެ ތާރީހު ބަޔާންކޮށް، ވަޒީފާ ދީފައިވާ ފަރާތުން ދީފައިވާ ލިޔުމެއް، އޮފީހުން އަންގާ މުއްދަތެއްގެ ތެރޭގައި އޮފީހަށް ހުށަހެޅުމުންނެވެ.
(ނ) ވަޒީފާއަށް ހޮވުނު ފަރާތުން ވަޒީފާ ގަބޫލުނުކުރާކަމަށް އަންގައިފި ނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮފީހަށް ޖަވާބެއް ނުދީފި ނަމަ، ވަޒީފާގެ ހުށަހެޅުން ބާތިލުކޮށް، އަންނަނިވި ގޮތަށް އަމަލުކުރެވޭނެއެވެ.
- ލީގަލް ސަރވިސްގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ލީގަލް ޕްރޮފެށަނަލް މަގާމުތަކާއި ލީގަލް އެސޯސިއޭޓް މަގާމުތަކުގައި، ޕޮއިންޓް ށީޓުން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ފަރާތަކަށް ފުރުސަތު ދެވޭނެއެވެ.
- ލީގަލް ސަރވިސްގައި ހިމެނޭ މެނޭޖީރިއަލް މަގާމުތަކާއި އެގްޒެކެޓިވް މަގާމުތަކުގައި ޕޮއިންޓް ށީޓުން ދެން އެންމެ މަތިން މާކްސް ލިބިފައިވާ 3 (ތިނެއް) ކެންޑިޑޭޓުންގެ މެރިޓަށް ބަލައި، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ފުރުސަތު ދެވޭނެއެވެ.
- ލީގަލް ސަޕޯޓް ސަރވިސްގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ލީގަލް ސަޕޯޓް އެންޑް އެޑްމިނިސްޓްރޭޓިވް ސަރވިސްއާއި ސަޕޯޓް ސަރވިސްގެ މަގާމުތަކުގައި، ޕޮއިންޓް ށީޓުން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ފަރާތަކަށް ފުރުސަތު ދެވޭނެއެވެ.
- ލީގަލް ސަޕޯޓް ސަރވިސްގައި ހިމެނޭ މެނޭޖީރިއަލް މަގާމުތަކުގައި ޕޮއިންޓް ށީޓުން ދެން އެންމެ މަތިން މާކްސް ލިބިފައިވާ 3 (ތިނެއް) ފަރާތުގެ މެރިޓަށް ބަލައި، ބަންޑާރަނައިބުގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ފުރުސަތު ދެވޭނެއެވެ.
(ރ) މި ގަވާއިދުގައި މުވައްޒަފުން ހޮވުމުގައި އަމަލުކުރާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން، މުވައްޒަފުން ހޮވުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ތަފުސީލުތައް ހިމެނ،ޭ ބަންޑާރަނައިބު އޮފީހަށް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމާ ގުޅޭ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީހުގެ
ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
(ބ) މި ގަވާއިދުގެ ދަށުން މުވައްޒަފުން ހޮވުމަށް އިއުލާ ނުކުރުމަށްފަހު، އެ އިއުލާނުގެ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބު އޮފީހަށް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމާ ގުޅޭ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
31 ވަނަ މާއްދާ - ވަޒީފާ ދިނުމާއި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން
(ހ) ވަޒީފާއަށް ރިޕޯޓުކުރާ ފުރަތަމަ ދުވަހު، މުވައްޒަފަށް ވަޒީފާއަށް އައްޔަނު ކުރެވުނު ކަމުގެ ލިޔުމާއި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން ހަވާލުކުރެވޭނެވެ. އަދި މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނުގައި ސޮއިކޮށް، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނާ، ހަމަ އެ ދުވަހު ހަވާލުކުރަންވާނެއެވެ.
(ށ) ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް، މުވައްޒަފުގެ ރިކޯޑު ފައިލަށް ލާންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް، އެ މުވައްޒަފަށް ދޭންވާނެއެވެ.
32 ވަނަ މާއްދާ - މަގާމު ބަދަލުކުރުން
(ހ) ބަންޑާރަނައިބުގެ އޮފީހުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އޮފީހުގެ އެހެން ވަޒީފާއަކަށް ކުރިމަތިލައިގެން އެ ވަޒީފާއަށް ހޮވިއްޖެ ނަމަ، އަލަށް ހޮވުނު ވަޒީފާއަށް ހަމަޖެއްސޭނީ އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރެވޭ މުވައްޒަފެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފެއްގެ މަގާމު ބަދަލުވެއްޖެ ނަމަ، އެ މުވައްޒަފަކަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.
33 ވަނަ މާއްދާ - ޕްރޮބޭށަން (ވަގުތީ މުއްދަތު)
(ހ) އޮފީހުގެ ވަޒީފާދެވޭ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާ ގޮތުގެ މަތީން، ވަޒީފާ ދޭ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައެޅޭ ވަގުތީ މުއްދަތު (ޕްރޮބޭށަން) ގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު، މުވައްޒަފަށާއި އޮފީހަށް ލިބިގެންވެއެވެ.
34 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން
(ހ) އަންނަނިވި ހާލަތްތަކުގައި ބަންޑާރަނައިބުގެ އޮފީހުގައި ވަގުތީ މުވައްޒަފުންގެ ގޮތުގައި މުވައްޒަފުން މަސައްކަތްކުރުމަށް ހަމަޖެއްސިދާނެއެވެ.
- ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފަކު ދިގު މުއްދަތަކަށް ޗުއްޓީއެއް ނެގުމުގެ ސަބަބުން، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް؛
- ވަކި ދުވަސްވަރަކާ ދިމާކޮށް އޮފީހާ ހަވާލުކުރެވޭ ބޮޑެތި މަސައްކަތް ނުވަތަ ހާއްސަ މަސައްކަތެއް ކުރުމަށް މުވައްޒަފުން އިތުރުކުރަން ޖެހުން ނުވަތަ ދާއިމީ މަގާމަކަށް މަދުވެގެން 2 (ދޭއް) ފަހަރު އިއުލާނުކޮށްގެން މުވައްޒަފަކު ނުލިބުން؛
- އޮފީހުން ވަކި ހާއްސަ މަށްރޫއެއް ވަކި މުއްދަތަށް ހިންގުމަށް ޓަކައި އިތުރު މުވައްޒަފުން ބޭނުންވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ހޮވާ މުވައްޒަފުން އެންމެ ގިނަވެގެން ގެންގުޅެވޭނީ، ވަޒީފާ ދޭ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކި މަށްރޫއެއް ހިންގުމަށް ހޮވާ މުވައްޒަފުން، އެ މަށްރޫއު ނިމެންދެން ގެންގުޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގައި ވަގުތީ މުވައްޒަފުން އެންމެ ގިނަވެގެން ގެންގުޅެވޭނެ މުއްދަތު ކަނޑައަޅައިފައި ވިޔަސް، ވަގުތީ މުވައްޒަފުންނަށް ވެސް، ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާއިން ފެށިގެން 57 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް ލިބިދެވޭނެއެވެ.
35 ވަނަ މާއްދާ - ކޮންސަލްޓެންޓުންނާއި އެނޫން މިނިވަން ކޮންޓްރެކްޓަރުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ވަކި ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެކަމެއްގެ ފަންނީ ގާބިލުކަން ލިބިގެންވާ ކޮންސަލްޓަންޓުންނާއި މިނިވަން ކޮންޓްރެކްޓަރުންގެ ގޮތުގައި މީހުން އައްޔަނުކުރަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ ބޭނުމަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައްޔަނުކުރާ ކޮންސަލްޓަންޓުންނާއި މިނިވަން ކޮންޓްރެކްޓަރުންނަކީ، އޮފީހުގެ މުވައްޒަފުންނެއް ނޫނެވެ. އެހެންކަމުން، އެ ފަރާތްތަކަށް، ބަންޑާރަނައިބުގެ އޮފީހުގައި ހިދުމަތްކުރާ މުވައްޒަފުންގެ މައްޗަށް ހިނގާ، ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި، މި ގަވާއިދެއް ނުހިނގާނެއެވެ.
36 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާތަކަށް ވީއްލުން
(ހ) ދައުލަތުގެ އިދާރާއަކުން ކުރާ މުހިންމު މަސައްކަތެއް ކުރުމަށް ޓަކައި ސަރުކާރުގެ އޮފީސްތަކުން މުވައްޒަފުން ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ މަސައްކަތެއް ކުރުމަށް ޓަކައި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު، ބަންޑާރަނައިބު ކަނޑައަޅާ ވަކި މުއްދަތަކަށް ވީއްލިދާނެއެވެ. އަދި މުވައްޒަފަކު ވީއްލާއިރު، މުވައްޒަފު ވީއްލިކަން ބަޔާންކޮށްފައިވާ ލިޔުމެއް، ބަންޑާރަނައިބުގެ އޮފީހުން އެ މުވައްޒަފަށް ދޫކުރަންވާނެއެވެ.
(ށ) މުވައްޒަފަކު ވީއްލޭނެ މުއްދަތު ކަނޑައަޅާނީ، ބަންޑާރަނައިބުގެ އޮފީހާއި އެ އިދާރާއާއެކު މަށްވަރާކޮށް ގެންނެވެ. އަދި މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ނަމަ، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެއެވެ. އެގޮތުން އެންމެ ދިގު މުއްދަތަކަށް ވެސް މުވައްޒަފަކު ވީއްލޭނީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ނ) ވީއްލައިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރާނީ، އެ މުވައްޒަފަކު ދޫކުރެވިފައިވާ މުއައްސަސާއެއްގައެވެ. ވީއްލައިފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަ ނަމަ، އެ ދުވަހާ ހަމަޔަށް މުވައްޒަފުގެ ހާޒިރީ ރިޕޯޓު ހިދުމަތް ލިބިގަންނަ މުއައްސަސާއަކުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވަންވާނެއެވެ.
(ރ) ވީއްލައިފައިވާ މުވައްޒަފުންގެ މުސާރައާމެދު، ބަންޑާރަނައިބުގެ އޮފީހުން އެހެން ގޮތަކަށް އަންގައިފައި ނުވާ ނަމަ، އެ މުވައްޒަފަށް މުސާރައާއި އެހެނިހެން އެލަވަންސްތައް ދޭނީ ބަންޑާރަނައިބުގެ އޮފީހުންނެވެ. އެހެނިހެން އިނާޔަތްތައް (މިސާލަކަށް އިތުރުގަޑީގެ ފައިސާއާއި މަސައްކަތްކުރާ ގަޑީގައި ދެވޭ ކެއުމާއި ސައިގެ ހަރަދު) ދޭނީ، އެ މުވައްޒަފަކު ވީއްލައިފައިވާ މުއައްސަސާއަކުންނެވެ.
37 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުން ބޭރުން މުވައްޒަފުން ބަންޑާރަނައިބުގެ އޮފީހުގެ ވަކި ޒިންމާއެއް އަދާކުރުމަށް ވީއްލުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް ބަންޑާރަނައިބުގެ އޮފީހުން ބޭރުން މުވައްޒަފުން އެ އިދާރާއަކުން ބަންޑާރަނައިބުގެ އޮފީހަށް ވީއްލާނީ، އެ އިދާރާއާއި ބަންޑާރަނައިބުގެ އޮފީހާ ދެމެދުގައި އެއްބަސްވާ އުސޫލެއްގެ މަތީންނެވެ.
(ށ) މި ގަވާއިދުގައި ބަންޑާރަނައިބުގެ މުވައްޒަފުން އަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އަހުލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާއި އެންމެހައި އުސޫލުތައް، ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ބަންޑާރަނައިބުގެ އޮފީހުން ބޭރުގެ މުވައްޒަފުންގެ މައްޗަށް ވެސް، ވީއްލައިފައި ހުންނަ މުއްދަތުގައި ހިނގާނެއެވެ.
(ނ) ބަންޑާރަނައިބުގެ އޮފީހުގެ މަގާމަކަށް ވީއްލައިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރާނީ، ބަންޑާރަނައިބުގެ އޮފީހުގައެވެ. ވީއްލައިފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަ ނަމަ، އެ ދުވަހާ ހަމަޔަށް އެ މުވައްޒަފުގެ ހާޒިރީ ރިޕޯޓު މުވައްޒަފު ވީއްލި އިދާރާއަށް، ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންވާނެއެވެ.
ހަތަރުވަނަ ބާބު
މަސައްކަތުގެ ފެންވަރު ބެލުމާއި، ވަޒީފާގެ ކުރިއެރުން ދިނުން
38 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ބެލުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނާއި ލީގަލް ސަޕޯޓް ސަރވިސްގައި ހިމެނޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބަލަންވާނެއެވެ. މަސައްކަތުގެ ފެންވަރު ބެލުން (ޕަރފޯމަންސް އެޕްރައިޒަލް) ހެދުމުގެ މައިގަނޑު މަގުސަދަކީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމެވެ.
- އޮފީހުގެ މަސައްކަތްތައް ކުރިޔަށްގެންދެވޭ ފެންވަރު އިތުރުކުރުމާއި ފެންވަރު ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުން؛
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި މުވައްޒަފަށް ކުރެވިދާނެ ކަންތައްތައް މުވައްޒަފަށް އަންގައިދީ އެހީތެރިވެދިނުން؛
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބިނާކޮށް، ވަޒީފާގެ ކުރިއެރުން ހައްގުވާ މުވައްޒަފުން ދެނެގަތުން.
(ށ) ކޮންމެ އަހަރެއްގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން، އޭގެ ކުރީގެ އަހަރުގެ މަސައްކަތުގެ ފެންވަރު ބަލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަމްރީނުތަކުގައި ބައިވެރިވެފައި އަހަރެއްގެ މެދުތެރޭގައި ކިޔަވަންދާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ފުރިހަމަކުރަންޖެހޭ ފޯމު (ޕަރފޯމަންސް އެޕްރައިޒަލް ފޯމު) ތަމްރީނު ޕުރޮގުރާމުގައި ދިޔުމުގެ ކުރިން ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ރ) މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ފުރިހަމަކުރުމަށްފަހު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނާ އެ ފޯމުތައް ހަވާލުކުރުމަކީ ސުޕަވައިޒަރުގެ ޒިންމާއެކެވެ.
(ބ) ލީގަލް ސަރވިސް މުވައްޒަފުންގެ ތެރެއިން ލީގަލް މެނޭޖަރސް ގިންތީގެ މުވައްޒަފުންގެ ފޯމުތައް ފުރިހަމަކުރާނީ، ބަންޑާރަނައިބުގެ ލަފަޔާއެކު، ޑެޕިއުޓީ އެޓަރނީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލެވެ.
(ޅ) ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް ސަރވިސްގެ މުވައްޒަފުންނާއި ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލެވޭނީ ތަފާތު 2 (ދޭއް) ނިޒާމެއްގެ ތެރެއިންނެވެ.
(ކ) މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ޓަކައި ވަޒީފާގެ ކުރިއެރުމާއި ކަނޑައެޅޭ މިނޫންވެސް އިނާޔަތްތައް ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން އިސްލާހުކުރުމަށް މަގުފަހިކޮށް، އެކަން އިންތިޒާމުކުރާ ނިޒާމަކަށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ވާންވާނެއެވެ.
(އ) ވަޒީފާގެ ކުރިއެރުމާއި އެކި ގޮތްގޮތުން ލިބޭ ތަމްރީނު ފުރުސަތުތައް ދިނުމުގައި މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
(ވ) މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ މުވައްޒަފެއްގެ "ޕަރފޯމަންސް އެޕްރައިޒަލް ފޯ މު" ގެ ކޮޕީއެއް، އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލުގައި ބާއްވަންވާނެއެވެ.
39 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން (ޕްރޮމޯށަން) ދިނުން
މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެވޭނީ، މަސައްކަތުގެ ފެންވަރު ބަލާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ހަދ،ާ މުވައްޒަފުގެ ޕަރފޯމަންސް އެޕްރައިޒަލްއަށް ބިނާކޮށް، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ޕްރޮމޯށަން ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
40 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުމުގެ ބާވަތްތައް
(ހ) މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާގެ ކުރިއެރުން ދެވިދާނެއެވެ.
- މަގާމުގެ ކުރިއެރުން؛
- މަގާމުގެ މަސްއޫލިއްޔަތު ފުޅާކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ޕްރޮމޯށަން ދިނުމުގެ ކަންކަން ހިމެނޭގޮތަށް، މި ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮމޯށަން ދިނުމުގެ އުސޫލާއި މަސައްކަތުގެ ފެންވަރު ބަލާނެ ގޮތުގެ އުސޫލު އެކުލަވައިލައިފައި، އޮފީހުގެ އެތެރޭގައި އެ އުސޫލުތައް އާންމުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމުގެ އަސާސީ ށަރުތުތައް
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ބަލާނެ އަސާސީ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) އޮފީހުގެ އޮނިގަނޑުގައި ޕްރޮމޯޓްކުރެވޭ މަގާމަށް ކަނޑައަޅައިފައިވާ ށަރުތުތައް އެ މުވައްޒަފެއްގެ ކިބައިގައި ފުރިހަމަވުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރާތާ މަދުވެގެން 2 (ދޭއް) އަހަރުދުވަސް ވެފައިވުން.
(ނ) މަގާމުގެ ކުރިއެރުން ދިނުމުގެ ކުރިން އޮފީހުގައި ކަނޑައަ ޅައިފައިވާ މަސައްކަތުގެ ފެންވަރު ބަލާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އެ މަގާމަކަށް ކަނޑައަޅިފައިވާ މިންވަރަށް މާކްސް ލިބިފައިވުން.
(ރ) ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއް އަޅައިފައިވާ މުވައްޒަފަކަށް ނުވުން.
ފަސްވަނަ ބާބު
މަސައްކަތު ގަޑި
42 ވަނަ މާއްދާ - މަސައްކަތު ހަފުތާއާއި ރަސްމީ ގަޑި
(ހ) މުވައްޒަފުންގެ މަސައްކަތު ހަފުތާއަކީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ ރަސްމީ ގަޑިއަކީ ސަރުކާރުގެ ރަސްމީ ގަޑި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައިފައިވާ ގަޑިއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންޑާރަނައިބުގެ އޮފީހުން ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭ މުވައްޒަފުންނަށް، މަސައްކަތު ގަޑި، އެ މުވައްޒަފަކަށް އޮފީހުން ދޭ ލުޔާ އެއްގޮތަކަށް ހަމަޖައްސައިދެވޭނެއެވެ.
(ރ) އޮފީހުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ މަތީން، މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް، ބަންޑާރަނައިބުގެ ލަފާގެ މަތީން ހަމަޖެއްސުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އެގޮތުން ފްލެކްސިބަލްކޮށް މަސައްކަތްކުރުމުގައި އަންނަނިވި ގޮތްތަކުގެ މަތީން އެ އިންތިޒާމުތައް ހަމަޖެއްސިދާނެއެވެ.
- ފްލެކްސީ ޓައިމް ނުވަތަ އޮފީހުން ކަނޑައަޅާ ވަކި ޑިއުޓީ ށެޑިއުލްތަކަކަށް މަސައްކަތްކުރުން؛
- ރިމޯޓް ވަރކިންގ ނުވަތަ އޮފީހުން ހުއްދަދޭ ގޮތަކަށް އަދި މުއްދަތަކަށް، އޮފީހުން ބޭރުގައި މަސައްކަތްކުރުމުގެ އިންތިޒާމު (ރިމޯޓް ވަރކިންގ) ހަމަޖެއްސުން.
(ބ) ބަންޑާރަނައިބުގެ އޮފީހުން ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ އުސޫލުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަ ވައިލައި، އޮފީހުގެ މުވައްޒަފުންނަށް އާންމުކުރަންވާނެއެވެ.
43 ވަނަ މާއްދާ - މަސައްކަތުގެ ގަޑިއަށް ހާޒިރުވުން
(ހ) ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ހުރިހާ ދުވަހަކު، ގަޑިއަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. މަސައްކަތަށް ހާޒިރުނުވެވޭ ފަދަ އުޒުރެއް މެދުވެރިވެއްޖެ ނަމަ، ގަވާއިދާ އެއްގޮތަށް، ޗުއްޓީއަށް އެ ދުވަހުން ދުވަހަށް އެދުމަކީ މުވައްޒަފުގެ ޒިންމާއެކެވެ. މިގޮތަށް އަމަލުނުކޮށް، މަސައްކަތަށް ހާޒި ރުނުވެ ހުރެއްޖެ ނަމަ ބަލާނީ، ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ށ) ރަސްމީ ދުވަސްތަކުގައި އޮފީހަށް ގަޑިޖެހިގެން ހާޒިރުވެވޭނެ އެންމެ ފަހު ވަގުތަކީ ހެނދުނު 11:00 އެވެ. އެ ގަޑީގެ ފަހުން އޮފީހަށް ހާޒިރުވިނަމަވެސް، އެ ދުވަހެއް ބެލެވޭނީ، އެ މުވައްޒަފަކު ހާޒިރުނުވާ ދުވަހެއް ކަމުގައެވެ.
(ނ) ދަންވަރު 00:00 ގެ ފަހުން އޮފީހުން އަންގައިގެން އޮފީހުގެ ރަސްމީ މަސައްކަތް ކުރާ ނަމަ، ދަންވަރު 00:00 ގެ ފަހުން ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް، ގަޑިއެއްގެއިރު، އެ ދުވަހު ހެނދުނު އޮފީހަށް ނުކުތުމުގައި އެ މުވައްޒަފަކަށް ފަސްކޮށްދޭންވާނެއެވެ. އަދި ދަންވަރު 00:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރިކަމުގައި ވިޔަސް، ހެނދުނު އޮފީހަށް ނުކުތުން ފަސްކުރެވޭނެ އެންމެ ލަސް ގަޑިއަކީ އެ ދުވަހުގެ ހެނދުނު 11:00 އެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދަންވަރު 00:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް، ހެނދުނު ރަސްމީ ބައްދަލުވުމަކަށް ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފެއް ނަމަ، އެ ވަގުތަކަށް ހާޒިރުވާންވާނެއެވެ.
44 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި އޮފީހަށް ގަޑިއަށް ހާޒިރު ވެވޭގޮތް ނުވުން
ގުދުރަތީ ކަމެއް ދިމާވެގެން ނުވަތަ ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، މުވައްޒަފަކަށް އޮފީހަށް ހާޒިރުވާންޖެހޭ ރަސްމީ ގަޑިއަށް ހާޒިރުނުވެވޭގޮތް ދިމާވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް އެކަން ހުށަހެޅުމުން، އެ މުވައްޒަފަށް ދިމާވި ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެ ދުވަހުގެ ގަޑި ފަސްކޮށްދިނުމުގެ އިހުތިޔާރު، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ރަސްމީ ގަޑީގައި އޮފީހުން ބޭރަށް ދިޔުން
(ހ) ރަސްމީ ގަޑީގައި އަމިއްލަ ބޭނުމަކު މުވައްޒަފު ބޭރަށް ދާންވާނީ، ސުޕަވައިޒަރުގެ ހުއްދަޔާއެކު، އޮފީހުގެ ހާޒިރީ ބަލަހައްޓާ މެށިނުން ސައިން-އައުޓް ކުރުމަށްފަހުގައެވެ. މިގޮތަށް އޮފީހުން ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ވެސް އޮފީހުން ބޭރަށް ދާންވާނީ، އެ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސައްކަތަށް ބުރޫނާރާ ގޮތަށެވެ. އަދި އަވަހަށް އޮފީހަށް އެނބުރި އައުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.
(ށ) ރަސްމީ ގަޑީގައި، އޮފީހުގެ ބޭނުމަކު މުވައްޒަފު ބޭރަށް ދާ ނަމަ، ބޭރަށް ދާ ވަގުތާއި، އެނބުރި އޮފީހަށް އައި ވަގުތު، އެޓެންޑެންސް ސިސްޓަމުގައި ރިކޯޑުކުރަންވާނެއެވެ. އަދި މިގޮތަށް ބޭރަށް ދާންވާނީ، ސުޕަވައިޒަރަށް އެންގުމާއެކު، އޮފީހުގެ ހާޒިރީ ބަލަހައްޓާ މެށިނުން ސައިން-އައުޓް ކުރުމަށްފަހުގައެވެ. އަދި އެނބުރި އައުމަށްފަހު، އެޓެންޑެންސް ސިސްޓަމުގައި ސައިން-އިން ކުރަންވާނެއެވެ.
46 ވަނަ މާއްދާ - ހާޒިރީ ރިކޯޑު އިސްލާހުކުރުން
(ހ) މުވައްޒަފެއްގެ ހާޒިރީ ރިކޯޑުގައި މައްސަލައެއް އޮތްކަން ފާހަގަވާ ނަމަ، ހާޒިރީ ބަލަހައްޓާ ސިސްޓަމް މެދުވެރިކޮށް އިސްލާހުކުރުމަކީއެ މުވައްޒަފެއްގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މުވައްޒަފުގެ ހާޒިރީ ރިކޯޑު އިސްލާހުކުރުމަށް ހުށަހަޅަންވާނީ، ހާޒިރީ ބަލަހައްޓާ ސިސްޓަމް
މެދުވެރިކޮށެވެ.
(ނ) މި މާއްދާގައިވާ ގޮތުގެ މަތީން، މުވައްޒަފެއްގެ ހާޒިރީގައިވާ މައްސަލައެއް އެ މަހެއްގެ "ސެލަރީ ސައިކަލް" ނިމުމުގެ ކުރިން، އިސްލާހުކޮށްފައި ނުވާ ނަމަ، ހާޒިރީގައިވާ މައްސަލަތައް ފަހުން އިސްލާހުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
47 ވަނަ މާއްދާ - މަސައްކަތު ވަގުތުގައި ލިބޭ ހުސްވަގުތުކޮޅު
ރަމަޒާން މަސް ފިޔަވައި، އެ ނޫން މަސްމަހުގައި، ވަޒީފާއާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅާއި، އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަމާދުކުރުމަށް ދެވޭ 15 (ފަނަރަ) މިނެޓު ދެވޭނެއެވެ.
48 ވަނަ މާއްދާ - ގަޑީލާރި އުނިކުރުން
(ހ) އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، ހާޒިރުވާންޖެހޭ ގަޑިއަށް ވުރެ ލަހުން ހާޒިރުވެއްޖެ ނަމަ، މި މާއްދާގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ އަސާސީ މުސާރައިން ގަޑީލާރި އުނިކުރެވޭނެއެވެ.
(ށ) ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހުގެ އޮފީހަށް ހާޒިރުވާންޖެހޭ ރަސްމީ ގަޑިއަށް ވުރެ ލަހުން ހާޒި ރުވެއްޖެ ނަމަ، ގަޑީލާރި އުނިކުރެވޭނެއެވެ. ރަމަޒާން މަހު ގަޑީލާރި އުނިކުރާނީ، ހެނދުނު 9:01 ނުވަތަ ރަމަޒާން މަހުގެ ރަސްމީ ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއެއް ފެށޭތާ 1 (އެކެއް) މިނެޓު ފަހުން އޮފީހަށް ހާޒިރުވެއްޖެނަމައެވެ.
(ނ) ރަސްމީ ގަޑިއަށް އޮފީސް ހުޅުވުމާ އެ ފަހަރަކު ހަވާލުވެހުންނަ މުވައްޒަފު ގަޑިޖެހޭނީ، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، މަސައްކަތު ގަޑި ފެށުމުގެ 20 (ވިހި) މިނެޓަށް ވުރެ ކުރިންނެވެ. ރަމަޒާން މަހު ގަޑިޖެހޭ ވަގުތަކީ، ރަމަޒާން މަހުގެ ރަސްމީ ގަޑިކަމަށް ސަރުކާރުން ކަނޑައަޅާ ގަޑިއެއް ފެށޭތާ 10 (ދިހައެއް) މިނެޓުގެ ކުރިއެވެ.
(ރ) އޮފީހުގެ މަސައްކަތަށް ނުކުމ،ެ ގަޑި ޖެހުމުގެ ކުރިން، އޮފީހަށް ހާޒިރުވިކަން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ހަމަޖައްސައިފައިވާ ސިސްޓަމުގެ ތެރެއިން ރިކޯޑު ކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް ހާޒި ރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ގަޑިއަށެވެ.
(ބ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނެ ޓަކަށް ޖެހޭ އަދަދު ބަލާނީ، މަހު މުސާރ،ަ އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އާންމު ރަސްމީ ގަޑިކަމަށް ހަމަޖައްސައިފައި އޮންނަ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު 6 (ހައެއް) އިން ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. ރަމަޒާން މަހު، މަހު މުސާރަ 30 (ތިރީސް) އިން ގެއްލީމާ އަންނަ އަދަދު 4 (ހަތަރެއް) އިން ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ.
(ޅ) މުވައްޒަފަކު ގަޑިޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ، އެ މީހެއްގެ އަސާސީ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ.
ހަވަނަ ބާބު
މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް
49 ވަނަ މާއްދާ - މުސާރައިގެ އޮނިގަނޑު ކަނޑައެޅުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ މުއްދަތުގައި ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި، ލީގަލް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ދައުލަތުގެ ވަކީލުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަމުގައެވެ. އަދި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަމުގައެވެ.
50 ވަނަ މާއްދާ - މުސާރަ ދޭ ތާރީހު
މުވައްޒަފަށް މުސާރަ ދެވޭނީ ދައުލަތުގެ މުވައްޒަފުންނަށް އާންމުކޮށް މުސާރަ ޖަމާކޮށްދެވޭ ތާރީހުގައެވެ. އަދި މުސާރަ ދެވޭނީ، ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައި މުސާރަ ބަދަލުވި ތާރީހުކަމަށް ލިޔެފައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލެއް އަތުވެއްޖެ ނަމަ، ބަދަލުގެނެވުނު މުސާރަ އެ މުވައްޒަފަކަށް ދެވޭނީ، މުސާރަ ބަދަލުވިކަމުގެ ޗިޓުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
51 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ
(ހ) މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފި ނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/4 1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވ،ީ ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/2 1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެ މުވައްޒަފަކަށް، އޮފީހުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މުވައްޒަފު ލައްވާ އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެ މަސައްކަތަކީ، އޮފީހުގެ ހުއްދަ ލިބިގެން، މުވައްޒަފުގެ ސުޕަވައިޒަރުގެ ބެލުމުގެ ދަށުން، އިތުރުގަޑީގައި ކުރާ މަސައްކަތެއްކަމަށް ވާންޖެހޭނެއެވެ.
(ނ) މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރެވޭނެއެވެ. އިތުރުގަޑީގެ ފައިސާ ދެވޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އިތުރުގަޑީގެ ފައިސާ ދެވޭނީ، ކުރީމަހުގެ 16 އިން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖެހޭ އިތުރުގަޑިއަށްވާ ފައިސާ، ހިނގާ މަހުގެ މުސާރަޔާއެކުގައެވެ.
52 ވަނަ މާއްދާ - ރަމަޒާން މަހުގެ އިނާޔަތް
ކޮންމެ އަހަރެއްގެ ރަމަޒާން މަހު، ކޮންމެ މުވައްޒަފަކަށް ވެސް ރަމަޒާން މަހުގެ އިނާޔަތުގެ ފައިސާ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ދޭންވާނެއެވެ. މިގޮތުން، ރަމަޒާން މަހުގެ އިނާޔަތް ދޭނީ، މާލީ ވުޒާރާއިން އަންގާ ގޮތެއްގެ މަތީންނެވެ.
53 ވަނަ މާއްދާ - ކެއުމާއި ސައިގެ ހަރަދު
ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑީގައި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ހާއްސަ މަސައްކަތްތައް ކުރާއިރު، ސައިގެ ގަޑިއަކާ ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތްކުރާ ނަމަ، ކެއުމާއި ސައި، އެ މަސައްކަތްކުރާ މުވައްޒަފުންނަށް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދެވިދާނެއެވެ.
54 ވަނަ މާއްދާ - އިތުރު އެލަވަންސްތައް
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ދެވޭ އެލަވަންސްތައް ހަމަޖައްސައިދޭނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
55 ވަނަ މާއްދާ - މުވައްޒަފުގެ މުސާރަ ޖަމާކުރުން
މުވައްޒަފުގެ މުސާރަ ޖަމާކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވާއިދުގެ ދަށުން، މާލީ ވުޒާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
56 ވަނަ މާއްދާ - މުސާރައިން އުނިކުރުން
(ހ) މުވައްޒަފަކު ވަޒީފާއަށް ނުނިކުމެއްޖެ ނަމަ، ނުނުކުންނަ ވަގުތަށްވާ މިންވަރު، އެ މުވައްޒަފެއްގެ އަސާސީ މުސާރައިން ކެނޑޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން މުވައްޒަފުންގެ މުސާރައިން ނުވަތަ އުޖޫރައިން އުނިކުރެވޭނީ، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.
57 ވަނަ މާއްދާ - ފަންތި ދަށްކުރާ މުވައްޒަފުންގެ މުސާރަ
އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މުވައްޒަފަކު، ދާއިމީކޮށް ނުވަތަ ވަގުތީގޮތުން، އޭނާ އަދާކުރަމުންގެންދާ ވަޒީފާ ހިމެނޭ ފަންތިއަށް ވުރެ ދަށް ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް މަގާމު ދަށް ކުރެވިއްޖެ ނަމަ، އެފަދަ މުވައްޒަފަކަށް ދޭންވާނީ ދަށްކުރެވޭ ވަޒީފާގެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައެވެ.
58 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫއަކުރެވޭ މުވައްޒަފުންގެ މުސާރަ
މައްސަލައެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފަކު ނުވަތަ އިސްލާހީ ފިޔަވަޅެއްގެގޮތުން ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކޮށްފައި ހުރި މުވައްޒަފަކު ނުވަތަ މަގާމަށް ބަދަލުގެނެސްފައިވާ މުވައްޒަފަކު، ވަޒީފާއަށް އަލުން ނެރޭ ނަމަ ނުވަތަ ރުޖޫއަކުރާ ނަމަ، އޭނާގެ މުސާރަކަމަށް ހަމަޖައްސަންވާނީ، އެ ވަޒީފާގައި އޭނާ ރުޖޫއަކުރާ މަގާމުގެ މުސާރައެވެ.
ހަތްވަނަ ބާބު
މުވައްޒަފުންނަށް ދެވޭ އެކިއެކި ޗުއްޓީ
59 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ. މި ދުވަސްތައް ގުނޭނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފެއްގެ އަހަރީ
ޗުއްޓީއަށް އިތުރުކޮށްދޭންވާނެއެވެ.
(ނ) އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓ،ާ އޮފީހުގެ އެއްވެސް މަސައްކަތެއް އެ މުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ. ނުވަތަ އެފަދައިން މަސައްކަތް ކުރުވުމަށް ހުއްދަކޮށްގެން ނުވާނެއެވެ.
(ރ) ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އޮފީހުން ކަނޑައަޅާ އުސޫލެއްގެ މަތީން ޗުއްޓީ ފެށިދާނެއެވެ. މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް ދޫކޮށްލައިފި ނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަކަށް، ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(ބ) ކޮންމެ އަހަރެއްގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން، މުވައްޒަފުންނާ މަށްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، މުވައްޒަފުންގެ އަހަރީ ޗުއްޓީގެ ތާވަލު، ޑިވިޒަންތަކުގެ ވެރިންނާއި ސުޕަވައިޒަރުން އެކުލަވައިލަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި، ތާވަލު އެކުލަވައިލައި ނުނިންމޭ މުވައްޒަފުންނަށް ޗުއްޓީ ދޭނެ ތާރީހުތަކެއް ކަނޑައަޅާނީ ޑިވިޒަނުގެ މަސައްކަތްތަކަށް ބެލުމަށްފަހު، ޑިވިޒަން ވެރިޔާއާއި ސުޕަވައިޒަރެވެ.
(ޅ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ނުވަތަ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ނަމަ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް އޮތް ދުވަސްތަކަށް އެ ޗުއްޓީގެ ބަދަލުގައި އޭނާއަށް ލިބެމުންއައި މުސާރައާއި އެހެނިހެން އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދޭންވާނެއެވެ. ނަމަވެސް، މި މާއްދާގެ (ރ) ގައިވާ ފަދައިން ކެންސަލްވާ ޗުއްޓީއަކަށް ފައިސާއެއް ނުދެވޭނެއެވެ.
(ކ) މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދެވޭނީ، ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފަކަށް ހަވާލުކޮށްފައިވާ މަސައްކަތް ޗުއްޓީގައި ހުންނަ މުއްދަތުގައި ހަވާލުވާނޭ އެހެން މުވައްޒަފަކު ހަމަޖެއްސުމަށްފަހުގައެވެ. އަދި ޗުއްޓީއަށް ދިއުމުގެ ކުރިން، ކޮންމެ މުވައްޒަ ފަކު ވެސް އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް އެނގޭނޭ ގޮތުގެ ލިސްޓެއް އެކުލަވައިލައި، ޑިވިޒަނުގެ ވެރިޔާއާއި ސުޕަވައިޒަރުގެ އިރުށާދާ އެއްގޮތަށް ލިޔުމުން ހިއްސާކުރަންވާނެއެވެ.
(އ) އާންމު އުސޫލެއްގެ ގޮތުން މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި އެއްފަހަރާ އެންމެ ގިނަވެގެން ނެގޭނީ 14 (ސާދ) ދުވަހެވެ. އެހެންނަމަވެސް، ޑިވިޒަނުގެ މަސައްކަތްތަކަށް ދަތިނުވާ ނަމަ، ހާއްސަ ހާލަތެއްގައި އެ މުއްދަތު އިތުރުކޮށްދިނުމަށް ޑިވިޒަނެއްގެ ވެރިޔަކަށް ނިންމިދާނެއެވެ.
(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަހަރީ ޗުއްޓީއާ ގުޅޭގޮތުން އަމަލުކުރާނެ އިތުރު އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެއް މި ގަވާއިދުގެ ދަށުން އެކުލަވައިލުމުގެ އިހުތިޔާރު، ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއެވެ.
60 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ
(ހ) ސަލާމުގެ ޗުއްޓީ ދެވޭނީ، ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީއާ ގުޅިގެން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ސަލާމުގެ ޗުއްޓީ ނަގާ ނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުފަވައިޒަރު ދީފައިވާ އިރުށާދުތަކާ އެއްގޮތަށް އެކަން އެންގުމުގެ އިތުރުން، އޮފީހުން އާންމުކޮށްފައިވާ ފޯނު ނަންބަރަށް މެސެޖު (އެސްއެމްއެސް) ކުރަންވާނެއެވެ. އަދި ސަލާމުގައި ހުންނަ ކޮންމެ ދުވަހަކު، އެގޮތަށް އަމަލުކުރަންވާނެއެވެ.
- ސަލާމުގައި ހުންނަ މުވައްޒަފަކު، އެ ދުވަހު ނިންމަންޖެހޭ މަސައްކަތުގެ މައުލޫމާތު، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށް ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފަކު މަސައްކަތްކުރާ ޑިވިޒަނުގެ ވެރިޔާއަށް ނުވަތަ ސުޕަވައިޒަރަށް އަންގަންވާނެއެވެ.
- މި މާއްދާއާ އެއްގޮތަށް ސަލާމުގެ ޗުއްޓީގައި ހުރިކަން މުވައްޒަފު އަންގައިފައި ނުވާ ނަމަ، އެ ދުވަހެއް ބެލެވޭނީ، އޮފީހަށް ހާޒިރުނުވާ ދުވަހަކަށެވެ.
(ށ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، 30 (ތިރީސް) ދުވަހެވެ.
(ނ) މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރުދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަސް، މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ. އަދި މުވައްޒަފަށް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ، ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހުއެވެ. ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަސް ބަލާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ރ) ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ނުވަތަ ސިއްހީ ހިދުމަތްދިނުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހިރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ދޫކުރާ މެޑިކަލް ސެޓުފިކެޓެއް އޮފީހަށް ހުށަހަޅައިފި ނަމަ، ކުރިޔަށް ވެސް ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
(ބ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުން ކަމުގައި ވީނަމަވެސް، ވަޒީފާ އަދާކުރާތާ އަހަރު ނުވި ކަމުގައި ވިޔަސް، މި ގަވާއިދާ އެއްގޮތަށް ސަލާމުގެ ޗުއްޓީ ނެގޭނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަސް، ވަކިވަކީން ނުވަތަ ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ސަލާމު ޗުއްޓީގެ ގޮތުގައި ނެގިދާނެއެވެ. ނަމަވެސް، ވިދިވިދިގެން ސަލާމުގެ ޗުއްޓީގައި ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް، އެ މުވައްޒަފަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ސެޓުފިކެޓު ހުށަހަޅަން ވާނެއެވެ.
(ކ) މުވައްޒަފު އޮފީހަށް ހާޒިރުނުވީ ބަލިވެގެންކަން އޮފީހަށް އަންގައިފައި ވީނަމަވެސް، މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު، މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން މެޑިކަލް ސެޓުފިކެޓު ހުށަނާޅައިފި ނަމަ، ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތައް ބެލެވޭނީ، އޮފީހަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.
61 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާއިލާގެ މެންބަރަކު ބަލިވުން ފަދަ، މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، މުސާރައާއި އިނާޔާތް ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީއެއް، އަހަރުދުވަހުގެ ތެރޭގައި ނެގިދާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް "އާއިލާގެ މެންބަރުން" ކަމުގައި ބަލާނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދީ/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭގޮތުންނެވެ.
(ނ) އާއިލާގެ މެންބަރަކު ބަލިވެގެން އާއިލީ ޒިންމާގެ ޗުއްޓީ ދުރާލައި ނަގަން ބޭނުންވެއްޖެ ހާލަތެއްގައި، ބަލިވި ފަރާތުގެ މައުލޫމާތާއި ބަލީގެ ބާވަތް ބަޔާންކޮށްފައިވާ މެޑިކަލް ސެޓު ފިކެޓެއް އޮފީހަށް ހުށަހަޅައިފި ނަމަ، ކުރިޔަށް ވެސް އާއިލީ ޒިންމާގެ ޗުއްޓީ ނެގިދާނެއެވެ. އަދި މިގޮތަށް ކުރިޔަށް ރާވައިގެން އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސާ މުވައްޒަފުން، މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އަމަލުކުރާކަށް ނުޖެހޭނެއެވެ.
(ރ) އާއިލީ ޒިންމާގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި އާއިލީ ޒިންމާގެ ޗުއްޓީއާ ގުޅިގެން އަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ދުރާލައި ހުއްދަ ހޯދުމަކާ ނުލައި އާއިލީ ޒިންމާގެ ޗުއްޓީ ނަގާ ނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، އެ މުވައްޒަފެއްގެ ސުފަވައިޒަރު ދީފައިވާ އިރުށާދުތަކާ އެއްގޮތަށް އެކަން އެންގުމުގެ އިތުރުން، އޮފީހުން އާންމުކޮށްފައިވާ ފޯނު ނަންބަރަށް މެސެޖު ކުރަންވާނެއެވެ. އަދި ދުރާލައި ހުއްދަ ހޯދުމަކާ ނުލައި އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކު އެގޮތަށް އަންގަންވާނެއެވެ.
- އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ މުވައްޒަފަކު، އެ ދުވަހު ނިންމަންޖެހޭ މަސައްކަތުގެ މައުލޫމާތު، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށް ހިންގަން ފެށޭހައި ވަގުތު އޮއްވައި، އެ މުވައްޒަފަކު މަސައްކަތްކުރާ ޑިވިޒަނުގެ ވެރިޔާއަށް ނުވަތަ ސުޕަވައިޒަރަށް އަންގަންވާނެއެވެ.
- މި މާއްދާއާ އެއްގޮތަށް އާއިލީ ޒިންމާގެ ޗުއްޓީގެ ކަންކަން ފުރިހަމަކޮށްފައި ނުވާ ނަމަ، އެ ދުވަހެއް ބެލެވޭނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ބ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ.
(ޅ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު، އާއިލާގެ މެންބަރަކު ބަލިވެގެން ނުވަތަ މުވައްޒަފުގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އާއިލީގޮތުން އުފުލަންޖެހޭ މުހިންމު ޒިންމާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާ ނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި، ސުޕަވައިޒަރުގެ ހުއްދަޔާއެކު މަސައްކަތުގެ ގަޑި ކުރުކޮށްލެވިދާނެއެވެ. އަދި މުވައްޒަފު އެ ދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާ ނަމަ، އެ ދުވަހަކީ އާއިލީ ޒިންމާގެ ޗުއްޓީގެ ނުވަތަ ސަލާމުގެ ޗުއްޓީ ދުވަހެއްގެ ގޮތުގައި ބަލައި، އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ނުވަތަ ސަލާމުގެ ޗުއްޓީގެ ގޮތުގައި ސުޕަވައިޒަރަށް ހަމަޖައްސައިދެވޭނެއެވެ. މި މާއްދާގެ ބޭނުމަށް، މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާކަމަށް ބަލާނީ، ރަމަޒާން މަހުގެ ދުވަހެއްގައި ނަމަ، 2 (ދޭއް) ގަޑިއިރު، އަދި އެނޫން މަހެއްގެ ދުވަހެއްގައި ނަމަ، 4 (ހަތަރެއް) ގަޑިއިރު މަސައްކަތުގައި ހޭދަކޮށްފައިވާ ނަމައެވެ.
62 ވަނަ މާއްދާ - މުސާރަ ނުލިބޭ ހާއްސަ ޗުއްޓީ
މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އަދި ހިދުމަތުގެ މުއްދަތުން އުނިނުވާ ގޮތަށް އަހަރުދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަހުގެ ހާއްސަ ޗުއްޓީއެއް ދެވިދާނެއެވެ. އަދި މި ޗުއްޓީގެ ދުވަސްތައް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މި ޗުއްޓީ ނެގޭނީ، ސަލާމުގެ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އަހަރީ ޗުއްޓީ ހުސްވެފައިވާނަމައެވެ.
63 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ (މެޓަރނިޓީ ލީވް)
އަންހެން މުވައްޒަފަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހައިފި ނަމަ، ތިރީގައިވާ ގޮތުގެ މަތީން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ދެވޭނެއެވެ.
(ހ) މުވައްޒަފު ވިހައިފިކަން ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަކު ވިހޭ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް ދޭންވާނެއެވެ.
(ށ) މުވައްޒަފަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތް ނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވިހެއުމާ ގުޅިގެން ދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް، މުވައްޒަފު ވިހާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި، މުސާރަޔާއެކު ދޭންވާނެއެވެ.
(ނ) ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން ނުވަތަ ބައްޔެއްވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް، އެ މުވައްޒަފަކު ވިހެއުމުގެ ކުރިން އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މުވައްޒަފަށް ދެވޭ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެ ނަމަ، އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފުގެ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ބ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމުގެ ކުރިން، ބަންދު ދުވަސްތައް ހިމަނައިގެން، 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭ ގޮތަށް، އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ޅ) މުވައްޒަފަކު ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދަރިފުޅު ގާތަށް ދިއުމަށް ވަގުތު ދޭންވާނެއެވެ.
- މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރު ވަންދެން، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ޓަކައި، މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިއުމަށް 30 (ތިރީސް) މިނެޓު ގެ ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ.
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުސްވަގުތުކޮޅު އެއްކޮށްލައި، 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ވެސް ނެގިދާނެއެވެ.
(ކ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަސައްކަތުގެ ފެންވަރު ބެލުމުން މަގާމުގެ ކުރިއެރުމެއް ހައްގުވެއްޖެ ނަމަ، އެ ކުރިއެރުމެއް ލިބިދިނުން ފަދަ ހައްގުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. މިގޮތުން، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.
(އ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެންދިޔުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ހާއްސަ ޗުއްޓީއެއް ދެވިދާނެއެވެ. އެފަދަ ހާލަތަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިހެއުން ކަމަކަށް ނުބެލެވޭނެއެވެ.
(ވ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާއި 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކުއްޖަކު ވިހައިފި ނަމަ އަމަލުކުރެވޭނީ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ. އަދި މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާއި 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކުއްޖަކު ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތް ނަމަ އަމަލުކުރެވޭނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(މ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ބޭނުން ނަމަ، ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، ޗުއްޓީއަށް އެދި ހުށަހަޅަންވާނެއެވެ.
64 ވަނަ މާއްދާ - ދަރިޔަކު ލިބުމުން ފިރިހެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ (ޕެޓަރނިޓީ ލީވް)
(ހ) ފިރިހެން މުވައްޒަފަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރައާއި އިނާޔަތް ލިބޭގޮތަށް، ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް، 3 (ތިނެއް) ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ދޭންވާނެއެވެ.
(ށ) ފިރިހެން މުވައްޒަފަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން ދޭ، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސްވުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ މުސާރައާއި އިނާޔަތްތައް ލިބޭ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމެނޭގޮތަށް ނެގުމަށް މުވައްޒަފު އެދޭ ނަމަ، އެ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ނެގޭނީ އެކީ އެއްފަހަރާއެވެ.
65 ވަނަ މާއްދާ - ދަރިޔަކު ހިތާ ނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މުވައްޒަފުގެ ދަރިޔަކު ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ނުހިމަނައި މުވައްޒަފަށް ނެގިދާނެއެވެ.
(ށ) ހިތާނުކުރުމުން ދޭ ޗުއްޓީ ދަރިފުޅުގެ މަންމައާއި ބައްޕައަށް ވެސް ލިބޭނެއެވެ.
(ނ) މުވައްޒަފު އަހަރީ ޗުއްޓީގައި ހުއްޓައި ދަރިފުޅު ހިތާނުކޮށްފި ނަމަ، އަހަރީ ޗުއްޓީގެ ދުވަސްތަކާ ގުޅުވައިގެން ދަރިފުޅު ހިތާނުކުރުމުން ލިބޭ ޗުއްޓީ ނެގިދާނެއެވެ.
66 ވަނަ މާއްދާ - ހައްޖުގެ އަޅުކަން ނުވަތަ އުމްރާގެ އަޅުކަން އަދާކުރުމަށް ދެވޭ ޗުއްޓީ
(ހ) ހައްޖުގެ އަޅުކަމަށް ނުވަތަ އުމްރާގެ އަޅުކަމަށް ދާން އެދޭ މުވައްޒަފުންނަށް، މުސާރައާއި އިނާޔަތްތަކާއެކު، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ކުރާ ފުރަތަމަ ހައްޖު ނުވަތަ އުމްރާއާ ގުޅުވައިގެން ލިބިދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީއަށް އެދޭއިރު، އެ ދަތުރުގައި ހޭދަވާނޭ މުއްދަތު އަންގައިދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ނ) ހައްޖު ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، މުވައްޒަފު ހައްޖަށް ދިއުމަށް ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން ދެވޭނީ 35 (ތިރީސް ފަހެއް) ދުވަހެވެ.
(ރ) އުމްރާ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، މުވައްޒަފު އުމްރާއަށް ދިއުމަށް ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން ދެވޭނީ 15 (ފަނަރަ) ދުވަހެވެ.
67 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީ (ނޯ ޕޭ ލީވް)
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ވީއްލޭނީ، ތިރީގައިވާ ސަބަބުތަކާހުރެ، ބަންޑާރަނައިބުގެ މަށްވަރާޔާއެކު، ސެކްރެޓަރީ ޖެނެރަލްގެ ނިންމުމުންނެވެ. އަދި މިގޮތަށް އެންމެ ދިގު މުއްދަތަކަށް ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
- ބޮޑު ބައްޔަކަށް މުވައްޒަފު ސިއްހީ ފަރުވާއެއް ކުރަންޖެހުން ނުވަތަ މުވައްޒަފުގެ އާއިލާގެ މެންބަރަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދަންޖެހުން؛
- ދައުލަތުގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށަކަށް ފިރި/އަނބިން ފޮނުވާ ހާލަ ތުގައި، މުވައްޒަފު އޭނާގެ އާއިލާއާއެކު ދިއުމަށް؛
- މުވައްޒަފުގެ ފިރި/އަނބިން ފުރަތަމަ ޑިގްރީ ނުވަތަ އެޔަށް ވުރެ މަތީ ކޮލިފިކޭށަނެއް ހާސިލުކުރުމަށް ޓަކައި ދިވެހިރާއްޖެއިން ބޭރަށް ދާއިރު، އޭނާއާއެކު ދިއުމަށ.ް
(ށ) މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ދޫކުރެވޭނީ، މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ދޫކޮށްދިނުމަށް އެދި، ސަބަބާއެކު އޮފީހަށް ހުށަހެޅުމުންނެވެ.
(ނ) މުވައްޒަފު މުސާރަ ނުލިބޭގޮތަށް ދޫކުރެވޭނީ، ބަލިވީ ތިމާ ނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލި ބޭގޮތަށް ދޫކޮށްދިނުމަށް ބޭނުންވާކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް، ސިއްހީ އެހީތެރިއެއްގެ ސެޓުފިކެޓު ހުށަހެޅުމުންނެވެ.
(ރ) މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ދޫކުރުމަށް އެދެނީ، ތިމާ ބަލަންޖެހިފައިވާ މީހެއް ބަލިވެގެން ކަމުގައި ވާ ނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނޭ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ސެޓުފިކެޓު ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި މުވައްޒަފު ކޮންމެހެން ހުންނަންޖެހޭ ހާލަތެއް އޮތްކަން ބަޔާންކޮށް އޮފީހަށް ހުށަހަޅަންވާނެއެވެ.
(ބ) މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލުމަށް އެދެނީ، މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާ ދައުލަތުގައި އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ދިވެހިރާއްޖެއިން ބޭރަށް ދިރިއުޅުން ވަގުތީގޮތުން ބަދަލުވާން ޖެހިގެން ކަމުގައި ވާ ނަމަ، އެކަމާ ގުޅޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ޅ) މުސާރަ ނުލިބޭގޮތަށް ވީއްލުމަށް އެދެނީ މުވައްޒަފު ނުވަތަ މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާ މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދާއިރު އެކުގައި ދިއުމަށް ކަމުގައި ވާ ނަމަ، ކޯސް ލިބިފައިވާކަން އެނގޭނެ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ކ) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައި ހުންނަ މުއްދަތު، މުވައްޒަފު ހިދުމަތްކުރި މުއްދަތެއް ކަމުގައެއް ނުގުނޭނެއެވެ.
(އ) މި މާއްދާއާ އެއްގޮތަށް، މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލައިދިނުމަށް ހުށަހަޅާ ހުށަހެޅުން، މުވައްޒަފު ވީއްލުމަށް އެދޭ ތާރީހުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
(ވ) މުސާރަ ނުލިބޭގޮތަށް ވީއްލާ މުވައްޒަފުންގެ މަގާމު ރިޒާވްކުރުމާއި ނުކުރާމެދު ގޮތެއް ނިންމާނީ ބަންޑާރަނައިބުގެ މަށްވަރާޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
68 ވަނަ މާއްދާ - ހާއްސަ ހާލަތާ ގުޅިގެން ދެވޭ ޗުއްޓީ
(ހ) ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހުމާ ގުޅިގެން މުވައްޒަފަކަށް 60 (ފަސްދޮޅަސް) ދުވަސް، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް "ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވިދާނެއެވެ. މި ޗުއްޓީގެ މުއްދަތު ގުނޭނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ށ) މުވައްޒަފުގެ އާއިލާގެ މެންބަރަކު ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާކުރަން ޖެހ،ި މުވައްޒަފު އޭނާ ބަލަހައްޓަންޖެހިއްޖެ ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ" މުވައްޒަފަށް ދެވިދާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ ހަމަޖައްސައިދެވޭނީ، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފުގެ މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ލިޔުމެއް ނުވަތަ ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުންނެވެ. މި ގޮތަށް ހުށަހަޅާ ލިޔުމުގައި، ބަލީގެ ބާވަތް ބަޔާންކުރާއިރު، އެއީ ޓަރމިނަލް ނުވަތަ ކްރޮނިކް ބައްޔެއްކަން ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ "ޓަރމިނަލް އިލްނަސް" އެއް ކަމަށް ނުވަތަ "ކްރޮނިކް ކޮންޑިށަން" އެއް ކަމަށް ނިންމާނީ، ސިއްހީ ދާއިރާގެ ފަންނީ ފަރާތެއްގެ ލަފާ ހޯދުމަށްފަހު، އެޗް.އާރު. ކޮމިޓީގެ މަށްވަރާގެ މަތީން، ސެކްރެޓަރީ ޖެނެރަލެވެ.
(ބ) "ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ" އަށް އެދި ޗުއްޓީ ފަށަން ގަސްތުކުރާ ތާރީހުގެ 14 (ސާދ) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
- އިތުރު 30 (ތިރީސް) ދުވަސް ޗުއްޓީގެ ގޮތުގައި މުވައްޒަފު އެދޭ ނަމަ، މުވައްޒަފަށް ލިބޭ އުޖޫރައިގެ ދެބައިކުޅައެއްބައި ދިނުމާއެކު ޗުއްޓީ ހަމަޖައްސައިދިނުން؛
- މުވައްޒަފު ޗުއްޓީގެ ގޮތުގައި އެދޭ މުއްދަތު، ޖުމުލަ 90 (ނުވަދިހަ) ދުވަހަށް ވުރެ އިތުރުވާ ނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ލިޔުމެއް ނުވަތަ ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަރުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ހަމަޖައްސައިދިނުން.
(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން "ހާއްސަ ހާލަތާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޗުއްޓީ" ދެވޭނެ މުއްދަތަކީ، ބަންދު ދުވަސްތައް ހިމެނޭގޮތުން، ޖުމުލަ 30 (ތިރީސް) ދުވަހެވެ.
އަށްވަނަ ބާބު
މުވައްޒަފުން ތަމްރީނުކުރުމާއި ކިޔެވުމަށް ވީއްލުން
69 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނ،ެ މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭން (ޓްރެއިނިންގ ރިކުއަރމަންޓް ޕްލޭން) ކޮންމެ އަހަރަކު އެކުލަ ވައިލައި، އެ އަހަރަކު ފާސްކުރި ބަޖެޓުން ތަމްރީނަށް ކުރެވޭނެ ހަރަދުތައް ދެނެގަނެ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ތަމްރީނުގެ ފުރުސަތުތައް ރާވަންވާނެއެވެ.
(ށ) ތަމްރީނުތަކަށް މުވައްޒަފުން ހަމަޖައްސާނީ، މުވައްޒަފުންނަށް ތަމްރީނު ދެވޭނެ ދާއިރާތައް، ޑިވިޒަންތަކަށާ އި ސެކްށަންތަކަށް ބަހައިލައިގެންނެވެ.
(ނ) އޮފީހުން ހަމަޖައްސައިދޭ ތަމްރީނުތަކުގައި ކޮންމެ މުވައްޒަފަކު ވެސް ބައިވެރިވެ، އެ ތަމްރީނުތައް ފުރިހަމަކުރުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.
(ރ) ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ތަމްރީނުކުރެވޭ މުވައްޒަފުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަންޑާރަނައިބުގެ އޮފީހަށް ހިދުމަތްކުރުމަށް ބޮންޑުކުރަންވާނެއެވެ.
70 ވަނަ މާއްދާ - ތަމްރީނު ޕުރޮގުރާމުތަކަށް މުވައްޒަފުން ހޮވުން
ޓްރޭނިންގއާއި، ސެމިނާރާއި، ވާރކްށޮޕާއި، ސްޓަޑީ ޓުއަރއާއި، ފެލޯށިޕް ފަދަ ތަމްރީނު ޕުރޮގުރާމުގެ ގޮތުގައި ބެލެވޭ ކަންކަމުގައި މުވައްޒަފުން ބައިވެރިކުރުވުމުގައި، އަންނަނިވި ކަންކަމުގެ މައްޗަށް ބެލުމަށްފަހު، ބަންޑާރަނައިބު ކަނޑައަޅާ މުވައްޒަފަކު ހަމަޖެއްސިދާނެއެވެ.
(ހ) ތަމްރީނަކީ، އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީކުރުމަށް ޓަކައި އޮފީހަށް ބޭނުންވާ ތަމްރީނެއް ކަމުގައި ވުން.
(ށ) ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ގާބިލުކަމާއި، ކަމާ ގުޅުންހުރި ދާއިރާއިން އިލްމާއި ތަޖުރިބާ ހުރި މުވައްޒަފަކު ކަމުގައި ވުން.
(ނ) ކުރިން ތަމްރީނަކަށް ފޮނުވައިފައިވާ މީހަކު ނަމަ، އެ މީހަކު ތަމްރީނުކުރެވޭ ދާއިރާއިން އޮފީހުގެ މަސައްކަތުގައި ހިއްސާކުރަމުންއަންނަ މިންވަރަށް ރިއާޔަތްކުރުން.
(ރ) ވަޒީފާ އަދާކުރުމުގައި ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަމާ ގުޅޭ ދާއިރާއިން ނުވަތަ އެނޫންވެސް އެހެން ދާއިރާއަކުން ބަންޑާރަނައިބުގެ އޮފީހުން ހުޅުވައިލައިފައިވާ އެހެން ތަމްރީނު ޕުރޮގުރާމަކަށް މުވައްޒަފު ހޮވިފައި ނެތުން ނުވަތަ ހުޅުވައިލާ ޕުރޮގުރާމަށް ކުރިމަތިލާ މުވައްޒަފަކީ އެހެން ޕުރޮގުރާމަކަށް ކުރިމަތިލައިފައިވާ މުވައްޒަފެއް ކަމުގައި ނުވުން. އެހެން ނަމަވެސް، އެ ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވާން އެދި އިތުރު މުވައްޒަފަކު ހުށަހަޅައިފައި ނުވާ ނަމަ، ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ހުޅުވައިލައިފައިވާ ތަމްރީނު ޕުރޮގުރާމެއްގައި އެ މުވައްޒަފު ބައިވެރިވެފައިވީނަމަވެސް، އެ މުވައްޒަފަށް ފުރުސަތު ދިނުން.
(ބ) ވަޒީފާ އަދާކުރުމުގައި ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަމާ ގުޅޭ ދާއިރާއިން ނުވަތަ އެނޫންވެސް އެހެން ދާއިރާއަކުން ބަންޑާރަނައިބުގެ އޮފީހުން ހުޅުވައިލައިފައިވާ ތަމްރީނު ޕުރޮގުރާމަކަށް މުވައްޒަފު ހޮވި، މަގުބޫލު އުޒުރަކާ ނުލައި އެ މުވައްޒަފު ބައިވެރިނުވުން ނުވަތަ ޕުރޮގުރާމު ފުރިހަމަނުކުރުން.
(ޅ) ވަޒީފާ އަދާކުރުމުގައި ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއްގެ އެޅިފައިވާ މުވައްޒަފެއް ކަމުގައި ނުވުން.
71 ވަނަ މާއްދާ - ތަމްރީނުތަކަށް ކުރާ ހަރަދާއި، އެނބުރި މަސައްކަތަށް ނުކުންނަންޖެހޭ ވަގުތު ފަސްކޮށްދިނުން
(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކުގައި މުވައްޒަފުން ބައިވެރިކުރާ ނަމަ، އެ މުވައްޒަފު ބައިވެރިކުރުމާ ގުޅޭގޮތުން އޮފީހުން ކުރެވޭނެ ހަރަދުތައް ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނާއި، މާލީ ވުޒާރާގެ އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާލީ ޒިންމާދާރު ވެރިޔާގެ ލަފަޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމަށްފަހު އެނބުރި އަންނަ މުވައްޒަފުން، ޖެހިގެން އަންނަ ދުވަހު އޮފީހުގެ މަސައްކަތަށް ނުކުންނަންޖެހޭ ވަގުތު ފަސްކޮށްދެވޭނީ އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
- ދަތުރުމަތީގައި (ޓްރާންސިޓް ވަގުތު ހިމެނޭގޮތުން) 6 (ހައެއް) ގަޑިއިރު ނުވަތަ އެޔަށް ވުރެ ގިނައިރު ހޭދަވުން؛
- ދިވެހިރާއްޖެ އާދެވޭ ވަގުތަކީ، ރޭގަނޑު 7:00 (ހަތެއް) ގެ ފަސްކަމުގައިވުން.
72 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުމާއި ތަމްރީނު ޕްލޭން
އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމަށް އެކަށައަޅާ ތަމްރީނު ޕްލޭނުގައި ހިމެނޭ ދާއިރާތަކުގެ ތަމްރީނުތަކަށް އަންނަނިވި ގޮތުގެ މަތީން މުވައްޒަފުންނަށް ފުރުސަތު ދިނުމުގައި އަމަލުކުރެވޭނެއެވެ.
(ހ) އަސާސީ މުސާރައާ އެއްވަރުގެ އެލަވަންސެއް ލިބޭގޮތަށް އަހަރެއްގެ ތެރޭގައި އޮފީހުން މުވައްޒަފުން ވީއްލުމަށް ފުރުސަތު ދެވޭނެ އަދަދާއި ދާއިރާތައް އިއުލާނުކުރުން.
(ށ) މުވައްޒަފުން ތަމްރީނުކުރުމަށް އޮފީހުން ފުރުސަތު ހުޅުވައިލުމުން އެކަމަށް އެދި ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން، އޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން މުވައްޒަފުންނަށް ފުރުސަތު ދިނުން.
(ނ) މި މާއްދާއާ އެއްގޮތަށް ތަމްރީނު ޕުރޮގުރާމުގައި އޮފީހުގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތު ލިބޭ މުވައްޒަފުން، އޮފީހަށް ހިދުމަތްކުރުމަށް ބޮންޑުކުރުން.
73 ވަނަ މާއްދާ - ކިޔެވުމަށް ޓަކައި މުސާރައާ އެއްވަރު އެލަވަންސް ލިބޭގޮތަށް މުވައްޒަފުން ވީއްލުން
(ހ) މުވައްޒަފު އަދާކުރާ މަގާމާ ގުޅޭ ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމަށް އެކަށައަޅާ ތަމްރީނު ޕްލޭނުގައި ހިމަނައިފައިވާ ދާއިރާގެ މުވައްޒަފު އަމިއްލައަށް ހޯދާ ތަމްރީނުތަކަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ލިބޭގޮތަށް، ތިރީގައިމިވާ ގޮތުގެ މަތީން މުވައްޒަފުން ވީއްލިދާނެއެވެ.
- އެންމެ ދިގުވެގެން 1 (އެކެއް) އަހަރުދުވަހަށް ދޫކުރުން؛
- މުސާރައާ އެއްވަރުގެ އެލަވަންސް ލިބޭގޮތަށް ދެވޭ ޗުއްޓީއަށް، ތަމްރީނު ޕުރޮގުރާމު ފެށުމުގެ ކުރިން އެދިފައިވުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފަށް ދިނުމާމެދު ގޮތެއް ނިންމާނީ، ބަންޑާރަނައިބުގެ މަށްވަރާޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުސާރައާ އެއްވަރުގެ އެލަވަންސް ލިބޭ ޗުއްޓީ ދޭ މުވައްޒަފުންގެ މަގާމު ރިޒާވު ކުރެވޭނެއެވެ.
74 ވަނަ މާއްދާ - ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުން
(ހ) މުވައްޒަފު އަދާކުރާ މަގާމާ ގުޅޭ ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމަށް އެކަށައަޅާ ތަމްރީނު ޕްލޭނުގައި ހިމަނައިފައިވާ ދާއިރާގެ ތަމްރީނުތަކަށް، މުސާރަ ނުލިބޭގޮތަށް، ތިރީގައިމިވާ ގޮތުގެ މަތީން މުވައްޒަފުން ވީއްލިދާނެއެވެ.
- އެންމެ ދިގުވެގެން 1 (އެކެއް) އަހަރުދުވަހަށް ދޫކުރުން؛
- މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީއަށް، ތަމްރީނު ޕުރޮގުރާމު ފެށުމުގެ ކުރިން އެދިފައިވުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފަށް ދިނުމާމެދު ގޮތެއް ނިންމާނީ، ބަންޑާރަނައިބުގެ މަށްވަރާޔާއެކު، ސެކްރެޓަރީ ޖެނެރަލެވެ.
75 ވަނަ މާއްދާ - ތަމްރީނު ޕުރޮގުރާމުތަކަށް ދޫކުރުމުގެ އިދާރީ އިންތިޒާމު ހަމަޖެއްސުން
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ދޫކުރުމާއި، އެ މުވައްޒަފުން ވަގުތީގޮތުން ވަޒީފާއިން ވަކިކުރުމާއި، އެނބުރި އައުމުން ވަޒީފާ ދިނުން ފަދަ އިދާރީ އިންތިޒާމުތައް، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ހަމަޖައްސަންވާނެއެވެ.
(ށ) މުވައްޒަފު ތަމްރީނުގައި ހުންނަ މުއްދަތުގައި، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ބަދަލު އިންތިޒާމު އެ އިދާރާއަކުން ހަމަޖައްސަންވާނެއެވެ.
76 ވަނަ މާއްދާ - ތަމްރީނު ފުރިހަމަކުރުމަށްފަހު އޮފީހަށް ރިޕޯޓުކުރުން
(ހ) ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން ތަމްރީނުތަކުގައި ބައިވެރިކުރާ މުވައްޒަފުން، އެ މުވައްޒަފަކު ބައިވެރިކުރާ ތަމްރީނެއް ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައި ތަމްރީނުކުރާ މުވައްޒަފެއް ނަމަ، ތަމްރީނު ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، އޮފީހަށް އެކަން އަންގަންވާނެއެވެ. މި މުއްދަތު ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ށ) ބޮންޑުކޮށްގެން ދިވެހިރާއްޖެއިން ބޭރުން ތަމްރީނު ފުރިހަމަކުރާ މުވައްޒަފުން، ތަމްރީނު ނިންމުމަށްފަހު އެނބުރި އޮފީހަށް ރިޕޯޓުކުރާ ދުވަހު، ތަމްރީނު ޕުރޮގުރާމުގެ ސެޓުފިކެޓު އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޮފީހަށް ރިޕޯޓުކުރާ ތާރީހުގައި، ސެޓުފިކެޓު ލިބިފައި ނުވާ ނަމަ، ކިޔެވި މަރުކަޒުން ނުވަތަ ތަމްރީނު ހިންގި ފަރާތުން، އެ މުވައްޒަފަކު އެ ތަމްރީނެއް ފުރިހަމަކުރިކަމުގެ ލިޔުމެއް ހޯދައި، އޮފީހަށް އެ ލިޔުން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ލިޔުމުގައި، ތަމްރީނުގެ ހުރިހައި ބައިތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކުރިކަން އެނގެން އޮންނަންވާނެއެވެ.
(ނ) ތަމްރީނު ޕުރޮގުރާމުގެ މޮޑިއުލްތަކުގެ ނުވަތަ ސެމިސްޓަރތަކުގެ ނަތީޖާ އަންގައިދޭ ލިޔެކިޔުމަކީ، މި މާއްދާގެ (ށ) ގެ ބޭނުމަށް، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރިކަމުގެ ލިޔުމެއްގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެއް ނޫނެވެ.
77 ވަނަ މާއްދާ - ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމާ ގުޅިގެން އޮފީހަށް ހިދުމަތްކުރުން
(ހ) ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ހިންގާ ތަމްރީނު ޕުރޮގުރާމުތަކުގައި، އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުން ތަމްރީނު ދެވުނު މުއްދަތުތަކާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތު ކަނޑައަޅާނީ، ގާނޫނު ނަންބަރު 1976-29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައި ހިންގާ ތަމްރީނު ޕުރޮގުރާމުތަކުގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުންނާއި، ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައި ހިންގާ ތަމްރީނު ޕުރޮގުރާމުތަކުގައި އޮފީހުގެ ފަރާތުން ނޮމިނޭޓްކޮށްގެން ބައިވެރިވާ މުވައްޒަފުން، ތަމްރީނު ޕުރޮގުރާމުތަކުގެ މުއްދަތުތަކާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތު ކަނޑައަޅާނީ، ގާނޫނު ނަންބަރު 1976-29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންޑާރަނައިބުގެ އޮފީހަށް ހިދުމަތްކުރުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ އުސޫލެއް، މި ގަވާއިދުގެ ދަށުން އެކުލަވައިލައި، އޮފީހުގެ އެތެރޭގައި އާންމު ކުރަންވާނެއެވެ.
78 ވަނަ މާއްދާ - ބޮންޑު އެގްރީމެންޓާ އެއްގޮތަށް އޮފީހަށް ހިދުމަތްނުކުރާ ހާލަތުގައި އަމަލުކުރަންވީ ގޮތް
މި ގަވާއިދުގެ 77 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ހިދުމަތްކުރަންޖެހޭ މުވައްޒަފުންނާއެކު، ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު އެނބުރިއައިސް އޮފީހަށް ހިދުމަތްކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގައި، ތަމްރީނު ޕުރޮގުރާމު ފެށުމުގެ ކުރިން ސޮއިކުރަންވާނެއެވެ.
79 ވަނަ މާއްދާ - އޮފީހުގެ ފަރާތުން ތަމްރީނުދޭ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
ތަމްރީނު ޕުރޮގުރާމެއްގައި މުވައްޒަފަކު ބައިވެރިވެއްޖެ ނަމަ، އެ ތަމްރީނު ޕުރޮގުރާމާ ގުޅޭ މައުލޫމާތު، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނުން، މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބަލަހައްޓަމުން ގެންދަންވާނެއެވެ.
ނުވަވަނަ ބާބު
ބަންޑާރަނައިބުގެ އޮފީހުގެ ކޮމިޓީތައް
80 ވަނަ މާއްދާ - ކޮމިޓީގެ ބާވަތްތައް
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން ނުވަތަ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ، ކަމާބެހޭ ކޮމިޓީއަކުންނެވެ.
(ހ) ހިއުމަން ރިސޯސް ކޮމިޓީ (އެޗް.އާރު. ކޮމިޓީ)
(ށ) ހާއްސަ ގާނޫނަކުން، ވަޒީފާދޭ ފަރާތުގެ މައްޗަށް އުފައްދަން ލާޒިމުކުރާ، މި ގަވާއިދުގެ 86 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ކޮމިޓީތައް.
81 ވަނަ މާއްދާ - ހިއުމަން ރިސޯސް ކޮމިޓީ
ބަންޑާރަނައިބުގެ އޮފީހުގެ ހިއުމަން ރިސޯސް ކޮމިޓީއަކީ، މި ގަވާއިދު ތަންފީޒުކޮށް، މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުމާއި، މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތް ކުރުމަށް ޓަކައި، އޮފީހުގެ މުވައްޒަފުންގެ ތެރެއިން ބަންޑާރަނައިބު އުފައްދާ ކޮމިޓީއެކެވެ.
82 ވަނަ މާއްދާ - ކޮމިޓީ އުފެއްދުމާއި ކޮމިޓީ އެކުލެވިގެންވާ ގޮތް
(ހ) އެޗް.އާރު. ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
- ސެކްރެޓަރީ ޖެނެރަލް؛
- ލީގަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ސުޕަވައިޒަރީ ލެވެލްގެ 3 (ތިނެއް) މުވައްޒަފުން؛
- ލީގަލް ސަޕޯޓް ސަރވިސް ލެވެލްގެ މުވައްޒަފުންގެ ތެރެއިން ސުޕަވައިޒަރީ ލެވެލްގެ 3 (ތިނެއް) މުވައްޒަފުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން ކަނޑައެޅުމަށް ޓަކައި އެ ކަމަށް ކުރިމަތިލުމަށް ހުޅުވައިލަންވާނެއެވެ. އަދި އެކަމަށް ނޮމިނޭޓްކުރުމުގެ ފުރުސަތު، ޑިވިޒަންތަކުގެ އިސް ވެރީންނަށް ދޭންވާނެއެވެ.
(ނ) އެޗް.އާރު. ކޮމިޓީގެ ޗެއަރޕަރސަނަކީ، ސެކްރެޓަރީ ޖެނެރަލެވެ. ސެކްރެޓަރީ ޖެނެރަލް މަގާމުގެ ދައުރު ހަމަވަންދެން ނުވަތަ މަގާމުން އިސްތިއުފާ ދެންދެން ނުވަތަ ވަޒީފާއިން ވަކިކުރެވެންދެން ކޮމިޓީގެ ޗެއަރޕަރސަންގެ ގޮތުގައްޔާއި މެންބަރެއްގެ ގޮތުގައި ދެމިހުންނާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން ކަނޑައަޅާނީ، ކުރިމަތިލާ ނުވަތަ ނޮމިނޭޓްކުރެވޭ މުވައްޒަފުންގެ ތެރެއިން، ސެކްރެޓަރީ ޖެނެރަލްގެ މަށްވަރާގެ މަތީން، ބަންޑާރަނައިބެވެ.
83 ވަނަ މާއްދާ - މެންބަރުންގެ ދައުރު
(ހ) އެޗް.އާރު. ކޮމިޓީގެ މެންބަރުންގެ ތެރެއިން، ސެކްރެޓަރީ ޖެނެރަލް ފިޔަވައި އެހެން މެންބަރުން އައްޔަނުކުރެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޗް.އާރު. ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރާ މެންބަރުންގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އައްޔަނުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) އެއްވެސް ސަބަބަކާ ގުޅިގެން އެޗް.އާރު. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ހުސްވާ މަގާ މަށް އައްޔަނުކުރާ މެންބަރުގެ ދައުރަކީ، އެ ދައުރުގެ ބާކީ އޮންނަ މުއްދަތެވެ.
84 ވަނަ މާއްދާ - ކޮމިޓީގެ ވައިސ-ްޗެއަރޕަރސަން
އެޗް.އާރު. ކޮމިޓީގެ ވައިސ-ްޗެއަރޕަރސަން ހޮވާނީ، ކޮމިޓީގެ މެންބަރުން ވޯޓު ލައިގެންނެވެ. އެޗް.އާރު. ކޮމިޓީގެ ޗެއަރޕަރސަނަށް ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭ ހާލަ ތެއްގައި، އެޗް.އާރު. ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެ ނަމަ، އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، އެޗް.އާރު. ކޮމިޓީގެ ވައިސ-ްޗެއަރޕަރސަނެވެ.
85 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމް
ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެންނެވެ.
86 ވަނަ މާއްދާ - ކޮމިޓީގެ މަސައްކަތްތަކާއި އިހުތި ސާސް
(ހ) ކޮމިޓީގެ މަސައްކަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އޮފީހުގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ލިބޭ ށަކުވާތައް ބަލައި، އެކަމުގައި ކުރިޔަށްދާނެ ގޮތުގެ ލަފ،ާ ސެކްރެޓަރީ ޖެނެރަލަށް ދިނުން؛
- އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި، މުވައްޒަފުން އުޅޭހިތްވާ، އެކަކު އަނެކަކުގެ އިހުސާސްތައް ދަނ،ެ އެކަކު އަނެކަކަށް އަޅައިލާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން؛
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ލިބޭ ށަކުވާތައް ބެލުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ކުރިޔަށްގެންދާކަން ކަށަވަރުކުރުން؛
- މުވައްޒަފުންގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ށަކުވާތަކާއި، މުވައްޒަފުންނާ ގުޅިގެން ކޮމިޓީއަށް ހުށަ ހަޅާ ށަކުވާތައް ތަހްގީގުކޮށް ބަލައި ގޮތެއް ކަނޑައެޅުން؛
- މި ގަވާއިދުގެ ދަށުން ހަދަންޖެހޭ، މުވައްޒަފުންނާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި ސެކްރެޓަރީ ޖެނެރަލަށް އެހީތެރިވެދިނުން؛
- މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން މަސައްކަތް ކުރިޔަށްގެންދާކަން ކަށަވަރުކުރުމުގެ ގޮތުން ކޮމްޕަލަޔަންސް އޮޑިޓްތަކާއި ސްޕޮޓް ޗެކްތައް ގަވާއިދުން ހަދައި، އެ ކަންކަމުގެ މައުލޫމާތު، ސެކްރެޓަރީ ޖެނެރަލަށް ދިނުން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ވަޒީފާގެ ފަންތި ދަށްކުރުމާއި، ސަސްޕެންޑުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ބަލައި، އެ ކަންކަމުގައި ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުން؛
- ބަންޑާރަނައިބު ނުވަތަ ސެކްރެޓަރީ ޖެނެރަލް އެ ކޮމިޓީއަށް ހުށަހަޅާ ކަންކަމުގައި ފެންނަގޮތުގެ ލަފާދިނުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ، ތިރީގައި ބަޔާންކޮށްފައިވާ މައްސަލަތައް ބެލުމުގެ އިހުތިސާސް، އެޗް.އާރު. ކޮމިޓީއަށް ލިބިގެނެއް ނުވެއެވެ.
- ގާނޫނު ނަންބަރު 2014-26 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހަޅަންޖެހޭ މައްސަލަތައް؛
- ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އޮފީހުގައި މައުލޫމާތު ބަލައިގަތުމަށް ގާއިމުކޮށްފައިވާ ކޮމިޓީއަކަށް ނުވަތަ ފަރާތަކަށް ނުވަތަ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅަންޖެހޭ ށަކުވާތައް؛
- ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ށަކުވާ ހުށަހެޅުމުގެ ވަކި ނިޒާމެއް އޮފީހުގައި ގާއިމުކޮށްފައިވާ ނަމަ، އެ ނިޒާމެއްގެ ތެރެއިން ހުށަހަޅަންޖެހޭ ށަކުވާތައް؛
- ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން ހެލްތު އެންޑް ސޭފްޓީ އޮފިސަރަށް ހުށަހަޅަންޖެހޭ މައްސަލަތައް؛
- މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން، އޮފީހުގައި ވަކި ހާއްސަ ކޮމިޓީއެއް އުފައްދައިގެން ނުވަތަ ވަކި އޮފިސަރަކު ނުވަތަ މުވައްޒަފަކު އައްޔަނުކޮށްގެން ބެލުން ގާނޫނަކުން ލާޒިމުކުރާ އެހެނިހެން މައްސަލަތައް.
87 ވަނަ މާއްދާ - މަސްލަހަތު ފުށު އެރުން
ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިޓީން ބެލުމުގައި ނުވަތަ އެ މައްސަލައެއްގެ މަށްވަރާއެއްގައި ނުވަތަ އެ މައްސަލައިގައި ގޮތެއް ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިޓީން ބަލާ މައްސަލައަކީ، ކޮމިޓީގެ މެންބަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސް، އެކަން އެނގޭ ވަގުތުން ފެށިގެން އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް އޮތް މައްސަލައެއްކަން ކޮމިޓީއަށް ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުން ނިންމުމުން އެ މެންބަރަކު ތަނާޒުލްވާންވާނެއެވެ.
88 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން
ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ، ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުނުވެވޭ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ކޮމިޓީގެ ޗެއަރޕަރސަނަށް އެކަން އަންގަންވާނެއެވެ.
89 ވަނަ މާއްދާ - ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުން
އެޗް.އާރު. ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް އިތުރު މެންބަރަކު، މި ގަވާއިދުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތާ އެއްގޮތަށް އައްޔަނު ކުރަންވާނެއެވެ.
90 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއެޓާއި ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތުތައް
(ހ) އެޗް.އާރު. ކޮމިޓީގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ކޮމިޓީގެ ސެކްރެޓޭރިއެޓުންނެވެ. ކޮމިޓީގެ ސެކްރެޓޭރިއެޓަކީ، އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނެވެ.
(ށ) ކޮމިޓީގެ ސެކްރެޓޭރިއެޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
- ކޮމިޓީގެ ޗެއަރޕަރސަންގެ މަށްވަރާގެ މަތީން، ކޮމިޓީގެ ބައްދަލުވުންތައް، ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
- ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެހެނިހެން ލިޔެކިޔުން ބެލެހެއްޓުން؛
- ކޮމިޓީން ނިންމާ ނިންމުންތަކާ ގުޅޭ ލިޔެކިޔުން ބަލަހައްޓައި، ފުރިހަމަކޮށް ފައިލުކުރުން؛
- ކޮމިޓީން ސެކްރެޓޭރިއެޓާ ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން.
91 ވަނަ މާއްދާ - ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ހޯދުން
(ހ) އެޗް.އާރު. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ޓަކައި މުވައްޒަފުންނާއި އެނޫންވެސް ފަރާތްތައް ހާޒިރުކުރުމާއި، ބަޔާން ނެގުމާއި، ލިޔެކިޔުމާއި އެނޫންވެސް ހެއްކާއި ގަރީނާ ހޯދުމާއި، މައްސަލައިގެ ހަގީގަތް ހޯދައި ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ.
(ށ) ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީއަށް ބޭނުންވާ މައުލޫމާތު، އޮފީހުގެ ޑިވިޒަންތަކުންނާއި ސެކްށަންތަކުންނާއި ޔުނިޓުތަކުން ފޯރުކޮށްދޭންވާނެއެވެ.
92 ވަނަ މާއްދާ - ކޮމިޓީގެ ނިންމުމަށް އަމަލުކުރުމާއި އިލްތިމާސްކުރުން
(ހ) އެޗް.އާރު. ކޮމިޓީން ނިންމާ ނިންމުމެއް ނިންމާތ،ާ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ނިންމުމެއް އެޑްވައިޒަރީ ބޯޑަށް އިލްތިމާސްކުރުމުގެ ހައްގު، އެ ނިންމުމެއްގެ ރައްދުވާ މުވައްޒަފަކަށް
ލިބިގެންވެއެވެ.
(ށ) އެޗް.އާރު. ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރާނީ، އޮފީހުގެ ކަމާބެހޭ ޑިވިޒަންތަކުންނެވެ. އަދި މި މާއްދާގެ (ހ) ގެ ދަށުން އެޑްވައިޒަރީ ބޯޑަށް އިލްތިމާސެއް ހުށަހަޅައިފައިވާ ނަމަ، އެޗް.އާރު. ކޮމިޓީގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަންވާނެއެވެ.
93 ވަނަ މާއްދާ - އެޗް.އާރު. ކޮމިޓީއާ ބެހޭގޮތުން ހުށަހެޅޭ މައްސަލަ ބެލުން
އެޗް.އާރު. ކޮމިޓީއާ ގުޅޭގޮތުންނާއި، އެ ކޮމިޓީގެ ވަކިވަކި މެންބަރުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ބަލާނީ އެޑްވައިޒަރީ ބޯޑުންނެވެ.
94 ވަނަ މާއްދާ - އެޗް.އާރު. ކޮމިޓީ ހިންގާނެ ގޮތުގެ އުސޫލުތައް އެކުލަވައިލުން
އެޗް.އާރު. ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށްގެންދާނެ ގޮތުގެ އުސޫލުތައް އެކުލަވައިލުމުގެ ބާރު، އެ ކޮމިޓީއަށް ލިބިގެންވެއެވެ.
ދިހަވަނަ ބާބު
އެޑްވައިޒަރީ ބޯޑު
95 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑު
(ހ) ބަންޑާރަނައިބުގެ އޮފީހުގެ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ ބަންޑާރަނައިބު ހިމެނޭގޮތުން، އަންނަނިވި މެންބަރުގެ މައްޗަށެވެ.
- ޑެޕިއުޓީ އެޓަރނީ ޖެނެރަލް؛
- ސެކްރެޓަރީ ޖެނެރަލް
- ސޮލިސިޓަރ ޖެނެރަލް؛
- އެސޯސިއޭޓް އެޓަރނީ ޖެނެރަލް؛
- އެސިސްޓަންޓް އެޓަރނީ ޖެނެރަލް؛
- އޮފީހުގެ ލީގަލް މެނޭޖަރސް ގިންތީގެ 2 (ދޭއް) މުވައްޒަފުން؛
- އޮފީހުގެ އެޑްމިނިސްޓްރޭށަން މެނޭޖަރސް ގިންތީގެ 1 (އެކެއް) މުވައްޒަފު.
(ށ) އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ.
96 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތައް
އެޑްވައިޒަރީ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ބަންޑާރަނައިބުގެ އޮފީހުން ކަނޑައަޅަންޖެހ،ޭ މުވައްޒަފުންނާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ ޕްރޮމޯށަން ދިނުމުގެ އުސޫލުގެ ދަށުން، ކޮންމެ އަހަރަކު ޕްރޮމޯށަން ދެވޭނެ ދާއިރާތަކާއި އަދަދުތައް ކަނޑައެޅުމާއި، ޕްރޮމޯށަނާ ގުޅޭގޮތުން މުވައްޒަފުން ހުށަހަޅާ ށަކުވާތައް ބެލުން.
(ނ) އެޗް.އާރު. ކޮމިޓީން ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ބޯޑަށް އިލްތިމާސްކުރެވޭ މައްސަލަތައް ބަލައި ގޮތެއް ނިންމުން.
(ރ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި އުސޫލެއް އެކުލަވައިލަން ޖެހިއްޖެ ނަމަ ނުވަތަ މި ގަވާއިދަށް ނުވަތަ މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލަކަށް އިސްލާހެއް ގެންނަން ޖެހިއްޖެ ނަމަ، އެފަދަ އިސްލާހުތައް ގެނައުމާ ގުޅޭގޮތުން ބަންޑާރައިނައިބަށް ލަފާދިނުން.
(ބ) މި ގަވާއިދުގައި އެޑްވައިޒަރީ ބޯޑުން ކުރަންޖެހޭ ކަންތައްތައް ކަމުގައި ކަނޑައަޅައިފައިވާ އެހެނިހެން ކަންކަން ކުރުމާއި، ބަންޑާރަނައިބު ލަފަޔަކަށް އެދޭ ކަންކަމުގައި ލަފާދިނުން.
97 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން
އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ބޯޑުގެ އެނޫންވެސް ކަންކަން ކުރިޔަށްގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރު އެ ބޯޑަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
ވަޒީފާއާބެހޭ މައްސަލަތައް ބެލުމާއި، އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުން
98 ވަނަ މާއްދާ - މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިސްކަންދިނުން
އެޗް.އާރު. ކޮމިޓީއަށާއި އެޑްވައިޒަރީ ބޯޑަށް މުވައްޒަފުންގެ ފަރާތުން ހުށަހަޅާ ށަކުވާތައް ބަލައި ގޮތެއް ކަނޑައެޅުމުގައި، އެ މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިސްކަންދޭންވާނެއެވެ.
99 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންނުކުރާހައި ހިނދަކު، މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ސުލޫކާ ގުޅުންހުރި މައްސަލަތައް ހުށަހަޅާނީ އެޗް.އާރު. ކޮމިޓީއަށެވެ.
(ށ) މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަހުލާގީ މިންގަނޑުތަކަށް ތަބާނުވާ ނަމަ އަދި އެ މައްސަލައަކީ، އެޗް.އާރު. ކޮމިޓީން ގޮތެއް ނިންމަންޖެހޭ ފަދަ މައްސަލައެއް ކަމަށް ފެންނަ ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަ ބަލައިދިނުމަށް، އެ މުވައްޒަފަކު މަސައްކަތްކުރާ ޑިވިޒަނަކުން އެ މައްސަލައެއް އެޗް.އާރު. ކޮމިޓީއަށް ހުށަހެޅުމަށް ޓަކައި، ސެކްރެޓަރީ ޖެނެރަލަށް ފޮނުވަންވާނެއެވ.
100 ވަނަ މާއްދާ - އިދާރީ ތަހުގީގު މަރުހަލާގައި އޮފީހަށް ނުކުތުން މަނާކުރުން
(ހ) އަންނަނިވި ހާލަ ތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކާ ގުޅިގެން އޮފީހުން އިދާރީ ތަހުގީގު ކުރިޔަށްގެންދާ
މަރުހަލާގައި އެ މުވައްޒަފަކު އޮފީހަށް ނުކުތުން ވަގުތީގޮތުން މަނާކުރުމަށް އެޗް.އާރު. ކޮމިޓީއަށް ނިންމިދާނެއެވެ.
- އެ މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވަން ނުވަތަ ހެކި ނައްތައިލަން މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި؛
- އެ މުވައްޒަފަކު ވަޒީފާއަށް ނުކުމެ އުޅުމުން އޮފީހަށް ނުވަތަ އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ
މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި؛ - މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް އެންގުމަށް މަގްބޫލު އެހެން ސަބަބެއް އޮތްކަމަށް އެޗް.އާރު. ކޮމިޓީއަށް ފެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފުގެ މައްސަލ،ަ މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމުމަށްފަހު ނުވަތަ މައްސަލަ ބަލާ ނުނިމެނީސް އަލުން އޮފީހަށް ނެރެން ބޭނުންވެއްޖެ ހާލަތެއްގައި އެޗް.އާރު. ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މުވައްޒަފަކަށް އޮފީހަށް ނުކު ންނަން އަންގައި، އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެނެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ މުއްދަތު ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ރ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރެވޭނެ އެންމެ ދިގު މުއްދަތަކީ، 45 (ސާޅީސް ފަހެއް) ދުވަހެވެ.
(ބ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ މުއްދަތުގައި މުވައްޒަފަށް އުޖޫރަ ދޭންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކުރުމަކީ، މުވައްޒަފާމެދު އަޅާ އިސްލާހީ ފިޔަވަޅެއް ކަމުގައެއް ނުބެލެވޭނެއެވެ.
101 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު
(ހ) އެޗް.އާރު. ކޮމިޓީން ބަލާ ކޮންމެ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލައި ނިންމާއިރު އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓެއް ކޮމިޓީން އެކުލަވައިލަންވާނެއެވެ. އަދި އެ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ހުށަހެޅުނު ގޮތާއި، ހުށަހެޅުނު މައްސަލައިގެ ހުލާސާ؛
- ކޮމިޓީން މައްސަލަ ބަލައިގަތުމާމެދު ނިންމި ނިންމުމާއި، އެ ނިންމުމަށް ވާސިލުވި ސަބަބުތައް؛
- މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ މުވައްޒަފަށް ނުވަތަ މުވައްޒަފުންނަށް ފުރުސަތު ދެވުނު ގޮތާއި، މައްސަލަ ތަހުގީގުކުރުމުގައި ހިންގުނު އެނޫންވެސް އިޖުރާތުތައް؛
- މައްސަލަ ރައްދުވާ މުވައްޒަފު ނުވަތަ މުވައްޒަފުންގެ ފަރާތުން ދިފާއުގައި ފާހަގަކުރި ކަންކަން؛
- މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކުރި ލިޔެކިޔުންތަކާއި، ބަޔާންތަކާއި، އެނޫންވެސް ހެއްކާއި ގަރީނާ؛
- މައްސަލައާ ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި، ކޮމިޓީގެ ނިންމުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު އެ ނިންމުމެއް ނިންމާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ރައްދުވާ މުވައްޒަފަކަށް ލިޔުމުން ހަވާލުކުރަންވާނެއެވެ.
102 ވަނަ މާއްދާ - ޖަވާބުދާރީވުމަށް ފުރުސަތު ދިނުން
(ހ) މަސައްކަތުގެ އަހުލާގާއި ސުލޫކާ ގުޅުންހުރި ކޮންމެ މައްސަލައެއް އެޗް.އާރު. ކޮމިޓީން ބެލުމުގައި، އެ މައްސަލައެއް ރައްދުވާ ކޮންމެ މުވައްޒަފަކަށް، އެ މުވައްޒަފަކު ދިފާއުގައި ފާހަގަކުރަން ބޭނުންވާ ކަންތައްތައް ފާހަގަކުރުމުގެ އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މުވައްޒަފަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގައި، ކޮމިޓީން ބަލަމުންއަންނަ މައްސަލައިގެ ތަފުސީލާއި، މުވައްޒަފަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލު އޭރަކު ދެވެން ހުރި މިންވަރަކަށް ލިޔުމުން އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ނ) މައްސަލަ ރައްދުވާ މުވައްޒަފު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީން އެ މުވައްޒަފާ ކުރަން ބޭނުންވާ ސުވާލުތައްކޮށް މުވައްޒަފުގެ ބަޔާން ނެގުމަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، ލިޔުމުން ޖަވާބު ހުށަހެޅުމާއި، ކޮމިޓީއަށް ހާޒިރުވެ އަނގަބަހުން ޖަވާބުދާރީވުމާއި، ޖަވާބުދާރީވުމުގައި ގާނޫނީ ވަކީލަކު ނުވަތަ އެނޫންވެސް ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ އިހުތިޔާރު، މުވައްޒަފަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ ދަށުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ދެވޭނެ އެކަށީގެންވާ މުއްދަތުތައް ކަނޑައެޅުމުގެ އިހުތިޔާރު، އެޗް.އާރު. ކޮމިޓީއަށް ލިބިގެންވެއެވެ.
103 ވަނަ މާއްދާ - މުވައްޒަފާމެދު ފިޔަވަޅު އެޅިދާނެ އަމަލުތަކުގެ ދަރަޖަތައް
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކަށް ބަލައި، މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅިދާނެ ނުވަތަ ވަޒީފާއިން ވަކިކުރެވިދާނެ ފަދަ އަމަލުތަކުގެ ކުޑަބޮޑުމިނަށް ބަލައި، އެފަދަ އަމަލުތައް ދަރަޖަކުރެވިފައިވާ ގޮތް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އެއްވަނަ ދަރަޖައިގެ އަމަލުތައް؛
- ދެވަނަ ދަރަޖައިގެ އަމަލުތައް؛
- ތިންވަނަ ދަރަޖައިގެ އަމަލުތައް.
(ށ) އެއްވަނަ ދަރަޖައިގެ އަމަލުތަކަކީ، ނަސޭހަތްދީގެންނާއި އެ ކަމަކަށް އެކަށީގެންވާ އެ ނޫންވެސް ފިޔަވަޅު އަޅައިގެން މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދެވޭނެ އަމަލުތަކެވެ. އެގޮތުން، މުވައްޒަފާމެދު ފިޔަވަޅު އެޅިދާނެ ފަދަ އަމަލުތަކުގެ ތެރެއިން، އެއްވަނަ ދަރަޖައިގެ އަމަލުތަކަށް ފެތޭ ކަންތައްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި، ވަޒީފާގެ ޒިންމާ ނޫފުލުމާއި، ހަވާލުކުރާ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުނިންމުން؛
- ކަނޑައަޅައިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރުނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް
ބުރޫއެރުން؛ - މަސައްކަތުގެ ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުން؛
- މަސައްކަތުގެ ދާއިރާގައި މުވައްޒަފަށް އަންގާ އެންގުންތަކަށް ކިޔަމަންތެރިނުވުން؛
- ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އޮފީހުގެ ހުއްދަނެތި ބޭރުގައި އުޅުމާއި، ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ވަގުތު ހޭދަކުރުމާއި، ވަގުތު ބޭކާރުކުރުން؛
- ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެން ވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި، އޮޅުވައިލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަގޮތުގައި ބޭނުންކުރުން؛
- މުޖުތަމައުގެ އަހުލާގީ އާންމު މިންގަނޑަށް ވުރެ ދަށް ފަންތީގެ އަމަލުތައް އޮފީހުގައި ހިންގުމާއި، ވާހަކަދެއްކުމުގައްޔާއި މުހާތަބުކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން؛
- އޮފީހުގެ އުޅަނދެއް ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި ގަވާއިދުތަކާ ހިލާފުވުން؛
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން؛
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ ފަދަ މަސައްކަތްތައް ނުކުރުން؛
- ވަޒީފާ އަދާކުރުމުގައި މަސައްކަތަށް އިހުމާލުވުން ނުވަތަ ފަރުވާ ކުޑަކުރުން.
(ނ) ދެވަނަ ދަރަޖައިގެ އަމަލުތަކަކީ، އިސްލާހުވުމަށް ފުރުސަތުދިނުމަށްފަހު ވެސް އެ ކަމެއް ތަކުރާރުވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ އަމަލުތަކެވެ. އެގޮތުން، މުވައްޒަފާމެދު ފިޔަވަޅު އެޅިދާނެ ފަދަ އަމަލުތަކުގެ ތެރެއިން، ދެވަނަ ދަރަޖައިގެ އަމަލުތަކަށް ފެތޭ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މި ގަވާއިދާއި، ޖަދުވަލު 1 ގައިވާ "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު" އާއި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ 1-15 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަންޑާރަނައިބު ކަނޑައަޅާ އުސޫލުތަކާއި މުވައްޒަފުން އަމަލުކުރުމަށް އެކުލަވައިލައިފައިވާ އާންމު އުސޫލުތަކާއި ސަރކިއުލަރތަކާއި އޮފީހުގެ އެނޫންވެސް އެންގުންތަކާ ހިލާފުވުން ނުވަތަ އެއިން ކަމަކަށް އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން އެއިން ކަމަކާ ހިލާފުވުން؛
- ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން އެކަށީގެންވާ ސަބަބެއްނެތި މަސައްކަތް ނުކުރުން ނުވަތަ މަސައްކަތް ކުރުމުގައި އިހުމާލުވުން؛
- ކަނޑައަޅައިފައިވާ މަސައްކަތުގަޑި ނިމުމުގެ ކުރީން ހުއްދަނެތި އޮފީހުން ދިޔުން؛
- އެއްބަސްވެފައިވާ ގޮތުގެ މަތީން، މަސައްކަތު ގަޑީގެ އިތުރުން އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން
އެކަމަށް އިންކާރުކުރުން؛ - މި ގަވާއިދުގައިވާ ގޮތުގެ މަތީން، އޮފީހަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން؛
- ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން؛
- މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް ގަސްތުގައި ހާމަނުކުރުން؛
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ނުވަތަ ހާނީއްކައެއް ވެދާނެ ފަދަ އަމަލެއްކުރުން؛
- މިނޫން ކަންކަމުގެ އިތުރުން، އެއްވަނަ ދަރަޖައިގެ އަމަލަކާ ގުޅިގެން ފިޔަވަޅު އެޅުމުން ވެސް އިސްލާހުނުވެ، އެ އަމަލެއް ތަކުރާރުކުރުން.
- ދައުލަތާއި، ސަރުކާރާއި، އޮފީހާމެދު އާންމުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރުން.
(ރ) މި މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އޮފީހުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ގެއްލިއްޖެ ނަމަ، އެ މުވައްޒަފަކާމެދު އިދާރީ އިސްލާހީ ފިޔަވަޅު އެޅުމުގެ އިތުރުން، އެ ވަސީލަތެއް ހޯދުމަށް ކޮށްފައިވާ ހަރަދުގެ ބަދަލު މުވައްޒަފު ދޭންވާނެއެވެ.
(ބ) ތިންވަނަ ދަރަޖައިގެ އަމަލުތަކަކީ، އެ ކަމެއް ކުރާ ފުރަތަމަ ފަހަރުން ވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ފަދަ ކަންތައްތަކެވެ. ތިންވަނަ ދަރަޖައިގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މި ގަވާއިދުގައި ހިމެނޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއްވެސް ސަބަބެއް ނާންގައި ވިދިވިދިގެން 5 (ފަހެއް) ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުވަތަ އަހަރެއްގެ ތެރޭގައި 15 (ފަނަރަ) ދުވަހު އޮފީހުގެ މަސައްކަތަށް ނުނިކުމެ ހުރުން؛
- ދައުލަތުގެ އޮފީހެއްގެ ލިޔެކިޔުމެއް ގެ ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވައިލުން ނުވަތަ ބަދަލުކުރުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރުން ނުވަތަ ދޫކުރުން ނުވަތަ ބޭރުކުރުން ނުވަތަ ކޮޕީހެދުން ނުވަތަ ރިކޯޑުކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނު ން ނުވަތަ މިއިން ކަމެއް ކުރުމުގައި ބައިވެރިވުން؛
- އޮފީހުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން ނުވަތަ އެއިން އެއްޗެއް އަމިއްލަ ކަމަކަށް ބޭނުންކުރުން ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން ނުވަތަ އެއިން އެއްޗަކަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން؛
- ރިށްވަތު ދިނުމާއި، ރިށްވަތު ހިފުން؛
- މުވައްޒަފަށް ލިބިފައިވާ މަގާމުގެ އިހުތިޔާރުތަކާއި ބާރުތައް، ގަސްތުގައި ނާޖާއިޒުގޮތެއްގައި ތިމާގެ ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން؛
- ވަޒީފާ ހޯދުމަށް ޓަކައި ދޮގު މައުލޫމާތު ހުށަހަޅައިފައިވާކަން، އޮފީހުން ހިންގާ އިދާރީ ތަހުގީގަކުން ސާބިތުވުން؛
- އޮފީސް މާހައުލުގައި މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ނުވަތަ ހާނީއްކައެއް ވެދާ ފަދަ އަމަލެއް ހިންގުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ޓެކުން، ހިޔާނާތް، މަކަރާއި ހީލަތްހެދުން ފަދ،ަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށެއްކަމަށް ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛
- ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މައުލޫމާތު ހާމަކުރުން؛
- ލިޔުމުން އެންމެ ފަހުގެ އިންޒާރު ދިނުމުން ވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ދެވަނަ ދަރަޖައިގެ އަމަލެއް ތަކުރާރުކުރުން.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ތިންވަނަ ދަރަޖައިގެ އަމަލެއް މުވައްޒަފަކު ކޮށްފި ނަމަ، އަދި އެކަމާ ގުޅިގެން އިސްލާހީ އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލައި ފުރަތަމަ ފަހަރުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރާ މުވައްޒަފެއްގެ ގޮތުގައެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިންވަނަ ދަރަޖައިގެ އަމަލުތަކުގެ ތެރެއިން، މި މާއްދާގެ (ބ) ގެ (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔުމުން އެންމެ ފަހުގެ އިންޒާރު ދިނުމުން ވެސް މުވައްޒަފުގެ މަސައްކަތުގެ އަހުލާގު ރަނގަޅުނުވެގެން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަދި ނޯޓިސް ނުވަތަ ނޯޓިހުގެ ބަދަލުގައި އެ ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދިނުމަށްފަހުގައެވެ.
104 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު ލިބޭ ފަރާތްތައް
(ހ) މި ގަވާއިދުގައި އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން، މި ގަވާއިދުގެ 103 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އަމަލުތައް ކުރާ މުވައްޒަފުންނާމެދު މި ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅު އަޅާނީ، އެ މުވައްޒަފުގެ ސުޕަވައިޒަރެވެ.
(ށ) އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން، މި ގަވާއިދުގެ 103 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އަމަލުތައް ކުރާ މުވައްޒަފުންނާމެދު މި ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅު އަޅާނީ، އެޗް.އާރު. ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް، އެ ކޮމިޓީން ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް ފިޔަވައި، އޮފީހުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން، މި ގަވާއިދުގެ 103 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްގެން އިސްލާހީ ފިޔަވަޅު
އަޅަން ޖެހިއްޖެ ހާލަތެއްގައި، އެ ފިޔަވަޅު އަޅާނީ، ބަންޑާރަނައިބުގެ ލަފާގެ މަތީން، ސެކްރެޓަރީ ޖެނެރަލެވެ.
(ރ) ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާމެދު އިސްލާހީ ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި، އެ ފިޔަވަޅު އަޅާނީ، ބަންޑާރަނައިބު ނިންމާ ގޮތެއްގެ މަތީންނެވެ.
105 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅުތަކާއި، ފިޔަވަޅު ދެމިއޮންނާނެ މުއްދަތު
(ހ) މި ގަވާއިދުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުރަތަމަ ދަރަޖައިގެ އަމަލުތަކާ ގުޅިގެން އަޅާނީ، އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދިނުމުގެ އިސްލާހީ ފިޔަވަޅެވެ. އަދި އެފަދަ އިތުރު އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަނގަބަހުން ނުވަތަ ލިޔުމުން ދީފައިވާ ނަސޭހަތް ދެމިއޮންނާނީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި ގަވާއިދުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދެވަނަ ދަރަޖައިގެ އަމަލުތަކާ ގުޅިގެން އަޅާނީ، ލިޔުމުން އިންޒާރު ދިނުމުގެ އިސްލާހީ ފިޔަވަޅެވެ. އަދި އެފަދަ އިތުރު އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން ދީފައިވާ އިންޒާރު ދިނުން ދެމިއޮންނާނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ނ) މި ގަވާއިދުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިންވަނަ ދަރަޖައިގެ އަމަލުތަކާ ގުޅިގެން އަޅާނީ، ވަޒީފާގެ މަސައްކަތަށް ނުކުތުން 14 (ސާދ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމުގެ ފިޔަވަޅު ނުވަތަ ހުރި މަގާމު ދަށް މަގާމަކަށް ބަދަލުކުރުމުގެ އިސްލާހީ ފިޔަވަޅެވެ. އަދި އެފަދަ އިތުރު އަމަލެއް ނުކުރާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަޅާ ފިޔަވަޅު ދެމިއޮންނާނީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ރ) މި މާއްދާގެ ދަށުން މުވައްޒަފާމެދު އަޅާ އިސްލާހީ ކޮންމެ ފިޔަވަޅެއް ވެސް ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި އެ ފިޔަވަޅެއް އެޅުނުކަން އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތަށް ނުކުތުން މަނާކުރާ މުއްދަތު ގުނުމުގައި ބަންދު ދުވަސްތައް ހިމަނަންވާނެއެވެ.
106 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) މުވައްޒަފުން ތަބާވާންޖެހޭ އަހުލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން އެޗް.އާރު. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސާބިތުވާކަމަށް އެ ކޮމިޓީއަށް ފެންނަ މައްސަލަތަކުގައި، އެ މުވައްޒަފަކާމެދު އަޅަން އެ ކޮމިޓީއަށް ފެންނަ އެންމެ އެކަށީގެންވާ ފިޔަވަޅަކީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކަމުގައި ވާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުންކުރެ ގޮތަކަށް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ފެންނަކަމަށް އެ ކޮމިޓީއަށް ނިންމިދާނެއެވެ.
- ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރުން؛ ނުވަތަ
- ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުން ވާންވާނީ، ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅަ އިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމާ ނިންމުމަކަށެވެ.
(ނ) ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވޭ ދާއިމީ މުވައްޒަފުންނަށް ދޭނެ ނޯޓިހުގެ މުއްދަތު ކަނޑައަޅާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް ބަލައި، ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ވަގުތީ މުވައްޒަފުންނަށް ނޯޓިސް ދޭނީ، ވަޒީފާގެ އެއްބަސްވުމުގައި ނޯޓިސް ދިނުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
(ރ) ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް، ނޯޓިހުގެ ބަދަލުގައި، ވަޒީފާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދެވިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުން ވާންވާނީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ކަނޑައަ ޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމާ ނިންމުމަކަށެވެ.
107 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރިކަން މުވައްޒަފަށް އެންގުން
(ހ) ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ތަންފީޒުކުރާނީ، އެކަން މުވައްޒަފަށް އަންގައި، ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ހަވާލުކޮށްގެންނެވެ.
(ށ) ވަޒީފާއިން ވަކިކުރިކަމުގެ ޗިޓުގައި، މުވައްޒަފުގެ އާންމު މައުލޫމާތުގެ އިތުރުން، އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ވަޒީފާއިން ވަކިކުރެވޭ ސަބަބު؛
- ވަޒީފާއިން ވަކިކުރުމުގައި ހަވާލާދޭ މާއްދާ؛
- ވަޒީފާއިން ވަކިކުރެވޭ ތާރީހު؛
- ވަޒީފާއިން ވަކިކުރެވެނީ ނޯޓިސް ދިނުމަށްފަހު ކަމުގައި ވާ ނަމަ، ނޯޓިހުގެ މުއްދަތު ނުވަތަ ނޯޓިހުގެ ބަދަލުގައި ދެވޭ ފައިސާގެ އަދަދު.
(ނ) މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ މި ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިސް ދިނުމަށްފަހު ކަމުގައި ވާ ނަމަ، އެ މުވައްޒަފަށް ދެވޭ ނޯޓިހުގެ މުއްދަތު ގުނަންވާނީ، ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މިންގަނޑަށް ވުރެ ނޯޓިހުގެ މުއްދަތު ކުރުނުވާ ގޮތަށެވެ.
108 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް
ބަންޑާރަނައިބުގެ ނުވަތަ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ބަންޑާރަނައިބަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެ މަތީން ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު، މަދަނީ ނުވަތަ ޖިނާއީ އެއްވެސް ދައުވާއެއް ނޫފުލޭނެއެވެ. އަދި އެފަދަ ކަމަކީ، މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އެޅުމަށް ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ކަމުގައެއް ނުބެލެވޭނެއެވެ.
ބާރަވަނަ ބާބު
ވަޒީފާއިން ވަކިވުމާއި، ވަޒީފާއިން މުސްކުޅިކުރުން
109 ވަނަ މާއްދާ - އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުން
(ހ) ބަންޑާރަނާއިބުގެ އޮފީހާއި މުވައްޒަފާ ދެމެދު އެހެން ގޮތަކަށް ލިޔުމުން އެއްބަސްވެފައި ނުވާ ނަމަ، އެންމެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ލިޔުމަކުން ދީފައި ވަޒީފާއިން ވަކިވުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނޯޓިހުގެ މުއްދަތުގައި ވަޒީފާއިން ވަކިކުރިކަން އެ މުވައްޒަފަކަށް ލިޔުމުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމ،ެ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހިދުމަތްކުރުމަށް ބޮންޑުކުރުމާއެކު އޮފީހުގެ ހަރަދުގައި ތަމްރީނު ޕުރޮގުރާމެއްގައި ބައިވެރިވެފައިވާ މުވައްޒަފަކު، އެގޮތުން ހިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފެއްގެ ތަމްރީނު ޕުރޮގުރާމަށް ކުރި ހަރަދު، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން ބާކީވާ މުއްދަތުގެ ފައިސާ، ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް އެކީއެއްފަހަރާ ދެއްކުމަށްފަހު ނުވަތަ ބަހައިލައިގެން ދައްކަން ބަންޑާރަނައިބުގެ އޮފީހާއި މުވައްޒަފާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ތަމްރީނު ޕުރޮގުރާމަކީ އޮފީހުން ނޮމިނޭޓްކޮށްގެން ނުވަތަ މުސާރައާ އެއްވަރުގެ އެލަވަންސް އޮފީހުން ކުރި ހަރަދު ބަލާނީ، މުސާރައާ އެއްވަރުގެ އެލަވަންސް މި އޮފީހުން ލިބޭގޮތަށް ތަމްރީނު ޕުރޮގުރާމުތައް ފުރިހަމަކުރާ މުވައްޒަފުން ހިދުމަތްކުރަންޖެހޭ މުއްދަތަށް ކުރި ހަރަދު ބަލާ އުސޫލުންނެވެ.
(ބ) ބަންޑާރަނައިބުގެ އޮފީހަށް ވަގުތީގޮތުން އައްޔަނުކުރާ މުވައްޒަފަކު، އެ މުވައްޒަފާ ދެމެދު އެކުލަވައިލެވޭ ވަޒީފާގެ އެއްބަސްވުމުގައި، ވަޒީފާއިން ވަކިވުމަށް އަމަލުކުރަންޖެހޭ އުސޫލެއް ބަޔާންކޮށްފައި ނުވާ ނަމަ، އެފަދަ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިވުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
110 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން (ރިޓަޔަރކުރުން)
(ހ) މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރެވޭނެއެވެ. އަދި މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލަށް އެދިގެން ވަޒީފާއިން މުސްކުޅިވެ، އޮފީހުގެ ވަޒީފާއިން ވަކިވެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައެޅުމާއެކު، އެ ހާލަތުގައި ދެވޭ އިނާޔަތްތަކާ ގުޅޭގޮތުން އަމަލުކުރެވޭނެ ގޮތް، އޮފީހުގެ މުވައްޒަފުންނަށް ފެންނަގޮތަށް އޮފީހުގެ އެތެރޭގައި އާންމުކުރަންވާނެއެވެ.
111 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުމުގެ އިންތިޒާ މުތައް ހަމަޖެއްސުން
(ހ) މި ގަވާއިދުގެ 110 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފަށް، އެ އުމުރު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން އެކަން އަންގައި، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކުރަން ފަށަންވާނެއެވެ.
(ށ) މި ގަވާއިދުގެ 110 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިވާން ބޭނުންވާ މުވައްޒަފުން، އެ އުމުރު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، އެކަން އޮފީހަށް އަންގަންވާނެއެވެ. އަދި އެފަދައިން އެންގުމާއެކު، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކުރަން ފަށަންވާނެއެވެ.
112 ވަނަ މާއްދާ - މުސްކުޅިކުރެވޭ މުވައްޒަފަކު ދައުލަތުގެ އެހެން ވަޒީފާއެއ/ްމަގާމެއް އަދާކުރުން
މި ގަވާއިދުގެ ދަށުން މުވައްޒަފަކަށް ވަޒީފާއިން މުސްކުޅިކުރުމުގެ އިނާޔަތް ދޭން ފެށުމުގެ ފަހުން، އެފަދަ މުވައްޒަފަކު ދައުލަތުގެ އޮފީހެއްގެ ވަޒީފާއެއް ނުވަތަ މުސާރަލިބޭ މަގާމެއް އަދާކުރަން ފަށާ ނަމަ، އެ މުވައްޒަފަކު އެފަދަ ވަޒީފާއެއް ފަށާ ތާރީހުން ފެށިގެން މި ގަވާއިދުގެ ދަށުން ދެވޭ ވަޒީފާއިން މުސްކުޅިކުރުމުގެ އިނާޔަތް ލިބުން ހުއްޓޭނެއެވެ. އަދި މުސްކުޅިކުރުމުގެ އިނާޔަތް ދިނުން އަލުން ފެށޭނީ، އެފަދަ ވަޒީފާއަކުން އެ މުވައްޒަފަކު ވަކިވިކަމާއި، ދައުލަތުގެ އެހެން އިދާރާއަކުން އެފަދަ މުވައްޒަފަކަށް ވަޒީފާއާ ގުޅުވައިގެން މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެކަން ކަށަވަރުކުރުމަށްފަހުގައެވެ.
ތޭރަވަނަ ބާބު
ރިކޯޑު ބެލެހެއްޓުން
113 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކާއި، މުވައްޒަފުންގެ މައުލޫމާތު، މި ބާބުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނުން ބަލަހައްޓަންވާނެއެވެ.
(ށ) އޮފީހުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް، ތިރީގައިވާ ގޮތުގެ މަތީން މައުލޫމާތު ފައިލު ތައްޔާރުކޮށް، އަންނަނިވި ގޮތުގެ މަތީން ބަލަހައްޓަމުން ގެންދަންވާނެއެވެ.
- ވަގުތީ މުވައްޒަފުން ވެސް ހިމެނޭގޮތުން، ވަޒީފާ ހަމަޖެހިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، އެ މުވައްޒަފުގެ މައުލޫމާތު ފައިލު ހަދައި، އެ ފައިލަށް ނަންބަރު (މުވައްޒަފުގެ ރިކޯޑު ކާޑު ނަންބަރު) ދިނުން؛
- މުވައްޒަފުގެ މައުލޫމާތު ފައިލުގައި އެ މުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ފައިލުކުރަމުން ގެންދިޔުން؛ މިގޮތުން، ފައިލުކުރާ ލިޔުންތަކުގައި، އެ ލިޔުންތަކުގެ ތާރީހު ތަރުތީބުން ނަންބަރު ޖަހަމުން ގެންދަންވާނެއެވެ. އަދި މުވައްޒަފުގެ އެޕްރައިޒަލް ފޯމުތައް ބަރާބަރަށް ހިމަނަންވާނެއެވެ.
- މުވައްޒަފުގެ މައުލޫމާތު ފައިލު (ޕަރސަނަލް ފައިލު) ގައި ހިމެނޭ ލިޔުންތަކަކީ ސިއްރު ހިފަހައްޓަންޖެހޭ ލިޔެކިޔުމަށް ވާތީ، އެ ލިޔުންތައް ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި، އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި ނަހަދާކަން ކަށަވަރުވާ ގޮތުގެ މަތީން އެ ފައިލު ބެލެހެއްޓުން؛
- އޮފީހުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވެއްޖެ ނަމަ، ބަދަލުވި އޮފީހަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލު ފޮނުވައި، އެ ފައިލުގެ ކޮޕީއެއް އޮފީހުގައި ރައްކައުކުރުން.
114 ވަނަ މާއްދާ - މުވައްޒަފުގެ މައުލޫމާތަކަށް ބަދަލުއައުން
(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫ މާތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އޮފީހަށް އެކަން އަންގަންވާނެއެވެ.
(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫ މާތަކަށް ބަދަލުގެނެވުނު މައުލޫމާތު، އޮފީހަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ވަޒީފާއާބެހޭ ހުރިހާ ލިޔެކިޔުންތަކުން އެކަން އިސްލާހުކުރަންވާނެއެވެ.
115 ވަނަ މާއްދާ - ވަޒީފާ އަދާކުރިކަމުގެ ލިޔުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ، އެކަން މުވައްޒަފަށް އަންގާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މުވައްޒަފަކު އެދިއްޖެ ނަމަ، އަންނަނިވި ކަންކަން ހިމެނޭގޮތަށް ވަޒީފާ އަދާކުރިކަމުގެ ލިޔުން އޭނާއަށް ދޫކުރަންވާނެއެވެ.
- ވަޒީފާ ދިން ފަރާތުގެ ނަމާއި އެޑްރެސް؛
- ވަޒީފާގައި އުޅުނު މީހާގެ ނަމާއި އެޑްރެސް؛
- ވަޒީފާއިން ވަކިވިއިރު ހުރި މަގާމާއި އަދާކުރި ޑިވިޒަން/ސެކްށަން/ޔުނިޓް؛
- މެދުކެނޑުމެއްނެތި އޮފީހުގެ ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު؛
- ވަޒީފާ އަދާކުރި މުއްދަތުގައި އެ މުވައްޒަފަކު އަދާކޮށްފައިވާ މަގާމުތަކާއި މަސްއޫލިއްޔަތުތައް.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް (ރަނގަޅު ނުވަތަ ރަނގަޅު ނުވިޔަސް) ވަޒީފާ އަދާކުރި ލިޔުމުގައި، މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ ހިމަނައިގެން ނުވާނެއެވެ.
116 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތުގެ ތައާރުފާއި މާނަކުރުން
(ހ) ކޮންމެ މުވައްޒަފެއްގެ ޒާތީ މައުލޫ މާތަކީ ވެސް، ރައްކައުތެރިކަމާއެކު އޮފީހުން ބަލަހައްޓަންވާނެ މައުލޫމާތެކެވެ. ކަމާ ގުޅުންނެތް ފަރާތަކަށް މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހިއްސާކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފެއްގެ ޒާތީ މައުލޫމާތުގެ ބޭނުންކުރަންވާނީ، ގާނޫނާއި ގަވާއިދު އެކަމަކަށް ހުއްދަ ދީފައިވާ ކަމަކަށް، އެ ހުއްދަ ކޮށްފައިވާ މިންވަރެއް ހާސިލުކުރުމުގެ މައްޗަށެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ "ޒާތީ މައުލޫމާތު" ގެ މާނ،ަ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މުވައްޒަފެއްގެ އުމުރު ނުވަތަ ކައިވެނީގެ ހާލަތާ ގުޅޭ މައުލޫމާތު؛
- މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ސިއްހީ ހާލަތާއި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، އަދާކުރި ވަޒީފާތަކާއި، ވަޒީފާ އަދާކުރިގޮތާބެހޭ މައުލޫމާތު؛
- މަގާމުގެ ގިންތިއާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ؛
- މުވައްޒަފު ދިރިއުޅޭ އެޑްރެސް؛
- މުވައްޒަފުގެ އިނގިލީގެ ނިށާން؛
- މުވައްޒަފުގެ ސޮއި؛
- މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެސް؛
- މުވައްޒަފުގެ ޕާސްޕޯޓު ނަންބަރު.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވ،ީ މި މާއްދާގައި ހިމެނޭ ޒާތީ މައުލޫމާތެއް ހާމަކުރެވޭނީ ނުވަތަ އާންމުކުރެވޭނީ އެ މުވައްޒަފެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
117 ވަނަ މާއްދާ - ޒާތީ މައުލޫ މާތު ހާމަކުރެވޭނެ ހާލަތްތައް
(ހ) މުވައްޒަފުގެ ރުހުން ނެތްކަމުގައި ވިޔަސް، އަންނަނިވި ހާލަތްތަކުގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހާމަކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
- ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން؛
- ކޯޓު އަމުރަކުން އެންގުމުން؛
- ދައުލަތުގެ ނަމުގައި ދައުވާކުރާ މައްސަލަތަކާއި ދައުލަތަށް ދައުވާލިބޭ މައްސަލަތަކުގައި ބޭނުންކުރަންޖެހުން؛
- ދައުލަތުގެ ތަހުގީގީ އިދާރާއަކުން ކުރާ ތަހުގީގަކަށް ބޭނުންވުން؛
- އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ އައްޔަނުކުރާ ބަޔަކަށް، އޮޑިޓްކުރުމުގެ ބޭނުމަށް؛
- ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިގެން، އެ މުއައްސަސާގެ ބޭނުމަކަށ.ް
118 ވަނަ މާއްދާ - ޒާތީ މައުލޫ މާތު ހާމަކޮށްފި ނަމަ ފިޔަވަޅު އެޅުން
އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ޒާތީ މައުލޫމާތު ކޮންމެހެން ހާމަކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް ހާމަކޮށްފި ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފަކަށް ފިޔަވަޅު އެޅުމުގެ ބާރު އޮފީހަށް ލިބިގެންވެއެވެ.
ސާދަވަނަ ބާބު
އިންތިހާބުތަކުގައި ވާދަކުރުން
119 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލުގެ އިންތިހާބަށް ނުވަތަ ބައި-އިލެކްށަ ނަށް ކުރިމަތިލުން
(ހ) ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުވަތަ ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ ދަށުން ބާއްވާ އިންތިހާބަކަ ށް ނުވަތަ އެއިން އިންތިހާބެއްގެ ބައި-އިލެކްށަނަށް ވާދަކުރުމަށް ގަސްތުކުރާ މުވައްޒަފުން، އިންތިހާބަށް ކުރިމަތިލުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަން އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބަކަށް ކުރިމަތިލާ މުވައްޒަފު، އެ މުވައްޒަފުގެ ނަން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުން ގަބޫލުކުރިކަމުގެ ލިޔުން ލިބުމާއެކު، އެ އިންތިހާބަކަށް އެ މީހަކު ރަސްމީކޮށް ކުރިމަތިލައިފައިވާކަން، ހަމަ އެ ދުވަހު، އެ މުވައްޒަފު އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.
120 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމުން ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑުކުރުން
މުވައްޒަފަކު އިންތިހާބަށް ކުރިމަތިލައިގެން އިލެކްށަންސް ކޮމިށަނުން އެކަން ގަބޫލުކުރި ތާރީހުން ފެށިގެން އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑް ކުރެވޭނެއެވެ.
121 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމުން ސަސްޕެންޑުކުރެވޭ މުއްދަތުގައި އޮފީހަށް ނުކުތުން މަނާވުން
(ހ) މި ގަވާއިދުގެ 120 ވަނަ މާއްދާގެ ދަށުން ސަސްޕެންޑްކުރެވޭ މުވައްޒަފުން ތިބޭނީ، ސަސްޕެންޑްކުރެވިފައިވާ މުއްދަތުގެ ތެރޭގައި އޮފީހަށް ނުނުކުންނަ ގޮތަށެވެ. އަދި އޮފީހުން ވެސް އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކާ އޮފީހުގެ މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ. އަދި އެ މުވައްޒަފަކު އަދާކުރަމުންގެންދިޔަ މަގާމުގެ އެއްވެސް ފައިދާއެއް، އިންތިހާބުގައި ބައިވެރިވުމަށް ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި، އިންތިހާބުގެ ބޭނުންތަކަށް ނަގައިގެން ނުވާނެއެވެ.
122 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
މި ބާބުގެ ދަށުން ސަސްޕެންޑްކުރެވޭ މުވައްޒަފުންނަށް، ސަސްޕެންޑްކުރެވިފައި ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތަކެއް ނުދެވޭނެއެވެ. އަދި މުވައްޒަފު ސަސްޕެންޑް ކުރެވިފައި ހުންނަ މުއްދަތު، އޮފީހަށް ހިދުމަތްކުރި މުއްދަތެއް ކަމުގައެއް ނުގުނޭނެއެވެ.
123 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅެއް ކަމުގައި ނުބެލުން
މި ބާބުގެ ދަށުން ކުރާ ސަސްޕެންޑްކުރުމަކީ އިސްލާހީ ފިޔަވަޅެއް ކަމުގައެއް ނުބެލެވޭނެއެވެ.
124 ވަނަ މާއްދާ - ސަސްޕެންށަން ނިމުމަކަށް އައުން
(ހ) މި ބާބުގެ ދަށުން ކުރާ ސަސްޕެންށަން ދެމިއޮންނާނީ، އިންތިހާބު ނިމި، އިލެކްށަންސް ކޮމިށަނުން ދާއިމީ ނަތީޖާ އިއުލާނުކުރާ ތާރީހާ ހަމަޔަށް ނުވަތަ އިންތިހާބަށް ކުރިމަތިލުމަށްފަހު މުވައްޒަފުގެ ނަން އަނބުރާ ގެނައުމާ ހަމަޔަށެވެ.
(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފު ކުރިމަތިލީ އިންތިހާބު ކާމިޔާބުކޮށްފި ނަމަ، އިލެކްށަންސް ކޮމިށަނުން އެ އިންތިހާބެއްގެ ދާއިމީ ނަތީޖާ އިއުލާނުކުރާ ތާރީހުގައި އެ މުވައްޒަފަކު ބަންޑާރަނައިބުގެ އޮފީހުގެ ވަޒީފާއިން ވަކިވާނެއެވެ.
ފަނަރަވަނަ ބާބު
އެހެނިހެން
125 ވަނަ މާއްދާ - އޮފީސް ހުޅުވައި ލެއްޕުން
އޮފީސް ހުޅުވައި ލައްޕާނީ، އެކަމަށް ހުއްދަ ދީފައިވާ މުވައްޒަފުން، އެކަމަށް އޮފީހުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
126 ވަނަ މާއްދާ - ހެދުންއެޅުން
(ހ) ސަޕޯޓް ސްޓާފް ގިންތީގެ މަގާމުތަކުން ފެށިގެން މަތީގެ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހާއި ޓައީއާއި ބޫޓެވެ. ނަމަވެސް ސަޕޯޓް ސަރވިސްއިން ފެށިގެން ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފިރިހެން މުވައްޒަފުން ޓައީ ނާޅައި އުޅުމަކީ ހުއްދަ ކަމެކެވެ.
(ށ) އަންހެން މުވައްޒަފުންގެ ހެދުމަކީ، އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފުނުވާ، ދައުލަތުގެ އޮފީހެއްގައި މަސައްކަތްކުރުމަށް އަންނައިރު ލުމަށް އެކަށީގެންވާ ހެދުމަކާއި ފައިވާނެއް ނުވަތަ ބޫޓެކެވެ.
(ނ) މި މާއްދާގެ އެހެން އަކުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުގެ ވަކީލުން ށަރުއީ ކޯޓުތަކަށް ހާޒިރުވާއިރު ހެދުން އަޅަންވާނީ، ވަކީލުން ހެދުން އެޅުމާ ގުޅޭގޮތުން ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ވަކި ހާއްސަ ރަސްމިއްޔާތަކަށް ނުވަތަ ޖަލްސާއަކަށް ނުވަތަ ބައްދަލުވުމަކަށް ވަކި ބާވަތެއްގެ ހެދުމެއް އަޅައިގެން ދާންޖެހޭ ނަމަ، އެގޮތުގެ މަތީން ހެދުން އަޅަންވާނެއެވެ.
(ރ) ނުރަސްމީ ގަޑީގައި ވެސް، އޮފީހަށް އަންނަންވާނީ، އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފުނުވާ، ދައުލަތުގެ އޮފީހެއްގައި މަސައްކަތްކުރަން އަންނައިރު ލާން އެކަށީގެންވާ ހެދުމެއްގައެވެ.
(ބ) އޮފީހުގެ މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެ މުވައްޒަފެއްގެ ސާފުތާހިރުކަމުގެ މިންގަނޑުތައް އެކަށީގެންވާ ގޮތެއްގައި ހިފަހައްޓަންވާނެއެވެ.
127 ވަނަ މާއްދާ - މުވައްޒަފުންގެ ސުލޫކީ ކަންކަން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި މުވައްޒަފުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު" އަށް އަމަލުކުރުން ލާޒިމުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު" އާ ހިލާފުވާ މުވައްޒަފުންނާމެދު، މި ގަވާއިދުގެ 11 ވަނަ ބާބުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
128 ވަނަ މާއްދާ - ދައުލަތުގެ އިދާރާއަކުން ޖިނާއީ ކުށެއްގެ ތަހުގީގެ އް ހިންގަން ފެށުން
(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ ޖިނާއީ ކުށެއްގެ ތުހުމަތުކޮށް، އެ މައްސަލައެއް އެ ހިދުމަތުން ބަލަން ފަށައި، އެކަން އޮފީހަށް އަންގައިފި ނަމަ، އެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކޮށް، އެކަން އެ މުވައްޒަފަކަށް އެންގުމުގެ ބާރު ލިބިގެންވަނީ ސެކްރެޓަރީ ޖެނެރަލަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކުރުން ނިމުމަކަށް ގެންނަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން، އެ މައްސަލައެއްގެ ތަހުގީގު ނިމުނުގޮތް އެންގުމުން، މި ގަވާއިދުގައި މުވައްޒަފުންގެ މައްސަލަތައް ބެލުމުގައި ކަނޑައަޅަ އިފައިވާ ކަމާ ގުޅޭ އިޖުރާތެއްގެ ތެރެއިން ތުހުމަތުކުރެވުނު ކުށާ ގުޅޭ މައްސަލަ މަދަނީ މިންގަނޑަކުން ބަލާއިރު، މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނެ ނަމައެވެ.
(ނ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަށް ފުރަތަމަ 30 (ތިރީސް) ދުވަހަށް މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ. ނަމަވެސް، 30 (ތިރީސް) ދުވަހަށް ވުރެ އިތުރަށް މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރާ ނަމަ، އިތުރަށް ހިނގާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބޭނީ ތުހުމަތުކުރެވުނު ކުށާ ގުޅިގެން މައްސަލަ ބެލުމަށްފަހު، މަދަނީ މިންގަނޑުން ބަލާއިރު، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތުހުމަތުކުރެވުނު ކުށާ ގުޅިގެން މައްސަލަ ނިންމައި ފައިވަނީ، އޭނާގެ މައްޗަށް ދައުވާނުކުރުމަށް ކަމުގައި ވާ ނަމަ އަދި މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭ ނަމަ، އެ ދުވަސްތަކަށް ޖެހޭ މުސާރަ އެ މުވައްޒަފަކަށް އަނބުރާ ދޭންވާނެއެވެ.
129 ވަނަ މާއްދާ - އިންޓަރނުން ގެންގުޅުން
އިންޓަރންއިންގެ ގޮތުގައި، ބަންޑާރަނައިބުގެ އޮފީހުގައި އެއްވެސް މީހަކު ގެންގުޅެންވާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލައި، އޮފީހުގެ ވެބްސައިޓުގައި އާންމުކުރާ އިންޓަރންށިޕާ ގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
130 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން
(ހ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މި ގަވާއިދު ތަންފީޒުކުރުމަށް ޓަކައި އުސޫލެއް އެކުލަވައިލަން ޖެހިއްޖެ ނަމަ ނުވަތަ މި ގަވާއިދަށް ނުވަތަ މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލަކަށް އިސްލާހެއް ގެންނަން ޖެހިއްޖެ ނަމަ، އެފަދަ އުސޫލުތައް އެކުލަވައިލުމުގައްޔާއި، ނިންމުންތައް ނިންމުމުގައްޔާއި، އިސްލާހުތައް ގެނައުމާމެދު ގޮތެއް ކަނޑައަޅާނީ، އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތީން، ބަންޑާރަނައިބެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނިންމާ ނިންމުން، މެމޯގެ ޒަރީއާއިންނާއި، އެންގުންތަކާއި ޑައިރެކްޓިވްސްތަކާއި ޕްރެކްޓިސް ގައިޑްލައިންތަކާއި އުސޫލުތަކުގެ ޒަރީއާއިން މުވައްޒަފުންނާ ހިއްސާކޮށް، އެ ނިންމުންތަކަށް މުވައްޒަފުންނަށް އެކްސެސްވެވޭނެ އިންތިޒާމު އޮފީހުން ހަމަޖައްސަންވާނެއެވެ.
131 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން
މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެނެވޭނީ، އެޑްވައިޒަރީ ބޯޑުން އެ އިސްލާހެއް ފާސްކުރުމަށްފަހުގައެވެ.
132 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބަންޑާރަނައިބު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަންޑާރަނައިބަށެވެ.
(ށ) "ބަންޑާރަނައިބުގެ އޮފީސް" ނުވަތަ 'އޮފީސް" ކަމަށް ބުނެފައި އެވަނީ، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮފީހަށެވެ.
(ނ) "ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-08 (ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު) އަށެވެ.
(ރ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި އެ ގަވާއިދަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ބ) "ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ނޭށަނަލް ޕޭ ކޮމިށަން" އަށެވެ.
(ޅ) "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ކ) "ޕްރޮބޭށަން" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ ވަގުތީ މުއްދަތަށެވެ.
(އ) "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލާއި، ލީގަލް ސަރވިސްއާއި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަށެވެ.
(ވ) 'އެޗް.އާރު. ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "ހިއުމަން ރިސޯސް ކޮމިޓީ" އަށެވެ.
(މ) "މުވައްޒަފަކާ އާއިލީގޮތުން ގުޅުންހުރި ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، އެއްބަފާ މީހުން އަދި ށަރުއީ އަދީ/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭގޮތުންނެވެ.
(ފ) "ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ހިއްސާވާ ކުންފުނީގެ ނުވަތަ ޕާޓްނަރށިޕް ނުވަތަ އެނޫންވެސް ވިޔަފާރީގެ ބޭނުމަށް އުފައްދާ ގާނޫނީ ށަހްސެއްގެ ހިއްސާދާރުންނާއި، މުވައްޒަފު ކުރާ ވިޔަފާރީގެ މުވައްޒަފުންނާއި ވެރިން ހިމެނޭގޮތުންނެވެ.
(ދ) "ސެލެރީ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މަހެއްގެ މުސާރަ ދިނުމުގެ ބޭނުމަށް އެ މަހެއްގެ ހާޒިރީ ބެލޭ މުއްދަތަށެވެ.
133 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2025-08 (ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު) ގެ 24 ވަނަ މާއްދާއާއި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ 127 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ތަބާވާންޖެހޭ އާންމު ސުލޫކީ މިންގަނޑު ކަނޑައަޅައިދޭ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމަށް ޓަކައި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ އަހުލާގީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، ކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ތައައްސުބުން އެއްކިބާވެ، ދައުލަތުގެ މަސްލަހަތާއި އާންމު މަސްލަހަތު ކުރިއެރުވުމަށް އިސްކަންދޭ، އަދި އެ މީހުންގެ މަސައްކަތުގައި ނަޒާހަތްތެރިކަން ދަމަހައްޓާ ބަޔަކު ކަމުގައި ހެދުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ ރައްޔިތުންނަށާއި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް އެކަށީގެންވާ، ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ދޭ، އެ މުވައްޒަފުންގެ މަސައްކަތުގައްޔާއި އުޅުމާއި ގުޅުމުގައި މަސައްކަތުގެ އަހުލާގާއި ހަރުދަނާ ސުލޫކު ހިފަހައްޓާ ނަމޫނާ ބަޔަކަށް ހަދައި، އޭގެ ނަތީޖާއެއްގެ ގޮތުން، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކަމާ ގުޅޭގޮތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހެޔޮބަދަލު ގެނައުން.
3 ވަނަ މާއްދާ - ސުލޫކީ މިންގަނޑު ހިނގާނެ ފަރާތްތައް
މި އުސޫލުގައި ކަނޑައަޅައިފައިވާ އަހުލާގީ އަދި ސުލޫކީ އެންމެހައި ހަމަތަކާއި މިންގަނޑުތައް، ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި މުވައްޒަފުންގެ މައްޗަށް ހިނގާނެއެވެ.
4 ވަނަ މާއްދާ - އާންމު ސުލޫކީ ހަމަތައް
ބަންޑާރަނައިބުގެ އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އަންނަނިވި ސުލޫކީ އާންމު ހަމަތައް އަބަދުވެސް ނަގަހައްޓަންވާނެއެވެ.
(ހ) އެ މުވައްޒަފަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަބަދުވެސް އަމަލުކުރުން.
(ށ) އެ މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުވެސް ކުރިޔަށް ނެރުން.
(ނ) އެ މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ސިޔާސީ ތައައްސުބުންނާއި އެނޫންވެސް ތައައްސުބުން އެއްކިބާވެހުރެ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުންދިޔުން.
(ރ) އެ މުވައްޒަފު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތުތައް ހިމެނޭހެން، އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ މަގާމުގެ މަސްއޫލިއްޔަތުތައް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބަންޑާރަނައިބު އަންގާ އެންގުންތަކާއި، ޑައިރެކްޓިވްތަކާއި، ޕްރެކްޓިސް ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދި އެ މުވައްޒަފެއްގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް، ފަރުވާތެރިކަމާއި ހަލުވިކަމާއެކު، ވަސީލަތްތައް އިސްރާފުނުވާނޭ ގޮތެއްގެ މަތީން އަދާކުރަމުން ގެންދިޔުން.
(ބ) އެ މުވައްޒަފެއްގެ މަސައްކަތްކުރުމުގައްޔާއި މަސައްކަތުގެ ދާއިރާގައި އެހެން ފަރާތްތަކަށް ހިދުމަތް ދިނުމުގައި، އެއްވެސް މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަކަށް ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ ވާހަކަދައްކާ ބަހަށާއި އިޖުތިމާއީ ދަރަޖައަށް ނުވަތަ މަގާމަށް ބަލައި، ތަފާތުނުކުރުން.
(ޅ) އެ މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ނުކުރުމާއި، މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮތް ކަމަކަށް ހުށަނޭޅުމާއި، އެ މުވައްޒަފަކު އަމިއްލަގޮތުން ކުރާ ކަންކަމުގައި ވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން، މަސްލަހަތު ފުށުއަރައިފާނެ ކަންކަމުން ދުރުހެލިވުން.
(ކ) އެ މުވައްޒަފުގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން ފަރާތެއްގެ މަންފާއަށް އެ މުވައްޒަފުގެ މަގާމުގެ ނުފޫޒު ބޭނުންނުކުރުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންނުކުރުމާއި، ކޮރަޕްށަނުގެ އަމަލުތަކުން އަބަދުވެސް ދުރުހެލިވުމާއި، އެ މުވައްޒަފަށް ނުވަތަ އެހެން މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ގާނޫނާ ހިލާފު މަންފާއެއް ހޯދައިދިނުމަށް މަގުފަހިވާނެ އެނޫންވެސް ކަންކަމުން ދުރުހެލިވުން.
(އ) އެ މުވައްޒަފުގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާއި، އެފަދަ މައުލޫމާތެއްގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން.
5 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގެންގުޅެންވާ އަސާސްތައް
ކޮންމެ މުވައްޒަފަކު ވެސް އެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމުގައްޔާއި، އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސައްކަތްތައް ބައްޓަންކުރަންވާނީ އަންނަނިވި އަސާސްތަކުގެ މައްޗަށެވެ.
(ހ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ދާއިރާއާ ގުޅޭގޮތުން ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެ ފަރިތަވުމަށް އަބަދުވެސް މަސައްކަތްކުރުން.
(ށ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ޓެކްނޯލޮޖީގެ ވަސީލަތްތަކާއި، މަސައްކަތުގެ އެކި ރިސޯސްތަކާއި ޓޫލްތަކަށް އަހުލުވެރިވެ ފަރިތަވުމަށް އަބަދުވެސް މަސައްކަތްކުރުމާއި، އެ ވަސީލަތްތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފުން.
(ނ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅ،ެ މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމުގައި އައު ގޮތްތައް ހޯދައި، ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރުން.
(ރ) އެ މުވައްޒަފަކާ ހަވާލުކުރާ މަސައްކަތްތަކާއި ކަންކަން އެ މަސައްކަތެއް ނުވަތަ އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ގޮތަށާއި ފެންވަރަށް، އެ މުވައްޒަފެއްގެ ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް، ފަރުވާތެރިކަމާއި ހަލުވިކަމާއެކު ނިންމުން.
(ބ) އެ މުވައްޒަފަކާ ހަވާލުކުރާ މަސައްކަތް ކުރުމުގައި، ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ގަވާއިދުން ޖަވާބުދާރީވުމާއި، މައު ލޫމާތު ދިނުން.
(ޅ) އެ މުވައްޒަފަކާ ހަވާލުކުރާ ކަންކަން ކުރުމުގައި އަބަދުވެސް މަސައްކަތުގެ ސުލޫކު ދަމަހައްޓައި، ކަމަށް ކަމޭހިތައިގެން ޕްރޮފެށަނަލްކަމާއެކު މަސައްކަތްކުރުން.
(ކ) އެ މުވައްޒަފަކާ ހަވާލުކުރާ ކަންކަން ކުރުމުގައި ވަސީލަތްތައް އިސްރާފުނުވާނޭ ގޮތެއްގެ މަތީން ކުރުމަށް އިސްކަންދިނުން.
(އ) މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މުވައްޒަފުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި، އެ މަސްއޫލިއްޔަތުތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނެ އިތުރު މައުލޫމާތާއި ހުނަރުތައް އުނގެނުމަށް ޓަކައި މަސައްކަތްކުރުމާއި، އެކަމަށް ލިބޭ ފުރުސަތުގެ ބޭނުންހިފަމުންދިޔުން.
(ވ) ދައުލަތުގެ ފައިސާއާ ގުޅޭ ކަންކަމުގައްޔާއި މުދަލާ ބެހޭގޮތުން އެކިއެކި މުއާމަލާތު ކުރުމުގައްޔާއި، ދައުލަތުގެ މުދަލާ ހަވާލުވެގެން އެ މުދާ ގެންގުޅުމުގަ އްޔާއި، ދައުލަތުގެ އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގައި އަމާނާތްތެރިވެ ޖަވާބުދާރީވުން.
(މ) ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ގާނޫނާއި ގަވާއިދުގައި އެކަމަށް ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަށް އެކަނި ބޭނުންކުރުން.
(ފ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހަރުދަނާ، ނަތީޖާ ހާސިލުކުރެވ،ޭ ހާމަކަންބޮޑު އަދި ޖަވާބުދާރީވުމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އުސޫލަކުން ކަންކަން ހިންގުމަށް ބާރުއެޅުން.
(ދ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެންނަ ކޮރަޕްށަނުގެ އަމަލުތަކާއި، މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކާއި، ހިޔާނާތުގެ އަމަލުތަކާއި، އެހެން ފަރާތްތަކަށް އިސްކަންދިނުމުގެ އަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ އަމަލުތަކާއި، ގާނޫނާއި ގަވާއިދާ ހިލާފު އެނޫންވެސް އަމަލުތައް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުން.
(ތ) އޮފީހުގެ މަސައްކަތާބެހޭ މައުލޫމާތު، އެކަމަށް އޮފީހުން ކަނޑައަޅައިފައިވާ އުސޫލުން މެނުވީ ހާމަނުކުރުމާއި، ދައުލަތުގެ ސިއްރުކަމުގައި ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރުކަމުގައި ބެލެވިދާނެ އެންމެހައި ކަންކަމާއި، ލިޔެކިޔުމުގެ ސިއްރު ހިފެހެއްޓުން.
6 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މަސައްކަތް ނުކުރުން
(ހ) އޮފީހުގެ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މަސްލަހަ ތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފެއްގެ މަސްލަހަތެއް އޮތް ކަމެއް އޮފީހުން ބެލުމުގައި ނުވަތަ ނިންމުމުގައި އެ މުވައްޒަފަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި އޮފީހުން ބަލާ މައްސަލައަކީ، މުވައްޒަފެއްގެ އެފަދަ މަސްލަހަތެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސް، އެކަން އެނގޭހިނދު، އެ މަސްލަހަތު ހާމަކުރުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމުން އެ މުވައްޒަފު ތަނާޒުލްވާންވާނެއެވެ.
(ށ) އަންނަނިވި ހާލަތްތަކަކީ މުވައްޒަފުންގެ މަސްލަހަތު ފުށުއަރާނެ ހާލަތްތަކެއް ކަމުގައި ބެލޭނެއެވެ.
- މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ މުވައްޒަފުގެ އަމިއްލަ މަސްލަހަތެއް ނުވަތަ މުވައްޒަފުގެ އާއިލާގެ މެންބަރެއްގެ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައިވާ ހާލަތު؛
- މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ މުވައްޒަފުގެ ގާތް ރަހުމަތްތެރިއެއް ނުވަތަ ގާތް ގުޅުމެއް އޮތް ނުވަތަ އޮންނަ އެނޫންވެސް ފަރާތެއްގެ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ވެފައި، އެ މަސްލަހަތުގެ ސަބަބުން އެކަމާ ގުޅޭގޮތުން މުވައްޒަފުގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި ވަކިފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް، އެކަށީގެންވާ ހަމަތަކުން ބަލާއިރު ނުފެންނަ ހާ ލަތު؛
- އޮފީހުން ހަވާލުކުރާ މަސައްކަތެއްގައި ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އޮތްކަމަށް މުވައްޒަފަށް ގަބޫލުކުރެވޭ ހާލަތު؛
- އޮފީހުގެ މަސައްކަތުގެ ތެރޭގައި ހިމެނ،ޭ މުވައްޒަފު ނުވަތަ މުވައްޒަފު މަސައްކަތްކުރާ ޑިވިޒަނުން ސީދާ ކުރާނެ ނުވަތަ އޮފީހުން މުރާޖާ ކުރަންޖެހޭނެ ނުވަތަ އޮފީހުން އެކަމުގައި ލަފައެއް ދޭންޖެހޭނެ މަސައްކަތެއް، މާލީ މަންފާއެއް ލިބޭގޮތަށް ކުރުން.
(ނ) މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ނުވަތަ މުވައްޒަފާ ގާތް ގުޅުމެއް އޮންނަ ފަރާތެއް އޮފީހުގައި މަސައްކަތްކުރާ ނަމަ، އެ މަސްލަހަތާބެހޭ މައުލޫމާތު، މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅ،ާ މަސްލަހަތު ހާމަކުރުމާއި މަސްލަހަތު ފުށުއަރާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާމަކުރަންވާނެއެވެ. އަދި އެއްވެސް ހާލެއްގައި އެއިން ފަރާތެއްގެ މަސައްކަތް ސުޕަވައިޒްކުރަންޖެހޭ ގޮތަށް އެ މުވައްޒަފު މަސައްކަތްކޮށްގެން ނުވާނެއެވެ.
7 ވަނަ މާއްދާ - ރަސްމީ ގަޑީގައި އެހެން ވަޒީފާ އަދާނުކުރުމާއި، އަމިއްލަ މަސައްކަތް ނުކުރުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ އެއްވެސް މުވައްޒަފަކު، އިތުރު އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ވަޒީފާގެ މަސްލަހަތު ފުށުއަރާ އެއްވެސް މަސައްކަތެއް ނުވަތަ އިތުރު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާގެ މަސްލަހަތު ފުށުނާރާ މަސައްކަތެއް، ނުރަސްމީ ގަޑީގައި ކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
8 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމާއި، މައުލޫމާތު ހާމަކުރުން
(ހ) ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފުގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ލާޒިމުވާ ހާލަތުގައި، ކަނޑައެޅިފައިވާ އުސޫލުން އެ މައުލޫމާތެއް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް އެފަދަ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ށ) އޮފީހުގެ މަސައްކަތްތަކާބެހޭ މައުލޫމާތު، އެކަމަށް އޮފީހުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ ހާމަކޮށްގެން ނުވާނެއެވެ. އަދި އޮފީހުގެ އެއްވެސް މައުލޫމާތެއް އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދޭން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކު ވެސް އެ ފަރާތެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، މައުލޫމާތު ހާމަކުރުމުގައި އަމަލުކުރަންވާނީ އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- މައުލޫމާތު ދޭންޖެހޭ ކޮންމެ ހާލަތެއްގައި ތެދު މައުލޫމާތު ދިނުން؛
- މައުލޫމާތު ފޯރުކޮށްދިނުމުގައި، ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެފަދަ ފައިދާއެއް ހޯދަން މަގުފަހިވާ ގޮތަށް ވަކި މައުލޫމާތެއް ފޯރުކޮށްނުދީ ނުހިފެހެއްޓުން؛
- އެނގިހުރެ ގަސްތުގައި އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އޮޅުވައިނުލުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގައި ތެދު އަދި ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ބަލަންޖެހޭ ބެލުންތައް އެކަށީގެންވާ މިންވަރަކަށް ބެލުން؛
- އެ މުވައްޒަފެއްގެ މަގާމުގެ ރަސްމީ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް، އެ މައުލޫމާތެއް ހާމަކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތީން، އެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން މެނުވީ ހާމަނުކުރުން؛
- ދައުލަތުގެ އެއްވެސް ލިޔުމެއް ނުވަތަ އޮފީހާ އެހެން ފަރާތަކާ ކުރާ އެއްވެސް މުއާމަލާތެއް ނުވަތަ ބަދަލުކުރެވޭ ލިޔުމެއް ނުވަތަ އެއްވެސް މައުލޫމާތެއް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިއްސާކުރަންޖެހޭ ފަރާތްތައް ފިޔަވައި، ކަމާނުބެހޭ އެއްވެސް ފަރާތަކަށް ހާމަނުކުރުން؛
- ސިއްރު ލިޔުމެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ލިޔުންތަކާއި، ސިއްރު ލިޔުމެއްގެ ގޮތުގައި އޮފީހަށް ލިބިފައިވާ އެއްވެސް ލިޔުމެއް ނުވަތަ ދައުލަތުގެ އިދާރާތަކުގެ މެދުގައި މުއާމަލާތުކުރެވ،ޭ ސިއްރުގެ ގޮތުގައި ކަނޑައަ ޅައިފައިވާ ކަންކަމާބެހޭ މައުލޫމާތު ލިބޭ ކޮންމެ މުވައްޒަފަކު، އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެފަދަ މައުލޫމާތެއް ނަކަލުކޮށް ނުވަތަ އެނޫންވެސް ގޮތަކަށް، އެ މައުލޫމާތަށް އެކްސެސް ދެވިފައިނުވާ މުވައްޒަފަކާ ހިއްސާނުކުރުން ނުވަތަ ކަމާނުބެހޭ އެއްވެސް ފަރާތަކަށް ހާމަނުކުރުން.
9 ވަނަ މާއްދާ - ހަބަރު ފަތުރާ ވަސީލަތްތަކާ މުއާމަލާތުކުރުމާއި، މައުލޫމާތު ދިނުން
މުވައްޒަފުން، ހަބަރުފަތުރާ ވަސީލަތްތަކާ މުހާތަބުކޮށް ވާހަކަދެއްކުމުގައި ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް މައުލޫމާތު ދިނުމުގައި އަންނަނިވި އުސޫލުތައް ނަގަހައްޓަންވާނެއެވެ.
(ހ) ސައްހަ، ތެދު މައުލޫމާތު ހާމަކުރުން.
(ށ) ހަބަރުފަތުރާ ވަސީލަތްތަކާ މުއާމަލާތުކުރުމުގައި އަދަބުވެރިކަމާއި މަޑުމައިތިރިކަމާއި އިހުތިރާމާއެކު، ރިވެތިބަހުން މުހާތަބުކޮށް ވާހަކަދެއްކުން.
(ނ) މައުލޫމާތު ފޯރުކޮށްދިނުމުގައި، ސިއްރު ހިފަހައްޓަންޖެހޭ ކަންކަމާއި ހާލަތްތަކުގައި ސިއްރު ހިފެހެއްޓުން.
(ރ) އެ ކަމެއް ހާމަނުކުރާނެ ކަމުގައި ށަރުތުކޮށް ނުވަތަ އެފަދައިން ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ހަބަރުފަތުރާ ވަސީލަތަކަށް މައުލޫމާތެއް ފޯރުކޮށްދިނުމަށް ފުރުސަތު ލިބުނުކަމުގައި ވިޔަސް، އެފަދަ މައު ލޫމާތު ހާމަވުމުގެ ހިރާހެއް އޮތްކަމަށް ދެނެގަނ،ެ އާ ންމުންނަށް ފޯރުކޮށްދިނުމަށް ގަސްތުނުކުރާ އެއްވެސް މައުލޫމާތެއް ފޯރުކޮށްނުދިނުން.
10 ވަނަ މާއްދާ - ސޯށަލް މީޑިޔާ ބޭނުންކުރުން
ސޯށަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ހިޔާލު ފާޅުކުރުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) މުވައްޒަފު ހިފަހައްޓަންޖެހޭ ނަޒާހަތްތެރިކަމުގެ މިންގަނޑަށް ފެތ،ޭ އަދި އޮފީހުގެ ހައިބަތާއި ގަދަރާ އެކަށީގެންވާ ގޮތެއްގައި މެނުވީ އެއްވެސް އެއްޗެއް ށާއިއުނުކުރުން.
(ށ) ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަކާ ނުލައި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތު ނުވަތަ އޮފީހުގެ ނިށާނާއި ނަން ބޭނުންކޮށްގެން ށާއިއުނުކުރުން.
(ނ) ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަކާ ނުލައި، އެހައިތަނަށް އާންމުކޮށްފައިނުވާ، އޮފީހާބެހޭ މައުލޫމާތެއް ހިމަނައިގެން ށާއިއުނުކުރުން.
(ރ) އާންމުކޮށްފައިވާ ތެދު މައުލޫމާތު ފިޔަވައި، ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތާ ގުޅޭގޮތުން ސޯށަލް މީޑިއާގައި އެހެން ފަރާތްތަކުން ށާއިއުކުރާ ކޮންޓެންޓާ ގުޅިގެން އެ ފަރާތްތަކާ މުއާމަލާތްކުރުމާއި ށުއޫރު ފާޅުނުކުރުން.
11 ވަނަ މާއްދާ - ހިދުމަތް ހޯދާ ފަރާތްތަކާ އޮންނަ ގުޅުން
(ހ) އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް އޮފީހުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިދުމަތް ދޭންވާނީ، ވަކި ފަރާތަކަށް ޖެހުމެއްނެތި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދޭނެ ގޮތެއްގެ މަތީންނެވެ. އަދި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް އެ ހިދުމަތް ހޯދުމަށް ފަސޭހަވާނެ ކޮންމެ މައުލޫމާތެއް އެ ފަރާތަކަށް ދިނުމަށް އިސްކަންދޭންވާނެއެވެ.
(ށ) އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް އޮފީހުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކާ މުއާމަލާތު ކުރަންވާނީ އަދަބުވެރިކަމާއި އިހުތިރާމާއެކުގައެވެ.
12 ވަނަ މާއްދާ - މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން
ބަންޑާރަނައިބުގެ އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް؛
(ހ) އޮފީހުގެ އާންމު މަސްލަހަތު ކުރިއެރުވުމަށް ޓަކައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްބާރުލުން ދޭންވާނެއެވެ.
(ށ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެ މުވައްޒަފަކަށް އެކިއެކި އެންގުން އަންގައި އިރުށާދު ދިނުމަށް އައްޔަންކޮށްފައި ތިބޭ ފަރާތްތަކުން އަންގާ އެންގުންތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދާ ހިލާފުނުވާ ނަމަ، އެ ކަންކަމަށް އަމަލުކުރަން ޖެހޭނެއެވެ.
(ނ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެ މުވައްޒަފެއްގެ މަގާމުގެ ބޭނުންކޮށް، އެހެން މުވައްޒަފުންގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައިގެން ނުވާނެއެވެ. އަދި އެ މުވައްޒަފުގެ ބޭނުން ނާޖާއިޒުގޮތުގައި އެހެން މުވައްޒަފަކަށް ހިފިޔަދީގެން ވެސް ނުވާނެއެވެ.
(ރ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި، އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތިވެއްޖެ ނަމަ، އެ ކަމެއް ހައްލުކުރަންވާނީ، އެކަން ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ހިތްހަމަނުޖެހުމެއް ފާޅުކުރަންވާނީ ވެސް އެ ކަމަކަށް ކަނޑައެޅިފައިވާ އުސޫލުންނެވެ.
(ބ) އެ މުވައްޒަފާ އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫހު ހިފެހެއްޓުމަށާއި، މުވައްޒަފުންގެ މެދުގައި ހަރުދަނާ ގޮތްތައް އަށަގަންނުވައި، އެކުވެރި މާހައުލެއް ގާއިމުކުރުމުގެ އަޒުމު ކަނޑައަޅައި، އެ ކަންކަމަށް މަސައްކަތް ކުރަންވާނެއެވެ.
(ޅ) އެހެން މުވައްޒަފުންނާއެކު މުއާމަލާ ތު ކުރަންވާނީ، އެ މުވައްޒަފެއްގެ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ނަސްލަށް ނުވަތަ އިޖުތިމާއީ ދަރަޖައަށް ނުވަތަ މަގާމަށް ނުވަތަ ވާހަކަދައްކާ ބަހަށް ނުވަތަ ނުކުޅެދުންތެރިކަމަކަށް ނުވަތަ ސިޔާސީގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް ނުވަތަ ނިސްބަތްކުރުމަކަށް އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު، ފަންނީގޮތުގައެވެ.
13 ވަނަ މާއްދާ - ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަ ފަކު، މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ބާވަތެއްގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން، އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުރިހައި ހިނދަކު، ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކު ވެސް ވަޒީފާ އަދާކުރަންވާނީ ސިޔާސީ އެންމެހައި ނުފޫޒުން އެއްކިބާވެހުރެއެވެ. އަދި މުވައްޒަފުގެ މަސައްކަތުގެ މާހައުލުގައްޔާ އި މަސްއޫލިއްޔަތު އަދާކުރުމުގައި ވަކިފަރާތަކަށް ޖެހިގެން ނުވާނެއެވެ.
(ރ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން، އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުރިހައި ހިނދަކު، މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ.
14 ވަނަ މާއްދާ - ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ ހަމަތައް
މި އުސޫލުގައި ކަނޑައަ ޅައިފައިވާ އަހުލާގީ ހަމަތަކާއި ސުލޫކީ ހަމަތަކާއި މިންގަނޑުތަކާއި ކަމާ ގުޅޭ އުސޫލުތަކުގެ އިތުރުން، ދައުލަތް ތަމްސީލުކުރުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅިގެން އެ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ޖަވާބުދާރީވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ 1-15 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަންޑާރަނައިބު ކަނޑައަޅާ ކަންކަމަށް، އެ ވަކީލުން އަމަލުކުރަންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު