-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-10)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވައި އަދި  އެ އިންތިހާބުގެ އެންމެހައި އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

(ހ) ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބަށް ކިޔާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. އަދި  މި ގާނޫނުގެ ބޭނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އާންމު މާނައިގެ ތެރޭގައި އެއްވެސް ލޯކަލް ކައުންސިލެއްގެ އުމުރު ހަމަވުމުގެ ސަބަބުން ނޫންގޮތަކަށް، ލޯކަލް ކައުންސިލެއްގެ  ގޮނޑިއެއް ނުވަތަ ގޮނޑިތަކެއް ހުސްވެއްޖެނަމަ، އެ ގޮނޑިއަކަށް ނުވަތަ އެ ގޮނޑިތަކަށް މެންބަރަކު ނުވަތަ މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ    ބައި-އިލެކްށަންވެސް ހިމެނޭނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކާއި ކަންކަމާގުޅޭ ގޮތުން އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިނުވާ ނުވަތަ މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާ އެންމެހައި އުސޫލުތަކާއި ކަންކަމާގުޅޭ ގޮތުން އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންނާއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ މީހުންނަށެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމާއި އިއުލާންކުރުމާގުޅޭގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުން

(ހ) މި ގާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިހާބުތަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނޭގޮތަކަށް އިލެކްށަންސް ކޮމިށަނުން ވޯޓުލުން އިންތިޒާމްކުރަންވާނެއެވެ.

(ށ) ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލެވޭނެ ގޮތަކަށް ވޯޓުލުން އިންތިޒާމްކުރުމަށް އިލެކްށަންސް ކޮމިށަނުން މަސައްކަތްކުރަންވާނެއެވެ.

(ނ) ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާންޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަގޮތެއް މެދުވެރިވެފައިވާ ހާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައިވެސް، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރަންވާނީ  އެ ވޯޓުލާ މަރުކަޒެއްގައެވެ.

 

5 ވަނަ މާއްދާ - އަތޮޅު ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި، އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެންބަރުން އިންތިހާބުކުރާއިރު، 2 (ދޭއް) އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން 2 (ދޭއް) މެންބަރުންނެވެ. އަދި 2 (ދޭއް) އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން 3 (ތިނެއް) މެންބަރުންނެވެ.

 

6 ވަނަ މާއްދާ - ސިޓީ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންމެ ސިޓީ ކައުންސިލެއް އެކުލެވިގެންވާނީ އެ ސިޓީ ކައުންސިލްގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބުކުރާ މެންބަރެއް ހިމަނައިގެން އެކުލަވާލެވޭ މެންބަރުންގެ މައްޗަށެވެ.

 

7 ވަނަ މާއްދާ - ރަށު ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު

ރަށްރަށުގެ ރަށު ކައުންސިލަށް މެންބަރުން އިންތިހާބުކުރާނީ ތިރީގައި މިވާ އަދަދަށެވެ. 

(ހ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ  5 (ފަހެއް) މެންބަރުންނެވެ.

(ށ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 (ތިންހާސް) އާއި 10,000 (ދިހަހާސް) އާދެމެދުގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 7 (ހަތެއް) މެންބަރުންނެވެ.

(ނ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 10,000 (ދިހަހާސް) މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 9 (ނުވައެއް) މެންބަރުންނެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެހެން އޮތްނަމަވެސް، ޏ.ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ 3 (ތިނެއް) މެންބަރުންނެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ އުސޫލުން މި ގާނޫނު ތަސްދީގުކުރެވުނުއިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ބަލާ ކޮންމެ ރަށެއްގެ ރަށު ކައުންސިލަކަށްވާ މެންބަރުންގެ އަދަދު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިއުލާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ފުރަތަމަ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު ކަނޑައެޅުން

މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބަށްޓަކައި، ކޮންމެ އަވަށެއްގެ ނުވަތަ ކޮންމެ ރަށެއްގެ ނުވަތަ ކޮންމެ ސިޓީއެއްގެ ނުވަތަ ކޮންމެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައް ކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނީ 31 ޑިސެމްބަރ 2009 ގެ ނިޔަލަށް އެ އަވަށެއްގެ، އެ ރަށެއްގެ، އެ ސިޓީއެއްގެ އަދި އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އާބާދީގެ އަދަދުތަކުގެ މައްޗަށް ބިނާކޮށް  މި ގާނޫނުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، އަދި 7 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އުސޫލުން ކޮންމެ ލޯކަލް ކައުންސިލަކަށްވާ މެންބަރުންގެ އަދަދު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާނީއެވެ.

 

9 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން

(ހ) ގާނޫނު ނަންބަރު 2010-07  (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފެއްދޭ ލޯކަލް ކައުންސިލްތަކުގެ ފުރަތަމަ އިންތިހާބު ބޭއްވުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 45 (ފަންސަޔާޅީސް) ދުވަހުގެ ތެރޭގައި، އަދި ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމަށް 120 (އެއްސަތޭކަވިހި) ދުވަހަށް ވުމާއެކު، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލެއްގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ހާލަތުގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ލޯކަލް ކައުންސިލްގެ  ބައި-އިލެކްށަން ބޭއްވުމަށްޓަކައި އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ކައުންސިލްގެ ބައި-އިލެކްށަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ކުރިމަތިލާ ކައުންސިލް ބަދަލުކުރުމާއި، އެއް ކައުންސިލަށްވުރެ ގިނަ  ކައުންސިލަށް ކުރިމަތިނުލުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެކަކަށް އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި،    އެއް ކައުންސިލަކަށް ކުރިމަތިލާފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާގެނެސް، އެހެން ކައުންސިލަކަށް ކުރިމަތިލެވިދާނެއެވެ.

 

11 ވަނަ މާއްދާ - ވޯޓު ނަގާ ތާރީހު

މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާ ތާރީހަކީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް މި ގާނޫނުގެ  16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން މަދުވެގެން 28 (އަށާވީސް) ދުވަހުގެ މުއްދަތު އޮންނަގޮތަށް ކަނޑައެޅޭ ތާރީހަކަށް ވާންޖެހޭނެއެވެ.

 

12 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1.  ދިވެހި ރައްޔިތަކަށްވުން؛
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
  4. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
  6. ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛ އަދި
  7. ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.

(ށ) ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެމީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި، އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައިވާނަމައެވެ.

(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

  1. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
  2. އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރަމުންދާ މީހެއް ކަމުގައިވުން.
  3. މި މާއްދާގެ (4) އާއި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރުނުވާ މީހަކު ކަމުގައިވުން.
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން.
  5. ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.
  6. އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.

 

13 ވަނަ މާއްދާ - ސިވިލް ސަރވިސްގައި ހިމެނޭ މީހުން ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުން

(ހ) މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބޭއްވޭ އިންތިހާބަކަށް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، ނުވަތަ އިންތިހާބަށް ކުރިމަތިލީ ގޮނޑިއަށް އެމީހަކު ނުހޮވިއްޖެނަމަ، އެމީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެއެވެ. އަދި އެމީހަކު ކުރިމަތިލި އިންތިހާބު ކާމިޔާބުވެއްޖެނަމަ، ސިވިލް ސަރވިސްގެ މަގާމުން އެމީހަކު ވަކިވީއެވެ.

(ނ) މި މާއްދާގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ މެންބަރުކަމަށް ކުރިމަތިލާ ސިވިލް ސަރވިސްގެ މުވައްޒަފެއް އެފަދަ މަގާމަކަށް ކުރިމަތިލުމާއެކު، މި މާއްދާގެ (ހ) ގެ ދަށުން އެމީހަކު ވަޒީފާއިން ސަސްޕެންޑްވެފައި ހުންނަ މުއްދަތުގެތެރޭގައި، އެމީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއިން ލިބެމުން އައި މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ.

 

14 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އިއުލާން އިލެކްށަންސް ކޮމިށަނުން ކުރުމުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާއިރު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

15 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ  މައުލޫމާތާއެކު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގެ ފައިސާގެ އަދަދަކީ 1,500 (އެއްހާސް ފައްސަތޭކަ) ރުފިޔާއެވެ.

(ނ) ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާނުލާ ވާދަކުރާ މީހަކުނަމަ މަދުވެގެން އިންތިހާބީ ދާއިރާގެ 50 (ފަންސާސް) މީހުންގެ ސޮއި ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ނަން އިއުލާންކުރުން

މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އަންގައި އިއުލާންކޮށް، އަދި އެ އިއުލާން އިލެކްށަންސް ކޮމިށަނުގެ އޮފީހުގައާއި އެ ރަށެއްގައި ނުވަތަ  އެމީހަކު ކުރިމަތިލާ އިދާރީ ދާއިރާގެ ނުވަތަ އަވަށުގެ މީހުންނަށް ބެލޭނެގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓްގައި ށާއިއުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިއުލާންކުރުމާއި ކެންޑިޑޭޓުންނާގުޅޭ އާންމު އުސޫލުތައް

މި ގާނޫނުގެ 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި،  12 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބު އިއުލާންކުރުމާއި، ކެންޑިޑޭޓުންނާގުޅޭ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ބާތިލު ވޯޓު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

 

19 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓްގައި ށާއިއުކުރަންޖެހޭ މުއްދަތު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

(ހ)  މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައް ފިޔަވައި، ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި، މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 (ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި،  އެ ގާނޫނުގެ 25 ވަނަ މާއްދާއާއި، އެ ގާނޫނުގެ 66 ވަނަ މާއްދާއާއި،  އެ ގާނޫނުގެ 67 ވަނަ މާއްދާއާއި، އެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން މި ގާނޫނުގެ ބޭނުމަށްޓަކައި، މި ގާނޫނުގެ ދަށުން ބޭއްވޭ ކައުންސިލްތަކުގެ އިންތިހާބުތަކުގެ މައްޗަށް ނުހިނގާނެއެވެ.

 

21 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ހޮވޭގޮތް

(ހ) ލޯކަލް ކައުންސިލްގެ އިންތިހާބުގައި، ކައުންސިލްގެ މެންބަރުކަމަށް  ވާދަކުރާ މީހުންގެ ތެރެއިން އެ ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވާނީ، ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން، އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އިންތިހާބީ ދާއިރާއަކުން ހޮވަންޖެހޭ މެންބަރުންގެ އަދަދު ހަމަވާވަރަށެވެ.

(ށ) ލޯކަލް ކައުންސިލްގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާއިރު އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އިންތިހާބީ ދާއިރާއަކުން ހޮވަންޖެހޭ މެންބަރުންގެ އަދަދު އެ ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ލޯކަލް ކައުންސިލްގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންޖެހުން

(ހ) ލޯކަލް ކައުންސިލްގެ އިންތިހާބުގައި، އެއްވެސް އަވަށަކުން ނުވަތަ ރަށަކުން ނުވަތަ ސިޓީއަކުން ނުވަތަ އިންތިހާބީ ދާއިރާއަކުން އެ ކައުންސިލަކަށް އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާނަމަ އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި   އެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި މި ގާނޫނުގައިވާ ގޮތުގެމަތިން ކައުންސިލްގެ މެންބަރުކަމަށް ކެންޑިޑޭޓަކު ހޮވެންދެން މިގޮތުގެމަތިން ވޯޓު ނަގަމުންދާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އިންތިހާބުގެ އިތުރު ބުރުގައި ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓަކު އެ ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ލޯކަލް ކައުންސިލްގެ އިންތިހާބުގެ އިތުރު ބުރުގައި މި ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

ލޯކަލް ކައުންސިލެއްގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވާއިރުވެސް، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭ ގޮތުން އަމަލުކުރަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

24 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލީ މެންބަރުންގެ އަދަދު މަދުވުން

ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިހާބުގައި ވޯޓުލުމެއްނެތި  އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީކަމަށް އިއުލާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - އިންތިހާބަށް މީހަކު ކުރިމަތިނުލުމާއި ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު މަދުވުން

ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުމުން އެއްވެސް މީހަކު  އެ އިންތިހާބަށް ކުރިމަތިނުލައިފިނަމަ ނުވަތަ އެ ދާއިރާއަކުން އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރަށް އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިނުލައިފިނަމަ، އަލުން އެ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިހާބުކުރުމަށްޓަކައި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު) ގެ ދަށުން  އެ މަގާމުތަކަށް ވަގުތީގޮތުން އައްޔަންކުރެވޭ މެންބަރުން އައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިއުލާންކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ވޯޓުގެ ސިއްރުކަން ޔަގީންކުރުން

(ހ) ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާންޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތެއް މެދުވެރިވާ ހާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައިވެސް، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރަންވާނީ  އެ ވޯޓުލާ މަރުކަޒެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އަމަލުކުރުމަށް ކަނޑައަޅާގޮތް މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) އިންތިހާބާބެހޭ ގޮތުން އިލެކްށަންސް ކޮމިށަނުން ހަދާ އެންމެހައި ގަވާއިދުތައް ބޭނުންވެއްޖެ ކޮންމެ ފަރާތަކަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. އަދި މިގޮތުން އިލެކްޓްރޯނިކް އަދި އެހެނިހެން މީޑިއާ މެދުވެރިކޮށް އިންތިހާބާބެހޭ ގޮތުން ހަދާ އެންމެހައި ގަވާއިދުތަކާއި މި ގާނޫނުގެ ދަށުން އިއުލާންކުރަންޖެހޭ އިންތިހާބުގެ ނަތީޖާތައް، އާންމުކޮށް ލިބެން ހުންނާނެ ގޮތް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. އަދި މިގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް އެއްވެސް ސަބަބަކާހުރެ ހުރަސް އެޅިއްޖެނަމަ، އެކަންތައް 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަށް ނުވަތަ އެ އަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި  އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއްނާޅައެވެ. އެހެންނަމަވެސް އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމާއި    އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ ދެމެދު އިތުރު ގަވާއިދެއް ނުހެދޭނެއެވެ. އަދި އަމަލުކުރަމުންދާ ގަވާއިދަކަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

28 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސިޔާސީ ގޮތުން އައްޔަންކުރެވިފައިވާ ކައުންސިލަރުންގެ މަގާމުތައް އުވުން

މި ގާނޫނުގެ ދަށުން އެއްވެސް އިންތިހާބެއް ބޭއްވުމަށް އިއުލާންކޮށްފިނަމަ،  އެ އިންތިހާބަކަށް އިއުލާންކުރާ ދުވަހުން ފެށިގެން އެ އިންތިހާބެއް ނިމެންދެން،  އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މުވައްޒަފެކެވެ.

 

29 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛

"އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނައިގައެވެ.

"ބައި-އިލެކްށަން" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބަށެވެ.

"އިދާރީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށެވެ.

"ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.

"ސަސްޕެންޑްވުން' ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ މުވައްޒަފަކު މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމާ ހަމައަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް ނުނިކުމެ އެމީހަކު ހުންނަ މުއްދަތަށެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ނުވަތަ ދޭހަ ނުވާހާ ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު (އުސޫލު ނަންބަރު 2022-33)
  2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރ 2010-05)
  3. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރ 2016-185)

ރިފަރެންސް

12 ޖުލައި 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުޅަ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 29 ޖުލައި 2010 (ޝަޢްބާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު