gaanoon_logo
-

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-08)

(މި ގާނޫނަށް އަމަލުކުރަން ފެށީ 29 މޭ 2025 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އައްޔަންކުރާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކޮށް، އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައަޅައި ބަޔާންކުރުމާއި، ބަންޑާރަނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، އެ އޮފީހުން ފޯރުކޮށްދޭންޖެހޭނެ ހިދުމަތްތަކާއި، ބަންޑާރަނައިބުގެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ބަންޑާރަނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، އެ އޮފީހުން ފޯރުކޮށްދޭންޖެހޭނެ ހިދުމަތްތައް ބަޔާންކުރުން؛

(ށ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް، ބަންޑާރަނައިބުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަނޑައެޅުން؛ 

(ނ) ގާނޫނުއަސާސީއާއި ގާނޫނުން ބަންޑާރަނައިބާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ތަބާވުން ކަށަވަރުކުރުމަށާއި، އެއިން ކަމެއްގައި އިތުރު އެއްވެސް ފަރާތެއްގެ ބާރެއް ނުވަތަ ނުފޫޒެއް ބަންޑާރަނައިބުގެ މައްޗަށް ނުހިންގޭނެކަން ކަށަވަރުކުރުމަށްޓަކައި، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައެޅުން؛

(ރ) ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި ހަރުދަނާ އޮނިގަނޑެއްގެ ދަށުން އޮފީހުގެ މަސައްކަތްތައް އިންތިޒާމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކަށައެޅުން؛ 

(ބ) ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތައް ކަނޑައެޅުމާއި، ބަންޑާރަނައިބުގެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން؛

(ޅ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ ހަމަތަކާއި އުސޫލުތައް އަދި މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް ކަނޑައެޅުން. 

 

ދެވަނަ ބާބު

ބަންޑާރަނައިބުގެ އޮފީސް

 

3 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީސް

(ހ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުމުގައި ބަންޑާރަނައިބަށް އެހީތެރިވުމަށްޓަކައި، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ބަންޑާރަނައިބުގެ އޮފީހެއް ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮފީހަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީސް" އެވެ. އަދި އެ އޮފީހަށް އިނގިރޭސި ބަހުން ކިޔާނީ ”Attorney General’s Office” އެވެ.

(ނ) ބަންޑާރަނައިބުގެ އޮފީހުގެ އެންމެ އިސްފަރާތަކީ، ބަންޑާރަނައިބެވެ.

 

4 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް

ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. 

(ހ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން؛

(ށ) ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުން؛

(ނ) ގާނޫނުއަސާސީގައި އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތުގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުން؛

(ރ) އާބިޓްރޭށަނާއި މީޑިއޭށަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ސަރުކާރާއި ދިވެހި ދައުލަތް ތަމްސީލުކުރުން؛

(ބ) ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށާއި ދައުލަތުގެ އިދާރާތަކަށް ގާނޫނީ ލަފަޔާއި މަށްވަރާ ދިނުން؛

(ޅ) ސަރުކާރުގެ އިދާރާތަކުން އެކުލަވާލާ އެއްބަސްވުންތަކާއި، ގަވާއިދުތަކާއި، ގާނޫނީ އުސޫލުތަކާ ގުޅޭގޮތުން އެ އިދާރާތަކަށް ގާނޫނީ ލަފަޔާއި މަށްވަރާ ދިނުން؛

(ކ) ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެންމެހައި މަސައްކަތްތައް ކުރުން؛

(އ) ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަގްވާމީ އިލްތިޒާމްތަކާ ގުޅޭގޮތުންނާއި، ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ދިވެހިރާއްޖެއިން ބައިވެރިވާ ނުވަތަ ބައިވެރިވުމަށް މަސައްކަތްކުރާ މުއާހަދާތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުން ސަރުކާރަށާއި ދައުލަތުގެ އިދާރާތަކަށް ގާނޫނީ ލަފާދިނުން؛

(ވ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުގެ ކުރިން އެ ބިލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާދިނުން؛

(މ) ގާނޫނު ހެދިފައިނުވާ ދާއިރާތަކާއި، ގާނޫނު އިސްލާހުކުރަންޖެހޭ ދާއިރާތައް ފާހަގަކުރުމާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން އެ ދާއިރާތަކާގުޅޭ ދިރާސާތައް ކުރުމާއި، ކަމާގުޅޭ ބިލުތައް އެކުލަވާލުން؛

(ފ) ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ ދާއިރާތައް ފާހަގަކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ދާއިރާތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމާގުޅޭ ބިލުތައް އެކުލަވާލުން؛

(ދ) ޒަމާނާ ނުގުޅޭ ނުވަތަ ދިވެހިރާއްޖެއަށް ބޭނުންނުވާ ގާނޫނުތައް ހުރިނަމ،ަ އެކަން ފާހަގަކޮށް، އެ ގާނޫނުތައް އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ލަފާދިނުމާއި، އެ އިދާރާތަކުގެ މަށްވަރާއާއެކު ކަމާގުޅޭ ބިލުތައް އެކުލަވާލުން؛

(ތ) އިންސާނީ ހައްގުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް ދިވެހިރާއްޖެއިން ތަންފީޒުކުރުމާއި، އެ މުއާހަދާތަކުގެ ދަށުން ޖަވާބުދާރީވާން ކަނޑައެޅިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ރިޕޯޓުކުރުމުގެ ގައުމީ ނިޒާމު ހިންގުމާއި، އެ މުއާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ތަންފީޒީ މަސައްކަތްތައް މޮނިޓަރކުރުމާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ނިޒާމުތަކާއެކު މަސައްކަތްކުރުން؛

(ލ) ދިވެހިރާއްޖޭގެ ގާނޫނުތައް ށާއިއުކުރުމާއި، އެ ގާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ގާނޫނުތަކަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން ގާނޫނުތައް ފުރިހަމަކޮށް އެކުލަވާލައި، ގަވާއިދުން އާންމުކުރަމުން ގެންދިޔުން؛

(ގ) ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛

(ޏ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ސ) ގާނޫނުއަސާސީގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ބަންޑާރަނައިބުގެ ބެލެހެއްޓުމުގެ ދަށުން ނުވަތަ ބަންޑާރަނައިބުގެ އޮފީހުގެ ބެލެހެއްޓުމުގެ ދަށުން ހިންގުމަށް ކަނޑައަޅާ އިދާރާއަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި 

(ޑ) ގާނޫނުއަސާސީއާއި ގާނޫނުތަކުން ބަންޑާރަނައިބާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބަންޑާރަނައިބު އަންގާ ގޮތެއްގެމަތިން ކުރުން.

 

5 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ އޮނިގަނޑު

(ހ) ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑު އެކަށައަޅައި، ބަންޑާރަނައިބުގެ އޮފީހުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި، ޑިވިޒަންތަކާއި، ސެކްށަންތަކާއި، ޔުނިޓްތައް ކަނޑައަޅައި، އެ ތަންތަނުގެ މަސައްކަތްތައް އިންތިޒާމުކޮށް ކަނޑައަޅާނީ ބަންޑާރަނައިބެވެ. މި އޮނިގަނޑަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ އިދާރީ އޮނިގަނޑު" އެވެ. 

(ށ) ބަންޑާރަނައިބާއި، ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ހިމެނޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަނައިބެވެ. މި އޮނިގަނޑަށް ކިޔާނީ، "ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު" އެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަގާމުތަކުގެ އޮނިގަނޑުގައި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މަގާމުތަކާއި، މަގާމުތަކުގެ އަދަދާއި، އެ މަގާމުތަކުގެ ގިންތިއާއި ށަރުތުތައް ބަޔާންކުރަންވާނެއެވެ. އެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން، ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މަގާމުތަކުގެ އޮނިގަނޑު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.

(ބ) ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ނުވަތަ ބަންޑާރަނައިބުގެ އޮފީހުގެ ބެލެހެއްޓުމުގެ ދަށުން ހިންގުމަށް އެހެން ގާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާތައް އިދާރީގޮތުން ހިންގާނެ ގޮތުގެ އިންތިޒާމުތައް ކަނޑައަޅާނީ ބަންޑާރަނައިބެވެ.

 

 

ތިންވަނަ ބާބު

ބަންޑާރަނައިބު

 

6 ވަނަ މާއްދާ - ބަންޑާރަނައިބު އައްޔަންކުރުމާއި ވަކިކުރުން

ބަންޑާރަނައިބުކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

7 ވަނަ މާއްދާ - ބަންޑާރަނައިބުގެ ށަރުތުތައް

ބަންޑާރަނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކީ ގާނޫނުއަސާސީގެ 130 ވަނަ މާއްދާއާއި 133 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހަކު ކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 

ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން؛

(ށ) ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށާއި ދައުލަތުގެ އިދާރާތަކަށް ގާނޫނީ ލަފަޔާއި މަށްވަރާ ދިނުން؛

(ނ) ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުން؛ 

(ރ) ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި، ދައުލަތުގެ ނަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި، އަދި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތުގެ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުން؛ 

(ބ) ގާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ނުވަތަ އެފަދައިން ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުން؛

(ޅ) ސަރުކާރު ށާމިލްނުވާ މަދަނީ މައްސަލަތަކުގައިވެސް، ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ކޯޓަށް ހާޒިރުވެ ވާހަކަދެއްކުން؛

(ކ) އާބިޓްރޭށަނާއި މީޑިއޭށަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ސަރުކާރާއި ދިވެހި ދައުލަތް ތަމްސީލުކުރުން ނުވަތަ އެފަދައިން ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުން؛

(އ) ދައުލަތުގެ އިދާރާއަކުން ކުރަމުންގެންދާ ނުވަތަ ކުރުމަށް ނިންމާފައިވާ ކަމަކީ ސަރުކާރު ށާމިލުނުވާ ކަމެއް ކަމުގައިވީ ނަމަވެސް، އެކަމުގައި ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެނަމ،ަ އެކަމެއްގައި ކުރިއަށްދާނެ ގޮތުގެ ގާނޫނީ ލަފާ އެ އިދާރާއަކަށް ދިނުން؛

(ވ) ދައުލަތުގެ އިދާރާއަކުން ކުރަމުންގެންދާ ނުވަތަ ކުރުމަށް ނިންމާފައިވާ ކަމަކީ ގާނޫނުއަސާސީއާ ނުވަތަ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަންޑާރަނައިބަށް ފެންނަ ކަންކަމުގައި، އެފަދައިން އެ އިދާރާތަކަށް އަންގައި، އެކަންކަމުގައި ކުރިއަށްދާނެ ގޮތުގެ ގާނޫނީ ލަފާ އެ އިދާރާއަކަށް ދިނުން؛

(މ) ދިވެހިރާއްޖޭގެ އަދި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި، އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ށާމިލުވާގޮތުން ހިނގާ މައްސަލަތަކުގައި، އެ މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ދައުލަތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮބައިކަން ކަނޑައަޅައި، އެ މައްސަލަތަކާމެދު ދައުލަތުގެ ފަރާތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން؛

(ފ) ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި އުފެދޭ ހުސޫމާތްތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުސޫމާތް އުފެދިފައިވާ މައްސަލައާމެދު ގާނޫނީގޮތުން ގޮތެއް ކަނޑައެޅުން؛

(ދ) ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުންއަމަލުކޮށްފައިވާ ގޮތުން އެހެން ފަރާތަކަށް ގެއްލުމެއްވެގެން އުފެދޭ ހުސޫމާތްތަކުގައި، ދައުލަތަށް ނުވަތަ ސަރުކާރަށް އެންމެ ގެއްލުން ކުޑަ ގޮތަކީ، އެކަމުގައި މަށްވަރާކޮށްގެން ހައްލު ހޯދުން ކަމުގައި ބަންޑާރަނައިބަށް ފެނިއްޖެ ހިނދެއްގައި، އެ ހުސޫމާތްތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުސޫމާތް އުފެދިފައިވާ މައްސަލައާމެދު ގާނޫނީގޮތުން ގޮތެއް ކަނޑައަޅައި، ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރާތަކަށް އެންގުން؛

(ތ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ނުވަތަ އެކަންކަމުގައި މަށްވަރާ ދިނުމަށް ކޮމިޓީތައް އެކުލަވާލުން؛ 

(ލ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ނުވަތަ އެކަންކަމުގައި މަށްވަރާ ދިނުމަށް ދިވެހިރާއްޖެއިންނާއި ދިވެހިރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންނާއި މާހިރުން އައްޔަންކުރުން؛

(ގ) ސަރުކާރުގެ އިދާރާތަކުންނާއި ދައުލަތުގެ އިދާރާތަކުން އާންމު އުސޫލުން އެކި ފަރާތްތަކާއެކު ކުރާ އެއްބަސްވުންތަކުގައި ހުރުން ލާޒިމްވާ ށަރުތުތައް ކަނޑައަޅައި އެންގުން؛

(ޏ) ސަރުކާރުގެ އިދާރާތަކުގައި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުން އަދާކުރާ ގާނޫނީ ދާއިރާގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިރުށާދު ދިނުން؛

(ސ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި، ބަންޑާރަނައިބުގެ އެންގުންތަކާއި، ޑައިރެކްޓިވްސްތަކާއި، ޕްރެކްޓިސް ގައިޑްލައިންތަކާއި، އުސޫލުތައް އެކުލަވާލައި ހިންގުން

(ޑ) ބަންޑާރަނައިބުގެ އޮފީސް ހިންގުމަށް ބޭނުންވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުން؛

(ޒ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާކުރުން؛

(ޓ) ބަންޑާރަނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އެކަންކަން ހިންގަންވާގޮތުގެ އިރުށާދ،ު ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންނަށާއި، ސެކްރެޓަރީ ޖެނެރަލަށާއި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް ދިނުން؛

އަދި

(ޔ) ގާނޫނުއަސާސީންނާއި ގާނޫނުން ބަންޑާރަނައިބު އަދާކުރުމަށް ކަނޑައަޅާފައިވާ އެނޫންވެސް އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.

 

9 ވަނަ މާއްދާ - ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ހަމަތައް

ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ.

 

10 ވަނަ މާއްދާ - ބަންޑާރަނައިބު ކޮށްގެންނުވާނެ ކަންތައްތައް

ބަންޑާރަނައިބުގެ މަގާމުގައި ހުރި މީހަކު، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ނުވަތަ ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރުން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން؛

(ށ) ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކުރުން؛

(ނ) ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފުން؛ އަދި

(ރ) ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ބަންޑާރަނައިބުގެ މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން.

 

11 ވަނަ މާއްދާ - މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން

ކޮންމެ އަހަރަކު އެއްފަހަރު ބަންޑާރަނައިބު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ބަންޑާރަނައިބާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ބަންޑާރަނައިބު ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން، ސައްހަ މައުލޫމާތ،ު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ. އަދި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މައުލޫމާތެއް އެ މަޖިލީހަށް ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ބަންޑާރަނައިބުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުން

(ހ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި އޭނާއަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ހިންގުމުގައި އޭނާގެ އިރުށާދުގެ ދަށުން އެކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން މީހަކާ ނުވަތަ ބަޔަކާ ހަވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ބަންޑާރަނައިބު އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރާ ކަމެއް، ހަވާލުކުރަންވާނީ، ބަންޑާރަނައިބު ލިޔުމުން ދޭ ހުއްދައެއްގެ ދަށުން، އެ ހުއްދައިގައިވާ މިންވަރަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ބަންޑާރަނައިބު ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް ނުހިމެނެއެވެ.

 

 

ހަތަރުވަނަ ބާބު

ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމުތައް

 

14 ވަނަ މާއްދާ - ޑެޕިއުޓީ އެޓަރނީ ޖެނެރަލް މަގާމަށް އައްޔަންކުރުމާއި ވަކިކުރުމާއި، އެ މަގާމުގެ ށަރުތުތަކާއި، މަގާމުން އިސްތިއުފާދިނުން

(ހ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ އެޓަރނީ ޖެނެރަލެއް ހުންނަންވާނެއެވެ.

(ށ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް އައްޔަންކޮށް ވަކިކުރާނީ، ބަންޑާރަނައިބުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމުގެ އިތުރުން، މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން؛ އަދި
  2. ގާނޫނީ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

(ރ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.

 

15 ވަނަ މާއްދާ - ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، ވަޒީފާ އަދާކުރުމުގެ ހަމަތައް

(ހ) ޑެޕިއުޓީ އެޓަރނީ ޖެނެރަލަކީ ބަންޑާރަނައިބުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާއަށް އެހީތެރިވެދިނުމަށްޓަކައި އައްޔަންކުރެވޭ ފަރާތެކެވެ. އެ މަގާމަށް އައްޔަންކުރެވޭ ފަރާތް މަސައްކަތްކުރާނީ ބަންޑާރަނައިބުގެ ލަފަޔާއި އިރުށާދުގެ ދަށުންނެވެ. 

(ށ) ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި، ލިބިދޭ ބާރުތައް ކަނޑައަޅައި، އެކަންކަން އެ ފަރާތަށް އަންގާނީ ބަންޑާރަނައިބެވެ. އަދި އެ ފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ފަރާތުން ޖަވާބުދާރީވާނީ ބަންޑާރަނައިބަށެވެ.

(ނ) ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހާއްސަ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރާނީ ބަންޑާރަނައިބެވެ.

 

16 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް 

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ބަންޑާރަނައިބުގެ އޮފީހަށް ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމުގެ އިތުރުން، މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން؛ އަދި
  2. ހިންގުމުގެ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލަކީ ބަންޑާރަނައިބުގެ އޮފީހުގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތަކީ، ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި އިދާރީ ކަންކަން ދުވަހުން ދުވަހަށް ރާވައި، އިދާރީގޮތުން އޮފީސް ހިންގައި ބެލެހެއްޓުމެވެ.

(ބ) ސެކްރެޓަރީ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ ބަންޑާރަނައިބަށެވެ.

(ޅ) ސެކްރެޓަރީ ޖެނެރަލް އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހާއްސަ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރާނީ ބަންޑާރަނައިބެވެ.

(ކ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ.

(އ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކިކުރާ މީހަކު ފިޔަވައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހަކު، 5 (ފަހެއް) އަހަރު ދުވަހުގެ އިތުރު ދެ ދައުރަށް އައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމާއި ވަކިކުރުމާއި، މަގާމުން އިސްތިއުފާދިނުމާއި، މުސާރައާއި އިނާޔަތް ކަނޑައެޅުން

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ ބަންޑާރަނައިބެވެ. މިގޮތުން، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި، އެފަދައިން ހުށަހަޅާ ފަރާތްތަކާ އިންޓަރވިޔުކުރުމަށްފަހު، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

(ށ) ރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކު، އޭނާގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރަމުން ނުދާކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ހިނދެއްގައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މީހަކު އެ މަގާމުން ވަކިކުރެވިދާނެއެވެ.

(ނ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މަގާމުން އިސްތިއުފާދެވިދާނެއެވެ. 

(ރ) ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ މާލިއްޔަތާގުޅޭ ކަންކަން ތަންފީޒުކުރާ ވުޒާރާއިންނެވެ.

 

 

ފަސްވަނަ ބާބު

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން

 

18 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވާ ގިންތިތައް

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ގިންތީގެ މުވައްޒަފުންގެ މައްޗަށެވެ.

(ހ) ލީގަލް ސަރވިސް؛

(ށ) އެޑްމިނިސްޓްރޭޓިވް ސަރވިސް.

 

19 ވަނަ މާއްދާ - ލީގަލް ސަރވިސްގެ މުވައްޒަފުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލީގަލް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނެނީ، ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ ގާނޫނީ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ.

(ށ) ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން ބަންޑާރަނައިބު އަދި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަން ހަމަޖެހިފައިވާ އެންމެހައި ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، އެކަށީގެންވާ އަދަދަކަށް ލީގަލް ސަރވިސްގެ މުވައްޒަފުން ބަންޑާރަނައިބުގެ އޮފީހަށް އައްޔަންކުރަންވާނެއެވެ.

(ނ) ލީގަލް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މަގާމުތަކާއި، މަގާމުގެ ރޭންކިންގ އަދި ށަރުތުތައް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި ކަނޑައަޅަންވާނެއެވެ.

(ރ) ލީގަލް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) ލީގަލް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި، އެފަދައިން ހުށަހަޅާ ފަރާތްތަކާ އިންޓަރވިޔުކުރުމަށްފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

(ޅ) ލީގަލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދޭނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

20 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުން 

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނެނީ، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ޑިވިޒަންތަކުގެ އިދާރީ މުވައްޒަފުންނާއި، އޮފީހުގެ އާންމު އިދާރީ މުވައްޒަފުންނެވެ.

(ށ) އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މަގާމުތަކާއި، މަގާމުގެ ރޭންކިންގ އަދި ށަރުތުތައް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި ކަނޑައަޅަންވާނެއެވެ.

(ނ) އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި، އެފަދައިން ހުށަހަޅާ ފަރާތްތަކާ އިންޓަރވިޔުކުރުމަށްފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

(ބ) އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ މަގާމަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް މަގާމުގެ ކުރިއެރުން ދޭނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

21 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި، ވަޒީފާ އަދާކުރުމުގެ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަން

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތެއްގެމަތިން އަދި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކުރާ ވަޒީފާއާބެހޭ އާންމު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދު ބަންޑާރަނައިބު އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، މުވައްޒަފުން ވަޒީފާއަށް އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކަނޑައެޅުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ތަމްރީނު ދިނުމާއި، މުވައްޒަފުންނާމެދު ފިޔަވަޅު 
އެޅުމާއި، އެނޫންވެސް މުވައްޒަފުންނާއި ވަޒީފާއާގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތު ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ހަދާ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދ،ު މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މުވައްޒަފުންގެ ގިންތީގެ މަގާމުތަކަށް އައްޔަންކުރެވޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.

 

23 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް

(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ މާލިއްޔަތާގުޅޭ ކަންކަން ތަންފީޒުކުރާ ވުޒާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި، ލީގަލް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ދައުލަތުގެ ވަކީލުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަމުގައެވެ. އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުސާރައިގެ އޮނިގަނޑު، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާތ،ާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުންނާއި މުވައްޒަފުންގެ ސުލޫކީ މިންގަނޑު

(ހ) ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރާ ދައުލަތުގެ ވަކީލުންގެ ސުލޫކީ މިންގަނޑުތަކާއި އެ ވަކީލުން ހިފަހައްޓަންޖެހޭ ހާއްސަ ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ބަންޑާރަނައިބު ކަނޑައަޅަންވާނެއެވެ.

(ށ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ތަބާވާންޖެހޭ އާންމު ސުލޫކީ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން، މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވެއްޖެނަމަ، އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

 

26 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން

(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، މި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަރމަންޓް ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުމުރުން 55 (ފަންސާސްފަހެއް) އަހަރުންމަތީގެ މުވައްޒަފުން އަމިއްލައަށް އެދިގެން ހިދުމަތުން މުސްކުޅިކުރުމަށް އެދޭނަމ،ަ މި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަރމަންޓް ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު އެ މުވައްޒަފަކު ހިދުމަތުން މުސްކުޅިކުރެވިދާނެއެވެ.

(ނ) އިތުރުން ބަންޑާރަނައިބުގެ އޮފީހުގައި 20 (ވިހި) އަހަރު ދުވަހު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފަކު، ނުވަތަ ބަންޑާރަނައިބުގެ އޮފީހުގައި 10 (ދިހައެއް) އަހަރު ދުވަހު ހިދުމަތްކުރުމާއެކު، ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ޖުމްލަ 20 (ވިހި) އަހަރު ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފުރިހަމަކޮށްފައިވާ މުވައްޒަފަކު، މި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަރމަންޓް ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ލިބިދެވޭ އިނާޔަތް، މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަކަށް ލިބިއެއް ނުދެވޭނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ހިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދޭންވާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

ހަވަނަ ބާބު

އެހެނިހެން ކަންކަން 

 

27 ވަނަ މާއްދާ - މާލީ ކަންކަން

ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސ،ާ ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ކަނޑައަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

ބަންޑާރަނައިބުގެ ނުވަތަ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ބަންޑާރަނައިބަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު، ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދ،ު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.

 

29 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ބަންޑާރަނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 )ސާދަ( ދުވަހުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީހުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ބަންޑާރަނައިބަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - އިންތިގާލީ ކަންކަން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ ހިނދުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުން، މި ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ބަންޑާރަނައިބުގެ އޮފީހުގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި ބަޔާންކުރާ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕާރމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުރި ފަރާތް، އެ ހިނދުން ފެށިގެން މި ގާނޫނުގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބަދަލުވީއެވެ.

(ރ) މި ގާނޫނުގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަމުގައި އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތަކަށް އަމަލުކުރަން ފެށެންދެން، މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަމުގެ މައްޗަށް ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށް ހިނގާ ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކެވެ. އަދި އެ ގަވާއިދުތަކުގައި ސިވިލް ސަރވިސް ކޮމިށަނުން ކުރަންޖެހޭކަމަށް ބަޔާންކުރާ ކަންކަން އެ މުއްދަތުގެ ތެރޭގައި ކުރާނީ ސެކްރެޓަރީ ޖެނެރަލެވެ.

 

31 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން 

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ބަންޑާރަނައިބެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ އިތުރުން، މި ގާނޫނުން ބާރު ލިބިގެން، މި ގާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

33 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ވަކި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބަންޑާރަނައިބު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަންޑާރަނައިބަށެވެ.

(ށ) "ބަންޑާރަނައިބުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އޮފީހަށެވެ.

(ނ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނ،ީ ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި ތަންތަނަށެވެ. އަދި މި މާނައިގެ ތެރޭގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމަށްޓަކައި އުފައްދާފައިވާ ކައުންސިލްތައްވެސް ހިމެނޭނެއެވެ.
(ރ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މަގާމަށް އަދި އެ މަގާމަށް ބަންޑާރަނައިބު އައްޔަންކުރާ ފަރާތަށެވެ.

(ބ) "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޑެޕިއުޓީ އެޓަރނީޖެނެރަލާއި، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކަށެވެ.

(ސ) "ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށެވެ.

(ކ) "ސިވިލް ސަރވިސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ބަޔާންކުރާ ސިވިލް ސަރވިސް ކޮމިށަނަށެވެ.

 

ގުޅުންހުރި ގަވާއިދު

ބަންޑާރަ ނައިބުގެ އޮފީހުގެ ހިންގާ ގަވާއިދު 1957 (ގަވާއިދު ނަންބަރު 1957)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު