އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-102)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 އޮކްޓޫބަރު 2024 ގައި)
(މި ގަވާއިދުގެ 118 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2020-98 އާއި ގަވާއިދު ނަންބަރު 2022-83 އުވާލެވިފައި)
އެއްވަނަ ބާބު
އިބްތިދާއީ ބައި
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 36 ވަނަ މާއްދާއިން ބާރު ލިބިގެން، އެންޓި-ކޮރަޕްށަން ކޮމިށަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުންހިފުމުގައްޔާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ކޮރަޕްށަނުގެ ކުށްތައް ތަހުގީގުކުރުމުގެ އެންމެހައި މަރުހަލާތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު" އެވެ.ެ
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.ެ
(ހ) ކޮމިށަނަށް ހުށަހެޅޭނެ މައްސަލަތަކަކީ ކޮބައިކަން ބަޔާންކުރުމާއި، ކޮމިށަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ށ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރުން.
(ނ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން ހާޒިރުކުރެވޭ މީހުންނަށް ސުވާލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތާއި އެ ފަރާތްތަކަށް ލިބިދެވޭ ހައްގުތަކަކީ ކޮބައިކަން ބަޔާންކުރުން.
(ރ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(ބ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން ބަލައި ފާސްކުރެވޭ ތަންތަނުން ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެވޭ އެންމެހައި ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން.
(ޅ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން، ފޮރެންސިކް ހެކި ހޯދުމަށް ޓަކައި ސާމްޕަލް ނެގުމުގައްޔާއި، ސާމްޕަލް ގެންގުޅުމުގައްޔާއި، ސާމްޕަލް ތަހުލީލުކުރުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރުން.
(ކ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ބެންކް އެކައުންޓުމޮނިޓަރކުރުމާއި، ފައިސާ ހިފެހެއްޓުމާއި، މުއާމަލާތުކުރުން ހުއްޓުވުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.
(އ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކީ، ގުޅިގެން ތަހުގީގުކުރަންޖެހޭމައްސަލައެއް ނަމަ، އެ މައްސަލަ ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.
(ވ) ތަހުގީގުކުރުމާ ގުޅޭ ގޮތުން މި ކޮމިށަނަށް ލިބިދޭ އެ ނޫން ވެސް ބާރުތައް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ.
ދެވަނަ ބާބު
މައްސަލަ ހުށަހެޅުމާއި، މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން
4 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމާއި ރަޖިސްޓަރީކުރުމުގެ މައިގަނޑު އުސޫލު
އެންޓި-ކޮރަޕްށަން ކޮމިށަނަށް މައްސަލަ ހުށަހެޅުމާއި އެންޓި-ކޮރަޕްށަން ކޮމިށަނުގައި މައްސަލަ ރަޖިސްޓަރީކުރުމުގައި އަމަލުކުރާނީ، މި ބާބުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
5 ވަނަ މާއްދާ - ހުށަހެޅޭނެ މައްސަލަތައް
ކޮމިށަނަށް ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށުގެ މައްސަލަތަކެވެ.
(ހ) ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް.
(ށ) ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް.
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް.
(ރ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް.
(ބ) މަތީގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ގާނޫނަކުން ކޮރަޕްށަނުގެ ކުށްކަމުގައި ކަނޑައަޅާ ކޮންމެ ކުށެއް.
6 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތައް
މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށުގެ މައްސަލަތައް، ތިރީގައިވާ ފަރާތްތަކަށް ކޮމިށަނަށް ހުށަހެޅިދާނެއެވެ.
(ހ) ކޮރަޕްށަނުގެ ކުށެއް ކުރިކަމުގެ ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް.
(ށ) ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ ކަމަކާ ގުޅިގެން އެ އިދާރާއަކުން.
(ނ) ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް.
7 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
(ހ) ކޮމިށަނަށް ވަކިފަރާތަކުން މައްސަލައެއް ހުށަހެޅުމަކާ ނުލައި، ކޮރަޕްށަނުގެ ކުށެއް ހިނގައިފިކަމުގެ ނުވަތަ ހިންގާކަމުގެ ނުވަތަ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ނުވަތަ ށައްކުކުރެވިއްޖެ ނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތީން، އެ މައްސަލައެއް ބެލުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން، މައްސަލައެއް ބެލުމަށް ނިންމާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އެ މައުލޫމާތު ކޮމިށަނަށް ލިބިގެންނެވެ.
- ކޮމިށަނުން ކުރިޔަށްގެންދާ ދިރާސާއަކުން؛
- އޮޑިޓަރ ޖެނެރަލް ނެރޭ އޮޑިޓް ރިޕޯޓަކަށްފަހު، އެންޓި-ކޮރަޕްށަން ކޮމިށަނަށް ތަހުގީގުކުރުމަށް ފޮނުވާ ކަންކަން؛
- މީޑިއާއިން ފާހަގަކުރެވޭ ކަންކަމުން؛
- މަތީގައިވާ ގޮތްތައް ފިޔަވައި، އެހެނިހެން ގޮތްގޮތުން ކޮމިށަނަށް ލިބޭމައުލޫމާތަކުން.
8 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް
ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.
(ހ) މައްސަލަ ހުށަހެޅުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުން.
(ށ) ވެބްސައިޓުގައި މައްސަލަ ހުށަހެޅުމަށް ޓަކައި ގާއިމުކޮށްފައިވާ ޕޯޓަލުން.
(ނ) ފޯނުން.
(ރ) ސިޓީން ނުވަތަ އެހެނިހެން ލިޔުމުން.
(ބ) ކޮމިށަނަށް ހާޒިރުވެގެން.
9 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ދޭންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބު ނުވަތަ ސަބަބުތައް؛
- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހު؛
- މައްސަލަ ހިނގި ތަން ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ކޮމިށަނަށް މައުލޫމާތު ދިނުމަށް ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތު ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހަޅުމަކަށް ނުވަތަ ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން މައްސަލަ ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ކޮމިށަނަށް ދިންނަމަވެސް، ކޮމިށަނުން އެ މައުލޫމާތު ސިއްރުކުރަންވާނެއެވެ.
10 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ ށަރުތު
މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތަށް ކޮމިށަނަށް ހުށަހެޅޭ މައްސަލ،ަ ކޮމިށަނުގައި ރަޖިސްޓަރީކުކުރެވޭނީ، އެންމެ މަދުވެގެން ވެސް، ތިރީގައިވާ ށަރުތުތައް އެ މައްސަލައެއްގައި ފުރިހަމަވާނަމައެވެ.
(ހ) ހުށަހަޅައިފައިވާ މައްސަލައަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކަމުގައި ވުން.
(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި، ކޮމިށަނުގެ މައްސަލަ ހުށަހަޅާ ފޯމުގައި ކޮންމެހެން ފުރިހަމަވާންޖެހޭނެ ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވުން.
11 ވަނަ މާއްދާ - ރަޖީސްޓަރީކުރުމުގެ މަސްއޫލިއްޔަތު
މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލ،ަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން ކޮމިށަނުގައި ރަޖިސްޓަރީކުރުމާ މެދު ގޮތެއް ނިންމާނީ،އެ ވަގުތަކު މައްސަލަ ރަޖިސްޓަރީކުރުމުގެ މަސްއޫލިއްޔަތު ކޮމިށަނުން ހަވާލުކޮށްފައިވާ އެންމެ އިސް މުވައްޒަފެވެ.
12 ވަނަ މާއްދާ - މައްސަލައިގެ ރަޖިސްޓަރީ
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލަ ހުށަހެޅޭ ހާލަތުގައްޔާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކޮމިށަނުގެ އަމިއްލަ އިސްނެގުމުގައި މައްސަލައެއް ބަލަން ނިންމާ ހާލަތުގައި، އެ މައްސަލަތައް ކޮމިށަނުގެ މައްސަލައިގެ ރަޖިސްޓްރ ށަނުގެ ދަފުތަރުގައި ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައިގެ ރަޖިސްޓަރީގައި، އެންމެ މަދުވެގެން، ތިރީގައިވާ މައުލޫމާތު، އެ މައުލޫމާތު އެނގެން އޮންނަ ނަމަ، ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅި ތާރީހު؛
- މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގެ ހުލާސާ؛
- މައްސަލަ ރަޖިސްޓަރީކުރުމާ މެދު ނިންމި ގޮތް؛
13 ވަނަ މާއްދާ - ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަ ކޮމިށަނުގައި ރަޖިސްޓަރީކުރުމަށް ނިންމައިފި ނަމަ ނުވަތަ ރަޖިސްޓަރީނުކުރުމަށް ނިންމައިފި ނަމަ، އަދި އެ މައްސަލަ ކޮމިށަނަށް ހުށަހެޅި ފަރާތް އެނގޭ ނަމަ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭހެން ތައްޔާރުކޮށްފައިވާ މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް ނުވަތަ މައްސަލަ ރަޖިސްޓަރީނުކުރުމަށް ނިންމައިފައިވާކަމުގެ ލިޔުމެއް، ކޮމިށަނުން އެ ފަރާތަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ރަޖިސްޓަރީކުރުމާ ގުޅޭ ގޮތުން ކޮމިށަނުން ނިންމާ ނިންމުމާ ގުޅޭ ލިޔުން، ބޭނުންނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ކޮމިށަނަށް އެއްވެސް ގޮތަކުން އަންގައިފި ނަމަ، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
14 ވަނަ މާއްދާ - ނިންމުން މުރާޖާކުރުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް،ރަޖިސްޓަރީނުކުރަން ނިންމައިފި ނަމަ، މައްސަލަ ހުށަހެޅި ފަރާތަށް އެކަން އަންގާ ތާރީހުން ފެށިގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖާކޮށްދިނުމަށް އެދި ކޮމިށަނަށް ހުށަހެޅުމުގެ ހައްގު،އެ މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް މުރާޖާކުރުމަށް ކޮމިށަނަށް ހުށަހަޅަންވާނީ، ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުންނެވެ. މި ފޯމު، ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނަންވާނެއެވެ. އަދި ކޮމިށަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
15 ވަނަ މާއްދާ - އެއް މައްސަލައެއް ތަކުރާރުކޮށް ކޮމިށަނަށް ހުށަހެޅުން
އެއް މައްސަލައެއް ތަކުރާރުކޮށް ކޮމިށަނަށް ހުށަހެޅޭ ހާލަތުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލަ ހުށަހަޅައިފައިވާ ފަރާތް ނޫން އެހެން ފަރާތަކުން ކޮމިށަނަށް އެ މައްސަލަ ހުށަހަޅައިފި ނަމަ، އެ މައްސަލައަކީ ކޮމިށަނުގައި ކުރިން ވެސް ރަޖިސްޓަރީކޮށްފައިވާ މައްސަލައެއްކަން އެނގޭނޭ، މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހަޅައިފައިވަނިކޮށް، އެ މައްސަލ،ަ ކުރިން ވެސް ހުށަހެޅި ފަރާތުން ތަކުރާރުކޮށް ހުށަހަޅައިފި ނަމަ، އެ މައްސަލަ އޮތީ ކުރިން ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިކަން، އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލައަކީ ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ގޮތެއް ކަނޑައަޅައިފައިވާ މައްސަލައެއް ނަމަ، އެ މައްސަލައަކީ ކޮމިށަނުން ތަހުގީގުކޮށް ނިންމައިފައިވާ މައްސަލައެއްކަން އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގެ ދަށުން، ކޮމިށަނަށް ހުށަހެޅޭމައްސަލަތައް ކޮމިށަނުގައި އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެވެ. އަދި އައު ރަޖިސްޓަރީ ނަންބަރެއް ވެސް އެ މައްސަލައަށް ދޭކަށް ނުޖެހޭނެވެ.
16 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ، މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅި ފަރާތް؛
- މައްސަލަ ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް؛
- މައްސަލަ ހުށަހެޅި ތާރީހާއި ރަޖިސްޓަރީކުރި ތާރީހު؛
- މައްސަލައިގެ ރިފަރަންސް ނަންބަރު؛
(ށ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ، މައްސަލަ ރަޖިސްޓަރީނުކުރުމަށް ނިންމާ ލިޔުމުގައި، އަންނަނިވި މައުލުމާތު ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅި ފަރާތް؛
- މައްސަލަ ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް؛
- މައްސަލަ ހުށަހެޅި ތާރީހު؛
- މައްސަލަ ރަޖިސްޓަރީނުކުރުމަށް ނިންމި ސަބަބު.
17 ވަނަ މާއްދާ - މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދިއްޖެ ނަމަ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި "މައްސަލައާ ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތުން ނުވަތަ މައްސަލައިގެ ތުހުމަތުކުރެވިފައިވާ ފަރާތުން ނުވަތަ މައްސަލައިގެ ތުހުމަތުކުރެވިފައިވާ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލުގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތުން އައްޔަނުކުރާ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މައުލޫމާތު ދިނުމުން ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތެއް ހާމަނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - މައްސަލަ ނިމުމާއި، ނިމުނުގޮތް އެންގުމާއި، މައްސަލަ ނިމުނުގޮތުގެރިޕޯޓު ދޫކުރުން
(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގެ ތަހުގީގު ނިމުމުން، އެ މައްސަލައަކާމެދު އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- އެ މައްސަލައަކީ ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ނަމަ، އެފަދައިން ކަނޑައަޅައި މައްސަލަ ނިންމުން؛
- ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށް ވެފައި، އެކަން ސާބިތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ އިތުރުން، އެ މައްސަލައަކީ ކޮމިށަނުގެ ބާރު ހިނގާ ދާއިރާގައި ހިމެނޭ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ނަމަ، އެކަން އިސްލާހުކުރަން އެންގުން.
(ށ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އެ މައްސަލައިގެ ރިޕޯޓެއް ހޯދުމަށް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ނަމަ، އެ މައްސަލައިގެ ހުލާސާ ރިޕޯޓެއް އެ ފަރާތަށް ދޭންވާނެއެވެ. އަދި މައްސަލައިގެ ޒިންމާ އުފުލަންޖެހޭ ކަމަށް ކޮމިށަނަށް ފެންނަ ކޮންމެ ފަރާތަކަށް އެ މައްސަލައާބެހޭ ހުލާސާ ރިޕޯޓެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައިގެ ހުލާސާ ރިޕޯޓު ހޯދުމަށް ހުށަހަޅަންވާނީ، ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ތިބި މީހުންނަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
- މައްސަލަ ހުށަހެޅިއިރު ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅި މީހުން؛
- މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ބަލަން ބޭނުންނުވާކަމަށް ކޮމިށަނަށް އަންގައިފައިވާ މީހުން.
ތިންވަނަ ބާބު
ގާނޫނީވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުން
19 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެއެހީތެރިކަން ހޯދުމުގެ ފުރުސަތު
(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ތަހުގީގަށް ހާޒިރުކުރާ ނަމަ، އެ ފަރާތަކަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ހައްގު ލިބިގެންވާކަން ކޮމިށަނުން އެ ފަރާތަކަށް އަންގަންވާނެއެވެ.
(ށ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތަހުގީގަކަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް އެދިއްޖެ ނަމަ، އެ ވަގުތަކުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް އެ ފަރާތަކަށް ކޮމިށަނުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގުބޫލު ސަބަބަކާހެދި ވަކީލަކު އައްޔަނު ނުކުރެވިގެން ވަކީލަކު އައްޔަނުކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް، ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދެންވާނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދޭ ން އެދުމުން، އެއީ އެކަށީގެންވާ ސަބަބެއްކަމަށް އިންވެސްޓިގޭށަން އޮފިސަރަށް ފެންނަ ނަމަ، އެ ފަރާތަކަށް ވަކީލަކު އައްޔަނުކުރުމަށް، 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައްޔަނުކޮށްފައިވާ ވަކީލަކު އެ މައްސަލައަކުން ތަނާޒުލުވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ވަކީލަކު ކުރުން މަނާކަމެއް ކުރުމުގެ ސަބަބުން ވަކީލު އެ ތަހުގީގުގައި ބައިވެރިނުކުރުމަށް އިންވެސްޓިގޭށަން އޮފިސަރު ނިންމައިފި ނަމަ، ވަކީލަކު އައްޔަނުކުރުމަށް 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނު ނުކޮށްފި ނަމަ، ވަކީލަކު އައްޔަނުކުރުމަށް ލިބިދޭ ފުރުސަތު ދޫކޮށްލީކަމަށް ބަލައި ތަހުގީގު ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ކ) ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ތަހުގީގަކަށް ހާޒިރުކުރެވޭ މީހާއަށް ލިބިދޭ ހައްގުގެ ދަށުން، އެއް ވަކީލަކަށް ވުރެ ގިނަ ވަކީލުން އައްޔަނުކުރިކަމުގައި ވިޔަސް، ތަހުގީގަށް ހާޒިރުކުރެވޭ މީހާއާއެކު ތަހުގީގަށް ވަދެވޭނީ، އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ. އެހެންނަމަވެސް، ތަހުގީގުކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން އިތުރު ވަކީލަކު ބައިވެރިކުރުމުގެ ފުރުސަތު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
20 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދޫކޮށްލުން
(ހ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާކަމަށް ބުނެފި ނަމަ، އޭނާ ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާކަން ބުނެދިނުމަށްފަހު، އެ ފަރާތާ ސުވާލުކުރަން ފެށިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސުވާލުކުރަން ފެށުމުގެ ކުރިން،ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު އޭނާއަށް ދިންކަމަށާއި، ގާނޫނީ ވަކީލަކު އައްޔަނުކުރަން ދިން ފުރުސަތު އޭނާ ދޫކޮށްލީކަން އެނގޭ ގޮތަށް ކޮމިށަނުން ދޭ ލިޔުމެއްގައި އޭނާ ލައްވާ ސޮއިކުރުވަންވާނެއެވެ.
21 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހުން ބޭނުންކުރުން
(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށިފަހުން ގާނޫނީ ވަކީލުގެ ފުރުސަތު ބޭނުންވާކަމަށް ބުނެފި ނަމަ، އޭނާއާ ސުވާލުކުރުން ވަގުތުން ހުއްޓައިލަންވާނެއެވެ. އަދި ގާނޫނީ ވަކީލު އައްޔަނުކުރުމުގެ ފުރުސަތު، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭންވާނެއެވެ. އެހެންނަމަވެސް ވަކީލު ހާޒިރުވުމާ ހަމަޔަށް ތަހުގީގުގައި ކުރި ސުވާލުތަކާއި އެ ސުވާލުތަކަށް އެ ފަރާތުން ދިން ޖަވާބުތަކުގެ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ.
(ށ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ގާނޫނީ ވަކީލުގެ ޣައިރުހާޒިރުގައި އޭނާއާ ސުވާލުކުރުމައިގެން ކުރިޔަށް ދިޔަ ނަމަވެސް، އޭގެ ފަހުން އެ ފަރާތުގެ ވަކީލު ހާޒިރުވެއްޖެ ނަމަ، ވަކީލު ހާޒިރުވާ ހިސާބުން އޭނާއާ ސުވާލުކުރާނީ ވަކީލުގެ ހާޒިރުގައެވެ. އެހެންނަމަވެސް، ވަކީލު ހާޒިރުވުމާ ހަމަޔަށް ތަހުގީގުގައި ކުރި ސުވާލުތަކާއި އެ ސުވާލުތަކަށް އެ ފަރާތުން ދިން ޖަވާބުތަކުގެ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ.
22 ވަނަ މާއްދާ - ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު
(ހ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަށް ގާނޫނީ ވަކީލަކު އައްޔަނުކުރީ ކަމުގައި ބެލެވޭނީ، ކޮމިށަނުން ކަނޑައަޅައިފައިވާ ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ. މި ފޯމު، ކޮމިށަނުން ލިބެން ހުންނާނެއެވެ. (ށ) "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ހުށަހެޅުމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން މެނުވީ އެ ފޯމު ބަލައެއް ނުގަނެވޭ ނެއެވެ.
(ނ) ވަކީލަކު އައްޔަނުކުރުމަށްފަހު، ތަހުގީގަށް ހާޒިރުވާންޖެހޭ ވަގުތު ހާޒިރުވާންޖެހޭފަރާތަށް ކޮމިށަނުން އެންގުމުން، އެ މައުލޫމާތު އެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލަށް އެންގުނީކަމުގައި ބެލެވޭނެއެވެ.
(ރ) ކޮމިށަނުގެ ތަހުގީގަށް އައްޔަނުކޮށްފައިވާ ވަކީލަކަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާ ނަމަ، އެފަދަ އެހީ ހޯދުމަކީ އެ ވަކީލެއްގެ ޒިންމާއެކެވެ.
23 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ށަރުތު
(ހ) ކޮމިށަނުން ކުރާ ތަހުގީގަކަށް، ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކެވެ.
- ވަކާލާތުކުރުމުގެ ހުއްދަ އޮތުން؛
- އެ ވަކީލަކު އައްޔަނުކުރުމަށް އެދޭ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްކަމުގައި ނުވުމާއި، އެ މައްސަލައިގައި ސުވާލުކުރެވޭއެހެން ފަރާތެއްގެ ވަކީލަކަށް އެއްވެސް އިރެއްގައި އުޅުނު މީހަކަށް ނުވުން؛
- އެ ވަކީލަކު އައްޔަނުކުރުމަށް އެދޭ މައްސަލައިގައި އެއްވެސް ދައުރެއް އޮތް ފަރާތެއް ކަމުގައި ނުވުން؛
- ތަހުގީގުކުރާ މައްސަލަ ރައްދުވާ އިދާރާގައި ނުވަތަ މުއައްސަސާގައި ނުވަތަ އެއިން ތަނަކާ ގުޅުންހުރި އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން؛
- ތަހުގީގުކުރާ މައްސަލަ ރައްދުވާ އިދާރާއިން ނުވަތަ މުއައްސަސާއިން އެ ވަކީލު ވަކިވުމުގެ ކުރިން، މައްސަލަ އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅި ނުވަތަ މަށްވަރާކުރެވި ނުވަތަ އެ މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ދީފައިވާ ނުވަތަ އެ މައްސަލައަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ވަކީލެއްކަމުގައި ނުވުން.
(ށ) ތަހުގީގަށް ހާޒިރުކުރެވުނު ފަރާތުން އައްޔަނުކުރި ވަކީލަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ވަކީލު އައްޔަނުކުރި ފަރާތަށް ސަބަބާއެކު އެކަން އަންގައި، ވަކީލަކު އައްޔަނުކުރުމަށް، 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ލިޔުމުން ދޭންވާނެއެވެ.
(ނ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގައި ވަކީލުންގެ ގޮތުގައި އައްޔަނުކުރާ ވަކީލުންގެ ދަފުތަރެއް ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިށަނުގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވެފައިވާ ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކު ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ނުވަތަ އެހެން މުއައްސަސާއަކާ ގުޅިގެން ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުކުރެވޭނީ، އެ މުވައްޒަފަކު ކޮމިށަނުގެ ވަޒީފާއިން ވަކިވާތާ ނުވަތަ ވަކިކުރިތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވުމުންނެވެ. އަދި ކޮމިށަނުގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވެފައިވާ ނުވަތަ ވަކިކޮށްފައިވާ ކޮމިށަނުގެ މެންބަރަކު ނުވަތަ ސެކްރެޓަރީ ޖެނެރަލަކު، ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ނުވަތަ އެހެން މުއައްސަސާއަކާ ގުޅިގެން ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުކުރެވޭނީ، އެ ފަރާތެއް ކޮމިށަނުގެ ވަޒީފާއިން ވަކިވާތާ ނުވަތަ ވަޒީފާއިން ވަކިކުރިތާ 4 (ހަތަރު) އަހަރުދުވަހުގެ މުއްދަތު ފާއިތުވުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މީހަކު ކޮމިށަނުގައި މަސައްކަތްކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގުގައި ނުވަތަ މައްސަލައާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި ނުވަތަ މައްސަލައާ ގުޅުންހުރި އެއްވެސް މަރުހަލާއެއްގައި ބައިވެރިވެފައިވާ ނަމަ، އެ މައްސަލައިގެ ވަކީލެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ.
24 ވަނަ މާއްދާ - ސަސްޕެންޑްކޮށްފައިވާ ވަކީލުން
ވަކި މީހަކަށް ދޫކޮށްފައިވާ "ދިވެހިރާއްޖ ގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ" ވަގުތީގޮތުން ހިފަހައްޓައިފައިވާކަމަށް ނުވަތަ ބާތިލުކޮށްފައިވާކަމަށް ގާނޫނީ ވަކީލުންގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާއިން ކޮމިށަނަށް އަންގައިފި ނަމަ، ނުވަތަ އެފަދަ މައުލޫމާތެއް ކޮމިށަނަށް ލިބިއްޖެ ނަމަ، ހުއްދަ ހިފަހައްޓައިފައިވާ ވަކީލެއްގެ ނުވަތަ ހުއްދަ ބާތިލުކޮށްފައިވާ ވަކީލެއްގެ ހުއްދަ ހިފަހައްޓައިފައިވާ ނުވަތަ ހުއްދަ ބާތިލުކޮށްފައިވާ މުއްދަތުގައި، ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ވަކީލެއްގެ ގޮތުގައި، މި ގަވާއިދުގެ ބޭނުމަށް އޭނާ ބަލައެއް ނުގަނެވޭނެއެވެ.
25 ވަނަ މާއްދާ - ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުން
(ހ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކޮށްފައިވާ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލު، އެކަހެރިކޮށް ބައްދަލުކޮށްގެން މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، އެ ފުރުސަތު ދޭންވާނެއެވެ. އެގޮތުން އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތަށް އެދިއްޖެ ނަމަ، އެ ފުރުސަތުތައް ވެސް އޭނާއަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމަށް ދެވޭނީ، 15 (ފަނަރަ) މިނިޓުގެ ފުރުސަތެކެވެ.
26 ވަނަ މާއްދާ - ގާނޫނީ ވަކީލު، ކުރުން މަނާ ކަންތައްތައް
(ހ) ކޮމިށަނުން ކުރާ ތަހުގީގުތަކަށް އައްޔަނުކުރާ ގާނޫނީ ވަކީލަކު، އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
- ތުހުމަތުކުރެވޭ ފަރާތެއްގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން ނުވަތަ އޭނާގެ ބަދަލުގައި ދިނުން؛
- ތަހުގީގުގައި ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް، ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތުން ދޭންޖެހޭ ޖަވާބު ލިޔުމަކުން ނުވަތަ ހަރަކާތަކުން ނުވަތަ އިށާރާތަކުން ވެސް ބުނެދިނުން؛
- ތަހުގީގުގައި ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް، ސުވާލުކުރެވޭ ފަރާތުގެ ބަދަލުގައި ޖަވާބުދިނުން؛
- ދަބަހާއި ފޯނާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރާއި އަޑު ރިކޯޑުކުރެވޭ ފަދަ އެއްވެސް އެއްޗެއް ނުވަތަ އިލެކްޓްރޯނިކް އާލާތެއް ނުވަތަ މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ ފަދަ އެއްވެސް އެއްޗެއް ތަހުގީގު މަޖިލީހަށް ވެއްދުން؛
- ތަހުގީގު ފެށުމަށްފަހު، ތަހުގީގު މެދުކަނޑައިލައިފައިވާ ވަގުތެއްގައި ފިޔަވައި، ތަހުގީގުކުރާ ފަރާތުގެ ހުއްދައެއް ނެތި، ތަހުގީގު ކޮޓަރިން ނުކުތުން؛
- ތަހުގީގު ކުރިޔަށްގެންދިއުމަށް އެއްވެސް ގޮތަކުން ހުރަސްއެޅުން؛ މި މާއްދާގެ ބޭނުމަށް ހުރަސްއެޅުންކަމުގައި ބެލެވޭނީ، މާއްދީގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސް ކުރިމަތިކުރުވައިގެން، ނުވަތަ ހުއްދަނޫން އެ ނޫން ވެސް އަމަލެއް ކޮށްގެން ހުރަސްއެޅުމަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ކޮމިށަނުގެ ތަހުގީގަކަށް ހާޒިރުވެފައިވާ ވަކީލަކު، ގާނޫނަކުން މައުލޫމާތު ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި، އިތުރު އެހެން ފަރާތަކަށް ތަހުގީގުކުރާ މައްސަލައިގެ ވާގިއާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ، އެ ގާނޫނީ ވަކީލަކު ތަހުގީގުން ބޭރުކުރުމާއި، އެ ތަހުގީގުގައި އެ ވަކީލަކު ބައިވެރިނުކުރުމުގެ އިހްތިޔާރު، ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކަމާބެހޭ އިދާރާއަކަށް މައްސަލަ ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ތަހުގީގެއްގައި ވަކީލަކު ބައިވެރިނުކުރުމަށް ކޮމިށަނުން ނިންމާ ހާލަތުގައި، އެ ވަކީލަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
27 ވަނަ މާއްދާ - ދައުލަތުގެ އެހީގައި ވަކީލަކު އައްޔަނުކުރުން
ކޮމިށަނުން ތަހުގީގުކުރަމުންގެންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު، ދައުލަތުގެ އެހީގައި ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދިއްޖެ ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދެވޭ ހާލަތްތަކާއި އުސޫލު، ކޮމިށަނުން އެ މީހަކަށް ސާފުކޮށްދޭންވާނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުން ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ ފުރުސަތު އޭނާއަށް ކޮމިށަނުން ދޭންވާނެއެވެ.
ހަތަރުވަނަ ބާބު
ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުން
28 ވަނަ މާއްދާ - ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރުމުގެ ބާރު
ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުގެ ބާރު، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އިން ކޮމިށަނަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުކުރެވޭނެ ފަރާތްތައް
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ހާޒިރުވުމަށް އެނގޭނީ، އަންނަނިވި ފަރާތްތަކަށެވެ.
- މައްސަލަ ހުށަހަޅާ ފަރާތް؛
- މައުލޫމާތާއި ހެކިބަސް ހޯދުމަށް ހާޒިރުކުރެވޭ ފަރާތް؛
- މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް؛
- ކޮމިށަނުގެ ތަހުގީގަކާ ގުޅިގެން އެކިއެކި އެންގުންތައް އެންގުމަށް ހާޒިރުކުރެވޭ ފަރާތް؛
- މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ކޮމިށަނުގެ ތަހުގީގަކާ ގުޅިގެން ހާޒިރުކުރަންޖެހޭ އެހެނިހެން ފަރާތްތައް.
(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވަކިކަހަލަ ފަންނީ ލަފައެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކޮމިށަނުން ބޭނުންވެގެން އެފަދަ ފަރާތެއް ކޮމިށަނަށް ހާޒިރުވުމަށް އެންގިދާނެއެވެ.
30 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުވުމަށް އެނގޭނެ ގޮތްތައް
ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް ހާޒިރުވުމަށް އެންގިދާނެއެވެ.
(ހ) މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް ކޮމިށަނުގެ އިދާރާއަށް ހާޒިރުވުމަށް އެންގުން.
(ށ) ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން ހާޒިރުވުމަށް އެންގުން.
(ނ) ކޯޓު އަމުރެއްގެ ދަށުން ހާޒިރުކުރުން.
31 ވަނަ މާއްދާ - މުއާސަލާތީ ވަސީލަތެއްމެދުވެރިކޮށްގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުކުރުން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތެއްގެ ރުހުމުގައި ނުވަތަ މައްސަލައަކާ ގުޅިގެން ހެކި ބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް ކޮމިށަނުގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވާ ފަރާތެއްގެ ރުހުމުގައި، އެ ފަރާތަކަށް ފޯނުން އަންގައިގެން ނުވަތަ މުއާސަލާތީ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް ނުވަތަ އެ ފަރާތަކާ ބައްދަލުކޮށް ހާޒިރުވާންޖެހޭ ގަޑި އަންގައިގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރާއި ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުވާއިރު، އެ ފަރާތެއްގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރުފޮނުވައިގެން ހާޒިރުކުރުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް "ހާޒިރުވުމަށް އަންގާ އަމުރު" މެދުވެރިކޮށް ހާޒިރުވުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ކޮމިށަނަށް ހާޒިރުވުމަށް އަންގާ އަމުރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުކުރެވޭ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް؛
- ހާޒިރުކުރެވޭ ފަރާތަކީ ތަބީއީ ށަހްސެއް ނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު، އަދި ހާޒިރުކުރެވޭ ފަރާތަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތެއްގެ ރަޖިސްޓަރީ ނަންބަރު؛
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ހާޒިރުކުރެވޭ ފަރާތަކީ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އެ ފަރާތަކާ މެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
- ހާޒިރުކުރެވޭ ފަރާތަކީ ތަހުގީގަކަށް މައުލޫމާތު ދެވިދާނެ ނުވަތަ ހެކިބަސް ދެވިދާނެ ފަރާތެއް ނަމަ، މައްސަލައާ ގުޅޭ މައުލޫމާތު؛
- ހާޒިރުވާންޖެހޭ ތަނާއި ތާރީހާއި ގަޑި؛
- ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
- ހުއްދަދޭ ވެރިއެއްގެ ސޮޔާއި ރިކޯޑު ކާޑު ނަންބަރު؛
- ހާޒިރުވެ ބައްދަލުކުރަންވީ އިންވެސްޓިގޭށަން އޮފިސަރުގެ ރިކޯޑު ކާޑު ނަންބަރާއި، އެ އޮފިސަރަށް ގުޅޭ ނެ އޮފީސް ނަންބަރު،
33 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރުން
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން ހާޒިރުކުރާއިރު، ހާޒިރުވުމަށް އަންގާ އަމުރު އެ ފަރާތަކަށް ރައްދުކުރާނީ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތާ ހަވާލުކުރުމުން، އަމުރު ރައްދުވީކަމުގައި ބެލެވޭނެއެވެ.
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތާ ހަވާލުނުކުރެވިއްޖެ ނަމަ، ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ،ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކުރުމުން، އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހަށް ޕޯސްޓުކޮށް، އެ އެޑްރެހަށް އަމުރު ރައްދުވިކަމަށް ސޮއިކުރުވައިފައިވާ ސްލިޕް، ޕޯސްޓް އޮފީހުން ކޮމިށަނަށް ފޮނުވުމުން ނުވަތަ އަމުރު ރައްދުކުރި ފަރާތުން އަމުރު ރައްދުވިކަމަށް ބުނެ ހުށަހަޅާ އެފިޑެވިޓް ބެލެވޭނީ، ހާޒިރުވުމަށް އަންގާ އަމުރު އެ ފަރާތަށް ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތުން ކޮމިށަނަށް ދީފައިވާ ރަސްމީ އ-ީމެއިލް އެޑްރެހަށް ނުވަތަ އެ ފަރާތުން ދީފައިވާ ފޯނު ނަންބަރަށް އެސް.އެމ.ްއެސް.ގެ ޒަރީއާއިން ނުވަތަ ވައިބަރ ނުވަތަ ވަޓްސްއެޕް ނުވަތަ އެފަދަ އެހެން އެޕަކުން ފޮނުވުމުން، އަމުރު ރައްދުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ގެއެއްގެ ނުވަތަ ތަނެއްގެ ދޮރާށީގައި ނުވަތަ އުޅަނދެއްގައި އަމުރު ހިއްޕުމުން ނުވަތަ އަމުރު ފަސޭހައިން ފެންނާނޭ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
- ދައުލަތުގެ އެހެން އޮފީހެއް މެދުވެރިކޮށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފަރާތެއް މެދުވެރިކޮށް ކޮމިށަނަށް ހާޒިރުވުމަށް އަންގާ އަމުރު، އެ އަމުރު ރައްދުވާ ފަރާތަކަށް ހަވާލުކުރުމުން، ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
- މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް ޕޯސްޓުކުރެވުމުން، އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
(ށ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ ތަހުގީގު ކުރިޔަށްގެންދާ ރަށުގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ހާޒިރުވުމަށް އަންގާ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ނ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ ތަހުގީގު ކުރިޔަށްގެންދާ ރަށް ނޫން އެހެން ރަށެއްގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، ހާޒިރުވުމަށް އަންގާ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ރ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ ރާއްޖެއިން ބޭރުގައި ނަމަ، ހާޒިރުވާންޖެހޭ ދުވަހުގެ މަދުވެގެން، 14 (ސާދަ) ދުވަހުގެ ކުރިން، ހާޒިރުވުމަށް އަންގާ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ބ) ކޮމިށަނަށް ހާޒިރުވުމަށް ފޮނުވާ އަމުރ،ާ މަގުބޫލު އުޒުރެއް ނެތި ހަވާލުނުވި ނަމަ، ކޮމިށަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅީކަމަށް ބަލައި، މި ގަވާއިދުގެ 114 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޭނާއާމެދު ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ޅ) ހާޒިރުވުމަށް އަންގާ އަމުރެއްގެ ދަށުން ކޮމިށަނުގެ އިދާރާއަށް ހާޒިރުވާއިރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މީހެއްގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
(ކ) ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން ކޮމިށަނަށް ހާޒިރުވުމަށް އަންގައިފައިވާ ފަރާތަކުން ހާޒިރުވުމަށްފަހު، އޭނާ ކޮމިށަނަށް ހާޒިރުވިކަން، އެ ފަރާތަކުން ކޮމިށަނުގެ މުވައްޒަފަކަށް ލަސްނުކޮށް އަންގަންވާނެއެވެ. އަދި ކޮމިށަނުގެ މުވައްޒަފަކަށް ލަސްނުކޮށް އެ އަމުރު ހަވާލު ވެސް ކުރަންވާނެއެވެ. ކޮމިށަނަށް ހާޒިރުވިކަން އެންގުމަށްފަހު ނުވަތަ ހާޒިރުވުމަށް އަންގާ އަމުރު ހަވާލުކުރުމަށްފަހު، އެ މައްސަލަ ބެލުމާ ހަވާލުވެހުރި އިންވެސްޓިގޭށަން އޮފިސަރުގެ ހުއްދަ ނެތި ކޮމިށަނުގެ އިދާރާއިން ބޭރަށް ގޮސްގެން ނުވާނެއެވެ. އަދި ހުއްދަނެތި ބޭރަށް ހިނގައްޖެ ނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
34 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރަށް ހާޒިރުވުމަށް އުޒުރުވެރިވުން
(ހ) ކޮމިށަނުގެ ހާޒިރުވުމަށް އަންގާ އަމުރުގައިވާ ގަޑިއަށް، އަމުރު ރައްދުވާ ފަރާތުން ހާޒިރުވާންވާނެއެވެ. މަގްބޫލު އުޒުރެއް އޮވެގެން، ހާޒިރުވުމަށް އަންގާ އަމުރުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، އެންމެ ލަސްވެގެން ވެސް، ހާޒިރުވާންޖެހޭގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ސަބަބު ބަޔާންކޮށް، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މަގުބޫލު ސަބަބެއްކަމުގައި ބަލާނީ، އަންނަނިވި ކަންކަމެވެ.
- ދަތުރުފަތުރު ކުރެވޭ ވަރަށް މޫސުން ތަން ނުދިނުން؛
- ހާޒިރުނުވެވ ފަދަ ބައްޔެއް ވުން. މި ހާލަތުގައި ދިވެހިރާއްޖ ގައި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް އެ ލިޔުމާއެކު ހުށަހަޅަންވާނެއެވެ.
- މަގުބޫލު އެހެން ސަބަބެއް މެދުވެރިވުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމަކީ އަމުރު ރައްދުވި ފަރާތުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މަގްބޫލު އުޒުރަކާ ހެދި ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތަށް، ހާޒިރުވުމަށް އިތުރު ފުރުސަތެއް ކޮމިށަނުން ދޭންވާނެއެވެ.
(ބ) ކޮމިށަނަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑިއަށް މަގުބޫލު އުޒުރެއްނެތި ހާޒިރުނުވެއްޖެ ނަމަ، މި ގަވާއިދުގެ 114 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޭނާއާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވާކަން އޭނާއަށް އަންގަންވާނެއެވެ.
35 ވަނަ މާއްދާ - ކޯޓު އަމުރެއްގެ ދަށުން ހާޒިރުކުރުން
ކޮމިށަނަށް ހާޒިރުވުމަށް ފޮނުވާ އަމުރ،ާ މަގުބޫލު އުޒުރެއްނެތި ހަވާލުނުވި ނަމަ ނުވަތަ ކޮމިށަނަށް ހާޒިރުވުމަށް ފޮނުވާ އަމުރާ ހަވާލުވެ، އެ އަމުރުގައި ކޮމިށަނަށް ހާޒިރުވުމަށް ކަނޑައަޅައިފައިވާ ގަޑިއަށް މަގުބޫލު އުޒުރެއްނެތި ހާޒިރުނުވެއްޖެ ނަމަ، ކޯޓު އަމުރެއްގެ ދަށުން ކޮމިށަނަށް ހާޒިރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
36 ވަނަ މާއްދާ - ބަންދުކޮށްފައިހުރި މީހަކު ހާޒިރުކުރުން
(ހ) ބަންދުކޮށްފައިވާ މީހަކު ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުގައި ހުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ބަންދުކޮށްފައިވާ މީހަކު ކޮމިށަނުގެ އިދާރާއަށް ހާޒިރުކުރުމުގެ ބަދަލުގައި، އޭނާ ބަންދުކޮށްފައިވާ ތަނަކަށް ގޮސް ބަޔާން ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
37 ވަނަ މާއްދާ - ހާޒިރުވާއިރު ކާކުކަންއެނގޭނޭ ލިޔުމެއް ގެނައުން
ކޮމިށަނަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ މީހަކީ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މި މާއްދާގެ ބޭނުމަށް ކާކުކަން އެނގޭނެ ރަސްމީ ލިޔުންކަމުގައި ބަލާނީ އަންނަނިވި ލިޔުންތަކަށެވެ.
(ހ) ޕާސްޕޯޓ.ް
(ށ) ޑްރައިވިންގ ލައިސަންސް.
(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން، ވަގުތީގޮތުން ބޭނުންކުރުމަށް ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ލިޔުމެއް.
38 ވަނަ މާއްދާ - ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާޒިރުވުމަށް އަންގާ އަމުރު، މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ އެއްވެސް ގޮތަކަށް ރައްދުނުކުރެވުނު ނަމަ، ނުވަތަ އެ މީހަކު ދިރިއުޅޭ ތަނެއް ނުވަތަ އެ މީހަކަށް އަމުރު ރައްދުކުރާނެ ގޮތާ ބެހޭ މައުލޫމާތު ކޮމިށަނަށް ލިބިފައި ނުވާ ނަމަ، ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ފޮޓޯއާއެކު އެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާނުކުރާނެ ކަމުގައި އޭނާގެ އާއިލާގެ މެންބަރަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އެންގުމަށް އާންމުކޮށް އިއުލާނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން، ބަޔާންކޮށްފައި އޮތްނަމަވެސް، ކޮމިށަނުން އެކަށީގެންވާ މަސައްކަތެއް ކޮށް، އެ މީހެއްގެ އާއިލާއަށް އެނގޭނެގޮތެއް ވެފައި ނުވާ ނަމަ، އެ މީހަކު ހޯދުމަށް އިއުލާނުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ތަހުގީގުކުރެވޭމައްސަލައާ ގުޅޭ ގޮތުން ތުހުމަތުކުރެވޭ ފަރާތުން ގާނޫނީ ވަކީލަކު ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް އައްޔަނުކޮށްފައިވާ ނަމަ، ތުހުމަތުކުރެވޭފަރާތް ހޯދުމަށް އާންމުކޮށް އިއުލާނުކުރާނެކަން އެފަދަ ފަރާތަކަށް އެންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ތުހުމަތުކުރެވޭމީހާގެ އާއިލާގެ މެންބަރަކަށް ނުވަތަ ގާނޫނީ ވަކީލަކަށް ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތަކާ މުއާސަލާތުކުރުމަށްފަހު، މުއާސަލާތުކުރެވުނީ ކޮންފަރާތަކާކަމާއި، އެކަން ކުރި ތާރީހާއި ގަޑި، ކޮމިށަނުން ރިކޯޑު ކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުކުރެވޭ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރު؛
- ހާޒިރުކުރެވޭ ފަރާތަކީ ތަބީއީ ށަހްސެއް ނަމަ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު، އަދި ހާޒިރުކުރެވޭ ފަރާތަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތެއްގެ ރަޖިސްޓަރީ ނަންބަރު؛
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ހާޒިރުވާން އަންގާ ތަނާއި، ތާރީހާއި، ގަޑި.
39 ވަނަ މާއްދާ - ހާއްސަ އިނާޔަތް ދެވިފައިވާފަރާތްތައް
(ހ) ތިރީގައިވާ ފަރާތްތައް ކޮމިށަނަށް ހާޒިރުކޮށް ބަޔާން ނެގުމުގެ ބަދަލުގައި، އެ ފަރާތެއް އުޅޭ ތަނަކަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް ތަހުގީގު ޓީމު ގޮސްގެން ބަޔާން ނެގިދާނެއެވެ.
- ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކޮމިށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތައް؛
- ބަލިހާލަތެއްގެ ސަބަބުން ސިއްހީ ފަރުވާދޭ ތަނެއްގައި ނުވަތަ ގޭގައި އެނދުމަތިކޮށްފައިވާ ފަރާތްތައް؛
- ދިރިއުޅޭ ތަނުން ނުނުކުތުމަށް ށަރުތުކޮށްފައި ށަރުއީ ކޯޓަކުން ބަންދުން ދޫކޮށްފައިވާ ފަރާތްތައް؛
- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ވަކި ފަރާތްތަކަކީ އާންމުކޮށް މުޖުތަމައުގެ ތެރޭގައި އުޅުމުން އެ މީހުންނަށް ނުވަތަ މުޖުތަމައަށް ނުރައްކާ އޮތް ބައެއް ކަމުގައި ކަނޑައެޅުމުގެ ސަބަބުން ހާޒިރުނުވެވ ފަރާތްތައް.
(ށ) ކޮމިށަނުން ހިންގާ ތަހުގީގެއްގައި ބަޔާން ނަގަންޖެހޭ ފަރާތަކީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ ފަރާތެއް ނަމަ، އެ ފަރާތަކާ ތަހުގީގުގައި ސުވާލުކުރުމަކީ އެ ފަރާތަށް ޖެހިފައިވާ ބަލީގެ ޒާތުން އެ މީހެއްގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްކަމަށް،ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ލިޔުން ދޫކޮށްފައިވާ ފަރާތެއް ނަމަ، އެ ލިޔުމަށް ރިއާޔަތްކޮށްފައި، އެ ފަރާތުގެ ބަޔާން ނުނަގައި ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ޖިސްމާނީ ހާލަތާއި ނަފުސާނީ ހާލަތު ކަނޑައަޅާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ ސިއްހީ ލިޔެކިޔުމަކަށް ނުވަތަ ލިޔެކިޔުންތަކަށް ރިއާޔަތްކޮށްގެންނެވެ.
40 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުން ކުރުން މަނާ ކަންތައްތައް
ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) މުއާސަލާތީ ވަސީލަތްތަކާއި ރިކޯޑުކުރުމުގެ ވަސީލަތްތައް، ތަހުގީގު މަޖިލީހަށް ވެއްދުން.
(ށ) މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ ފަދަ އެއްވެސް އެއްޗެއް، ތަހުގީގު މަޖިލީހަށް ވެއްދުން.
(ނ) ކޮމިށަނުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ނުވަތަ ކޮމިށަނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކުރުން.
(ރ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ އެހެން މީހުންނާ ވާހަކަދައްކައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުން.
(ބ) ކޮމިށަނުގެ ހުއްދަނެތި، ކޮމިށަނުގެ އިދާރާއިން ނުވަތަ ކޮމިށަނުގެ ތަހުގީގު އެ އިރެއްގައި ހިނގަމުންދާ ތަނަކުން ބޭރަށް ދިޔުން.
(ޅ) ކޮމިށަނުގެ ބޭނުމަށް ރާއްޖެއިން ބޭރުން ނުވަތަ ރަށުން ބޭރުން ގެނެވޭ މީހުން، ކޮމިށަނުގެ ހުއްދަނެތި ފުރައިގެން ދިޔުން.
(ކ) މައުލޫމާތު ދޭންވާނެކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި، އިތުރު އެހެން ފަރާތަކަށް ތަހުގީގުކުރާ މައްސަލައިގެ ވާގިއާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުން.
41 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ތިބޭމީހުން ހާޒިރުކުރުން
ކޮމިށަނުން ބަލާ މައްސައެއްގައި ތުހުމަތުކުރެވިއްޖެ ހިނދެއްގައި ނުވަތަ މައްސަލައަކާ ގުޅިގެން ކަމެއް އޮޅުންފިލުވުމަށް ޓަކައި ނުވަތަ ހެކި ހޯދުމަށް ޓަކައި، ބޭނުންވެއްޖެ ހިނދެއްގައި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖެއިން ބޭރުގައިވާ އަންނަނިވި ފަރާތްތައް ހާޒިރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.
(ށ) ދިވެހިރާއްޖ ގައި ހިންގި ނުވަތަ ހިންގާ ނުވަތަ ހިންގައިފައިވާ ކޮރަޕްށަނުގެ މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވާ ނުވަތަ ބައިވެރިވާކަމަށް ކޮމިށަނަށް މައުލޫމާތު ލިބިފައިވާ ނުވަތަ ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ނުވަތަ މައްސަލައަކާ ގުޅިގެން ކަމެއް އޮޅުންފިލުވުމަށް ޓަކައި ނުވަތަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރުމަށް ކޮމިށަނަށް ފެންނަ ބިދޭސީ ފަރާތްތައް.
(ނ) ކޮމިށަނަށް ހުށަހެޅިފައިވާ ނުވަތަ ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ފަރާތެއްގެ ކިބައިން ކޮމިށަނަށް މައުލޫމާތު ހޯދަން ބޭނުންވާ ރާއްޖެއިން ބޭރުގެ ފަރާތްތައް.
42 ވަނަ މާއްދާ - ދަތުރު ހަރަދާއި ތިބުމާއިކެއުމުގެ ހަރަދު ދިނުން
ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރެވޭ މީހުންގެ ތެރެއިން ރަށުން ބޭރުން ނުވަތަ ރާއްޖެއިން ބޭރުން ގެންނަ މީހުންނަށް ސަރުކާރުން އެ އިރަކު ހަމަޖައްސައިފައި އޮންނަ އުސޫލެއްގެ މަތީން ދަތުރު ހަރަދާއި ތިބުމާއި ކެއުމުގެ ހަރަދު ދެވޭނެއެވެ.
ފަސްވަނަ ބާބު
ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކާ ސުވާލުކުރުން
43 ވަނަ މާއްދާ - ހާޒިރުކުރާ ފަރާތްތަކާ ސުވާލުކުރުން
ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރާ ފަރާތްތަކާ ސުވާލުކުރުމުގައި އަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
44 ވަނަ މާއްދާ - ހެއްކެއް ނުވަތަ މައުލޫމާތު ސާފުކުރުމަށް ސުވާލުކުރެވޭ މީހާ
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރާ މީހާއާ ސުވާލުކުރުމުގެ ކުރިން، ތިރީގައިވާ ކަންކަން އޭނާއަށް ބުނެދޭންވާނެއެވެ.
- އޭނާއާ ސުވާލުކުރެވެނީ ކޮން މައްސަލައަކާ ގުޅިގެންކަން؛
- އޭނާ ދޭ މައުލޫމާތަކާ ގުޅިގެން، ދައުލަތުން ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަން ޖެހިއްޖެ ހާލަތުގައި ހުށަހަޅާނެކަން؛
- މައްސަލައާ ގުޅިގެން އެނގޭ މިންވަރަކުން ތަހުގީގަށް މައުލޫމާތު ދޭންވާނެކަން.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރާ މީހ،ާ ތަހުގީގުގައި ހަނުހުރެއްޖެ ނަމަ، އެ މީހަކަށް ހަނުހުރުމުގެ ހައްގު ލިބިގެންނުވާކަން ބުނެދޭންވާނެއެވެ. އަދި މިގޮތަށް އަމަލުކުރުމުން ވެސް ތަހުގީގުގައި ކުރާ ސުވާލުތަކަށް އެ ފަރާތުން ޖަވާބުނުދޭ ނަމަ، މި ގަވާއިދުގެ 114 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޭނާއާމެދު ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވާކަން އޭނާއަށް އަންގައި، އެގޮތަށް އަމަލުކުރުމުން ވެސް ތަހުގީގުގައި ކުރާ ސުވާލުތަކަށް އެ ފަރާތުން ޖަވާބުނުދޭ ނަމަ، އެ ހިސާބުން ތަހުގީގު ނިންމައިލަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ ތަހުގީގުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރިކޯޑުކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ ތަހުގީގުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރިކޯޑުކޮށްގެން ކުރިޔަށްގެންދާ ނަމަ، އެ މަޖިލީހުގައި އަޑުއަހާ ފަރާތެއް ބައިވެރިނުކޮށް ތަހުގީގު ކުރިޔަށްގެންދިއުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ރިކޯޑުކުރާ އަޑު ނުވަތަ އަޑާއި މަންޒަރަކީ، އެ މީހަކު ތަހުގީގުގައި އެގޮތަށް ދައްކައިފައިވާ ވާހަކަކަމަށް ސާބިތުކޮށްދިނުމަށް ޓަކައި ރިކޯޑުކުރާ އަޑު ނުވަތަ އަޑާއި މަންޒަރު، ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
45 ވަނަ މާއްދާ - ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުން
(ހ) ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރަން ފެށުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް ދޭ ގާނޫނީ އިންޒާރު، އަނގަބަހުން އޭނާއަށް ދީ، އެ ގާނޫނީ އިންޒާރުގެ ލިޔުމުގައި އެ މީހެއްގެ ސޮއިކުރުވަންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް ކޮމިށަނުން އެ މީހަކަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން ދޭ ގާނޫނީ އިންޒާރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުށެއްގެ ތުހުމަތުކުރެވޭ ކަމާއި، ކުރެވެނީ ކޮން ތުހުމަތެއްކަން؛
- ތުހުމަތުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
- ކާކުކަން އަންގައިދޭިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަމާއި، އޭނާ ދައްކާ ވާހަކައެއް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން؛
- ގާނޫނީ ވަކީލަކު ހަމަޖެއްސ ވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު ލިބިގެންވާކަން.
(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، އޭނާގެ ފަރާތުން ލިބޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާ ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ހާމަކުރަންވާނެއެވެ. އަދި އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް އޭނާއަކަށް ނުކުރެވޭނެއެވެ.
(ރ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ ތަހުގީގުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރިކޯޑުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން، ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ހާޒިރުގައި، އޯޑިއޯ ރިކޯޑިންގއާއެކު ނުވަތަ ވީޑިއޯ ރިކޯޑިންގއާއެކު ކުރާ ތަހުގީގު އިންޓަވިއުގައި ހެކިވެރިން ބައިވެރިކުރުމެއް ނެތި، އިންޓަވިއުކުރުމުގެ އިހްތިޔާރު، އިންވެސްޓިގޭށަން އޮފިސަރަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިންޓަވިއުގެ އޯޑިއޯ ރިކޯޑިންގގައި ނުވަތަ ވީޑިއޯ ރިކޯޑިންގގައި ދައްކައިފައިވާ ވާހަކަ ލިޔެ، އޭނާ ލައްވާ އެ ލިޔުމުގައި ސޮއިކުރުވުމަކީ ލާޒިމުކަމެއް ނޫނެވެ.
(ކ) ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރާ ކޮންމެ ފަހަރަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު، މި މާއްދާގައިވާ ގޮތުގެ މަތީން، ތުހުމަތުކުރެވޭ މީހާއަށް ލިޔުމުން ދޭންވާނެއެވެ.
46 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ލިބިދޭިނުން
(ހ) ހާޒިރުކުރެވިފައިވާ މީހާއަކީ މައްސަލައިގައި ތުހުމަތުކުރެވޭ މީހެއް ނަމަ، އޭނާއާ ތަހުގީގުގައި ސުވާލުކުރުމުގެ ކުރިން، ތިމާއަކީ ކާކުކަން އަންގައިދޭިނުން ފިޔަވައި، އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އަދި ތަހުގީގުގެ ކޮންމެ ހިސާބަކުން ވެސް އެ ފުރުސަތު އޭނާއަށް އޮންނާނެކަން ބުނެދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާކޮށްފައިވާ ފަދައިން އޭނާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމާއި، އަދި އެ ހައްގުގެ ބޭނުންހިފާ ނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި އަންގަންވާނެއެވެ.
(ނ) ތުހުމަތުކުރެވޭ މީހާ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފި ނަމަ، އޭނާއަށް ހަނުހުރުމުގެ ފުރުސަތުދޭ ކަމަށާއި، އެ ހިސާބުން ތަހުގީގުގައި އޭނާއާ ސުވާލުކުރުން ނިމުނީކަމަށް ބުނ،ެ އޭނާއާ ސުވާލުކުރުން ހުއްޓައިލަންވާނެއެވެ. އަދި އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭ ގޮތުން އިތުރަށް އޭނާއާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް، އޭނާ ހަނުހުރުމަށްފަހު، އަލުން ބަޔާންދޭން ބޭނުންވާކަމަށް ބުނެފި ނަމަ، އަލުން ބަޔާންނެގުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކުން ހަނުހުރުމުގެ ފުރުސަތު ބޭނުންނުވާކަމަށް ބުނެ އެ ހައްގު ދޫކޮށްލުމަށްފަހު، ތަހުގީގުގައި ސުވާލުކުރެވެމުންދަނިކޮށް އެ ފުރުސަތު ބޭނުންކަމަށް ބުނެފި ނަމަ، ތަހުގީގުގައި ސުވާލުކުރުން މެދުކަނޑައިލައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ބ) ހަނުހުރުމުގެ ހައްގުގެ ބޭނުންކުރުމުގެ ކުރިން ތަހުގީގުގައި މައުލޫމާތެއް ދީފައިވާ ނަމަ، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔާނެއްގައި އެ ފަރާތުން ސޮއިކުރަންޖެހޭ ނެކަމަށާއި، އެ ބަޔާނުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެކަން، އެ ފަރާތަށް ބުނެދީ، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
(ޅ) ތުހުމަތުކުރެވޭ ފަރާތުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް ފާޅުގައި ބުނެފި ނަމަ، އޭނާއާ ސުވާލުކުރާ އިންވެސްޓިގޭށަން އޮފިސަރު، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
47 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ލިބިދެވޭ ދާއިރާ
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުށުގެ ތުހުމަތުގައިވާ މީހަކަށް ހަނުހުރުމުގެ ހައްގު ލިބިދޭެނީ ތަހުގީގުކުރާ ފަރާތަކުން ކުރާ ސުވާލަކަށް ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ހާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިށަނުން ށަރީއަތަށް ހުށަހަޅައިފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ނުދީ، އެ ހާލަތުގައި ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިދޭެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާ ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ހާމަކުރަންވާނެއެވެ. އަދި އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް އޭނާއަކަށް ނުކުރެވޭނެއެވެ.
48 ވަނަ މާއްދާ - ހަނުހުރުންކަމުގައި ނުވާކަންކަން
މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތް ތަނެއް ބުނެދިނުން ނުވަތަ ވަކި ތަނެއް ހުޅުވޭނެެ ގޮތް ބުނެދިނުން ނުވަތަ ތަޅުދަނޑިއެއް އޮތްތަން ބުނުން ނުވަތަ ޕާސްވަރޑެއް ބުނުން ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ބުނުން ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭންޖެހުމެއް، ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރެޔަކު ނުހިމެނެއެވެ.
49 ވަނަ މާއްދާ - ތަހުގީގުގައި ކުށަށް އިއުތިރާފުވުން
ތުހުމަތުގައިވާ ފަރާތަކުން ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފި ނަމަ ނުވަތަ އިއުތިރާފުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފުރުސަތު ދިނުމަށް ޓަކައި، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.
50 ވަނަ މާއްދާ - ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން
(ހ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ހާޒިރުކުރެވޭ ފަރާތަކާ ސުވާލުކުރުން މެދުނުކެނޑި ކުރިޔަށް ގެންދެވޭނީ 2 (ދޭއް) ގަޑިއިރުއެވެ. އަދި އެއަށްވުރެ އިތުރުވާ ނަމަ، ތަހުގީގު މަޖިލިސް މެދުކަނޑައިލުމަށްފަހު، 10 (ދިހައެއް) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން، ހުސްވަގުތުކޮޅު ނެގުމަކާ ނުލައި ތަހުގީގު ކުރިޔަށް ގެންދިއުމަށް އެދިއްޖެ ނަމަ، އެފަދައިން އަމަލުކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.
51 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށް ތަހުގީގުކުރިޔަށްގެންދިއުން
ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަޔާން ނެގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - ނަފުސާނީ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރެވޭނެ ގޮތް
ތަހުގީގުގައި ސުވާލުކުރެވޭ މީހަކީ ނަފުސާނީ އުނިކަމެއްގެ ސަބަބުން ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްލަހަތު ދިފާއުނުކުރެވޭ މީހެއް ނަމަ، ތަހުގީގު މަރުހަލާގައި އެ މީހަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކާ ސުވާލުކުރަންވާނީ ނުވަތަ ބަޔާން ނަގަންވާނީ ނުވަތަ ތަހުގީގާ ގުޅޭ އެ ނޫން ކަމެއް ވެސް ކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއްގެ ހާޒިރުގައި ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހެއްގެ ހާޒިރުގައެވެ. އަދި މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ގޮތުގައި އައްޔަނުކުކުރެވޭނީ، އެ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެކަމަށް އޭނާ ކަނޑައަޅާ، އެ މައްސަލައިގައި އެއްވެސް ދައުރެއް ނެތް، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތްކުރެވޭނ ފަރާތެއް އައްޔަނުކުރުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ "މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއް އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި، ކޮމިށަނަށް އެ ފޯމު ހުށަހަޅަންވާނެއެވެ. މި ފޯމު، ކޮމިށަނުން ލިބެން ހުންނާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މީހަކަށް ކޮމިށަނުގެ ފަރާތުން ޖިނާއީ އެއްވެސް އިޖުރާއަތެއް ހިންގުމުގައި، އެ މީހެއްގެ ނަފުސާނީ އުނިކަމާ ނުވަތަ ޖިސްމާނީ އުނިކަމާ އެކަށީގެންނުވާ ބުރައެއް ކުރިމަތިކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް ނަފުސާނީ އުނިކަމެއް ހުރި މީހެއްކަމުގައި ބަލާނީ، އެ މީހާގެ ސިކުނޑިއަށް ލިބިފައިހުރި ގެއްލުމެއްގެ ސަބަބުން ނުވަތަ ޖެހިފައިހުރި ބައްޔެއްގެ ސަބަބުން އެ މީހާ ކުރާ އަމަލުގެ ބާވަތާއި ނަތީޖާ އެކަށީގެންވާގޮތުގައި ވިސްނައިގަތުމަށް ނުކުޅެދިގެންވާ މީހުންނާއި، އޭނާގެ އަމަލު ހުއްޓުވުމަށް ޓަކައި ބާރެއް ހިންގުމަށް ނުކުޅެދިގެންވާކަމަށް، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓުފިކެޓު ދޫކޮށްފައިވާ މީހުން ފިޔަވައި، ނަފުސާނީ އުނިކަމެއް ހުރިކަމަށް، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓަކާއެކު، އެކަން ލިޔުމުން ކޮމިށަނަށް އަންގާ ކޮންމެ މީހެކެވެ.
(ބ) މި މާއްދާގެ ބޭނުމަށް ޖިސްމާނީ އުނިކަމެއް ހުރި މީހެއް ކަމުގައި ބަލާނީ، ލޮލަށް ނުފެންނަކަމަށް ނުވަތަ ލޮލުގެ ފެނުމުގައި އުނިކަމެއް ހުރިކަމަށް ނުވަތަ އަޑު އިވުމުން މަހުރޫމްވެފައިވާކަމަށް ނުވަތަ އަޑު އިވުމުގައި އުނިކަމެއް ހުރިކަމަށް ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާވަރަށްވުރެ ބޮޑު އުނިކަމެއް ހުރިކަމަށް ނުވަތަ މި ނޫން ވެސް މިފަދަ އުނިކަމެއް ހުރިކަމަށް، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓަކާއެކު، އެކަން ލިޔުމުން ކޮމިށަނަށް އަންގާ ކޮންމެ މީހެކެވެ.
(ޅ) ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ނަފުސާނީ އުނިކަމެއްގެ ސަބަބުން ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްލަހަތު ދިފާއުނުކުރެވޭ މީހެއް ނަމަ، އެ ފަރާތާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހުގީގުގައި ކުރެވޭ ސުވާލުތަކާއި، އެ ފަރާތުން ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔުންތަކުގައި ބުނާ އެއްޗެއް އެ ފަރާތަށް ފަހުމުވެފައިވާކަން ޔަގީންކުރުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.
(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހަކު ކޮމިށަނުގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ސޮއިކުރަން ބޭނުންވަނީ މަސްލަހަތު ހިމާޔަތްކުރެވޭނެ މީހެއްގެ ހާޒިރުގައިކަމަށް ބުނެފި ނަމަ، އެ ފުރުސަތު އެ މީހަކަށް ކޮމިށަނުން ދޭންވާނެއެވެ.
53 ވަނަ މާއްދާ - ކުޑަކުދިންނާމެދު އަމަލުކުރާނެ ގޮތް
(ހ) ތަހުގީގުގައި ސުވާލުކުރެވެނީ ކުޑަކުއްޖަކާ ކަމުގައި ވާ ނަމަ، އެ ކުއްޖަކާމެދު ތަހުގީގުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ކޮމިށަނުގެ ތަހުގީގަށް ކުޑަކުއްޖަކު ހާޒިރުކުރެވޭ ނަމަ، ހާޒިރުކުރެވޭ ތަން ވާންވާނީ، ކުއްޖާގެ އުމުރާއި، އުފެދުމާއި، ޖިންސާ އެކަށީގެންވާ ތަނަކަށެވެ.
(ނ) މި ގަވާއިދުގެ ބޭނުމަށް ކުޑަކުދިންކަމުގައި ބަލާނީ، މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ނެ ކުޑަކުދިންކަމުގައި ބަލާނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިވާ، ނަމަވެސް 18 (އަށާރަ) އަހަރު ނުފުރޭ ކުދީންނެވެ.
54 ވަނަ މާއްދާ - ކުޑަކުދިންނާ ސުވާލުކުރުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވެނީ ކުޑަކުއްޖަކަށް ނަމަ، އެ ކުއްޖަކާ ސުވާލުކުރުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
- ކުއްޖާ ކުރިކަމަށް ބެލެވޭ ކުށުގެ ތަހުގީގުގައި އޭނާގެ ބެލެނިވެރިޔާ ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި މެނުވީ ސުވާލު ނުކުރުން؛
- ތުހުމަތުކުރެވޭ ކުއްޖާއަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ނަމަ، އެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުން؛
- ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް ސުވާލުކުރުން؛
- ހެނދުނު 8 )އަށެއް( ގެ ކުރިންނާއި، ރޭގަނޑު 10 (ދިހައެއް) ގެ ފަހުން ސުވާލުނުކުރުން.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ކޮމިށަނަށް ހާޒިރުކުރެވޭ ކުޑަކުދިންނާމެދު، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ. އަދި ހާޒިރުކުރެވޭ ކުއްޖާ، މަސްލަހަތު ހިމާޔަތްކުރާ ފަރާތެއް އައްޔަނުކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ކޮމިށަނުން އެ ކުއްޖާއަށް ދޭންވާނެއެވެ.
54 ވަނަ މާއްދާ - ލިޔަންކިޔަން ނުދަންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް
(ހ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ މީހަކީ ލިޔަންކިޔަން ނުދަންނަ މީހެއްކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ނަމަ ނުވަތަ އެފަދަ މައުލޫމާތެއް ކޮމިށަނަށް ލިބިފައިވާ ނަމަ، ތަހުގީގުގެ މަރުހަލާގައި އޭނާއާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ލިޔަންކިޔަން ނުދަންނަ މީހާ ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ އިރު، އޭނާ އިހްތިޔާރުކުރާ މަސްލަހަތު ހިމާޔަތްކުރެވޭ މީހެއްގެ ހާޒިރުގައި ތަހުގީގު ކުރިޔަށްގެންދިއުމުގެ ފުރުސަތު ކޮމިށަނުން އޭނާއަށް ދޭންވާނެއެވެ.
- މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތްކުރެވޭނޭ ފަރާތެއް އައްޔަނުކުރާ ނަމަ، ކޮމިށަނުން ކަނޑައަޅައިފައިވާ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއް އައްޔަނުކުރާ ފޯމު ފުރިހަމަކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މި ފޯމު، ކޮމިށަނުން ލިބެން ހުންނާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސްލަހަތު ހިމާޔަތްކުރެވޭފަރާތެއް އައްޔަނުކޮށްފައި ނުވާ ނަމަ، އެ ފަރާތުން ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އޭނާގެ ވަކީލު މެދުވެރިކޮށް ނުވަތަ ކޮމިށަނުގެ މުވައްޒަފަކު މެދުވެރިކޮށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެ ބަޔާން އެ ފަރާތަކަށް އިއްވަންވާނެއެވެ.
56 ވަނަ މާއްދާ - ތަރުޖަމާނަކު އައްޔަނުކޮށްދިނުން
ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތް އާންމުކޮށް ވާހަކަދައްކައިއުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެ ނޫން ވެސް ބަހަކުން ސުވާލުކުރުމަށް ތަހުގީގުކުރާ ފަރާތަށް ނޭނގޭ ނަމަ، އެ ތަހުގީގު ކުރިޔަށް ގެންދަންވާނީ، ތަހުގީގުގައި އޭނާއާ ކުރާ ސުވާލުތައް ތަރުޖަމާކޮށްދޭނެ ފަރާތެއް ކޮމިށަނުން އައްޔަނުކޮށްގެންނެވެ. އަދި ކޮމިށަނަށް ހާޒިރުކުރެވިފައިވާ ފަރާތަކީ އިށާރާތުން ވާހަކަދައްކާ މީހެއް ނަމަ، އޭނާއާ ކުރާ ސުވާލުތައް ބަޔާންކޮށްދެވޭނެ މީހަކު ކޮމިށަނުން އައްޔަނުކުރަންވާނެއެވެ.
5756 ވަނަ މާއްދާ - މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނުވާ ފަރާތުގެ ޒިންމާ
(ހ) އަންނަނިވި ކަންތައްތަކަކީ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ތަހުގީގުގައި ބައިވެރިވާ ފަރާތުގެ މަގުސަދުކަން އަނގަބަހުންނާއި ލިޔުމުންއެ މީހަކަށް އަންގަންވާނެއެވެ.
- އެ މީހަކަށް ލަފާ ދިނުން؛
- އެ މީހަކާމެދު އަމަލުކުރެވެނީ އަދުލުވެރިކަމާއެކު، ގާނޫނާ އެއްގޮތަށްތޯ ބެލުން؛
- އެ މީހަކު ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމާއި، އެ މީހާއާ މުއާސަލާތުކުރުމުގައި ތަހުގީގުކުރާ ފަރާތަށް އެހީތެރިވުން.
(ށ) މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނުކޮށްފައިވާ ފަރާތުން، ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންކަމަށް ބުނެފި ނަމަ، އެއީ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތުން ބުނި ބުނުމެއް ކަމުގައި ބެލެވޭނެއެވެ.
58 ވަނަ މާއްދާ - މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނުކުރެވޭ ފަރާތުން ކުރުން މަނާ ކަންތައް
(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ގާނޫނީ ވަކީލުން، ކުރުން މަނާ ކަންތައްތަކަކީ މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނުކުރެވޭފަރާތުން ވެސް ކުރުން މަނާ ކަންތައްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާ ފަރާތެއް ނަމަ، އެ ހާލަތަކަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ ހުއްދަ ދޭންވާނެއެވެ.
ހަވަނަ ބާބު
ސާމްޕަލް ނެގުން
59 ވަނަ މާއްދާ - ސާމްޕަލްގެ މާނަ
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭ ގޮތަށެވެ.
60 ވަނަ މާއްދާ - ސާމްޕަލް ނެގުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން
(ހ) ސާމްޕަލް ނެގޭ ފަރާތަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އެ ފަރާތުގެ ސާމްޕަލް ނެގުމުގެ ކުރިން ކުށުގެ ތުހުމަތުގައި ސާމްޕަލް ނެގޭ މީހާއަށް ދޭގާނޫނީ އިންޒާރު އަނގަބަހުން އޭނާއަށް ދީ، އެ ގާނޫނީ އިންޒާރުގެ ލިޔުމުގައި އެ މީހެއްގެ ސޮއި ކުރުވަންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް ކޮމިށަނުން އެ މީހަކަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނުން ދޭ ގާނޫނީ
އިންޒާރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުށެއްގެ ތުހުމަތުކުރެވޭ ކަމާއި، ކުރެވެނީ ކޮން ތުހުމަތެއްކަމާއި، ތުހުމަތުކުރެވޭ ކުށް ބަޔާންކޮށްފައިވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގައިކަން؛
- އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވާކަމާއި، އެ މީހަކު ދޭ ސާމްޕަލެއް އެ މީހަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން؛
- ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަން؛
- ގާނޫނީ ވަކީލަކު ހަމަޖެއްސ ވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު ލިބިގެންވާކަން.
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ތުހުމަތާ ގުޅިގެން ށަރީއަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް ތުހުމަތުގައިވާ މީހާއާ ގުޅުވައިދޭ އިތުރު ހެކި ކޮމިށަނުގެ ތަހުގީގަށް ލިބިފައިވާ ނަމަ، އޭނާއަށް އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހައްގު ލިބިގެނެއް ނުވެއެވެ.(ރ) ކުށެއްގެ ތުހުމަތުގައި ސާމްޕަލް ނެގުމަށް ހާޒިރުކުރެވޭ
މީހާއަށް ހާޒިރުކުރެވޭކޮންމެ ފަހަރަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު، މި މާއްދާގައިވާ ގޮތުގެ މަތީން ލިޔުމުން ދޭންވާނެއެވެ.
(ބ) ސާމްޕަލް ނެގޭ ފަރާތަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭ ނުވަތަ މައުލޫމާތު ސާފުކުރާ ފަރާތެއް ނަމަ، އެ ފަރާތުގެ ސާމްޕަލް ނެގުމުގެ ކުރިން، ތިރީގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ލިޔެފައިވާ ލިޔުމެއްގައި އެ މީހެއްގެ ސޮއިކުރުވަންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް ކޮމިށަނުން އެ މީހަކަށް ދޭންވާނެއެވެ.
- އޭނާގެ ސާމްޕަލް ނެގެނީ ކޮން މައްސަލައަކާ ގުޅިގެންކަން؛
- އޭނާ ދޭ ސާމްޕަލާ ގުޅިގެން، ދައުލަތުން ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަން ޖެހިއްޖެ ހާލަތުގައި ހުށަހަޅާނެކަން؛
- އޭނާއަށް އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންނުދިނުމުގެ ހައްގު ލިބިގެން ނުވާކަން.
61 ވަނަ މާއްދާ - އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު
(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިގެންވެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށް ޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއިގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލެއް ހޯދުންކަމުގައި ވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭމީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއިގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރުކޮށްފި ނަމަ، މި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތީން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު އިހްތިޔާރުކޮށްފި ނަމަ، އިންވެސްޓިގޭށަން އޮފިސަރު، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
62 ވަނަ މާއްދާ - އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުންކަމުގައި ނުވާ ކަންކަން
(ހ) މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެ ނޫން ހާލަތެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއިގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.
(ށ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނ،ި އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކަށް ނުވާގޮތަށް، މީހެއްގެ އިނގިލީގެ ނިށާނެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއިގެ ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން، އެކަން ކުރަންޖެހުމަކީ ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.
63 ވަނަ މާއްދާ - އިނގިލީގެ ނިށާން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅިގެން، މީހެއްގެ އިނގިލީގެ ނިށާން ނަގަން ޖެހިއްޖެ ނަމަ، އިނގިލީގެ ނިށާން ނަގާނީ، މި ގަވާއިދުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނގިލީގެ ނިށާނަކީ، އަތްތިލައިގެ ނުވަތަ ފައިތިލައިގެ ހުދުހަމަށްވާ ބަޔާއި، އަތާއި ފައިގެ އިނގިލިތަކާއި، އިނގިލިތަކަށްނުވާ އަތްތިލައިގެ ނުވަތަ ފައިތިލައިގެ ހުދުހަމުގެ ބަޔާއި، އަތްތިލައިގެ ނުވަތަ ފައިތިލައިގެ ހަމުގެ ޕެޓަރނާއި، ފްރިކްށަން ރިޖާއި، މާއްދީ ސިފަތަކާއި ނިށާންތަކެވެ.
(ނ) އިނގިލީގެ ނިށާނުގެ ސާމްޕަލުގެ ތެރޭގައި، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލް ހިމެނެއެވެ.
- އިނގިލީގެ ނިށާން ދިނުމަށް ކޮމިށަނުން އެދުމުގެ ކުރިން އޭނާ އިނގިލީގެ ނިށާން ޖަހައިފައިވާކަމަށް ތަހުގީގަށް ގަބޫލުކުރެވޭލިޔުމެއްގެ އަސްލު؛ ނުވަތަ
- އިނގިލީގެ ނިށާން ދިނުމަށް ކޮމިށަނުން އެދުމުން، އޭނާ ދޭއިނގިލީގެ ނިށާން.
(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ކޮމިށަނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
64 ވަނަ މާއްދާ - އަތުލިޔުމުގެ ސާމްޕަލް
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅިގެން، މީހެއްގެ އަތުލިޔުމުގެ ސާމްޕަލް ނަގަން ޖެހިއްޖެ ނަމަ، އަތުލިޔުމުގެ ސާމްޕަލް ނަގާނީ މި ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތަށެވެ.
(ށ) "އަތުލިޔުމުގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލަށެވެ.
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުގެ ކުރިން އޭނާ ލިޔެފައިވާކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ލިޔުމެއްގެ އަސްލު؛ ނުވަތަ
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުން، ކޮމިށަނުން ދޭ ފޯމެއްގައި އެ ފަރާތުން ލިޔާ ލިޔުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ކޮމިށަނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
65 ވަނަ މާއްދާ - ސޮއިގެ ސާމްޕަލް
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅުންހުރި ލިޔުމެއްގައި ކޮށްފައިވާ ސޮޔާ ގުޅޭ ގޮތުން ސުވާލު އުފެދޭ ނަމަ، ނުވަތަ ސުވާލު އުފެދޭ ސޮއި ހިމެނޭ ލިޔުން ދައުވާކުރާ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭނަމަ، އެ ސޮއިކޮށްފައިވާ ފަރާތުގެ ސޮއިގެ ސާމްޕަލެއް ނަގާނީ މި ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތަށެވެ.
(ށ) "ސޮއިގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލަށެވެ.
- ސޮއިގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުގެ ކުރިން އޭނާ ސޮއިކޮށްފައިވާކަމަށް، ތަހުގީގަށް ގަބޫލުކުރެވޭ ލިޔުމެއްގެ އަސްލު؛ ނުވަތަ
- ސޮއިގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުން ކޮމިށަނުން ދޭފޯމެއްގައި އެ ފަރާތުން ކުރާ ސޮއި.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ކޮމިށަނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
66 ވަނަ މާއްދާ - ސާމްޕަލް ނެގުމުގެ އިޖުރާއަތު
ކޮމިށަނުގެ ތަހުގީގަށް، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބާޔާންކޮށްފައިވާ އިނގިލީގެ ނިށާނާއި، މި ގަވާއިދުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަތުލިޔުމުގެ ސާމްޕަލާއި، މި ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސޮއިގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފި ނަމަ، ސާމްޕަލް ނެގުމުގައި އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސާމްޕަލެއް ދިނުމަށް އިންކާރުކުރާ ނަމަ، އޭނާގެ ސާމްޕަލް ނަގަންވާނީ، މި ގަވާއިދު ހުއްދަކުރާ ގޮތުގެ މަތީން، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދެވޭނީ، ކުށުގެ ތުހުމަތާ ގުޅިގެން ށަރީއަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް، ތުހުމަތުގައިވާ މީހާއާ ގުޅުވައިދޭ އިތުރު ހެކި ކޮމިށަނުގެ ތަހުގީގަށް ލިބިފައިވާނަމައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ އިނގިލީގެ ނިށާން ދިނުމަށް އޭނާ އިންކާރު ކޮށްފި ނަމަ، މި ގަވާއިދު ހުއްދަކުރާ ގޮތުގެ މަތީން ކޯޓު އަމުރެއްގެ ދަށުން އެ ސާމްޕަލެއް ހޯދައިގެން ކުށުގެ ތުހުމަތުކުރެވޭ މީހާޔާ ދެކޮޅަށް ބޭނުންކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސާމްޕަލެއް ނަގައި ނިމުމުން، ރައްކައުތެރިކަމާއެކު އެ ސާމްޕަލް ބަލަހައްޓައި، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަންވާނެއެވެ.
(ބ) މި ގަވާއިދުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސާމްޕަލެއް، ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ކިބައިން ނަގަން ޖެހިއްޖެ ނަމަ އެ ސާމްޕަލް ނަގަންވާނީ، މި ގަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި އޭނާ ސޮއިކުރުމުންނެވެ.
67 ވަނަ މާއްދާ - ސާމްޕަލް ރިޕޯޓު
(ހ) މި ގަވާއިދުގެ 63 ވަނަ މާއްދާއާއި 64 ވަނަ މާއްދާއާއި 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސާމްޕަލްގެ ރިޕޯޓެއް ށަރީއަތަށް ހުށަހަޅާ ނަމަ، އެ ރިޕޯޓުގައި، ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ނަމާއި ސޮއި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ހެކީގެގޮތުގައި ހުށަހެޅޭ ލިޔުމަކީ ކޮމްޕިއުޓަރުން ނުވަތަ މެށިނަކުން އެއްވެސް އެއްޗެއް އެނަލައިޒްކުރުމަށްފަހު އެ ކަމެއްގެ ނަތީޖާ ބަޔާންކޮށް އޭގެ އަމިއްލަ ޒާތުގައި ޖެނެރޭ ޓްކުރާ ލިޔުމެއްކަމަށް ވާ ނަމަ، އެ ލިޔުމުގައި މީހެއްގެ ސޮއި ނެތްނަމަވެސް ހެކީގެގޮތުގައި އެ ލިޔުމެއް ށަރީއަތަށް ހުށަހެޅޭނެއެވެ.
68 ވަނަ މާއްދާ - ފޮޓޯއާއި ވީޑިއޯ ނެގުމާއި، މިން އެޅުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންއަންނަ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ނުވަތަ އެ ތަނުގައި ހުރި އެއްޗެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. ފޮޓޯއާއި ވީޑިއޯ ނަގާ ނަމަ، ނެގި ތަނާއި ތާރީހާއި ގަޑި އެނގޭނޭހެން ރިކޯޑު ބަލަހައްޓަންވާނެއެވެ.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންއަންނަ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ނުވަތަ އެ ތަނުގެ ތެރޭގައި ހުރި އެއްޗެއްގެ މިން އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މިން އަޅަން ޖެހިއްޖެ ނަމަ، މިން ނެގި ތަނާއި ތާރީހާއި ގަޑި އެނގޭނޭހެން ރިކޯޑު ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ހާލަތުގައި ފޮޓޯ ނެގުމުގައި ނުވަތަ ވީޑިއޯ ނެގުމުގައި ނުވަތަ މިންއެޅުމުގައި، އެ އިދާރާއެއްގެ މުވައްޒަފެއްގެ ހާޒިރުގައި އެކަން ކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ނުހިމެނޭ ތަނެއްގެ އެތެރެ ނުވަތަ ތަނެއްގެ އެތެރޭގައިވާ އެއްޗެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގަން ޖެހިއްޖެ ނަމަ،ނުވަތަ މިން އަޅަން ޖެހިއްޖެ ނަމަ، އެ ތަނެއްގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ރުހުމާއެކު އެކަން ކުރެވިދާނެއެވެ. އެ ފަރާތުން އެކަމަށް އިންކާރުކުރާ ހާލަތުގައި އެކަން ކުރަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރުހުން ދިންކަން ކޮމިށަނުން ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށް، 1 (އެކެއް) އަސްލު އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ދޭންވާނެއެވެ.
69 ވަނަ މާއްދާ - އިލެކްޓްރޯނިކް ޑިވައިސްތަކުން ނަގާ ސާމްޕަލް
(ހ) އިލެކްޓްރޯނިކް ޑިވައިސްތަކުން ނަގާ ސާމްޕަލްކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތިން ނުވަތަ އެ ތަކެތި ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެހެނިހެން މައުލޫމާތަށެވެ.
- ކޮމްޕިއުޓަރު (ޕަރސަނަލް ކޮމްޕިއުޓަރު، ލެޕްޓޮޕް، ޓެބްލެޓް ހިމެނޭގޮތަށް)؛
- މޯބައިލް ފޯނު؛
- ކެމެރާ؛
- އިލެކްޓްރޯނިކް ސްޓޯރޭޖް (ހާޑް ޑިސްކާއި، ސިމް ކާޑާއި، ޕެން ޑްރައިވާއި، މެމޮރީ ކާޑާއި، މޯޑެމްއާއި، ޕޯޓަބަލް މީޑިއާ ޕްލޭޔަރާއި، ކްލައުޑް ސްޓޯރ ޖާއި، އޮންލައިން ސްޓޯރ ޖުގެ ވަސީލަތްތައް ހިމެނޭމިފަދަ އެހެނިހެން ތަކެތި)؛
- ގަޑި (ސްމާޓް ވޮޗާއި، އަތުކުރީގައި އަޅާ ޑިޖިޓަލް ގަޑިއާއި، މިފަދަ އެހެނިހެން ތަކެތި)؛
- އޯޑިއޯ ރިކޯޑަރާއި، ވީޑިއޯ ރިކޯޑަރު؛
- މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން، މައުލޫމާތު ރައްކައުކުރެވޭ އިލެކްޓްރޯނިކް އެހެނިހެން އާލާތްތައް.
(ށ) ކޮމިށަނުން ކުރާ ތަހުގީގުތަކުގައި، އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ޑިޖިޓަލް އެވިޑެންސްގެ ގޮތުގައި ހޯދަން ޖެހިއްޖެ ހާލަތެއްގައި، ތިރީގައިވާ އުސޫލުތައް ހިނގާނެއެވެ.
- އެ ހެއްކަކީ، ކޮމިށަނުގެ އިހްތިސާސް ހިނގާ އިދާރާއެއްގައި ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، ކޯޓު އަމުރަކާ ނުލައި އެ މައުލޫމާތެއް ހޯދިދާނެއެވެ.
- އެ ހެއްކަކީ، ދައުލަތުގެ މުވައްޒަފެއްގެ ނުވަތަ ކޮމިށަނުގެ އިހްތިސާސް ނުހިނގާ އިދާރާއެއްގެ ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިވާ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، އެ ފަރާތުގެ ރުހުމާއެކު އެ މައުލޫމާތެއް ހޯދިދާނެއެވެ. ރުހުން ނުލިބޭ ނަމަ، އެ މައުލޫމާތެއް ހޯދަންވާނީ ކޯޓު އަމުރަކާއެކުގައެވެ.
- މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރުހުން ދިންކަން ކޮމިށަނުން ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށް، 1 (އެކެއް) އަސްލު، އެ އެއްޗެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ދޭންވާނެއެވެ.
- ޑިޖިޓަލް އެވިޑެންސްގެ ގޮތުގައި ކޮމިށަނުގެ ތަހުގީގަށް ނަގާ ފައިލުތަކުގެ އަސްލަށް ބަދަލުއަންނާނެ ފަދަ ކަމެއް ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ނުވަތަ އެ ހެކި ގެންގުޅޭ ފަރާތަކުން ނުވަތަ ބެލެހެއްޓުމާ ހަވާލުކޮށްފައިވާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.
- ޑިޖިޓަލް އެވިޑެންސާ ގުޅިގެން ފުރިހަމަކުރާ ހުރިހާ މަރުހަލާތަކެއް އެނގޭނެގޮތަށް އޮޑިޓް ޓްރެއިލްއެއް ނުވަތަ ރިކޯޑެއް ތައްޔާރުކޮށްފައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މިނިވަން ފަރާތަކުން އެ ޑިޖިޓަލް އެވިޑެންސް ކުރިން އެނަލައިޒްކުރި މަރުހަލާތަކާ އެއްގޮތަށް އެނަލައިޒްކުރުމުން އަންނަންވާނީ، އެއް ނަތީޖާއެކެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އިލެކްޓްރޯނިކް ޑޭޓާއެއް ނުވަތަ ހެއްކެއް ކޯޓަށް ހުށަހަޅާ ނަމަ، އެ ޑޭޓާއެއް ނުވަތަ ހެއްކެއްގެ ސައްހަކަން ސާބިތުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހެކީގެ ސައްހަކަން ސާބިތުކޮށްދިނުމަށް ޓަކައި، ކޮމިށަނަށް، ތިރީގައިވާ ކަންކަން ހިމެނޭއެފިޑެވިޓެއް، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ށަރީއަތަށް ހުށަހެޅިދާނެއެވެ.
- އިލެކްޓްރޯނިކް ހެކީގެ ސައްހަކަން ކޮމިށަނުން ކަށަވަރުކޮށްފައިވާނެކަމާއި، އެ ހެކީގެ ޗެއިން އޮފް ކަސްޓަޑީ އެކަށީގެންވާ ފަރުވާތެރިކަމާއެކު ބަލަހައްޓައިފައިވާނެކަން ޔަގީންކޮށްދޭ ކަން؛
- އިލެކްޓްރޯނިކް ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ދެމެހެއްޓުމަށް ޓަކައި އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކާއި ފުރިހަމަކުރި އިޖުރާއަތުތަކުގެ އެކަށިގެންވާ ތަފުސީލ.ު
70 ވަނަ މާއްދާ - ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގާ އިތުރު ސާމްޕަލް
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ނަގާ ސާމްޕަލްތަކުގެ އިތުރުން، ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި އެހެނިހެން ބާވަތްތަކުގެ ސާމްޕލް، ކޯޓު އަމުރަކާ ނުލައި ނެގޭނީ، އެ ސާމްޕަލަކީ މި ގަވާއިދުގައިވާ ފަދައިން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ ލިޔެކިޔުމާއި މުދަލުގެ ތެރޭގައި ހިމެނޭ އެއްޗަކުން ނަގައިފައިވާ ނުވަތަ ހޯދައިފައިވާ ސާމްޕަލެއް ނަމަ، ނުވަތަ ސާމްޕަލް ދޭންޖެހޭ މީހާ ރުހުމުގައި ސާމްޕަލް ދޭ ނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސާމްޕަލް ނެގުމަށް ކޮމިށަނަށް ކޯޓު އަމުރަކަށް އެދުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސާމްޕަލް ނެގުމަށް ކޯޓު އަމުރަކަށް އެދެވޭނީ، އެ ސާމްޕަލަކީ ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ށަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހެޅެން އޮތް ހަމައެކަނި ހެކިކަމުގައި ނުވާ ހާލަތުގައެވެ.
71 ވަނަ މާއްދާ - ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް
ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލަކީ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލް ފިޔަވައި، އިނގިލީގެ ނިށާނާއި، ސޮއިގެ ސާމްޕަލާއި، އަތުލިޔުމުގެ ސާމްޕަލާއި، އިލެކްޓްރޯނިކް ޑިވައިސްތަކުން ނެގޭ ސާމްޕަލާއި، ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެފަދަ އެހެނިހެން ސާމްޕަލްތަކެވެ.
72 ވަނަ މާއްދާ - ސާމްޕަލް ނެގުމުގެ ކުރިން ރުހުން ހޯދުން
(ހ) މި ބާބުގެ ދަށުން އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންނުދިނުމުގެ ހައްގު ލިބޭ މީހަކު،ސާމްޕަލެއް ދިނުމަށް ރުހ ކަމަށް ބުނެފި ނަމަ، އޭނާގެ ކިބައިން ހޯދަން ބޭނުންވާ ސާމްޕަލް ނަގަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި އޭނާ ސޮއިކުރުމުންނެވެ.
- ސާމްޕަލް ދޭ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު؛
- ސާމްޕަލް ދޭ މީހާއަކީ ތުހުމަތުކުރެވޭ މީހެއް ނަމަ، އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތާއި، ތުހުމަތުކުރެވޭ ކުށް ބަޔާންކޮށްފައިވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގައިކަން ނުވަތަ ސާމްޕަލް ދޭ މީހާއަކީ ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންކުރާ މީހެއް ނަމަ އޭނާގެ ސާމްޕަލް ނެގެނީ ކޮން މައްސަލައަކާ ގުޅިގެންކަން؛
- ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަން؛
- ސާމްޕަލް ނަގާ ސަބަބު؛
- ސާމްޕަލް ދޭ މީހާގެ ސޮޔާއި، އިނގިލީގެ ނިށާން؛
- ސާމްޕަލް ނެގުނު ތަން؛
- ސާމްޕަލް ނަގާ ފަރާތް ނުވަތަ ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކުގެ ރިކޯޑު ކާޑު ނަންބަރު؛
- ސާމްޕަލް ނެގިއިރު ހާޒިރުވެތިބި ފަރާތްތަކުގެ ނަމާއި، ރިކޯޑު ކާޑު ނަންބަރު،
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސާމްޕަލްދޭ މީހާ ސޮއިކުރާ ލިޔުން ރިކޯޑުކޮށްފައި ރައްކައުތެރިކަމާއެކު ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
73 ވަނަ މާއްދާ - ސާމްޕަލް ހޯދުމަށް ކޯޓު އަމުރަކަށް އެދުން
މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ސާމްޕަލެއް ދިނުމަށް އިންކާރުކޮށްފި ނަމަ، އަދި އެ ސާމްޕަލް ހޯދުމަކީ އެ ތަހުގީގަށް މުހިންމު ކަމެއްކަމަށް ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ސާމްޕަލެއް ނެގުމަށް ޓަކައި ކޯޓު އަމުރެއް ހޯދުމަށް ކޮމިށަނަށް އެދެވިދާނެއެވެ.
74 ވަނަ މާއްދާ - ސާމްޕަލް ނެގުމުގައި މައުލޫމާތު ރިކޯޑުކުރުން
ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ތުހުމަތުގައިވާ މީހާގެ ސާމްޕަލް ނަގާ ހާލަތުގައި،އަންނަނިވި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.
(ހ) ސާމްޕަލް ނެގުނު މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު؛
(ށ) ސާމްޕަލް ނެގި ތާރީހާއި ގަޑި؛
(ނ) ސާމްޕަލް ނަންބަރު؛
(ރ) މައްސަލައިގެ ކޭސް ނަންބަރު؛
(ބ) ސާމްޕަލް ނަގަނީ ކޯޓު އަމުރެއްގެ ދަށުން ނަމަ، ކޯޓު އަމުރުގެ ނަންބަރު؛
(ޅ) ސާމްޕަލްގެ ބާވަތް؛
(ކ) ސާމްޕަލް ނަގައިފައިވަނީ އެ މީހެއްގެ ރުހުމާއެކުކަން ނުވަތަ ނޫންކަން؛
(އ) ސާމްޕަލް ނަގައިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ރުހުމާއެކުގައި ކަމަށް ނުވާ ނަމަ، އަމުރު ތަންފީޒުކުރުމަށް ބާރުގެ ބޭނުންކުރިކަން ނުވަތަ ނޫންކަން. އަދި ބާރުގެ ބޭނުންކުރި ނަމަ، އެކަމުގެ ތަފުސީލު؛
75 ވަނަ މާއްދާ - ސާމްޕަލް ނެގުމާއި، ފޮރެންސިކް ތަހުލީލަށް ފޮނުވުން
(ހ) މި ބާބުގައިވާ ގޮތުގެ މަތީން ކޮމިށަނުގެ ތަހުގީގަށް އެއްވެސް ސާމްޕަލެއް ނުވަތަ ޑިޖިޓަލް އެވިޑެންސެއްގެ ގޮތުގައި ބޭނުންކުރުމަށް އައިޓީގެ ވަސީލަތެއް ނަގަން ޖެހިއްޖެ ނަމަ، އެ ކަމެއް ކުރަންވާނީ، ކޮމިށަނުގެ މުވައްޒަފަކު މެދުވެރިކޮށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް ތަހުލީލަށް އެއްވެސް އެއްޗެއް ފޮނުވާ ނަމަ، އެކަމަށް އެދޭނީ ލިޔުމުންނެވެ. އަދި އެ ލިޔުމާއެކު، ތަހުލީލަށް ހުށަހަޅަން އެދޭ އެއްޗަކާއި، އެ އެއްޗެއްގެ ޗެއިން އޮފް ކަސްޓަޑީ އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.
(ނ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށް ޓަކައި ޕެންޑްރައިވް ނުވަތަ ހާޑްޑްރައިވް ނުވަތަ ރިކޯޑަރު ފަދަ ވަސީލަތްތައް ނުވަތަ ލިޔުމެއް ނުވަތަ އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ އެނޫންވެސް އެއްޗެއް ފޮރެންސިކް ތަހުލީލަށް ފޮނުވަން ޖެހިއްޖެ ނަމަ އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި މިއިން ހާލަތެއްގައި އެޑްމިޓެޑް ސްޕެސިމަންއެއް ހޯދަންޖެހޭ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން، އެ ސްޕެސިމެންއެއް ނަގަންވާނެއެވެ.
ހަތްވަނަ ބާބު
ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ހެއްކާއި މައުލޫމާތު ހޯދުމާއި، ތަންތަން ބަލައި ފާސްކުރުން
76 ވަނަ މާއްދާ - ކޮމިށަނުގެ ތަހުގީގަށް ހެއްކާއި މައުލޫމާތު ހޯދުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަލައި ފާސްކޮށް، ހެކި ހޯދުމުގެ ބާރު، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އިން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަލައި ފާސްކޮށް ހިފަހައްޓާ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
77 ވަނަ މާއްދާ - އާންމު ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި، އާންމު ތަނަކަށް، ކޯޓު އަމުރަކާ ނުލައި ވަނުމާއި، އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އިން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރުގެ ބޭނުންހިފުމުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ވެސް ކޮމިށަނަށް ލިބިގެންވެއެވެ.
- އެ ތަނެއް ބަލައި ފާސްކުރުމަށް ޓަކައި، އެ ތަނުގައި ތިބެންޖެހޭނެ ކަމަށް ކޮމިށަނުން ކަނޑައަޅާ އެކަށ ނަ ވަގުތެއް ވަންދެން އެ ތަނުގައި ތިބުން؛
- ކުށެއްގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
- ކުށެއްގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންދިއުން؛
- އާންމު ތަނެއްގައި ހުރި މީހަކު، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަންކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ އެ މީހެއްގެ އަތުން ހެކިތަކެއް ފެނިއްޖެ ހިނދެއްގައި، އެ މީހާގެ އަތުގައި މައްސަލައިގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޮތްކަމަށް އިންވެސްޓިގޭށަން އޮފިސަރަށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރަކުން ހުއްދަ ލިބިގެން ނުވަތަ ފުލުހުން މެދުވެރިކޮށް، އެ މީހެއްގެ އަތުން އެ އެއްޗެއް، އިންވެސްޓިގޭށަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިއުން؛
- އެ ތަނާއި، އެ ތަނުގައިވާ އެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
- އެ ތަނެއްގައި ހުރި އާންމު އިމާރާތެއް ބަލައި ފާސްކުރުން؛
- އެ ތަނެއް ކޮނެގެން ބެލުން؛
- ބަންދުކޮށްފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
- ތަޅުލައިފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ތަޅު ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.
78 ވަނަ މާއްދާ - ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ބަލައި ފާސްކުރުމާއި، ހެއްކާއި މައުލޫމާތު ހޯދުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި މައުލޫމާތު ހޯދުމަށް، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނަށް ކޮމިށަނުގެ މުވައްޒަފުން ގޮސް، އެ ތަންތަނާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރުމާއި، ބޭނުންވެއްޖެ ނަމަ، އެ މުދާ ގެނައުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭއެއްވެސް އިދާރާއަކުން މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި މައުލޫމާތު ހޯދުމަށް އެ އިދާރާއަކަށް ދާނީ، ކޮމިށަނުގެ އަމުރެއް ހިފައިގެންނެވެ.
79 ވަނަ މާއްދާ - ބަލައި ފާސްކުރުމަކަށް ނުވާގޮތުން އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުން ހެއްކާއި މައުލޫމާތު ހޯދުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނަށް ކޮމިށަނުގެ އަމުރެއް ނުވަތަ ސިޓީއެއް ފޮނުވައިގެން، އެ ތަންތަނުގައި ހުރި މައުލޫމާތާއި ލިޔެކިޔުން، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ގެނައުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިށަނުގެ އަމުރެއް ނުވަތަ ސިޓީއެއް ފޮނުވައިގެން މައުލޫމާތު ހޯދަންވާނީ އަންނަނިވި ހާލަތްތަކުގައެވެ.
- އެ މައުލޫމާތަކީ ގިނަ ދުވަސް ވެގެން އެ މައުލޫމާތު ހޯދުމަށް ވަގުތު ބޭނުންވާ މައުލޫމާތެއް ކަމުގައި ވުން؛
- ހޯދަން އެދޭ މައުލޫމާތަކީ ގިނަ އަދަދެއްގެ ނުވަތަ ގިނަ ވަގުތު މައުލޫމާތު ހޯދުމަށް ބޭނުންވާ މައުލޫމާތެއް ކަމުގައި ވުން؛
- މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ރިޕޯޓެއް ލިޔުމުން ހޯދަންޖެހުން؛
- ކޮމިށަނުން ކަނޑައަޅާ މި ނޫން ވެސް އިތުރު ހާލަތްތައް.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވަން އެދޭ މައުލޫމާތަކީ ބަދަލުކުރެވޭނެ ފުރުސަތު ނެތް މައުލޫމާތެއް ކަމުގައި ވާންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަށް މައުލޫމާތެއް ފޮނުވައިދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާއަކަށް އަމުރެއް ނުވަތަ ސިޓީއެއް ފޮނުވާ ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތެއް ފޮނުވުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބަކާހުރެ ކޮމިށަނުން އެދިފައިވާ މައުލޫމާތު ފޯރުކޮށް ނުދެވިއްޖެ ނަމަ، އެ އިދާރާއަކަށް އިތުރު މުއްދަތެއް ދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން، ކޮމިށަނުން ހޯދަން އެދޭ މައުލޫމާތަކީ ނުވަތަ ލިޔުންތަކަކީ އ-ީމެއިލްގެ ޒަރީއާއިން ނުވަތަ އިލެކްޓްރޯނިކް އެހެން ވަސީލަތެއް މެދުވެރިކޮށްގެން ހޯދަން އެދޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނަމަ، ކޮމިށަނަށް ފޮނުވާ ލިޔެކިޔުންތަކުގެ ލިސްޓެއް ތައްޔާރުކޮށް، އެ ލިސްޓުގައި އެ އިދާރާގެ ތައްގަނޑު ޖަހަންވާނެއެވެ. އެހެންނަމަވެސް، ކޮމިށަނަށް ފޮނުވާ ލިޔުންތަކުގައި ތައްގަނޑު ޖަހައިދިނުމަށް ކޮމިށަނުން އެދޭ ހާލަތްތަކުގައި، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ އަމުރަށް އެކަށީގެންވާ ސަބަބެއް ނެތި ތަބާނުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
80 ވަނަ މާއްދާ - އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ތަންތަނަށް ރުހުމާއެކު ވަނުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެ ނަމަ، އެ ތަނަކަށް ވަދެވޭނީ، އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތެއްގެ ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމާއެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ރުހ ކަމަށް ބުނެފި ނަމަ، އެ ތަނެއް ބަލައި ފާސްކުރަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭ ނެހެން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތުން ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުން ސޮއިކުރުމުންނެވެ.
- ބަލައި ފާސްކުރާ ތަނުގެ މައުލޫމާތު؛
- ބަލައި ފާސްކުރުމަށް ހުއްދަދިން ފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރުމުގެ ހުއްދައަށް އެދުނު މުވައްޒަފުގެ މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭފަރާތެއްގެ ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތުން ރުހުން ނުދޭ ނަމަ، އެ ތަނެއް ބަލައި ފާސްކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ތަހުގީގަށް ހިފަހައްޓާ ނަމަ، މި ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް ފުރިހަމަކުރަންވާނެއެވެ.
(ބ) މި ބާބުގެ މަގުސަދަށް ޓަކައި "ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭ ގޮތުން ނަމަ، އެ ތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭ ގޮތުން ނަމަ، އެ ތަން ކުއްޔަށް ހިފައިފައިފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއް ނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަކަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައި ނަމަ ނުވަތަ އެ ނޫން ހާލަތެއްގައި ނަމަ، އެ ތަނެއްގައި ދިރިއުޅޭ ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
81 ވަނަ މާއްދާ - ކޯޓު އަމުރަކާއެކު އަމިއްލަ ތަންތަން ބަލައި ފާސްކުރުން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި ކޯޓު އަމުރަކާއެކު އަމިއްލަ ތަނަކަށް ވަނުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެ ތަނުގައި ތިބި ބަޔަކަށް، އެ ތަނަށް ވަންނަކަން އަންގަންވާނެއެވެ. އެހެންނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެ ތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލައި އެންގުން ލާޒިމެއް ނޫނެވެ. އެ ތަނަކަށް ވަނުމުގެ ހިނދުކޮޅެއްގެ ކުރިން އެކަން އެންގުމުން، މި މާއްދާގެ މަގުސަދު ހާސިލުވީކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ މަގުސަދު ގެއްލިދާނެކަމަށް ފެނިއްޖެ ހާލަތެއްގައި، އެ ތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެ ތަނަށް ވަނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) އަމިއްލަ ތަނަކަށް ވަންނަ ވަނުމުގައި، އެ ތަނެއް ބަލައި ފާސްކުރަންވާނީ، އެ ތަނެއްގެ ވެރިފަރާތް އެ ތަނުގައި ހުރި ނަމަ، އެ ފަރާތުގެ ހާޒިރުގައެވެ. އެ ތަނުގެ ވެރިފަރާތް އެ ތަނުގައި ހާޒިރުވެ ނެތް ހާލަތެއްގައި އެ ތަން ބަލައި ފާސްކުރަންވާނީ، ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ކޮމިށަނުގެ އިންވެސްޓިގޭށަން އޮފިސަރު، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- އިންވެސްޓިގޭށަން އޮފިސަރުގެ ތައާރުފެއް އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަށް ދިނުމަށްފަހު، އޭނާއަކީ ކޮމިށަނުގެ މުވައްޒަފެއްކަން އެނގޭނޭ ރަސްމީ ލިޔުމެއް ދެއްކުން؛ އަދި
- ކޯޓު އަމުރުގެ ކޮޕީ، އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކަށް ދިނުން.
(ބ) ކޮމިށަނުގެ ފަރާތުން ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރަން ފަށާއިރު، ބަލައި ފާސްކުރާ ތަނުގައި އެ ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު ނެތް ނަމަ، އެ ތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށް ޓަކައި އަމިއްލަ ތަނަކަށް ވަންނައިރު، އެ ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު ހުރެފައި، އެ ތަން ބަލައި ފާސްކުރުމުގެ ކުރިން ނުވަތަ އެއަށްފަހު އެއިން ފަރާތަކުން އެ ތަން ދޫކޮށްފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް ލިބިދޭ ހައްގު ދޫކޮށްލީކަމުގައި ބަލައި، ބަލައި ފާސްކުރުމުގެ ކަންކަން ކުރިޔަށް ގެންދެވިދާނެއެވެ. އެހެންނަމަވެސް، ތަނުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން މީހަކަށް ކޮންމެ ވަގުތެއްގައި ވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިޔަށް ގެންދިޔުމުގެ ހައްގު ލިބިގެންވެއެވެ.
(ކ) ކޯޓު އަމުރުގައި އެ ތަނެއް ބަލައި ފާސްކުރުމަށް ހުއްދަ ދީފައިވާ ވަގުތުގައި، އެ ތަނެއް ބަލައި ފާސްކޮށް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހެއްކާއި މައުލޫމާތު ގެންނަންވާނެއެވެ. ކޯޓު އަމުރެއްގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، އައު އަމުރަކުން އެ ވަގުތު އިތުރުކޮށްދީފައި ނުވާ ނަމަ، ކުރީގެ އަމުރުގައި ދީފައިވާ ވަގުތު ހަމަވުމަށްފަހު އެ ތަނަކުން ހެއްކާއި މައުލޫމާތު ހޯދައިގެން ނުވާނެއެވެ. އަދި އެ ތަނެއްގެ އެތެރޭގައި ތިބެގެން ވެސް ނުވާނެއެވެ.
82 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން
(ހ) ކޯޓު އަމުރަކާއެކު އަމިއްލަ ތަނެއް ކޮމިށަނުން ބަލައި ފާސްކޮށް ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ތަހުގީގަށް ހިފަހައްޓާ ނަމަ، އެ ތަނެއް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފު، އަންނަނިވި މައުލޫމާތު ހިމެނޭ ހެން އިންވެންޓްރީއެއް އެކުލަވައިލަންވާނެއެވެ.
- ބަލައި ފާސްކުރި ތަނުގެ މައުލޫމާތު؛
- ބަލައި ފާސްކުރި ތަނުގެ ވެރިފަރާތުގެ މައުލޫމާތު؛
- ހިފެހެއްޓޭ ތަކެތީގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރަން ފެށި ވަގުތު؛
- ބަލައި ފާސްކޮށް ނިންމި ވަގުތު؛
- ހިފެހެއްޓޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
- ހިފެހެއްޓޭ ތަކެތީގެ ބާވަތް؛
- ހިފެހެއްޓޭ ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
- ތަކެތި ހިފެހެއްޓޭި ތާރީހާއި ތަނާއި ވަގުތު؛
- ތަކެތި ހިފެހެއްޓޭިއިރު އެ ތަކެތި ހުރި ހާލަތު؛
- ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި ކޮމިށަނުގެ މުވައްޒަފުންނާއި، އިންވެންޓްރީ ތައްޔާރުކުރިއިރު ހާޒިރުވެތިބި ފަރާތްތަކުގެ މައުލޫމާތާއި ސޮއި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވެންޓްރީ އެކުލަވައިލަންވާނީ، ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފާއި ކޮމިށަނުގެ އެހެން މުވައްޒަފަކާއި، ތަނުގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާއިރު ތަނުގެ ވެރިފަރާތް ނުވަތަ މުދަލުގެ ވެރިފަރާތް ނުވަތަ އެއިން ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެހުރުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށް ފައިވާ މުދަލުގެ އިންވެންޓްރީ އެކުލަވައިލާއިރު ހާޒިރުވެ ހުންނަން ބޭނުންނުވެ، އެ ތަން ދޫކޮށްފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި މުދަލުގެ އިންވެންޓްރީ ނެގުމަށް މި މާއްދާއިން ލިބިދޭ ހައްގު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ. އެހެންނަމަވެސް، އެއިން މީހަކަށް ކޮންމެ ވަގުތެއްގައި ވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި މުދަލުގެ އިންވެންޓްރީ ނެގުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވެންޓްރީގެ 1 (އެކެއް) އަސްލު،ކޮމިށަނުގައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ލިޔާ އިންވެންޓްރީގެ 1 (އެކެއް) އަސްލު، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލުނުވި ނަމަ، ލިޔުމުގައި އެކަން ފާހަގަކޮށް، އިންވެސްޓިގޭށަން ޓީމުގެ 2 (ދޭއް) އިންވެސްޓިގޭށަން އޮފިސަރުން އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ލިޔާ އިންވެންޓްރީގެ 1 (އެކެއް) އަސްލު، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލުނުވި ނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށްފަހު، ބަލައި ފާސްކުރި ތަނުގައި އެ އިންވެންޓްރީގެ 1 (އެކެއް) އަސްލު، ފަސޭހައިން ފެންނާނޭ ފަދައިން ހަރުކުރަންވާނެއެވެ.
(ކ) މި މާއްދާގެ މަގުސަދަށް ޓަކައި، ބަލައި ފާސްކުރާ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކީ، އެ ތަނުގައި ހުރި މުދަލުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްކަމަށް ބެލެވޭނެއެވެ.
83 ވަނަ މާއްދާ - ބަލައި ފާސްކުރުމާ ގުޅޭ ގޮތުން ކޮމިށަނަށް ލިބިދޭ އިތުރު ބާރުތައް
(ހ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި، ކޯޓު އަމުރަކާއެކު އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ބާރުތައް ކޮމިށަނުގެ ފަރާތުން ބަލައި ފާސްކުރާ މުވައްޒަފުންނަށް ލިބިގެންވެއެވެ.
(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން، ތަނެއް ބަލައި ފާސްކުރުމުގައި ނުވަތަ ތަނަކުން ހެއްކާއި މައުލޫމާތު ހޯދުމުގައި، ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ ހާލަތެއްގައި، އަދި އެ ފައިސާ ގުނުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެކަމަށް ތަހުގީގުކުރާ ފަރާތަށް ފެނިއްޖެ ނަމަ، އެ ފައިސާއެއް ސީލްކުރުމަށްފަހު، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ ފައިސާއެއް ކޮމިށަނަށް ގެނެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ސީލްކުރުމަށްފަހު، ފައިސާއެއް ކޮމިށަނަށް ގެނައި ކަމުގައި ވިޔަސް، އެ ފައިސާއެއްގެ ސީލް ކަނޑައި ގުނަންވާނީ، އެ ފައިސާ ނެގި ތަނުގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައެވެ.
84 ވަނަ މާއްދާ - ބަދަލުދިނުން
ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، ކޮމިށަނުން ތަނެއް ބަލައި ފާސްކުރުމުގައި، ކޮމިށަނަށް ލިބިދޭ ގާނޫނީ ބާރު ބޭނުންކުރުމުގެ ސަބަބުން، އެ ތަނަކަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަންނަނިވި 2 (ދޭއް) އުސޫލުން ކުރެ އުސޫލެއް ހިނގާނެއެވެ.
(ހ) ކޮމިށަނުން ބަލައި ފާސްކުރި ތަނަކީ، ކުށާ ގުޅުންހުރި މީހުން ތިބި ތަނެއްކަމަށް ނުވަތަ ކުށާ ގުޅުންހުރި ތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، އެ ތަނަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުމަށް ކޮމިށަނުން ޒިންމާވާކަށެއް ނުޖެހޭނެވެ.
(ށ) ކޮމިށަނުން ބަލައި ފާސްކުރި ތަނަކީ، ކުށާ ގުޅުންހުރި މީހުން ތިބި ތަނެއްކަމަށް ނުވަތަ ކުށާ ގުޅުންހުރި ތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުނުކުރެވޭ ނަމަ، އަދި ތަނެއް ބަލައި ފާސްކުރުމަށް ހުރަހެއް ކުރިމަތިކުރުވައިފައި ނުވާ ނަމަ، އެ ތަނަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުން، ހާލަތަށް ބަލައި ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން،މަރާމާތު ކޮށްދޭން ވާނެއެވެ. ނުވަތަ އެ ލިބުނު ގެއްލުމަކަށް ބަދަލުދޭންވާނެއެވެ.
އަށްވަނަ ބާބު
މުދާ ހިފެހެއްޓުން
85 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލައި މުދާ ހިފެހެއްޓުން
(ހ) އަންނަނިވި ހާލަތްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މުދާ، ކޯޓު އަމުރަކާ ނުލައި ހިފެހެއްޓޭުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އިދާރާއަކަށް، ކޮމިށަނުގެ އަމުރެއް ހިފައިގެން ގޮސް މައްސަލައަކާ ގުޅިގެން ހިފަހައްޓާ މުދާ؛
- ކޯޓު އަމުރަކާ ނުލައި އާންމު ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ކުށެއްގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ މުދާ؛
- އަމިއްލަ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެހުރި ފަރާތެއްގެ ރުހުމާއެކު އެ ތަނެއް ބަލައި ފާސްކުރުމުގައި ހެކީގެގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ މުދާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ކޮމިށަނުގެ ބެލުމުގެ ދަށަށް މުދާ ގެންނަ ހާލަތުގައި، އަންނަނިވި މައުލޫމާތު ހިމެނޭ ހެން ލިޔުމެއް ލިޔެ، އެ މުދަލަކާ އެވަގުތު ހަވާލުވެހުރި ފަރާތަކަށް ދޭންވާނެއެވެ.
- އެ މުދަލެއް ހުރި ތަނުގެ މައުލޫމާތު؛
- ބެލުމުގެ ދަށަށް ގެނައި މުދަލުގެ މައުލޫމާތު؛
- އެ މުދަލެއް ދޫކުރި ފަރާތުގެ މައުލޫމާތު؛
- އެ މުދަލެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނައި ތާރީހާއި ގަޑި؛
- ބެލުމުގެ ދަށަށް ގެނައި މުދަލުގެ ހާލަތު؛
- އެ މުދަލަކާ ހަވާލުވި އިންވެސްޓިގޭށަން އޮފިސަރުގެ މައުލޫމާތު.
(ނ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި މި ގަވާއިދުގެ 77 ވަނަ މާއްދާގެ ދަށުން އާންމު ތަނަކުން ހެކީގެގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ މުދަލެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ ހާލަތުގައި، އަން ނަނިވި މައުލޫމާތު ހިމެނޭ ހެން ލިޔުމެއް ލިޔެ، މައްސަލައިގެ ފައިލުގައި އެ ލިޔުން ރައްކައުކުރަންވާނެއެވެ.
- އެ މުދަލެއް ހުރި ތަނުގެ މައުލޫމާތު؛
- ބެލުމުގެ ދަށަށް ގެނައި މުދަލުގެ މައުލޫމާތު؛
- އެ މުދަލެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނައި ތާރީހާއި ގަޑި؛
- ބެލުމުގެ ދަށަށް ގެނައި މުދަލުގެ ހާލަތު؛
- އެ މުދަލެއް ނެގި އިންވެސްޓިގޭށަން އޮފިސަރުގެ މައުލޫމާތު؛
- ބެލުމުގެ ދަށަށް ގެނައި މުދަލުގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަމިއްލަ ތަނެއް، އެ ތަނުގެ ވެރިފަރާތުގެ ރުހުމުގައި ނުވަތަ އެ ތަނުގައި ދިރިއުޅޭ ފަރާތުގެ ރުހުމުގައި ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެހުރި ފަރާތެއްގެ ރުހުމުގައި ބަލައި ފާސްކުރުމުގައި ކޮމިށަނުގެ ތަހުގީގަށް ހެކީގެގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭމުދަލެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ ހާލަތުގައި، މި ގަވާއިދުގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
86 ވަނަ މާއްދާ - ކޯޓު އަމުރަކާއެކު މުދާ ހިފެހެއްޓުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މުދާ ވަކި މުއްދަތަކަށް ހިފެހެއްޓޭުމަށް ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށަށް އެ މުދާ ދިޔަނުދިނުމަށް ނުވަތަ އެ މުދަލުން އެއްވެސް ތަސައްރުފެއް ނުކުރުމަށް ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ މުދާ ބެހެއްޓުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރުމަށް ޓަކައި ކޯޓު އަމުރެއް ހޯދިދާނެއެވެ.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މުދަލެއް ހިފެހެއްޓޭ ނީ،ލިބިހުރި އެންމެހައި ހެކީގެ ބުރަދަނަށް ބަލައި، އެ މުދަލަކީ ތުހުމަތުކުރެވިފައިވާ ކޮރަޕްށަނުގެ އަމަލު ހިންގައިގެން ހޯދަމުންދާކަމަށް ނުވަތަ ހޯދައިދެމުންދާކަމަށް ނުވަތަ ހޯދައިފައިވާކަމަށް ނުވަތަ ހޯދައިދީފައިވާކަމަށް ނުވަތަ އެ އަމަލު ހިންގުމަށް ބޭނުންކުރާ ނުވަތަ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މުދާކަމުގައި ވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓޭި މުދާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ޖެހޭ ކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ،ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓޭި މުދާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ނުޖެހޭ ކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ވެސް އެ ފަރާތުގެ މުދާ ހިފެހެއްޓޭުމުގެ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނެވިދާނެއެވެ. އަދި އެކަން އެ މުދަލުގެ ވެރިފަރާތަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން މުދަލެއް ހިފަހައްޓާ ހާލަތުގައި، މި ގަވާއިދުގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
87 ވަނަ މާއްދާ - ހިފަހައްޓާ މުދާ ރައްކައުތެރިކަމާއެކު ބެލެހެއްޓުން
މި ބާބުގެ ދަށުން ކޮމިށަނުގެ ތަހުގީގަށް ހިފަހައްޓާ މުދާ، އެ މުދަލުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ އެ މުދަލަކާމެދު އަމަލުކުރަންޖެހޭ އެހެން ގޮތަކަށް އަމަލުކުރެވެންދެން ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
88 ވަނަ މާއްދާ - ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
މި ބާބުގެ ދަށުން ހިފަހައްޓާ މުދަލެއް ސީލްކުރުމާއި އެ މުދަލަކަށް އެވިޑެންސް ނަންބަރު ދިނުމާއި ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 91 ވަނަ މާއްދާއާއި 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
89 ވަނަ މާއްދާ - މުދާ ހިފެހެއްޓޭ ބޭނުން.
(ހ) މި ގަވާއިދުގެ ދަށުން ބަލައި ފާސްކުރުމާ ގުޅިގެން ކޮމިށަނުން ހިފަހައްޓާ މުދަލަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަދި އެ މުދަލަކީ އެ ކަންކަން ނިމެންދެން ކޮމިށަނުގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ ތަކެއްޗެވެ.
- ކޮމިށަނުން ކުރަމުންގެންދާ ތަހުގީގެއްގައި ބޭނުންކުރުމަށް؛
- ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް؛
- އެ އެއްޗަކީ ގާނޫނާ ހިލާފަށް ހޯދައިފައިވާ އެއްޗެއްކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށް.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓޭ މުދަލަކީ ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗަކަށް ވާ ނަމަ، އެ އެއްޗެއްގެ ކޮޕީ ނުވަތަ ފޮޓޯ ނެގުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ. ނުވަތަ އެ އެއްޗަކީ، މައުލޫމާތު ރައްކައުކުރެވޭއެއްޗެއްކަމުގައި ވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނިކަމުގައި ވާ ނަމަ، އެ މައުލޫމާތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ މުދަލެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.
(ނ) ކޮމިށަނުގެ ތަހުގީގަށް ހިފެހެއްޓޭި މުދަލެއް، އެ މުދަލެއްގެ އަސްލު އޮތްގޮތުގައި ބެހެއްޓުމުގެ ބޭނުމެއް ނެތްކަމަށް ތަހުގީގަށް ގަބޫލުކުރެވިއްޖެ ނަމަ، އަދި އެ މުދަލަކީ އެ މުދަލުގެ ޒާތުން ހަލާކުވާ ފަދަ މުދަލެއް ނަމަ ނުވަތަ އެ މުދަލެއް ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދު، އެ މުދަލުގެ އަގާ އެކަށީގެންނުވާ ނަމަ، އެ މުދަލެއް ނީލަންކިޔައި ފައިސާއަށް ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިފަދައިން ތަހުގީގަށް ހިފެހެއްޓޭ މުދަލުގެ ބޭނުން މި ގަވާއިދުގެ 90 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ނިމ،ި އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތާ ހަވާލުކުރުމަށް ނިންމާ ހާލަތުގައި، ކޮމިށަނުގެ ތަހުގީގަށް ހިފެހެއްޓޭި މުދަލުގެ ބަދަލުގައި އެ ފަރާތާ ހަވާލުކުރާނީ، މުދާ ނީލަންކިޔުމަށްފަހު ލިބިފައިވާ ފައިސާއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ކޮމިށަނުގެ ތަހުގީގަށް ހިފެހެއްޓޭި މުދަލެއް ނީލަންކިޔައިގެން އޭގެ އަސްލަށް ބަދަލުއަންނަ ފަދަ އެއްވެސް ކަމެއް ކުރަންވާނީ، އެ ކަމެއް ކުރުމަށް ކޯޓު އަމުރެއް ހޯދުމަށްފަހުގައެވެ.
90 ވަނަ މާއްދާ - ހިފަހައްޓާ މުދަލެއްގެ ބޭނުން ނިމުމަކަށް އައުމުން އަމަލުކުރާނެ ގޮތް
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ މުދާ ގެނައި ބޭނުން ނިމުމަކަށް އައުމާއެކު، އެ މުދަލަކާމެދު ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރުމަށް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.
- މުދަލުގެ ވެރިފަރާތާ މުދާ ހަވާލުކުރުން؛
- މުދާ ނައްތައިލުން؛
- ދައުލަތުގެ ބެލުމުގެ ދަށަށް މުދާ ގެނައުން؛
- ތަކެތި ނީލަން ކިޔުން؛
- ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުދަލަކާމެދު އަމަލުކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ކޮމިށަނުގެ ތަހުގީގަށް ހިފަހައްޓައިފައިވާ މުދަލަކީ، އެ މުދަލެއް ކޮމިށަނުގެ ބެލުމުގެ ދަށުގައި ނުވަތަ ކަމާބެހޭ އިދާރާއެއްގެ ބެލުމުގެ ދަށުގައި ވަކި މުއްދަތަކަށް ހިފެހެއްޓޭުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފައިވާ މުދަލެއްކަމުގައި ވާ ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ މުދަލަކާމެދު އަމަލުކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ބޭނުން ނިމުމަކަށް އައުމާ ގުޅިގެން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރަންވާނީ، ކޮމިށަނުން އެފަދައިން ނިންމުމަށްފަހުގައެވެ. އަދި ކޮމިށަނުން ނިންމައިފައިވާ ނިންމުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފައެއް ހޯދުމަށް ފެންނަ ނަމަ، އެ ލަފައެއް ހޯދަންވާނެއެވެ. އަދި މުދަލާމެދު އަމަލުކުރި ގޮތް އެވިޑެންސް ރޫމުގެ ދަފުތަރުގައި ރިކޯޑުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދެއްގައި، ހިފަހައްޓައިފައިވާ މުދަލެއް އަނބުރާ ރައްދުކުރަންވާނީ، އެ މުދަލެއް ނެގުނު ފަރާތަކަށެވެ.
(ބ) ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލެއް ވެރިފަރާތާ ނުވަތަ އެ މުދަލެއް އަތުލެވުނު ފަރާތަކާ ހަވާލުކުރަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭލިޔުމަކާ އެކުގައެވެ.
- މުދަލުގެ ނަމާއި، ބާވަތާއި، މުދަލަށް ދީފައިވާ އެވިޑެންސް ނަންބަރު؛
- މުދާ ހިފެހެއްޓޭި ތާރީހާއި ތަން؛
- މުދާ ހިފެހެއްޓޭި ސަބަބު؛
- މުދަލުގެ ވެރިފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މުދަލާ ހަވާލުވި ފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތާއި ސޮއި؛
- މުދާ ހަވާލުކުރި އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި، ސޮއި؛
- މުދާ ހަވާލުކުރަން ހުއްދަ ދިން އިސްވެރިޔާގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި ސޮއި؛
- މުދާ ހަވާލުކުރި ތާރީހާއި ގަޑި؛
- މުދާ ހަވާލުކުރިއިރު މުދާ ހުރި ހާލަތު.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށް، 1 (އެކެއް) އަސްލު، މުދަލުގެ ވެރިފަރާތާ ނުވަތަ އެ މުދަލެއް އަތުލެވުނު ފަރާތަކަށް ހަވާލުކޮށް، އަނެއް އަސްލު، ކޮމިށަނުގައި ރައްކައުކުރަންވާނެއެވެ.
ނުވަވަނަ ބާބު
ހެކީގެގޮތުގައި ނަގާ ލިޔެކިޔުމުގެ އަސްލާއި މުދަލާއި ސާމްޕަލް ރައްކައުތެރިކަމާއެކު ބެލެހެއްޓުން
91 ވަނަ މާއްދާ - ހެކީގެގޮތުގައި ނަގާ ތަކެއްޗާއި ސާމްޕަލްތައް ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، މި ގަވާއިދުގެ ހަވަނަ ބާބާއި، ހަތްވަނަ ބާބާއި، އަށްވަނަ ބާބުގެ ދަށުން ހެކީގެގޮތުގައި ނަގާ ލިޔުންތަކުގެ އަސްލާއި މުދަލާއި ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގާ ސާމްޕލް، އެ އެއްޗަކާ އެކަށ ނެ ގޮތަކަށް ލަސްނުކޮށް ސީލްކޮށް، ކޮންމެ އެއްޗަކަށް ވަކި އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ތަހުގީގަށް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ މުދަލަކީ، ސީލްނުކުރެވޭ ބާވަތުގެ މުދަލެއް ކަމުގައި ވާ ނަމަ، އެ މުދަލެއް ހިފެހެއްޓޭި ބޭނުން ނުގެއްލ ނެ ގޮތަށް ރައްކައުތެރިކުރަންވާނެއެވެ.
92 ވަނަ މާއްދާ - ޗެއިން އޮފް ކަސްޓަޑީ
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މި ގަވާއިދުގެ ހަވަނަ ބާބާއި، ހަތްވަނަ ބާބާއި، އަށް ވަނަ ބާބުގެ ދަށުން ކޮމިށަނަށް ގެންނަ ލިޔުންތަކުގެ ކޮޕީ ފިޔަވައި، އަނބުރާ ރައްދުކުރާ ގޮތަށް ގެންނަ ތަކެއްޗާއި ލިޔެކިޔުންތަކުގެ އަސްލާއި، ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ ބެލުމުގެ ދަށަށް ހެއްކެއްގެ ގޮތުގައި ގެންނަ މުދަލެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ނުވަތަ ފޮރެންސިކް ތަހުލީލުކުރުމަށް ނަގާ ސާމްޕަލްތައް ސީލްކުރުމަށްފަހު، އެ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، އެވިޑެންސް ނަންބަރު ލިޔަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ އެއްޗެއް ނަގާ ހިސާބުން ފެށިގެން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަމުން ގެންދަންވާނެއެވެ. އަދި އެ އެއްޗެއް، އެއް ތަނުން އަނެއް ތަނަށް ގެންދާ ނަމަ ނުވަތަ އެ އެއްޗަކާ ހަވާލުވެހުރި ފަރާތް ބަދަލުވާ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރިކޯޑުކުރަންވާނެއެވެ.
(ނ) ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ހިމެނޭ މައުލޫމާތެއްގެ ލިޔުމުގައި އިމްލާ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ލިޔެވިއްޖެ ނަމަ، އެ ކުށެއް ލިޔުނު މުވައްޒަފަކު، އެއް ރޮނގުން އެ ތަނެއް ކަނޑައިލުމަށްފަހު، ރަނގަޅު ގޮތް ލިޔެ، އެ ތަނާ ދިމާގައި ނުވަތަ އެ ތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ.
93 ވަނަ މާއްދާ - ހެކީގެގޮތުގައި ނަގާ ތަކެއްޗާއި ސާމްޕަލްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލުތައް
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، މި ގަވާއިދުގެ ހަވަނަ ބާބާއި، ހަތްވަނަ ބާބާއި، އަށްވަނަ ބާބުގެ ދަށުން ގެންނަ ލިޔުންތަކުގެ އަސްލާއި،ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލާއި، ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގައިފައިވާ ސާމްޕަލް ލަސްނުކޮށް އެވިޑެންސް ރޫމަށް ލާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހެކީގެގޮތުގައި ނެގޭ ލިޔުންތަކުގެ އަސްލާއި މުދަލާއި ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގައިފައިވާ ސާމްޕަލް ހަވާލުކުރާއިރު، ޗެއިން އޮފް ކަސްޓަޑީގެ ލިޔުމުގައި، އެވިޑެންސް ރޫމް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުގެ ސޮއިކުރުވަންވާނެއެވެ.
(ނ) ކޮމިށަނުގެ ތަހުގީގަށް ހިފަހައްޓާ މުދާ ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ހިފެހެއްޓޭި މުދާ ރައްކައުކުރުމުގައި ނުވަތަ ބެލެހެއްޓުމުގައި އެ މުދަލުގެ ޒާތަށާއި ބާވަތަށް ބަލަންވާނެއެވެ. އަދި އެ މުދަލެއް ހިފެހެއްޓޭި ބޭނުން ގެއްލިގެން ނުދާނ ގޮތެއްގެ މަތީން އެ މުދަލެއް ރައްކައުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ މުދާ ރައްކައުކޮށް ތަރުތީބުކުރަންވާނީ، އޭގެ އަސްލަށް ބަދަލެއް ނާންނާނެ ފަދަ ގޮތަކަށް ވަކިވަކީންނެވެ. އަދި ހިފެހެއްޓޭ މުދާ އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ހާލަތުގައި ގެންދަންވާނީ، އެ މުދަލަށް ގެއްލުމެއް ނުވާނ ފަދައިން، އެކަށީގެންވާ ރައްކައުތެރިކަމާއެކު، އެ ކަމަށް ހާއްސަކޮށްފައިވާ ވަސީލަތެއްގެ އެހީތެރިކަމާއެކީގައެވެ.
(ބ) ހިފެހެއްޓޭ މުދަލުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ބާވަތުގެ މުދާ ހުރި ނަމަ، އެކަން އެނގޭނޭ ފަދަ ނިށާނެއް އެ މުދަލެއްގައި ޖަހަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި، މުދަލާއި ފޮރެންސިކް ތަހުލީލުކުރުމަށް ޓަކައި ނަގައިފައިވާ ސާމްޕލް، ދަފުތަރެއްގައި ލިޔެ، އެ ތަކެތި ރައްކައުތެރިކަމާއެކު އެވިޑެންސް ރޫމުގައި ބަލަހައްޓަންވާނެއެވެ. އަދި އެވިޑެންސް ރޫމުގެ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.
- ތަކެތީގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތުގެ މައުލޫމާތު؛
- ތަކެތީގެ އެވިޑެންސް ނަންބަރު؛
- ތަކެތީގެ ބާވަތް؛
- ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
- ތަކެތި ގެނައި ތާރީހާއި ވަގުތު؛
- ތަކެތި ގެނައިއިރު އެ ތަކެތި ހުރި ހާލަތު؛
- ތަކެތި ގެނައި ފަރާތުގެ މައުލޫމާތާއި ސޮއި؛
- ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތާއި ސޮއި.
(ކ) މި މާއްދާގެ ދަށުން ރައްކައުކުރާ މުދާ ދަފުތަރުކުރާ މުވައްޒަފު، އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ޔަގީންކުރަންވާނެއެވެ.
- ކޮންމެ މުދަލަކަށް ތަފާތު ވަކި އެވިޑެންސް ނަންބަރެއް ދީ ލޭބަލްކުރެވިފައިވާކަން؛
- މުދާ ރަނގަޅަށް ބަންދުކޮށް، ސީލްކުރެވިފައިވާކަން؛
- މުދާ ގެންގުޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް އަމަލުކޮށްފައިވާކަން.
(އ) އެވިޑެންސް ރޫމަށް ވަދެނުކުމެވ ނީ، އެވިޑެންސް ރޫމަށް ވަދެނުކުތުމުގެ ހުއްދަ ކޮމިށަނުން ދީފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެވިޑެންސް ރޫމުގެ ތަޅުދަނޑި ބަލަހައްޓާނީ، ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތްތަކުންނެވެ.
(ވ) އެވިޑެންސް ރޫމަށް ވަދެނުކުތުމުގެ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ތަނަށް ވަދެނުކުންނަންވާނީ، ވަދެނުކުމެވާ ވަގުތު، އެކްސެސް ކޮންޓްރޯލް ސިސްޓަމުން ބެލެހެއްޓ ގޮތަށް ކާޑު ނުވަތަ އިނގިލީގެ ނިށާން ބޭނުންކޮށްގެންނެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ އެކްސެސް ކޮންޓްރޯލް ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް، އެވިޑެންސް ރޫމަށް ވަދެނުކުމެވާ ފަރާތްތަކާއި ވަގުތު އެނގޭ ގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ.
(ފ) އެވިޑެންސް ރޫމުގައި 24 (ސައުވީސް) ގަޑިއިރު އޮޕަރ ޓްކުރެވޭ ގޮތަށް ސަރވައިލެންސް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. މިގޮތަށް ރިކޯޑުކުރާ މައުލޫމާތު 45 )ސާޅީސްފަހެއް( ދުވަހުގެ މުއްދަތަކަށް ރައްކައުކޮށްފައި ހުންނަންވާނެއެވެ.
(ދ) އެވިޑެންސް ރޫމް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތް ނުވަތަ އެވިޑެންސާ ހަވާލުވެހުރި ފަރާތް ކޮމިށަނުގެ ވަޒީފާއިން ވަކިވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ކޮމިށަނުގެ މަސައްކަތާ ދުރުވާ ނަމަ، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި އެވިޑެންސްތައް، ކޮމިށަނުން ކަނޑައަޅައިފައިވާ އެހެން މުވައްޒަފަކާ ހަވާލުކޮށްފައި، ޗެއިން އޮފް ކަސްޓަޑީގެ ލިޔުމުގައްޔާއި އެވިޑެންސް ރޫމުގެ ދަފުތަރުގައި ސޮއިކުރުވަންވާނެއެވެ.
94 ވަނަ މާއްދާ - ހިފެހެއްޓޭ މުދާ ވަގުތީގޮތުންދޫކުރުން
(ހ) މި ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ރައްކައުކޮށްފައިވާ މުދާ، ތަހުގީގުގެ ބޭނުމަށް ނުވަތަ ޕްރޮސިއުޓަރ ޖެނެރަލުގެ އޮފީހުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ދޫކުރެވިދާނެއެވެ. މިގޮތުން ކޮމިށަނުގެ ބެލުމުގެ ދަށުގައި ބަހައްޓައިފައިވާ ނުވަތަ ރައްކައުކޮށްފައިވާ މުދަލެއް ދޫކުރުމަށް އެދެންވާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.
- ހިފެހެއްޓޭި މުދާ ދޫކުރުމަށް އެދޭ ފަރާތް؛
- ދޫކުރުމަށް އެދޭ މުދާ؛
- މުދާ ދޫކުރުމަށް އެދޭ ސަބަބު؛
- މުދާ ދޫކުރުމަށް ހުއްދަދިން ފަރާތުގެ ނަމާއި، ސޮޔާއި، ރިކޯޑު ކާޑު ނަންބަރު؛
- މުދާ ދޫކުރި ބޭނުމަށް ހޭދަވާނެ މުއްދަތު.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކުރާ މުދާ، މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މުދާ ރައްކައުކޮށް ބަލަހައްޓާ ތަނަށް ރައްދުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކުރި މުދާ ދޫކުރި މުއްދަތު ހަމަވާއިރު، އެ މުދާ ދޫކުރި ބޭނުން ފުރިހަމަވެފައި ނުވާ ނަމަ، އެ މުދާ ދޫކުރެވިފައިވާ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމަކުން އެދެންވާނެއެވެ.
ދިހަ ވަނަ ބާބު
އެކައުންޓު މޮނިޓަރކުރުމާއި، ފައިސާ ހިފެހެއްޓުމާއި، މުއާމަލާތުކުރުން ހުއްޓުވުން
95 ވަނަ މާއްދާ - އެކައުންޓާ ގުޅޭ މައުލޫމާތު ހޯދުމާއި، އެކައުންޓު މޮނިޓަރކުރުމާއި، އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން
ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން މީހެއްގެ ނުވަތަ ފަރާތެއްގެ ބެންކު އެކައުންޓަކާ ގުޅޭ މައުލޫމާތު ހޯދުމާއި، އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމާއި، އެކައުންޓުގައިވާ ފައިސާ ހިފަހައްޓަން ޖެހިއްޖެ ހިނދެއްގައި، އަންނަނިވި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން. ނުވަތަ
(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން.
96 ވަނަ މާއްދާ - ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން މި ގަވާއިދުގެ 95 ވަނަ މާއްދާގެ ދަށުން މީހެއްގެ ނުވަތަ ފަރާތެއްގެ ބެންކު އެކައުންޓުތަކާއި، ޑިޕޮޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި، މުއާމަލާތްތަކާ ގުޅޭ ނުވަތަ ސްޓޭޓްމަންޓްތަކާ ގުޅޭ މައުލޫމާތު، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮމިށަނަށް ދިނުމަށް ކަމާބެހޭ ބޭންކެއްގައި ލިޔުމުން އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކަސްޓަމަރެއްގެ ބެންކު އެކައުންޓުތަކާއި، ޑިޕޮޒިޓުތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި އަދި / ނުވަތަ މުއާމަލާތުތަކާ ބެހޭ މައުލޫމާތު ނުވަތަ ސްޓޭޓްމަންޓް ނުވަތަ ބެންކުން ބަލަހައްޓާ ކަސްޓަމަރުންގެ އެ ނޫން ވެސް މައުލޫމާތެއް ހޯދުމަށް އެދި ބޭންކަށް ހުށަހަޅާ ލިޔުމުގައި ސޮއިކުރާނީ ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.
97 ވަނަ މާއްދާ - އެކައުންޓު މޮނިޓަރކުރެވޭހާލަތްތައް
(ހ) މި ގަވާއިދުގެ 95 ވަނަ މާއްދާގެ ދަށުން، އަންނަނިވި ހާލަތްތަކުގައިވާ މީހުންނާއި ފަރާތްތަކުގެ ބެންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޯޓު އަމުރެއްގެ ދަށުން މޮނިޓަރކުރުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވާ މީހާއާއި، އެފަދަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ؛
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ އަމަލުން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
- ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްކަމަށް ބަލާނީ، ގާނޫނަކުން ކަނޑައަޅައިފައިވާ ކުށަކަށްވުމާއެކު، އެ ކުށް ކޮށްގެން ހޯދައިފައިވާ މުދާ ދައުލަތަށް ނެގުން ލާޒިމުކަމަށް އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވާ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުންކަމަށް ބެލުމުގައި އަންނަނިވި ހާލަތްތައް ހިމެނިގެންވެއެވެ.
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކޮށްފާނެކަމަށް ލިބޭމައުލޫމާތު؛
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ބަލަހައްޓާނީ ނުވަތަ އެއާ ހަވާލުވާނީ އެހެން ތިންވަނަ މީހަކު މެދުވެރިކޮށްކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އަމަލާ ގުޅިގެން އުފެދޭ ފައިސާގެ އަސްލަށް ބަދަލުގެނައުމުގެ ބޭނުމުގައި އެއިން މުއާމަލާތެއް ހިންގާކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ލިބިގަތް ގޮތުގެ ހަގީގަތް އޮޅުވައިލުމަށް ނުވަތަ ފޮރުވުމަށް ވަކި އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އުޅޭކަމަށް ލިބޭމައުލޫމާތު؛
- ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން ލިބުނު ފައިސާއާއި އޭނާއާ އޮތް ގުޅުން ފޮރުވުމަށް އެހެން ތިންވަނަ ފަރާތެއްގެ ހަވާލުގައި ބަހައްޓަން އުޅޭކަމަށް ލިބޭ މައުލޫމާތު؛ނުވަތަ
- ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާކަމަށް ކޮމިށަނަށް ލިބޭ އެހެނިހެން މައުލޫމާތު.
89 ވަނަ މާއްދާ - އެކައުންޓު މޮނިޓަރކުރުމުގެ އަމުރަކަށް އެދުން
(ހ) މި ގަވާއިދުގެ 97 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރާއި، ގައުމު ނުވަތަ ގާނޫނީ ށަހުސެއް ނަމަ، ނަމާއި ރަޖިސްޓަރީ ނަންބަރު؛
- ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން އެދޭ ބެންކު އެކައުންޓު ނުވަތަ އެކައުންޓުތަކުގެ މައުލޫމާތު؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެކައުންޓު މޮނިޓަރކުރަން ބެނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
- އެކައުންޓު މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ކަމަށް ވާ ނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓު މޮނިޓަރކުރެވޭ ތާރީހު ނުވަތަ ތާރީހުތައް ނުވަތަ މުއްދަތު؛
- ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގުސަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން
- މޮނިޓަރކުރުމުގެ ހުއްދަ ދެވޭ އެކައުންޓު ނިސްބަތްވާ ބެންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑު ނަންބަރާއި، ސޮއި؛
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، ކޮމިށަނުގެ ތައްގަނޑު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރުގެ ދަށުން އެއްކުރާ މައުލޫމާތުގެ ބޭނުން، އެ އަމުރު ނެރެދީފައިވާ މަގުސަދު ފިޔަވައި، އެހެން އެއްވެސް ކަމެއް ހާސިލުކުރުމަށް ކޮމިށަނުން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މީހެއްގެ އެކައުންޓު މޮނިޓަރކުރުމަށް ހޯދާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ނެތި ހިނގައްޖެ ނަމަ، ކޮމިށަނުން އެ އަމުރު ބާތިލުކުރަން އެދެންވާނެއެވެ.
99 ވަނަ މާއްދާ - އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތެއްގެ ފައިސާ ނުވަތަ ބެންކު އެކައުންޓެއް ވަކި މުއްދަތަކަށް ހިފެހެއްޓޭުމަށް ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށަށް އެ ފައިސާ ދިޔަނުދިނުމަށް ނުވަތަ އެ ފައިސާއިން އެއްވެސް ތަސައްރުފެއް ނުކުރުމަށް ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ ފައިސާ ބެހެއްޓުމަށް ކޯޓު އަމުރެއް ހޯދުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅާންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރާއި، ގައުމު ނުވަތަ ގާނޫނީ ށަހުސެއް ނަމަ، ނަމާއި ރަޖިސްޓަރީ ނަންބަރު؛
- ކުރަމުންދާކަމަށް، ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން އެކައުންޓު ހިފެހެއްޓޭުމަށް ބޭނުންވާ ބެންކުއެކައުންޓު ނުވަތަ އެކައުންޓުތަކުގެ މައުލޫމާތު؛
- އެ އަމުރުގެ ދަށުން އެކައުންޓު ހިފެހެއްޓޭުމަށް ނުވަތަ މުއާމަލާތުކުރުން ހުއްޓުވުމަށް އެދޭ މުއްދަތާއި ތާރީހުތައް؛
- ހިފެހެއްޓޭުމަށް ބޭނުންވާ އެކައުންޓު ނުވަތަ އެކައުންޓުތައް ހުރި ބެންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި، ސޮއި؛
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، ކޮމިށަނުގެ ތައްގަނޑު.
(ނ) މި މާއްދާގެ ދަށުން ހިފެހެއްޓޭި ފައިސާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ޖެހޭ ކަމަށް މައްސަލަ ބަލާ ތަހުގީގު ޓީމަށް ފެނިއްޖެ ނަމަ، ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، ކޯޓު އަމުރު ހޯދި ބޭނުން ފިލައި ހިނގައްޖެ ނަމަ، އެ އަމުރު ބާތިލުކުރުމަށް ކޮމިށަނުން އެދެންވާނެއެވެ.
100 ވަނަ މާއްދާ - ހިފެހެއްޓޭ ފައިސާ ބެލެހެއްޓުން
މި ގަވާއިދުގެ 99 ވަނަ މާއްދާގެ ދަށުން ހިފެހެއްޓޭި ފައިސާ ދައުލަތަށް ނަގަންޖެހޭ ނަމަ، އެ ފައިސާ ދައުލަތަށް ނަގަންދެން ނުވަތަ ހިފެހެއްޓޭި ހިފެހެއްޓުން ނިމުމަކަށް ގެންނަންދެން، ރައްކައުތެރިކަމާއެކު އެ ފައިސާ ބަލަހައްޓަންވާނެއެވެ.
އެގާރަވަނަ ބާބު
ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން
101 ވަނަ މާއްދާ - ޒާތީ މުއާމަލާތް
ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް، އެއްވެސް ފަރާތަކުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ޒާތީ މުއާސަލާތެއްގެ މައުލޫމާތު ބޭނުންވާ ނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ޒާތީ މުއާސަލާތެއް ރިކޯޑުކޮށްގެން ހެއްކެއްގެ ގޮތުގައި ހޯދަން ބޭނުންވާ ނަމަ އަދި ވަކި މުއްދަތަކަށް މޮނިޓަރކުރަން ބޭނުންވާ ނަމަ، އެކަން ކުރަންވާނީ، ކޯޓު އަމުރެއް ހޯދައިގެންނެވެ.
102 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުމުގެތެރޭގައި ހިމެނޭ ކަންކަން
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މީހަކު ހިންގާ ޒާތީ މުއާމަލާތަކީ، ކޮމިށަނުން ތަހުގީގުކުރަމުންދާ ކުށްތަކުގެ ތެރެއިން ކޮރަޕްށަނުގެ ކުށަކަށް މަގުފަހިވާ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއްކަމަށް ބެލުމުގެ އެކަށީގެންވާ ހެކ،ި ކޮމިށަނަށް ލިބިފައިވާ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 74 ވަނަ މާއްދާގެ ދަށުން، ކޯޓު އަމުރެއް މެދުވެރިކޮށް އެ މުއާމަލާތެއް ސަރވައިލްކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތްތައް ސަރވައިލްކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
- ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
- މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށްގެން ހިންގާ ޒާތީ މުއާމަލާތްތައް.
103 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުމުގެ ހުއްދަ ހޯދުން
(ހ) މި ގަވާއިދުގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވައިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.
- އެ ސަރވައިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ މުއާމަލާތް ސަރވައިލްކޮށްގެން މެނުވީ، ތުހުމަތުކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެން ނެތްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
- އެ ޒާތީ މުއާމަލާތް ސަރވައިލްކުރުމުގެ އަމުރަކަށް އެދުމަށް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.
(ށ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވައިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ސަރވައިލަންސް ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ ގާނޫނީ ށަހުސެއް ނަމަ، ނަމާއި ރަޖިސްޓަރީ ނަންބަރު؛
- އެ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ ކުށް؛
- އެ ފަރާތުން އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ލިބިފައިވާ ހެކި؛
- އެ އަމުރުގެ ދަށުން ސަރވައިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛
- އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވައިލަންސް ހިންގުމަށް ޓަކައި ޒިންމާ އުފުލާނެ ފަރާތުގެ ނަމާއި، މަގާމާއި، ރިކޯޑު ކާޑުގެ ނަންބަރު؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑު ނަންބަރާއި، ސޮއި؛
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ ކޮމިށަނުގެ ތައްގަނޑު.
(ނ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވައިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންކުރާނެ ސަރވައިލަންސް ޑިވައިސް ނުވަތަ ޑިވައިސްތަކުގެ ބާވަތް؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތުގެ ތަފުސީލު؛
- ސަރވައިލަންސެއް ހިންގައިގެން އެ ކުށާ ގުޅޭ ހެކި ލިބޭ ނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުއާސަލާތީ ވަސީލަތެއް ނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވ ނެ ވަސީލަތެއް ނަމަ، އެ ތަނެއް.
(ރ) މި ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރުގެ ބޭނުން ކޮމިށަނުން ކުރަންވާނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) މި ގަވާއިދުގެ 101 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހިންގާ ސަރވައިލަންސެއްގައި ހޯދޭ އެއްވެސް މައުލޫމާތެއް، އެ ސަރވައިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހުގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ، އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެން ނުވާނެއެވެ.
ބާރަވަނަ ބާބު
ފުރުން މަނާކުރުން
104 ވަނަ މާއްދާ - ފުރުން މަނާކުރުން
(ހ) މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިހްތިޔާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާއިން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ކޮމިށަނުން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް ޓަކައި ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހަށް ހުށަހެޅުމުން، ދައުވާކުރުމަށް ޓަކައި އެ އޮފީހުން އެ މައްސަލައެއް ބަލައިގަނެފައިވާ ނަމަ، ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދެންވާނީ ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހުންނެވެ.
105 ވަނަ މާއްދާ - ފުރުން މަނާކުރުމުގެ އަމުރު
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ފުރުން މަނާކުރަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓެއް އޮތް ނަމަ ޕާސްޕޯޓުގެ މައުލޫމާތު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަންއުޅޭކަމަށް ލިބިފައިވާ ހެކި؛
- ދިވެހިރާއްޖެ ދޫކޮށް އޭނާ ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ސަބަބާއި،ލިބިފައިވާ އިންޓެލިޖެންސްގެ މައުލޫމާތު ނުވަތަ ހެކި؛
- އޭނާ ދިވެހިރާއްޖ ގައި މަޑުކުރުވަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން ފުރުން މަނާކުރަން ބޭނުންވާ މުއްދަތު؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑު ނަންބަރާއި، ސޮއި؛
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، ކޮމިށަނުގެ ތައްގަނޑު.
(ށ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޒުކުރުމަށް ޓަކައި ކޮމިށަނަށް އަމުރު ލިބުމާއެކު، ލަސްކުރުމެއްނެތި، އެ އަމުރުގެ ކޮޕީއެއް، މޯލްޑިވްސް އިމިގްރޭށަނަށް ކޮމިށަނުން ފޮނުވަންވާނެއެވެ. އަދި ހަމަ އެޔާ އެކުއެކީގައި،ވީ އެންމެ އަވަހަކަށް، އެ އަމުރު ނިސްބަތްވާ މީހާއަށް އެކަން އަންގައި، އެ އަމުރުގެ ކޮޕީއެއް، އެންމެ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޮމިށަނުން އޭނާއަށް ދޭންވާނެއެވެ.
106 ވަނަ މާއްދާ - ފުރުން މަނާކުރުމުގެ މަގުސަދު ހާސިލުވުން
މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަނުވަނީސް، ފުރުން މަނާކުރުމުގެ މަގުސަދު ހާސިލުވެއްޖެ ނަމަ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓޭި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް އިމިގްރޭށަނަށް ކޮމިށަނުން ލަސްނުކޮށް އަންގަންވާނެއެވެ. އަދި ފުރުން މަނާކުރުމުގެ ގޮތުން ނެރެފައިވާ އަމުރު ނިމުމަކަށް އައިސްފައިވާކަން ކޮމިށަނުން އެ އަމުރު ރައްދުވާ ފަރާތަށް ލަސްނުކޮށް އަންގަންވާނެއެވެ.
ތޭރަވަނަ ބާބު
ގުޅިގެން ހިންގާ ތަހުގީގު
107 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހުގީގު
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ ކޮރަޕްށަނުގެ މައްސަލައެއްގައި، ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ އިހްތިސާސް ގާނޫނަކުން ލިބިދޭީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާ ނަމަ، އަންނަނިވި 2 (ދޭއް) ގޮތުން ކުރެ ގޮތަކަށް ލަސްނުކޮށް ކޮމިށަނުން އަމަލުކުރަންވާނެއެވެ.
- އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކުން ކުރިޔަށް ގެންދިއުމަށް ޓަކައި އެ އިދާރާއަށް މައްސަލަ ފޮނުވުން؛ ނުވަތަ
- ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމަށް ކޮމިށަނަށް ފެންނަ ހާލަތުގައި ގުޅިގެން ތަހުގީގު ކުރިޔަށްގެންދިއުމަށް އެދި ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެހެން އިދާރާއަކަށް އެ މައްސަލަ ފޮނުވަންވާނީ ލިޔުމުންނެވެ.
108 ވަނަ މާއްދާ - ޖޮއިންޓް އިންވެސްޓިގޭށަނުގެއެއްބަސްވުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންއަންނަ ކޮރަޕްށަނުގެ މައްސަލައެއްގައި ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގާ ނަމަ، އެކަން ކުރާނީ، އެކަމަށް ޓަކައި އެ އިދާރާއަކާ ނުވަތަ އެ އިދާރާތަކަކާއެކު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ޖޮއިންޓް އިންވެސްޓިގޭށަނުގައި ކޮމިށަނާއެކު ބައިވެރިވާ ދައުލަތުގެ އިދާރާ ނުވަތަ އިދާރާތަކާއެކު އިހްތިސާސް ހިއްސާކުރާނެ ނުވަތަ މަސައްކަތާއި ދައުރު ވަކިކުރާނެ ހަމަތައް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދޭނެ އުސޫލުތައް ބަޔާންކޮށްފައިވާ އެއްބަސްވުމެވެ.
(ނ) ކޮމިށަނާއި، އެ އެއްބަސްވުމެއް ވެވ ދައުލަތުގެ އިދާރާއިން ބޭނުން ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ވަކި މުއްދަތަކަށް ނުވަތަ ވަކި މައްސަލައަކަށް ހާއްސަކޮށްގެން އެކުލަވައިލެވިދާނެއެވެ.
(ރ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމުގެ ނަތީޖާއަކަށްވާނީ، ޖޮއިންޓް އިންވެސްޓިގޭށަނުން ތަހުގީގުކުރާ ޖިނާއީ މައްސަލަ ތަހުގީގުކުރުމަށް ކޮމިށަނަށް ލިބިގެންވާ އިހްތިސާސްގެ ހައިސިއްޔަތަށް އުނިކަމެއް އައުމަކާ ނުލައި، އެ މައްސަލައިގައި ކޮމިށަނާ ބައިވެރިވި ދައުލަތުގެ އިދާރާއަށް ނުވަތަ އިދާރާތަކަށް ވެސް އިހްތިސާސް ލިބިދޭިނުމާއެކު، ގާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުގީގަށް ލިބިދޭިނުމެވެ.
ސާދަވަނަ ބާބު
ތަހުގީގާ ގުޅުންހުރި އެހެނިހެން ކަންކަން
109 ވަނަ މާއްދާ - ތަހުގީގީ އެހެން އިދާރާތަކުގެ އެހީތެރިކަން ހޯދުން
ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ނުވަތަ އެ ނޫން ވެސް ތަހުގީގާ ގުޅުންހުރި އެހެނިހެން ކަންކަމަށް ތަހުގީގީ އެހެން އިދާރާއެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، އެފަދަ ކަމެއްގައި ތަހުގީގީ އެހެން އިދާރާއެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
110 ވަނަ މާއްދާ - ތަހުގީގުތަކާ ގުޅިގެން ރާއްޖެއިން ބޭރުން އެހީތެރިކަން ހޯދުން
(ހ) ކޮމިށަނުގެ ތަހުގީގުތަކާ ގުޅޭ ގޮތުން ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގައި އަމަލުކުރަންވާނީ،ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2018-130 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ ނުވަތަ ހޯދޭ އެހީގެ ތެރޭގައި، އަންނަނިވި ހާލަތްތަކުގައި، ޖިނާއީ މައްސަލައެއްގައި ށަރީއަތަކަށް ނުވަތަ ތަހުގީގަކަށް ބޭނުންވާ އެއްޗެހި ދިނުން ނުވަތަ ހޯދުން ހިމެނެއެވެ.
- މީހެއްގެ ބަޔާން ނެގުމުގައި ނުވަތަ ހެކިބަސް ހޯދުމުގައި؛
- ށަރީއަތެއްގައި ހެކިބަސް ދިނުމަށް ޓަކައި ނުވަތަ ތަހުގީގެއްގައި އެހީތެރިވުމަށް ޓަކައި، ދިވެހިރާއްޖ ގައިވާ މީހަކު ބޭރު ގައުމަކަށް ފޮނުވުމުގައި ނުވަތަ ބޭރު ގައުމެއްގައިވާ މީހަކު ދިވެހިރާއްޖެއަށް ގެނައުމުގައި؛
- ށަރުއީ ލިޔުން ހޯދައި، އެ ލިޔުން ރައްދުކުރުމުގައި؛
- ހެކި ހޯދުމަށް ތަންތަން ބަލައި ފާސްކުރުމުގައި؛
- މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި، މުދާ ހިފެހެއްޓޭުމުގައި؛
- އެއްޗެއްސާއި ތަންތަން ބަލައި ފާސްކުރުމުގައި؛
- މައުލޫމާތާއި ހެކީގެގޮތުގައި ހޯދާ އެއްޗެހި ފޯރުވައިދިނުމުގައި؛
- ބެންކު ރިކޯޑާއި، ވިޔަފާރީގެ ރިކޯޑުތައް ފަދަ ކަމާ ގުޅޭ ލިޔެކިޔުމާއި ރިކޯޑުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ރަސްމީ ކޮޕީ ހޯދުމުގައި؛
- ހެކީގެގޮތުގައި ބޭނުންކުރުމަށް، ކުށްކޮށްގެން ހޯދާ މުދާ ހޯދުމުގައި.
111 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން ހުށަހަޅާ ލިޔެކިޔުމާއި ތަކެތި
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރެވޭފަރާތަކުން ތަހުގީގަށް ގެނެސްދޭ ލިޔެކިޔުމާއި ތަކެތި ބަލައިގަންނަންވާނީ، އެ ފަދަ ލިޔެކިޔުމާއި ތަކެތި ބަލައިގަތުމަށް ތައްޔާރުކޮށްފައިވާ ސްލިޕް ފުރިހަމަކުރުމަށް ފަހުގައެވެ.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރެވޭފަރާތަކުން ހެއްކެއްގެ ގޮތުގައި އެސް.އެމ.ްއެސް.އެއް ނުވަތަ ފޮޓޯ ފަދަ ޑިޖިޓަލް ހެއްކެއް ތަހުގީގާ ހިއްސާކުރުމަށް އެދޭ ނަމަ، އެ ހެކި ނަގާނީ، މި ގަވާއިދުގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
112 ވަނަ މާއްދާ - ތިޖޫރީ ގުނުމުގައި އަމަލުކުރާނެ އުސޫލު
(ހ) މައްސަލައަކާ ގުޅިގެން އިދާރާއެއްގެ ތިޖޫރީގައި ހުރި ފައިސާ ގުނަން ޖެހިއްޖެ ނަމަ، ތިޖޫރީ ގުނާނީ، ކޮމިށަނުގެ އިންވެސްޓިގޭށަން ޓީމުގެ ހާޒިރުގައި، އެ އިދާރާއެއްގައި ތިޖޫރީ ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުންނެވެ. މިގޮތަށް ގުނުމަށްފަހު، ތިޖޫރީގައި ހުރި ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޓަކައި އިންވެސްޓިގޭށަން ޓީމުން އެ ތިޖޫރީގައި ހުރި ފައިސާ ގުނައި، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތިޖޫރީ ގުނުމަށްފަހު، އެކަން ރިކޯޑުކުރާ ލިޔުމުގެ 2 (ދޭއް) އަސްލު ފުރިހަމަކޮށް، 1 (އެކެއް) އަސްލު އެ އިދާރާއާ ހަވާލުކުރަންވާނެއެވެ.
ފަނަރަވަނަ ބާބު
ތަހުގީގު މަރުހަލާގައި އަޅާ ފިޔަވަޅުތައް
113 ވަނަ މާއްދާ - ކޯޓު އަމުރު ހޯދައިގެން ފިޔަވަޅު އެޅޭނެ ކަންކަން
ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން އަންނަނިވި ކަންކަން ކުރަންވާނީ، އެކަމުގެ އިހްތިސާސް އޮތް ކޯޓެއް މެދުވެރިކޮށް، ކޯޓު އަމުރު ހޯދައިގެންނެވެ.
(ހ) ބަންދުކޮށްފައި ބަހައްޓައިގެން މީހުން ހާޒިރުކުރުމަށް.
(ށ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ފޮރުވައިފާނެކަމުގެ ނުވަތަ ހެކި ނައްތައިލަފާނެކަމުގެ ނުވަތަ ފިލައިފާނެކަމުގެ ނުވަތަ ފިލައިގެން ހިނގައިދާނެކަމުގެ އިހްތިމާލު އޮތް ނަމަ، ތަހުގީގު ނިމެންދެން އެ މީހަކު ބަންދުކޮށްފައި ބެހެއްޓުމަށް.
(ނ) ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއް ކޮމިށަނަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، އެ ފަރާތެއް ހާޒިރުކުރުމަށް.
(ރ) އަމިއްލަ މީސްމީހުންގެ ގޯތިގެދޮރާއި މުދާ ބަލައި ފާސްކުރުމަށް ވެރިފަރާތުން އިންކާރުކުރާ ހާލަތުގައި، އެ ތަންތަނަށް ވަދެ ބަލައި ފާސްކުރުމާއި ހެކި ހޯދުމަށް.
(ބ) ސޮއިގެ ނުވަތަ އަތުލިޔުމުގެ ނުވަތަ އިނގިލީގެ ނިށާނުގެ ސާމްޕަލް ދިނުމަށް އިންކާރުކުރާ ހާލަތުގައި، އެ ސާމްޕަލް ނެގުމަށް.
(ޅ) ފައިސާއާއި މުދަލުން ތަސައްރަފުކުރުން ހުއްޓުވުމަށް.
(ކ) ކުށްކޮށްގެން ހޯދައިފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި ފައިސާ ދައުލަތުގެ ތަންތަން ފިޔަވައި އެހެން ތަނެއްގައި ހުންނަ ހާލަތުގައި، އެ ތަކެއްޗާއި ފައިސާ ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނައުމަށް.
(އ) ތަހުގީގުކުރަމުންއަންނަ މައްސަލައަކާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓޭުމަށް.
(ވ) ބެންކު އެކައުންޓު މޮނިޓަރކުރުމަށް.
(މ) އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި، އެ ފައިސާއިން މުއާމަލާތުކުރުން ހުއްޓުވުމަށް.
(ފ) ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުމަށް.
(ދ) މަތީގައިވާ ހާލަތްތައް ފިޔަވައި ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކޯޓު އަމުރު ހޯދަންޖެހޭ ފަދަ އިތުރު ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކަމަކަށް.
114 ވަނަ މާއްދާ - ކޮމިށަނުގެ އެންގުމަކަށް އަމަލު ނުކުރުން
ކޮމިށަނަށް ހާޒިރުވުމަށް ނުވަތަ މައުލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ނުވަތަ ކޮމިށަނުން ބަލައި ފާސްކުރުމުގެ އަމުރެއް ހިފައިގެން ލިޔެކިއުން ހޯދުމަށް ނުވަތަ ބަލައި ފާސްކުރުމަށް، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ ދަށުން ދައުލަތުގެ އިދާރާއަކަށް ނުވަތަ ފަރާތަކަށް އަންގައިފައިވަނިކޮށް ނުވަތަ ގޮސްފައިވަނިކޮށް، އެއްބާރުލުން ނުދީފި ނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.
ސޯޅަވަނަ ބާބު
އެހެނިހެން
115 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.
(ހ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެންޓި-ކޮރަޕްށަން ކޮމިށަނާއި، ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި އެ ފަރާތުގެ ފުރިހަމަ ބެލުމުގެ ދަށުން ކޮމިށަނުގެ މަސައްކަތް ހިނގާ ކޮންމެ ތަނަކަށެވެ.
(ށ) "މުދާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ލިޔެކިޔުންތަކުގެ އަސްލާއި، މާއްދީ މުދަލާއި، މާއްދީ ނޫން މުދާ ހިމެނޭ ގޮތުން އަގެއް ހުރި ކޮންމެ އެއްޗަކަށެވެ.
(ނ) "އިންވެސްޓިގޭށަން އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ކުރަމުންދާ ތަހުގީގުތަކުގެ މަސައްކަތް ކޮމިށަނުން ހަވާލުކުރާ އެންމެހައި ފަރާތްތަކަށެވެ.
116 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން
މި ގަވާއިދަށް އިސްލާހު ގެނެވޭނީ، އެ އިސްލާހެއް ކޮމިށަނުގެ މެންބަރުންގެ ބައްދަލުވުމަކަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އަދި އެ އިސްލާހަކަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހެއް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
117 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާއަކާ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ މާއްދާއަކާ ތައާރުޒުވާ ހާލަތުގައި އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
118 ވަނަ މާއްދާ - އުވައިލެވ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2020-98 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2022-83 (ގަވާއިދު ނަންބަރު 2020-98 - އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.
އުވި ގަވާއިދު
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98)
- ގަވާއިދު ނަންބަރު 2020-98 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-83)
ކިޔުންތެރިންގެ ހިޔާލު