އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު
(ގާނޫނު ނަންބަރު 2008-13)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ "އެންޓި-ކޮރަޕްށަން ކޮމިށަން" ގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމާއި ކޮރަޕްށަނަކީ ކޮބައިކަން ބަޔާންކޮށްދޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު އެވެ.
2 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
އެންޓި-ކޮރަޕްށަން ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް
އެންޓި-ކޮރަޕްށަން ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
4 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންނާއި، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ބ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތައުލީމާއި ގާބިލްކަން ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް
ކޮމިށަނުގެ މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) އުމުރުން 25 އަހަރު ވެފައިވުން؛
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
(ކ) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
(ވ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
6 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން
ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން، ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން އަންގަންވާނެއެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު
ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސްއެވެ. އަދި އެ ކޮމިށަނުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރާނީވެސް ކޮމިށަނުގެ ރައީސްއެވެ.
9 ވަނަ މާއްދާ - ކޮމިށަނުގެ ނައިބުރައީސްގެ މަސްއޫލިއްޔަތު
ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބުރައީސްއެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް، ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ ކޮމިށަނުގެ އެހެނިހެން މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
10 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.
- މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
- އިސްތިއުފާ ދިނުމުން؛
- މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛
- މަރުވުމުން؛
- ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ރައީސާއި ނައިބުރައީސާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.
(ނ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެމީހެއްގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތެއްގައި އަދާކުރަމުން ނުދާކަމަށް ކޮމިށަނުގެ މެންބަރުންގެ އަގްލަބިއްޔަތުން ފާސްކޮށްފި ހިނދެއްގައި އެމަގާމަކުން އެމީހަކު އިސްތިއުފާދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން އިސްތިއުފާދިންކަމުގައިވިއަސް ކޮމިށަނުގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީކަމުގައި ނުބެލެވޭނެއެވެ.
11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 30 (ތިރީސް) ދުވަސް ކުރިން، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަންވާނެއެވެ.
(ށ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައާއި، (3) ވަނަ ނަންބަރުގައާއި، (4) ވަނަ ނަންބަރުގައާއި، (5) ވަނަ ނަންބަރުގައާއި، (6) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނައިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަނުގެ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން ހޮވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް، އެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ރ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮމިށަނުގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބުރައީސްކަމުގެ މަގާމު ހުސްވެއްޖެނަމަ، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުސްވި މަގާމަށް މީހަކު ކޮމިށަނުން އައްޔަންކުރަންވާނެއެވެ.
12 ވަނަ މާއްދާ - މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން؛
(ށ) ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން
ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.
"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މުސްތަގިއްލު ކޮމިށަންތަކާއި މަގާމުތަކާބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލައްބިޔަތުން ފާސްކުރުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
15 ވަނަ މާއްދާ – އިސްތިއުފާދިނުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ މެންބަރުކަމުން އެ މެންބަރަކު ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅާ، އެސިޓީ ކޮމިށަނުގެ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސް ކަމުގެ މަގާމުން ވަކިވީއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެއިން މީހެއްގެ މަގާމުން އިސްތިއުފާ ދިންކަމުގައި ވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.
16 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
(ހ) ކޮމިށަނުގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަނުގެ ރައީސަށާއި، ނައިބުރައީސަށް ދެވޭ މުސާރައާއި އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.
17 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑުތައް
(ހ) ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކުމެ އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
- ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
- ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
- މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
- މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
- މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވުން؛
- އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު، މެންބަރުންގެ މަސައްކަތާއި ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްށަން ނައްތާލުމުގެ މަސައްކަތް ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރުމާއި ކަންކަން ނިންމުން؛
- މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުމާއި ކޮމިށަނުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން؛
- މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
- މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެ މައުލޫމާތެއް ހާމަނުކުރުން؛
- ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރުން؛
- ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އެމީހެއްގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން.
(ށ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް މި މާއްދާގެ (ހ) އާ ހިލާފަށް ކަމެއްކޮށްފައިވާ ކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ އެކަމެއް އަލުން މުރާޖައާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) ކޮމިށަނުގެ މެންބަރެއް ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ށަރުއީ ކޯޓަށް ސާބިތުވެއްޖެނަމަ، އެކަމެއްގައި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިށަނުން ޒިންމާ އުފުލުމުގެ އިތުރަށް، ގާނޫނާ ހިލާފުވި އެ މެންބަރަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ރ) ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފޯރމެޓަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. އަދި ކޮމިށަނަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުމެ، އެ މެންބަރެއްގެ މަގާމާ ހަވާލުވުމުގެ ކުރިން، އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. މިގޮތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ – ހިމާޔަތް
ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނައިބުރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ
ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓު ދިނުން
(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) ކޮމިށަނަށް އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
21 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ކޮރަޕްށަންގެ މައްސަލަތައް ބަލައި ތަހްގީގްކުރުން. މީގެތެރޭގައި، ކޮރަޕްށަންގެ އަމަލެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ށަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ށައްކުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަހްގީގްކުރުން؛
(ށ) ކޮމިށަނުން ތަހްގީގްކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ށަރީއަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ ކަންތައްތައް ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން؛
(ނ) ކޮރަޕްށަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅާންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުން؛
(ރ) ކޮރަޕްށަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން؛
(ބ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުވައި، އެކަމާބެހޭ އެކިއެކި ދިރާސާތައްކޮށް، އެ ދިރާސާތައް ހާމަކޮށް ށާއިއުކުރުން؛
(ޅ) ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިއު ކުރަންޖެހޭ ބަޔާންތައް ށާއިއުކުރުން؛
(ކ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން؛
(އ) ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައިވާ ކަންކަން ހިންގާ ބަލަހައްޓައި، އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
22 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ޖިނާއީ އިޖުރާއަތާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެމަތިން އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ހެކީންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުން؛
(ށ) ކޮމިށަނުން ކުރަމުންދާ ތަހުގީގާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން؛
(ނ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، ކޮމިށަނަށް ގެނައުން؛
(ރ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތްތަކުގެ އެންމެހައި ތަންތަނަށް ކޮމިށަނުގެ މުވައްޒަފުން ގޮސް، އެ ތަންތަނާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ބަލައި ތަހްގީގްކުރުމާއި، ބޭނުންވެއްޖެނަމަ އެ ތަކެތި ކޮމިށަނަށް ގެނައުން؛
(ބ) ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ލިޔުމަކުން ކޮމިށަނަށް ދިނުމަށް އެންގުން؛
(ޅ) ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތަކުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެ މުއްދަތުގެ ތެރޭގައި އެ މައްސަލައަކާބެހޭ މައުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިށަނުން އެ މައްސަލަ، އަމިއްލައަށް ބެލުން؛
(ކ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިށަނުން ސުވާލު ކުރެވެމުންދާ މީހަކު، ރާއްޖޭން ފުރައިގެންދާނަމަ، ކޮމިށަނުން ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށް އެންގުން؛
(އ) އާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި ތަހްގީގްކުރުން؛
(ވ) ކޮމިށަނުގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން މައްސަލަ ބަލައި ތަހްގީގްކުރުން؛
(މ) ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެހައި ސާމާނާއި، ވަސީލަތްތަކާއި، އާލާތްތައް ހޯދައި، ގެންގުޅެ، ރައްކާތެރިކަމާއެކު އެތަކެތީގެ ބޭނުން ހިފުން؛
(ފ) މީގެއިތުރުން، މި ގާނޫނާއި އަދި ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ހެދިފައިވާ އެހެން ގާނޫނުތަކުގައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ތަހްގީގުކުރުމާއި މައްސަލަބެލުމަށްޓަކައި ކޮމިށަނަށް ބޭނުންވާ އެހެނިހެން ބާރުތައް.
23 ވަނަ މާއްދާ - ކޮރަޕްށަނަކީ ކޮބައިކަން
މި ގާނޫނުގައި ކޮރަޕްށަން ކަމުގައި ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބުނެފައިވާ ކުށްތަކަށެވެ.
24 ވަނަ މާއްދާ - ކޮމިށަނުގެ ބާރު ހިނގާ ދާއިރާ
މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކޮމިށަނަށް ލިބިދީފައިވާ ބާރުތަކާއި ކޮމިށަނުން ކުރާ އެންމެހާ މަސައްކަތްތައް އަންނަނިވި ދާއިރާތަކަށް ހިންގޭނެއެވެ.
(ހ) ވެރިކަން ހިންގުމުގެ ބާރުގެ އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.
(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުން.
(ނ) އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުން.
(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މުވައްޒަފުން.
(ބ) ސަރުކާރުން ހިންގާ ކުންފުނިތަކާއި، ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ އެންމެހާ މުވައްޒަފުން.
(ޅ) އެހީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ފައިސާ ދެވޭ އެންމެހާ ކުންފުނިތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި އަދި އެނޫންވެސް އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.
(ކ) ސަރުކާރުގެ ކޮންޓްރެކްޓެއްގެ ދަށުން ސަރުކާރުގެ މުދާ ނުވަތަ ތަކެތި ނުވަތަ ފައިސާ ހަވާލުކޮށްފައިވާ އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.
(އ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުންވެސް، ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކޮމިށަނުން ތަހްގީގުކުރާ އެއްވެސް މައްސަލައަކާ ގުޅުންހުރި އެހެން އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.
(ވ) މާލީ ފައިދާ ހޯދުން ނޫން މަގްސަދުގައި ހިންގާ އަމިއްލަ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.
(މ) އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ ނުވަތަ އަވަށްތަކުގެ މުޖުތަމައުގެ ކަންކަމާ ގުޅޭގޮތުން އެ މުޖުތަމައުގެ ރައްޔިތުންގެ ނަމުގައި ހޯދާ ނުވަތަ ލިބޭ ފައިސާ ނުވަތަ ތަކެއްޗާ ގުޅުންހުރި އެންމެހާ ކަންކަން.
(ފ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިންގޭ މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވާ ނުވަތަ ބައިވެރިވާކަމަށް ކޮމިށަނަށް މައުލޫމާތު ލިބިފައިވާ، ނުވަތަ ބައިވެރިވުމަކީ އެކަށީގެންވާކަމެއްކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ބިދޭސީ ފަރާތްތައް.
25 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު ކޮމިށަނުން އަމަލުކުރަންވީ ގޮތް
(ހ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިއެވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްނަމަ، އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމުން؛
- އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށްވެފައި، ށަރީއަތަށް ހުށަހަޅައިގެން ސާބިތު ކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
- މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ އިތުރުން، އެ މައްސަލައަކީ މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން އިސްލާހުކުރަން އެ މުއައްސަސާއަކަށް އެންގުން.
(ށ) ކޮމިށަނުން މައްސަލަ ބަލައި ނިންމުމަށްފަހު މައްސަލައާބެހޭ ރިޕޯޓެއް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ހިނދެއްގައި އެފަރާތަށް ދިނުމަށާއި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ފަރާތަށް އެ ރިޕޯޓުގެ ކޮޕީއެއް ކޮމިށަނުން ދޭންވާނެއެވެ.
26 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން
ކޮމިށަނުން ބަލައި ތަހްގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުވަތަ އޭނާގެ ދިފާއުގައި ގާނޫނީ ވަކީލެއް ތަމްސީލްކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އެފަދަ ފުރުސަތެއް އޭނާއަށް ކޮމިށަނުން ދީފައި ނުވާނަމަ، އެ މައްސަލައާ ގުޅޭގޮތުން ކޮމިށަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް ނުބެލެވޭނެއެވެ.
27 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތަކަށް ތަބާވުން
(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ، ދިވެހި ރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމުކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުގެ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކޮމިށަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ 1 (އެކެއް) މަސްދުވަހަށް ޖަލަށްލުން، ނުވަތަ 3 (ތިނެއް) މަސްދުވަހަށް ގޭގައި ބަންދުކުރުން، ނުވަތަ 3,000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
28 ވަނަ މާއްދާ - މެންބަރެއްގެ އަމިއްލަ މަސްލަހަތު އޮތް މައްސަލައެއް އެ މެންބަރަކު ނުބެލުން
(ހ) ކޮމިށަނުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިށަނުން ބަލާ ހިނދުގައި، އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަނުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް އޮތް މައްސަލައެއްކަން ކޮމިށަނުގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.
(ށ) ކޮމިށަނުގެ ރައީސްގެ މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ކޮމިށަނުގެ ނައިބުރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.
(ނ) ކޮމިށަނުން ބަލާ މައްސަލަތައް ބެލުމަށް ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މުވައްޒަފުންގެ މަސްލަހަތު ފުށުއަރާފަދަ މައްސަލަތައް ބެލުމުން އެ މުވައްޒަފަކު އެއްކިބާވާންވާނެއެވެ.
29 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން
(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.
30 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން، ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަސްއޫލިއްޔަތުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
31 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.
- ކޮމިށަނުން ކޮށްފައިވާ މަސައްކަތްތައް؛
- ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް؛
- ކޮމިށަނުން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
- ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
- ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް؛
- މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާތަކަށް، މި ގާނޫނުގައިވާ ގޮތުގެމަތިން އިސްލާހުކުރަން ނުވަތަ ފިޔަވަޅު އަޅަންޖެހޭކަމަށް އަންގާފައިވާ ކަންކަން؛
- އިސްލާހުކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަންކަމުގެ ތެރެއިން އެ މުއައްސަސާތަކުން އަމަލުކުރި ކަންކަމާއި، އަމަލުނުކުރާ ކަންކަން؛
- ކޮމިށަނުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންގެ ނަންތައް ހުށަހެޅުން
(ހ) ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަން އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި
ރައީސާއި ނައިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި؛
- ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
- މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައު ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
33 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން
(ހ) ގާނޫނުއަސާސީގެ 289 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 289 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާ އެންޓި-ކޮރަޕްށަން ކޮމިށަނުގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 32 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން އައްޔަންވުމުން، މި ގާނޫނު ފާސްވުމުގެ ކުރިން ހިނގަމުންދިޔަ އެންޓި-ކޮރަޕްށަން ބޯޑު އުވުނީއެވެ. އަދި އެ ބޯޑަށް ހުށަހެޅިފައިވާ އެންމެހައި މައްސަލަތަކާއި ށަކުވާތައް މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަނަށް ބަދަލުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން ދެމި އޮންނާނީ، މި ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެންޓި-ކޮރަޕްށަން ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.
34 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
35 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާ އުވުނީއެވެ.
36 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަން އުފައްދާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 289 ވަނަ މާއްދާގެ ދަށުން އުފައްދާ އެންޓި-ކޮރަޕްށަން ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
37 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛
"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
"ކޮމިށަން" ކަމަށް ބުނެފައިއެވަނީ، އެންޓި-ކޮރަޕްށަން ކޮމިށަނަށެވެ.
"މުއައްސަސާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ އެންމެހާ މުއައްސަސާތަކާއި، އެ މުއައްސަސާއަކަށް އިންތިހާބުވެފައިވާ ނުވަތަ އައްޔަންކޮށްފައިވާ އެންމެހާ ފަރުދުންވެސް ހިމެނޭ ގޮތުގެމަތިންނެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- އެންޓ-ިކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-102)
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98)
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2010-18)
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2017-40)
ކިޔުންތެރިންގެ ހިޔާލު