-

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު  (ނަންބަރު 2024-102) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-59)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޖޫން 2026 ގައި)

 

ގަވާއިދު ނަންބަރު 2024-102 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން. 

މަގުސަދު 2.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 50 ވަނަ މާއްދާއިން، ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭ، މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމުމުގެ ހައްގު ކަށަވަރުކުރުމަށް ޓަކައި ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ލަސްނުކޮށް ތަހުގީގުކޮށް ނިންމުމަށް ބޭނުންވާ އިޖުރާތުތައް ކަނޑައެޅުން.

(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާ ނޭ ގޮތެއްގެ މަތީން ތަހުގީގުތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމާއި، ކޮމިށަނުގެ ތަހުގީގުތައް ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން.

(ނ) ކޮމިށަނަށް ހުށަހެޅޭނެ މައްސަލަތަކަކީ ކޮބައިކަން ބަޔާންކުރުމާއި، ކޮމިށަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ރ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ އިޖުރާތު ބަޔާންކުރުން.

(ބ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުމުގައި އަމަލުކުރާނެ އިޖުރާތާއި، އެ ފަރާތްތަކަށް ލިބިދެވޭ ހައްގުތަކަކީ ކޮބައިކަން ބަޔާންކުރުން.

(ޅ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ކ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅިގެން ބަލައި ފާސްކުރެވޭ ތަންތަނުން ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ އެންމެހައި ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން.

(އ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން، ފޮރެންސިކް ހެކި ހޯދުމަށް ޓަކައި ސާމްޕަލް ނެގުމުގައްޔާއި، ސާމްޕަލް ގެންގުޅުމުގައްޔާއި، ސާމްޕަލް ތަހުލީލުކުރުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރުން.

(ވ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ބެންކް އެކައުންޓު މޮނިޓަރކުރުމާއި، ފައިސާ ހިފެހެއްޓުމާއި، މުއާމަލާތުކުރުން ހުއްޓުވުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(މ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކީ ގުޅިގެން ތަހުގީގުކުރަންޖެހޭ މައްސަލައެއް ނަމަ، އެ މައްސަލަ ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ފ) ތަހުގީގުކުރުމާ ގުޅޭގޮތުން މި ކޮމިށަނަށް ލިބިދޭ އެ ނޫން ވެސް ބާރުތައް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ހުށަހެޅުން 4.

އެންޓ-ިކޮރަޕްށަން ކޮމިށަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނީ، މި ބާބުގައި ކަނޑައަޅައިފައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ހުށަހެޅޭނެ ފަރާތްތައް 6.

(ނ) ދައުލަތުގެ އިދާރާތައް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ ފަހަތަށް 10-1 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

މައްސަލަ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް 10.

(ހ) ކޮރަޕްށަނުގެ ކުށެއް ކުރިކަމަށް ނުވަތަ ކުރަންއުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ތުހުމަތުކޮށް ކޮމިށަނުގައި ރަޖިސްޓަރީކުރާ މައްސަލަތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކޮށްފައިވާ ކުށަކީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކަށް ވުން؛
  2. މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކުރިކަމުގެ ނުވަތަ ކުރަންއުޅޭކަމުގެ ނުވަތަ ކުރަމުންދާކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  3. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ނުވަތަ (ރ) ގައި ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ މައްސަލައެއް ނަމަ، ކޮމިށަނުގެ މައްސަލަ ހުށަހަޅާ ފޯމުގައި ކޮންމެހެން ފުރިހަމަވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމުގައި، ހުށަހަޅައިފައިވާ މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ބިނާވާ އެހެން މައްސަލައެއް ކޮމިށަނަށް ހުށަހަޅައިފައި ނެތްކަން ކަށަވަރު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާއަކުން ކޮމިށަނަށް ހުށަހަޅާ މައްސަލަތަކާއި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން ތަހުގީގުކުރުމަށް ނިންމާ މައްސަލަތައް، ކޮމިށަނުގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

މައްސަލައާ ގުޅޭ މަ އުލޫމާތު، ދައުލަތުގެ އިދާރާތަކުން ހޯދުން. 1-10.

ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލައަކީ، އެ މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ދައުލަތުގެ އިދާރާއަކުން އިތުރު މައުލޫމާތު ހޯދަންޖެހޭ ފަދަ މައްސަލައެއް ނަމަ، އެ މައުލޫމާތެއް ހޯދަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާއަކީ އެ ގަވާއިދުގެ 2-10 ވަނަ މާއްދާކަމުގައި ކަނޑައަޅައި، އަދި އެ ގަވާއިދުގެ 18 ވަނަ މާއްދާއަކީ އެ ގަވާއިދުގެ 3-10 ވަނަ މާއްދާކަމުގައި ކަނޑައެޅުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ބާބުގެ ފަހަތަށް ތިންވަނަ ބާބު (1) ގެ ގޮތުގައި ބާބެއް އިތުރުކޮށް، ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާއިން ފެށިގެން 16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ ގަވާއިދުގެ ތިންވަނަ ބާބު (1) ގެ މާއްދާތަކެއް ކަމުގައި ހިމަނައި، ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކޮށް، އެ މާއްދާގެ ފަހަތަށް 1-11 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކޮށް، ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާގެ (ހ) އަންނަނިވި ފަދައިން އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކޮށް، މިހާރު ތިންވަނަ ބާބުގެ ގޮތުގައި އޮތް ބާބަކީ ތިންވަނަ ބާބު (3) ކަމުގައި ކަނޑައަޅައި ބާބުތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

ތިންވަނަ ބާބު (1)

ރަޖިސްޓްރާރގެ މަސްއޫލިއްޔަތާއި މައްސަލަ ރަޖިސްޓަރީކުރުން

ރަޖިސްޓްރާރ 11.

(ހ) މި ގަވާއިދުގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން، ކޮމިށަނުގައި ރަޖިސްޓަރީކުރުމާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާރއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުގައި ރަޖިސްޓްރާރއެއް ނެތް ހާލަތެއްގައި، ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރާނީ، އެ ވަގުތަކު އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލުކޮށްފައިވާ މުވައްޒަފެކެވެ.

 

ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 1-11.

(ހ) ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުން؛
  2. ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅިފައިވަނީ، މި ގަވާއިދާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކުރުން؛
  3. ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތީން ކޮމިށަނުން ބަލަންޖެހޭކަމަށް ފެންނަ މައްސަލަތައް، ރަޖިސްޓަރީކުރުމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ މައްސަލައަކީ އިތުރު މައުލޫމާތު ހޯދަންޖެހޭ ފަދަ މައްސަލައެއް ނަމަ، އެ މައުލޫމާތު ހޯދުން؛
  4. ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވޭތޯ ބަލައި ކަށަވަރުކުރުމާއި، ށަރުތު ފުރިހަމަވާ ނަމަ، އެފަދަ މައްސަލަތައް ކޮމިށަނުގައި ރަޖިސްޓަރީކުރުން؛
  5. މައްސަލަ ހުށަހެޅި ފަރާތް އެނގޭގޮތަށް މައްސަލަ ހުށަހަޅާ ހާލަތުގައި، މައްސަލަތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ނިންމި ގޮތް، އެ ފަރާތަށް ލިޔުމުން އެންގުން؛
  6. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކީ، ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ އިހްތިސާސް ލިބިގެންވާ ކުށެއް ނަމަ، ލަސްނުކޮށް އެކަން ކޮމިށަނަށް ހުށަހަޅައި، އެކަމާ ގުޅޭގޮތުން ކޮމިށަނުން ނިންމާ ނިންމުން ތަންފީޒުކުރުން؛
  7. ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުން ؛
  8. ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގައި، ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކީ މި ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް ފާހަގަ ކުރެވިއްޖެ ނަމަ، މި ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ބަލައިނުގަތުމުގެ އިހުތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

މައްސަލައިގެ ރަޖިސްޓްރޭށަން ދަފުތަރު 12.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަކުންކުރެ ފަރާތެއް، ކޮމިށަނަށް މައްސަލަ ހުށަހަޅާ ހާލަތުގައްޔާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކޮމިށަނުގެ އަމިއްލަ އިސްނެގުމުގައި މައްސަލައެއް ބަލަން ނިންމާ ހާލަތުގައްޔާއި، މި ގަވާއިދުގެ 1-114 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލައެއް ތަހުގީގުކުރަން އަންގާ ހާލަތުގައި، ކޮމިށަނުގެ މައްސަލައިގެ ރަޖިސްޓްރޭށަން ދަފުތަރުގައި އެ މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓްރޭށަން ދަފުތަރުގައި ރިކޯޑުކުރާ މައްސަލަތަކުގެ ތެރެއިން، ކޮމިށަނުގައި ރަޖިސްޓަރީކުރުމަށް ނިންމާ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ތަހުގީގުކުރުމާ ގުޅޭ ޑިވިޒަނަށް ފޮނުވަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތިންވަނަ ބާބު (1) ގެ ފަހަތަށް ތިންވަނަ ބާބު (2) ގެ ގޮތުގައި އަންނަނިވި ފަދައިން ބާބެއް އިތުރުކޮށް، ބާބުތަކުގެ ނަންބަރު ތަރުތީބުކުރުން.

ތިން ވަނަ ބާބު (2)

 

ތަހުގީގު ގެ ކުރީގެ މަރުހަލާ މައްސަލަ އެސެސްކުރުން 17.

(ހ) މި ގަވާއިދުގެ ދަށުން، ކޮމިށަނުގައި ރަޖިސްޓަރީކުރާ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި، އެ މައްސަލައެއްގެ ތަހުގީގު ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމަށް ޓަކައި ކޮންމެ މައްސަލައެއްގެ އެސެސްމަންޓެއް ހަދަންވާނެއެވެ.

 

މައްސަލަ އެސެސްކުރުމުގައި ރިއާޔަތްކުރާނެ ކަންކަން 18.

(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. މުޖުތަމައުގެ އާންމު މަސްލަހަތާ މައްސަލަ ގުޅިފައި އޮތް މިންވަރު؛
  2. އެ މައްސަލައިގެ ސަބަބުން އިޖުތިމާއީ ކަންކަމަށާއި، އިގްތިސާދީ ކަންކަމަށާއި، ތިމާވެ ށްޓަށް އަސަރެއް ކުރާ ނަމަ، އަސަރު ކުރާނެ މިންވަރު؛
  3. ވަކި މުއްދަތެއްގެ ކުރިން ނުވަތަ އެކަށީގެންވާ އަވަސް ގޮތެއްގައި މައްސަލަ ތަހުގީގުކޮށް ނުނިންމައިފި ނަމަ، ދައުލަތަށް ލިބިދާނެ ގެއްލުން؛
  4. މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު؛
  5. ހެކި ނައްތައިލުމާއި ހެއްކަށް ބަދަލުގެނައުމުގެ އިހުތިމާލު އޮތް މިންވަރު؛
  6. ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެކަމުގެ އިހުތިމާލު އޮތް މިންވަރު؛
  7. މައްސަލައިގައި ހިމެނޭ ފަރާތްތައް އަދާކުރާ މަގާމުގެ ސަބަބުން މައްސަލައަށް ނުފޫޒު ފޯރުކޮށްފާނެ މިންވަރު ނުވަތަ ނޭދެވޭ އަސަރު ކޮށްފާނެ މިންވަރު؛
  8. މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތް، ހާދިސާ ހިނގިއިރު ހުރި މަގާމު؛
  9. މައްސަލައަށް ހާއްސަ އިސްކަމެއް ނުދީފި ނަމަ، ބައެއްގެ ނުވަތަ ފަރުދެއްގެ ހައްގެއް ގެއްލިދާނެކަމުގެ އިހުތިމާލު އޮތް މިންވަރު؛
  10. އެ މައްސަލަ ނިންމުމަށް ވަކި މުއްދަތެއް ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅައިފައިވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ނޫން ހާލަތްތަކަށް ރިއާޔަތްކޮށް މައްސަލައަކަށް އިސްކަންދޭން ޖެހޭކަމަށް ފެނިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު އަވަސްގޮތެއްގައި ހިންގުމަށް ނިންމިދާނެއެވެ.

(ނ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، ކޮމިށަނުން ތަހުގީގުކުރާ މައްސަލަތައް އެސެސްކުރުމުގައި ރިއާޔަތްކުރަންޖެހޭނެ އެންމެހައި ކަންތައްތަކާއި، އެސެސްކުރުމުގައި އަމަލުކުރަންޖެހޭނެ އިޖުރާތުތަކާއި، އެސެސްމަންޓަށް ބަލައި މައްސަލަތައް ބެހޭނެ ކެޓަގަރީތަކާއި، ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ މައްސަލަތައް ނިންމަންޖެހޭނެ މުއްދަތ،ު ތަހުގީގުން ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ގޮތުގެ މަތީން މައްސަލައެއް ނިންމުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ނުނިންމޭނެކަމަށް ތަހުގީގު ޓީމަށް ފެނިއްޖެ ނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައަޅައިފައިވާ މުއްދަތު މުރާޖާކުރުމަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ ބާބުގެ ފަހަތަށް ސޯޅަވަނަ ބާބު (1) ގެ ގޮތުގައި އަންނަނިވި ފަދައިން ބާބެއް އިތުރުކޮށް، މިހާރު ސޯޅަވަނަ ބާބުގެ ގޮތުގައި އޮތް ބާބަކީ ސޯޅަވަނަ ބާބު (2) ގެ ގޮތުގައި ހަމަޖައްސައި ބާބުތަކުގެ ނަންބަރު ތަރުތީބުކުރުން.

ސޯޅަ ވަނަ ބާބު (1)

 

ކޮމިށަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން ތަހުގީގުކުރުމަށް އަންގާ އެންގުން 1-114.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލ،ް ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން، އެ މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ތަހުގީގުކުރުމަށް އަމުރުކޮށްފައިވާ މައްސަލައަކީ ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިނުވާ މައްސަލައެއް ނަމަ، އެ މައްސަލައެއް ކޮމިށަނުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގައި ހިމެނޭ ކަމެއް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުމެއްގައި ކަށަވަރުކުރަން އަންގައިފި ނަމަ އަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

 

އެހެނިހެން އެންގުންތަކަށް އަމަލުކުރުން 114.2.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލ،ް ކޮމިށަނަށް އެންގުމެއް އަންގައިފި ނަމަ، އަދި އެ އެންގުމަކާ ގުޅިގެން އަމަލުކުރާނެ ވަކި މުއްދަތެއް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފައިނުވާ ނަމަ، އެ އެންގުމެއް އަންގާތާ ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލަށް، ކޮމިށަނުން ޖަވާބުދާރީ ވާންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގައި ހިމެނޭ ކަމެއް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ 

(ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުމެއްގައި ކަށަވަރުކުރަން އަންގައިފި ނަމަ އަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އެންގުމާމެދު އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮމިށަނަށް ޖަވާބުދާރީނުވެވޭ ނަމަ، ރަސްމީ މަސައްކަތު އިތުރު 7 (ހަތެއް) ދުވަސް ދިނުމަށް ކޮމިށަނުން ލިޔުމުން ޕްރޮސިކިއުޓަރ ޖެނެރަލުގެ އޮފީހުގައި އެދެންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 116 ވަނަ މާއްދާގެ ފަހަތަށް 1-116 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

 

އުސޫލު ހެދުން 116.1.

(ހ) ކޮމިށަނުގެ ތަހުގީގުތަކާ ގުޅޭ އުސޫލުތައް ހެދުމުގެ ބާރު މި ގަވާއިދުގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކޮމިށަނުން އެކުލަވައިލަންޖެހޭ އުސޫލުތައް، ގަވާއިދު ނަންބަރު 2024-102 (އެންޓ-ިކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް) 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، އެ އުސޫލުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން، 2 (ދޭއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-102)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު