އެންޓި -ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގާނޫނު ނަންބަރު 2022-83)
އެންޓި -ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98) އަށް 1 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލަ ހުށަހެޅުމާއި ރަޖިސްޓަރީކުރުމުގެ މައިގަނޑު އުސޫލު 40.
އެންޓި-ކޮރަޕްށަން ކޮމިށަނަށް، މައްސަލަ ހުށަހެޅުމާއި އެންޓި-ކޮރަޕްށަން ކޮމިށަނުގައި މައްސަލަ ރަޖިސްޓަރީކުރުމުގައި އަމަލުކުރާނީ، މި ބާބުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ހުށަހެޅޭނެ މައްސަލަތައް 41.
ކޮމިށަނަށް ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށުގެމައްސަލަތަކެވެ.
(ހ) ގާނޫނު ނަންބަރު 2002-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް.
(ށ) ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް.
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް.
(ރ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް.
(ބ) މަތީގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ކޮރަޕްށަ ނުގެ ކުށްކަމުގައި ގާނޫނަކުން ކަނޑައަޅާ ކޮންމެ ކުށެއް.
މައްސަލަ ހުށަހެޅޭނެ ފަރާތްތައް 42.
މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށުގެ މައްސަލަތައް، ތިރީގައިވާ ފަރާތްތަކަށް ކޮމިށަނަށް ހުށަހެޅިދާނެއެވެ.
(ހ) ކޮރަޕްށަނުގެ ކުށެއް ކުރިކަމުގެ ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް.
(ށ) ގާނޫނު ތަންފީޛުކުރުމުގެ ބާރު ލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ ކަމަކާ ގުޅިގެން އެ އިދާރާއަކުން.
(ނ) ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް.
އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން 43.
(ހ) ކޮމިށަނަށް ވަކިފަރާތަކުން މައްސަލައެއް ހުށަހެޅުމަކާ ނުލައި، ކޮރަޕްށަނުގެ ކުށެއް ހިނގައިފިކަމުގެ، ނުވަތަ ހިންގާކަމުގެ، ނުވަތަ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަށައްކުކުރެވިއްޖެނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން، މައްސަލައެއް ބެލުމަށް ނިންމާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އެ މައުލޫމާތު ކޮމިށަނަށް ލިބިގެންނެވެ.
- ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކުން؛
- ކޮމިށަނުން ކުރިޔަށްގެންދާ ދިރާސާއަކުން؛
- އޮޑިޓަރ ޖެނެރަލް ނެރޭ އޮޑިޓް ރިޕޯޓަކުން؛
- މީޑިއާއިން ފާހަގަކުރެވޭ ކަންކަމުން؛
- މަތީގައިވާ ގޮތްތައް ފިޔަވައި، އެހެނިހެން ގޮތްގޮތުން ކޮމިށަނަށް
ލިބޭ މައުލޫމާތަކުން.މައްސަލަ ހުށަހެޅޭނެ ގޮތް 44.
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.
- މައްސަލަ ހުށަހެޅުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުން؛
- ވެބްސައިޓުގައި މައްސަލަ ހުށަހެޅުމަށް ޓަކައި ގާއިމުކޮށްފައިވާ ޕޯޓަލްއިން؛
- ފޯނުން؛
- ސިޓީން ނުވަތަ އެހެނިހެން ލިޔުމުން؛
- ކޮމިށަނަށް ހާޒިރުވެގެން.
މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު 45.
(ހ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ދޭންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބު ނުވަތަ ސަބަބުތައް؛
- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހު؛
- މައްސަލަ ހިނގި ތަން، ނުވަތަ ހިނގާ ތަން، ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަ ވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މައުލޫމާތު ކޮމިށަނަށް މައުލޫމާތު ދިނުމަށް، ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތު ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށަހެޅުމަކަށް ނުވަތަ ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން މައްސަލަ ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ކޮމިށަނަށް ދިންނަމަވެސް، އެ މައުލޫމާތުކޮމިށަނުން ސިއްރުކުރަންވާނެއެވެ.
މައްސަލަ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ ށަރުތު 46.
މި ގަވާއިދުގެ 44 ވަނަ މާއްދާއާ އެއްގޮތަށް، ކޮމިށަނަށް ހުށަހެޅޭ މައްސަލަ، ކޮމިށަނުގައި ރަޖިސްޓަރީ ކުރެވޭނީ، މަދުވެގެން ތިރީގައިވާ ށަރުތުތައް އެ މައްސަލައެއްގައި ފުރިހަމަވާނަމައެވެ.
(ހ) ހުށަހަޅައިފައިވާ މައްސަލައަކީ، މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކަމުގައި ވުން.
(ށ) މި ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި، ކޮމިށަނުގެ މައްސަލަ ހުށަހަޅާ ފޯމުގައި ކޮންމެހެން ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވުން.
ރަޖީސްޓަރީކުރުމުގެ މަސްއޫލިއްޔަތު 47.
މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ކޮމިށަނުގައި ރަޖިސްޓަރީކުރުމާ މެދު ގޮތް ނިންމާނީ، އެ ވަގުތަކު ރަޖިސްޓަރީކުރުމުގެ މަސްއޫލިއްޔަތު ކޮމިށަނުން ހަވާލުކޮށްފައިވާ އެންމެ އިސް މުވައްޒަފެވެ.
މައްސަލައިގެ ރަޖިސްޓަރީ 48.
(ހ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލަ ހުށަހެޅޭ ހާލަތުގައްޔާއި، މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ކޮމިށަނުގެ އަމިއްލަ އިސްނެގުމުގައި މައްސަލައެއް ބަލަން ނިންމާ ހާލަތުގައި އެ މައްސަލަތައް ކޮމިށަނުގެ މައްސަލައިގެ ރަޖިސްޓްރޭށަންގެ ދަފުތަރުގައި ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައިގެ ރަޖިސްޓަރީގައި،އެންމެ މަދުވެގެން ވެސް، ތިރީގައިވާ މައުލޫމާތު، އެ މައުލޫމާތު އެނގެން އޮންނަނަމަ، ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅި ތާރީހު؛
- މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގެ ހުލާސާ؛
- މައްސަލަ ރަޖިސްޓަރކުރުމާ މެދު ނިންމި ގޮތް؛
49 ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ދޫކުރުން
(ހ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަ،ކޮމިށަނުގައި ރަޖިސްޓަރީކުރުމަށް ނިންމައިފިނަމަ، އަދި އެ މައްސަލަ ކޮމިށަނަށް ހުށަހެޅި ފަރާތް އެނގޭނަމަ، މި ގަވާއިދުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް،ކޮމިށަނުން އެ ފަރާތަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ކޮމިށަނުން ނިންމާ ނިންމުމާ ގުޅޭ ލިޔުން، ބޭނުން ނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ކޮމިށަނަށް އެއްވެސް ގޮތަކުން އަންގައިފިނަމަ، އެކަން ލިޔުމުން
ރިކޯޑުކުރަންވާނެއެވެ.
ނިންމުން އިސްތިއުނާފުކުރުން 50.
(ހ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ކޮމިށަނުގައި ރަޖިސްޓަރީ ނުކުރަން ނިންމައިފިނަމަ، އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާ ތާރީހުން ފެށިގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދި، ކޮމިށަނަށް ހުށަހެޅުމުގެ ހައްގު، އެ މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް މުރާޖާކުރުމަށް ކޮމިށަނަށް ހުށަހަޅަންވާނީ، ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުންނެވެ. މި ފޯމު، ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިށަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ތަކުރާރުކޮށް ކޮމިށަނަށް އެއް މައްސަލައެއް ހުށަހެޅުން 51.
އެއް މައްސަލައެއް ތަކުރާރުކޮށް ކޮމިށަނަށް ހުށަހެޅޭ ހާލަތުގައި އަމަލުކުރާނީ،ތިރީގައިވާ އުސޫލުންނެވެ.
(ހ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހަޅައިފައިވަނިކޮށް، އެ މައްސަލަ ހުށަހަޅައިފައިވާ ފަރާތް ނޫން އެހެން ފަރާތަކުން ކޮމިށަނަށް އެ މައްސަލަ ހުށަހަޅައިފިނަމަ، އެ ހުށަހަޅާ މައްސަލައާމެދު އަމަލުކުރާނީ، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހަޅައިފައިވަނިކޮށް، އެ މައްސަލަ ކުރިންވެސް ހުށަހެޅި ފަރާތުން ތަކުރާރުކޮށް ހުށަހަޅައިފިނަމަ، އެ މައްސަލަ ކޮމިށަނުން ބަލަމުންގެންދާކަން އެ ފަރާތަށް އަންގައި، އެ މައްސަލަ ކޮމިށަނުގައި ރަޖިސްޓަރީ ނުކުރުމަށް ނިންމަންވާނެއެވެ.
(ނ) ހުށަހެޅޭ މައްސަލައަކީ ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ގޮތެއް ކަނޑައަޅައިފައިވާ މައްސަލައެއްނަމަ، އެ މައްސަލަ ރަޖިސްޓަރީ ނުކުރަން ނިންމައި، އެ މައްސަލަ ނިންމިގޮތް އެ ފަރާތަށް އަންގަންވާނެއެވެ.
މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމުގައި ހިމަނަންޖެހޭ މައުލޫމާތު 52.
މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ، މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) މައްސަލަ ހުށަހެޅި ފަރާތް.
(ށ) މައްސަލަ ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.
(ނ) މައްސަލަ ހުށަހެޅި ތާރީހާއި ރަޖިސްޓަރީކުރި ތާރީހު.
(ރ) މައްސަލައިގެ ރިފަރަންސް ނަންބަރު.
މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން 53.
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދިއްޖެނަމަ،ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި "މައްސަލައާ ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ފަރާތް ނުވަތަ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލުގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތުހުމަތު ކުރެވޭ ފަރާތުން އައްޔަނުކުރާ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މައުލޫމާތު ދިނުމުން ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތެއް ހާމަނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
މައްސަލަ ނިމުމާއި، ނިމުނުގޮތް އެންގުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން 54.
(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގެ ތަހުގީގު ނިމުމުން، އެ މައްސަލައަކާމެދު އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- އެ މައްސަލައަކީ ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްނަމަ، އެފަދައިން ކަނޑައަޅައި މައްސަލަ ނިންމުން؛
- ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށް ވެފައި،އެކަން ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
- މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ އިތުރުން، އެ މައްސަލައަކީ ކޮމިށަނުގެ ބާރު ހިނގާ ދާއިރާގައި ހިމެނޭ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ނަމަ، އެކަން އިސްލާހުކުރަން އެންގުން.
(ށ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އެ މައްސަލައިގެރިޕޯޓެއް ހޯދުމަށް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެނަމަ، އެ މައްސަލައިގެ ހުލާސާ ރިޕޯޓެއް، އެ ފަރާތަށް ދޭންވާނެއެވެ. އަދި މައްސަލައިގެ ޒިންމާ އުފުލަންޖެހޭކަމަށް ކޮމިށަނަށް ފެންނަ ކޮންމެ ފަރާތަކަށް، އެ މައްސަލައާބެހޭ ހުލާސާ ރިޕޯޓެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައިގެ ހުލާސާ ރިޕޯޓު ހޯދުމަށް ހުށަހަޅަންވާނީ، ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ތިބި މީހުންނަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
- މައްސަލަ ހުށަހެޅިއިރު ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށަހެޅި މީހުން؛ އަދި
- މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ބަލަން ބޭނުން ނުވާކަމަށް ކޮމިށަނަށް އަންގައިފައިވާ މީހުން.
ބާބަށް އަމަލުކުރަން ފެށުން 55.
(ހ) މި ބާބަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ބާބަށް އަމަލުކުރަން ފަށާއިރު ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން، ރަޖިސްޓަރީ ކޮށްފައި ނުވާ މައްސަލަތަކާމެދު އަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މައި ގަވާއިދު
އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98)
ކިޔުންތެރިންގެ ހިޔާލު