gaanoon_logo
-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2012-34)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖުލައި 2012 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި ދިވެހިރާއްޖެ އަށް މުދާ އިމްޕޯޓް ކުރުމާއި، ދިވެހިރާއްޖެ އިން މުދާ ރީއެކްސްޕޯޓް ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، މިކަންކަމަށް ހުއްދަ ދިނުމާއި، އިމްޕޯޓްކުރާ މުދަލުންނާއި އެކްސްޕޯޓްކުރާ މުދަލުން، ގާނޫނުގައިވާ ގޮތުގެމަތިން، އިމްޕޯޓް ޑިއުޓީ ނެގުމާއި، އެކްސްޕޯޓް ޑިއުޓީ ނެގުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހަދާފައިވާ ގަވާއިދެކެވެ.

 

3 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދެވޭނެ ފަރާތްތައް

(ހ) ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން، މީރާގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 1 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތައް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން، މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް، މީރާއިން ބަލަހައްޓާ ރަޖިސްޓަރީ އިން އުނިކޮށްފިނަމަ، އެ ފަރާތެއް، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ރަޖިސްޓަރީ އިން އުނިކުރެވޭނެއެވެ. މި ބޭނުމަށްޓަކައި، މީރާގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މީރާއިން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ގާނޫނީގޮތުން އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، އެމްބަސީތަކާއި، މި މުއައްސަސާތަކުގެ ދަށުން ހިންގަމުންގެންދާ ތަންތަނަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަން ކަމުގައި ބެލެވޭނެއެވެ.

 

4 ވަނަ މާއްދާ - އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ، އަދި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ނެގުމަށްފަހުގައެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް ރަޖިސްޓަރީވުމުގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކްސްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމަށް ހުއްދަކޮށްފައިވާ ފަރާތަކުން، މީރާއަށް ދައްކަންޖެހިފައިވާ ފައިސާއެއް، ދައްކަން ކަނޑައަޅާފައިވާ އުސޫލުން، ނުދައްކާ އޮންނަ މުއްދަތުގައި، އެ ފަރާތުން ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމާއި ރާއްޖެއަށް މުދާ އިމްޕޯޓް ކުރުން ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

 

5 ވަނަ މާއްދާ - އިމްޕޯޓް ލައިސަންސާއި އެކްސްޕޯޓް ލައިސަންސް ނެގުން

(ހ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ އަދި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ނުވަތަ ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް އެދޭނަމަ، އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ މުދާ އެކްސްޕޯޓް ކުރުމުގެ ނުވަތަ ރީއެކްސްޕޯޓް ކުރުމުގެ ނުވަތަ އިމްޕޯޓް ކުރުމުގެ ލައިސަންސް، އެ ފަރާތަކަށް ދޫކުރެވޭނެއެވެ.

(ނ) ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި، ރާއްޖެއިން ބޭރަށް ގެންދިއުމަށް އެކްސްޕޯޓް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

(ރ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ މުދާ އެކްސްޕޯޓް ކުރުމަށް ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 1970-04 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ލައިސަންސް ދޫކުރެވޭ ކޮންމެ 100 (ސަތޭކަ) ރުފިޔާއަކަށް 10 (ދިހަ ލާރި) ގެ މަގުން ރެވެނިއު ސްޓޭމްޕް ދެއްކުމުންނެވެ.

(ބ) ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ގާނޫނީގޮތުން އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، އެމްބަސީތަކާއި، މި މުއައްސަސާތަކުގެ ދަށުން ހިންގަމުން ގެންދާ ތަންތަނުން ވިޔަފާރީގެ ބޭނުން ފިޔަވައި އެ ތަންތަނުގެ ބޭނުމަށް، ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް ދޫކުރާ ލައިސަންސަށް ރެވެނިއު ސްޓޭމްޕް ދައްކާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ވަކި ބާވަތެއްގެ މުދަލެއް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ހުއްދަ ނަގަންޖެހޭ ހާއްސަ ހާލަތް

ގާނޫނެއްގައި، ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި، ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ވަކި ބާވަތެއްގެ މުދަލެއް، ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭކަމަށް އެ ގާނޫނުގައި ނުވަތަ ގަވާއިދުގައި ނުވަތަ އެ މުއާހަދާގައި ނުވަތަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނަމަ، އެ މުދަލެއް އިމްޕޯޓް ކުރެވޭނީ ނުވަތަ އެކްސްޕޯޓް ކުރެވޭނީ ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ނެގުމުގެ އިތުރުން، އެ ހުއްދައެއް ނަގަންޖެހޭ ސަރުކާރުގެ މުއައްސަސާއަކުން އެ ހުއްދަ ހޯދުމަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅުމުންނެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ނެތި ގެންނަ މުދާ

މި ގަވާއިދުގެ 15 (ހ) ވަނަ މާއްދާގައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ތަކެތި އިމްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ނެތި، ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން އުޅެފިނަމަ ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ އިމްޕޯޓް ކުރެވޭނީ، ނުވަތަ އެކްސްޕޯޓް ކުރެވޭނީ، ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ، ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ ރުފިޔާއަކަށް 20 (ވިހި) ލާރީގެ މަގުން، ޕްރޮސެސިންގ ފީއެއް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެ ފަރާތަކުން ދެއްކުމަށްފަހުގައެވެ. މި ގޮތުން ދައްކަންޖެހޭ ޕްރޮސެސިންގ ފީ ދައްކައިގެން ތަކެތި ގެންނަން ބޭނުން ނުވާނަމަ އެ ތަކެއްޗާމެދު އަމަލުކުރެވޭނީ ކަސްޓަމްސްގެ އާންމު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މި މާއްދާގެ ދަށުން ޕްރޮސެސިންގ ފީ ނަގާ މުދަލަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުން

(ހ) ރާއްޖޭގެ އިގްތިސާދީ ހާލަތަށް، ނުވަތަ ތިމާވެށީގެ ހާލަތަށް، ނުވަތަ ސިއްހީ ހާލަތަށް ބަލައި، ވަކި ބާވަތެއްގެ މުދަލެއް ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ ރާއްޖެއިން (ހ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އެކްސްޕޯޓް ކުރުމަށް، ކޯޓާއެއް ކަނޑައަޅަން ޖެހިއްޖެނަމަ މި މާއްދާގެ (ށ) (ނ) ގެ ދަށުން ކޯޓާ ކަނޑައަޅާ ތަކެތި ފިޔަވައި، އެހެން ތަކެއްޗަށް ކޯޓާ ކަނޑައަޅާނީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

(ށ) HCFC އާއި HCFC ހިމެނޭ ބާވަތްތަކަށް ކޯޓާ ކަނޑައަޅާނީ HCFC އާއި HCFC ހިމެނޭ ބާވަތްތައް ބޭނުންކުރުން މެނޭޖްކޮށް ކޮންޓްރޯލް ކުރުމާބެހޭ ގަވާއިދު، 2010 ގެ ދަށުން، އެ ގަވާއިދު ތަންފީޒުކުރާ މުއައްސަސާއަކުންނެވެ.

(ނ) ގާނޫނު ނަންބަރު 1987-05 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން، ރާއްޖޭގެ ކަނޑުތަކުން ބޭނުމަށް ހުއްދަކުރާ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ކޯޓާ ކަނޑައަޅާނީ، އެ ގާނޫނު ތަންފީޒުކުރާ މުއައްސަސާއަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކޯޓާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައެޅުމަށްފަހު، އެ ކޯޓާއަށްވުރެ އިތުރަށް ރާއްޖެއަށް މުދާ ގެނެސްފިނަމަ ނުވަތަ ކޯޓާ ނެތް ފަރާތަކުން މުދާ ގެނެސްފިނަމަ އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. ނަމަވެސް މުދަލުގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، ކޯޓާ އިތުރުކޮށްދިނުމުގެ އިހްތިޔާރު ސަރުކާރުގެ ކަމާބެހޭ މުއައްސަސާގެ ލަފަޔާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން ކޯޓާ އިތުރުކޮށް ނުދެވޭ މުދަލާމެދު އަމަލު ކުރެވޭނީ "ކަސްޓަމްސްގެ އާންމު ގަވާއިދު" އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކޯޓާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައެޅުމަށްފަހު އެ ކޯޓާއަށްވުރެ އިތުރަށް މުދާ ރާއްޖެއިން އެކްސްޕޯޓް ކުރަން ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ ކޯޓާ ނެތް ފަރާތަކުން މުދާ އެކްސްޕޯޓް ކުރަން ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭގައި އަމަލުކުރެވޭނީ، "ކަސްޓަމްސްގެ އާންމު ގަވާއިދު" އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - އިމްޕޯޓް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން

(ހ) ގާނޫނެއްގައި، ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން، ހަދާފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ގެނައުން އެ ގާނޫނުގެ ނުވަތަ އެ ގަވާއިދުގެ ދަށުން މަނާކުރަން ސަރުކާރުގެ މުއައްސަސާއަކުން ނިންމައިފިނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް އެފަދަ މުދަލަށް ލައިސަންސް ދޫނުކުރެވޭނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުންވެސް މިފަދަ މުދަލެއް ނުގެނެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން މުދަލެއް އިމްޕޯޓް ކުރުން މަނާކުރުމުން، އެފަދަ މުދަލެއް ރާއްޖެއަށް އިމްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭގައި އަމަލުކުރެވޭނީ، ކަސްޓަމްސްގެ އާންމު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - މުދާ އެކްސްޕޯޓް ކުރުމަށާއި ރީއެކްސްޕޯޓް ކުރުމަށް ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލުން

(ހ) ގާނޫނެއްގައި، ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި، ބަޔާންކުރާ ފަދައިން ސިއްހީ ސަބަބަކާހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި، ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން، ނުވަތަ އެހެންވެސް މުހިންމު ސަބަބަކާހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން މަނާކުރަން ޖެހިއްޖެނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް، އެފަދަ މުދާ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ލައިސަންސް ދޫއެއް ނުކުރެވޭނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން، މިފަދަ މުދަލެއް އެކްސްޕޯޓެއް ނުކުރެވޭނެއެވެ. އަދި އެފަދަ މުދަލެއް ރީއެކްސްޕޯޓެއްވެސް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން މުދަލެއް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން މަނާކުރުމުން، އެފަދަ މުދަލެއް ރާއްޖެއިން އެކްސްޕޯޓް ކުރަން ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ ދޫނުކޮށް ހިފެހެއްޓޭނެއެވެ. މިފަދަ މުދަލާ ދޭތެރޭގައި އަމަލުކުރެވޭނީ، ކަސްޓަމްސްގެ އާންމު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - ރީއެކްސްޕޯޓް ކުރުމަށް ގެންނަ ތަކެތި

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ރީއެކްސްޕޯޓް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން ރީއެކްސްޕޯޓް ވިޔަފާރި ކުރުމަށްޓަކައި، ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރީއެކްސްޕޯޓް އެގްރީމަންޓް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރީއެކްސްޕޯޓް އެގްރީމަންޓް ކުރެވޭ ފަރާތާއެކު ކުރެވޭ އެގްރީމަންޓުތަކުގެ ކޮޕީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، މީރާއަށާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރީއެކްސްޕޯޓް އެގްރީމަންޓް ކޮށްފައިވާ ފަރާތަކުން، ރީއެކްސްޕޯޓް ކުރުމަށް ރާއްޖެއަށް ގެންނަ މުދާ، ރީއެކްސްޕޯޓް ކުރެވެންދެން، އެ މުދާ ބަހައްޓާފައި ހުންނަންވާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.

(ރ) ގާނޫނެއްގައި، ނުވަތަ ގާނޫނެއްގެ ދަށުން، ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ރީއެކްސްޕޯޓް ކުރުން މަނާކުރަން ޖެހިއްޖެނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް، އެފަދަ މުދާ ރީއެކްސްޕޯޓް ކުރުމަށް ލައިސަންސެއް ދޫކޮށްގެން ނުވާނެއެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުންވެސް، މިފަދަ މުދަލެއް ރީއެކްސްޕޯޓެއް ނުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސް

(ހ) ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް، ކަސްޓަމްސް އިން ކްލިއަރ ކޮށް އެތެރެކުރުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، އެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހިއްޖެ ހާލަތެއްގައި އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތް ނޫން އެހެން ފަރާތަކަށް ފޮނުވާލަން ޖެހިއްޖެނަމަ، އެފަދަ މުދަލެއް ރާއްޖެއިން ބޭރަށް ފޮނުވާލެވޭނީ، ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސެއް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނެގުމަށް ފަހުގައެވެ. އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތަށް ފޮނުވާލާނަމަ، ބެލެވޭނީ އެ މުދަލަކީ ރާއްޖެއިން ބޭރަށް އަނބުރާ ފޮނުވާލާ މުދަލުގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ވަގުތީގޮތުން، ރީއެކްސްޕޯޓް ކުރަންޖެހޭ މުދަލަށް، ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ލައިސަންސް ދޫކުރެވޭނީ، އެ މުދަލުގެ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގަބޫލުކުރާ އެފްއޯބީ އަގުގެ މައްޗަށް ކަނޑައެޅޭ ރޮޔަލްޓީއެއް މީރާއަށް ދެއްކުމަށް ފަހުގައެވެ. މި ރޮޔަލްޓީގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މިގޮތުން ކަނޑައަޅާ ރޮޔަލްޓީގެ މިންވަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ރީއެކްސްޕޯޓް ރޮޔަލްޓީ

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރީއެކްސްޕޯޓް ކުރާ ފަރާތާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ކުރެވޭ އެގްރީމަންޓުގައި ކަނޑައަޅާފައިވާ ރޮޔަލްޓީ، އެ އެގްރީމަންޓުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މީރާއަށް ދައްކަން ޖެހޭނެއެވެ. މި ރޮޔަލްޓީގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މިގޮތުން ކަނޑައަޅާ ރޮޔަލްޓީގެ މިންވަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޮޔަލްޓީ ހިސާބުކުރުމުގައި ރީއެކްސްޕޯޓް ކުރެވޭ މުދަލުގެ އަގު ކަމުގައި ބަލާނީ، ރީއެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ އިންވޮއިސްގެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ގަބޫލުކުރާ އެފްއޯބީ އަގެވެ. މި އަގުގެ ރޮޔަލްޓީ އަށް ދައްކަންޖެހޭ ފައިސާ، އެގްރީމަންޓުގައިވާ ގޮތުގެ މަތިން މީރާއަށް ދައްކަންވާނެއެވެ.

 

14 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ ނެގުމާއި އެކްސްޕޯޓް ޑިއުޓީ ނެގުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން، އިމްޕޯޓް ޑިއުޓީ ނެގުމާއި، އިމްޕޯޓް ޑިއުޓީ ނެގުމުގެ ހުރިހާ އުސޫލުތައް ކަނޑައެޅުމާއި، އެ މާއްދާގައިވާ ފަދައިން، މުދަލާބެހޭ ތަފުސީލުތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ، ބުނެވިދިޔަ ގާނޫނުގެ ހުދޫދުގެ ތެރެއިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

(ށ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން، އެކްސްޕޯޓް ޑިއުޓީ ނަގާނީ، ބުނެވިދިޔަ ގާނޫނުގެ ހުދޫދުގެ ތެރެއިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

 

15 ވަނަ މާއްދާ - ދަތުރުވެރިން ގެންނަ ތަކެތި

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް، ޑިއުޓީއެއް ނުނެގޭނެއެވެ. އަދި، މި ތަކެތި އިމްޕޯޓް ކުރުމަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

16 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތި

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން، ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް، ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މި ތަކެތި އިމްޕޯޓް ކުރުމަށް ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ޑިއުޓީ މައާފުކުރުމަށް ހުށަހަޅަންޖެހޭ ލިޔުން

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފު ކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ކަނޑައަޅާ ތަކެތީގެ މައުލޫމާތު ހިމެނޭ ލިޔުން، އެ މުއައްސަސާއަކުން ސީދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވަންވާނެއެވެ. މިގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، އެ ތަކެތީގެ ޑިއުޓީ މައާފުކޮށްދޭންވާނީ، އެ މުއައްސަސާއަކުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވި ލިޔުމުގައިވާ ގޮތުގެ މަތިންނެވެ.

 

18 ވަނަ މާއްދާ - ބަޔޯޑި ގްރޭޑަބަލް ތަކެތިން ޑިއުޓީ މައާފު ކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތީގެ ޑިއުޓީ މައާފުކޮށް އެތެރެކުރުމަށް އެދޭ ފަރާތްތަކުން، އެ މުދާ އެތެރެކުރުމުގެ 14 ދުވަސް ކުރިން މުދަލުގެ ސާމްޕަލް، މި ގަވާއިދުގެ 1 ޖަދުވަލުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަހެޅުމުން، ސާމްޕަލްގައިވާ ތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތިކަމަށްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމެއް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ކޮޕީކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއިން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އަށް ހުށަހަޅާ ތަކެތީގެ ށިޕްމަންޓް އައުމުން، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން އެ ފަރާތަކަށް ދޫކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ހުރިހާކަމެއް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލާބެލުމަށް، އެ ށިޕްމަންޓުގައި ފުރިހަމަވެފައިވާނަމަ އެ ށިޕްމަންޓުގެ ސާމްޕަލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނެގުމަށް ފަހު، އެ މުދަލުގެ ޑިއުޓީ މައާފުކޮށް ދޫކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ، އެ މުދަލަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށާއި، އެ ލިޔުންތަކުގައި އެ މުދަލަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން އިތުރަށް ބެލި ބެލުމުން، އެ މުދަލަކީ ބަޔޯޑިގްރޭޑަބަލް މުދާ ނޫންކަމަށް އެ އެޖެންސީއަށް އެނގުމާ ގުޅިގެން އެކަން ކަނޑައަޅައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެ އެޖެންސީ އިން އަންގައިފިނަމަ އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް އެއްބަސްވާ ކަމަށް، އެ މުދާ އެތެރެކުރި ފަރާތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި، އިގްރާރުވެ ސޮއި ކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސާމްޕަލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނެގުމަށްފަހު އެ ސާމްޕަލް، އެ ތަކެތި އެތެރެކުރި ފަރާތް އެނގޭނޭހެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، އެ އެޖެންސީ އަށް ފޮނުވައިދޭންވާނެއެވެ.

(ބ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އަށް ފޮނުވި ސާމްޕަލް ގައިވާ ތަކެތި، އެ އެޖެންސީ އިން ޓެސްޓް ކުރުމަށްފަހު، އެ ތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް ކަނޑައަޅައި، ފުރަތަމަ ހުއްދަ ދެވުނު މުދަލާއި، ށިޕްމަންޓުގައި ހިމެނޭ މުދަލާ ދިމާވާކަން ނުވަތަ ނޫންކަން އެ އެޖެންސީއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން އެ ތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތި ނޫން ކަމަށް ކަނޑައަޅައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައިފިނަމަ، މި މާއްދާގެ (ނ) ގައި އިގްރާރުވެފައިވާ ފަދައިން، އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، އެ މުދާ އެތެރެކުރި ފަރާތަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ރިނިއުބަލް އެނަޖީ އުފައްދާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ޅ)، (ކ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ޑިއުޓީ މައާފުކުރެވޭނީ، އެ ތަކެއްޗަކީ ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތި ކަމަށް ނުވަތަ ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތި ކަމަށް ކަނޑައަޅައި އެކަން ބަޔާންކުރާ ލިޔުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން، ސީދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - މަސް އެކްސްޕޯޓް ކުރުމާއި ޕްރޮސެސް ކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސްކޮށް ވެލިޔު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތި ކަމަށް ބަލައި، މި ތަކެތިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި އުސޫލު މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމު" އާއި "މި ފޯމާގުޅޭ ލިސްޓު" ފުރިހަމަކޮށް، މުދާ ގެނައުމުގެ 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި، ރޯމެޓީރިއަލުން ޑިއުޓީ މައާފުކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި އުސޫލު މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމު" އާއި "މި ފޯމާގުޅޭ ލިސްޓު" ފުރިހަމަކޮށް، މުދާ ގެނައުމުގެ 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، "އިމްޕޯޓްކުރާ ތަކެތިން" ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

22 ވަނަ މާއްދާ - ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ އެންމެހައި މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލު، ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިއުޓީ މައާފުކުރަން އެދޭ ފަރާތްތަކުން، "ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމު" އާއި މި ފޯމާގުޅޭ ލިސްޓު ފުރިހަމަކޮށް، މުދާ ގެނައުމުގެ 14 ދުވަސް ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތުގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - ޑިއުޓީ މައާފުކުރެވޭ އުޅަނދުފަހަރު

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، އަންނަނިވި ބޭނުންތަކަށް ވަގުތީގޮތުން ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ އުޅަނދުފަހަރު ރާއްޖޭގައި ބޭނުންކުރުމަށް، ޑިއުޓީ މައާފު ކޮށްދެވޭނެއެވެ.

  1. ފަތުރުވެރިކަމަށް ބޭނުންކުރުމަށް ވަގުތީގޮތުން ގެންނަ އުޅަނދުފަހަރު
  2. މުދަލާއި ފަސިންޖަރުން އުފުލުމަށް ވަގުތީގޮތުން ގެންނަ އުޅަނދުފަހަރު
  3. ރާއްޖޭގައިކުރެވޭ އެކިއެކި އިގްތިސާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ވަގުތީގޮތުން ގެންނަ ތަފާތު އުޅަނދުފަހަރު

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަގުތީގޮތުން، ރާއްޖޭގައި، ބޭނުންކުރުމަށް ގެންނަ އުޅަނދުފަހަރު ކަމުގައި ބަލާނީ، ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްގެ ބޭނުމަށް 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ގެންނަ އުޅަނދުފަހަރެވެ. ޕްރޮޖެކްޓެއްގެ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ދިގުނަމަ ޑިއުޓީ މައާފުކޮށްދެވޭނީ، 5 (ފަހެއް) އަހަރަށެވެ. ޕްރޮޖެކްޓުގެ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ކުރުނަމަ، އެ ޕްރޮޖެކްޓުގައި ކަނޑައަޅާފައިވާ މުއްދަތަކަށެވެ. އުޅަނދެއް ރާއްޖެއިން ބޭރަށް އަނބުރާ ގެންދިޔުމަށް ކަނޑައަޅާފައިވާ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ދިގުނަމަ، ޑިއުޓީ މައާފުކޮށްދެވޭނީ، 5 (ފަހެއް) އަހަރަށެވެ. އުޅަނދު ރާއްޖެއިން ބޭރަށް ގެންދިޔުމަށް ކަނޑައަޅާފައިވާ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ކުރުނަމަ، އެ މުއްދަތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނު ބޭނުންތަކަށް ގެންނަ އުޅަނދުފަހަރު ގެންނަންވާނީ، އެ އުޅަނދެއް ގެންނަ ފަރާތުން، ކަނޑައަޅާ ޕްރޮޖެކްޓުގެ މަސައްކަތާގުޅޭ، ސަރުކާރުގެ މުއައްސަސާއަކަށް ހުށަހަޅައި، އެ މުއައްސަސާއަކުން އެ ޕްރޮޖެކްޓް ރަޖިސްޓަރީ ކޮށްދިނުމަށްފަހު އެ މުއައްސަސާއިން ދޫކުރާ ލިޔުން، އެ ފަރާތަކަށް ލިބުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް ވަގުތީގޮތުން ގެންނަ އުޅަނދުފަހަރު، ރާއްޖޭގައި އޮންނަ މުއްދަތުގައި، ބޭނުންކުރުމަށް ހުއްދަ ހޯދުމަށްޓަކައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން، ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށަހަޅައި، އެ އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ހޯދަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ވަގުތީގޮތުން ގެންނަ އުޅަނދުފަހަރުގެ ޑިއުޓީ މައާފުކުރުމަށްޓަކައި، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ތިރީގައި ބަޔާންކުރާ ލިޔުންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

  1. އުޅަނދު އުފެއްދި ތާރީހު
  2. އުޅަނދުން ކުރެވޭ ބޭނުން
  3. އުޅަނދުގެ ބޮޑުމިން
  4. އުޅަނދުގެ އަގު
  5. އުޅަނދުގެ އިންށުއަރެންސް
  6. އުޅަނދު ރާއްޖޭގައި ބޭނުންކުރުމަށް ކުއްޔަށް ހިފި އެގްރީމަންޓުގެ ކޮޕީ
  7. އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދޭނެކަމުގެ ލިޔުން (މި ލިޔުމަކީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދަތުރުފަތުރާބެހޭ ވުޒާރާއިން ދޫކުރާ ލިޔުމެކެވެ.)
  8. އުޅަނދު އެތެރެކުރާ ކުންފުނީގެ ނުވަތަ ޕާރޓްނަރށިޕްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރަޖިސްޓަރީގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ)
  9. އުޅަނދު އެތެރެކުރި ކުންފުނިން ސަރުކާރަށް ޓެކްސް ދެއްކުމަށްޓަކައި ޓެކްސް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ކަމުގެ ލިޔުން
  10. އުޅަނދު ރާއްޖެއިން ބޭރަށް އަނބުރާ ގެންދިޔުމަށް ކަނޑައަޅާފައިވާ ތާރީހު

(ޅ) މި މާއްދާގައި ބަޔާންކުރާ ޕްރޮޖެކްޓަކަށް ގެނެސްފައިވާ އުޅަނދެއް، މި މާއްދާގެ (ރ) ގެ ދަށުން ޑިއުޓީ މައާފު ކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، އެހެން ޕްރޮޖެކްޓެއްގައި އެ އުޅަނދު ބޭނުންކުރެވޭނީ އެ އުޅަނދު އެތެރެކުރި އިރު، އެ އުޅަނދުގެ އަގުކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކަނޑައަޅާފައިވާ އަގުން، އެ އުޅަނދަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ސަރުކާރަށް ދެއްކުމަށް ފަހުގައެވެ.

 

24 ވަނަ މާއްދާ - ރެވެނިއުގެފީ ދައްކަންޖެހޭ އުޅަނދުފަހަރު

(ހ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑިއުޓީ މައާފުކޮށްދެވޭ އުޅަނދުފަހަރަށް، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެވެނިއުގެ ފީ އަށްވާ، 10,000 (ދިހަހާސް) ރުފިޔާ، އެ އުޅަނދެއް ރާއްޖެއަށް ގެނައި ފަރާތުން، މީރާއަށް ދައްކަންޖެހޭނެއެވެ. އެ އުޅަނދެއް ގެންނަ އަހަރުގެ ރެވެނިއުގެ ފީ އަށްވާ 10,000 (ދިހަހާސް) ރުފިޔާ އުޅަނދެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކްލިއަރކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންވާނެއެވެ. މީގެފަހުން ކޮންމެ އަހަރަކަށް ދައްކަންޖެހޭ ފީ، އެ އަހަރެއްގެ ޖެނުއަރީ 15 ގެ ކުރިން މީރާއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައި ނުވާނަމަ، ދައްކަންޖެހޭ ފީ ދައްކަންޖެހޭ ދުވަހުން ފެށިގެން، ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާވާނެއެވެ.

(ނ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، ފީ ދައްކަމުންދާ އުޅަނދެއް، ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިއްކާލުމަށް ނުވަތަ އަމިއްލަ ކުރުމަށް ޑިއުޓީ ދެއްކުމުން، އެ އުޅަނދަކާބެހޭ މައުލޫމާތު މީރާ އިން އަންގާ ގޮތެއްގެ މަތިން، 

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، މީރާ އަށް ފޮނުވަންވާނެއެވެ. އަދި މައުލޫމާތު، މީރާ އަށް ލިބުމުން، އަހަރުން އަހަރަށް ރެވެނިއުގެ ދައްކަންޖެހޭ އުޅަނދުފަހަރުގެ ރަޖިސްޓަރީ އިން، އެ އުޅަނދެއް އުނިކުރަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން، ފީ ދައްކަމުންދާ އުޅަނދެއް، އެ އަހަރަށް ދައްކަންޖެހޭ މުއްދަތުގެ ކުރިން ވިއްކާލައިފިނަމަ ނުވަތަ އަމިއްލަކޮށްފިނަމަ، އެ އުޅަނދަށް އެ އަހަރު ދައްކަންޖެހޭ ރެވެނިއުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ފީ ދައްކާފައި ވަނިކޮށް އެ އަހަރު އެ އުޅަނދު ވިއްކާލައިފިނަމަ ނުވަތަ އަމިއްލަކޮށްފިނަމަ އެ އުޅަނދަށް އެ އަހަރަށް ދައްކާފައިވާ ރެވެނިއުގެ ފީ، އަނބުރާ ނުލިބޭނެއެވެ.

(ބ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އެތެރެކުރާ އުޅަނދުފަހަރުން، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޑިއުޓީ މައާފު ކޮށްދިނުމަށްފަހު އެ އުޅަނދުގެ މައުލޫމާތު، މީރާ އިން އަންގާގޮތެއްގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، މީރާ އަށް ފޮނުވައިދޭންވާނެއެވެ.

 

25 ވަނަ މާއްދާ - އިގްތިސާދީ ގޮތުން ބޭނުންތެރި މަސައްކަތްތަކަށް ގަނެވޭ ތަކެތި

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އިގްތިސާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް ފެށްޓުމަށާއި، މަސައްކަތް ކުރުމަށާއި އެ މަސައްކަތް ހިންގުމަށް، އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ، ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއް މައާފުކުރުމުގެ އިހްތިޔާރު، ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

26 ވަނަ މާއްދާ - އާންމު ފައިދާއަށް އިމްޕޯޓްކުރާ ތަކެތި

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނުވަތަ ރަށެއްގެ މުޅި ރައްޔިތުންގެ އާންމު ފައިދާއަށްޓަކައި، އިމްޕޯޓްކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއް ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި މައާފުކުރުމުގެ އިހްތިޔާރު، ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

27 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން، ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން، ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ، ދިވެހިރާއްޖެ ގަބޫލު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިސްތިސްނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިއުޓީ މައާފުކޮށްދެވޭނީ، މުދާ އެތެރެކުރި ފަރާތަކީ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތެއްކަން ނުވަތަ ދިވެހިރާއްޖެ ގަބޫލު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިއުޓީ މައާފުކުރެވޭނެ ފަރާތެއްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެންގުމުންނެވެ.

 

28 ވަނަ މާއްދާ - މުއާހަދާތަކާއި އެގްރީމަންޓްތަކުގެ ދަށުން ޑިއުޓީ މައާފު ކުރުން

(ހ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 10 ވަނަ މާއްދާގައިވާ ފަދައިން ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން، ނުވަތަ ދިވެހި ސަރުކާރާ ބޭރު ގައުމެއްގެ ސަރުކާރަކާ ދެމެދު ކުރެވޭ އެގްރީމަންޓެއްގެ ދަށުން، ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ޑިއުޓީގެ މައްސަލަ އެ މުއާހަދާއެއް ނުވަތަ އެ އެގްރީމަންޓެއްގައިވާ ގޮތުގެމަތިން ހަމަޖެއްސޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިއުޓީ މައާފުކޮށްދެވޭނީ، އެ މުއާހަދާއެއްގެ ދަށުން ނުވަތަ އެގްރީމަންޓެއްގެ ދަށުން ޑިއުޓީ މައާފުކުރުމަށްޓަކައި، އެ މުއާހަދާއެއްގައި ނުވަތަ އެ އެގްރީމަންޓުގައި ލިއުމެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާނަމަ އެލިއުމެއް، އެ މުދަލެއް ގެނައި ފަރާތަކުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅުމުންނެވެ.

 

29 ވަނަ މާއްދާ - ކޮންސައިނީ ބަދަލުކުރުން

(ހ) ރާއްޖެއަށް މުދާ ގެންނައިރު، އެ މުދަލުގެ ބިލް އޮފް ލޭޑިންގ ގައި އެ މުދަލުގެ ކޮންސައިނީ ކަމަށް ކަނޑައަޅާފައިވާ ފަރާތް ފިޔަވައި، އެހެން ފަރާތެއްގެ ނަމުގައި މުދާ އިމްޕޯޓް ކުރަން ޖެހިއްޖެނަމަ، އެ މުދާ އިމްޕޯޓް ކުރެވޭނީ، އެ މުދަލުގެ ކޮންސައިނީ ބަދަލުކުރުމަށް އެދި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް، ހުށަހަޅައި، ހުއްދަ ލިބުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންސައިނީ ބަދަލުކުރަން އެދޭ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާ އެކުގައެވެ.

(ނ) ކޮންސައިނީ ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ކޮންސައިނީ ބަދަލުކުރުމަށް ހުއްދަ ދެވޭ ކޮންސައިންމަންޓްތައް ފިޔަވައި އެހެން ކޮންސައިންމަންޓްތައް، އިމްޕޯޓް ކުރެވޭނީ، ކޮންސައިންމަންޓެއް ބިލް އޮފް ލޭޑިންގ ގައި ކޮންސައިންކޮށްފައިވާ ނަމުގައެވެ.

 

30 ވަނަ މާއްދާ - އުވާލެވޭ ގަވާއިދާއި އިއުލާން

(ހ) މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން، ތިރީގައި ބަޔާންކުރާ ގަވާއިދުތަކާއި އިއުލާނުތައް ބާތިލު ވީއެވެ.

(ށ) މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން، 1 ޖޫން 1995 ގައި ނެރެ އަމަލުކުރަން ފަށާފައިވާ މުދާ އިމްޕޯޓް ކުރުމާއި، އެކްސްޕޯޓް ކުރުމުގެ ގަވާއިދު.

(ނ) ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހަށް، 1 ޑިސެމްބަރ 2011 ގައި އަމަލުކުރަން ފެށުމާގުޅިގެން، ބުނެވިދިޔަ ގާނޫނުގެ ދަށުން، 1 ޑިސެމްބަރ 2011 ކުރިން ކޮށްފައިވާ އިއުލާނުތައް.

 

31 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-11) ގެ ދަށުން، ޑިއުޓީ މައާފުކޮށްދެވިފައިވާ ކޮށްދިނުން، މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

32 ވަނަ މާއްދާ - މާނަ

"ހުއްދަ" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓް ކުރުމަށް ނުވަތަ ޑިއުޓީ މައާފުކުރުމަށް ހުއްދަކޮށް ފަރާތަކަށް ދޫކުރާ ލިޔުމަށާއި، މިއިން ކަމެއް ބަޔާންކޮށް ސަރުކާރުގެ މުއައްސަސާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ ކަމެއް ހުއްދަކޮށް ފޮނުވާ ލިޔުމެއްގައި ނުވަތަ ލިސްޓުގައި އެ ފަރާތެއްގެ ނަން ހިމެނިފައިވާ ހިމެނުމަށެވެ. މި ގަވާއިދުގެ ދަށުން ދޫކުރާ "ލައިސަންސް" ވެސް ހިމެނޭނީ މި މާނައިގައެވެ.

"މުދަލެއް ރާއްޖެއަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލެއްގެ ގޮތުގައި ކޮންސައިންކޮށްގެން ގެންނަ މުދާ، ރާއްޖޭގެ ބަނދަރަކަށް ބޭލުމާ ހަމަޔަށެވެ.

"މުދަލެއް ރާއްޖެއަށް އިމްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، "ކަސްޓަމްސްގެ އާންމު ގަވާއިދު" ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކަސްޓަމްސްއިން މުދާ ކްލިއަރކޮށް އެ މުދާ ނެރުމަށެވެ.

"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީގެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.

"ރީއެކްސްޕޯޓް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމަށެވެ.

"ރާއްޖެއިން ބޭރަށް މުދާ އަނބުރާ ފޮނުވުން" ކަމަށް ދޭހަވާގޮތަށް ގަވާއިދުގައި ބުނެފައި އެވަނީ، މުދަލެއް ރާއްޖެއަށް ފޮނުވި ފަރާތަށް އެ މުދާ އަނބުރާ ފޮނުވާ ފޮނުވުމަށެވެ. އެހެން ފަރާތަކަށް އެ މުދާ ފޮނުވާނަމަ، ބެލެވޭނީ އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން ކަމުގައެވެ. 

"މީރާ" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"އެނަރޖީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި، ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް، ސަރުކާރުން ކަނޑައަޅާފައިވާ މުއައްސަސާއަށެވެ.

 

 

ޖަދުވަލު 1

ބަޔޯޑިގްރޭޑަބަލް ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

  1. ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯނިއާއި (ޕޮލިތީން ފިލްމާއި، ޕޮލިތީން ށީޓާއި، ޕޮލިތީން ޓިއުބްރޯލާއި، ޕޮލިޔުރިތީންއާއި، ޕްރީ ފެބްރިކޭޓަޑް ގްރީންހައުސް ޔުނިޓާއި، ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި، ހައިޑްރޯޕޯނިކްސް އަދި ޑްރިޕް އިރިގޭށަނަށް ބޭނުންކުރާ ހޮޅިއާއި، މި ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތިން ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދެވޭ ތަކެތި ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
    (ހ) ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު
    (ށ) ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ގޯނި
    (ނ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ފިލްމް
    (ރ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ށީޓް
    (ބ) ބަޔޯޑިގްރޭޑަބަލް ޕޮލިތީން ޓިއުބް ރޯލް
    (ޅ) ބަޔޯޑިގްރޭޑަބަލް ޕޮލިޔުރިތީން
    (ކ) ބަޔޯޑިގްރޭޑަބަލް ޕްރީފެބްރިކޭޓަޑް ގްރީން ހައުސް ޔުނިޓް
    (އ) ފެންވަޔަރުކުރުމަށް ބޭނުންކުރާ ހޮޅީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ހޮޅި
    (ވ) ހައިޑްރޯޕޯނިކްސް އަދި ޑްރިޕް އިރިގޭށަނަށް ބޭނުންކުރާ ހޮޅީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ހޮޅި
  2. މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށްޓަކައި އެ ތަކެއްޗަކީ ބަޔޯޑިގްރޭޑަބަލް ތަކެތިކަން ދެނެގަތުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އަށް ބޭނުންވާ މައުލޫމާތާއި، ލިޔެކިޔުމާއި، ސާމްޕަލް، އެ ތަކެތި އެތެރެކުރާ ފަރާތުން، އެ ތަކެތި އެތެރެކުރުމުގެ 14 ދުވަސް ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އަށް ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  3. މި ޖަދުވަލުގެ 1 ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުން ކޮންމެ ށިޕްމަންޓެއް ރާއްޖެއަށް ގެންނަންވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
  4. ބަޔޯޑިގްރޭޑަބަލް ތަކެތީގެ ގޮތުގައި ޑޮކިއުމަންޓް ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން، ބަޔޯޑިގްރޭޑަބަލް ތަކެތި ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އިން ކަނޑައަޅާ މިންގަނޑާ ހިލާފަށް ހުންނަ ތަކެތީގެ ޑިއުޓީ މައާފުކޮށެއް ނުދެވޭނެއެވެ. އެ ތަކެތި އިމްޕޯޓް ކުރެވޭނީ، ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ތަކެއްޗަށް ކަނޑައަޅާފައިވާ ޑިއުޓީ ދެއްކުމުންނެވެ.
  5. މި ޖަދުވަލުގެ 4 ވަނަ ނަންބަރުގައިވާ ފަދައިން، ޑިއުޓީ ދައްކައިގެން އެ މުދާ އިމްޕޯޓް ކުރަން ބޭނުން ނުވާނަމަ، އެ މުދަލާ މެދު އަމަލުކުރެވޭނީ، "ކަސްޓަމްސްގެ އާންމު ގަވާއިދާ" އެއްގޮތްވާގޮތުގެ މަތިންނެވެ.

 

 

ޖަދުވަލު 2

ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

  1. ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ޅ)، (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރުގައި ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ހިންގާ މެށިނަރީ އާއި ރިނިއުބަލް އެނަރޖީ އުފެއްދުމާއި، ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތިން، ޑިއުޓީ މައާފުކޮށްދެވޭނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ގަބޫލުކުރާ، އިންޑިޕެންޑެންޓް ޓެސްޓިންގ އޮތޯރިޓީއަކުން، ޓެސްޓުކޮށް ރިނިއުބަލް އެނަރޖީ ބޭނުންކުރާ، އަދި ތިމާވެށްޓާ ރަހްމަތްތެރި އެއްޗެއްކަން ސަރޓިފައި ކޮށްފައިވާ ލިޔުމެއް އެ އޮތޯރިޓީއަށް ލިބުމުންނެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދެވޭ ތަކެތި ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
    (ހ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރު
    (ށ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ކަނޑުގައި ދުއްވާ އުޅަނދުފަހަރު
    (ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ދެ ބާވަތުގެ އުޅަނދުފަހަރުގައި ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ސާމާނު
    (ރ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ހިންގާ މެށިނަރީ
    (ބ) ހަމައެކަނި ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ނޫނީ އެ އެއްޗަކުން ކުރާ ބޭނުން ނުކުރެވޭ ތަކެތި
    (ޅ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސާމާނުގެ އިތުރުން، ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތި
  2. މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށްޓަކައި، އެކަމަށް އެދި އެ މުދާ ރާއްޖެއަށް ގެނައުމުގެ (މަދުވެގެން 14 ދުވަސް) ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.
  3. މި ޖަދުވަލުގެ ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހެޅުމުން، އޮތޯރިޓީއަށް ބޭނުންވާ އިތުރު މައުލޫމާތާއި ލިޔެކިޔުމާއި ސާމްޕަލް، އެ ތަކެތި އެތެރެކުރާ ފަރާތުން، ހުށަހެޅުމަށް އަންގައިފިނަމަ މި މައުލޫމާތު، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ 14 ދުވަސް ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  4. މި ޖަދުވަލުގެ ނަންބަރު 1 ގައި ބަޔާންކޮށްފައިވާ ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުން، ކޮންމެ ށިޕްމަންޓެއް ރާއްޖެއަށް ގެންނަންވާނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.
  5. ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި، ރިނިއުބަލް އެނަރޖީ ބޭނުންކުރާ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކުރެވޭ އެއްވެސް އެއްޗަކުން، އެނޫން ބޭނުމެއްކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ، އެ އެއްޗަކަށް ދައްކަންޖެހޭ ޑިއުޓީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދެއްކުމަށްފަހުގައެވެ.

 

 

3 ޖަދުވަލު

އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރު ކުރުމަށް އިމްޕޯޓްކުރާ ތަކެއްޗާއި، މަހުގެ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

  1. ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި، މަހުން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (އ) ގެ ދަށުންނެވެ. މި ތަކެތިން ޑިއުޓީ މައާފުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓު، އެ ތަކެތި ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށް ފަހުގައެވެ.
  3. އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓް ކުރާ ތަކެތިން ޑިއުޓީ މައާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން، އެ ތަކެތި ބޭނުންކުރާނީ މަސް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް ކަމުގައި ކަނޑައަޅައި އެ ފަރާތަކުން އެކަމަށް އިގްރާރުވެ، ލިޔުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަން ވާނެއެވެ.
  4. މަސް އެކްސްޕޯޓް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
  5. މަސް އެކްސްޕޯޓް ކުރުމަށާއި ވެލިއު އިތުރުކުރުމަށް، އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ ތަކެތީގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވޭނެއެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދީފައިވާ ތަކެތި، އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި، ގެނެސް ނިންމަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި އެކި ފަހަރު މަތިން ރާއްޖެއަށް ގެނައިނަމަވެސް ޑިއުޓީ މައާފުކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އިތުރަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފުކޮށްދެވޭނީ، ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
  7. މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ، މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ މަސައްކަތް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކާމިޔާބު ކުރެވިފައިވާ ގޮތުގެ ތަފުސީލު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން، އެކަމުގެ މައްޗަށް ބަލައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. މަސް އެކްސްޕޯޓް ކުރުމަށާއި، ވެލިއު އިތުރުކުރުމުގެ މަސައްކަތްތައް ފުޅާކުރުމަށާއި، ވެލިއު އިތުރުކުރުމަށް ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ ތަކެތިން، މިނޫން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ބޭނުމެއް ކުރަންވާނީ އެ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި ހުށަހަޅަން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

 

 

4 ޖަދުވަލު

ޕޯލްޓްރީގެ މަސައްކަތްތައް ފުޅާ ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

  1. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި ރޯމެޓީރިއަލުން ޑިއުޓީ މައާފުކޮށްދެވޭނީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ވ) ގެ ދަށުންނެވެ. މި ތަކެތިން ޑިއުޓީ މައާފުކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓު، އެ ތަކެތި ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސް ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށްފަހުގައެވެ.
  3. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓް ކުރާ އެންމެހައި ތަކެއްޗާއި ރޯމެޓީރިއަލުން ޑިއުޓީ މައާފުކުރުމަށް އެދޭ ފަރާތުން، އެ ތަކެތި ބޭނުންކުރާނީ ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމުގައި ބޭނުންކުރުމަށް ކަމުގައި ކަނޑައަޅައި، އެ ފަރާތަކުން އިގުރާރުވެ، ލިޔުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.
  4. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
  5. ޕޯލްޓްރީގެ މަސައްކަތަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ ތަކެތީގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވޭނެއެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދީފައިވާ ތަކެތި އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި އެކި ފަހަރު މަތިން ރާއްޖެއަށް ގެނައިނަމަވެސް، ޑިއުޓީ މައާފުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އިތުރަށް ހުށަނާޅައި، އެ ތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފުކޮށްދެވޭނީ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
  7. ޕޯލްޓްރީގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އެންމެ ފަހުން ހުށަހެޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށް ނުވަތަ ވެލިއު އިތުރުކުރުމަށް ކުރާނެކަމަށް ބުނެފައިވާ މަސައްކަތް ކާމިޔާބު ކުރެވިފައިވާ ގޮތުގެ ތަފުސީލު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން، އެކަމުގެ މައްޗަށް ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ ތަކެތިން މިނޫން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ އެ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށް ފަހުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި ހުށަހަޅަން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

 

 

5 ޖަދުވަލު

އިގްތިސާދު ފުޅާކުރުމަށްޓަކައި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށާއި، ވެލިއު އިތުރު ކުރުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމުގެ އުސޫލު

  1. ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި، އިމްޕޯޓްކުރާ އެންމެހައި މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ދަށުންނެވެ. މި މުދަލުގެ ޑިއުޓީ މައާފުކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، ޑިއުޓީ މައާފުކުރުމަށް އެދޭ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެއާގުޅޭ ލިސްޓު، އެ މުދާ ރާއްޖެއަށް ގެނައުމުގެ މަދުވެގެން 14 ދުވަސް ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ، މިކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށްފަހުގައެވެ.
  3. ދަނޑުވެރިކަމުގެ މަސައްކަތަށް ގެންނަ މުދަލުން ޑިއުޓީ މައާފުކުރުމަށް އެދޭ ފަރާތްތަކުން، އެ މުދާ ބޭނުންކުރާނީ ދަނޑުވެރިކަން ފުޅާކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށް ކަމުގައި ކަނޑައަޅައި، އެ ފަރާތަކުން އިގުރާރުވެ ލިޔުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވާނެއެވެ.
  4. ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި، އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ ފަރާތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
  5. ދަނޑުވެރިކަމުގެ މަސައްކަތްކުރާ ފަރާތުން އިމްޕޯޓްކުރާ މުދަލުން ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ މުދަލުގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވޭނެއެވެ. މިގޮތުން، ޑިއުޓީ މައާފުކޮށްދީފައިވާ ތަކެތި، އެއް (1) އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މިތަކެތި އެކި ފަހަރު މަތިން ރާއްޖެއަށް ގެނައިނަމަވެސް ޑިއުޓީ މައާފުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އިތުރަށް ހުށަނާޅައި، އެ ތަކެތީގެ ޑިއުޓީ މައާފުކުރުމުގެ ކަންތައްތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހަމަޖައްސައި ދެވޭނެއެވެ.
  6. ޑިއުޓީ މައާފުކޮށްދެވޭނީ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު މުއްދަތަކަށް އެ ޑިއުޓީ މައާފުކޮށްދެވޭނީ އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
  7. ދަނޑުވެރިކަމުގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އިތުރު މުއްދަތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ، އެންމެ ފަހުން ހުށަހެޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވާ، ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށް ނުވަތަ ވެލިއު އިތުރުކުރުމަށް ކުރާނެކަމަށް ބުނެފައިވާ މަސައްކަތް ކާމިޔާބު ކުރެވިފައިވާ ގޮތުގެ ތަފުސީލު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެކަމުގެ މައްޗަށް ބަލައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމާ ނިންމުމެއްގެ މަތިންނެވެ.
  8. ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް، ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ މުދަލުން، މިނޫން ބޭނުމެއް ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ބޭނުމެއް ކުރަންވާނީ، އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި ހުށަހަޅަން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2012-34)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު