-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1012)

ގަވާއިދު ނަންބަރު 34/2012 (މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރެވިދާނެ ފަރާތްތައް 3.

(ހ) ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގަ ޭ އި ރަޖިސްޓަރީކުރެވ ފަރާތްތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ހައިކޮމިށަންތަކާއި، އެމްބަސީތަކާއި، ކޮންސިއުލޭޓްތަކާއި، އެތަންތަނުގެ ދަށުން ހިންގަމުންގެންދާ ތަންތަނާއި، ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަންތަނަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތިން އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ކަންކަމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްފައިވާ ތަންތަން ކަމުގައި ބެލޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) އުނިކުރުން.

އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް 4.

(ހ) މި ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ، އަދި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން، މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވެފައިވާ އަދި އެ ފަރާތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއް ވެވިފައިވާ ފަރާތްތަކަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުމާއި، އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓްކުރުމުގެ ފީ 5.

(ހ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ އަދި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވޭނީ އަދި ރީއެކްސްޕޯޓް ކުރެވޭނީ ކަސްޓަމްސްގެ އާންމު ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކުރުމަށް ފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް ރަޖިސްޓަރީކުރާކަށެއްނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން، ގާނޫނު ނަންބަރު 4/1970 (އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ މުދަލަށް،މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ ކޮންމެ 100 (އެއްސަތޭކަ) ރުފިޔާއަކަށް 10 (ދިހަ ލާރި) ގެ މަގުން ރެވެނިޔު  ސްޓޭމްޕުގެ އަގަށްވާ ފައިސާ ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު( ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތައް ފިޔަވައި،އެހެން ފަރާތްތަކުން، މުދާ އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ރެވެނިޔު ސްޓޭމްޕުގެ އަގަށްވާ ފައިސާ ދައްކާކަށެއް ނުޖެހޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަކި ބާވަތެއްގެ މުދަލެއް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީ އެކްސްޕޯޓް ކުރުމަށް ނަގަންޖެހޭ ހާއްސަ ހުއްދަ 6.

(ހ) ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެއްގައި ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ވަކި ބާވަތެއްގެ މުދަލެއް، ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީ އެކްސްޕޯޓް ކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭކަމަށް، އެ ގާނޫނުގައި ނުވަތަ އެ ގަވާއިދުގައި ނުވަތަ އެ މުއާހަދާގައި ނުވަތަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނަމަ، އެ މުދަލެއް އިމްޕޯޓް ކުރެވޭނީ ނުވަތަ އެކްސްޕޯޓް ކުރެވޭނީ ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ރަޖިސްޓަރީވެފައި، އެ ހުއްދައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ.

(ށ) ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މަށްރޫއުތަކަށް ގެންނަ މުދަލާއި ރަލާއި އޫރުމަސް ފަދަ ކޮންޓްރޯލްކޮށްފައިވާ އައިޓަމްތައް އިމްޕޯޓްކުރެވޭނީ، އެ ފަރާތެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވެސް ރަޖިސްޓަރީކުރުމުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީ ނުކޮށް ގެންނަ މުދާ 7.

މި ގަވާއިދުގެ (15) ވަނަ މާއްދާއާއި (16) ވަނަ މާއްދާގައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަ ޅައިފައިވާ މިންވަރަށްވުރެ އިތުރަށް ތަކެތި އިމްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ މި ގަވާއިދުގެ (5) ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ރަޖިސްޓަރީ ނުކޮށް، ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓް ކުރަން އުޅެފިނަމަ، ނުވަތަ ރީއެކްސްޕޯޓް ކުރަން އުޅެފިނަމަ، އެ މުދާ އިމްޕޯޓް ކުރެވޭނީ، ނުވަތަ އެކްސްޕޯޓް ކުރެވޭނީ، ނުވަތަ ރީ އެކްސްޕޯޓް ކުރެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަށްވަރާގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މުދަލުގެ އަގަށް ޕްރޮސެސިންގ ފީއެއް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އެ ފަރާތަކުން ދެއްކުމަށް ފަހުގައެވެ. މިގޮތުން، ދައްކަންޖެހޭ ޕްރޮސެސިންގ ފީ ދައްކައިގެން ތަކެތި ގެންދަން ބޭނުން ނުވާނަމަ، އެ ތަކެއްޗާ މެދު އަމަލުކުރެވޭނީ "ކަސްޓަމްސްގެ އާންމު ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ އިމްޕޯޓްކުރުން ވަގުތީ ގޮތުން ހިފެހެއްޓުން 9.

(ހ) ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކައުތެރިކަމަށްޓަކައި ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ މުހިންމު އެހެން ސަބަބަކާހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ގެނައުން، އެ ގާނޫނުގެ ނުވަތަ އެ ގަވާއިދުގެ ދަށުން މަނާކުރަން ސަރުކާރުގެ މުއައްސަސާއަކުން ނިންމައިފިނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް، އެފަދަ މުދަލެއް އިމްޕޯޓްކުރުން ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ އެކްސްޕޯޓް ކުރުމަށާއި ރީއެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހިފެހެއްޓުން 10.

(ހ) ގާނޫނެއްގައި ނުވަތަ ގާނޫ ނެއްގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ، ނުވަތަ ތިމާވެށީގެ ރައްކައުތެރިކަމަށްޓަކައި، ނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ އެހެންވެސް މުހިންމު ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން މަނާކުރަން ޖެހިއްޖެނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް، އެފަދަ މުދަލެއް އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓު ކުރުން ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރީއެކްސްޕޯޓް ކުރުމަށް ގެންނަ ތަކެތި 11.

(ރ) ގާނޫނެއްގައި ނުވަތަ ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދައި ފައިވާ ގަވާއިދެއްގައި ބަޔާންކުރާ ފަދައިން، ސިއްހީ ސަބަބަކާ ހުރެ ނުވަތަ ތިމާވެށީގެ ރައްކައުތެރިކަމަށްޓަކައިނުވަތަ ރާއްޖެއިން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާއަކާ ގުޅިގެން ނުވަތަ މުހިންމު އެހެން ސަބަބަކާ ހުރެ، ވަކި ބާވަތެއްގެ މުދަލެއް ވަކި މުއްދަތަކަށް ރީއެކްސްޕޯޓް ކުރުން މަނާކުރަން ޖެހިއްޖެނަމަ، އެ މުދަލެއް މަނާކުރަން ޖެހުނު ސަބަބު ދެމިއޮންނަ މުއްދަތަކާ ހަމަޔަށް، އެފަދަ މުދަލެއް  ރީއެކްސްޕޯޓެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ހުއްދަ 12.

(ހ) ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް، ކަސްޓަމްސްއިން ކްލިއަރކޮށް އެތެރެކުރުމުގެ ކުރިން، އެއްވެސް ސަބަބަކާ ހުރެ، އެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިލަން ޖެހިއްޖެ ހާލަތެއްގައި، އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތް ނޫން އެހެން ފަރާތަކަށް ފޮނުވައިލަން ޖެހިއްޖެނަމަ ފޮނުވައިލާނީ، އެފަދަ މުދަލެއް ރީއެކްސްޕޯޓް ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ. އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތަށް ފޮނުވައިލާނަމަ ބެލޭނީ، އެ މުދަލަކީ ރާއްޖެއިން ބޭރަށް އަނބުރާ ފޮނުވައިލާ މުދަލުގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ވަގުތީގޮތުން ރީއެކްސްޕޯޓް ކުރަންޖެހޭ މުދަލަށް، ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ރަޖިސްޓަރީއެއް ދޫކުރެވޭނީ، އެ މުދަލުގެ އަގުކަމުގައި މޯލްޑިވްސް ކަސްޓަމްސް ގަބޫލުކުރާ އެފް.އޯ.ބީ އަގުގެ މައްޗަށް ކަނޑައެޅޭ ރޯޔަލްޓީއެއް މީރާއަށް ދެއްކުމަށް ފަހުގައެވެ. މި ރޯޔަލްޓީގެ މިންވަރު ކަނޑައަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މިގޮތުން ކަނޑައަޅާ ރޯޔަލްޓީގެ މިންވަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަތުރުވެރިން ގެންނަ ތަކެތި 15

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަތުރުވެރިން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މި ތަކެތި އިމްޕޯޓް ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގައި ރަޖިސްޓްރީ ކުރާކަށެއް ނުޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތި 16.

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ (5) ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން، ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ ތަކެއްޗަށް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މި ތަކެތި އިމްޕޯޓް ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީ ކުރާކަށެއް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮންސައިނީ ބަދަލުކުރުން 29 .ރާއްޖެއަށް މުދާ ގެންނައިރު، އެ މުދަލުގެ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގގައި އެ މުދަލުގެ ކޮންސައިނީކަމަށް ކަނޑައަޅައިފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި އެ މުދާ އިމްޕޯޓް ކުރަން ޖެހިއްޖެނަމަ، ކޮންސައިނީ ބަދަލުކުރެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައިފައިވާ އުސޭލެއްގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅައިގެންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ ފަހަތަށް 31 ވަނަ މާއްދާގެ ގޮތުގައި އައު މާއްދާއެއް އިތުރުކުރުން.

އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ބައެއް ތަކެއްޗާމެދު އަމަލުކުރެވޭ ގޮތް 31.

މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ގެނެވުނު 15 ވަނަ އިސްލާހާއި 16 ވަނަ އިސްލާހާ ގުޅިގެން، އެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިފައިވާ ތަކެއްޗާމެދު އަމަލުކުރެވޭނީ،މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގައި "ހުއްދަ" އިގެ މާނަ އަންނަނިވި ގޮތަށް އިސް ލާހުކުރުން.

މާނަކުރުން 33.

"ހުއްދަ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި، ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓް ކުރުމަށް ނުވަތަ ޑިއުޓީ މައާފުކުރުމަށް ހުއްދަކޮށް، އެ ފަރާތަކަށް ދޫކުރާ ލިޔުމަށާއި، މިއިން ކަމެއް ބަލަހައްޓާ ސަރުކާރުގެ މުއައްސަސާއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް، އެ ފަރާތެއްގެ ނަން ހިމެނިފައިވާ  ހިމެނުމަށެވެ.

"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން، ވަކި މަށްރޫއުއެއްގެ ގޮތުގައި ކަނޑައަޅައި، ޑިއުޓީ މައާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ހުއްދަ ދީފައިވާ ކަންކަމަށެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާއި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 15 އެޕްރީލް 2019 އިން ފެށިގެންނެވެ.

 

ޖަދުވަލު 6

ޑިއުޓީ ކަނޑައި ލައިފައިވާ ތަކެތި

 

1 ވަނަ މާއްދާ - މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުންކުރާ ޑީސަލަށް ދައްކާ ޑިއުޓީ އަނބުރާ ދިނުން

މިނިސްޓްރީ އޮފް ފިށަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މަސްވެރިކަން ކުރުމަށް އެ މިނިސްޓްރީން ދޫކުރާ ލައިސަންސް އޮންނަ އުޅަނދުފަހަރަށް ޑީސެލް ސަޕްލައިކުރާ ފަރާތުގެގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ލައިސަންސް އޮންނަ އުޅަނދުފަހަރަށް ވިއްކައިފައިވާ ޑީސަލުގެ ހިސާބުތަކުގެ ތަފުސީލުތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅައި، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ޑިއުޓީގެ ގޮތުގައި ދައްކައިފައިވާ ފައިސާ އަނބުރާ ދެވޭނެއެވެ.

 

2 ވަނަ މާއްދާ - އާންމު ބޭނުންތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑީސެލަށް ދައްކާ ޑިއުޓީ އަނބުރާ ދިނުން

އާންމު ބޭނުންތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑީސެލް އިމްޕޯޓްކުރާ ފަރާތްތަކުން، ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އާންމު ބޭނުންތަކަށް ކަރަންޓު އުފެއްދުމަށް ޑީސެލް ވިއްކާފައިވާ މިންވަރަށް ރިއާޔަތްކޮށް، ޑީސެލް އެތެރެކުރާއިރު ޑިއުޓީ މައާފުކުރެވޭނެއެވެ. އަދި ކަރަންޓު އުފެއްދުމަށް އިތުރަށް ޑީސެލް ބޭނުންވާނަމަ، ހަރަދު ހިނގާ މަހުގެ ކުރިއަށް އޮންނަ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން، ވިއްކައިފައިވާ ޑީސަލުގެ ހިސާބުތަކުގެ ތަފުސީލުތައް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅައިގެން، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ޑިއުޓީގެ ގޮތުގައި ދައްކައިފައިވާ ފައިސާ އަނބުރާ ހޯދަންވާނެއެވެ.

 

3 ވަނަ މާއްދާ - ދަނޑު ވެރިކަން ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑައިލުން

(ހ) ދަނޑުވެރިކަން ކުރާ ފަރާތްތަކުން ޑިއުޓީގެ އިނާޔަތް ލިބިގަތުމަށް، މިނިސްޓްރީ އޮފް ފިށަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި ރަޖިސްޓަރީ ވާން ވާނެއެވެ. މިގޮތުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ލިސްޓު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުން، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މިނިސްޓްރީ އޮފް ފިށަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އާންމުކޮށް ށާއިއުކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަކެތި އެތެރެކުރާއިރު ޑިއުޓީ ދައްކާކަށެއް ނުޖެހޭނެއެވެ.

 

4 ވަނަ މާއްދާ - ޑިއުޓީ ކަނޑައިލެވޭ ތަކެތީގެ މައުލޫމާތު ބެލެހެއްޓުން

ޑިއުޓީ އަނބުރާ ރައްދުކުރެވޭ ތަކެތީގެ މައުލޫމާތު، ކޮންމެ މަހަކު 1 (އެކެއް) ފަހަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށާއި މިނިސްޓްރީ އޮފް ފިނޭންސަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފޮނުވަންވާނެއެވެ.

 

މައި ގާނޫނު

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު