-

މަސްވެރިކަމުގެ ގާނޫނު

(ގާނޫނު ނަންބަރު 1978-05)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2019-14 ގެ 83 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ނަން

މިގާނޫނުގެ ނަމަކީ " ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަސްވެރިކަން  

މި ގާނޫނުގައި "މަސްވެރިކަމޭ" ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުތަކުން ލިބޭ ދިރުންހުރި އެއްވެސް އެއްޗެއް ހިފުން، ބޭނުން، ނެގުން، ނުވަތަ މިއިންކަމެއް ކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.

ނޯޓް: "ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި، ފަދަ ހުރިހާތަނެއް ހިމެނޭގޮތަށެވެ.

 

3 ވަނަ މާއްދާ - މަސްވެރިކަމާބެހޭ ގަވާއިދުހެދުމާއި މަސްވެރިކަމާބެހޭ ކަންތައްތައް ބެލެހެއްޓުމާއި މަސްވެރިކަން ކުރިއެރުވުން

(ހ) މަސްވެރިކަމުގެ އެކިއެކި ކަންކަމާބެހޭ ގަވާއިދުތައް ހަދާ ހިންގުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިގެން ވެއެވެ.

(ށ) ރާއްޖޭގެ މަސްވެރިކަމާބެހޭ ކަންތައްތައް ހިނގަމުންދާގޮތް މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ބަލަމުން ގެންދަން ވާނެއެވެ. އަދި މަސްވެރިކަމާބެހޭ ކަންތައްތައް ތަރައްގީ ކުރެވޭނެ ގޮތްތައް ހޯދާ މިކަންކަމަށް ބޭނުންވާ ތަހްލީލުތައްކޮށް، މަސްވެރިކަން ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރގް ކަމެކެވެ.

 

4 ވަނަ މާއްދާ - މަސްވެރިކަމާބެހޭ މައްލޫމާތު

(ހ) މަސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ މައްލޫމާތުތައް ހޯދާ، މަސްވެރިކަމާބެހޭ ތަފާސް ހިސާބު އެނޫންވެސް މިފަދަ ލިޔުންތައް އެއްކޮށް، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން އެނަލައިޒްކޮށް ބަލަަހައްޓަން ވާނެއެވެ.

(ށ) ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކުން، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށް ބޭނުންވާ ގޮތެއްގެމަތިން މަސްވެރިކަމާބެހޭ މައްލޫމާތު އެމިނިސްޓްރީ އަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ބިދޭސީން މަސްވެރިކަން ކުރުން

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ބިދޭސީންނަށް، ނުވަތަ ބިދޭސީންނާ ދިވެހިން ބައިވެރިވެގެން އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރެވޭނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރގެ ހުއްދަ ލިބިގެންނެވެ.

 

6 ވަނަ މާއްދާ – ލައިސަންސް ދޫކުރުން

(ހ) ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބަށްވުރެ ބޭރުން، އެކްސްޕޯޓް ކުރުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަށް މަސްވެރިކަން ކުރަންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން އެކަމަށް ކަނޑައަޅާ ފީއެއް ދެއްކުމަށް އެއްބަސްވެ، ލައިސަންސެއް ލިބިގެންނެވެ. މިގޮތުން މަސްވެރިކަން ކުރާފަރާތާއި، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރާ ދެމެދު އެގްރީމަންޓެއްގައި ސޮއި ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ނަންގަނެވިގެންވާ އެގްރީމަންޓްގައި އަންނަނިވި ނުކުތާތައް ހިމަނަން ވާނެއެވެ.

 1. މަސްވެރިކަމުގެ ލައިސަންސް ފީއާއި، މަސްވެރިކަން ކުރުމަށް، ކަނޑައެޅޭ އުސޫލަކުން ސަރުކާރަށް ނެގޭ ފައިސާގެ އަދަދު.
 2. މި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ، ލައިސަންސް ވަގުތީގޮތުން ހިފެހެްޓުމާއި،  ކެންސަލް ކުރުމުގެ އިހްތިޔާރު ސަރުކާރަށް އޮތުން.
 3. މަސްވެރިކަންކުރާ އުޅަނދުތައް އިންސްޕެކްޓް ކުރުމަށް ބޭނުންވެއްޖެ ކޮންމެ  ހިނދެއްގައި، މީހަކު ނުވަތަ ބަޔަކު ފޮނުވައިގެން އިންސްޕެކްޓްކޮށް ބެލުމުގެ އިހްތިޔާރު، ދިވެހި ސަރުކާރަށް އޮތުން.
 4. ލައިސަންސް ދޫކުރެވޭ އުޅަނދުތަކަށް މަސްހިފުމަށް ބޭނުންވާ އެން،ރާއްޖެއިން ހިފާނަމަ، ރާއްޖޭގައި އާންމުކޮށް އެން ހިފުމަށް ބޭނުންކޮށް އުޅޭ އުޅަނދުތަކުގައި ދިވެހިން އާންމުކޮށް އެން ހިފާގޮތަށް އެން ހިފުން.
 5. މި އެގްރީމެންޓާ ހިލާފުވެގެން ހިންގާ ށަރީއަތްތަކުގައި ބޭނުން ކުރާނީ، ދިވެހިރާއްޖޭގެ ގާނޫނުކަން އަދި ށަރީއަތް ހިންގާނީދިވެހިރާއްޖޭގައި ކަން.

 

7 ވަނަ މާއްދާ - ލައިސަންސް ލިބިފައިނުވާ އުޅަދުތަކަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެތެރެއަށް ވަދެ ވޭނޭގޮތް

މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައި ނުވާ މަސްވެރިކަންކުރާ އުޅަނދެއް އެއްވެސް ސަބަބަކަށްޓަކައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ވަންނަންވާނީ، އެސަރަހައްދަށް ވަނުމުގެ ކުރިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ހުއްދަ ލިބިގެން، އަދި އެމިނިސްޓްރީން އަންގާގޮތެއްގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ލައިސަންސް ބާތިލު ކުރުން

މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އުޅަނދަކުން، ނުވަތަ އެފަދަ އުޅަދެއްގައި ހުރި މީހެއްގެ ފަރާތުން ރާއްޖޭގެ އާންމު މަސްލަހަތަށް ނުވަތަ އަމަން އާންމަސް ގެއްލުމެއް ލިބޭކަހަލަ ހަރަކާތެއް ހިންގައިފިކަން، ނުވަތަ ހިންގާކަން، ނުވަތަ  ހިންގާކަން، ނުވަތަ ހިނަގަން އުޅެފިކަން އެނގިއްޖެނަމަ، އެއުޅަނދަކަށް ދީފައިވާ ލައިސަންސް، ނުވަތަ ކުށުގެ ބާވަތުން މުޅި އެގްރީމަންޓް ބާތިލް ކުރުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ތަހްލީލު ކުރުމަށް ޓަކައިކުރާ މަސްވެރިކަން

އެކިއެކި ތަހްލީލުތައް ކުރުމަށްޓަކައި، ކަނޑައެޅޭ ށަރްތު ތަކެއްގެމަތިން މަސްވެރިކަން ކުރުމުގެ ހުއްދަދޭނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުންނެވެ.

 

10 ވަނަ މާއްދާ - ދިރުންހުރި ކަނޑުގެ ބާވަތްތައް ހާއްސަ ބޭނުމަކަށްޓަކައި ހިމާޔަތް ކުރުން

ކަނޑުގައި އުފެދޭ، ނުވަތަ ކަނޑުގައި އުޅޭ ދިރުން ހުރި އެއްވެސް ބާވަތެއްގެ އެއްވެއް ހާއްސަގޮތަކުން ރައްކާތެރި ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެ އެއްޗެއް ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން މަނާކުރުން، ނުވަތަ އެކަމަށްޓަކާވަކި ހާއްސަ ސަރަހައްދެއް ކަނޑައަޅާ، އެސަރަހައްދުން އެބާވަތުގެ އެއްޗެހި ހިފުން، ބޭނުން، ނެގުން، ކަނޑައެޅޭ މުއްދަތަކަސް މަނާކުރުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ކުށުގެ ތުހުމަތަށް ފިޔަވަޅުއެޅުން

މި ގާނޫނާ ހިލާފުވާ އެއްވެސް އަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެ ކޮންމެ އުޅަނދެއް ހުއްޓުވާ، އެއުޅަނދު ނުވަތަ އެއުޅަނދުގައިވާ ކޮންމެ އެއްޗެއް ބެލުމާއި، އެ އަމަލެއް ކުރުމުގައި ބޭނުންކުރި އުޅަނދާއި ތަކެއްޗާއި، އެއަމަލެއް ކޮށްގެން ހޯދި ތަކެތި ހިފެހެއްޓުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެން ވެއެވެ. އަދި އެފަދަ  ކުށެއް ކޮށްފި ކަަމަށް ތުހުމަތު ކުރެވޭ މީހަކު ނުވަތަ ބަޔަކު ތަހްގީގަށް ނުވަތަ ށަރީއަތަށް ބޭނުންވާނެކަމަށް ފެނިއްޖެ ހިނދެއްގައި ހައްޔަރު ކުރުމުގެ އިހްތިޔާރުވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަސް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ހިފެހެއްޓޭ އުޅަނދާއި ތަކެއްޗާމެދު އަމަލުކުރާނޭގޮތް

މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހިފެހެއްޓޭ އުޅަނދާއި ތަކެތި، މައްސަލަ ނިމެންދެން ހުންނާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައެވެ. މިގޮތުން ހިފެހެއްތޭ ތަކެތީގެ ތެރެއިން އެއްޗެއްގެ ޒާތުން ހަލާކުވެދާފަދަ ތަކެތި ނީލަންކިޔާ، ފައިސާއަށް ހެދުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ – އަދަބު

 1. މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާން ވެގެންވާ ލައިސަންސް ނުހޯދާ އެމާއްދާގައި ބަޔާންވެގެންވާ ސަރަހައްދުގައި، ނުވަތަ މިގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާން ވެގެންވާ ހުއްދަ ނުހޯދާ، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކޮށްފިނަމަ، ނުވަތަ މަސްވެރިކަން ކުރަން އުޅެފިނަމަ، އެކަން ކުރި ފަރާތެއް 100،000 (އެއްލައްކަ) ރުފިޔާއާއި 1000،000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ނުވަތަ އެކަމަށް ބޭނުންކުޅަ އުޅަދެއްގެ އަގަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ޖޫރިނަމާގެ ފައިސާ ދައްކަން ޖެހޭނީ، ދިވެހި ސަރުކާރު ގަބޫލުކުރާ ބޭރު ފައިސާއަކުންނެވެ. އަދި ކުށް ކުރުމުގައި ބޭނުންކުޅަ އެއްޗަކާއި، ކުށުގެ އަމަލުން ހޯދި ތަކެތި، ބަދަލު ދިނުމެއްނެތި އަތުލެވޭނެއެވެ.
 2. މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާން ވެގެންވާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ ފަރާތަކުން މި ގާނޫނާ ހިލާފު އަމަލެއް ކޮށްފިނަމަ، އެފަރާތެއް 1،000 (އެއްހާސް) ރުފިޔާއިން ފެށިގެން 1،000،000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން، ނުވަތަ އެކަމަށް ބޭނުންކުޅަ އުޅަނދެއްގެ އަގަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭނީ، ދިވެހި ސަރުކާރު ގަބޫލުކުރާ ބޭރު ފައިސާ އަކުންނެވެ. އަދި ކުށް ކުރުމުގައި ބޭނުންކުޅަ އެއްޗަކާއި ކުށުގެ އަމަލުން ހޯދި ތަކެތި، ބަދަލު ދިނުމެއްނއތި އަތުލެވޭނެއެވެ.
 3. ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން އާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުގައި ލައިސަންސެއްނެތި މަސްވެރިކަން ކުރެވޭ ފަރާތަކުން، މިގާނޫނާ ހިލާފު އަމަލެއް ކޮށްފިނަމަ، 100 ރުފިޔާ އިން ފެށިގެން 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނުވަތަ 3 މަސް ދުވަހާ 1 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދު ކުރުމުގެ އަދަބު ދެވޭނެއެވެ.
   

14    ވަނަ މާއްދާ - އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު

މި ގާނޫނުގައި "ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން 75 މޭލު ފާހަގަކޮށް، އެސަރަހައްދުގެ ތެރޭގައިވާ ކަނޑާއި، ކަނޑުއަޑީގެ ބިން ހިމެނޭގޮތަށް، ތިރީގައި މިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުގެ އެތެރޭގައިވާ ސަރަހައްދަށެވެ.

  

 

                   
  " ' 0        "  '  0
E 09 56 74     N 30 51 7
E 45 29 74     N 30 48 7
E 34 38 73     N 50 41 7
E 38 19 73     N 02 39 7
E 23 03 73     N 52 40 7
E 30 49 72     N 19 42 7
E 26 42 72     N 54 42 7
E 45 03 72     N 05 49 7
E 00 17 71     N 00 56 7
E 00 17 71     S 20 57 1
E 30 00 75     S 20 57 1
E 30 00 75     N 24 43 7
                   
                   

 

އުވި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

 1. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު
 2. ކާބަންމޮނޮކްސައިޑާއި ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1047)
 3. ކާބަން މޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެކްސްޕޯޓް ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-87) (އުނިކުރެވިފައި)
 4. ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-388) 
 5. ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-376)
 6. ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-388)
 7. ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-1145)
 8. ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-41)
 9. އިގްތިސާދީ ސަރަހައްދުގެ ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތަހުލީލު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-34)
 10. ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި، ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2010-13)
 11. އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު 2009

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު