-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 32/2021)

 

ގަވާއިދު ނަންބަރު 34/2012 (މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުުތައް ގެނައުން. 

 

1 ވަނަ މާއްދާ -ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.

5. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ކަސްޓަމްސް ގުޑްސް ޑިކްލެރޭށަަން ހުށަނާޅާ ދޫކުރެވޭ ތަކެއްޗާއި، އަމިއްލަ ފަރުދުން އިމްޕޯޓް ނުވަތަ އެކްސްޕޯޓްކުރާ ތަކެއްޗާއި، ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެ އަންނަ ފަސިންޖަރުންގެ ފޮށި ތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް، ނުވަތަ ރާއްޖެ ގެނައުމަށް ރަޖިސްޓަރީކުރާކަށެއް ނުޖެހޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.

5. (ނ) މި މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 1-7 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އެފް.އޯ.ބީ އަގުގެ ކޮންމެ 100 (އެއްސަތޭކަ) ރުފިޔާއަކުން 1 (އެކެއް) ރުފިޔާގެ މަގުން ރެވެނިއު ފީ އެއް ސަރުކާރަށް ދައްކަންވާނެއެވެ.    

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުުކުރުން.

ރީއެކްސްޕޯޓު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު އެގްރީމަންޓުކުރަން ނުޖެހޭ ތަކެތި

12. (ހ) ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް، ޑިއުޓީ ދައްކައި  ކަސްޓަމްސްއިން ކްލިއަރކޮށް އެތެރެކުރުމުގެ ކުރިން، އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތް ނޫން އެހެން ފަރާތަކަށް، ވިޔަފާރި އުސޫލުން، ފޮނުވާ ހާލަތުގައި އެފަދަ މުދަލެއް ރީއެކްސްޕޯޓް ކުރުމަށްޓަކައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެގްރީމެންޓް ކުރުމުން އިސްތިސްނާވާނެއެވެ. ނަމަވެސް، އެފަދަ މުދާވެސް ރީއެކްސްޕޯޓް ކުރުމަށްޓަކައި މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރީ-އެކްސްޕޯޓް ރޯޔަލްޓީ ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް،  ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް، ކަސްޓަމްސްއިން ކްލިއަރކޮށް އެތެރެކުރުމުގެ ކުރިން، އެއްވެސް ސަބަބަކާ ހުރެ، އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތަށް އަނބުރާ ފޮނުވައިލާނަމަ، ނުވަތަ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވާނަމަ، އެ ތަކެއްޗަކީ ރޯޔަލްޓީ ދައްކަންޖެހޭ ރީއެކްސްޕޯޓެއް ކަމުގައި ނުބެލެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުުކުރުން.

ރީއެކްސްޕޯޓް ރޯޔަލްޓީ 13.

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރީއެކްސްޕޯޓް ކުރާ ފަރާތާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ކުރެވޭ އެގްރީމެންޓުގައިވާ އުސޫލަކުން، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތީން، މުދަލުގެ އެފް.އޯ.ބީ އަގުގެ %5 (ފަސް ޕަސެންޓް) އެ ތަކެތީގެ ރީއެކްސްޕޯޓް ޑިކްލަރޭށަަން ނިންމައި، ރީއެކްސްޕޯޓު ރޯޔަލްޓީގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަން ވާނެއެވެ.

(ށ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިނިސްޓްރީއާއެކު އެގްރީމެންޓް ނުކޮށް ރީއެކްސްޕޯޓް ކުރާ ތަކެތީގެ ރޯޔަލްޓީ، އެ ތަކެތީގެ ރީއެކްސްޕޯޓް ޑިކްލަރޭށަަން ނިންމައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރީއެކްސްޕޯޓު ރޯޔަލްޓީ ހިސާބުކުރުމުގައި، ރީއެކްސްޕޯޓް ކުރެވޭ މުދަލުގެ އަގު ކަމުގައި ބަލާނީ، ރީއެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ އިންވޮއިސްއަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކަނޑައަޅާ އެފް.އޯ.ބީ ގެ އަގެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރެވޭ ތަކެތީގެ ތެރެއިން ރީއެކްސްޕޯޓް ރޯޔަލްޓީ ނެގޭނެ ތަކެތީގެ ގޮތުގައި ނުބެލެވޭނެއެވެ.

  1. މަރާމާތު ކުރުމަށްފަހު އަނބުރާ ގެންނަ ގޮތަށް ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި؛ އަދި
  2. ވަގުތީގޮތުން އެކްސްޕޯޓްކުރާ އެހެނިހެން ތަކެތި

 

5  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުުކުރުން.

ޑިއުޓީ މައާފުކުރުމަށްފަހު އެތެރެކޮށްފައިވާ އުޅަނދުފަހަރު 23.   

(ހ) ގާނޫނު ނަންބަރު 31/1978 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 17 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެތެރެކޮށްފައިވާ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރިއިރު  އެ އެއްޗެއް ބޭނުންކުރަން ހުއްދަކޮށްފައިވާ ތާރީހުގެ ނިޔަލަށް ނުވަތަ 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާރީހުގެ ފަހުން ދިވެހިރާއްޖޭގައި އެފަދަ އުޅަނދެއް ބޭނުންކުރެވޭނީ، އެ އުޅަނދެއް އެތެރެ ކުރުމަށް އެދޭ ފަރާތުން، އުޅަނދުގެ އަގުގެ ގޮތުގައި ހުށަހަޅާ އަގަކަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ ޑިއުޓީ ދެއްކުމަށްފަހުގައެވެ.  

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.

ޑިއުޓީ މައާފުކޮށްދީފައިވާ އުޅަނދު ފަހަރުގެ ރެވެނިއު ފީ 24.   

(ހ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުޅަނދުފަހަރުން ރެވެނިއު ފީ ގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 15 ގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.  

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވިގޮތަށް އިސްލާހުުކުރުން. 30

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރު 22 ގެ (ވ)، ޗެޕްޓަރު 27 ގެ (ށ)، ޗެޕްޓަރު 33 ގެ (ނ)، ޗެޕްޓަރު 39 ގެ (ޏ)، ޗެޕްޓަރު 87 ގެ (ޅ) އަދި (ކ) ގައި ބަޔާންކޮށްފައިވާ، މުދަލުގެ ބާވަތްތައް މާނަކުރުމުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ)، (ބ) އަދި (ޅ) އަދި (ކ) އަންނަނިވި ގޮތަށް އިސްލާހުުކުރުން.

(ނ) ޗެޕްޓަރު 33 (ނ) ގައި ބަޔާންކޮށްފައިވާ ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތައް ދެނެގަތުމުގައި ބަލާނީ، ރީތިވުމަށާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޒަަރޫރީ ބޭނުންތަކަށް ބޭނުންކުރާ ކޮސްމެޓިކްސްގެ ބާވަތްތައް ފިޔަވައި، އެހެނިހެން ބާވަތްތަކުގެ ކޮސްމެޓިކްސް އަކީ ލަގްޒަރީ ކޮސްމެޓިކްސް ކަމަށެވެ.

(ބ) ޗެޕްޓަރު 22 ގެ (ވ) ގައި ބަޔާންކޮށްފައިވާ، ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ތައްޔާރީ ބުއިން ކަމުގައި ބަލާނީ، ކޮންމެ 100ml (ސަތޭކަ މިލި ލީޓަރު) ގައި g15 (ފަނަރަ ގްރާމް) އަށް ވުރެ އިތުރަށް އެޑެޑް ސުގަރ ނުވަތަ ސްވީޓްނަރ ނުވަތަ ހަކުރު އެކުލެވޭނަމައެވެ.

(ޅ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 39 ވަނަ ޗެޕްޓަރުގެ (ޏ) ގައި ބަޔާންކޮށްފައިވާ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތިރީގައިވާ ބާވަތްތަކަށް ޑިއުޓީ އެއް ނުނެގޭނެއެވެ.

  1. ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
  2. ބޭނުންކުރާ ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ށަީޓު އަދި ޓިއުބްރޯލް. މީގެ ތެރޭގައި ވަގުތީގޮތުން ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގ ފިލްމާއި ފުޑުރެޕިންގ ނުހިމެނޭނެއެވެ.
  3. ކާބޯތަކެތި ބަންދުކުރުމަށް ތައްޔާރުކޮށްފައި ހުންނަ ޒިޕް ލޮކް ކޮތަޅާއި، ޒިޕަރ ކޮތަޅާއި، ވެކިއުމްޕެކްކުރުމަށް ބޭނުންކުރާ ކޮތަޅާއި، މިފަދަ އެހެނިހެން ތަކެތި.

(ކ) ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ ޗެޕްޓަރު 87 ގެ (ޅ) އަދި (ކ) ގައި ބަޔާންކުރާ، ފަސިންޖަރުން އުފުލުމަށް ހާާއްސަކޮށް ހަދާފައިވާ ހުންނަ ހައިބްރިޑް ވެހިކަލްގެ ގޮތުގައި ބަލާނީ، އިންޖީނާއި އިލެކްޓްރިކް މޯޓަރާއި، މި ދެބާވަތުގެ ހަކަތަ ބޭނުންކޮށްގެން ދުއްވާ ގޮތަށް ހުންނަ ވެހިކަލްތަކަށެވެ. ނަމަވެސް،އެ ވެހިކަލެއް ދުއްވަނީ ހަމައެކަނި ބެޓެރީ މޯޓަރުން ކަމުގައިވާނަމަ (ބެޓެރީ ޗާޖުކުރުމަށް އިންޖީނެއް ނުވަތަ ޖެނެރޭޓަރެއް އިން ކަމުގައި ވިޔަސް، ފުރޮޅާ ގުޅާފައިވަނީ ހަމައެކަނި މޯޓަރު ނުވަތަ ބެޓެރީ ހަކަތަ ކަމުގައިވާނަމަ)، އެ ވެހިކަލަކަށް ޑިއުޓީ ނެގޭނީ އިލެކްޓްރިކް ވެހިކަލްތަކެކޭ އެއްފަދައިން  0 ރޭޓުންނެވެ.

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށަާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު