-

ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-05)

(މި އުސޫލަށް އަމަލުކުރަން ފެށީ 13 ފެބުރުއަރީ 2023 ގައި)

(މި އުސޫލުގެ 15 ވަނަ މާޢްދާއިން ވަނީ އުސޫލު ނަންބަރު 2016-00 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

މިއީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ ފައިސާ ޖަމާކޮށް، ހަރުދަނާގޮތެއްގައި މެނޭޖްކުރުމަށާއި، ޓްރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމެއް ގާއިމްކޮށް، އެ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް ދައުލަތުގެ އޮފީސްތަކާއި ކައުންސިލްތަކުން ޕަބްލިކް ބޭންކް އެކައުންޓްތަކާއި އެހެނިހެން ބޭންކް އެކައުންޓްތައް ހުޅުވުމާއި، އެކައުންޓްތައް ބަންދުކުރުމާއި، އެ އެކައުންޓްތައް ހިންގައި ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 11 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ. މި އުސޫލަށް ކިޔާނީ "ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުލަތުގެ ކޭށް ފްލޯއާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާއެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި، ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭށް ބެލެންސް ހަރުދަނާގޮތެއްގައި ބެލެހެއްޓުން.

(ށ) ދައުލަތުގެ ފައިސާ ބެހެއްޓުމަށް ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓްތަކާއި، ހާއްސަހާލަތްތަކުގައި ޕަބްލިކް ބޭންކު އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވާ އެހެނިހެން އެކައުންޓްތައް ކޮންސޮލިޑޭޓްކޮށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ޓްރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބޭނުންކުރުމަށް މަގުފަހިކުރުން.

(ނ) ދައުލަތުގެ އޮފީސްތަކަށާއި ކައުންސިލްތަކަށް ލިބޭ ދައުލަތުގެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓަކައި ޓްރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން އެކައުންޓްތައް ހުޅުވުމާއި، ހިންގުމާއި، ބޭނުންކުރުމުގައި ދައުލަތުގެ އޮފީސްތަކާއި ކައުންސިލްތަކުން އަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކުރުން.

(ރ) ދައުލަތުގެ ފައިސާ މެނޭޖްކުރުމަށް ގާއިމްކޮށްފައިވާ ޓްރެޒަރީ ސިންގަލް އެކައުންޓުގެނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ބޭންކް އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލްކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ބަޔާންކުރުން.

 

3 ވަނަ މާއްދާ - ސަރުކާރުގެ ބޭންކިންގ އެރޭންޖްމަންޓާ ގުޅޭ އާންމު އުސޫލުތައް 

(ހ) މި އުސޫލުގެ ދަށުން ދައުލަތުގެ އޮފީސްތަކާއި، ސަރުކާރުގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެޖެންސީތަކާއި، ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ، ޓްރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓްތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އަދި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެއެވެ. އަދި އެ އެކައުންޓްތައް އޮޕަރޭޓްކުރާނީ، މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) ގެ 100 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ހުޅުވާ ބޭންކް އެކައުންޓްތައް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓްތަކުގެ ބައެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގެ ދަށުން ޕަބްލިކް ބޭންކް އެކައުންޓްތަކުގެ އިތުރުން، ޓްރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ވަކި އެކައުންޓްތަކުގައި އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ފައިސާ ބެހެއްޓިދާނެއެވެ.

 

4 ވަނަ މާއްދާ - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ އެހެން ބޭންކެއްގެ މަރުކަޒެއް ނެތް ރަށްރަށުގައި ޕަބްލިކް ބޭންކް އެކައުންޓް ހުޅުވުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް ހުޅުވައިފައިވާ ބޭންކެއް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ނުވަތަ ކައުންސިލަކުން، ދައުލަތުގެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓަކައި އެ ރަށެއްގައި ނުވަތަ އެހެން ރަށެއްގައި ހުރި ބޭންކެއްގައި، އެ އޮފީހެއްގެ ނަމުގައި ނުވަތަ އެ ކައުންސިލެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ބޭނުންވެއްޖެނަމަ، އެފަދަ ބޭންކް އެކައުންޓެއް ހުޅުވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އެފަދަ ރަށެއްގައި އެ އޮފީހުގެ ނުވަތަ އެ ކައުންސިލުގެ ބޭންކް އެކައުންޓެއްނެތުމުން ދަތިވާ ކަންތައްތަކާއި، އެކައުންޓެއް ހުޅުވުމުން އެ އޮފީހަކަށް ނުވަތަ އެ ކައުންސިލަކަށް ލިބޭނެ ފައިދާއާއި ފަސޭހަތައް ބަޔާންކޮށް، އެ އޮފީހުގެނުވަތަ އެ ކައުންސިލުގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވުމަށް އެދި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުން؛
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބޭންކް އެކައުންޓް ހުޅުވުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުން އެފަދަ އެކައުންޓެއް ހުޅުވުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް މިނިސްޓަރަށް ފެނުމާއެކު އެ އެކައުންޓު ހުޅުވުމުގެ ހުއްދަ މިނިސްޓަރު ލިޔުމަކުން އެ އޮފީހަކަށް ނުވަތަ ކައުންސިލަކަށް ދިނުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބޭންކް އެކައުންޓް ހުޅުވުމަށް އެދި ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލްތަކުން މިނިސްޓަރަށް ލިޔުމުން ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބޭންކު އެކައުންޓު ހުޅުވުމަށް ބޭނުންވާ ބޭންކުގެ ނަމާއި، އެޑްރެހާއި، އެ ބޭންކް ގާއިމްކޮށްފައިވާ ރަށް؛ 
  2. ބޭންކް އެކައުންޓް ހުޅުވުމަށް އެދޭ ފަރާތަކީ ދައުލަތުގެ އޮފީހެއްނަމަ، ބޭންކު އެކައުންޓު ހުޅުވަން ބޭނުންވާ އޮފީހާއި އެ އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސްތަކުގެ ނަމާއި އެޑްރެސް؛
  3. ބޭންކް އެކައުންޓް ހުޅުވުމަށް އެދޭ ފަރާތަކީ ކައުންސިލެއްނަމަ، ބޭންކު އެކައުންޓު ހުޅުވަން ބޭނުންވާ ކައުންސިލާއި އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިދާރާތަކާއި ކޮމިޓީތަކުގެ ނަމާއި އެޑްރެސް؛
  4. ބޭންކް އެކައުންޓުގެ ޗެކާއި، އެކައުންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެހެނިހެން ލިޔުންތަކުގައި ސޮއިކުރާނެ ފަރާތުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މަގާމާއި، ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރު؛
  5. ބޭންކް އެކައުންޓް ހުޅުވަން ބޭނުންވާ ސަބަބު؛
  6. ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލްތަކުން ހުޅުވާ ބޭންކް އެކައުންޓުތަކުގެ މައުލޫމާތަށް އެދި އެ އެކައުންޓް ހުޅުވައިފައިވާ ބޭންކަށް މިނިސްޓަރުހުށަހަޅައިފިނަމަ، އެ މައުލޫމާތު މިނިސްޓަރަށް ދިނުމުގެ ހުއްދަ ދޭކަމަށާއި، އެ މައުލޫމާތު މިނިސްޓަރަށް ފޯރުކޮށްދިނުމާމެދު އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

5 ވަނަ މާއްދާ - މަށްރޫއުތަކާ ގުޅޭ އެކައުންޓްތައް 

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި އާންމު އުސޫލުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި މަށްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް މިނިސްޓަރު ކަނޑައަޅައިފިނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޒަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެކައުންޓެއް ހުޅުވޭނީ، އެފަދަ އެކައުންޓެއް ހުޅުވުމަށް އެ މަށްރޫއު ހިންގާ ދައުލަތުގެ އޮފީހުން ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުމުން، އެފަދަ އެކައުންޓެއް ހުޅުވުމަށް މިނިސްޓަރު ނިންމައި،މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެކަން އެންގުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކައުންޓެއް ހުޅުވުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މިނިސްޓަރު އަންގާ އެންގުމުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މަށްރޫއުގެ ނަމާއި، މަށްރޫއު ކުރިޔަށްގެންދާ ފަރާތުގެ މައުލޫމާތު؛
  2. މަށްރޫއުގެ މުއްދަތު؛
  3. އެކައުންޓަށް ފައިސާ ޖަމާކުރާނެ ގޮތާއި، ފައިސާ ނެގުމުގައި އަމަލުކުރާނެ ގޮތް.

 

6 ވަނަ މާއްދާ - ހިލޭ އެހީގެ ފައިސާއާއި ލޯނުގެ ފައިސާއާ ގުޅޭ އެކައުންޓްތައް 

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި އާންމު އުސޫލުން ދައުލަތުގެ ފައިސާ ޖަމާކޮށްބަލަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް،ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށް އެ ފައިސާ ދޫކުރާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާނަމަ، ނުވަތަ އެނޫން ގޮތަކުން ވެސް އެ ފައިސާ ދޭ ފަރާތުން އެދިފައިވާނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޒަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެއެވެ.

 

7 ވަނަ މާއްދާ - ހިލޭ އެހީއާއި ލޯނުގެ އެހީގެ ދަށުން ބޭންކް އެކައުންޓް ހުޅުވުމާއި ބަންދުކުރުން 

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ބޭންކް އެކައުންޓް ހުޅުވުމަށް ހުއްދަ ދޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މިނިސްޓަރަށް އެކަމަށް އެދި ލިޔުމުން ހުށަހެޅުމުން މިނިސްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ބޭންކް އެކައުންޓް ހުޅުވުމަށް އެދި އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މިނިސްޓްރީއަށް ހުށަހަޅާއިރު، ތިރީގައިވާ ލިޔެކިޔުންތައް ފޮނުވަންވާނެއެވެ.

  1. ހިލޭ އެހީގެ ދަށުން ލިބޭ ފައިސާ ބެހެއްޓުމަށް ހުޅުވާ އެކައުންޓެއްނަމަ، ހިލޭ އެހީގެ އެއްބަސްވުން ނުވަތަ ލޯނުގެ ގޮތުގައި ލިބޭ ފައިސާ ބެހެއްޓުމަށް ހުޅުވާ އެކައުންޓެއްނަމަ، ލޯނު އެއްބަސްވުން؛
  2. މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކު މިނިސްޓްރީއަށް ފޮނުވުން.

(ނ) މި މާއްދާގެ ދަށުން ބޭންކް އެކައުންޓް ހުޅުވާ މަށްރޫއެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބޭންކް އެކައުންޓް ބަންދުކުރުމަށް މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - ހާއްސަ ހާލަތުގައި ހުޅުވާ އެކައުންޓުތަކުން ހަރަދުކުރުން 

މި އުސޫލުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުޅުވާ އެކައުންޓަކުން ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންވާނީ، އެ އެކައުންޓުގައި ފައިސާހުރި ވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީންނެވެ.


9 ވަަނަ މާއްދާ - ބޭންކް އެކައުންޓުތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލްކުރުން 

ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) ގެ 13.09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބޭންކް އެކައުންޓުތަކުގެ ހިސާބު ބަލަހައްޓައި ރިކޮންސައިލް ކުރަންވާނެއެވެ. މިގޮތުން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، ތިރީގައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް ވަކިން ބެލެހެއްޓުން.

(ށ) މަދުވެގެން މަހަކު އެއްފަހަރު އެކައުންޓު ރިކޮންސައިލްކޮށް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) އާ އެއްގޮތަށް އަމަލުކުރުން.

(ނ) ލިބުނު ފައިސާ ހަމަޔަށް ބޭންކަށް ޖަމާކޮށްފައިވާކަމާއި، ޖަމާކުރި ފައިސާއާއި ހަރަދުކުރި ފައިސާ ރަނގަޅަށް ހިސާބުތަކުގައި ހިމެނިފައިވާކަމުގެ ޔަގީންކަން ހޯދުން.

(ރ) ވޭތުވެދިޔަ މަހުގެ ރިކޮންސިލިއޭށަން ސްޓޭޓްމަންޓް ތައްޔާރުކޮށް، ތައްޔާރުކުރި ފަރާތާއި މާލީ ޒިންމާދާރު ވެރިޔާ ސޮއިކޮށް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުން.

(ބ) ދައުލަތުގެ ހުރިހާ އޮފީހަކުން ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) އާ އެއްގޮތަށް ޕަބްލިކް ބޭންކް އެކައުންޓުތަކުގެ ރިކޮންސިލިއޭށަންގެ މަސައްކަތް ކުރަމުން ގެންދަންވާނެއެވެ. މިގޮތުން މަހަކު އެއްފަހަރު އެކައުންޓު ރިކޮންސައިލްކުރަމުން ގެންދަންވާނެއެވެ. އަދި ކޮންމެ މާލީ 
އަހަރެއް ނިމުމުން، ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަކަށް ނިސްބަތްވާ ބޭންކް އެކައުންޓުތައް ރިކޮންސައިލް ކުރުމަށްފަހު، އެ އަހަރެއްގެ "ރިކޮންސިލިއޭށަން ސްޓޭޓްމަންޓް" ތައްޔާރުކޮށް، ޖެހިގެން އަންނަ މާލީ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވަންވާނެއެވެ.

 

10 ވަނަ މާއްދާ - ބޭންކް އެކައުންޓް ބަންދުކުރުން

(ހ) މި އުސޫލުގެ ދަށުން ބޭންކް އެކައުންޓު ބަންދުކުރުމަށް ހުއްދަ ދޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަމަށް އެދި ލިޔުމުން ހުށަހެޅުމުން، މިނިސްޓަރެވެ.

(ށ) ބޭންކް އެކައުންޓު ބަންދުކުރުމަށް އެދި ފޮނުވާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. ބަންދުކުރުމަށް ބޭނުންވާ ބޭންކް އެކައުންޓު ރިކޮންސައިލް ކުރުމަށްފަހު އެހައިތަނަށް ހިނގައިފައިވާ މުއްދަތުގެ "ރިކޮންސިލިއޭށަން ސްޓޭޓްމަންޓް" ފޮނުވުން؛
  2. މި އުސޫލުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ފޮނުއްވުން؛
  3. ބޭންކް އެކައުންޓު ނިސްބަތްވާ ދައުލަތުގެ އޮފީހުގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކު އެ އެކައުންޓް ބަންދުކޮށްދިނުމަށް އެދި ފޮނުވުން.

 

11 ވަނަ މާއްދާ - ހިދުމަތް ހުއްޓައިލުން

މި އުސޫލުގެ މަގުސަދު ހާސި ލުކުރުމުގައްޔާއި މި އުސޫލާ އެއްގޮތަށް އަމަލުކުރުމުގައި ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީހެއްގެ މުވައްޒަފަކު އިހުމާލުވާކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، އެ އޮފީހަކަށް ނުވަތަ އެ އޮފީހެއްގެ މުވައްޒަފަކާމެދު މި އުސޫލުގެ 12 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމާއެކު މައްސަލައިގެ ކުޑަބޮޑުމިނަށްބަލައި، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ މުއްދަތަށް ހިދުމަތް މެދުކަނޑައިލަން އެންގުމުގެ ބާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީހެއްގެ އެއްވެސް މުވައްޒަފަކު މި އުސޫލާ އެއްގޮތަށް އަމަލުކުރުމުގައި އިހުމާލުވެފައިވާކަމަށް ނުވަތަ މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތާ ހިލާފުވެފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލައި، އެފަދަ މައްސަލަތަކުގައި ޒިންމާވާންޖެހޭ ފަރާތަކާމެދު ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ މައްސަލައެއްގައި ޖިނާއީ ކުށެއް އެކުލެވޭނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް ޓަކައި ތަހުގީގީ އިދާރާއަކަށް އެ މައްސަލައެއް ފޮނުވޭނެއެވެ. އަދި މައްސަލަތައް ބެލުމުގެ އެންމެހައި އިދާރީ ކަންކަމާއި ފަންނީ ކަންކަން ބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ.

 

13 ވަނަ މާއްދާ - މާނަ ކުރުން

މި އުސޫލުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 52 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެގަވާއިދު) ގެ 02.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

14ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 3 މޭ 2016 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އުވުނީއެވެ.

 

އުވުނު އުސޫޅު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2016-00)

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު