-

މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމުގެ އުސޫލު 

(އުސޫލު ނަންބަރު 2024-28)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 ސެޕްޓެމްބަރު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) 25 ވަނަ މާއްދާއިން ބާރުލިބިގެން، "މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު" ހިންގައި ބެލެހެއްޓުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވ ގޮތާއި، ފަންޑު ހިންގުމުގައި އަމަލުކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކުރުމެވެ. 

 

3 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭނެ ފައިސާގެ ބާވަތްތައް 

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑަށް ޖަމާކުރާނީ، އަންނަނިވި ފައިސާއެވެ.

(ހ) ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން، ކޮރަޕްށަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ގޮތުން އެހީގެ ގޮތުގައި ލިބޭ ފައިސާ.

(ށ) މޯލްޑިވްސް ނޭށަނަލް އެންޓި - ކޮރަޕްށަން އެކަޑަމީން ހިންގާ ކޯސްތަކުގެ އިދާރީ ފީ އާއި، ކޯސް ފީން ލިބޭ ފައިސާ.

(ނ) ކޮމިށަނުގެ ކޮންފަރެންސް ހޯލާއި، އެ ހޯލާ ގުޅިފައިވާ ވަސީލަތްތައް ކުއްޔަށް ދޫކޮށްގެން ހޯދާ ފައިސާ.

(ރ) ކޮމިށަނުގެ އެންގުންތަކާ ހިލާފުވެގެން ނަގާ ފައިސާ.

(ބ) ކޮމިށަނަށް ލިބޭ ސްޕޮންސަރށިޕްތަކުގެ ދަށުން މުވައްޒަފުންނަށް ދެވޭ ތަމްރީނުގެ ފުރުސަތުތަކާ ގުޅިގެން ކުރެވޭ ބޮންޑާ ހިލާފުވެގެން މުވައްޒަފުން ދައްކަންޖެހޭ ފައިސާ.

(ޅ) ކުށްކުރުމަށް ބޭނުންކުރާ ފައިސާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދޭ ފައިސާއާއި އެއިން ހޯދާ މަންފާ.

(ކ) ކުށްކޮށްގެން ހޯދާ ފައިސާއާއި އެއިން ހޯދާ މަންފާއިން ލިބޭ ފައިސާ.

(އ) ކުށްކޮށްގެން ހޯދާ މުދަލާއި، އެ މުދަލުން ހޯދާ މަންފާ.

(ވ) ކުށްކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާ.

(މ) މި މާއްދާގެ (ޅ) އިން ފެށިގެން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ދައުލަތަށް ލިބޭ ފައިސާގެ ތެރެއިން މި ފަންޑަށް ޖަމާކުރެވޭނީ، މާލީ ވުޒާރާއާއި ކޮމިށަނުން އެއްބަސްވާ މިންވަރެކެވެ.

 

4 ވަނަ މާއްދާ - ޓްރަސްޓް ފަންޑާ ގުޅިގެން ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކުރުން 

މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑާ ގުޅިގެން ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކުރާނީ ތިރީގައި ބަޔާންކޮށްފައިމިވާ ގޮތްތަކުގެ މަތީންނެވެ.

(ހ) މި ފަންޑުގެ ދަށުން ޖަމާކުރެވޭ ފައިސާއިން އެއްވެސް މުއާމަލާތެއް ކުރެވޭނީ،ޓްރަސްޓް ފަންޑު ހިންގުމަށް އެކުލަވައިލާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) މި އުސޫލުގެ ދަށުން މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރާނީ، ބަނޑޭރި ޕޭ މެދުވެރިކޮށް، T-ACC ކޮސްޓް ސެންޓަރ C12458888 އާއި ބިޒްނަސް އޭރިއާ 1245 އަށެވެ.

(ނ) މި ފަންޑުގެ ދަށުން ޖަމާކުރެވޭ ފައިސ،ާ މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ހަރަދުކުރުމަށް މި ފަންޑު ހިންގާ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތަށް ފަންޑުން ފައިސާ ހަރަދުކުރުމަށް މާލީ ވުޒާރާއަށް، އެ ވުޒާރާގެ ޕޭމަންޓް ވައުޗަރ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - ޓްރަސްޓް ފަންޑުގައިވާ ފައިސާއިން ހަރަދުކުރެވޭނެ ކަންކަން

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށެވެ.

(ހ) ކޮރަޕްށަނުގެ އަމަލުތަކުން ލިބޭ ގެއްލުމާއި އެ އަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުވައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގަންޖެހޭ ހަރަކާތްތައް ހިންގުމަށާއި، ކޮރަޕްށަނުގެ އަމަލުތައް ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް.

(ށ) އެންޓި-ކޮރަޕްށަން އެޖެންސީތަކާ ގުޅުން ބަދަހިކުރުމަށާއި، އެފަދަ އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތަކަށް.

(ނ) ކޮރަޕްށަނުގެ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓިގޭށަން ދާއިރާއިން ފަންނީ އެހީތެރިކަމާއި ޓެކްނިކަލް އެހީތެރިކަން ހޯދުމަށް.

(ރ) މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރު އިތުރުކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމްތަކާއި ވޯކްށޮޕްތައް ހިންގައި، އެފަދަ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުވުމަށް.

(ބ) އެންޓި-ކޮރަޕްށަނާ ގުޅޭ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމާއި، އިންފޮމޭށަން ޓެކްނޮލޮޖީގެ ގޮތުން ހޯދަންޖެހޭ އާލާތްތައް ހޯދުމާއި، މި ދާއިރާ ކުރިއެރުވުމަށް ހޯދަންޖެހޭ ތަކެއްޗާއި ހިދުމަތް ހޯދުމަށް.

 

6 ވަނަ މާއްދާ - ޓްރަސްޓް ފަންޑު ހިންގާ ކޮމެޓީ

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމުގެ ޒިންމާ އުފުލާނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވޭ ކޮމެޓީ އަކުންނެވެ.

(ހ) ކޮމިށަނުން އައްޔަނުކުރާ ކޮމިށަނުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން.

(ށ) ކޮމިށަނުގެ ސެކްރެޓަރ ޖެނެރަލް.

(ނ) ކޮމިށަނުގެ ކޯޕަރޭޓިވް ސަރވިސް ޑިޕާޓްމަންޓުގެ އިސްވެރިޔާ.

(ރ) ކޮމިށަނުގެ ފައިނޭންސް ސެކްށަނުގެ އިސްވެރިޔާ.

(ބ) ކޮމިށަނުގެ ލީގަލް ޑިޕާޓްމަންޓުގެ އިސްވެރިޔާ.

(ޅ) ކޮމިށަނުގެ މެންބަރުންގެ ބިއުރޯގެ އިސްވެރިޔާ.

(ކ) މާލީ ވުޒާރާއިން އައްޔަނުކުރާ އެ ވުޒާރާގެ މުވައްޒަފެއް.

 

7 ވަނަ މާއްދާ - ފަންޑު ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމުގެ ޒިންމާ އަދާކުރުމަށް ޓަކައި އަންނަނިވި ބާރުތައް ކޮމެޓީ އަށް ލިބިގެންވެއެވެ.

(ހ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު އަމަލީ ގޮތުން ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލަވައިލުން.

(ށ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ނ) މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑުން ހަރަދުކުރުމާމެދު ގޮތެއް ކަނޑައެޅުން.

(ރ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ދިރުވައި ދިގުމުއްދަތަކަށް 
ދެމެހެއްޓުމަށް ޓަކައި ގޮތްތައް ރާވައި އެފަދަ ކަންކަން ކުރުން.

(ބ) ކޮންމެ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ފާއިތުވި މަހުގެ ނިޔަލަށް ފަންޑުގައި ހުރި ފައިސާއާއި އެ މަހެއްގައި ކުރެވުނު ހަރަދުތަކުގެ އަދަދު އެނގޭނެހެން ހަރަދު ރިޕޯޓް ތައްޔާރުކޮށް އާންމުކުރުން.

(ޅ) މާލީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފަންޑުގެ އަހަރީރިޕޯޓާއި އަހަރީ ހިސާބު ފާސްކޮށް ށާއިއުކުރުމަށް ސެކްރެޓޭރިއޭޓަށް ފޮނުވުން.

(ކ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑާ ގުޅިގެން ހަދަންޖެހޭ އުސޫލުތައް ހެދުމާއި، އިސްލާހުކުރުން.

(އ) ކޮމިޓީގެ މަސައްކަތްތަކުގައި އިތުރު ފަރާތްތަކުން ލަފާ ހޯދަންޖެހޭ ހާލަތްތަކުގައި ކޮމިޓީން ކަނޑައަޅާ ފަރާތްތަކެއްގެ އެހީތެރިކަން ހޯދުން.

(ވ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ބަންދުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ފެނިއްޖެ ނަމަ، މާލީ ވުޒާރާއަށް އެކަން ހުށަހެޅުން.

(މ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

8 ވަނަ މާއްދާ - ކޮމެޓީ މެންބަރުންގެ މުއްދަތު

މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީގެ މެންބަރުންގެ މުއްދަތަކީ، އެ މެންބަރަކު ކޮމެޓީ އަށް އައްޔަނުކުރާ ތާރީހުުން ފެށިގެން މީލާދީ 2 (ދޭއް) އަހަރެވެ.

 

9 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ޒިންމާތައް

މި އުސޫލުގެ ދަށުން މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމަށް އެކުލަވައިލައިފައިވާ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި މިވަނީ އެވެ.

(ހ) ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ކޮމިޓީން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

10 ވަނަ މާއްދާ - ކޮމެޓީ މެންބަރުންގެ މަގާމު ހުސްވުން 

(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

  1. ކޮމިޓީގެ މެންބަރުކަމުގެ ދައުރު ހަމަވުން.
  2. ކޮމިޓީގެ މެންބަރުކަމުގައި ހުއްޓައި އެ މެންބަރަކު މަރުވުން.
  3. އެ މެންބަރަކު އައްޔަނުކުރި ފަރާތުން އެ މެންބަރަކު ކޮމިޓީން ވަކިކުރުން.
  4. އެ މެންބަރަކު އައްޔަނުކުރިއިރު އަދާކުރަމުންދިޔަ އޮފީހުގެ ވަޒީފާއިން ވަކިވުން ނުވަތަ ވަކިކުރުން.
  5. ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދިނުން.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން މެންބަރެއްގެ މަގާމު ހުސްވާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި އައު މެންބަރަކު ކޮމެޓީ އަށް އައްޔަނުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކޮމިޓީގެ ރިޔާސަތު

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމަށް ޓަކައި އުފައްދައިފައިވާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ޗެއަރޕާރސަނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ޗެއަރ ޕާރސަނަކަށް އައްޔަނުކުރަންވާނީ، ކޮމެޓީގައި ހިމެނޭ ކޮމިށަނުގެ މެންބަރުންގެ ތެރެއިން އެންމެ ސީނިއަރ މެންބަރެކެވެ.

(ނ) ކޮމިޓީގެ ބައްދަލުވުމުގައި ޗެއަރޕާސަނަށް ބައިވެރިނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ޗެއަރޕާސަން ކަނޑައަޅާ ކޮމިށަނުގެ މެންބަރެކެވެ.

 

12 ވަނަ މާއްދާ - ކޮމިޓީގެ ޗެއަރޕާސަންގެ ޒިންމާތައް 

ކޮމިށަނުގެ ޗެއަރޕާސަންގެ ޒިންމާތައް، ތިރީގައި މިވަނީ އެވެ. ކޮމިޓީގެ ޗެއަރޕާސަންކަމާ ވަގުތ ގޮތުން ހަވާލުވާ ފަރާތްތަކުން ވެސް މި ޒިންމާތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރާންވާނެއެވެ.

(ހ) ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.

(ށ) ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅައި، އެކަން ސެކްރެޓޭރިއޭޓާ ހިއްސާކުރުމާއި، މެންބަރުންނާ އެޖެންޑާ ހިއްސާކޮށްފައިވާކަން ސެކްރެޓޭރިއެޓުން ކަށަވަރުކުރުން.

(ނ) ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ރ) ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމާއި، އެ ކަންކަމަށް ޖަވާބުދާރ ވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރ ވުން.

(ބ) މަތ ގައިވާ ކަންކަމުގެ އިތުރުން ވެސް ކޮމިޓީން ނުވަތަ މި އުސޫލުގެ ދަށުން ޗެއަރޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި ކަންކަން ނުވަތަ ދީފަައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.

 

13 ވަނަ މާއްދާ - ކޮމިޓީމެންބަރުންގެ ސުލޫކ މިންގަނޑު 

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމަށް ޓަކައި އުފައްދައިފައިވާ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ސުލޫކ މިންގަނޑު ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.

(ހ) އާންމު މަސްލަހަތު ހިފެހެއްޓުމާއެކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރުން.

(ށ) ޒިންމާދާރުގޮތެއްގައި ފަރުވާތެރިކަމާއެކު، އެ މަސައްކަތެއް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) މަގާމުގެ ނުފޫޒު ބޭނުންނުކުރުމާއި، މަގާމުގެ ސަބަބުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދުން ނުވަތަ ހޯދައިދިނުމަށް މަސައްކަތް ނުކުރުން.

(ރ) ނިންމުމެއް ނިންމުމުގައި އެއްވެސް ފަރާތެއްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް އަދި ބާރެއް ފޯރުވައިގެން ކަމެއް ކުރުވުމަށް މަސައްކަތް ނުކުރުން. މި މާއްދާގެ މަގުސަދަށް ޓަކައި ކޮމިޓީގެ ބައްދަލުވުމެއްގައި ވަކިވަކި މެންބަރުން އެ މެންބަރެއްގެ ހިޔާލު އެ މެންބަރަކަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ފަހުމުކޮށްދިނުމަށް ޓަކައި ވަކާލާތުކުރާ ކުރުމެއް ނުހިމެނޭނެއެވެ.

(ބ) ކޮމިޓީގެ މެންބަރަކު އެ މީހެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ކުރިމަތިވެދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމާއި، އެފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެކަމުގެ މައުލޫމާތު ކޮމިޓީއަށް ހާމަކޮށް، އެ ކަމަކުން އެއްކިބާވުން.

(ޅ) ކޮރަޕްށަނުގެ އަމަލެއް ނުހިންގުމާއި، އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ކަމެއް ނުކުރުމާއި، މަގާމުގެ މަސްއޫލިއްޔަތުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމާއި، މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވަން މަސައްކަތް ނުކުރުމާއި، މަސައްކަތަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުވަތަ އަމަލެއް ނުކުރުން.

 

14 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް 

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމަށް ޓަކައި އުފައްދައިފައިވާ ކޮމިޓީގެ ބައްދަލުވުމެއް، މަދުވެގެން އަހަރަކު 3 (ތިނެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސ،ް ވަކި ކަމަކާ ގުޅިގެން ޗެއަރ ޕާސަނަށް ފެނިއްޖެ ހާލަތެއްގައި ނުވަތަ ކޮމިށަނުން ހުށަހަޅާ ކަމަކާ ގުޅިގެން ނުވަތަ މެންބަރަކު އެދިއްޖެ ހާލަތެއްގައި އިތުރު ބައްދަލުވުންތައް ވެސް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ އެ ނޫން ވެސް ހާލަތެއް މެދުވެރިވެގެން އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައިގެން ކޮމެޓީ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކޮމިޓީގެ ޗެއަރޕާސަނަށް ލިބިގެންވެއެވެ.

(ރ) ކޮމިޓީއަށް އެޖެންޑާކުރެވޭ އެއްވެސް ކަމެއްގައި މަށްވަރާއެއް ކުރަންވާނ ނުވަތަ ކަމަކާ ގުޅިގެން ނިންމުމެއް ނިންމަންވާނ ސެކްރެޓޭރިއެޓްގެ ހާޒިރުގައެވެ. އަދި ސެކްރެޓޭރިއެޓް ހާޒިރުގައި ނެތި ކުރެވޭ ކޮންމެ މަށްވަރާއެއް ނުވަތަ ނިންމާ ކޮންމެ ނިންމުމެއް ބާތިލުވާނެއެވެ. އަދި މި ފަދައިން މަށްވަރާކުރެވޭ ކަމެއް ނުވަތަ ނިންމުމެއް އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައި ހިމަނައިގެން ނުވާނެއެވެ.

(ބ) ކޮމިޓީގެ ބައްދަލުވުމެއްގައި މަށްވަރާކުރެވެމުންދާ ކަމަކާ ގުޅޭގޮތުން އިތުރު ފަރާތްތަކުން ލަފާ ހޯދަންޖެހޭ ހާލަތްތަކުގައި، ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އެފަދަ ފަރާތެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސ،ް ލަފާ ދިނުމުގެ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކޮމިޓީގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވޭނެއެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެ ގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ ހަމައެކަނި އެ ކަމެއްގެ މަށްވަރާކުރާ ވަގުތުގައި އެކަމަކަށް އެކަންޏެވެ.

 

15 ވަނަ މާއްދާ - ކޮމެޓީ ބައްދަލުވުންތަކުގެ ކޯރަމް

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. 

(ށ) ކޮމިޓީގެ ބައްދަލުވުމެއް ފަށަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހާޒިރުވުމުންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި، އެ އަދަދަށް ވުރެ މެންބަރުން މަދުވެއްޖެ ނަމަ، އެ ބައްދަލުވުން މެދުކަނޑައިލަން ވާނެއެވެ.

(ނ) ކޮމިޓީގެ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ އައިޓަމަކާ ގުޅިގެން މެންބަރަކު އެ މެންބަރެއްގެ އަމިއްލަ މަސްހަތާ ގުޅިފައިވާ ކަމެއް ހާމަކޮށްފި ނަމަ، އެ ކަމަކަށް ކޯރަމް ހަމަކުރަންވާނ އެ މެންބަރަކު ނުހިމަނައެވެ.

(ރ) ކޮމެޓީ އަށް އެއްވެސް ކަމެއް ނިންމޭނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެވެ. އަދި އެއްވެސް ހާލަތެއްގައި ވޯޓުގެ އަދަދު އެއްވަރުވެއްޖެ ނަމަ، ވޯޓުގެ އަޣްލަބިއްޔަތު ކަނޑައަޅާނ ޗެއަރޕާސަންގެ ވޯޓަކުންނެވެ.

 

16 ވަނަ މާއްދާ - ބައްދަލުވުމަށް މެންބަރުން ހާޒިރު ނުވުން

(ހ) ކޮމިޓީގެ ބައްދަލުވުން ފެށުމަށް ކަނޑައެޅިފައިވާ ގަޑިއަށް ބައްދަލުވުން ބޭއްވުމަށް ބޭއްނުންވާ އަދަދަށް މެންބަރުން ހާޒިރުނުވެއްޖެ ނަމަ، އިތުރު 15 (ފަނަރަ) މިނިޓު ބެލުމަށްފަހު، ޗެއަރޕާސަން ކަނޑައަޅާ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރެވިދާނެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު އެއްވެސް ސަބަބަކާހެދި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުނުވެވޭ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކޮމިޓީގެ ޗެއަރޕާސަނަށް ނުވަތަ ކޮމިޓީގެ ސެކްރެޓޭރިއެޓަށް އެކަން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން 

ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެންޓި -ކޮރަޕްށަން ކޮމިށަނުގެ ފައިނޭންސް ސެކްށަނުންނެވެ.

 

18 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއަޓުގެޒިންމާތައް

މި އުސޫލުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމަށް ޓަކައި އުފައްދައިފައިވާ ކޮމިޓީގެ ސެކްރެޓޭރިއަޓުގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީ އެވެ.

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާ ވަގުތުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ކޮމިޓީގެ މެންބަރުންނަށް އެކަން އެންގުން.

(ށ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާ ވަގުތުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން އެ ބައްދަލުވުމަކާ ގުޅޭ ލިޔެކިޔުންތައް، ކޮމިޓީގެ ހުރިހާ މެންބަރުންނާ ހިއްސާކުރުން.

(ނ) ބައްދަލުވުން ބާއްވާ ތަން ތައްޔާރުކުރުން.

(ރ) ބައްދަލުވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ބަލައި، ކަށަވަރުކުރުން.

(ބ) ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ޔައުމިއްޔާ ފާސްކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ޅ) ކޮމިޓީގެ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

(ކ) ކޮމިޓީން ފާސްކުރާ ކަންތައްތަކާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.

(އ) މީލާދީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓާއި ފައިނޭންށިއަލް ސްޓޭޓްމަންޓް ރިޕޯޓު ތައްޔާރުކޮށް ކޮމިޓީއާ ހިއްސާކުރުން.

(ވ) ކޮމެޓީން ފާސްކުރާ އަހަރީ ރިޕޯޓާއި ފައިނޭންށިއަލް ސްޓޭޓްމަންޓް ރިޕޯޓު،ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތީން އާންމުކޮށް ށާއިއުކުރުން.

(މ) ކޮމިޓީގެ ލިޔެކިޔުންތައް ބަލަން ބޭނުންވާ ފަރާތްތަކަށް، ހަމަޖެހިފައިވާ ގޮތުގެ މަތީން ބެލޭނެ އިންތިޒާމު ފަހިކޮށްދިނުން.

(ފ) ކޮންމެ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން، ފާއިތުވި މަހުގެ ނިޔަލަށް ފަންޑުގައި ހުރި ފައިސާއާއި އެ މަހެއްގައި ކުރެވުނު ހަރަދުތަކުގެ އަދަދު އެނގޭނޭހެން ހަރަދު ރިޕޯޓު ތައްޔާރުކޮށް ކޮމެޓީ އަށް ފޮނުވުން. 

 

19 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓު ބަންދުކުރުން 

(ހ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ބަންދުކުރާނީ، ފަންޑު ބަންދުކުރުމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ކޮމެޓީން މާލީ ވުޒާރާއަށް ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ފަންޑު ބަންދުކުރުމަށް މާލީ ވަޒީރު ނިންމާ ތާރީހުުން ފެށިގެންނެވެ. ނުވަތަ 

(ށ) ފަންޑު އުފެއްދި މަގުސަދު ފުރިހަމަނުވާކަމަށް މާލީ ވަޒީރަށް ފެނިއްޖެ ނަމަ، ފަންޑު ބަންދުކުރުމަށް މާލީ ވަޒީރު އަންގާ ތާރީހުުން ފެށިގެންނެވެ.

(ނ) މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ބަންދުކުރާއިރ،ު ފަންޑުގައި ބާކީއެއްވެސް ފައިސާއެއް ހުރި ނަމަ، ފަންޑު ހިންގުމުގެ ޒިންމާ އުފުލުމަށް އެކުލަވައިލައިފައިވާ ކޮމެޓީން އެ ފައިސާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަކަށް ޖަމާކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން

މި އުސޫލަށް ބަދަލުގެނެވޭނީ، އެ ބަދަލަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަށްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އަޣްލަބިއްޔަތުން އެ އިސްލާހު ފާސްވުމުންނެވެ.

 

21 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

މި އުސޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަކާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ކޮމިށަނުގެ މެންބަރުންގެ ލަފާގެ މަތީން، ކޮމިޓީންނެވެ. 

 

22 ވަނަ މާއްދާ - ކޮމެޓީ އެލަވަންސް 

މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑު ހިންގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮމެޓީ އަށް އައްޔަނުކޮށްފައިވާ މެންބަރުން، އެ މެންބަރުން ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމުގެ މައްޗަށް އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފަައިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފަައިވާ މާނަކުރުމެވެ.

(ހ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް އެންޓި-ކޮރަޕްށަން ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއަށެވެ.

(ށ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، އެންޓި-ކޮރަޕްށަން ކޮމިށަނަށެވެ.

(ނ) "މާލީ ވުޒާރާ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "މާލީ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

24 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ފަންޑު ހިންގާ ކޮމިޓީން މި އުސޫލު ފާސްކޮށް،  ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު