-

ފުލުހުންގެ ހިދުމަތުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-34) 

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 236 ވަނަ މާއްދާއާއި 244 ވަނަ މާއްދާގައި ބަޔާންކުރާ ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" އެވެ.

 
2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން؛

(ށ) ގާނޫނުއަސާސީގެ 236 ވަނަ މާއްދާއިން ފެށިގެން 242 ވަނަ މާއްދާއާ ހަމައަށް އަދި 244 ވަނަ މާއްދާއިން ފެށިގެން 246 ވަނަ މާއްދާއާ ދެމެދުގައިވާ މާއްދާތަކުގައި ސަލާމަތީ ހިދުމަތްތަކާ ގުޅޭގޮތުން ބަޔާންކުރާ ކަންކަމުގެ ތެރެއިން ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކަންކަމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލުން؛

(ނ) ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއް ގާއިމުކުރުން؛

(ރ) ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުން؛

(ބ) އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ލިބިދިނުން؛

(ޅ) ފުލުހުންގެ ހިދުމަތުގެ މައިގަނޑު އަސާސްތައް ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން؛

(ކ) ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެށަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުން؛

(އ) ފުލުހުންގެ ހިދުމަތުގެ އަމާޒާއި، މަގްސަދާއި، މަސްއޫލިއްޔަތާއި، ހިދުމަތާއި، ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުން؛

(ވ) ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން؛

(މ) ދިވެހި ފުލުހުންގެ ހިދުމަތަކީ ޒިންމާދާރު، ޖަވާބުދާރީކުރުވަނިވި ހިދުމަތަކަށް ހެދުން؛ އަދި

(ފ) ބުނެވިދިޔަ ކަންކަން ކުރުންމަތީ ދެމިތިބުމަށް އެކަށޭނަ މިންވަރަށް، ގާނޫނީ ރައްކާތެރިކަމާއި ގާނޫނީ ބާރާއި ގާނޫނީ ހައިސިއްޔަތު އަދި ބޭނުންވާ ވަސީލަތްތައް ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުން.

 

ދެވަނަ ބާބު

ފުލުހުން އިންތިޒާމުވެގެންވާ ގޮތް

 

3 ވަނަ މާއްދާ - ދިވެހި ފުލުހުންގެ ހިދުމަތް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއައްސަސާ އުފެދުމާއެކު "މޯލްޑިވްސް ޕޮލިސް ސަރވިސް" ގެ އެންމެހައި ގާނޫނީ ޒިންމާތަކާއި، މުވައްޒަފުންނާއި، އިލްތިޒާމުތަކާއި، މުދަލާއި ވަސީލަތްތަކާއި، އިމްތިޔާޒުތައް މި ގާނޫނުގައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން އުފެދުނު ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުވީއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް މި ގާނޫނުގެ ދަށުން އެކުލަވާލާ ޕޮލިސް ބޯޑު އައްޔަންކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިށަންޑް އޮފިސަރުންގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިށަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްށަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިށަނަކަށް ރިޕޯޓު ކުރެވިފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެއެވެ. މި މާއްދާގެ ދަށުން އިސްވެ ބަޔާންކޮށްފައިވާ ރޭންކުތަކުގެ އޮފިސަރުންނާމެދު ނިންމާ ގޮތް ތަންފީޒުކުރެވެންދެން މި ގާނޫނަށް އަމަލުކުރަން ފަށާއިރު އެ މަގާމުތަކުގައި ތިބި އޮފިސަރުން އެމީހުންގެ މަގާމުތަކުގައި ދެމިތިބޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ގޮތެއް ނިންމުމުގައި އެމީހެއްގެ ތައުލީމީ ފެންވަރާއި އެމީހަކު ފުލުހުންގެ ތެރޭގައި އަދާކުރަމުންދާ ދައުރާއި، އެމީހަކު ކޮށްފައިވާ ހިދުމަތާއި، ސުލޫކާއި، އެމީހެއްގެ މަސައްކަތުގެ އަހްލާގާއި އެމީހަކާމެދު ކުރެވިފައިވާ ތުހުމަތުގެ ތަބީއަތާއި، އެ މައްސަލައަކާ ގުޅޭގޮތުން ލިބެންހުރި ހެއްކާއި ގަރީނާއަށް ޕޮލިސް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ނިންމުން ނިންމުމުގައި ޕޮލިސް ބޯޑުން ކޮންމެ އޮފިސަރަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ މައުލޫމާތު ހޯދުމަށް ޕޮލިސް ބޯޑުން އެދިއްޖެނަމަ ފުލުހުންގެ އިދާރާއިންނާއި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އޮފިސަރުން މި މައުލޫމާތުތައް އެ ބޯޑަށް ދޭންވާނެއެވެ. އަދި ވަކި މައުލޫމާތެއް ދިނުމަށް އެއްވެސް ފަރާތަކުން އުޒުރުވެރިވެއްޖެނަމަ އެކަން ޕޮލިސް ބޯޑުން ފާހަގަކުރަންވާނެއެވެ.

  1. ހިދުމަތްކުރި މުއްދަތު؛
  2. މަގާމުގެ ކުރިއެރުން ލިބިފައިހުރި ގޮތުގެ ރެކޯޑު؛
  3. އެމީހަކާ ގުޅޭގޮތުން ހުށަހެޅިފައިހުރި އަދި ތުހުމަތުކުރެވޭ ށަކުވާގެ ބާވަތާއި އަދަދު؛
  4. ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްށަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިށަނަކަށް ރިޕޯޓު ކުރެވިފައިވާނަމަ އެ މައްސަލައެއް؛
  5. އިދާރީ ނުވަތަ އަހްލާގީ ނުވަތަ ނަޒާހަތްތެރިކަމާ ގުޅޭ މައްސަލައަކާ ގުޅިގެން ފިޔަވަޅު އަޅާފައިވާނަމަ އެކަން؛
  6. އިދާރީ ނުވަތަ އަހްލާގީ ނުވަތަ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހުށަހެޅިފައިވާ ނުވަތަ ފާހަގަކުރެވޭ ކަންކަން؛
  7. ފުލުހުންގެ ވަޒީފާއިން ލިބޭ އާމްދަނީގެ އިތުރުން، އެހެން އާމްދަނީއެއް ލިބޭނަމަ ލިބޭ އާމްދަނީގެ މިންވަރާއި ތަފްސީލު؛
  8. ހޯދާފައިވާ އާދަޔާ ހިލާފު ކާމިޔާބީތައް؛
  9. ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ އާމްދަނީއާއި އަރަންޏާއި ދަރަނި އެނގޭނެ މާލީ ބަޔާން؛
  10. އެ ފުލުހެއްގެ އަދި އަނބި، ފިރި އަދި ދަރިންގެ މާލީ ބަޔާނުން ފާހަގަކުރެވޭކަމެއް ވާނަމަ އެކަން؛
  11. މިކަންކަމުގެ މައްޗަށް ބިނާކޮށް އޮފިސަރު މަގާމުގައި ދެމެހެއްޓުމާމެދު ޕޮލިސް ބޯޑުން ދެކޭގޮތް.

(ޅ) މި މާއްދާގެ ދަށުން އޮފިސަރަކު މަގާމުގައި ނުބެހެއްޓުމަށް ޕޮލިސް ބޯޑުން ނިންމަންވާނީ އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަބީއަތާއި ބާވަތަށް ބަލައި އެ މައްސަލައެއްގައި ކުރެވޭ ތުހުމަތު މަދަނީ މިންގަނޑުން ބަލާއިރު ޕޮލިސް ބޯޑަށް އެކަށީގެންވާ މިންވަރަށް ފެނުން ނުވަތަ އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގާބިލުކަން ނެތް ފަރާތެއްކަމަށް ގަބޫލުކުރެވުމުންނެވެ.

(ކ) މި މާއްދާގެ ދަށުން ޕޮލިސް ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ޕޮލިސް ބޯޑުން ފޮނުވަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.

 

4 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތައް

ދިވެހި ފުލުހުންގެ ހިދުމަތް އިންތިޒާމުވެގެންވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ސިފަތައް ހިމެނިގެންނެވެ.

(ހ) ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި؛

(ށ) މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި؛

(ނ) އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، މުޅި ދިވެހިރާއްޖެއަށް ހިދުމަތް ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި؛

(ރ) ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ މަދަނީ ހިދުމަތެއްގެ ގޮތުގައި؛

(ބ) މުޖުތަމައުގެ އެންމެހައި ފަރާތްތަކާ ގާތުން ގުޅިގެން ތަންފީޒުކުރެވޭ ހިދުމަތެއްގެ ގޮތުގައި؛

(ޅ) މުޖުތަމައުގައި ކުށްކުރުން މަދުކޮށް އަމާން ވެއްޓެއް ގާއިމުކުރުމަށް އިސްވެ މަސައްކަތްކުރާ ހިދުމަތެއްގެ ގޮތުގައި؛

(ކ) މަތިންތިރިއަށް ތަރުތީބުކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ބިނާކޮށް ހިންގާ، ފުލުހުންނާއި ފުލުހުން ނޫން މުވައްޒަފުންވެސް މަސައްކަތްކުރާ ގާނޫނު ތަންފީޒުކުރާ ހިދުމަތެއްގެ ގޮތުގައި.

 

5 ވަނަ މާއްދާ - ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑު

(ހ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކޮށް، މި ގާނޫނުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމަށްޓަކައި ބޭނުންވާ އިދާރީ އެންމެހައި ކަންކަން ހަމަޖެއްސުމުގެ ބާރާއި އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ. މިގޮތުން އެވަގުތަކަށް ބޭނުންވާ މިންވަރަށް ވަކިވަކި މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑުގެ ބަހާތަކުގައި ހިމެނިދާނެއެވެ.

(ށ) ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑު ވާންވާނީ ފުލުހުންގެ ހިދުމަތް މުޅި ދިވެހިރާއްޖެއަށް ލިބުމަށް މަގުފަހިވެފައިވާ އޮނިގަނޑަކަށެވެ.

(ނ) މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިދާރީ ކޮންމެ ބަހާއެއްގައިވެސް   އެ ބަހާއެއްގެ އިދާރީ ދާއިރާގައި ހިމެނޭ މައިމަރުކަޒުގައި ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައި އައްޔަންކުރާ އޮފިސަރަކު ގާއިމުވެ ހުންނަންވާނެއެވެ.

(ރ) ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑުގެ ބައިތައް ކަނޑައަޅަންވާނީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.

  1. އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި ދާހިލީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް؛
  2. ތަހްގީގާގުޅޭ އެންމެހައި ކަންކަން ކުރުމަށް؛
  3. ތަހްގީގުކުރުމަށް ބޭނުންވާ އެންމެހައި ތަހްލީލު ކުރުމަށް؛
  4. މުޖުތަމައުގައި ކުށްކުރުން މަދުކޮށް އަމާން ވެއްޓެއް ގާއިމުކުރުމަށް؛
  5. އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް؛
  6. އިދާރީގޮތުން ލާމަރުކަޒީކޮށް ހިދުމަތްދިނުމަށް؛
  7. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި ބައިތިއްބާ މީހުން ތިބޭ ތަންތަން ބެލެހެއްޓުމަށް؛
  8. ކަނޑުމަތީގެ ފުލުހުންގެ މަސައްކަތްތަކަށް؛
  9. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް؛
  10. ފުލުހުންގެ ހިދުމަތާގުޅޭ ތައުލީމާއި ތަމްރީނުދިނުމަށް؛
  11. ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާގުޅޭ ބައިތަކާއި އިދާރީ މަސައްކަތްތައްކުރުމަށް؛
  12. ކުރިމަގު ރާވައި ޕްލޭންކޮށްގެން ކުރަންޖެހޭ ކަންކަން ކުރުމަށް؛ އަދި
  13. މުވައްޒަފުންނާގުޅޭ ކަންކަން ކުރުމަށް.

 

6 ވަނަ މާއްދާ - ލާމަރުކަޒީކޮށް ހިދުމަތް ދިނުން

(ހ) ލާމަރުކަޒީކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާންވާނީ، މާލެ ނުހިމެނޭގޮތުން މުޅި ދިވެހިރާއްޖެއަށް ބެހިފައިވާ، މަދުވެގެން 5 (ފަހެއް) ސަރަހައްދުގެ މައްޗަށެވެ. މި މާއްދާގެ ދަށުން އުފައްދާ ކޮންމެ ސަރަހައްދެއް ހިންގާނީ އެ ސަރަހައްދެއް ހިންގުމަށް ކަނޑައަޅާ ރީޖަނަލް ކޮމާންޑުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށް ކަނޑައަޅާނެ ސަރަހައްދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތިން ވަޒީރު ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ވަޒީރު ކަނޑައަޅާ ސަރަހައްދުތަކުގައި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓަށް ރިއާޔަތްކޮށް ދޭނެ ހިދުމަތްތަކާއި އެ ހިދުމަތްތައް ދޭނެ އަތޮޅުތަކާއި، ސިޓީތަކާއި، ރަށްތަކާއި އެތަންތަނުން ދޭނެ ހިދުމަތްތައް ކަނޑައަޅައި ކޮމިށަނަރ އޮފް ޕޮލިސް އާންމުކުރަންވާނެއެވެ. އެފަދައިން ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމުތައް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅަންވާނީ، އެ ސަރަހައްދުތަކުގައި ގާއިމުކުރެވޭ، އަންނަނިވި ދަރަޖަތަކުގެ މަރުކަޒުތަކުގެ ތެރެއިން އެ ސަރަހައްދަކަށް ބޭނުންވާ މަރުކަޒުތައް މެދުވެރިކޮށް ފުލުހުންގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ގޮތެއްގެމަތިންނެވެ.

  1. އަތޮޅު ޕޮލިސް ސްޓޭށަން؛
  2. ސިޓީ ޕޮލިސް ސްޓޭށަން؛
  3. ރަށު ޕޮލިސް ސްޓޭށަން؛
  4. ޕޮލިސް ޕޯސްޓް؛ އަދި
  5. ޕޮލިސް ޑެސްކް.

(ރ) މި މާއްދާގެ ދަށުން އުފައްދާ ސަރަހައްދެއްގައި ގާއިމުކުރެވޭ މަރުކަޒަށް ހުށަހެޅޭ ށަކުވާ ނުވަތަ މައްސަލައަކީ އެހެން ސަރަހައްދެއްގައި ހިނގި ކުށުގެ އަމަލަކާ ގުޅޭ މައްސަލައެއް ކަމުގައިވީނަމަވެސް، އެ މައްސަލައެއް ބަލައިގަނެ، ކަމާގުޅޭ ސަރަހައްދުގެ ރީޖަނަލް ކޮމާންޑަށް ވީއެންމެ އަވަހަކަށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށް ކަނޑައަޅާ ކޮންމެ ސަރަހައްދަކަށް އެ ސަރަހައްދުގެ ރީޖަނަލް ކޮމާންޑް ހިންގާނެ އޮފިސަރެއް ކޮމިށަނަރ އޮފް ޕޮލިސް އައްޔަންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ރީޖަނަލް ކޮމާންޑް ހިންގާ އެންމެ އިސް އޮފިސަރު ވާންވާނީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށްވުރެ ދަށްނޫން ރޭންކެއްގެ ފުލުހުންގެ އޮފިސަރެއް ކަމުގައެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ރީޖަނަލް ކޮމާންޑް ހިންގުމަށް އައްޔަންކުރާ އޮފިސަރަކީ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް އައްޔަންކުރާ، ކޮމިށަނަރ އޮފް ޕޮލިސްއަށް ޖަވާބުދާރީވާ އޮފިސަރެކެވެ.

(އ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަތޮޅު ޕޮލިސް ސްޓޭށަން އަދި ސިޓީ ޕޮލިސް ސްޓޭށަން ހިންގާނެ އެންމެ އިސް އޮފިސަރު ވާންވާނީ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ ދަށްނޫން ރޭންކެއްގެ ފުލުހަކަށެވެ.

(ވ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަރުކަޒުތަކުގެ އިތުރުން އެ އަކުރުގެ ދަށުން ގާއިމުކުރާ އެހެން މަރުކަޒުތަކުގައި ތިބޭނެ އެންމެ އިސް ރޭންކު، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ހިދުމަތް ދޭންވާނީ، ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި   މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ސަރަހައްދުތަކުގައި ގާއިމުކުރެވޭ ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ރައްޔިތުންނާއި، ކައުންސިލާއި މަދަނީ ޖަމްއިއްޔާތަކާއި، ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ މަސައްކަތަށް ހޯދުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުން؛
  2. އިސްކަންދީގެން މަސައްކަތްކުރާނެ ކަންތައްތަކުގެ ތާވަލެއް ނުވަތަ ޕްލޭނެއް ގުޅުންހުރި ފަރާތްތަކާއެކު މަށްވަރާކޮށް އެކުލަވާލައި ހިންގުން؛ އަދި
  3. ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކައުންސިލްތަކުގެ މަށްވަރާގެ މަތިން ފުލުހުން އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.

 

8 ވަނަ މާއްދާ - ރާއްޖޭގައި ހަރަކާތްތެރިވުމުގެ ހައިސިއްޔަތު

ދިވެހި ފުލުހުންގެ ހިދުމަތް އެކުލެވިގެންވާނީ މުޅި ދިވެހިރާއްޖޭގައި އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައެވެ. އެ ހިދުމަތުގައި ހިމެނޭ ކޮންމެ ފުލުހަކަށް އަދި މުވައްޒަފަކަށްމެ، މުޅި ދިވެހިރާއްޖޭގެ ހަމަކޮންމެ ތަނެއްގައިވެސް،  މި ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ގާނޫނީ ބާރާއި ހުއްދަ ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުން

ދިވެހި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި ނުވަތަ ދޭދޭ ގައުމުތަކާއެކު ވެވޭ އެއްބަސްވުންތަކުގެ ދަށުން ދިވެހި ފުލުހުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި ކަމާގުޅޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖެއިން ބޭރުގައި ފުލުހުންނަށް ހަރަކާތްތެރި ވެވިދާނެއެވެ.

 

ތިންވަނަ ބާބު

ރޭންކުތަކާއި މަގާމުތަކުގެ އޮނިގަނޑު

10 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން

ފުލުހުންގެ ހިދުމަތް އެކުލެވިގެންވަނީ، އަންނަނިވި މުވައްޒަފުންގެ މައްޗަށެވެ.

(ހ) ފުލުހުން؛

(ށ) އާންމު މުވައްޒަފުން؛

(ނ) ސްޕެށަލް ކޮންސްޓަބަލުން؛ އަދި

(ރ) ޕޮލިސް ރެކްރޫޓުން.

 
11 ވަނަ މާއްދާ - ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ފުލުހުންނަކީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފުލުހުންގެ ހުވާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ސްޕެށަލް ކޮންސްޓަބިއުލަރީގައި ނުހިމެނޭ ފަރާތްތަކެވެ.

 

12 ވަނަ މާއްދާ - ފުލުހުންގެ ރޭންކުތައް

(ހ) ފުލުހުންގެ ރޭންކުތައް ދަރަޖަކުރެވިފައިވަނީ އަންނަނިވި ދެ ބަޔަށެވެ.

  1. ކޮމިށަންޑް އޮފިސަރުންގެ ރޭންކު؛ އަދި
  2. ނަން-ކޮމިށަންޑް އޮފިސަރުންގެ ރޭންކު.

(ށ) ފުލުހުންގެ ރޭންކުތައް ތަރުތީބުކުރެވިގެންވަނީ، މަތިން ތިރިއަށް، އަންނަނިވި ގޮތުގެމަތިންނެވެ.

  1. ކޮމިށަނަރ އޮފް ޕޮލިސް؛
  2. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް؛
  3. އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސް؛
  4. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
  5. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
  6. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް؛
  7. އިންސްޕެކްޓަރ އޮފް ޕޮލިސް؛
  8. ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް؛
  9. ސީނިއަރ ސާޖަންޓު؛
  10. ސާޖަންޓު؛ އަދި
  11. ކޮންސްޓަބަލް.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރޭންކުތައް ގިންތިކުރެވިފައިވަނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަންޑް އޮފިސަރުންގެ ރޭންކުގެ ގޮތުގައެވެ. އަދި މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރޭންކުތައް ގިންތިކުރެވިފައިވަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނަން-ކޮމިށަންޑް އޮފިސަރުންގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޭންކުތަކަށް އައްޔަންކުރެވޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއާއި ހުނަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ރޭންކާއި ގްރޭޑް

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެކި ރޭންކުތަކަށް ފުލުހުން ހަމަޖެއްސުމާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ރޭންކުތަކުގެ ތެރެއިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ ރޭންކުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމާއި، އެއް ގްރޭޑުން އަނެއް ގްރޭޑަށް ފުލުހުން ބަދަލުވާނެގޮތް ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީރެވެ.

(ށ) ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކާއި ނަން-ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކަށް ފުލުހުން ޕްރޮމޯޓުކުރަންވާނީ ނުވަތަ ވަޒީފާ ދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅޭ، އެކަމަށް ހާއްސަ ތަމްރީނެއް ފުރިހަމަކުރުމުން ނުވަތަ ފެންވަރު ބެލުމުގެ ނިޒާމެއްގެ ތެރެއިންނެވެ.

(ނ) "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ގެ ދަށުން ކޮމިށަނަރ އެކުލަވާލާ ޕްލޭންގެ މައްޗަށް ބަލައި ކޮންމެ ކޮމިށަންޑް އޮފިސަރުންގެ ރޭންކެއްގައި ތިބޭނެ ފުލުހުންގެ އަދަދު މި ގާނޫނުގައި ބަޔާންކުރާ ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު ކަނޑައަޅަންވާނެއެވެ. އަދި އެ ޕްލޭންގެ މައްޗަށް ބަލައި، ނަން-ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކާއެކު މުޅި ފުލުހުންގެ މުއައްސަސާގައި ތިބޭނެ ފުލުހުންގެ އަދަދު ވަޒީރު ކަނޑައަޅަންވާނެއެވެ.

(ރ) ފުލުހުންގެ ރޭންކުތަކުގައި ތިބޭނޭ ފުލުހުންގެ އަދަދު ކަނޑައެޅުމަށް ވަޒީރަށް ލަފާ ދިނުމުގައި ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާ ޕޮލިސް ބޯޑުން ހޯދަންވާނެއެވެ.

 

14 ވަނަ މާއްދާ - ފުލުހުންގެ ޔުނިފޯމު

(ހ) ދިވެހި ފުލުހުންގެ ހިދުމަތަކީ ޔުނިފޯމު އެޅި ހިދުމަތެކެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނިފޯމަކީ ކޮބައިކަން ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ. މިގޮތުން ޔުނިފޯމު ކަނޑައެޅުމުގައި، ފުލުހުންގެ ވަކި ބައެއް ނުވަތަ ރޭންކެއް ނުވަތަ ގްރޭޑެއްގެ މައްޗަށް ބިނާކޮށް، ފުލުހުންގެ ޔުނިފޯމުގައި ހިމެނެންޖެހޭ ބައިތަކާއި ތަފާތުތައް ކަނޑައެޅިދާނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ޔުނިފޯމު އެޅި ފުލުހުންނާއި އެނޫން މުވައްޒަފުންނަށް މުސާރައާއި އިނާޔަތާއި އެހެނިހެން ކަންކަން ހަމަޖައްސައިދިނުމުގައި އެބަޔަކަށް ހާއްސަ މިންގަނޑުތަކެއް ބޭނުންކުރެވިދާނެއެވެ.

(ނ) ކޮންމެ ފުލުހެއްވެސް ފުލުހުންގެ ޔުނިފޯމުގައި ހުންނައިރު، އެއީ ކާކުކަން އަންގައިދިނުމުގެ ގޮތުން އެމީހެއްގެ ޔުނިފޯމުގައި ނަމާއި ސަރވިސް ނަންބަރު ފެންނަން ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި "ފުލުހުންގެ ޔުނިފޯމު" ކަމަށް ބުނެފައިއެވަނީ، ފުލުހުން ޑިއުޓީގައި އުޅޭއިރު އަޅާ އާންމު ޔުނިފޯމަށެވެ. އޭގެ ތެރޭގައި، އެކިއެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރާ ސެރެމޯނިއަލް ޔުނިފޯމެއް ނުހިމެނެއެވެ.

 

15 ވަނަ މާއްދާ - ރެކްރޫޓުން

(ހ) ޕޮލިސް ރެކްރޫޓުންނަކީ ފުލުހުންގެ ވަޒީފާއަށް އަލަށް ވައްދާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ ފަރާތްތަކެވެ.

  1. ފުލުހުންގެ ވަޒީފާ ހަމަޖެހުމަށްފަހު ފުލުހުންނަށް ދެވޭ އަސާސީ ތަމްރީނު ފުރިހަމަކޮށްފައިނުވާ ފަރާތްތައް؛ ނުވަތަ
  2. ފުލުހުންގެ ވަޒީފާ ހަމަޖެހުމަށްފަހު މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ހުވާ ކޮށްފައިނުވާ ފަރާތްތައް.

(ށ) ޕޮލިސް ރެކްރޫޓުން ފުލުހުންގެ ހިދުމަތުގައި ގެންގުޅުމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގަވާއިދެއް މި ގާނޫނުގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެމަތިން ވަޒީރު އެކުލަވާލަންވާނެއެވެ.

(ނ) ކޮންމެ ޕޮލިސް ރެކްރޫޓެއްގެ ޔުނިފޯމުންވެސް އޭނާއަކީ، ޕޮލިސް ރެކްރޫޓެއްކަން އެނގެން ހުންނަންވާނެއެވެ.

(ރ) ދިވެހި ފުލުހުންގެ ހިދުމަތަށް ފުލުހުން ރެކްރޫޓުކުރާއިރު، ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްތައް ވީހާވެސް ބޮޑަކަށް ތަމްސީލުވެގެންދާނެ ގޮތުގެމަތިން، ފުލުހުންގެ ހިދުމަތުގެ އެކިއެކި މަގާމުތަކަށް މީހުން ރެކްރޫޓުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް އިސްކަންދޭންވާނެއެވެ.

(ބ) ފުލުހުންގެ ހިދުމަތުގައި އަންހެނުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިދެވޭނެ ގޮތެއްގެމަތިން، ފުލުހުންގެ ހިދުމަތުގެ އެކިއެކި މަގާމުތަކަށް އަންހެން ފުލުހުން ރެކްރޫޓުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް އިސްކަންދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ރެކްރޫޓުކުރެވޭ ފުލުހުންގެ އާންމު ށަރުތު

އަންނަނިވި ށަރުތުތަކަކީ ފުލުހެއްގެ މަގާމަށް ރެކްރޫޓުކުރެވޭ ހަމަކޮންމެ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭނެ ށަރުތުތަކެކެވެ. އެއިން ށަރުތެއް ފުރިހަމަނުވާ މީހަކަށް ފުލުހަކަށް ނުވެވޭނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން؛

(ށ) ޖިނާއީ ބޮޑު ކުށެއް ކުރިކަން ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

(ނ) ޖިނާއީ އެހެން ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވެނުތާ 3 (ތިނެއް) އަހަރުވެފައިވާ މީހެއް ކަމުގައިވުން؛

(ރ) ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ށަރުއީ ކޯޓަކުން އެމީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހެއްކަމުގައި ނުވުން؛

(ބ) ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ސިއްހަތާއި، އަހްލާގާއި ގާބިލުކަން ހުރި މީހެއް ކަމުގައިވުން؛

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އަދި ގާނޫނުއަސާސީގައި ބަޔާންކުރާ އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުން؛

(ކ) މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހަކަށް ނުވުން؛ އަދި

(އ) މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

 

17 ވަނަ މާއްދާ - ރެކްރޫޓުކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑު ޗެކުކުރުން

ފުލުހުންގެ ވަޒީފާއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިންމު ވަޒީފާއަކަށްވާތީ ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑު ޗެކުކުރަންވާނެއެވެ. މިގޮތުން ތިރީގައިއެވާ ކަންކަން ކުރަންވާނެއެވެ.

(ހ) ބެކްގްރައުންޑު އެނަލިސިސްއެއް ހެދުން؛

(ށ) ޕޮލިގްރާފީ ޓެސްޓު ހެދުން؛ އަދި

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެންގޮތެއް މެދުވެރިކޮށް ފެންވަރު ބެލުމާއި ބެކްގްރައުންޑު ޗެކުކުރުން.

 

18 ވަނަ މާއްދާ - ހުވާކުރުން

(ހ) ފުލުހެއްގެ މަގާމުގެ ވާޖިބުތައް އަދާކުރަން ފެށުމުގެ ކުރިން، ކޮންމެ މީހަކުވެސް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުވާ ކުރަންވާނެއެވެ. އެ ހުވާ ކުރަންވާނީ ފަނޑިޔާރެއްގެ ކުރިމަތީގައެވެ.

(ށ) ފުލުހަކު މެދުނުކެނޑި ފުލުހުންގެ ހިދުމަތުގައި ދެމިހުރިހާ ހިނދަކު، އޭނާގެ ރޭންކަށް ނުވަތަ މަގާމަށް ނުވަތަ މަސައްކަތަށް ބަދަލުއައި ކަމުގައިވީނަމަވެސް، ފުލުހެއްގެ ހުވާ އަލުން ތަކުރާރުކުރާކަށް ނުޖެހޭނެއެވެ.

(ނ) ފުލުހުންގެ ހުވާގެ އިބާރާތް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

 

19 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުން ވަކިވުމަށްފަހު އަލުން އެ ހިދުމަތާ ގުޅުން

(ހ) ފުލުހަކު ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ހުރުމަށްފަހު ވަޒީފާއިން ވަކިވެ، އަލުން ފުލުހެއްގެ ވަޒީފާއަށް ވަންނަން އެދުނުކަމުގައިވީނަމަވެސް، އެފަރާތަކަށް ވަޒީފާ ދިނުމުގައި، މި ގާނޫނުގެ 16 ވަނަ މާއްދާއިން ފެށިގެން 18 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ފަރާތެއް ވަޒީފާއިން ވަކިވެ، އަލުން ވަޒީފާއަށް ވަނުމާ ދެމެދު މީލާދީ 5 (ފަހެއް) އަހަރު ފާއިތުވެފައިނުވާނަމަ، އެފަރާތުން ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އެފަރާތުން މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފުލުހުންގެ ހުވާ ކުރަންޖެހޭނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއެއްގައި ހުރުމަށްފަހު ވަކިވެ، އަލުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއާގުޅޭ ފަރާތްތަކާއި، ދައުލަތުގެ އެހެން އިދާރާއެއްގައި ވަޒީފާ އަދާކުރުމަށްފަހު ވަޒީފާއިން ވަކިވެ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއާގުޅޭ ފަރާތްތަކަށް، އެފަރާތްތައް ކުރިން ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތު ގުޅުވައިދިނުމާގުޅޭ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ވަޒީފާއާގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ފުލުހުންގެ ދައުރު

 

20 ވަނަ މާއްދާ - ފުލުހުންގެ ވާޖިބު

ފުލުހެއްގެ މަގާމުގައި ހުރި ކޮންމެ މީހަކީ، ގާނޫނުގެ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވާ، އަދި ގާނޫނުގެ ދާއިރާގައި އެމީހަކަށް ކުރެވޭ އަމުރުތައް އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ތަންފީޒުކުރާ، އަދި އޭނާ ކުރާ ކޮންމެ ކަމެއްގައި އޭނާއާ ހަވާލުވެގެންވާ މަސައްކަތް އެންމެ އެކަށޭނަ ނަތީޖާ ނެރެވޭގޮތުގައި ކުރާ މީހަކު ކަމުގައި ވާންވާނެއެވެ.

 

21 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގެ އަމާޒު

ފުލުހުންގެ ހިދުމަތުގެ އަމާޒަކަށްވާނީ، ގާނޫނު ނަގަހައްޓައި، މުޖުތަމައުން ކުށުގެ ބިރުވެރިކަން ފިލުވާލައި، ކުށްކުރުން ހުއްޓުވައި، އިންސާނީ ހައްގު ކަށަވަރުކޮށްދީ، ގާނޫނުން ކުރަންޖެހޭ މަސައްކަތްތަކާއި އެކަންކަމަށް އެހީތެރިވެދޭ މަސައްކަތްތައް މުޖުތަމައާ ގުޅިގެން ކުރުމެވެ.

 

22 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް

ގާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަގްސަދުތައް ކަމަށް ބަޔާންކޮށްފައިވާ ހަތަރު މަގްސަދު ހާސިލުކުރުމަށްޓަކައި، ފުލުހުންގެ ހިދުމަތާ ހަވާލުވެގެންވާ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ވަކި ފަރާތަކަށް ޖެހުމެއްނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއްނެތި ހަމަހަމަގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ގާނޫނު ތަންފީޒުކުރުން.

(ށ) ފަރުދުންގެ ހަށިގަނޑާއި، ފުރާނައާއި، މިނިވަންކަމާއި، ހައްގުތަކާއި، މުދާ ރައްކާތެރިކޮށްދިނުން.

(ނ) އަމަން ގާއިމުކޮށްދިނުމާއި، އާންމު މަސްލަހަތު ރައްކާތެރިކޮށްދިނުން.

(ރ) ދާހިލީ ނުރައްކާތަކުން ރައްކާތެރިވެއޮތް މާހައުލެއް ގާއިމުކޮށްދީ، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ޖިނާއީ އަމަލުތަކާއި، ޖިނާއީ ކުށްކުށާއި، އެނޫންވެސް ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ބ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މަގުތަކާއި އާންމު ތަންތަނާއި، މީހުން ހިނގާބިނގާވެއުޅޭ ނުވަތަ އެއްވެއުޅޭ އެނޫންވެސް ތަންތަނާއި، ދައުލަތުގެ މުހިންމު އިމާރާތްތަކާއި ދައުލަތުގެ މުހިންމު މަރުކަޒުތައް ރައްކާތެރިކޮށްދިނުމާއި، އެ ތަންތަނަށް އަމާޒުކުރެވޭ ހަމަލާތަކާއި، ނުރައްކާތަކާއި، އަނިޔާވެރި އަމަލުތަކާއި ގެއްލުންދިނުމުގެ އަމަލުތަކުން އެ ތަންތަން ރައްކާތެރިކޮށްދިނުން.

(ޅ) ކުށް ހުއްޓުވުމަށްޓަކައި، ދުރާލާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުށްކުރުމަށް އޮތް ފުރުސަތު ހަނިކުރުން.

(ކ) ކުށުން ރައްކާތެރިވެގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(އ) ކުށުގެ އަމަލާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ލިބޭ ކަންކަން ދަފްތަރުކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމާއި، ފުލުހުންނަށް ލިބޭ އެކިއެކި ށަކުވާގެ ތަފްސީލު ހިމަނައި، އެ ށަކުވާ ލިބުނު ތާރީހާއި، އެ ށަކުވާއާ ގުޅޭގޮތުން އެޅުނު ފިޔަވަޅު ހިމަނައި، އެ ދަފްތަރު ލިޔެ ބަލަހައްޓަމުން ގެންދިޔުން.

(ވ) ފުލުހުންގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތާ ގުޅޭގޮތުން ހިންގަންޖެހޭ ތަހްގީގުތައް ހިންގައި، އެ ތަހްގީގުތައް ނިމޭގޮތެއްގެ މައްޗަށް ބިނާކޮށް ދައުވާކުރަން ފެންނަ ހާލަތްތަކުގައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން.

(މ) ގާނޫނުގައިވާ ގޮތުގެމަތިން ކުށުގެ ތުހުމަތުގައި ހުއްޓުވަންޖެހޭ މީހުން ހުއްޓުވުމާއި، ހައްޔަރުކުރަންޖެހޭ ފަރާތްތައް ހައްޔަރުކުރުމާއި، ބަންދުކުރަންޖެހޭ ފަރާތްތައް ބަންދުކުރުމާއި، ކަމާގުޅޭގޮތުން ހޯދަންޖެހޭ ހެކި ހޯދުމާއި، ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމާއި، ބަލައި ފާސްކުރަންޖެހޭ މީހުން ބަލައި ފާސްކުރުމާއި، ތަހްގީގުތައް ކުރިއަށްގެންދިޔުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ފ) އާންމު މަސްލަހަތު ގާއިމުކުރެވިގެންވާ، ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.

(ދ) ގުދުރަތީ ކާރިސާތަކާއި، އެނޫންވެސް ރައްޔިތުންނަށް ދިމާވާ އެފަދަ ހާލަތްތަކުގައި ނުވަތަ ގެއްލުމުގެ ދަނޑިވަޅުތަކުގައި އެންމެ ފުރަތަމަ އެހީވާ އެއް ފަރާތްކަމުގައިވެ، އެ ވަގުތަކު ރައްޔިތުންނަށް ދެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން.

(ތ) ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ބިރު އިހްސާސްވެފައިވާ މީހާއަށް އެހީތެރިވެދިނުން.

(ލ) ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ނުވަތަ ބިރުވެރި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަން ފޯރުކޮށްދިނުން.

(ގ) މަގުތަކުގައާއި އާންމު ތަންތަނުގައި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމުގައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ތަރުތީބުވެގެންވާ ގޮތެއްގައި އެކަން ކުރެވޭނެގޮތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހަމަޖައްސައިދިނުން.

(ޏ) އަމަން ގާއިމުވެގެންވާ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ދުރާލާ ހޯދަންޖެހޭ އިންޓެލިޖެންސް މައުލޫމާތު ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ސ) ވަކި މީހެއްގެ ނުވަތަ ވަކިފަރާތެއްގެ މުދަލެއްކަން ކަނޑައެޅިގެން ނޭނގޭ މުދަލާ ގުޅޭގޮތުން އަމަލުކުރުމަށް އޮންނަ ގޮތެއްގެމަތިން އަމަލުކުރުން.

(ޑ) ގާނޫނުއަސާސީއާއި ގާނޫނަކުން އުފައްދާފައިވާ އެކިއެކި މުއައްސަސާތަކުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އަމުރުތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން.

(ޒ) ކޯޓުތަކުން ކުރާ އަމުރުތަކާއި ހުކުމްތައް ތަންފީޒުކޮށްދިނުމުގައި އެހީތެރިވެދިނުން.

(ޓ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އެ ޖަމްއިއްޔާއެއްގައި ހިމެނޭ އެހެން މެންބަރު ގައުމުތަކުގައި ހިނގާ ކުށްތަކާއި، ޓްރާންސްނޭށަނަލް އަދި ކްރޮސްބޯޑަރ ކުށްތައް ހުއްޓުވަން ކުރާ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެހީތެރިވެދިނުން.

(ޔ) ޖިނާއީ ތަހްގީގުތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތަކާ ގުޅިގެން އެ އިދާރާތަކުން ހޯދަން ބޭނުންވާ ފޮރެންސިކް ހިދުމަތްތައް ދިނުން.

(ޕ) އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާއި ލިޔުންތެރިންނާއި ވިސްލްބްލޯވަރުންނާއި ގާނޫނީ ވަކީލުން އަދި މިނޫންވެސް ހާއްސަ މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ ނުރައްކާތައް ދުރާލާ ދެނެގަނެ، އެފަދަ ނުރައްކާތަކުން އެމީހުން ރައްކާތެރިކުރުން.

(ޖ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ފުލުހުންނާ ހަވާލުކުރާ އެހެން މަސައްކަތްކުރުން.

 

23 ވަނަ މާއްދާ - ނުފޫޒުން މިނިވަންވެގެންވުން

މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ ކަންކަން ކުރުމުގައި ނުވަތަ ލިބިދޭ ބާރެއް ބޭނުންކުރުމުގައި، އެންމެހައި ނުފޫޒަކުން ފުލުހުން މިނިވަންވެގެންވެއެވެ. އަދި ފުލުހުންގެ މަސައްކަތް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރުމުގައި، ފުލުހެއްގެ ހައިސިއްޔަތުން ފުލުހަކު ނިންމާ ނިންމުންތަކުގެ މައްޗަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެންނުވާނެއެވެ.

 

24 ވަނަ މާއްދާ - ފުލުހުންގެ އަހުދު

ފުލުހުންގެ ހިދުމަތުގެ މަސައްކަތް ކަމުގައި މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ މަސައްކަތްތައް ކުރުމުގައި، އަންނަނިވި ކަންކަމަށް ފުލުހުން އަހުދުވެއެވެ.

(ހ) އިސްލާމްދީނާއި ގާނޫނުއަސާސީއާއި ގާނޫނަށް ކިޔަމަންތެރިވުން.

(ށ) ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުން.

(ނ) ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި ނުފޫޒަކަށް ހުށަނޭޅި، އަދުލުވެރި ގޮތުގައި ބާރާއި އިހްތިޔާރު ބޭނުންކުރުން.

(ރ) ފުލުހުންގެ ދައުރު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުން.

(ބ) ފުލުހުންގެ މަސައްކަތަށް އަމާނާތްތެރިވުމާއި ވަފާތެރިވުންމަތީ ދެމިތިބުން.

(ޅ) ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެންމެ ރަނގަޅަށް ކުރުން.

(ކ) ކޮންމެ މީހެއްގެވެސް އިންސާނީ ގަދަރާއި ކަރާމަތަށް ހުރުމަތްތެރިކޮށް ހިތައި، ހަމަކޮންމެ މީހެއްގެމެ އިންސާނީ ހައްގުތަކަށް ރައްކާތެރިވެ    އެ ހައްގުތައް ދެމެހެއްޓުން.

(އ) ފުލުހުންގެ މަސައްކަތް ކުރުމުގައި ހާލަތަކާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުން.

(ވ) އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާމެދު ލާއިންސާނީ، ނުވަތަ އިހާނެތި ނުވަތަ ރަހުމުކުޑަ ގޮތަކަށް ފުލުހުންގެ މީހަކު އަމަލުނުކުރުމާއި، އެހެން މީހަކު ލައްވާވެސް އެފަދަ ގޮތަކަށް އަމަލުނުކުރުވުން. އަދި އެއްވެސް މީހަކު އެފަދަގޮތަކަށް އަމަލުކުރިޔަ ނުދިނުން.

(މ) ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާތެރިވެ އެފަދަ ފަރާތްތަކަށް ލިބިގެންވާ އެންމެހައި ހައްގުތައް ހިމާޔަތްކޮށްދިނުން.

(ފ) އިސްލާމްދީނުގެ އަސްލުތަކާއި، ގާނޫނުއަސާސީއާއި ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން ފުލުހުންނަށް އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވުން.

(ދ) މުޖުތަމައުގެ ފަރުދުންނާ މުއާމަލާތް ކުރުމުގައި އިޖްތިމާއީ އަދި އަހްލާގީ ހަމަތަކުގެ މަތިން، ރީތިބަހުން ވާހަކަދެއްކުމާއި އެމީހުންނަށް އިހްތިރާމުކުރުން.

(ތ) ހުރިހާ ހާލަތެއްގައިމެ ކޮރަޕްށަނާއި ފަސާދައިގެ އަމަލުތަކާ ދުރުވެތިބުމަށާއި، އަދި އެފަދަ އަމަލަކަށް ހިތްވަރު ލިބިދާނެފަދަ އެންމެހައި ކަންތައްތަކުން ދުރުހެލިވުން.

 

25 ވަނަ މާއްދާ - ފުލުހުންނަށް ބާރާއި އިހްތިޔާރު ލިބިގެންވާ ދާއިރާ

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވަނީ އެކަމަކާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައެވެ.

(ށ) ކޮންމެ ފުލުހަކުވެސް އެމީހަކަށް ލިބިގެންވާ އެންމެހައި ގާނޫނީ ބާރުގެ ބޭނުންކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައެވެ.

(ނ) ކޮންމެ ފުލުހަކީ، އެމީހަކަށް ލިބިގެންވާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުންހިފިގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރި ގޮތާމެދު ޖަވާބުދާރީކުރުވޭނެ މީހެކެވެ.

(ރ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، ފުލުހަކު ކުރިކަމަކާ ގުޅޭގޮތުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން މަދަނީ ޒިންމާ އުފުލާނީ، ފުލުހުންގެ މުއައްސަސާއިންނެވެ. ވަކި ފުލުހެއްގެ މައްޗަށް ދައުވާއެއް އުފުލޭނީ، އެކަމަކީ ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކިހުރިކަމެއްކަމަށް އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ފަރާތަކުން ނިންމައިފިނަމައެވެ.

(ބ) ގާނޫނެއްގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމުގައި، ފުލުހުންގެ ބާރާއި މަސްއޫލިއްޔަތުގެ ގޮތުގައި މި ގާނޫނުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފުލުހުން ކޮށްގެންނުވާނެއެވެ.

(ޅ) ތިރީގައިވާ ކަންކަމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށްވީތީ ކުރުން މަނާ ކަންތައްތަކެވެ.

  1. ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން؛
  2. އިލެކްށަންސް ކޮމިށަންގެ ފަރާތުން ބާއްވާ އެއްވެސް އިންތިހާބެއްގައި ވާދަކުރުން؛ އަދި
  3. ފުލުހެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ކުރުން.

 

26 ވަނަ މާއްދާ - ފުލުހުންގެ އިޖްތިމާއީ ޒިންމާ

އަންނަނިވި ކަންކަމަކީ، ފުލުހުންގެ އިޖްތިމާއީ ޒިންމާއެވެ.

(ހ) މުޖުތަމައުގެ ފަރުދުންނާ މުއާމަލާތް ކުރުމުގައި އިޖްތިމާއީ އަދި އަހްލާގީ ހަމަތަކުގެ މަތިން، ރީތިބަހުން ވާހަކަދެއްކުމާއި އެމީހުންނަށް އިހްތިރާމުކުރުން.

(ށ) އާންމު ތަނެއްގައި މަދަދަށް ބޭނުންވެފައި ހުންނަ ކޮންމެ މީހަކަށްމެ އެ ވަގުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ކުށްކުށުގެ ށިކާރައަށްވާ މީހުންނަށް ދޭންޖެހޭ ސިއްހީފަރުވާ ވަގުތުން ލިބޭނެގޮތް ހަދައިދިނުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުން.

(ރ) ދޭދޭ ފަރުދުންގެ މެދުގައާއި ދޭދޭ ޖަމާއަތްތަކުގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގައި، އިންސާނީ ހައްގުތަކުގެ މިންގަނޑުގެ ތެރޭގައި ވަކި ފަރާތަކަށް ޖެހުމެއްނެތި ފިޔަވަޅު އެޅުން.

(ބ) އާންމު ތަންތަނުގައި އެއްވެސް މީހަކަށް ބިރުދެއްކުމާއި ގޯނާކުރުމާއި، ފަހަތުން ހިނގުމާއި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް މީހުންނާ މުހާތަބުކޮށް ވާހަކަ ދެއްކުމާއި މުއާމަލާތްކުރުން ހުއްޓުވުމަށް މަސައްކަތްކުރުން.

 

27 ވަނަ މާއްދާ - ފުލުހުންގެ އަހްލާގު

(ހ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި ވަކިވަކި ފަރުދުންނާ ނުވަތަ ބަޔަކާ މުއާމަލާތް ކުރަންވާނީ މަޑުމައިތިރިކަމާއި، އިހްތިރާމާއި އޯގާތެރިކަމާ އެކުގައެވެ. ކޮންމެ މީހަކާވެސް މުއާމަލާތް ކުރަންވާނީ ރީތިބަހުންނެވެ.

(ށ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި ބާރުގެ ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކުރަންވާނީ، ގާނޫނުގެ ދާއިރާގެ ތެރޭގައި، އެ ހާލަތަކާ އެކަށޭނެ އެންމެ ކުޑަ މިންވަރަށެވެ.

(ނ) އެއްވެސް މީހަކަށް ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ފުލުހުން ދައްކައިގެން ނުވާނެއެވެ.

(ރ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ މުއާމަލާތްކުރުމުގައި، އޯގާތެރިކަން އިސްކުރަންވާނެއެވެ. އަދި، ކުށުގެ ށިކާރައަކަށްވެފައިވާ މީހުންނާ މުއާމަލާތްކުރުމުގައި އޯގާތެރިކަން އިސްކުރަންވާނެއެވެ.

(ބ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނާއި ތަހްގީގުކުރެވޭ މީހުންނާ މުއާމަލާތްކުރަންވާނީ ޒާތީ ތައައްސުބުން އެއްކިބާވެ ބަސްމޮށުންތެރިކަމުގެ އިހްތިރާމު ދެވެނިވި ދަރަޖައިގައެވެ.

 

28 ވަނަ މާއްދާ - ސުލޫކީ މިންގަނޑު

(ހ) ފުލުހުންގެ ހިދުމަތުގެ ދައުރު އަދާކުރުމުގައި ތަބާވާންޖެހޭ "ފުލުހުންގެ ސުލޫކީ މިންގަނޑު" ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު ހަދަންވާނެއެވެ. އަދި، އެ މިންގަނޑު ކޮމިށަނަރ އޮފް ޕޮލިސް ތަންފީޒުކުރަންވާނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއާ ހަވާލުވާ ކޮންމެ މީހަކުމެ މި މާއްދާގެ (ހ) ގެ ދަށުން ހަދާ ފުލުހުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި، އެމީހަކު އެ ވަޒީފާގައި ދެމިހުންނައިރު އެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިން އެމީހަކާމެދު ފިޔަވަޅު އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފުލުހުންގެ ސުލޫކީ މިންގަނޑު ކޮންމެ ފުލުހަކުމެ ކިޔައި ފަހުމުވެއްޖެކަން ކަށަވަރުކުރާނެ އިންތިޒާމު ކޮމިށަނަރ އޮފް ޕޮލިސް ހަމަޖައްސަންވާނެއެވެ.

 

29 ވަނަ މާއްދާ - ފުލުހުން ހިފަހައްޓަންޖެހޭ ހަމަތައް

ކޮންމެ ފުލުހަކުމެ އޭނާގެ ވާޖިބު އަދާކުރުމުގައި އަންނަނިވި ކަންކަމަށް އިސްކަން ދޭންވާނެއެވެ.

(ހ) ގާނޫނު ނެގެހެއްޓުން.

(ށ) ވަކިވަކި ފަރުދުންގެ ހައްގުތަކަށާއި މިނިވަންކަމަށް ރައްކާތެރިވުން.

(ނ) ފުލުހުންގެ ހިދުމަތް މެދުވެރިކޮށް މުޖުތަމައުގެ ދިރިއުޅުމުގެ ފޭރާން ހެޔޮކޮށްދިނުން.

(ރ) ލިބެންހުރި ވަސީލަތްތައް އޭގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރުން.

(ބ) ތިމާއާ ހަވާލުވެގެންވާ މަސްއޫލިއްޔަތު އަދާކުރުމުގައި ފުލުހެއްގެ ހައިސިއްޔަތުން ލިބިދޭ ބާރު ޒިންމާދާރު ގޮތުގައި ބޭނުންކުރުން.

(ޅ) އެހީތެރިކަމަށްއެދޭ ފަރާތްތަކުން އެދޭ ކަންކަން ފުރިހަމަކޮށްދިނުމަށް ނުވަތަ ފުރިހަމަކޮށްދެވޭނެ މަގެއް ހޯދައިދިނުމަށް އިސްކަންދީ ހިދުމަތް ދިނުމަށް އިސްކަންދިނުން.

 

30 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ހައްގުތައް

(ހ)ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ހުރި ކޮންމެ މީހަކަށްމެ އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. ވާޖިބުގައި ލިބޭ އަނިޔާއަށް ބަދަލު ލިބިދިނުން.
  2. ވާޖިބުގައި ލިބޭ އަނިޔާއަށް ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރެވުން.
  3. އެމީހަކާމެދު ކުރެވޭ ށަކުވާ އަޑުއަހައި، އެއަށް ޖަވާބުދިނުމުގެ ފުރުސަތު އެމީހަކަށް ލިބިދިނުމަށްފަހުގައި މެނުވީ، އެމީހަކާމެދު އެއްވެސް ތައުދީބީ ފިޔަވަޅެއް ނޭޅުން.
  4. އެމީހަކާމެދު ކުރެވޭ ށަކުވާއަކާމެދު ގޮތެއް ނިންމުމުގައި، އެމީހަކާމެދު ށަކުވާކުރި ފަރާތުގެ ދައުރެއް ނެތުން، އަދި އެފަރާތުގެ އެއްވެސް ނުފޫޒެއް އެ ނިންމުމުގެ މައްޗަށް ނުހިނގުން.
  5. އެމީހަކު ކުރި ކުށަކާ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއް ނުލިބުން.
  6. އެމީހަކާމެދު އަޅާ ތައުދީބީ ފިޔަވަޅެއް އިސްތިއުނާފުކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފުރުސަތު އޮތުން.
  7. މަސައްކަތާ ނުވަތަ އަހުދާ ހިލާފު އަމަލެއް ހުއްޓުވުމަށް ކަމާބެހޭ ފަރާތަށް ކުރާ ރިޕޯޓެއްގެ ސަބަބުން ނުވަތަ ވިސްލްބްލޯކުރުމުގެ ސަބަބުން، އެއްވެސް ތައުދީބީ ފިޔަވަޅެއް ނޭޅުން.
  8. ކަނޑައެޅިގެން އަހުދާ ހިލާފުވާނެ އަމަލެއް ކުރުމަށް އަންގާ އެންގުމަކަށް، ނުވަތަ ކުރާ އަމުރަކަށް، ކިޔަމަންތެރިނުވުމުގެ ސަބަބުން އެމީހަކާމެދު އެއްވެސް ތައުދީބީ ފިޔަވަޅެއް ނޭޅުން.
  9. ކުރެވޭ ދައުވާއެއް ސާބިތުނުވެއްޖެނަމަ، އެކަމުގެ ސަބަބުން އެ ލިބުނު ގެއްލުމުގެ ބަދަލު ލިބިދިނުން.

(ށ) ފުލުހުންގެ ކޮންމެ މީހަކަށްމެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) އެހެންއޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ހަރަކާތުގައި، ނުވަތަ ސިޔާސީ ހަރަކާތެއްގައި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު ބައިވެރިވެގެން ނުވާނެއެވެ. އަދި، ސިޔާސީ މަގާމަކަށް ކުރިމަތިލާފައިވާ މީހަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ އެއްވެސް އަމަލެއް ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު ކޮށްގެން ނުވާނެއެވެ.

(ރ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ހައްގުތައް، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ލިބިގެންވާ ދާއިރާ، ދީމިގްރާތީ މުޖުތަމައުތަކުގައި ފުލުހުންގެ ހިދުމަތް ފަދަ ހިދުމަތެއްގައި  އެ ހައްގުތައް ހަނިކުރާ ހާލަތްތަކާއި މިންވަރަށް، ހަނިކުރެވިދާނެއެވެ. އަދި އެ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކާއި ދާއިރާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގު.
  2. އިހްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމަށް ގާނޫނުއަސާސީގެ 31 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގު.
  3. ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު.

 

31 ވަނަ މާއްދާ - ސެކަންޑްމަންޓްގެ ގޮތުގައި އެހެން ތަންތަނުގައި މަސައްކަތްކުރުން

(ހ) ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން އެހެން ތަނެއްގައި މަސައްކަތްކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ. އަދި އެހެން ތަނެއްގައި ހުރި މީހަކު ފުލުހުންގެ ހިދުމަތުގެ ތެރޭގައި މަސައްކަތްކުރަން ހުއްދަކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ފެނިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށް ހުއްދަ ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކަންޑްމަންޓްގެ އުސޫލުން ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ދިވެހި ކޮންސިއުލާ މިށަންތަކުގައާއި ދިވެހިރާއްޖެއިން ބޭރުގެ ގައުމެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް މަސައްކަތްކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ.

 

ފަސްވަނަ ބާބު

ވަސީލަތްތައް ފޯރުކޮށްދިނުން

 

32 ވަނަ މާއްދާ - ވަސީލަތްތައް ފޯރުކޮށްދިނުން

ފުލުހުންގެ މަސައްކަތްތައް އެކަށޭނަ މިންވަރުގައި ކުރެވޭނެގޮތް ހެދުމަށްޓަކައި ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަކުން، އަންނަނިވި ކަންކަން، ހަމަޖައްސައިދޭންވާނެއެވެ.

(ހ) ފުލުހުންގެ ހިދުމަތުގައި އެކަށީގެންވާ އަދަދަށް ވަޒީފާ ގާއިމުކޮށްދިނުމާއި،  އެ ވަޒީފާއާ ގުޅޭގޮތުން ދޭންޖެހޭ އުޖޫރައާއި، މާލީ އިނާޔަތްތަކާއި، ވަޒީފާގެ އިނާޔަތްތައް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.

(ށ) ފުލުހުންގެ އިދާރާއަށް ބޭނުންވާ މާއްދީ ވަސީލަތްތަކާއި އިމާރާތުގެ ވަސީލަތްތައް ހަމަޖައްސައިދިނުން.

(ނ) ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އަންނަނިވި ވަސީލަތްތައް ހަމަޖައްސައިދިނުން.

  1. ފުލުހުންގެ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތައް؛
  2. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބައިތިއްބޭނެ ވަސީލަތްތައް؛
  3. މި ގާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކުރާ ހަތިޔާރާއި އެ ހަތިޔާރު ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތްތައް؛
  4. މީހުން ބަންދުގައި ބައިތިއްބަންޖެހޭ ހާލަތްތަކުގައި ބަންދުގައި ބައިތިއްބޭނެ އެކަށީގެންވާ ވަސީލަތްތައް؛
  5. ރަސްމީ ލިޔެކިޔުން ބެލެހެއްޓުމަށް ބޭނުންވާނެ ވަސީލަތްތައް؛
  6. ތަހްގީގުކުރުމުގެ ވަސީލަތްތައް؛
  7. ފުލުހުންގެ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް؛
  8. ފުލުހުންގެ މުއާސަލާތީ ވަސީލަތްތައް؛
  9. ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް؛
  10. ރައްކާތެރިކަމުގެ ވަސީލަތްތައް؛
  11. އިލެކްޓްރޯނިކް ވަސީލަތްތައް؛
  12. ފޮރެންސިކް ވަސީލަތްތައް؛ އަދި
  13. ތަހްގީގަށް އަތުލެވޭ ތަކެތި ރައްކާތެރިކޮށް ބަލަހައްޓައި، ގެންގުޅެވޭނެ ވަސީލަތްތައް.

 

33 ވަނަ މާއްދާ - މަސައްކަތް ރާވައިގެން ކުރިއަށްގެންދިޔުން

(ހ) ފުލުހުން މަސައްކަތްކުރާނީ ވަޒީރު ލިޔުމުން ކަނޑައަޅައި، އަދި ފުލުހުންނަށް ލިޔުމުން އަންގާ "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި، މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލާ ޕްލޭނެއް، ކޮމިށަނަރ އޮފް ޕޮލިސް ތައްޔާރުކުރަންވާނެއެވެ. އަދި އެ ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު، ކޮމިށަނަރ ގަވާއިދުން ބަލަމުން ގެންދަންވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބަޖެޓު އެކުލަވާލަންވާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްލޭންގައިވާ ކަންކަން ހާސިލުކުރުމަށް މަގުފަހިވާ ގޮތަށެވެ.

 

34 ވަނަ މާއްދާ - ފުލުހުންގެ ބަޖެޓު

(ހ) ފުލުހުންގެ އަހަރީ ބަޖެޓު އެކުލަވާލައި މާލީ ކަންކަމަށް ޒިންމާވާ ވަޒީރަށް ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތިން ވަޒީރެވެ.

(ށ) ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ދައުލަތުން ފާސްކުރާ ބަޖެޓުގައި ހިމެނޭ އަދަދުތައް، އެ ފާސްކޮށްފައިވާ ކަންކަމަށް ހަރަދުކުރުމަކީ ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިދޭ ބާރެކެވެ. ވަކި ކަމަކަށް ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ހަރަދެއް އެހެންކަމަކަށް ބަދަލުކުރާނަމަ އެކަން ކޮމިށަނަރ އޮފް ޕޮލިސް ވަޒީރަށް އަންގައި ހުއްދަ ހޯދަންވާނެއެވެ.

 

ހަވަނަ ބާބު

ތަމްރީނުދިނުން

 

35 ވަނަ މާއްދާ - ތައުލީމާއި ތަމްރީނުގެ ސިޔާސަތު

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި އަމާޒުތައް ހާސިލުކުރުމަށް އެކަށީގެންވާ ތަމްރީނުގެ ސިޔާސަތެއް، ދިވެހި ފުލުހުންގެ ހިދުމަތުގައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ދިނުމުގެ ސިޔާސަތުގައި އިސްކަންދޭންވާނީ ފުލުހުންނާގުޅޭ މައުޒޫއުތަކަށާއި، ފުލުހުންގެ ހުނަރުތައް ކުރިއެރުވުމަށާއި، މީހުންނާ މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު ހަމަތަކަށާއި، ދުސްތޫރީ ހަމަތައް ނެގެހެއްޓުމަށާއި، ފުލުހުންގެ އަބުރުވެރިކަން ހިމާޔަތްކުރުމަށް ތަމްރީނުދިނުމަށެވެ.

(ނ) ތައުލީމާއި ތަމްރީނުދިނުމުގެ ސިޔާސަތު ވާންވާނީ، އެހިނދަކަށް އެންމެ ބޭނުންތެރި ދާއިރާތަކަކުން ވީހާވެސް ގިނަ މުވައްޒަފުންނަށް ފުރުސަތު ލިބޭގޮތަށް ބައްޓަންކުރާ ސިޔާސަތަކަށެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ތަމްރީނުތައް ދިނުމަށާއި، އަދި އެކަންކަން ވިލަރެސްކުރުމަށާއި، އަދި އެކަންކަން އިސްވެ ކުރުމަށްޓަކައި ތަމްރީނު މަރުކަޒުތައް ޕޮލިސް ބޯޑުގެ މަށްވަރާގެ މަތިން ވަޒީރަށް ގާއިމުކުރެވިދާނެއެވެ. އަދި އެފަދަ ތަމްރީނުދިނުމުގެ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ވަޒީރުގެ ޒިންމާއެކެވެ.

 

36 ވަނަ މާއްދާ - ތަމްރީނު ލާޒިމުވުން

(ހ) ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި އެމީހެއްގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ބޭނުންވާ ހާއްސަ ތަމްރީނު ދިނުމަކީ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ތަމްރީނުތަކާއި ހުނަރުތައް ތާޒާކުރަމުން ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ދިނުމަކީ ފުލުހުންގެ މުއައްސަސާގެ މައްޗަށް ލާޒިމުކަމެކެވެ. އަދި އެގޮތުން ދެވޭ ފުރުސަތުތަކުގައި އެފަދަ ތަމްރީނުތަކާއި ތާޒާކުރުމުގެ ތަމްރީނުތަކުގައި ބައިވެރިވުމަކީވެސް، ކޮންމެ ފުލުހެއްގެ މައްޗަށް ލާޒިމުކަމެކެވެ.

(ށ) ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައާއި، އެކިއެކި މަސައްކަތް ހަވާލުކުރުމުގައި އެ މަގާމަކާ ނުވަތަ އެ މަސައްކަތަކާ އެކަށޭނެ ތަމްރީނާއި ތަޖުރިބާއާއި ހުނަރު ލިބިފައިވާ މިންވަރަށް ރިއާޔަތްކުރަންވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ކޮންމެ މީހަކުވެސް ކޮންމެ އަހަރެއްގެ ތެރޭގައި ފުރިހަމަކުރުން ލާޒިމު ތާޒާކުރުމުގެ ތަމްރީނުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހިންގަންވާނެއެވެ. އަދި އެ ތަމްރީނުތަކަކީ އެކި ރޭންކުތަކާއި މަގާމުތަކުގައި ތިބޭ މީހުންވެސް ބައިވެރިވުން ލާޒިމު ތަމްރީނުތަކަކަށް ވާންވާނެއެވެ.

 

37 ވަނަ މާއްދާ - ތަމްރީނުތަކަށް މުވައްޒަފުން ކަނޑައެޅުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަނޑައެޅުމަށާއި، މުރާޖައާކުރުމަށާއި ފުލުހުންގެ ތަމްރީނުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެ ތަމްރީނު ޕްރޮގްރާމްތަކަށް އެންމެ އެކަށޭނަ ފަރާތްތައް ހޮވުމާގުޅޭ ގޮތުން ކޮމިށަނަރ އޮފް ޕޮލިސްއަށް ލަފާދޭނެ ކޮމިޓީއެއް ކޮމިށަނަރ އެކުލަވާލަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންގެ ތަމްރީނުތަކަށާއި ސްކޮލަރށިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ޕްރޮގްރާމްތަކަށް އެންމެ އެކަށޭނަ ފަރާތްތައް ކަނޑައަޅާނީ            މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީގެ ލަފާގެމަތިން ކޮމިށަނަރ އޮފް ޕޮލިސްއެވެ.

 

38 ވަނަ މާއްދާ - ތައުލީމާއި ތަމްރީނު ދޭނެ މަރުކަޒު ގާއިމުކުރުން

(ހ) ފުލުހުންގެ ދައުރު އަދާކުރާގޮތާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ފުލުހުންނަކީ ހުނަރުވެރި އަދި އިލްމީ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށާއި އަދި އެކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީނުތައް، ޒަމާނާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިނުމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާއެކު ތަމްރީނުގެ މަރުކަޒެއް ވަޒީރު އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަމްރީނުގެ މަރުކަޒު ހިންގަންވާނީ:

  1. ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ތަމްރީނުދިނުމަށްޓަކައި މަތީ ތައުލީމާބެހޭ ވުޒާރާގައި ރަޖިސްޓަރީކުރެވިފައިވާ ތަނެއްގެ ގޮތުގައި؛
  2. ފުލުހުންގެ ވަޒީފާއަށް ވަންނަ ފަރާތްތަކަށް އަސާސީ ތަމްރީނު ދިނުމުގެ އިތުރަށް، ހިދުމަތުގައި ދެމިތިބޭ ފުލުހުން، އާންމު ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ފުލުހަކު މަސައްކަތްކުރާ ދާއިރާއަކާގުޅޭ ތަމްރީނު ރާވައި ހިންގާ ތަނެއްގެ ގޮތުގައި؛ އަދި
  3. ފުލުހުންގެ މަސައްކަތާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށާއި، ފުލުހުންގެ މަސައްކަތަށް ބޭނުންވާނެ ހުނަރު އުނގަންނައިދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ ކްލާސްރޫމްތަކާއި ކިޔަވައިދިނުމަށް އެހީތެރިވެދޭނެ އެންމެހައި ވަސީލަތްތައް ގާއިމުވެފައިވާ ތަނެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަމްރީނުގެ މަރުކަޒުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ފުލުހުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އެންމެހައި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަންކުރާ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން؛
  2. ފުލުހުންގެ ވަޒީފާ ދެވޭ ފަރާތްތަކަށް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ހިންގުން؛
  3. ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ އެހެނިހެން ތަމްރީނުތައް ހިންގުން؛
  4. މި އަކުރުގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛ އަދި
  5. ފުލުހުންގެ މަސައްކަތުގެ ދާއިރާތަކަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، އެފަދަ ޕްރޮގްރާމްތައް ހިންގައި ބެލެހެއްޓުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގެ ބައިވެރިންނާއި ތަމްރީނުދޭ ފަރާތްތަކުގެ ސަލާމަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ތަމްރީނު ދެވޭ މީހުންގެ މަސްއޫލިއްޔަތު

މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނުގެ މަރުކަޒުން ދޭ ތަމްރީނުތަކުގެ ބައިވެރިން، އެފަރާތްތަކަށް ދެވޭ ތަމްރީނުތަކުގެ މުއްދަތުގައި އަމަލުކުރަންވާނީ އެ މަރުކަޒުން ކަނޑައަޅާ އުސޫލުތަކާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

40 ވަނަ މާއްދާ - ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރުން

ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް ހަތިޔާރު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިވެހި ފުލުހުންގެ ހިދުމަތުން ފޯރުކޮށްދޭންވާނެއެވެ. އެގޮތުން ފުލުހުންނަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތަކުގައި ހަތިޔާރު ގެންގުޅެ، ބޭނުންކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ތަމްރީނުތަކުގައި ހަތިޔާރު ގެންގުޅުމަށާއި ބޭނުންކުރުމުގައި އަމަލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާފައިވާ އެނޫންވެސް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

41 ވަނަ މާއްދާ - ތަމްރީނުތަކުން ފާސްނުވާ ފަރާތްތައް

ފުލުހުންނަށް ހިންގާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުން ފާސްނުވާ ފަރާތްތަކާމެދު އަމަލުކުރާނެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަތްވަނަ ބާބު

ވާޖިބުގައި ނިޔާވުމާއި އަނިޔާވުން

 

42 ވަނަ މާއްދާ - ވާޖިބުގައި ނިޔާވުން

(ހ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި ފުލުހަކު ނިޔާވެއްޖެނަމަ، އަންނަނިވި މީހުންނަށް، މި މާއްދާއާ ހަވާލާދީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އަދަދަކާއި އުސޫލެއްގެ މަތިން، ދައުލަތުގެ ހާއްސަ އިނާޔަތް ހައްގުވާނެއެވެ.

  1. ނިޔާވިއިރު އިނދެގެން ހުރި މީހާ އެހެން މީހަކާ އިންނަންދެން.
  2. ނިޔާވިއިރު އޭނާގެ އަނބިމީހާގެ ބަނޑުގައިވާ ދަރިފުޅު ވިހެއުމަށްފަހު، އެ ދަރިފުޅުގެ އުމުރުން 18 (އަށާރަ) އަހަރު ވަންދެން އަދި ށަރުއީގޮތުންނާއި ގާނޫނީގޮތުން އޭނާގެ ބަލަދުވެރިކަމުގެ ދަށުގައި ތިބި ދަރިންގެ ތެރެއިން 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނަށް 18 (އަށާރަ) އަހަރު ފުރެންދެން.
  3. ނިޔާވިއިރު ދުނިޔޭގައި ތިބި މައިންބަފައިން ދުނިޔޭގައި ތިބިހާހިނދަކު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ހާއްސަ އިނާޔަތުގެ ގޮތުގައި ކަނޑައަޅާ ފައިސާއަކީ، ނިޔާވި ފުލުހަށް، އޭނާ ނިޔާވި ދުވަހު ލިބެމުންދިޔަ މުސާރައާއި އިނާޔަތް އެއްކޮށްލުމުން ޖެހޭ ޖުމްލަ ފައިސާގެ 140% (ސަތޭކަސާޅީސް އިންސައްތަ) އާ އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ލިބިދެވޭ ދައުލަތުގެ ހާއްސަ އިނާޔަތުގެ ފައިސާގެ ތެރެއިން، ކޮންމެ މަހަކު ދެވޭނެ އަދަދާއި، އެ ފައިސާ ދޫކުރެވޭނެ އުސޫލުތައް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ހާއްސަ އިނާޔަތުގެ ގޮތުގައި ކަނޑައަޅާ ފައިސާ އެކަކަށްވުރެ ގިނަ މީހުންނަށް ލިބިދޭންޖެހޭ ކަމަށްވާނަމަ، އެ ބައެއްގެ މެދުގައި އެ އިނާޔަތުގެ ފައިސާ ބެހިގެންދާނެ އިންސައްތަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހެއްގެ ވާޖިބު އަދާކުރުމުގައި މަރުވުންކަމަށް ބުނެފައިއެވަނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި އެމީހަކު މަރުވުމަށެވެ.

  1. ޑިއުޓީއަށް ދިޔުމަށް ދިރިއުޅޭތަނުން ނުކުތުމާ ހަމައިން ޑިއުޓީ ނިމުމަށްފަހު ދިރިއުޅޭ ތަނަށް އެނބުރި ދިޔުމާ ދެމެދު އެމީހަކު މަރުވުން؛ ނުވަތަ
  2. ރަސްމީ ގަޑީގައި ނުވަތަ އެނޫންވެސް ގަޑިއެއްގައި، ކަނޑައެޅިގެން ފުލުހަކާ ހަވާލުކުރެވިފައިވާ ވަކި މަސްއޫލިއްޔަތެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ކަމެއް ކުރުމުގެ ތެރޭގައި އެމީހަކު މަރުވުން؛ ނުވަތަ
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަސްއޫލިއްޔަތެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ކަމެއް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމުގެ ތެރޭގައި އެމީހަކު މަރުވުން؛ ނުވަތަ
  4. ފުލުހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި، މީހެއްގެ ފަރާތުން ލިބޭ އަނިޔާއެއްގެ ސަބަބުން އެމީހަކު މަރުވުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މާނަކުރުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިޔާވުމެއް ނުހިމެނެއެވެ.

  1. ފުލުހަކަށް ހުރެ ގުދުރަތީ މަރަކުން މަރުވުން.
  2. އޭނާގެ އަމިއްލަ އިހުމާލުން ހިނގާ ކަމެއްގެ ސަބަބުން.
  3. ފުލުހަކު ކުރުމަށް ގާނޫނުގައި ހުއްދަ ނޫންކަމެއް ކުރުމުގެ ނަތީޖާއެއްގެގޮތުން.
  4. ގާނޫނުގައި ހުއްދަގޮތުގައި ކޮށްފައިވާ އަމުރަކާ ހިލާފަށް ނުވަތަ އެ އަމުރެއްގެ ދާއިރާއިން ބޭރުން ކުރާކަމެއްގެ ނަތީޖާއެއްގެ ގޮތުން.
  5. އަމިއްލައަށް މަރުވުން.

(ކ) މި މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ވާޖިބުގައި ނިޔާވާ ފުލުހުންގެ އާއިލާއަށް ލިބިދެވޭ އިނާޔަތްތައް، މި މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފުލުހުންގެ ރެކްރޫޓުންނަށްވެސް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ވާޖިބުގައި އަނިޔާވުން

(ހ) ފުލުހަކު އެމީހެއްގެ ވާޖިބު އަދާކުރުމުގައި ހަށިގަނޑަށް މާއްދީ ނުވަތަ ޖިސްމާނީ އަނިޔާއެއްވެއްޖެނަމަ، އެ އަނިޔާގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާކުރުމަށް ހިނގާ ހަރަދު މި މާއްދާއާ ހަވާލާދީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހަކު އެމީހެއްގެ ވާޖިބު އަދާކުރުމުގައި އަނިޔާވުންކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި އެމީހަކަށް ލިބޭ އަނިޔާއަށެވެ.

  1. ރަސްމީ ގަޑީގައި ނުވަތަ އެނޫންވެސް ގަޑިއެއްގައި، ކަނޑައެޅިގެން ފުލުހަކާ ހަވާލުކުރެވިފައިވާ ވަކި މަސްއޫލިއްޔަތެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ކަމެއް ކުރުމުގެ ތެރޭގައި އަނިޔާވުން؛ ނުވަތަ
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަސްއޫލިއްޔަތެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ކަމެއް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމުގެ ތެރޭގައި ލިބޭ އަނިޔާ؛ ނުވަތަ
  3. މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމުގެ ސަބަބުން، އެކަމާ ސީދާ ގުޅުވައިގެން ބަދަލުހިފުމުގެ ގޮތުން މީހަކު ދޭ އަނިޔާ.

(ނ) މި މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ވާޖިބުގައި އަނިޔާވާ ފުލުހުންނަށް ލިބިދެވޭ އިނާޔަތްތައް، މި މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފުލުހުންގެ ރެކްރޫޓުންނަށްވެސް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - އަނިޔާއަށް ބަދަލު ހޯދުން

ފުލުހެއްގެ ވާޖިބު އަދާކުރުމުގައި ފުލުހަކަށް ނުވަތަ ރެކްރޫޓަކަށް ލިބޭ އަނިޔާއާ ގުޅިގެން، އެކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން އެމީހަކަށް ލިބޭ ގެއްލުމަށް، މި ގާނޫނުގެ ދަށުން މައިގަނޑު ދެ ބާވަތެއްގެ ބަދަލު އެ އަނިޔާ އޭނާއަށް ދިން ފަރާތުން ހޯދުމުގެ ހައްގު އެ ފުލުހަކަށް ނުވަތަ ރެކްރޫޓަކަށް ލިބިގެންވެއެވެ.

(ހ) އިގްތިސާދީ ބަދަލު.

(ށ) ޣައިރު އިގްތިސާދީ ބަދަލު.

 

45 ވަނަ މާއްދާ - އިގްތިސާދީ ބަދަލު

މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އަންނަނިވި ބާވަތުގެ ބަދަލެވެ.

(ހ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާއާ ގުޅިގެން ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދު ނުވަތަ އެކަމާ ގުޅިގެން ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަމުންދާ ހަރަދު ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރަންޖެހިދާނެ ހަރަދުގެ ތެރެއިން ދައުލަތުން ހަމަޖައްސައިދެވެން ނެތް ހަރަދުގެ ބަދަލު.

(ށ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާއާ ގުޅިގެން، އެ އަނިޔާވި ދުވަހުން ފެށިގެން އެ މައްސަލައިގައި ކޯޓުން ހުކުމްކުރުމާ ހަމައަށް ފަރުވާ ހޯދުމަށްޓަކައި އޭނާގެ އަމިއްލަ ހައިސިއްޔަތުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދެއްގެ ބަދަލު.

(ނ) މައްސަލައިގައި ދައުވާކުރުމަށް ހިނގާފައިވާ ހަރަދު.

 

46 ވަނަ މާއްދާ - ޣައިރު އިގްތިސާދީ ބަދަލު

މި ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޣައިރު އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އަންނަނިވި ބާވަތްތަކުގެ ބަދަލެވެ.

(ހ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު.

(ށ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ނ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ރ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން އޭނާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލު.

(ބ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ އަނިޔާގެ ފަހުން ދިރިއުޅުމުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިހްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލު.

(ޅ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި އޭނާއަށް ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާކުރުމަށްހުރި ހުރަސްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު.

(ކ) ފުލުހެއްގެ މުދަލަކަށް ލިބުނު ގެއްލުން މަރާމާތުކުރެވޭނެ ހާލަތުގައި އެ އެއްޗެއް މަރާމާތުކުރުމަށް ދާ ހަރަދު ނުވަތަ ލިބުނު ގެއްލުމަކީ އެ އެއްޗެއް އަލުން އިއާދަނުކުރެވޭފަދަ ގެއްލުމެއްނަމަ އެފަދަ އެހެން މުދަލެއް ހޯދުމަށް ހިނގާނެ ހަރަދު.

 

47 ވަނަ މާއްދާ - ބަދަލު ނަގައިދެވޭނެ މިންވަރު

(ހ) މި ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައިވާ ގޮތުގެމަތިން އަނިޔާ ލިބޭ ފުލުހަކަށް ދައުލަތުން ދޭ ހަރަދު ފިޔަވައި، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހަޅައިގެން ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ފުލުހަކަށް ވާޖިބުގައި ލިބޭ އަނިޔާއާ ގުޅިގެން އެ ފުލުހަކަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ، ކަމާގުޅޭގޮތުން ކޯޓުން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ކޯޓުންނެވެ.

(ށ) މައްސަލައިގެ އަދުލު އިންސާފު ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ބަދަލު ނަގައިދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ކަމަކަށް ބަދަލު ނަގައިދިނުން.
  2. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ކޯޓުން ކަނޑައަޅާ ބައެއް ކަންތައްތަކަށް ބަދަލު ނަގައިދިނުން.
  3. ކުރިން ބަދަލު ނަގައިދީފައިވާ މައްސަލައެއްގައި ދިމާވެފައިވާ ހާލަތާ އެއްގޮތް މައްސަލައެއްނަމަ، ކުރިން ދިމާވި ހާލަތުގައި ނަގައިދިން ބަދަލާ އެއްގޮތަށް ބަދަލު ނަގައިދިނުން.

 

48 ވަނަ މާއްދާ - ހައްގުނޫން އަނިޔާއަށް ބަދަލު ނަގައިދިނުން

(ހ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި ފަރުދަކަށް ލިބޭ ހައްގުނޫން އަނިޔާއަށް،  އެ އަނިޔާ އޭނާއަށް ދިން ފުލުހެއްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު އެފަރުދަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ހައްގުނޫން އަނިޔާކަމަށް ބުނެފައިއެވަނީ، ފުލުހަކު ކުރުން ހުއްދަނޫން އަމަލެއްކުރުމުގެ ސަބަބުން، ނުވަތަ ފުލުހުން ބޭނުންކުރަން ގާނޫނުގައި ހުއްދަނޫން ބާރެއްގެ ބޭނުންކުރުމުގެ ސަބަބުން، ނުވަތަ ފުލުހުން ބޭނުންކުރަން ގާނޫނުގައި ހުއްދަ ބާރެއް އެ ބާރު ބޭނުންކުރުމަށް ހުއްދައޮތް މިންވަރަށްވުރެ އިތުރަށް ބޭނުންކުރުމުގެ ސަބަބުން، ފަރުދަކަށް ލިބޭ އަނިޔާއަށެވެ. 

(ނ) ފުލުހެއްގެ ވާޖިބު އަދާކުރުމުގައި ފަރުދަކަށް ލިބޭ ހައްގުނޫން އަނިޔާއެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެފަރުދަކަށް ލިބޭ ގެއްލުމަށް މި ގާނޫނުގެ ދަށުން އަންނަނިވި މައިގަނޑު ދެ ބާވަތުގެ ބަދަލު ނަގައިދެވޭނެއެވެ.

  1. އިގްތިސާދީ ބަދަލު؛
  2. ޣައިރު އިގްތިސާދީ ބަދަލު.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ، ފަރުދަކަށް ލިބޭ ހައްގުނޫން އަނިޔާއާ ގުޅިގެން، ފަރުދަކަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް އެފަރުދަކު ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދު ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ހޯދަންޖެހިފައިވާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ޣައިރު އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އަންނަނިވި ބާވަތުގެ ބަދަލެވެ.

  1. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު؛
  2. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު؛
  3. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އޭނާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު؛
  4. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން އޭނާގެ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލު؛
  5. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ އަނިޔާގެ ފަހުން ދިރިއުޅުމުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިހްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލު؛
  6. ފަރުދަކަށް ލިބުނު ހައްގުނޫން އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާއެއް ލިބުމަށްހުރި ހުރަސްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު؛
  7. މައްސަލައިގައި ދައުވާކުރުމަށް ހިނގާފައިވާ ހަރަދު.

(ޅ) މި ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ފަރުދަކަށް ލިބޭ ހައްގުނޫން އަނިޔާއާ ގުޅިގެން އެފަރުދަކަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ، ކަމާގުޅޭގޮތުން ކޯޓުން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ކޯޓުންނެވެ.

(ކ) ފަރުދަކަށް ލިބޭ ހައްގުނޫން އަނިޔާއާ ގުޅިގެން، މި މާއްދާގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބަދަލު ނަގައިދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ބަދަލު ނަގައިދިނުން؛
  2. ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ކޯޓުން ކަނޑައަޅާ ބައެއް ކަންކަމަށް ބަދަލު ނަގައިދިނުން؛
  3. ކުރިން ބަދަލު ނަގައިދީފައިވާ މައްސަލައެއްގައި ދިމާވެފައިވާ ހާލަތާ އެއްގޮތް ހާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ހާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުން.

 

އަށްވަނަ ބާބު

ކޮމިށަނަރ

 

49 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕޮލިސް

(ހ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ އިސް މަގާމެވެ.

(ށ) ކޮމިށަނަރ އޮފް ޕޮލިސް އޭނާގެ މަގާމުގެ ޒިންމާތަކާއި، މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ވަޒީރަށް ޖަވާބުދާރީވާންވާނެއެވެ.

 

50 ވަނަ މާއްދާ - ކޮމިށަނަރުގެ އާންމު ޒިންމާ

ކޮމިށަނަރ އޮފް ޕޮލިސްގެ އާންމު ޒިންމާތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ފުލުހުންގެ ހިދުމަތް ހިންގައި ބަލަހައްޓައި ކޮންޓްރޯލުކޮށް އަދި ފުލުހުންނަށް ދޭންޖެހޭ އިރުށާދުދީ، އަމުރުކޮށް، އެންގުން އަންގައި އަދި ފުލުހުންގެ ހިދުމަތް ހިންގުމުގެ އެންމެހައި ޒިންމާ އުފުލުން.

(ށ) ފުލުހުންގެ ހަރަކާތްތައް ހިންގުމުގައާއި ފުލުހުންގެ މަސައްކަތްތައް ކުރުމުގައި ލިބެންހުރި ވަސީލަތްތައް އެންމެ ހެޔޮގޮތުގައި ބޭނުންކޮށް، އެންމެ ފުރިހަމައަށް ނަތީޖާ ނެރެދެވޭގޮތެއްގައި މަސައްކަތްކުރުން.

(ނ) ފުލުހުންގެ އެކިއެކި މަގާމުތަކުން އަދާކުރާނެ މަސްއޫލިއްޔަތަކީ ކޮބައިކަން ކަނޑައެޅުމާއި، ވަކިވަކި ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ ކޮބައިކަން ކަނޑައެޅުން.

(ރ) ފުލުހުންގެ ހިދުމަތް ދިނުމާގުޅޭގޮތުން ވަކިވަކި ފުލުހުންނަށް ނުވަތަ ފުލުހުންގެ ހިދުމަތުގައި ހިމެނޭ މުވައްޒަފުންނަށް އާންމުކޮށް ނުވަތަ ވަކި މަގާމުތަކެއްގައި ތިބޭ ބަޔަކަށް އަމާޒުކޮށް ނުވަތަ ވަކި ގިންތިއެއްގައި ތިބޭ ބަޔަކަށް އަމާޒުކޮށް، އެކިއެކި އަމުރުތައް ކުރުމާއި އެ އަމުރުތަކަށް ބަދަލުގެނައުމާއި، އެ އަމުރުތައް ހިންގުން ހުއްޓުމުގެ ބާރު، ކޮމިށަނަރަށް ލިބިގެންވެއެވެ. އަދި ވަކި އޮޕަރޭށަނެއް ނުވަތަ ހަރަކާތެއް ނުވަތަ ބަހާއެއް އެއީ ސީދާ ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުން ހިންގާ އޮޕަރޭށަނެއް ނުވަތަ ހަރަކާތެއް ނުވަތަ ބަހާއެއް ކަމުގައި ކަނޑައެޅިދާނެއެވެ.

(ބ) ފުލުހުންގެ ހިދުމަތަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައާއި ހޯދަންޖެހޭ ހިދުމަތް ހޯދުމުގައާއި ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ސޮއިކުރަންޖެހޭ ކަމަށްވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ނަމުގައި އެ އެއްބަސްވުމެއްގައި ފުލުހުންގެ ފަރާތުން ކޮމިށަނަރަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ސޮއިކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ކޮމިށަނަރަށް ލިބިދޭ ބާރު ލިބިގެންވަނީ، މި ގާނޫނުގެ އެހެނިހެން މާއްދާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދާއިރާގެ ތެރޭގައެވެ.

 

51 ވަނަ މާއްދާ - ކޮމިށަނަރ އައްޔަންކުރުން

(ހ) ކޮމިށަނަރ އައްޔަންކުރާނީ މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނަރުކަމަށް އައްޔަންކުރެވޭ މީހަކީ، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބުނާ ށަރުތުތައް ހަމަވާ، މަގާމަށް އައްޔަންކުރެވޭއިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި ފަރާތަކަށްވާންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކޮށްފައިވާނަމަ އެފަރާތަކީ މި ގާނޫނާ އެއްގޮތަށް އައްޔަންކޮށްފައިވާ ފަރާތެއް ކަމުގައި ބަލަންވާނެއެވެ. އެ ހާލަތުގައިވެސް ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މި ގާނޫނުގެ މާއްދާތައް އެ މަގާމުގައި ހުރި މީހެއްގެ މައްޗަށް ހިނގާނެއެވެ.

 

52 ވަނަ މާއްދާ - ކޮމިށަނަރ އައްޔަންކުރާނެ ގޮތް

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ކޮމިށަނަރުގެ މަގާމަށް މީހަކު އައްޔަންކުރަންޖެހޭ ކޮންމެ ހާލަތެއްގައި، އެކަމަށް އެދޭ ފަރާތްތަކުން، ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމަކީ ވަޒީރުގެ ޒިންމާއެކެވެ. އެގޮތުން ކޮމިށަނަރުގެ މަގާމުގެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން އެ ފުރުސަތު އޮތްކަން އެންގުމަށް އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލެވޭ ފުރުސަތުގެ ތެރެއިން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަރވިއުކޮށް، އެފަރާތްތަކުގެ ގާބިލުކަން ވަޒަންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ނަންތައް ޕޮލިސް ބޯޑަށް ލިބުމުން، އެމީހުންނާ ގުޅޭގޮތުން ނޭށަނަލް އިންޓެގްރިޓީ ކޮމިށަނާއި ފުލުހުންގެ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑް މެދުވެރިކޮށް، އަންނަނިވި ކަންކަން ހިމެނޭ ރިޕޯޓެއް ހުށަހެޅުމަށް،  އެ ދެފަރާތަށް، ޕޮލިސް ބޯޑުން އަންގަންވާނެއެވެ. އެފަދަ ރިޕޯޓެއް ހޯދުމުގެ ބޭނުމަކީ އަންނަނިވި ކަންކަން ވަޒަންކުރުމެވެ.

  1. ކޮމިށަނަރުކަމަށް ކަނޑައެޅުމަށް އޭނާގެ ށަރުތު ފުރިހަމަވާކަން.
  2. އޭނާގެ އަބުރުވެރިކަން ހުރި ނިސްބަތް.
  3. ކޮމިށަނަރުގެ މަގާމަށް އޭނާ އައްޔަންކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތްކަމަށްވާނަމަ އެކަން.

(ރ) ކޮމިށަނަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ހުށަހެޅޭ ނަމަކާ ގުޅޭގޮތުން ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށް ނުވަތަ ފުލުހުންގެ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅިއްޖެހިނދެއްގައި، އެކަމާމެދު އެފަރާތްތަކަށް ފެންނަގޮތުގެ ރިޕޯޓެއް ޕޮލިސް ބޯޑަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިޕޯޓަށް ޕޮލިސް ބޯޑުން ރިއާޔަތްކުރުމަށްފަހު، އެ ނަމަކާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓެއް ޕޮލިސް ބޯޑުން ވަޒީރަށް ހުށަހަޅަންވާނެއެވެ.

(ޅ) ކޮމިށަނަރުކަމުގެ މަގާމުގައިހުރި މީހެއްގެ މަގާމުގެ މުއްދަތު ހަމަވެގެން އޭނާ އެ މަގާމަށް އަލުން އިތުރު އެއް ދައުރަށް އައްޔަންކުރަން ވަޒީރަށް ފެންނަ ހާލަތުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަގާމަށް އެދޭ މީހުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

 

53 ވަނަ މާއްދާ - ކޮމިށަނަރ އައްޔަންކުރުމުގައި ބަލަންޖެހޭ ށަރުތުތައް

ކޮމިށަނަރުކަމަށް އައްޔަންކުރާ މީހާގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފުލުހުންގެ ކޮމިށަންޑް އޮފިސަރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތައް ހުރުން؛

(ށ) އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން؛

(ނ) ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން؛

(ރ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރުމަށް ބޭނުންވާ ތައުލީމާއި، ތަމްރީނާއި ތަޖުރިބާ އަދި ސިއްހަތު، ޕޮލިސް ބޯޑުން ކަނޑައަޅާ މިންގަނޑަކަށް ހުރުން؛

(ބ) ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

 

54 ވަނަ މާއްދާ - ކޮމިށަނަރުގެ މަގާމުގެ މުއްދަތު

ކޮމިށަނަރ އައްޔަންކުރެވޭނީ 4 (ހަތަރެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އެ ދައުރު ފުރިހަމަވުމުން، 4 (ހަތަރެއް) އަހަރުދުވަހުގެ އިތުރު އެއް ދައުރަށް އޭނާ އެ މަގާމަށް އައްޔަންކުރެވިދާނެއެވެ.

 

55 ވަނަ މާއްދާ - ކޮމިށަނަރ މަގާމުން އިސްތިއުފާދިނުން

(ހ) ކޮމިށަނަރ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުކުރަންދެން ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދަންވާނެއެވެ.

 

56 ވަނަ މާއްދާ - ކޮމިށަނަރ މަގާމުން ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެކަމަށް ވަޒީރަށް ފެނިއްޖެނަމަ، ކޮމިށަނަރ މަގާމުން ވަކިކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

  1. ކޮމިށަނަރުގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލައެއް ތަހްގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމުން.
  2. ދިމާވާ ސިއްހީ ހާލަތަކާ ގުޅޭގޮތުން ވަޒީފާ އަދާކުރުމަށް ނުކުޅެދުން.
  3. ފުލުހުންގެ ތައުދީބީ ފިޔަވަޅެއް އެޅޭ ކުށެއް ކަމުގައި ބެލެވޭ ކުށެއް ކޮމިށަނަރުގެ މައްޗަށް ސާބިތުވުން.
  4. މަގާމުގައި ހުރެ ކޮށްގެން ނުވާނެ ކަމެއް އޭނާ ކޮށްފިކަމަށް، ޕޮލިސް ބޯޑުގެ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ކަނޑައަޅައި، އެކަން ވަޒީރަށް ލިޔުމަކުން އެންގުން.
  5. ކުރިކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރަން ބޭނުންވާ އިތުބާރާއި އިހްތިރާމު ގެއްލިއްޖެކަމަށް ޕޮލިސް ބޯޑުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރު ހުށަހަޅައިފިނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނަރުގެ އިތުބާރު ގެއްލިއްޖެކަމަށް ފެނިއްޖެ ހާލަތެއްގައި ކޮމިށަނަރުކަމުގެ މަގާމުން އެމީހަކު ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

57 ވަނަ މާއްދާ - ކޮމިށަނަރުގެ މަގާމު ހުސްވުން

(ހ) ކޮމިށަނަރުގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މަރުވުން؛
  2. އައްޔަންކުރި މުއްދަތު ހަމަވާއިރު އޭނާ އެ މަގާމަށް އަލުން އައްޔަންކޮށްފައި ނުވުން؛
  3. މި ގާނޫނުގެ 56 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަގާމުން ވަކިކުރުން؛
  4. އުމުރުން 60 (ފަސްދޮޅަސް) އަހަރު ފުރިހަމަވުން؛
  5. އިސްތިއުފާދިނުން.

(ށ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 51 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

ޑެޕިއުޓީ ކޮމިށަނަރ

 

58 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ

(ހ) ފުލުހުންގެ ދެވަނައަށް އެންމެ އިސް މަގާމުގައި އަދި ރޭންކުގައި ހުންނާނެ ފުލުހަކީ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއެވެ. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކަށް އެއް ފުލުހަށްވުރެ ގިނަ ފުލުހުން ކަނޑައެޅިދާނެއެވެ.

(ށ) ކޮމިށަނަރ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާއިމުވެ ނެތް ހާލަތެއްގައި ކޮމިށަނަރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިށަނަރާ ހަވާލުކުރެވިދާނެއެވެ. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި ހުރީ އެންމެ ފުލުހެއްނަމަ ކޮމިށަނަރ އޮފް ޕޮލިސް ނެތް ހާލަތެއްގައި އެ މަގާމާ ހަވާލުވާނީ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި ހުރި އޮފިސަރެވެ. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ އޭގެ ތެރެއިން ހަވާލުވާނެ ޑެޕިއުޓީ ކޮމިށަނަރެއް ކަނޑައަޅާނީ ކޮމިށަނަރެވެ.

(ނ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ ވާޖިބު އަދާކުރުމަށް ކޮމިށަނަރ ނުކުޅެދިއްޖެ ހާލަތެއްގައި އެ މަގާމަށް މީހަކު އައްޔަންކުރެވެންދެން ކޮމިށަނަރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ޑެޕިއުޓީ ކޮމިށަނަރެވެ. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި ހުރީ އެންމެ ފުލުހެއްނަމަ ކޮމިށަނަރ އޮފް ޕޮލިސް ނެތް ހާލަތެއްގައި އެ މަގާމާ ހަވާލުވާނީ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި ހުރި އޮފިސަރެވެ. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ އޭގެ ތެރެއިން ހަވާލުވާނެ ޑެޕިއުޓީ ކޮމިށަނަރެއް ކަނޑައަޅާނީ ވަޒީރެވެ.

(ރ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގެ ށަރުތަކީ މި ގާނޫނުގައި ކޮމިށަނަރ އޮފް ޕޮލިސްގެ ކިބައިގައި ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ށަރުތުތަކެވެ. 

(ބ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކޮށްފައިވާނަމަ، އެފަރާތަކީ މި ގާނޫނާ އެއްގޮތަށް އައްޔަންކޮށްފައިވާ ފަރާތެއް ކަމުގައި ބަލަންވާނެއެވެ. އަދި އެ ހާލަތުގައިވެސް ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މި ގާނޫނުގެ މާއްދާތައް އެ މަގާމުގައި ހުރި މީހެއްގެ މައްޗަށް ހިނގާނެއެވެ.

(ޅ) ޑެޕިއުޓީ ކޮމިށަނަރުގެ އާންމު ޒިންމާއަކީ، ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހައި ކަންކަން ރާވައި ދުވަހުންދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިށަނަރަށް އެހީތެރިވެދިނުމާއި، ކޮމިށަނަރ އޮފް ޕޮލިސް ހަވާލުކުރާ އެންމެހައި ކަންކަން ކުރުމެވެ.

(ކ) ޑެޕިއުޓީ ކޮމިށަނަރާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮމިށަނަރަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން ލިބިދޭ ބާރާއި އިހްތިޔާރުން ބައެއްގެ ބޭނުންހިފުމުގެ ހުއްދަ، ކޮމިށަނަރ އޮފް ޕޮލިސްއަށް، ޑެޕިއުޓީ ކޮމިށަނަރަށް ދެވިދާނެއެވެ.

 

59 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އައްޔަންކުރުމާއި ވަކިކުރުން

ޑެޕިއުޓީ ކޮމިށަނަރ އައްޔަންކުރުމާއި، އެ މަގާމުން ވަކިކުރުމާއި، އެ މަގާމުން އޭނާ އިސްތިއުފާދިނުމުގައި އަމަލުކުރާނީ މި ގާނޫނުގައި ކޮމިށަނަރ އޮފް ޕޮލިސްއާ ގުޅޭގޮތުން އަމަލުކުރުމަށް ބަޔާންވެގެންވާ އުސޫލުންނެވެ.

 

60 ވަނަ މާއްދާ - އެކްޓިންގ ކޮމިށަނަރ

(ހ) އެއްވެސް ސަބަބެއް މެދުވެރިވެގެން ކޮމިށަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގައި އެއްވެސް ފުލުހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ އެކްޓިންގ ކޮމިށަނަރެއްގެ ގޮތުގައި އެގްޒެކެޓިވް ރޭންކުގެ ފުލުހަކު ޕޮލިސް ބޯޑުގެ ލަފާގެމަތިން، ވަޒީރަށް ކަނޑައެޅިދާނެއެވެ.

(ށ) އެކްޓިންގ ކޮމިށަނަރުގެ މަގާމުގައި ފުލުހުންގެ އޮފިސަރަކު އެންމެ ގިނަވެގެން ބެހެއްޓޭނީ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަށެވެ.

(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކޮމިށަނަރަށް ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރު ބޭނުންކުރުމުގެ ހައިސިއްޔަތު އެކްޓިންގ ކޮމިށަނަރަށް ލިބިގެންވެއެވެ.

 

ދިހަވަނަ ބާބު

އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑު

 

61 ވަނަ މާއްދާ - އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑު

(ހ) މި ގާނޫނުގެ ދަށުން ވަޒީރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލުމާއި، ކޮމިށަނަރަށް ލަފާ ބޭނުންވާ ކަންކަމުގައި ކޮމިށަނަރަށް ލަފާ ދިނުމަށް އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ ނަމުގައި ބޯޑެއް ކޮމިށަނަރ އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑުގައި ހިމެނޭ މެންބަރުންގެ ނަންތައް ކޮމިށަނަރ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑު ހިންގުމުގެ ގަވާއިދު ކޮމިށަނަރ އޮފް ޕޮލިސް އެކުލަވާލަންވާނެއެވެ.

 

62 ވަނަ މާއްދާ - އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑު އެކުލެވިގެންވާ ގޮތް

(ހ) އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑު އެކުލެވިގެންވަނީ އަންނަނިވި މަގާމުތަކުގެ މައްޗަށެވެ.

  1. ކޮމިށަނަރ އޮފް ޕޮލިސް؛
  2. ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް؛ އަދި 
  3. ކޮމާންޑް އަދި ޑައިރެކްޓަރޭޓް ދަރަޖައިގައި ކަނޑައަޅާފައިވާ ބަހާތަކުގެ ވެރިން.

(ށ) އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނަރ ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ.

 

އެގާރަވަނަ ބާބު

އެގްޒެކެޓިވް އޮފިސަރުން އަދި އެހެނިހެން މަގާމުތައް

 

63 ވަނަ މާއްދާ - އެގްޒެކެޓިވް އޮފިސަރުންގެ މަގާމު

އެގްޒެކެޓިވް އޮފިސަރުންގެ މަގާމުތަކަކީ، ފުލުހުންގެ ކޮމިށަންޑް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުން ފެށިގެން މަތީގެ ރޭންކުގެ ފުލުހުންނެވެ.

 

64 ވަނަ މާއްދާ - އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ކަނޑައެޅުން

(ހ) އެގްޒެކެޓިވް އޮފިސަރެއްގެ ރޭންކަށް ފުލުހުންގެ އޮފިސަރަކު އައްޔަންކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރެވެ.

(ށ) އެގްޒެކެޓިވް އޮފިސަރެއްގެ މަގާމަކަށް މީހަކު އައްޔަންކުރަންވާނީ އޭނާ އެ މަގާމަށް އެކަށޭނަ މިންވަރު ބެލުމަށްފަހުގައެވެ.

(ނ) ވަކިކަހަލަ މަގާމުތަކަކީ ވަކިކަހަލަ ހާއްސަ ހުނަރުތަކެއް ނުވަތަ ހާއްސަ އިލްމީ ގާބިލުކަމެއް ލިބިހުރި މަގާމަކަށް ވާންޖެހޭކަމަށްވާނަމަ، އެ މަގާމަކަށް އައްޔަންކުރަންވާނީ، އެ މަގާމަށް އެ ބޭނުންވާ ހާއްސަ އިލްމީ ގާބިލުކަމާއި ހުނަރު ލިބިގެންވާ މީހެކެވެ.

(ރ) މަގާމުގެ ކުރިއެރުމެއްގެ ހައިސިއްޔަތުން މީހަކު އެގްޒެކެޓިވް އޮފިސަރެއްގެ މަގާމަކަށް އައްޔަންކުރެވިދާނެއެވެ. މިގޮތުން އެއްވެސް ފަރާތެއް އައްޔަންކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުން ލަފާ ދީފައިވާ ފަރާތެއް ކަމުގައި ވާނަމައެވެ.

 

65 ވަނަ މާއްދާ - އެހެން މަގާމުތައް

ދިވެހި ފުލުހުންގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ބޭނުންވާ މިންވަރަށް މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތައް އުފެއްދުމުގެ ބާރު ވަޒީރުގެ ލަފާގެމަތިން ކޮމިށަނަރަށް ލިބިގެންވެއެވެ.

 

66 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން އައްޔަންކުރުން

(ހ) ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި އާންމު މުވައްޒަފުންގެ ދާއިމީ މަގާމުތަކުގެ އިތުރަށް، ވަގުތީ މުވައްޒަފުންނަށް ބޭނުންވާކަމަށް ކޮމިށަނަރަށް ފެނިއްޖެހިނދެއްގައި، ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މުވައްޒަފުން އައްޔަންކުރުމުގެ ބާރު، ކޮމިށަނަރަށް ލިބިގެންވެއެވެ.

(ށ) ވަގުތީ މުވައްޒަފަކު އައްޔަންކުރެވޭނީ އަންނަނިވި ހާލަތްތަކުގައި، ވަގުތީ މަގާމެއް އުފެއްދުމަށްފަހުގައެވެ.

  1. ވަކި ކޮންޓްރެކްޓެއްގެ ދަށުން ވަކި މަސައްކަތެއްކުރުމަށް ނުވަތަ ވަކި މަށްރޫއެއް ހިންގުމަށް، ވަކި މުއްދަތަކަށް.
  2. ވަކި ކޮންޓްރެކްޓެއްގެ ދަށުން ވަކި ދާއިރާއެއްގައި ހިދުމަތްކުރުމަށް، ވަކި މުއްދަތަކަށް.
  3. މާލީ އިނާޔަތެއް ދެވޭ ނުވަތަ މާލީ އިނާޔަތެއް ނުދެވޭ ގޮތަށް ފަރުމާކޮށް ހިންގާ އިންޓަރންށިޕް ޕްރޮގްރާމެއްގެ ބައިވެރިއެއްގެ ގޮތުން އިންޓަރންސްއިންގެ ގޮތުގައި.

(ނ) ވަގުތީގޮތުން އައްޔަންކުރެވޭ މީހަކު 2 (ދޭއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް އައްޔަންކޮށްގެން ނުވާނެއެވެ. ދެ އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު ދާއިމީ މަގާމެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.

(ރ) ވަގުތީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުންވެސް އައްޔަންކުރަންވާނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރުމަށް އެކަށީގެންވޭތޯ ބެލުމަށްފަހު، މި ގާނޫނުގައި އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) ފުލުހުންގެ ހިދުމަތުގެ ދާއިމީ އެއްވެސް މަގާމަކަށް ވަގުތީ މުވައްޒަފުން އައްޔަންކޮށްގެން ނުވާނެއެވެ.

 

67 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބިއުލަރީ

(ހ) ފުލުހުންގެ މަގްސަދާއި، މަސްއޫލިއްޔަތާއި، ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ސްޕެށަލް ކޮންސްޓަބިއުލަރީގެ ނަމުގައި ހާއްސަ ފުލުހުންގެ ބަޔަކު އުފެއްދުމުގެ އިހްތިޔާރު، ވަޒީރުގެ ލަފާގެމަތިން ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގައި ހިމެނޭނީ ހާއްސަ ފުލުހުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ބައެކެވެ.

(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، ކަމާގުޅޭގޮތުން އަމަލުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ މަގާމުތަކާއި ރޭންކުތަކާއި އެންމެހައި އިނާޔަތްތައް ކަނޑައަޅައި، ހަމަޖައްސާނީ ވަޒީރެވެ.

(ބ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ވަޒީފާ އަދާކުރާ ތަންތަން ކަނޑައެޅުމާއި، ބަދަލުކުރުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ޅ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ހުރިހާ މުވައްޒަފުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާކުރަން ވާނެއެވެ.

(ކ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް މި ގާނޫނުގައި ފުލުހުންނަށް ލިބިގެންވާ އެންމެހައި ބާރުތަކާއި، އިހްތިޔާރުތަކާއި، ހިމާޔަތްތަކާއި ހައްގުތައް ލިބިގެންވެއެވެ.

(އ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ވަޒީފާގައި ހަރަކާތްތެރިވާންޖެހޭނީ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ތާރީހަކުން ފެށިގެން ކޮމިށަނަރ ކަނޑައަޅާ މުއްދަތަކަށް، މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްޕެށަލް ކޮންސްޓަބިއުލަރީގެ ގަވާއިދުގެ ދަށުންނެވެ.

 

ބާރަވަނަ ބާބު

ވަޒީރުގެ ދައުރު

 

68 ވަނަ މާއްދާ - ވަޒީރުގެ ދައުރު

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަޒީރު އެ ޒިންމާ އުފުލާނީ، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ކަނޑައަޅާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓާއި އެކިއެކި އާންމު ސިޔާސަތުތަކާއި، ދޭ އާންމު އިރުށާދުތަކާއި، ކަނޑައަޅާ މިންގަނޑުތަކާއި، އެކަށައަޅާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅަންވާނީ އިތުބާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ދިނުމަށާއި، ފުލުހުންގެ ވާޖިބުތައް ތަންފީޒުކުރެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަށާއި، ވަސީލަތް ކަށަވަރުކޮށްދިނުމަށާއި، އަދި ފުލުހުން އަދާކުރާ ވަޒީފާ ޕްރޮފެށަނަލްކަމާއެކު އަދާކުރަމުންދާ މިންގަނޑު ބަލައި ދެނެގަނެވޭނެ އުސޫލުތައް ތައާރުފުކޮށް، އެ އުސޫލުތައް ތަންފީޒުކުރުމަށެވެ.

 

69 ވަނަ މާއްދާ - ވަޒީރުގެ މަސްއޫލިއްޔަތާއި ބާރުތައް

ފުލުހުންގެ ހިދުމަތް ހިނގަމުންދަނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަކީ ވަޒީރުގެ މަސްއޫލިއްޔަތެކެވެ. އެގޮތުން، ފުލުހުންގެ ހިދުމަތް ވަޒީރުގެ ބެލުމުގެ ދަށުން ހިންގާނެ ގޮތާއި، އެ ހިދުމަތް ވަޒީރަށް ޖަވާބުދާރީކުރުވާނެ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ކަނޑައަޅައި ކޮމިށަނަރަށް އެންގުން؛

(ށ) ނަތީޖާ ނެރެދެވޭ، ކުރާ ހޭދައާ އެއްވަރަށް މަސައްކަތްކުރާ، ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އީޖާބީގޮތުން ހަރަކާތްތެރިވާ އަދި ޖަވާބުދާރީކުރުވަނިވި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށްޓަކައި ވަޒީރު އެކަށައަޅަންޖެހޭ އާންމު ހަމަތަކާއި އުސޫލުތަކާއި ސިޔާސަތުތަކާއި މިންގަނޑުތައް އެކަށައެޅުން؛

(ނ) ފުލުހުންގެ ހިދުމަތަށް ވަޒީރު އައްޔަންކުރަންޖެހޭ ނުވަތަ އެމީހަކު އައްޔަންކުރުމުގައި ވަޒީރުގެ ރުހުން ހޯދަންޖެހޭ މަގާމުތަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުން؛

(ރ) ކުށްކުރުން ހުއްޓުވުމުގެ ގޮތުންނާއި، މުޖުތަމައަށް ހިދުމަތްދިނުމުގައި ފުލުހުން އަމަލުކުރަންޖެހޭނެ އާންމު މިންގަނޑު ކަނޑައަޅައި އެންގުން؛

(ބ) ފުލުހުންގެ ހިދުމަތް ދެމުންދާގޮތް، ވަޒީރު ކަނޑައަޅާ އުސޫލެއްގެމަތިން، އެކި މުއްދަތުތަކުގައި ބަލަމުން ދިޔުން؛

(ޅ) ފާއިތުވި އަހަރު ހިންގިގޮތުގެ މައްޗަށް ތައްޔާރުކުރާ ފުލުހުންގެ ހިދުމަތުގެ އަހަރު ރިޕޯޓެއް، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން؛

(ކ) އަންނަނިވި ކަންކަން ބެލުމަށްޓަކައި ވަޒީރު ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އިންޑިކޭޓަރުތައް ކަނޑައެޅުން؛

  1. ހިންގުމުގެ ނިޒާމުގެ ފަސޭހަކަން؛
  2. ފުލުހުންނާމެދު ރައްޔިތުންގެ އިތުބާރު އޮތް ނިސްބަތް؛
  3. ކުށުގެ އަނިޔާގެ ށިކާރައަކަށްވާ މީހުން ފުލުހުންނާމެދު ކުރާ އިތުބާރު؛
  4. ފުލުހުންގެ ތަހްގީގުތައް ހިނގާގޮތާއި، އޭގެ އަވަސްމިނާއި އޭގެ ނަތީޖާ ނެރެދެވޭ މިންވަރު؛
  5. ފުލުހުން ޒިންމާ އުފުލާ މިންވަރު؛
  6. ފުލުހުން ވަސީލަތްތައް ބޭނުންކުރުމުގައި އެންމެ ހަރަދުކުޑަ އެންމެ ނަތީޖާ ހެޔޮގޮތް އިހްތިޔާރުކުރާ މިންވަރު؛
  7. ފުލުހުން އިންސާނީ ހައްގުތަކަށް ތަބާވާ މިންވަރު؛

(އ) މުޅި ފުލުހުންގެ ހިދުމަތް ހިނގާނުހިނގާގޮތް ވަޒަންކުރުމަށްޓަކައި، އަންނަނިވި ކަންކަން ބަލާނެ ހަމަތައް ކަނޑައެޅުން؛

  1. ހިނގަމުންދާ އަހަރަށް ލަފާކޮށް ކަނޑައަޅާފައި އޮންނަ ޕްލޭނާ އެއްގޮތަށް ނަތީޖާ ހާސިލުކުރެވޭ މިންވަރު؛
  2. ވާޖިބު އަދާކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް؛
  3. ފުލުހުންނަށް ހުރި މާއްދީ ވަސީލަތްތަކުގެ ދަތިކަން.

(ވ) ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ވަޒީރު އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ދައުލަތުގެ އެހެން މުއައްސަސާއަކާ ގުޅިގެން ނުވަތަ އެއިން ފަރާތެއްގެ އެއްބާރުލުން ލިބިގެން ކުރަންޖެހޭ ކަމެއްކަމަށްވާނަމަ، އެ މުއައްސަސާއަކާ ގުޅިގެން ނުވަތަ އެ މުއައްސަސާގެ އެއްބާރުލުން ލިބިގެން އެކަމެއް ކުރުން.

(މ) މި ގާނޫނުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ވަކި ދާއިރާއަކަށް އިސްކަންދީގެން ހާއްސަ އޮޕަރޭށަންތައް ހިންގުމާއި، ވަކި ދާއިރާއަކަށް ހާއްސަ ސަމާލުކަންދީގެން ތަހްގީގުތައް ހިންގުމަށް ވަކި މުއްދަތެއް ކަނޑައަޅައި ފުލުހުންނަށް އެންގުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ފ) ފުލުހުންނަށް ހުށަހެޅިފައިވާ ވަކި މައްސަލައެއްގެ ތަހްގީގު ލަސްވާކަމުގެ ށަކުވާ ހުށަހެޅިއްޖެނަމަ ނުވަތަ ތަހްގީގެއް ލަސްވާކަން ފާހަގަކުރެވިއްޖެނަމަ އެ މައްސަލައެއްގެ ތަހްގީގު އަވަސްކުރުމަށް އެންގުމާއި، ވަކި މައްސަލައެއްގެ ތަހްގީގާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ދ) މި މާއްދާގެ (ފ) ގެ ދަށުން ވަޒީރު އެންގުމެއް އަންގައިފިނަމަ، އެ މައްސަލައެއްގެ ތަހްގީގު ލަސްވުމަށް މެދުވެރިވި ސަބަބު، ކޮމިށަނަރ އޮފް ޕޮލިސް ވަޒީރަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ތ) މި ގާނޫނުގެ ދަށުން ވަޒީރަށް ލިބިދޭ ބާރު ބޭނުންކުރުމުގައި އަންގާ އެންގުންތައް އާންމު ގޮތެއްގައި އަންގަންވާނީ ކޮމިށަނަރަށެވެ. އެހެންނަމަވެސް، ވަކި މައްސަލައަކާ ގުޅިގެން މި މާއްދާގެ (ފ) ގެ ދަށުން އެހެން ފުލުހަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ވަކިވަކި ފުލުހުންނަށް އެންގުންތައް އަންގަންޖެހިއްޖެކަމަށް ވަޒީރަށް ފެންނަ ހާލަތުގައި އެގޮތަށް އަމަލުކުރެވިދާނެއެވެ.

(ލ) ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ވަޒީރު ޖަވާބުދާރީވުމަށްޓަކައި، ފުލުހުންގެ ހިދުމަތުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންނާ ސުވާލުކުރުމުގެ ބާރު، ވަޒީރަށް ލިބިގެންވެއެވެ.

(ގ) މި ގާނޫނުގެ ދަށުން އެކި ކަންކަމުގައި ޕޮލިސް ބޯޑުން ދޭ ލަފާ ތަންފީޒުކުރުމަށް އަންގަންޖެހޭ އެންގުންތައް ކޮމިށަނަރަށް އެންގުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

 

70 ވަނަ މާއްދާ - ވަޒީރު ވަކިވަކި އެންގުން ނޭންގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ވަޒީރަށް ލިބިދޭ ބާރު ބޭނުންކުރުމުގައި އަންގާ އެންގުންތައް އަންގަންވާނީ ކޮމިށަނަރަށެވެ. ކޮމިށަނަރ ނޫންފަރާތަކަށް ވަގުތުން އަންގަންޖެހޭ އެންގުމެއްނަމަ ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކޮމިށަނަރ ނޫންފަރާތަކަށް އެންގުމެއް އަންގަންޖެހިއްޖެ ހާލަތެއްގައިވެސް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރަކަށް ނޫން މުވައްޒަފަކަށް ވަކި އެންގުމެއް އަންގައި އަމުރުކޮށްގެން ނުވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީރު ފުލުހުންނަށް އަންގަން ބޭނުންވާ ކަންކަން އަންގާނީ އާންމުކޮށް އަންގާ އެންގުމެއްގެ ގޮތުގައި ފުލުހުންގެ ވަކި މަސައްކަތްތަކެއް ނުވަތަ ވަކި ދާއިރާތަކެއްގައި ހިމެނޭ މަސައްކަތްތަކެއް ކުރަންވީގޮތުގެ މައިގަނޑު ސިޔާސަތު ކަނޑައަޅާ އުސޫލުންނެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ވަޒީރު ޖަވާބުދާރީވުމަށްޓަކައި، ފުލުހުންގެ ހިދުމަތުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާ ސުވާލުކުރުމުގެ ބާރު، ވަޒީރަށް ލިބިގެންވެއެވެ.

 

ތޭރަވަނަ ބާބު

ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު

 

71 ވަނަ މާއްދާ - ތަހްގީގުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު

ފުލުހުން ހިންގާ އެކިއެކި ތަހްގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން، ފުލުހުން ހިންގާފައިވާ ނުވަތަ ހިންގަމުންދާ ތަހްގީގަކާ ގުޅިގެން ދައުވާ އުފުލުމަށް ކޮންމެހެން ބޭނުންވާނެ އެ ތަހްގީގަކާގުޅޭ މައުލޫމާތު ބަޔާންކޮށްދިނުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

72 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދަށް އެދުން

(ހ) ފުލުހުން ވަކި ތަހްގީގެއް ކުރަމުންދާ ހާލަތުގައި، އެ ތަހްގީގަކާ ގުޅޭގޮތުން ވަކިކަމެއް ކުރަންޖެހިއްޖެނަމަ އެކުރަން ބޭނުންވާ ކަމެއް، އެއީ ގާނޫނުގެ ވަކި ދާއިރާއެއްގައި ހިމެނޭ ކަމެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދަކަށް އެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުށާދަށް ފުލުހުން އެދެންވާނީ ލިޔުމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އިރުށާދު ދޭނީވެސް ލިޔުމުންނެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލް ވަކިގޮތަކަށް ވަކި ހާލަތެއްގައި ވަކި އިރުށާދެއް ފުލުހުންނަށް ދީފިކަމަށްވާނަމަ، އެ އިރުށާދަކަށް ފުލުހުން ތަބާވާންވާނެއެވެ.

(ރ) ޕްރޮސިކިއުޓަރ ޖެނެރަލް މި މާއްދާގެ ދަށުން ދޭ އެންމެހައި އިރުށާދުތައް ފުލުހުން ލިޔެ ބަލަހައްޓައި ދަފްތަރުކުރަންވާނެއެވެ.

 

ސާދަވަނަ ބާބު

ސަލާމަތީ ހިދުމަތްތަކާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު

 

73 ވަނަ މާއްދާ - ސަލާމަތީ ހިދުމަތްތަކާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މަސްއޫލިއްޔަތު

ސަލާމަތީ ހިދުމަތްތައް ހިނގާނުހިނގާގޮތް ބަލަމުން ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީއެއް އޮންނަންވާނެކަމަށް ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާތީއާއި، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ގާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީއާއި، ގާނޫނުއަސާސީގެ 236 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ހިމެނޭކަމަށްވާތީއާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަގްސަދުތަކަކީ ކޮބައިކަން ގާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، ބަޔާންކުރެވިދިޔަ ގާނޫނުއަސާސީގެ މާއްދާތަކުގެ ދަށުން އުފެދި ހިނގަމުންދާ ފުލުހުންގެ ހިދުމަތް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި، ސަލާމަތީ ހިދުމަތްތަކާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ވަޒީރާއި ފުލުހުންނާ ސުވާލުކުރެވިދާނެއެވެ. އަދި އަންނަނިވި ކަންކަމާ ގުޅޭގޮތުން ކޮމިޓީއަށް ފެންނަ ގޮތުގެ ލަފާ ދެވިދާނެއެވެ.

(ހ) މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމަލުކުރެވެމުންދާ މައިގަނޑު ސިޔާސަތުތަކަކީ ކޮބައިކަން ކަށަވަރުކުރުމާއި އެއިން ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ށ) ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތްކޮށްދީ، އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކަކީ ކޮބައިކަން ކަށަވަރުކުރުމާއި އެއިން ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ނ) ޖިނާއީ ކުށް ތަހްގީގުކުރުމާއި ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި މައްސަލަތައް ށަރީއަތަށް ހުށަހެޅުމަށް ބޭނުންވާނެ ތައްޔާރީތައް ކުރުމާ ގުޅޭގޮތުން ގެންގުޅޭ އާންމު ސިޔާސަތުތަކަކީ ކޮބައިކަން ކަށަވަރުކުރުމާއި އެއިން ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ރ) ގާނޫނު ނެގެހެއްޓުމުގައި ގެންގުޅޭ އާންމު ސިޔާސަތުތަކަކީ ކޮބައިކަން ކަށަވަރުކުރުމާއި އެއިން ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ބ) ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައިވާ އެކިއެކި އޮޕަރޭށަންތަކާއި ހަރަކާތްތަކާބެހޭ މައުލޫމާތުގެ ތެރެއިން ހިނގަމުންދާ ތަހްގީގަކަށް ހުރަސްނޭޅޭނެ މައުލޫމާތު އޮޅުން ފިލުވުން؛

(ޅ) ފުލުހުންގެ ހިދުމަތުން ނެރުމަށް ބޭނުންވާ ނަތީޖާ ނެރެވެމުންދާ ނިސްބަތް ބެލުމާއި އެކަމާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ކ) ތަހްގީގަށް ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރެވެމުންދާ އުސޫލުތައް ދެނެގަތުމާއި އެއިން ކަމަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ބަދަލެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(އ) ފުލުހުންގެ ހިދުމަތް އިތުބާރުހުރި ގޮތެއްގައި ދެމުންދިޔުމަށްޓަކައި ރައްޔިތުންގެ އިތުބާރު އާލާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ފިޔަވަޅުތައް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(ވ) ފުލުހުން އެކިއެކި ކަންކަމުގައި ގެންގުޅޭ އާލާތްތަކާއި ވަސީލަތްތަކާއި ހަތިޔާރާ ގުޅޭގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ބޭނުންކުރަމުންދާ އުސޫލުތައް ދިރާސާކޮށް، އެއިން ކަމަކާ ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް އޮތްކަމަށްވާނަމަ، އެކަމެއް، ވަޒީރަށާއި ކޮމިށަނަރަށް އެންގުން؛

(މ) ވަޒީރުގެ މަސްއޫލިއްޔަތުތައް ކަމަށް މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒީރު ކުރަމުންދާ ނިސްބަތް ބަލައި، ވަޒީރު ޖަވާބުދާރީކުރުވުން؛

(ފ) ކޮމިށަނަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އޭނާ އަދާކުރަމުންދާ ނިސްބަތް ބަލައި، ކޮމިށަނަރ ޖަވާބުދާރީކުރުވުން؛

(ދ) ފުލުހުންގެ ހިދުމަތް ދިނުމުގައި ޒަމާނީ އަދި ދީމިގްރާތީ ސިފަތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތައް ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްކަމަށް ކޮމިޓީއަށް ފެންނަ ފިޔަވަޅުތައް ވަޒީރަށާއި ފުލުހުންގެ ހިދުމަތަށް އެންގުމާއި، ކަމާގުޅޭގޮތުން ގާނޫނަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ އިސްލާހުތައް ގެނައުމަށް ހުށަހެޅުން.

 

74 ވަނަ މާއްދާ - ކޮމިޓީގެ އެންގުންތަކާ ގުޅޭގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުން

(ހ) ފުލުހުންގެ ހިދުމަތް ޖަވާބުދާރީކުރުވުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުގެ ދާއިރާގައި އެ ކޮމިޓީން އެ ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައި، ލިޔުމުން ވަޒީރަށް އަންގާ ކަންކަމާ ގުޅިގެން، އިސްލާހުކުރަންޖެހޭ ކަންކަން ބަލައި، އެކަންކަމާ ގުޅޭގޮތުން ވަޒީރު ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްލާހުކުރުމަށް އަންގާ ކަންކަން އިސްލާހުކުރެވެން ނެތް ހާލަތެއްގައި އެކަމުގެ މައުލޫމާތު ލިޔުމުން ސަލާމަތީ ހިދުމަތްތަކާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އެންގުމަކީ ވަޒީރު ނުވަތަ ކޮމިށަނަރުގެ މަސްއޫލިއްޔަތެކެވެ.

 

ފަނަރަވަނަ ބާބު

ޕޮލިސް ބޯޑު

 

75 ވަނަ މާއްދާ - ޕޮލިސް ބޯޑު

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރާއި ޑެޕިއުޓީ ކޮމިށަނަރ އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި، މި ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، މި ގާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އަންނަނިވި ގޮތުގެމަތިން "ޕޮލިސް ބޯޑު" ގެ ނަމުގައި 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ. 

  1. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 (ދޭއް) މެންބަރުން؛
  2. ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 (ތިނެއް) މެންބަރުން؛
  3. އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 (ދޭއް) މެންބަރުން.

(ށ) މި މާއްދާގައި ބަޔާންކުރާ ބޯޑަށް މެންބަރުން އައްޔަންކުރުމުގައި އެކިއެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނުމަށް އިސްކަންދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން އައްޔަންކުރާނީ ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކަމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހުން އެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ބ) ބޯޑުގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހަކުކަމުގައި ވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑު މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.

 

76 ވަނަ މާއްދާ - ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތުތައް

ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ދެމުންދޭތޯ ބެލުމާއި، ފުލުހުން އަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ފެންނަ ގޮތުގެ ލަފާ ދިނުން؛

(ށ) ފުލުހުންގެ ހިދުމަތް ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގައި ހިންގުމުގައާއި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގައި ކުރަމުން ދިޔުމުގައި، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ކަމާގުޅޭ އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ހިންގައި ބެލެހެއްޓުމުގައި އަމަލުކުރަމުންދާ ގޮތްތައް ބަލައި ފެންނަ ލަފައެއް ދިނުން؛

(ނ) ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެއްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖައާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން؛

(ރ) ކުށް މަދުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމްތައް ދިރާސާކުރުމާއި އެ ޕްރޮގްރާމްތަކުން ނަތީޖާ ނެރެވޭ މިންވަރު ދިރާސާކޮށް ވަޒަންކުރުމާއި އިސްލާހުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަމެއް އޮތްކަމަށް ފެނިއްޖެނަމަ، އެކަމެއްގެ ލަފާ ދިނުން؛

(ބ) ފުލުހުންގެ ހިދުމަތް ދިނުމުގައި ޒަމާނީ އަދި ދީމިގްރާތީ ސިފަތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތައް ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ކަމަށް ފެންނަ ފިޔަވަޅުތަކާގުޅޭ ލަފާ ދިނުމާއި، ކަމާގުޅޭގޮތުން ގާނޫނަކަށް ގެންނަންޖެހޭ ބަދަލެއް އޮތްކަމަށް ފެނިއްޖެނަމަ، އެކަމާގުޅޭ ލަފާ ދިނުން؛

(ޅ) ފުލުހުންގެ ހިދުމަތުގެ ފަރާތުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތުތައް ބަލައި ދިރާސާކުރުމާއި، އެފަދަ ހިދުމަތަކަށް ބަދަލެއް ގެންނަން ފެންނަނަމަ، އެފަދަ ބަދަލެއް ގެނައުމަށް މަށްވަރާއާއި ލަފާދިނުން؛

(ކ) ދިވެހި ފުލުހުންގެ ހިދުމަތުން އެއިރަކަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ބަލައި، ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ބޯޑަށް ފެންނަ ލަފާދިނުން؛

(އ) ކޮމިށަނަރ އަދި ޑެޕިއުޓީ ކޮމިށަނަރ ކަމަށް ކުރިމަތިލާ ފަރާތްތަކާ ގުޅޭގޮތުން ޕޮލިސް ބޯޑުން ކުރުމަށް މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުން؛

(ވ) ކޮމިށަނަރ އަދި ޑެޕިއުޓީ ކޮމިށަނަރ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޕޮލިސް ބޯޑުން ކުރުމަށް މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުން.

(މ) މި މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ޕޮލިސް ބޯޑުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ކުރުން.

 

77 ވަނަ މާއްދާ - ޕޮލިސް ބޯޑުގެ ދައުރު

ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ، 4 (ހަތަރެއް) އަހަރުދުވަހެވެ.

 

78 ވަނަ މާއްދާ - ޕޮލިސް ބޯޑުގެ ރިޔާސަތު

ޕޮލިސް ބޯޑުގެ ރިޔާސަތަކީ ބޯޑުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ ބޯޑުގެ މެންބަރެކެވެ.

 

79 ވަނަ މާއްދާ - އިދާރީ އިންތިޒާމުތައް

ޕޮލިސް ބޯޑު ހިންގުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ވަޒީރު ހަމަޖައްސައިދޭންވާނެއެވެ.

 

ސޯޅަވަނަ ބާބު

ފުލުހުންނާމެދު ށަކުވާ ހުށަހެޅުމާއި ތައުދީބީ ފިޔަވަޅު އެޅުން

 

80 ވަނަ މާއްދާ - ފުލުހުންނާމެދު ކުރެވޭ ށަކުވާތައް ބެލުމުގެ އުސޫލު ކަނޑައެޅުން

(ހ) ފުލުހުންނާމެދު ކުރެވޭ ށަކުވާ ބަލައިގަނެ، އެ ށަކުވާއެއް ބަލައި، ފިޔަވަޅު އަޅަންޖެހޭނަމަ ފުލުހުންގެ ހިދުމަތުގެ ތެރޭގައި އެ ފިޔަވަޅުއެޅޭނެ ނިޒާމެއް ކޮމިށަނަރ ގާއިމުކުރަންވާނެއެވެ.

(ށ) ފުލުހުންނާމެދު އަންނަނިވި ބާވަތްތަކުގެ ށަކުވާ ހުށަހެޅިދާނެއެވެ.

  1. ކޮރަޕްށަންގެ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއް ފުލުހަކު ކުރުން؛
  2. ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރުން، ނުވަތަ އިންސާފުވެރި ނޫން، ނުވަތަ ހަރުކަށި ނުވަތަ އަނިޔާވެރި ކަމެއްކަމަށް ބެލެވޭ ކަމެއް ކުރުން؛
  3. ގާނޫނުން ލިބިދޭ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކިކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުން؛
  4. ގާނޫނުގައި ނުވަތަ ގަވާއިދުގައި މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ފުލުހަކު ކުރުން.

 

81 ވަނަ މާއްދާ - ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑް

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާތައް ބަލައި ތަހްގީގުކުރުމަށްޓަކައި ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑެއް ކޮމިށަނަރ ގާއިމުކުރަންވާނެއެވެ.

(ށ) މިގޮތުން، ށަކުވާ ހުށަހެޅުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅޭ ށަކުވާއެއް ބަލައި ތަހްގީގުކުރެވޭ މައްސަލަތަކުގައި ތައުދީބީ ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމުމަށްޓަކައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެއެވެ.

(ރ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅޭ މައްސަލައެއް ތަހްގީގުކުރާއިރު، ޖިނާއީ ދައުވާއެއް އުފުލަންޖެހޭކަމަށް ފެނިއްޖެނަމަ ޖިނާއީ ތަހްގީގުކުރުމަށްޓަކައި ކަމާބެހޭ ޔުނިޓަށް މައްސަލަ ފޮނުވަންވާނެއެވެ.

(ބ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ށަކުވާއެއް ބެލުމަކީ، ނުވަތަ ތައުދީބީ ފިޔަވަޅެއް އެޅުމަށް ނިންމުމަކީ އޭގެ ޒާތުގައި ހަމައެކަނި އެ ސަބަބަށްޓަކައި، ޖިނާއީ ދައުވާ ނުކުރެވެންވީ ސަބަބެއްނޫނެވެ. އަދި މި ގާނޫނުގެ ވިހިވަނަ ބާބުގައިވާ ގޮތުގެމަތިން ފުލުހަކަށް ތައުދީބީ އަދަބެއް ދެވުނުކަމުގައިވީނަމަވެސް، އޭނާ ޖިނާއީ ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކަށް  މި ގާނޫނު ހުރަހެއް ނާޅައެވެ.

 

82 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު އެޅުން

(ހ) ފުލުހުންނަށް ލިބިދީފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކިވަކި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރަށް ލިބިދޭ ބާރުގެ ދަށުން ތައުދީބީ ފިޔަވަޅުގެ ގޮތުގައި އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

  1. ނަސޭހަތްދިނުން؛
  2. ކައުންސެލިންގ ދިނުން؛
  3. ވަޒީފާ އަދާކުރާ ތަން ބަދަލުކުރުން؛
  4. ކައިރިން ސުޕަރވައިޒްކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުން؛
  5. މުސާރައިގެ ކުރިއެރުމެއް ހިފެހެއްޓުން؛
  6. ޕްރޮމޯށަން ހިފެހެއްޓުން؛
  7. ހާއްސަ ތަމްރީނު ފުރިހަމަކުރުވުން؛
  8. އެއް މަސްދުވަހުގެ މުސާރައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  9. އިންޒާރުދިނުން؛
  10. ވަކި މުއްދަތަކަށް ހިދުމަތުން ސަސްޕެންޑުކުރުން؛
  11. މަގާމު ދަށްކުރުން؛
  12. ރޭންކު ދަށްކުރުން؛ އަދި
  13. ވަޒީފާއިން ވަކިކުރަން ލަފާދިނުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައުދީބީ ފިޔަވަޅެއް އެޅުމުގެ ތެރެއިން ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގައި، ވަޒީފާ ބަދަލުކުރެވޭ ފަރާތުގެ އިލްމީ އަދި ފަންނީ ގާބިލުކަން ނުވަތަ ތަޖުރިބާ ލިބިފައިނެތް ދާއިރާއަކުން ހިދުމަތްކުރަން ޖެހިދާނެ ޑިޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް އެފަރާތެއް ބަދަލުކޮށްގެންނުވާނެއެވެ.

 

83 ވަނަ މާއްދާ - ތައުދީބީ މައްސަލަތައް ގިންތިކުރުން

(ހ) މި ބާބުގައި ބަޔާންކުރާ ތައުދީބީ މައްސަލަތައް ބެހިގެންވަނީ އަންނަނިވި ގިންތިތަކަށެވެ.

  1. މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް؛
  2. ޑިސިޕްލިނަރީ އަދި އިދާރީ ކުދި ކުށްތައް؛ އަދި
  3. ޑިސިޕްލިނަރީ އަދި އިދާރީ ބޮޑެތި ކުށްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ކުށްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

84 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ އިޖުރާއަތު

(ހ) ފުލުހަކާ މެދު ހުށަހެޅޭ ށަކުވާއެއް ނުވަތަ ތުހުމަތުކުރެވޭ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށަކާ ގުޅިގެން ނުވަތަ ފުލުހަކު ކުރި އަމަލަކާ ނުވަތަ ނުކޮށް ދޫކޮށްލި އަމަލަކާ ގުޅިގެން އެމީހެއްގެ މައްޗަށް އެއްވެސް ތައުދީބީ ފިޔަވަޅެއް އަޅަންވާނީ، ތުހުމަތުކުރެވޭ ކުށުގެ އަމަލު ފުލުހުންގެ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހްގީގުކުރުމަށްފަހު، އެ ތަހްގީގަކުން ހާމަވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން،   އެ ބޯޑުން ނިންމާ ގޮތެއްގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތައް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހްގީގުކުރުމާއި، އެ ކޮމާންޑުން ތަހްގީގު ނިންމައި ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް     މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ މައްސަލަތަކަށް ކަނޑައެޅޭ އަދަބުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑު

(ހ) މި ބާބުގައި ބަޔާންކުރާ މައްސަލަތައް ބަލައި، ތައުދީބީ ފިޔަވަޅު އެޅުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، "ޑިސިޕްލިނަރީ ބޯޑު" ގެ ނަމުގައި، އެކަމަށް ހާއްސަ ބޯޑެއް ކޮމިށަނަރ އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑު އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. ފުލުހުންގެ ކޮމިށަންޑް އޮފިސަރުންގެ ތެރެއިން ކޮމިށަނަރ އައްޔަންކުރާ 3 (ތިނެއް) އޮފިސަރުން؛
  2. ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރެއިން ކޮމިށަނަރ އައްޔަންކުރާ  3 (ތިނެއް) އަންހެން މުވައްޒަފުން؛ މި ތިން ފަރާތުގެ ތެރެއިން މަދުވެގެން އެއްފަރާތަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނިފޯމު އެޅި ފުލުހަކަށްވުން؛
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން ކޮމިށަނަރ އައްޔަންކުރާ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ބޯޑު އެކުލަވާލުމާއެކު އެ ބޯޑު އެކުލެވިގެންވާގޮތް އެންމެހައި މުވައްޒަފުންނަށް އެންގުމަށްޓަކައި ފުލުހުންގެ މުއައްސަސާގައި އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ރ) ޑިސިޕްލިނަރީ ބޯޑަށް ފޮނުވޭ މައްސަލަތަކާމެދު އެ ބޯޑުން ނިންމާ ގޮތް މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

86 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުން

(ހ) މި ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތަކަށް ގޮތެއް ނިންމުމުގައި އަމަލުކުރަންވާނީ، މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުންނެވެ.

(ށ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ނިންމަންވާނީ، ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުންގެ ހާޒިރުގައި، އެކަމާބެހޭ ގޮތުން މަށްވަރާކުރުމަށްފަހު، ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ލިބޭ ގޮތަކަށެވެ.

 

87 ވަނަ މާއްދާ - ދިފާއުވުމުގެ ހައްގު

ޑިސިޕްލިނަރީ ބޯޑުން ބަލާ ކޮންމެ މައްސަލައެއް ބަލައި ނިންމަންވާނީ، އެ މައްސަލަ ރައްދުވާ ފަރާތުން އޭނާގެ ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްފަހުގައެވެ. އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް، ބޯޑުގެ ބައްދަލުވުމަށް ހާޒިރުވުމުގައި، އޭނާ އިހްތިޔާރުކުރާ ގާނޫނީ ވަކީލަކަށާއި، އޭނާ ހުރި މަގާމާއި ރޭންކާއި ގްރޭޑާ އެއް ފެންވަރެއްގެ މަގާމަކާއި ރޭންކާއި ގްރޭޑެއްގައި ހުރި އެހެން މީހަކަށް އޭނާއާއެކު ހާޒިރުވުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން، ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދާރީވުމާއި، ދިފާއު ހުށަހެޅުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

88 ވަނަ މާއްދާ - ވަޒަންކުރަންވީ މިންގަނޑު

ތައުދީބީ ފިޔަވަޅު އެޅުމުގައި، ޑިސިޕްލިނަރީ ބޯޑުންވެސް އަދި އެނޫން ފަރާތަކުންވެސް ގެންގުޅޭނެ މިންގަނޑަކީ، ލިބިފައިވާ ހެއްކަށް ބުރަވެ ބަލާއިރު، އެ ހެކި ބުރަވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައް އޭނާ ނުކުރުމަށްވުރެ ކުރިކަމަށް ބެލުން ގާތްކަމަށް ވުމުގެ މައްޗަށެވެ. އަދި، އޭނާ އެކުރި ކަންތައް  އެ މަގާމުގައި، އަދި   އެ ހާލަތުގައި ހުރި އެހެން މީހަކުވެސް ކުރާނަމަ ކުރާނީ، ހަމައެގޮތަށްތޯ ބެލުމުގެ މައްޗަށެވެ.

 

89 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީ

(ހ) ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ތެރެއިން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު އެކުލަވާލަންވާނެއެވެ.

(ށ) އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީ އެކުލަވާލުމާއެކު އެ ކޮމިޓީ އެކުލެވިގެންވާ ގޮތް އެންމެހައި މުވައްޒަފުންނަށް އެންގުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ އެތެރޭގައި އާންމުކޮށް، އިއުލާންކުރަންވާނެއެވެ.

(ރ) އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި އަމަލުކުރަންވާނީ މި ބާބުގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން އަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

90 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުން އިސްތިއުނާފުކުރުން

(ހ) މި ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގު އެ މައްސަލައެއް ރައްދުވި ފަރާތަށާއި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ކޮންމެ މީހަކަށާއި ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް، މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ، ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައެއް ނިންމާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.

(ނ) ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރަންވާނީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނަމަ އެ މައްސަލައާމެދު އިސްތިއުނާފު ކޮމިޓީން ގޮތެއް ނިންމުމަށްފަހުގައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާފައި ނުވާނަމަ، އަދަބު ތަންފީޒުކުރެވޭނީ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައަޅާ މުއްދަތު ހަމަވުމުންނެވެ.

(ރ) އިސްތިއުނާފު ކުރެވޭ މައްސަލައެއް އިސްތިއުނާފު ކޮމިޓީން ބަލައި ނިންމަންޖެހޭ މުއްދަތުތަކާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) އިސްތިއުނާފު ކޮމިޓީން ބަލާ މައްސަލައަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަމެއް އެ ކޮމިޓީއަށް ފާހަގަކުރެވިއްޖެނަމަ، އެކަމަކާ ގުޅޭ މައުލޫމާތު އިސްތިއުނާފު ކޮމިޓީގެ ފަރާތުން ޕޮލިސް ބޯޑަށް ހުށަހަޅަންވާނެއެވެ.

(ޅ) މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ފުލުހަކާމެދު އަޅާ ތައުދީބީ ފިޔަވަޅެއް ތަންފީޒުކުރަންވާނީ  މި ބާބުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ނިންމުމަށްފަހު، އެ ފިޔަވަޅެއް އެގޮތުގައި އެޅުމަށް ފެންނަކަމަށް ކޮމިށަނަރ ނިންމުމުންނެވެ.

 

91 ވަނަ މާއްދާ - ކޮމިޓީގެ ނިންމުން ށަރީއަތަށް ހުށަހެޅުން

މި ގާނޫނުގެ 90 ވަނަ މާއްދާގެ ދަށުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ނިންމިކަން ލިޔުމުން އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ށަރުއީ ކޯޓަށް ހުށަހެޅުމުގެ ހައްގު މައްސަލަ ރައްދުވާ ފަރާތަށާއި، އެ މައްސަލައާ ގުޅިގެން ސީދާ ގޮތެއްގައި އަސަރު ފޯރައިފާނެ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

 

92 ވަނަ މާއްދާ - ހިދުމަތުން ސަސްޕެންޑުކުރުމާއި މަސްއޫލިއްޔަތުން ދުރުކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ދެމިހުރި ފުލުހަކު ހިދުމަތުން ސަސްޕެންޑު ކުރެވޭނީ، އަންނަނިވި ހާލަތްތަކުގައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައި އެ ބޯޑުން ނިންމާ ގޮތެއްގެމަތިންނެވެ.

  1. އެފަރާތަކާމެދު ތައުދީބީ ފިޔަވަޅެއް އަޅަންޖެހިދާނެ މައްސަލައެއް ބަލަމުން ދިޔުން؛ ނުވަތަ
  2. ޖިނާއީ ކުށެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވި އެ ކުށުގެ ތަހްގީގު ހިނގަމުން ދިޔުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖިނާއީ ކުށެއް ކުރުމުގެ ސަބަބުން ފުލުހަކު ބަންދުކުރެވިއްޖެނަމަ، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމަކާ ނުލައި، އެފަރާތެއް ސަސްޕެންޑުކުރެވިދާނެއެވެ. އަދި އެ ހާލަތުގައި ސަސްޕެންޑުކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ފުލުހަކު ހިދުމަތުން ސަސްޕެންޑުކުރާނަމަ، ސަސްޕެންޑުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ ފުލުހަކަށާއި، އެ ފުލުހެއްގެ ކަންކަން ބަލަހައްޓާ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި ސަސްޕެންޑުކުރެވޭ ސަބަބު އެ ލިޔުމުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ފުލުހަކު ސަސްޕެންޑުކުރާ މުއްދަތު 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލައެއް މުރާޖައާކޮށް ގޮތެއް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ޑިސިޕްލިނަރީ ބޯޑުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ދިވެހި ފުލުހުންގެ ހިދުމަތުގައި ދެމިހުރި މުވައްޒަފަކު، އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުން ދުރުކުރުމުގެ ބާރު ކޮމިށަނަރަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެމަތިން މުވައްޒަފަކު މަސްއޫލިއްޔަތުން ދުރުކުރެވޭނީ، އެންމެ ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.

(ކ) މި ގާނޫނުގެ ދަށުން ފުލުހަކު ސަސްޕެންޑުކުރެވޭ ހާލަތްތަކުގައި، މުސާރަ ލިބޭ ގޮތަށް އަދި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރެވޭނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ސަތާރަވަނަ ބާބު

ފުލުހުންގެ އާންމު ބާރުތަކާއި ޒިންމާތައް

 

93 ވަނަ މާއްދާ - ފުލުހުންނަށް ލިބިދެވޭ ގާނޫނީ ބާރު

(ހ) ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ފުލުހުން މަސައްކަތްކުރުމުގައި ލިބިދެވޭ ބާރު ބޭނުންކުރަންވާނީ މި ގާނޫނާއި އެހެނިހެން ގާނޫނުތަކުން އެ ބާރުތައް ބޭނުންކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމާގުޅޭ ތަފްސީލީ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން، ކުށްކުށާ ގުޅިގެން ފުލުހުން ހިންގަންޖެހޭ ތަހްގީގުތައް ހިންގުމުގައި ފުލުހުން އަމަލުކުރަންވާނީ އާންމު ޖިނާއީ އިޖުރާއަތުތަކާ ގުޅޭގޮތުންނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ބާރު ލިބިގެން، އެ ގާނޫނުގެ ދާއިރާގެ ތެރޭގައި ހަދާ ކަމާގުޅޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި އެ ތަހްގީގު ހިންގަނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނަކާ ގުޅޭގޮތުންނަމަ ފުލުހުން އަމަލުކުރަންވާނީ، އެ ހާއްސަ ގާނޫނަކުން ބާރު ލިބިގެން، އެ ގާނޫނުގެ ދާއިރާގެ ތެރޭގައި ހަދާ ކަމާގުޅޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

94 ވަނަ މާއްދާ - އެހީތެރިކަމަށް އެދުމާއި މުދަލާއި ތަކެތި ބޭނުންކުރުން

(ހ) ފުލުހުންގެ މަސައްކަތްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގައި، އެހެން އެކަން ނުކޮށް ނުވާނެ ހާލަތުގައި، އާންމު ފަރުދެއްގެ އެހީތެރިކަމަށް އެދުމުގެ އިހްތިޔާރާއި، އާންމު ރައްޔިތެއްގެ މުދަލެއް ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހީތެރިކަން ފޯރުކޮށްދިން މީހަކަށް ނުވަތަ ބޭނުންކުރާ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު އެމީހަކަށް ދައުލަތުން ދޭންވާނެއެވެ.

 

95 ވަނަ މާއްދާ - ހަތިޔާރު ހޯދުމާއި ގެންގުޅުން

(ހ) ފުލުހުންގެ މަސައްކަތްކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި، އެވަގުތަކަށާއި ހާލަތަށް ބަލައި، ފުލުހުން ގެންގުޅެންޖެހޭނެކަމަށް ވަޒީރުގެ ހުއްދައާއެކު ކޮމިށަނަރ ކަނޑައަޅާ ހަތިޔާރާއި އާލާތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ބޭނުންކުރުމަށް ހުއްދަލިބޭ ހަތިޔާރާއި އާލާތްތައް ބެލެހެއްޓުމާއި، ގެންގުޅުމާގުޅޭ ތަފްސީލީ އުސޫލުތަކާ އެފަދަ ހަތިޔާރާއި އާލާތްތައް ބޭނުންކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތް މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ފުލުހުންނަށް ގެންގުޅުމަށް ހުއްދަދީފައިވާ ހަތިޔާރާއި އަލާތްތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފުލުހަކު ބޭނުންކޮށްފިނަމަ އެމީހަކު އެކުރަނީ ޖިނާއީ ކުށެކެވެ.

 

96 ވަނަ މައްދާ - ލައިންއަޕް ހެދުން

(ހ) ކުށުގެ ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި ވަކި ކުށެއްކުރީ ވަކިމީހަކުކަމަށް ހެކިބަސްދޭ މީހުންގެ ހެކިބަހުން ފާހަގަކުރާ ފަރާތް ދެނެގަތުމަށްޓަކައި ޕޮލިސް ލައިންއަޕާއި ފޮޓޯ ލައިންއަޕް ހެދުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހަދާ ޕޮލިސް ލައިންއަޕްއަކުން ނުވަތަ ފޮޓޯ ލައިންއަޕްއަކުން ވަކި ކުށެއްގެ ތުހުމަތުކުރެވެނީ ވަކިމީހެއްގެ މައްޗަށްކަމަށް ބަޔާންކޮށް، ހެކިބަސްދޭ މީހާ ފާހަގަކުރާ މީހާ އެ ފާހަގަކޮށްދޭ ފާހަގަކޮށްދިނުމަކީ، އޭނާގެ ފަރާތުން ދޭ ހެކިބަހެއް ކަމުގައި ކޯޓުން ބަލައިގަންނަންވާނެއެވެ.

 

97 ވަނަ މައްދާ - މައްޔިތެއްގެ ހަށިގަނޑު ތަހްލީލުކުރުމާއި ނެގުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހިނގަމުންދާ ކުށުގެ ތަހްގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަހްލީލުކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަހްލީލުކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ނެގުން މުހިންމުކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ވަޅުލާފައިވާ ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިޔުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާގެ ހުއްދަލިބިގެން މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. އެ ހަށިގަނޑު އޮތް ވަޅު އެކަނި ކޮނެ ބެލުން؛
  2. ދީނީގޮތުން ހިފަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުން؛
  3. އެކަން ކުރަން ކޮންމެހެން އެތާނގައި ތިބެންޖެހޭ މީހުން ފިޔަވައި އެހެންބަޔަކު އެތާނގައި ނެތުން؛
  4. ސިއްހީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން؛
  5. މައްޔިތާގެ އާއިލާ އެނގޭނަމަ، އެފަރާތަށް އެންގުން.

(ރ) މައްޔިތެއްގެ ހަށިގަނޑު ތަހްލީލުކުރުމާއި ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގައި ފުލުހުން އަމަލުކުރާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

98 ވަނަ މައްދާ - ކާރިސާތަކުގައި ބާރުގެ ބޭނުންކުރުން

(ހ) ކުއްލިއަކަށް ދިމާވާ ގުދުރަތީ ކާރިސާއެއްގައި ނުވަތަ ނުރައްކާތެރި ހާދިސާއެއްގައި ބަޔަކު އެތިބި ތަނެއްގައި އެތިބިގޮތަށް ތިބެއްޖެނަމަ، އެ ބައެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކާވެދާނެކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ރައްކާތެރި ސަރަހައްދެއްކަމަށް ފުލުހުން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިއުލާންކޮށްފައިވާ ނުވަތަ ކަނޑައަޅާފައިވާ އެހެން ސަރަހައްދަކަށް އެބަޔަކު ދިޔުމަށް ފުލުހުންނަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް އެންގުމުން އެ އެންގުމަށް ތަބާނުވެއްޖެނަމަ، އެ އެންގުމަށް ތަބާނުވި މީހަކު ނުވަތަ ބަޔަކު އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން، ރައްކާތެރި ސަރަހައްދެއްކަމަށް ފުލުހުން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިއުލާންކޮށްފައިވާ ނުވަތަ ކަނޑައަޅާފައިވާ ސަރަހައްދަކަށް ގެންދެވިދާނެއެވެ. އަދި އެކަން ކުރުމުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި މަސްލަހަތު ގާއިމުކުރެވޭނެ ގޮތުގެމަތިން،    އެ ހާލަތުގައި އެންގުންތައް އެންގުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

 

99 ވަނަ މައްދާ - ތަހްގީގުކުރުން

(ހ) މި ގާނޫނުގެ މަގްސަދަށްޓަކައި ތަހްގީގުކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ނުވަތަ ސަމާލުކަމަށް އަންނަ ނުވަތަ ފުލުހުން ހޯދާ ހޯދުމުން ފެންނަ މައްސަލަތަކުގެ ހަގީގަތް ހޯދުމަށްޓަކައި މި ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ލިބިފައިވާ ބާރާއި އިހްތިޔާރު ބޭނުންކޮށްގެން އެކަމެއްގެ ހަގީގަތް ހޯދުމަށް، ތަހްގީގުކުރުމުގެ ގާނޫނީ ބާރު ދެވިފައިވާ ކޮންމެ މީހަކު، ކުރާ ކަންކަމެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަހްގީގުތައް ހިންގުމުގައި މި ގާނޫނުގެ 93 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

100 ވަނަ މާއްދާ - ތަހްގީގުކުރާ ފުލުހުން

(ހ) ތަހްގީގުކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު އެއް މަސްއޫލިއްޔަތަށް ވީހިނދު، އެ މަސައްކަތްކުރުމަށްޓަކައި ހާއްސަ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ކަނޑައަޅާފައި ތިބެންވާނެއެވެ.

(ށ) ތަހްގީގުކުރާ ފަރާތްތަކަކީ އެކަމަށް ހާއްސަ ތައުލީމާއި ތަމްރީނާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ. އަދި ކަނޑައެޅޭ ވަކިކަހަލަ ތަޖުރިބާއެއް އެފަރާތްތަކުގެ ކިބައިގައި ހުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ.

(ނ) ތަހްގީގުކުރާ ފަރާތްތައް ދަރަޖަކުރެވޭނެ ގޮތާއި އެކި ދަރަޖައިގެ ތަހްގީގުކުރާ ފަރާތްތަކުގެ ތައުލީމާއި، ތަމްރީނާއި ތަޖުރިބާ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ. މިގޮތުން ތަހްގީގުކުރާ ފުލުހުން ތަފާތު މިންގަނޑުތަކަށް ދަރަޖަކުރެވިދާނެއެވެ.

(ރ) ތަހްގީގުކުރާ މައްސަލައިގެ ބާވަތުން ތަހްގީގު ޓީމެއް އެކުލަވާލައިގެން ތަހްގީގުކުރާނަމަ އެ ޓީމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މެންބަރުންގެ ތެރެއިން އާންމު މުވައްޒަފުންނަށް ތިރީގައިއެވާ ކަންކަން ކުރެވިދާނެއެވެ.

  1. ތަހްގީގު ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން ތަހްގީގު ކުރުމުގެ ހުއްދަލިބިފައިވާ ފުލުހަކާއެކު މަސައްކަތްކުރުން؛ 
  2. ތަހްގީގު ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން ތަހްގީގު ކުރުމުގެ ހުއްދަލިބިފައިވާ ފުލުހެއްގެ ހާޒިރުގައި ކުރެވޭ އިންޓަރވިއުއެއްގައި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުން.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އާންމު މުވައްޒަފުންނަށް ތިރީގައިއެވާ ކަންކަން ތަހްގީގުގައި ކުރުމަށް މި ގާނޫނު ހުއްދައެއް ނުކުރެއެވެ.

  1. މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ފުލުހަކު ކުރުން ލާޒިމުކަމެއް ކުރުން؛
  2. ތަހްގީގަކާ ގުޅިގެން މީހަކު ހުއްޓުވުމާއި، ހިފެހެއްޓުމާއި، ހައްޔަރުކުރުމާއި، ބަލައި ފާސްކުރުމާއި އެނޫންވެސް މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ފުލުހުން ކުރުމަށް ލާޒިމުކޮށްފައިވާ ކަންކަން.

(ޅ) ތަހްގީގުކުރަންވާނީ ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދީފައިވާ ފަރާތްތަކުންނެވެ.

(ކ) ތަހްގީގުކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަހްގީގުކުރުމާ ގުޅުންހުރި ދާއިރާއެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުގެ މުއްދަތަށް މި އަކުރަށް އަމަލުކުރުން ފަސްކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(އ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ތަހްގީގުކުރުމުގެ އާންމު މިންގަނޑުތަކާއި އުސޫލުތައް ބަޔާންކޮށް ތަހްގީގުކުރުމަށް ބޭނުންވާ ހާއްސަ އިންވެސްޓިގޭށަން މެނުއަލް އަދި އެސް.އޯ.ޕީއެއް އެކުލަވާލަންވާނެއެވެ.

(ވ) ތަހްގީގުކުރާ ފަރާތްތައް ކޮރަޕްށަނާ ދުރުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައި، އެފަރާތްތަކުގެ ނަޒާހަތްތެރިކަން ކޮމިށަނަރ އޮފް ޕޮލިސް ކަށަވަރު ކުރަންވާނެއެވެ.

(މ) ފުލުހުން ތަހްގީގުކުރާ ހުރިހާ މައްސަލައެއްގެ ފުރިހަމަ ރެކޯޑު އަދި ލިޔެކިޔުން ބަލަހައްޓަންވާނެއެވެ. މިގޮތުން މައްސަލައިގެ ރެކޯޑު އަދި ލިޔެކިޔުން ބަލަހައްޓާނެ ގޮތާއި އަރުށީފުކުރާނެގޮތާއި ބަހައްޓަންޖެހޭ މުއްދަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ފ) ފުލުހުން ކުރާ ތަހްގީގަކާ ގުޅިގެން، ގާނޫނުން ބާރުލިބިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ އެންގުންތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.

(ދ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހްގީގުކުރާ މައްސަލަތަކާ ގުޅޭގޮތުން މީލާދީ ކޮންމެ އަހަރަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލައި އާންމުކުރަންވާނެއެވެ. މިގޮތުން އާންމުކުރާ ރިޕޯޓުގައި ތިރީގައިއެވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އަދި ޖިނާއީ ކުށެއްގެ ގޮތުގައި ރެކޯޑުކުރެވުނު މައްސަލައިގެ އަދަދު؛
  2. ތަހްގީގުކޮށް ނިންމުނު މައްސަލަތަކުގެ އަދަދާއި ނުނިމި ބާކީ ހުރި މައްސަލައިގެ އަދަދު؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވުނު މައްސަލަތަކުގެ އަދަދާއި، ދައުވާ ކުރަން އެދުނު މައްސަލަތަކުގެ ތެރެއިން ދައުވާ ނުކުރާ މައްސަލަތަކުގެ އަދަދާއި ށަރީއަތުގެ މަރުހަލާގައި ހުރި މައްސަލައިގެ އަދަދާއި ދައުވާ ސާބިތުވި މައްސަލައިގެ އަދަދާއި ދައުވާ ސާބިތުނުވާ މައްސަލައިގެ އަދަދު.
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ ކުރެވުނު މީހުންގެ އަދަދާއި، ދައުވާ ސާބިތުވި މީހުންގެ އަދަދާއި ދައުވާ ސާބިތުނުވާ މީހުންގެ އަދަދު.

 

އަށާރަވަނަ ބާބު

ހާއްސަ އުކުޅުތައް

 

101 ވަނަ މާއްދާ - ތަހްގީގުކުރުމުގެ ހާއްސަ އުކުޅުތައް

ތަހްގީގުކުރުމުގެ ހާއްސަ އުކުޅުތައް ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 102 ވަނަ މާއްދާގައި ބަޔާންކުރާ ކުށަކާ ގުޅިގެން ކުރެވެމުންދާ ތަހްގީގެއްގައި، އެ ތަހްގީގުކުރެވެމުންދާ މީހާއަށް ނޭނގި އޭނާއާ ގުޅޭގޮތުން، އަންނަނިވި ކަންކަން ކުރުމަށެވެ.

(ހ) އޭނާ ކުރާ ކަންކަމާއި ބައްދަލުކުރާ މީހުންނާއި ދާ ތަންތަން ދެނެގަތުމަށްޓަކައި، އޭނާއަށް ނޭނގޭގޮތަށް އޭނާ މޮނިޓަރކުރުން؛

(ށ) އޭނާއާ ގުޅުމެއް އުފައްދައިގެން އެގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުންނާއި ލިބޭ މައުލޫމާތުން ތަހްގީގަށް ބޭނުންވާ ކަންކަން ހޯދުން؛

(ނ) އޭނާ ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުންކުރާ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމަށް ނުވަތަ ބެލުމަށް، ކެމެރާއާއި އަޑުއެހޭނެ ވަސީލަތްތައް ގާއިމުކޮށް، އެ ގެއެއްގައި ނުވަތަ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމާއި މަންޒަރު ރެކޯޑުކުރުމާއި ބެލުން؛

(ރ) މުއާސަލާތީ ވަސީލަތްތަކާއި، ސިޓީއާއި، ލިޔުމާއި، އީމެއިލާއި، ފޯނު މެދުވެރިކޮށް އޭނާ ހިންގާ މުއާމަލާތްތައް ހޯދައި ބެލުމާއި، އަޑުއެހުން؛

(ބ) ވަކި ބާވަތެއްގެ ކުށަކާ ގުޅިގެން ހާއްސަ ތަހްގީގީ އުކުޅެއް ބޭނުންކުރުން ގާނޫނަކުން ކަނޑައެޅިގެން ހުއްދަކޮށްފައިވާ ހާލަތުގައި އެފަދަ ކުށެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ މީހާ އެކަންކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިންގް އޮޕަރޭށަން ހިންގުން؛ އަދި

(ޅ) ތަބީއީ ށަހްސެއް ނޫން ގޮތެއްގައި މުއާމަލާތްކުރާނެ ފަރާތެއް އުފެއްދުމާއި އެފަދަ ފަރާތްތައް ބޭނުންކޮށްގެން މުއާމަލާތްކުރުން.

 

102 ވަނަ މާއްދާ - ހާއްސަ އުކުޅުތައް ބޭނުންކުރެވޭނެ ހާލަތްތައް

(ހ) ހާއްސަ ތަހްގީގީ އުކުޅުތައް ފުލުހުންނަށް ބޭނުންކުރެވޭނީ، އަންނަނިވި ކަންކަމާ ގުޅޭގޮތުން، ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް އެކަންޏެވެ.

  1. ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަންކަން ބަލައި، ހޯދައި ދެނެގަނެ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި؛ ނުވަތަ
  2. ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްކުށުގެ ތަހްގީގުގައި.

(ށ) ތަހްގީގުކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ތަފްސީލު އުސޫލުތަކާއި ހަމަތަކާއި، ފަރުދުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އެ އުސޫލުތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދެއް، މި ގާނޫނުގެ ދަށުން އަދި މި މާއްދާއާ ހަވާލާދީ، ވަޒީރު ހަދައި، ކޮމިށަނަރ މެދުވެރިކޮށް ހިންގަންވާނެއެވެ.

 

103 ވަނަ މާއްދާ - ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދަ ދިނުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ ތަހްގީގީ އުކުޅުތަކުގެ ތެރެއިން އުކުޅެއް ބޭނުންކޮށްގެން ފުލުހުން މައުލޫމާތު ހޯދަން ހުއްދަ ދެވޭނެ ފަރާތްތައް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅަންވާނެއެވެ. އެގޮތުން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތްތައް ވާންވާނީ އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުން ފެށިގެން މަތީ ފަރާތްތަކަށެވެ.

(ށ) ހާއްސަ ތަހްގީގީ އުކުޅުތަކުގެ ތެރެއިން އުކުޅެއް ބޭނުންކުރުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަކީ ލިޔުމުންދޭ ހުއްދައެއްކަމުގައި ވާންވާނެއެވެ.

(ނ) ހާއްސަ ތަހްގީގީ އުކުޅުތަކުގެ ތެރެއިން މި ގާނޫނުގެ 101 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ އުކުޅެއް ފުލުހުންނަށް ބޭނުންކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ އިތުރުން އެ އުކުޅު ބޭނުންކުރުމަށް ކޯޓު އަމުރެއް ހޯދުމަށް ފަހުއެވެ.

 

104 ވަނަ މާއްދާ - ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދާ މައުލޫމާތު ހެކީގެ ގޮތުގައި ބޭނުންކުރުން

މި ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ތަހްގީގީ އުކުޅުތަކުގެ ތެރެއިން އެއްވެސް އުކުޅެއް ބޭނުންކޮށްގެން ފުލުހުންގެ ތަހްގީގެއްގައި ހޯދާ މައުލޫމާތެއް ނުވަތަ އެއްޗެއް ހެކީގެ ގޮތުގައި ބޭނުންކުރެވޭނީ އެ ހެއްކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކެއްކަމަށްވާނަމައެވެ.

 

105 ވަނަ މާއްދާ - ޖިނާއީ މަސްއޫލިއްޔަތު އުފުލުމުން އިސްތިސްނާވުން

މި ގާނޫނުގެ 102 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްކުރާ މީހަކު ކުށުގެ އަމަލެއްކުރަނިކޮށް ހިފުމަށްޓަކައި މި ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން ކުށުގެ އުންސުރެއް ފުލުހަކު ފުރިހަމަކުރުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖިނާއީ މަސްއޫލިއްޔަތު އުފުލުމުން އެ ފުލުހަކު އިސްތިސްނާކުރެވޭނެ ހާލަތެކެވެ.

 

106 ވަނަ މާއްދާ - ހިނގާނުހިނގާ ގޮތް ބަލާ ކޮމިޓީ

ހާއްސަ ތަހްގީގީ އުކުޅުތައް ބޭނުންކުރާގޮތް ބެލުމަށްޓަކައި އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ހ) ބަންޑާރަނައިބު؛

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް؛ އަދި

(ނ) ކޮމިށަނަރ އޮފް ޕޮލިސް.

 

107 ވަނަ މާއްދާ - ހާއްސަ ތަހްގީގީ އުކުޅުތައް ބޭނުންކުރުމާ ގުޅޭގޮތުން ށަކުވާކުރުމުގެ ބާރު

(ހ) ތިމާއާމެދު ހާއްސަ ތަހްގީގީ އުކުޅުތަކުގެ ތެރެއިން އުކުޅެއް ފުލުހުން ބޭނުންކުރާކަމަށް މީހަކަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭނަމަ، އެކަން ބަލައިދިނުމަށް އެދި މި ގާނޫނުގެ 106 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީގައި އެދުމުގެ ހައްގު، އެކަމަށް ށައްކުކުރެވޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމެއްގައި އެ ހުށަހެޅުން ބިނާކުރާ އެކަށީގެންވާ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޮމިޓީގެ ފަރާތުން އެކަމެއް ބަލަން ފަށަންވާނީ، އެ ހުށަހެޅުން ބިނާކޮށްފައިވާ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފިނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ބަލަން އެދިފައިވާ ކަމެއް ހިނގަނީ، ގާނޫނުގެ ދާއިރާގެ ތެރޭގައި ކަމުގައިނުވާނަމަ، އެކަން ހުއްޓާލަން އެންގުމުގެ ބާރު، ކޮމިޓީއަށް ލިބިގެންވެއެވެ. އަދި، އެ ހާލަތުގައި އެކަން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށާއި، ވަޒީރަށާއި ޕޮލިސް ބޯޑަށް ހުށަހަޅަންވާނެއެވެ.

 

ނަވާރަވަނަ ބާބު

ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުމާއި އިނާޔަތްތައް ދިނުމާއި ރިޓަޔަރކުރުމާއި މަގާމުން ވަކިވުން

 

108 ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަޒީފާއާގުޅޭ އުސޫލުތައް ކަނޑައެޅުން

(ހ) ފުލުހުންގެ ހިދުމަތުގެ މަގާމުތަކަށް މީހުން ހޮވުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެ ވަޒީފާއާ ގުޅޭގޮތުން ދޭންޖެހޭ އުޖޫރައާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. މިގޮތުން ދެވޭ އުޖޫރައާއި އިނާޔަތްތައް ކަނޑައަޅަންވާނީ މާލީ ކަންކަމަށް ޒިންމާވާ ވަޒީރުގެ ލަފައާއެކު، ވަޒީރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ޗުއްޓީއާއި ސަލާމާގުޅޭ އުސޫލުތަކާއި، ޓްރާންސްފަރއާއި، ސެކަންޑްމަންޓާއި ވަޒީފާއާގުޅޭ އެނޫންވެސް އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

109 ވަނަ މާއްދާ - ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުން

(ހ) ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފާއި ނިށާން ދިނުމާގުޅޭ އެންމެހައި އުސޫލުތައް، ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ވަޒީރަށް ލަފާދީ، އެކަމާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލާނީ ޕްރޮމޯށަން ބޯޑުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޯޑަށް މެންބަރުން އައްޔަންކުރާނީ ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތިން ވަޒީރެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އައްޔަންކުރާ ބޯޑުގެ މަސްއޫލިއްޔަތަކީ، ފުލުހުންގެ ތެރެއިން މަގާމުގެ ކުރިއެރުން ދޭންޖެހޭ ފަރާތްތައް ކަނޑައެޅުމެވެ.

(ބ) ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މި މާއްދާގެ (ށ) ގެ ދަށުން އުފައްދާ ބޯޑުން މަގާމުގެ ކުރިއެރުން ދިނުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. މަގާމުގެ ށަރުތު ފުރިހަމަވެފައިވުން؛
  2. ސްޓާފް ޕަރފޯމަންސް އެޕްރައިޒަލްގެ ނަތީޖާ؛
  3. ހުސް މަގާމު ހުރި މިންވަރު؛
  4. ކުރިއެރުން ދިނުމަށް ހުށަހެޅިފައިވާ ރޭންކުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން އެމީހެއްގައި ހުރި މިންވަރު؛ އަދި
  5. މަގާމު އަދާކުރުމަށް ބޭނުންވާ ތައުލީމާއި، ތަޖުރިބާއާއި، ސިއްހީ ދުޅަހެޔޮކަން އަދި ޖިސްމާނީ ގޮތުން ފުރިހަމަވާންޖެހޭ ފިޓްނަސްގެ މިންވަރު އެމީހެއްގައި ފުރިހަމަވުން.

(ޅ) މަގާމުގެ ކުރިއެރުން ދިނުމުގެ ށަރުތު ފުރިހަމަވާ ފުލުހަކަށް މަގާމުގެ ކުރިއެރުން ދިނުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޯޑަށް ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދައާއެކު އެ ފުލުހަކު މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިސްވެރިޔާއެވެ.

(ކ) މަގާމުގެ ކުރިއެރުން ދިނުމަށްޓަކައި ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރާނީ އެ ނިންމުން ވަޒީރަށް ހުށަހަޅައި ވަޒީރު ލިޔުމުން ހުއްދަ ދިނުމުންނެވެ.

 

110 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުން

މި ގާނޫނުގެ ދަށުން، ފުލުހުންނަށް ށަރަފާއި ނިށާން ދިނުމާގުޅޭ ކަންކަން ކުރިއަށްގެންދާނީ ޕްރޮމޯށަން ބޯޑުގެ ލަފާގެމަތިން ކޮމިށަނަރ އޮފް ޕޮލިސްއެވެ.

 

111 ވަނަ މާއްދާ - ރިޓަޔަރކުރުން

(ހ) ފުލުހެއްގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ، 60 (ފަސްދޮޅަސް) އަހަރެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފުލުހުންގެ ހިދުމަތުގައި ހުރި މީހަކީ ހިދުމަތުގައި 20 (ވިހި) އަހަރު ހޭދަކޮށްފައިވާ މީހެއް ކަމަށްވެފައި، ސިއްހީ ސަބަބަކަށްޓަކައި އޭނާގެ މަގާމުގެ ވާޖިބު އަދާކުރެވެންނެތް މީހެއް ކަމުގައި މި ގާނޫނުގެ ދަށުން ހަދާ އެސެސްމަންޓަކުން ފެނިއްޖެނަމަ، އޭނާގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ރިޓަޔަރކުރަން އޭނާއަށް އެންގުމުގެ ބާރާއި އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެސެސްމަންޓް ހެދުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

112 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން

މި ގާނޫނުގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި، ފުލުހެއްގެ މަގާމުގައިހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ، ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެކެވެ.

 

113 ވަނަ މާއްދާ - އިނާޔަތް ދިނުން

(ހ) މި ގާނޫނުގެ 111 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ 112 ވަނަ މާއްދާގެ ދަށުން ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހަކީ، ފުލުހުންގެ ހިދުމަތުގައި ވިދިވިދިގެން ނުވަތަ ޖުމްލަ ގޮތެއްގައި 20 (ވިހި) އަހަރު ހިދުމަތްކޮށްފައިވާ މީހަކުނަމަ، މި ގާނޫނުގެ ދަށުން މި މާއްދާއާ ހަވާލާދީ ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ވަޒީފާގެ އިނާޔަތް ލިބުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

(ށ)މި މާއްދާގެ ދަށުން ލިބިދެވޭ އިނާޔަތްތައް ކަނޑައަޅާނީ ޕޮލިސް ބޯޑުގެ ލަފަޔާއެކު ވަޒީރު ހުށަހަޅާ ހުށަހެޅުމަކަށް މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ނިންމާ ގޮތެއްގެމަތިންނެވެ.

 

114 ވަނަ މާއްދާ - ފުލުހަކު މަގާމުން ވަކިކުރުން

(ހ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ނުވަތަ އިދާރީ ކުށަކާ ގުޅިގެން ނުވަތަ މި ގާނޫނާ ހިލާފަށް އަމަލެއްކޮށްފިކަމަށް ތުހުމަތުކުރެވިގެން ހިންގޭ ތަހްގީގަކުން ހޯދޭ ހޯދުންތަކާއި، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި،  އެ ފުލުހެއްގެ މައްޗަށް ހުށަހެޅިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށް ސާބިތުވާކަމަށް ނުވަތަ ފުލުހުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް މަދަނީ މިންގަނޑުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސާބިތުވެއްޖެނަމަ އެ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ށ) ކޮމިށަނަރާއި ޑެޕިއުޓީ ކޮމިށަނަރ ފިޔަވައި، ދެންތިބި މުވައްޒަފުން ހިދުމަތުން ވަކިކުރެވޭނެ ހާލަތްތަކާއި އުސޫލުތައް އެކުލެވިގެންވާ ގަވާއިދެއް މި ގާނޫނުގެ ދަށުން ކޮމިށަނަރ އެކުލަވާލައި އާންމުކުރަންވާނެއެވެ. މިގޮތުން ހަދާ ގަވާއިދުގައި ފުލުހުންނާއި ޕޮލިސް ސްޓާފުންނަށް ތަފާތު ގޮތްތަކެއް ކަނޑައެޅިދާނެއެވެ.

(ނ) ކޮމިށަނަރާއި ޑެޕިއުޓީ ކޮމިށަނަރ ފުލުހުންގެ ހިދުމަތުން ވަކިކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

ވިހިވަނަ ބާބު

ކުށް ކުށާގުޅޭ

 
115 ވަނަ މާއްދާ - ފުލުހުން ބޭނުންކުރާ ޔުނިފޯމާއި ށަރަފުގެ ނިށާން ގާނޫނާ ހިލާފަށް ބޭނުންކުރުން

ފުލުހަކަށް ނުވާ މީހަކު، އަދި ފުލުހުންގެ ހިދުމަތުގެ ހުއްދަ ހޯދުމަކާ ނުލައި، ފުލުހެއްކަމަށް ދައްކައިދިނުމުގެ ގޮތުން، ފުލުހުންގެ ޔުނިފޯމު ނުވަތަ ފުލުހުން ބޭނުންކުރާ އެއްވެސް ނިށާނެއް ނުވަތަ ރިބަނެއް، ނުވަތަ ފުލުހެއްކަން އަންގައިދިނުމަށްޓަކައި ހާއްސަގޮތުގައި ފުލުހުން ބޭނުންކުރާ އެއްވެސް އެއްޗެއް، ނުވަތަ ށަރަފުގެ ނިށާނެއް ބޭނުންކުރުމަކީ ޖިނާއީ ކުށެކެވެ.

 

116 ވަނަ މާއްދާ - ވަޒީފާއަށް ފިލުން

(ހ) ފުލުހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާންއުޅެފިނަމަ، އެމީހަކު އެކުރަނީ ޖިނާއީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލެވޭނީ އަންނަނިވި ކަމެއް ކުރުމުންނެވެ.

  1. އެމީހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ ހަވާލުކޮށްފައިވާ ޑިއުޓީއެއް ހުއްދަނެތި ދޫކޮށް ދިޔުން؛ ނުވަތަ
  2. ހުއްދަ ނުހޯދާ 14 (ސާދަ) ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން؛ ނުވަތަ
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހާއްސަ އޮޕަރޭށަނަލް ހާލަތަކަށް ގެނެވިފައިވަނިކޮށް، އެމީހެއްގެ މައްޗަށް ހުރި ވެރިޔަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާއަށް ނުނިކުމެ ހުރުން ނުވަތަ ނުކުތުމަށް ދެކޮޅު ހެދުން؛ ނުވަތަ
  4. ބަޔަކާ ކުރިމަތިލާންޖެހޭފަދަ އޮޕަރޭށަނަލް ހާލަތެއްގައި އެކަން އެނގިހުރެ ފިލުން ނުވަތަ އަޅާނުލާ ހުރުން؛ ނުވަތަ
  5. މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ކަމަކަށް ހިތްވަރުދިނުން ނުވަތަ ވާގިވެރިވުން.

 

117 ވަނަ މާއްދާ - ފުލުހުންގެ ތެރޭގައި ބަޣާވާތްކުރުން

(ހ) ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޣާވާތެއްކޮށްފިނަމަ ނުވަތަ ބަޣާވާތެއްކުރަން އުޅެފިނަމަ ނުވަތަ އެފަދަ ކަމެއް ކުރަން ރާވައިފިނަމަ ނުވަތަ އެފަދަ ކަމެއް ކުރުމަށް ހިތްވަރުދީފިނަމަ ނުވަތަ އެއިން ކަމެއް އެހެން ބަޔަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެއިން ކަމަކާބެހޭ މައުލޫމާތު ފުލުހުންގެ އިސްވެރިޔަކަށް ނާންގައިފިނަމަ ނުވަތަ އެންގުން ލަސްކޮށްފިނަމަ އެފަދަ ކޮންމެ ފުލުހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް "ބަޣާވާތްކުރުން" ކަމަށް ބުނެފައިއެވަނީ، ފުލުހަކަށްވެހުރެ، ފުލުހުންގެ ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން އެހެން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުންކުރުމާއި ނުވަތަ ބާރުގެ ބޭނުންކުރާނެކަމަށްބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގްސަދުގައި ތިމާ އަދާކުރަންޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަށް ހިތްވަރުދީ ހެދުމަށެވެ. އަދި ފުލުހަކު ނުވަތަ ފުލުހުންގެ ގިނަބަޔަކުވެގެން ތިރީގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގުން ނުވަތަ ހިންގަން އުޅުމަކީވެސް މި ގާނޫނުގައި "ފުލުހުންގެ ތެރޭގައި ބަޣާވާތްކުރުން" ކަމުގައި ބެލޭނެއެވެ.

  1. ފުލުހުންގެ އިސްމީހަކަށް ނުވަތަ ވެރިޔަކަށް ފުލުހުންގެ އިދާރާއިން ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން؛ ނުވަތަ
  2. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ފުލުހުންގެ ވެރިން ކުރާ އަމުރުތަކަށް ނުކިޔަމަންތެރިވުމާއި، ހަވާލުކުރެވޭ މަސައްކަތްތަކަށާއި ޑިއުޓީތަކަށް ނުދިޔުން؛ ނުވަތަ
  3. ފުލުހުންގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށާއި އަދާކުރަންޖެހޭ ޑިއުޓީތަކަށް ހުރަސްއެޅުން؛ ނުވަތަ
  4. ޑިއުޓީގައި ހުންނަ ފުލުހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުންކުރުން؛ ނުވަތަ
  5. ފުލުހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ބިރުދައްކައި، އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން؛ ނުވަތަ
  6. ފުލުހުންގެ ހަތިޔާރާއި އާލާތްތައް ގަދަބާރުން އަތުލުން؛ ނުވަތަ
  7. ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިމާރާތަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުންދިނުން ނުވަތަ ހަލާކުކުރުން.

 

118 ވަނަ މާއްދާ - އިތުރު ދައުވާކުރުން

މި ގާނޫނުގެ ދަށުން ފުލުހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމަކީ ނުވަތަ ޖިނާއީ ކުށެއްގެ ދައުވާކުރުމަކީ، އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އުފުލަންޖެހޭ ދައުވާ، އެމީހެއްގެ މައްޗަށް ނުއުފުލޭނެ ސަބަބެއް ނޫނެވެ. އަދި އެއީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދިނުން ކަމަށް ބެލެވޭނެ ސަބަބެއްވެސް ނޫނެވެ.

 

119 ވަނަ މާއްދާ - ބާތިލު އަމުރު

އެއްވެސް ފަރާތަކުން ފުލުހަކަށް ޣައިރުގާނޫނީ އަމުރެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ފުލުހަކު ތަބާވެގެން ނުވާނެއެވެ.

 

އެކާވީސްވަނަ ބާބު

ފުލުހުންގެ ވެލްފެއަރ ކަންކަމާގުޅޭ

 

120 ވަނަ މާއްދާ - ފުލުހުންގެ ވެލްފެއަރ ކަންކަމަށް ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުން

(ހ) ފުލުހުންގެ ވެލްފެއަރ ކަންކަން ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި، މި ބާބުގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި، ފުލުހުންނާއި ފުލުހުންގެ އާއިލާގެ މެންބަރުންނަށް އަމާޒުކޮށްގެން، ކޯޕަރޭޓިވް އުސޫލުން ވިޔަފާރިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ވިޔަފާރިކުރެވޭނީ، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) އާއި މި ބާބުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޯޕަރޭޓިވް ސޮސައިޓީ ފިޔަވައި، އިތުރު ބާވަތެއްގެ ގާނޫނީ ށަހްސު އުފައްދައި ވިޔަފާރިކުރުމުގެ ހުއްދަ ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ ވާންވާނީ، މި މާއްދާއާ ހަވާލާދީ، ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކޯޕަރޭޓިވްއަކަށެވެ.

(ބ) މި ބާބުގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއަށް ކުރެވޭނެ ވިޔަފާރިތައް ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު ކަނޑައަޅަންވާނެއެވެ.

(ޅ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ބާބުގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީގެ މައްޗަށް، ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގައި ބަޔާންކުރާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.

(ކ) މި ބާބުގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއާގުޅޭ އަންނަނިވި ކަންކަން، މި ގާނޫނުގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީގެ ރެޖިސްޓްރަރ ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1. ކޯޕަރޭޓިވްއިން ވިޔަފާރިކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛
  2. ކޯޕަރޭޓިވްގެ ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރަންވީ ގޮތް ކަނޑައެޅުން؛ އަދި
  3. ކޯޕަރޭޓިވްއަށް ގިނަވެގެން ދަރަނި ނެގިދާނެ މިންވަރެއް ކަނޑައެޅުން.

 

121 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައިސްފައިވާ ފުލުހުންގެ ކޯޕަރޭޓިވްތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަލުން ރަޖިސްޓަރީކުރަން އެދި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ކޯޕަރޭޓިވްގެ ހިންގާ ގަވާއިދު؛
  2. މެންބަރުންގެ ދަފްތަރު؛
  3. ހިންގާ ކޮމިޓީގެ މެންބަރުން؛
  4. ވޭތުވެދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތައް.

(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކޯޕަރޭޓިވްގެ އަހަރީ ހިސާބުތައް ކަމަށް ބުނެފައިއެވަނީ، ކޯޕަރޭޓިވްގެ ރިޒަރވް ފަންޑުގެ ހިސާބުތައް ހިމެނޭގޮތުން، ކޯޕަރޭޓިވްގެ އެންމެހައި ފައިސާއާއި ސެކިއުރިޓީޒްއާއި، މުދަލާއި، ޒިންމާއާއި، ދަރަންޏާއި، ފައިދާ ކަނޑައަޅާފައިވާގޮތުގެ ހިސާބުތައް ހިމެނޭގޮތުންނެވެ

(ރ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކޯޕަރޭޓިވްގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ހިސާބުތައް، ރެޖިސްޓްރާރ ގަބޫލުކުރާ އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ އޮޑިޓް ކުރުމުގައި، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާންވާނެއެވެ. އަދި އެފަދައިން ކުރެވޭ އޮޑިޓަކަށްފަހު އެކުލަވާލާ އޮޑިޓް ރިޕޯޓުގައި، އެ ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ އޮޑިޓެއް ކޮށްފައިނުވާނަމަ، ނުވަތަ ކޯޕަރޭޓިވްއިން ކޮށްފައިވާ އޮޑިޓްގެ އިތުރުން އިތުރު އޮޑިޓެއް ކުރަންޖެހޭކަމަށް ރެޖިސްޓްރާރަށް ފެނިއްޖެނަމަ، އެކަމަށްޓަކައި ރެޖިސްޓްރާރަށް އޮޑިޓަރެއް އައްޔަންކުރެވިދާނެއެވެ.

 

122 ވަނަ މާއްދާ - އަލުން ރަޖިސްޓަރީވުން

(ހ) މި ގާނޫނުގެ 121 ވަނަ މާއްދާގެ ދަށުން އަލުން ރަޖިސްޓަރީކުރެވޭ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކޮށްދިނުމާއެކު، އެ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އަލަށް ރަޖިސްޓަރީކުރެވޭ ކޯޕަރޭޓިވް ސޮސައިޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ ފުރަތަމަ އާންމު ޖަލްސާގައި، ކޯޕަރޭޓިވްގެ ހިންގާ ކޮމިޓީ އިންތިހާބުކުރަންވާނެއެވެ. އަދި އެއަށްފަހު، ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ހިންގާ ކޮމިޓީ އިންތިހާބުކުރަމުން ގެންދަންވާނެއެވެ.

 

123 ވަނަ މާއްދާ - އަހަރީ ހިސާބު ހުށަހެޅުން

(ހ) ކޯޕަރޭޓިވް ސޮސައިޓީއެއްގެ އަހަރީ ހިސާބު ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރެޖިސްޓްރާރ ގަބޫލުކުރާ އޮޑިޓަރެއް މެދުވެރިކޮށް ގަވާއިދުން އޮޑިޓްކުރުމަށްފަހު ރެޖިސްޓްރާރަށް ހުށަހަޅަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އަހަރީ ހިސާބުތައް ގަވާއިދުން އޮޑިޓްކޮށް، ހުށަހަޅަމުންނުދާނަމަ، އެ ސޮސައިޓީއެއް އުވާލުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

 

124 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިނުވާނަމަ ކޯޕަރޭޓިވް އުވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައިސްފައިވާ ކޯޕަރޭޓިވް ސޮސައިޓީއެއް، މި ގާނޫނުގެ 121 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކޮށްފައިނުވާނަމަ، އެ ކޯޕަރޭޓިވް ސޮސައިޓީއެއް އުވާލެވޭނެއެވެ. އަދި އެ ސޮސައިޓީއެއް އުވާލުމުގެ އަމުރެއް، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ރެޖިސްޓްރާރ ނެރެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީއެއް އުވާލާ ހާލަތުގައި، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއާއި، 64 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

125 ވަނަ މާއްދާ - ކޯޕަރޭޓިވް ސޮސައިޓީ ފިޔަވައި އެނޫން ގާނޫނީ ށަހްސު އުވާލުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފުލުހުންގެ ތެރޭގައި ވިޔަފާރިކުރުމަށްޓަކައި ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް އުފައްދާފައިވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެފަދަ ތަންތަން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އުވާލުމުގެ މަސައްކަތް ފަށަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނީ ށަހްސުތަކުގެ ތެރޭގައި، ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޖަމްއިއްޔާތަކެއް ނުހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ށަހްސެއް އުވާލުމުގައި ރެޖިސްޓްރާރ އަމަލުކުރާނީ، ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާ މި މާއްދާގެ    (ހ) ގައި ބަޔާންކުރާފަދަ ކުންފުނި ނުވަތަ ގާނޫނީ ށަހްސަކުން ތިންވަނަ ފަރާތްތަކާއެކު ކޮށްފައިވާ ވިޔަފާރި މުއާމަލާތްތައް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޯޕަރޭޓިވް ސޮސައިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު އެ ކުންފުނި އުވާލުމުގެ ކުރިން ދޭންވާނެއެވެ.

 

ބާވީސްވަނަ ބާބު

އާންމު އުސޫލުތައް

 

126 ވަނަ މާއްދާ - ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް އެއްބާރުލުންދިނުން

(ހ) ކުށްކުރުން ހުއްޓުވުމާ ގުޅޭގޮތުން ނުވަތަ ކުށެއްގެ ތަހްގީގާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުތައް ތަންފީޒުކުރުމުގައި، ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކަށް ނުވަތަ އެހެން އިދާރާތަކަކަށް އިހްތިސާސް ލިބޭ ހާލަތެއްގައި ފުލުހުން ހަރަކާތްތެރިވާއިރު، އެ އިދާރާތަކުން ފުލުހުންނަށް އެއްބާރުލުން ދޭންވާނެއެވެ.

(ށ) ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސިފައިންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި، ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

(ނ) ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހާލަތެއްގައި ފިޔަވައި، ފުލުހުންނަށް ލިބިގެންވާ ގާނޫނީ އެއްވެސް ބާރެއް ސިފައިންނަށް ބޭނުންކުރެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ އެހީއަކަށް، ވަޒީރު ލިޔުމަކުން ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރުގެ ކިބައިން އެދުމުން، އެ އެދުމެއްގެ ލިޔުމުގައިވާ ދާއިރާގެ ތެރޭގައި އެ ނިސްބަތަށެވެ.

(ރ) ދިމާވެފައިވާ ހާލަތަކީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ އެހީއަކަށް ލިޔުމަކުން އެދެވެންނެތް ހާލަތަކަށްވާނަމަ، އެފަދަ އެހީއަކަށް އަނގަބަހުން އެދުނުކަމުގައި ވީނަމަވެސް ވީއެންމެ އަވަހަކަށް، އަދި ގިނަވެގެން  24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އަނގަބަހުން އެދުނު އެދުން ލިޔުމުން ކަށަވަރުކޮށްދޭންވާނެއެވެ.

(ބ) ގާނޫނުން ބާރުލިބިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކުގައާއި ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކުގައި ސިފައިންގެ އެހީތެރިކަން ފުލުހުން ބޭނުންވެއްޖެނަމަ، ސިފައިންގެ ފަރާތުން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެމަތިން، ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތްތަކާއި، ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތް ކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކުރާ ގަވާއިދެއް ދެ މުއައްސަސާގެ މަށްވަރާއާއެކު ބަންޑާރަނައިބު ހަދަންވާނެއެވެ.

 

127 ވަނަ މާއްދާ - އިސް އިހްތިސާސް ލިބިދިނުން

(ހ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ވަކި ހާއްސަ މިނިވަން މުއައްސަސާއަކަށް ނުވަތަ މުސްތަގިއްލު މަގާމަކަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ހަވާލުކޮށްފައިވާ ވަކި ހާއްސަ މަސްއޫލިއްޔަތަކީ، ޖިނާއީ ކުށެއް ކަމުގައި ބެލެވޭ އަމަލެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، އެ ކުށާގުޅޭ ތަހްގީގުތައް ހިންގުމާއި، ދައުވާ ކުރުމަށް ފެންނަ ހާލަތުގައި ދައުވާ ކުރުމަށް ހުށަހެޅުން ކަމުގައި ވާހިނދު، ގާނޫނުގެ ދަށުން ފުލުހުންނަށްވެސް އެ ކުށުގެ އަމަލުގެ މައްޗަށް އާންމުގޮތުގައި އިހްތިސާސް ލިބިގެންވީނަމަވެސް، އެ ކުށުގެ އަމަލާ ގުޅޭގޮތުން، އިސް އިހްތިސާސް އޮތް ބަޔަކުކަމުގައި ބަލާނީ، ގާނޫނުއަސާސީން ނުވަތަ ގާނޫނުން އުފައްދާފައިވާ  އެ ހާއްސަ މުއައްސަސާއެއް ނުވަތަ މަގާމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތުގައި، ފުލުހުންގެ ދައުރަކަށްވާނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާއަކުން ނުވަތަ މަގާމަކުން އަންގާ ގޮތެއްގެމަތިން، މި ގާނޫނުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކޮށްގެން، އެ މުއައްސަސާއަކުން ނުވަތަ އެ މަގާމަކުން އެ ކުށަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް އެހީތެރިވެދިނުމާއި މަގުފަހިކޮށްދިނުމެވެ. 

 

128 ވަނަ މާއްދާ - އެހެން މުއައްސަސާތަކަށް ޖަވާބުދާރީވުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއްގެ ދައުރު އަދާކުރުމުގެގޮތުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށް، އެ މުއައްސަސާއަކުން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދިނުމަށް މުއައްސަސާއަކުން އެދޭ ހާލަތްތަކުގައި، އެ މުއައްސަސާއަކަށް، އެ މައުލޫމާތު ދިނުމުގެ ސަބަބުން ފުލުހުން ހިންގަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެކަމަށް ނުވަތަ ފުލުހުން ހިންގަމުންދާ އޮޕަރޭށަނަކަށް ބުރޫއަރާފާނެކަމަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އެ ހާލަތު ނިމުމަކަށް އަންނަންދެން އެ މައުލޫމާތެއް ހާމަނުކުރުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މުއައްސަސާއަކުން ފުލުހުން ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

 

129 ވަނަ މާއްދާ - ރެކޯޑު ދޫކުރުން

ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން އަންނަނިވި މައުލޫމާތު އަންނަނިވި ފަރާތްތަކަށް ދޫކުރުމާބެހޭ ގަވާއިދެއް މި މާއްދާގެ ދަށުން ކޮމިށަނަރުގެ ލަފާގެމަތިން ވަޒީރު ހަދައި އާންމުކުރަންވާނެއެވެ.

(ހ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކުން ހިންގުން ހުއްދަ ތަހްގީގެއްގައި ވަކި މީހަކާ ބެހޭގޮތުން ހޯދަން ބޭނުންވާ އޭނާގެ ޕޮލިސް ރެކޯޑު؛

(ށ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހަކަށް ވަޒީފާ ދިނުމުގެ ކުރިން އޭނާއަށް ވަޒީފާ ދޭން ގަސްދުކުރާ ފަރާތަށް ދޫކުރާ އޭނާގެ ކްރިމިނަލް ރެކޯޑު؛

(ނ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކުން ހިންގުން ހުއްދަ ތަހްގީގެއްގައި ނުވަތަ ބަލަމުންދާ މައްސަލައެއްގައި ވަކި މީހަކާ ބެހޭގޮތުން ހޯދަން ބޭނުންވާ އޭނާގެ ޕޮލިސް ރެކޯޑު؛

(ރ) ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދީ، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކުން ހިންގާ ތަންފީޒީ ހަރަކާތަކަށް ބޭނުންވާ އިންޓެލިޖެންސް އެސެސްމަންޓް؛

(ބ) މީހަކު އެމީހެއްގެ ކްރިމިނަލް ރެކޯޑު ނުވަތަ ޕޮލިސް ރެކޯޑު ސާފުކުރުމަށް އެދުމުން އެމީހެއްގެ ރެކޯޑު.

 

130 ވަނަ މާއްދާ - ފުލުހުންނަށް ލިބިދޭ ހިމާޔަތް

(ހ) ފުލުހުންގެ މަސައްކަތްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފުލުހަކު އޭނާގެ ރަސްމީ ހައިސިއްޔަތުން ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެމީހެއްގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލޭނެއެވެ.

(ށ) ފުލުހުންގެ މަސައްކަތްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފުލުހަކު އޭނާގެ ރަސްމީ ހައިސިއްޔަތުން ނުބައި ނިޔަތެއް ނެތި ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން މީހަކަށް ލިބޭ އެއްވެސް އަނިޔާއަކަށް ނުވަތަ ގެއްލުމަކަށް އެ އަމަލުކުރި ނުވަތަ ނުކޮށް ދޫކޮށްލި ފުލުހަކު ޒިންމާދާރެއް ނުކުރެވޭނެއެވެ.

 

131 ވަނަ މާއްދާ - އެހެން ފުލުހެއްގެ ބާރު ބޭނުންކުރުން

ގާނޫނު ތަންފީޒުކުރުމުގައި އެވަގުތަކަށް ބޭނުންވެއްޖެހިނދެއްގައި ނުވަތަ ގާނޫނާ ހިލާފުކަމެއް ވިޔަނުދިނުމަށްޓަކައި، އެ ބޭނުމުގައި ފުލުހެއްގެ ވަކި ރޭންކެއްގައި ހުންނަ މީހަކަށް، އޭނާއަށްވުރެ ދަށުގެ ރޭންކެއްގައި ހުރި މީހަކަށް އެވަގުތަކު ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެވިދާނެއެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރާ މީހުންނާ ހަވާލުކުރެވިގެންވާ ޒިންމާތަކަކީ އޭނާއަށް ސީދާ އަދާކުރުމުގެ ބާރު ލިބިގެންވާ ޒިންމާތަކެކެވެ.

 

132 ވަނަ މާއްދާ - ބައިނަލްއަގްވާމީ ގުޅުން

އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ދޭދޭ ގައުމުތަކުގެ ފުލުހުންގެ އިދާރާތަކާއި، ބައިނަލްއަގްވާމީ ފުލުހުންގެ ޖަމާއަތްތަކާއި އިދާރާތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރިވާ އެކިއެކި ތަހްގީގީ އިދާރާތަކާ ގުޅުން އުފައްދައި، އެފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތައް އެކުލަވާލުމުގެ ބާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ހ) ދިވެހިރާއްޖޭގައި ހިނގާ ކުށް މަދުކުރުމަށްޓަކައި، ނުވަތަ ހުއްޓުވުމަށްޓަކައި؛

(ށ) ދިވެއްސަކު އެހެން ގައުމެއްގައި ހިންގާ، އެ ގައުމެއްގެ ގާނޫނުގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ އަމަލެއް ހުއްޓުވުމަށްޓަކައި؛

(ނ) ދިވެއްސަކު، ދިވެހިރާއްޖޭގެ ގާނޫނުގައި ޖިނާއީ ބޮޑެތި ކުށެއްކަމަށް ކަނޑައަޅާފައިވާ އަމަލެއް އެހެން ގައުމެއްގައި ކުރުން ހުއްޓުވުމަށްޓަކައި؛

(ރ) ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށްޓަކައި؛

(ބ) ޖިނާއީ ކުށުގެ މައްސަލަތަކުގައި ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ އެއްބާރުލުން ހޯދުމަށްޓަކައި؛

(ޅ) ދިވެހި ފުލުހުންގެ ހުނަރާއި ފެންވަރު މަތިކުރުމަށްޓަކައި؛

(ކ) ދިވެހި ފުލުހުންނަށް އެއްބާރުލުން ދޭ ބޭރުގެ އިދާރާއެއް ނުވަތަ ޖަމާއަތަކަށް ދިވެހި ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށްޓަކައި؛

(އ) ޓްރާންސްނޭށަނަލް ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި.

 

133 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދާނީ، ކޮމިށަނަރުގެ ލަފާގެމަތިން ވަޒީރެވެ. އަދި އެ ގަވާއިދުތައް ފުލުހުންގެ ހިދުމަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް ތަންފީޒުކުރާނީ، ކޮމިށަނަރެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރޭގައި އަންނަނިވި ކަންކަމަށް ނިސްބަތްވާ ގަވާއިދުތައް ހަދައި ހިންގަންވާނެއެވެ.

  1. ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދު؛
  2. އާންމު މުވައްޒަފުންގެ ވަޒީފާގެ ގަވާއިދު؛
  3. ފުލުހުންގެ ސުލޫކީ މިންގަނޑު؛
  4. ޔުނިފޯމުގެ ގަވާއިދު؛
  5. ތަމްރީނުދިނުމާގުޅޭ ގަވާއިދު؛
  6. ރޭންކުގެ ކުރިއެރުމާއި ރޭންކު ދަށްކުރުމާއި ށަރަފުގެ ނިށާން ދިނުމާގުޅޭ ގަވާއިދު؛
  7. ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާގުޅޭ ގަވާއިދު؛
  8. ފުލުހުންނާމެދު ކުރެވޭ ށަކުވާތައް ބަލައި، ފިޔަވަޅު އެޅުމުގެ ގަވާއިދު؛
  9. ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު؛
  10. ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު؛
  11. ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި، ވަސީލަތާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުންހިފުމާބެހޭ ގަވާއިދު؛
  12. ހަތިޔާރު ހޯދުމާއި ގަތުމާއި ލިބިގަތުމުގެ ގަވާއިދު؛
  13. ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު؛
  14. ތަހްގީގުކުރުމުގެ ހާއްސަ އުކުޅުތަކާގުޅޭ ގަވާއިދު؛
  15. ޑިސިޕްލިނަރީ ކުށާއި، އެ ކުށަށް ފިޔަވަޅުއެޅުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު؛ އަދި
  16. ލިޔެކިޔުންތަކާއި ތަކެއްޗާއި އާލާތްތައް ކްލެސިފައިކުރުމުގެ ގަވާއިދު؛
  17. ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު.

 

134 ވަނަ މާއްދާ - އިންތިގާލީ އުސޫލުތައް

(ހ) މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލެވެންދެން، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ ދަށުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާއި، ފުލުހުންގެ ތެރޭގައި ބޭނުންކުރުމަށް އެކުލަވާލައި އާންމުކުރެވިފައިވާ އުސޫލުތަކާއި އެންގުންތަކަށް އަމަލުކުރަން ކަނޑައެޅުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހާ ހަމައަށް އެކިއެކި މަގާމުތަކުގައި ތިބި މީހުން، އެގޮތުގައި ދެމިތިބުމުގައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުފެދެންޖެހޭ މަގާމުތައް އުފައްދައި، އެ މަގާމުތަކަށް މީހުން އައްޔަންކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އައްޔަންކުރަންޖެހޭ މީހުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އައްޔަންކޮށް ނިންމަންވާނެއެވެ.

(ނ) މި ގާނޫނުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް، އެއީ  މި ގާނޫނު ތަސްދީގުކުރާ ދުވަހާހަމައަށް އަމަލުކުރަމުން އައިގޮތްކަމުގައި ނުވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު އައުމުގެ ކުރިން އަލަށް ތައާރުފުކުރަންޖެހޭ އުސޫލުތައް ތައާރުފުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެކަމެއް މި ގާނޫނުގައިވާ ގޮތުގެމަތިން ކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ ވަޒީރާއި ކޮމިށަނަރުގެ މަސްއޫލިއްޔަތެކެވެ.

 

135 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) އުވުނީއެވެ.

 

136 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

137 ވަނަ މާއްދާ - ޖަދުވަލު

 މި ގާނޫނުގައި ހަވާލާދީފައިވާ، އަދި މި ގާނޫނާ އެކުގައި އެވާ ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ޖަދުވަލާ އެކުގައެވެ.

 

138 ވަނަ މާއްދާ- މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހަތިޔާރު" ކަމަށް ބުނެފައިއެވަނީ، ފަޔަރއާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ، ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަށް ފަރުމާކުރެވިފައިވާ އަދި އެ މަގްސަދުގައި ބޭނުންކުރެވޭ ލެސް ލީތަލް ހަތިޔާރަށެވެ.

(ށ) "ނަން-ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ އެކަމަކު ކޮންސްޓަބަލް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.

(ނ) "ރޭންކު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ މަގާމުތައް މަތިން ތިރިއަށް ތަރުތީބުވެފައިވާގޮތުން ވަކި މީހަކު ހިމެނޭ ގިންތިއަށް، ނުވަތަ ހައިސިއްޔަތަށެވެ.

(ރ) "ކްރިމިނަލް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ މައުލޫމާތަށެވެ.

(ބ) "ކޮމިއުނިޓީ ޕޮލިސިންގ" ކަމަށް ބުނެފައިއެވަނީ، ފުލުހުން ހިދުމަތްދޭ ސަރަހައްދެއްގައި ހިމެނޭ އާންމު ރައްޔިތުންނާއި، ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އިދާރާތަކާ ގުޅިގެން ފުލުހުންގެ ހިދުމަތްދޭން ބައްޓަންކުރާ ފުލުހުންގެ ފަލްސަފާއަށެވެ.

(ޅ) "ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، ކޮމިށަނަރ އޮފް ޕޮލިސްއަށެވެ.

(ކ) "ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.

(އ) "ކޯޕަރޭޓިވް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 120 ވަނަ މާއްދާގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއަށެވެ.

(ވ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި، ގޭބިސީއަށާއި، އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.

(މ) "އޮޓޮޕްސީ" ކަމަށް ބުނެފައިއެވަނީ، މައްޔިތެއްގެ ހަށިގަނޑު ސިއްހީގޮތުން އެގްޒެމިންކޮށް ނުވަތަ ޓެސްޓުކޮށް އެމީހަކު މަރުވިކަމަށް ލަފާކުރެވޭ ވަގުތާއި، އެމީހާ މަރުވުމަށް ދިމާވި ސަބަބާއި، މަރުވި ފަރާތުގެ ހަށިގަނޑުގެ ބޭރާއި އެތެރޭގެ ގުނަވަންތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުންތައް ލިބިދާނެކަމަށް ސިއްހީގޮތުން ގަބޫލުކުރެވޭ ސަބަބުތައް ބަޔާންކުރާ، ގާނޫނީގޮތުން ހުއްދަލިބިގެންވާ ފަންނީ ތަޖުރިބާކާރެއް މައްޔިތެއްގެ ހަށިގަނޑު ފަޅައިގެން ނުވަތަ ފެޅުމަކާނުލައި ހަދާ އެގްޒެމިނޭށަނަށެވެ.

(ފ) "ވަޒީރު" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

(ދ) "ވަޒީފާގެ އިނާޔަތް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުން އަމިއްލައަށް އެދިގެން ވަކިވާއިރު އޭނާއަށް ލިބިދޭ ފައިސާގެ އިނާޔަތަށާއި، އޭނާއަށް ބައިވެރިވުމުގެ ހުއްދަ އޮތް އިންށުއަރަންސް ނިޒާމަކަށާއި، އޭނާއަށް ދޭ ދަތުރުފަތުރުކުރުމުގެ އުޅަނދަށާއި، ދައުލަތުގެ އެހެން ވަޒީފާއަކަށް އެނބުރި ދިޔުމަށް ލިބިދޭ ހައްގަށާއި، ދައުލަތުގެ ފަރާތުން ދައުލަތުގެ ހަރަދުގައި ޒާތީ މަންފާއެއްކަމުގައި ބެލެވޭ މަންފާއެއް ފުލުހަކަށް އޭނާވީތީ ދިނުމުގެގޮތުން ދެވޭ ކޮންމެ އިނާޔަތަކަށެވެ.

(ތ) "މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

(ލ) "މަގާމު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގައި އެމީހަކު އަދާކުރާ ވަޒީފާއަށެވެ.

(ގ) "މަގާމަށް އެކަށޭނަ" ކަމަށް ބުނެފައިއެވަނީ، މަގާމަކަށް އައްޔަންކުރުމާއި، އައްޔަންކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ހުށަހެޅޭ މަގާމުގެ ބޭނުންވާ އިލްމީ ގާބިލުކަމާއި، ތައުލީމީ ފާސް އޮތުމަށާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ހުނަރާއި ގާބިލުކަން ހުރުމަށާއި، މީހާގެ އަބުރުވެރިކަމަށާއި، މަސައްކަތުގެ އަހްލާގަށާއި، ސުލޫކަށެވެ.

(ޏ) "ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައި ހިންގާ ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ.

(ސ) "ފޮޓޯ ލައިންއަޕް" ކަމަށް ބުނެފައިއެވަނީ، ޕޮލިސް ލައިންއަޕެއް ހެދުމުގެ ބަދަލުގައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްކަމަށް ހެކިބަސްދޭ މީހާ ބަޔާންކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބައެއްގެ ފޮޓޯ ވަކި ތަރުތީބަކުން އަތުރައި، އެ ފޮޓޯތަކުގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.

(ޑ) "ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސިފައިންގެ ހިދުމަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

(ޒ) "ގްރޭޑް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ރޭންކު ތަރުތީބުވެފައިވާ ގޮތުގައި ހިމެނޭ ކޮންމެ ގިންތިއެއް، އެ ގިންތީގެ ދާއިރާގެ ތެރޭގައި ދަރަޖަކުރެވިގެންވާ ދަރަޖަކުރުމަށެވެ.

(ޓ) "ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ހިދުމަތްތައް ހިނގާނުހިނގާގޮތް ބަލަމުން ގެންދިޔުމަށް އެކުލަވާލެވިފައިވާ ސަލާމަތީ ހިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ.

(ޔ) "ސަސްޕެންޑުކުރުން" ކަމަށް ބުނެފައިއެވަނީ، ވަކި މުއްދަތަކަށް ހިދުމަތަށް ނުކުތުން މަނާކުރުމަށެވެ.

(ޕ) "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަމަށް ބުނެފައިއެވަނީ، ގައުމުގެ ހާލަތަށް ބަލައި، ފަރުދުންނާއި މުޖުތަމައު، ނުރައްކާތެރި ކުށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި، ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފުލުހުންގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލުކަން އުފައްދައި، ފުލުހުން ތައްޔާރުވެ ތިބެންޖެހޭ އަމާޒުތައް ބަޔާންކުރާ ރަސްމީ ލިޔުމަށެވެ.

(ޖ) "ޑެޕިއުޓީ ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއަށެވެ.

(ޗ) "ޕޮލިގްރާފީ ޓެސްޓް ހެދުން" ކަމަށް ބުނެފައިއެވަނީ، މީހަކާ ސުވާލު ކުރެވޭހިނދު، އޭނާގެ ނޭވާލަމުންދާގޮތް، ނުވަތަ ލޭގެ ޕްރެށަރު، ނުވަތަ ހިތުގެ ވިންދު، ނުވަތަ ދާހިއްލުންފަދަ އަމިއްލަ އިހްތިޔާރުން ބޭރުން ހިނގާ ކަންކަން މެށިނެއްގެ އެހީގައި ދެނެގަތުމަށެވެ.

(ހހ) "ޕޮލިސް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށާގުޅޭގޮތުން ނުވަތަ އުފުލިފައިވާ ދައުވާއާ ގުޅޭގޮތުން ނުވަތަ ކުރަމުންދާ ނުވަތަ ކުރެވިފައިވާ ތަހްގީގާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތަށެވެ.

(ހށ) "ޕޮލިސް ލައިންއަޕް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި ވަކި ކުށެއްކުރީ ވަކިމީހަކުކަމަށް ހެކިބަސްދޭ މީހުންގެ ހެކިބަހުން ފާހަގަކުރާ ފަރާތް ދެނެގަތުމަށްޓަކައި އެ ހެކިބަސްދޭ މީހާ ފާހަގަކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބަޔަކު ވަކި ތަރުތީބަކުން އަތުރައި، އެގޮތަށް އަތުރާފައި ތިބޭ ބައެއްގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.

(ހނ) "އާންމު މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފުލުހުންނާއި ރެކްރޫޓުން އަދި ސްޕެށަލް ކޮންސްޓަބަލުން ނޫން ކޮންމެ މީހަކަށެވެ.

(ހރ) "އާންމު ތަންތަން" ކަމަށް ބުނެފައިއެވަނީ، އެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.

 

 

-----------------------------

ޖަދުވަލު 1

ފުލުހުންގެ ހުވާ

"އަހުރެން،.....(މީހާގެ ނަން).......... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އެ ގާނޫނުއަސާސީން ބާރު ލިބިދޭ ގާނޫނުތައް ނެގެހެއްޓުމަށާއި، ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، އަމަންއަމާންކަން ގާއިމުކުރުމަށާއި، ދިވެހި ދައުލަތާއި ރައްޔިތުންނާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-34)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-140)
  2. ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މު ވައްޒަފުންގެ ވަޒީފާގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-93)
  3. ސްޕެށަލް ކޮންސްޓަބިއުލަރީ ގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-88)
  4. ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-87)
  5. ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-86)
  6. ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-67)
  7. ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-10)
  8. ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެ ތަކެތީގެ ބޭނުންހިފުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-128)
  9. ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-119)
  10. ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-116)
  11. ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-106)
  12. ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-105)
  13. ލިޔެކިޔުންތަކާއި، ތަންތަނާއި، ތަކެއްޗާއި، އާލަތްތައް ކްލެސިފައި ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-101)
  14. ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-99)
  15. ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަ ވާއިދު (ގަވާއިދު ނަންބަރު 2021-98)
  16. ތަމްރީނު ދިނުމާގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-97)
  17. ފުލުހުންގެ ސުލޫކީ މިންގަނޑު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-89)
  18. ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-88)
  19. ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-87)
  20. ފުލުހުން ސިފައިންގެ އެހީތެރިކަން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-69)

 

އުވާލެވުނު ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 2008-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު