-

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-87)

އެއްވަނަ ބާބު

އާންމު އުސޫލުތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (8) ވަނަ ނަންބަރާއި، (15) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންނާމެދު ހުށަހެޅޭ ށަކުވާތައް ބަލައިގަތުމާއި، ތައުދީބީ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ފުލުހުންނާމެދު ށަކުވާ ހުށަހެޅުމާއި، ހުށަހަޅާ ށަކުވާތައް ބަލައިގަނެ، އެފަދަ ށަކުވާތަކާމެދު އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ށ) ފުލުހުންނާމެދު ހުށަހަޅާ ށަކުވާތަކުގެ ތެރޭގައި ހިމެނޭ، މަށްވަރާކޮށްގެން ހައްލުކުރެވޭނެ ބާވަތުގެ މައްސަލަތަކާއި، ޑިސިޕްލިނަރީ ކުށްތަކާއި، އިދާރީ ކުށްތަކާއި، އެ ކުށްތަކަށް ކަނޑައެޅޭނެ އަދަބުތައް ބަޔާންކުރުން.

(ނ) ތައުދީބީ މައްސަލަތައް ތަހުގީގުކުރުމާއި، ހެކި ހޯދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން.

(ރ) ޖިނާއީ ކުށެއްގެ ތަހުގީގުން ހާމަވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ތައުދީބީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި، އަމަލުކުރާނެ ގޮތްތައް ބަޔާންކުރުމާއި، އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުން.

(ބ) ތައުދީބީ މައްސަލަތަކުގައި ހިން ގާ ތަހުގީގުތަކާ ގުޅިގެން ސަސްޕެންޑް ކުރަންޖެހޭ ފަރާތްތައް ސަސްޕެންޑް ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ޅ) ސަސްޕެންޑްކުރާ ފަރާތްތަކަށް ލިބިދެވޭނެ އިނާޔަތްތަކާއި، ހިފެހެއްޓޭނެ އިނާޔަތްތަކާއި، އެފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި ބަޔާންކުރުން.

(ކ) ތުހުމަތު ކުރެވޭ ތައުދީބީ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް މަސްއޫލިއްޔަތުން އެކަހެރިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(އ) ތައުދީބީ މައްސަލަތަކުގައި ތަހުގީގަށް ހާޒިރުކުރުމާއި، ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމެޓީއަށް ހާޒިރުވާން އެންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން.

(ވ) ތައުދީބީ މައްސަލަތައް، ތަހުގީގުކުރުމުގެ މުއްދަތުތަކާއި، ޑިސިޕްލިނަރީ ބޯޑުންނާއި އިސްތިއުނާފު

ކޮމެޓީން ތައުދީބީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ މުއްދަތުތައް ކަނޑައަޅައި ބަޔާންކުރުން.

(މ) ޑިސިޕްލިނަރީ ބޯޑާއި، އިސްތިއުނާފު ކޮމެޓީން މައްސަލަ ބަލައި ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭ އަސާސީ އުސޫލުތައް ބަޔާންކުރުން .

(ފ) ތައުދީބީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން

ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު އަމަލުކުރުން.

(ދ) ތައުދީބީ މައްސަލަތަކުގެ އެންމެހައި މަރުހަލާތަކެއްގައި، ތުހުމަތުކުރެވޭ ފަރާތަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތަކާއި، އިމްތިޔާޒުތައް، މި ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ލިބިދެވޭނެކަން ކަށަވަރުކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒު ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދުގެ އިހްތިސާސް

ފުލުހަކު ޑިސިޕްލިނަރީ ކުށެއް ނުވަތަ އިދާރީ ކުށެއް ކުރީ، ދިވެހިރާއްޖެއިން ބޭރުގައި ކަމުގައި ވިޔަސް، އެ ފުލުހެއްގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ.

 

5 ވަނަ މާއްދާ - ޑިސިޕްލިނަރީ މައްސަލަތަކާއިއިދާރީ މައްސަލަތައް ބަލާ ފަރާތް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތައުދީބީ މައްސަލަތައް ބަލައި ތަހުގީގުކުރާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައިވާ ގޮތުގެ މަތީން މަށްވަރާކޮށްގެން ހައްލުކުރެވޭނެ މައްސަލަތައް ހައްލުކުރުމުގެ މަރުހަލާތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ށަކުވާ ރައްދުވާ ފަރާތް މަސައްކަތްކުރާ ޑިޕާޓްމަންޓަކުން ކުރިޔަށް ގެންދެވިދާނެއެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ ބަހާގެ ބެލުމުގެ ދަށުން، ތައުދީބީ މައްސަލައެއް ބަލައި ތަހުގީގު ކުރުމަށް، ވަކި ހާއްސަ ތަހުގީގު ޓީމެއް އެކުލަވައިލުމުގެ ބާރާއި އިހްތިޔާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް 
ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ ބަހާ ހިންގަންވާނީ، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ، އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ ދަށްނޫން ރޭންކެއްގެ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

 

6 ވަނަ މާއްދާ - މައްސަލަތަކާ ބެހޭ މައުލޫމާތު ފޮނުވުން

(ހ) ފުލުހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން އެ މައްސަލައެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާބެހޭ ޑިޕާޓްމަންޓަކުން ތަހުގީގުކުރަމުންދާނަމަ، އެ ފުލުހަކު ކުރި ކުށާ ނުވަތަ އަމަލާ ގުޅިގެން އޭނާއަށް އަޅަންޖެހޭ ޑިސިޕްލިނަރީ ފިޔަވަޅު ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް، އެ މައްސަލައިގެ މައުލޫމާތު، އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޖިނާއީ ކުށުގެ މައްސަލައެއް ހުށަހެޅި ތަހުގީގުކުރަމުންދާނަމަ، އެކަން ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށާއި، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ. އަދި 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ލިޔުމުން ފޮނުވަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިސްލާހު ގެނައުމަށް ވަޒީރަށް ލަފާ ދިނުމުގައި، ކޮމިށަނަރ އޮފް ޕޮލިސް، ދިވެހި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މަށްވަރާ ހޯދަންވާނެއެވެ.

 

8 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި މާއްދާގައި ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ ދާއިރާގެ އަސްލު އެ ގޮތުގައި ދެމެހެއްޓުމަށާއި، މި ގަވާއިދުގެ މަގުސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގަވާއިދުގެ ހަމަ ކޮންމެ މާއްދާއެއް ވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަ ތީންނެވެ.

(ށ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި 
އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާ މާނަކުރުންތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. :ފުލުހުން" ކަމުގައި ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "ފުލުހުންގެ ހުވާ" ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޕެށަލް ކޮންސްޓަބިއުލަރީގައި ނުހިމެނޭ ފަރާތްތަކަށެވެ.
  2. "ޑިސިޕްލިނަރީ ބޯޑު ނުވަތަ ބޯޑު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 85 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލާ ޑިސިޕްލިނަރީ ބޯޑަށެވެ.
  3. "ކޮމިޓީ" ކަމުގައި ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އެކުލަވައިލާ އިސްތިއުނާފު ކޮމެޓީއަށެވެ.
  4. "ފިޔަވަޅު ރިކޯޑު ކުރުން'' ކަމުގައި ބުނެފައި އެވަނީ، އެޅި ފިޔަވަޅެއް ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ އޯޑިއޯވީޑިއޯ ވަކި ނިޒާމެއްގެ ދަށުން ރައްކައުކުރުމަށް ނުވަތަ އާކައިވް ކުރުމަށެވެ.
  5. "މިނިސްޓަރ'' ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކޮށްފައިވާ ވަޒީރަށެވެ.
  6. "ކޮމިށަނަރ އޮފް ޕޮލިސް'' ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތް އެ ވަގުތަކު ހިންގުމާ ހަވާލުވެހުރި ނުވަތަ ވަގުތީގޮތުން ހިންގުމާ ހަވާލުވެހުރި ފުލުހުންގެ އެންމެ އިސް އޮފިސަރަށެވެ.
  7. "މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ކަންތައްތައް އެ ވަގުތަކު މަތިކުރެވިފައިވާ އިދާރީ ބަހާއަށެވެ.
  8. "މަގުބޫލު ސަބަބު" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކަށެވެ.
    8.1. ރަސްމީ ޑިއުޓީއެއްގައި ނުވަތަ ރަސްމީ މަސައްކަތެއްގައި އުޅެންޖެހުން؛
    8.2. ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވުން؛
    8.3. ދަތުރު ނުކުރެވޭފަދަ ކުއްލި ގުދުރަތީ ކާރިސާއެއް ދިމާވުން؛
    8.4. އާއިލާގެ މެންބަރަކު ނިޔާވުން؛
    8.5. ހާޒިރުނުވެވޭފަދަ ބައްޔެއްވުން ނުވަތަ އެފަދަ ސިއްހީ މައްސަލައެއް ދިމާވުން؛
    8.6. މިނޫނަސް މިފަދަ އެހެން ސަބަބެއް ދިމާވުން.

 

9 ވަނަ މާއްދާ - ތައުދީބީ މައްސަލަތައް ގިންތިކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުދީބީ މައްސަލަތައް ބެހިގެންވަނީ އަންނަނިވި ގިންތިތަކަށެވެ.

(ހ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް؛

(ށ) ޑިސިޕްލިނަރީ ކުދި ކުށްތަކާއި، އިދާރީ ކުދި ކުށްތައް؛

(ނ) ޑިސިޕްލިނަރީ ބޮޑެތި ކުށްތަކާއި، އިދާރީ ބޮޑެތި ކުށްތައް.

 

10 ވަނަ މާއްދާ - މަސްއޫލިއްޔަތުން ދުރުކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރުމަކީ، ހިދުމަތުން ސަސްޕެންޑުކުރުމަކަށް ނުވާގޮތަށް، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދި ވަޒީފާގެ ގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާގެ ނުވަތަ މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭ ގޮތް ހެދުމެވެ.

(ށ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ބާވަތުން ތުހުމަތުކުރެވޭ ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރެވިދާނެކަމަށް، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، މައްސަލައިގެ ތުހުމަތުކުރެވޭ ފުލުހަކު، ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް، ކޮމިށަނަރ އޮފް ޕޮލިސްއަށް މަސްއޫލިއްޔަތުން ދުރުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށް ފައިވާ ގޮތުގެ މަތީން މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމުމުގައި 
އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ތުހުމަތުކުރެވޭ މައްސަލައިގައި މުއައްސަސާގެ މަސްލަހަތަށް އުނިކަން ލިބޭފަދަ ކަމެއް އެކުލެވޭ މިންވަރު؛
  2. ތުހުމަތުކުރެވޭ ފަރާތް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުރެއްޖެނަމަ، ހުށަހެޅިފައިވާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމަށް ނުވަތަ 
    ހެކި ނައްތައިލައިފާނެކަމަށް ނުވަތަ ލިބެންއޮތް ހެއްކެއް ނުލިބޭނެ ގޮތް ހަދައިފާނެކަމަށް ބެލެވޭ މިންވަރު؛
  3. ޑިސިޕްލިނަރީ ބޮޑު ކުށެއްގެ ތުހުމަތުކުރެވުމާއެކު، ނުވަތަ އިދާރީ ބޮޑު ކުށެއްގެ ތުހުމަތުކުރެވުމާއެކު، އެ ކުށް ކުރުމުގައި އަމަލުކޮށްފައިވާ ގޮތް.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމައިފިނަމަ، މަސްއޫލިއްޔަތުން ދުރުކުރި ތާރީހާއި، މުއްދަތާއި، ސަބަބު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔުމުން ރިކޯޑުކުރާ މައުލޫމާތުގެ ލިޔުން، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށާއި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ފޮނުވަންވާނެއެވެ.

(ޅ) މައްސަލައިގެ ބާވަތުން ފުލުހަކު އެ ވަގުތަކު އަދާކުރަމުންދިޔަ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމައިފިނަމަ، އެ މުވައްޒަފާ ހަވާލުކޮށްފައިވާ އާލާތްތަކާއި، ހަތިޔާރާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅުންހުރި އެންމެހައި ތަކެތި، އޭނާ މަސައްކަތްކުރާ ކޮމާންޑެއްގެ ނުވަތަ ޑައިރެކްޓަރޭޓެއްގެ އިދާރީބަޔާ ހަވާލުކުރަންވާނެއެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަންނަންޖެހޭ ތަނަކަށް ވަނުމަށް ދޫކޮށްފައިވާ އެކްސެސްތަކާއި، ކޮމްޕިއުޓަރާއި، އެނޫނަސް އެފަދަ އާލާތްތައް ބޭނުންކުރުމަށް ދޫކޮށްފައިވާ އެކްސެސްތައް ކަނޑައިލަންވާނެއެވެ.

 

11 ވަނަ މާއްދާ - ހިދުމަތުން ސަސްޕެންޑް ކުރުން

(ހ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ މައްސަލައެއްގައި ހިދުމަތުން ސަސް ޕެންޑު ކުރުމަކީ، މުވައްޒަފާ ހަވާލުކޮށް ފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއްގެ ގޮތުންނާއި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއްގެ ގޮތުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ވީތީ ނުވަތަ ފުލުހަކަށް ވީތީ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރެވޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާގެ ނުވަތަ މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭނެ ގޮތަށް ހެދުމާއެކު، ވަޒީފާއަށް ނުކުތުން މަނާކުރުމެވެ.

(ށ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ހުށަހަޅާ، ތައުދީބީ ފިޔަވަޅު އަޅަންޖެހިދާނެ ފަދަ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ބާވަތުން ތުހުމަތުކުރެވޭ ފުލުހަކު ހިދުމަތުން ސަސްޕެންޑް ކުރެވޭނީ، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހަކު ބަންދުކޮށްފި ނަމަ، އެ ފުލުހަކު ބަންދުކުރި ވަގުތުން ފެށިގެން، އޭނާ ބަންދުކުރި ޖިނާއީ ކުށާ ގުޅޭ ތައުދީބީ މައްސަލަ ބަލައިފައި ގޮތެއް ނިންމަންދެން އެ ފުލުހަކު ހުންނާނީ ހިދުމަތުން ސަސްޕެންޑުކޮށްފައެވެ. އެހެންނަމަވެސް، އެފަދަ ތައުދީބީ މައްސަލައެއް ބަލައި ގޮތެއް ނިންމުމަށް 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަވާނަމަ، ސަސްޕެންޑު ކުރިތާ 3 (ތިނެއް) މަސްދުވަސް ހަމަވުމުން، ސަސްޕެންޑު ކޮށްފައިވާ މުއްވައްޒަފުގެ ސަސްޕެންށަން ނިމުމަކަށް ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކު ހިދުމަތުން ސަސްޕެންޑް ކުރުމާމެދު ގޮތެއް ނިންމުމުގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް، ޑިސިޕްލިނަރީ ބޯޑުން ރިއާޔަތް ކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކު ސަސްޕެންޑުކޮށްފިނަމަ، ސަސްޕެންޑް ކޮށްފައިފައި ހުންނަތާ، ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަސް ހަމަވުމުން،ސަސްޕެންށަން ރިވިއު ކުރަންވާނެއެވެ.

(ޅ) މި މާއްދާގައި ވަކި މުއްދަތެއް ހަމަވުމުން ސަސްޕެންށަން ރިވިއު ކުރަންވާނެ ކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހަކު ސަސްޕެންޑް ކުރުމަށްފަހު، އެ ފުލުހަކު އިތުރަށް ސަސްޕެންށަނުގައި ބަހައްޓަންޖެހޭފަދަ ހާލަތެއް ނެތްކަމަށް، މައްސަލަ ތަހުގީގުކުރާ ފަރާތަށް ފެންނަނަމަ، ކޮންމެ ވަގުތެއްގައި ވެސް ސަސްޕެންށަން ރިވިއުކުރުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކު ސަސްޕެންޑް ކޮށްފިނަމަ، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ސަސްޕެންޑްކުރި ފުލުހަކު މަސައްކަތްކުރާ އިދާރީ ބަހާއަށާއި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުން ލިޔުމުން އެކަމުގެ މައުލޫމާތު ފޮނުވަންވާނެއެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކު ސަސްޕެންޑްކޮށްފިނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ސަސްޕެންޑްކުރި ފުލުހަކަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ވ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހަކު ބަންދުކުރުމާ ގުޅިގެން ފުލުހަކު ސަސްޕެންޑް ކުރެވޭ ހާލަތުގައި، މި މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަންގަންޖެހޭ އެންގުން އަންގާނީ، އެ ފުލުހަކު ބަންދުކުރި ޖިނާއީ މައްސަލަ ތަހުގީގުކުރާ ފަރާތުންނެވެ.

 

12 ވަނަ މާއްދާ - ސަސްޕެންށަނުގައި ހުންނަ މުއްދަތުގައި މުސާރަ ދިނުން

(ހ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ހުށަހެޅޭ ތައުދީބީ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގެ ބާވަތުން ފުލުހަކު ހިދުމަތުން ސަސްޕެންޑް ކުރުމުގައި، މުސާރަ ލިބޭގޮތަށާއި، މުސާރަ ނުލިބޭ ގޮތަށް ވެސް ސަސްޕެންޑު ކުރެވިދާނެއެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ސަސްޕެންޑްކުރާ ފުލުހުން ސަސްޕެންޑް ކުރެވޭނީ، މުސާރަ ނުލިބޭގޮތަށެވެ.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތު ފިޔަވައި އެ ނޫން ހާލަތްތަކުގައި ސަސްޕެންޑްކުރާ ފުލުހުން ސަސްޕެންޑް ކުރެވޭނީ، މުސާރަ ލިބޭގޮތަށެވެ.

(ރ) ސަސްޕެންޑްކުރާ ފުލުހުންނަށް، މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

ދެވަނަ ބާބު

ފުލުހުންނާމެދު ށަކުވާ ހުށަހެޅުމުގެ އުސޫލުތައް 

 

13 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ފުލުހަކާމެދު، ށަކުވާއެއް ހުށަހަޅަން ބޭނުން ކޮންމެ ފަރާތަކަށް، އެ ށަކުވާއެއް ބަލައިދިނުމަށް އެދި، ދިވެހި ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް އުފައްދައި ހިންގާ ކޮންމެ މަރުކަޒަކަށް، ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުވައްޒަފަކާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށް ށަކުވާ ހުށަހެޅިދާނެއެވެ.

  1. ހާޒިރުވެގެން؛
  2. ފޯނުން؛
  3. އީމެއިލްގެ ޒަރީއާއިން؛
  4. ސިޓީން؛
  5. މިނޫނަސް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އެހެން ގޮތެއް މެދުވެރިކޮށް.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށް ނުވަތަ ށަކުވާ ހުށަހަޅާ ފަރާތުން އެއީ ކާކުކަން އަންގައިދޭ މައުލޫމާތު ހާމަކުރަންބޭނުންނުވާނަމަ، އެ ގޮތުގެ މަތީން އެ ފަރާތަކަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ރ) ވަކި މީހަކު ށަކުވާއެއް ހުށަހެޅުމަކާ ނުލައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އަމިއްލަ އިސްނެގުމަށް، ފުލުހަކު ކުޅަ އަމަލަކާ ގުޅިގެން، ނުވަތަ ނުކޮށް ދޫކޮށްލި އަމަލަކާ ގުޅިގެން، މައްސަލަ ބެލުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ބ) އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފިނަމަ، އެ ށަކުވާ ހުށަހެޅި މަރުކަޒުން، އެ ށަކުވާއަކާ ގުޅިގެން އަންނަނިވި މައުލޫމާތު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
  2. ހާދިސާ ހިނގި ތާރީހާއި ވަގުތު؛
  3. ހުށަހަޅާ ށަކުވާގެ ތަފުސީލު؛ 
  4. އިތުރު މައުލޫމާތެއް ވާނަމަ، އެ މައުލޫމާތު.

(ޅ) ށަކުވާ ހުށަހަޅަނީ ކާކުކަން ނޭ ނގޭގޮތަށް ހުށަހަޅާ ށަކުވާއެއްނަމަ، ނުވަތަ ށަކުވާ ހުށަހަޅާ ފަރާތުގެ ކާކުކަން ދެނެގަނެވޭނެ މައުލޫމާތު ސިއްރުކޮށްދިނުމަށް ށަކުވާ ހުށަހަޅާ ފަރާތުން އެދޭނަމަ، އެފަދަ ށަކުވާއެއްގެ މައުލޫމާތު ރިކޯޑުކުރުމުގައި، މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު ރިކޯޑުކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާއަށް ފިޔަވަޅު އެޅުން

(ހ) ށަކުވާއެއް ހުށަހެޅުމުން، އެ ށަކުވާއެއްގެ މައުލޫމާތު ރިކޯޑުކުރުމަށްފަހު، ބަލަންޖެހޭ މައްސަލައެއް ވާނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

  1. މަށްވަރާކޮށްގެން ހައްލުކުރެވޭ ބާވަތުގެ މައްސަލައެއްނަމަ، އެ ގޮތުގެ މަތީން ހައްލުކުރުން؛
  2. ޑިސިޕްލިނަރީ މައްސަލަތަކާއި އިދާރީ މައްސަލަތައް، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ފޮނުވުން؛
  3. ޖިނާއީ މައްސަލަތައް، އެ ބާވަތުގެ ޖިނާއީ މައްސަލަ ބަލާ ޑިޕާޓްމަންޓަށް ފޮނުވުން.

(ށ) ހުށަހަޅާ ށަކުވާއަކީ، އެފަދަ ށަކުވާއެއްގެ ބާވަތުން ވަގުތުން ފިޔަވަޅު އަޅަންޖެހޭފަދަ ށަކުވާއެއްނަމަ، އެކަމަކާ ގުޅިގެން ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ހުށަހަޅާ ށަކުވާއަކާ ގުޅިގެން ބަލަންޖެހޭ މައްސަލައެއް ބެލުމަށް ޓަކައި، އެ ށަކުވާ ހުށަހަޅާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ މައްސަލައެއް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވަންވާނެއެވެ.

(ރ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ހުށަހެޅިފައިވާ ށަކުވާއަކާ ގުޅިގެން ބަލަންޖެހޭ މައްސަލައިގެ ބާވަތުން، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ވަކި ޓީމަކުން އެފަދަ މައްސަލައެއް ބެލުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ށަކުވާއަށް ޖަވާބު ދިނުން.

(ހ) ފުލުހުންގެ މަރުކަޒަކަށް ފުލުހަކާ މެދު ށަކުވާއެއް ހުށަހަޅައިފައިވާނަމަ، އެ ށަކުވާ ހުށަހެޅި ފަރާތަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއާމެދު ނިންމި ގޮތެއް، އެ ށަކުވާ ހުށަހެޅުނު ފުލުހުންގެ މަރުކަޒުގެ ފަރާތުން އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމުގައި، އެ ށަކުވާއަކީ ބަލައިގަނެފައިވާ ށަކުވާއެއް ނަމަ، ނުވަތަ ބަލައިނުގަތުމަށް ނިންމައިފައިވާ ށަކުވާއެއް ނަމަ، ނުވަތަ ބަލަމުންދާ ށަކުވާއެއްނަމަ ، އެކަން ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހަކާމެދު ހުށަހަޅާ ށަކުވާއެއް ހުށަހަޅައިފައިވަނީ، އެފަދަ ށަކުވާއެއް ހުށަހެޅި ފަރާތަކީ ކާކުކަން ނޭނގޭގޮތަށް ކަމުގައި ވާނަމަ،މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތަށް، އެފަދަ ށަކުވާއަކާމެދު އަމަލުކުރުން ލާޒިމެއް ނޫނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެ ށަކުވާއާ ގުޅިގެން އެއްވެސް މައްސަލައެއް ބަލަމުންދާނަމަ، އެ މައްސަލައިގެ އިތުރު މައުލޫމާތު، ށަކުވާ ހުށަހެޅި ފަރާތަށް ހިއްސާކުރާނީ، އެ މައްސަލަ ބަލާ ފަރާތުންނެވެ.

 

ތިންވަނަ ބާބު

މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް

 

16 ވަނަ މާއްދާ - މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް

(ހ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކަކީ، ފުލުހެއްގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވުމުގެ ސަބަބުން، ނުވަތަ ފުލުހެއްގެ ފަރާތުން ފެންނަ ފަރުވާކުޑަކުރުމުގެ އަމަލުތަކުގެ މައްޗަށް ބަލައި، ތައުދީބީ ފިޔަވަޅު އެޅޭނެ ބާވަތުގެ މައްސަލަތަކެވެ. އެފަދަ މައްސަލަތަކަށް ތައުދީބީ ފިޔަވަޅު އެޅުމުގެ ކުރިން، އެ ފުލުހަކު މަސައްކަތްކުރާ ކޮމާންޑުގެ ފަރާތުން، ނުވަތަ ޑައިރެކްޓްރޭޓުގެ ފަރާތުން، ނުވަތަ ޑިޕާޓްމަންޓުގެ ފަރާތުން، އެފަދަ މައްސަލައެއް މަށްވަރާކޮށްގެން ހައްލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ގޮތުގައި ނިންމާ މައްސަލަތައް، އެ ފުލުހަކު މަސައްކަތްކުރާ ބަހާއިން، އޭނާގެ ރިކޯޑު ފައިލުގައި ހިމަނައި، އެ ރިކޯޑުތައް، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

(ނ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް ހައްލުކޮށް ނިންމުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް އެކަމުގެ ރިކޯޑު ބަލަހައްޓަންވާނީ، ހަމައެކަނި ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއް މަށްވަރާކޮށްގެންހައްލުކުރެވިފައިވާކަން ރިކޯޑުކޮށްފައި ވުމަކީ، ހަމައެކަނި އެ ސަބަބަށް ޓަކައި، ވަޒީފާއާ ގުޅިގެން އޭނާއަށް ލިބެންޖެހޭ އެއްވެސް އިނާޔަތެއް ނުވަތަ މަންފާއެއް ހިފެހެއްޓޭނެ ސަބަބެއް ނޫނެވެ.

 

17 ވަނަ މާއްދާ - މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ގޮތުގައި ބެލެވޭނެ ކަންތައްތައް

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހެއްގެ މަސައްކަތުގެ އަހުލާގު އެކަށީގެން ނުވުމުގެ ސަބަބުން، ނުވަތަ މަސައްކަތުގެ މާހައުލުގައި އޭނާ ކުރާ އަމަލެއްގެ ސަބަބުން، މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ގޮތުގައި ބެލޭނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހަވާލުކޮށްފައިވާ މަސައްކަތަކަށް ފަރުވާ ކުޑަކުރުން؛
  2. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ރިޕޯޓު ކުރަންޖެހޭ ކަމެއް ރިޕޯޓު ނުކުރުން ނުވަތަ ރިޕޯޓުކުރުން ލަސްކުރުން؛
  3. ގާނޫނާއި ގަވާއިދާ އެއްގޮތަށް ވެރިޔަކު ކުރާ އަމުރުތަކަށް އިޖާބަދިނުމުގައި ފަރުވާކުޑަކުރުން؛
  4. ހާޒިރީއަށް ފަރުވާކުޑަކުރުން؛
  5. އެހެން މުވައްޒަފުންނަށް އިހްތިރާމު ކުޑަކުރުން ނުވަތަ އެކަށީގެންނުވާ ބަހުރުވައިން މުއާމަލާތުކުރުން؛
  6. ސާފުތާހިރުކަން ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރުން؛
  7. އެހެން މުވައްޒަފެއްގެ ނުވަތަ މުއައްސަސާގެ މަސައްކަތަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ވާހަކައެއް ދެއްކުން ނުވަތަ އެފަދަ އަމަލެއްކުރުން؛
  8. ފުލުހުންގެ އުޅަނދުފަހަރު ނުވަތަ ވެހިކަލް ދުއްވުމުގެ ހުއްދަނެތި ދުއްވުން؛
  9. ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގެ ރޫހާ ހިލާފަށް އަމަލުކުރުން؛
  10. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭފަދަ ވާހަކަ ދެއްކުމާއި، އެފަދަ އަމަލު ކުރުން؛
  11. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި އާލާތްތައްބޭނުންކުރުމުގައި ނުވަތަ ގެންގުޅުމުގައި ފަރުވާ ކުޑަކުރުން؛
  12. ރައްޔިތުންނާ އެކަށީގެންނުވާ ބަހުރުވައިން މުއާމަލާތުކުރުން؛
  13. ފުލުހަކަށް ވީތީ ކުރާ އިތުބާރެއްގެ މައްޗަށް ބިނާކޮށް، ވެފައިވާ މަދަނީ މުއާމަލާތަކާ ގުޅިގެން ފުލުހަކު އަދާކުރަންޖެހޭ ޒިންމާ އެ ގޮތުގައި އަދާނުކުރުމުގެ ސަބަބުން އުފެދޭ ދެބަސްވުންތައް؛
  14. ފުލުހުންގެ ހިދުމަތަށް އެދިގެން އަންނަ ފަރާތަކާ ނުވަތަ ފުލުހުންގެ ހިދުމަތް ހޯދާ ފަރާތަކާ، އެ ހިދުމަތް ދިނުމާ ގުޅޭގޮތުން ބާއްވަންޖެހޭ ޕްރޮފެށަނަލް ގުޅުމުގެ ބޭރުން އިތުރު ނަހަމަ ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރުން، ނުވަތަ އެފަދަ ފަރާތެއްގެ ނުރުހުމުގައި އޭނާއަށް ފޯނުކުރުން ނުވަތަ ސޯށަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން މުއާމަލާތު ކުރުމަށް މަސައްކަތްކުރުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ފުލުހަކު ކުރީ އޭނާ ނިސްބަތްވާ ޑިޕާޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓެއްގައި ނަމަ ނުވަތަ އެހެން ޑިޕާޓްމަންޓެއްގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ނަމަ، އެ ޑިޕާޓްމަންޓަކުން ނުވަތަ އެ ތަނެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން، އެ ފުލުހަކު ނިސްބަތްވާ ޑިޕާޓްމަންޓަށް އެކަން އަންގަންވާނެއެވެ. އަދި މި ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކަމަކާމެދު އެ ފުލުހަކު ނިސްބަތްވާ ޑިޕާޓްމަންޓުން އަމަލު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ ކަމެއްގައި ފަރުވާކުޑަކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ ހިދުމަތަކަށް ނުވަތަ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ، އެފަދަ ހާލަތެއްގައި އެ މައްސަލައެއް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަށްވަރާކޮށްގެން ހައްލުކޮށްގެން ނުނިންމޭނެއެވެ. އެފަދަ ހާލަތުގައި އެ މައްސަލައެއް ބަލަންވާނީ،ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުންނެވެ.

 

18 ވަނަ މާއްދާ - މައްސަލަތައް ހައްލުކުރުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ، މަށްވަރާކޮށްގެން ހައްލުކުރެވޭނެ ބާވަތުގެ މައްސަލައެއް ހައްލުކުރުމުގައި އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ ކަމެއް ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ށަކުވާއެއް ހުށަހަޅައިފިނަމަ، މަށްވަރާކޮށްގެން އެ މައްސަލައެއް ހައްލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނީ، ށަކުވާ ރައްދުވާ ފުލުހަކު މަސައްކަތްކުރާ އިދާރީ ބަހާއިން އެކަމަށް ކަނޑައަޅާ ކޮމިށަންޑް އޮފިސަރެކެވެ.

(ނ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރާއި (14) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ށަކުވާއެއް ހުށަހަޅައިފިނަމަ، މަށްވަރާކޮށްގެން އެ މައްސަލައެއް ހައްލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަމަށް ކަނޑައަޅާ ކޮމިށަންޑް އޮފިސަރެކެވެ.

(ރ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަށްވަރާކޮށްގެން ހައްލުކޮށްކުރެވޭ މައްސަލަތައް ހައްލުކުރުމުގެ މަރުހަލާތަކުގައި، މައްސަލަ ހައްލުކުރުމަށް ކަނޑައަޅާ ކޮމިށަންޑް އޮފިސަރު ،އަންނަނިވި ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

  1. ށަކުވާ ރައްދުވާ ފުލުހަކު ހާޒިރުކޮށްފައި، އޭނާއާމެދު ހުށަހެޅިފައިވާ ށަކުވާއަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދިނުން؛
  2. ށަކުވާގެ ބާވަތުން އެ ށަކުވާ ހައްލުކުރެވިއްޖެ ނަމަ، އިތުރު ފިޔަވަޅެއް ނާޅައި އެ މައްސަލަ ހައްލުކުރެވޭ މައްސަލައެއްގެ ގޮތުގައި ނިމިގެންދާނެކަން، ށަކުވާ ރައްދުވާ ފަރާތަށް ކިޔައިދިނުމާއި، މައްސަލައިގެ ރިކޯޑު ބަލަހައްޓާނެ މުއްދަތާއި، ރިކޯޑާމެދު އަމަލުކުރެވޭނެ ގޮތް ކިޔައިދިނުން؛
  3. މަށްވަރާކޮށްގެން އެ ށަކުވާގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، އެ މައްސަލަ ކުރިޔަށްދާނެ ގޮތާއި، އެޅިދާނެ ފިޔަވަޅުތައް، ށަކުވާ ރައްދުވާ ފަރާތަށް ކިޔައިދިނުން.

(ބ) މަށްވަރާކޮށްގެން ހައްލުނުކުރެވޭ މައްސަލަތަކަށް ގޮތެއް ނިންމަންވާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެ މައްސަލައެއް ބަލައި ތަހުގީގުކުރުމަށްފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެންނެވެ.

 

19 ތަކުރާރުކޮށް ކުށްކުރުން

(ހ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް އެއީ އޭގެ ޒާތުގައި ހައްލުކުރުމަށްފަހު އެކަމުގެ މައްޗަށް އިތުރު ތައުދީބީ ފިޔަވަޅެއް އެޅުމަކާ ނުލައި ނިމޭ މައްސަލަތަކެއް ނަމަވެސް، އެ ބާވަތުގެ ކުށްތައް ވެސް ތަކުރާރުކޮށް ކުރާ ފަރާތްތަކާމެދު މަށްވަރާކޮށްގެން ހައްލުކުރުމުގެ މަރުހަލާތައް ކުރިޔަށް ނުގެންގޮސް، ތައުދީބީ ފިޔަވަޅު އެޅުމަށް ނިންމިދާނެއެވެ.

(ށ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއްބާވަތެއްގެ މައްސަލައެއް ތަކުރާރުކޮށް 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ކުރިކަމަށް ތުހުމަތުކުރެވިގެން ހުށަހަޅައިފިނަމަ، އެ ހާލަތުގައި އެ މައްސަލައަކާމެދު އަމަލުކުރަންވާނީ، މި ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ ކުޑަ ކުށެއް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

 

20 ވަނަ މާއްދާ - މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކަށް ގޮތެއް ނިންމުން

(ހ) މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ގޮތުގައި ބެލޭ ބާވަތުގެ މައްސަލަތައް ހައްލުކޮށް ގޮތެއް ނިންމުމުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމިދާނެއެވެ.

  1. މަށްވަރާގެ މަރުހަލާގައި، ށަކުވާ ހުށަހަޅާ ފަރާތާއި، ތުހުމަތުކުރެވުނު ފަރާތުން ނުވަތަ ށަކުވާ ރައްދުވާ ފަރާތުން ވާހަކަދައްކައިގެން އެއްބަސްވުމަކަށް އާދެވި އަދި އެ ދެފަރާތުން އެއްބަސްވާގޮތް، މީޑިއޭށަން ހިންގި އޮފިސަރުވެސް ގަބޫލުކުރާނަމަ، އެ ގޮތެއްގެ މަތީން އަމަލުކުރުމަށް ނިންމުން؛
  2. މައްސަލައިގެ ތުހުމަތުކުރެވުނު ފަރާތުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަށް އިއުތިރާފުވެ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެއްބަސްވެ އެ ގޮތުގެ މަތީން އެއްބަސްވާނަމަ، އެކަން 
    ލިޔުމުން ރިކޯޑުކޮށް މައްސަލަ ނިންމުން؛
  3. ހުށަހެޅިފައިވާ ށަކުވާގެ ބާވަތުން، ތުހުމަތުކުރެވުނު ފަރާތް މަސައްކަތްކުރަމުންދާ ޕޮލިސް ސްޓޭށަން ނުވަތަ ޑިޕާޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓަކަށް އެ ހިނދަށް އޭނާ ވަގުތީގޮތުން ވަކި މުއްދަތަކަށް ބަދަލުކުރުން އެއީ އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް މީޑިއޭށަން ހިންގާ އޮފިސަރަށް ގަބޫލުކުރެވުމާއެކު، އެގޮތުގެމަތީން ހުށަހަޅާ ހުށަހެޅުމަށް ތުހުމަތުކުރެވޭ ފަރާތް އެއްބަސްވާނަމަ، އެގޮތުގެމަތީން އަމަލުކުރުމަށް ނިންމައި މައްސަލަ  ހައްލުކުރުން؛

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަޅާ ކޮންމެ ފިޔަވަޅެއްވެސް އެ ފިޔަވަޅެއް އެޅި ޑިޕާޓްމަންޓެއްގައި ލިޔުމުން ރިކޯޑުކޮށްފައި އޮންނަންވާނެއެވެ. މިގޮތުން މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެގައި ފުލުހުންނާމެދު ފިޔަވަޅު އަޅާނީ، އެ ވަގުތަކު އެ ފުލުހަކު މަސައްކަތްކުރަމުންދާ އިދާރީ ބަހާއެއްގެ ފަރާތުންނެވެ. އަދި މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެގައި ފުލުހުންނާމެދު ފިޔަވަޅު އަޅާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުންނެވެ.

(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް އެ ފަދަ މައްސަލައެއް ހުށަހެޅޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހައްލުކޮށް ނިންމަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ ފަދަ މައްސަލައަކަށް ގޮތެއް ނުނިމިއްޖެނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމުމަށް ޓަކައި ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މައްސަލަ ނުނިމުނީ، ތުހުމަތުކުރެވޭ ފަރާތުގެ އިހުމާލުން ނޫންކަމުގައި ވާނަމަ، އެ ހާލަތުގައި އެ މައްސަލައަކާމެދު، މަށްވަރާކޮށްގެން ހައްލުނުކުރެވޭ ބާވަތުގެ މައްސަލައާމެދު އަމަލުކުރުމަށް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރަންވާނީ، އެ މައްސަލައެއް މަށްވަރާކޮށްގެން ހައްލުކުރުމަށް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މަސައްކަތްކޮށް އެގޮތުގެމަތީން ހައްލުނުވިނަމައެވެ.

 

21 ވަނަ މާއްދާ - މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލަތައް ހައްލުކުރުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކޮށް، ތުހުމަތުކުރެވުނު ފަރާތުގެ ޑިޕާޓްމަންޓުގައި އެފޯމު ފައިލުކޮށް ރިކޯޑު އެކަމުގެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ށަކުވާއެއްގެ މައްސަލަ ބަލައި ނިންމާ ހާލަތުގައި ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ފުރިހަމަކުރުމަށްފަހު، ތުހުމަތުކުރެވުނު ފަރާތް ނިސްބަތްވާ ޑިޕާޓްމަންޓަށް އެ ފޯމު ފޮނުވަންވާނެއެވެ.

(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މަށްވަރާކޮށްގެން މައްސަލަ ހައްލުނުކުރެވި ފިޔަވަޅެއް އަޅަންޖެހޭ ހާލަތުގައި، އެފަދަ މައްސަލައެއްގެ މަށްވަރާގެ ބައްދަލުވުންތަކުގައި ދެކެވިފައިހުރި ވާހަކަތަކާއި، އެއްބަސްވެފައިވާ ކަންތައްތައް އެއީ އެ މައްސަލައިގެ ފިޔަވަޅު އެޅުމުގެ މަރުހަލާގައި ބަލައިގަނެވޭނެ އަދި އެ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށްގެންވާނެ ކަންތައްތަކެއް ނޫނެވެ.

 

ހަތަރުވަނަ ބާބު

މައްސަލަ ތަހުގީގުކުރުން

 

22 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުކުރުމާއި،ހާޒިރުވާން އެންގުމުގެ ބާރު

(ހ) ފުލުހުންނާމެދު ހުށަހަޅާ ށަކުވާއަކާ ގުޅިގެން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޓަކައި، ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ ފުލުހުން ހާޒިރުކޮށް ސުވާލުކުރުމާއި، އިދާރީ ތަހުގީގު ހިންގުމަށް ބޭނުންވާނެ ކަންކަން ކުރުމުގެ ބާރު ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ށ) ހުށަހެޅިފައިވާ ށަކުވާއަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަށްވަރާކޮށްގެން ހައްލުކުރެވޭ ބާވަތުގެ މައްސަލައެއްނަމަ، މަށްވަރާކޮށްގެން އެ މައްސަލަ ހައްލުކުރުމަށް ޓަކައި،ގުޅުންހުރި ޑިޕާޓްމަންޓަކަށް ފޮނުވުމުގެ އިހްތިޔާރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ނ) މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެންގިދާނެއެވެ.

  1. ހާޒިރުވާންޖެހޭ ފަރާތަށް ފޯނުކޮށްގެން؛
  2. ހާޒިރުވާންޖެހޭ ފަރާތާ ބައްދަލުކޮށް ފައި އެކަން އަންގައިގެން؛
  3. ހާޒިރުވާންޖެހޭ ފަރާތަށް މެސެޖް ނުވަތަ އީމެއިލް ފޮނުވައިގެން؛
  4. ހާޒިރުވާންޖެހޭ ފަރާތަށް ހާޒިރުވުމުގެ ޗިޓެއް ފޮނުވައިގެން؛ 
  5. ހާޒިރުވާންޖެހޭ ފަރާތް މަސައްކަތްކުރާ ޑިޕާޓްމަންޓް / ޔުނިޓަށް އިންޓާރނަލް ނޯޓެއް ފޮނުވައިގެން؛

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކަށް ހާޒިރުވާން އަންގާ ކޮންމެފަހަރަކު، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކަށް ހާޒިރުވާން އަންގާ އެންގުމުގައި އެ ފަރާތެއް ހާޒިރުވުމަށް އެކަށީގެންވާ ވަގުތެއް ދޭންވާނެއެވެ. މިގޮތުން ރާއްޖޭގެ އަތޮޅެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަ ފުލުހަކު ހާޒިރުވުމަށް އަންގާނަމަ، އެ ކަމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައަކާ ގުޅިގެން ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހާޒިރުވުމަށް އަންގާ އެންގުމަކާ އެއްގޮތަށް، ފުލުހަކު މަގުބޫލު ސަބަބެއްނެތި ހާޒިރުނުވެއްޖެނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

 

23ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުން

(ހ) ފުލުހެއްގެ މައްޗަށް ތައުދީބީ މައްސަލައެއް ހުށަހެޅުމާއެކު، ލަސްކުރުމެއްނެތި، އެ މައްސަލައެއްގެ އިބްތިދާއީ ތަހުގީގު ފަށަންވާނެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައަކީ ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި ނުވަތަ އިދާރީ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއްކަމަށް އިބްތިދާއީ ތަހުގީގުން އެހިނދަށް ލިބިފައިވާ ހެކިތަކުން ހާމަވާނަމަ، ގިނަވެގެން ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ރަޖިސްޓަރީކޮށް، ތަހުގީގު ފަށަންވާނެއެވެ. މިގޮތުގެމަތީން ބަލަމުންދާ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭކަމަށް ތަހުގީގަށް ބެލެވޭ ވަގުތުން ފެށިގެން، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ލިޔުމުން އަންގާ އެންގުން، އެ ފުލުހެއްގެ ޕޮލިސް މެއިލްއަށް ނުވަތަ އެ ފުލުހަކު އެދޭ އެހެން މެއިލްއަކަށް ފޮނުވުމުން ލިޔުމުން އެންގުނީކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހަކާމެދު ތުހުމަތުކުރެވި ހުށަހެޅިފައިވާ މައްސަލައިގެ ބާވަތުން އެފަދަ މައްސަލައެއް އޭނާއާމެދު ތުހުމަތުކުރެވިގެން ބަލަމުންދާކަން އެ ފަރާތަށް ލިޔުމުން އަންގައިފިނަމަ، އެ މައްސަލައިގައި ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވައިފާނެކަމަށް ޓަކައި، ނުވަތަ ލިބެން އޮތް ހެއްކެއް ނައްތައިލަފާނެކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބު ހުރިނަމަ، އެ ހާލަތެއް ނިމުމާ ހަމަޔަށް ނުވަތަ މައްސަލައިގެ ހެކި ހޯދައި ނިމުމާ ހަމަޔަށް އެ ފަރާތާމެދު ތައުދީބީ މައްސަލައެއް ބަލަމުންދާކަން ލިޔުމުން އެންގުން ފަސްކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ނިންމަންވާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ތަހުގީގު ކުރުމުގެ ބަހާ ހިންގުމާ ހަވާލުވެހުރި އިސް އޮފިސަރެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި އެގޮތަށް އަމަލުކުރާ ކޮންމެ ފަހަރަކު، އެ ގޮތުގެ މަތީން އަމަލުކުރަންޖެހުނު ސަބަބު ބަޔާންކޮށް އެކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ސުވާލުކޮށް ބަޔާންނެގުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަހުގީގުކުރާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތަކީ ކޮމިށަންޑް ރޭންކެއްގެ ފުލުހެއް ކަމުގައި ވެފައި، ތަހުގީގުކުރާ ފަރާތަކީ ކޮމިށަންޑް ރޭންކުގެ ފުލުހެއް ނޫންކަމުގައި ވާނަމަ، ތުހުމަތުކުރެވޭ ފަރާތާ ތަހުގީގުކުރާ ފަރާތުން ސުވާލުކޮށް ބަޔާން ނަގަންވާނީ ކޮމިށަންޑް ރޭންކެއްގެ އޮފިސަރެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހެކިބަހުގެ ގޮތުން ނުވަތަ މައުލޫމާތު ސާފުކުރުމުގެ ގޮތުން ސުވާލުކޮށް ބަޔާން ނަގާނަމަ، ވަކިރޭންކެއްގެ ފުލުހަކު އެކަން ކުރުން ލާޒިމެއް ނޫނެވެ.

(ނ) ޑިސިޕްލިނަރީ ކުށެއްގެ ތުހުމަތުގައި ނުވަތަ އިދާރީ ކުށެއްގެ ތުހުމަތުގައި ފުލުހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިދާރީ ކުށަކީ ކޮބައިކަމާއި، އޭނާއަށް ލިބިގެންވާ ގާނޫނީ ހައްގުތަކަކީ ކޮބައިކަން ރަނގަޅަށް ފަހުމްވާނޭހެން ސާފުކޮށް ބުނެދޭންވާނެއެވެ.

(ރ) ޑިސިޕްލިނަރީ ކުށެއްގެ ތުހުމަތުގައި ނުވަތަ އިދާރީ ކުށެއްގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނަގަންވާނީ، އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ކުރެވޭނެ ގޮތަށެވެ.

(ބ) ތައުދީބީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް ހުރީ ތަހުގީގުކުރާ ފަރާތް ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމުގައި ވާނަމަ، އިލެކްޓްރޯނިކް މީޑިއާގެ ވަ ސީލަތެއް ބޭނުންކޮށްގެން އޯޑިއޯ ނުވަތަ އޯޑިއޯއާއި ވީޑިއޯ ރިކޯޑު ކުރެވޭގޮތަށް، ތުހުމަތުކުރެވޭ ފަރާތުގެ ބަޔާންނެގުމުގެ ބާރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ، އޯޑިއޯ ނުވަތަ ވީޑިއޯގެ ރެކޯޑިންގއަކީ، އެ މީހަކު ތަހުގީގުގައި އެގޮތަށް ދައްކައިފައިވާ ވާހަކަކަމަށް ސާބިތުކޮށްދިނުމަށް ޓަކައި ހެކީގެ ގޮތުގައި ޑިސިޕްލިނަރީ ބޯޑަށާއި އިސްތިއުނާފު ކޮމެޓީގެ މަރުހަލާގައި ހުށަހެޅޭނެ، އަދި ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމެޓީން ބަލައިގަންނާނެ ހެއްކެވެ.

 

25 ވަނަ މާއްދާ - ގާނޫނީ ވަކީލު އައްޔަނު ކުރުން

(ހ) ޑިސިޕްލިނަރީ ކުށެއްގެ ތުހުމަތުގައި ނުވަތަ އިދާރީ ކުށެއްގެ ތުހުމަތުގައި، ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާ އެކަމަށް އެދިއްޖެނަމަ، އޭނާއަށް އެ ފުރުސަތު ދޭންވާނެއެވެ.

(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަ ން ދޭ ފުރުސަތުގައި، 48 (ސާޅީސްއަށެއް) ގަޑިއިރު ފާއިތުވާއިރު ވެސް އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު އައްޔަނުކޮށްފައި ނުވާނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ލިބިފައިވާ ފުރުސަތު އެ ވަގުތަށް ދޫކޮށްލީކަމުގައި ބަލައި،އޭނާއާ ސުވާލު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ތުހުމަތުކުރެވޭ ފަރާތަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ދޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ފަހުގައި ވެސް ކަނޑައެޅިފައިވާ ގަޑިއަށް އޭނާގެ ވަކީލު ހާޒިރު ނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައި ނުވަނީ، ތުހުމަތުކުރެވިފައިވާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައި ވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް، 12 (ބާރަ) ގަޑިއިރުގެ އިތުރު ފުރުސަތެއް، އޭނާއަށް ދޭންވާނެއެވެ. އަދި އެ 12 (ބާރަ) ގަޑިއިރު ފާއިތުވާއިރު ވެސް، ގާނޫނީ ވަކީލު ހާޒިރުވެފައި ނުވާނަމަ، ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ލިބިފައިވާ ފުރުސަތު އެ ވަގުތަށް ދޫކޮށްލީކަމުގައި ބަލައި، އޭނާއާ ސުވާލުކުރުމައިގެން ކުރިޔަށް ދެވިދާނެއެވެ.

(ރ) މި މާއްދާގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ލިބިދީފައިވާ މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނު ނުކުރުމުގެ ސަބަބުން، ނުވަތަ ކަނޑައެޅިފައިވަ ވަގުތަށް ގާނޫނީ ވަކީލު ހާޒިރުނުވުމުގެ ސަބަބުން، ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ލިބިފައިވާ ފުރުސަތު އެ ވަގުތަށް ދޫކޮށްލީކަމުގައި ބަލައި، ސުވާލުކުރަން ފެށުމަށްފަހުގައި ވެސް، އޭނާގެ ގާނޫނީ ވަކީލު ހާޒިރުވެއްޖެނަމަ، އިތުރަށް އޭނާއާ ސުވާލުކުރުމައިގެން ކުރިޔަށްދާންވާނީ، ގާނޫނީ ވަކީލުގެ ހާޒިރުގައެވެ.

(ބ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ތައުދީބީ މައްސަލައެއްގައި ސުވާލުކުރާ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުވެފައިވާ ފަރާތަކަށް އެ ތައުދީބީ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުވެވޭނެއެވެ.

 

26 ވަނަ މާއްދާ - ތަހުގީގަށް ބޭނުންވާ ލިޔުންތަކާއި،އެހެނިހެން ހެކި ހޯދުން

(ހ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ލިޔުންތައް ނުވަތަ އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެނޫންވެސް އެއްޗެއް އޮތީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އެހެން ބަހާއެއްގައި ކަމުގައި ވެފައި، އެ އެއްޗެއް ހޯދެން އޮތީ އެ އިދާރީ ބަހާގައި އެ ކަމަށް އެދިގެން ކަމުގައި ވާނަމަ، އެ އެއްޗެއް ދޭން އެންގުމުގެ ބާރު،ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަންގާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދަން ބޭނުންވާ އެއްޗަކީ، އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީ ލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތު ބެލޭނެ ގޮތަށާއި، ކިޔަން އެނގޭނެ ގޮތަކަށާއި، އެ ތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ރ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ ފަރާތަކުން ކުރި އަމަލަކަށް ބަލައި، އެއީ އެ ހާލަތުގައި ހިނގަމުންދާ އިދާރީ ތަހުގީގަކަށް ހުރަސްއެޅީކަމުގައި ބަލައި، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ތަންތަނާއި ތަކެތި ބަލައި ފާސްކުރުން

(ހ) ބަލަމުންދާ ތައުދީބީ މައްސަލައަކާ ގުޅޭ ހެކި ދިވެހި ފުލުހުންގެ ހިދުމަތުގެ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ތަނެއްގައި ހުރިކަމަށް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ބެލެވޭނަމަ، އަދި އެއީ އެ މައްސަލަ އިދާރީ މިންގަނޑުން ސާބިތު ކުރުމަށް ޓަކައި ހެކީގެ ގޮތުގައި ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށް ވާނަމަ، ކޮމިށަނަރ އޮފް ޕޮލިސްގެ ހާއްސަ ހުއްދައަކާއެކު، އެ އެއްޗެއް ހޯދުމަށް އެ ތަނަކަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ށ) މުވައްޒަފަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ އިލެކްޓްރޯނިކް ޑިވައިސްއެއްގައި ބަލަމުންދާ ތައުދީބީ މައްސަލައެއްގެ ހެކިކަމުގައި ބެލެވޭ މައުލޫމާތު ރައްކައުކޮށްފައި ހުރިކަމަށް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ބެލެވޭނަމަ، އެ މައުލޫމާތު ބެލޭނެ ގޮތަކަށާއި ކިޔަން އެނގޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރާއި، އެ އެއްޗަކުން އެ މައުލޫމާތު ނެގުމުގެ ބާރު ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ނުވަތަ އެ ހިދުމަތަށް ނިސްބަތްވާ ތަނެއްގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.

  1. ފުލުހުންގެ އިމާރާތްތައް؛
  2. ފުލުހުންގެ ވެހިކަލްތައް؛
  3. ފުލުހުންގެ ކަނޑު އުޅަނދުތައް؛
  4. ފުލުހުން ކުއްޔަށް ހިފައިފައިވާ އިމާރާތްތަކާއި، އުޅަނދުތަކާއި، ވެހިކަލްތައް؛
  5. ތަމްރީނުކުރާ މަރުކަޒުތައް؛
  6. ކަސްޓޯޑިއަލް ޖަލުތައް؛ 
  7. ފުލުހުންގެ ބޭނުމަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރަށްތަކާއި، ފަޅު ފަދަ ތަންތަން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަރ އޮފް ޕޮލިސް ދޭ ހާއްސަ ހުއްދަ ދޭންވާނީ ލިޔުމުންނެވެ. އަދި އެފަދައިން ހުއްދަދޭ ކޮންމެ ފަހަރަކު، އެ ހުއްދައަށް އެދުނު ފަރާތާއި، ސަބަބާއި، ހުއްދަދިން ތާރީހު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގައި ،ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ލިބިދޭ ބާރުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
  2. ބަލަމުންދާ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް ބެލުމުގެ ދަށަށް ގެނައުން؛
  3. އެ ތަނާއި، އެ ތަނުގައިވާ އެއްޗެތީގެ ފޮޓޯއާއި، ވީޑިއޯ ނެގުން؛
  4. އެ ތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛ 
  5. އިލެކްޓްރޯނިކް ޑިވައިސްއެއްގައި ހުރި މައުލޫމާތު ނެގުމަށް އެ އެއްޗެއް ހިފެހެއްޓުމާއި،ތަހުލީލުކުރުން.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަނެއް ބަލައި ފާސްކުރަންވާނީ އަދި އެ ތަނަކުން ހެކީގެ ގޮތުގައި ފެނުނު އެއްޗެއް ނަގަންވާނީ، އެ މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތުގެ ހާޒިރުގައެވެ. ތުހުމަތުކުރެވޭ ފަރާތް ހާޒިރުގައި ނެތްނަމަ އެކަން ކުރަންވާނީ، ބަލައި ފާސްކުރެވޭ ތަން ނިސްބަތްވާ އިދާރީ ބަހާގެ އިސްވެރިއެއްގެ ހާޒިރުގައެވެ.

 

28 ވަނަ މާއްދާ - ޖިނާއީ މައްސަލަތަކުގައި ހޯދޭ ހެކި އިދާރީ ތަހުގީގުގެ ބޭނުމަށް ހިއްސާކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހޯދޭ ހޯދުންތަކާއި، ހެއްކާއި ގަރީނާއަކީ، އެ މައްސަލައަކާ ގުޅިގެން ބަލަމުންދާ ޑިސިޕްލިނަރީ މައްސަލަ ނުވަތަ އިދާރީ މައްސަލައިގެ ތަހުގީގުގައްޔާއި، ޑިސިޕްލިނަރީ ބޯޑާއި، އިސްތިއުނާފު ކޮމެޓީގެ މަރުހަލާގައި ބޭނުންކުރެވޭނެ މައުލޫމާތާއި އެއްޗެއްސެވެ.

(ށ) ޖިނާއީ ވަކި ބާވަތެއްގެ ކުށެއް ތަހުގީގު ކުރުމުގެ ބާރު ގާނޫނަކުން ދީފައިވާ ފަރާތަކުން ކުރަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހޯދޭ ހޯދުންތަކާއި، ލިބިފައިވާ މައުލޫމާތު، ޖިނާއީ އެ މައްސަލަ ބަލާ ފަރާތުން ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑާ ހިއްސާކޮށްފިނަމަ، އެ މައުލޫމާތުތަކަކީ، އެފަދަ މައްސަލައަކާ ގުޅިގެން ޑިސިޕްލިނަރީ މައްސަލައެއް ނުވަތަ އިދާރީ މައްސަލައެއް ބަލަމުންދާ މައުލޫމާތަކަށްވާނަމަ، އެ މައުލޫމާތަކީ ކުރެވެމުން އެދާ ތަ ހުގީގާއި، ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމެޓީގެ މަރުހަލާގައި ބޭނުންކުރެވޭނެ މައުލޫމާތެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑިސިޕްލިނަރީ މައްސަލައިގެ ނުވަތަ އިދާރީ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ޖިނާއީ މައްސަލައިގައި ހޯދިފައިވާ ހޯދުންތަކާއި މައުލޫމާތު ނުވަތަ ހެކި ނުވަތަ ގަރީނާ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑާ ހިއްސާކޮށްފިނަމަ، ބަލަމުންދާ ޖިނާއީ މައްސަލައިގެ ތަހުގީގަށް ބުރުލެއް ނާރާނެކަމަށް ނުވަތަ ދަތިވެދާނެކަމަށް އެ މައްސަލަ ބަލާ ފަރާތަށް ބެލެވޭނަމަ، އެ މައްސަލައިގައި ޖިނާއީ ތަހުގީގު ނިމެންދެން، ޕްރޮފެށަނަލް ސްޓޭންޑަރޑް ކޮމާންޑާ ހިއްސާނުކޮށް އެ މައުލޫމާތުތައް ހިފެހެއްޓިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ޖިނާއީ މައްސަލަ ބަލާ ފަރާތަށް ލިބިފައިވާ މައުލޫމާތާއި، ހޯދިފައިވާ ހޯދުންތަކާއި، ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން ތައްޔާރުކުރާ ރިޕޯޓެއް، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ފޮނުވަންވާނެއެވެ.

 

29 ވަނަ މާއްދާ - ތަހުގީގުކުރުމުގެ މުއްދަތު

(ހ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅޭ ތައުދީބީ މައްސަލަތައް، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި 3 (ތިނެއް) މަސްދުވަސް ހަމަވާއިރު ތަހުގީގު ނުނިމޭ މައްސަލަތައް ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން އެ ބޯޑުން ނިންމާ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅި، ނުނިމި ހުރި މައްސަލަތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 5 (ފަހެއް) މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި އެ މުއްދަތު ހަމަވާއިރު ތަހުގީގު ނުނިމި އޮންނަ ހާލަތެއްގައި، ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް، އެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން މުއްދަތު އިތުރުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ މައްސަލަތަކުގައި އެ މައްސަލައިގެ ތަހުގީގު ނުނިމިވާ ސަބަބަށް ރިއާޔަތްކޮށް، މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ކޮންމެ ފަހަރަކު، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް،ޑިސިޕްލިނަރީ ބޯޑުން ދެވިދާނެއެވެ. މި ގޮތުގެ މަތީން އެންމެ ގިނަވެގެން ތަހުގީގު ނިންމުމަށް އިތުރުކޮށްދެވޭނީ، 90 (ނުވަދިހަ) ދުވަހުގެ މުއްދަތެވެ.

 

ފަސްވަނަ ބާބު

ޑިސިޕްލިނަރީ ބޯޑާއި، އިސްތި އު ނާފު ކޮމެޓީގެ ދައުރު

 

30 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑާއި، އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ފޮނުވުން

(ހ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލައި ތަހުގީގުކުރާ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ގޮތެއް ކަނޑައެޅުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ށ) ށަރުއީ ކޯޓްތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ގާނޫނީ ބާރު ލިބިދީފައިވާ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ މިނިވަން ކޮމިށަނަކުން ފުލުހަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް ލަފާ ދީފައިވާ މައްސަލަތަކުގައި، އިތުރަށް ބަލަންޖެހޭ ނުވަތަ ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ، އެ ކަންކަން ބެލުމަށްފަހު، އެފަދަ މައްސަލައަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަށްވަރާކޮށްގެން ހައްލުކުރެވޭ ބާވަތުގެ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައަށް ގޮތެއް ނިންމުމަށް ޓަކައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެއެވެ.

(ނ) ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅު އަޅާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު، އެ މައްސަލައެއް ރައްދުވި ފަރާތަށާއި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ކޮންމެ މީހަކަށާއި، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައުދީބީ ފިޔަވަޅު އެޅުމަށް ޓަކައި، ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ފޮނުވަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމު" އިންނެވެ.

(ބ) މި މާއްދާގެ ބޭނުމަށް ޓަކައި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ފަރާތްތަކުގެ މާނައިގެ ތެރޭގައި ހިމެނެނީ، މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތާއި، މައްސަލައިގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނުވަތަ އަނިޔާއެއް ލިބިފައިވާ ކޮންމެ ފަރާތެކެވެ.

 

31 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑާއި، އިސްތި އުނާފު ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތައުދީބީ މައްސަލަތަކަށް ފިޔަވަޅު އެޅުމަށް އެކުލަވައިލައިފައިވާ ޑިސިޕްލިނަރީ ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ، އެކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އިދާރީ ބަހާއެއްގެ ފަރާތުންނެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް އެކުލަވައިލައިފައިވާ

އިސްތިއުނާފު ކޮމެޓީގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ނ) ސެކްރެޓޭރިއޭޓް ބަލަހައްޓާ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ކުރުން ހިމެނިގެންވެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވުމަށް މެންބަރުންނަށް އެންގުން؛
  2. ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް، ބޯޑުގެ ނުވަތަ އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް އެންގުން؛ 
  3. އެޖެންޑާކޮށްފައިވާ މައްސަލަތަކުގެ އިންވެސްޓިގޭށަން އޮފިސަރުންނަށް ބޯޑުގެ ނުވަތަ އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވާން އެންގުން؛
  4. ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުން؛
  5. ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  6. ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން؛
  7. ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމަށް ފޮނުވާ އިދާރީ މައްސަލަތަކުގެ ފޯމު ފުރިހަމަވެފައިވޭތޯ ބެލުން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސެކްރެޓޭރިއޭޓުގެ ފަރާތުން އަންގާ އެންގުން، ބޯޑުގެ ނުވަތަ އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން އަންގަންވާނެއެވެ. އަދި އެފަދައިން އަންގާ އެންގުމުގައި ބޯޑުގެ ނުވަތަ އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުން އޮންނާނެ ތާރީހާއި،ގަޑިއާއި، ބައްދަލުވުން އޮންނާނެ ތަނެއް އަންގަންވާނެއެވެ.

(ބ) މި މާއްދާގައި (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގާ އެންގުން އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އެންގިދާނެއެވެ.

  1. ހާޒިރުވާންޖެހޭ ފަރާތަށް ފޯނުކޮށްގެން؛
  2. ހާޒިރުވާންޖެހޭ ފަރާތަށް އެސް.އެމް.އެސް. ފޮނުވައިގެން؛
  3. ހާޒިރުވާންޖެހޭ ފަރާތަށް މެސެޖު ނުވަތަ އީމެއިލް ފޮނުވައިގެން.

(ޅ) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުވާން އަންގާ ކޮންމެ ފަހަރަކު، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ބޯޑަށް ނުވަތަ ކޮމެޓީއަށް މައްސަލަ ހުށަހެޅުން

(ހ) ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި މައްސަލަ ހުށަހަޅަންވާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުން އެ މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭށަން އޮފިސަރު ނުވަތަ އިންވެސްޓިގޭށަން ޓީމުގެ ފަރާތުންނެވެ.

(ށ) އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުމުގައި މައްސަލަ ހުށަހަޅަންވާނީ، އެ މައްސަލައެއް އިސްތިއުނާފު ކުރާ ފަރާތުންނެވެ. ނަމަވެސް މައްސަލަ އިސްތިއުނާފު ކުރަނީ، ކޮމިށަނަރ އޮފް ޕޮލިސްގެ ފަރާތުން ކަމުގައި ވާނަ، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކުން އެ މައްސަލައެއް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހަޅާއިރު، މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކާއި، ހޯދިފައިވާ ހޯދުންތަކާއި، ލިބިފައިވާ ހެއްކާއި ގަރީނާއާއި، ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭ ގޮތް ނުވަތަ ބުރަވެވޭ ގޮތް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހަޅާ މައްސަލައަކާ ގުޅިގެން ހުށަހަޅާ ހުށަހެޅުމެއްގައި، ހިނގަމުންދާ ޖިނާއީ ތަހުގީގަކަށް ލިބިފައިވާ މައުލޫމާތު ނުވަތަ ހޯދިފައިވާ ހޯދުންތަކެއް ނުވަތަ ހެކި ނުވަތަ ގަރީނާ ހިމެނޭނަމަ، އެފަދަ މައުލޫމާތު ނުވަތަ އެފަދަ ހެއްކާއި ގަރީނާ ތުހުމަތުކުރެވޭ ފަރާތަށް ހާމަވެއްޖެނަމަ، ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ފެންނަނަމަ، އެފަދަ މައުލޫމާތު ނުވަތަ އެފަދަ ހެއްކާއި ގަރީނާ ހިއްސާކުރަންވާނީ، ހަމައެކަނި ބޯޑުގެ މެންބަރުންނާ ހިއްސާކުރާ އެއްޗެއްގެ ގޮތުގައެވެ.

 

33 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން

(ހ) ފުލުހެއްގެ މައްޗަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން އޭނާއާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ކުރިން އެކަމަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތުދީ، ލިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން ބަލާ ކޮންމެ މައްސަލައެއް ބަލައި ނިންމަންވާނީ، އެ މައްސަލަ ރައްދުވާ ފަރާތުން އޭނާގެ ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލަ ރައްދުވާ ފަރާތުން އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ބޯޑުގެ ބައްދަލުވުމަށް ހާޒިރުވުމުގައި، އޭނާ އިހްތިޔާރުކުރާ ގާނޫނީ ވަކީލަކަށާއި، އޭނާ ހުރި މަގާމާއި، ރޭންކާއި، ގްރޭޑާ އެއްފެންވަރެއްގެ މަގާމަކާއި ރޭންކާއި ގްރޭޑެއްގައި ހުރި އެހެން މީހަކަށް އޭނާއާއެކު ހާޒިރުވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގު ކުރުމުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމި އޮންނަ ހާލަތުގައި، ތަހުގީގު ނިންމުމަށް އިތުރު މުއްދަތެއް ހޯދުމަށް އެދި ބޯޑަށް ހުށަހަޅާއިރު، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

 

34 ވަނަ މާއްދާ - ބޯޑަށް ނުވަތަ ކޮމެޓީއަށް ހާޒިރުވުމާއި، ޖަވާބުދާރީވުން

(ހ) ފުލުހެއްގެ މައްޗަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހާޒިރުވުމަށް އެ ފުލުހަކަށް އަންގާ އެންގުމާ އެއްގޮތަށް ހާޒިރުވާން ޖެހޭނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހާޒިރުވާން ފުލުހުންނަށް އަންގާ އެންގުމާ އެއްގޮތަށް، ފުލުހަކު ހާޒިރުވާންވާނީ، ވާރކިންގ ޑްރެސްގައި ނުވަތަ އެ އިރަކު އެ ފުލުހަކު ބޭނުންކުރާ ޔުނިފޯމެއްގައެވެ. ނަމަވެސް، ސަސްޕެންށަނުގައި ތިބޭ ފުލުހުންނާއި، އާންމު ފުލުހުން ހާޒިރުވާނީ، ރަސްމީ ޑިއުޓީއަށް ހާޒިރުވުމަށް ހުއްދަކުރާ ހެދުމެއްގައެވެ.

(ނ) ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހާޒިރު ނުވެވޭފަދަ މަގުބޫލު އުޒުރެއް އޮވެއްޖެނަމަ، އެކަން ބަޔާންކޮށް ބޯޑުގެ ބައްދަލުވުން ނުވަތަ ކޮމެޓީގެ ބައްދަލުވުން ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، ލިޔުމުން ނުވަތަ އެސް.އެމް.އެސް.ގެ ޒަރީއާއިން ސެކްރެޓޭރިއެޓަށް އެކަން އަންގަންވާނެއެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑަށް ނުވަތަ ކޮމެޓީއަށް ހާޒިރުވުމަށް ފުލުހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އެ ފުލުހަކު ބޯޑަށް ނުވަތަ ކޮމެޓީއަށް ހާޒިރު ނުވެއްޖެނަމަ، ބޯޑަށް ޖަވާބުދާރީވުމަށް އޭނާއަށް ދިން ފުރުސަތު އަމިއްލަ އިހްތިޔާރުގައި ދޫކޮށްލީކަމަށް ބަލައި، އޭނާއާމެދު ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ބާއްވާ ބޯޑުގެ ބައްދަލުވުން އޭނާގެ އައިރު ހާޒިރުގައި ބާއްވައި، އެ މައްސަލައަށް ތައުދީބީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އެމައްސަލައަށް ގޮތެއް ނިންމުމުގެ އިހްތިޔާރު އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ރައްދުވާ ފަރާތުގެ އައިރު ހާޒިރުގައި ބޯޑުގެ ބައްދަލުވުންތައް ކުރިޔަށް ގެންދަންވާނީ، މައްސަލަ ރައްދުވާ ފަރާތަށް ބޯޑަށް ހާޒިރުވުމަށް ފުރަތަމަ ދިން ފުރުސަތުގެ އިތުރުން، ބޯޑަށް ހާޒިރުވުމަށް އިތުރު ފުރުސަތެއް ދިނުމަށްފަހުގައެވެ. މިގޮތުން ދޭ އިތުރު ފުރުސަތުގައި އެ ފަރާތުން ބޯޑަށް ހާޒިރުނުވެއްޖެނަމަ، އައިރު ހާޒިރުގައި ބޯޑުގެ ބައްދަލުވުންތައް ކުރިޔަށްގެންގޮސް، މައްސަލައަށް ގޮތެއް ނިންމާނެކަން މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުން ޑިސިޕްލިނަރީ ބޯޑަށް ހާޒިރުވެ ޖަވާބުދާރީވުމަށް ބޭނުންނުވާކަމަށް ބަޔާންކޮށް، އެ ފަރާތަށް ބޯޑަށް ހާޒިރުވުމަށް ލިބިދެވޭ ފުރުސަތުގެ ބޭނުން ހިފުމަށް ބޭނުންނުވާކަމުގައި ބުނެފައިވާ ފަރާތްތެއްގެ އައިރު ހާޒިރުގައި ބޯޑުގެ ބައްދަލުވުންތައް ބާއްވައި މައްސަލައަށް ގޮތެއް ނިމުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ކ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތާއި، ބޯޑަށް މައްސަލަ ހުށަހެޅުމާއި، ބޯޑުގެ މެންބަރުން ބައްދަލުވުމަށް ހާޒިރުވުމާއި، ހުށަހެޅިފައިވާ މައްސަލަތަކަށް ބަހުސްކުރުމުގައި އަމަލުކުރާނެ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.

(އ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިސްތިއު ނާފު ކޮމެޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތާއި، އެ ކޮމެޓީއަށް މައްސަލަ ހުށަހެޅުމާއި، މެންބަރުން ބައްދަލުވުމަށް ހާޒިރުވުމާއި، ހުށަހެޅިފައިވާ މައްސަލަތަކަށް ބަހުސްކުރުމުގައި އަމަލުކުރާނެ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކުލަވައިލަންވާނެއެވެ.

 

35 ވަނަ މާއްދާ - ބޯޑުން ނިންމާ ނިންމުން

(ހ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތަކަށް ގޮތެއް ނިންމުމުގައި، އެ މައްސަލައަކާ ގުޅިގެން މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާ ސުވާލުކުރުމަށް ޓަކައި، މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމުގެ ފުރުސަތު، ބޯޑުގެ މެންބަރުންނަށް ދޭންވާނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތަކަށް ގޮތެއް ނިންމަންވާނީ، ބޯޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުނޫން މެންބަރުންގެ ހާޒިރުގައި ބާއްވާ ބޯޑުގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަށްވަރާކޮށްގެން ނަގާ ސިއްރު ވޯޓުން އައުލަބިއްޔަތު ލިބޭ ގޮތެއްގެ މައްޗަށެވެ. ފެންނަ ނުފެންނަ އަދަދު އެއްވަރުވެއްޖެނަމަ ގޮތެއް ނިންމާނީ ރިޔާސަތުން ވޯ ޓު ދީގެންނެވެ.

(ނ) ފުލުހެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމެޓީން ފިޔަވަޅު އަޅަންވާނީ އެ ކަމެއްގައި އެ ފުލުހެއްގެ އަޑު އެހުމަށްފަހު، އޭނާގެ ހާޒިރުގައެވެ. މި މާއްދާގެ މަގުސަދަށް ޓަކައި އޯޑިއޯ ނުވަތަ އޯޑިއޯވީޑިއޯ މެދުވެރިކޮށް ކުރެވޭ މުއާމަލާތަކީ އޭނާގެ ހާޒިރުގައި ހިންގޭ މުއާމަލާތެއްކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ރ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި މައްސަލައަށް ގޮތެއް ނިންމާއިރު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

 

36 ވަނަ މާއްދާ - ތައުދީބީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ އަސާސް

(ހ) ފުލުހުންނާމެދު ހުށަހެޅޭ ށަކުވާތައް ބަލައި ތަހުގީގު ކުރުމަށްފަހު، އެފަދަ މައްސަލަތަކަށް ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅު އެޅުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލައަކަށް ތައުދީބީ ފިޔަވަޅު އަޅަންވާނީ، އެ ބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ ތައުދީބީ ފިޔަވަޅުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މިގޮތުން އަޅާ ފިޔަވަޅު ވާންވާނީ، ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުށުގެ އަމަލުކޮށްފައިވާ ގޮތަށާއި، އަމަލުގެ ޒާތަށާއި، ބާވަތަ ށާއި،މައްސަލައި ގައި ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި، އެ ކުށަކާ އެކަށޭނެ ފިޔަވަޅަކަށެވެ.

(ނ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތައުދީބީ ފިޔަވަޅު އަޅާއިރު، އެ ބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ ތައުދީބީ ފިޔަވަޅުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތައް އެޅުމުގައި، މުއައްސަސާގެ މަސްލަހަތަށް ގެއްލުން ލިބޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް އެ މައްސަލައިގައި އެކުލެވޭނަމަ، އެކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތައުދީބީ ފިޔަވަޅު އެޅުމުގައި، އެ މައްސަލައިގައި ހިމެނޭ ފަރާތާމެދު މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަބު ލުއިކުރެވިދާނެ ހާލަތެއް ހިމެނޭނަމަ، އެކަމަށް ރިއާޔަތްކޮށް، އެ ބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ ތައުދީބީ ފިޔަވަޅުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ލުއި ފިޔަވަޅެއް ނުވަތަ ކުޑަ ފިޔަވަޅެއް އެޅުމަށް ނިންމިދާނެއެވެ.

(ބ) ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތައުދީބީ ފިޔަވަޅު އެޅުމުގައި، އެ މައްސަލައިގައި ހިމެނޭ ފަރާތާމެދު މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަބު ބޮޑުކުރެވިދާނެ ހާލަތެއް ހިމެނޭނަމަ، އެކަމަށް ރިއާޔަތްކޮށް، އެ ބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ ތައުދީބީ ފިޔަވަޅުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ބޮޑު ފިޔަވަޅެއް އެޅުމަށް ނިންމިދާނެއެވެ.

(ޅ) ފުލުހެއްގެ މައްޗަށް ސާބިތުވާ ޑިސިޕްލިނަރީ ކުށަކާ ގުޅިގެން ނުވަތަ އިދާރީ ކުށަކާ ގުޅިގެން އަޅާ ތައުދީބީ ފިޔަވަޅު ވާންވާނީ، އެ ކުރި ކުށަކާ އެކަށީގެންވާ ފިޔަވަޅަކަށެވެ. އަދި އެ ފުލުހަކަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، އޭނާގެ ވާޖިބަށް އިހުމާލުވުމުގެ އަމަލުތައް ކުރުން ދުރިހެލިކުރުވާފަދަ ފިޔަވަޅަކަށެވެ.

 

37 ވަނަ މާއްދާ - ވަޒަންކުރަންވީ މިންގަނޑު

(ހ) ތައުދީބީ ފިޔަވަޅު އެޅުމުގައި ތުހުމަތުކުރެވިފައިވާ މައްސަލަ ސާބިތުވާކަމަށް ބެލުމުގައި ޑިސިޕްލިނަރީ ބޯޑުން ބަލާ މިންގަނޑަކީ، ލިބިފައިވާ ހެއްކަށް ބުރަވެ ބަލާއިރު، އެ ހެކި ބުރަވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައް އޭނާ ނުކުރުމަށްވުރެ ކުރިކަމަށް ބެލުން ގާތްކަމަށް ވުމުގެ މައްޗަށެވެ. އަދި އޭނާ އެ ކުރި ކަންތައް އެ މަގާމުގައި، އަދި އެ ހާލަތުގައި ހުރި އެހެން މީހަކު ވެސް ކުރާނަމަ ކުރާނީ، ހަމަ އެ ގޮތަށްތޯ ބެލުމުގެ މައްޗަށެވެ.

(ށ) ތަފާތު މައްސަލަތަކެއްގެ ގޮތުގައި ފުލުހެއްގެ މައްޗަށް ށަކުވާތަކެއް ހުށަހެޅިފައިވާނަމަ، އެއިން ކޮންމެ ށަކުވާއެއް ތަހުގީގު ކުރަންވާނީ، ވަކި މައްސަލައެއްގެ ގޮތުގައެވެ. އަދި ހަމައެކަނި އެ ސަބަބަށް ޓަކައި، ފުލުހެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ރިއާޔަތް ކޮށްގެން ނުވާނެއެވެ.

 

38 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު އެޅުން

(ހ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކުރާ މައްސަލަތަކުގައި ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު ޑިސިޕްލިނަރީ ބޯޑުން ނިންމާ ގޮތެއްގެ މަތީން ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

(ށ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުން ގޮތެއް ނިންމުމަށް އެދި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާ މައްސަލަތަކުގައި، އެ މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު އޭނާ ކުރިކަމަށް ސާބިތުކުރުމުގައި، މި ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ،ވަޒަންކުރަންވީ މިންގަނޑުން ބަލާއިރު ފުލުހަކާމެދު ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ބެލެވޭނަމަ، ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅު އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމުގައި، މި ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން 2 (ދޭއް) ފިޔަވަޅެއް އެކުއެކުގައި އެޅުމަށް ނިންމިދާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅު އެޅުމަށް ނިންމާއިރު، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅު އެޅުމުގައި ހިފަހައްޓަންޖެހޭ އަސާސްތަކަށް ތަބާވާންވާނެއެވެ.

 

39 ވަނަ މާއްދާ - މައްސަލަ އިސްތިއުނާފު ކުރުން

(ހ) ޑިސިޕްލިނަރީ ބޯޑުން ނިންމައިފައިވާ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު އެ މައްސަލައެއް ރައްދުވި ފަރާތަށާއި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ކޮންމެ މީހަކަށާއި،ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ. މިގޮތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅަންވާނީ،މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ "ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް، އިސްތިއުނާފު ކޮމެޓީގެ ސެކްރެޓޭރިއޭޓަށެވެ.

(ށ) މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނަމަ، ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅުއަޅަން ނިންމި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއް އިސްތި އުނާފުކުރުމަށް ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން އަޅައިފައިވާ ތައުދީބީ ފިޔަވަޅު ތަންފީޒު ކުރަންވާނީ، އިސްތިއުނާފު މަރުހަލާ ނިމުމުންނެވެ.

 

40 ވަނަ މާއްދާ - އިސްތިއުނާފު ކޮމެޓީން މައްސަލަ ބެލުން

(ހ) ޑިސިޕްލިނަރީ ބޯޑުން ތައުދީބީ ފިޔަވަޅުއަޅާ މައްސަލަތައް އިސްތި އުނާފު ކޮމެޓީއަށް ހުށަހެޅުމުން،އެ ކޮމެޓީން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން އަޅައިފައިވާ ތައުދީބީ ފިޔަވަޅު ރަނގަޅުކަމަށް ފެންނަނަމަ، އެ ފިޔަވަޅު ދަމަހައްޓަން ނިންމުމާއި، އެ ފިޔަވަޅަށް ބަދަލެއް ގެންނަން ފެންނަނަމަ، އެ ފިޔަވަޅު ރިވިއުކުރުމަށް ޑިސިޕްލިނަރީ ބޯޑަށް ފޮނުވުމާއި، ޑިސިޕްލިނަރީ ބޯޑުން އަ ޅައިފައިވާ ތައުދީބީ ފިޔަވަޅު ބަދަލުކުރުމަށް ނިންމުމުގެ ބާރު އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ.

(ށ) ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފު ކޮމެޓީން ބަލައި ފިޔަވަޅު އެޅުމުގައި އެ ކޮމެޓީގެ ދައުރަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި އިސްތިއުނާފު ކުރެވޭ މައްސަލަތަކަށް ގޮތެއް ނިންމުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިސްތިއުނާފު ކޮމެޓީން ބެލުމަށްފަހު ރިވިއުކުރުމަށް ޑިސިޕްލިނަރީ ބޯޑަށް ފޮނުވާ މައްސަލައެއް އަލުން އެ ބޯޑުން ބެލުމަށްފަހު، އެ ބޯޑުން ތައުދީބީ ފިޔަވަޅު އަޅާ މައްސަލަތައް ވެސް އިސްތިއުނާފު ކޮމެޓީގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ. 

 

41 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު ލުއިކުރެވިދާނެ ހާލަތްތައް

ފުލުހަކު ކުރާ ޑިސިޕްލިނަރީ ކުށަކަށް އަދި އިދާރީ ކުށަކަށް ތައުދީބީ ފިޔަވަޅު އެޅުމުގައި، ލުއި ފިޔަވަޅެއް އެޅިދާނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އެ ފުލުހަކު އެ ބާވަތުގެ ކުށެއް ކުރިކަމަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމުގައި ވުން.

(ށ) ތަހުގީގު މަރުހަލާގައި އަމިއްލައަށް އިސްވެ، ކުށަށް އިއު ތިރާފު ވެ، ކުށުގެ އަމަލު ހިންގިގޮތް ތަހުގީގުގައި ކިޔައިދީފައިވުން.

(ނ) މާފަށް އެދުން.

(ރ) ކުށްކުރުމުގައި ހިންގައިފައިވާ އަމަލު ހިންގުމުގައި ވަށައިގެންވާ ކަންކަމަށް ބަލާއިރު، މުއައްސަސާގެ މަސްލަހަތަށް ގެއްލުންލިބޭ ނުވަތަ އިތުބާރާއި ގަދަރަށް އުނިކަން ލިބޭ ކަންކަމުގެ ގޮތުގައި ބެލެވޭކަމެއް ކޮށްފައި ނުވުން.

(ބ) ކުރި ކުށުގެ އަމަލުގެ ސަބަބުން އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ދީފައިވުން.

(ޅ) އެ މީހަކާ ދެކޮޅަށް ކުށް ހިންގުނު ފަރާތުން ނުވަތަ އަނިޔާ ލިބުނު ފަރާތުން، މައްސަލަ އިތުރަށް ކުރިޔަށްގެންދަން ބޭނުންނުވާކަމުގައި ބުނެ، ތުހުމަތު ކުރެވުނު ފަރާތަށް މާފު ދީފައިވުން.

 

42 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު ބޮޑުކުރެވިދާނެ ހާލަތްތައް

ފުލުހަކު ކުރާ ޑިސިޕްލިނަރީ ކުށަކަށް އަދި އިދާރީ ކުށަކަށް ތައުދީބީ ފިޔަވަޅު އެޅުމުގައި، ތައުދީބީ ބޮޑު ފިޔަވަޅެއް އެޅިދާނެ، ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ތަކުރާރުކޮށް ކުށް ކުރުން.

(ށ) ކުށްކުރުމުގައި ހިންގައިފައިވާ އަމަލު ހިންގުމުގައި ވަށައިގެންވާ ކަންކަމަށް ބަލާއިރު، މުއައްސަސާގެ މަސްލަހަތަށް ގެއްލުން ލިބޭ ނުވަތަ އިތުބާރާއި ގަދަރަށްއުނިކަން ލިބޭ ކަންކަމުގެ ގޮތުގައި ބެލެވޭކަމެއް ކޮށްފައިވުން.

(ނ) ކުރި ކުށުގެ އަމަލުގެ ސަބަބުން އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް މާލީ ގެއްލުމެއް 
ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ދިނުމަށް އިންކާރުކުރުން.

(ރ) ކުށް ކުރުމުގައި އަނިޔާވެރި އަމަލެއް ހިންގައިފައިވުން.

(ބ) ކުރި ކުށުގެ އަމަލު ހިންގުމުގައި މުޖުތަމައުގެ އާންމު ސުލޫކީ ގިޔަމްތަކާ ހިލާފުވެފައިވުން.

 

43 ވަނަ މާއްދާ - މައްސަލަތަކަށް ގޮތެއް ނިންމުމުގެ މުއްދަތާއި، ޑިސިޕްލިނަރީ ބޯޑާއިއިސްތި އުނާފު ކޮމެޓީ ހިންގުމުގެ އުސޫލު

(ހ) ތަހުގީގު ނިންމުމަށްފަހު، ގޮތެއް ނިންމައިދިނުމަށް އެދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާ މައްސަލަތައް އެ ބޯޑަށް ބަލައިގަންނަތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައަށް ގޮތެއް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްތިއުނާފު ކުރެވޭ މައްސަލަތައް އިސްތިއުނާފު ކޮމެޓީއަށް ހުށަހަޅާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

(ނ) ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު، މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިނުން؛
  2. ތުހުމަތު ކުރެވޭ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލާއި، ތުހުމަތުކުރެވޭ ފަރާތް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް، އޭނާ ހުރި މަގާމާއި ރޭންކާއި ގްރޭޑާ އެއްފެންވަރެއްގެ މަގާމަކާއި ރޭންކާއި ގްރޭޑެއްގައި ހުރި އެހެން މީހަކަށް އޭނާއާއެކު ހާޒިރުވުމުގެ ފުރުސަތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިނުން؛ 
  3. ތުހުމަތުކުރެވޭ ފަރާތުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުން.

(ރ) ޑިސިޕްލިނަރީ ބޯޑަށް ނުވަތަ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެއްވެސް މިންވަރަކަށް މެންބަރަކު ށާމިލުވާނަމަ، ނުވަތަ ހުށަހެޅިފައިވާ މައްސަލައަކީ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމެއް އެކުލެވޭ މައްސަލައެއް ނަމަ، އެ މައްސަލަ ކުރިޔަށް ގެންދިއުމުގެ އެއްވެސް އަޑުއެހުމެއްގައި އަދި އެ މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

 

44 ވަނަ މާއްދާ - މައްސަލަ ނިންމި ގޮތް އެންގުން

(ހ) ޑިސިޕްލިނަރީ ބޯޑު ނުވަތަ އިސްތިއުނާފު ކޮމެޓީން މައްސަލަ ބަލައި މައްސަލައަށް ގޮތެއް ނިންމުމުން، އެ މައްސަލަ ނިންމި ގޮތެއް، އެ މައްސަލަ ރައްދުވި ފަރާތަށް ސެކްރެޓޭރިއޭޓުގެ ފަރާތުން ލަސްކުރުމެއްނެތި އަންގަންވާނެއެވެ. އަދި މައްސަލަ ނިންމި ގޮތުގެ ލިޔުން، ގިނަވެގެން ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ރައްދުވި ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މައްސަލައިގެ ހުލާސާ؛
  2. މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތު؛
  3. މައްސަލަ ހުށަހެޅުނު ތާރީހު؛
  4. ބޯޑުން/ކޮމެޓީން މައްސަލަ ނިންމި ތާރީހު؛
  5. މައްސަލަ ނިންމިގޮތް.

 

ހަވަނަ ބާބު

ކުށާއި އަދަބުގެ ބައި

 

45 ވަނަ މާއްދާ - ތައުދީބީ މައްސަލަތަކުގެ ގޮތުގައި ބެލެވޭ ކުށްތައް

ތައުދީބީ މައްސަލަތައް ބެހިގެންވަނީ، މައިގަނޑު 3 (ތިނެއް) ގިންތިއަކަށެވެ. އެއިން ކޮންމެ ގިންތިއެއްގައި ހިމެނޭ ކުށްތަކުގެ ގޮތުގައި ބެލެވޭ ކުށްތައް މި ބާބުގައި ބަޔާންކޮށްފައިވަނީ އެ ގިންތިއަކަށް ކަނޑައެޅޭ ކުށްތައް ވަކީންނެވެ.

 

46 ވަނަ މާއްދާ - ޑިސިޕްލިނަރީ ކުދި ކުށްތަކާއި، އިދާރީ ކުދި ކުށްތައް

ތައުދީބީ މައްސަލަތައް ބެހިގެންވާ ގިންތިތަކުގެ ތެރެއިން، ޑިސިޕްލިނަރީ ކުށްތަކާއި އިދާރީ ކުދި ކުށްތަކުގެ ގިންތީގައި ހިމެނޭ ކުށްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަށްވަރާކޮށްގެން ހައްލުކުރެވޭ މައްސަލައެއް ސާބިތުވެގެން 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ފިޔަވަޅު އަޅަންޖެހުން.

(ށ) ކުރި އަމަލަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަށްވަރާކޮށްގެން ހައްލުކުރެވޭނެ ބާވަތުގެ ކަމެއް ކަމުގައި ވިޔަސް، އެ އަމަލުގެ ސަބަބުން މުއައްސަސާގެ މަސްލަހަތަށް އުނިކަން އަންނަ ފަދަ ކަމެއް ހިނގުން.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލައި އަމަލުކުރަމުންދާ ގަވާއި ދަކާ ހިލާފަށް ނުވަތަ އުސޫލަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތަކަށް ބުރޫއެރުން، ނުވަތަ ހިދުމަތެއް ނުދެވުން، ނުވަތަ ދެމުންދިޔަ ހިދުމަތެއް މެދުކެނޑުން.

(ރ) ސިއްހީގޮތުން ރައްކައުތެރި ނޫން އަމަލެއް ހިންގުން ނުވަތަ ކުރުން.

(ބ) ފުލުހެއްގެ ނަމާއި ސަރވިސް ނަންބަރު ބުނެދޭންޖެހޭނެކަމަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައަޅައިފައިވާ ހާލަތްތަކުގައި، ނަމާއި ސަރވިސް ނަންބަރު ނުބުނުން ނުވަތަ ވަންހަނާކުރުން.

(ޅ) ހަގީގަތް އޮޅޭފަދަ އިބާރާތަކުން، ރަސްމީ އެއްވެސް ފޮތެއްގައި ނުވަތަ ރިކޯޑެއްގައި ލިޔުމާއި ކުރެހުން.

(ކ) ސޯށަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ބޭއަދަބީ ވާހަކައެއް ދެއްކުން، ނުވަތަ ހަގީގަތާ ހިލާފު ވާހަކައެއް ދެއްކުން، ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ނުވަތަ ސިޔާސީ ށިއާރަކަށް ތާއީދުކުރާކަން ނުވަތަ ތާއީދު ނުކުރާކަން ހާމަވާފަދަ ކަމެއް ކުރުން.

(އ) އެ ފުލުހަކަށް ނިސްބަތްވާ ނުވަތަ ނިސްބަތްނުވާ، ފުލުހުންގެ ޔުނިފޯމެއް، ނުވަތަ ޔުނިފޯމެއްގެ ބައެއް، ނުވަތަ ހަތިޔާރެއް، ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭ އާލާތެއް ، ނުވަތަ އޮޕަރޭށަންތަކުގައްޔާއި ޑިއުޓީކުރުމުގައި ބޭނުންކުރާ އެއްވެސް އެއްޗެއް އޭނާގެ ބެލުމުގެ ދަށުގައި ހުއްދަނެތި ބެހެއްޓުން، ނުވަތަ ބޭނުންކުރުން، ނުވަތަ އެފަދަ އެއްޗަކާ ގުޅުމެއް ނުވާ މުވައްޒަފަކަށް ދިނުން ނުވަތަ ބޭނުންކުރެވޭގޮތް ހެދުން.

(ވ) ދޭންޖެހޭ ރިޕޯޓެއް ނުވަތަ ބަޔާނެއް ގަސްތުގައި ނުދިނުން ، ނުވަތަ ފޮނުވަންޖެހޭ ރިޕޯޓެއް ނުފޮނުވުން ، ނުވަތަ ފޮނުވުން ލަސްކުރުން، ނުވަތަ ދިނުން ލަސްކުރުން، ނުވަތަ ދޭންނުޖެހޭ ފަރާތަކަށް ދިނުން.

(މ) ވަކި ހުއްދައެއް ހޯދައިގެން މެނުވީ ނުވަދެވޭނެކަމަށް ކަނޑައަޅައިފައިވާ، ދިވެހި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ތަނަކަށް، ހުއްދަނެތި ވަނުން.

(ފ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ކިބައިގައި ހުންނަންޖެހޭ އަހްލާގީ މިންގަނޑުކަމަށް، ގަވާއިދު ނަންބަރު 2021-89 (ދިވެހި ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ބޭރުވާފަދަ އިބާރާތަކުން ނުވަތަ އަހްލާގީ މިންގަނޑާ ހިލާފު އިބާރާތަކުން މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުން.

(ދ) މުވައްޒަފަކަށް ރައްދުވާގޮތަށް ހުތުރު އިބާރާތުން ނުވަތަ އިހްތިރާމް ކުޑަކުރުމަށް ފުރުސަތު ތަނަވަސްވާ ގޮތަށް މީޑިޔާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމާއި،މީޑިޔާގެ އެއްވެސް ވަސީލަތެއްގައި ލިޔެފައިވާ ނުވަތަ ށާއިއުކޮށްފައިވާ އެފަދަ އެއްވެސް އެއްޗެއް ފެތުރުމާއި، އެ އެއްޗަކަށް ތާއީދުކުރާކަން ދޭހަވާގޮތަށް އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުން.

(ތ) ވޭތުވެދިޔަ 4 (ހަތަރު) މަސްދުވަހުގެ ތެރޭގައި ޗުއްޓީ ނުނަގައި ނުވަތަ ގަވާއިދުން ސަލާމް ނުބުނެ، ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުނުވެ ނުވަތަ ޑިއުޓީއަށް ނުނިކުމެ، 7 (ހަތެއް) ދުވަސް ވުން.

(ލ) ދިވެހި ފުލުހުންގެ ހިދުމަތް އޮޕަރޭށަނަލް ލެވެލް 3 ގައި އޮންނަ ހާލަތުގައި ނުވަތަ ހިންގަމުންގެންދާ ހާއްސަ އޮޕަރޭށަނަކާ ގުޅިގެން ޑިއުޓީއަށް ނުކުތުމަށް އެންގުމުން، މަގުބޫލު ސަބަބެއްނެތި ޑިއުޓީއަށް ނުނިކުތުން.

(ގ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުދަލެއް ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ނުވަތަ އަމިއްލަ މަންފާއެއް ހާސިލުކުރުން.

(ޏ) ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާމެދު ޖަލު އަދަބެއް ކަމުގައި ކަނޑައެޅިފައިނުވި ނަމަވެސް، އަދަބެއް ދިނުންކަމަށް ބެލެވޭފަދަ އަމަލެއް ހިންގުން.

(ސ)  ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ ހިލާފަށް ދައުލަތުގެ ފައިސާ ބޭނުންކުރުން،ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ މުދަލާއި، ތަކެއްޗާއި، ވަސީލަތްތައް ބޭނުންކުރުމަށް ކަނޑައަޅާ ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އެ ތަކެތި ބޭނުންކުރުން.

(ޑ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ނުވަތަ ވަކި ގާނޫނެއްގައި ފުލުހުން ކުރުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެއް ކުރުން، ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދަކާއި، ނުވަތަ އެފަދަ ގަވާއިދަކުން ބާރުލިބިގެން އެކުލަވައިލައިފައިވާ އުސޫލަކާ ހިލާފުވުން.

 

47 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޮޑެތި ކުށްތަކާއި، އިދާރީ ބޮޑެތި ކުށްތައް

(ހ) ތައުދީބީ މައްސަލަތައް ބެހިގެންވާ ގިންތިތަކުގެ ތެރެއިން، ޑިސިޕްލިނަރީ ބޮޑެތި ކުށްތަކާއި އިދާރީ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ކުށްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ޑިސިޕްލިނަރީ ކުޑަކުށެއް ނުވަތަ އިދާރީ ކުޑަކުށެއް ސާބިތުވެގެން، 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ފިޔަވަޅު އަޅަންޖެހުން؛
  2. ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ހިންގާ ތަހުގީގަކުން ހޯދޭ ހޯދުންތަކާއި، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި، އެ ފުލުހަކު، ގަވާއިދު ނަންބަރު 2021-89 (ދިވެހި ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވާއިދު) އާ ނުވަތަ އެނޫންވެސް ގަވާއިދަކާ ހިލާފު އަމަލެއް ކުރިކަމަށް ބެލެވުން؛
  3. އެއްވެސް މުވައްޒަފަކަށް ރައްދުވާގޮތަށް ދޮގު ތުހުމަތުކޮށް، ހަގީގަތާ ހިލާފު ދޮގުވާހަކަ މީޑިޔާގެ އެއްވެސް ވަ ސީލަތެއް ބޭނުންކޮށްގެން ފެތުރުން ނުވަތަ މީޑިޔާގެ އެއްވެސް ވަސީލަތެއްގައި ލިޔެފައިވާ ނުވަތަ ށާއިއުކޮށްފައިވާ އެފަދަ އެއްވެސް އެއްޗެއް ދައުރުކުރުވުން ނުވަތަ އެ އެއްޗަކަށް ތާއީދުކުރާކަން ނުވަތަ ތާއިދުނުކުރާކަން ދޭހަވާގޮތަށް އެއްވެސް އަމަލެއް ކުރުން؛
  4. ފުލުހުންގެ ޔުނިފޯމެއް، ނުވަތަ ޔުނިފޯމެއްގެ ބައެއް، ނުވަތަ ހަތިޔާރެއް، ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭ އާލާތެއް، ނުވަތަ އޮޕަރޭށަންތަކުގައްޔާއި ޑިއުޓީކުރުމުގައި ބޭނުންކުރާ އެ ބާވަތުގެ އެއްޗެއް، އެފަދަ އެއްޗަކާ ގުޅުމެއް ނުވާ އާންމު ފަރާތަކަށް ދިނުން، ނުވަތަ ހަވާލުކުރުން ނުވަތަ ބޭނުންކުރެވޭ ގޮތް ހެދުން؛
  5. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށެއްގެ ތަހުގީގަކަށް ބޭނުންވާ ރިޕޯޓެއް ގަސްތުގައި ނުދިނުން، ނުވަތަ އެފަދަ ރިޕޯޓެއް ޖެނެރޭޓް ނުކުރެވޭ ގޮތް ހެދުން، ނުވަތަ އެފަދަ މައްސަލައަކާ ގުޅިގެން ހަރަކާތްތެރިވި ފުލުހަކު، އެ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ދޭންޖެހޭ ބަޔާނެއް ނުދިނުން،ނުވަތަ އެފަދަ ތަހުގީގަކަށް ދީފައިވާ ބަޔާން ށަރީއަތުގެ މަރުހަލާގައި ބަދަލުކުރުން؛ މީގެ ތެރޭގައި ފުލުހަކާމެދު ތުހުމަތުކުރެވޭ ޖިނާއީ މައްސަލައިގެ ތަހުގީގަށް އޭނާއާ ދެކޮޅަށް،އޭނާ ދޭންޖެހޭ ބަޔާނެއް ނުދިނުން، ނުވަތަ ދީފައިވާ ބަޔާން ށަރީއަތުގެ މަރުހަލާގައި ބަދަލުކުރުން ހިމެނިގެނެއް ނުވެއެވެ.
  6. މަސައްކަތުގެ މާހައުލުގައި ވަކި ހުއްދައެއް ހޯދައިގެން މެނުވީ ވަނުން މަނާކަމަށް ކަނޑައަޅައިފައިވާ ތަނަކަށް ހުއްދަނެތި ވަދެ، އެ ތަނެއްގައި ހުރި އެއްވެސް އެއްޗެއްގެ ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އެ ތަނުގައި ހުރި އެއްވެސް އެއްޗެއްގައި އަތްލުމާއި ބެލުން ނުވަތަ އެއްވެސް އެއްޗެއް އެ ތަނުން ގެންދިއުން؛
  7. ހިނގަމުންދާ ޖިނާއީ ކުށެއްގެ ތަހުގީގެއްގެ މައުލޫމާތު ނުވަތަ އޮޕަރޭށަނަކާ ގުޅޭ މައުލޫމަތު އެކަމާ ނުބެހޭ މީހަކާ ހިއްސާކުރުން، ނުވަތަ ނިމިފައިވާ އޮޕަރޭށަނަކާ ގުޅޭ މައުލޫމާތު ނުވަތަ ނިމިފައިވާ ޖިނާއީ މައްސަލައެއްގެ ތަހުގީގެއްގެ މައުލޫމާތު، އެކަމާ ނުބެހޭ މީހަކާ ހުއްދަނެތި ހިއްސާކުރުން؛
  8. ޖާއިޒު މަގުސަދެއް ނެތި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޓޯކީ/ރޭޑިއޯ، ނެޓްވާރކް ނުވަތަ ޖެނެރޭޓަރ ނުވަތަ ސަރވަރ ނުވަތަ ސީ.ސީ.ޓީ.ވީ ކެމެރާ ނުވަތަ އެނޫންވެސް އެ ބާވަތުގެ މެށިނަރީއެއް ނުވަތަ މުހިންމު ވަސީލަތެއް ގަސްތުގައި ފެއިލްކޮށްލުން ނުވަތަ މަސައްކަތް ނުކުރާނެ ގޮތް ހެދުން ނުވަތަ އެހެން ފަރާތަކަށް އެފަދަ ވަސީލަތަކަށް އެކްސެސް ދިނުން؛
  9. ވަޒީފާއަށް ފިލުން؛
  10. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރާ ތަހުލީލަކުން ބަނގުރާ ބޮއެފައިވާކަމަށް ނުވަތަ މަސްތުވާތެކެތި ބޭނުންކޮށްފައިވާކަމަށް ދެއްކުން؛
  11. މަގާމުގެ ނުރަނގަޅު ނުފޫޒު ބޭނުންކުރުން؛
  12. ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ހުރި މީހަކާމެދު އަނިޔާވެރި އަމަލެއް ހިންގުން.

(ށ) މި ގަވާއިދުގެ 46 ވަނަ މާއްދާގެ (ލ) އިން ފެށިގެން (ސ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށް ކުރުމުގެ ސަބަބުން މުއައްސަސާގެ މަސްލަހަތަށް ގެއްލުން ލިބޭ ނުވަތަ ފުލުހުންގެ މުއައްސަސާ ފަދަ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކަމެއްކަމަށް ބެލެވޭނަމަ، އެ ކުށަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ ބޮޑެތި ކުށްތަކުގެ ތެރޭގައްޔާއި އިދާރީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

(ނ) މި ގަވާއިދުގެ 46 ވަނަ މާއްދާގެ (ސ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 5،000 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑުވާނަމަ، އެ ހާލަތުގައި އެ ކުށަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ ބޮޑެތި ކުށްތަކުގެ ތެރޭގައްޔާއި އިދާރީ ބޮޑެތިކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

 

48 ވަނަ މާއްދާ - މުއައްސަ ސާގެ މަސްލަހަތަށް ގެއްލުން ލިބޭ ކަންކަން

މި ގަވާއިދުގެ ބޭނުމަށް ޓަކައި، މުއައްސަސާގެ މަސްލަހަތަށް ގެއްލުން ލިބޭ ނުވަތަ އިތުބާރާއި ގަދަރަށް އުނިކަން ލިބޭ ކަންކަމުގެ ގޮތުގައި، އަންނަނިވި ކަންކަން ބެލެވޭނެއެވެ.

(ހ) މުއައްސަސާގެ ހިންގުމުގެ ނިޒާމަށް ބުރޫއެރުން، ނުވަތަ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ދިނުމަށް ބުރޫއެރުން.

(ށ) ކުރި އަމަލުގެ ސަބަބުން ރައްޔިތުންގެ މެދުގައި މުއައްސަސާއާމެދު ކަންބޮޑުވުން އޮތްކަން ފާޅުކުރުން.

(ނ) އަމަލު ހިންގީ ވަކި ރަށެއްގައި ކަމުގައި ވެފައި، އެ އަމަލާ ގުޅިގެން ކަންބޮޑުވުން އޮތްކަން ދޭހަކޮށް، އެ ރަށެއްގެ ރައްޔިތުން ށުއޫރު ފާޅުކުރުން.

(ރ) މުޖުތަމައުގެ އަފުރާދުންގެ މެދުގައި އާންމުކޮށް ހަޑިހުތުރު އަމަލުތައް ކަމުގައި ބަލައިގަނެ ގަބޫލުކޮށްފައިވާ އަމަލެއްނަމަ، އެފަދަ އަމަލެއް އާންމު ތަނެއްގައި ހިންގުން.

(ބ) ޖިނާއީ ކުށެއްގައި ތުހުމަތުކުރެވިގެން ހައްޔަރުކުރެވުން.

 

49 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅުތައް

(ހ) ތައުދީބީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅޭނެ ފިޔަވަޅުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ނަސޭހަތް ދިނުން؛
  2. އިންޒާރު ދިނުން؛
  3. ކައުންސެލިންގ ދިނުން؛
  4. ކައިރިން ސުޕަވައިޒްކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުން؛
  5. ވަޒީފާ އަދާކުރާ ތަން ބަދަލުކުރުން؛
  6. ހާއްސަ ތަމްރީނު ފުރިހަމަކުރުވުން؛
  7. 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  8. ވަކި މުއްދަތަކަށް ހިދުމަތުން ސަސްޕެންޑުކުރުން؛
  9. މުސާރައިގެ ކުރިއެރުމެއް ދިނުން ހިފެހެއްޓުން؛
  10. މަގާމު ދަށްކުރުން؛
  11. ޕްރޮމޯށަން ނުދީ ހިފެހެއްޓުން؛
  12. ރޭންކު ދަށްކުރުން؛ 
  13. ވަޒީފާއިން ވަކިކުރަން ލަފާދިނުން.

(ށ) ޑިސިޕްލިނަރީ މައްސަލައެއްގައި ނުވަތަ އިދާރީ މައްސަލައެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލިންގ ދިނުމުގެ ފިޔަވަޅު އެޅުމަށް ނިންމަންވާނީ، ތުހުމަތު ކުރެވުނު ކުށުގެ އަމަލަކީ، ކައުންސިލިންގ ދީގެން އިސްލާހުވާނެފަދަ އަމަލެއް ކަމުގައި ބެލެވޭނަމައެވެ. އަދި އެ ފިޔަވަޅު އެޅުމަށް ނިންމާއިރު، އެ ފަރާތަކަށް ދޭންވާނީ، ކޮންބާވަތެއްގެ ކައުންސިލިންގއެއްކަން ބަޔާންކުރަންވާނެއެވެ.

(ނ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ހާއްސަ ތަމްރީނު ފުރިހަމަކުރުވުމަށް ނިންމަންވާނީ، ތުހުމަތު ކުރެވުނު ކުށުގެ އަމަލު ފުލުސް އޮފިސަރު ކޮށްފައިވަނީ، އޭނާއަށް ލިބިފައިވާ ތައުލީމާއި ތަމްރީނު އެންމެ އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއް ރަނގަޅު ގޮތުގައި ކުރުމުގެ ތަމްރީނު ލިބިފައި ނެތުމުގެ ސަބަބުން ކަމުގައި ޑިސިޕްލިނަރީ ބޯޑަށް ގަ ބޫލުކުރެވުމާއެކު، އެ ފަދަ ކަމެއް ރަނގަޅުގޮތުގައި ކުރާނެ ގޮތުގެ ތަމްރީނާއި ތައުލީމު ލިބިއްޖެނަމަ، ކުރިޔަށް އޮތް ތަނުގައި އޭނާގެ ފަރާތުން އެ ފަދަ ކަމެއް ތަކުރާރު ނުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭނަމައެވެ. އަދި އެފަދަ ފަންނީ މަސައްކަތެއް ނުވަތަ ޓެކްނިކަލް މަސައްކަތެއް އެ ފުލުހަކު ލައްވައި ކުރުވަންވާނީ، ހާއްސަ ތަމްރީނެއް ފުރިހަމަކުރުވުމަށް ފަހުގައިކަމަށް ގަބޫލުކުރެވޭނަމައެވެ.

(ރ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކައިރިން ސު ޕަވައިޒު ކުރެވޭގޮތަށް ވަޒީފާ އަދާކުރުވުމަށް ނިންމާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ އަމަލަކީ އެ ފުލުހަކަށްވުރެ ސީނިއަރ ރޭންކެއްގެ ފުލުހެއްގެ ސީދާ އިރުށާދުގެ ދަށުން މަސައްކަތްކޮށްފިނަމަ، ތުހުމަތުކުރެވުނު ފަދަ އަމަލެއް ކުރުމުން ދުރުހެލިވެ އިސްލާހުވެދާނެ ފަދަ އަމަލެއްތޯ ބަލަންވާނެއެވެ. އަދި އެ ފިޔަވަޅު އެޅުމަށް ނިންމާނަމަ، އެ ގޮތަށް ވަޒީފާ އަދާކުރަންޖެހޭނެ މުއްދަތެއް ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

(ބ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ވަޒީފާ އަދާކުރާ ތަން ބަދަލުކުރަން ނިންމާ ނިންމުމުގައި، ވަޒީފާ ބަދަލުކުރެވޭ ފަރާތުގެ އިލްމީ ގާބިލުކަމާއި ފަންނީ ގާބިލުކަން ނުވަތަ ތަޖުރިބާ ލިބިފައި ނެތް ދާއިރާއެއްގައި ހިދުމަތްކުރަން ޖެހިދާނެ ޑިޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް ނުވަތަ ޕޮލިސް ސްޓޭށަނަކަށް އެ ފަރާތެއް ބަދަލުކުރުމަށް ނިންމައިގެން ނުވާނެއެވެ. ނަމަވެސް، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަށް ނިންމާނަމަ، އެ ކަމަށް މުއްދަތެއް ކަނޑައަޅަންވާނެއެވެ.

(ޅ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ވަކި މުއްދަތަކަށް ހިދުމަތުން ސަސްޕެންޑުކުރަން ނުވަތަ މުސާރައިގެ ކުރިއެރުމެއް ހިފެހެއްޓުމަށް ނުވަތަ ޕްރޮމޯށަން ހިފެހެއްޓުމަށް ނިންމާނަމަ، އެ ކަމެއް ހިފަހައްޓާ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ކ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށް ނިންމުމުގައި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ. މިގޮތުން އެ ފިޔަވަޅު އަޅަން ނިންމާނަމަ، ޖޫރިމަނާ ދައްކައި ހަލާސް ކުރަންޖެހޭ މުއްދަތަކާއި، ޖޫރިމަނާގެ ގޮތުގައި މަދުވެގެން ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ވެސް ބަޔާންކުރަންވާނެއެވެ. އަދި މި މާއްދާގެ ބޭނުމަށް ޓަކައި 1 (އެކެއް) މަސްދުވަހުގެ މުސާރަކަމުގައި ބަލަންވާނީ، އެ މީހެއްގެ އަސާސީ މުސާރައެވެ.

(އ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި މަގާމު ދަށްކުރުމަށް ނިންމުމުގައި ތުހުމަތުކުރެވޭ ފަރާތަކީ ފުލުހެއްނަމަ، އޭނާގެ މަގާމު ދަށްކުރުމުގެ ސަބަބުން ދެން އޭނާ އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތަކީ އޭނާގެ ރޭންކުގައި އަދާނުކުރެވޭނެ ނުވަތަ އަދާކުރުން އިދާރީ ހިންގުމުގެހަމަތަކުން ބަލާއިރު އެކަށީގެންނުވާފަދަ ވަޒީފާގެ މަސްއޫލިއްޔަތެއްނަމަ، އެފަދަ ފުލުހަކާމެދު މަގާމު ދަށްކުރުމަށް ނިންމުމުގެ ބަދަލުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އެހެން އަދަބެއް ކަނަޑައެޅުމަށް އިސްކަންދޭންވާނެއެވެ. އެއްވެސް ހާލަތެއްގައި މަގާމު ދަށްކުރުމުގައި ދަށްކުރަންވާނީ، ފަހަރަކު 1 (އެކެއް) މަގާމެވެ.

(ވ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި މަގާމު ދަށްކުރުމަށް ނިންމުމުގައި އެ މީހަކު ހުރި ރޭންކުގެ މަތީ ގްރޭޑުން އެއަށްވުރެ ދަށް ގްރޭޑަށް ބަދަލުކުރުމަށް ނިންމިދާނެއެވެ. ފުލުހެއްގެ މަގާމު ދަށްކުރުމުގައި ދަށްކުރަންވާނީ، ފަހަރަކު 1 (އެކެއް) ގްރޭޑެވެ.

(މ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ރޭންކު ދަށްކުރުމަށް ނިންމާ ނިންމުމުގައި، އާންމު އުސޫލުން ނިންމަންވާނީ ފަހަރަކު 1 (އެކެއް) ރޭންކު ދަށްކުރުމަށެވެ. އެހެންނަމަވެސް، ތުހުމަތުކުރެވޭ ފަރާތް ކޮށްފައިވާކަމަށް ސާބިތުވި އަމަލުގެ ބާވަތާއި، އަމަލުކޮށްފައިވާ ގޮތާއި ހާލަތަށް ބަލައި، ތުހުމަތު ކުރެވޭ ފަރާތަކީ ކޮމިށަންޑް އޮފިސަރެއްނަމަ، 1 (އެކެއް) ރޭންކަށްވުރެ ގިނަ ރޭންކު ދަށްކުރުމަށް ނިންމިދާނެއެވެ. އެހެންނަމަވެސް، އެއްވެސް ހާލަތެއްގައި އެއްފަހަރާ 2( ދޭއް( ރޭންކަށްވުރެ ގިނަ އަދަދަކަށް ރޭންކު ދަށްކުރުމަށް ނިންމައިގެން ނުވާނެއެވެ.

(ފ) ފުލުހެއްގެ މައްޗަށް އަޅަން ނިންމި ތައުދީބީ ފިޔަވަޅަކީ، ވަޒީފާއިން ވަކިކުރުމަށް ލަފާދިނުން ކަމުގައި ވާނަމަ، ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ނިންމާ ތާރީހުން ފެށިގެ ން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފުލުހަކު ސަސްޕެންޑް ކުރުމަށް ނިންމަންވާނެއެވެ.

 

50 ވަނަ މާއްދާ - ތައުދީބީ މައްސަލަތަކަށް ޑިސިޕްލިނަރީ ބޯޑުން ފިޔަވަޅު އެޅުން

(ހ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވިގެން ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކުރުމަށްފަހު ތައުދީބީ ފިޔަވަޅުއެޅުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާ މައްސަލައެއް ސާބިތުވާނަމަ، އެ ފަދަ މައްސަލަތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައުދީބީ ފިޔަވަޅު އެޅުމަށް، ކޮމިށަނަރ އޮފް ޕޮލިސްއަށް ލަފާދިނުމުގެ ބާރު، ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ފުލުހަކު ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ ފުލުހަކާމެދު އަޅާ ފިޔަވަޅު ވާންވާނީ، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަން ބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

(ނ) މި ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ފުލުހަކު ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ ފުލުހަކާމެދު އަޅާ ފިޔަވަޅު ވާންވާނީ، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅަކަށެވެ.

(ރ) މި ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ފުލުހަކު ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ ފުލުހަކާމެދު އަޅާ ފިޔަވަޅު ވާންވާނީ، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުން ފެށިގެން (13) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅަކަށެވެ.

 

51 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު ތަންފީޒު ކުރުން

(ހ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި، ޑިސިޕްލިނަރީ ބޯޑުން ފުލުހަކާމެދު ކޮންމެ ފިޔަވަޅެއް އަޅަން ނިންމި ނަމަވެސް، އެކަން ތަންފީޒު ކުރަންވާނީ، އެ މައްސަލައެއް އިސްތިއުނާފު ކޮށްފިނަމަ، އިސްތިއުނާފު މަރުހަލާ ނިމުމުން، ނުވަތަ އިސްތިއުނާފު ނުކުރާނަމަ، އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހުގައެވެ.

(ށ) ތައުދީބީ ފިޔަވަޅެއް ތަންފީޒު ކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ ފިޔަވަޅެއް އެ ގޮތުގައި އެޅުމަށް ފެންނަކަމަށް ކޮމިށަނަރ އޮފް ޕޮލިސްނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ނެތް ހާލަތެއްގައި ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިށަނަރ އޮފް ޕޮލިސްގެ ޒިންމާ އަދާކުރާ ފަރާތުން ނިންމުމުންނެވެ. މިގޮތުން ނިންމާ ނިންމުންތައް ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި، ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމިޓީން ކަނޑައަޅާ ފިޔަވަޅަކީ، ފުލުހެއްގެ ރޭންކު ދަށްކުރުން ކަމުގައި ވާނަމަ، ނުވަތަ ވަޒީފާއިން ވަކިކުރުމަށް ލަފާދިނުން ކަމުގައި ވާނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު، މިނިސްޓަރަށް ހުށަހަޅަންވާނީ އެ ކަމުގައި ނިންމި ގޮތް އެނގޭނެ ލިޔުންތަކާއެކުގައެވެ.

(ރ) ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކައުންސެލިންގ ދިނުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ،އެކަން ތަންފީޒުކުރުމަކީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، ކައުންސެލިންގ ދިނުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމާއި، ކައުންސެލިންގ ދެވޭ ފުލުހުންގެ މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ބ) ތައުދީބީ ފިޔަވަޅެއްގެ ގޮތުއި ހާއްސަ ތަމްރީނު ފުރިހަމަކުރުވަން ނިންމައިފިނަމަ، އެ ތަމްރީނެއް 
ދިނުމަކީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާގެ ޒިންމާއެކެވެ. އަދި އެފަދައިން ދޭ ތަމްރީނުތަކުގެ މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަން ވާނެއެވެ.

(ޅ) މި ބާބުގެ 49 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅެއް ތަންފީޒު ކުރަމުންދާ ގޮތުގެ ރިޕޯޓު ނުވަތަ ތަންފީޒުކުރި ގޮތުގެ ރިޕޯޓު ޑިސިޕްލިނަރީ ބޯޑުން ބޭނުންވެއްޖެނަމަ،މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން، އެ ފުލުހަކު އެކަން ފުރިހަމަ ކުރަމުންދާ ގޮތުގެ ރިޕޯޓު، ނުވަތަ ފުރިހަމަ ކޮށްފައިވާ ގޮތުގެ ރިޕޯޓު، ބޯޑަށް ހުށަހަޅަންވާނެއެވެ.

 

52 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު އެޅިކަމުގެ މައުލޫމާތު މުވައްޒަފުގެ ރިކޯޑުގައި ހިމެނުން

(ހ) ފުލުހުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލައެއް ނިމުމުން، އެ މައްސަލައެއް ނިމުނުގޮތް، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުން، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ފުލުހެއްގެ މައްޗަށް ތައުދީބީ އަދަބެއް ތަންފީޒު ކުރަމުން ދާނަމަ، ނުވަތަ ތަންފީޒުކޮށް ނިންމައިފިނަމަ، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ފުލުހެއްގެ ރިކޯޑު ފައިލުގައި އެކަން ހިމަނަންވާނެއެވެ. އަދި އެފަދަ ތައުތީބީ ފިޔަވަޅުތަކާ ގުޅިގެން ފުލުހެއްގެ ރިކޯޑު ފައިލުގައިވާ މައުލޫމާތަށް އަންނަ ބަދަލުތައް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

 

53 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގެ ހާލަތުގައި ހާއްސަ އުސޫލު ހިންގުން

(ހ) ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް އިއުލާނުކޮށް އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަންނަނިވި ކަންކަން ނުނިންމޭނެކަމަށް ބެލެވޭނަމަ، އެ ހާލަތުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވިދާނެއެވެ.

  1. ތައުދީބީ މައްސަލަތަކުގެ ތަހުގީގު؛
  2. މަށްވަރާކޮށްގެން ހައްލުކުރެވޭ ބާވަތުގެ މައްސަލަތައް މަށްވަރާކޮށްގެން ނިންމުން؛ 
  3. ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ލިބިދީފައިވާ މުއްދަތު؛ 
  4. ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމެޓީން މައްސަލަ ނިންމުން.

(ށ) މި މާއްދާއަށް އަމަލުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމާ ތާރީހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއް، އެ ކަންކަން ކުރުމަށް ލިބިގެންވެއެވެ.

(ނ) މި މާއްދާއަށް އަމަލުކުރުމަށް ނިންމަންވާނީ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ނުވަތަ ދިމާވެފައިވާ ކާރިސާގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެފަދަ ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް ބެލުމަށްފަހުގައެވެ. މިގޮތުން މި މާއްދާއަށް އަމަލުކުރުމަށް ނިންމާ މުއްދަތެއް، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައި، އެންމެހައި މުވައްޒަފުންނަށް އެކަން އެންގުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓާނަލް ވެބްސައިޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ރ) ތައުދީބީ މައްސަލައަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މި ގަވާއިދުން ލިބިދީފައިވާ މުއްދަތުގެ ތެރެއިން ވަކި މުއްދަތެއް ފާއިތުވެފައިވަނިކޮށް، މި މާއްދާއަށް އަމަލުކުރަން ނިންމައި އަދި މި މާއްދާއަށް އަމަލުކުރުން ނިމުމަކަށް ގެނެވުނު އިރުވެސް، ތައުދީބީ މައްސަލައަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށް ނިމިފައި ނުވާނަމަ، އެފަދަ ހާލަތެއްގައި، އެ ތައުދީބީ މައްސަލައަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މި ގަވާއިދުގައި އާންމު އުސޫލުން ދީފައިވާ މުއްދަތު ގުނުމުގައި، މި މާއްދާއަށް އަމަލުކުރުމަށް ނިންމައިފައިވާ މުއްދަތެއްނުހިމެނޭނެއެވެ.

 

54 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-87)

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު