ސްޕެށަލް ކޮންސްޓަބިއުލަރީ ގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-88)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 67 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ސްޕެށަލް ކޮންސްޓަބިއުލަރުން ގެންގުޅުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ. (ށ) މި ގަވާއިދުގެ ނަމަކީ، "ސްޕެށަލް ކޮންސްޓަބިއުލަރީގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕެށަލް ކޮންސްޓަބަލުންގެ ވަޒީފާއަށް މީހުން ހޮވުމާއި، ވަޒީފާ ދިނުމާއި، މުސާރައާއި، އިނާޔަތްތައް ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި،މި ނޫނަސް ވަޒީފާއާ ގުޅޭ އެންމެހައި އުސޫލީ މިންގަނޑުތަކާއި، ސްޕެށަލް ކޮންސްޓަބަލުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
4 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބަލުން
(ހ) ސްޕެށަލް ކޮންސްޓަބަލުންނަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން،ފުލުހުން ފިޔަވައި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާ ކޮށްފައިވާ ކޮންމެ މީހެކެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންނަށް ފުލްޓައިމްކޮށާއި ޕާޓްޓައިމްކޮށް މަސައްކަތްކުރެވިދާނެއެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންގެ ތެރެއިން ފުލްޓައިމްކޮށް މަސައްކަތްކުރާ
މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.
5 ވަނަ މާއްދާ - މުވައްޒަފުން އަމަލުކުރަންވާ އުސޫލީ މިންގަނޑުތައް
(ހ) ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންވުމުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ސިޔާސަތުތަކާއި، އުސޫލުތަކާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮސީޖަރތަކަށް ސްޕެށަލް ކޮންސްޓަބިއުލަރީގެ އެންމެހައި މުވައްޒަފުން ފުރިހަމައަށް ކިޔަމަންވާންވާނެއެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ އެންމެހައި މުވައްޒަފުން ވެސް، އެ މުވައްޒަފެއްގެ ހިދުމަތަށް ބޭނުންވެގެން، ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފި ހިނދެއްގައި، އަންގާ ގޮތެއްގެ މަތީން ހާޒިރުވާންވާނެއެވެ.
(ނ) ޑިއުޓީ އަދާކުރުމުގެ ތެރޭގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ނުވަތަ ފުލުހުންގެ މުއައްސަސާ ހިންގުމަށް ޓަކައި ގާނޫނުގައިވާ ގޮތުގެ މަތީން ކުރާ އަމުރުތަކަށް ކިޔަމަންވެ، އެ އަމުރާ އެއްގޮތަށް މުވައްޒަފުން އަމަލު ކުރަންވާނެއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް ނުވަތަ މައުލޫމާތެއް ނުވަތަ ނަކަލެއް އަދި މި ނޫންވެސް އެފަދަ އެހެން އެއްވެސް އެއްޗެއް ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މީގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތާބެހޭ އެއްވެސް މައުލޫމާތެއް،ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ އެއްވެސް ހަރަކާތެއްގެ މައުލޫމާތު، ނުވަތަ ކުރެވޭ މުއާމަލާތެއް، އެ ކަމެއް އަންގަންޖެހޭ ނުވަތަ އެނގެންޖެހޭ ފަރާތަކަށް މެނުވީ އެހެން މީހަކަށް ނުވަތަ ފަރާތަކަށް އަންގައިގެން ނުވާނެއެވެ.
6 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބިއުލަރީ ގެ ވަޒީފާއަށް މީހުން ހޯދުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއަށް މީހުން ހޯދަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށް އިއުލާނުކޮށްގެންނެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާގެ ށަރުތުތައް، ތިރީގައި މި ވަނީއެވެ.
- ދިވެހި ރައްޔިތެއް ކަމުގައި ވު މާއި، ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން؛
- ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައަޅައިފައިވާ އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވާ މީހެއް ކަމުގައި ވުން؛
- ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ށަރުއީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކައުތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީ ހަކު ކަމުގައި ނުވުން؛
- ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްޙަތާއި އަހްލާގާއި ގާބިލުކަން
ހުރި މީހެއް ކަމުގައި ވުން؛ - ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ގާނޫނުއަސާސީއާއި ގާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުން؛
- މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހަކަށް ނުވުން؛
- މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
- ދަށްވެގެން ގްރޭޑް 10 ގެ ފެންވަރު ހުރުން؛
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަންވާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އިއުލާނުކޮށްފައިވާ އެހެން ށަރުތުތައް ފުރިހަމަވާ މީހަކު ކަމުގައި ވުން.
7 ވަނަ މާއްދާ - ވަޒީފާއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއަށް އެދެންވާނީ ލިޔުމުން، ތިރީގައި މިވާ ލިޔެކިޔުންތަކާ އެކުގައެވެ.
- އެ މީހަކަށް ލިބިފައިވާ ތައުލީމީ ސަނަދުތަކުގެ ނުވަތަ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ؛
- އެ މީހަކަށް ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛
- އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ނެގިފަހުން 3 (ތިނެއް) މަސްދުވަސް ވެފައިނުވާ ޕާސްޕޯޓް ސައިޒުގެ ކުލަ ފޮޓޯ؛
- ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއަށް ވަންނަންއެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު؛
- އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ސްޕެށަލް ކޮންސްޓަބިއުލަރީގެ މަސައްކަތަށް ނުކުތުމުގައި، ވަޒީފާ ދީފައިވާ އޮފީހުން އިއުތިރާޒު ނުކުރާނެކަމުގެ ލިޔުން.
(ށ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ ފޯމުތަކުގެ ތެރެއިން، މައުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމެނޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. އެފަދަފޯމެއް ބަލައިގަތުމަށްފަހު ވެސް މައުލޫމާތު ފުރިހަމަނުވާނަމަ ބެލެވޭނީ، ބާތިލު ފޯމެއްގެ ގޮތުގައެވެ. އަދި އެކަން، ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ނ) ވަޒީފާއަށް އެދި ހުށަހަޅާނީ، އެ ވަޒީފާއަކަށް ފުރުސަތު އޮތްކަން އަންގައި އިއުލާނު ކުރުމުން، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.
8 ވަނަ މާއްދާ - ވަޒީފާ ދިނުމުގެ ކުރިން ބަލާނެ ކަންތައްތައް
(ހ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ މައުލޫމާތު ފުރިހަމަވާ ހުށަހެޅުންތައް ބަލައިގަތުމަށްފަހު، އެފަދަ ހުށަހެޅުންތައް ހުށަހަޅައިފައިވާ ފަރާތެއްގެ ކިބައިގައި، ސްޕެށަލްކޮންސްޓަބަލެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ، އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.
- ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްޙަކަން ބެލުމަށްފަހު، ކުރާ އިންޓަވިއުން ފާސްވުން؛
- ސިއްޙީގޮތުން ވަޒީފާއަށް އެކަށޭނެ މިންވަރު ބެލުމަށް ޓަކައި ހަދާ މެޑިކަލް އެސެސްމަންޓުގެ ރިޕޯޓު؛
- ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ މިންގަނޑަށް ފިޒިކަލް ޓެސްޓުން ފާސްވުން؛
(ށ) ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކުގެ ބެކްގްރައުންޑް ބަލައި، އިންޓަވިއު ކުރުމާއި، ހަވާލުކުރާ މަސްއޫލިއްޔަތުގެ ގޮތުން ބަލަންޖެހޭ އެހެނިހެން ކަންތައްތައް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންވާނެއެވެ.
(ނ) ވަޒީފާއަށް ވަންނަން އެދޭ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ކުރިން، އެ މީހެއްގެ ކުޑަކަމުދާ ތަކެތި، މަސްތުވާ ތަކެއްޗަށް ތަހުލީލު ކުރަންވާނެއެވެ.
(ރ) ވަޒީފާ ހަމަޖެއްސުމުގެ ކުރިން، ފާއިތުވެދިޔަ މުއްދަތެއްގައި ހިނގައިފައިވާ ކުށުގެ އެއްވެސް އަމަލެއްގައި ބައިވެރިވިކަމަށް ރިކޯޑުކުރެވިފައިވޭތޯ ބަލަންވާނެއެވެ.
9 ވަނަ މާއްދާ - ވަޒީފާދިނުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާ ދޭންވާނީ، މި ގަވާއިދުގެ 8 ވަނަ މައްދާގައި ބަޔާންވެގެންވާ ކަންތަކުން ފާސްވެފައިވާ ފަރާތްތަކުގެ ތެރެއިން އެ އިރަކު ދިވެހި ފުލުހުންގެ ހިދުމަތަށް މީހުން ބޭނުންވާ އަދަދަށް، އެންމެ ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދީގެންނެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާގެ ށަރުތު ހަމަވުމުން، ވަޒީފާއަށް ހޮވޭ ފަރާތްތަކަށް، ވަޒީފާ ދީފައިވާކަން އަންގަންވާނީ ލިޔުމުންނެވެ. މި ލިޔުން މުވައްޒަފާ ހަވާލުކުރަންވާނީ، ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފެއްގެ ގޮތުގައި އައްޔަނުކުރާ ކޮންމެ މީހަކު ވެސް، އޭނާގެ އުޖޫރައާއި، އެހެނިހެން އިނާޔަތް ޖަމާކުރުމަށް ޓަކައި، ދިވެހިރާއްޖޭގައި ހުޅުވައިފައިވާ ބޭންކެއްގައި، އެ މީހެއްގެ ނަމުގައިވާ ފައިސާގެ އެކައުންޓެއްގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް އެންގުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް ވަޒީފާ ނުލިބުނު ސަބަބު، ލިޔުމުން އަންގަންވާނެއެވެ. މިގޮތުން ލިޔުމުން އަންގާ އެންގުން އީމެއިލް ނުވަތަ ޕޯސްޓް މެދުވެރިކޮށް ފޮނުވިދާނެއެވެ.
11 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ކޮންމެ މުވައްޒަފަކު ވެސް "ވަޒީފާގެ އެއްބަސްވުން" ގައި ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަން ތާރީހާއި،އިމަޖެންސީގައި ގުޅޭނެ ފަރާތުގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު؛
- ފުލްޓައިމް ވަޒީފާއެއްކަން ނުވަތަ ޕާޓްޓައިމް ވަޒީފާއެއްކަން؛
- ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، ނިމޭ ތާރީހު؛
- ލިބޭ އުޖޫރައާއި، އެހެނިހެން އިނާޔަތްތައް؛
- އަހަރީ ޗުއްޓީގެ މިންވަރާއި، ޗުއްޓީ ލިބޭނެ ގޮތްތައް؛
- މުވައްޒަފުގެ މަސައްކަތް ބެލޭނެ އުސޫލު ނުވަތަ އެޕްރައިޒަލް؛
- ވަޒީފާއިން ވަކިކުރެވިދާނެ އުސޫލުތައް.
12 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ދަފުތަރު، މަރުކަޒީގޮތެއްގައި މުވައްޒަފުންގެ ކަންތައްތައް ބަލަހައް ޓާ އިދާރީ ބަހާއިން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންވާނީ،ފުލުހުންގެ މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓާ އުސޫލުގެ މަތީންނެވެ.
13 ވަނަ މާއްދާ - ތަމްރީނު
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާދެވޭ ކޮންމެ މުވައްޒަފަކު ވެސް، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ހާއްސަ ތަމްރީނެއް ފުރިހަމަކުރަންވާނެއެވެ.
(ށ) ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު، ފުލުހުންގެ ވަޒީފާއިން ވަކިވިތާ
5 (ފަހެއް) އަހަރު ނުވަނީސް ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއަށް ވަންނަ ފަރާތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ފުރިހަމަކުރުން ލާޒިމެއް
ނޫނެވެ. އަދި މުވައްޒަފަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އެހެނިހެން ތަމްރީނުތަކުގައި ބައިވެރިވުން ވެސް، މިމާއްދާއިން އިސްތިސްނާއެއް ނުކުރެއެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ފުރިހަމަކޮށް، ފާސްވުމުން ފަނޑިޔާރެއްގެ ކުރިމަތީގައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނުން ފާސްނުވާ ފަރާތްތައް، އެ ތަމްރީނުން ފާސްވުމަށް އިތުރު 1 (އެކެއް) ފުރުސަތު ދޭންވާނެއެވެ. މިގޮތުން ދޭ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ އެ ފުރުސަތުގައި ތަމްރީނުން ފާސްނުވެއްޖެނަމަ، ސްޕެށަލް ކޮންސްޓަބަލެއްގެ ވަޒީފާއިން އެ މީހަކު ވަކިކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަމްރީނުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމައި، އެ ފުރުސަތު ދިންކަން މުވައްޒަފަށް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ އެ ފުރުސަތުގައި ތަމްރީނުން ފާސްނުވެއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރެވޭނެކަން، އެ ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި ފެންވަރު މަތިކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ތަމްރީނު ހިންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
14 ވަނަ މާއްދާ - ރޭންކުގެ ކުރިއެރުން ދިނުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކަށް ރޭންކުގެ ކުރިއެރުން ދެވޭނީ، އެއް ރޭންކެއްގައި މަދުވެގެން 4 (ހަތަރެއް) އަހަރު ވުމުންނެވެ. މި މުއްދަތު ގުނުމުގައި ބަލަންވާނީ، އަމަލީގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގައި ހިދުމަތްކުރި މުއްދަތަށެވެ.
15 ވަނަ މާއްދާ - ރޭންކު ދަށްކުރުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު ހުރި ރޭންކުން ދަށް ރޭންކަކަށް ބަދަލުކުރެވޭނީ، އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެގެންނެވެ.
(ހ) ތައުދީބީ ފިޔަވަޅެއްގެ ގޮތުން، ރޭންކު ދަށްކުރުމަށް ކަނޑައެޅުން؛
(ށ) ރޭންކުގެ ކުރިއެރުން ދީފައިވަނީ ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށް ކަމަށް ވެފައި، އެ މަސްއޫލިއްޔަތު ނިމިދިއުން، ނުވަތަ އެ މަސްއޫލިއްޔަތުން ބަރީއަވުން، ނުވަތަ އެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާނުކުރުން.
16 ވަނަ މާއްދާ - ވަޒީފާގެ އެންމެހައި ކަންތައް ހިންގާ ފަރާތް
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ރޭންކުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، މި ނޫންވެސް ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންތައް ހިންގައި ބަލަހައްޓާނީ،
ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
(ށ) ސްޕެށަލް ކޮންސްޓެބިއުލަރީގެ މުވައްޒަފުންނާބެހޭ ގޮތުން، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި މި ގަވާއިދުގައި ހިމެނިގެން ނުވާ އިދާރީ ކަންތަކުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ.
17 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެ މަތީން މިނިސްޓަރަށެވެ.
- ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމަށް ލަފާދިނުން؛
- ޖިނާއީ ކުށެއްގެ ތަޙުގީގަށް ގާނޫނީގޮތުން ހައްޔަރުކުރުމުން؛
- ޖިނާއީ ކުށެއް ސާބިތުވާކަމަށް ށަރުއީ އެއްވެސް މަރުޙަލާއެއްގެ ކޯޓަކުން ޙުކުމް ކުރުން؛
- އުމުރުން 60 (ފަސްދޮޅަސް) އަހަރު ވުން؛
- ވަޒީފާއިން ވަކިވާން އެދުން؛
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވަޒީފާ އަދާކުރުމަށް ނުކުޅެދުން؛
- ވަޒީފާގެ އެއްބަސްވުމާ ހިލާފުވުން؛
- މަރުވުން؛
- ވީނުވީއެއް ނޭނގި ގެއްލުން.
(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، ވީނުވީއެއް ނޭނގި ގެއްލުން ކަމުގައި ބަލާނީ، ދިމާވާ ހާދިސާއެއްގައި ނުވަތަ އެކްސިޑެންޓެއްގައި އެ މީހަކު ގެއްލިގެން ހޯދައި ނުފެނިފައިވާ ހާލަތުގައި އެ މީހަކު ގެއްލުނު ހާދިސާ ހިނގިތާ ނުވަތަ އެކްސިޑެންޓް ހިނގިތާ 30 (ތިރީސް) ދުވަހުގެ މުއްދަތު އެ މީހަކު ނުފެނި ފާއިތުވުމުން ނުވަތަ އެ މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަނޑައެޅުމުންނެވެ. ނުވަތަ މި ދެކަމުގެ މުއްދަތުންކުރެ އަވަހަށް އަންނަ މުއްދަތު ފާއިތުވާއިރު ވެސް އެ މީހަކު ފެނިފައި ނުވާނަމައެވެ.
18 ވަނަ މާއްދާ - އެދިގެން ވަޒީފާއިން ވަކިވުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ވަޒީފާއިން ވަކިވާން އެދެންވާނީ، އެ ފަރާތުން ވެފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހެޅުމުން، ރަސްމީ މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މީހަކަށް ޖަވާބު ދޭންވާނެއެވެ.
(ނ) ބައިވެރިވެފައިވާ ކޯހެއްގެ ސަބަބުން ނުވަތަ ބައިވެރިވެފައިވާ ސެމިނާރެއްގެ ސަބަބުން ނުވަތަ ވާރކްށޮޕެއްގެ ސަބަބުން ހިދުމަތް ކުރުމަށް ބޮންޑެއް ކަނޑައެޅިފައިވާ މީހަކު، ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭނީ، އެ ކޯހަކަށް ނުވަތަ ސެމިނާރަކަށް ނުވަތަ ވާރކްށޮޕަކަށް އޭނާގެ މައްޗަށް ހިނގި ހަރަދު، ދިވެހި ފުލުހުންގެ ހިދުމަތަށް ދެއްކުމަށްފަހުގައެވެ.
(ރ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފެއްގެ މައްޗަށް، އެއްވެސް ބާވަތެއްގެ ޖިނާއީ، ނުވަތަ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށަކަށް ތުހުމަތުކުރެވިގެން ތަޙުގީގު ކުރެވެމުން ދަނިކޮށް، އޭނާ ވަޒީފާއިން ވަކިވާން އެދިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރެވޭނީ، އެ މައްސަލައެއްގެ ތަޙުގީގު ނިމުމުންނެވެ. އަދި އެ މައްސަލައެއްގެ ބާވަތުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިފިނަމަ، އޭނާ ވަޒީފާއިން ވަކިވުމަށް ލައިފައިވާ ލިޔުން ބާތިލުކޮށް، ވަޒީފާއިން ވަކިކުރެވޭނެއެވެ.
19 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރި ސަބަބު އެންގުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، ވަޒީފާއިން ވަކިކުރި ސަބަބު، އެ މުވައްޒަފަށް ލިޔުމުން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓެބިލަރީގެ ރޭންކުތައް
ސްޕެށަލް ކޮންސްޓަބިއުލަރީގެ ރޭންކުތައް ތަރުތީބުން ތިރީގައި މި ވަނީއެވެ.
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް؛
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީ ލާންސް ކޯޕްރަލް؛
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީ ކޯޕްރަލް.
21 ވަނަ މާއްދާ - ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދިނުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީ ފުލުހުން މެދުވެރިކޮށް ސެކިއުރިޓީ ފޯރުކޮށްދޭންވާނީ، އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މިގޮތުން އެކުލަވައިލާ އެއްބަސްވުމުގައި، އެ ހިދުމަތް ދޭންވާނީ، އަގު ނަގާގޮތަށްކަން ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރަންވާނީ، އެ ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ހުއްދަދީފައިވާ އެގްޒެކެޓިވް އޮފިސަރެކެވެ.
(ނ) ސެކިއުރިޓީ ހިދުމަތް ދިނުމުގެ އެއްބަސްވުމެއް ހެދުމުގެ ކުރިން، ސެކިއުރިޓީ ހިދުމަތަށް އެދޭ ފަރާތަށް އެ ހިދުމަތް ދިނުމަށް ބޭނުންވާނެ މިންވަރަށް ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުން ތިބިތޯ، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންވާނެއެވެ. އަދި އެކަށީގެންވާ މިންވަރަށް ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުން ނެތްނަމަ، ހިދުމަތްދިނުމުގެ އެއްބަސްވުން ހަދަންވާނީ، މުވައްޒަފުން ހޯދުމަށް ހޭދަވާނެ މުއްދަތު އެއްބަސްވުމުގައި ހިމެނުމަށްފަހުގައެވެ.
(ރ) ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތުގެ ފީއާ ގުޅޭ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
22 ވަނަ މާއްދާ - މުސާރަ
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެ މަތީން، މިނިސްޓަރެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ މުސާރައަކީ، އެ މުވައްޒަފަކު ހުރިރޭންކާއި އެއްދަރަޖައިގެ ޕޮލިސް ރޭންކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ %85 (އައްޑިހަ ފަހެއް އިންސައްތަ) އަށްވާ އަދަދެވެ.
(ނ) ފުލްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުން މަދުވެގެން މަހަކު 192 (އެއްސަތޭކަ ނުވަދިހަ ދޭއް) ގަޑިއިރު މަސައްކަތް ކުރަންވާނެއެވެ.
(ރ) ޕާޓްޓައިމް މުވައްޒަފުން މަދުވެގެން ހަފުތާއަކު 8 (އަށެއް) ގަޑިއިރު މަސައްކަތް ކުރަންވާނެއެވެ.
(ބ) ޕާޓްޓައިމް މުވައްޒަފުންނަށް އުޖޫރަ ކަނޑައަޅާނީ، ފުލްޓައިމް މުވައްޒަފަކަށް މަހެއްގެ މައްޗަށް ލިބޭ މުސާރަ، 192 (އެއްސަތޭކަ ނުވަދިހަ ދޭއް) އިން ގެއްލީމާ ޖެހޭ އަދަދަކީ ގަޑިއަކަށް ޖެހޭ އުޖޫރަކަމުގައި ބަލައިގެން، މަސައްކަތްކުރި ވަގުތަށެވެ.
23 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ލިބިދޭ އިނާޔަތް
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް، ތިރީގައި މިވާ އިނާޔަތްތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ދޭންވާނެއެވެ.
- ރަމަޒާންމަހުގެ އިނާޔަތް؛
- ކެއިންބުއިން؛
- މުވައްޒަފުންނަށް ބޭސްފަރުވާ ކުރުން؛
- މުވައްޒަފަކާ ހަވާލުކޮށްގެން އަދާކުރަމުންދާ މަސައްކަތާ ގުޅިގެން އެ މުވައްޒަފަށް ނުވަތަ އޭނާގެ މުދަލަށް މީހަކު ނުވަތަ ބަޔަކު ގަސްތުގައި ދޭ ގެއްލު މަކާ ގުޅިގެން އެކަމުގެ ބަދަލު؛
- މުވައްޒަފާއި، މުވައްޒަފުގެ އާއިލާއަށް ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުން؛
- ފުލުހުންގެ ވާޖިބު އަދާކުރުމުގައި ނިޔާވުމުން ޖަނާޒާގެ ހަރަދު؛
- ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ލިބޭ، ވަޒީފާގައި ދެމިނުހުރެވޭވަރުގެ ޖިސްމާނީ އަނިޔާއަކާ ގުޅިގެން ދޭ ހާއްސަ އިނާޔަތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ އިތުރުން، މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެހެން އިނާޔަތެއް ދިނުމަށް ދިވެހި ފުލުހުންގެހިދުމަތުން ކަނޑައެޅިދާނެއެވެ.
24 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތް
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަށް، އޭނާގެ ފުލްޓައިމް ވަޒީފާގެ ގޮތުގައި އަދާކުރާ ވަޒީފާއާ ގުޅިގެން ރަމަޒާންމަހުގެ އިނާޔަތުގެ ގޮތުގައި ދޭ ފައިސާ، ދިވެހި ފުލުހުންގެ ހިދުމަތުން ލިބިދޭންވާނެއެވެ.
25 ވަނަ މާއްދާ - ކެއިންބުއިން
ވަޒީފާގެ މުއްދަތުގެ ތެރޭގައި މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ތަނެއްގެ ގޮތުން މުވައްޒަފުންނަށް ކެއިންބުއިން ހަމަޖައްސައިދެވޭނީ، ފުލުހުންނަށް އެ އިންތިޒާމު ހަމަޖެހިފައިވާ ގޮތެއްގެ މަ ތީންނެވެ. އަދި ކެއިންބުއިމުގެ އިންތިޒާމު ހަމަޖެހިފައި ނުވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ކޮއްތު ފައިސާ ދެވިދާނެއެވެ.
26 ވަނަ މާއްދާ - މުވައްޒަފުންނަށް ބޭސްފަރުވާ ކުރުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކަށް ވާޖިބު އަދާކުރުމުގެ ތެރޭގައި ލިބޭ އަނިޔާއަށް ބޭސްފަރުވާ ކުރުމުގެ އިންތިޒާމު، ފުލުހުންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ވާޖިބު އަދާކުރުމުގައި ލިބޭ އަނިޔާގެ ބާވަތުން ރާއްޖެއިން ފަރުވާކުރެވެން ނެތް ހާލަތްތަކުގައި މުވައްޒަފު ރާއްޖެއިން ބޭރަށް ފޮނުވައިގެން ސިއްޙީ ފަރުވާ ލިބިދޭންވާނެއެވެ.
27 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު
ރަސްމީ މަސައްކަތެއް ކު ރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް އެލަވަންސާއި އިނާޔަތް ދެވޭނީ، އެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރާ އުސޫލާ އެއްގޮތަށެވެ.
28 ވަނަ މާއްދާ - މުވައްޒަފު އަދާކުރަމުންދާ މަސައްކަތާ ގުޅިގެން، ގަސްތުގައި ދޭ ގެއްލުމުގެ ބަދަލު ދިނުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކާ ގުޅިގެން ނުވަތަ އޭނާ ކުރަމުންދާ ރަސްމީ މަސައްކަތަކާ ގުޅިގެން، އެ މުވައްޒަފަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރަކަށް ދޭ އަނިޔާ ނުވަތަ އޭނާގެ މުދަލާއި ގޯތިގެދޮރަށް މީހަކު ނުވަތަ ބަޔަކު ދޭ ގެއްލުމަކާ ގުޅިގެން އެ ކަމުގެ ބަދަލު އެ މީހަކަށް ލިބިދެވޭނެއެވެ. މި ގޮތުން، ދޭ ބަދަލުގެ މިންވަރާއި ބާވަތް ކަނޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ، ގޯތިގެދޮރުގެ މާނައިގެ ތެރޭގައި، އޭނާގެ އާއިލާއާއެކު ދިރިއުޅޭ ތަން ހިމެނެއެވެ.
29 ވަނަ މާއްދާ - ޖަނާޒާގެ ހަރަދު
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު އޭނާގެ ޑިއުޓީގައި އުޅެނިކޮށް މީހަކު ކުޅަ އަމަލެއްގެ ސަބަބުން ނުވަތަ ދިން ޙަމަލާއެއްގެ ސަބަބުން ނުވަތަ އެފަދަ އަނިޔާއަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް ނިޔާވެއްޖެނަމަ، އޭނާގެ ޖަނާޒާގެ ކަންތައްތައް، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭން ވާނެއެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ގައުމެއްގައި ހަރަކާތްތެރިވަނިކޮށް، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު ނިޔާވެއްޖެނަމަ، އޭނާގެ ޖަނާޒާގެ ހަރަދުތައް،ހަމަޖެހިފައިވާ އުސޫލެއްގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުން ދޭންވާނެއެވެ.
30 ވަނަ މާއްދާ - ޑިއުޓީގައި ހަރަކާތްތެރިވަނިކޮށް ކުރިމަތިވާ ނުވަތަ ބަޔަކު ކުރިމަތިކުރުވާ ކަމެއްގެ ސަބަބުން ނިޔާވާ މުވައްޒަފުންގެ އާއިލާއަށް ދެވޭ އިނާޔަތް
(ހ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ކުރިމަތިވާ ނުވަތަ ބަޔަކު ނުވަތަ މީހަކު ކުރިމަތިކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން އެ ވީ ގުރުބާނީގެ އަގު، ދިވެހި ފުލުހުންގެ ހިދުމަތުން ވަޒަން ކުރަންވާނެއެވެ. އަދި މިފަދައިން ނިޔާވެއްޖެ މުވައްޒަފެއްގެ އާއިލާއަށް، މި މާއްދާގައި ބަޔާންވެގެންވާ އިނާޔަތްތައް ލިބިދޭންވާނެއެވެ.
(ށ) ނިޔާވި މުވައްޒަފުގެ މަގާމަށް ކަނޑައެޅިފައިވާ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާއި، އެ މުވައްޒަފަކު ވަޒީފާގައި ވޭތުކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދު، ގަނޑުކޮށް އެއްފަހަރާ ދޭ އިނާޔަތެއްގެ ގޮތުގައި އޭނާގެ އާއިލާއަށް ލިބިދެވޭނެއެވެ.
(ނ) ނިޔާވި މުވައްޒަފުގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައާ އެއްވަރުގެ އަދަދަކަށްވާ ފައިސާ، ހާއްސަ އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު އޭނާގެ އާއިލާއަށް ލިބިދޭންވާނެއެވެ. މިގޮތުން، ހުވަފަތް އަނބި ނުވަތަ އަނބިން ނުވަތަ މުވައްޒަފު ނިޔައުވިއިރު އިނދެގެންހުރި މީހާ އެހެން މީހަކާ ކައިވެނިކުރަންދެން ނުވަތަ އޭނާގެ ދަރިންނަށް 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ އޭނާގެ މައިންބަފައިން ދުނިޔޭގައި ތިބިހައި ދުވަހަކު މި އެލަވަންސް ދެވޭނެއެވެ.
(ރ) ނިޔާވި މުވައްޒަފުގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލު ކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީއާއި، އިމްތިޙާނުތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެ ހާލެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދައްކަންވާނެއެވެ.
31 ވަނަ މާއްދާ - ޔުނިފޯމު
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ބޭނުންކުރެވޭނީ، ފުލުހުންގެ ވާރކިންގ ޑްރެސްގެ ގޮތުގައި ކަނޑައަޅައިފައިވާ ޔުނިފޯމެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ޔުނިފޯމުގައި ބޭނުންކުރާ ރޭންކު ޖަހައިފައިވާ ފޮތިކޮޅުގެ ތިރީ އަރިމަތީގައި "CONSTABULARY SPECIAL"މިހެން ލިޔެފައި އޮންނަންވާނެއެވެ.
(ނ) ޔުނިފޯމު އަޅައިގެން އުޅެންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ރ) ޔުނިފޯމު ބަހައްޓަންވާނީ، ރީތިކޮށް ސާފުކޮށެވެ. މުވައްޒަފުން ޔުނިފޯމު އަޅައިގެން ތިބޭ ގޮތް، ރަސްމީ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން، އެ މުވައްޒަފުންނާ ހަވާލުވެގެން އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފު ބަލައި، ނުރަނގަޅު ގޮތަކަށް ހުރެއްޖެނަމަ، އެ ކަމެއް ރަނގަޅު ކުރުވަންވާނެއެވެ.
32 ވަނަ މާއްދާ - ޑިއުޓީގައި ނާޅާ މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް
ޑިއުޓީތަކުގައި، ޔުނިފޯމު ނާޅާ މުވައްޒަފުން ހެދުން އަޅަންވާނީ، މުޖުތަމައުގެ އާންމު ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، އޮފީހުގެ މާޙައުލާ އެކަށީގެންވާ ގޮތެއްގެ މަތީންނެވެ.
33 ވަނަ މާއްދާ - ރަސްމިއްޔާތުގައި ބައިވެރިވާއިރު ހެދުން ބަހައްޓަންވީ ގޮތް
ސަރުކާރުގެ ތަންތަނުން ބާއްވާ މުހިންމު ރަސްމިއްޔާތުތަކުގައި ބައިވެރިވާ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ހެދުން ބަހައްޓަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
34 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްޙީ މިންގަނޑާއި، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް
މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި އެ ކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އު ސޫލާ އެއްގޮތަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެންމެހައި މުވައްޒަފުން އަޅަން ވާނެއެވެ.
35 ވަނަ މާއްދާ - މަސައްކަތު ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުން
މަސައްކަތު ވެށި ނުވަތަ މަސައްކަތް ކުރަމުންދާ ތަން ނުވަތަ މާޙައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެ ތަނެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ ޒިންމާއެކެވެ.
36 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ކޮންމެ މުވައްޒަފަކަށް އައިޑެންޓިޓީ ކާޑެއް، ދިވެހި ފުލުހުންގެ ހިދުމަތުން ދޫކުރަންވާނެއެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އޭނާއަކީ ކާކުކަން އަންގައިދިނުމަށް ޓަކައި، އަދި ފުލުހުންގެ މަރުކަޒުތަކަށް ވަދެނުކުމެ ހެދުމުގެ ބޭނުމަށް، އައިޑެންޓިފިކޭށަން ކާޑެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދޫކުރަންވާނެއެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ދޫކޮށްފައިވާ އައިޑެންޓިފިކޭށަން ކާޑު
ބޭނުންކުރުމާއި ގެންގުޅުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2021-87 (ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު) ގައި ފުލުހުން އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
37 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބިއުލަރީގެ ދައުރު
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން، އެ މީހުންގެ ޑިއުޓީގައި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ފުލުހަކު އަދާކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރަންވާނެއެވެ.
38 ވަނަ މާއްދާ - އިހްތިޔާރާއި، ބާރާއި، އިމްތިޔާޒުތަކާއި، ޙިމާޔަތްތައް
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް، އެ މީހަކު ޑިއުޓީ އަދާކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް އަންގާ ދުވަހުން ފެށިގެން އެ ޑިއުޓީ ނިމުނުކަން އަންގަންދެން، އެ މީހަކަށް، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލު ހުންގެ ހިދުމަތުގެ ގާނޫނު) އިން ފުލުހުންނަށް ލިބިދޭ އިހްތިޔާރާއި، ބާރާއި، އިމްތިޔާޒުތަކާއި، ޙައްގުތައް ލިބިގެންވެއެވެ.
(ށ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 130 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙިމާޔަތް، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ލިބިގެންވާ ޙައްގުތައް
(ހ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙައްގުތައް، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.
(ށ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ރ) ގެ ދަށުން ހަނިކޮށްފައިވާ ޙައްގުތައް، ފުލުހުންނެކޭ އެއްފަދައިން ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ހަނިވެގެންވެއެވެ.
40 ވަނަ މާއްދާ - މަސައްކަތް ކަނޑައެޅުމާއި، މަސައްކަތް ކުރުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ކުރަންވާ މަސައްކަތާއި، މަސައްކަތްކުރަންވީ ތަން ކަނޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކުންނެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންނަށް ހަވާލުކުރާ މަސައްކަތާ ހަވާލުވެ، އެ މީހެއްގެ ގާބިލުކަން ތަންދޭ މިންވަރަކުން އެންމެ ފުރިހަމައަށް އެ މަސައްކަތެއް އަދާކުރަން ޖެހޭނެއެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތަކު ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންވާ މީހުންނަށް ވަޒީފާއަށް ނުކުތުމަށް ގޮވައިލެވޭ ހިނދު، އެ މީހުން ވަޒިފާއަށް ނުކުންނަން ޖެހޭނެއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުން އެ ވަގުތަކު ކަނޑައަޅާ ހަތިޔާރާއި އާލަތްތައް، ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންކުރެވޭނެއެވެ.
(ބ) ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންނަށް ހަވާލުކުރާ ހަތިޔާރު ބޭނުންކުރަންވާނީ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭގޮތުން ހަދައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީންނެވެ.
(ޅ) ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެހެނިހެން ފަރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ ހިދުމަތަށް އެދިއްޖެނަމަ، އެ ހިދުމަތް ދާއިމީގޮތެއްގައި ދޭންވާނީ، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން މެދުވެރިކޮށެވެ.
41 ވަނަ މާއްދާ - މަސައްކަތަށް ހާޒިރު ވުން
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން، ހާޒިރުވާންޖެހޭ ގަޑިތަކުގައި ޑިއުޓީއަށް ހާޒިރުވެ ރިޕޯޓު ކުރަންވާނެއެވެ.
(ށ) ޑިއުޓީއަށް ހާޒިރުވެ، ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ޑިއުޓީއަށް ނުކުތްކަން ރިކޯޑު ކުރަންވާނެއެވެ.
42 ވަނަ މާއްދާ - މަސައްކަތު ވަގުތު
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ވަޒީފާގައި ހަރަކާތްތެރިވާންޖެހޭނީ،ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ތާރީހަކުން ފެށިގެން، ޑިއުޓީ ނިމުނުކަމަށް ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައިފައިވާ ފަރާތަކުން އެންގުމާ ހަމައަށެވެ.
(ށ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެ މީހެއްގެ ޑިއުޓީގެ ދަންފަޅި ހިމެނޭ ވަގުތެވެ.
(ނ) އާންމު ހާލަތުގައި ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު ލައްވައި، 24 (ސައުވީސް) ގަޑިއިރުގެ އޮފް ދުވަހެއް ދިނުމަކާ ނުލައި، ހަފުތާއެއްގެ ތެރޭގައިއެންމެ ގިނަވެގެން މަސައްކަތް ކުރުވޭނީ، 48 (ސާޅީސް އަށެއް) ގަޑިއިރުއެވެ.
43 ވަނަ މާއްދާ - ސަލާމުގައި ހުރުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ސަލާންބުނެ، ސަލާ ން ހައްދަންވާނީ، އެ ފަރާތާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.
44 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ އުމުރުން 60 (ފަސްދޮޅަސް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ސްޕެށަލް ކޮންސްޓަބިއުލަރީގެ ވަޒީފާއިން ވަކިކުރެވޭނެއެވެ.
45 ވަނަ މާއްދާ - މުއައްސަސާތަކަށާއި ކޮމިށަންތަކަށް ހާޒިރު ވުން
ސަރުކާރުގެ އޮފީސްތަކަށާއި ށަރީއަތުގެ މަޖިލީހަކަށް، ނުވަތަ ގާނޫނީ ށަހްސެއް ލިބިފައިވާ ކޮމިށަނަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއަކަށް، ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކު، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ކަމެއްގައި މުއާމަލާތެއް ކުރުމަށް ހާޒިރުވާންވާނީ، ދިވެހި ފުލުހުންގެ ހިދުމަތަށް އެކަން އެންގުމަށްފަހުގައެވެ.
46 ވަނަ މާއްދާ - ޑިސިޕްލިނަރީ މައްސަލަތަކާއި އިދާރީ މައްސަލަތައް
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ މައްޗަށް ހުށަހެޅޭ ޑިސިޕްލިނަރީ މައްސަލަތަކާއި އިދާރީ މައްސަލަތަކުގައި އަމަލުކުރާނީ، ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
47 ވަނަ މާއްދާ - ކޮންސްޓަބިއުލަރީ މުވައްޒަފުންގެ ޕޫލް
(ހ) ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންގެ ޕޫލަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އެންމެހައި ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންގެ މައްޗައް އެކުލެވޭ އަދި އެންމެހައި ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންގެ މައުލޫމާތު ދަފުތަރުކޮށް ފައިވާ ވަކި ރަޖިސްޓަރީއެކެވެ.
(ށ) ސްޕެށަލް ކޮންސްޓަބިއުލަރީ ޕޫލް ބަލަހައްޓާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތާ ގުޅިގެން ސްޕެށަލް ކޮންސްޓަބިއުލަރީގެ ހިދުމަތް ދިނުމަށް އުފައްދައިފައިވާ އިދާރީ ބަހާއިންނެވެ.
(ނ) ސްޕެށަލް ކޮންސްޓަބިއުލަރީގެ ހިދުމަތް ދިނުމަށް ޓަކައި ޑިވިޒަނަކަށް ނުވަތަ ރަށަކަށް ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުން ދޫކުރާނީ، ސްޕެށަލް ކޮންސްޓަބިއުލަރީ ޕޫލުގެ ތެރެއިންނެވެ. އަދި މުވައްޒަފުން ދޫކުރުމާއި، މުވައްޒަފުން ބަދަލުކުރުމުގެ އެންމެހައި ކަންކަން ކުރާނީ، ސްޕެށަލް ކޮންސްޓަބިއުލަރީ ސަރވިސް ދިނުމަށް އުފައްދައިފައިވާ އިދާރީ ބަހާއިންނެވެ.
48 ވަނަ މާއްދާ - މުވައްޒަފުން
(ހ) ރިޒާވް މުވައްޒަފުންނަކީ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ ޕޫލުގައި ހިމެނޭ، ފުލްޓައިމް މަސައްކަތަށް ނުނެރޭ މުވައްޒަފުންނެވެ. ރިޒާވް މުވައްޒަފުން މަސައްކަތަށް ނުކުތުމާ ހަމަޔަށް ރިޒާވް މުއްދަތުގައި ހިމެނޭ ދުވަސްތަކުގައި ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފުންނަށް ލިބިދޭ މުސާރައާއި، އި ނާޔާތްތަކާއި، ޙައްގުތަކާއި، ބާރުތަކާއި، އިހްތިޔާރުތަކެއް ނުލިބޭނެއެވެ.
(ށ) ވަޒީފާގައި ދެމިހުރި ސްޕެށަލް ކޮންސްޓަބިއުލަރީ މުވައްޒަފަކު ރިޒާވަށް ފޮނުވުމުގެ އިހްތިޔާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ - އިހްތިޔާރާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުން
ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފަކަށް ގާނޫނީގޮތުން ލިބިފައިވާ އިހްތިޔާރާއި ބާރުގެ ބޭނުން އޭނާ ނަހަމަގޮތުގައި ކޮށްފިނަމަ، އެފަދަ ކުށެއް ކުރާ ފުލުހުންނާމެދު އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުން އަމަލު ކުރެވޭނެއެވެ.
50 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، ސްޕެށަލް ކޮންސްޓަބަލުގެ އަނބިން ނުވަތަ ފިރިމީހާ އަދި އޭނާގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނާއި، މައިންބަފައިން ހިމެނޭގޮތުންނެވެ.
(ށ) "ޖިނާއީ ބޮޑުކުށެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކަށެވެ.
51 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު