ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު
(ގަވާއިދު ނަންބަރު 2022-67)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 މޭ 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި، ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، އެ ގާނޫނުގެ 133 ވަނަ މާއްދާގެ (ނ) ގެ (13) ވަނަނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންގެ ރިޓަޔަރމެންޓާބެހޭ އެންމެހައި ކަންތައް ބަޔާންވެގެންވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުން ށަރަ ފުވެރިކަމާއެކު ފުލުހުންނަށް ރިޓަޔަރ ކުރެވޭނެ ހާލަތްތަކާއި، ރިޓަޔަރ ކުރުމަށް އެދި ހުށަހެޅުމާއި، ރިޓަޔަރ ކުރެވޭނެ ގޮތްތަކާއި، ރިޓަޔަރ ކުރާ ފުލުހުންނަށް ލިބިދެވޭނެ އިނާޔަތްތަކާއި، ލިބިދެވޭނެ އިނާޔަތްތަކުގެ މިންވަރާއި، އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
4 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން
(ހ) ތައުދީބީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ މީހުންނާއި، ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށް ޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ ފަރާތްތައް ފިޔަވައި، ފުލުހެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތި، އަމިއްލަ އިހްތިޔާރުގައި ފުލުހުންގެ ވަޒީފާއިން ވަކިވާ ކޮންމެ ފުލުހަކީ ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެކެވެ.
(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، "ތައުދީބީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމައިފައިވާ މީހުން" ކަމަށް ބުނެފައި އެވަނީ، ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން، ނުވަތަ އިދާރީ ކުށަކާ ގުޅިގެން، ނުވަތަ ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާހިލާފަށް އަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ހިންގޭތަހުގީގަކުން ހޯދޭ ހޯދުންތަކާއި، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި، އެ ފުލުހެއްގެ މައްޗަށް ހުށަހެޅިފައިވާ ޑިސިޕްލިނަރީ ކުށް ސާބިތުވާކަމަށް، ނުވަތަ އިދާރީ ކުށް ސާބިތުވާކަމަށް، ނުވަތަފުލުހުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް މަދަނީ މިންގަނޑުން ދިވެހި ފުލުހުންގެ ހިދުމަތަށް ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމައިފައިވާ މީހުންނަށެވެ.
5 ވަނަ މާއްދާ - ރިޓަޔަރ ކުރެވޭނެ ގޮތްތައް
އަންނަނިވި ގޮތަކުންކުރެ ގޮތެއް މެދުވެރިވާ ކޮންމެ ފުލުހަކީ، ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރެވޭނެ މީހެކެވެ.
(ހ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުން.
(ށ) ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި ވިދިވިދިގެން ނުވަތަ ޖުމުލަގޮތެއްގައި 20 (ވިހި) އަހަރު ހޭދަކުރުމާއެކު، ހިދުމަތުން ށަރަފުވެރިކަމާއެކު ވަކިވުމަށް އަމިއްލައަށް އެދުން.
(ނ) ސިއްހީ ސަބަބަކަށް ޓަކައި ފުލުހެއްގެ މަގާމުގެ ވާޖިބު އަދާކުރެވެންނެތިގެން ރިޓަޔަރ ކުރުވުން.
6 ވަނަ މާއްދާ - ރިޓަޔަރ ކުރުމުން އިނާޔަތް ހައްގުވުމުގެ ށަރުތު
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވާ ފުލުހުންގެ ތެރެއިން ފުލުހުންގެ ހިދުމަތުގައި ވިދިވިދިގެން ނުވަތަ ޖުމުލަގޮތެއްގައި 20 (ވިހި) އަހަރުދުވަހު ފުލުހެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ ކޮންމެ މީހަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރ ކުރުމާ ގުޅިގެން ދެވޭ އިނާޔަތް ލިބިދޭންވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، ފުލުހެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ މުއްދަތު ކަމުގައި ބަލާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އެ މީހަކު ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކޮށްފައިވާ ކަމަށް ކަނޑައަޅައިފައިވާ މުއްދަތެވެ.
7 ވަނަ މާއްދާ - ފުލުހެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ރިޓަޔަރކުރުން
(ހ) ފުލުހެއްގެ ވަޒީފާގައި ދެމިހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން، އެ މީހަކު ވަޒީފާއިން ވަކިކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރެވޭނެއެވެ.
(ށ) ފުލުހެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ރިޓަޔަރ ކުރަންޖެހޭ ފުލުހުންނަށް، އެ މީހަކު ރިޓަޔަރ ކުރަންޖެހޭ އުމުރު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، އެ ފުލުހަކަށާއި، އޭނާ އެ ވަގުތަކު މަސައްކަތްކުރާ އިދާރީބަހާއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން އަންގާ އެންގުން އަންގަންވާނީ، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އިދާރީބަހާގެ ފަރާތުންނެވެ.
8 ވަނަ މާއްދާ - އެދިގެން ރިޓަޔަރކުރުން
(ހ) ފުލުހުންގެ ހިދުމަތުގައި މެދުނުކެނޑި ނުވަތަ މެދުކެނޑިފައިވިޔަސް ޖުމުލަ 20 (ވިހި) އަހަރުދުވަހު ހިދުމަތްކޮށްފައިވާ ފުލުހަކަށް، އަމިއްލައަށް އެދިގެން ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) އެދިގެން ރިޓަޔަރކުރަން ބޭނުންވާ ފުލުހުން، ރިޓަޔަރކުރަން ބޭނުންވާ ތާރީހުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ދިވެހި ފުލުހުންގެ ހިދުމަތުގައި ލިޔުމުން އެދެންވާނެއެވެ.
(ނ) ދިމާވާ ހާލަތަކަށް ރިއާޔަތްކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކުރުކުރުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަ ފަރާތު ންނާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ތިބޭ ފަރާތްތަކުން ރިޓަޔަރކުރަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ބ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ފުލުހަކާމެދުގައްޔާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ފުލުހަކާމެދު ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައި ނެތް ހާލަތެއްގައި މަގާމުން ވަކިކޮށްފިނަމަ، ނުވަތަ މަގާމުން އިސްތިއުފާ ދީފިނަމަ، އެފަދަ ފުލުހަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރކުރުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިދެވޭ އިނާޔަތްތައް ލިބިދިނުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރކުރުމަށް އެދި ހުށަހަޅައިފައިވާ ފުލުހަކަށް ރިޓަޔަރކުރެވޭނީ، އެ ފުލުހަކު ވަކި މުއްދަތަކަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކުރަންޖެހޭ ބޮންޑުގެ މުއްދަތު ހަމަނުވެއޮތްނަމަ، އެ ބޮންޑުގެ ބާކީ އޮތް މުއްދަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމުން ނުވަތަ އެ ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ހެދުމަށްފަހުގައެވެ.
9 ވަނަ މާއްދާ - ސިއްހީ ސަބަބަކަށްޓަކައި ފުލުހެއްގެ މަގާމުގެ ވާޖިބު އަދާކުރެވެން ނެތިގެން ރިޓަޔަރ ކުރުވުން
(ހ) ފުލުހުންގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު ހިދުމަތްކޮށްފައިވާ ފުލުހަކަށް ދިމާވާ ސިއްހީ ސަބަބަކަށް ޓަކައި މަގާމުގެ ވާޖިބު އަދާކުރެވެން ނެތް މީހެއްކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަދާ އެސަސްމަންޓަކުން ފެނިއްޖެނަމަ، އެފަދަ ފުލުހަކު ށަރަފުވެރިކަމާއެކު ރިޓަޔަރކުރުމަށް އެންގުމުގެ ބާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.
(ށ) ފުލުހަކަށް ދިމާވެފައިވާ ސިއްހީ ސަބަބަކަށް ޓަކައި މަގާމުގެ ވާޖިބު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ކަނޑައަޅަންވާނީ، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލާ ޕެނަލަކުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށްފައި އެސެސްމަންޓެއް ހެދުމަށްފަހު ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
- ސިއްހީ ހާލަތު މެދުވެރިވި ސަބަބު ނުވަތަ ގޮތް؛
- މެޑިކަލް ސެޓުފިކެޓުތަކަށާއި، ޑޮކްޓަރުގެ ލަފާ؛
- އަދާކުރަމުންދާ މަސްއޫލިއްޔަތާއި، ހަވާލުކޮށްފައިވާ މަސައްކަތް ކުރެވޭނެ ކަމަށް ބެލެވޭ މިންވަރާއި، އެ ނޫން އެހެން މަސައްކަތެއް ހަވާލުކޮށްފިނަމަ އެފަދަ މަސައްކަތެއް ކުރެވޭނެކަމަށް ބެލެވޭ މިންވަރު؛
- އެފަދަ ފުލުހަކު ފާއިތުވި ތަނުގައި މަސައްކަތްކޮށްފައިވާ ގޮތާއި، މަސައްކަތް ކުރުމުގެ ރޫހު ހުރި މިންވަރު؛
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަދާ އެސަސްމަންޓުން އެ ފުލުހަކު މަގާމުގެ ވާޖިބު އަދާކުރެވެން ނެތްކަމަށް ކަނޑައެޅުމާ ގުޅިގެން އެ ފުލުހަކު ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރުވުމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމާ ތާރީހުން ފެށިގެން އެކަން އެ ފުލުހަކަށް އަންގައި، ރިޓަޔަރ ކުރުމުގެ މަރުހަލާތައް ފުރިހަކޮށް ނިންމަންވާނެއެވެ.
10 ވަނަ މާއްދާ - ރިޓަޔަރ ކުރުމުން ދެވޭ އިނާޔަތް
(ހ) ފުލުހުންގެ ހިދުމަތަށް މެދުނުކެނޑި ނުވަތަ މެދުކެނޑިގެން ވިޔަސް ޖުމުލަ 20 (ވިހި) އަހަރު ހިދުމަތްކޮށްފައިވާ ފުލުހަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުން، އެ ފުލުހަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތްތައް ލިބިދޭންވާނެއެވެ.
(ށ) އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ރިޓަޔަރ ކުރިއިރު ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރައާއި، އެ މީހަކު ހިދުމަތްކޮށްފައިވާ އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބިދޭންވާނެއެވެ. މި ގޮތުން ހިދުމަތްކޮށްފައިވާ މުއްދަތު ހިސާބުކުރުމުގައި ބެލެވޭނެ އެންމެ ދިގު މުއްދަތަކީ 30 (ތިރީސް) އަހަރެވެ.
(ނ) ރިޓަޔަރކުރި މީހާގެ މުޅި އުމުރަށް މަހުންމަހަށް ދޭ އިނާޔަތެއްގެ ގޮތުގައި އޭނާ ރިޓަޔަރ ކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރައިގެ ވަކި އިންސައްތައެއް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތީން ދޭންވާނެއެވެ.
(ރ) ށަރަފުވެރިކަމާއެކު ރިޓަޔަރކުރި ފުލުހަކީ، ކުރިންވެސް ދައުލަ ތުގެ ފަރާތުން ޕެންށަނުގެ ފައިސާ ލިބެމުންއައި މީހަކަށް ވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ލިބެން ފެށުމުން، ޕެންށަން ފައިސާ ލިބުން ނިމުމަކަށް އަންނާނެއެވެ.
(ބ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތް ހިދުމަތުގެ މުއްދަތުގައި 30 (ތިރީސް) އަހަރުދުވަސް ހޭދަވެފައި ނުވިނަމަވެސް، އެފަދަ ފަރާތަކަށް އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތް ހިސާބުކުރުމުގައި، ހިދުމަތުގެ މުއްދަތުގެ ގޮތުގައި ބަލަންވާނީ، 30 (ތިރީސް) އަހަރުދުވަހެވެ.
(ޅ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތްތަކަށް، މަހުންމަހަށް މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި، އެ ފަރާތެއް ރިޓަޔަރ ކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރައިގެ %75) ހަތްދިހަފަހެއް އިންސައްތަ) ދޭންވާނެއެވެ.
(ކ) ދިވެހި ފުލުހުންގެ ހިދުމަތުގައި ދެމިހުއްޓައި ނިޔާވާ ފުލުހަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ށަރުތު ހަމަވާ ފަރާތަކަށް ވެފައި، އެފަދަ ފުލުހަކު ނިޔާވިރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރ ކުރުމަށް އެދިފައި ނުވިނަމަވެސް، އެފަދަ ފުލުހަކު ނިޔާވިއިރު، ފުލުހުންގެ ހިދުމަތަށް މެދުނުކެނޑި ނުވަތަ މެދުކެނޑިގެންވިޔަސް ޖުމުލަ 20 (ވިހި) އަހަރުދުވަހު ހިދުމަތްކޮށްފައިވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތް ދޭންވާނެއެވެ.
11 ވަނަ މާއްދާ - ބޭސްފަރުވާގެ ހިދުމަތް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފުލުހުންގެ ތެރެއިން، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތް ލިބޭ ފަރާތްތަކަށާއި، ފުލުހުންގެ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ލިބޭ އަނިޔާއެއްގެ ސަބަބުން ރިޓަޔަރކުރާ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ށ) ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފުލުހުންނަށް، އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު ބޭސްފަރުވާ ކުރުމަށް ހިނގާ ހަރަދު، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެވެ.
(ނ) ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފުލުހުންގެ އާއިލާގެ މެންބަރުންނަށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ މެޑިކަލް ކްލިނިކް ފަދަ، ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދުމުގެ ފުރުސަތު ދޭންވާނެވެ. މިގޮތުން އެފަދަ ފަރާތަކުން ހޯދާ ހިދުމަތަކަށް ދައްކަންޖެހޭ ހިދުމަތުގެ އަގުގެ %50 (ފަންސާސް އިންސައްތަ) ދައްކަންވާނީ ހިދުމަތް ހޯދާ ފަރާތުންނެވެ.
(ރ) ހިދުމަތުގައި 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރުމަށްފަހު ރިޓަޔަރކޮށްފައިވާ މީހުންނަށް ބޭސްފަރުވާގެ ހިދުމަތް އޭނާގެ މުޅި އުމުރަށް ދޭންވާނެއެވެ. މިގޮތުން ބޭސްފަރުވާ ކޮށްދޭނީ، އޭނާ ރިޓަޔަރ ކުރިއިރު، ހުރި ރޭންކުގައި ވަޒީފާގައި ދެމިހުރި ފުލުހަކަށް ބޭސްފަރުވާ ކޮށްދިނުމުގައި އަމަލުކުރާ އުސޫލުންނެވެ.
(ބ) ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތެއް އެހެން ވަޒީފާއަކަށް ނުދާހައި ހިނދަކު، އެ މީހަކާއި، އެ މީހެއްގެ އަނބިނުވަތަ އަނބިން ނާއި ފިރިމީހާގެ ބޭސްފަރުވާ ކަންތައް ހަމަޖެއްސުމަށް، ޕްރީމިއަމް އިންށޫރެންސް ޕެކޭޖެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެ ފަރާތްތަކަށް ހަމަޖައްސައިދޭންވާނެއެވެ. އަދި އެފަދަ މީހަކަށް އެހެން ވަޒީފާއެއް ލިބުމުން، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އެފަދަ މީހަކަށް ވަޒީފާއެއް ލިބި، އަންގަންޖެހޭ މުއްދަތުގެ ތެރޭ އެ މީހަކު އެކަން ނާންގައި އޮވެއްޖެނަމަ، އެ މީހަކަށް ހަމަޖައްސައިދީފައިވާ މެޑިކަލް އިންށޫރެންސްގެ ފުރުސަތު އިތުރަށް ނުދިނުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސްފަރުވާ ކުރުމުގެ ހިދުމަތް ހަމަޖައްސައިދޭނީ، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުންނެވެ.
12 ވަނަ މާއްދާ - ރިޓަޔަރމަންޓް ށަރަފު ބޭނުންކުރުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ކޮންމެ ފުލުހަކަށް، އެ ފުލުހެއްގެ ނަމުގެ ކުރިޔަށް އޭނާ ރިޓަޔަރކުރިއިރު ހުރި ރޭންކް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. މިގޮތުން ރޭންކް ބޭނުންކުރާއިރު ރޭންކުގެ ފަހަތުގައި ބްރެކެޓެއްގެ ތެރޭގައި "ރިޓަޔާރޑް" ލިޔެފައި އޮންނަންވާނެއެވެ.
13 ވަނަ މާއްދާ - ށަރަފުގެ ނިށާން ބޭނުންކުރުން
ފުލުހަކަށް ލިބިފައިވާ ށަރަފުގެ ނިށާން އޭނާ ރިޓަޔަރވުމަށްފަހުވެސް އެކި މުނާސަބަތުތަކުގައި ބޭނުންކުރެވިދާނެއެވެ.
14 ވަނަ މާއްދާ - ހަފްލާތަކުގައި ބައިވެރިވުން
(ހ) ފުލުހުންގެ ކޮމިށަންޑް އޮފިސަރުން ބާއްވާ ހާއްސަ ހަފްލާތަކުގައި ބައިވެރިވުމަށް ކޮމިށަންޑް އޮފިސަރެއްގެ މަގާމުގައި ހުރެ ރިޓަޔަރކުރާ ފުލުހުންނަށް ދައުވަތު ދެވިދާނެއެވެ.
(ށ) ރިޓަޔަރކޮށްފައިވާ ފުލުހުންނަށް ހާއްސަވެގެން ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ހަފްލާތައް ބޭއްވުމަށް މި ގަވާއިދު ހުއްދަކުރެއެވެ.
15 ވަނަ މާއްދާ - ވެލްފެއަރ ފަންޑުގައި ބައިވެރިވުން
ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލުގެ ތެރެއިން ރިޓަޔަރކުރާ ފުލުހުންނަށް ޕޮލިސް ވެލްފެއަރ ފަންޑުގައި ބައިވެރިވެ، އެ ފަންޑުގައި ބައިވެރިވެފައި ތިބޭ އެހެން ފުލުހުންނެކޭ އެއް އުސޫލުން މަންފާ ލިބިދިނުމުގެ ފުރުސަތު ދެވިދާނެއެވެ.
16 ވަނަ މާއްދާ - ރިޓަޔަރކުރާ ފަރާތްތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުން
ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެ ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ދެމިތިބެ، ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފުލުހުން، ސަލާމަތާއި ރައްކައުތެރިކަމަށް ދިވެހި ފުލުހުންގެހިދުމަތުގައި އެދިއްޖެނަމަ، އެފަރާތްތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަ ތީން، އެ ފަރާތްތައް ދިވެހިރާއްޖޭގައި އުޅޭއިރު، ސަލާމަތާއި، ރައްކައު ތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ފޯރުކޮށްދޭންވާނެއެވެ.
17 ވަނަ މާއްދާ - ރިޓަޔަރކުރާ ފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތްތަކާއި ތަންތަނަށް ވަނުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ މީހަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ފުލުހުންގެ މަރުކަޒުތަކަށް ވަދެވިދާނެއެވެ. މިގޮތުން ވަނުމަށް ހުއްދަކުރެވޭ ސަރަހައްދެއްގައި ހުންނަ އަންނަނިވި ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ބޭނުންކުރެވިދާނެއެވެ.
- ފިޓްނަސް ސެންޓަރ؛
- ކެފެޓީރިއާ؛
- ފިހާރަ؛
- މިސްކިތް؛ އަދި
- މަތީގައިވާ ނަންބަރުތަކުގައި ނުހިމެނޭ މިފަދަ ހިދުމަތްދޭ ތަންތަން.
(ށ) ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ މީހަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން، ވަނުމަށް ހުއްދަކުރެވޭ ފުލުހުންގެ މަރުކަޒުތަކާއި ތަންތަން އެ މީހަކަށް ދޫކުރާ "ރިޓަޔަރމަންޓް" ކާޑުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވާ ވަކި ހާލަތަކާ ގުޅިގެން ނުވަތަ ސަލާމަތީ ސަބަބުތަކަށް ޓަކައި، ރިޓަޔަރކޮށްފައިވާ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒަކަށް ނުވަތަ ސަރަހައްދަކަށް ނުވެއްދުމަށް ނިންމިދާނެއެވެ.
18 ވަނަ މާއްދާ - އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން ވަކި މުއްދަތެއް ކަނޑައަޅަންޖެހޭ ހާލަތްތަކުގައި ބަލަންވާނީ، މީލާދީ ތާރީހަށެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފަރާތްތަކަށް ދޭ އިނާޔަތް ހިސާބުކުރުމުގައި ހިދުމަތްކޮށްފައިވާ މުއްދަތު ބަލާއިރު، އެ މީހަކު ހިދުމަތުގެ މުއްދަތުން ރިޓަޔަރކުރި ތާރީހާ ހަމަޔަށް ފުރިހަމަ އަހަރެއް ހަމަނުވިނަމަވެސް، 6 (ހައެއް) މަސްދުވަސް ނުވަތަ އެއަށްވުރެ އިތުރު މުއްދަތެއް ފާއިތުވެފައިވާނަމަ ބަލަންވާނީ، އެއީ ފުރިހަމަ 1 (އެކެއް) އަހަރުކަމުގައެވެ.
(ނ) އެހެން އެއްވެސް މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރުމުގެ ސަބަބުން، އެ މުއައްސަސާއަކުން ނުވަތަ އޮފީހަކުން ރިޓަޔަރ ކުރިކަމުގެ ނުވަތަ މުސްކުޅިކުރިކަމުގެ ދަރަޖަ ދީފައި، ވަކި އިނާޔަތްތަކެއް ހަމަޖައްސައިފައިވާ މީހަކު ރިޓަޔަރ ކުރާއިރު، އޭނާގެ ކުރީގެ ވަޒީފާގެ މުއްދަތު ގުޅުވައިފައި އޮތް ކަމުގައި ވިޔަސް، މި ގަވާއިދަށް އަމަލުކުރުމުގައި އެ މުއްދަތެއް ނުގުނޭނެއެވެ.
19 ވަނަ މާއްދާ - ރިޓަޔަރމަންޓް ކާޑު
ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފުލުހުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، "ރިޓަޔަރމަންޓް ކާޑު" ގެ ނަމުގައި ހާއްސަ ކާޑެއް ދޫކުރަން ވާނެއެވެ.
20 ވަނަ މާއްދާ - ދިރިއުޅުމަށް ގަސްތުކުރާ މަންޒިލަށް ދިއުމުގެ ހަރަދު ދިނުން
ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފުލުހުންނަށް، އެ މީހަކު ދިރިއުޅެން ގަސްތުކުރާ މަންޒިލަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނަމަ، ނުވަތަ އަވަށެއްނަމަ، އެ މަންޒިލަކަށް ދިއުމަށް ކުރާ ފުރަތަމަ ދަތުރުގެ ދަތުރުހަރަދު، ދިވެހި ފުލުހުންގެ ހިދުމަތުން ދޭންވާނެއެވެ. ދަތުރުހަރަދު ދޭނީ، ރިޓަޔަރ ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މަންޒިލަކަށް ދިއުމަށް ދަތުރު ފަށާނަމައެވެ.
21 ވަނަ މާއްދާ - ފުލުހަކަށް ހަމަޖައްސައިދީފައިވާ ބޯހިޔާވަހިކަން ބޭނުންކުރުމުގެ ފުރުސަތު ދިނުން
ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފުލުހަކީ، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ މީހަކުނަމަ، އެ މީހަކު ރިޓަޔަރކުރި ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އެ ތަނެއް ބޭނުންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
22 ވަނަ މާއްދާ - ރިޓަޔަރަމެންޓުގެ ށަރަފު ނިގުޅައިގަތުން
(ހ) ފުލުހުންގެ ހިދުމަތުން ރިޓަޔަރކޮށްފައިވާ މީހަކު ދިވެހި ދައުލަތަށް ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދާހިލީ ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ އަމަލެއްކުރިކަމަށް ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވިކަމަށް ށަރީއަތުގައި ސާބިތުވެއްޖެނަމަ، އެ މީހަކަށް ދީފައިވާ ރިޓަޔަރމެންޓުގެ ށަރަފު ނިގުޅައިގަނެވޭނެއެވެ.
(ށ) ރިޓަޔަރމަންޓުގެ ށަރަފު ނިގުޅައިގަތުމުން، އެ މީހަކަށް މި ގަވާއިދުގެ ދަށުން ލިބެމުން އައި އެންމެހައި އިނާޔަތްތަކުން މަހްރޫމް ކުރެވޭނެއެވެ.
(ނ) އެއްވެސް މީހަކަށް ލިބިދީފައިވާ ރިޓަޔަރމެންޓުގެ ށަރަފު ނިގުޅައިގަނެވިއްޖެނަމަ، ފުލުހުންގެ އެތެރޭގައި ކަނޑައެޅިފައިވާ އުސޫލުން، ލަސްނުކޮށް އެކަން އިއުލާ ނު ކުރަން ވާނެއެވެ.
23 ވަނަ މާއްދާ - ބަހުގެ މާނަ
މި ގަވާއިދުގައި "އާއިލާގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، މަންމައާއި، ބައްޕައާއި، ފިރިމީހާއާއި، އަނބި ނުވަތަ އަނބިންނާއި، 18 (އަށާރަ) އަހަރު ނުފުރޭ އުފަން ދަރިންނަށެވެ.
24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު