ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-86)
އެއްވަނަ ބާބު
ރޭންކާއި، ގްރޭޑުގެ ކުރިއެރުން ދިނުމާއި، ރޭންކާއި، ގްރޭޑް ދަށްކުރުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންގެ ރޭންކާއި، ގްރޭޑުގެ ކުރިއެރުމާއި، ރޭންކާއި، ގްރޭޑް ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ އާންމު އުސޫލުތަކާއި، އެ ކަންކަމާ ގުޅޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު'' އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ ވަޒީފާގެ މަގާމުތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ފުލުހުންނަށް ރޭންކުގެ ކުރިއެރުމާއި، ގްރޭޑުގެ ކުރިއެރުން ދިނުމުގައި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ރޭންކާއި ގްރޭޑުގެ ކުރިއެރުން ދިނުމުގައި،އެންމެ ގާބިލު މުވައްޒަފުން ކަނޑައެޅުމާއި، މުވައްޒަފުންގެ ރޭންކާއި ގްރޭޑް ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމުގައި ބަލާނެ އެންމެހައި އުސޫލީ މިންގަނޑުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
4 ވަނަ މާއްދާ - ފުލުހުންގެ ރޭންކުތައް
(ހ) ފުލުހުންގެ ރޭންކުތަކާއި، ރޭންކުތައް ތަރުތީބު ކުރެވިގެންވަނީ، މަތިން
ތިރިއަށް، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކޮމިށަނަރ އޮފް ޕޮލިސް؛
- ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް؛
- އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް؛
- ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް؛
- އިންސްޕެކްޓަރ އޮފް ޕޮލިސް؛
- ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް؛
- ސީނިއަރ ސާޖަންޓު؛
- ސާޖަންޓު؛
- ކޮންސްޓަބަލް.
(ށ) ފުލުހުންގެ ރޭންކުތަކުގެ ތެރޭގައި ހިމެނޭ ކޮމިށަންޑް އޮފިސަރުންނާއި ނޮން ކޮމިށަންޑް އޮފިސަރުންގެ ރޭންކުތައް ގިންތިކުރެވިފައިވާ ގިންތިއަށް ބަލައި ރިއާޔަތްކުރަންޖެހޭ ހާލަތްތަކުގައި ބަލާނީ، ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާގެ ގަވާއިދު) ގައި ރޭންކުތައް ގިންތިކޮށްފައިވާ ގޮތުގެ މައްޗަށެވެ.
5 ވަނަ މާއްދާ - ފުލުހުންގެ ރޭންކުތަކުގެ ގްރޭޑްތައް
(ހ) ފުލުހުންގެ ރޭންކުތަކުގެ ތެރޭގައި ހިމެނޭ ގްރޭޑް ކަނޑައެޅިފައިވާ ރޭންކުތަކުގައި ހިމެނޭ ގްރޭޑްތަކާއި އެ ރޭންކްތަކަށް ގްރޭޑްތައް ކަނޑައެޅިފައިވަނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގޮތުން، މި މާއްދާގައި ރޭންކުތައް ގުރޭޑް ކުރެވިފައިވަނީ، ޓެކްނިކަލް ދާއިރާއާއި، އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއާއި، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާ ހިމެނޭގޮތުންނެވެ.
(ށ) ސާޖަންޓް ރޭންކު ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ ރޭންކުތަކުގައި ހިމެނެނީ، ޖުމުލަ 2 (ދޭއް) ގްރޭޑެވެ. އެއީ،ގްރޭޑް 1 އާއި ގްރޭޑް 2 އެވެ.
(ނ) ސާޖަންޓް ރޭންކުގައި ހިމެނެނީ ، ޖުމުލަ 3 (ތިނެއް) ގްރޭޑެވެ. އެއީ، ގްރޭޑް 1 އާއި، ގްރޭޑް 2 އާއި، ގްރޭޑް 3 އެވެ.
6 ވަނަ މާއްދާ - އެގްޒެކެޓިވް އޮފިސަރެއްގެ ރޭންކަށް ރޭންކުގެ ކުރިއެރުން ދިނުން
(ހ) އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް ފުލުހަކަށް، ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ވަޒީރަށް ހުށަހަޅާނީ، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތީން، ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ ލަފާ ހޯދުމަށް އެދި ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
7 ވަނަ މާއްދާ - ޕްރޮމޯށަން ބޯޑު އެކުލަވައިލުން
(ހ) ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ ރޭންކުތަކުގެ ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދިނުމަށް ލަފާދިނުމަށާއި، ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމަށް ލަފާދިނުމަށް ޓަކައި، "ޕްރޮމޯށަން ބޯޑު" ގެ ނަމުގައި ހާއްޞަ ބޯޑެއް، ދިވެހި ފުލުހުންގެ ހިދުމަތުގައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑަށް މެންބަރުން އައްޔަނުކުރާނީ،ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެ މަތީން، ވަޒީރެވެ.
(ނ) ޕްރޮމޯށަން ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަނު ކުރަންވާނީ، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުގެ އޮފިސަރުން ހިމެނޭގޮތުން، ކޮމާންޑް ލެވެލާއި ޑައިރެކްޓްރޭޓް ލެވެލުގެ އިދާރީ ބަހާތަކުގެ އެންމެ އިސް އޮފިސަރުންނެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ބޯޑު އެކުލަވައިލަންވާނެއެވެ.
(ބ) ޕްރަމޯށަން ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާގެ ފަރާތުންނެވެ. މިގޮތުން ޕްރަމޯށަން ބޯޑުގެ އިދާރީކަންކަން ކުރުމަށް މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފުގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ ވަސީލަތްތައް، އެ އިދާރީ ބަހާގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
8 ވަނަ މާއްދާ - ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅުން
(ހ) ރޭންކުގެ ކުރިއެރުން ދިނުމަށް ށަރުތު ފުރިހަމަވާ ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން، ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުމުންނެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުޅުވައިލަންވާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަޔާއެކުގައެވެ.
(ނ) ނޮން ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކަށް، ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ، އެ ފުލުހަކު މަސައްކަތްކުރާ އިދާރީ ބަހާގެ ވެރިޔާއެވެ.
(ރ) ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން އިންސްޕެކްޓަރ ރޭންކާ ދެމެދުގައި ހިމެނޭ ރޭންކަކަށް، ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ،އެ ފުލުހަކު ރިޕޯޓުކުރާ އެގްޒެކެޓިވް އޮފިސަރ ނުވަތަ ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ޅ) ވަކި އިދާރީ ބަހާއެއްގައި މަސައްކަތްކުރާ ފުލުހަކު އެއްވެސް ސަބަބަކާހުރެ ވަގުތީގޮތުން އެހެން ބަހާއަކަށް ބަދަލުކޮށްފައިވާ ހާލަތުގައި، އެފަދަ ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅަންވާނީ، އެ ފުލުހެއްގެ ދާއިމީ ރަޖިސްޓަރީ އޮންނަ އިދާރީ ބަހާއިންނެވެ.
9 ވަނަ މާއްދާ - ވަކިބާތެއްގެ ޗުއްޓީއެއްގައި ހުންނައިރު ރޭންކުގެ ކުރިއެރުން ނުދިނުން
(ހ) ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ށަރުތު ފުރިހަމަވެފައިވާ ފުލުހަކަށް، ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ބާވަތްތަކުގެ ޗުއްޓީއެއްގައި އެ ފުލުހަކު ހުރިނަމަ، އެފަދަ ޗުއްޓީއެއް ނިންމުމަށްފަހު ވަޒީފާއަށް ނުކުތުމުންނެވެ.
- މުސާރަ ނުލިބޭ ޗުއްޓީ؛
- ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ؛
- މުސާރައިގެ 1/2 (ދެބައިކުޅައެއްބައި) ލިބޭ ގޮތަށް ދޭ ޗުއްޓީ.
(ށ) އަހަރީ ޗުއްޓީއާއި، ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ފިޔަވައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން ޗުއްޓީއެއް ނުވަތަ އެ ނޫން ޗުއްޓީއެއްގައި ހުރެ، ވިދިވިދިގެން 4( ހަތަރެއް( މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ޗުއްޓީގައި ތިބޭ ފަރާތްތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.
(ނ) ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުހަކަށް ރޭންކުގެ ކުރިއެރުން ހަމަޖެހުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ޗުއްޓީއެއް ނުވަތަ ޗުއްޓީތަކެއް ނެގުމާ ގުޅިގެން ވަޒީފާއިން ދޫކުރެވިއްޖެނަމަ، އެފަދަ ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ހުށަހެޅުން ކުރިޔަށްގެންދަންވާނީ، އެ އަކުރުގައިވާ ގޮތުގެ މަތީން، އެ ފުލުހަކު ވަޒީފާއަށް ނުކުތުމުންނެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުން ފޮނުވާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކޮށްގެން ހިންގާ 4( ހަތަރެއް( މަސްދުވަހަށްވުރެ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ދާ ފުލުހުންނަށް، މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
10 ވަނަ މާއްދާ - ރޭންކުގެ ކުރިއެރުން ދިނުމުގެ ށަރުތުތަކާއި، ބަލަންޖެހޭ ކަންތައްތައް
(ހ) ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅޭނީ، އެ ފުލުހަކު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވުމަށްފަހު، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ ރޭންކާއި ގްރޭޑްތަކުގެ ށަރުތުތަކުގެ ތެރެއިން، އެ ފުލުހަކު ބަދަލުކުރުމަށްހުށަހެޅޭ ރޭންކުގެ ށަރުތުތަކާއި ގްރޭޑްތަކުގެ ށަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވުން؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ، ރޭންކަށް ހާއްޞަކޮށްގެން ދޭ އިމްތިހާނުން ފާސްވެފައިވުން؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ، ރޭންކުގެ ށަރުތެއްގެ ގޮ ތުން ފުރިހަމަކުރަންޖެހޭ ތަމްރީނު ފުރިހަމަކޮށްފައިވުން؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ބަލައިފައިވާ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ބަލާ މިންގަނޑުން ފާސްވެފައިވުން؛
- ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޑިސިޕްލިނަރީ ބޮޑު ކުށަކާ ގުޅިގެން އަދަބެއް ކަނޑައަޅައިފައި ނުވުން؛
- ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޑިސިޕްލިނަރީ ކުޑަ ކުށަކާ ގުޅިގެން އަދަބެއް ކަނޑައަޅައިފައި ނުވުން؛
- ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތަކަށް ޕްރޮމޯށަން ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ މުވައްޒަފެއްނަމަ، ޕްރޮމޯށަން ނުދީ ހިފަހައްޓައިފައިވާ މުއްދަތު ހަމަވެފައިވުން؛
- ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ރޭންކު ދަށްކުރުމަށް ކަނޑައަޅައިފައިނުވުމާއި، ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ރޭންކު ދަށްކުރުމަށް ވުރެ ކުޑަ އަދަބެއް ކަނޑައަޅައިފައި ނުވުން؛
- މުވައްޒަފު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތައް، ނިސްބަތުން އަހަރަކު 1 (އެކެއް) ދުވަހަކަށްވުރެ އިތުރުވެފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބަލާނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ އިމްތިހާނުން ފާސްވި ފަހުން 2 (ދޭއް) އަހަރުދުވަސް ހޭދަވެފައި ނުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމުގައި، ރޭންކުތަކާއި ގްރޭޑްތަކުގައި ހޭދަވީ މުއްދަތު ގުނުމުގައްޔާއި ހިދުމަތުގައި ހޭދަވީ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީއާއި، ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީގައި ހޭދަވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމަށް، ރޭންކުތަކާއި ގްރޭޑްތަކުގައި ހޭދަވީ މުއްދަތު ގުނުމުގައި، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ޕްރޮމޯށަން ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ބ) ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ ހުށެހެޅުމަކާ ގުޅިގެން ފުރިހަމަވާން ޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އެފަދަ ހުށަހެޅުމަކާ ގުޅިގެން ރޭންކުގެ ކުރިއެރުން ދިނުމަށް ނިންމުމުގައި އަންނަ ނިވި ކަންކަމަށް ބަލަންވާނެއެވެ.
- ބަދަލުކުރަން ހުށަހެޅިފައިވާ ރޭންކުގައި ހުސްޖާގަ އޮތުން؛
- ރޭންކުގެ ކުރިއެރުން ލިބުމުން މުވައްޒަފު މިހާރު އަދާކުރަމުންދާ މަގާމު ބަދަލުވާނަމަ، މުވައްޒަފު މަސައްކަތްކުރާނެ ހުސް މަގާމެއް އޮތުން.
(ޅ) މި ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައިވާ ފުލުހުންގެ ރޭންކުތަކާއި ގްރޭޑްތަކުގެ ށަރުތުތަކަށް ބެލުމުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އަތޮޅުތެރޭގައި ޑިއުޓީ ޓާމް އަދާކޮށްފައިވާ ފުލުހުންގެ ޑިއުޓީ ޓާމުގެ މުއްދަތު ގުނުމާއި، މުއްދަތު ގުޅުވުމުގައި އަމަލުކުރާނެ ގޮތެއް، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައި އާންމުކޮށް އެންމެހައި މުވައްޒަފުންނަށް އެންގުމަށް ޓަކައި އިއުލާނު ކުރަންވާނެއެވެ.
(ކ) ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރޭގައި ހިމެނޭ، އެ ފުލުހަކު ހާސިލުކޮށްފައިވާ ވަކި ސަނަދަކީ، އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއިން ނުވަތަ ޓެކްނިކަލް ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދެއް ނަމަ، ރޭންކުގެ ކުރިއެރުން ދިނުމުގެ ބޭނުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއަކުން ނުވަތަ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ދާއިރާއަކުން ހާސިލުކޮށްފައިވާ ސަނަދެއް ކަމުގައި އެ ސަނަދު ބަލާނީ، ރޭންކުގެ ކުރިއެރުން ލިބުމަށްފަހު އެ ފުލުހަކު މަސައްކަތްކުރުމަށް ކަނޑައެޅިފައިވަނީ އެ ދާއިރާގެ މަގާމެއްގައި ކަމުގައި ވާނަމައެވެ.
(އ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަމްރީނު ފުރިހަމަކުރުމުގެ ށަރުތަށް އަމަލުކުރުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފަސްކުރުމަށް، ކޮމިށަނަރ އޮފް ޕޮލިސްއަށްނިންމިދާނެއެވެ.
11 ވަނަ މާއްދާ - ޕްރޮމޯށަން ދިނުމުގައި ބޯޑުން ބަލަންޖެހޭ ކަންތައްތައް
(ހ) ފުލުހަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ފުލުހަކަށް، ރޭންކުގެ ކުރިއެރުން ދިނުމަށް ލަފާދިނުމުގައި، ޕްރޮމޯށަން ބޯޑުން ނުވަތަ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުން، އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
- އެ ފުލުހެއްގެ މަގާމާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭނެކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ، ހަށިހެޔޮކަމުގެ މިންގަނޑު ދަމަހައްޓައިފައިވާ މިންވަރު؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅިފައިވާ ރޭންކުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން އެ ޕޮލިސް އޮފިސަރުގެ ކިބައިގައި ހުރި މިންވަރު؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅިފައިވާ ރޭންކުގެ މަސްއޫލިއްޔަތާއި މަގާމުގެ ކޮމްޕިޓެންސީ ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ ކޮންޕިޓެންސީ އެ ޕޮލިސް އޮފިސަރުގެ ކިބައިގައި ހުރި މިންވަރު؛
- ރޭންކުގެ ކުރިއެރުން ލިބުމާ ގުޅިގެން، ފުލުސް އޮފިސަރަށް ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅިއިރު އަދާކުރަމުންދާ މަގާމު ބަދަލުވާނަމަ، ބަދަލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ފުލުސް އޮފިސަރުގެ ކިބައިގައި ހުރި މިންވަރު؛
- ރޭންކުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމުގައި ހިމެނޭ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ ނަތީޖާއަށް ބަލާއިރު، ފުލުސް އޮފިސަރު ބަދަލުކުރެވޭ ރޭންކާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެކަމަށް ގަބޫލުކުރެވޭ މިންވަރު؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއް ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުހަކު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގައި ވަޒީފާއަށް ހާޒިރުވުމުގައި ފަރުވާތެރިކަން ހުރި މިންވަރު؛
- ކޮމިށަންޑް ރޭންކުތަކުގައި ތިބި ފުލުހުންނާއި، ކޮމިށަންޑް ރޭންކުތަކަށް ބަދަލުވާ ފުލުހުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކުރާ ރިޕޯޓު.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކޮށް ބެލުމުގައި އެ ފުލުހަކު މަސައްކަތްކުރާ ދާއިރާއަށާއި، ރޭންކުގެ ކުރިއެރުން ލިބުމުން މަސައްކަތް ކުރުމަށް ކަނޑައަޅާ ދާއިރާއަށް ރިއާޔަތްކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮންޕިޓެންސީ ފުރިހަމަވޭތޯ ބެލުމަށް އަމަލުކުރުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފަސްކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
12 ވަނަ މާއްދާ - ކޮމިށަންޑް ރޭންކުތަކަށް ރޭންކުގެ ކުރިއެރުން ދިނުމުގެ ކުރިން ފެންވަރު ވަޒަންކުރުން
(ހ) ކޮމިށަންޑް ރޭންކުތަކުގައި ތިބި ފުލުހުންނާއި، ކޮމިށަންޑް ރޭންކުތަކަށް ބަދަލުވާ ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދިނުމާމެދު ލަފާ ހޯދުމަށް، އެ ކަމަށް ޕްރޮމޯށަން ބޯޑަށް ހުށަހެޅުމުގެ ކުރިން، އެ ފުލުހެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރަންޖެހޭ ފޯމުތަކުގެ މައްޗަށް އެކުލަވައިލެވޭ ރިޕޯޓެއް، މުވައްޒަފުންގެ ކަންތައްތައް ބަލަހައް ޓާ ބަހާއިން ތައްޔާރުކޮށް ޕްރޮމޯށަން ބޯޑަށް ހުށަހަޅަންވާނެއެވެ.
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގެ ތެރޭގައި އެ ފަރާތުގެ ސުޕަވައިޒަރުންގެ ގޮތުގައި މަދުވެގެން 4 (ހަތަރެއް) މަސްދުވަސް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް؛
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގެ ތެރޭގައި، އެ ފުލުހަކު މަސައްކަތްކޮށްފައިވާ ބަހާތައް ނުވަތަ މަސައްކަތްކޮށްފައިވާ ބަހާތަކާ ސީދާގޮތުން ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ބަހާތަކުގައި އެ ފުލުހަކު އަދާކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ގޮތުން އެއްގިންތިއެއްގައި މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން
- ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު މަސައްކަތްކޮށްފައިވާ ފަރާތްތައް؛ހުރި ރޭންކުގައި ހޭދަވީ މުއްދަތުގެ ތެރޭގައި، އެ ފުލުހެއްގެ ދަށުން މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، ފެންވަރު ވަޒަންކުރެވޭ މުއްދަތުގެ ތެރޭގައި އެ ފުލުހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި، ޒިންމާތަކަށް ބަލައި، އެ ފުލުހަކު ކޮށްފައިވާ ކަންކަމުގެ ތެރެއިން އެ ފުލުހަކު ފާހަގަކުރަން ބޭނުންވާ ކަންތައްތައް ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމަށް ޓަކައި ފުރަންޖެހޭ ފޯމުތަކާއި، ފޯމު ފުރާނެ ގޮތުގެ ގައިޑްލައިން، ޕްރޮމޯށަން ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބަހާއިން ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
13 ވަނަ މާއްދާ - ޓެކްނިކަލް މަގާމުތަކުގައި ތިބޭ ފުލުހުންނަށް ރޭންކާއި ގްރޭޑުގެކުރިއެރުން ދިނުން
ޓެކްނިކަލް ރޭންކުތަކާއި ގްރޭޑްތަކުގައި ތިބޭ ފުލުހުންނަށް، ރޭންކާއި ގްރޭޑުގެ ކުރިއެރުން ދިނުމުގެ އެންމެހައި ކަންތައްތައް ކުރިޔަށްގެންދާނީ، ރޭންކާއި ގްރޭޑުގެ ކުރިއެރުން ދިނުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
14 ވަނަ މާއްދާ - ފީލްޑް ރޭންކު
(ހ) ފީލްޑް ރޭންކަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަގާމުތަކުގެ އޮނިގަނޑުގައި ހިމެނޭ ވަކި މަގާމަކަށް ވަކި ރޭންކެއްގެ ފުލުހަކު އައްޔަނުކުރަންޖެހޭ ހާލަތުގައި، އެފަދަ މަގާމަކަށް ކަނޑައެޅިފައިވާ ރޭންކަށްވުރެ ދަށުގެ ރޭންކެއްގެ ފުލުހަކު އެފަދަ މަގާމަކަށް އައްޔަނުކުރާއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުލުހުންގެ ރޭންކުތަކުގެ ތެރެއިން ރޭންކެއް ދިނުމެވެ.
(ށ) ފީލްޑް ރޭންކު ދޭން ނިންމަންވާނީ، އެ ރޭންކަކަށް ކަނޑައެޅިފައިވާ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން ހުރި މީހެއްކަމުގައި ވުމާއެކު، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތު، ފީލްޑް ރޭންކު ދެވޭ ފުލުހެއްގެ ކިބައިގައި ފުރިހަމަވާނަމައެވެ. މި ގޮތުން ފީލްޑް ރޭންކުގެ ގޮތުގައި ދެވޭނީ، 1 (އެކެއް) ރޭންކުގެ ކުރިއެރުމެކެވެ.
(ނ) ފީލްޑް ރޭންކު ދެވޭ މީހެއްގެ ކިބައިގައި، މި ގަވާއިދުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން ލާޒިމެއް ނޫނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީލްޑް ރޭންކަކީ، ފުލުހުން ބައިވެރިވާ ތަމްރީނުތަކުގައި ފޮނުވާ ފަރާތްތަކަށް ތަމްރީނުގެ މުއްދަތުގައި ބޭނުންކުރުމަށް ދޭ ރޭންކު ނުހިމެނޭގޮތުން، ވަކި މުއްދަތަކަށް ވަގުތީގޮތުން ދޭ ރޭންކެކެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދީފައިވާ ފީލްޑް ރޭންކުގައި ފުލުހަކު މަސައްކަތްކުރާއިރު، އެ ރޭންކުގެ އެހެނިހެން ފުލުހުންނަށް ލިބިގެންވާ ބާރާއި، އިހްތިޔާރުތަކާއި، އިމްތިޔާޒުތަކާއި، މުސާރައާއި، އިނާޔަތްތައް އެ ފުލުހަކަށް ލިބިދޭންވާނެއެވެ.
(ޅ) ފީލްޑް ރޭންކު ދޭ ފުލުހަކަށް އެ ރޭންކު ދޭންވާނީ، އަންނަނިވި ށަރުތުތަކަށް އެ ފުލުހަކު އެއްބަސްވާނަމައެވެ.
- ފީލްޑް ރޭންކު ދިނުމަށްފަހު އައްޔަނުކުރާ މަގާމުގައި، އެ މަގާމަކަށް އައްޔަނުކުރާ މުއްދަތު ހަމަވަންދެން ހިދުމަތްކުރުން؛
- ފީލްޑް ރޭންކު ދޭ މުއްދަތު ހަމަވުމުން، އެ ރޭންކު ދިނުމުގެ ކުރިން ހުރި ރޭންކަށް ރޭންކު ދަށްކުރުން؛
- ފީލްޑް ރޭންކު ދިނުމަށްފަހު އައްޔަނުކުރާ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުންމަތީ ދެމިހުރުން.
(ކ) ފީލްޑް ރޭންކެއް ދީފައިވާ ފުލުހަކު އައްޔަނުކުރާ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާނުކުރާކަމަށް ނިންމަންވާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހަކަށް ފީލްޑް ރޭންކު ދިނުމަށާއި، ފީލްޑް ރޭންކެއް ދީފައިވާ ފަރާތެއް، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތަކާ ހިލާފުވެގެން ފީލްޑް ރޭންކު ނެގުމަށް ނިންމާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ. އަދި އެފަދަ ނިންމުމެއް ތަންފީޒު ކުރަންވާނީ، ވަޒީރު ލިޔުމުން ހުއްދަ ދިނުމުންނެވެ.
(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީލްޑް ރޭންކަށް އައްޔަނުކުރާ ފަރާތެއް އައްޔަނު ކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އިގުރާރެއްގައި ސޮއިކުރުމަށްފަހުގައެވެ.
(މ) ފީލްޑް ރޭންކު ދީފައިވާ ފުލުހަކު އައްޔަނުކުރާ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށް، އޭނާ އެ ރޭންކަށް އައްޔަނު ކުރިއިރު ށަރުތުކޮށްފައިވާ މުއްދަތު ހަމަވުމުން، ފީލްޑް ރޭންކުގެ ގޮތުގައި ދީފައިވާ ރޭންކު ދާއިމީ ރޭންކެއްގެ ގޮތުގައި ކަނޑައެޅުމަށް، ޕްރޮމޯށަން ބޯޑުގެ ލަފަޔާއެކު، ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
(ފ) ފީލްޑް ރޭންކު ދީފައިވާ ފުލުހަކު، ފީލްޑް ރޭންކުގައި ހިދުމަތްކުރި މުއްދަތު ހަމަވުމުން، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ، އެ ރޭންކު ދާއިމީ ނުކޮށްފިނަމަ، އެ ފުލުހަކު ފީލްޑް ރޭންކުގައި ހޭދަކުރި މުއްދަތު ބަލާނީ، އޭގެ ކުރިން އެ ފަރާތް ހުރި ރޭންކުގައި ހޭދަކުރި މުއްދަތުކަމުގައެވެ.
15 ވަނަ މާއްދާ - ރޭންކުގެ ކުރިއެރުން ދިނުމަށް ނިންމުން
ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދިނުމާގުޅޭގޮތުން ޕްރޮމޯށަން ބޯޑުގެ ނިންމުން ވަޒީރަށް ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ. އަދި އެ ނިންމުން ތަންފީޒުކުރަންވާނީ، ވަޒީރު ލިޔުމުން ހުއްދަ ދިނުމުންނެވެ.
16 ވަނަ މާއްދާ - ގްރޭޑުގެ ކުރިއެރުން ދިނުމަށް ލަފާދޭ ޕެނަލް
(ހ) ފުލުހުންގެ ރޭންކުތަކުގެ ތެރެއިން ގްރޭޑް ކަނޑައެޅިފައިވާ ރޭންކުތަކުގެ އެއް ގްރޭޑުން އަނެއް ގްރޭޑަށް، ގްރޭޑުގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލައި، ގްރޭޑުގެ ކުރިއެރުން ދިނުމުގައި ލަފާދޭނީ، އެ ކަމަށް ޓަކައި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގެ ބެލުމުގެ ދަށުން ބާއްވާ ޕެނަލް ބައްދަލުވުމަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބާއްވާ ޕެނަލް ބައްދަލުވުންތައް ބާއްވަންވާނީ، އަންނަނިވި ފަރާތްތައް ހިމެނޭގޮތުންނެވެ.
- މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގައި މަސައްކަތްކުރާ ކޮމިށަންޑް އޮފިސަރެއް؛
- ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހެޅިފައިވާ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ ކޮމިށަންޑް އޮފިސަރެއް؛
- ކޮމިށަނަރ އޮފް ޕޮލިސްގެ ފަރާތުން ކަނޑައަޅާ ކޮމިށަންޑް އޮފިސަރެއް.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަންޑް އޮފިސަރަކަށް ގްރޭޑުގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން، ލަފާދިނުމަށް ބާއްވާ ޕެނަލް ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަކީ އެގްޒެކެޓިވް އޮފިސަރުންނަށް ވާންވާނެއެވެ.
17 ވަނަ މާއްދާ - ގްރޭޑުގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅުން
(ހ) ނޮން ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކުގެ އެއް ގްރޭޑުން އަނެއް ގްރޭޑަށް، ގްރޭޑުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ، އެ ފުލުހަކު މަސައްކަތްކުރާ އިދާރީ ބަހާގެ ވެރިޔާއެވެ.
(ށ) ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކުގައި ހިމެނޭ ރޭންކުތަކުގެ ތެރެއިން ގްރޭޑް ކަނޑައެޅިފައިވާ ރޭންކުތަކުގެ އެއް ގްރޭޑުން އަނެއް ގްރޭޑަށް، ގްރޭޑުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ، އެ ފުލުހަކު ރިޕޯކުރާ އެގްޒެކެޓިވް އޮފިސަރ ނުވަތަ ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ނ) ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން އެ ކަމަށް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
18 ވަނަ މާއްދާ - ގްރޭޑުގެ ކުރިއެރުން ދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި، ބަލަންޖެހޭ ކަންތައްތައް
(ހ) ފުލުހަކަށް ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ ގްރޭޑްތަކުގެ ށަރުތުތަކުގެ ތެރެއިން، އެ ފުލުހަކު ބަދަލުކުރުމަށް ހުށަހެޅޭ ގްރޭޑުގެ ށަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވުން؛
- ގްރޭޑުގެ ކުރިއެރުން ދިނުމަށް ބަލައިފައިވާ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ބަލާ މިންގަނޑުން ފާސްވެފައިވުން؛
- ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގައި ޑިސިޕްލިނަރީ ބޮޑު ކުށަކާ ގުޅިގެން އަދަބެއް ކަނޑައަޅައިފައި ނުވުން؛
- ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތަކަށް ޕްރޮމޯށަން ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ މުވައްޒަފެއްނަމަ، ޕްރޮމޯށަން ނުދީ ހިފަހައްޓައިފައިވާ މުއްދަތު ހަމަވެފައިވުން؛
- ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ރޭންކު ދަށްކުރުމަށް ކަނޑައަޅައިފައި ނުވުން؛
- މުވައްޒަފު ހުރި ގްރޭޑުގައި ހޭދަވީ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތައް، ނިސްބަތުން އަހަރަކު 1 (އެކެއް) ދުވަހަށްވުރެ އިތުރުވެފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމަށް، ގްރޭޑުގައި ހޭދަވީ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީއާއި، ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީގައި ހޭދަވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބެލުމަށް، ގްރޭޑްތަކުގައި ހޭދަވީ މުއްދަތު ގުނުމުގައި، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ޕްރޮމޯށަން ހިފެހެއްޓުމަށް ނިންމައިފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ރ) ފުލުހަކަށް ގްރޭޑުގެ ކުރިއެރުން ދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރޭގައި ހިމެނޭ، އެ ފުލުހަކު ހާސިލުކޮށްފައިވާ ވަކި ސަނަދަކީ، އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއިން ނުވަތަ ޓެކްނިކަލް ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދެއްނަމަ، ގްރޭޑުގެ ކުރިއެރުން ދިނުމުގެ ބޭނުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއިން ނުވަތަ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ދާއިރާއަކުން ހާސިލުކޮށްފައިވާ ސަނަދެއްކަމުގައި އެ ސަނަދެއް ބަލާނީ، ގްރޭޑުގެ ކުރިއެރުން ލިބުމަށްފަހު އެ ފުލުހަކު މަސައްކަތްކުރުމަށް ކަނޑައެޅިފައިވަނީ އެ ދާއިރާގެ މަގާމެއްގައި ކަމުގައި ވާނަމައެވެ.
19 ވަނަ މާއްދާ - ގްރޭޑުގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ކަންތައްތައް
ފުލުހަކަށް ގްރޭޑުގެ ކުރިއެރުން ދިނުމަށް ކަނޑައެޅުމުގައި، އަންނަނިވި ކަންތައްތަކަށް، ގްރޭޑުގެ ކުރިއެރުން ދިނުމުގައި ލަފާދިނުމަށް ކަނޑައަޅައިފައިވާ ޕެނަލުން ބަލަންވާނެއެވެ.
(ހ) ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއް ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް.
(ށ) ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ރޭންކުގައި ހޭދަވީ މުއްދަތުގައި ވަޒީފާއަށް ހާޒިރުވުމުގައި ފަރުވާތެރިކަން ހުރި މިންވަރު.
20 ވަނަ މާއްދާ - ގްރޭޑުގެ ކުރިއެރު ން ދިނުމަށް ނިންމުން
ފުލުހުންނަށް ގްރޭޑުގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން، ލަފާދިނުމަށް ކަނޑައަޅައިފައިވާ ޕެނަލުގެ ނިންމުން ތަންފީޒުކުރަންވާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަޔާއެކު، ވަޒީރު ލިޔުމުން ހުއްދަ ދިނުމުންނެވެ.
21 ވަނަ މާއްދާ - ރޭންކާއި ގްރޭޑް ދަށްކުރުން
(ހ) ރޭންކު ދަށްކުރެވޭނީ، ތައުދީބީ ފިޔަވަޅެއް ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ދޭ އަދަބެއްގެ ގޮތުން، ރޭންކު ދަށްކުރުމަށް ނިންމާ ނިންމުމެއް ތަންފީޒުކުރުމަށް ވަޒީރު ނިންމުމުންނެވެ.
(ށ) ރޭންކުތަކުގެ ގްރޭޑް ދަށްކުރެވޭނީ، ތައުދީބީ ފިޔަވަޅެއް ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ދޭ އަދަބެއްގެ ގޮތުން، ގްރޭޑް ދަށްކުރުމަށް ނިންމާ ނިންމުމެއް ތަންފީޒުކުރުމަށް ކޮމިށަ ނަރ އޮފް ޕޮލިސް ނިންމުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، ރޭންކު ދަށްކުރުމަށް ނިންމާއިރު، ރޭންކު ދަށްކުރަންވާނީ، ދަށްކުރެވޭ ރޭންކުގެ އެންމެ މަތީ ގްރޭޑަށެވެ.
(ރ) ފުލުހެއްގެ ރޭންކު ދަށްކޮށްފިނަމަ، ރޭންކު ދަށްކުރި ސަބަބާއި، ދަށްކުރެވުނީ ކޮން ރޭންކަކަށްކަން އެނގޭނެ ލިޔުމެއް، އެ ފުލުހަކަށް ދޭންވާނެއެވެ.
(ބ) ތައުދީބީ އަދަބެއްގެ ގޮތުން ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ދެވޭ އަދަބެއްގެ ގޮތުން، ރޭންކް ނުވަތަ ގްރޭޑް ދަށްކުރުމަށް ނިންމާ ފުލުހަކަށް، އަލުން ރޭންކުގެ ނުވަތަ ގްރޭޑުގެ ކުރިއެރުން ދިނުމުގައި، ރޭންކުގައި ނުވަތަ ގްރޭޑުގައި ހޭދަވީ މުއްދަތު ގުނަން ފަށާނީ، ރޭންކު ނުވަތަ ގްރޭޑް ދަށްކުރުމުގެ އަދަބު ކަނޑައަޅާ ދުވަހުން ފެށިގެންނެވެ. އަދި އަލުން ރޭންކު ނުވަތަ ގްރޭޑުގެ ކުރިއެރުން ދިނުމަށް ބަލާ މުއްދަތުގައި، ދަށްކުރި ރޭންކުގައި ނުވަތަ ގްރޭޑުގައި، އެ ފަރާތް ކުރިން ހޭދަކޮށްފައިވާ މުއްދަތެއް ނުގުނޭނެއެވެ.
22 ވަނަ މާއްދާ - ހާއްޞަ ގޮތަކަށް ރޭންކުގެ ކުރިއެރުން ދިނުން
(ހ) ފުލުހަކަށް ލިބިފައިވާ ހާއްޞަ ހުނަރަށާއި، އަދާކުރަމުންދާ ޒިންމާއަށާއި، އެ ފުލުހެއްގެ ގާބިލުކަން ހުރި މިންވަރަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ކޮށްދީފައިވާ ހިދުމަތަށް ރިއާޔަތްކޮށް، އަންނަނިވި ށަރުތުތަކާއި ކަންތައްތައް އިސްތިސްނާކޮށް، ހާއްޞަގޮތެއްގައި ރޭންކުގެ ކުރިއެރުން ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެ މަތީން ވަޒީރަށް ނިންމިދާނެއެވެ.
- އެގްޒެކެޓިވް އޮފިސަރުންގެ ރޭންތަކުގައި ތިބޭ ފުލުހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ވަކި މުއްދަތެއްގައި ހިދުމަތްކުރުން ލާޒިމުކޮށްފައިވާ ށަރުތު ފިޔަވައި، މި ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް؛
- މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު؛
- މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަންޑް އޮފިސަރަކަށް، ނުވަތަ ކޮމިށަންޑް އޮފިސަރެއްގެ ރޭންކަށް ޕްރޮމޯޓް ކުރެވޭ ގޮތަށް ހާއްޞަގޮތެއްގައި ރޭންކުގެ ކުރިއެރުން ދެވޭނީ، 1 (އެކެއް) ރޭންކުގެ ކުރިއެރުމެކެވެ.
(ނ) ހާއްސަގޮތެއްގައި ރޭންކުގެ ކުރިއެރުން ދިނުމަށް، ކޮމިށަނަރ އޮފް ޕޮލިސް، ވަޒީރަށް ލަފާދިނުމަށް ފޮނުވާ ނަންތައް، ވަޒީރަށް ފޮނުވުމަށް ނިންމައިފައިވާކަން ބަޔާންކޮށް، އެ ނަންތައް ޕްރޮމޯށަން ބޯޑަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ކޮމިށަނަރ އޮފް ޕޮލިސް ފޮނުވާ ނަންތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ޕްރޮމޯށަން ބޯޑުން ކަށަވަރުކުރަންވާނެއެވެ.
- އެންމެ ފަހުން ރޭންކުގެ ކުރިއެރުން ލިބުނު ފަހުން 2 (ދޭއް) އަހަރު ހަމަވެފައިވުން؛
- ހާއްޞަ ގޮތަކަށް ރޭންކުގެ ކުރިއެރުން ލިބުނު ފަހުން، ހާއްޞަގޮތަކަށް އަލުން ރޭންކުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމާ ހަމަޔަށް ހޭދަވީ މުއްދަތުގައި، އާންމު އުސޫލުން ދޭ ޕްރޮމޯށަނެއް ލިބިފައިވުން؛
- ހާއްޞަ ގޮތަކަށް ރޭންކުގެ ކުރިއެރުން ދިނުމުގައި ރިއާޔަތްކުރި ކަންތައްތައް އާންމުކޮށް އިއުލާނު ކުރާނެ ތާރީހެއް ކަނޑައަޅައިފައިވުން.
(ބ) މި މާއްދާގެ (ހ) ގެ ދަށުން މުވައްޒަފުންނަށް ރޭންކުގެ ކުރިއެރު ން ދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސީދާ ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެ ދަށުންނެވެ.
23 ވަނަ މާއްދާ - މުއްދަތު ގުނުމުގެ އުސޫލު
މި ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައިވާ ރޭންކުތަކާއި ގްރޭޑްތަކުގައި ހޭދަވީ މުއްދަތު ގުނުމުގައި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން، އެ ފުލުހަކު ހުރި ރޭންކުގައި ހޭދަވެފައިވާ މުއްދަތު، އެ ގާނޫނުގެ ދަށުން އެ ފުލުހަކު ބަދަލުކުރި ރޭންކުގައްޔާއި އެ ރޭންކުގައި ހިމެނޭ ގްރޭޑުގައި ހޭދަވީ މުއްދަތުގެ ތެރޭގައި ހިމެނޭނެއެވެ.
24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ށަރުތު ހަމަވެފައިވާ ފަރާތްތަކަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމަށް ހުށަހެޅުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން 2008 އޮކްޓޫބަރު 6 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި، "މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ށަރުތު ފުރިހަމަވެފައިވާނަމަ، އެ ފަރާތަކީ، މި ގަވާއިދުގެ ދަށުން ށަރުތު ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ބަލަންވާނެއެވެ. މި ގޮތުން ށަރުތު ބެލުމުގައި ވަކި ރޭންކަކަށް މަގާމުގެ ށަރުތު ފުރިހަމަވުމަށް ހަދަންޖެހޭ ވަކި ތަމްރީނެއް ނުހެދިވަނީ، ދިމާވެފައިވާ ހާއްޞަ ހާލަތަކާ ގުޅިގެން އެފަދަ ތަމްރީނެއް ނުހިންގުމުގެ ސަބަބުން ކަމުގައި ވާނަމަ، އެ ކަމަށް އިސްތިސްނާއެއް ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
ދެވަނަ ބާބު
ށަރަފުގެ ނިށާން ދިނުން
25 ވަނަ މާއްދާ - ށަރަފުގެ ނިށާން
(ހ) ށަރަފުގެ ނިށާނަކީ، ގައުމީ ފެންވަރުގައްޔާއި މުއައްސަސާގެ ފެންވަރުގައި ފުލުހުން ކޮށްފައިވާ އަގުހުރި ހިދުމަތާއި، ހިދުމަތުގައި ހޯދައިފައިވާ ކާމިޔާބީއާއި، ދައްކުވައިދީފައިވާ ހުނަރާއި، ރިވެތި އަހްލާގުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ނިށާނެކެވެ.
(ށ) ފުލުހުންނަށް ދޭ ށަރަފުގެ ނިށާންތައް ބެހިގެންވަނީ އަންނަނިވި ބައިތަކަށެވެ.
- ގައުމީ ފެންވަރުގައި ދޭ ށަރަފުގެ މެޑަލް؛
- މުއައްސަސާގެ ފެންވަރުގައި ދޭ ށަރަފުގެ މެޑަލް؛
- ގައުމީ ފެންވަރުގައި ދޭ ށަރަފުގެ ކުލަ؛
- މުއައްސަސާ ފެންވަރުގައި ދޭ ށަރަފުގެ ކުލަ.
26 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ މެޑަލްތައް
ގައުމީ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ މެޑަލްތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ނިށާން ޣާޒީގެ ށަރަފު.
(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑަލް.
(ނ) ހުރަވީ ރަން މެޑަލް.
(ރ) ހުރަވީ ރިހި މެޑަލް.
(ބ) ޖިހާދުގެ ރަތް މެޑަލް.
(ޅ) މަތިވެރި ހިދުމަތުގެ މެޑަލް.
(ކ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް.
27 ވަނަ މާއްދާ - މުއައްސަސާގެ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ މެޑަލްތައް
މުއައްސަސާގެ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ މެޑަލްތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް.
(ށ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް.
(ނ) ފުލުހުންގެ ހިދުމަތުގެ މެޑަލް.
(ރ) އިހްލާޞްތެރި ހިދުމަތުގެ މެޑަލް.
(ބ) އަހްލާގީ މެޑަލް.
28 ވަނަ މާއްދާ - ގައުމީ ފެންވަރުގައްޔާއި މުއައްސަސާގެ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ ކުލަ
(ހ) ގައުމީ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ ކުލައަކީ، "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" އެވެ.
(ށ) މުއައްސަސާގެ ފެންވަރުގައި ފުލުހުންނަށް ދޭ ށަރަފުގެ ކުލަތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
- ހިތްވަރުގަދަކަމުގެ ކުލަ؛
- ހާއްޞަ ހިދުމަތުގެ ކުލަ؛
- ކާމިޔާބުގެ ރަން ކުލަ؛
- ކާމިޔާބުގެ ރިހި ކުލަ؛
- ހުނަރުވެރިކަމުގެ ކުލަ؛
- ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ؛
- އިހްލާޞްތެރި ހިދުމަތުގެ ކުލަ؛
- ފުލުހުންގެ ހިދުމަތުގެ ކުލަ؛
- އަހްލާގީ ކުލަ 2؛
- އަހްލާގީ ކުލަ 1.
29 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުން
(ހ) ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމަށް ލަފާދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލާނީ، ޕްރޮމޯށަން ބޯޑުންނެވެ.
(ށ) ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމަށް ލަފާދިނުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޓަކައި، ށަރަފުގެ ނިށާން ދޭނެ މުވައްޒަފުން ކަނޑައެޅުމަށް ލަފާދޭނެ ސަބް-ކޮމިޓީއެއް، ޕްރޮމޯށަން ބޯޑުން އެކުލަވައިލެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަބް-ކޮމެޓީއެއް އެކުލަވައިލައިފިނަމަ، އެންމެހައި މުވައްޒަފުންނަށް އެކަން އެންގުމަށް ޓަކައި އިއުލާނު ކުރަންވާނެއެވެ.
30 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހެޅުން
(ހ) ށަރަފުގެ ނިށާން ދިނުމަށް ށަރުތު ފުރިހަމަވާ ނޮން ކޮމިށަންޑް ރޭންކުތަކުގެ ފުލުހުންނަށް، ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހަޅާނީ، އެ ފުލުހަކު މަސައްކަތްކުރާ އިދާރީ ބަހާގެ އިސްވެރިޔާއެވެ.
(ށ) ށަރަފުގެ ނިށާން ދިނުމަށް ށަރުތު ފުރިހަމަވާ ކޮމިށަންޑް އޮފިސަރުންގެ ރޭންކުތަކުގެ ތެރެއިން އެގްޒެކެޓިވް އޮފިސަރުން ފިޔަވައި، އެހެން ކޮމިށަންޑް އޮފިސަރުންނަށް ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހަޅާނީ، އެ ފުލުހަކު ރިޕޯޓުކުރާ އެގްޒެކެޓިވް އޮފިސަރ ނުވަތަ ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ނ) ށަރަފުގެ ނިށާން ދިނުމަށް ށަރުތު ފުރިހަމަވާ އެގްޒެކެޓިވް އޮފިސަރުންނަށް ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ރ) ކޮމިށަނަރ އޮފް ޕޮލިސްއަށް ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހަޅާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާ ނިސްބަތްވާ ކޮމާންޑް އޮފިސަރ ނުވަތަ ޑައިރެކްޓްރޭޓް ހިންގުމާ ހަވާލުވެހުރި އެގްޒެކެޓިވް އޮފިސަރެވެ.
(ބ) ށަރަފުގެ ނިށާން ދިނުމަށް ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ޅ) ށަރަފުގެ ނިށާން ދިނުމަށް ށަރުތު ފުރިހަމަވާ ފުލުހަކަށް ށަރަފުގެ ނިށާން ދިނުމަށް ހުށަހަޅަންޖެހޭ ނީ، ވަކި ފަރާތަކުން ކަމަށް މި މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ށަރަފުގެ ނިށާންތަކުގެ ތެރޭގައި ހިމެނޭ އަންނަނިވި ށަރަފުގެ ނިށާނަށް އެދި އެ ފުލުހަކަށް އަމިއްލައަށް ހުށަހެޅިދާނެއެވެ.
- އަހުލާގީ ކުލަ 1؛
- އަހުލާގީ ކުލަ 2؛
- ފުލުހުންގެ ހިދުމަތުގެ ކުލަ؛
- ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ.
(ކ) ށަރަފުގެ ނިށާން ދިނުމަށް ހުށަހެޅުމުގެ ށަރުތު ފުރިހަމަވެފައިވާ ފުލުހަކަށް، ށަރަފުގެ ނިށާން ދިނުމަށް ހުށަހެޅޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ބާވަތްތަކުގެ ޗުއްޓީއެއްގައި އެ ފުލުހަކު ހުރިނަމަ، އެފަދަ ޗުއްޓީއެއް ނިންމުމަށްފަހު ވަޒީފާއަށް ނުކުތުމުންނެވެ.
- މުސާރަ ނުލިބޭ ޗުއްޓީ؛
- ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ؛
- މުސާރައިގެ 1/2 (ދެބައިކުޅައެއްބައި) ލިބޭ ގޮތަށް ދޭ ޗުއްޓީ.
31 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް
(ހ) ށަރަފުގެ ނިށާންތަކުގެ ތެރޭގައި ހިމެނޭ އަންނަނިވި ށަރަފުގެ ނިށާންތައް ދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ފުލުހުންގެ ހިދުމަތުގެ މެޑަލް؛
- އަހްލާގީ މެޑަލް؛
- ފުލުހުންގެ ހިދުމަތުގެ ކުލަ؛
- އަހްލާގީ ކުލަ 2؛
- އަހްލާގީ ކުލަ 1.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތައް ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ށަރަފުގެ ނިށާން ދިނުމުގައި ބަލަންޖެހޭ ށަރުތުތައް ކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލަންޖެހޭނެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައި ބަޔާންކޮށްފައި އެ ވަނީއެވެ.
(ނ) ށަރަފުގެ ނިށާންތަކުގެ ތެރޭގައި ހިމެނޭ އަންނަނިވި ށަރަފުގެ ނިށާންތައް ދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އިހްލާޞްތެރި ހިދުމަތުގެ މެޑަލް؛
- އިހްލާޞްތެރި ހިދުމަތުގެ ކުލަ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތައް ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ށަރަފުގެ ނިށާން ދިނުމުގައި ބަލަންޖެހޭ ށަރުތުތައްކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމުގައި ބަލަންވާނީ، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ބ) ށަރަފުގެ ނިށާންތަކުގެ ތެރޭގައި ހިމެނޭ އަންނަނިވި ށަރަފުގެ ނިށާންތައް ދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މަތިވެރި ހިދުމަތުގެ މެޑަލް؛
- ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ މެޑަލް؛
- ދިގު މުއްދަތުގައި ހިދުމަތްކުރުމުގެ ކުލަ؛
- ހާއްޞަ ހިދުމަތުގެ ކުލަ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތައް ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ށަރަފުގެ ނިށާން ދިނުމުގައި ބަލަންޖެހޭ ށަރުތުތައްކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމުގައި ބަލަންވާނީ، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ކ) މި މާއްދާގެ (ހ) އާއި، (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތައް ދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ތައުދީބީ ފިޔަވަޅެއް ނުވަތަ އިދާރީ ފިޔަވަޅެއް އަޅައިފައި ނުވުން؛
- ވަޒީފާއަށް ހާޒިރުނުވާ ދުވަހެއް ނެތުން؛
- އަހަރަކު 120 (އެއްސަތޭކަ ވިހި) މިނެޓަށް ވުރެ އިތުރަށް ގަޑިޖެހިފައި ނުވުން؛
- އަހަރަކު 20 (ވިހި) ސަލާމަށްވުރެ އިތުރަށް ސަލާމް ބުނެފައި ނުވުން؛
- ށަރަފުގެ ނިށާން ދިނުމަށް ހުށަހަޅާ ތާރީހުން ފެށިގެން، ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާސްވެފައިވުން.
(އ) ށަރަފުގެ ނިށާން ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން، އެ ށަރަފުގެ ނިށާނަށް ކަނޑައެޅިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ވ) ށަރަފުގެ ނިށާން ދިނުމުގައި ބަލަންޖެހޭ ށަރުތު ފުރިހަމަވީކަމަށް ބެލުމަށް ހިދުމަތުގައި ހޭދަވީ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީއާއި، ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީގައި ހޭދަވާ މުއްދަތެއްނުހިމެނޭނެއެވެ.
32 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމުގައި ޕްރޮމޯށަން ބޯޑުން ބަލަންޖެހޭ ކަންތައްތައް
ފުލުހަކަށް ށަރަފުގެ ނިށާން ދިނުމަށް ކަނޑައެޅުމުގައި، ޕްރޮމޯށަން ބޯޑުން،އަންނަނިވި ކަންތައްތަކަށް ބަލަންވާނެއެވެ.
(ހ) ށަރަފުގެ ނިށާން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއް ނުވަތަ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނެތުން.
(ށ) ވަޒީފާއަށް ސަލާމް ބުނެފައިވާ ދުވަސްތައް، އަހަރަކު 20 (ވިހި) ސަލާމަށްވުރެ އިތުރުވާ ހާލަތުގައި، އެ ކަމަށް ރިއާޔަތްކުރުން.
33 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމަށް ނިންމާ
(ހ) ކޮމިށަނަރ އޮފް ޕޮލިސް ފިޔަވައި، އެ ނޫން ރޭންކުތަކުގެ ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމަށް ނިންމާ ނިންމުން ތަންފީޒުކުރާނީ، ކޮމިށަނަރ ނިންމުން ތަންފީޒުކުރުން އޮފް ޕޮލިސްއަށް އެ ނިންމުން ހުށަހަޅައި، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދިނުމުންނެވެ.
(ށ) ކޮމިށަނަރ އޮފް ޕޮލިސްއަށް ށަރަފުގެ ނިށާން ދިނުމަށް ނިންމާ ނިންމުން ތަންފީޒުކުރާނީ، އެ ނިންމުން ވަޒީރަށް ހުށަހަޅައި، ވަޒީރު ލިޔުމުން ހުއްދަ ދިނުމުންނެވެ.
34 ވަނަ މާއްދާ - ށަރަފުގެ ނިށާން ބޭނުންކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތަކުގެ ގޮތުގައި ހިމެނޭ މެޑަލްއާއި، ކުލަ ބޭނުންކުރަންވާނީ، އެ ށަރަފުގެ ނިށާން ރަމްޒުކޮށްދޭ ޑިޒައިނާއި ކުލަ ދިވެހި ފުލުހުންގެ ހިދުމަތުން ފާސްކުރުމަށްފަހުގައެވެ.
(ށ) 2008 އޮކްޓޫބަރު 6 ވަނަ ދުވަހުން ފެށިގެން މި ގަވާއިދު ފާސްވުމާ ހަމަޔަށް އަމަލުކުރަމުން އައި "މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު" ގެ ދަށުން ފުލުހުންނަށް ލިބިފައިވާ ތިރީގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތަކަކީ އެ ފުލުހުންނަށް ލިބިފައިވާ ށަރަފުގެ ނިށާންތަކުގެ ގޮތުގައި ބަލައި، މުވައްޒަފުންގެ ޕަރސަނަލް ރިކޯޑުފައިލުގައި ހިމަނަންވާނެއެވެ. އަދި ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނީފޯމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އެ ށަރަފުގެ ނިށާންތައް ޔުނީފޯމުގައި ބޭނުންކުރެވޭނެއެވެ.
- 3 ނޮވެންބަރުގެ މެޑަލް؛
- ފުލުހުންގެ މެޑަލް؛
- ސުނާމީ ކާރިސާގެ މެޑަލް؛
- މިނިވަން ފަންސާހުގެ މެޑަލް؛
- ޖުމްހޫރީ ފަންސާހުގެ މެޑަލް؛
- ހެވިކަމުގެ ކުލަ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރަފުގެ ނިށާންތަކުގެ އިތުރުން، ފުލުހުންގެ މުއައްސަސާއާއި، ދިވެހި ސިފައިން ވަކި ދެބައެއްގެ ގޮތުގައި ހަމަޖައްސައި، ދިވެހި ފުލުހުން ވަކިން މަދަނީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން ސިފައިންގެ ގޮތުގައި ތިބެ ހިދުމަތްކޮށްފައިވާ ފުލުހުންނަށް ލިބިފައިވާ ށަރަފުގެ ނިށާނެއް ކަމުގައިވާ ސައްތައިގެ މެޑަލް އެ ފުލުހެއްގެ ޔުނިފޯމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިދޭންވާނެއެވެ.
35 ވަނަ މާއްދާ - ށަރަފުގެ ނިށާން ނެގުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި، ފުލުހަކަށް ދީފައިވާ ށަރަފުގެ ނިށާނެއް އޭނާގެ ކިބައިން ނެގޭނީ، އެ ނިށާނެއް ދީފައިވަނީ ޞައްހަ ނޫން މައުލޫމާތަކަށް ބިނާކޮށްކަން، ދިވެހި ފުލުހުންގެ ހިދުމަތުން ކުރާ ތަހުގީގަކުން ސާބިތުވެއްޖެނަމައެވެ. މިގޮތުން ށަރަފުގެ ނިށާނެއް ނެގޭނީ،އެ ނިށާނެއް ދީފައިވަނީ ޞައްހަ ނޫން މައުލޫމާތަކަށް ބިނާކޮށްކަން ތަހުގީގަށް ސާބިތުވި މައްސަލަ، އެ ނިށާނެއް ދިންތާ 2 (ދޭއް) މަސްދުވަސް ހަމަވުމުގެ ކުރިން ހުށަހެޅިފައިވާ ނަމައެވެ.
(ށ) ފުލުހަކަށް އަޅައިފައިވާ ތައުދީބީ ފިޔަވަޅެއްގެ ގޮތުން، ފުލުހަކަށް ލިބިފައިވާ އަހްލާގީ ކުލަ (އަހްލާގީ ކުލަ 1 އާއި އަހްލާގީ ކުލަ 2 ހިމެނޭ ގޮތަށް) ނުވަތަ އަހްލާގީ މެޑަލް އަތުލެވިދާނެއެވެ.
(ނ) ފުލުހަކަށް ދީފައިވާ ށަރަފުގެ ނިށާނެއް އަނބުރާ ނެގުމަށް ނިންމާނީ،ކޮމިށަނަރ އޮފް ޕޮލިސްއެވެ. އަދި އެ ނިންމުން ތަންފީޒުކުރާނީ، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދިނުމުންނެވެ.
36 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރަށެވެ.
(ށ) "ޕްރަމޯށަން ބޯޑު" ކަމަށް ބުނެފައި އެވަނީ، ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާ ގުޅޭ ކަންކަންކަމުގައި ވަޒީރަށް ލަފާދިނުމަށް، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 109 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީރު އައްޔަނުކުރާ ބޯޑަށެވެ.
(ނ) "ކޮމިށަންޑް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރޭންކުތަކުގެ އޮފިސަރުންނަށެވެ.
37 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
38 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 2008 އޮކްޓޫބަރު 6 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި "މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އުވުނީއެވެ.
ކިޔުންތެރިންގެ ހިޔާލު